ޒަޚަމް – ޗެޕްޓަރ 26

އެދުވަހުގެ އިރުއޮއްސެމުން ދިޔައިރު، ރީޙާނުގެ އިންތިޒާރުގައި ބޮޑުފެންޑާގެ ތަނބެއްގައި ލެނގިލައިގެން ސަމީރާ ހުއްޓެވެ. މަންމަގެ އެދުމާއި، ހިތުގެ އާދޭސްތަކުގެ ސަބަބުން، މަޖުބޫރުވެގެން ރީޙާން ދަތުރު ހުއްޓުވާލެވޭތޯ މަސައްކަތްކުރުމަށް މިއަދު އޭނާ އެހެރީ ނިންމައިގެންނެވެ. އެ މަޤްޞަދުގައި އޭނާ އެތަނުގައި ހުއްޓާ، ނަސީބަކުން އެހެންލާފައި ރީޙާން އަންނާތީ ފެނިއްޖެއެވެ. އުފާވެރި ރާގެއް ފަދައިން ހިނގާފައި އައި ރީޙާނަށް ސަމީރާ ފެނުމުން، ކުއްލިއަކަށް އޭނާގެ ކައިރިއަށް ހުއްޓިއްޖެއެވެ. ރަސްމީ ވާހަކަކޮޅަކަށްފަހުގައި އަނެއްކާވެސް ރީޙާން ހިނގައިގެންފިއެވެ. ނަމަވެސް، ސަމީރާ ވާހަކަ އަޅުވާލައިގެން ރީޙާން އެތަނުން ދިޔަކަނުދިނެވެ.

[ރީޙާނެވެ. ކަލާ ދުރުވަނީ ކޮންއިރަކުންތޯއެވެ؟] ސަމީރާ އަސްލު މައުޟޫޢަށް އަޅުވާލިއެވެ.

[ކޮންތަނަކަށް ހެއްޔެވެ؟]

[ޔޫރަޕަށެވެ….]

ރީޙާން ވަކި ޖަވާބެއްނުދީ ހިނިތުންވެލައިފިއެވެ.

[ފުރުއްވަނީ ކޮންއިރަކުންތޯއެވެ؟][އަހަރެން ފުރަން އުޅޭވާހަކަ، ކަލޭގެ ގާތުގައި ބުނީ ކާކުހެއްޔެވެ؟]

[ތިޔަ ބުނުއްވީ ކީކޭތޯއެވެ. އެނގިނުލައްވާކަމަށް ހައްދަވަން ނޫޅުއްވާށެވެ.]

[ނޭނގޭކަމަށް ހަދަން އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަހަރެން ތަނަކަށް ދާންއުޅުނީ ކޮންއިރަކު ހެއްޔެވެ.] ރީޙާން ހީލިއެވެ.

[ޚިޔާލު ބަދަލުކޮށްލެއްވީތޯއެވެ.] ސަމީރާ ކަންބޮޑުވިއެވެ.

[އަޅުގަނޑަށް އޮޅުވާނުލައްވައި ތެދުތެދަށް ބުނުއްވާށެވެ.]

[އަހަރެން ތަނަކަށްދާކަށް ނޫޅެމެވެ.]

[ހަމަތެދެއްތޯއެވެ؟]

[ކަލާގެ ގޮތްދޫނުކުރެއްވުމުގެ ސަބަބުން އެންމެންތިބީ ކަންބޮޑުވެފައެވެ. އެހާތަނަށް ކަންތައް ދުއްވާލައްވާފައި، ކުއްލިއަކަށް ޚިޔާލު ބަދަލުކޮށްލެއްވީ ކީއްވެގެންތޯއެވެ؟ އަނެއްކާ އަޅުގަނޑާ ސަމާސާއެއް ކުރައްވަނީތޯއެވެ.]

[ނޫނެކެވެ. ސަމީރާއެވެ. މިއީ ސަމާސާއެއް ނޫނެވެ. އަހަރެން މިބުނަނީ ހަމަތެދެކެވެ.]

[ކުއްލިއަކަށް ޚިޔާލު ބަދަލުވީތޯއެވެ؟]

[ތިޔަހެން ކަމުގައި ހީކޮށްލާށެވެ.]

[އެއީ ކީއްވެގެންތޯއެވެ.]

[ހުރިހާ ވާހަކައެއް ކޮންމެ ކޮންމެ މީހެއްގެ ގާތަކު ނުބުނެވޭނެއެވެ.] ކުޑަކުއްޖަކު ރުއްސާލަން ދޮގެއްހަދައި، ހީލާފަދައިން ރީޙާން ހީލިއެވެ.

[އަޅުގަނޑަކީ ކޮންމެ މީހެއް ނޫނެއް ނޫންތޯއެވެ؟]

[ކަލޭ ބޭނުމީ ކޮންގޮތެއް ހެއްޔެވެ. ބުނަނިކޮށް، މިހާރުވެސް އަހަރެން ހިނގައިދާނަމެވެ.] ސަމާސާގޮތަކަށް ރީޙާން ބުންޏެވެ.

[يااللّه! ކޮންމެ ކަމެއްވެސް ކަލާ ތިޔަހައްދަވަނީ ސަމާސާއަކަށެވެ. އަޅުގަނޑު ސުވާލުކޮށްލީ، ހަމައެކަނި އެހާ ކުއްލިގޮތަކަށް ކަލާގެ ޚިޔާލު ބަދަލުވި ސަބަބެއް އޮޅުންފިލުވާލުމުގެ ބޭނުމުގައެވެ.]

[ހުރިހާ ވާހަކައެއް ނުބުނެވޭނެއޭ ބުނެފީމު ނޫންހެއްޔެވެ؟] ރީޙާނުގެ ހިތުގެ އުފާތައް ސިއްރުކުރަން މަސައްކަތް ކުރިނަމަވެސް، ސަމީރާއަކަށް އެކަމެއް ސިއްރެއް ނުވިއެވެ. އެތަކެއް ދުވަސްވަންދެން މޮޅިން މޮޅިސާލުލައިގެން އުޅުނު ރީޙާން، ކުއްލިއަކަށް އެހާބޮޑަށް އުފާވެފައި ހުރިތަން ފެނުމުން، ސަމީރާ ވަރަށް ބޮޑަށް ހައިރާންވިއެވެ.

[ހާދަ ބޮޑަކަށް އުފާވެލައްވާފައި ހުންނެވިހެން ހީވެއެވެ.]

[ކަލެއަކީ އަހަރެންގެ ދުޝްމަނެއް ހެއްޔެވެ؟]

[ތިޔަހެން ތިޔަބުނުއްވީ ކީއްވެގެންތޯއެވެ؟] ރީޙާނުގެ ވާހަކަ ހުރިގޮތުން، ސަމީރާ އަދި މާބޮޑަށް ހައިރާންވިއެވެ.

[އަހަރެން އުފަލުން ހުރީމާ ހަސަދަވާނީ، ދުޝްމަނުން ނޫންހެއްޔެވެ؟]

[يااللّه!….] ސަމީރާ ލަދުގެންފިއެވެ.

[އަހަރެން ޔޫރަޕަށްދާ ޚިޔާލު ދޫކޮށްލީ ކީއްވެގެންތޯ އަހާއިރު ހީވަނީ، އަހަރެން ދިއުމަކީ، ކަލޭ ވަރަށް އެދޭކަމެއް ކަމުގައެވެ. އަދި އެއީ ކަލޭ އުފާވާނެ ކަމެއް ކަމުގައެވެ.]

[ތައުބާއެވެ! ވާހަކަ ހަދާލަންވެއްޖެނަމަ އެންމެފުރަތަމަ ކަލާގެ ކިބައިން އެކަން ދަސްކުރުމަކީ، ކޮންމެހެން ބޭނުން ކަމެކެވެ. ކަލާ ޔޫރަޕަށް ދުރުވީމާ، އަޅުގަނޑު އުފާވާންވީ ކީއްވެގެންތޯއެވެ؟ ކަލާއާ ވަކިވުމަކީ، އަޅުގަނޑުގެ ހިތް ރުހޭނޭ ކަމެއްތޯއެވެ؟] ސަމީރާގެ އަޑުގައި ހިސާބެއްގެ ތުރުތުރެއް ހުއްޓެވެ.

[ވިސްނާލަބަލާށެވެ. އަހަރެން ކިހާބޮޑަކަށް، ކަލޭގެ ހިތުގެ އެދުމަށް އިޙްތިރާމު ކުރަމުހެއްޔެވެ؟] ރީޙާން ހީލިއެވެ. [ޔޫރަޕަށް ދިއުމުގެ ޚިޔާލުވެސް މިހާރު އަހަރެން މި ދޫކޮށްލީއެވެ.]

ސަމާސާއަކީ ޙަޤީޤަތެއް ކަމުގައި ހީކޮށް، ސަމީރާގެ ހިތް އުފަލުން ފުރިގެން ދިޔައެވެ. ލަދުވެތިކަމުގެ ރަތްކުލައިން އޭނާގެ މޫނުމަތި ފެވިގެން ދިޔައެވެ. ދެން އިތުރު ވާހަކައެއް ދައްކާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ވީމާ، ރީޙާންވެސް ދެތިން ޖުމުލައެއް ބުނެލާފައި އެނބުރި ހިނގައްޖެއެވެ.

މިއަދު ރީޙާން އެހެރީ ވަރަށް ބޮޑަށް އުފާވެފައެވެ. އެކަން އެނގޭނީ، ހަމައެކަނި އޭނާއަށެވެ. އޭނާގެ ހިތް ނަށަނީއެވެ. ލަވަކިޔަނީއެވެ. ހިއްސުތަކަށް މަސްތުގެ އަސަރު ވެރިވަމުން ދަނީއެވެ. އެގޮތުގައި ހެމުން، ލަވަކިޔަމުން، އެ ދިގު ފެންޑާގެ ތެރެއިންލާފައިގޮސް ކަނާތްފަރާތަށް ލަނބާލިތަނާ، ކުއްލިއަކަށް އަސައްދުގެ ގައިގައި އޭނާ ލައިގެންފިއެވެ.

[އޯވހް!] ދެމީހުންނަށް އެއްފަހަރާ މިހެން ބުނެފައި، ބާރަށް ހީގެންފިއެވެ.

[އަހަރެން މިހޯދަނީ ކަލެއެވެ. މިއޮއް ހުރިހާއިރު ތިޔަ އުޅުނީ ކޮންތަނެއްގައި ހެއްޔެވެ؟] އަސައްދު ބުންޏެވެ.

[އަހަރެން ހޯދަނީ ކޮންކަމަކާ ހެއްޔެވެ؟] ރީޙާން ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.

[އަހަރެން މިއައީ ކަލޭގެ ފޯމުތައް ހިފައިގެންނެވެ.]

[އޯވހް!]

[ސަރުކާރުގެ ކަންތައްގަނޑުގައި، މުޅިދުވަސް ނަޒުރުވެގެން ހިނގައްޖެއެވެ.]

[އަހަރެން ހިތާމަކުރަމެވެ. ކަލޭގެ ތިއޮއްބޮޑު މަސައްކަތް ބޭކާރުވެގެން ހިނގައްޖެއެވެ.] ރީޙާން ބާރަށް ހީގެންފިއެވެ.

[އެއީ ކީއްވެގެން ހެއްޔެވެ؟] އަސައްދަކަށް ނުވިސްނުނެވެ. [އަހަރެން ކުރި މަސައްކަތް ބޭކާރުވީ ކީއްވެގެން ހެއްޔެވެ؟]

[ތިޔަ ފޯމުތަކުގައި ހުޅުޖަހާށެވެ.] އަސައްދުގެ ދެކޮނޑުގައި ރީޙާން ހިފަހައްޓާލިއެވެ.

[ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟] އަސައްދު ކަންބޮޑުވިއެވެ.

[ޔޫރަޕަށް ދިޔުމުގެ ޚިޔާލު އަހަރެން ދޫކޮށްލައިފީމެވެ.] އަސައްދުގެ ގައިގައި ހިފައިގެންފައި ކައިރިއަށް ދަމާލަމުން ރީޙާން ބުންޏެވެ. [ދެން އަހަރެން ނުދާނަމެވެ. އަހަންނަކަށް ނުދެވޭނެއެވެ.] އުފަލުންގޮސް، އުޅެވޭ ނޫޅެވޭ ގޮތްވެސް ރީޙާނަކަށް ނޭނގެއެވެ.

[ތިޔަ އުޅެނީ އަހަރެންގެ ގައިގައި ބާރުހުރިވަރެއް ބަލަންހެއްޔެވެ؟ ތިޔައީ ކޮންފަދަ ކަމެއްހެއްޔެވެ؟ މިވަގުތު އަހަރެންގެ ކަންފަތުގެ އިވުމާ ދޭތެރޭގައިވެސް ޔަގީންކަމެއް ނެތިއްޖެއެވެ. ކަލޭގެ މޫނު ދައްކާލަ ބަލާށެވެ. ތިޔައީ އަނެއްކާ އަހަރެންގެ އެކުވެރި ރީޙާން ހެއްޔެވެ.] އަސައްދު ދެލޯ ބޮޑުކޮށްފައި ރީޙާނުގެ މޫނަށް ބަލައިލިއެވެ.

[ސަމާސާ ނުކުރާށެވެ. އަސައްދެވެ. އަހަރެންގެ އުފަލަށްޓަކައި، އަހަންނަށް މުބާރަކުބާދު ކިޔާށެވެ….] އަސައްދުގެ ގައިން ދޫކޮށްލަމުން ރީޙާން ބުންޏެވެ.

[ތިޔައީ ކުއްލިއަކަށް ކޮންތަނަކުން ދަމައިގަތް އުފާތަކެއް ހެއްޔެވެ؟]

[ﷲ ދެއްވީއެވެ. އެސުވާމީންގެ އޯގާވަންތަކަމެވެ.]

[ތިޔަކަން އަހަންނަށްވެސް އެނގެއެވެ. ނަމަވެސް، ތިޔަ ކުއްލި ބަދަލުގެ ސަބަބަކީ ކޮބައިހެއްޔެވެ؟ އެއްކަލަ އަލިފާނުގެ ހޫނުކަން ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟]

[ގުލްޒާރަކަށް ބަދަލުވެގެން ދިޔައީއެވެ.]

[އަހަރެން މިއަހަނީވެސް ތިޔަ ވާހަކައެވެ. އެ އަލިފާންގަނޑު، ގުލްޒާރަކަށް ބަދަލުވީ ކިހިނަކުން ހެއްޔެވެ؟ ކޮންއިރަކު ހެއްޔެވެ؟]

[އަހަރެންނަކަށްވެސް ތިޔަކަމެއް އަދި ނޭނގެއެވެ.]

[ދޮގުހަދަނީ ކީއްވެގެން ހެއްޔެވެ.]

[ﷲ ގަންދީ ބުނަމެވެ. މިއީ ދޮގެއް ނޫނެވެ. ތެދު ޙަޤީޤަތެވެ.]

އެންމެފަހުން އަސައްދު ގާތަށް ރުޅިއައިސްގެން އަރާރުންވެގަތުމުން، ދާދި ދެންމެއަކު ޞާޢިޤާއާ ބައްދަލުވެ ދެކެވުނު ވާހަކަތަކާއި، އެތަނުގައި ކަންހިނގިގޮތް، ވަރަށް ސާފުކޮށް އޭނާއަށް ރީޙާން ކިޔައިދީފިއެވެ.

[ކަލެއަށް ކުރެވިގެން ތިޔައުޅެނީ ކުށްހީއެއް ކަމުގައި އަހަރެން ނުބުނަމު ހެއްޔެވެ؟] ފަރުވާތެރިކަމާއެކު ރީޙާނުގެ ވާހަކަ އަޑުއަހަން ހުރުމަށްފަހުގައި އަސައްދު ބުންޏެވެ.

[ތިޔަހެން ބުނިކަމަށްވެސް ވެދާނެއެވެ.]

[ކޮންމެ އެއްޗެއްވެސް، މާޔޫސީގެ އަނދިރިކަމުގެ ތެރެއަށް ގެއްލިގެން ހިނގައިދާނެއެވެ.]

[ތެދެކެވެ. މާޔޫސީގެ އަނދިރިކަމަކީ، ވިހަގަދަ ކަމެކެވެ.]

[މިހާރު ފެންނަނީ، ކިހިނެއްހެއްޔެވެ؟] އަސައްދު ލާނެތްގޮތަކަށް ހީލިއެވެ.

[މިހާރު…. މިހާރު…. އޯވހް! އަސައްދެވެ. އިތުރު ސުވާލު ނުކުރާށެވެ.] ރީޙާން އުފަލުން ތެޅިފޮޅެނީއެވެ. [ޅެންބައިތުގައި ހުންނަކަހަލަ ލަޠީފުކަން، ހަމައެކަނި އިޙްސާސް ކުރެވެނީއެވެ. ދުލުން ބަޔާންކޮށްދޭން އުޅެފިނަމަ، އޭގެ އަސަރުތައް ވިއްސިވިހާލިވެގެން ހިނގައިދާނެއެވެ.]

[އޮވހޯ….] ދެމީހުން އެއްފަހަރާ ހީގެންފައި، އެކަކު އަނެކެއްގެ ގައިގައި އޮޅުލައިގެންފިއެވެ.

 

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.