ރީޙާން، ބަސްނާހާ ކުޑަކުއްޖަކު ފަދައިން، ޔޫރަޕަށް ދާންވެގެން ބޮޑާހާކަމުން ދަނީއެވެ. މާމައާއި އެހެން ތިމާގެމީހުންދޭ ހެޔޮ ނަސޭހަތްތަކެއް އޭނާ އަޑެއް ނާހައެވެ. މާމަގެ ރުޅިވެރި ބަސްތަކަކުންވެސް އޭނާއަކަށް އަސަރެއް ނުކުރިއެވެ. އެންމެފަހުން ހަދާނެ އެއްވެސްގޮތެއް ނެތިގެން، އީދަށް ހަނދުބެލީމާ ބާއްވާ ޕާޓީގައި ބައިވެރިވާގޮތަށް، ޔޫރަޕަށް ދިއުމުގެ ހުއްދަ ދީފިއެވެ. ރީޙާން ބުނެލި ބަހެއްގައި ދޫނުކޮށް ހިފަހައްޓާނެކަން، މާމައަށް ޔަގީންވެއެވެ. ވީމާ، އޭނާގެ ގޮތްދޫނުކުރާ މިޒާޖުގެ ކުރިމަތީގައި މާމައަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
މާމަމެން އެބުނާ ޕާޓީއަކީ ރީޙާނަށްޓަކައި ކޮނެވޭ އަނދަވަޅެކެވެ. މިހާރު ކަންހިނގާފައިވާގޮތުން، އެ ޕާޓީގައި ބައިވެރިވުމަކީ އެއްގޮތަކަށްވެސް ރީޙާނުގެ ހިތްއެދޭ ކަމެއްނޫނެވެ. އޭނާ ޔޫރަޕަށް ދާންއުޅޭ މައްސަލައިގައި އެންމެބޮޑަށް ހާސްވަނީ ފައުޒިއްޔާއެވެ. ވީހާ އަވަހަކަށް ރީޙާނުގެ ކައިވެނި އިޢްލާނުކުރާ އަޑު އެހުމަކީ އޭނާގެ އެންމެބޮޑު އެދުމެވެ. އޭނާ ދެކޭގޮތުގައި، ރީޙާނުގެ ދަތުރަށް ހުރަސްއެޅޭނޭ ހުރީ ހަމަ އެންމެ މީހެކެވެ. އެއީ ސަމީރާއެވެ. ސަމީރާ ބުނެފިނަމަ، ރީޙާނެއް ނުދާނެއެވެ. ރީޙާނުގެ ދަތުރު ހުއްޓުވޭތޯ ފައުޒިއްޔާ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އެގޮތުންވެސް އެދެވޭ ނަތީޖާއެއް ނުފެނުނެވެ.
އަނެއްކޮޅުން ޞާޢިޤާވެސް ރީޙާނުގެ ދަތުރާ ދޭތެރޭގައި ވަރަށްބޮޑަށް ވިސްނަމުން ގެންދެއެވެ. އެ މައްސަލަ ޙައްލުކުރާނެ މަގެއް ފެނޭތޯ، އެދުވަހުގެ ހަތަރުދަމު އޭނާގެ ސިކުނޑި ގާނަމުން ގެންދިޔައެވެ. ކޮންމެއަކަސް އެކަހަލަ މިކަހަލަ ގޮތެއްގައި އެދުވަސް ވޭތުވެގެން ހިނގައްޖެއެވެ. ހަވީރުވެގެންގޮސް އިރުއޮއްސުމާ ކައިރިވެއްޖެއެވެ. ދުވާލުގެ ފަހުބައިގެ އަވީގައި ދިގުވަމުންދިޔަ ގަސްތަކުގެ ހިޔަނިތައް، ކުޑަދޮރުތަކުން އެތެރެއަށް އެޅެންފަށައިފިއެވެ. އެވަގުތު ޠާހިރުގެ ކޮޓަރީގެ ކުޑަދޮރެއްގެ ކައިރީގައި ގޮނޑިއެއް ބަހައްޓާލައިގެން ޞާޢިޤާ އިށީނދެލައިގެން އިނެވެ. އޭނާގެ އުނގުމަތީގައި، ވަރަށް ދުވަސްވީ އަލްބަމެއް ހުޅުވާލާފައި އޮތެވެ. އޭނާގެ ހިމަހިމަ ލޫޅާފަތި އިނގިލިތަކުން އަލްބަމްގެ ގަނޑުތައް އުކަމުންދެއެވެ. ކޮންމެ ޞަފްޙާއަކުންވެސް މާޒީގެ ކުރެހުންތައް ފެންނަން ހުއްޓެވެ. ޠާހިރާއި ނާޖީގެ ލޯބީގެ ކުރެހުންތައް، ޞާޢިޤާގެ ހިތުގައި ބިންވަޅު ނެގެމުންދެއެވެ.
[އޯވހް!] ކޮންމެވެސް މީހެއްގެ ފިޔަވަޅު އަޑާއެކު އެއްޗެއް ބުނެލި އަޑު އިވިގެން ޞާޢިޤާ އެނބުރި ބަލާލައިފިއެވެ. ކަޅުކުލައަށްދާ ސްލެޓި ސޫޓެއްލައިގެން، ދޮރުމަތީގައިހުރި ރީޙާނުގެ ކުލަ ފަނޑުވެފައިވާ މޫނު ފެނުމުން، ޞާޢިޤާގެ ހިތް ތެޅިގަނެގެން ދިޔައެވެ. [ކަލޭގެ އެކަނިވެރިކަމުގެ މަހެފިލަށް އުނދަގޫކުރެވުނީތީ މާފަށް އެދެމެވެ.] ޞާޢިޤާ އެނބުރިފައި ބަލައިލިތަން ފެނިގެން، ރީޙާން ބުންޏެވެ. [އަހަރެން މިއައީ ލިޔުންތަކެއް ހޯދާށެވެ.] ކޮޓަރީގެ އިރުމަތީފަރާތު ފާރުކައިރީގައި ބަހައްޓާފައިހުރި އަލަމާރިއާ ދިމާއަށް ރީޙާން ހިނގައިގެންފިއެވެ.
ރީޙާން އަލަމާރި ހުޅުވައިގެން އެބުނާ ލިޔުންތަކެއް ހޯދަން ފެށުމުން، ޞާޢިޤާ އަލްބަމް ލައްޕާލާފައި ރީޙާނުގެ ރީތި ހައިބަތުހުރި ހަށިގަނޑަށް ފަރުވާތެރިކަމާއެކު ބަލަން ފަށައިފިއެވެ.
ގާތްގަނޑަކަށް ފަސްމިނެޓެއްހާއިރު ވަންދެން އަލަމާރި ހޭވުމަށްފަހު ރީޙާން އެނބުރިލައިފިއެވެ. ތަންކޮޅެއް ދުރުގައިހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިން ޙޫރުޕަރީއެއްފަދަ ޞާޢިޤާއާ ހަތަރުކަޅި ހަމަކޮށްލައިފިއެވެ. އެވަގުތު ރީޙާން އެތަނަށްއައި ބޭނުންވެސް ހަނދާންނެތިގެން ދިޔައެވެ. ބޮޑެތި ބޮޑެތި އަޅުވެރިންނަށްވެސް މަގު އޮޅުވާލާފަދަ ރީތިކަމެއް ލިބިފައިވާ އެ އަންހެންކުއްޖާގެ ސޫރައިން ރީޙާނުގެ އެންމެ ފުންމިނަށް އަސަރު ކުރުވައިފިއެވެ. ނަމަވެސް، ވަރަށް އަވަހަށް އޭނާގެ ހިއްސުތައް ހަމަޖައްސާލާފައި އިސްދަށަށް ޖަހާލައިފިއެވެ.
[މި އަލަމާރީގައި އޮންނަ ފެހިކުލައިގެ ގަނޑުތަކެއްހުރި ބޮޑު ފައިލް ކޮބައިހެއްޔެވެ؟]
[އެ ފައިލް އޮންނާނީ އަޅުގަނޑުގެ އަލަމާރީގައެވެ.] ޞާޢިޤާ އަވަސްއަވަހަށް ކައިރީގައިހުރި މޭޒުމަތީގައި އަލްބަމް ބާއްވަމުން ތެދުވެ ހިންދެމިލައިފިއެވެ.
ރީޙާން ގޮސް ޞާޢިޤާގެ އަލަމާރި ކައިރިއަށް ހުއްޓިފައި ބަލައިލިއެވެ. އެ އަލަމާރި ހުރީ ތަޅުލާފައެވެ. ވީމާ، ތަޅުވަޅުގައި އަތް ޖައްސާލަމުން ޞާޢިޤާއާ ދިމާއަށް އޭނާ އެނބުރިލައިފިއެވެ.
[އަޅުގަނޑުގެ އަތުގައި ތަޅުދަނޑި އެބައޮތެވެ.] މިހެން ބުނެފައި ޞާޢިޤާ ހިނގައިގެންފިއެވެ. އަލަމާރި ކައިރިއަށް ހުއްޓިފައި އެދިމާއިން އަލަމާރިމަތީގައިހުރި ކުޑަވަރެއްގެ ދަޅަކުން ތަޅުދަނޑިފައްޗެއް ނަގައިފިއެވެ. ދެން އޭގެތެރެއިން ރަންވަންލޯގެ ތަޅުދަނޑިއެއްގައި ހިފާފައި ރީޙާނާ ދިމާއަށް ދިއްކޮށްލައިފިއެވެ. [ތަޅުދަނޑި މިއޮތީއެވެ.]
[ޝުކްރިއްޔާއެވެ.] ތަޅުދަނޑީގައި ހިފަމުން ރީޙާން ބުންޏެވެ.
ތަޅުދަނޑިފަތި ދިނުމާއި، ހިފުމުގެ ވަގުތުގައި ތިބެވުނުލެއް ކައިރިކަމުން، ދެމީހުންވެސް ކަންބޮޑުވިއެވެ. ހާސްކަމާއެކުގައި، އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ތިބެވުނެވެ.
[އަހަރެން މިތަނަށް އައުމަކީ ކަލެއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވަނީހެއްޔެވެ؟] ރީޙާނުގެ ލޮލުން ހިތާމައެއްގެ އަސަރުތައް ފާޅުވޭވެ ހުއްޓެވެ. [ކުރާނީ ކީއްހެއްޔެވެ؟ މިތަނަށް އައުން އަހަންނަށް މަޖުބޫރެވެ. މި ލިޔުންތައް ގެންދިއުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެހެންނޫންނަމަ، ކަލެއަށް އުނދަގޫ ކުރާކަށް އަހަރެން ނައީމުހެވެ.] ރީޙާން މިހެން ބުނުމުން، ވައިރޯޅީގެ ގޯނާއެއް ކޮށްލުމުން މާތައް ހެލިލާފަދަ ލުއިލުއި ގޮތަކަށް، ޞާޢިޤާ ހިނިތުންވެލިއެވެ. އެކަމަކު އެ ހުވަފެނީ ހިނިތުންވުމުގެ މަޠްލަބެއް ރީޙާނަކަށް ނުވިސްނުނެވެ.
ރީޙާން ފައިލް ހުޅުވާލާފައި މޭޒުމަތީގައި ބޭއްވުމަށްފަހު ކުޑަކޮށް މޭޒާ ދިމާއަށް ގުދުވެލައިގެންއޮވެ އޭނާ ބޭނުންވެގެން އެއުޅޭ ލިޔުންތައް ހޯދަން ފަށައިފިއެވެ. ޞާޢިޤާ ކުޑަތަންކޮޅެއް ދުރުގައި، އޭނާ ކުރާ މަސައްކަތް ބަލަން ހުއްޓެވެ. ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި، ރީޙާން މަސައްކަތް ނިންމާލުމަށްފަހު، ފައިލް ލައްޕާލައިފިއެވެ. ދެން އޭނާ ހޯދި ލިޔުންތައް އެއްކޮށްލާފައި މޭޒުމަތީގައި ބަހައްޓައިފިއެވެ. އަދި ފައިލް ގެންގޮސް އަނބުރާ އަލަމާރިއަށް ލުމަށްޓަކައި ހިނގައިގެންފިއެވެ. އެކަމަކު އަލަމާރީގެ އެއްފަރާތުގައި ލެނގިލައިގެންހުރި ޞާޢިޤާއާ ދިމާއަށް އޭނާ ބަލައިވެސް ނުލައެވެ. އޭނާގެ އެ ޣާފިލުކަމަށްޓަކައި އަނެއްކާވެސް ހަމައެގޮތަށް ޞާޢިޤާ ހިނިތުންވެލައިފިއެވެ. ރީޙާން އަޅާވެސްނުލައި އަލަމާރީގެ މަތީވަތްގަނޑުގައި ފައިލް ބާއްވާނެ ތަން ހަދަން ފަށައިފިއެވެ.
[ކަލާ ހަމަ ޔޫރަޕަށް ދުރުވަނީތޯއެވެ؟] މިޔުޒިކީ އަޑެއް ރީޙާނުގެ ކަންފަތުގައި ބީހިލައިފިއެވެ.
ހީވެސްނުކުރާފަދަ ގޮތެއްގައި، ގާތްކަމާއި އިޚްލާޞްތެރިކަން އެކުލެވިފައިވާ އަޑަކުން ޞާޢިޤާ އެހެން ބުނުމުން، ރީޙާން ވަރަށްބޮޑަށް ހައިރާންވިއެވެ. އޭނާ ފައިލް ބާއްވަން އަތް އުފުލާލިގޮތަށްހުރެ ކުޑަކޮށް އެނބުރިލާފައި ޞާޢިޤާއާ ދިމާއަށް ބަލައިލައިފިއެވެ. ޞާޢިޤާ އިސްދަށަށް ޖަހާލައިގެން ދޫލައިގައި ފައިހާކާލަ ހާކާލާ ހުއްޓެވެ. އޭނާ ހުރީ ދެއަތް ފުރަގަހަށް ލައިގެން، އަލަމާރީގައި ލެނގިލައިގެންނެވެ.
[އާއެކެވެ. ހުކުރު ދުވަހުން އަހަރެން ފުރާނަމެވެ.] ޞާޢިޤާ އެބުނި ޖުމުލައަކީ ރަސްމީ ވާހަކަކޮޅެއް ކަމުގައި ހީކޮށްފައި ރީޙާން އަދި މާބޮޑަށް ދެރަވިއެވެ.
[ޔޫރަޕަށް ދުރުވަނީ ކޮންބޭނުމެއްގައިތޯއެވެ؟] ޞާޢިޤާ ހިނިތުންވެލަމުން ބުންޏެވެ. އެ އަޑު އިވުމުން، ރީޙާން މާބޮޑަށް ހައިރާންވެ ސިހުނެވެ. [ތިޔަ ސުވާލު ކުރުމަށްޓަކައި ކަލެއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟]
[އަޅުގަނޑަށްވެސް ޙައްޤެއް އޮވެދާނެ ނޫންތޯއެވެ؟] އިންތިހާދަރަޖައިގެ ގާތްކަން އެކުލެވިފައިވާ އަޑެއް އަނެއްކާވެސް ކޮޓަރިތެރޭގައި ގުގުމާލައިފިއެވެ. ކޮންމެއަކަސް ރީޙާނުގެ ކަންފަތަށް އެ އިވުނު އަޑެއްގެ ސަބަބުން، ފައިލް ބާއްވަން ޖާގަ ހެދުމަށްޓަކައި ނަގަނަގާހުރި ފޮތްވެސް އޭނާގެ އަތުން ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ.
[ޝާޢިޤާއެވެ…..] ހިނދުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހުގައި ރީޙާން ބުންޏެވެ. [ކަލޭ ތިޔަބުނީ ކީކޭހެއްޔެވެ؟]
[އަޑު އިވިނުލެއްވީތޯއެވެ؟] ފަރުވާކުޑަ ގޮތަކަށް ކުޑަދޮރާ ދިމާއަށް ހިނގައިގަންނަމުން ޞާޢިޤާ ބުންޏެވެ.
އުންމީދުގެ އާ ދޯދިފަށަކުން މަގު އަލިވުމުން، ރީޙާން ތުރުތުރު އަޅައަޅާ އޮތް ދެފައި ޞާޢިޤާއާ ދިމާއަށް ހިނގައިގެންފިއެވެ. [އަޑު އެހީމެވެ. އެކަމަކު ނުވިސްނުނެވެ.]
[ވިސްނިނުލައްވާވަރުގެ އެއްޗެއް އަޅުގަނޑަށް ނަންގަނެވިއްޖެތޯއެވެ؟] އަސަރުން ފުރިފައިވާ ނަޒަރަކުން ރީޙާނާ ދިމާއަށް ޞާޢިޤާ ބަލައިލިއެވެ. އޭނާގެ ކޮންމެ އަދާއަކީ، ހިތްވަރާއި ފަންވަރުގެ ދަޢްވަތެއް ކަމުގައި ރީޙާނަށް ވިއެވެ. އެހެންކަމުން، ރީޙާން ކުރިއަށްޖެހިލާފައި އެއްއަތުން ޞާޢިޤާގެ ކޮނޑުގައި ހިފަހައްޓާލަމުން، އަނެއްއަތުން ޞާޢިޤާގެ ދަތްދޮޅީގައި ހިފާފައި އުފުލާލައިފިއެވެ. އެވަގުތު ޞާޢިޤާ ދެލޯ މަރާލާފައި ފުން ނޭވާއެއްލިއެވެ.
[ކަލޭ ތިޔަ ބުނާ އެއްޗަކާ ދޭތެރޭގައި އަހަރެން ހީކުރަންވީ ކީކޭހެއްޔެވެ؟] ވައި އަޑުން ރީޙާން ބުނެލިއެވެ.
[މިއީ އަޅުގަނޑުގެ ހިތުގެ އަޑު ކަމުގައި ހީކުރައްވާށެވެ.] ޞާޢިޤާ ލޯހުޅުވާލާފައި ރީޙާނާ ހަތަރުކަޅި ހަމަކޮށްލިއެވެ.
[ތިޔަބުނީ ހަމަތެދެއް ހެއްޔެވެ؟] ރީޙާނަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން، އޭނާގެ އަޑު ތުރުތުރު އެޅިއެވެ.
ޞާޢިޤާ އަނެއްކާވެސް ލޯމަރާލައިފިއެވެ. އޭނާގެ ހަށިގަނޑުގެ ބުރަ ނުހިފެހެއްޓިގެން އަރިއަޅާލާގޮތް ވެއްޖެއެވެ.
[ޞާޢިޤާއެވެ….] ރީޙާން ކެތްތެރިކަމެއްނެތި ޞާޢިޤާގެ ގައިގައި ބާރަށް ހިފަހައްޓާލައިފިއެވެ. އެވަގުތު، ލަދުވެތިކަމުގެ ފަރުދާ ކަހާލާފައި އޭނާ ރީޙާނުގެ ތަނަވަސް މޭގައި ބޯއަޅާލައިފިއެވެ.
[ރީޙާނެވެ.] ޞާޢިޤާއަށް ގިސްލެވެން ފަށައިފިއެވެ. އޭނާގެ ލޮލުން ފައިބަމުންދާ އުފާވެރިކަމުގެ ކަރުނަތައް، ރީޙާނުގެ ގަމީސް ތެންމަމުންދާން ފަށައިފިއެވެ.
ޖަޒްބާތުގެ ހޫނުން ކެކެމުންދާ ރީޙާނުގެ ހިއްސުތައް ހަމައަކަށް އެޅުވުމަށްޓަކައި، ޞާޢިޤާގެ ފަށުވި އިސްތަށިގަނޑުގެ ތެރޭގައި އޭނާގެ މޫނު ފޮރުވައިފިއެވެ. މެންދުރު އެންމެ ގަދަ ހޫނުގައި، ހިލަ ބިންމަތީގައި ހުސްފަޔާ ހިނގަމުންދިޔަ ދަތުރުވެރިއަކަށް، ހިޔާދޭ ގަހެއްގެ ފިނި ހިޔާގަނޑަކަށް ވަދެވުނީމާ ލިބޭފަދަ ހިތްހަމަޖެހުމާއި އަރާމު، އެހިނދުކޮޅުގައި ރީޙާނަށް ލިބެމުން ދިޔައެވެ.