ކޮންމެކަހަލަ ޖަޒްބާތެއްވެސް އޭގެ އިންތިހާއަށް ދިއުމުން، އިޙްސާސްގެ ކުލަތައް ގެއްލިގެންދެއެވެ. އެފަދަގޮތެއް ދިމާވުމުން، އިންސާނާގެ ސިކުނޑީގައި އުފެދޭ ޚިޔާލުތައްވެސް މުޅިން ހުސްވެގެންދެއެވެ. ޞާޢިޤާވެސް މިހާރު އެހެރީ އެ ޙާލު ޖެހިފައެވެ. އޭނާ އެ ކުޑަދޮރުގެ ކައިރީގައި މަޑުކޮށްލީ، ގަސްތުގައި އަސައްދާއި ރީޙާންގެ ވާހަކަ އަޑުއަހާކަށް ނޫނެވެ. ނަންނޭނގޭ ޖަޒްބާތެއްގެ ޖާދޫގައި އޭނާ އެތަނަށް ގެނައީއެވެ. އިއްތިފާޤުން ރީޙާނުގެ އެ ސީރިޔަސް އިޢްތިރާފުވެސް އޭނާއަށް އަޑު އިވުނީއެވެ. އެވަގުތު އޭނާގެ ހިއްސުތައް އިންތިހާއަށްގޮސް، އުފަލާއި ހިތާމައިގެ އިޙްސާސުން ކުލަ ފަނޑުވެގެން ދިޔައީއެވެ. އުފަލުންގޮސް އޭނާއަކަށް ހިއެއް ނުގަނެވުނެވެ. އަދި ދެރަވެގެން ރޮޔެއްވެސް ނުގަނެވުނެވެ. އޭނާގެ ސިކުނޑި އޮތީ ގަނޑުވެފައެވެ. މުޅިން ބާރު ކެނޑިފައެވެ. އޭނާއަށް ހޭވެރިކަންވީއިރު، އޭނާއެކީ ރާބޮއިގެންހުރި މީހެކޭ އެއްވެސް ތަފާތެއް ނެތެވެ. ހަށިގަނޑުގެ ބަރުޖެހިލައިފި ކޮންމެ ދިމާއަކަށް އޭނާ އަރިއަޅާލައިގެންދެއެވެ. ކޮޅަށް ހުންނަހާ ވަރެއް އޭނާގެ ގަޔަކު ނެތެވެ.
އެރޭ އޭނާގެ އުފަލުގެ ކޮޅެއްނެތެވެ. މަސްތު ވައިރޯޅިއެއް ފަދައިން، މުޅި ދުނިޔޭގައި އުދުހެން އޭނާ ބޭނުންވިއެވެ. ރީތި ރާގެއް ފަދައިން ވިހުރުވެން އޭނާގެ ހިތް އެދުނެވެ. އެ އިންތިހާދަރަޖައިގެ އުފާތައް މޭގެތެރޭގައި ފޮރުވައިގެން ނިދަންވެސް އޭނާ ގަސްތުކުރިއެވެ. މިއޮއްހުރިހާ ދުވަހު ސަމާސާއެއް ކަމުގައި ނުވަތަ މަލާމާތެއް ކަމުގައި ހީކޮށްގެންހުރި ކަންތައް، އެއީ ރީޙާނުގެ ޙަޔާތުގެ އެންމެ ބޮޑު ޙަޤީޤަތްކަން އޭނާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އެކަން އޭނާއަށް އާޔާ ޔަގީންކޮށްދިން ނަމަވެސް، އޭނާގެ ރޫޙު އެކަން ގަބޫލުކުރާކަށް ތަނެއް ނުދެއެވެ. އޭނާގެ ޙަޔާތުން ވޭތުވެގެންދިޔަ ވިހި އަހަރު ދުވަހުގެ ތެރޭގައި، ނިކަމެތިކަމާއި މަލާމާތް ފިޔަވައި އެހެން އެއްވެސް އެއްޗެއް އޭނާއަކަށް ނުލިބެއެވެ. ނަމަވެސް، މިރޭ ރީޙާނުގެ އެ އިޢްތިރާފުން އޭނާގެ ހުރިހާ ހާސްކަމެއް ފިލައިގެން ހިނގައްޖެއެވެ. އޭނާއަށް ނެށެނީއެވެ. އޭނާގެ ރޫޙަށް ފިނިވަނީއެވެ. ކެތްތެރިކަން ހައްދުފަހަނައަޅައިގެން ދަނީއެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތާއި ފުރާނައިން ލޯބިވަމުންދިޔަ ރީޙާންވެސް އޭނާދެކެ އިންތިހާއަށް ލޯބިވާކަން، މިއަދު އެނގިއްޖެއެވެ. ނާކާމިޔާބުގެ އިޙްސާސްގެ ތެރެއިން އަލިކަމުގެ ވިދުވަރު ފެނިއްޖެއެވެ. ބިރުވެރި ނުރައްކާތެރި ތަޢްބީރެއްގެ ތެރޭގައި ރީތި ކުލަ ހުވަފެންތަކެއް އާބާދުވެފައިވާ ތަން ފެނިއްޖެއެވެ. އޭނާ ދީވާނާއަކު ފަދައިން، އެނދުގައި ފުރޮޅެމުން ދިޔައެވެ.
އާދައިގެމަތިން ރޭދެބައިވިފަހުން އާޔާ އައިސް ޞާޢިޤާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭރުވެސް ޞާޢިޤާއެއް ނުނިދައެވެ.
[އަދިވެސް ނުނިދަނީހެއްޔެވެ؟] ޞާޢިޤާ ނުނިދާކަން އެނގުމުން، އާޔާ ސުވާލު ކޮށްލިއެވެ.
[އާއެކެވެ. މިރެއަކު ނިންޖެއް ނާދެއެވެ.] މަސްތުން ފުރިފައިވާ އަޑަކުން ޞާޢިޤާ ބުންޏެވެ.
[ބޮކި ނިވާލަން ހެއްޔެވެ؟]
[ނޫނެކެވެ.]
[އަވަހަށް ނިދާށެވެ.] އާޔާ ބުންޏެވެ.
[ނުނިދާނަމެވެ.] މިހެން ބުނެފައި ޞާޢިޤާ ބާރަށް ހީގެންފިއެވެ.
އާޔާ ހައިރާންވެގެން އޭނާއާ ދިމާއަށް ބަލަހައްޓައިގެންހުއްޓާ، ރަޖާގަނޑު އެއްލާލާފައި ފުންމައިގެން ތެދުވެއްޖެއެވެ. [އަހަރެން ނުނިދާނަމެވެ. އާޔާއެވެ.]
[އެއީ ކީއްވެގެން ހެއްޔެވެ؟ މިހާރު ރޭދެބައި ވެއްޖެއެވެ.]
[މުޅި ރޭގަނޑު މިގޮތުގައި ވޭތުވިޔަދޭށެވެ.] އާޔާގެ ކަރަށް އަތް ވައްޓާލަމުން، އުފަލުން ފުރިފައިވާ އަޑަކުން ޞާޢިޤާ ބުންޏެވެ.
[އަހަރެންގެ ދަރިފުޅަށް ތިޔަވަނީ ކީއްހެއްޔެވެ؟]
[އާޔާއެވެ. މިރޭ އަހަރެން އުފާވެފައި ހުރިވަރު ކަލެއަކަށް ނޭނގޭނެއެވެ. ވީމާ، މިރޭ ހަތަރުދަމު ހޭލާ ހުރެގެން އަދިވެސް ބޮޑަށް އަހަރެން އުފާވިޔަދޭށެވެ.] އާޔާއާ ދުރަށް ޖެހިލަމުން ޞާޢިޤާ ބުންޏެވެ.
ޞާޢިޤާ އެހާބޮޑަށް އުފާވެފައިހުއްޓާ އާޔާ އެންމެފުރަތަމަ ދުށްފަހަރަކީ އެއީއެވެ. މިރޭ، އެ ރީތި ދެލޮލުން ކަރުނައިގެ ފުސްކަމުގެ ބަދަލުގައި، އުފާވެރިކަމުގެ ބައްތިތައް ދިއްލެމުންދާތީ ފެނެއެވެ. އަބަދުވެސް ހިތާމައިގެ ތަސްވީރެއް ފަދައިން ފެންނަ އެ ހުދު މޫނުމަތީގައި، އުފާވެރިކަމުގެ ރަތްކުލަ ޖަހާފައިވެއެވެ. ކަރުނައިގެ ޠޫފާނަށް ހުރަސްއެޅުމަށްޓަކައި، އަބަދުހެން ތުރުތުރު އަޅައަޅާ ހުންނަ އެ ދިގު އެސްފިޔަތަކުން، މިރޭ ފަރި ނެށުމެއްގެ ހަރަކާތްތައް ފެނެއެވެ.
[އާޔާއެވެ. އަހަރެންގެ މި އުފަލުގެ ސަބަބު އޮޅުންފިލުވަން ސުވާލުކޮށްބަލާށެވެ.] ނުހަނު ލޯބިވެތި ގޮތަކަށް، އާޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލާފައި ޞާޢިޤާ ބުންޏެވެ. އޭނާގެ އެ އުފާވެރި ހަރަކާތްތައް ފެނުމުން، ބޭއިޚްތިޔާރުގައި އާޔާގެ ލޮލުން ކަރުނަ އައެވެ.
[ތިޔަހާބޮޑަށް އުފާވެފައި ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟] އުފަލުންގޮސް އާޔާއަށްވެސް ރޮވެން ކައިރިވެއްޖެއެވެ.
ޞާޢިޤާ، ފަތިހުގެ ވައިރޯޅިއެއް ފަދައިން، ނުހަނު ލުއިލުއި ގޮތަކަށްގޮސް ކޮޓަރީގެ އިރުމަތީފަރާތުގައިހުރި ކުޑަދޮރުގެ ދެ ދޮރުފަތް، ތަންމިނަށް ހުޅުވާލައިފިއެވެ. އެވަގުތު ބަގީޗާގައި ފަރިވަމުންދާ މާތަކުގެ މީރުވަހާ އެކުގައި، ކުޑަދޮރުން ވަދެގެންއައި ވައިރޯޅިއެއް، ޞާޢިޤާގެ އިސްތަށިގަނޑާ ކުޅެލައިފިއެވެ.
[ތިޔަ ކުޑަދޮރު ލައްޕާށެވެ. ދަރިފުޅަށް ފިނިވެދާނެއެވެ. ހީކަރުވަފާނެއެވެ.] އާޔާ ބުންޏެވެ.
[މިރޭ އަހަރެން ކުރާ އެއްވެސްކަމެއް ހުއްޓުވަން ނޫޅޭށެވެ. އާޔާއެވެ. އަހަރެންގެ ހިތްއެދޭ ހުރިހާކަމެއް މިރޭ އަހަރެން ކުރިޔަދޭށެވެ. އާޔާއެވެ. އަހަރެންގެ އުފަލުގެ ހައްދެއްނެތެވެ. މިއީ އުފަލުގެ އިންތިހާއެވެ. ކަލެއަށް ލަފާކޮށްލަންވެސް ނޭނގޭނެއެވެ.]
[ދަރިފުޅަށް ކޮންފަދަ އެއްޗެއް ހާސިލުވީ ހެއްޔެވެ؟] ޞާޢިޤާގެ ކައިރިއަށް ޖެހިލާފައި އޭނާގެ ކޮލުގައި އަތް ޖައްސާލަމުން އާޔާ ބުންޏެވެ.
[އެއެއްޗަކަށް އެދުންވެރިވުމަކީ ކުށެއްކަމުގައި ހީކުރެވޭ އެއްޗެވެ.]
[ހަމަތެދެއް ހެއްޔެވެ؟]
[އާއެކެވެ. ހަމަތެދެކެވެ. އާޔާއެވެ.] އާޔާގެ ކޮނޑުގައި ޞާޢިޤާ ބޯއަޅާލިއެވެ. [އާޔާއެވެ. ކަލޭ ބުނީ ވަރަށްބޮޑު ތެދެކެވެ. ރީޙާނަކީ އަހަރެންގެ މިލްކެކެވެ. ހަމައެކަނި އަހަރެންގެ މިލްކެކެވެ. އެކަމުން ލިބެމުންމިދާ މަތިވެރި އުފަލުގެ ސަބަބުން އަހަރެން މޮޔަވެދާނެތީ ބިރުގަނެއެވެ.]
އާޔާގެ ލޮލުން އުފަލުގެ ކަރުނަތައް އޮހިގެން ދިޔައެވެ. އެވަގުތު އޭނާ ޞާޢިޤާގެ ގައިގައި އޮޅުލައިގެންފައި، ކަޅު ރޭގަނޑެއްފަދަ ކަޅު އަދި ދިގު އިސްތަށިގަނޑުގައި ބޮސްދިނެވެ.
[ދަރިފުޅުގެ އުފާތަކަށްޓަކައި، ދަރިފުޅަށް މަރްޙަބާއެވެ.]
ހެނދުނު ސައިމޭޒުދޮށުން ރީޙާން ފެނުމުން ޞާޢިޤާގެ މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ. އަތްފައި ތުރުތުރު އެޅިއެވެ. އެއްވެސްކަމަކާނުލައި ލަދުގަންނަން ފެށިއެވެ. ރީޙާނާ ކުރިމަތިލާންޖެހޭތީ ކަންބޮޑުވިއެވެ. ނަމަވެސް، އެކަމުގެ އެއްވެސް އަސަރެއް، ރީޙާނުގެ ކިބަޔަކު ނެތެވެ. އޭނާ ހިތާމައިގެ ތަސްވީރެއް ފަދައިން، މޭޒުދޮށުގައި މަޑުމަޑުން އިނެވެ. ހީވާގޮތުން އޭނާ އެތަނަށްއައިސް އެއިނީ، އެހެންމީހުނާ ބައިވެރިވެލުމުގެ ގޮތުންނެވެ. އޭނާ ބޯލީ ހުސް ކަޅުސައިފޮދެކެވެ. ސަޔާއެކުގައި ކާންހުރި އެއްވެސްއެއްޗެއްގައި އަތްވެސް ޖައްސާނުލައެވެ. މިއަދު ޞާޢިޤާ އިނީ ރީޙާނުގެ ދިމާކުރިމަތީގައެވެ. އެކަމަކު އޭނާއާ ދިމާއަށް ރީޙާން ބަލައިވެސްނުލައެވެ. އެއީ ހަމައެކަނި ދެއްކުންތެރިކަމުގެ ފަރުވާކުޑަ ކޮށްލުމެކެވެ. އެކަމުންވެސް މިއަދު ޞާޢިޤާގެ ހިތަށް އިތުރު އުފާތަކެއް ލިބުނެވެ. ސައިގެ ކަންތަކުން ނިމިގެން މޭޒުދޮށުން ތެދުވި ވަގުތު، އެ ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އެ ސިކުންތުގައި، ޞާޢިޤާގެ ތުންފަތްމަތިން ހިނިތުންވުމެއްގެ އަސަރު ފާޅުވިއެވެ. އެ ހިނިތުންވުން ފެނުމުން، ހިތާމަވެރި ގޮތަކަށް ރީޙާން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.