[ކަލޭގެ ގޮތްދޫނުކުރުމުގެވެސް ހައްދެއްނެތެވެ. ޖެހިލުމެއްނެތި މާމަގެ މޫނުމަތީގައިވެސް ޒުވާބުކުރަމުން ގެންދިޔައީ ނޫންހެއްޔެވެ؟] ހައިރާންކަމާއެކު އަސައްދު ބުންޏެވެ.
[އެހެން ހަދަން އަހަރެންނަށް މަޖުބޫރެވެ. އަސައްދެވެ.]
[އެކަމަކު މާމައަށް އިޙްތިރާމުކުރަން ޖެހޭނެ ނޫންހެއްޔެވެ؟]
[ހައިރާން ވެއްޖައީމެވެ. އަހަރެން ދާންއުޅޭތީ އެންމެން އެވަރަށް ދެކޮޅުހަދަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންދަނީ ޔޫރަޕަށެވެ. ޖަހަންނަމައަކަށް ނޫނެވެ. ބުނެބަލާށެވެ. ރަށުން ބޭރަށް ދިޔުމަކީ ކުށެއް ހެއްޔެވެ؟ ގޭގެ ކޮންމެ ފަރުދަކު، ހިލިހިލާ ބޮޅުފައްޗެއް ފަދައިން، އަހަރެން ކަސްތަޅުއަޅަން އެއުޅެނީ ކީއްވެގެން ހެއްޔެވެ.] ރީޙާން ކުޑަކޮށް ނުރުހުންވިއެވެ.
[ރަށުންބޭރަށް ދިއުމަކީ ކުށެއް ނޫނެވެ.]
[ވީއިރު، އެންމެން އެންމެނަށް އެހާ ކަންތައްގަނޑު ބޮޑުކޮށްލައިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ހީވަނީ، އަހަރެން ބޮޑު ފާފައެއް ކުރަންއުޅޭތީ އެންމެން ބިރުން ތެޅިފޮޅޭހެންނެވެ.]
[ތިޔަހެނެއްވެސް ނޫނެވެ.] އަސައްދު ބުންޏެވެ.
[ދެން ކީއްވެގެން ހެއްޔެވެ؟]
[ޕާޓީ ބާއްވާ ދުވަސް އަންނަންދެން ކަލޭ ބަހައްޓަން އެމީހުން ބޭނުންވަނީއެވެ.]
[އަހަރެން ހުންނާކަށް ބޭނުމެއް ނޫނެވެ.] ފޫހިގޮތަކަށް ރީޙާން ބުންޏެވެ.
[ކުޑަކޮށް ވިސްނާލަބަލާށެވެ. ރީޙާނެވެ.]
[ވަރަށް ބޮޑަށް ވިސްނައިފީމެވެ.]
ރީޙާން ސިނގިރެޓެއް ރޯކޮށްލައިފިއެވެ. އޭނާ މިއަދު ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ހެނދުނު ހެނދުނާ މާމައާވެސް ދެބަސްވިއެވެ. ވާނީވެސް އެހެންނެވެ. އެފަދަ މިޒާޖެއް ލިބިފައިވާ ޒުވާނަކު ކުރަންއުޅޭ ކަމަކަށް އެއްވެސް މީހަކު ހުރަސްއަޅައިފިނަމަ، އެމީހަކުދެކެ ރުޅިއައުމަކީ ޠަބީޢީ ކަމެކެވެ. މާމަގެ ހެޔޮ ނަސޭހަތަކީވެސް ލިބުނު އުނދަގުލެއް ކަމުގައި ރީޙާނަށް ވިސްނުނީ އެހެންވެގެންނެވެ.
ދެމީހުން އިރުކޮޅެއްވަންދެން ސިނގިރެޓު ބޯން ހިމޭނުން ތިއްބެވެ. ރީޙާން ހުރީ ކުޑަދޮރުގެ ކައިރީގައި، ކޮޅަށެވެ. އަސައްދު އިނީ މޭޒުކައިރީގައިހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ.
[ކަލޭގެ ތިޔަ ގޮތްދޫނުކުރުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟] އަސައްދު ސިނގިރެޓުން އަޅި ކަނޑާލަމުން ސުވާލު ކޮށްލިއެވެ.
[ތިޔަވާހަކަ ބުނެދެވޭކަށް އަހަރެންނަކަށް ނެތެވެ.] ސިނގިރެޓުގެ ދުންތައް، ވަށްބޮޅުތަކެއްގެ ސިފައިގައި ކުޑަދޮރުން ބޭރަށް ފޮނުވާލަމުން ރީޙާން ބުންޏެވެ.
[އަމުދަކުން އަހަރެންނަށް އެނގެއެވެ.]
[ވީއިރު، ތިޔަ ސުވާލުކުރަނީ ކީއްވެގެން ހެއްޔެވެ؟]
[އެއީ ވުންއެކަށީގެންވާ ކަމެއްކަމުގައި ހީނުވާތީ އަހާލެވެނީއެވެ.]
[އެކަށީގެންނުވާ ކަމެއްވެއްޖެނަމަ، އެކަމެއް އޮންނާނީ އޭގެ އިންތިހާއަށް ގޮސްފައެވެ.] ރީޙާން އިޢްތިރާފުވިއެވެ.
[ތިޔަ ބުނީ ހަމަތެދެއް ހެއްޔެވެ؟]
[އާއެކެވެ.]
[އެއް އިންތިހާއަކުން އަނެއް އިންތިހާއެއް އުފަންވީ ހެއްޔެވެ؟]
[އެއްބަސްވުމަކަށް އަހަރެން ފަހެއް ނުޖެހެމެވެ.]
އަސައްދު ކަޅިޖަހާނުލައި ރީޙާނުގެ މޫނަށް ބަލަމުން ދިޔައިރު، އޭނާ ފަރުވާކުޑަ ގޮތަކަށް ސިނގިރެޓު ބޮމުން ގެންދިޔައެވެ. ކޮންމެއަކަސް އޭނާގެ އެ އިޢްތިރާފުގެ ސަބަބުން، އަސައްދުގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމަކާއި އުފަލެއް ލިބުނެވެ.
[އަހަރެންނަށްވެސް ތިޔަކަން އެނގެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކަލެއާއި ޞާޢިޤާ….]
[ޞާޢިޤާ…. އަސައްދެވެ. ޞާޢިޤާ އަހަރެންގެ ރޫޙާ ގުޅެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.] ރީޙާން ފުން ނޭވައެއްލަމުން، އަތުގައި އޮތް ސިނގިރެޓުބުރި ކުޑަދޮރުން ބޭރަށް އެއްލާލައިފިއެވެ.
[ކަލޭ ތިޔަ މަސައްކަތްކުރީ އަހަރެންގެ ހިތުގެ މި ބޮޑު ސިއްރު އޮޅުންފިލުވަން ނޫންހެއްޔެވެ؟]
[ނޫނެކެވެ. ތިޔައީއަކީ އަހަރެންނަކަށް އާ ސިއްރެއް ނޫނެވެ.]
[ވީއިރު، ކަލޭ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟]
[އަހަރެން ބޭނުންވަނީ ތިޔަކަން ތިޔަގޮތަށް ހަމަޖެހިފައިވާއިރު، ކަލޭ ހާސްވެ ކަންބޮޑުވާންޖެހޭ ސަބަބެއް އޮޅުންފިލުވުމަށެވެ.]
[އަސައްދެވެ. އަހަރެންގެ ނިދާފައިވާ ޖަޒްބާތުތައް ހޭލީ ކޮންއިރަކު، ކީއްވެގެންކަމެއް ނޭނގެއެވެ. ކޮންމެއަކަސް އޭނާއާނުލައި އަހަރެންނަށް ދިރިނުހުރެވޭނެކަން ޔަގީނެވެ.] ރީޙާން ތިރީ ތުންފަތުގައި ދައިގަނެގެން އޭނާގެ ޒަޚަމްވެފައިވާ ހިތުގެ ރިހުން، އަސައްދަށް ސިއްރުކުރަން މަސައްކަތް ކުރިއެވެ. [އަހަރެންގެ މި އިންތިހާދަރަޖައިގެ ލޯބީގެ ބަދަލުގައި، ހަމަ އެފަދަ ލޯތްބެއް ލިބުމަށް އަހަރެން އެދެމެވެ.]
[ތިޔައީ ފިޠްރީ ކަމެކެވެ.]
[އެކަމަކު އަސައްދެވެ. އޭނާ އަހަރެންދެކެ އިންތިހާދަރަޖައަށް ނަފްރަތު ކުރެއެވެ. އޭނާގެ ހިތުގައި އަހަރެންނަށްޓަކައި ކުޑަވެސް މަގާމެއްނެތެވެ. އެންމެ ކުޑަމިނުން އަހަރެން ފެންނަހިސާބުގައި ހުރުމަކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އަދިވެސް އިތުރަށް އޮޅުންފިލުވަން ބޭނުންވާ މަޢްލޫމާތެއް އެބައޮތްހެއްޔެވެ؟[ ރިހުން އެކުލެވިފައިވާ އަޑަކުން ރީޙާން ބުންޏެވެ.
[ތިޔައީ ދޮގެކެވެ. ކަލޭދެކެ ޞާޢިޤާ ނަފްރަތެއް ނުވާނެއެވެ.] އަސައްދު ބުންޏެވެ.
[ތިޔަގޮތަށް އަހަރެންގެ ހިތްހަމަޖައްސައިދޭން މަސައްކަތް ނުކުރާށެވެ.]
[ކަލެއާ ދިމާއަށް އޭނާ އެއްޗެއް ބުނީހެއްޔެވެ؟]
[އާއެކެވެ. އޭނާގެ ކޮޓަރިއަށް އަހަރެން ވަނުމުން ކޮއްޕާ ބޭރަށްލީއެވެ. އެންމެ ކުޑަމިނުން އަހަރެންގެ ސޫރަ ދެކެލާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އެއީ އަހަރެންކުރި ކުށުގެ ޖަޒާއެވެ.] ރީޙާން ކުޑަދޮރުގައި ލެނގިލާފައި ދެލޯ މަރާލިއެވެ. [އެންމެފަހަރަކު ނަމަވެސް، އޭނާ އަހަރެންނަށް މާފުކުރާނެނަމަ ކޮންފަދަ ރަނގަޅުހެއްޔެވެ؟ އޭރުން އަހަރެންގެ ނާކާމިޔާބީއަށްޓަކައި މިހާބޮޑަށް ހިތާމަކުރާކަށް ނުޖެހުނީހެވެ. އޭނާ މާފުކުރޭތޯ މަސައްކަތް ކޮށްކޮށް އަހަރެން ވަރުބަލިވެއްޖެއެވެ. ދެން އިތުރަށް އުންމީދުކުރާހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތެވެ. އަސައްދެވެ. ބުނެބަލާށެވެ. މި ޙާލުގައި އަހަރެންނަށް މިތަނުގައި ހުރެވިދާނެ ހެއްޔެވެ؟ ހަފަރާތުގައި ރޯވެފައިވާ އަލިފާންގަނޑެއްގެ މެދުގައި ކެތްކުރެވިދާނެ ހެއްޔެވެ؟]
[ދުރަށް ދިއުމުން ކަލެއަށް ހަމަޖެހުމެއް ލިބިދާނެ ކަމުގައި ހީކުރަނީހެއްޔެވެ؟] އަސައްދު އެހިއެވެ.
[ތިޔައެއް އަހަރެންނަކަށް ނޭނގެއެވެ.]
[ދުނިޔޭގެ ކޮންމެ ތަނެއްގައި އުޅުނަސް، ޒަޚަމްވެފައިވާ ހިތެއްގެ ރިހުމަކަށް ލުޔެއް ނުލިބޭނެއެވެ.]
[ލުޔެއް ނުލިބުނަކަސް، އިތުރު ޒަޚަމެއް ނުވާނެ ނޫންހެއްޔެވެ؟ އަދި މިތަނުން ދިޔައިމާ ކަލޭފަދަ ރަޙްމަތްތެރިންގެ ކިބައިންވެސް ސަލާމަތްކަން ލިބޭނެ ނޫންހެއްޔެވެ؟ ކަލޭވެސް އަހަރެންނަށް ޝިފާއެއް ހޯދައިދިނުމުގެ ބަދަލުގައި، އިތުރު އަނިޔާތައް ދެމުންގެންދަނީއެވެ.
އަސައްދާއި ރީޙާން ވަރަށް ގިނައިރުވަންދެން އެ މައްސަލައިގައި ވާހަކަދައްކައި ބަހުސްކުރަން ތިއްބެވެ. ނަމަވެސް، އެމީހުންނަކަށް ނަތީޖާއަކާ ހަމައަކަށް ނުދެވުނެވެ.