ޒަޚަމް – ޗެޕްޓަރ 22

[ދަރިފުޅު ދެނަހުރީމު ހެއްޔެވެ. ރޭއްސުރެ ފެށިގެން މިގޭގައި ވަރަށް ވަރުގަދަ އަރާރުންގަނޑެއް އެބަހިނގައެވެ.] ޞާޢިޤާގެ ދޯޕައްޓާއެއްގައި ރޭނދާ އެޅުމަށްޓަކައި ދޫލަމަތީގައި އިށީންނަމުން އާޔާ ބުންޏެވެ.

[ކޮންކަހަލަ އަރާރުމެއް ހެއްޔެވެ؟] ކުޑަދޮރުގެ ކައިރީގައި ބޭރު ބަލަންހުރި ޞާޢިޤާ އެނބުރިވެސް ނުލައި ބުންޏެވެ.

[ރީޙާން ޔޫރަޕަށް ދާންއުޅޭތީއެވެ.] ތިނޯހަށް ރޮދިލައްވަމުން އާޔާ ބުންޏެވެ.

[ހޫނ….] ޞާޢިޤާ މިހެން ބުނެލާފައި އެނބުރި އާޔާއާ ދިމާއަށް ބަލައިލިއެވެ. އޭރު އޭނާ ހުރީ ކަންބޮޑުވެފައިކަން، އާޔާއަށް އެނގުނެވެ. އަދި އެކަމުގެ ސަބަބުވެސް އޭނާއަށް ވިސްނުނެވެ. އެފަހަރު ޞާޢިޤާގެ ކޮޓަރިއަށް ރީޙާން އައިގޮތާއި، މާޔޫސްވެގެން އެނބުރިދިޔަ މަންޒަރާ، އާޔާއަށް އޮތީ ފެނިފައެވެ. ވީމާ، އާޔާގެ ދުރުވިސްނޭ ސިކުނޑިއަށް އެހުރިހާކަމެއް ތަޞައްވުރު ކުރެވޭކަށް މާއުނދަގުލެއް ނުވިއެވެ. ކުރީގައި ރީޙާނުގެ ޢަމަލުތައް ހުރިގޮތުން، އެ ދެމެދުގައި އުފެދިފައިވާ ކުށް ހީއެއްގެ ސަބަބުން އޭގެ ދެކުދިން ދުރުކޮށްފައިވާ މިންވަރުވެސް އާޔާއަށް އެނގެއެވެ. ނަމަވެސް، މިހާރު ރީޙާނުގެ ކުއްލި ބަދަލުވުމާއި، އެ ހަމްދަރުދީއާއި އިޚްލާޞްތެރިކަމުގެ ސަބަބުން، އާޔާއަށް ވަނީ މުޅިން ތަފާތު ޔަގީންކަމެއް ލިބިފައެވެ.

[ރީޙާން އެނބުރި ދުރުވެއްޖެއެވެ.] މާނޫންގޮތަކަށް އާޔާ ބުނެލިއެވެ.

[ދެނަހުރީމެވެ.] ޞާޢިޤާ މަޑުމަޑުން ބުނެލިއެވެ.

[އަރާރުންގަނޑު ފެށުނީ އޭނާގެ ސަބަބުންނެވެ.]

[ތިޔަ ބުނިއެއްޗެއް އަހަންނަކަށް ނުވިސްނުނެވެ.]

[ރީޙާން ޔޫރަޕަށް ދާންއުޅެނީއެވެ.] ޞާޢިޤާ ވަކިއެއްޗެއް ނުބުނެ، އާޔާގެ މޫނަށް ބަލަން ހުއްޓެވެ. [އެކަމާ ބޮޑު ބޭގަމް ސާހިބާ އިންނެވީ ރުޅިދުރުވެފައެވެ. ގޭގެ އެހެންމީހުންވެސް ދެކޮޅެވެ. އެކަމަކު ރީޙާން ދުލެއް ނުކުރެއެވެ. ރޭގައި ރީޙާން ރުޅިއައިސްފައި ހުރިވަރުން، މާމަގެ މޫނުމަތީގައިވެސް ޒުވާބު ކުރިއެވެ. މިހާރަކަށްއައިސް ސާހިބުޒާދާއަށް ވެގެންއުޅޭގޮތެއް ނޭނގެއެވެ.] ދޯޕައްޓާގައި ރޭނދާގަނޑު ހަރުކުރަމުން އާޔާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

[އޭނާ އެދުރުވީ ޢާޞިމްއާބާދުގައި ތިންހަފްތާ ވަންދެން ހުންނަވާފައެވެ. އެކަމަކު މިހާރު އަނެއްކާ ޔޫރަޕަށް ދުރުވަންވެގެން ހީވަނީ އެހެންކަމެއް ހެންނެވެ. އެއްވެސްމީހަކު ބުނާއެއްޗެއް ގަބޫލެއް ނުކުރައްވައެވެ. މާމަވެސް ވަރަށް ބޮޑަށް ނަސޭހަތް ދެއްވައިފިއެވެ. އެކަމަކު ގަބޫލެއް ނުކުރެއްވެވިއެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމުގެ އަސަރެއް ނުފެނެއެވެ. ހީވަނީ، ލޫޓުވާލެވިފައިހުރި ނިކަމެތި އިންސާނެއް ހެންނެވެ. އެއީ ކުރީގެ ރީޙާނޭ ބުނާހާވެސް ނުވެއެވެ.

[ހިމޭންވާށެވެ. އާޔާއެވެ.] ޞާޢިޤާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރެމުން ބުންޏެވެ.

[ވީކީއްހެއްޔެވެ. ދަރިފުޅާއެވެ.] ދޯޕައްޓާގައި ތިނޯސް ޖަހާފައި ވަށިގަނޑުގެ ތެރޭގައި ބޭއްވުމަށްފަހު، އެ ވަށިގަނޑު އެއްފަރާތް ކޮށްލަމުން އާޔާ ތެދުވެ ހިންދެމިލައިފިއެވެ.

[ޞާޢިޤާ ދަރިފުޅާއެވެ.] ކުޑަދޮރުގެ ތިރީ އޮޅީގައި ދެއަތް އަޅުވާލައިގެން، ބޭރު ބަލަންހުރި ޞާޢިޤާއަށް އާޔާ ގޮވާލިއެވެ.

[ވީކީއްހެއްޔެވެ؟ އާޔާއެވެ.]

[ޠަބީޢަތް ރަނގަޅުހެއްޔެވެ؟]

[އާއެކެވެ.]

[މާމަޑުމަޑުން ތިޔަ ހުންނަނީ ކީއްވެފައި ހެއްޔެވެ؟]

[އާޔާއެވެ. އަހަރެން ބިރުގަންނަނީއެވެ.] ޞާޢިޤާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

[ޞާޢިޤާއެވެ. ވާހަކައެއް އަހަންހެއްޔެވެ؟]

[ކޮންވާހަކައެއް ހެއްޔެވެ.] އާޔާއާ ދިމާއަށް ޞާޢިޤާ ބަލައިލިއެވެ.

[ރީޙާން ޔޫރަޕަށް ދުރުވަން އެއުޅުއްވަނީ ކީއްވެގެން ހެއްޔެވެ؟]

[ރީޙާން….] ޞާޢިޤާ ކަންބޮޑު ވެއްޖެއެވެ.

[އޭނާ ދުރުވަނީ ކީއްވެގެން ހެއްޔެވެ؟] އަނެއްކާވެސް އާޔާގެ ސުވާލު ތަކުރާރު ކޮށްލިއެވެ.

[އަހަންނަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟] އެނގިހުރެމެ، ޞާޢިޤާ ކަނޑައެޅިގެން ދޮގެއް ހަދާލިއެވެ.

[ކަލެއަށް އެނގޭނެއެވެ.]

[ނޫނެކެވެ. ނޫނެކެވެ. އަހަންނަކަށް ނޭނގެއެވެ. އެއްގޮތަކަށްވެސް ނޭނގެއެވެ.]

[އަހަރެން ބުނަންހެއްޔެވެ؟] ކެރޭ ލީޑަރަކު ފަދައިން އާޔާ ބުނެލިއެވެ.

[ނޫނެކެވެ. ބުނާނެކަމެއް ނެތެވެ….] ޞާޢިޤާ ފުންމައިގެންގޮސް އާޔާގެ ގައިގައި އޮޅުލައިގެންފިއެވެ. އޭނާގެ އެ ހަރަކާތުގެ ސަބަބުން، އާޔާއަށް ވަރަށްބޮޑު އެއްޗެއް ވިސްނުނެވެ.

[އަހަރެންގެ ދަރިފުޅާއެވެ.] ލޯތްބާ އެކުގައި ޞާޢިޤާގެ ބުރިކަށީގައި އާޔާ ފިރުމާލިއެވެ. [ކުށްހީ، ބައެއްފަހަރު އަބަދީ ވަކިވުމެއްގެ ސިފަ ގެނެސްފާނެއެވެ.] ވަރަށް ބޮޑަށް ވިސްނާފައި އާޔާ ބުންޏެވެ.

[އާޔާއެވެ. ތިޔަ ކިޔަނީ ކީކޭހެއްޔެވެ؟] އާޔާއާ ހަތަރުކަޅި ހަމަކޮށްލަމުން ޞާޢިޤާ ބުންޏެވެ.

[އަހަރެން މިބުނަނީ ހަމަ ތެދެކެވެ.] ބުރުގާއިން ދެލޯ ފޮހެލަމުން އާޔާ ބުންޏެވެ. [ކުށްހީއަކީ ނުބައި ބަލާއެކެވެ. ދަރިފުޅާއެވެ.]

[ކަލޭ ބުނަން ތިޔައުޅެނީ ކީކޭހެއްޔެވެ؟]

[ބުއްދިވެރިންނަށް އިޝާރާތަކުން ފުދޭނެއެވެ. ދަރިފުޅަކީ އާދަޔާ ޚިލާފު ބުއްދިވެރި ކުއްޖެކެވެ.]

[ކަލޭގެ މަޠްލަބަކީ ކޮބައިހެއްޔެވެ؟]

[އަހަރެން މިބުނާ އެއްޗެއް ކަލެއަށް ހަމަރަނގަޅަށް އެނގޭނެއެވެ.]

[އާޔާއެވެ. އަނގަ ނުތަޅާށެވެ.]

[ކީއްވެގެން ހެއްޔެވެ؟ ކަލޭ އުފަލުގައި އުޅޭތަން ދެކެން އަހަރެން ބޭނުމެވެ.]

[އުފެއްދެވުމުގައިވެސް ބަދުނަސީބުވެރިއެއްގެ ފަރާތުން ތިޔަފަދަ ކަމަކަށް ނޭދޭށެވެ.] ޞާޢިޤާ ހިތާމަވެރި އަޑަކުން ބުންޏެވެ.

[ތަޤްދީރުގެ ނިޔާ، ކަލޭގެ ވަހުމްތަކަށް ނަޒުރު ނުކުރާށެވެ.] އާޔާ ބުންޏެވެ.

[ޙަޤީޤަތް ދެނެގެންބަލާށެވެ. އެކަށީގެންނުވާ ކަންތަކާ ޚިޔާލު ކުރުމަކީ، ފުރާނައަށްވެސް ގެއްލުންވެދާނެ ކަމެކެވެ.]

[ކަލެއަކީ މޮޔަކުއްޖެކެވެ.]

[ތިޔައީވެސް ކަލެއަށް ކުރެވޭ ކުށް ހީއެކެވެ. އާޔާއެވެ.]

[އަހަންނަށް އެއްވެސް އެއްޗެއް ނޭނގޭކަމުގައި ހީނުކުރާށެވެ. ރީޙާން ދާންއެއުޅެނީ ކަލޭ ކަންތައް ކުރިގޮތުން މާޔޫސްވެގެންނެވެ. އެއްގޮތަކަށްވެސް އޭނާ ދިޔަނުދޭށެވެ. ޞާޢިޤާއެވެ. އެހެންނޫނީ، ފާއިތުވެގެން ހިނގައްޖެ ވަގުތެއް އެނބުރިއެއް ނާންނާނެއެވެ.] [އޭނާ ދިޔަނުދޭން އަހަރެން ކުރާނީ ކީއްހެއްޔެވެ؟] ޞާޢިޤާއަށް ރޮވިއްޖެއެވެ.

[އޭނާ ޢާޞިމްއާބާދަށް ދުރުވީވެސް އެދުވަހު ކަލޭ އޭނާ ދެރަކޮށްލީމައެވެ. އަދި މިހާރު އެމެރިކާއަށް ދުރުވަން އެއުޅުއްވަވަނީވެސް އެހެންވެގެންނެވެ.] ޞާޢިޤާ އިސްދަށަށް ޖަހާލައިގެންހުރެ ކަރުނަ އޮއްސަމުން ގެންދެއެވެ. [އެއްވެސްކަމެއް އަދި ގޯހެއް ނުވެއެވެ. ޙާލަތުގެ މައްޗަށް ބާރު ހިންގިދާނެއެވެ. ކަލެއަށް އޭނާގެ ދަތުރު ހުއްޓުވިދާނެއެވެ. އޭރުން ހުރިހާކަމެއް ރަނގަޅުވެދާނެއެވެ.]

[އާޔާއެވެ. ރީޙާނުގެ ޚިޔާލު ހުންނަގޮތް ކަލެއަށްވެސް ނޭނގިއެއް ނުހުންނާނެއެވެ. އަހަންނަކީ ހިލަގަނޑެއް ކަމުގައި އަބަދުވެސް އޭނާ ހީކުރެއެވެ. އަހަންނަށް ހީވާގޮތުން، މިހާރުވެސް އޭނާ އެކުރަނީ ކޮންމެވެސް ވަރުގަދަ ސަމާސާއެކެވެ. އެހެންނޫނީ، މަޖާ ކުޅިގަނޑެއް ރާވަނީއެވެ.] ޞާޢިޤާ އެހެން ބުނިނަމަވެސް، އެ ޖުމުލައަކީ ދޮގެއް ކަމުގައި ޚުދު އޭނާއަށްވެސް އިޙްސާސް ކުރެވުނެވެ.

[މިހާރުވެސް ކަލޭ ތިޔަކުރަނީ ކުށް ހީއެކެވެ. އެކަކުވެސް އަބަދަކު ސަމާސާއެއް ނުކުރާނެއެވެ. އަދި އެއީ ކުޅިވަރެއްނަމަ، އެހާގިނަދުވަހަކު ދެމިއެއް ނޯންނާނެއެވެ. ޝައްކެއްނެތެވެ. އެއީ އޭނާގެ ދިރިއުޅުމުގެ އެންމެބޮޑު ޙަޤީޤަތެވެ.]

[ކަލޭ ތިޔަހެން ތިޔަ ބުނަނީ ކީއްވެގެން ހެއްޔެވެ؟]

[ރީޙާނުގެ މޫނުމަތިން ފެންނަ ހިތާމަވެރި އަސަރުތަކާއި ދެލޮލުގެ ވީރާނާކަމާއި، ޠަބީޢަތުގެ ހަމަހިމޭންކަން އެއީ ޙަޤީޤަތެއްކަން ބަޔާންކޮށްދެއެވެ.]

[އާޔާއެވެ.] ޞާޢިޤާ ބާރަށް ރޮއިގެންފައި، އާޔާގެ ގައިގައި އޮޅުލައިގެންފިއެވެ.

[ކުށްހީގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެއެވެ. އޭނާ މިތަނުން ދިޔަދީފިނަމަ، އޭނާ މޮޔަވެސް ވެދާނެއެވެ. އަދި އޭނާގެ ހިތުގެ މަންޒިލާ ދުރުކޮށްލައިފިނަމަ، ދިރިއުޅުންދެކެ ފޫހިވެދާނެއެވެ.]

[ތިޔައީ ޙަޤީޤަތެއްކަން އަހަންނަށް ގަބޫލު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟]

[ރީޙާނުގެ ލޮލުން ފެންނަން އެހުންނަ ހިތާމައިގެ އަސަރުތައް، ޔަގީންކަމުގެ ހެތްކަކަށް ފުދެއެވެ.]

[އެކަން އަހަރެންނަށް ޔަގީންކޮށް ނުދޭށެވެ. ދުނިޔެއަށް އައިއިރުވެސް އަހަންނަކީ ބަދުނަސީބު ވެރިއަކީމެވެ. ވީއިރު، އެފަދަ ނަސީބުކުޑަ މީހެއްގެ ޙަޔާތުގައި އުޖާލާކަމެއް އުފެދޭނީ ކިހިނަކުން ހެއްޔެވެ؟]

[ވަރަށް ގިނަފަހަރު ވިއްސާރަ ވިލާތައް ކެހިގެން ގޮސްފައި، އިރުގެ ދޯދިތަކުން ދުނިޔެއަށް އަލިކޮށްދެއެވެ. މިގޮތުން ތަޤްދީރުގެ ނިޔާއަށް ބާރުފޯރުވޭނެ މީހަކު ނުހުންނާނެއެވެ.]

[ހަމަތެދެއް ހެއްޔެވެ؟]

[އާއެކެވެ. އަހަރެންގެ ދަރިފުޅާއެވެ. ހަމަތެދެކެވެ.]

އަނެއްކާވެސް އާޔާގެ ގައިގައި ޞާޢިޤާ ބާރަށް އޮޅުލައިގެންފިއެވެ. އޭނާ އަދިވެސް ހުރީ ޝައްކާއި ޔަގީންކަމުގެ ނުއަތު އޮއިވަރެއްގައި ހައްޔަރުވެފައެވެ. ވީމާ، އާޔާ ނުހަނު އިޚްލާޞްތެރިކަމާއެކު ވާހަކަދައްކައި ހެޔޮ ނަސޭހަތްދީގެން އޭނާގެ ހިތްހަމަޖައްސައިދީ، ހިތްވަރު ދިނުމުގެ ގޮތުން މަސައްކަތް ކުރަމުން ގެންދިޔައެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.