ސަލާހުއްދީން އައްޔޫބީގެ މަތިވެރި ޖިހާދުގެ ސިލްސިލާގެ ތެރެއިން – ޗެޕްޓަރ 17

ރޮބިންގެ ތަންމަތިން ތެދުވެގެންގޮސް ފޭލިގޭގެ ފަރުދާ ހިއްލާލާފައި ބޭރު ބަލާލައިފިއެވެ. އަދިރީގެ ތެރެއިން އެއްވެސް އެއްޗެއް ނުފެނުމުން އޭނާ ބޭރަށް ނިކުމެއްޖެއެވެ. – ތަންކޮޅަކަށް ޖެހިލާފައި ފޭލިގޭގެ ނިވަލަށް ވަދެ ފޯރީއަށްހުރި ސިފައިންގެ މީހާ ކޮބައިތޯ ބަލާލައިފިއެވެ. އެއިން ހިސާބަކުން މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ތަންކޮޅެއް ދުރުން މީހަކު ތުމުން ފުމޭއަޑު އިވެއެވެ. އެއީ ފޯރީ މީހާކަމަށްވެސް ވެދާނެއެވެ. މޫބީ ރަގަޅަށް ބަލާހިތްހަމަ ޖެއްސުމަށްފަހުގައި ހިލަފުނިތަކާއި ގަސްތަކުގެ ނިވަލުން ހިގައިގެންފިއެވެ. ފަސްއެބުރި ބަލަމުންގޮސް އެއްކަލަ ބޮޑު ފަސްފުންޏާއިހަމައަށް ހިގާފާ ފޭލިގެއާއި ދިމާއަށް އަބުރާލައިފިއެވެ. މަގުގެ ދެބައިކުޅަ އެއްބަޔަށް ހިގިތަނާ ވައިއަޑުން ދެމީހަކު ވާހަކަ ދައްކާ އަޑު އިވިއްޖެއެވެ. އެއަޑު އަންނަނީ މޫބީމެން ތިބޭ ފޭލިގެއާއި ހިސާބުންނެވެ. އެތަނުން އަންހެން ކުއްޖަކު މަދުވެއްޖެކަން ފޯރީ މީހުންނަށް އެގުނީ ކަންނޭގެއެވެ. އެހެންވެގެން ދެންތިބި ފޯރީ މީހުން ނުވަތަ ފޯރީ މީހުންގެ ކޮމާންޑަރު އެތަނަށް ގެނެސްގެން އެ އުޅެނީ ކަންނޭގެއެވެ. މޫބީ ވިސްނާލާފައި އެމީހުންގެ ފޭލިގެއާއި ދޮޅުމޭލެއް ހިސާބު ދުރުގައި ހުރި ފޭލިގޭގައި ހައްޔަރުކޮށްފާ ތިބި މޫބީގެ އެކުވެރިންގެ ގާތަށް ދިއުމަށް ޤަސްތު ކުރިއެވެ. ނަމަވެސް އެގޮތަށް އޭނާ ގެއްލުމުން ދެންތިބި އަންހެން ކުދިންނަށް މުސީބާތެއް ޖެހޭނެކަން އެގޭތީ ހަދާނޭ ގޮތަކާއި ދޭތެރޭ ވިސްނާލިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ ފޭލިގެއިން ނިކުތީތީ ހުރިހާ އަންހެން ކުދިން ކުރިއަށްވުރެ މާބޮޑަށް ބަލަހައްޓާނެއެވެ. ވީމާ ފޭލިގެއަށް ދިއުން ނޫން އެހެން ގޮތެއް އޭނާއަކަށް ނެތެވެ. ވީމާ ކުރިން ދެންނެވި ދެމީހުން ދައްކާ ވާހަކަ އަޑު އަޑުއިވޭތޯ ކުރިއަށް ހިގާލިއެވެ. ސިސިލިބަސް ފިޔަވާ އެހެން ބަހެއް ނޭގޭ ކަމަށް ހަދައިގެން އުޅުނަސް އެހުރިހާ ކުދިންނަށްވެސް ޢަރަބިބަސް ރަގަޅަށް އެގެއެވެ.

މޫބީ ހިގައިގެންތަނާ އޭގެ ދެމީހުން ވާހަކަ ދެއްކުން ހުއްޓާލައިފިއެވެ. ދެންވެސް އޭނާ ހިގުން ހުއްޓައެއް ނުލައެވެ. އެދިޔަގޮތަށް ކުރިއަށް ދަނިކޮށް ގަސްތަކުގެ ތެރެއިން ކަޅުހިންޔެއް ފެނިގެން ކުޑަކޮށް މަޑުކޮށްލާފައި އައިކޮޅަށް އަބުރާލައިފިއެވެ. އެއްވެސް ކަހަލަ ނުރައްކަލަކާއި ކުރިމަތިލާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނުވެއެވެ. ވީމާ، މީހަކު އަޔަސް ނުފެންނާނޭ ގޮތުން ކައިރީގައިހުރު އުސް ފަސް ފުންޏެއްގެ މައްޗަށް އަރަން ފަށައިފިއެވެ. އެއީ އާދަޔާހާ ޚިލާފަށް ހުޝިޔާރު އަންހެން ކުއްޖެއް ކަމުން ބަސް ބުނާހާ ކުޑަ ހިދުކޮޅެއްގެ ތެރޭގައި އޭނާ ފަސްފުންޏަށް އަރައިގެންގޮސް ފަސްފުނީގެ އެންމެ މަތީގައި ހުއްޓިއްޖެއެވެ. ކިތަންމެ ބުއްދިވެރިއަކަސް އަތްދަށުން ކަމެއް ދޫވެގެން ހިގައިދާނެއެވެ. މިގޮތުން ތަރިތަކުގެ އަލި އެޅިފައިވާފަސް ފުނީގެ ކުރީގައި ހުއްޓި ހުރެވުނުކަން އެއީ އޭނާއަށް ކުރެވުނު ވަރަށް ބޮޑު މޮޔަކަމެއްކަމުގައި ވިއެވެ. އޭނާ އެތަނުގައި ހުއްޓާ ފޯރީ މީހުންގެ ކޮމާންޑަރަށް ފެނިއްޖެއެވެ. ފޯރީ ބަދަލުވާ ގަޑީގައި ސިފައިންގެ މީހުން ކަންތައް ކުރާނުކުރާ ގޮތް ބެލުމަކީ ކޮމާންޑަރުގެ އާދައެވެ. މިރޭވެސް އެމީހުންގެ އާދައިގެ މަތިން ފޭލިގެތަކުގެ ކައިރިން ހިގާ އެތަން ތަނުގައި ކަންހިގާމަގު ބަލަމުން ގެންދިޔައެވެ. ޞަލާޙުއްދީން އައްޔޫބީ އެމަނިކުފާނުގެ ފޭލިގެ ކޮޅުގައި ވާހަކަފުޅު ދައްކަވަން އިންނަވާފާ ރޭދެބައިވުމުން ތެދުވިވެވަޑައިގެން ކޭމްޕްގައި ބުރުޖައްސަވާ ހާލްއަހްވާލް ބައްލަވާއިރު އެއްވެސް ކަމެއް ގޯސްކޮށް ހުރެއްޖެނަމަ ކޮމާންޑަރުންގެ ބޮލުގައި އެކަމުގެ ޒިންމާ އެޅަންޖެހޭނޭތީ ކުރީއްސުރެ ސަލާމަތީ ފިޔަވަޅު އެޅުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި އެމީހުންދެކެއެވެ. މިގޮތުން ނިކުމެ ނިކުމެ އުޅޭ ކޮމާންޑަރުންގެ ތެރެއިން މީހަކު ފެނުމުން މޫބީ ކަން ބޮޑު ވިއެވެ. ހޭވިފައި އޮތް އިސްތަށިގަޑު އަވަސް އަވަހަށް ރަގަޅުކޮށްލާފާ ފުރަގަހަށް އެއްލިއެވެ. ހިތްވަރުކޮށްގެން ހުރިނަމަވެސް އޭނާގެ މޫނުމައްޗާއި އޭނާލާ ނޭވާއުން އޭނާ ބިރުގެންފާހުރިކަން އެގެއެވެ.

ފަސްފުނިމަތީގައި ހުރި އަންހެންކުއްޖާ ފެނުމުން އެހާ އަވަހަށް ކޮމާންޑަރަށް ސަމާލުވެވުމުގެ އެންމެ ބޮޑު ސަބަބަކީ އެދުވަހުގެ ހަވީރު އެންމެން އެއްކުރައްވާފާ ޞަލާޙުއްދީން އައްޔޫބީ އެންގެވި އެންގެވުން އިވިފާ އޮތުން ކަމަށްވެސް ވެދާނެއެވެ. ޞަލީބީން ޖާސޫސްކުރުމަށާއި ކަންތައްތައް ހޯދުމަށް ތަޖުރިބާ ހުރި އަންހެން ކުދިން ބޭނުންކުރަން ފަށައިފިކަމަށާއި ޤަބީލާތަކުގެ ކުދިންގެ ސިފައިގާވެސް އެފަދަކުދިން ތިބެދާނޭކަމަށާއި ހައިހޫނުކަމުގައި ޖެހިގެން ސަލާމް ދޭން އަންނަ ކުދިބައެއްގެ ގޮތުގައި ކާއެތިކޮޅަކަށް އެދުމުގެ ބަހަނާގައިވެސް ކޭމްޕްތަކަށް އަތުވެދާނޭކަމަށާއި އަނިޔާލިބިގެން ހިމާޔަތަށް އެދިގެން އައި ބައެއްކަމުގައި ވެގެންވެސް އަތުވެދާނޭ ކަމަށް ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. މިއަދު އެމަނިކުފާނު ހިމާޔަތް ދެއްވި ހަތްއަންހެންކުދިންގެ ހާލާއިމެދު ހަމްދަރުދީ ވެވަޑައިގެންނެވި ނަމަވެސް އެކުދިންނަށް ހިމާޔަތް ދެއްވުމުގެ އެންމެ ބޮޑު ސިއްރަކީ އެކުދިންނާއި ދޭތެރޭގައި ޝައްކުކުރެވޭތީ ކަމަށްވެސް ކޮމާންޑަރުންގެ ގާތުގައި ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. އެމީހުންނަށް ވިސަނައިދެއްވުމުގެ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅި ހުއްޓާލެއްވުމުން މިހާރު ވެލިފުންޏާއި ދިމާއަށް އެދާ ކޮމާންޑަރުގެ ކައިރީގައިހުރި ސިފައިންގެ މީހެއްގެ ކަންފަތް ދޮށުގައި ބުންޏެވެ. “ އިރާދަކުރެއްވިއްޔާ އެވިދާޅުވި ކަހަލަ އަންހެން ކުއްޖަކު އަހަރެންގެ ކިބައިން ސަލާމަތްކަމަށް އެދޭނެއެވެ.“ މިހެން ބުނެފާ ކޮމާންޑަރު ހޭންފެށުމުން އަނެއްމީހާވެސް ހީގެންފިއެވެ.

ރޭދެބައިވެ ކޭމްޕްގެ އެންމެން ނިދާފައިހިލަވަޅު އޮބުނު ފަހުން ފަސްފުނި މަތިން ހިޔަންޏެއް ފެނުމުން އެއީ ފުރޭތައެއް ނުވަތަ ޖިންނިއެއް ކަމުގައި ހީކޮށް އެންމެ ފުރަތަމަ ކޮމާންޑަރު ބިރު ގަންނަގޮތްވިއެވެ. ނަމަވެސް އެދުވަހު ދުވާލު އެންމެން އެއްކުރައްވާފައި އެންގެވި އެންގެވުން ހަދާންވުމުން ފޯރީއަށް ތިބި ސިފައިންނަށް ގޮވައިގެން އަންހެންކުދިންގެ ފޭލިގޭގައި ހަތްކުދިން ތިބިތޯ ބެލިއެވެ. ފަރުދާ ހިއްލާލާފައި ގުނާލިއިރު ހަތްކުރިން ހަމައަށް ތިއްބާ ފެނުނެވެ. ފޭލިގޭގައި ދިއްލާފައި ހުރި ބައްތީގެ އަލި ރީތިކޮށް ތަންމަތިތަކަށް އެޅިފައި ހުއްޓެވެ. ފިނި މޫސުމްގެ ރެޔަކަށްވާތީ ހުރިހާ ކުދިންވެސް ތިބީ ރަޖާ އަޅައިގެންނެވެ. މިގޮތުން ލޮލަށް ފެނުނު އެއްޗަކާ ދޭތެރޭ ޔަގީންކޮށްގެން އެތެރެއަށް ވަދެ ނުބެލުމުގެ ސަބަބުން އެތަނުން އެއް ތަންމަތި ހުހަށް ހުރި ކަމެއް އެމީހުންނަކަށް ނޭގެއެވެ. ދިމާ ކުރިމަތީގައި އެހެރަފަސް ފުނިމަތިން އެފެނުނީ އޭގެތެރެއިން އަންހެން ކުއްޖެއްކަމެއް ކޮމާންޑަރުގެ ހިތަކަށް ނާރައެވެ. އޭނާ ބަލަންވީ ވަރަށް ބަލާފައިގޮސް ތަންކޮޅެއް ދުރުގައި ހުރެގެން އިރުކޮޅަކު ވިސްނާލިއެވެ. އެއަންހެން ކުއްޖާއަށް ގޮވާލާނީ ބާވެއޭ ނުވަތަ ކައިރިއަށް ގޮސް ބަލާލާނީ ބާވެއޭ ހިތަށްއަރައިގެން ފިކުރުކޮށްލިއެވެ. އެންމެ ފަހުން އޭނާއަށް ވިސްނުނު އެންމެ ރަގަޅު ގޮތެއްކަމަށް ފެނުނީ އެއީ ފުރޭތައެއް ނުވަތަ ޖިންނިއެއް ނަމަ އެތަނުގައި ހުރެލާފައި ދާނޭދިމާއަކަށް ގޮސްގެއްލެން ދެން އިންތިޒާރު ކުރުމެވެ.

ކޮމާންޑަރު ފަޚުރުލް މިސްރީ އިރުކޮޅެއްވަންދެން އިންތިޒާރު ކުރި އިރުވެސް އެއަންހެން ފުރޭތަ ނުވަތަ ޖިންނި އެތަނަކުން ދުރަކަށް ނުދިޔައެވެ. އެއްފަހަރު ދެފިޔަވަޅެއް ކުރިއަށް ޖެހިލާފައި އަނެއް ފަހަރު ފަހަތަށް ހިގާލާފައި މިކަހަލަ ގޮތަކަށް އުޅެންފަށައިފިއެވެ. އެގޮތަށް ހިޔަނި ހަރަކާތް ކުރަން ފެށުމުން ފަޚްރުލް މިސްރީ މަޑުމަޑުން ހިގާފައި ގޮސް ފަސްފުނީގެ ކައިރިއަށް ހުއްޓިއްޖެއެވެ.

”ކަލެއަކީ ކާކުހެއްޔެވެ؟ ތިރިއަށް ފައިބާށެވެ.“ ފަޙްރުލް މިސްރީ ގޮވާލިއެވެ.

އޭނާ މިހެން ގޮވާލި އަޑު އިވުމުން އަންހެން ކުއްޖާ ފުއްލާއެއް ފަދައިން ފުމެމުން ފަސްފުނީގެ އެފަރާތަށް ފައިބައިފިއެވެ. އެހާ ތަނުން އެއީ ރޫޙާނީ އެއްޗެއް ނޫންކަމާއި އެއީ އިންސާނެއްކަން ފަޚްރުލް މިސްރީއަށް ޔަޤީން ވެއްޖެއެވެ. – ދެން އޭނާ ބަލާކަށް ނުހުރެއެވެ. އަވަސް އަވަހަށް ފަސްފުނިމައްޗަށް އަރަން ފަށައިފިއެވެ. ފަޚްރުލް މިސްރީއަކީ ގައިގާވަރުހުރި ސިއްހަތު ރަގަޅު ފިރިހެނެކެވެ. ވުމާއެކު ބަސް ބުނާހާ ކުޑަ ހިދުކޮޅެއްގެ ތެރޭގައި އޭނާ ފަސްފުނި މައްޗަށް އަރައިފިއެވެ. ފަސްފުނީގެ ބިތްދޮށްފަރާތު ވަރަށް އަދިރިއެވެ. އެހެންކަމުން އޭނާއަކަށް މީހަކު ފެންނަ ގޮތެއް ނުވިއެވެ. ނަމަވެސް ދުވެފާދާ އަންހެން ކުއްޖާގެ ފިޔަވަޅުގެ އަޑު ވަރަށް ރީތިކޮށް އޭނާއަށް އިވިއިވި ހުއްޓެވެ. – ދެން އެއަޑު އިވޭ ދިމާ ފާހަގަކޮށްފާ ޗީތާއެއް ފަދައިން ފަސްފުނިން ފުންމާލައިގެން ދުއްވައިގެންފިއެވެ. ބޯކޮށް ގަސްހެދިފައިއޮތް އަޑި ގުޑަން ބިމުގައި އެތަކެއް ހިސާބަށް ދުވިއިރުވެސް ފަޚްރުލް މިސްރީ އަކަށް އެމީހަކު ނުފެނުނެވެ. ވީމާ އެހިސާބަށް ހުއްޓިފައި އޭނާ ވަށާލައިގެން ހޯދާލައިފިއެވެ. – އިރުކޮޅަކުން އަނެއްކާވެސް އޭނާގެ ކަނާތް ފަރާތުން ވަރަށް ފަހަތުން ދުވާ އަޑު އިވިއްޖެއެވެ. އޭނާ ހޯދަން އެ އުޅޭ އަންހެން ކުއްޖާއަކީ ތަރުބިއްޔަތު ދެވިފައިވާ ތަޖްރިބާ ހުރި އަންހެން ކުއްޖެކެވެ. އެކުދިންގެ ޒުވާން ކަމާއި ރީތިކަމުގެ ބޭނުން ހިފާނޭގޮތް ދަސްކޮށްދީފައިވާ ފަދައިން މިލިޓަރީ ތަމްރީނުވެސް އެކުދިންނަށް ދެވިފައިވެއެވެ. – ކަނޑި ހަންޖަރުން ހަގުރާމަ ކުރާނޭ ގޮތްވެސް ދަސްކޮށްދީފައި ވެއެވެ. މިގޮތުން ފުރިހަމައަށް ޓްރޭނިން ދެވިފައިވާ އަންހެން ކުއްޖާ ފަޚްރުލް މިސްރީއަށް ނުފެނި އެކު ގޮތްގޮތަށް ދުވަމުން ދިޔައެވެ. ފަޚްރުލް މިސްރީ ކުރިއަށް އަރައިފިނަމަ އަންހެން ކުއްޖާ ފަހަތަށް ގޮސް ގަސްތަކުގެ ނިވަލަށް ވަދެއެވެ. ފަޚްރުލް މިސްރީ ކަނާތް ފަރާތަށް ދުވާނަމަ އޭނާ ވާތް ފަރާތަށް ދުވެއެވެ.

މިއީ ފިލުމާއި ސަލާމަތް ވުމުގެ ފަހާ ދުވުމެކެވެ. – ރޭގަޑުގެ އަދިރިކަން ފަޚްރުލް މިސްރީއަށް އުދަގޫ ކުރެއެވެ. މޫބީގެ ފިޔަވަޅުގެ އަޑު ކެޑުމުން އޭނާ ހުއްޓެއެވެ. – ފިޔަވަޅުގެ އަޑުއިވެން ފެށުމުން އޭނާވެސް ދުއްވައިގަނެއެވެ. – އެގޮތަށް ދުވެދުވެ ފަޚްރުލް މިސްރީގެ ގާތަށް ރުޅިއަންނަ ގޮތްވާންފަށައިފިއެވެ. – އަދިވެސް އަންހެން ކުއްޖާ އަތުލައިގަނެވޭ ގޮތެއް ނުވެއެވެ. އެހާތަނަށް ކަންތައް ދިއުމުން  އެއީ ޒުވާން އަންހެން ކުއްޖެއްކަން ފަޚްރުލް މިސްރީއަށް ވިސްނިއްޖެއެވެ. – ހަމަކަށަވަރުންވެސް މުސްކުޅި އަންހެނެއްނަމަ އެހާ ބާރަށް އެހާ ގިނައިރު ނުދުވެވުނީހެވެ. – މިހާރުވެސް އެކުއްޖާގެ ފަހަތުން ދެ މޭލަށްވުރެ ދުރަށް އޭނާއަށް ދުވެވިއްޖެއެވެ. – އަޑިއުސް ބިންގަޑާއި ހެދިފައިހުރި ގަސްތަކުގެ ހިޔަނިން މޫބީ ފައިދާ ނަގަމުން ގޮސް އޭނާގެ އެކުވެރި ފިރިހެނުން ފޭލިގެ ޖަހައިގެން ތިބި ހިސާބަށް ހިގައްޖެއެވެ. އެހާތަނުން މޫބީ އޭނާގެ އެކުވެރި ފިރިހެނުން ފޭލިގެ ޖަހައިގެން ތިބި ހިސާބަށް ހިގައްޖެއެވެ. އެހާތަނުން މޫބީ އޭނާގެ އެކުވެރިންނަށް ގޮވަން ފަށައިފިއެވެ…. އެއަޑު އިވުމުން ފޭލިގޭގައި ނިދާފާ ތިބި މީހުން ހޭލައިގެން ބޭރަށް ނިކުންނަށް ފަށައިފިއެވެ. އޭގެ ތެރެއިން އެކަކު ރޯކޮށްފައިވާ ކޮރުދަނެއްހިފައިގެން ހުއްޓެވެ. – ދަޑިއެއްގެ ކޮޅުގާ ގުޅަވަރެއްހެން އައްސާ ކަރާސިނު ތެލުންތެންމާފައި އޮތް ފޮތިގަޑުގައި ރޯވެފައިހުރި ހުޅުގަޑުން ވަރަށް ބޮޑު ތަނަށް އަލިވެފައިއޮތެވެ. – ފޭލިގެއިން ނިކުތް މީހުންގެ ތެރެއިން ދެތިން މީހުން ތިބީ ކަނޑި ހިފައިގެންނެވެ. އަންހެން ކުއްޖާ ދުވެފައި އެދިޔަ ގޮތަށްގޮސް މަރާކިޝްގެ މުސްލިމް ތާޖަރުން އަޅާކަހަލަ ހެދުން އަޅައިގެން ތިބި ފަސްމީހުންގެ ތެރެއިން އެކަކުގެ ދެފައިގާ ވަރަށް ބާރަށް އޮޅުލައިގަތުމަށްފަހު ބިންމަތީގައި އިށީދެއްޖެއެވެ. އޭނާގެ މޫނަށް ކޮރުދަނުގެ އަލި އެޅިފައިހުރިއިރު ހާސްކަމާއި ބިރުވެރިކަމުގެ އަސަރުތައްފާޅުވޭވެ ހުއްޓެވެ. – އޭނާގެ މޭގަޑުނެގިނެގިފައި ޖެހެއެވެ. ނޭވާ ކުރުވެ އަވަސް ވެފާ ހުއްޓެވެ.

”ތިއަންހެން ކުއްޖާ އަހަރެންނާއި ހަވާލުކުރާށެވެ.“ އެ ކުއްޖާގެ ފަސްފަހަތުން ގޮސް އެތަނަށް ހުއްޓެމުން އަމުރުވެރި އަޑަކުން ފަޚްރުލް މިސްރީ ބުންޏެވެ.

”އެންމެ އަންހެން ކުއްޖެއް ނޫނެވެ.“ އޭގެތެރެއިން އެކަކު ދެރަވެލާފައި ބުންޏެވެ. ”ހަތް އަންހެން ކުދިން އަޅުގަޑުމެން ސުލްޠާނާއި ހަވާލުކުރީމެވެ. އަނެއްކާ މީނާވެސް އެމަނިކުފާނުގެ އަރިއަހަށް ގެންދަވާށެވެ.“

”ނޫނެކެވެ.“ އެމީހާގެ ދެފައިގާ ބާރަށް ހިފަހައްޓައިގެން އޮވެ ރޮމުންގިސްލަމުން ބިރުގެންފައިވާ އަޑަކުން އަންހެން ކުއްޖާ ބުންޏެވެ. ”އޭނާއާ އެއް ކަކު އަހަރެން ނުދާނަމެވެ. އެއީ ޢީސާއީންނަށްވުރެވެސް ވަޙުޝީބައެކެވެ. އެމީހުންގެ ސުލްޠާނަކީ އިންސާނެއް ނޫނެވެ. އެއީ އަނިޔާވެރިއެކެވެ. – އަހަރެންގެ ގައިގެ ކަށިތައްވެސް އެމަނިކުފާނު ފުޑުފުޑު ކޮށްލައްވައިފިއެވެ. – އަހަރެން މިއައީ އެމަނިކުފާނުދެކެ ބިރުން ފިލައިގެންނެވެ.“

”ތިޔަ ބުނަނީ ކޮން ސުލްޠާނެއްގެ ވާހަކަ ހެއްޔެވެ؟“ ހައިރާން ކަމާއެކު ފަޚްރުލް މިސްރީ ސުވާލުކުރިއެވެ.

”ކަލޭމެން ޞަލާޙުއްދީން އައްޔޫބީ އޭ ތިޔަކިޔާ އަމީރެވެ.“ މޫބީ އަރަބި ބަހުން ޖަވާބު ދިނެވެ.

”މިއަންހެން ކުއްޖާ ދޮގު ހަދަނީއެވެ.“ ފަޚްރުލް މިސްރީ ރުޅި އައިސްފާ ބުންޏެވެ. ”މިއީ ކާކު ހެއްޔެވެ؟ ކަލޭމެންނާއި މީނާއާ ދެމެދުގައި ހުރީ ކޮންގުޅުމެއްހެއްޔެވެ؟“

”އެތެރެއަށްވަންނަވާށެވެ. ރަހްމަތްތެރިޔާއެވެ. ބޭރުގައި ހާދަފިނި ގަދައެވެ.“ އެތަނުން މީހަކު ފަޚްރީއަށް ބުންޏެވެ. ”ކަނޑި އުރައަށް ލައްވަވާށެވެ. އަޅުގަޑުމެންނަކީ ތާޖަރުންނީމުއެވެ. އަޅުގަޑުމެންގެ ފަރާތުން ކަލާއަށް އޮންނާނީ ކޮންނުރައްކަލެއް ތޯއެވެ؟ – ދުރުވާށެވެ. ފޭލިގެއަށް ވަންނަވާ އިށީންނަވާށެވެ. – އެއަށްފަހުގައި މި އަންހެން ކުއްޖާގެ ވާހަކަ އަޑުއައްސަވާށެވެ.“ ފިނިނޭވާއެއްލަމުން އެމީހާ ބުންޏެވެ. ”ތިޔަބޭކަލުންގެ ސުލްޠާނަކީ މާތް ބޭކަލެއްކަމުގައި އަޅުގަޑުމެން ހީކުރީމުއެވެ. ނަމަވެސް ރީތި އަންހެންކުއްޖަކު ފެނިވަޑައިގެންނެވީމާ އެމަނިކުފާނު އަތްޕުޅު ދޫކޮށްލައްވައިފިއެވެ. – ބާކީ ތިބި އަންހެން ކުދިންނަށްވެސް ޖެހޭނީހަމަ މިކުއްޖާއަށްވެސް ޖެހުނު ހާލު ކަންނޭގެއެވެ.“

”ނޫނެކެވެ. އަޅުގަނޑަށް ޖެހިފައިވާ ހާލު އެކުދިންނަށް ޖެއްސީ އެމަނިކުފާނުގެ ސިފައިންނެވެ.“ މޫބީ ބުންޏެވެ. ”އިރު އޮއްސުމާއެކު އެނިކަމެތި އަންހެން ކުދިންކޮޅު ސިފައިންގެ ފެޅިގެތަކަށް ގެންދެވުނެވެ. ދެން އެކުދިންގެ ޚަބަރު ހުސްކޮށްލާފައި ފޭލިގެތަކުގައި ބޭތިއްބިއެވެ. އަދިވެސް އެކުދިން ތިބީ  ޚަބަރު ހުސްވެފައިވާ ހާލުގައި ފޭލިގެތަކުގައެވެ.“

ފަޚްރުލް މިސްރީ އޭނާގެ ކަނޑި އުރަށްލުމަށްފަހު ފޭލިގެއަށް ވަދެއްޖެއެވެ. އޭނާ އިށީންނަމުން އެތަނުން އެކަކުގޮސް އުދުން ރޯކޮށްފާ ގަހުވަ ހެދުމަށްޓަކައި ފެންކައްކަން އުދައިފިއެވެ. – ދެންތިބި މީހުން ފަޚްރުލް މިސްރީއާއި ވާހަކަ ދައްކަން ފަށައިފިއެވެ. އޭނާ ވާހަކައިގަ ޖެހިފާއިންދާ ފެންކައްކަން އުޅުނު މީހާ އެފެން އެއްޗަށް ވަރަށް ގިނަ ސާމާނު އަޅަމުން ގެންދިޔައެވެ. ނަމަވެސް ފަޚްރު އަކަށް ތަނެއް ދޮރެއް ނޭގެއެވެ. – ވާހަކަ ދެއްކުމުގެ ތެރޭގައި ފަޚްރުލް މިސްރީގެ މަޤާމަކީ ކޮބައިތޯ އެމީހުން ސުވާލު ކުރުމުން ސިފައިންގެ ކޮމާންޑަރެއްގެ މަޤާމުގައި ހުންނަ މީހެއް ކަމުގައި އޭނާ ބުންޏެވެ. – އޭނާގެ ވާހަކަ އަޑުއިވުމުން އެއީ އާދައިގެ ސިފައިންގެ މީހެއް ނޫންކަމާއި އެއީ ޒިއްމާދާރު ވިސްނުން ތޫނު ހިތްވަރުގަދަ އޮފިސަރެއްކަން އެމީހުންނަށް ވިސްނިއްޖެއެވެ. ދެން އޭގެތެރެއިން ކްރިސްޓޮފަރ ކިޔައިދީފައިވާ އެހަތް އަންހެން ކުދިންގެ ވާހަކަ ޞަލާޙުއްދީން އައްޔޫބީގެ އަރިއަހުގައި ދެންނެވި ފަދައިން ފަޚްރަށް ކިޔާދީފައި އެކުދިންގެ ވަޒަނަށް ނުވަތަ އީސާޢީންގެ ކައިރިއަށް ދާން ބޭނުން ނުވާތީ އިސްލާމުންގެ ތެރެއިން އަޚްލާޤް ރަގަޅު ބައަކާއި ކައިވެނިކޮށްދެއްވަން ވިދާޅުވަނިކޮށް އިސްލާމް ވެދާނޭކަމަށް ޞަލާޙުއްދީން އައްޔޫބީގެ އަރިއަހުގައި ދެންނެވުމުން އެމަނިކުފާނު އެކަން ޤަބޫލުފުޅު ނުކުރައްވައި އަބުރާ ރައްދު ކުރެއްވީކަމަށް ބުނެ ޞަލާޙުއްދީން އައްޔޫބީ އެއަންހެން ކުދިންނާއިމެދު ކަންތައް ކުރެއްވިގޮސް މޫބީގެ އަގައިން ކިޔައިދޭއިރު އަޑު އެހުމަށް ފަޚްރުގެ ގާތުގައި ބުންޏެވެ.

ކްރިސްޓޮފަރ ވާހަކަ ނިންމާލުމުން ފަޚްރުލް މިސްރީ އަންހެން ކުއްޖާއާއި ދިމާއަށް އެބުރިލިއެވެ. އެވަގުތު އަންހެން ކުއްޖާ ފަޚުރަށް ވާހަކަ ކިޔައިދޭން ފެށިއެވެ.

”މަލާއިކަތެއްފަދަ މާތް އިންސާނެއްގެ ހިމާޔަތް ލިބުނީކަމަށް ހީކޮށް އަޅުގަޑުމެން ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް އިރު އޮއްސުމާއެކު ސުލްޠާނުގެ ސިޓީފުޅެއް ހިފައިގެން އައިމީހަކު އަޅުގަޑު އަތަށް ސިޓީފުޅު ދީފާ ސުލްޠާންގެ އަރިއަހަށް އަޅުގަޑު ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ބުނެފިއެވެ. އަޅުގަޑުމެން ހަތް އަންހެންކުދިންގެ ތެރެއިން އެންމެ ރީތީ އަޅުކަމަށްވިޔަސް އަޅުގަޑު ގެންދާން ސުލްޠާން އެ އުޅުއްވަނީ ނުބައި ނިޔަތެއްގައި ކަމަކަށް ފަހަރެއްގައިވެސް އަޅުގަޑު ހިތަކަށް ނާރައެވެ. ވީމާ، ސިޓީފުޅު ހިފައިގެން އައި މީހާއާ އެކުގައި އަޅުގަޑު ހިގައްޖައީމެވެ. – އަޅުގަޑުގޮވައިގެން ދިޔަ މީހާ ޞުލްޠަންގެ ފޭލިގެ ކޮޅަށް އަޅުގަޑު ވައްދާފާ އެބުރިދިއުމުން އެމަނިކުފާނު ރައުދޯރަކާއި ދެތަށި ހިއްޕަވައިގެން ވަޑައިގެން އަޅުގަޑުގެ ކުރިމަތީގައި އޭގެތެރެއިން އެއްތަށި ބަހައްޓަވާފައި އިށީދެވަޑައިގަނަވަމުން އެމަނިކުފާނުގެ ކުރިފުޅު މަތީގައި އަނެއްތަށި ބަހައްޓަވައިފިއެވެ. – އަޅުގަޑަކީ ޢީޞާއީއެކެވެ. ސަތޭކައަށްވުރެ ގިނަފަހަރު އަޅުގަޑަށް ރާބޮވިފައި ހުންނާނެއެވެ. ޢީޞާއީ ކަނޑުގެ ލަޝްކަރު ދަތުރުކުރި ނައުފަހަރުގައި އަޅުގަޑުގެ އިއްޒަތްތެރިކަން ވަނީ ފޭރެވިފައެވެ. އެހެން ކަމުން ރަލާއި ފިރިހެނުންނަކީ އަޅުގަޑަކަށް އައުއެއްޗަކަށް ނުވެއެވެ. އެހެންނަމަވެސް ތިޔަ ބޭކަލުންގެ ސުލްޠާން ރައުފޮދު ހިއްޕަވައިގެން އަޅުގަނޑުގެ ހަށިގަޑާއި ކުޅެވަޑައި ގަންނަވަން ގަސްތު ކުރެއްވިހިދު މަލާއިކަތެއް ކަމުގައި އަޅުގަޑަށް ހީކުރެވިފައިވާ އެމާތް އިންސާނާ އާއި ދުރަށް އަޅުގަޑުގެ މުޑުދާރު ހަށިގަޑު ގެންދެވޭތޯ ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރީމެވެ. އެކަމަކު ޢީސާޢީންނަށް ވުރެއްވެސް އެމަނިކުފާނު އެއްދަރަޖަ ކުރިއަށް ޖެހިވަޑައިގެންފައިވާ ކަމުގައި އަޅުގަޑަށް ވިސްނުނެވެ. – ޞަލީބީންގެ ނައުފަހަރުގާ އަޅުގަޑުމެންނަށް އެޖެއްސި ހާލެއް ޖައްސާފާ އެމީހުންގެ ނައުފަހަރުތައް ކަނޑަށް ޣަރަޤްވާން ފެށުމުން ކުޑަކުޑަ ކިޝްތީ ގަޑަކަށް ލާފާ އަޅުގަޑުމެން ކަނޑުތެރެއަށް ދޫކޮށްލީއެވެ. އޭގެތެރެއިން އެކަކުވެސް އަޅުގަޑުމެންނަކާ އެހީއެއް ނުވިއެވެ. އަޅުގަޑުމެންގެ ކަށިތަކާއި ހަށިތައް ފުޑުފުޑުކޮށްލާފައި ދޫކޮށްލީއެވެ…… އެފަދަ އަނިޔާވެރި ޞަލީބީންގެ އަތްދަށުން ސަލާމަތްކުރައްވާ މާތްﷲ އަޅުގަޑުމެން ފޮނުއްވެވީ މަލާއިކަތެއްގެ ސިފައިގާ ހުރި ވަހުޝީއެއްގެ ހިމާޔަތަށެވެ. އަޅުގަޑާއެކުގައި ދިޔައަނެއް ހަ އަންހެން ކުދިން ސިފައިންގެ ފޭލިގެތަކަށް ފޮނުއްވި ވާހަކަ ވިދާޅުވީ ޚުދު ޞުލްޠާނެވެ…. އެމަނިކުފާނުގެ ގަސްތުފުޅު އެގުމުން އެމަނިކުފާނުގެ ދެފައިންޕުޅުގައި ހިފާ އަޅުގަޑާ ކައިވެނި ކުރުމަށް އެދިއާދޭސް ދެންނެވީމެވެ. މިހެން ދެންނެވުމުން އަޅުގަޑު އެދެނީނަމަ ކައިވެނި ނުކުރެއްވެވިއަސް އެމަނިކުފާނުގެ ހަރަމްގައި އަޅުގަޑު ބައިން ދަވާފާނޭ ކަމުގައި ވިދާޅުވިއެވެ….. ދެންވީގޮތެއް ޚުދު އަޅުގަޑަކަށްވެސް ނޭގެއެވެ. ރާފޮދު ހިއްޕަވައިގެން މަސްތުވެވަޑައިގެންފާއި ހުންނެވި ޞުލްޠާން ވަހުޝީއަކު ފަދައިން އަޅުގަޑާއި ހަމަލާ ދެއްވިއެވެ….. އެގޮތުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާވަރު ވީމާ އެމަނިކުފާނުގެ ދާންމަތިކޮޅުގައު އަޅުގަޑު ބާއްވަވާފައި ކައިރީގައި އޮށޯވެވަޑައިގެންފިއެވެ. ދެން ކުޑަ ހިދުކޮޅެއްގެ ތެރޭގައި އެމަނިކުފާނަށް އަވަހާރަފުޅު ލެއްޕެވޭ ގޮތްވެ ލޯފުޅު މެރެން ފަށައިފިއެވެ. އެގޮތުން ދަޑިވަޅު ލޮބުމާއެކު އަޅުގަޑު އެތަނުން ނުކުމެގެން ފިލާ ރައްކައުވީއެވެ. އަޅުގަޑު މި ދެއްކި ވާހަކަ ސާހިބާ ޤަބޫލު ނުކުރެއްވީނަމަ ފާރަވެރިން ކުރެން އައްސަވާށެވެ.

ފަޚްރީއާއި މޫބީ ވާހަކަ ދައްކަން ތިއްބާ ގަހުވަ ހަދަން ދިޔަ މީހާ ގަހުވަ ހަދައިގެން ގެނެސް ފަޚްރީއަށް ބޯންދީފިއެވެ. ދެން ހަމަ އިސާހިތަކު އެ ގަހުވައަށް އަޅާފައިހުރި އެއްޗެއްގެ އަސަރު ފަޚްރީގެ ހިއްސުތަކަށް ފޯރާ އޭނާގެ މިޒާޖު ބަދަލްވާން ފަށައިފިއެވެ. ޞަލާޙުއްދީން އައްޔޫބީގެ މައްޗަށް އޭނާގެ ހިތުގައި ނަފްރަތު އުފެދެން ފަށައިފިއެވެ. ”ރާބުއިމުން އެއްކިބާ ވުމަށާއި އަންހެނުންނާއި ދުރުގައި ތިބުމަށް އަހަރެމެންނަށް އަމުރުކުރައްވައެވެ.“ މަލާމާތުގެ ގޮތަކަށް ހީގަންނަމުން ފަޚްރީ ބުންޏެވެ. ”އެކަމަކު އެމަނިކުފާނު އުޅުއްވަންވީ އެގޮތަށެވެ. ރާފޮދު ހިއްޕަވައިގެން އަންހެނުންގެ ސުހުބަތުގައި ރޭތަށް ވެއަތު ކުރައްވަނީއެވެ.“ ފަޚުރުލް މިޞްރީ މިހެން ބުނިއިރު އަންހެންކުއްޖާ އެ ދެއްކީ ދޮގު ވާހަކަތަކެއް ކަމާއި އެހާ ކުއްލި ގޮތަކަށް އޭނާގެ މިޒާޖު ބަދަލުވަމުން އެދަނީ ކީއްވެގެންކަމެއް އޭނާގެ ހިތަކަށް ނޭރިއެވެ. – ދެންމެގާ އެމީހުން އޭނާއަށް ބޯންދިން ކޮފީއަށް ހަޝިޝް އަޅާފައި ހުރުމުގެ ސަބަބުން އޭނާއަށްވެސް ނޭގި މަޑުމަޑުން އެނާ މަސްތުވަމުން ދަނީއެވެ. – އޭނާއަކީ ރަސްކަލެއްކަމުގައި މިހާރު އޭނާއަށް ހީވާން ފަށައިފިއެވެ. – ކޮރުދަންތަކުގެ އަލީގައި އުޖާލާ ކޮށްފައިހުރި މޫބީގެ މޫނާއި ހާވާލެވިފައި އޮތް އޮފު އިސްތަށިގަޑު ކުރިއަށްވުރެއްވެސް މާރީތިކަމުގައި ހީވާން ފަށައިފިއެވެ.

”ކަލޭ ބޭނުމީވިއްޔާ އަހަރެން ކަލެއަށް ހިމާޔަތް ދީފާނަމެވެ.“ ކެތްތެރިކަން ކުޑަ ގޮތަކަށް ފަޚްރުލް މިސްރީ ބުންޏެވެ.

”ނޫނެކެވެ.“ މޫބީ ގަތްބިރުން ފަހަތަށް ޖެހިލަމުން ބުންޏެވެ. ”ސާހިބާވެސް އަޅުގަޑާއި ދޭތެރޭގައި ކަންތައްކުރައްވާނީ ޞުލްޠާންވެސް ހަމަ ކަންތައް ކުރެއްވި ގޮތަށެވެ. – އެހެން ނޫނަސް ސާހިބާގެ ފޭލިގެއަށް އަޅުގަޑު ގެންދަވައިފިނަމަ އަނެއްކާވެސް ސުލްޠާންގެ އަތްޕުޅުގެ ދަށަށް އަޅުގަޑު ހިގައިދާނެއެވެ.“

”އަނެއް ހަ އަންހެން ކުދިން ސަލާމަތްކުރާނޭ ގޮތަކާ ދޭތެރޭގައި އަޅުގަޑުމެން ވިސްނަން ފަށައިފީމެވެ.“ އެތަނުން މީހަކު ބުންޏެވެ. ”އަޅުގަޑުމެންނަށް ކުރެވުނު ކުށާއި ދޭތެރޭގައި ހިތާމަކޮށް އެކުދިންގެ އަބުރާއި ޢިއްޒަތް ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަން ޤަސްތު ކޮށްފީމެވެ.“

އޭނާ ދެއްކި ވާހަކައަކަށް ފަޚްރުލް މިސްރީ ޖަވާބެއް ނުދެއެވެ. ދިމާ ކުރިމަތީގައި އިން އަންހެން ކުއްޖާގެ މޫނަށް ބަލަހައްޓައިގެން އިންއިރު އެފަދަ ރީތި އަންހެން ކުއްޖަކު ދުވަހެއްގައިވެސް އޭނާއަށް ފެނިފައިނުވާކަމަށް ހިތަށް އަރަމުން ދިޔައެވެ.

”ސާހިބާއަކީ ޢަރަބި ކަރައިގެ ބޭކަލެއްތޯއެވެ؟ ނުވަތަ މިސުރުކަރައިގެ ރައްވެއްސެއްތޯއެވެ؟“ ފަޚްރުލް މިސްރީ އަގައިން ނުބުނެ ހިމޭނުން އިންނަން ފެށުމުން ކްރިސްޓޮފަރ ސުވާލު ކުރިއެވެ.

”މިސުރުގެ ރައްވެއްސަކީމެވެ.“ ފަޚްރު ބުންޏެވެ. ”ދެ ހަގުރާމައެއްގައި އަހަރެން ފަތަހަ ހޯދައިފީމެވެ. މި މަޤާމް އަހަރެންނަށް ލިބުނީ އެހެން ވެގެންނެވެ.“

”ނާޖީގެ ވެރިކަމުގެ ދަށުގައި އޮތް ސޫދާނުގެ ލަޝްކަރުވީ ކޮންތަނެއްގައިތޯއެވެ؟“ ކްރިސްޓޮފާރ ސުވާލު ކުރިއެވެ.

”އެ ލަޝްކަރުގެ އެކަކުވެސް އަހަރެމެންނާއެއްކަކު ނާދެއެވެ.“ ފަޚްރު ޖަވާބު ދިނެވެ.

”އެމީހުންނައީ ކީއްވެގެންކަން އެގިލައްވާތޯއެވެ؟“ ކްރިސްޓޮފާރ ބުންޏެވެ. ”ސޫދާނީ ސިފައިން ޞަލާޙުއްދީން އައްޔޫބީގެ ވެރިކަން ޤަބޫލެއް ނުކުރެއެވެ. އެމީހުން ދެކޭ ގޮތުގައި އެމީހުންނަކީ މިނިވަނުންނެވެ. – އެމީހުންނަކީ ބިދޭސީން ކަމުގައި ވާތީ އެމީހުން މިސުރުން އެބުރިދާން ގަސްތު ކުރާކަމުގައި ޞަލާޙުއްދީން އައްޔޫބީގެ އަރިއަހުގައި ނާޖީ ދެންނެވިއެވެ… އެމަނިކުފާނު މިސްރުގެ ލަޝްކަރެއް ތައްޔާރު ކުރައްވައިގެން ލަޝްކަރާއިގެ ހަގުރާމައަށް ނިކުމެ ވަޑައިގެންނެވި ސަބަބު މިބުނީއެވެ.“

”މާތްކަމާއި ދީންވެރިކަމުގެ ގޮތް ދައްކަވައިގެން އެމަނިކުފާނު މަޖާނަންގަވަނީއެވެ…. ޣަނީމާ މުދަލުން ކުޑަމިންވަރެއްވެސް ތިޔަ ބޭކަލުންނަށް ލިބިލެއްވިތޯއެވެ؟ ލައްބައެވެ. ރަންރިހީގެ ދެތިން އެތިކޮޅު ލިބިނުލައްވާނޭކަމެއް ނޭގެއެވެ….. އެއީ ކޮން އެއްޗެއް ތޯއެވެ؟ ޞަލީބީންގެ ނައުފަހަރުން ކޮޅެއްނެތްހާ ބޮޑު ޚަޒާނާއެއް ޞަލާޙުއްދީން އައްޔޫބީއަށް ލިބިވަޑައިގެންނެވިއެވެ…… އެތަކެތި ރޭގަޑުގެ އަދިރީގައި އެތަކެއް ސަތޭކަ ޖަމަލަށް އަރުވައި ބަރު ކުރައްވާފައި ޤާހިރާއަށް ފުރުވާ ލައްވައިފިއެވެ. އެތަކެރި ޤާހިރާއިން ގެންދެވޭނީ ދިމިޝްޤަށެވެ. އެރަށުން ބަޣްދާދްއަށެވެ…… އެގިލައްވާތޯއެވެ؟ ސޫދާނުގެ ލަޝްކަރުގެ މީހުން ވަޒީފާއިން ވަކި ކުރައްވާފައި އަޅުންނަށް ހައްދަވަން ޞަލާޙުއްދީން އައްޔޫބީ ގަސްދު ކުރައްވައެވެ…. އެކަން އެގޮތަށް ހަމަ ޖައްސަވާފައި ޢަރަބި ކަރައިން ލަޝްކަރު ގެންނަވާނެއެވެ. އެއަށް ފަހުގައި މިސްރު ސިފައިންވެސް އަޅުންނަށް ހައްދަވާނެއެވެ……“ ކްރިސްޓޮފާ ބުންޏެވެ.

އެ ޢިސާޢީކަލޭގެ ދައްކަމުން ގެންދިޔަ ވާހަކަތައް ފަޚްރުލް މިސްރީގެ ހިތުގައި ބިންވަޅު ނެގެމުން ދިޔައެވެ. ނަމަވެސް އެއީ ހަމައެކަނި އޭނާގެ ވާހަކައިގެ އަސަރެއް ނޫނެވެ. އެއީ ހަޝިޝް އާއި މޫބީގެ ރީތި ސޫރައިގެ ސިހުރުގެ އަސަރެވެ. ޢީސާއީން މިއުކުޅު ދަސްކުރީ ޙަސަން ބިން ޞަބާޙްގެ ހަޝީޝަން ޖަމާއަތުގެ މީހުންގެ ކިބައިންނެވެ. – މޫބީ ފޭލިގެއިން ނިކުތް އިރު އެނާގެ ފަހަތުން ސިފައިންގެ މީހަކު އަތުވެދާނޭ ކަމަކަށް ފަހަރެއްގައިވެސް ހިތަކަށް ނާރައެވެ. އެކަން އެހެން ދިމާވުމުން އެންމެ ފުރަތަމަ އޭނާ ކަންބޮޑުވި ނަމަވެސް ފަޚްރުލް މިސްރީއަށް މިސުރުބަސް ފިޔަވައި އެހެން އެއްވެސް ބަހެއް ނޭގޭކަން އެގުމުން ހިތްހަމަޖެހުނެވެ. ދެންއަވަސް އަވަހަށް ރޮބިންގެ ވާހަކަ އޭނާގެ އެކުވެރިންނަށް ކިޔައިދޭންފަށައިފިއެވެ. -ޒަޚަމް ވެގެން ކަމަށް ހެދިގެންގޮސް ޒަޚަމީ އަސީރުން ބައިތިއްބާ ފޭލިގޭގައި އޮތްކަމަށާއި އަވަހަށް ގޮސް ނާޖީއާއި ބައްދަލުކޮށް ސޫދާނީ ލަޝްކަރު ބަޣާވާތް ނުކުރީ ކީއްވެގެންތޯ އާއި ޞަލާޙުއްދީން އައްޔޫބީ އާއި އެމަނިކުފާނުގެ ލަޝްކަރުގެ ފުރަގަހުން އައިސް ހަމަލާ ނުދިނީ ކީއްވެގެންތޯ އާއި ފަތެއްފޮނުވައިގެން ޞަލީބީންގެ އެއޮއް ބޮޑު ލަޝްކަރު ގެނުވީ ކެއްސެއްދިނުމުގެ ނިޔަތުގައިތޯ އޮޅުންފިލުވުމަށް ރޮބިން އެންގިކަމުގައި ކްރިސްޓޮފަރމެންގެ ގާތުގައި މޫބީ ބުންޏެވެ.

”ތިޔަދައްކަނީ ކޮންވާހަކައެއް ހެއްޔެވެ؟“ މޫބީމެން އެމީހުންގެ ބަހުން ވާހަކަ ދައްކަން ފަށައިގަތުމުން ފަޚުރުލް މިސްރީ ސުވާލުކުރިއެވެ.

”ސާހިބާއަކީ ޞަލާޙުއްދީން އައްޔޫބީގެ ލަޝްކަރުގެ ކޮމާންޑަރަކަށް ނުވިނަމަ މިރީތި އަންހެން ކުއްޖާ ސާހިބާއާއި ކައިވެނިކުރަން ބޭނުން ކަމުގައި މީނާ އެބަބުނެއެވެ. – މިހާރު މީނާ އިނީ އިސްލާމްވުމަށްވެސް ތައްޔާރުވެގެންނެވެ. ނަމަވެސް ޞަލާޙުއްދީން އައްޔޫބީގެ ސަބަބުން މިއަންހެން ކުއްޖާގެ ހިތުގައި އިސްލާމުންގެ މައްޗަށް އޮތް އިތުބާރުވެސް މިހާރު ގެއްލިއްޖެކަމުގައި މީނާ އެބަބުނެއެވެ.“

ފަޚްރުލް މިސްރީ ކެތްތެރި ކަމެއްނެތި އަންހެން ކުއްޖާގެ އަތުގައި ހިފާގާތަށް ދަމާލަމުން ބުންޏޭވެ. ”ﷲ ގަންދީ ބުނަމެވެ. އަހަރެންނަކީ ރަސްކަލަކަށް ވީނަމަ ކަލެއަށްޓަކައި ތާޖާއި ތަޙްތުވެސް ޤުރުބާން ކޮށްލީމުހެވެ. – އަހަރެންނާއި އިނުމަށް ކެލޭ ހުށަހަޅާ ޝަރުތަކީ ޞަލާޙުއްދީން އައްޔޫބީ ދެއްވާފާ އޮތް ކަނޑި އެއްލައިލުން ކަމުގައި ވަނީނަމަ ހަމަ މިހާރު މި އެއްލައިލަނީއެވެ.“ ފަޚްރުލް މިސްރީ އޭނާގެ އުނަގަޑުގައި ހުރި ކަނޑިއާއި އުރަ ނަގާ މޫބީގެ ފައިދަށަށް އެއްލަމުން ބުންޏެވެ. ”މިވަގުތުން ފެށިގެން އަހަރެންނަކީ ޞަލާޙުއްދީން އައްޔޫބީގެ ލަޝްކަރުގެ ކޮމާންޑަރަކީމެއް ނޫނީމެވެ.“

”އަދިވެސް އެއް ޝަރުތެއް އެބައޮތެވެ.“ މޫބީ ބުންޏެވެ.

”ސާހިބާއަށްޓަކައި އަޅުގަޑު ދީން ދޫކޮށްލިނަމަވެސް ޞަލާޙުއްދީން އައްޔޫބީގެ ކިބައިން ބަދަލު ހިފުމަކީ އަޅުގަޑުގެ ދެވަނަ ޝަރުތެވެ.“

”އަހަރެން އަތުން އެމަނިކުފާނު ޤަތުލު ކުރުވަން ޤަސްތު ކުރަނީ ހެއްޔެވެ؟“ ފަޚްރުލް މިސްރީ ސުވާލު ކުރިއެވެ.

ފަޚްރު އެކުރި ސުވާލުގެ އަޑުއިވުމުން މޫބީ އޭނާގެ އެކުވެރިންނާއި ދިމާއަށް ބަލައިލިއެވެ. އެމީހުންވެސް އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ.

”ހަމަ އެކަނި ޞަލާޙުއްދީން އައްޔޫބީ ޤަތުލު ކޮށްލީއޭކިޔާފާ ވާނީ ކީއްހެއްޔެވެ؟ އަނެއްކާވެސް އެހެން ސުލްޠާނަކު ވަޑައިގަންނަވާނެއެވެ.“ މިފަހަރު ވާހަކަ ދެއްކީ ކްރިސްޓޮފާރއެވެ. ”އެބޭފުޅަކުވެސް ވާނީ ހަމަ ޞަލާޙުއްދީން އައްޔޫބީ ކަހަލަ ބޭފުޅަކަށެވެ. ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވިޔަސް މިސުރުގެ މީހުން އަޅުވެތި ކުރައްވާނެއެވެ. ވީމާ، އަޅުގަޑު މިނަންގަންނަ ގޮތަށް ސާހިބާ ކަންތައް ކުރައްވާށެވެ. ސޫދާނީ ލަޝްކަރުގެ ވެރިޔާ ނާޖީގެ އަރިއަހަށް ސާހިބާ ދުރުވާށެވެ. މިއަންހެން ކުއްޖާވެސް ސާހިބާއާ އެކުގައި ގެންދަވާށެވެ. – ޞަލާޙުއްދީން އައްޔޫބީއަކީ ކޮންކަހަލަ ބޭފުޅެއްކަމާއި އެމަނިކުފާނުގެ އަސްލު ބޭނުންފުޅަކީ ކޮބައިކަން މިކުއްޖާގެ ދުލުން އޮޅުންފިލުއްވަވައި ދެއްވާށެވެ.“

އެމީހުންނަށް އެގޭހާވެސް އެއްޗަކީ ޞަލީބީންނާއި ގުޅިފައިވާ މީހެއްކަމާއި މޫބީގެ ދުލުން ބުނާ ކޮންމެ ބަހެން ނާޖީ ޤަބޫލު ކުރާނޭ ކަމެވެ. – އެމީހުން އެ އިތުބާރު ކުރާ މުޢްތަބަރް ސިފައިންގެ ވެރިޔާ ނާޖީ ސިއްރުވެރި ގޮތުގައި މަރާ ލެވިފައިވާކަމެއް ފަހަރެއްގައިވެސް އެމީހުންނަކަށް ނޭގެއެވެ. – އެހެން ކަމުން ނާޖީގެ ކައިރިއަށް މޫބީ ފޮނުވުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި އެމީހުން ދެކެއެވެ. ނަމަވެސް މޫބީ އެކަނި ފޮނުވުމަކީ އެމީހުން ހިތްހަމަޖެހޭ ކަމަކަށް ނުވެއެވެ. އެފިކުރުގައި އެމީހުންނަށް މާގިނަ ވަގުތު ތަކެއް ނަގާލާކަށް ނުޖެހުނެވެ. – ފަޚްރުލް މިސްރީ އަމިއްލައަށް އައިސް އެމީހުންގެ ދަލުގައި ޖެހިއްޖެއެވެ. ވުމާއެކު މޫބީ ނާޖީއާއި ހަމައަށް ފޮނުވުމުގެ ވަސީލާއެއްގޮތުން ފަޚްރުލް މިސްރީ ބޭނުން ކުރަން އެމީހުން ޤަސްދުކޮށްފިއެވެ. – ތާޖަރުންގެ ހެދުމުގައި ތިބި މީހުން އެތަނުގައި ތިބިކަން ޞަލާޙުއްދީން އައްޔޫބީއަށް އެގިވަޑައިގެންފާވާތީ އަދި ކުޑަ ދުވަސްކޮޅަކު އެތަނުގައި އެމީހުން ތިބެލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެކަން ފިޔަވައި ޞަލާޙުއްދީން އައްޔޫބީ ޒަޙްމީ އަސީރުން ބައިތިއްބަވާ ފޭލިގޭގައި އެމީހުންގެ ޖާސޫސުންގެ ތަޖުރިބާކާރު އިސްވެރިޔާ ރޮބިން ހައްޔަރު ވެގެން އޮތްކަމާއި އޭނާ ވަރަށް އަވަހަށް ފިލަން ޤަސްދު ކުރާކަން މޫބީގެ ފަރާތުން އެގިފައިވާތީ ރޮބިންއަށް އެހީވާން އެތަނުގައި ތިބުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. ކުރިއަށް އޮތް ތަނުގައި ރޮބިން ކަންތައް ކުރަން ޤަސްދުކޮށްފައިވާ ގޮތެއްވެސް އަދި ކްރިސްޓޮފާ މެންނަކަށް ނޭގެއެވެ. ޞަލާޙުއްދީން އައްޔޫބީ އަވަހާރަ ކޮށްލަން ރޮބިން ޖެހި ދުނި އަމާޒުނުވެ ކުށްކޮށްފާ ވީނަމަވެސް އެމަނިކުފާނުގެ އަރިއަހަށް ގެންދެވުމުން އޭނާ ކުޅަލި ޑްރާމާ އެއޮތީ ކާމިޔާބު ވެފައެވެ. ކުރިއްސުރެ ރޭވިފައި އޮތް ރޭވުން ހަލާކުވެ ހާލަތު ބަދަލުވަމުން ދަނިކޮށް ކްރިސްޓޮފާރމެންނަށް އެލިބުނު އިއްތިފާޤީ މޮޅު ފުރުސަތުގެ ފައިދާ ހޯދަން ކުރި މަސައްކަތުގައި ރީތި ސޫރައާއި ހަޝިޝްގެ ސިހުރުވެރި ދަލުގައި ފަޚްރުލް މިސްރީ ރަގަޅަށް ޖެހި ހަފުސް ވެއްޖެއެވެ. މޫބީއަށްޓަކައި ހަގުރާމަވެރި ކޭމްޕަށް އެބުރި ނުދިއުމަށް ފަޚްރުލް މިސްރީ ނިންމަވައިފިއެވެ.

އަންހެން ކުއްޖާ ގޮވައިގެން ދަތުރަށް ފެށުމަށް ފަޚްރުލް މިސްރީއަށް މަޝްވަރާ ދީފާ އެމީހުން ދަތުރު ކުރުމަށްޓަކއި ކްރިސްޓޮފަރމެން ޖަމަލެއް ދިނެވެ. އޭގެ އިތުރުން ފެންހަމަކާއި ކާތަކެތި އަޅާފައިއޮތް ކޮތަޅެއްވެސް ދިނެވެ. މި ކާތަކެއްޗާއި ފެނަށްވެސް ހުރީ ހަޝީޝް އަޅާފައެވެ. އެކަން މޫވީއަށް އެގެއެވެ. ދަތުރުގެ ހުރިހާކަމެއް ހަމަޖެހުމުން ތާޖަރުން އަޅާ ޒާތުގެ ދިގު ޖުއްބާއެއް ފަޚްރުލް މިސްރީ ލެއްވިއެވެ. ދެން މޫބީ ޖަމަލުގެ މައްޗަށް ސަވާރު ކުރުވާފައި ދަތުރަށް ފެނުމަށް ފަޚުރަށް އެންގުމުން އޭނާ މޫބީގެ ފަހަތަށް ސަވާރުވެ ދަތުރަށް ފަށައިފިއެވެ. ކްރީސްޓޮފަރ މެންނާއި މޫބީގެ ރޭވުމެއް ކުޑަކޮށްވެސް ފަޚްރަކަށް ނޭގެއެވެ. އޭނާއާއި ކާކުކަމާއި އޭގެ ކުރިން އޭނާއަކީ ކޮން މަޤާމްއެއްގައި ހުރި ކާކު ކަމެއްވެސް އޭނާ ހަދާނެއްނެތެވެ. މިހާރު އޭނާގެ ހިއްސުތަކަށް ވެރިވަފައިވަނީ ހަމަ އެންމެ އިހުސާސްއެކެވެ. އެއީ މުޅި ދުނިޔޭގައި އިން އެންމެ ރީތި އަންހެން ކުއްޖާ އޭނާގެ އުގު ތެރޭގައި އިންކަމާއި އެރީތި އަންހެން ކުއްޖާ އޭނާއާއި ފިކުރާވި ސުލްޠާން ޞަލާޙުއްދީން އައްޔޫބީގެ ހުށަހެޅުއްވުން އަބުރާ ރައްދު ކޮށްފާކަން ޔަޤީންކޮށްދޭ އުފާވެރި އިޙްސާސްތަކެކެވެ. – ފަޚްރު ތަންކޮޅަކަށް ޖަމަލު ދުއްވާފާ އޭނާގެ ދެއަތުގެ ދެމެދަށް މޫބީގެނެސް މެއާއިލާ ބޮޑިކޮށްލިއެވެ.

”ޢީސާޢީ ކޮމާންޑަރުންނާއި ސުލްޠާންފަދަ ނުބައި ބޭކަލަކަށް ސާހިބާވެލައްވައިގެން ނުވާނެއެވެ. – އަޅުގަޑަކީ ސާހިބާގެ މިލްކެކެވެ. ހިތްއެދޭ ކޮންމެ ކަމެއް އަޅުގަޑަށް ކުރައްވާށެވެ. ނަމަވެސް ފަހުން އަޅުގަޑުގެ ހިތުގައި ސާހިބާއާއި ދޭތެރޭގައި ނަފްރަތު އުފެދޭ ކަހަލަ ކަމެއް ނުކުރައްވާށެވެ.“

”ކަލޭ ބުނެފިއްޔާ އަހަރެން ޖަމަލުމަތިން ފައިބަފާނަމެވެ.“ މޫބީގެ ގައިން ދޫކޮށްލަމުން ފަޚްރު ބުންޏެވެ. ”ނިކަން ތެދަށް ބުނެބަލާށެވެ. ކަލޭގެ ހިތުގެ އަޑިން އަހަރެންދެކެ ލޯބި ވަމު ހެއްޔެވެ؟ ނުވަތަ ކޮންމެވެސް މަޖުބޫރެއްގެ ސަބަބުން އަހަރެންގެ ހިމާޔަތް ހޯދަން ބޭނުންވީ ހެއްޔެވެ؟“

”އެތާޖަރުންގެ ފަރާތުންވެސް އަޅުގަޑަށް ހިމާޔަތް ހޯދިދާނެ ނޫންތޯއެވެ.“ މޫބީ ބުންޏެވެ. ”ސާހިބާދެކެ އަޅުގަޑު މާބޮޑަށް ލޯބިވީއެވެ. ސާހިބާއަށްޓަކައި ކާބަފައިންގެ ދީން ދޫކޮށްލަންވެސް އަޅުގަޑު ގަސްތު ކޮށްފީމެވެ.“ މޫބީ މިގޮތުން ލޯބީގެ ވާހަކަ ދައްކައިގެން ފަޚްރުގެ ހިއްސުތަކަށް ބާރު ހިންގަމުން ގެންދިޔައެވެ. އެމީހުންގެ މަޖާ ވާހަކަތަކާއި ދަތުރުގެ މަޖަލުގައި ރޭގަޑުވޭތުވަމުން ދާކަންވެސް އެމީހުންނަކަށް ނޭގެއެވެ.

ފަޚްރުމެން ފަށާފައިއެވަނީ އެންމެ މަދުވެގެންވެސް ވިހި ފަންސަވީސް ދުވަހުގެ ދަތުރެކެވެ. – އެމީހުން ދަތުރު ކުރަމުން ދަނީ އާމުކޮށް މީހުން ދަތުރު ކުރާ މަގު ދޫކޮށް ރައްކައުތެރި މަގުތައް ބަލައިގެންނެވެ. ފަޚްރަކީ ހިތްވަރުގަދަ ސިފައިންގެ ފަހުލަވާނެކެވެ. ކިތަންމެ އިރެއްވިޔަސް އެނާގެ ގާތަކަށް ނިންޖެއް ނާންނާނެއެވެ. ވަރުބައްޔެއްވެސް ނުވާނެއެވެ. ނަމަވެސް ރޭ ދެބައިވިތަނާ މޫބީގަ ގާތަށް ނިދިއަންނަން ފަށައިފިއެވެ. އެންމެ ފެހުން ކެތްނުކުރެވިގެން ފަޚްރުގެ މޭގައި ބޯ އަޅާލައިގެން އިދެ އޭނާ ނިދައިފިއެވެ. ދެންވެސް ފަޚްރުގެ ގާތަކަށް ނިންޖެއް ނާދެއެވެ. އޭނާ ތާޒާކަމާއެކު ހޭލާ އިދެގެން ދަތުރުކުރަމުން ގެންދިޔައެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.