އަންހެން ކުދިން ބައިތިއްބުމަށް ފޭލިގެ ޖަހާފައި ހުރީ މިސުރު ސިފައިންގެ ފޭލިގެ ތަކާއިތަންކޮޅެއް ދުރުގައެވެ. ޒަޚްމީ އަސީރުންގެ ފޭލިގެހުރީ އަންހެން ކުދިންގެ ފޭލިގެއާއި ސަތޭކަވަރަކަށް ފިޔަވަޅު ހާހިސާބުގައެވެ. މިހާރު އަނެއްކާ އެހެން ފޭލިގެއެއް ޖެހުމުގެ މަސައްކަތް ފެށިއްޖެއެވެ. އެއީ ދެންމެގައި ގެނެވުނު ހަމީހުންނަށެވެ. ކޮޅަށްތިބޭހާ ވަރު ނެތިގެން އެމީހުން ބިންމަތީގައި އޮށޯވެލާފާ ފޭލިގެ ރުކުރުވާލެވުނެވެ. މަސައްކަތް ހިގަމުން ދިޔައިރު އަލަށް ގެނެވުނު ހަ އަސީރުންނާއި ހަތް އަންހެންކުދިން އެއްބަޔަކު އަނެއްބަޔަކާއި ދިމާއަށް ބަލަމުން ގެންދިޔައެވެ. ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ފޭލިގޭގެ މަސައްކަތް ނިމިއްޖެއެވެ. އަންހެން ކުދިންވެސް އެކުދިންގެ ފޭލިގެއަށް ގެންގޮސްފިއެވެ. ދެފޭލިގޭގެ ކައިރީގައި ފޯރި މަރަން ފަށައިފިއެވެ. – އަންހެން ކުދިންގެ ފޭލިގެއަށް ކާތަކެތި ގެނެސްފިއެވެ. އެތަކެތި ގެނައުމުން އެ ކުދިން ކައިބޮއި ނިމުމަށްފަހު އޭގެތެރެއިން އެއްކުއްޖަކު ބޭރަށް ނިކުމެ އަނެއް ހަ އަސީރުން ތިބި ފޭލިގެއާއި ދިމާއަށް ބަލަން ފަށައިފިއެވެ. މިހާރު އޭނާގެ މޫނު މަތީގައި ބިރާއި ސިހުމުގެ އަސަރެއް ނެތެވެ. – އަންހެން ކުއްޖާ ފޭލިގޭގެ ދޮށު މައްޗަށް ނިކުތުމުން ފޯރީއަށް ހުރި މީހާ ބަލައިލިއެވެ. އެވަގުތު އަންހެން ކުއްޖާ ހިނިތުންވެލާފައި ހަ އަސީރުންތިބި ފޭލިގެއަށް ދާން ބޭނުންކަމުގައި ފޯރީއަށް ހުރި މީހާ ގާތުގައި އިޝާރާތުން ބުނެފިއެވެ. ނަމަވެސް އެކުދިން ތިބޭ ފޭލިގެއިން ނިކުމެގެން އެއްވެސް ތަނަކަށް ދިޔަނުދިނުމަށާ މީހުންނާއި ބައްދަލުވެ އުޅުނަނުދިނުމަށް އަންގާފައިވާތީ ފޯރީ މީހާ ދެއަތަކަށް ބޯހޫރާލާފައި އެހުއްދަ ދިނުމަށް އިއުތިރާޒް ކޮށްފައެވެ. – އަންހެން ކުދިން ތިބޭ ފޭލިގެއާއި ހަ އަސީރުން ތިބި ފޭލިގެއާއި ދެމެދުގައި ބޯގަސްތަކެއް ހެދިފައި ހުއްޓެވެ. ކަނާތް ފަރާތުގައި އުސްފަސްފުން ފުންޏެވެ. މި ފަސް ފުނިމަތީގައި ވެސް ހިސާބަކަށް ގަސް ހެދިފާ ހުއްޓެވެ.
އިރުއޮއްސިއްޖެއެވެ. ދުނިޔެ މައްޗަށް ރޭގަނޑުގެ އަދިރިކަން ވެރިވާން ފަށައިފިއެވެ. ފޭލިގެތަކުގައި ތިބި މީހުންގެ މައްޗަށް ނިދީގެ އަސަރު ވެރިވާން ފަށައިފިއެވެ. ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރޭގައި ޒަޚަމީ އަސީރުންގެ ކުކުރުމުގެ އަޑު މާސާފުކޮށް އިވެން ފަށައިފިއެވެ. މެދުކެނޑުމެއް ނެތި ދުރުން މާދުރުން އިވޭފިސް ހަޅޭކެއްގެ އަޑު އިވެންފަށައިފިއެވެ. ޞަލާޙުއްދީން އައްޔޫބީގެ ހަގުރާމަވެރި ކޭމްޕްގައި ހިމެނޭ ފޭލިގެތަކުގައި މިހާރު ހޭލާ ތިބީ ހަމައެކަނި ފޯރީއަށް ތިބޭ މީހުންނާއި ޒަޚަމީ އަސީރުންނެވެ. ސިފައިންގެ ވާޖިބުތައް ސިފައިން ނިދިޔަނުދެނީއެވެ. ޒަޚަމީ އަސީރުންގ ޒަޚަމްތަކުގެ ރިހުން އެމީހުންގެ ނިންޖަށް ހުރަސް އަޅަނީއެވެ. މިއިން ހުރަހެއް ނެތިވެސް ބަޔަކު ހޭލާ އުޅޭކަމުގައިވިއެވެ. އެއީ ޞަލާޙުއްދީން އައްޔޫބީ އާއި އެމަނިކުފާނުގެ އެކުވެރިންނެވެ. – ދުވާލުފަދައިން ޞަލާޙުއްދީން އައްޔޫބީގެ ފޭލިގެކޮޅު އަލިކޮށްފާ އޮތެވެ. އެ ފޭލިގެ ކޮޅުގައި ތިބި އެއްވެސް މީހެއްގެ ލޮލަކަށް ނިންޖެއް ނާދެއެވެ. – ޞަލާޙުއްދީން އައްޔޫބީ އިށީދެވަޑައިގެން އިންނެވިއިރު އެމަނިކުފާނުގެ އަރިއަހުގައި އެމަނިކުފާނުގެ ތިން ނާއިބުންތިއްބެވިއެވެ. ފޯރީ މަރާމީހުން ބޭރުގައި ފޯރީއަށް ތިއްބެވެ.
”ޢަލީ ބިން ސުފިޔާން އަދި ވެސް ވަޑައެއް ނުގަންވައެވެ.“ ނުތަނަވަސްކަން އެކުލެވޭ އަޑު ފުޅަކުން ޞަލާޙުއްދީން އައްޔޫބީ ވިދާޅު ވިއެވެ. ”ޢަލީގެ ޤާޞާދުގެވެސް ޚަބަރެއް ނުވެއެވެ.“
”އެއްވެސް ކަހަލަ ގަޑުބަޑެއް ހިގިނަމަ މިހާރު އަޅުގަނޑުމެންނަށް ޚަބަރު ލިބިއްޖައީހެއްޔެވެ.“ ސުލްޠާން އައްޔޫބީގެ އަރިއަހުގައި ތިއްބެވި ތިންނާއިބުންގެ ތެރެއިން އެއްބޭފުޅަކު ވިދާޅުވިއެވެ. ”ހީވާ ގޮތުން ހުރިހާ ކަމެއްވެސް އެތަނުގައި ހުރީ ރަނގަޅަށެވެ.“
”އުއްމީދު ކުރަންވާނީ ތިޔަގޮތަށެވެ.“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. ”ފަންސާސްހާސް މީހުން އެކުލެވޭ ލަޝްކަރެއްގެ އެންމެން ބަޣާވާތް ކޮށްފިއްޔާ އެކަން ހަމައަކަށް އެޅުވުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެތަނުގައި ތިބޭނީ އަޅުގަނޑުމެންގެ ސިފައިންގެ ތެރެއިން އާދައިގެ ދޮޅުހާސް މީހުންނާއި، ސެހާސް އަސްވާރުންނާއި ހަތް ސަތޭކަ ފިޔާދާއިންނެވެ. އެމީހުންނާއި ބަލާފައި ސޫދާނުގެ އަޝްކަރީންނަކީ ވާ ހުޝިޔާރު، މާ ހިކްމަތްތެރިނ، ތަޖުރިބާކާރު ބައެކެވެ. އެމީހުންގެ އަޒުމްވެސް މާ ގިނަވާނެއެވެ.“
”ނާޖީއާއި އޭނާގެ މަކަރުވެރި ޖަމާއަތް ފަނާވެގެން ދިއުމަށްފަހުގައި ސޫދާނުގެ ލަޝްކަރު ބަޣާވާތް ކުރުމަކީ އެކަށީގެންވާ ކަމެއްކަމަކަށް ނުފެނެއެވެ.“ އޭގެ ތެރެއިން އެހެންނާއިބަކު ވިދާޅުވިއެވެ. ”އިސް މީހަކު ނެތި ސިފައިން ބަޣާވާތެއް ނުކުރާނެއެވެ.“
”އެކަމަކުވެސް ރައްކާތެރި ވުމަކީ ކޮންމެހެން ބޭނުންކަމެކެވެ.“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. ”އަހުރެމެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ ގޮތައްވެސް އެގޭނީ ޢަލީ ބިން ސުފިޔާން ވަޑައިގެންނެވީމައެވެ.“
މިސުރަށް އަރައިގެން ހަމަލާ ދޭން އެއައި ޞަލީބީ ލަޝްކަރަށް ހުރަސް އެޅުއްވުމަށްޓަކައި މިސުރުގެ ލަޝްކަރާއިގެން ޚުދު ޞަލާޙުއްދީން އައްޔޫބީ އައްސޭރީއަށް ނިކުމެވަޑައިގަތް ނަމަވެސް ސޫދާނީ ލަޝްކަރު ދާރުލް ހުކޫމަތުގައި ބަޣާވާތް ކޮށްފާނޭ ކަމުގެ ބިރުފުޅު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތްލެއް ބޮޑުކަމުން އެފަދަ ބަޣާވާތެއްގެ އަސަރު ފެނިވަޑައިގެންފިނަމަ ޢަލީ ބިން ސުފިޔާނުގެ ކިބައިގާ ހުންނަ ޚާއްސަ ފަންނުގެ ބޭނުން ކުރައްވައިގެން އެކަން އޮއްބާލައްވަން މަސައްކަތްޕުޅު ކުރެއްވުމަށްޓަކައި ދާރުލް ހުކޫމަތުގައި ޢަލީ ބިން ސުފިޔާން ބެހެއްޓެވިއެވެ. އޭގެ ފަހުން ޢަލީ ބިން ސުފިޔާން ވަޑައިގެން ޞަލާޙުއްދީން އައްޔޫބީއަށް ދާރުލް ހުކޫމަތުގެ ޚަބަރުތައް އަރުވާހާ ދުވަސް ވެއްޖެއެވެ. ނަމަވެސް ޢަލީ ބިން ސުފިޔާންގެ އެއްވެސް ޚަބަރެއް އަދި އެމަނިކުފާނަކަށް ލިބިވަޑައެއް ނުގަންނަވައެވެ. އެގޮތުގައި ދުވަސްތައް ގިނަވެގެން ދާން ފެށުމުން އެމަނިކުފާނުގެ ފިކުރުފުޅު ބޮޑުވެ ހިތްޕުޅު ނުތަނަވަސް ވަމުން ދާން ފަށައިފިއެވެ.
ޞަލާޙުއްދީން އައްޔޫބީއާއި އެމަނިކުފާނުގެ ނާއިބުން ޤާހިރާގެ ހާލު ހުރިގޮތެއް އެގިވަޑައިނުގަންނަވާތީ ފިކުރުފުޅު ބޮޑުވެގެން ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު އެ މަނިކުފާނުގެ ހަގުރާމަވެރި ކޭމްޕް އޮތީ ފުން ނިދީގެ ތެރެއަށް ގެބިފައެވެ. ނަކަވެސް ޞަލާޙުއްދީން އައްޔޫބީ ހިމާޔަތް ދެއްވި ހަތް އަންހެން ކުދިންނެއް އަދި ނުނިދައެވެ. އެހާ ދަންވިއިރުވެސް އެކުދިން ތިބީ ހޭލައެވެ. އެހެން ތިއްބާ ފޭލިގޭގެ ކައިރީގައި ފޯރީއަށް ހުރި މީހާ ވަށައިގެން ހިގާލާފައި އައިސް މަޑުމަޑުން ފަރުދާ ހިއްލާލައިފިއެވެ. އެނާ އަތްޖައްސާލުމުން ފަރުދާއަށް އެއައި ކުޑަކުޑަ ހަރަކާތް ފެނުނީމާ އެކުދިން އަވަސް އަވަހަށް ނިދާކަމަށް ހަދާފައި ގުގުރި ދަމަން ފެށައިފިއެވެ. ވުމާއެކު އެކުދިން ނިދާފައި ތިބިކަމުގައި ޔަޤީން ކޮށްފައި ހަތް ކުދިން ހަމައަށް ތިބިކަން ގައިމުކޮށްލުމުގެ ގޮތުން ރަނގަޅަށް ގުނާލުމަށްފަހު އޭނާ ގޮސް ފޭލިގޭގައި ލެގިލައިގެން އިށީ ދެއްޖެއެވެ. އެވަގުތު ފޭލިގޭގެ ދޮރާއި އެންމެ ކައިރީގައި އޮތް އަންހެން ކުއްޖާ މަޑުމަޑުން ފަރުދާ ހިއްލާލައިފާ ސިއްރު ސިއްރުން ބޭރު ބަލައިލައިފިއެވެ.
”އށީދެއްޖެއެވެ.“ އެކުއްޖާ އާއި އެންމެ ކައިރީގައި އޮތް އަންހެން ކުއްޖާގެ ކަންފަތް ދޮށުގައި މިހެން ބުނުމުން އެކުއްޖާ ދެން އޮތް ކުއްޖާގެ ކަންފަތް ދޮށުގައި ބުނަމުން ގޮސް އެޚަބަރު ހަތްކުދިންނާއި ހަމައަށް ފޯރުވާލައިފިއެވެ. އެކަން ނިމުމާއެކު ފޭލިގޭގެ ބިތްދޮށް ފަރާތުގައި ހުރި ދޮރުކައިރީގައި އޮތް އަންހެން ކުއްޖާ ތެދުވެ އިށީދެއްޖެއެވެ. ބިންމަތީގައި ފަތުރާލެވިފައިވާ ތަންމަތީތަކުގެ ތެރެއިން އެ އަންހެންކުއްޖާ އޮށޯވެގެން އޮތް ތަންމަތި ވަކިގޮތަކަށް ހަމަޖައްސާލާފައި އޭނާގެ ގައިގާ ލާފައި އޮތް ރަޖާގަޑުނަގާ ތަންމަތީގައި އަޅައިފިއެވެ. މިހާރު އެތަންމަތި އެކުއްޖާ އޮށޯވެގެން އޮތް އިރެކޭ އެއްވެސް ތަފާތެއް ނެތެވެ.
އެކުއްޖާ ފިރުކެމުންކަހަލަ ގޮތަކަށް ގޮސް ބިތްދޮށު ފަރާތު ދޮރުގައި ދަމާފައި ހުރި ފަރުދާ ހިއްލާލާފާ ބޭރަށް ނިކުމެއްޖެއެވެ. އެކުއްޖާ ނިކުތުމުން ދެން ތިބި ހަކުދިން އަނެއްކާވެސް ގުގުރި ދަމަން ފަށައިފިއެވެ. އެއީ ކަނޑުވެ ހާލުގައި ޖެހިފާ ތިއްބާ ސަލާމަތްކޮށް ގެންނެވި ޞަލާޙުއްދީން އައްޔޫބީ ހިމާޔަތް ދެއްވާފައި ތިބި އަންހެން ކުދިބައެއް ކަމާއި އެ ކުދިންނަކީ ނުރައްކާތެރި ގައިދީން ނޫންކަން ފޯރީއަށް ތިބި މީހުންނަށް އެގިފައިވާތީ އެކި މީހުން އެކި ތަނުގައި އިށީދެލައިގެން ތާއްޔާ ޖެހި ޖެހި ތިއްބެވެ. އެމީހުން އެ ގޮތަށް އަމަލުވެފާ ތިއްބާ އެއްކަލަ އަންހެން ކުއްޖާ ހަތަރެސްފައި ޖަހައިގެން ފިރުކިފާ ފޭލިގޭގެ ފުރަގަހުގައި ހުރި ފަސްފުޏަކާއި ދިމާއަށް ދާންފެށިއެވެ. – އެއީ ހިސާބަކަށް ގަސް ހެދިފައި އޮތް ތަނެއް ކަމުން ރޭގަޑު ކަނު އަދިރީގެ ތެރޭގައި މީހަކު ބެލިއަސް ނުފެންނާނޭ ކަން ޔަޤީންވާ ހިސާބަށް ގޮސްފާ އެއްކަލަ ޒަޚްމީ އަސީރުން ތިބިފޭލިގެ އާއި ދިމާއަށް އަންހެން ކުއްޖާ މިސްރާބު ބަދަލު ކޮށްލައިފިއެވެ. ތަންކޮޅަކަށް ގޮސްފާ ހިލަތަކުގެ މަތީގައި އޭނާ އިށީދެއްޖެއެވެ. އުސްފަސްފުނި ތަކާއި ބޮޑެތި ހިލަތަކުގެ ތެރޭގައި ދެމެމުން އޭނާ ކުރިއަށް ދާން ފަށައިފިއެވެ. އިރުކޮޅެއްވީއިރު ޒަޚްމީ އަސީރުން ތިބި ފޭލިގެއާއި ހަމައަށް އޭނާއަށް ދެވިއްޖެއެވެ. އެވަގުތު ފޭލިގޭގެ ކައިރީގައި ދެކޮޅަށް ހިގާލަ ހިގާލަ ހުރި ފޯރި މީހާ ފެނުމުން އެކުއްޖާ އަވަސް އަވަހަށް ފަސް ފުންޏެއްގެ ކައިރީގައި އޮށޯވެއްޖެއެވެ. އެތަނުގައި އޮންނަ އިރު ފޯރީ މީހާ ފެންނަނީ ކަޅު ހިޔަންޏެއްގެ ސިފައިގައެވެ. – މިހާރު އޭނާއަށް އެ އޮވެވުނީ ދެފަރާތުގައި ހުރި ދެ ފޭލިގޭގެ ކައިރީގައި ފޯރީއަށް ތިބި ސިފައިންގެ މީހުންގެ މެދުގައެވެ. ނަމަވެސް އެހިސާބުގައި އޮންނަ އިރު އޭނާގެ ފޭލިގޭގެ ކައިރީގައި ފޯރިއަށް ތިބި މީހުންގެ ފަރާތުން އެއްވެސް ކަހަލަ ނުރައްކަލެއް ނާންނާނެއެވެ. ފަހަރެއްގައި ނުރައްކަލެއް އަޔަސް އަންނާނީ ޒަޚަމީ އަސީރުން ތިބި ފޭލިގޭގެ ކައިރީގައި ފޯރީއަށް ތިބި މީހުންގެ ފަރާތުންނެވެ. މިހާރު ފޭންނަން އެހެރަ މީހާ އެއަށް ވުރެ ތަންކޮޅެއް ކުރިއަށް ހިގާލިޔަސް އޭނާ ފެންނާނެއެވެ. – ސިއްރު ފާޅުވެ އޭނާ އަތުލައިގަނެވޭނެއެވެ.
އަންހެން ކުއްޖާ އިންތިޒާރުގައި އޮންނަތާ އިރުކޮޅެއް ވީފަހުން އެއްކަލަ ސިފައިންގެ މީހާ އެހެން ފޭލިގެއަކާއި ދިމާއަށް ހިގައްޖެއެވެ. އެމީހާ ދިއުމުން އަންހެން ކުއްޖާ އަވަސް އަވަހަށް ފިރުކިފާ ގޮސް އެއްކަލަ ހަ އަސީރުން ތިބި ފޭލިގެއަށް ވަދެއްޖެއެވެ. އެތެރެއަށް ވެރިވެފާއޮތް ކަނު އަދިރީކަމުގެ ތެރެއިން ދެތިން މީހަކު ކުކުރާ އަޑު އިވެއެވެ. ހީވާ ގޮތުން ފޭލިގޭގެ ފަރުދާ ހިއްލާލިތަން އެމީހުންނަށް ފެނުނީ ކަންވެސް ނޭގެއެވެ. އެކުއްޖާ އެތެރެއަށް ވަދެ ރަގަޅަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް އޭގެތެރެއިން މީހަކު ބަލިބަލިއަޑަކުން ސުވާލުކޮށްފިއެވެ.
”ކާކު ހެއްޔެވެ؟“
”ޝީ….“ އަންހެން ކުއްޖާ ދިގު ”ޝީ“ އަކުން އެމީހާ ހިމޭންކޮށްފާ ސުވާލު ކޮށްލިއެވެ. ”ރޮބިން ކޮބައިހެއްޔެވެ؟“
”އެފަރާތުން ތިންވަނައަށް އެއޮތީއެވެ.“ މިޖަވާބު ލިބުމުން އަންހެން ކުއްޖާގޮސް އެފަރާތުން ތިންވަނައަށް އޮތް މީހާގެ ފައިގާ ހިފާ ތަޅުވާލައިފިއެވެ.
”ކާކު ހެއްޔެވެ؟“ ތިންވަނައަށް އޮތް މީހާވެސް އެ ސުވާލުކުރިއެވެ.
”މޫބީއެވެ.“
ނަން އިވުމާއެކު ރޮބިން ފުންމައިގެން ތެދުވެ އިށީދެއްޖެއެވެ. ދެއަތް ދިއްކޮށްފާ މޫބީގެ ގައިގާ އޮޅުލައިގަނެގެން ތަންމަތީގައި އޮށޯންނަމުން ރަޖާގަޑުގެ ތެރެއަށް މޫބީ ދަމައިގެންފިއެވެ.
”ފޯރީ ގަޑި ބަދަލުވާ ގަޑިޖެހެންދެން އަހަރެންގެ ކައިރީގައި އޮންނާށެވެ.“ މޫބީގެ ގައިގާ ހިފަހައްޓާލާފައި ގަޔާ ކައިރިކޮށް ބޮޑި ކޮށްލަމުން ރޮބިން ބުންޏެވެ. ”އަހަރެމެންނަށް މި ބައްދަލުވެވުނު އިއްތިފާޤީ ބައްދަލުވުމުގެ ސަބަބުން އަހަރެން މިއޮތީ ހައިރާން ވެފައެވެ. މިއީ މުއުޖިޒާތެއްފަދަ ބައްދަލުވުމެކެވެ. މިއިން އެގޭ އެއްޗަކީ އަހަރެމެންނަށް ފަތަޙަ ލިބުމަށް އަހަރެމެންގެ ކަލާނގެ ޔޫސައު މަސީޙު ރުހިވަޑައިގަންނަވާކަމެވެ. މިހާރު އަހަރެމެން މިތިބީ ވަރަށް ނުބައި ބަލިވުމަކުން ބަލިވެފައެވެ. އެކަމަކު އެއީ މުޅިން މަކަރެވެ. ނުދެނެ ތިއްބާ ބަޔަކުދިން ކެއްސެކެވެ.“ މިގޮތަށް މިވާހަކަތައް ދައްކަމުންދާ މިވާހަކަތައް ދައްކަމުންދާ މީހާއަކީ ޒަޚްމީ އަސީރުން ގެނެވުނުއިރު ސިފައިންގެ މީހަކަށްވުރެ މަތީ މީހެއް ކަމުގައި ހީވި މީހާއެވެ. – އެ މީހާ އާއި ދޭތެރޭގައި ސަމާލު ވުމަށާއި އެ މީހާއާއި ބެހޭ ތަހްގީގުތައް ކުރެއްވުމުގެ މަސްއޫލިއްޔަތު ޢަލީ ބިން ސުފިޔާނާއި ހަވާލު ކުރައްވާނޭ ކަމުގައި ޞަލާޙުއްދީން އައްޔޫބީ ވިދާޅުވި މީހާއެވެ.
”ކަލޭގެ ޒަޚަމް ވެފާވަނީ ކިހާ ވަރަކަށް ހެއްޔެވެ؟“ ރޮބިންގެ ކައިރީގައި މޫބީ އެހިއެވެ. ”ކަށިގަޑެއް އެއްޗެއް ނުބިދޭހެއްޔެވެ؟“
”އަހަރެން މުޅިން ރަނގަޅެވެ.“ ރޮބިން ޖަވާބު ދިނެވެ. ”އެންމެ ކުޑަމިނުން އަހަރެންގެ ހަށިގަޑު ގައި ކޫރުމެއްވެސް ނޭޅޭއެވެ. އެކަމަކު އެތެރެހައްޓަށް މާބޮޑަށް އަނިޔާ ވެފާ ހުރިކަމަށާއި މޭގަޔާއި އަރިކަށީގައި ވަރަށް ބޮޑަށް ރިހޭ ކަމަށް އެމީހުންގެ ގާތުގައި ބުނީމެވެ. ނަމަވެސް އަހަރެން މުޅިން ރަގަޅެވެ.“
”ވީއިރު މިތަނަށް އައީ ކީއްކުރަންހެއްޔެވެ؟“ މޫބީ ސުވާލު ކުރިއެވެ.
މިޞުރަށްއަރާ ސޫދާނުގެ ލަޝްކަރާއި ހަމައަށް ދެވޭތޯ އަހަރެން ހާދަމަސައްކަތެއް ކުރީމެވެ. ނަމަވެސް މިސުރުގެ ސިފައިންގެ ލަޝްކަރު އޮތީ މިސުރުވަށައިގެން ރުކުރުވާލެވިފައެވެ. ވީމާ މިސުރަށް އަރާނޭ ކުޑަވެސް ފުރުސަތެއް ނުލިބެއެވެ. އެންމެ ފަހުން މިތިބަ ހަމީހުން އަތުލައިގަނެގެން އުޅެނިކޮށް މީގެތެރެއިން މީހަކަށް ވެގެން މިތަނަށް އައީއެވެ. -ދެންމަސައްކަތް ކުރަންވީ މިތަނުން ފިލައިގެން ދެވޭތޯއެވެ. އެކަމަކު އެއީ އެކަށީގެންވާ ކަމެއްކަމަށް ނުފެނެއެވެ.“ ހިސާބަކަށް ރުޅީގެ އަސަރު އެކުލެވިފައިވާ ރާގަކަށް ރޮބިން ބުންޏެވެ. ”ދެން އަހަރެން މި ކުރާ ދެ ސުވާލަށް ކަލޭ ފުރިހަމަ ޖަވާބު ދޭށެވެ. ޞަލާޙުއްދީން އައްޔޫބީ ހެޔޮހާލު ކޮޅުގައި ސަލާމަތުން ހުންނަވަނިކޮށް އަހަރެން ދެކެފީމެވެ. – އޭގެ ސަބަބަކީ ކޮބައިހެއްޔެވެ؟ – އޭނާގެ އަތުން ދުނި ހުސްވީހެއްޔެވެ؟ ނުވަތަ އެ ހަރާމްކޯރު ފިޑިވީ ހެއްޔެވެ؟ އަނެއް ސުވާލަކީ ކަލޭމެންގެ ހަތް އަންހެން ކުދިން އެކުގައި މުސްލިމުންގެ އަތްދަށުގައި ހައްޔަރުވީ ކިހިނަކުން ހެއްޔެވެ؟ – އޭގެ ފަސް ފިޑިން މަރުވީ ހެއްޔެވެ؟ ނުވަތަ ހައްޔަރުވީ ހެއްޔެވެ؟“
”އެމީހުން ދުނިޔޭގައި އެބަތިއްބެވެ. ރޮބިންނެވެ.“ މޫބީ ބުންޏެވެ. ”އަހަރެމެންގެ ކާމިޔާބީއާއި ޔޫސައުމަސީހު ރުހިވަޑައިގަންނަވާ ކަމުގައި ކަލޭ ބުނީމެއްނޫން ހެއްޔެވެ؟ އެކަމަކު އެއީ ތެދެއް ނޫނެވެ. އަހަރެންނަށް ހީވަނީ އަހަރެމެންނަށް ކުރެވިފައިވާ ކޮންމެވެސް ބޮޑު ފާފައެއްގެ ސަޒާ ޔޫސައު މަސީޙް އަހަރެމެންނަށް ދެއްވަނީ ހެންނެވެ. އޭނާ ފޮނުވާލި ދުނި ހެރުނީ ޞަލާޙުއްދީން އައްޔޫބީ ދެފައިންޕުޅުގެ ދެމެދުން ބިންގަޑަށެވެ. އެމަނިކުފާނު ދުނިޔޭގައި އެހުންނެވީ އެހެންވެގެންނެވެ.“
”ދުނިޖެހީ އަންހެން ކުއްޖެއް ހެއްޔެވެ؟“ ރޮބިން އެހިއެވެ. ”އޭރު ކްރިސްޓޮފާރ ވީ ކޮންތާކުހެއްޔެވެ؟“
”ތީރު ޖެހީ ޚުދް އޭނާއެވެ.“ …… އެކަމަކު…….“
”ކްރިސްޓޮފަރގެ ދުނި ކުށްކުރީ ކީއްވެހެއްޔެވެ؟“ ހައިރާން ވެގެން ތެޅިގަންނަމުން ރޮބިން އެހި އެވެ. ”ކްރިސްޓޮފަރ އަކީ އޭނާގެ ކިބައިގާ ހުރި އަމާޒަށް ދުނި ޖެހުމުގެ ފަންނުގެ މޮޅުކަމުން ޝާހް އޮގަސްޓަސް ހައިރާން ކޮށްލި މީހާއެވެ. – އެ ފަންނުގައި އޭނާ މޮޅުކަމުން ޝާހް އޮގަސްޓަސް އަމިއްލަފުޅު ކަނޑިކޮޅުވެސް އޭނާއަށް އިނާމަކަށް ދެއްވިއެވެ. – އެކަމަކު އެފަދަ މޮޅުމީހާ މިތަނަށް އައުމުން އެ މޮޅުކަންވެސް ގެލިގެން ދިޔައީ ހެއްޔެވެ؟ – ހަފޫޓުގެ ދިގު އިސްކޮޅު ފުޅަކާއި ތިންފޫޓުގެ ފުޅާ ހަށިކޮޅެއް ލިބިވަޑައިގެން ހުންނެވި ޞަލާޙުއްދީން އައްޔޫބީ އެމޮޅު ކްރިސްޓޮފަރގެ ދުނިން ސަލާމަތްވެވަޑައި ގެންނެވީހެއްޔެވެ؟ – ނަސީބު ކުޑަމީހާ ގަތްބިރުން އަތް ތުރުތުރު އެޅީކަންނޭގެއެވެ.“
”ދުނި ޖެހިލެއް މާ ދުރީއެވެ.“ މޫބީ ބުންޏެވެ. ”އެހާ ދުރުން އޭނާ ދުނި ޖެހި ވަގުތު އޭނާ ހުޅުވައިގެން ހުރި ލޮލުގެ އެތެރޭގައި މަދިރިއެއް އިށީނީ ކަމުގައި ކްރިސްޓޮފާރ ބުންޏެވެ. ދުނި އަމާޒުނުވީ އެހެންވެގެންނެވެ.“
”ދެންވީ ކިހިނެއްހެއްޔެވެ؟“
”ވާންވީގޮތް ވެނިމުނީއެވެ.“ މޫބީ ބުންޏެވެ. ”ދުނި ޖެހުމުން އެކަން ކުރި ބަޔަކު ހޯއްދެވުމަށްޓަކައި ތިން ކޮމާންޑަރުންނާއި ހަތަރު ސިފައިން ގޮވައިގެން ޞަލާޙުއްދީން އައްޔޫބީ އައްސޭރީއަށް ނިކުމެވަޑައިގެން ވަރަށް ބޮޑަށް މަސައްކަތްފުޅު ކުރެއްވިއެވެ. އެމީހުން ފޮނުވައިގެން މުޅި އެހިސާބު ހޯއްދެވިއެވެ. އެއީ ކުދި ކުދި ފަރުބަދަތަކާއި ހިލަފުނިތަކުން ހެދިފާއޮތް ތަނަކަށްވީކަން ހަމަ ނަސީބެކެވެ. ކްރިސްޓޮފަރއާއި އަހަރެމެން ސަލާމަތްވީ އެހެންވެގެންނެވެ. ބިންގަޑުގައި ދުންޏާއި ދުނިދަޑި ވަޅުލާ ރައްކާކުރާނޭ ވަގުތު އަހަރެމެންނަށް ލިބުނެވެ. ކްރިސްޓޮފަރވެސް ސަލާމަތްވިއެވެ. ދުނި ދަނޑިއާއި ދުނި ވަޅުލުމަށްފަހު އެތަނުގެ މަތީގައި ޖަމަލު ބާއްވައިގެން އަހަރެމެން ތިއްބާ އެތަނަށް ސިފައިން އައުމުން އޭގެ ފަސްމީހުންނަކީ މަރާކިޝްގެ ތާޖަރުން ކަމަށާއި އަހަރެމެންނަކީ ކަނޑުވުމަށްފަހު ސަލާމަތް ވެގެން އައިސް އެމީހުންގެ ހިމާޔަތަށް އެދުނު ސިސިލުގެ ހަތް އަންހެން ކުދިންކަމުގައި ބުނެ މިސުރުގެ ސިފައިންނަށް ކްރިސްޓޮފަރ އޮޅުވާލީއެވެ. ދެންވެސް އެމީހުން އަހަރެމެންގެ ސާމާން ފާސްކޮށް ހެދިއެވެ. ނަމަވެސް ވިޔަފާރީގެ ސާމާނު ފިޔަވާ އެހެން އެއްވެސް އެއްޗެއް އެމީހުންނަކަށް ނުފެނުނެވެ. – މިސުރުގެ ސިފައިން ހިތްހަމަޖެހޭ ވަރަށް އަހަރެމެންގެ ސާމާނާއި އަޅައިގެން ތިބި ހެދުންތަކުގެ ޖީބުތައް ބަލާ ފާސް ކުރުމަށްފަހު އަހަރެމެން ގޮވައިގެން ޞަލާޙުއްދީން އައްޔޫބީގެ އަރިއަހަށް ދިއުމުން ސިސިލުގެ ބަސްފިޔަވާ އެހެން އެއްވެސް ބަހެއް ނޭގޭކަމަށް ދަންނަވާ އަހަރެމެންގެ މޫނުތަކުން ބިރާއި ސިހުމުގެ އަސަރުތައް ފާޅު ކުރީމެވެ. އެވަގުތު ކްރިސްޓޮފަރ ކުރިއަށް ޖެހިލާފައި އަހަރެމެން އަންހެން ކުދިން ވާހަކަ ދައްކާ ސިސިލީ ބަސް އޭނާއަށް އެގޭކަމުގައި ޞަލާޙުއްދީން އައްޔޫބީއަށް ދެންނެވިއެވެ.“
ޞަލާޙުއްދީން އައްޔޫބީ އޭގެ ހަތް އަންހެން ކުދިންނާއި ދެއްކެވި ވާހަކަފުޅުތައް ވަރަށް ތަފްސީލުކޮށް ރޮބިންއަށް މޫބީ ކިޔައިދިނެވެ މަރާކިޝް ތާޖަރުންގެ ހެދުމުގައި ތިބި ފަސް ފިރިހެނުންނާއި ހަތް އަންހެން ކުދިން މިސުރުގެ އައްސޭރީއަށް ބޭލުނީ އޭގެ ދެ ދުވަސް ކުރިންނެވެ. ފަސް ފިރިހެނުންނަކީ ޞަލީބީ ޖާސޫސީ ކޮމާންޑަރުންގެ ތެރެއިން ތަޖުރިބާ ހުރި ފަސް މީހުންނެވެ. ހަތް އަންހެން ކުދިންނަކީވެސް މޮޅު ޖާސޫސުންނެވެ. – އެކުދިންނާއި ހަވާލު ކުރެވިފާ އޮތީ ޖާސޫސް ކުރުމާއި މުސްލިމް ސިފައިން ކުދިން އެކުދިންގެ ރީތި ސޫރަތަކުގެ ސިހުރުގައި ޖައްސާ އެމީހުން ވައުވައްދާ މަގު އޮޅުވުމުގެ މަސައްކަތެވެ. އެހަތް އަންހެން ކުދިންނަކީވެސް ޖާސޫސް ކުރުމުގެ ޓްރޭނިން ދެވިފައިތިބި ވިސްނުންތޫނު ތަޖުރިބާކާރު އަންހެން ކުދިންނެވެ. އެކުދިންނަށް ދެވިފާވައި ޓްރޭނިންތަކުގެ ތެރޭގައި އެކްޓް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެވިފައިވެއެވެ. ފަސް ފިރިހެނުންނާއި ހަވާލުކުރެވިފައި އޮތީ ޞަލާޙުއްދީން އައްޔޫބީގެ ފުރާނަފުޅު ދުއްވާލާފައި ނާޖީއާއި ބައްދަލުކުރުމުގެ މަސްއީލިއްޔަތެވެ. – މިއެގާރަ މީހުން އެކުލެވޭ މިޝަންގެ ވެރު އަކީ ރޮބިންއެވެ. ކޮންމެ ހާލެއްގައިވެސް ނާޖީއާއި ހަމައަށް ދިއުމަކީ އޭނާއަށް މަޖުބޫރު ކަމެކެވެ. ނަމަވެސް އެމީހުންނަށް އާދެވުނުއިރު ޞަލާޙުއްދީން އައްޔޫބީ އާއި ޢަލީ ބުން ސުފިޔާންގެ ހުޝިޔާރު ކަމާއި ވިސްނުންފުޅުތޫނުކަމުން މިސްރުގެ ކުރީގެ ހާލަތު އޮތީ ބަދަލުކޮށްލައްވާފައެވެ. ރޮބިންގެ ޖަމާއަތުގައި ހިމެނޭ ހަތް އަންހެން ކުދިންނަކީވެސް މިސުރުގެ ބަސް ރަގަޅަށް ދަންނަ އެބަހުން ވާހަކަ ދައްކާ އުޅޭ ކުދިންނެވެ. އެކަމަކު ޞަލާޙުއްދީން އައްޔޫބީ ގެ ކުރިފުޅުމަތީގައި އެކުދިންނަށް އެބަސް އެގޭ ކަން ފާޅުވިޔަކަ ނުދެއެވެ.
”ކަލެއަށް ޞަލާޙުއްދީން އައްޔޫބީ ދަލުގައި ޖައްސައެއް ނުލެވޭނެ ހެއްޔެވެ؟“ ރޮބިން ސުވާލުކުރިއެވެ.
”މިއީ މިތަނުގާ ވެއަތުކުރާ އެންމެ ފުރަތަމަ ރެއެވެ.“ މޫބީ ބުންޏެވެ. ”އަހަރެމްނާއި ދޭތެރޭގައި އެމަނިކުފާނު އެނިންމެވި ނިންމެވުމަކީ ހިތްޕުޅުގެ އަޑިން ނިންމެވި ނިންމެވުމެއް ކަމުގައި ވަންޏާ އެއީ އާދައިގެ ފިރިހެނެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އެއީ ހިލައިގެ އިންސާނެކެވެ. އަހަރެމެންގެ ތެރެއިން ކުއްޖަކާ އެމަނިކުފާނު ހިތްޕުޅާހަމަކުރެއްވިނަމަ އެ މަނިކުފާނުގެ ފޭލިގެ ކޮޅަށް އެ ކުއްޖަކު ގެންދެވީހެވެ…… އެކަމަކު އެހެނެއް ނުވިއެވެ….. އަހަރެންނަށް ހީވާ ގޮތުން ވިއްޔާ ޞަލާޙުއްދީން އައްޔޫބީ އަވަހާރަ ކޮށްލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އަހަރެމެން ފިލާ ތިއްބާ އެމަނިކުފާނު އައްސޭރީ އަށް ނިކުމެވަޑައިގެންނެވީ އެންމެ ފަހަރަކުއެވެ. އެފަހަރުވެސް އެމަނިކުފާނުގެ ހަށިކޮޅަކަށް ދުނި އަމާޒެއް ނުކުރެވުނެވެ. – އެމަނިކުފާނު އަބަދުވެސް ހުންނަވަނީ ސިފައިންގެ ކޮމާންޑަރުންނާއި އޮފިސަރުންގެ މެދުގައެވެ.“
”އޭގެ ފަސް ފިރިހެނުން ކޮބާހެއްޔެވެ؟“ ރޮބިން އެހިއެވެ.
”ތަންކޮޅެއް ދުރުގައި ހުރި ފޭލިގެއެއްގައި އެބަތިއްބެވެ.“ މޫބީ ބުންޏެވެ. ”އަދި ދުވަސް ކޮޅެއް ވަންދެން އެމީހުން މިތަނުގައި ތިބޭނެއެވެ.“
”މޫބީއެވެ. އަޑުއަހާށެވެ.“ ރޮބިން ބުންޏެވެ. ”މިބަލިވުމުގެ ސަބަބުން އަހަރެން މުޅިން މޮޔަކޮށްފިއެވެ.“ – މި ބަލިވުމުގެ ޒިންމާ ދާރަކީ އަހަރެން ކަމުގައި އަހަރެން އަމިއްލައަށް ޤަބޫލު ކުރެވެއެވެ. – އެކަމާހެދި އަހަރެންގެ ޒަމީރުވެސް ވަނީ މުޅިން ބަރުވެފައެވެ. ކޮންމެ އީސާއީއަކުވެސް ޞަލީބު ގަންދީ ހުވާކުރެއެވެ. އެކަމަކު އެމީހުންގެ ހުވައާއި އަހަރެންގެ ހުވާ އާއި ވަރަށް ތަފާތެވެ. އަހަރެންގެ މަޤާމްއަށް ވިސްނާލަބަލާށެވެ. އަހަރެންގެ ވާޖިބަށް ފިކުރު ހިންގާލަބަލާށެވެ. ބިމުގެ އަޑިންނާއި ބުރިކަށިފަރާތުން ހަމަލާ ދީގެން އެ ހަގުރާމައިގެ ދެބައި ކުޅައެއްބައި ފަތަހަ ހޯދަން ޖެހިފައިވަނީ އަހަންނަށެވެ. އެކަމަކު އަހަރެންނާއި އޭގެ ފަސް ފިރިހެނުންނާއި ކަލޭމެންގެ ހަތް އަންހެން ކުދިންނަކަށް ވާޖިބު އަދައެއް ނުކުރެވުނެވެ. – އަހަރެމެން ބަލިވުމުގެ ސަބަބު އޮޅުން ފިލުވަން އަހަރެންގެ ކަރުގައި މިއޮއް ޞަލީބު އެބަ ސުވާލުކުރެއެވެ.“ ކަރުގައި އަޅާފައި އޮތް ޞަލީބުގައި އަތުން ހިފާލަމުން ރޮބިން ބުންޏެވެ. ”އަހަރެމެންގެ ޞަލީބު އަހަރެންގެ މެ އަކާއި ވަތްކެއް ނުކުރެވޭނެއެވެ.“ މިހެން ބުނެފާ މޫބީގެ މޭމަތީގައި އަތް ކާއްތާލާފައި މޫބީގެ ޞަލީބު ހޯދުމަށްފަހު އޭގައި ހިފަހައްޓާލަމުން އަނެއްކާވެސް ރޮބިން ވާހަކަ ފެށިއެވެ. ”މޫބީއެވެ. ކަލޭގެ މައިން ބަފައިންނަށްވެސް ކަލޭ ކެހިދީފާނެއެވެ. އެކަމަކު މި ޞަލީބަކަށް ކެއްސެއް ނުދެވޭނެއެވެ. ޞަލީބުގެ މަތިން ހަދާން ނައްތައެއް ނުލެވޭނެއެވެ. – މި ޞަލީބު ކަލެއާއި ހަވާލުކުރި ވާޖިބު ފުރިހަމައަށް އަދާކުރާށެވެ. ތިޔަފަދަ ރީތި ސޫރައެއް ކަލެއަށް ދެއްވި ކަލާނގެ ހިލަތައް އިރުއްވާފައި ކަލެއަށް މަގު ދައްކަވާނެއެވެ. އަހަރެމެންގެ މިކުއްލި ބައްދަލުވުމަކީ އެކަމުގެ ހެއްކެއް ކަމުގައި އަދިވެސް އެއްފަހަރު އަހަރެންނަށް ބުނެވިދާނެއެވެ. އަހަރެމެންނަށް ކާމިޔާބު ލިބޭނެއެވެ. އަހަރެމެންގެ ލަޝަކަރު ރޫމުގެ ކަޑުގެ އެފަރާތު އައްސޭރީއަށް އެއްވަމުން އެބަދެއެވެ. – އަހަރެމެންގެ ތެރެއިން މަރުވެދިޔަ ބަޔަކު މަރުވެދިޔަ ނަމަވެސް އަހަރެމެންގެ އެ ބަލިވުމަކީ ރަގަޅު ބަލިވުމެއް ނޫން ކަމަށާއި އެއީ އަހަރެމެންނަށް ލިބުނު ކެއްސެއްކަން ދިރިތިބި އެންމެންނަށްވެސް އެގެއެވެ. ކަލޭމެންގެ ފޭލިގެއަށް އެބުރިގޮސް އެގޮތަށް ފޭލިގޭގައި ހިމޭނުންނުތިބެ އިރުއިރުކޮޅާ ޞަލާޙުއްދީން އައްޔޫބީއާއި ބައްދަލު ކުރުމަށް ދެންތިބި އަންހެން ކުދިންގެ ގާތުގައި ބުނާށެވެ. އެމަނިކުފާނުގެ ސިފައިންނާއި ބައްދަލުވެ އެކުވެރިކަން އުފެއްދުމަށްވެސް ބުނާށެވެ. މިގޮތަށް އެކުދިންނަށް މަޝްވަރާ ދިނީމާ ދެން ކަންތައްކުރަންވީގޮތް އެކުދިންނަށް އެގޭނެއެވެ.“ ރޮބިން ކިޔައިދިނެވެ.
”އެންމެފުރަތަމަ ކަލޭ ކުރަންވީ ކަމަކީ އަހަރެމެންގެ ބަލިވުމުގެ އަސްލު ހޯދުން ނޫންހެއްޔެވެ؟“ މޫބީ ބުންޏެވެ. ”ސޫދާނީ ސިފައިން އަހަރެމެންނަށް ކެއްސެއްދީފާނޭކަމުގައި ކަލެއަށް ހީވާ ހެއްޔެވެ؟“
”ޔަޤީންކަމާއި އެކު އަހަރެންނަކަށް އެއްޗެއް ބުނާކަން ނޭގެއެވެ.“ ރޮބިން ބުންޏެވެ. ”އެ ހަމަލާގެ މާކުރިން މިސުރުގެ ކަންކޮޅުތަކަށް އަހަރެން ފަތުރާލި ޖާސޫސުންގެ ފަރާތުން އަހަރެންނަށް ޚަބަރު ލިބުނު ގޮތުން ވިއްޔާ ސޫދާނުގެ ފަންސާސްހާސް ސިފައިން އެކުލެވޭ ލަޝްކަރުގެ މައްޗަކަށް ޞަލާޙުއްދީން އައްޔޫބީ އިތުބާރެއް ނުކުރައްވަވައެވެ. – އެހަގުރާމައިގާ އަހަރެމެންނާއި ހަމަލާ ދިނީ ޞަލާޙުއްދީން އައްޔޫބީ މިސުރުގެ ވައިސްރޯއީގެ މަޤާމަށް އިސްވެ ވަޑައިގެންނެވުމަށްފަހު ތައްޔާރު ކުރެއްވި މިސްރުގެ ލަޝްރެކެވެ. އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ލަޝްކަރެކެވެ. އެ ލަޝްކަރުގައި ސޫދާނުގެ އެންމެ މީހަކުވެސް ހުންނާކަށް އެމަނިކުފާނު ބޭނުންފުޅުވެ ވަޑައެއްނުގަންނަވައެވެ. – ސޫދާނުގެ ލަޝްކަރުގެ ކޮމާންޑަރު ނާޖީ އަހަރެމެންގެ ކިބައިން ދެކަމަކަށް އެދުނެވެ. އޭނާ ފޮނުވިފަތް އަހަރެންވެސް ކިޔާފާސްކުރީމެވެ. އެއީ ހަމަ ނާޖީ ލިޔެފައި އޮތް ފެތެކެވެ. – އެފަތުގައި ކެހިވެރިކަމުގެ އެންމެ އިބާރާތެއްވެސް ނެތެވެ. އެކަމަކު ބުންހެއްޔެވެ؟ މިހާރު އަހަރެމެންނަށް ލިބިފައި މިވަނީ އަހަރެމެންގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ކެއްސެވެ. ވުމާއެކު އަހަރެމެންނަށް މިފަދަ ބޮޑު ކެއްސެއް ލިބުނު ސަބަބަކާއި، ކެހި ދިންމީހަކު އޮޅުންފިލުވުމަކީ އަހަރެމެންގެ އެންމެ އިސް ވާޖިބެވެ. ހަމަކަށަވަރުންވެސް އެކަން އޮޅުން ނުފިލުވަނީހެއް އަހަރެންނަކަށް އެބިރިއެއް ނުދެވޭނެއެވެ. މޫބީއެވެ. އަހަރެން މިތަނަށް އައިސް މުސްލިމުންގެ އަމިއްލަ ގެދޮރުގެ އެންމެ އެތެރޭގެ ސިއްރުތައް އޮޅުން ފިލުވާ އެބައިމީހުންގެ ދިރިއުޅުމުގެ ބިންގާތައް ގުޑުވާލާނޭ ކަމުގައި ޝާހް އޮގަސްޓަސް ކިހާ ފަޚުރުވެރިކަމާއި އެކު ވިދާޅުވިހެއްޔެވެ؟ އެކަމަކު މިހާރު މިވީ ގޮތުން އެމަނިކުފާނު ހީފުޅު ކުރައްވާނީ ކީކޭހެއްޔެވެ؟ – އަހަރެންގެ ކުށުގެ އަދަބަކަށް މަރުގެ ސަޒާ ފިޔަވައި އެމަނިކުފާނު ދެއްވަން އޮތީ ކޮން ސަޒާއެއް ހެއްޔެވެ؟ މޫބީއެވެ. އެކަންފިޔަވައި ޞަލީބުވެސް އަހަރެންނަށް ކޯފާ ފޮނުއްވާނެއެވެ.“
”ތިޔަހުރިހާ ކަމެއްވެސް އަހަރެންނަށް އެގެއެވެ.“ މޫބީ ބުންޏެވެ. ”މާ ބޮޑަށް އަސަރު ކުރާ ކަހަލަ ވާހަކަ ނުދައްކާށެވެ. ބޭނުންތެރި ވާހަކަ ދައްކާށެވެ. އަހަރެން ކުރަންވީ ކަމެއް ބުނާށެވެ.“
ރޮބިންގެ ހިއްސުތަކަށް ވެރިވަފައިވާ ބަލިވުމާއި، ހަވާލު ވެވިފައިއޮތް ވާޖިބުތައް އަދާނުކުރެވުނު ކަމުގެ މާޔޫސް އިޙުސާސްތަކެއްގެ ސަބަބުން މޫބީ ފަދަ ރީތި ޒުވާން އަންހެން ކުއްޖަކު އޭނާގެ މޭގައި ތަތްކޮށްލައިގެން އޮތްކަމެއްވެސް ހަދާނެއްނެތެވެ. އިރުކޮޅެއް ފަހުން އޭނާގެ މޫނުގެ އެއްބައި ނިވާވާގޮތަށް ފެތުރިފައި އޮތް މޫބީގެ ފަށުވި އިސްތަށިގަޑު މީރުވަސް އިހްސާސްކުރެވިގެން އެއިސްތަށިގަޑުގައި ފިރުމާ ލަމުން ބުންޏެވެ. “ މޫބީއެވެ. ކަލޭގެ މި ރީތީ އިސްތަށިގަޑަކީ ވަރުގަދަ ހިލިހިލާއެކެވެ. މި އިސްތަށިގަޑު ޞަލާޙުއްދީން އައްޔޫބީގެ ވަށައިގެން ފަތުރާލައިފިނަމަ އެމަނިކުފާނު ކަލޭގެ އަޅަކަށް ވެވަޑައިގަންނަވާނެއެވެ. އެކަމަކު ހަދާންކުރާށެވެ. އެންމެ ފުރަތަމަ ކަލޭ ކުރަންވީ ކަމަކީ ތާޖަރުންގެ ހެދުމުގައި ތިބެގެން ނާޖީއާއި ބައްދަލުވެވޭތޯ މަސައްކަތް ކުރުމަށް ކްރިސްޓޮފާރ އާއި އޭނާގެ އެކުވެރިންގެ ގާތު ބުނުމެވެ. – އޭނާ އާއި ބައްދަލުވުމުން އެނާގެ ލަޝްކަރު ބަޣާވާތް ނުކުރީ ކީއްވެގެންތޯ އާއި މަދުމީސްކޮޅެއް ފާރައަށް ބައިތިއްބައިގެން ތިންބަޔަކުން އެކުލެވޭ އެބޮޑު ކަނޑުގެ ލަޝްކަރު ޣަރަޤް ކޮށްލެވުނު ގޮތަކާއި އަޑިއަޑިން ޞަލާޙުއްދީން އައްޔޫބީ އާއި ނާޖީ ގުޅިފައިވޭތޯ އޮޅުން ފިލުވުމަށްވެސް އެމީހުންގެ ގާތުގައި ބުނާށެވެ. – އަދި އަހަރެމެންނަށް ނާޖީ ލިޔުނު ފަތަކީ އަހަރެމެންނަށް މިހާލު ޖެއްސުމަށްޓަކައި ރާވައިގެން ލިޔުނު ފަތެއްތޯ ބަލާ އޮޅުން ފިލުވުމަށްވެސް ބުނާށެވެ. އެމީހުން މައުޟޫމާތު ގެންނައިރު އަހަރެންނަށް މިހާވާ ހީވުމަކީ ތެދުކަމަށްވެއްޖެނަމަ އަހަރެމެންގެ ހަގުރާމައިގެ ހިކުމަތްތައް ބަދަލުކޮށްލަން ޖެހޭނެއެވެ. – މުސްލިމުންގެ އަދަދު ކިތަންމެ މަދަސް އެހާ ފަސޭހައިން އެމީހުން ބަލިކޮށް ނުލެވޭނެކަން މިހާރު އަހަރެންނަށް ޔަގީންވެއްޖެއެވެ. މިވީ ގޮތުން އިސްލާމީ ރަސްރަސްކަލުންނާއި ލަޝްކަރުތަކުގެ ސިފައިން ކިބައިގާ ހުރި ޖޯޝް ފިނިކޮށްލުމަކީ ކޮންމެހެން ބޭނުންކަމަކަށް ވެއްޖެއެވެ. މިކަމަށްޓަކައި ކަލޭމެން ކަހަލަ ރީތި އަންހެން ކުދިން މުސްލިމުންގެ ހަރަމްތަކަށް ފޮނުވަން އަހަރެމެންނަށް މަޖުބޫރުވާނެއެވެ.“
”ކަލޭ އަނެއްކާވެސް ވާހަކަ ދިގު ކުރަނީއެވެ.“ ރޮބިންގެ ވާހަކަ ހުއްޓުވަމުން ރޮބިން ބުންޏެވެ. ”އެއްވެސް ފިކުރެއްނެތި އަހަރެމެން އެކަކު އަނެކަކަށް ވާހަކަ ކިޔައިދޭން މިތިބީ އަމިއްލަ ގޭގައި ހުރި އަމިއްލަ ތަންމައްޗެއްގައެއް ނޫނެވެ. އަހަރެމެންނަކީ ދުޝްމަނުންގެ ކޭމްޕެއްގައި ހައްޔަރުކުރެވިގެން ބަލަހަޓަމުން ގެންދާ އަސީރުންތަކެކެވެ. މިހާރުވެސް ސިފައިންގެ މީހުން ބޭރުގައި ހިގާލަ ހިގާލާ އެބަތިއްބެވެ. – ރޭގަޑުގެ ވަގުތުތަތް ފާއިތުވަމުން ދަނީއެވެ. ވުމާއެކު މާގިނަވާހަކަ ދައްކާނޭ ފުރުސަތެއް އަހަރެމެންނަކަށް ނެތެވެ. މިހާރު އަހަރެމެންގެ މިޝަން ތައްޔާރުވެ ނިމިއްޖެއެވެ. ދެން ބުނެބަލާށެވެ. މިހާރު ފެންނަގޮތުން ވިއްޔާ އަހަރެމެންގެ މިޝަނުން ކަންތައް ކުރަންވީ ކިހިނަކުން ހެއްޔެވެ؟ އަހަރެމެންގެ ތެރޭގައި ހަ ފިރިހެނުންނާއި ހަތް އަންހެން ކުދިން ހިމެނެއެވެ. ވީމާ އަހަރެމެން އަންހެން ކުދިން ކުރަންވީ ކީތް ހެއްޔެވެ؟ ނާޖީގެ ކައިރިއަށްގޮސް އޭނާގެ ކެހިވެރިކަން އޮޅުން ފިލުވައިގެން އަންނަ މީހުން އެވާހަކަތައް ކަލެއަށް އަންގާނީ ކިހިނަކުން ހެއްޔެވެ؟ އޭރު ކަލޭ ހުންނާނީ ކޮންތަނެއްގައި ހެއްޔެވެ؟
”އަހަރެން މިތަނުން ފިލައިގެން ދާނީއެވެ.“ ރޮބިން ބުންޏެވެ. ”އެކަމަކު ދިއުމުގެ ކުރިން މި ކޭމްޕްތަކާއި މިތަނުގައި ތިބި ސިފައިންނާއި ކުރިއަށް އޮތް ތަނުގައި ޞަލާޙުއްދީން އައްޔޫބީ އާއި އެމަނިކުފާނުގެ ބައިވެރިން ކަންތައް ކުރައްވަން ގަސްތު ކުރައްވާ ގޮތުގެ ތަފްސީލު އޮޅުން ފިލުވާނަމެވެ. އަދި ބުނަންހެއްޔެވެ؟ އެންމެހާ މުސްލިމުންގެ ތެރެއިން އަހަރެމެންގެ ސޮލީބަށްޓަކައި އެންމެ ނުރައްކާތެރި އިންސާނާއާއި ދޭތެރޭގައި އަހަރެމެން ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެއެވެ. އެއީ މާގިނަ ބައެއް ނޫނެވެ. އެއީ ހަމަ އެންމެ މީހެކެވެ. މިހާރު އިސްލާމީ ޚިލާފަތް އަހަރެމެންގެ އަތް ދަށުން ފިރުކައިނުގަނެވި މިއޮތީ މިބުނި މީހާގެ ސަބަބުންނެވެ. – މުސްލިމުންގެ ބާރު ވަރަށް ބޮޑަށް ދެރަވެއްޖެ ކަމަށާއި އެކަމަށްޓަކައި ބޭނުންވަނީ ހަމައެންމެ ކުޑަކުޑަކަމެއްކަމުގައި ޝާހް އެމްލަކް ވިދާޅުވިއެވެ. އެކަމަކު އެމަނިކުފާނު މި ވިދާޅުވި ވިދާޅުވުމަކީ ހަމައެކަނި ކުއްހީފުޅެއްކަން މިހާރު އެގިއްޖެއެވެ. – އަހަރެން މިތަނުގައި ހުރެގެން ޞަލާޙުއްދީން އައްޔޫބީ ބަލިކޮށްލެވޭނޭ ގޮތެއް ހޯދަން ޖެހޭނެއެވެ. ކަލޭމެން ހަތް އަންހެން ކުދިން އަނެއްފަސް ފިރިހެނުންނާއި ގުޅިގެން ސޫދާނީ ލަޝްކަރު ހައްލާ ރުޅިއަރުވައިގެން ބަޣާވާތް ކުރުވާށެވެ. އެންމެ ބޮޑު ކަމަކީ ޞަލާޙުއްދީން އައްޔޫބީ ދުނިޔޭގައި ހުންނެވި ނުދިނުމެވެ. އެ މަނިކުފާނު ދުނިޔޭގައި ހުންނެވި ނަމަވެސް އުމުރުފުޅުގެ ދެން އޮތް ބައިގާ އިރުގެ އަލިކަން ދެކެވަޑައި ނުގެންނެވޭނޭ ގޮތުން އަހަރެމެންގެ ޤައިދުޚާނާގައި ހައްޔަރުވެވަޑައިގަތުމަކީ ކޮންމެހެން ބޭނުންކަމެކެވެ. – ފަހު ނޭވާފުޅާއި ހަމައަށްވެސް އެމަނިކުފާނަށް އުޑުގެ ތަރިއެއްވެސް ފެނިވަޑައިގަންނަވައިގެން ނުވާނެއެވެ.“ އެންމެ ފުރަތަމަ ކަލޭމެންގެ ފޭލިގެއަށް ގޮސް އަނެއް ހަކުދިން ކަންތައް ކުރަންވީ ގޮތް އެކުދިންނަށް އޮޅުން ފިލިވައި ދޭށެވެ. – އެމީހުން ކުރަންވީ އެންމެ ޚާއްސަ ކަމަކީ އެމީހުންގެ ފަށުވި އިސްތަށިގަޑުތަކާއި ސިހުރުވެރި ލޯތަކާއި، ލޫޅާފަތިހަށިތައް މެދުވެރިކޮށްގެން ޞަލާޙުއްދީން އައްޔޫބީއަށް އެއްވެސް ކަހަލަ ބޭނުންފުޅެއް ނުހިއްޕެވޭނެފަދަ އަކުން ޢަލީ ބިން ސުފިޔާން ބޭކާރު ކޮށްލުންކަން ވިސްނައި ދޭށެވެ. – އޭގެ އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ދުޝްމަނުވެވަޑައި ގަންނަވާފަދަ ކިލަބުކަމާއި ކުއްހީފުޅުތައް އެބޭފުޅުންގެ ހިތްޕުޅުގައި އުފެއްދޭތޯ މަސައްކަތް ކުރުމަށް ބުނާށެވެ. – ދެފިރިހެނެއްގެ ދެމެދުގައި ދުޝްމަނުކަމާއި ހަސަދަވެރިކަން އުފައްދާނޭގޮތް ކަލޭމެން ރަގަޅަށް ދަންނާނޫއެވެ. އަވަހަށް ދާށޭވެ…… އެހެން ކުދިންނަށް ހުރިހާ ކަމެއް އޮޅުން ފިލުވަދީފާ ކްރިސްޓޮފާރގެ ގާތަށް ފޮނުވާށެވެ. އޭނާގެ ތީރުކުށްކުރަންވީ ޞަލާޙުއްދީން އައްޔޫބީއާއި ހަމައަށް އައިސްފާތޯއާއި އޭނާ ކުރި ފާފައިގެ ކައްފާރާއެއްގެ ގޮތުން އަހަރެން މި ހަވާލުކުރާ ކަންތައް ސަތޭކައިން ސަތޭކައަށް ފުރިހަމަކުރުމަށް އޭނާގެ ގާތުގައި ބުނާށެވެ. އަހަރެންގެ ސަލާމް ބުނުމަށްފަހުގައި މި ވާހަކަތައް ތަފްސީލުކޮށް އޭނާއަށް ކިޔައިދޭށެވެ.“ މިހާ ހިސާބަށް ވާހަކަ ދައްކާފައި މޫބީގަ އިސްތަށިގަޑުގައި ބޮސްދެމުން ރޮބިން ކުރިއަށް ގެންދިޔައެވެ. ”ކަލޭމެންގެ އަބުރާއި އިއްޒަތްވެސް ޞަލީބަށްޓަކައި ގުރުބާން ކުރަން ޖެހޭނެއެވެ. – ނަމަވެސް އޭގެ ފަހުންވެސް ކަލޭމެންނަކީ މަރިޔަމް ފަދަ ހުސްހަށިބައި ކުދިން ކަމުގައި ޔޫސަޢު މަސީޙު ދެކެވަޑައިގަންނާނެއެވެ. – އަހަރެމެން މަސައްކަތް ކުރަންވީ އިސްލާމް ދީނުގެ ބިންގާ ފުޑުފުޑުކޮށްލާށެވެ. – އަހަރެމެން ޔެރޯސަލަމް އަތުލައިގެންފީމުއެވެ. – އަދި މިސުރުވެސް އަހަރެމެންގެ އަތް ދަށަށް އަންނާނެއެވެ.