”ނަސީބު ރަނގަޅީއެވެ. އެހެން ނޫންނަމަ ސަލާމަތެއް ނުވީހެވެ.“ ފަރުޖާދު ޢާޞިފް ޓެރަސްމަތީގައި ތާސްކުޅެން ތިބެގެން ވާހަކަ ދައްކަމުން ޢާޞިފް ބުންޏެވެ.
”ދުޝްމަނަކީ ކާކުބާއެވެ؟“ ފަރުޖާދު ބުންޏެވެ.
”އާއެކެވެ. އެއީ ކާކުބާވެއެވެ. ވިސްނަންޖެހޭވަރުގެ ކަމެކެވެ.“ ޢާޞިފް ބުންޏެވެ.
”ކޮންމެވެސް ދުޝްމަނަކު ހުރީއެވެ. މިއީ ތިންވަނަ ފަހަރެވެ. އަހަރެމެންގެ އަސް. ވާދީގެ ތެރެއަށް ވެއްޓި މަރުވުމަކީވެސް އެކަމާގުޅޭ ކަމެއްހެން އަހަރެންނަށް ހީވެއެވެ.“ ފަރުޖާދު ބުންޏެވެ.
”ތިއައީ ތެދެއްހެން އަހަރެންނަށްވެސް ހީވެއެވެ.“ ޢާޞިފް ބުންޏެވެ.
”އަހާށެވެ.“ ފަރުޖާދު ބުންޏެވެ.
”އަނެއްކާ ޢިޝްޤުގެ މައްސަލައެއް ނޫންހެއްޔެވެ؟“ ޢާޞިފް މިހެން ބުނުމުން ފަރުޖާދު ބާރަށް ހޭންފެށިއެވެ.
ފަރްޖާދާއު ޢާޞިފް ތިބީ ގޭގެ ފަހަތު ޓެރަސްމަތީގައި އެކަކު އަނެކަކާ ދިމާއަށް ކުރިމަތިލައިގެން ޑިގު ކުޅޭށޭވެ. އެކަމަކު މިހާރުވެސް އެމީހުންގެ ސިކުނޑީގައިވަނީ އޭގެ ތިންދުވަސް ކުރިން ކޮންމެވެސް މީހަކު ފަރުޖާދަށް ދިން މަރުގެ ޙަމަލާއެއްގެ ބިރުވެރިކަމެވެ. އެޙަމަލާއިން ފަރުޖާދު ސަލާމަތްވީ ހަމަ ކިރިޔާއެވެ. އޭގެކުރިންވެސް ދެފަހަރު އޭނާ މަރާލަން އެބަޔަކު ނުވަތަ އެމީހަކު މަސައްކަތް ކޮށްފިއެވެ. އޭނާގެ ބޭބެއާއި ބަލަދުވެރިޔާގެ ހައިޘިއްޔަތުން އެމައްސަލަ ބަލަން ޢާޞިފް މަސައްކަތް ކުރަމުން ގެންދެއެވެ. އެމައްސަލަ ފުލުހަށް ރިޕޯޓު ކުރަންވެސް މިހާރު ޢާޞިފް ޤަސްދުކުރެއެވެ. ޝައްކު ކުރެވެނީ ފަރުޖާދުގެ ބައްޕަ ޢަލީ ނޫރު މުޙައްމަދު މަރާލަން އެތަކެއްފަހަރު މަސައްކަތް ކޮށްފައިވާ ޢާއިލާގެ ފަރުދުންނަށެވެ. ޢާޞިފްގެ ބައްޕަ ޤަތުލުވެގެންދިޔައީވެސް އެފަދަ ޙަމަލާއަކުން ޢަލީ ނޫރު މުޙައްމަދު ސަލާމަތްކުރަން ކުރި މަސައްކަތުގައެވެ.
ޢާޞިފް މިހާރު އެކަން ފުލުހަށް ރިޕޯޓް ކޮށްފިއެވެ. ޝައްކުވާ މީހުންގެ ނަންތައްވެސް ކިޔާދީފިއެވެ. އެހެންކަމުން ފުލުހުން މިހާރު ގެންދަނީ އެމީހުން ބަލަހައްޓަމުންނެވެ. އެކަމަކު މިހާރު އެމީހުންނާމެދު ކުރެވުނު ޝައްކު ޢާޞިފްގެ ހިތުން ފިލައިފިއެވެ. ތިންވަނަ ފަހަރު ފަރުޖާދަށް ހަމަލާދިނުމަށްފަހުގައި އެއީ އެޢާއިލާގެ މީހުން ކުރާ ކަމެއް ނޫންކަމާއި، އެއީ އެހެން ކޮންމެވެސް ފަރާތަކުން އަންނަ ޙަމަލާތަކެއްކަން ޢާޞިފަށް ޔަޤީންވެއެވެ. ލޯބީގެ މައްސަލައެކޭ ޢާޞިފްގެ ހިތަށްއެރީ އެހެންވެގެންނެވެ.
”ތިއައީ ކީއްވެގެން ޢާޞިފްގެ ހިތަށް އެރި އެއްޗެއް ހެއްޔެވެ؟“ ފަރުޖާދު ހެމުން ހެމުން ސުވާލުކުރިއެވެ.
”ލޭ އޮހޮރުވުމަކީ ރަންރިއްސާއި މުދަލާއި ފައިސާއާއި ލޯބީގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ.“ ޢާޞިފް ބުންޏެވެ.
”އަދި ލޭ އޮހޮރުވުމެއް ނުހިނގާނޫން ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.
”އާއެކެވެ. ލޭ އޮހޮރުވުމެއް ނުހިނގައެވެ. އެކަމަކު ލޭ އޮހޮރުވަން މަސައްކަތް ކޮށްފިއެވެ.“ ޢާޞިފް ބުންޏެވެ.
”އާއެކެވެ. މިފަހަރު ތިޔަބުނީ ރަނގަޅަށެވެ. އެކަމަކު އަހަރެންގެ ބޭބޭއެވެ. އެންމެ ފުރަތަމަ ބޭބެ ތިޔަކުރި ސުވާލު އަނބުރާ ގެންދާށެވެ. ރަނގަޅު ގޮތަކީ އެއީއެވެ.“ ފަރުޖާދު ބުންޏެވެ.
”އެއީ ކީއްވެގެން ހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.
”އަދި މިހާތަނަށް މިއަޅާގެ ދުނިޔެއަކީ އާބާދުނުވެ ވީރާނާ ދުނިޔެއެވެ. އެހެންކަމުން އެވާހަކަ ފަހަށް ބާއްވާށެވެ. މުދަލާއި ފައިސާއާއި ބިމުގެ މައްސަލަ ތަޙްޤީޤު ކުރާށެވެ.“ ފަރުޖާދު ބުންޏެވެ.
”އާއެކެވެ.“ ޢާޞިފް ވިސްނަން ފެށިއެވެ. ”ފަރުޖާދު ތިޔަބުނީ ތެދެކެވެ.“
”އަހަރެން ދުވަހަކުވެސް ދޮގެއް ހެދިން ހެއްޔެވެ؟“ ފަރުޖާދު ހޭންފެށިއެވެ.
”ފަރުޖާދު ކޮންމެ ކަމެއްވެސް ހަދަނީ ސަމާސާއަކަށެވެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރި ނުކުރައްވާށިއެވެ. އެކަމަކު އެދުވަހު ފަރުޖާދުގެ ގަޔަށް ވަޒަން އެރިނަމަ ކިހާ ދެރަ ހެއްޔެވެ؟“ މިހެން ބުނި ވަގުތު ޢާޞިފް ތުރުތުރު އަޅައިގަނެގެން ދިޔައެވެ. ފަރުޖާދުވެސް ބިރުގަތެވެ. އެކަމަކު ބިރުގަތްކަމަށް ނުހަދާ އޭނާ ހޭންފެށިއެވެ.
”މާބޮޑު ކަމެއް ނުވާނެއެވެ. ޢާޞިފަށް ޖެހޭނީ ހަމައެކަނި އަހަރެންގެ ސަންދޯކުގައި ކޮނޑު އަޅާށެވެ.“ ސަމާސާ ރާގަކަށް ފަރުޖާދު ބުންޏެވެ.
”ޢާޞިފްއެވެ.“ ފަރުޖާދު ހުނުން ހުއްޓާލާފައި ސީރިއަސްވިއެވެ.
”އާއެކެވެ.“
”އަހަރެމެން ކަހަލަ މީހުން އަބަދުވެސް ތިބެންވާނީ ސަމާލުވެގެންނެވެ. މުއްސަނދިކަމަކީ ދުޝްމަނުން ގިނަވާ ކަމެކެވެ.“ ފަރުޖާދު ބުންޏެވެ.
”އަހަރެންގެ ކުރިމަތީގައި ފަރުޖާދުގެ ފުރާނައަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. ވީމާ، އަހަރެމެން އަބަދުވެސް ތިބެންވާނީ އަތުވެދާނޭ ޙަމަލާއަކަށް ތައްޔާރުވެގެންނެވެ.“ ޢާޞިފް ބުންޏެވެ.
”އެކުވެރިޔާއެވެ. ދެން ތިޔަވާހަކަ ހުއްޓާލާށެވެ. ދިރިއުޅުމާއި މަރުގެންނެވުމަކީ ﷲގެ އިރާދަފުޅުގައިވާ ކަންތަކެވެ. ބިރުގަތުމާއި ފިނޑިވުމަކީ ހިތްވަރުގަދަ ފިރިހެނުންގެ ކަމެއް ނޫނެވެ. ދެން އަވަހަށް އަތްބައި ނަގާށެވެ. ގަނޑުޖަހާށެވެ.“ ފަރުޖާދު ވާހަކައިގެ މިޞްރާބު ބަދަލުކޮށްލިއެވެ.
ފަރުޖާދު ހިތް އޮތީ ބިރުން ފުރިފައެވެ. ނަމަވެސް އެކަން އެހާ ބޮޑުކޮށްގެން ޢާޞިފް ބިރުގަންނަވާކަށް އޭނާ ބޭނުމެއް ނޫނެވެ. ވީމާ އޭނާ ހަމަޖެހިލަމުން މޭމަތީގައި ހުރި އަތްބައި އެއްކޮށްލައިގެން ނެގިއެވެ. އެކަމަކު ޢާޞިފް އަތްބައެއް ނުނަގައެވެ. އޭނާ އިނީ ވިސްނާށެވެ. ފަރުޖާދާއި ޢާޞިފަކީ ވަރަށް މިޖާޒު ތަފާތު ދެމީހުންނެވެ. ފަރުޖާދަކީ އާދަޔާ ޚިލާފް ކެތްތެރިކަމެއް ޤުދުރަތުން ހަދިޔާ ކުރައްވާފައިވާ މީހެކެވެ. ހިތްވަރުވެސް އެހާ ގަދަ މީހެކެވެ. ކިތަންމެ ބޮޑުކަމެއް ޖެހުނަސް އެކަން ފާޅުނުކޮށް އޭނާ ހުރެދާނެއެވެ. އެގޮތުން މިފަހަރުވެސް އޭނާ މާ ކަންބޮޑުވެގެނެއް ނޫޅެއެވެ.
”ޢާޞިފްއެވެ.“ ޢާޞިފް ކަންބޮޑުވެފައި އިންވަރުން އޭނާ ހަމަޖައްސަން ފަރުޖާދު މަސައްކަތް ކުރިއެވެ.
”އާއެކެވެ.“ ޢާޞިފް ބުންޏެވެ.
”އެއީ ކޮންގޮތެއް ހެއްޔެވެ؟“ ހުވަފެނެއްގައި ވާހަކަ ދައްކާ ފަދައިން ޢާޞިފް ބުނެލިއެވެ.
”ދުވަސްކޮޅަކަށްޓަކައި އަހަރެން ރާއްޖެއިން ބޭރަށް ގޮސްލަންވީއެވެ.“ ފަރުޖާދު ހީލިއެވެ.
ފަރުޖާދު އެބުނީ ރަނގަޅު ވާހަކައެކެވެ. އެކަމަކު އޭނާއާ ވަކިން އެހާ ގިނަދުވަސް ވަންދެން ހުރުމަކީ ޢާޞިފަށް ކުޅަދާނަކަމެއް ނޫނެވެ. ވީމާ އިޢްތިރާޒު ކުރުމުގެ ގޮތުން ބޯހަލުވާލިއެވެ. ”އެއީ ކީއްވެގެން ހެއްޔެވެ؟“
”ފަރުޖާދު ދިޔައީމާ އަހަރެން ކިހާ އެކަނިވާނޭ ހެއްޔެވެ؟“ ޢާޞިފް އެހެން ބުނިއިރު ދެރަވެފައި އިންވަރުން ފަރުޖާދަށްވެސް އަސަރުކުރިއެވެ. ”ހުރިހާ ބަލާއަކުން ﷲ ފަރުޖާދު ސަލާމަތް ކުރައްވާނެތެވެ.“
ފަރުޖާދު ހިނިއައިސްގެން ހުރެ އަތްބައި ރާވާލިއެވެ. ނަމަވެސް ޢާޞިފް ކުޅޭ ހިތެއް ނެތެވެ. އޭނާ އެއިނީ ފަރުޖާދުގެ މައްސަލައިގައި ކަންބޮޑުވެފައެވެ. ވީމާ، އޭނާ ފަރުޖާދާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. ދެމީހުން އެހެން ތިއްބާ ބާނދީއަކު ސައި ހިފައިގެން އައިސް މޭޒުމަތީގައި ބަހައްޓާލިއެވެ.
”ޝީނާގެ ޢުމުރު ދިގުކުރައްވާށިއެވެ.“ ފަރުޖާދު އޭނާއަށް ހެޔޮދުޢާކުރިއެވެ. ”އަހަރެން މިއިނީ ވަރަށް ބޮޑަށް ސައިބޯހިތްވެފައެވެ.“ މިހެން ބުނެފައި ފަރުޖާދު ސައި ހަދަން ފެށިއެވެ.
”ޢާޞިފްވެސް ސައިބޯށެވެ.“ ފަރުޖާދު ފުރަތަމަ ހެދި ސައިތަށި ޢާޞިފަށް ދިނެވެ. ނަމަވެސް އޭނާ އަޅައެއް ނުލިއެވެ.
”އޭ މިސްޓާރ އެވެ.“ ޢާޞިފް ސުވާލުކުރުމަށްޓަކައި ފަރުޖާދުގެ އަތުގައި އޮތް ސަމުސަލުން މޭޒުގައި މިޔުޒިކު ޖަހާލިއެވެ. އެވަގުތު ޢާޞިފް ސައިތަށީގައި ހިފިއެވެ.
”ޢާޞިފަކީވެސް ހާދަހާ ބޮޑު މޮޔައެކެވެ. އުފާކުރާށެވެ. އަމާޒު ކަސިޔާރުވީތީ އުފާ ކުރާށެވެ. އަންނަން އޮތް ތަނުގައި ރައްކާތެރިވެގެން އުޅޭނީއެވެ. ދެންއޮތީ ﷲގެ ރަޙްމަތްފުޅެވެ.“ ފަރުޖާދުގެ ޖުމްލަ ނިންމާލިތަނާ ފަތުއަޑު ކިޔާފައި އައި ވަޒަނެއް އޭނާގެ ކަންފަތް ކައިރިން ލާފާ ހިނގައްޖެއެވެ. އެވަގުތު ސައިތަށި އެއްލައިލާފާ ފުންމައިގެން ގޮސް ފަރުޖާދުގެ ގައިގައި ބައްދައިގަނެގެން ފަރުޖާދު ދަށުލާ ވެއްޓިގެންފިއެވެ. މިކުއްލި ޙަރަކާތުގެ ސަބަބުން އާޞިފްގެ މުލައްދަނޑި ޒަޚަމްކޮށްލައިފިއެވެ. އެވަރުންވެސް ޢާޞިފްގެ ތޫނު ވިސްނުމުގެ ބާރުގައި ފަރުޖާދު ސަލާމަތް ކުރިއެވެ. ވަޒަން އޭނާގެ މެޔާ އަމާޒުވިނަމަ ފަރުޖާދުގެ ބައްޕައަށްޓަކައި އޭނާގެ ބައްޕަ ފުރާނައިން ޤުރުބާންވީ ފަދައިން ފަރުޖާދަށްޓަކައި އޭނާގެ ފުރާނަވެސް ޤުރުބާންވީސްކަން ޔަޤީނެވެ.
މިއަޑުފަށްގަނޑު އިވުނު ކޮންމެ މީހަކު ދުވެ ގަޑަގަޑަޖަހާފައި އެދިމާއަށް ދިޔައެވެ. ހިސާބުގަނޑުގެ އަވަށްޓެރިންވެސް ހަވޭލީއަށް އައެވެ. އިސާހިތަކު މުޅި ޙަވޭލީ ފުރި ބާރުވެއްޖެއެވެ. އެންމެންވެސް ތިބީ ބިރަށް ފިތްކަނޑައިގެންދާ ވަރުވެފައެވެ. ފަރުޖާދުގެ ގާތްތިމާގެ މީހުން ރޮއި މަރުވަނީއެވެ. ކަންވީގޮތް އެމީހުންނަށް ރަނގަޅަށް ސާފުވީވެސް އެތައްއިރެއްވީ ފަހުންނެވެ. ޢާޞިފްގެ މުލައްދަނޑިން ފޭބި ލޭތަކުން ފަރުޖާދުގެ ގަމީސްއޮތީ ތެމިފޯވެފައެވެ. އެހެން ކަމުން ވަޒަން އެރީ ފަރުޖާދުގެ ގަޔަށްކަމަށް އެންމެންވެސް ހީކުރިއެވެ. ޙަޤީޤަތް ރަނގަޅަށް އެގުނީ ޢާޞިފް ޚަބަރު ހުސްވެގެން ވެއްޓުނު ފަހުންނެވެ.
ޢާޞިފްގެ އެމަތިވެރި ޤުރުބާނީއަށްޓަކައި ފަރުޖާދުގެ ހިތް ފުރުނެވެ. ވަގުތުން އެގުރުބާނީގެ ބަދަލު ދޭން އޭނާ ބޭނުންވިއެވެ. އެންމެންވެސް ޢާޞިފަށް ތަޢުރީފުކޮށް ޘަނާ ކިޔެވެ. އަވަސް އަވަހަށް އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ފަރުޖާދު އޭނާގެ ކޮޓަރިއަށް ގެންގޮސް އެނދުގައި ބޭއްވިއެވެ. އެއްބަޔަކު ގޮސް ފުލުހަށް ރިޕޯޓު ކުރިއެވެ. ފަރުޖާދުގެ ބައްޕައާއި މާމަގެ ހެޔޮކަން ލިބިފައިވާ މީހުން އެކަމުގައި އަތުކުރި އޮޅާލިއެވެ. ޑޮކްޓަރުން ޢާޞިފްގެ މުލައްދަނޑިން ވަޒަން ނެގުމަށްފަހު އެތަން ރަނގަޅަށް ސާފުކޮށް ބޭސްއެޅިއެވެ. ގުލްކޯޒް ގުޅައިގެން ކޮޓަރިއަކަށް ގެންދިޔައެވެ……. އޭނާއަށް ހޭވެރިކަން ވުމާއެކު ފަރުޖާދު ކޮބައިތޯ އެހިއެވެ.
”ފަރުޖާދު ކޮބައި ހެއްޔެވެ؟“ އޭނާ ސަލާމަތްވި ހެއްޔެވެ؟ އޭނާ އެކަނިކޮށްނުލާ ރަނގަޅަށް ބަލަހައްޓާށެވެ.“ ޢާޞިފް ވަރުދެރަ އަޑަކުން ވާހަކަ ދެއްކިއެވެ.
ހާދިޘާގެ ބިރުވެރިކަން ކުޑަވެ ކުޑަކޮށް ހަމަޖެހިލުމުން ފަރުޖާދުވެސް އެންމެ ފުރަތަމަ ކުރީ ޢާޞިފްގެ ސުވާލެވެ. އެންމެން ދެކޮޅު ހަދަހަދާ ތިއްބާ އޭނާ ތެދުވެގެންގޮސް ހޮސްޕިޓަލާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭނާއާ އެކުގައި ރަޙީމާއި އަސްއަންވެސް ދިޔައެވެ. އެންމެ ފުރަތަމަ ޢާޞިފް ފެނުމާއެކު ޢާޞިފްގެ ގައިގާ އޭނާ އޮޅުލައިގެންފިއެވެ. ”ޢާޞިފް ތިޔަކުރީ ކީއްހެއްޔެވެ؟ ޢާޞިފްގެ މެޔަށް ވަޒަން އެރިނަމަ ކުރާނީ ކީއްހެއްޔެވެ؟“
”ކަންބޮޑުނުވާށެވެ. އިރާދަކުރެއްވިޔަތީ މަރުވަޅަކަށް ވަޒަނެއް ނާރާ ނޫން ހެއްޔެވެ.؟“ ދެމީހުންގެ މިބައްދަލުވުމުގައި ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯބި ފާޅުވެ އެނގިގެން ދިޔައެވެ. ދެމީހުންގެ ހަތަރުލޯ ފެންކަޅިވެ އަޑު ބެދިފައިވެއެވެ.