މަލުގެ ރާނީ – ޗެޕްޓަރ 6

ރަޙްމާނުގުލްއަކީ ކޯހްސްތާނުގެ ރަށްވެއްސެކެވެ. އޭނާގެ ޒުވާން ޢުމުރުގައި އޭނާއަކީ ފޭރާމުގެ ވިޔަފާރިކުރި މީހެކެވެ. ބޭރު ރާއްޖެތަކުން ފަށުވިފޮތި ގެނުވައިގެން ގަޓަރީ ހަދައިގެން ބޯމަތީގައި ބަހައްޓައިގެން ފަރުބަދަމަތީގެ ރަށްރަށަށް ގޮސް ވިއްކާ ހަދައެވެ. އެފަހަރަކު ގަންނަ ފޮތި އެކުގައި ވިކި ހުސްވީމާ އެނބުރި ރަށަށްދެއެވެ. އަނެއްކާވެސް ފޮތި ގަނެވެންދެން އެއޮންނަ ހުސްދުވަސްވަރު ލަކުޑީގެ ވިޔަފާރި ކުރެއެވެ. މަޖޫރީވެސް ކުރެއެވެ.

ޒުވާންކަމުގެ ދެވަނަ ނަމަކީ ދީވާނާކަމެވެ. އެގޮތުން ރަޙްމާންގުލްގެ ޒުވާންކަންވެސް ދީވާނާވިއެވެ. ފަރުބަދަމަތީގެ އަވަށެއްގެ އަންހެން ކުއްޖެއް ކަމުގައިވާ ރޭޝްމާންދެކެ ލޯބިވިއެވެ. އެލޯބީގައި ދީވާނާވިއެވެ. ދެމީހުންކުރެ އެކަކަށްވެސް އަނެކެއްގެ ބަސްމޮށުމެއް ނޭގެއެވެ. ރަޙްމާންގުލްއަށް ވަރަށް ކުޑަކޮށް އުރުދޫބަސް އެނގެއެވެ. ނަމަވެސް ރޭޝްމާންއަކަށް ޕޮސްތޫބަހުގެ އެންމެ އަކުރެއްވެސް ނޭގެއެވެ. އެހެންވިޔަސް މަންމަނު ބަހުރުވަ ދެމީހުންނަށްވެސް އެނގެއެވެ. ލޯބި ހުށަހެޅީ އެބަހުރުވައިންނެވެ. އެދެމީހުންގެ ކައިވެންޏަށް ދިމާވި ހުރަސްތަކާ ރަޙްމާންގުލް ކެރިގެން ކުރިމަތިލިއެވެ. އޭނާ ލޯބިވާ މީހާއާއި ކައިވެނިކުރިއެވެ. އޭނާގެ އަބިމީހާ ޕަންޖާބުގެ ފަރުބަދަމަތީގެ އަވަށަށް ގެންދިޔައެވެ. ކޮންމެއަކަސް އޭނާގެ އޭނާގެ އަނބިމީހާ ފެނުމުން އޭނާގެ ޢާއިލާއާއި ޤަބީލާގެ މީހުން ރުޅިއައިސް ރަތްވިއެވެ. މުޅިޢާއިލާގައި ތޫފާނު އުފެދުނެވެ. އޭނާގެ މައިންބަފައިންނާއި ބޭބެއިންނާއި ކޮއްކޮއިންނާއި ދައްތައިންނާއި ގާތްތިމާގެ މީހުން ރޭޝްމާން ޅީދަރިއެއްގެ ގޮތުގައި ބަލައިގަންނާކަށް އެއްބަހެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. އެމީހުންގެ އާދަކާދަތަކާއި ޢަޤީދާއާއި ރަޙްމާނުލްގުލް ޚިލާފުވީއެވެ. އެއީ މަޢާފް ކުރެވޭވަރުގެ ކުށެއް ނޫނެވެ. އެންމެންވެސް ކުށްވެރި ކުރަނީ ރޭޝްމާންއެވެ. ރުޅިއަންނަނީ ރޭޝްމާންދެކެއެވެ. އެކަމާ ރޭޝްމާން ވާދެރައާއި ކުރާ ހިތާމައިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެހެރަ ރީތި ރޭޝްމާންގެ ކުލަ ފަނޑުވެ މިލާ މޯޅިވެއްޖެއެވެ. އެމީހުންގެ ޙިޞޯރެއްގައި އެފަކީރު ތާށިވެއްޖެއެވެ. ކުޑަމިނުން އެމީހުންގެ ބަސްމޮށުމާއި އާދަކާދައާއި ގަވައިދުތަކެއްވެސް އޭނާއަކަށް ނޭގެއެވެ. އެކަމަކު ލޯތަކުން އެފޮނުވާ ތީރުތައް ހަފަރާތުން އޮހޭތީ އޭނާއަށް ފެނެއެވެ. އޭގެ އަނިޔާއާއި ވޭން ލިބެއެވެ. ރަޙްމާންގުލްއަށް ރޭޝްމާންގެ ހާލު ފެނުމުން ހުރިހާ މުދަލަކާއި މީހުނެއް ދޫކޮށްލާފައި ރޭޝްމާން ގޮވައިގެން ދިރިއުޅުމުގެ މައިދާނަށް އެކަނިމާއެކަނި ފުންމާލިއެވެ. ރޭޝްމާންއަކީ އޭނާގެ ދިރިއުޅުމެވެ. ލޯބީގެ ބާރުގަދަ ގުޅުމެވެ….. ދެމަފިރިންގެ ހިންމަތާއި މިންނަތުން އަމިއްލަ ގެއެއް ބިނާކުރިއެވެ. މިނިވަން ވެއްޓެއްގައި މިނިވަން ދިރިއުޅުމެއް ހޭދަކުރަން ފެށިއެވެ.

ރަޙްމާންގުލް އެއަވަށުގައި ދިރިއުޅެން ފެށިތާ މިހާރު ގާތްގަނޑަކަށް ސަތާރަ އަހަރު ވެއްޖެއެވެ. މިހާރު އޭނާގެ މިލްކުގައި ފިހާރައެއް ހުރެއެވެ. މެދުމިނުގެ ވިޔަފާރިއެއް ހިންގައެވެ. އަމިއްލަ ގެދޮރު ހުރެއެވެ. ގުލްބާނޫއަކީ އޭގެ ދެމަފިރިންގެ އުފާވެރި ޒަވާޖީ ޙަޔާތުގެ ގުލްޝަނުގައި ފޮޅުނު މަލެކެވެ. ބައްޕަގެ ސިއްޙަތާއި މަންމަގެ ރީތިކަމާ ނަލަކަމާއި ފަރިކަން ނާޒުކުކަން ތައްގަނޑަށް އެޅިގެން ގުލްބާނޫ ސިފަވެފައިވެއެވެ. އަވަށުގެ އެންމެންގެ ނަޒަރުގައި ގުލްބާނޫއަކީ މަލުގެ ރާނީއެވެ.

ރަޙްމާންގުލްއާއި ރޭޝްމާން ހޭދަކުރަމުންދަނީ އެކުވެރި އުފާވެރި ދިރިއުޅުމެކެވެ. ރޭޝްމާންގެ ކޮންމެ އެކުމަކަށް ރަޙްމާންގުލް ކިތަންމެ ކުޑަކުޑަ ކަމެއްވެސް އަތްދަށުން ދިޔަކަ ނުދެއެވެ. ލައްސަކީ ރޭޝްމާއަށް ވަރަށް މީރު އެއްޗެކެވެ. ވީމާ، ލައްސީ ހުސްނުކޮށް ގޭގައި ބެހެއްޓޭތޯ ރަޙްމާންގުލް މަސައްކަތް ކުރެއެވެ. ރަޙްމާންގުލްއަކީ ސައިބޯހިތުން މޮޔަވެފައި ހުންނަ މީހެކެވެ. އެހެންކަމުން ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ކައްކާފައި ހުންނަ ރަހަމީރު ސައި ކޮންމެއިރަކު ބޭނުންވިޔަސް ލިބޭގޮތަށް ރޭޝްމާން ތައްޔާރު ކޮށްފައި ހުރެއެވެ.

ރަޙްމާންގުލްއަށް ގަވާއިދު ނޭގުނަސް އުރުދޫ ބަހުން ވާހަކަ ދައްކަން ދަސްކުރިއެވެ. ރޭޝްމާންއަށްވެސް ޕޮސްތޫ ބަސް ކުޑަކޮށް އެނގުނެވެ. އޭގެ ދެމަފިރިންގެ ދަރިފުޅު ގުލްބާނޫ ދަބަސްވެސް ރަނގަޅަށް ދަސްކުރިއެވެ. ޕޮސްތޫ ބަހުން ވާހަކަ ދައްކާއިރު އޭނާގެ ބައްޕައަކަށް ދުލެއް ނުކުރެއެވެ. ޕަންޖާބީ ބަހުން ވާހަކަ ދައްކާއިރު މަންމައެކޭ ތަފާތެއް ނުހުރެއެވެ. އުރުދޫ ބަސްވެސް ރަނގަޅަށް ދަނެއެވެ.

ވެއަތުވެދިޔަ އަހަރު ރޭޝްމާން ވަރަށް ބޮޑަށް ބަލިވެ އުޅެފައި މިފަނާވަނިވި ދުނިޔައަށް އަލްވަދާޢު ކިޔައިފިއެވެ. އެހިތާމައިގާ ރަޙްމާންގުލްވެސް މަރުނުވީ ހަމަ ކިރިޔާއެވެ. ނަމަވެސް ގުލްބާނޫއަށްޓަކައި އޭނާ މަރާ ހަނގުރާމަކުރިއެވެ. އެހިތާމައިގާ އޭނާ މަރުން ސަލާމަތްވިޔަސް އޭނާ ބަލިވެ އުޅެން ފެށިއެވެ. ބައެއް ފަހަރު ހުން އާދެއެވެ. ބައެއްފަހަރު ނޭވާ ހާސްވެއެވެ. ބައެއް ފަހަރު މޭގައި ރިހެއެވެ. ބައެއްފަހަރު ގައިގާ ވަރުނެތި ތެދުވެ ނޫޅެވޭވަރުވެއެވެ. އެއީ ރޭޝްމާންއާ ވަކިވުމުގެ ހިތާމައިގާ އޭނާއަށް ޖެހުނު ބައްޔެއްކަން އެންމެނަށްވެސް އެނގެއެވެ. ރަޙްމާންގުލްގެ ހިތްހަމަޖައްސައިދީ އުފާކޮށްދެވޭތޯ ގުލްބާނޫ ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ވާކަމެއް ނެތެވެ. އެއްދުވަހުން އަނެއް ދުވެހަށް ރަޙްމާންގުލްގެ ބަލިބޮޑުވަމުން ދިޔައެވެ. މިހާރު އޭނާ އެންމެ ފިކުރު ބޮޑުވަނީ ގުލްބާނޫގެ ކަންތަކާއެވެ. އޭނާ މަރުވުމުގެ ކުރިން ގުލްބާނޫގެ ކައިވެނީގެ ޒިންމާއިން ސަލާމަތްވުމަކީ އޭނާގެ އެންމެ ބޮޑު އެދުމެވެ. ނަމަވެސް ގުލްބާނޫއާ އެކަށީގެންވާ ކަހަލަ ފިރިހެން ކުއްޖަކު އޭނާއަކަށް އަދި ނުފެނެއެވެ. އޭނާގެ ނަޒަރުގައި ގުލްބާނޫގެ ފިރިމީހާ ރީތިވާން ޖެހޭނެއެވެ. އަޚްލާޤު ރަނގަޅު ވާން ޖެހޭނެއެވެ. ވިސްނުން ތޫނުވެފައި މީހުންނާ ގުޅޭގޮތް ހުންނަން ޖެހޭނެއެވެ….. ގުލްބާނޫއަކީވެސް ރީތިކަމުގެ މިސާލެއް ނެތްފަދަ ކުއްޖެކެވެ. ވަރަށް ޅަޢުމުގައި ޤުރްއާން ޚަތިމްކޮށްފިއެވެ. އުރްދޫ ބަހާއި ފާރިސީ ބަހާއި، ޕަންޖާބުބަހާއި ޕޮސްތޫ ބަސް އެންމެމޮޅަށް ލިޔެ ކިޔަން ދަނެއެވެ. ރަޙްމާން ގުލްއާއި ރޭޝްމާންގެ މަސައްކަތުން ގުލްބާނޫ ޤާބިލް ކުއްޖަކަށް ހަދާފައިވެއެވެ. ވީމާ ގުލްބާނޫގެ ފިރިމީހާގެ ކިބައިގާވެސް އެޤާބިލްކަން ހުންނަން ވާނެއެވެ. ގުލްބާނޫއަކީ ރަޙްމާންގުލްގެ ޚަޒާނާގައިވާ އެންމެ އަގުބޮޑު ޖަވާހިރެވެ. ވީމާ ނުވިކި އޮތަސް ނުއަގުގައި އެޖަވާހިރު ވިއްކާލާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ އުއްމީދު ކުރަނީ ރަނުގެ ތާޖެއްގައި އެޖަވާހިރު ހަރުކޮށްލާށެވެ. އެކަހަލަ ތާޖެއްވެސް އޭނާއަށް ފެނެއެވެ. އެއީ އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމުގައިވާ ޝޭރުދިލްއެވެ. ޞިއްޙަތު ރަނގަޅު ރީތި ޒުވާނެކެވެ. ޝަހަރުގެ ބާޒާރުގައި އޭނާގެ ވަރަށްބޮޑު މޭވާފިހާރައެއް ހުރެއެވެ. ބައެއްފަހަރު އޭނާއާ ބައްދަލުކުރުމަށްޓަކައި ރަޙްމާންގުލް ޝަހަރަށްދެއެވެ. ނަމަވެސް ޢާއިލާގެ އެންމެނާ ދެކޮޅަށް ރޭޝްމާންއާއި ކައިވެނިކޮށްގެން ޢާޢިލާއާއި ވަކިވި ރަޙްމާންގުލްއަށް މަޢާފް ކޮށްފައި ޝޭރުދިލް އިޢްތިރާޒެއްނެތި ރަޙްމާންގުލްގެ ދަރިފުޅު ބަލައިގަނެފާނޭ ކަމާމެދު ރަޙްމާންގުލްއަށް ޝައްކުވެއެވެ. ރަޙްމާންގުލް ދިއުމުން ޝޭރުދިލް އޭނާއާ ބައްދަލުކޮށް ހިތްހެޔޮކަމާއެކު ވާހަކަ ދައްކާ ހަދައެވެ. އެކަމަކު ރަޙްމާންގުލްގެ ގެއަށް ދާ ޚިޔާލެއް ދުވަހަކުވެސް ޝޭރުދިލް ފާހަގައެއް ނުކުރެއެވެ. ޢާޢިލާގެ އެހެން މެމްބަރުން ފަދައިން ޝޭރުދިލްވެސް ރަޙްމާންގުލްއަށް މަޢާފް ކުރިހެނެއް ހިއެއް ނުވެއެވެ. ރަޙްމާންގުލްއަކީ ޢާޢިލާގެ އާދަކާދަތަކުގެ ދުޝްމަނެއް ކަމުގައި އެންމެންވެސް ދެކެއެވެ. ވީމާ ރަޙްމާންގުލްގެ ހިތުގައި ޝޭރުދިލްއާމެދު އުއްމީދުތަކެއް އޮތަސް އެކަން ފާޅެއް ނުކުރެއެވެ. ގަވައިދުން ބައްދަލުކޮށް ވާހަކަ ދައްކާ ހަދައެވެ. ޝޭރުދިލްގެ ފަރާތުން އިޝާރާތެއް ލިބިދާނޭ ކަމުގެ އިންތިޒާރުގައި ހުރެއެވެ. ދެފިކުރުގައި އޭނާ ކުރިއަށްވުރެވެސް ބޮޑަށް ބަލިވެ ވަރުދެރަވަމުންދިޔައެވެ.

”ބައްޕައަށް ތިޔަވަނީ ކީއްހެއްޔެވެ؟“ ބައްޕަގެ ޙާލާމެދު ކަންބޮޑުވެގެން އެއްދުވަހަކަ ގުލްބާނޫ އަހާލިއެވެ. ”ބައްޕަ ފިކުރު ކުރަނީ ކޮންކަމަކާ ހެއްޔެވެ؟ މަންމަގެ މަތިން ހަދާންވަނީ ހެއްޔެވެ؟ އަހަރެންނާހެދި ކަންބޮޑުވަނީހެއްޔެވެ؟ ވިޔަފާރިދަނީ ހެއްޔެވެ؟ ފައިސާނެތީ ހެއްޔެވެ؟ ގުލްބާނޫގެ މިސުވާލުތަކަށް ރަޙްމާންގުލް ޖަވާބެއް ނުދެއެވެ. ހަމައެކަނި ކުޑަކޮށް ހީލާފައި ފިނިނޭވާއެއްލިއެވެ.

ރީތި ނަލަނަލަ ރެއެކެވެ. ވިދާ ބަބުޅާ ތަރިތަކުން އުޑުމަތި ފުރިފާވެއެވެ. ގޯތިތެރޭގައި ހުރި ރޯނުފުރި ދެއެނދުގައި ގުލްބާނޫއާއި ރަޙްމާންގުލްއާއި ދަބަފައިން އޮށޯވެލައިގެން ތިއްބެވެ. ދެބަފައިން ކުރަނީ ދެޚިޔާލެކެވެ. މިއަދުއްސުރެ ރަޙްމާންގުލްއަށް ޝެރުދިލްގެ ހަދާންތައް މާބޮޑަށް އުދަގޫކުރަނީއެވެ. އޭނާ ގުލްބާނޫ ބަލައިގަންނާނެނަމަ ރަޙްމާންގުލްގެ ސިކުނޑިން ކިހާބޮޑު ބުރައެއް ލުއިވާނޭ ހެއްޔެވެ؟ ފިކުރުތަކުން ސަލާމަތްވެވޭނޭ ހެއްޔެވެ؟

ގުލްބާނޫ ޚިޔާލުކުރަނީ ޢާޞިފާ ދޭތެރޭގައެވެ. ބައްޕަގެ ގާތުގައި އެވާހަކަ ބުންނަ އޭނާ ބޭނުންވެއެވެ. އެކަމަކު ބުނާނީ ކިހިނަކުން ހެއްޔެވެ؟ ފަށާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ ވިދާ ބަބުޅާ ތަރިތަކާއި ދިމާއަށް ބަލަހައްޓައިގެން އެޚިޔާލުގައި އޭނާ އޮއްވާ ބައްޕަ ގޮވާލައިފިއެވެ.

”ދަރުފުޅާއެވެ. ގުލްބާނޫއެވެ.“

”އާއެކެވެ. ބައްޕާއެވެ. ވީކީއްހެއްޔެވެ.“ ގުލްބާނޫ ކުއްލިއަކަށް ސިހިފައި ބުންޏެވެ.

”އަހަރެންގެ އަވަށަށް ދާހިތްވަނީއެވެ.“ ރަޙްމާންގުލް ބުންޏެވެ.

”ބައްޕަ ތިޔަބުނަނީ ކީކޭ ހެއްޔެވެ؟“ ގުލްބާނޫ ކުރިއަށް ވުރެވެސް ބޮޑަށް ސިހުނެވެ.

”އަހަރެންގެ އަވަށަށް ދާހިތްވަނީއެވެ. ޢާޢިލާއާ ވަކިން ދުރުގައި އުޅޭތާ މިހާރު ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟ ދެން މިހާރު އެމީހުންގެ ގާތަށް ދާން ބޭނުންވަނީއެވެ.“ ރަޙްމާންގުލް ފުންނޭވާއެއްލިއެވެ.

”އެއީ ކީއްވެގެން ހެއްޔެވެ؟ ބައްޕާއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެމީހުން ބައްޕައަށް ހެދިގޮތް މިހާރު ހަދާންނެތުނީ ހެއްޔެވެ؟“ ގުލްބާނޫ ބުންޏެވެ.

”ތިޔަބުނާ ކަންތައްތަކެއް މިހާރު ނިމިގެން ހިނގައްޖެއެވެ. ހަދާންވެސް ނެތިއްޖެއެވެ. ދަރިފުޅުގެ މަންމަވެސް މިހާރަކު ދުނިޔެއަކު ނެތެވެ. ވީމާ ބައްޕަމެންގެ ޢާޢިލާގެ މީހުން ބައްޕަމެން ދެބަފައިން ބަލައިގެންފާނެއެވެ.“ ރަޙްމާންގުލް ބުންޏެވެ.

”ބައްޕައަށް ތިޔަހާބޮޑު ބަދަލެއް އައީ ކީއްވެގެން ހެއްޔެވެ؟“ ގުލްބާނޫ ފުންމައިގެން ތެދުވެ އެނދުގައި އިށީދެއްޖެއެވެ.

”ދިރިއުޅުމަކީ އިތުބާރެއް އޮތް އެއްޗެއް ނޫނެވެ. ބައްޕަ ދުނިޔޭގައި ހުރެ ބައްޕަގެ މީހުންނާ ދަރިފުޅު ޙަވާލުކުރަން ބައްޕަ ބޭނުމެވެ. މިހެން އުޅެނިކޮށް ބައްޕަ މަރުވެއްޖިއްޔާ ދަރިފުޅު ވަރަށް އެކަނިވާނެއެވެ.ފަހަރެއްގައި ބައްޕަގެ ބޭބެ ރުޅިމަޑުވެ ބައްޕައަށް މަޢާފްކޮށްފައި ބޭބެގެ ދަރިފުޅު ޝޭރުދިލްއާ ދަރިފުޅުގެ ކައިވެނި ކޮށްދިނުމަކީވެސް ޢަޖާބެއް ނޫނެވެ.“

”ބައްޕާއެވެ.“ ގުލްބާނޫ ރޮއެގަނެފައި ބައްޕަގެ ވާހަކަ މެދުކަނޑާލިއެވެ.

ރަޙްމާންގުލް ބައެއްފަހަރު ގުލްބާނޫގެ ގާތުގައި ޝޭރުދިލްގެ ވާހަކަ ދައްކައެވެ. ނަމަވެސް އެވާހަކަތައް އަޑުއަހާ ހިތެއް ގުލްބާނޫ ނުވެއެވެ. ޝޭރުދިލްއާ ކައިވެނި ކުރުމަކީ ގުލްބާނޫގެ ދެބަފައިންނަށް ލިބޭ ހުތުރެއްކަމަށް އޭނާ ދެކެއެވެ. އެހެން ނޫނަސް މިހާރު އަމުދުންވެސް އެވާހަކަތައް އަޑުއަހަން ފޫހިވެއެވެ. މިހާރު އޭނާއަށް ރަނގަޅު ރީތި ބައިވެރިއަކު ލިބެން އުޅޭކަމުގެ ހުވަފެންތައް އެބަފެނެއެވެ.

”ބައްޕާއެވެ. މީގެފަހުން ޝޭރުދިލްގެ ވާހަކަ ނުދައްކާށެވެ. ނިކަމިތިކަމާއެކު ދިރިއުޅުމަށްވުރެ ޒަހަރު ކައިގެން މަރުވުންވެސް މާރަނގަޅެވެ. މިހެން ބުނެފައި ގުލްބާނޫ ރޯންފެށިއެވެ. އެއީ ރަޙްމާންގުލް ހީކުރި ގޮތެއް ނޫނެވެ. ޝެރުދިލްގެ ކައިވެންޏާ ގުލްބާނޫ ދެކޮޅު ހަދާފާނޭ ކަމަކަށް އޭނާގެ ހިތަކަށް ނާރައެވެ. އެހެންކަމުން ރަޙްމާންގުލް އެވާހަކަ ހުއްޓާލާފައި ހިމޭންވެއްޖެއެވެ. ގުލްބާނޫވެސް މަޑުމަޑުން ތެދުވެގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.