އިރުއޮއްސުމާއެކު ދުނިޔޭގައި ރޭގަނޑުގެ ދިގު ފޭރާން ލެވިއްޖެއެވެ. ޤުދުރަތުގެ ފިހިން އެފޭރާމުގައި ހިނދެއް ހިނދަކަށް ކަޅުކުލަ ފަވަމުންދެއެވެ. ވައިރޯޅީގައި ފިނީގެ އަސަރު ހިފަމުންދެއެވެ. ހަނދު އޭގެ ނޫރާނީ މޫނުގެ އުޖާލާކަން ދުނިޔެއަށް ފޯރުކުރަމުންދެއެވެ. ކުދިގަސްތަކާއި ބިޔަގަސްތަކުގެ ހިޔަނިތައް ހަނދުވަރުގެ ސާފު ރިހި އައްޔާއި ބިންގަޑާ ދެމެދަށް ހުރަސްއަޅަމުން ދެއެވެ. ނަމަވެސް ކޯރުތަކަށް ހަނދުވަރުގެ އަލި ހުރަހެއްނެތި އެޅިފައިވެއެވެ. އެހެންކަމުން ކޯރުތައް ފެންނަނީ ވިރުވާ އަޅާފައިވާ ރިހި ނޫ ކުލައިގެ ފޭރާންލެވިފައިވެއެވެ. ޢަޞިފް ހަވީރުއްސުރެ އެއަންހެން ކުއްޖާގެ އިންތިޒާރުގައި ކޯރުގެ އައްސޭރީގައި ދޮކޮޅަށް ހިނގަހިނގާ ހުއްޓެވެ. އަންހެން ކުއްޖާގެ ކިސްތީ ގަހުގައި ބަނދެލާފައި އޮތެވެ. ވީމާ، އެ އަންހެން ކުއްޖާ އަންނާނޭކަން ޢާޞިފަށް ޔަޤީންވެއެވެ. ދެންއޮތީ އިންތިޒާރު ކުރުމެވެ. އެއަންހެން ކުއްޖާއަށްޓަކައި މުޅި އުމުރަށްވެސް އޭނާ އިންތިޒާރު ކޮށްފާނެއެވެ. ވީއިރު ހައެއްކަ ގަޑިއިރުގެ އިންތިޒާރަކީ ކޮންއެއްޗެއް ހެއްޔެވެ؟ އޭނާ ބައެއްފަހަރު ކެތްތެރިކަމެއް ނެތި ދެކޮޅަށް ހިނގައެވެ. ބައެއްފަހަރު ހިލަތަކުގެ މަތީގައި އިށީނދެ އިނދެއެވެ. ކުދިކުދި ހިލަކޮޅު ނަގައިގެން ކޯރަށް އުކައެވެ. ތަރިތަކާއި ދިމާއަށް ބަލަހައްޓައިގެން އިނދެއެވެ. ތަރިގުނައެވެ. ގަސްތަކުގެ ކަޅު ހިޔަނިތަކަށް ބަލައެވެ. އަންހެން ކުއްޖާއާއި ދޭތެރޭގައި ވިސްނާ ޚިޔާލު ކުރެއެވެ. ކުރީރޭވެސް އެއަންހެން ކުއްޖާ އެތަނަށް އައެވެ. ފަތިހުގެ ފިނިރޯޅިއެއް ފަދައިން އެތަނަށް އައިސްފާ އެނބުރި ދިޔައެވެ. ހަމަ އެފަދައިން މިރޭވެސް އެކުއްޖާ އަންނާނެއެވެ. ޤުދުރަތުގެ ފިހިން ކުރަހާލާފައިވާ ތަޞްވީރުގެ ފުރިހަމަކަން އޭނާއަށް ދައްކާލާނެއެވެ. ޝައްކެއް ނެތެވެ. އެއީ އޭނާއަށް ކުރިން ފެނިފައިވާ ތަޞްވީރުތައް ކަހަލަ ފުރިހަމަނުވާ ތަޞްވީރެއް ނޫނެވެ. އެއީ އެންމެ ރަނގަޅަށް ފުރިހަމަވެފައިވާ ތަޞްވީރެކެވެ. ޔަޤީނެވެ. އެއަންހެން ކުއްޖާ އަންނާނެއެވެ. އޭނާގެ ޖަޒުބާތުތަކުގައި އެހާ ބާރު ދެރައެއް ނުވާނެއެވެ. އެއީ ކޮންމެ ތަނެއްގައި އުޅޭ ކުއްޖަކަށްވިޔަސް އޭނާ ހުރިތާކަށް ދަމާފައި ގެންނާނެއެވެ. ވަޤުތު ފާއިތުވަމުންދެއެވެ. އިންތިޒާރުގެ އުނދަގޫ ބޮޑުވަމުންދެއެވެ. އޭނާ ދެކޮޅަށް ހިނގަ ހިނގާ ވަރުބަލިވެގެން ފާލަން މައްޗަށް އެރިއެވެ. އައިސްގޮސްވާ މީހުން ރަނގަޅަށް ފެންނަ ތަނެއްގައި މަޑުކޮށްލިއެވެ. ނަމަވެސް އެއިން ހިސާބަކަށްވެސް މީހަކު ނުފެނެއެވެ. ފާލަމުގަ ބައުކަމާއި ތަނުގެ ވީރާނާ ކަމުން އެހިސާބަށް މީހުން އައިސް އުޅެނީ ވަރަށް މަދުންނެވެ. ޢާޞިފް ފާލަން މަތީގައި ހުރެފައި އަވަށާއި ދިމާއަށް ބަލައިލިއެވެ. ގަސްތަކުގެ ކަޅު ހިޔަނިތަކުގެ ތެރެއިން ވައި ރޯޅި ފިޔަވާ އެހެން ހަރަކާތެއްވާތީ އޭނާއަށް ފެނުނެވެ. އެވަގުތު އޭނާގެ ހިތް ތެޅިގަނެގެން ދިޔައެވެ. އަންހެން ކުއްޖާ އަންނަނީއެވެ. ޢާޞިފްގެ އުފާވެރިކަމުގެ ޙިއްސަށް ވީނުވީގޮތެއްވެސް ނޭގުނެވެ. އެފުށް މިފުށަށް ޖެހެން ފަށައިފިއެވެ. ހިތްތެޅެން ފަށައިފިއެވެ. ކަންބޮޑުވާން ފަށައިފިއެވެ. އެކަމަކު އިރުކޮޅެއްގެ ތެރޭގައި އެނާ މާޔޫސްވެ ކަރުއެލިއްޖެއެވެ. އެއީ އަންހެން ކުއްޖާއެއް ނޫނެވެ. އޭނާގެ ޚާއްޞަ ނޯކަރެކެވެ. އޭނާ ހޯދަމުން ހޯދަމުން އެތަނަށް އައީއެވެ.
”ސާހިބާއެވެ.“ ސައީދު ފާލަންމައްޗަށް އަރަމުން އޭނާއަށް ގޮވާލިއެވެ.
”ވީ ކީއްހެއްޔެވެ؟ ސައީދުއެވެ.“ ޢާޞިފް ނުރުހުމާއެކު ބުންޏެވެ.
”ކެއިން ބައްލަވަން ތައްޔާރު ކޮށްފީމެވެ. ސާހިބާއެވެ. އިންތިޒާރު ކޮށްކޮށް ވަރުބަލިވެގެން ނިކުމެ މުޅި އަވަށް ހޯދައިފީމެވެ.“ ސަޢީދު ހިނިތުންވެލިއެވެ.
”ސަޢީދު ދާށެވެ.“ ފޫހިރާގަކަށް ޢާޞިފް ބުންޏެވެ.
”ސާހިބާ ނުދުރުވާނަންތޯއެވެ؟“ ސަޢީދު ބުންޏެވެ.
”އަހަރެންނަށް އިންތިޒާރު ނުކުރާށެވެ. އަހަރެން ދާންވީމާ ގެއަށް ދާނަމަވެ.“ ޢާޞިފް ބުންޏެވެ.
”ކެއިން ބެއްލެވުމުގެ ކަންތައް ހަދާނީ ކިހިނެއްތޯއެވެ؟“ ސަޢީދު ސުވާލުތައް ގިނަކުރިއެވެ.
”އަހަރެން ބަނޑުހައިވީމަ ކާނަމެވެ.“ ޢާޞިފް ބުންޏެވެ.
”ސާހިބާ ގިނިކަންޏާ މިތަނުގައި……“ ސަޢީދު ބުނަން ފެށިއެވެ.
”އޯހް! ސަޢީދުއެވެ. މާގިނަ ވާހަކަ ނުދައްކާ ދާށެވެ. އަހަރެން ދާނަމެވެ.“ ޢާޞިފް ބުންޏެވެ.
”ބައެއް ފަހަރު ނިކަން އަހަރެން ހަމަޖެހުމުގެ ނޭވާއެއްލިޔަދީ ބަލާށެވެ.“
”ލައްބައެވެ. ސާހިބާއެވެ.“ ސަޢީދު އެނބުރި ހިނގައިގަންނަމުން ބުންޏެވެ.
ސަޢީދު ދިއުމުން ޢާޞިފް އެނބުރި ފާލަމުގެ ފަޑީގައި ބަނޑު އަޅުވާލައިގެން ކޯރުތެރެއަށް ބަލަން ފެށިއެވެ. އުޑުމަތީގައި ހުރި އުޖާލާ ތަރިތަކާއި ހަނދުގެ ސާފުމޫނު ރަހަލީ ބިއްލޫރިގަނޑަކުން ސޫރަ ފެންނަހެން ކޯރުގެ ސާފު ފެންގަނޑުން ފެންނަން ހުއްޓެވެ. ހިތްފަސޭހަ މަންޒަރެކެވެ. ޢާޞިފްގެ ހިތަށް އެރިއެވެ…. އިރުކޮޅެއްގެ ފަހުން މީހެއްގެ ހިލަންވީހެން ހީވެގެން އޭނާ ސިއްސައިގެން ދިޔައެވެ. ކޮންމެވެސް މީހަކު އެބާދެއެވެ. އޭނާގެ ގާތުގައި އޭނާގެ ހިތް ބުނެލިއެވެ. ހަމައެއާއެކު ވެށީގައި ހިފާލި މީރުވަހަކުން އޭނާގެ ވިންދުތައް އަވަސްވިއެވެ. އެ އަންހެން ކުއްޖާ އަންނަނީއެވެ. ޝައްކެތް ނެތެވެ. ހަނދުވަރުވެސް ހިނިތުންވަނީއެވެ. ޢާޞިފް ސީދާވެލާފައި ބަލައިލިއެވެ….. ގަސްތަކުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން އައިސްފައިވާ ހަނދުވަރުގެ އަލީގައި ކަޅު ހިޔަންޏެއް ފެނުނެވެ. އާއެކެވެ. އެއީ އެއަންހެން ކުއްޖާއެވެ. އެހިނގުމެވެ. އެކަމަކު ކިޝްތީއާ ދިމާއަށް ދިއުމުގެ ބަދަލުގައި އެދިމާއަށް އަންނަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ އެތަނުގައި ހުއްޓާ ފެނުނީ ހެއްޔެވެ؟ ޖަޒުބާތުގެ ބާރުގައި ދަމާފައި ގެންނަނީ ހެއްޔެވެ؟ މާތްކަލާކޯއެވެ. ޖަޒިބާތަކީ އެހާ ބާރުގަދަ އެއްޗެއް ހެއްޔެވެ؟ ޢާޞިފް ޚިޔާލީ އޮއިވަރެއްގައި ބެހެމުން ދަނިކޮށް އަންހެން ކުއްޖާ ފަރިގޮތަކަށް ބަނޑިލައްވަމުން އައިސް ފާލަންމައްޗަށް އަރައިފިއެވެ. އެވަގުތު ޢާޞިފް އެތަނުގައި ހުއްޓާ ފެނުމުން ކުއްލިއަކަށް ހުއްޓިއްޖެއެވެ.
”ކާކު ހެއްޔެވެ؟“ އަންހެން ކުއްޖާ ޖެހިލުމެއްނެތި ސުވާލުކޮށްލިއެވެ. ޢާޞިފް ޖަވާބެއް ނުދެއެވެ. ފާލަމުގެ ފަޑީގައި ލެނގިލައިގެން އަންހެން ކުއްޖާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
”އޯހް! އެއީ ޢާޞިފްކަން ނުވަތަ ރޭގާ ފެނުނު މީހާކަން އެނގުމުން އަންހެން ކުއްޖާގެ އަނގައިން ޙައިރާންކަމުގެ އަޑެއް އިވިގެން ދިޔައެވެ. ހަމަ އެވަގުތު އެނބުރިދާން ހިގައިގެންފިއެވެ.
”ބިރުގަތީ ހެއްޔެވެ؟“ ވަކި މަޤްޞަދެއް ނެތި ޢާޞިފަށް ބުނެލެވުނެވެ.
”އާއެކެވެ.“ ހިނިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އަންހެން ކުއްޖާ ބުންޏެވެ.
”އަހަރެން އެނގިއްޖެ ހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.
”މިހާރު އެނގިއްޖެއެވެ. އެކަމަކު ކުރިން ހީކުރީ…..“ އަންހެން ކުއްޖާ ވަކިހިސާބަކުން ހުއްޓާލިއެވެ.
”ކުރިން ހީކުރީ ކީކޭ ހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.
”ކުރިން ހީކުރީ ފުރޭތައެއް ކަމަށެވެ.“ އަންހެން ކުއްޖާ ހީގެންފައި ދުއްވައިގެންފިއެވެ. ”ހަމަހީވަނީ ފުރޭތައެއް ހެންނެވެ.“
”ހުއްޓިބަލާށެވެ.“ އަންހެން ކުއްޖާގެ ފަސްފަހަތުން ދަމުން ޢާޞިފް ބުންޏެވެ. އެއަޑަށް އަންހެން ކުއްޖާ ހުއްޓިއްޖެއެވެ.“ ތިޔައީ ކޮން ކުއްޖެއް ހެއްޔެވެ؟“
”އަހަރެންނަކީ ޤުލްބާނޫއެވެ.“ ހިތްފަސޭހަ މިޔުޒިކެއްގެ އަޑު އިވުނުހެން ޢާޞިފަށް ހީވިއެވެ. ”ތިޔައީ ކާކުހެއްޔެވެ؟“ އަހަރެންގެ ނަން އޮޅުންފިލުވަނީ ކީއްކުރަން ހެއްޔެވެ؟“
”ޢާޞިފްއެވެ.“ އަންހެން ކުއްޖާއާ ދިމާއަށް ބަލަހައްޓައިގެންހުރެ ޢާޞިފް ބުންޏެވެ.
”ޢާޞިފްއެވެ؟…“ އަންހެން ކުއްޖާގެ ލޮލުގައި ހުރި ލާނެތްކަން ކުރިއަށްވުރެވެސް ފުންވެގެން ދިޔައެވެ.
ވީ ކީއްހެއްޔެވެ؟“ ސީދާ އަންހެން ކުއްޖާގެ ކުރިމައްޗަށް ހުއްޓެމުން ޢާޞިފް ބުންޏެވެ. ”ތިއައީ…… ތިއައީ….. އެ ޢާޞިފެއް ނޫނެވެ.“ ގުލްބާނޫ ޖެހިލުންވެހުރެ ބުންޏެވެ.
”ވެރިމީހާ ހެއްޔެވެ؟“ ޢާޞިފް ހީލިއެވެ.
”ލައްބައެވެ.“ ޢާޞިފަކީ އަވަށު އެންމެންގެ ވެރިޔާކަން އެނގުމުން ވާހަކަ ދެއްކުން ބަދަލުކޮށްލިއެވެ.
”ގުލްބާނޫއަށް އިވިފައި ތިޔައޮތީ ހަމައެކަނި އަހަރެންގެ ނަމެވެ. އަހަރެންނެއް ނުފެނެއެވެ.“ ޢާޞިފް ބުންޏެވެ. އެވަގުތު އާއެކޭ ބުނުމުގެ ގޮތުން ގުލްބާނޫ ބޯހަލުވާލިއެވެ.
ހިނދުކޮޅަކަށްޓަކައި ދެމީހުންގެ ދެމެދަށް ސުކޫތެއްގެ ހަމަހިމޭންކަން ވެރިވެފައި އޮތެވެ. ގުލްބާނޫވެސް ޙަރަކާތެއްނެތި ބޮކިދަނޑިއެއްހެން ގުޑާވެސްނުލާ ހުއްޓެވެ. އިރުކޮޅަކު އެހެން ހުރެފައި ދާން ހިނގައިގެންފިއެވެ.
”ގުލްބާނޫއެވެ.“ އިލްތިޖާގެ ރާގަކަށް ޢާޞިފް ގޮވާލިއެވެ. އެކަމަކު އޭނާ ނުހުއްޓިއެވެ. މަޑުމަޑުން ކުރިއަށް ދިޔައެވެ. ”އިރުކޮޅަކު މަޑުކޮށްބަލާށެވެ. ގުލްބާނޫއެވެ.“ ޢާޞިފް ގޮސް ގުލްބާނޫގެ ކުރިމައްޗަށް އެރިއެވެ.
”ކީއްކުރަންތޯއެވެ؟“ ގުލްބާނޫ ބުންޏެވެ.
”ގުލްބާނޫ ދާންވީ ކޮންތާކަށް ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”ކޯރުގެ އެފަރާތަށެވެ. އަޅުގަނޑުގެ ރައްޓެހި ކުއްޖަކު ބަލައެވެ. އަޅުގަނޑުމެން ކޮންމެ ރެއަކުވެސް ހަނދުވަރުމަތީގައި ކިޝްތީ ޖަހަމެވެ.“ ގުލްބާނޫ ބުންޏެވެ.
”ގުލްބާނޫއާ އެކުގައި އަހަރެންވެސް ގެންގޮސްބަލާށެވެ.“ ޢާޞިފް ބުންޏެވެ. އެއަޑު އިވުމުން ގުލްބާނޫ ގާތަށް ހިނިއައެވެ…… ތެދެކެވެ. ޖަޒުބާތަކީ ބާރުގަދަ އެއްޗެކެވެ. ގުޅިލާމެހޭ އެއްޗެކެވެ. ޢާޞިފްގެ އިލްތިޖާއިން ގުލްބާނޫގެ ދެފައިގާ ކަސްތަޅު އެޅުނު ސަބަބަކީ އެއީއެވެ…… ހގުލްބާނޫ ދާން ހިނގައިގެންއިރު އޭނާގެ ގާތުގައި ބުނާނޭ ކިތަންމެ ވާހަކަތަކެއް ޢާޞިފްގެ ތުންފަތްމައްޗަށް އައެވެ. ނަމަވެސް އޭނާ ހުއްޓުމުން ޢާޞިފްގެ ދެތުންފަތް ތަޅުލެވުނެވެ. ހަމައެކަނި ގުލްބާނޫގެ މޫނަށް ބަލަން ހުރެވުނެވެ.
”ދެން އަޅުގަނޑު ދަންތޯއެވެ؟“ ގުލްބާނޫ ބުންޏެވެ.
”ކޮންތާކަށް ހެއްޔެވެ؟ ރައްޓެހި ކުއްޖާ ބަލާ ހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.
”ނޫނެކެވެ. ދެން ދާނީ ގެއަށެވެ.“ ގުލްބާނޫ ބުންޏެވެ.
”ގުލްބާނޫގެ ގެ ހުންނަނީ ކޮންތާކު ހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.
”އެހެރަ ތަނުގައެވެ.“ އަވަށުގެ ނިމޭ ހިސާބަށް އިޝާރާތް ކޮށްލަމުން ގުލްބާނޫ ބުންޏެވެ.
”ވަރަށް ދެރަދެރަ ޖިފުޓިއެކެވެ.“ ގުލްބާނޫ މިހެން ބުނުމުން ޢާޞިފް އޭނާގެ ގެ ހުންނަތަން ބުނެދިނުމުގެ ބަދަލުގައި ހިތި ހަޤީޤަތެއް އޮޅުން ފިލުވައިދިންހެން ޢާޞިފްއަށް ހީވިއެވެ. ރަށްފުށުގެ ސީދާ ސާދާ އަންހެން ކުއްޖާގެ ވިސްނުން އެހާ ރަނގަޅުވާނޭ ކަމަކަށް ފަހަރެއްގައިވެސް ޢާޞިފްގެ ހިތަކަށް ނާރައެވެ. ކޮންމެއަކަށް ގުލްބާނޫގެ ރީތިކަން ފެނުނީއްސުރެ ޢާޞިފްގެ ހިތް އެކުގައި ގުލްބާނޫގެ މިލްކަކަށް ވެއްޖެއެވެ. އޭގެފަހުން ގުލްބާނޫގެ ފަރި އަދާތައް ޢާޞިފް ލޫޓުވާލިއެވެ. ދެން ގުލްބާނޫގެ ވިސްނުންތެރިކަން ޢާޞިފް ފިދާކޮށްލިއެވެ.
ގުލްބާނޫއާއި ޢާޞިފާ ދެމީހުންނަކީ އޭގެ ކުރިން ދެކެ ފަރިތަ ރައްޓެހިންނަށް ނުވިޔަސް އެރޭ އެތަނުގައި ތިރިތަކުގެ ސަތަރީގެ ދަށުގައި ހަނދުވަރުގެ ރިހިއަލީގައި. ނަލަ ރޯޅިތަކުގެ ތެރޭގައި އެކަކު އަނެކަކާ ދާދި ގާތުގައި ވަރަށް ގިނައިރު ވާންދެން ތިއްބެވެ. އުފަންވީއްސުރެ އެދެމެދުގައި އޮތް ބީރައްޓެހި ކަމުގެ މަރްޙަލާތައް ބައިސިކުންތުގެ ތެރޭގައި ކަޑަތުވެގެން ދިޔައެވެ….. ހިތުގެ ގުޅުމަކީ މީހެއްގެ އަތުން ގުޅުވައިދޭ ގުޅުމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ އެއްވެސް މީހެއްގެ ބާރަކާއި އިޚްތިޔާރަކާ ނުލާ ޤުދުރަތީ ގޮތުން ގުޅޭ ގުޅުމެކެވެ. އެގޮތުން ޢާޞިފާއި ގުލްބާނޫވެސް ހިނދުކޮޅެއްގެ ތެރޭގައި އެކަކު އަނެކަކާ ގުޅި ލާމެހުނީއެވެ.
އުޑުމަތީގައި ވިލާތައް ގިނަވެއްޖެއެވެ. އުދަރެހުގެ ކައިރީގައި ކަޅުވިލާ ރޮއްޖެއް އުފެދިއްޖެއެވެ. އުޑުމަތީގައި ދަތުރުކުރަމުންދާ ނޫކުލައާއި އަޅިކުލައިގެ ވިލާތައް ކަޅުކުލައަށް ބަދަލުވަމުން ދާން ފަށައިފިއެވެ. ވިލާތަކުގެ ތެރެއިން ވިދާލާ ވިދުވަރުގެ އަލި ތޫނުވާން ފަށައިފިއެވެ. ގުގުރީގެ އަޑު ގަދަވާން ފަށައިފިއެވެ. އިރުމަތި ފަރާތުން ޖެހެމުންދިޔަ ވައިރޯޅިފަށް ގަދަ ރޯޅިތަކަކަށް ބަދަލުވަމުންދާން ފަށައިފިއެވެ. ވިއްސާރަ ރެއެއްގެ ޢަލާމާތްތައް ފެންނަން ފަށައިފިއެވެ. މިހުރިހާ ކަމަކާއެކުވެސް ވެށީގެ އުފާވެރިކަމަކަށް ބަދަލެއް ނާދެއެވެ. ހަށިގަނޑު ފިހި މާލާހާ ގަދަ ހޫނަށްފަހުގައި ވިއްސާރައިގެ ނިޝާންތައް ފެނުމަކީ ހިތްތަކަށް ލިބޭ އުފާވެރިކަމުގެ މެސެޖެކެވެ.
ކޯރުގެ ރާޅުޖެހާ ހިސާބު ގޮނޑުދޮށުގައި އޮތް ބޮޑު ހިލައެއްގެ މަތީގައި ގުލްބާނޫ ދެފައި އެލުވާލައިގެން އިނެވެ. އެހެން އިންދާ ކޯރުގައި އުފެދޭ ބޮޑެތި ރާޅުތައް އައިސް ގޮނޑުދޮށަށް ބީއްސާލާއިރު ގުލްބާނޫގެ ފައިތިލާގައި ބޮސްދެއެވެ. އެއިން ކޮންމެ ފަހަރަކު އޭނާ ދެފައި ތަޅުވައިގަނެއެވެ. ކޯރުގެ ފެންގަނޑަށް އިތުރު ހަލަބޮލިކަމެއް ގެނެއެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން އޭނާ އުޅުނީ އަނބު ބަގީޗާގައެވެ. އެކުވެރި ކުދިންނާއެކު އަނބުގަސްތަކަށް އަރައިގެން ގިތި އަނބު ބިނދެގެން ލޮނާ މިރުހާ ޖަހައިގެން ކައި ކައިފާ ހުރިހާ ކުދިންވެގެން މަޖާނެގިއެވެ. ދުވެ ފުމެ ކުޅެ ހެދިއެވެ. ނަމަވެސް ފަހަކަށް އައިސް އެކުވެރި ކުދިންނާއެކު ކުޅެ މަޖާކުރަން ހުއްޓާވެސް އޭނާ ފޫހިވެ ކުޅޭހިތްކެނޑެއެވެ. އެންމެންނާ ވަކިން އެކަނިވެލަން ހިތް އެދެން ފަށައެވެ. ޚިޔާލެއްގެ ތެރެއަށް ގެއްލެއެވެ. ކޮންމެއަކަސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް އެއައި ބޮޑު ބަދަލެއްގެ ސަބަބުން އޭނާގެ ހުރިހާ އެކުވެރިން ޙައިރާންވެއެވެ. ފިކުރު ބޮޑުވެއެވެ. އެކަމުގެ ސަބަބާއި އޮޅުންފިލުވަން މަސައްކަތް ކުރެއެވެ. ސުވާލުތައް ކުރެއެވެ. ނަމަވެސް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ ޚޮދު އޭނާއަށްވެސް އެކަމުގެ ސަބަބާއި ސިއްރެއް ނޭގެއެވެ. މިއަދުވެސް މަޖާކޮށް ކުޅެކުޅެ ހުއްޓާ އޭނާގެ މިޒާޖު ގޯސްވެއްޖެއެވެ. މުޅިން ފޫހިވެ ކުޅޭހިތް ކެނޑިއްޖެއެވެ. އެހެންކަމުން އެކުވެރި ކުދިންނަށް ނޭގި ފަހަތަށް ސޮއްސަމުންގޮސް ކޯރުގެ އައްސޭރިއަށް އޭނާ ނިކުމެއްޖެއެވެ. އެތަނުގައި އިންސާނީ ހަލަބޮލިކަން ނެތަސް ރާޅުތަކާއި ގުގުރުމުގެ އަޑު އިވެއެވެ. އެއަޑުތައް އިވުނަސް ޚިޔާލީ ކަނޑަކަށް ޣަރަޤުވެފައެވެ. ބައެއްފަހަރު ހާސްވެއެވެ. ބައެއް ފަހަރު ކަންބޮޑުވެއެވެ. ބައެއްފަހަރު ތުންފަތްމަތިން ހިނިތުންވުމުގެ އަސަރު ފެނެއެވެ.
ބްރައުން ކުލައިގެ އިސްތަށިގަނޑަކާއި ނޫކުލައިގެ ދެލޯ ލިބިފައިވާ އެ ބީރައްޓެހި މީހާއާ އޭނާ ކިހާ ގާތްވެއްޖެ ހެއްޔެވެ؟ ގާތްކަމުގެ އިޙްސާސްއާއެކު ޢާޞިފް އައުމަށް ގުލްބާނޫ ހިތް އެދުނެވެ. އެރޭގެ ފަހުން މިހާރު ދެފަހަރަށް އޭނާ ޢާޞިފާ ބައްދަލުވެއްޖެއެވެ. އަންނަން އޮތްތަނުގައި އަބަދުވެސް ޢާޞިފް އޭނާއަށް ފެނިފެނި ހުރުމަށް ބޭނުންވިއެވެ. އަބަދު ޢާޞިފާ ދިމާއަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދައްކަން ބޭނުންވިއެވެ.
”ގުލްބާނޫއެވެ.“ ދަންނަ އަޑެއް ގުލްބާނޫގެ ކަންފަތުގައި ޖެހުނެވެ. އެހެންކަމުން އެއަޑު އިވުނު ދިމާއަށް އޭނާ ބަލައިލިއެވެ.
”ސާހިބާއެވެ.“ ގުލްބާނޫ އިށީދެގެން އިން ހިލަގަނޑުގެ މަތީން ކޯރުގެތެރެއަށް ފުންމާލިއެވެ. ސާހިބާ މިތަނުގައި ކުރައްވަނީ ކީއްތޯއެވެ؟“
”ވީ ކީއްހެއްޔެވެ؟ މިތަނަށް އައުމަކީ މަނާކަމެއް ހެއްޔެވެ؟“ ޢާޞިފް ހީލިއެވެ.
”ނޫނެކެވެ.“ ގުލްބާނޫ ކަންބޮޑުވިއެވެ.
”ތިޔަހެންވިއްޔާ ސުވާލު ކުރަނީ ކީއްވެގެން ހެއްޔެވެ؟“ ޢާޞިފް ލާނެތް ގޮތަކަށް އަހާލިއެވެ.
”ކަމެއް ނުވެއެވެ.“ ގުލްބާނޫ ބުންޏެވެ.
”އެއްގަމަށް އަރާށެވެ.“ ޢާޞިފް އަމުރުވެރި ރާގަކަށް ބުންޏެވެ.
”ކީއްކުރައްވަންތޯއެވެ؟“ ގުލްބާނޫ ކަންބޮޑުވިއެވެ.
”ހަމަ ބުނެލީއެވެ.“ ޢާސިފް ހީލިއެވެ. ގުލްބާނޫ ބާރަށް ހޭން ފެށިއެވެ. އެންމެފަހުން ބަނޑުގާ އަތް އަޅައިގެން ގުދަށް އޮވެގެންވެސް ހުނެވެ. އެވަގުތު އޭނާގެ އެދިގު އިސްތަށިގަނޑު ކޮނޑުމަތިން ސޮއްސާލައިގެން ގޮސް ކޯރުގެ ސަތަޙައިގެ މަތީގާ ރާޅާ ކުޅެން ފެށިއެވެ. އެމަންޒަރު ފެނުމުން ޢާޞިފްގެ ހިތް ކަތިލެވިގެން ދިޔައެވެ. ކެތްތެރިކަން ކޮޅުންލިއެވެ.
ގުލްބާނޫ ކޯރުތެރެއަށް ފުންމާލާފައި ޢާޞިފާ ދިމާއަށް ހީގަތުމަށްފަހު މަހެއް ފަތާލާހެން ކޯރުގައި ފަތަން ފަށައިފިއެވެ.
”ގުލްބާނޫއެވެ. ތިޔަގޮތަށް އަހަރެންނަށް ގޮން ނުޖަހާށެވެ. އަހަރެންނަކީވެސް ވަރަށްމޮޅު ފެތުންތެރިއެކެވެ.“ ކޯރުގެ އައްސޭރިން ދެވެލި ފެންފަށުގައި ހުރެގެން ޢާޞިފް ބުންޏެވެ.
”ތިޔައީ ދޮގެކެވެ.“ ގުލްބާނޫ ބޯއުފުލައިފާ ލާނެތްކަމާއެކު ބުންޏެވެ. ”ފެންދެކެ ބިރުގަންނަ އިރު ފެތުމުގެ ވާހަކަ އެބަ ދައްކަވައެވެ….. ވާވާއެވެ.“
”ބަލަން ހުންނާށެވެ….“ ޢާޞިފް ބޫޓު ބާލަންވީ ލަހެކެވެ. ޖެހިލުމެއްނެތި ކޯރަށް ފުންމާލައިގެން ފަތައިގެންފިއެވެ. ސްޕީޑް ބޯޓެއްހެން ގޮސް ގުލްބާނޫ އަތުލައިގެންފިއެވެ. ގުލްބާނޫވެސް ދުލެއް ނުކުރެއެވެ. ޢާޞިފްގެ އަތްދަށުން ލޫދިގެން ފަތައިގެންފިއެވެ. އެގޮތަށް ވަރަށް ގިނައިރު ވަންދެން އޭގެ ދެމީހުން ކޯރުގައި ފެތިއެވެ.
”މިރޭ ވަރަށް ބޯކޮށް ވާރޭ ވެހޭނެއެވެ.“ ގުލްބާނޫ ކޯރުން އެއްގަމަށް އަރާ އުޑުމަތި ބަލައިލުމަށްފަހު ބުންޏެވެ. އެވަގުތު ޢާޞިފްވެސް އުޑުމަތި ބަލައިލިއެވެ. ތެދެކެވެ. ވިއްސާރައިގެ އަސަރުތައް ފެންނަން އެބަހުއްޓެވެ. ޢާޞިފް ކަންބޮޑުވިއެވެ.
”ހިޔާވެލާނޭ ތަންކޮޅެއްވެސް މިހިސާބަކުން ނުލިބޭނެއެވެ.“ ޢާޞިފް ބުންޏެވެ.
”ތެމިދާނޭތީ ބިރުގަންނަނީތޯއެވެ.“ ބޭއިޚްތިޔާރުގައި ގުލްބާނޫއަށް ހީގަނެވުނެވެ.
”ގުލްބާނޫ ބިރެއް ނުގަނޭ ހެއްޔެވެ؟“ ލޯބިން ފުރިފައިވާ ނަޒަރަކުން ގުލްބާނޫއާ ދިމާއަށް ބަލައިލާފައި ޢާޞިފް ބުންޏެވެ.
”އެއްގޮތަކަށްވެސް ބިރެއް ނުގަނެއެވެ.“ ގުލްބާނޫ ދެއަތަށް ބޯހޫރާލާފައި ޢާޞިފާ ދިމާއަށް ބުންޏެވެ. ވާރޭ ވެހޭއިރު އަޅުގަނޑު ވަރަށް އުފާވެއެވެ. އިރާދަކުރެއްވިއްޔާ މިރޭ ހުއްޓާނުލާ ބޯކޮށް ވާރޭ ވެހޭނެއެވެ.“
”ނޫނެކެވެ. ގުލްބާނޫއެވެ. ތިޔަކަހަލަ ދުޢާ ނުކުރާށެވެ. އިހަށް ނުތެމި އަހަރެންނަށް ހުރެވޭނެ ކަހަލަ ތަނެއް ހޯދައިދޭށެވެ.“ ޢާޞިފް ވަށައިގެން ހޯދާ ބަލައިލިއެވެ.
ގުލްބާނޫގެ ހިތަށްއެރި އެއްޗެއްވެސް ނޭގުނެވެ. ކުއްލިއަކަށް ޢާޞިފްގެ އަތުގައި ހިފައިފިއެވެ. އޭނާއަށް އެއްޗެއް ވިސްނުމުގެ ގުލްބާނޫ އޭނާ ކޯރުގެ ތެރެއަށް ކޮށްޕާލައިފިއެވެ. ދެން ބަނޑުގައި އަތް އަޅައިގެން ގުދަށްއޮވެ ހޭން ފަށައިފިއެވެ…… ޢާޞިފް ބަލާކަށް ނުހުރެ ދުވެފައައިސް ގުލްބާނޫގެ ގައިގާ ހިފަހައްޓަން އުޅުނެވެ. އެވަގުތު ގުލްބާނޫ ދުއްވައިގެންފިއެވެ. އޭނާގެ ފަހަތުން ޢާޞިފްވެސް ދުއްވައިގެންފިއެވެ….. ގުލްބާނޫ އެދިޔަ ބާރުމިނުގައި ގޮސް އަނެއްކާވެސް ކޯރަށް ފުންމާލައިފިއެވެ. ޢާޞިފްވެސް ފުންމާލައިފިއެވެ. އެއީ އެމީހުންގެ ލޯބީގެ ފެށުމެވެ. އެއަށްފަހުގައި ގުލްބާނޫއާއި ޢާޞިފަކީ އެއްފޮޓޯއެއްގެ ދެފުށް ކަމުގައި ވެއްޖެއެވެ. ބައްދަލުވުންތައް ފެށިއްޖެއެވެ. އިންތިޒާރުގެ ގަޑިތަކަކީ އެމީހުންގެ އުފާކަމުގައި ވެއްޖެއެވެ. ހެދުނާއި މެންދުރުއެވެ. ހަވީރާއި ރޭގަޑުއެވެ. ދެމީހުންނަށް ފުރުޞަތު ލިބުނު ކޮންމެ ވަގުތަކުއެވެ. ނަމަވެސް އެއީ އަބަދަށް ދެމި އޮންނާނޭ ކަމެއް ނޫނެވެ. ޢާޞިފް އަވަދިނެތި މަސައްކަތްކުރާ މީހެކެވެ. ވީމާ ލޯބީގެ ފެށުމުގައި އެގޮތަށް އެކު އުޅެފައި ޢާޞިފްގެ މަސައްކަތަށް ޢާޞިފް އެނބުރިލައިފިއެވެ. އޭނާ ހަވޭލީއަށް ދާން ޖެހެއެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހެއެވެ. ވީމާ، ގުލްބާނޫއާ ދުރުގައި މަސްދުވަސްވެސް ހޭދަކުރަން ޖެހެއެވެ. އެގޮތުންވެސް އެމީހުންގެ ލޯތްބަށް ތަރައްޤީ ލިބުނެވެ. ލޯބީގެ ބާރުގަދަވެ އެކަކު އެނަކަކަށް އިތުބާރު ކުރަން ދަސްވިއެވެ. ވަކިވުމުގެ ވަގުތުތައް އެކަކު އަނެކެއްގެ ހަދާނުގައި އުފަލާއެކު ހޭދަކުރަން ދަސްވިއެވެ.