އަލަތު އަތްބެއްހެން މުޅި ޙަވޭލީވަނީ ޒީނަތްތެރިކޮށްފައެވެ. ކުލަބޮކިތަކުގެ ސަބަބުން މުޅިވެށި އޮތީ އަލިވެ އުޖާލާވެފައެވެ. ކަރުދާހުގެ ދިދަތައް ވިހުރުވެމުންދެއެވެ. އެބޮޑު ބަގީޗާތެރެވެސް ވަކިން ސަހަލެއް ނޫނެވެ. ހަވޭލީގެ ޚާދިމުންނާއި ނޯކަރުން ނޫކުލައާއި ރީދޫ ކުލައިގެ ޔުނީފޯމު އަޅައިގެން ކޮޅުކޮޅަށް ހަރަކާތްތެރިވަމުން ދެއެވެ. ރަހަމީރު ކާތަކެތީގެ މީރުވަހުން މުޅިވެށި އެއްވަސް ކޮށްފައިވެއެވެ……. ބޮޑު ގޯތިތެރޭގެ ހުސްތަނުގައި ދައުލަތުގެ މުހިއްމު ބައި އިންތިޒާމު ކޮށްފައިވެއެވެ. ވަކި ތަރުތީބަކުން ގޮނޑިތަކާއި މޭޒުތައް އަތުރާފައި ހުއްޓެވެ. އެއީ އެ ޙަވޭލީގައި ގޮނޑި މޭޒު ޖަހައިގެން ކާންދެވޭ ފުރަތަމަ ފަހަރެވެ. އެއީ އެހިސާބުގަނޑުގެ މީހުންނަށް މުޅިން އާ ކަމެއްވެސްމެއެވެ. ބޮޑެތި ރަށްތަކުން މީރުކޮށް ކައްކާ މީހުންނާއި މޮޅަށް ތަށިމަތި ބަލަހައްޓާ މީހުން ގެނެސްފައި ތިއްބެވެ….. ބަގީޗާގެ އެއްފަރާތުގައި މިޔުޒިކު ކުޅޭ މީހުން ތިއްބެވެ. ނެށުންތެރިންވެސް ހިމެނެއެވެ. ރަށްފުށުގެ މީހުންނަށްޓަކައި މިޔުޒިކަކީވެސް އާއެއްޗެކެވެ. އަންހެންވެރިންވެސް ދެކުނު ފަރާތުގައި ޙަރަކާތްތެރިވެއެވެ. އެކަކަށް ދޫކުރާނެ އަނެކަކު ނެތެވެ. އެންމެންވެސް ވަރުގެ ކޮޅަށް ނަލަހެދިފައެވެ. އެތަނުގައިވެސް ތަބުލާއާއި ބެރުގެ އަޑު ގުގުމާފައި ހުއްޓެވެ. ގާތްތިމާގެ މީހުންނާއި ރައްޓެހި ރަޙްމަތްތެރިންގެ އިތުރުން އަވަށުގެ ހުރިހާ އަންހެނުންނަށްވެސް ދަޢުލަތު ދެވިފައިވެއެވެ. އަލަތު އަނބީން އައިސްތިބީ އެބައިމީހުންގެ އާ ކައިވެނީގެ ހެދުންތައް އަޅައިގެންނެވެ. ކަންފަތު މުދި، ނޭފަތު މުދި، ތަނޑުބައި، ގިގުނިފަތި، ގެލަފަތި، ނިތްކުރިމަތީގެ ޖޫމަރު މިތަކެތި ނެތް ހަމަ އެކަކުވެސް އެތާކު ނެތެވެ. ވާނީވެސް އެހެންތާއެވެ. ޙަވޭލީގެ ވެރިޔާ ނޫރު މުޙައްމަދުގެ ދަޢުވަތުގައި ހަމައެކަނި ބައިވެރިވެލުމަކީވެސް އެމީހުންނަށްޓަކައި ކުޑަ ޝަރަފެއް ނޫނެވެ. ވީއިރު އަތުގައި އޮތް އެންމެ ރީތިހެދުން ނުލާންވީ ކީއްވެގެން ހެއްޔެވެ؟ މިލްކުގައި ހުރި ގަހަނާތައް ނާޅާންވީ ކީއްވެގެން ހެއްޔެވެ؟ ޢުމުރުގެ ދެންއޮތް ތަނުގައިވެސް އެކަހަލަ ޝަރަފެއް ލިބޭނީއަކީ ނޫނިއްޔާއެވެ. މިރޭ އެ ޙަވޭލީގައި ބީރައްޓެހިންނެކޭ ރައްޓެހިންނެކޭ ތިމާގެ މީހުންނެކޭ ތަފާތެއް ނެތެވެ. އެންމެންވެސް ހަމަހަމައެވެ.
ޙަވޭލީގެ ބޮޑު ގޯތިތެރޭގައި ގޮނޑި މޭޒުގެ އިތުރުން ރަތްދޫލައަޅާފައި އޭގެމަތީގައި މަސަންދުތައް ހަދާފައި ހުއްޓެވެ. ކޮންމެ މަސަންދެއްގައި ހުދުކުލައިގެ ފަށުވި ފޮތި އަޅާފައިވެއެވެ. ވަށައިގެން ބާލީސް ޖަހައިފައި ވެއެވެ. އަންހެންވެރިން ބައިބަޔަށް މަސަންދުތަކުގައި ތިއްބެވެ. ކުދިވެރީން މެދުގައި އޮތް ހުސްތަން ފުރާލާފައިވެއެވެ. ބައެއް ކުދިން ދުވެ ނަގައެވެ. އަނެއްބައި ކުދިން އެކޮޅުކޮޅުން އުކައެވެ. މެދުގައި ހުރި އެންމެ ބޮޑު އެންމެ ޒީނަތްތެރި މަސަންދުގައި ފަރުޖާދުގެ މާމަ އިނެވެ. ލަކެއްނެތް ސާފު ހުދު ހެދުމެއްގައި އިންއިރު އޭނާ ހީވަނީ އުޑުގެ މަޚްލޫގެއް ހެންނެވެ. އޭނާގެ އުނގުގައި ފަސް އަހަރުގެ ޢާޞިފް އިނެވެ. ރަންކުލައިގެ އިސްތަށިގަނޑަކާއި ނޫކުލައިގެ ދެލޯ ލިބިފައިވާ ރަތް ދޮންކުލައިގެ ޢާޞިފަކީ ޞިއްޙަތު ރަނގަޅު ކުއްޖެކެވެ. މިބޮޑު ޙަފްލާއަކީ ގަވާއިދުން ރަސްމީގޮތުން އޭނާ ފަރުޖާދުގެ މާމަގެ ދަރިއަކަށް ހެދުމަށްޓަކައި ބާއްވާފައިވާ ޙަފްލާއެކެވެ. އެއީ ޙަވޭލީގެ ޤަދަރުވެރިންގެ ދުރުތާ ތިމާގެ މީހެއް ކަމުގައިވާ ޢަޒީޒުގެ ދަރިއެކެވެ. މިޢަޒީޒަކީ ތަނަވަސް ކަމެއް ނެތް މީހެކެވެ. އެކަމަކު ހިތްހެޔޮ މަޑުމައިތިރި އިޚްލާސްތެރި ތެދުވެރިއެކެވެ. އެހެންކަމުން ފަރުޖާދުގެ މާމަ އޭނާ ގެނެސްގެން ޙަވޭލީގައި ގެންގުޅެނީއެވެ. ފަރުޖާދުގެ ބައްޕަ ޢަލީ ނޫރު މުޙައްމަދު ދެކެވާ ލޯބި، އެ މާމަ ޢަޒީޒު ދެކެވެސް ވެއެވެ. ފަރުޖާދަކީ އޭނާގެ މާމަގެ ހުރި އެންމެ ދަރިފުޅު ނޫރު މުޙައްމަދުގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެ ހުރިހާ މުދަލާއި އެބޮޑު ޙަވޭލީގެ ވާރުތަވެރިޔާއެވެ. ނޫރު މުޙައްމަދަކީ މުއްސަނދިކަމުގެ އިންތިހާއަށް ގޮސްފައިވާ މީހެކެވެ. އޭނާގެ މިލްކުގައި ހުރި ދަނޑުބިންތަކާއި މުދަލާއި ފައިސާއަކީ ޢަދަދު ކުރެވޭނޭ އެއްޗެއް ނޫނެވެ. އެހާ މުއްސަނދިއިރުވެސް އޭނާގެ ކިބައިގައި ބޮޑާކަމުގެ ކަންފުޅެއްވެސް ނުހުރެއެވެ. އެއީ ހިތްހެޔޮ އިޚްލާސްތެރި މާތް އިންސާނެކެވެ. އެންމެން ލޯބިވާ މީހެކެވެ. ނަމަވެސް މުދަލާއި ފައިސާއަކީ ދުޝްމަނުން އުފައްދާ އެއްޗަކަށްވާތީ އެގޮތުން އޭނާގެވެސް ދުޝްމަނުން ނެތެކޭ ނުބުނެވޭނެއެވެ. ހަސަދަވެރިކަން އިތުރުވަމުން ނުދާ ކަމަކަށްވެސް ނުވާނެއެވެ. އޭނާގެ މަންމައަކީވެސް ހެޔޮލަފާ އަންހެނެކެވެ. ދުވަހެއްގައިވެސް މީހަކަށް ނުބައެއް ނޭދެއެވެ. ދުޝްމަނުންނަށްވެސް ހިތްހެޔޮ ކަމާއި އެކު މަޢާފް ކުރެއެވެ. އޭނާގެ ހުރި އެންމެ ދަރިފުޅުގެ ސަލާމަތައްޓަކައި ތާއަބަދު ﷲގެ ޙަޟުރަތުގައި ނިކަމެތިކަމާއިއެކު ދުޢާ ދަންނަވައެވެ. ދާދިފަހުން ވަރަށްބޮޑު ނުރައްކަލަކުން ނޫރު މުޙައްމަދު ސަލާމަތްވީވެސް އެ ދުޢާތަކުގެ ބަރަކާތުންނެވެ. އެހެންނޫންނަމަ އެއީ ނޫރު މުޙައްމަދުގެ ފުރާނައަށް ނުރައްކާވާވަރުގެ އެތިފަހަރެކެވެ. ﷲގެ އިރާދަފުޅުން ޢަލީ ނޫރު މުޙައްމަދު ސަލާމަތްވިއެވެ. ނަމަވެސް އޭނާގެ ލޮބުވެތި ޢަޒީޒުގެ ފުރާނަމަ ޤުރުބާންވެގެން ދިޔައެވެ. މިޢާޒީޒުގެ ލޯބިވާ ދަރިފުޅު އާޞިފް ދުނިޔޭގައި އެކަނިވީ އޭގެ ދުވަސްކޮޅެއް ކުރިން ޢާޞިފްގެ މަންމަ ނިޔާވުމަށްފަހުގައެވެ. މީގެ ދެމަފިރިންގެ ވަކިވެދިޔުން އެންމެންވެސް ހިތާމަވެރި ކުރުވިއެވެ. ލޯތައް ކަރުނައިން ފުރާލިއެވެ. ޚާއްޞަކޮށް ނޫރު މުޙައްމަދުގެ މަންމަ ވީދެރައާއި ކުރާ ހިތާމައިގެ ކޮޅެއް ނެތެވެ. އެވަފާތެރި ޢަޒީޒުގެ ފުރާނައިން އެވީ މަތިވެރި ޤުރުބާނީގެ ބަދަލުދޭނެ ގޮތަކާމެދު އޭނާ ރެޔާ ދުވާލު ވިސްނިއެވެ. ފިކުރު ކުރިއެވެ. އޭނާ ޢަޒީޒުގެ ނަމުގައި ފަޤީރުންނަށް ޞަދަޤާތް ކުރިއެވެ. މިސްކީނުންނަށް ކާންދިނެވެ. އަވަށުގައި މިސްކިތެއް ބިނާކުރުވިއެވެ. ނަމަވެސް އަޒީޒުގެ ވަކިވެ ދިއުމުގެ ހިތާމައަށް ކުޑައެއް ނުވިއެވެ. އެންމެފަހުން ޤާނޫނީ އަދި ޝަރްޢީ ގޮތުން ޢާޞިފް ދަރިއަކަށް ހެދުމަށް ނިންމިއެވެ. އެކަމަށް ޢަމަލީ ސިފަގެނެސް އޭނާގެ އަމިއްލަ މިލްކުގައި ހުރި ހުރިހާ އެއްޗެއްގެ ވާރިޘަށް ޢާސިފް ހެދިއެވެ. ފަރުޖާދެކޭ އެއްފަދައިން ޢާޞިފް ގެންގުޅެ ބޮޑުކުރުމާއި ތަރުބިއްޔަތު ކުރުމުގެ ހުރިހާ ޒިންމާއެއް އަމިއްލަ ކޮނޑުގައި އެޅިއެވެ. އޭނާގެ މަތިވެރި ތަރުބިއްޔަތުގެ ސަބަބުން ނޫރު މުޙައްމަދުވެސް އެކަމާ ނުޤަބޫލެއް ނުވެއެވެ. މޫނު ހުތުރެއް ނުކުރެއެވެ. އަދި ކީއްހެއްޔެވެ. ޚުދު އޭނާވެސް އުފަލާއެކު އެކަމުގައި ބައިވެރިވެއެވެ. އެހެން ނޫނަސް ކަނޑުގެ ލޮނުގަނޑުން ލޮނުބާލިދީއެއް ނެގިޔަސް ކަނޑުގެ ލޮނުގަނޑު މަދެއް ނުވާނެއެވެ. އެގޮތަށް މަންމަގެ މުދާ ޢާޞިފަށް ދިނަސް ނޫރު މުޙައްމަދުގެ ދެބަފައިންނަށް ވާނޭ އުންޏެއް ނެތެވެ. ޚުދު ނޫރު މުޙައްމަދަކީ މުއްސަންޖެކެވެ. މަހުޖަނެކެވެ. އޭނާގެ ބައްޕަގެ ފަރާތުން އޭނާއަށް ވާރުތަވެފައިވާ މުދަލާއި ފައިސާއާއި ބިންތަކުގެ ހިސާބެއް ނެތެވެ. މަސައްކަތެއް ނުކޮށް ގޭތެރޭގައި އޮށޯވެލައިގެން ހަތް ދަރިކޮޅަށް ދަންދެން ކެޔަސް އެތަކެތި ހުހެއް ނުވާނެއެވެ…… ނޫރު މުޙައްމަދުގެ މަންމައަކީ ފަރުޖާދުގެ މާމަ ކަމުގައިވިޔަސް، އެއީ މަންމަ ނޫންކަމެއް ފަރުޖާކަށް ނޭގެއެވެ. އޭނާގެ ވަރަށް ޅަފަތުގައި އޭނާގެ މަންމަ ނިޔާވީއްސުރެ އޭނާ ގެންގުޅެނީ މާމައެވެ. މަންމަވެސް ކިޔުއްވަނީ މާމައަށެވެ. ވީމާ މަންމައާއި މާމަގެ ލޯބި އެކުވެގެން އެމާމަދެކެ ފަރުޖާދު އިންތިހާއަށް ލޯބިވެއެވެ….. އެރޭގެ ޙަފްލާގައި ޝާހީކަން ގަދަ ހެދުމެއް އަޅައިގެން ފަރުޖާދުވެސް އެހެން ކުދިންނާއެކު ކުޅެން އުޅެއެވެ. އޭރު ފަރުޖާދުގެ އުމުރަކީ ހަތަރު އަހަރާއި ބައެވެ. ނަމަވެސް އޭނާގެ ރީތިކަމާއި ފުރިހަމަކަމުން އެންމެންގެ ސަމާލުކަން ހުއްޓުވާލާފައިވެއެވެ. ކޮންމެއަކަސް ފަރުޖާދު ކުޅެން އުޅެނިކޮށް މާމަގެ ދާދިގާތުގައި އިން ޢާޞިފްގެ ނިތްކުރީގައި މާމަ ބޮސްދެނިކޮށް އޭނާއަށް ފެނިއްޖެއެވެ. ރަންކުލައި އަޗްކަންއަކާއި ކަމްހުވާބު ފޮތީގެ ތާކިހަލެއް އަޅުވާ ނަލަހައްދާލާފައި އިންއިރު ޢާޞިފްވެސް ރަސްދަރިކަލަކަށް ދުލެއް ނުކުރެއެވެ.
މާމަ ފަރުޖާދު ފިޔަވާ އެހެން ކުއްޖަކު ގާތަށްލައިގެން ބޮސްދީ ލޯބިކޮށް ހަދާތަން ފަރުޖާދަށް ފެންނަންވީ ލަހެކެވެ. ރުވާފާ ދޫކޮށްލި ދުންޏެއްހެން މަސަންދާ ދިމާއަށް އޭނާ ދުއްވައިގެންފިއެވެ. ތިންފޫޓުގެ އުހުގައި ހަދާފައިވާ މަސަންދަށް އޭނާ ފުންމައިގެން އެރިގޮތެއްވެސް ނޭގުނެވެ. ކަމެއްވާކަން މާމައަށްވެސް އެގުނީ ޢާޞިފާ ދިމާއަށް ފަރުޖާދު ޖެހިގަތްފަހުންނެވެ. އޭނާ ގޮތެއް ގޮތެއް ނުބަލާ ޢާޞިފްގެ ގައިގާ ބައްދައިގެނެގެން ދަމާ މަސަންދުން ބާލައިފިއެވެ. ވަރަށް ބާރަށް ޢާޞިފްގެ އަތްދަޑީގައި ދައިގެންފިއެވެ. ޢާޞިފްގެ ޝޭރުވާނީގައި އޭނާ ހިފަހައްޓައިގެން ހުރި ތަނުން ދޫކުރެވުނީވެސް އެހާ ބާރުންނެވެ. އޭނާގެ ރުޅި މަޑު ކުރުމަށްޓަކައި މާމައަށް އެތައް މަސައްކަތެއް ކުރަން ޖެހުނެވެ. ޢާޞިފްވެސް ގަތްބިރުންނާއި ވީތަދުން އަޑުން އަޑުނަގާ ރޯން ފެށިއެވެ. އެވަގުތު މާމަގެ ގާތުގައި އިން އަންހެނަކު ޢާޞިފް އުރާލިއެވެ. ލޯބިން ފިރުމާލިއެވެ. އެކަމާ އެއަންހެންމީހާ ދެކެވެސް ފަރުޖާދު އެ އަންހެން މީހާ ދެކެވެސް ފަރުޖާދު ރުޅިއައެވެ. ރަތް ރަތް ދެލޮލުން އެއަންހެން މީހާއާ ދިމާއަށް ކަޅިއެޅިއެވެ.
”ދަރިފުޅާއެވެ. ތިޔަހެން ނުހަދާށެވެ. ޢާޞިފަކީ ދަރިފުޅުގެ އަޚެކެވެ.“
”ނޫނެކެވެ.“ ފަރުޖާދު ރުޅިވެރިކަމާއެކު ހަޅޭލައިގަތެވެ. ”ތިޔަހެން ނުބުނާށެވެ. ޢާޞިފަކީ ދަރިފުޅުގެ ބޭބެއެވެ.“ އަނެއްކާވެސް ފަރުޖާދު އިންކާރު ކުރިއެވެ.
”ބަސްނާހަނީވިއްޔާ އެހެން ތަނަކަށް މާމަ ހިނގައިދާނަމެވެ.“ އެއީ ފަރުޖާދު އެންމެ ބިރުގަންނަ އެއް ކަންތަކެވެ. އޭނާ ބަސްނާހާ ބޮޑާ ދައްކާ ހަދަނީވިއްޔާ ސީރިއަސްކަމާއެކު މާމަ ބުނެލަނީ ހަމައެކަނި އެ ޖުމްލައެވެ. ދެން ފަރުޖާދު މަޑު ފުށްގަނޑަކަށްވެ ބުނާހާ ކަމެއް ކުރެއެވެ. އެއީ އޭނާގެ މާމަ އޭނާ ދޫކޮށްލާފައި ހިނގައިދާނެތީއެވެ. އެހާ ޅަޢުމުރުގާވެސް އެކަމާމެދު އޭނާ ވިސްނައެވެ.
”ދަރިފުޅާއެވެ. ޢާޞިފް ބޭބެ ގޮވައިގެން މިކޮޅަށް އެންނާށެވެ. ބޭބެގެ އަތުގައި ހިފާށެވެ.“ މާމަ އެހެން ބުނީމަވެސް ފަރުޖާދު އަޑުއިވުނު ކަމަށް ނުހަދާ ރުޅިމޫނު ދައްކައިގެން ހުއްޓެވެ. ”އާނ! ދެން މާމަ ޙަވޭލީން ދާންވީތާއެވެ.“ މިއަޑު އިވުމާއެކު ފަރުޖާދު ދުވެފާ ގޮސް މާމަގެ ކަނދުރާގައި އޮޅުލައިގެންފިއެވެ. ”މާމަގެ ބަސްއަހަނީވިއްޔާ މާމައެއް ނުދާނަމެވެ. އިހަށް މާމަގެ ގައިން ދޫކޮށްލާފައި ގޮސް ޢާޞިފްބޭބެ ގެންނާށެވެ. ”އަދިވެސް ފަރުޖާދުގެ ރުޅިގަނޑު މަޑެއް ނުވެއެވެ. އޭނާއަކީވެސް ކުޑަކުއްޖަކަށްވާތީ އޭނާގެ މާމަގެ އުނގަށް އެހެން ކުއްޖަކު ގަދަކޮށްލައިގެން އިންނަތަން ދެކޭކަށް ބޭނުމެއް ނުވެއެވެ. ވީމާ ނަފްރަތުން ފުރިގެންވާ ނަޒަރަކުން ޢާޞިފާ ދިމާއަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ.
”މާމަގެ ބަސްއަހާ ކުއްޖަކު މިޙަވޭލީއަކު ނެތެވެ….. މާމަ ދަނީއެވެ.“ މާމަ ތެދުވަން އުޅޭގޮތް ދައްކާލިއެވެ. އެވަގުތު ފަރުޖާދު ދުވެފާގޮސް ޢާޞިފްގެ ގައިގާ އޮޅުލައިގެންފިއެވެ…… ޢާޞިފްގެ އަތުގައި ހިފައިގެން މާމަގެ ގާތަށް ދިޔައެވެ. މާމަވީ އުފަލުން ދެކުދިން ނަގާ ދެކަކޫމަތީގައި ބޭންދިއެވެ. ދެކުދިންގެ ގައިގައި ވަކިވަކިން ބޮސްދިނެވެ. ”މީގެ ފަހުން ޢާޞިފާއި ފަރުޖާދަކީ ދެބެންނެވެ. ބޮޑީ ޢާޞިފެވެ. ވީމާ ޢާޞިފަކީ ބޭބެއެވެ. ފަރުޖާދަކީ ކޮއްކޮއެވެ. ދަރިފުޅާ ފަރުޖާދުއެވެ. ދަރިފުޅުއަބަދުވެސް ފަރުޖާދު ބޭބެގެ ބަސް ޤަބޫލުކުރަން ވާނެއެވެ. ބޭބެ ބުނާކަންތައް ކުރަންވާނެއެވެ. ޢާޞިފްވެސް ފަރުޖާދު ކޮއްކޮދެކެ ލޯބިވާން ވާނެއެވެ. ކަމޭހިތަން ވާނެއެވެ.“ މިގޮތުން މާމަ ދިން ނަސޭހަތް ޤަބޫލުކުރީ އެއީ ހަމައެކަނި މާމަ ދިން ނަޞޭހަތަކަށްވާތީއެވެ. ރުޅިމަޑުވެ ޢާޞިފާ ޞުލްޙަވެގެނެއް ނޫނެވެ. އަދި ކީއްހެއްޔެވެ. މާމަގެ އުނގުގައި ޢާޞިފް އިންނަތަން ދެކޭކަށްވެސް އޭނާ ބޭނުމެއް ނޫނެވެ……. އަނެއްކޮޅުން ޢާޞިފަކީ ތަންކޮޅެއް ބޮޑު ކުއްޖަކަށްވާތީ އޭނާއަށް ހިސާބަކަށް ވިސްނެއެވެ. ދާދި ދެންމެއަކު ފަރުޖާދު ދިން ބޮނޑި އަދި ހަދާނެއް ނުނެތެއެވެ. އެހެންކަމުން މިހާރުވެސް އޭނާ އެއިނީ ބިރުން ވިރިވިރިއެވެ. ތުރުތުރު އަޅައަޅައެވެ. ނަޞީބަކުން ދެކުދިންގެ ރުޅިއާއި ބިރުވެރިކަން ދެމިއޮތީ ކުޑައިރުކޮޅަކުއެވެ. ދާދިއަވަހަށް ދެކުދިން ޞުލްޙަވެއްޖެއެވެ. މާމަގެ އުނގުން ފުންމާލައިގެން ދެކުދިން ގޮސް އެހެން ކުދިންނާ އެކުގައި ކުޅެ ފުމެ އުޅެން ފަށައިފިއެވެ.
ޙަފްލާ ނިމި ކެއުމުގެ ވަގުތު ޖެހިއްޖެއެވެ…… މާމަވެސް އިންތަނުން ތެދުވެގެން ގޮސް ދެކުދިންނަށް އެއްތަށީގައި ކާންދިނެވެ. ލޯބި އިތުރުކުރުމަށްޓަކައި ބުއްދީގެ ބޭނުން ކުރިއެވެ. އެދުވަހުން ފެށިގެން މާމަގެ ޢުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ދެކުދިން ތަރުބިއްޔަތު ކުރަން ފެށިއެވެ.
ލޯތްބާއި ނަފްރަތަކީ އެއް ޖަޒުބާތަކަށް ކިޔާނަމެކެވެ. ބައެއްފަހަރު ލޯބީގެ އިންތިހާ ނަފްރަތަށް ވެއެވެ. ބައެއްފަހަރު ނަފްރަތުގެ އިންތިހާ ލޯތްބަށް ބަދަލުވެއެވެ…… ނަމަވެސް ދުވަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް ފަރުޖާދުގެ ހިތުގައި ޢާޞިފްގެ މައްޗަށް އުފެދިފައިވާ ނަފްރަތަކަށް ބަދަލެއް ނާދެއެވެ. އެކަން މާމައަށްވެސް އިޙްޞާސްވެއެވެ. އެއީ މާމަ ބޭނުން ގޮތަކަށް ނުވާތީ ދެކުދިން ޞުލްޙަކޮށް ފަރުޖާދުގެ ހިތުގައިވާ ނަފްރަތުކަން ފިލުވާލާ އެޅަހިތުގައި ލޯބި އަށަގަންނުވަން މާމައަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުން ގެންދިޔައެވެ….. ﷲގެ އިރާދަފުޅުން އެމަސައްކަތުގައި ބަރަކާތްލެއްވިއެވެ. އެއްކުއްޖަކާ އަނެއް ކުއްޖަކާ ވަކިން އުޅެން ދަތިވާ ވަރަށް ގުޅި ލާމެހުނެވެ.
އެއްފަހަރަކު މާމަ ހަމަ ގަސްތުގައި ހޫނު މޫސުމުގެ ޗުއްޓީއަށް ޢާޞިފް ފަރުބަދަ މަތީގެ ރަށަކަށް ފޮނުވާލިއެވެ. ދެދުވަސް ވަންދެންވެސް ފަރުޖާދަކަށް ނުހުރެވުނެވެ. މާމަގެ ގާތުގައި ކުކުރަ ކުކުރައިގެން ރޮއިރޮއިގެން ޢާޞިފް ގެނުވައިފިއެވެ. އަނެއްފަހަރު ފަރުޖާދު ނެނީތާލަށް ފޮނުވިއެވެ. އޭނާ ފުރީއްސުރެ ޢާޞިފް ހުރީ ދެރަވެފައެވެ. މުޅި ހަވޭލީއަށް ގިނަވެފައެވެ. ނަމަވެސް ދެދުވަސް ވަންދެން އޭނާ ކެތްކުރިއެވެ. ތިންވަނައަށްވީ ދުވަހު ފަރުޖާދު ނެތިގެން ޢާޞިފް ރޯން ފަށައިފިއެވެ. މާމައަކީ ދުރުވިސްނޭ މީހެކެވެ. އެހެންކަމުން ފުރުޞަތުގެ ބޭނުން ކުރަމުން މާމަ ބުނެލިއެވެ. ”ތިޔައިގެ ދެބެން އަބަދު ތޮޅި ޝަހީދުވަނީއެވެ. މިހާރު މާ ރަނގަޅު ނޫންހެއްޔެވެ. ދެބެން ދެތަނުގައި ތިބީމާ ތޮޅޭކަށް ނުޖެހޭނެ ނޫންހެއްޔެވެ.“
”ނޫނެކެވެ. މާމައެވެ. ފަރުޖާދު ކޮއްކޮ ގެނެސްދޭށެވެ.“ ޢާޞިފް ރޮއިލާފައި ބުންޏެވެ.
”ފަރުޖާދު ނެތީމާ ކޮޓަރީގައި އެކަނި އޮންނަން ބިރުގަނެއެވެ.“
”އާނ! މިހާރު އެނގިއްޖެއެވެ. އޭނާ ގެނުވަން ތިޔައުޅެނީ ޢާޞިފް ބިރުގަންނާތީއެވެ.“ މާމަ ހީލާފާ ބުންޏެވެ. ”މިހާރު ކޮންބިރެއް ގަންނާކަށްހެއްޔެވެ. ޢާޞިފަކީ ކުޑަކުއްޖެއްވެސް ނޫނެވެ. އިރާދަކުރެއްވިއްޔާ ޢާޞިފް ތިޔަހަރީ ބޮޑުވެފައެވެ.“
”މާމާއެވެ. އަހަރެން ބިރެއް ނުގަނެއެވެ. އެކަމަކު ފަރުޖާދު ގެނެސްދޭށެވެ.“ ހާސްކަމާއެކު ޢާޞިފް ބުންޏެވެ.
”ބިރުނުގަންނަންޏާ ކޮންމެހެން ފަރުޖާދު ގެންނަންވީ ކީއްކުރަން ހެއްޔެވެ؟“ މާމަ ބުންޏެވެ.
”މާމައެވެ. ފަރުޖާދު ކޮއްކޮގެ މަތިން ހަދާންވާވަރުނ ލޮލަކަށް ނިންޖެއް ނާދެއެވެ.“ ޢާޞިފް މިހެން ބުނުމުން މާމަ ވަރަށް ބޮޑަށް އުފާވިއެވެ. ޢާޞިފްގެ އެއިޢްތިރާފަކީ އޭނާގެ ހިތުގައި ފަރުޖާދާމެދު އުފެދިފައިވާ ލޯބީގެ ޝުޢޫރެވެ.
ދުރުގައި ތިބެން ޖެހުމުން ލޯބީގެ ބާރުގަދަވެފައި ހަރުދަނާވާނޭ ވާހަކަ މީހުން ބުނެ އުޅެއެވެ. އެއީ ތެދެއްކަން މިހާރު މާމައަށް ޔަޤީންވެއްޖެއެވެ. އެއްކުއްޖަކު ނެތީމާ އެކުއްޖާއާހެދި އަނެއް ކުއްޖާގެ ކެތްމަދުވާވަރު ނުތަނަވަސްވާވަރު މާމައަށް ފެނިއްޖެއެވެ. މާމައަށް މިކަން އެނގުނުފަހުން ސްކޫލްގެ ކޮންމެ ޗުއްޓީއެއްގައި ދެކުދިން ދެރަށަށް ފޮނުވާލައެވެ. އެގޮތުން ފުރަންވާ ވަގުތު އެއްކުއްޖަކު އަނެއް ކުއްޖެއްގެ ގައިގާ އޮޅުލާފައި ރޮޔެއެވެ. ނުދާންވެގެން ބޮޑާ ދައްކައެވެ. ފަހަކަށް އައިސް ކަމެއް ކުރަންވިޔަސް ތަނަކަށް ދާންވިޔަސް ދެކުދިން ވަތްކެއް ނުވެއެވެ. ފަރުބަދަމަތީގެ ރަށަކަށް ދިޔަސް ދަނީ އެކުގައެވެ. ހިގާލަން ނިކުތަސް އެކުގައެވެ. އަސްދުއްވަން ދިޔަޔަސް ފަތަން ދިޔަޔަސް، ސްކޫލަށް ދިޔަޔަސް ދަނީ އެކުގައެވެ. ބޯދާތާކަށް ނަގޫދާނެއޭ ބުނާ އުސޫލުން ފަރުޖާދު ދާތާކަށް ޢާޞިފްދެއެވެ….. އެއް ފަހަރަކު ފަރުޖާދު އަހުން ވެއްޓި ފައިބިންދައިގެން ދިޔައެވެ. އެހެން ކަމުން އަސްދުއްވުމާއި ކުޅިވަރު ކުޅުންފަދަ ކަންތައް ޑޮކްޓަރުން އޭނާއަށް މަނާކުރިއެވެ. އެދުވަހުން ފެށިގެން ޢާޞިފްވެސް ކުޅިވަރު ކުޅުން ހުއްޓާލިއެވެ. އަސް ދުއްވުމަކީ އޭނާ އެންމެ ކުރާހިތްވާކަމެވެ. އެކަމަކު ޑޮކްޓަރުން ފަރުޖާދަށް ހުއްދަ ދެންދެން އަހެއްގެ ލަގަނުގައިވެސް ޢާޞިފް އަތެއް ނުލައެވެ….
ފަރުޖާދަ އުޅެނީ ނުވަވަނަ ކްލާހުގައެވެ. ޢާޞިފް އުޅެނީ ދިހަވަނަ ކްލާހުގައެވެ. އެދުވަސްވަރު ޢާޞިފް ވަރަށް ގަދަ ހުމެއް އައެވެ. ޑޮކްޓަރުން ފަރުވާ ކުރުމާއެކުވެސް އޭނާގެ ހުން ވިހެލީ އެކާވީސް ދުވަހުގެ ފަހުންނެވެ. އޭރު އޭނާ ހީވަނީ މައްޔިތެއް ހެންނެވެ. ފަރުޖާދުގެ ހާލަކީވެސް އެއީއެވެ. ހުން ނާންނަ މީހާއެކޭ އެއްގޮތެވެ. ފަރުޖާދު ހިކި އަނަރޫފަވީ މޮޅިއާއި ހިތާމައިންނެވެ. ރެޔާ ދުވާލު ނުނިދާ އުޅުމުގެ ސަބަބުންނެވެ. ނުކައި ނުބޮއި އުޅުމުގެ ސަބަބުންނެވެ.
ވަގުތު ފާއިތުވަމުން ގޮސް ސްކޫލް ދައުރު ނިމިގެން ހިނގައްޖެއެވެ. ފަރުޖާދާއި ޢާޞިފް ޝަހަރަށް ފޮނުވައިފިއެވެ. ކޮލެކްތަކުގެ ތެރެއިން އެންމެ ރަނގަޅު ކޮލެޖަށް ލައިފިއެވެ. ހަފުސްކަމުގެ ތެރެއިން މިނިވަން ވެއްޓަކަށް ނިކުމެއްޖެއެވެ. ޝުޢޫރުތައް ގަދަފަދަ ވެއްޖެއެވެ. ޖަޒުބާތުތައް ހަރުދަނާ ވެއްޖެއެވެ. އެހެންކަމުން މިހާރު އެކަކު އަނެކަކަށްޓަކައި ވަގުތުތައް ޤުރުބާނެއް ނުކުރެއެވެ. ކިޔެވުން ބޭކާރެއް ނުކުރެއެވެ. ނަމަވެސް ދެމީހުންގެ ގާތްކަމާއި ގުޅުމުގެ ބަދަހިކަމަށް ބަދަލެއް ނާދެއެވެ. ފަރުޖާދަށްޓަކައި ފުރާނައިން ޤުރުބާންވާންވެސް ޢާޞިފް ހުންނަނީ ތައްޔާރުގައެވެ. ފަރުޖާދުވެސް ހަމައެގޮތެވެ. އެކަމަކު އޭނާއަކީ މިނިވަންކަމާއެކު ޚިޔާލުތައް ފާޅުކުރާ މީހެއް ނޫނެވެ. އޭނާގެ ކިބައިގައި ހުންނަނީ މަޑުމައިތިރި ސީރިއަސް ގޮތެކެވެ. އެއީ އޭނާގެ މުއްސަނދި ކަމުގެ އަސަރޭވެސް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެއީ ތެދެއް ނޫނެވެ. ޤުދުރަތުން އޭނާއަށް ދެއްވާފައިވަނީ އިޚްލާސްތެރި ހިތަކާއި ތޫނު ސިކުނޑިއެކެވެ. އެހެން ކަމުން އޭނާގެ ހިތާއި ސިކުނޑިން އެއްވެސް ކަހަލަ ޝުޢޫރެއް ބޭރުކޮށްލުމަކީ މާފަސޭހަ ކަމެއް ނޫނެވެ. ޒުވާންވަމުން ދިޔަވަރަކަށް އޭނާގެ އެސިފަތަކުގެ ބާރުގަދަވަމުން ދިޔައެވެ.
ފަރުޖާދާއި ޢާޞިފް ކިޔަވާ ނިމިގެން އެނބުރި ހަވޭލީއަށް އައިއިރު އެއީ މިސާލެއް ނެތްފަދަ ރީތި ދެ ޒުވާނުންނެވެ. އަޚްލާޤާއި އުޅުންވެސް އެހާ ރަނގަޅެވެ. ޢާޞިފަކީ ރަން އިސްތަށިގަނޑަކާއި ނޫ ދެލޮލާއި ދިގު އިސްކޮޅަކާއި ބައިމަތިފުޅާ ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. އެހެންކަމުން އޭނާ ނުދަންނަ މީހަކަށް ފެނިއްޖެނަމަ އެއީ ޔޫރަޕުގެ މީހެކޭ ހީވާނެއެވެ. އެއާ ޚިލާފަށް ފަރުޖާދުގެ އިސްތަށިގަނޑު ކަޅުވެފައި އޮފުގަދައެވެ. ކަނޑުތަކުގެ ފުންކަން ލިބިފައިވާ ކަޅު ދެ ލޮލެވެ. ރަތް ދޮން ކުލައިގެން ހަމެވެ. ދިގުއިސްކޮޅަކާއި ކަސްރަތީ ހަށިގަނޑެކެވެ. އެގޮތުން ދެމީހުންގެ މިޒާޖާއި އުޅުންވެސް ތަފާތެވެ. ޢާޞިފަކީ ހަލަބޮލި ވާހަކަ ގިނަ މީހެކެވެ. ފަރްޖާދަކީ މަޑުމައިތިރި ކެތްތެރި މީހެކެވެ.
ފަރުޖާދުމެން ކިޔަވައިގެން އައިތާ މާގިނަ ދުވަހެއް ނުވަނީސް މާމަ ނިޔާވެއްޖެއެވެ. ފަރުޖާދުގެ ބައްޕަވެސް މަތިންދާބޯޓު އެކްސިޑެންޓެއްގައި ނިޔާވެއްޖެއެވެ. އެހާތަނުން ކިއްލާއެއް ކަހަލަ އެބޮޑު ޙަވޭލީގެ ހުރިހާ ޒިއްމާތަކެއް ޢާޞިފާއި ފަރުޖާދުގެ ކޮނޑުގައި އެޅިއްޖެއެވެ. އޭރު މާމަގެ ހެޔޮކަމާއި އިޚްލާސްތެރިކަމުން ގާތްތިމާގެ އެތަކެއް ޢާއިލާ އެހަވޭލީގައި އާބާދުވެ ދިރިއުޅެއެވެ. ނޯކަރުންވެސް އެހާ ގިނައެވެ. އެއިން ކޮންމެ ނޯކަރަކީވެސް ޢާއިލާއެކެވެ. ދަނޑުބިންތަކުގެ ކޮޅެއް ނެތެވެ. ކައިރި ކައިރީގައި އޮތް ތިންއަވަށުގައި އެމީހުންގެ ދަނޑުބިން އޮވެއެވެ. އެގޮތުން އޭގެ ދެޒުވާނުން ކުރަންޖެހޭ މަސައްކަތާއި އުފުލަންޖެހޭ ޒިއްމާތައް ހިތަށްވެސް އަރުވާލަން ނުވާނެއެވެ. އެކަމާ ފަރުޖާދު ހާސްވިއެވެ. ކަންބޮޑުވިއެވެ. އެކަމަކު ޢާޞިފް ޖެހިލުމެއް ނުވެއެވެ. އޭނާ ވަރަށް އަވަހަށް ޒިއްމާތަކާ ޙަވާލުވެ މަސައްކަތާއިގެން އަވަދިނެތި އުޅެން ފަށައިފިއެވެ. ހަވޭލީގެ ހުރިހާ ޒިއްމާއެއް ހަމައެކަނި ނަމަކަށް ޙަވާލުކުރީ ފަރުޖާދާއެވެ. ހިންގާ ހަދަނީ މެނޭޖަރެވެ. ޢާޞިފަކަށް އެއްވެސް ކަމެއް ބޮޑެއް ނުވެއެވެ. ބޭރުގެ ހުރިހާ ކަމެއް ފަސޭހަކަމާއެކު އޭނާ ހަމަޖައްކާލައެވެ. ފަރުޖާދުގެ ޝައުޤަކީ ފޮތްބެލުމެވެ. ދިރިއުޅެން މަސައްކަތް ކުރުމެއް ނޫނެވެ. އޭނާގެ މަސައްކަތަކީ ކާބަފައިންގެ އިރުއްސުރެ ޙަވޭލީގައި ހުންނަ ދުވަސްވީ ލައިބްރަރީގެ އާބާތުރަ ފިލުވުމެވެ. މަރާމާތު ކުރުމެވެ. ދުނިޔޭގެ ބޮޑެތި ބޮޑެތި ޢިލްމުވެރިންގެ ފޮތްތައް ގަނެ ޖަމާކުރުމެވެ. އެކަމަށްޓަކައި ޝަހަރުގެ ބޮޑެތި ބޮޑެތި ރަށްތަކަށް ދަތުރުކުރިއެވެ. ޤަދީމީ ފޮތްތައް ގަނެގެން ގެނެސް ލައިބްރަރީއަށް އެއްކުރިއެވެ. އާ އަލަމާރިތައް ޖައްސާ ހަރުގަނޑުތައް ހެއްދިއެވެ. ފޮތް ބަލަން ތިބޭ ގޮނޑިތައް ބަދަލުކޮށް އަރާމު ސޯފާ ސެޓުތައް ހޯދިއެވެ. އެގޮތުން ލައިބްރަރީގެ ފެންވަރު ރަނގަޅު ކުރުމުގައި އެހެން ހުރިހާ ކަމެއް އޭނާ ހަދާން ނެތުނެވެ. ބައެއްފަހަރު ހަމަޖެހިލައިގެން ދެމީހުން ވާހަކަ ދައްކާލާނޭ ފުރުޞަތު ލިބިއްޖިއްޔާ ޢާޞިފް ބުނެއެވެ.
”މިހަރު ފަރުޖާދު ތިޔަ ކަތުރު ފަންޏަކަށް ވަނީއެވެ. ތިޔަހެން ނުހަދާ ބައެއްފަހަރު ބޭރަށް ނިކުމެލަ ބަލާށެވެ.“
”ކޮންމެ ދުވަހަކުވެސް އަހަރެން ބޭރަށްދަމެވެ.“ ފަރުޖާދު ހީލަމުން ބުންޏެވެ.
”އަހަރެން މިބުނަނީ ކްލަބަށޤ ނުވަތަ ޝަހަރަށްދާ ވާހަކައެއް ނޫނެވެ.“ ޢާޞިފް ބުންޏެވެ.
”ދެން ކޮންތާކަށްދާ ވާހަކައެއް ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.
”ބައެއް ފަހަރު އަވަށްތަކަށްވެސް ގޮސްލަބަލާށެވެ.“ ޢާޞިފް ބުންޏެވެ.
”ތިޔަކަންތައް ކުރެވޭތޯ މަސައްކަތް ކުރާނަމެވެ.“ ފަރުޖަދު ބުންޏެވެ.
”ފަރުޖާދުއެވެ. އަވަށަކީ ވަރަށް ހިތްފަސޭހަތަނެކެވެ. ވަރަށް އުފާވެރި ދިރިއުޅުމެކެވެ.“ ޢާޞިފް ބުންޏެވެ.
”އެއީ އެއްވެސް ކަހަލަ ރީތިކަމެއް ހިތްފަސޭހަ ކަމެއް ހުރި ތަނެއް ނޫނެވެ.“ ފަރުޖާދު ބުންޏެވެ.
”ތިޔައީ ފަރުޖާދުގެ ގާތުގައި ކާކު ބުނި ވާހަކައެއް ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”މީހަކު ބުނި ވާހަކައެއް ނޫނެވެ. އަހަރެންގެ ހިތަށް އަރާ އެއްޗެކެވެ.“ ފަރުޖާދު ބުންޏެވެ.
”ތިޔައީ މުޅިން ކުށްހީއެކެވެ.“ ޢާޞިފް ބުންޏެވެ.
”ތިޔަހެންވެސް ވެދާނެއެވެ.“ ފަރުޖާދު ބުންޏެވެ.
ފަރުޖާދުގެ ގާތުގައި އެހެން އަވަށްތަކަށް ދިއުމުގެ ވާހަކަ އަބަދުވެސް ޢާޞިފް ދައްކައެވެ. ފަރުޖާދު އާއެކޭވެސް ބުނެއެވެ. އެކަމަކު ދުވަހަކުވެސް ފުރުޞަތު ލިބޭ ކަމަކަށް އޭނާ ނުހަދައެވެ. އޭނާގެ ބޮޑު ޙަވޭލީއާއި ރީތި ލައިބްރަރީ ދޫކޮށްލާފައި ދާން ބޭނުން ނުވަނީއެވެ. އެހެންނޫނީ މަގުތަކުގެ ހަޑިކަމާއި ކިސަޑު ގިނަކަމާއި ފައްކާ ގެތައް ނެތުމާއި ވަސް ނުބައިވުމާއި މިކަހަލަ ކަންތައްތަކެއް ހިތަށް އަރަނީކަން ނޭގެއެވެ. ނުވަތަ ބީރައްޓެހިން ދެކެ ފޫހިވަނީކަން ނޭގެއެވެ. ކޮންމެއަކަސް އެއިން އަވަށެއްގެ މީހަކުވެސް އޭނާއަކަށް ކަމަކުނުދެއެވެ. އެއިން ކޮންމެ މީހަކުވެސް އަވީގާ މަސައްކަތް ކޮށްކޮށް ދަމިލަޖަހާފައިވާ ރަންވަންލޯގަޑެކޭ އެއްގޮތްވާނެއެވެ. އަންހެނުންތައްވެސް ކުރަކިކަމުން ހީވާނީ ހުޅުނބު ފަޅާފައި ހުންނަހެންނެވެ. ވަގުތުގެ ކުރިން މުސްކުޅިވެ ރޫގުޅައަކަށް ވާނެއެވެ. ރަށްފުށުގެ ޒުވާން އަންހެން ކުދިންގެ ވާހަކަ ފޮތްތަކުން އޭނާ ކިޔައެވެ. އެއީ މާރީތި ބައެއް ކަމަށް ލިޔެފައި ހުރެއެވެ. ނަމަވެސް އޭނާގެ އަމިއްލަ އަވަށުންވެސް އެކަހަލަ އަންހެން ކުއްޖެއްގެ ހިޔަނިވެސް އޭނާ ނުދެކެއެވެ. ވީއިރު އެހެން އަވަށަކުން ފެންނާނޭ ހެއްޔެވެ؟ މިކަހަލަ ޚިޔާލުތައް ކޮށްކޮށްފައި ޢާޞިފާއި ހެދި އޭނާ ޙައިރާންވެއެވެ. ޢާޞިފް އަވަށްތަކާ ބެހޭ ވާހަކަ ދައްކަނީ ކިހާ އުފަލުން ހެއްޔެވެ؟ ކިހާ ޝައުޤުވެރިކަމާ އެކުގައި ހެއްޔެވެ؟ އޭނާ ލާނެތް ގޮތަކަށް ހީލިއެވެ.
އިރުއޮއްސޭ ވަގުތެވެ. ދަނޑުތަކާއި ކުޑަ ތަންކޮޅެއް ދުރުގައި މެދުމިނުގެ ކޯރެއް އޮއިދެމެމުންދެއެވެ. ކޯރުގެ ރާޅުތަކުގެ ހުދު ފޮނުތައް ހީވަނީ ވިރުވާފައިވާ ރިހިތަކެއްހެންނެވެ. އޭގެ މައްޗަށް ރަތްވިލާ ދަޅަ އެޅިފައިވާއިރު ފެންނަނީ ރިހިފަތްގަނޑެއްގެ މަތީގައި ރަތްސާލެއް ފަތުރާލާފައި އޮތްހެންނެވެ. މިކޯރަކީ ބިންގަނޑުގެ މައިވަންތަކެމެވެ. ބިންގަނޑު ތެތްކުރުމާއި އަލާފިލުވުމާއި ފިނިކަން ދިނުމަކީ ކޯރުގެ ވާޖިބެވެ. ކޯރުގެ އައްސޭރީގައި ކުދިގަސްތަކާއި ބޮޑެތި ގަސްތައް މުޅިހިސާބަށް ހިޔާދީފައިވެއެވެ. ކޯރުގެ ކައިރިން ބައެއް ހިސާބުގައި ހުރީ ކިސަޑުވެއްޔެވެ. ތަންކޮޅެއް ދުރުން ފެންނަނީ ވިނަގަސްތައް ފަޅާ ދިގުވެފައިވާތަނެވެ. ޢާޞިފް ދަނޑުވެރިންނާ ބައްދަލުކޮށް ނިމިގެން ކޯރުގެ އައްސޭރިއަށް ނިކުމެލިއެވެ. ޢަލީ ނޫރު މުޙައްމަދު ނިޔާވުމަށްފަހުގައި ދަނޑުވެރިންގެ ޒިއްމާތަކާއި އޭނާ ޙަވާލުވިފަހުން ދަނޑުވެރިން ތިބެނީ އުފަލުން ފުރިފައެވެ. ވާނީވެސް އެހެންތާއެވެ. އެމީހުންނާ ދޭތެރޭގައި ޢާޞިފް ކަންތައްކުރަނީ އެހާ ރަނގަޅަށެވެ. ބަލި މީހުންނަށް ބޭސްކޮށްދެއެވެ. ހުވަފަތް އަންހެނުންނަށް ފައިސާގެ އެހީވެއެވެ. ކުޑަކުދިންނަށް ކިޔަވައިދޭން ޚަރަދު ކުރެއެވެ. މިސްކީނުންނަށް ކާންދެއެވެ. މުސްކުޅިންގެ އުނުއޮރިޔާން ނިވާކޮށްދެއެވެ. އެހެންކަމުން އޭނާ އަވަށުގައި ހުރީވިއްޔާ އަވަށުގެ އެކި ގޭގެއިން ކޭންހަދާލައިގެން ގެނެސްދެއެވެ. ބައެއް މީހުން ރޯސްކުރި ކުކުޅެވެ. އަނެއްބަޔަކު ހަލުވާއެވެ. ގަޑުބަޑު ނުކުރާ ކިރެވެ…. ނިކަމެތި ދަނޑުވެރިންނަށް ލިބޭ މަދު އާމްދަނީކޮޅުން އެކަހަލަ ބޭކާރު ޚަރަދު ނުކުރާށޭ އޭނާ ބުނެއެވެ. ނަމަވެސް އަވަށުގެ އެންމެންގެ މެދުގައި އޭނާ މަޤްބޫލުވެފައިވާވަރުން ކޮންމެވެސް ކަހަލަ ކާއެއްޗަކުން އޭނާއަށް ހަދިޔާ ކޮށްނުލާ ހަމަ އެކަކު ނުހުރެއެވެ. އެގޮތުން މިރޭވެސް އޭނާއަށް އަވަށު އަވަށުމީހުންގެ ކޭން ލިބޭނޭތީ ކައްކާ މީހާގެ ގާތުގައި އޭނާއަށް ނުކައްކާން ބުނެފައި ހިތްހަމަޖައްސާލާ ވަރުބަލި ފުލުވާލުމަށްޓަކައި ކޯރުގެ އައްސޭރިއަށް އޭނާ ނިކުމެލިއެވެ. އައްސޭރިފަށުގައި އިރުކޮޅަކު ހިނގާލުމަށްފަހުގައި ކޯރުގެ މަތިން އަޅާފައިވާ ދެއަތަށް ކިރޭ ފާލަން މައްޗަށް އެރިއެވެ. މަޑުމަޑުން އޮއި ދެމެމުންދާ ކޯރުގެ ހަލަބޮލި ރާޅުތަކުގެ ކުޅޮވަރުބަލަން ވަރަށް ގިނައިރު އޭނާ ހުއްޓެވެ….. އެހެން ހުރިއިރު އޭނާ ޚިޔާލު ކުރިއެވެ. އޭގެ ކުޑަދުވަސްކޮޅެއް ކުރިއްސުރެ އޭނާއަށް އެކަނިވެރިކަމެއް އިޙްސާސްވަމުން ދަނީ ކީއްވެގެން ކަމެއް ނޭގެއެވެ. ބަރަމަސައްކަތުގައި އަވަދިނެތި އުޅެއުޅެ ހުއްޓާވެސް ކުއްލިއަކަށް އެކަނިވެރިކަން އިޙްސާސްވެއެވެ. އިއްޔެރޭ ފަރުޖާދުގެ ގާތުގައި އޭނާ އެވާހަކަ ދެއްކިއެވެ. ދެމީހުން ރޭގަނޑުގެ ކެއުމުން އަވަދިވެގެން ހަނދުވަރުމަތީގައި ހިނގާލަން ނިކުމެ އުޅެމުން އޭނާ އެވާހަކަ ފެށިއެވެ.
”ފަރުޖާދުއެވެ. އަހަރެމެން ކިހާ އެކަނިވެރި ހެއްޔެވެ؟“ އެއަޑު އިވުމުން ފަރުޖާދު ސިއްސައިގެން ގޮސްފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. ލާނެތް ގޮތަކަށް ހީލިއެވެ.
”ތިޔައީ ހާދަ ނުރައްކާތެރި ކަމެކެވެ.“ ފަރުޖާދު ބުންޏެވެ.
”އެއީ ކީއްވެގެން ހެއްޔެވެ؟“ ޢާޞިފްވެސް ހައިރާންވިއެވެ.
”ޢާޞިފްއެވެ. ޒުވާނަކަށް އެކަނިވެރިކަން އިޙްސާސްވުމުގެ މާނަ އެނގޭހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.
”އޭގެ މާނައަކީ ކޮބާހެއްޔެވެ؟“ ޢާޞިފް ސީރިއަސްކަމާއެކު ސުވާލުކޮށްލިއެވެ.
”އޭގެ މާނައަކީ ކައިވެންޔެވެ.“ ފަދުޖާދު ބާރަށް ހޭން ފެށިއެވެ. ޢާޞިފްގެ ގާތަށްވެސް ހިނިއައެވެ. ފަރުޖާދުގެ ވާހަކައާއި ގަޔާވިއެވެ.
”އެއީ ގޯސް ކަމެއްހެއްޔެވެ؟“ މަޖާ ގޮތަކަށް ހީގަންނަމުން ޢާޞިފް ބުންޏެވެ.
”ނޫނެކެވެ.“ ފަރުޖާދު ބުންޏެވެ.
”ތިޔަހެންވިއްޔާ މަލާމާތް ކުރަނީ ކީއްވެގެން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”ލައްބަ ތައުބާއެވެ! އަހަރެން މަލާމާތް ކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަވަހަށް ކައިވެނި ކުރާށެވެ.“ ސަމާސާ ރާގަކަށް ފަރްޖާދު ބުންޏެވެ. ”އަވަހަށް ފަހަރިއެއް ގެންނާށެވެ. އޭރުން ޙަވޭލީވެސް ފަޅުފިލާނެއެވެ.“
”އަހަރެމެން ދެމީހުންނަކީ އަކަނިތިބި ދެމީހުންނެވެ. ތިޔަ ވާޖިބު އަދާ ކުރާނީ ކާކު ހެއްޔެވެ؟“ ޢާޞިފް ގަޔާވެލާފައި ބުނެލިއެވެ.
”ޢާޞިފްގެ ކައިވެނި އަހަރެން ކުރުވާނަމެވެ. އަހަރެންގެ ކައިވެނި ޢާޞިފް ކުރުވާށެވެ. އޭރުން މައްސަލަ ނިމުނީއެވެ.“ ފަރުޖާދު ހީގަންނަމުން ޢާޞިފްގެ އަތުގައި އަތުން ޖަހާލިއެވެ.
”ތިޔައީ ވަރަށް ރަނގަޅު ގޮތެކެވެ.“ ޢާޞިފްވެސް ފޯރިއާއެކު ފަރުޖާދުގެ އަތުގައި ޖަހާލިއެވެ.
ޢާޞިފް ފާލަމުގެ ޗެންޗޭނުގައި އަތް އަޅުވާލައިގެން ގުދަށް ކަހަލަ ގޮތަކަށް އޮތެވެ. އެހެން އޮތް އިރު ފަރުޖާދު ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި އެނބުރެމުންދެއެވެ. ޙަޤީޤަތުގައިވެސް ކައިވެންޏަކީ އެހާ ބޭނުންތެރި ކަމެއް ހެއްޔެވެ؟ އެކަނިވެރިކަން އިޙްސާސްވަންޏާ ކައިވެނި ކުރަންވީ ހެއްޔެވެ؟ އެކަމަކު ކައިވެނި ކުރާނީ ކާކާ ހެއްޔެވެ؟….. ހިތުގައި އުފެދުނު މިސުވާލާއެކު އޭނާގެ ލޮލުގެ ކުރިމަތިން ނިސްވާނީ މޫނުތަކެއް ފައުޅުވެގެން ފިޔައެވެ. ފަރުޒީ، ފަރްޒާނާ، ކަރީމާ، ސޯނިޔާ، ފަރީދާ ޙަސަން، މާހްލަގާ، ހުސްނާ، ބަދްރުއްނިސާ، ރިއްސާ ރަނާ ރަންވަންލޮއިގެ ކުލަ އެކުލެވިފައިވާ ކުދީންނެވެ. މިރީތި އަންހެން ކުދިންނަކީ އޭނާގެ ވަށައިގެން އުޅޭ ކުދިންނެވެ. ތިމާގެ ކުދިންނެވެ. ޢާއިލާގެ ރައްޓެހިންގެ ދަރިންނެވެ. ކޮންމެވެސް ކަހަލަ ގާތްކަމަކައި ގުޅުމެއް ހުރި ކުދިންނެވެ. ސްކޫލް ދައުރުގެ ރައްޓެހިންނެވެ. ކޮލެޖް ދުވަސްވަރުގެ ރަޙްމަތްތެރިންނެވެ. އޭގެތެރެއިން ވަކިކުއްޖަކު ޚާއްސަކޮށް ހޮވުން އުނދަގުލެވެ. ސަބަބެއް ނޭގެއެވެ. އޭގެތެރެއިން އެއްވެސް ކުއްޖަކު އޭނާގެ ކައިވެންޏަށް އެކަށީގެން ނުވެއެވެ. އެކުދިންނެކޭ ފުރިހަމަނުވާ ތަޞްވީރުތަކެކޭ އެއްގޮތެވެ. އެއިން ތަޞްވީރެއް ފުރިހަމަކުރަން ވެއްޖިއްޔާ ކުރެހުންތެރިޔަކު އުމުރު ހުސްވަންދެން މަސައްކަތް ކުރަން ޖެހޭނެއެވެ…… މާތްކާކޯއެވެ. ދިގުއިންތިޒާރެކެވެ. އެކަމަކު ޖަންގައްޔެއްގައި ރޯވެފައިވާ އަލިފާންގަނޑެއް ފަދައިން އޭނާގެ އެތެރެހަށީގައި ފެތުރެމުން އެދާ އެކަނިވެރިކަން އެހާ ދިގު އިންތިޒާރަކަށް ކެތެއް ނުކުރާނެއެވެ. ވީހާ އަވަހަކަށް އެމައްސަލަ ޙައްލުވާން ޖެހޭނެއެވެ….. އޭނާ ނުތަނަވަސްކަމާއެކު މަޑުމަޑުން ހިނގަމުން ގޮސް ފާލަމުން ފައިބައިފިއެވެ….. ވިނަގަނޑުގެ ތެރޭގައި ބާލީހެއްހެން ފަތާކޮށް އޮތް ހިލަގަނޑެއްގެ މަތީގައި އުއްޑުން އޮށޯވެލައިފިއެވެ. އެކަނިވެރިކަން އޭނާއަށް ވިހަލަނީއެވެ. މީހުންގެ ތެރެއަށް ގޮސް ހީ ސަމާސާކޮށް ވާހަކަ ދައްކާލާ އުޅޭހިތެއްވެސް މިހާރަކު އޭނާ ނުވެއެވެ….. ހިނދެއް ހިނދަކަށް ކުލަ ބަދަލުވަމުނންދާ އުޑާ ދިމާއަށް ކަޅިހުއްޓާލައިގެން ޚިޔާލުގެ ތެރެއަށް ގެއްލިފައި އޭނާ އޮތެވެ. އެހެން އޮއްވާ ކޯރުގެ ފެންގަޑުގެ ތެރެއަށް ޗަސްލާފައި އެއްޗެއް ޖެހުނު އަޑާއެކު އޭނާގެ ގަޔަށް ފެންތިކިތައް ބުރައިގެން ދިޔައެވެ. އެވަގުތު އޭނާ ސިއްސައިގެން ދިޔައެވެ. ކޯރުގެ ތެރެއަށް ބަލައިލިއެވެ. ކޮންމެވެސް މީހަކު ކޯރުގައި ކިސްތޯއެއް ޖަހަނީއެވެ. އެއިވުނީ ކިސްތޯގެ ފަލިވަޅުގެ އަޑެވެ. ޚިޔާލެއްނެތި ކޯރާ އެހާ ކައިރީގައި އޮވެވުނީމާ ފަލިވަޅުން އައި ފެންތައް ގަޔަށް ބުރީއެވެ. އިރުއޮއްސޭ ވަގުތު ކަމަށްވާތީ ފުރަތަމަ ނަޒަރުން ކިސްތީގައި އިނީ ކާކުކަމެއް ނޭގުނެވެ. ނަމަވެސް އިރުކޮޅަކު ބެލުމުން ކިސްތީ ދުއްވަން އިނީ އަންހެން ކުއްޖެއްކަން އެނގިއްޖެއެވެ. އޭނާ އަޅައިގެން އިން ދޯޕައްޓާ ވަޔާ ވިހުރުވި ވުހުރުވި އޮތެވެ. ނޫކުލަ ނުވަތަ ރީދޫ ކުލައިގެ ހެދުން ރޭގަނޑުގެ އަދިރީގައި ފެންނަނީ ކަޅުކުލައިގައެވެ. އޭނާ ތަންކޮޅަކަށް ކިސްތީ ޖަހާފައި ގޮނޑުދޮށަށް އަނބުރާލިއެވެ. ނަސީބަކުން އޭނާއަށް ޢާޞިފެއް ނުފެނެއެވެ. އެހެން ނޫންނަމަ އެދިމާއަށް އައުމުގެ ބަދަލުގައި ގުދުގުދުލަމުން އެހެން ދިމާއަކަށް މިޞްރާބު ޖެހީހެވެ…. މިހާރު އޭނާ އެދިމާއަށް އެއަންނަނީ ކޯރުގެ އައްސޭރިއާ ދާދިގާތުގައި ކޯރުތެރޭގައި ހުރި ބޮޑު ދެތިން ގަހުގެ ތެރެއިން ގަހެއްގައި ކިސްތީ ބަންނަން ކަމަށްވެސް ވެދާނެއެވެ. ޢާޞިފް ކިސްތީއާއި ދިމާއަށް ބަލަހައްޓައިގެން އޮވެ ވިސްނައިލިއެވެ. ރޭގަނޑު އަނދިރީގައި އަންހެން ކުއްޖަކު އެކަނިމާއެކަނި އެހާ މޮޅަށް ކިސްތީ ޖަހާތީ ޢާޞިފް ހައިރާންވެ އަންތަރީސްވިއެވެ. ކޮންމެއަކަސް އޭނާ ބަލަހައްޓައިގެން އޮއްވާ އަންހެން ކުއްޖާ ފަޚުރުވެރިކަމާއެކު ކިސްތީން ފައިބައިފިއެވެ. ކިސްތީ ދަމާފައި ގަސްކައިރިއަށް ގެންގޮސްފިއެވެ. ޢާޞިފަށް އެއަންހެން ކުއްޖާ ރަނގަޅަށް ފެނުނީ އަދި ކިރިޔާއެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މާތްކަލާކޯއެވެ؟ ރީތިކަމުގެ އިންތިހާއެވެ. ޢާޞިފް ވިސްނާލިއެވެ. ރީތިކަމުގެ އިންތިހާއެވެ. ހީވަނީ ޕަރީންގެ މަލަކާއެއް ހެންނެވެ. އަންހެން ކުއްޖާ އެކަމުގެ ތެރެއަށް ގެއްލިފައި ހުރިވަރުން ކައިރީގައި ހިނގާ ކަންތައް ކީއްކުރަން ހެއްޔެވެ. ޚޮދު ތިމާއާމެދުވެސް ސަމާލުކަމެއް ނެތެވެ…. ޢާޞިފް ކަޅިޖަހާނުލާ އަންހެން ކުއްޖާއާ ދިމާއަށް ބަލަން އޮތެވެ. އެހެން އޮތް އިރު ހިތަށް އަރައެވެ. ޤުދުރަތުގެ ރީތިކަމާއި ފުރިހަމަކަމެވެ. ނަލަކަމާއި ފަރިކަމެވެ. ކުޅަދުންވަންތަކަމުގެ ބޮޑުކަމެވެ. ރަންފަތްގަނޑެއް ކަހަލަ ސާފު ހަމެކެވެ. ދިގު ކަޅު އިސްތަށިގަނޑެކެވެ. ލޫޅާފަތި ނާޒުކު ހަށިގަނޑެކެވެ. ހެޔޮވަރުގެ ދިގު އިސްކޮޅެކެވެ. ފުއްލާގެ ހުންނަކަހަލަ ސިހުން އެކުލެވިފައިވާ ދެލޮލެވެ. ރަށްފުށުގެ ސާދާ ހެދުމެއްގައި ހުރިއިރު ހަމާއި މަހުގެ ހަށިގަނޑަކަށްވުރެ ބޮޑަށް ވައްތަރީ ރޫޙާނީ މަޚްލޫޤަކާއެވެ. ހީވަނީ ދެންމެ ދެންމެ ވަޔާ ތަޢަޢްލަޤްވެގެން ހިގައިދާނޭހެންނެވެ. އެހާ ރީތިވެފާ ނާޒުކެވެ…. ކޮންމެއަކަސް ގަހުގައި ކިސްތީ އައްސާފައި އަންހެންކުއްޖާ ހިނގައިތުމުން ޢާޞިފް ފުންމައިގެން ތެދުވިއެވެ.
”ކާކު ހެއްޔެވެ؟ ބޭއިޚްތިޔާރުގައި އަންހެން ކުއްޖާއަށް މިބުނެވުނު ޖުމްލާގައި ބިރާއި ސިހުމުގެ ކުޑަވެސް އަސަރެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ ހިތްވަރާއި ކެރުމާއެކު އޭނާ އައިސް ޢާޞިފްގެ ކުރިމައްޗަށް ހުއްޓުނެވެ.
”ތިޔައީ ކޮންކުއްޖެއް ހެއްޔެވެ؟“ ޢާޞިފް މިސުވާލު ކުރުމަށްފަހު އަންހެން ކުއްޖާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު މަޑުމަޑުން ހުރެލިއެވެ. ދެން އެކުއްޖާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. މާތްކަލާކޯއެވެ. ރީތި ތޫނުފިލި ދެލޮލެވެ. ލާނެތްކަމާއި މިނިވަން ހުވަފެންތަކުން ފުރިފައިވާ ދެލޮލެވެ. ޢާޞިފް ކުއްލިއަކަށް ފިނިވެގެން ދިޔައެވެ. އޭގެ ކުރިން ދުވަހަކުވެސް އެކަހަލަ ރީތި ދެލޮލެއް އޭނާ ނުދެކެއެވެ. އެވަގުތު ޢާޞިފް އެދެލޮލުގެ އަސަރުގައި ޖެހުނުލެއް ބޮޑުކަމުން އެސްފިޔަ ޖަހާލަން ހަނދާނެއްވެސް ހަދާން ނެތުނެވެ. އޭނާ ހުރީ ގަނޑުވެފައެވެ. ހިލައިގެ ބުދަކަށް ވެފައެވެ. އެކަމާ އަންހެން ކުއްޖާ ގާތަށް ހިނިއައެވެ. ލާނެތް ގޮތަކަށް ހެމުން އަންހެން ކުއްޖާ އެނބުރިދާން ހިނގައިގެންފިއެވެ. ”މަޑުކޮށްބަލާށެވެ.“ އިޚްތިޔާރަކާ ނުލާ ޢާޞިފަށް ބުނެލެވުނެވެ.
”އެއީ ކީއްވެގެން ހެއްޔެވެ؟“ އަންހެން ކުއްޖާ ފަރިގޮތަކަށް ހުއްޓިފާ އެނބުރި ބަލައިލަމުން ބުންޏެވެ.
”އެއީ….. އެއީ…..“ ބުނާނޭ އެއްޗެއް ޢާޞިފަކަށް ނުވިސްނުނެވެ.
”އެއީ….. އެއީ…..“ އަންހެން ކުއްޖާ އަނގައަށް ވައްތަރެއް ޖައްސާލަމުން ޢާޞިފްގެ ޖުމްލަ ތަކުރާރު ކޮށްލިއެވެ. ދެން ވަރަށް ބާރަށް ހީގެންފައި ދުއްވައިގެންފިއެވެ.
އަންހެން ކުއްޖާގެ ދެލޮލުގެ ތޫނުކަމުން ޢާޞިފްގެ ހިތް ޒަޚަމްކޮށްލިއިރު ބާކީވަފައި ތަންކޮޅެއް އޮތްނަމަ އެކުއްޖާ ފަރި އަދާތަކުން އެތަންކޮޅުވެސް ޒަޚަމް ކޮށްލައިފިއެވެ. އެހެންކަމުން އެއްވެސް ފިކުރެއްނެތި ހިތާ ދިމާއިން މޭގައި އޭނާއަށް ހިފަހައްޓާލެވުނެވެ. އަންހެން ކުއްޖާ ގޮސް އޮބާލަންދެން ބަލަހައްޓައިގެން ހުރެވުނެވެ. ތަންކޮޅަކަށް ގޮސްފައި އަންހެން ކުއްޖާވެސް އެއްފަހަރު އެނބުރި ބަލައިލިއެވެ. އެވަގުތ ޢާޞިފްގެ ގާތަށް ހިނިއައެވެ.
ޢާޞިފް އެތާ ދާދި ގާތުގައި އޮތް ބޮޑު ހިލައެއްގެ މަތީގައި އިށީނދެ އަންހެން ކުއްޖާއާމެދު ވިސްނަން ފެށިއެވެ. ދާދި ދެންމެއަކާ ޖެހެންދެން އޭނާއަށް އިޙްސާސްވި އެކަނިވެރިކަން ފިލާ ހިނގައްޖެއެވެ. ބަހާރު މޫސުމުގެ އެންމެ ނަލަ ދުވަސްވަރު ވަޔާ ވިހުރުވޭ ގުލްޝަނެއްހެން އެބޮޑު މާސިންގާ ޖަންގަލިވެސް ފެންނަން ފަށައިފިއެވެ. އުޖާލާ ކަމާއި ހަލަބޮލިކަމުގެ އިޙްސާސްވާން ފަށައިފިއެވެ. އެވީރާނާ ޖަންގަލީގެ ތެރެއިން އުފާވެރި ރާގުތައް އިވޭހެން ހީވާން ފަށައިފިއެވެ. އުފަލާއި ހިތް ހަމަޖެހުން ލިބެން ފަށައިފިއެވެ… އެހާ ކުއްލި ގޮތަކަށް އެއައި ބޮޑު ބަދަލުގެ ސަބަބުން ޚޮދު އޭނާވެސް ޙައިރާންވެއްޖެއެވެ…… އޭނާ ހިނގައްޖެއެވެ. އެކަމަކު އެއީ މިހާ ދުވަސް ވަންދެން އޭނާ ހޯދަން އުޅުނު ސޫރައެވެ….. އެއީ އޭނާ ދަންނަ ކުއްޖެއް ނޫނެވެ. އެއީ ކޮން ކުއްޖެއް ހެއްޔެވެ؟ އެއެއްވެސް ނޭގެއެވެ. ކޮންތާކުން އައި ކުއްޖެއް ކަމެއް ނޭގެއެވެ. ކޮންތާކު އުޅޭ ކުއްޖެއް ކަމެއް ނޭގެއެވެ. އޭނާގެ މައިންބަފައިންނެއް ނޭގެއެވެ. ޢާއިލާއެއް ނޭގެއެވެ. އޭނާގެ މިޒާޖެއް ނޭގެއެވެ. އާދަކާދައެއް ނޭގެއެވެ. ކުޑަމިނުން ނަންވެސް ނޭގެއެވެ. އެކުއްޖާއާ ބެހޭގޮތުން އެކައްޗެއްވެސް ނޭގެއެވެ. އެކަމަކު އެއީ އޭނާއެވެ. ހަމަ އޭނާއެވެ. އެއީ އޭނާ އުފަންވީއްސުރެ އޭނާއާ ގުޅިފައިވާ އަންހެން ކުއްޖާއެވެ. ފަށުނީއްސުރެ އޭނާގެ ރޫޙު އެއަންހެން ކުއްޖާ ދަނެއެވެ. ޒަމާނުއްސުރެ އޭނާ އެހުންނަނީ އެއަންހެން ކުއްޖާގެ ސިހުރުގައި ހައްޔަރުވެފައެވެ. ޔަޤީނެވެ. އެދެމީހުންވަނީ އަބަދީ ގުޅުމަކުން ގުޅި ނިމިފައެވެ. ބާކީ އޮތީ ދިގު އިންތިޒާރެކެވެ. އިރާދަކުރެއްވިއްޔާ އެއިންތިޒާރުވެސް މިހާރު އެނިމުނީއެވެ. ޢާޞިފް ވަރަށް ފުންކޮށް ދިގުނޭވާއެއްލިއެވެ.