ޞަލާޙުއްދީން އައްޔޫބީ ޤަތުލުކޮށްލުމުގެ ނިޔަތުގައި ބަޔަކު މީހުން ހަމަލާ ދިނެއްކަމަކު އެމަނިކުފާނު ހާސްވެވަޑައެއް ނުގަންނަވައެވެ. އެރޭ އެމަނިކުފާނުގެ ފޭލިކޮޅުގައި ހަމަޖެހިވަޑައިގެން އިންނަވާ އެކުވެރިންނާއި ވާހަކަފުޅު ދައްކަވަމުން ގެންދެވިއެވެ. – ޖާސޫސް ކުރުމުގެ މޮޅުގޮތްތަކާއި ރޭގަޑުގެ ވަގުތުތަކުގައި ހަމަލާ ދޭނެހިކުމަތްތައް ޚާއްސަ ބައަކަށް އުގަނައި ދެއްވުމަށް ޤަޞްދު ކުރެއްވި ކަމަށް ވިދާޅުވެ އެކަން ރާއްވަވާފައިވާ ގޮތް އެކުވެރިންނަށް އޮޅުން ފިލުއްވައި ދެއްވިއެވެ.
”ކަންތައް ކުރަންވީ ގޮތް ޢަލީ ބިން ސުފިޔާނަށް އަހުރެން އެންގީމެވެ. އެކަމަކު މިއެންގުމަށް އަމަލުކުރެވޭ ގޮތެއް ނުވިއެވެ. އަހުރެންނަށް ހަމަލާގެ ޚަބަރު ލިބުނުލެއް ލަސްކަމުން އެއްވެސް ކަމެއް ކުރެވޭ ގޮތެއް ނުވިއެވެ. – ހުރިހާ ރޭވުމެއް ބޭކާރުވެގެން ދިޔައީއެވެ. – އެންމެ ރަގަޅެވެ. ދެން އަހުރެން މިބުނާ ގޮތަށް ތިޔަބައިމީހުން ކަންތައްކުރާށެވެ. – ސިކުޑިއާއި ހަށިގަޑުގެ ގޮތަށް ފުރިހަމަ ސިއްޙަތެއްގައި ތިބި މީހުންކޮޅެއް ހޮވާށެވެ. ސިފައިންނާއި މަތީ ދަރަޖައިގެ އޮފިސަރުންގެ ތެރެއިން މިބުނާ ކަހަލަ މީހުން އައްޔަން ކުރާށެވެ. – ޢަލީ ބިން ސުފިޔާންގެ އަރިހުގައި މިފަދަ މީހުން ހޯއްދަވައި ދެއްވުމަށް އަހުރެންވާނީ ދަންނަވާފައެވެ. މިބުނިކަހަލަ މީހުންގެ ކިބައިގާ ހުންނަން ޖެހޭނެ ކަމަށް ޢަލީގެ އަރިއަހުގައި އަހުރެންދެންނެވި ސިފަތައް ކަލޭމެންވެސް ރަގަޅަށް އަޑުއަހާށެވެ. – އެމީހުންގެ ލޮލުގެ ބާރު ގަދަވާން ޖެހޭނެއެވެ. ދުރުވިސްނޭ ބުއްދިވެރިންނަށް ވާން ޖެހޭނެއެވެ. ހިތްވަރުގަދަ ހަރުދަނާ ބަޔަކަށް ވާން ޖެހޭނެއެވެ. މަރުދެކެ ބިރު ގަންނަ ބަޔަކަށް ވެގެން ނުވާނެއެވެ. ޖަމަލުތަކެއް ފަދައިން ވީހާގިނަ ދުވަހަކު ބަނޑުހައި ކަމާއި ފެންބޮވައި ގަތުމުން ކެތްކުރެވޭ ބަޔަކަށް ވާންޖެހޭނެއެވެ. ޗީތާފަދަ ހުޝިޔާރު ބަޔަކަށް ވާންޖެހޭނެއެވެ. އިޤާބު ފަދަ ލޯތޫނު ބަޔަކަށް ވާންޖެހޭނެއެވެ. މުސަޅާއި ފުއްލާފަދަ ހަލުވި ބަޔަކަށް ވާންޖެހޭނެއެވެ. ތިމާމެންގެ އަތުގައި ހަތިޔާރުނެތި ހަތިޔާރުއަޅައިގެން ތިބޭ ސިފައިންނާއި ހަގުރާމަ ކުރެވޭފަދަ ބަޔަކަށްވާން ޖެހޭނެއެވެ. ރަލާއި މަސްތުވާފަދަ އެހެނިހެން ތަކެތި ބޭނުން ކުރުމަށް އާދަވެފައި ތިބި ބަޔަކަށް ވެގެން ނުވާނެއެވެ. ދަހިވެތި ބައަކަށް ވެގެން ނުވާނެއެވެ. ފެންނަ އަންހެން ކުދިން ކިތަންމެ ރީއްޗަސް ފައިދަށަށް އަޅާލެވޭ ޖަވާހިރުފުނި ކިތަންމެ ބޮޑަސް ވާޖިބު އަދާ ކުރުމުގައި ސަމާލުވެ ތައްޔާރަށް ތިބޭ ބައަކަށް ވާން ޖެހޭނެއެވެ….
…… އަހުރެންގެ ލޯބިވާ މުސްތަރިންނެވެ. ސިފައިންނާއި ކޮމާންޑަރުނަށް މިވާހަކަތައް އަންގާ ދަސްކޮށްދޭށެވެ. ޞަލީބީން އެބައިމީހުންގެ ރީތި އަންހެން ކުދިންތައް ޖާސޫސުންގެ ގޮތުގައި ފޮނުވައިގެން އަހުރެމެންގެ ލަޝްކަރުގައި ހަމަނުޖެހުން އުފައްދަނީއެވެ. ސިފައިންގެ މީހުންގެ ކިބައިގާ ހުންނަ ޤައުމީ ޖޯޝް ކަޑުވާލުމަށްޓަކައި ހަތިޔާރެއްގެ ގޮތުން އެއަންހެން ކުދިންތައް ބޭނުން ކުރަމުންދަނީއެވެ. އަންހެނުންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާފިޑިވެގަތުމުގެ އުނި ސިފަ މުސްލިމުންގެ ތެރެއިން އަހުރެންނަށް އެބަ ފެނެއެވެ. އަކަމަކު އެ މަޤަސަދުގައި މުސްލިމް އަންހެނުން ދުޝްމިނުންގެ ތެރެއަކަށް އަހުރެން ނުފޮނުވާނަމެވެ. އިއްފަތްތެރިކަން ރައްކާކުރަން ތިބޭ މީހުން އެ އިއްފަތްތެރިކަން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެއެވެ. އަހުރެން އެފަދަ ކަމެއް ނުކުރާނަމެވެ. ބައެއް އުދަގޫތައް ލުއިކުރެއްވުމުގެ ބޭނުންފުޅުގައި ޢަލީ ބިން ސުފިޔާން އަންހެން ކުދިން ކޮޅެއް ގެންގުޅުއްވައެވެ. އެކަމަކު އިސްލާމް ކުދިންނެއް ނޫނެވެ. ޢީސާއީ ކުދިންވެސްނޫނެވެ. – ކޮންމެ ގޮތެއްވިޔަސް އަންހެނުން މެދުވެރިކޮށްގެން ކަންތައް ކުރުވުމަކީ އަހުރެން ކުރާހިތްވާ ކަމެއް ނޫނެވެ.“
ޞަލާޙުއްދީން އައްޔޫބީމެން ވާހަކަފުޅު ދައްކަވަން ތިއްބަވަނިކޮށް ފާރަވެރިންގެ ކޮމާންޑަރު އެތެރެއަށް ވަދެފާ އަންހެން ކުދި ބަޔަކާއި ތިން ހަތަރު ފިރިހެނުން ހައްޔަރުކޮށްގެން ގެނެވިފައި ތިބި ވާހަކަ ދަންވައިފިއެވެ. މި އަޑު އިވިވަޑައިގަތުމުން ޞަލާޙުއްދީން އައްޔޫބީ ބޭރަށް ނިކުމެވަޑައިގެން ބެއްލެވިއިރު ފަސް ފިރިހެނުންނާއި ހަތް އަންހެން އެމީހުންގެ ކައިރީގައި ތިއްބެވެ. އެމީހުންގެ ކައިރީގައި މިޞްރު ސިފައިންގެ ތިން މީހުންވެސް ތިއްބެވެ. ހައްޔަރު ކޮށްގެން ގެނެވިފައިތިބި މީހުން އަޅައިގެން ތިބިދޫ ޖޫއްބާތަކާއި ދޫ ހަރުވާޅު ތަކުން އެއީ ވިޔަފާރިވެރި ދަތުރުވެރިންކަން އަންގައިދެއެވެ. – ގެނެވިފައިތިބި ހަތް އަންހެން ކުދިންނަކީވެސް ޒުވާން ކުދިންނެވެ. އޭގެތެރޭގައި އެއްކުއްޖަކަށް ދޫކުރާނޭ އަނެއްކުއްޖެއް ނެތެވެ. ހުރިހާ ކުދިންވެސް އެހާރީތި ވެފާ ފުރިހަމައެވެ. އެމީހުން ގޮވައިގެން އައިސް ތިބީ ޞަލާޙުއްދީން އައްޔޫބީއަށް ހަމަލާ ދިން ބަޔަކު ފެނޭތޯ ހޯދަން ފޮނުވި ސިފައިންނެވެ.
”މުޅި ހިސާބު ހޯދާބެލި އިރުވެސް މީހެއްގެ ހިލަމެއްނުވިއެވެ. ދެން ހިލަފުނިތަކުގެ އެފަރާތަށް ފައިބައިގެން ދަނިކޮށް ތިން ޖަމަލާއި އެކުގައި މިބައިމީހުން ފޭލިގެ ޖަހައިގެން ތިއްބާ ފެނުނީއެވެ – “ ޞަލާޙުއްދީން އައްޔޫބީ ނިކުމެވަޑައިގެންނެވުމުން އެތަނުން ސިފައިންގެ މީހަކު ކުރިއަށް ޖަހިލާފައިދެންނެވިއެވެ. ”މި މީހުން ރަގަޅަށް ފާސް ކުރީމުހެއްޔެވެ؟“ ޞަލާޙުއްދީން އައްޔޫބީގެ އަރިއަހުގައި ހުރި ސިފައިންގެ ކޮމާންޑަރަކު ސުވާލު ކުރިއެވެ.
”ލައްބައެވެ. ފާސްކުރީމެވެ.“ ސިފައިންގެ މީހާ ޖަވާބު ދިނެވެ. – މިއީ ވިޔަފާރިވެރިން ކަމުގައި މިމީހުން ބުނިނަމަވެސް މިމީހުންގެ ހުރިހާ ސާމާނު އަޅުގަޑުމެން ފާސްކުރީމެވެ. އެވަރަކުންވެސް ހުއްޓައެއްނުލަމެވެ. – މި މީހުންގެ ހެދުންތަކާއި ޖުއްބާވެސް ފާސްކުރީމެވެ. މިބައި މީހުންގެ އަތުގައި މި ހަންޖަރުތައް ފިޔަވައި އެހެން އެއްވެސް ކަހަލަ ހަތިޔާރެއް ނެތެވެ.“ ފަސް ހަންޖަރު ޞަލާޙުއްދީން އައްޔޫބީގެ ފައިންޕުޅުގެ ކައިރިން ބިންމަތީގައި ބަހައްޓަމުން އެމީހާ ދެންނެވިއެވެ.
”އަޅުގަޑުމެންނަކީ މަރްކިޝްގެ ތާޖަރުންނީމެއެވެ.“ އޭގެތެރެއިން އެކަކު ދެންނެވިއެވެ.
”އަޅުގަޑުމެން މިދަނީ ސިކަންދަރިއްޔާއަށެވެ. މިތަނާއި ދިހަވަރަކަށް ކޯހުގެ ދުރުގައި އަޅުގަޑުމެން ފޭލިގެ ޖަހައިގެން ތިބޭތާ ދެދުވަހެއް ވެއްޖެއެވެ. މިހެން ތިއްބާ އިއްޔެ ހަވީރު މިތިބަ އަންހެންކުދިންތައް އަޅުގަޑުމެންގެ ކައިރިއަށް އަތުވެއްޖެއެވެ. އޭރު މިކުދިންގެ ހެދުންތައް ހުރީ ތެމި ފޯވެފައެވެ. މިކުދިން އައުމުން މިއީ ކޮންކުދިންނެއްތޯ އަޅުގަޑުމެން ސުވާލު ކުރީމާ ސިސިލީގެ ކުދިން ކަމުގައި މިކުދިން ބުންޏެވެ. މިކުދިންގެ އަމިއްލަ ގޭގައިތިއްބާ ޞަލީބީ ކޮމާންޑަރަކު ވަދެދަމާނެރެގެން ލަޝްކަރާ އެކުގައި އެތަނުން ނަވަކަށް އެރުވީކަމުގައި ބުންޏެވެ.“ އެމީހާ މިހެން ބުނެފައި އަންހެން ކުދިންގެ ވާހަކަ މިފަދައިން ޞަލާޙުއްދީން އައްޔޫބީގެ އަރިއަހުގައި ދަންނަވަމުން ގެންދިޔައެވެ. “ އެކުދިންގެ މައިންބަފައިންނަކީ ވަރަށް ފަޤީރު ބައެކެވެ. ވީމާ އެހާ ގިނަނައު ފަހަރާއި ކިސްތީތައް އެކުލެވޭ ލަޝްކަރަކުން އެކުދިން ހޯދުމަކީ އެނިކަމެތި މައިންބަފައިންނަށް ކުޅަދާނަ ކަމެއްނޫނެވެ. އެކުދިން ބުނިގޮތުގައި ވިއްޔާ އެގޮތަށް އަތުލައިގަނެގެން ގެނެވުނު އަންހެން ކުދިން އެރުވި ނަވުގައި ކޮމާންޑަރުން ފެންވަރުގެ މީހުންނާއި އެއަށްވުރެ ދަށްފެންވަރުގެ ސިފައިންވެސް ތިބިކަމުގައިވެއެވެ. – އެ ހުރިހާ އެންމެން ރާބޮއިގެން މަސްތުވެގެން ތިބެ އެކުދިން ކައިރިއަށް އައިސް އެމީހުންގެ ހިތް އެދޭ ގޮތަކަށް ޢަމަލް ކުރަމުން ގެންދިޔަ ކަމުގައި އަންހެން ކުދިންގެ ފަރާތުން އެގިފައި ވެއެވެ. – މިގޮތަށް އުފާ ކުރަމުން މަޖާނަގަމުން ދަތުރުކުރަމުން އައިސް މިސުރުގެ އައްސޭރިއަށް ލަޝްކަރު ގާތްކޮށްލި ވަގުތު މައުފަހަރުގައި ރޯވި އަލިފާނެއްގެ ވަރުގަދަ ކަމުން ސިފައިންގެ މީހުން ކަނޑަށް ފުންމި ފުންމުމުގައި އެކުދިން ކުޑަވަރެއްގެ ކިޝްތީއަކަށް އަރުވާފައި ދޫކޮށްލިއެވެ. – އެކުދިންނަކީ ކިޝްތީފަދަ އެއްޗެތި ދުއްވަން އެގޭ ބައަކަށް ނުވާތީ ކަނޑުގެ އޮޔާ ވަޔާ އެކުގައި ރާޅާ ތަޅަމުންގޮސް އެއް ދުވަހަކު އައްސޭރިއަށް ލައްވީއެވެ. ދިމާވިގޮތުން އަޅުގަޑުމެންވެސް އެދުވަހު ހަމައެދިމާއިން އައްސޭރީގައި ފޭލިގެ ޖަހައިގެން ތިބީމެވެ. ވީމާ، އެކުދިން ކިޝްތީން ފައިބައިގެން ސީދާ އަޅުގަޑުމެންގެ ކައިރިއަށް އައެވެ. އޭރު އެކުދިންތިބި ނިކަމެތި ހާލު ފެނުމުން އަޅުގަޑުމެން އެކުދިންނަށް އެހީވީމެވެ. – އެފަދަ ހާލެއްގައި ތިބި އަންހެން ކުދިބައަކަށް އެހީނުވެ އެއްލާލުމަކީ އެއްވެސް މީހަކަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ…. ނަމަވެސް އެކުދިންނާއި ހަވާލުވުމަށްފަހުގައި އެކުދިންނާއި ދޭތެރޭގައި ދެން ކަންތައްކުރާނެ ގޮތަކާއިމެދު އަޅުގަޑުމެން ކަންބޮޑު ވިއެވެ. …. އަޅުގަޑުމެން ދެފިކުރު މަތީގައި ތިއްބާ މަނިކުފާނުގެ ސިފައިންގެ އަސްވާރުންގެ ތެރެއިން މިތިބަމީހުން ގޮސް އަޅުގަޑުމެންނާއި ސުވާލުކޮށް އަޅުގަޑުމެންގެ ސާމާނުތައް ފާސްކުރަން ފަށައިފިއެވެ. އަޅުގަޑުމެން ކަހަލަ ވިޔަފާރިވެރި ތާޖަރުން ތަކެއްގެ ސާމާނުތައް ފާސްކުރަން ފެށުމުން އެއީ ކީއްވެގެން ކުރާކަމެއްތޯ ސުވާލުކުރީމާ މިބައިމީހުން ބުނީ އެއީ މިޞުރުގެ އަމުރުފުޅަށް ކުރާކަމެއް ކަމުގައެވެ. ….. އެއަޑު އިވުމުން އަމީރު މިޞްރު އައްސުލްޠާން ޞަލާޙުއްދީން އައްޔޫބީގެ އަރިއަހަށް އަޅުގަޑުމެން ގޮވައިގެންގޮސް ދިނުމަށް އެދި މިބައިމީހުންގެ ކައިރީގައި އާދޭސް ކުރީމެވެ. – އޭރުން މިތިބަ އަންހެން ކުދިންތައް އެމަނިކުފާނުގެ ހިމާޔަތުގެ ދަށުގައި ބައިތިއްބާފައި ދެވިދާނޭ ކަމަށާއި އަންހެން ކުދިންތަކެއްގޮވައިގެން ދަތުރު ކުރެވެން ނޯންނާނޭ ކަމުގައި މިތިބަ ސިފައިންގެ މީހުންގެ ކައިރީގައި ބުނީމެވެ.“ މިހިސާބުން ތާޖަރުވާހަކަ ހުއްޓާލައިފިއެވެ.
ތާޖަރުކަލޭގެ ވާހަކަ ހުއްޓާލުމުން އަންހެން ކުދިންނާއި ސުވާލު ކުރެވުނެވެ. އެކުދިންނަށް ވާހަކަ ދައްކަން އެގޭކަމުގައި ވަނީ ހަމައެކަނި ސިސިލީ ބަހުންނެވެ. އެކުދިންނާއި ސުވާލު ކުރެވެން ފެށުމުން ތިން ހަތަރު ކުދިން އެއްފަހަރާ ސިސިލީ ބަހުން ފަށައިގެންފިއެވެ. އެވަގުތު އެކުދިންނަށް އަރަބިބަހުން ތަރުޖަމާ ކިޔައި ދިނުމަށް އެތަނުން ތާޖަރެއްގެ ކައިރީގައި ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. އެއަޑުފުޅު އިވުމުން އޭގެތެރެއިން އެކަކު ކުރިއަށް ޖެހިލާފައި އެކުދިން އެދައްކާ ވާހަކަ އެގޭނީ ހަމައެކަނި އަޅުގަޑަށޭ ދެންނެވިއެވެ. – ދެން އެކުދިން އެދައްކާ ވާހަކަ މިފަދައިން ތަރުޖަމާކޮށް އެރުވިއެވެ.
”އަޅުގަޑުމެންނަށް ސުލްޠާން ހިމާޔަތް ދެއްވުމަށް އެދި އާދޭސް ދަންނަވަމެވެ. ތާޖަރުންގެ ޤާފިލާއާއެކުގައި އަޅުގަޑުމެންނެއް ނުދާނަމެވެ. – ފަހަރެއްގައި އެމީހުނާއި އެކުގައި ދަނިކޮށް ޑާކޮން އައިސް އަޅުގަޑުމެން އަތުލައިގެންފާނެއެވެ. އަނެއްކޮޅުން ދުނިޔޭގެ ހުރިހާ ފަރާތެއްގައި ހަގުރާމަ ހިގަމުން ދަނީއެވެ. އީސާއީންނާއި މުސްލިމް ސިފައިން ފިލަން ދުވަނީއެވެ. – ސިފައިންދެކެ އަޅުގަޑުމެން ވަރަށް ބިރުގަނެއެވެ. އަމިއްލަ ވަޒަނުން ފޭރިގަނެގެން އަޅުގަޑުމެން ގެނެވުނުއިރު އަޅުގަޑުމެންނަކީ ޢިއްފަތްތެރި ހުސްހަށިބައި ކުދިންނީމުއެވެ. ޞަލީބީ ސިފައިން އަޅުގަޑުމެންގެ ޢިއްފަތްތެރިކަން ނަގާލާ ޠަވާއިފުން ނަށް ހަދައިފިއެވެ.
ތާޖަރުކަލޭގެ ވާހަކަ ހުއްޓާލުމުން އެތަނުން ކުއްޖަކު އަނެއްކާވެސް ކޮންމެވެސް ވާހަކައެއް ދައްކަން ފަށައިފިއެވެ.
”އަހަރެމެން މުސްލިމުންގެ ރަސްގެފާނުގެ އަރިއަހަށް ގެނެސްދޭށެވެ. ފަހަރެއްގައި އެމަނިކުފާނުގެ ހިތްޕުޅުގައި އަހަރެމެންނާއި ދޭތެރޭގައި ރަހުމް އުފެދިދާނެއެވެ.“ ތާޖަރު މިގޮތަށް އެކުއްޖާގެ ވާހަކަ ޞަލާޙުއްދީން އައްޔޫބީއަށް ތަރުޖަމާކޮށް އެރުވިއެވެ.
އެހެން ކުއްޖަކު ރޮވިފައިވާ އަޑަކުން އެއްޗެއްކިޔަން ފެށުމުން ތާޖަރު ކަލޭގެ ދެންނެވިއެވެ. އޭނާ އެ ދަންނަވަނީއެވެ. – އަޅުގަޑުމެން އީސާއީ ސިފައިންނާއި ހަވާލު ނުކުރައްވާށެވެ. މުސްލިމުންގެ ތެރެއިން ރަގަޅު ހައިޘިއްޔަތެއް ހުރި ބަޔަކާއި ކަވެނިކޮށްދެއްވަން ވިދާޅުވަނިކޮށް އަޅުގަޑުމެން އިސްލާމް ވެދާނޫއެވެ.“
އޭގެތެރއިން ތިން ކުއްޖަކު އެހެން ކުދިންގެ ފުރަގަހަށް ވަދެފިލަން މަސައްކަތް ކުރަމުން ދެއެވެ. އެ ކުދިންގެ މޫނުމަތިން ލަދުވެތި ކަމާއި ސިހުމުގެ އަސަރުތައް ފާޅުވެ ހުއްޓެވެ.
އެކުދިންގެ ވާހަކަ ނިމުމުން ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. ”އެކުދިންގެ ކައިރީގައި ބުނާށެވެ. އެކުދިން ޢީސާއީންގެ ކައިރިއަށް ދާން ބޭނުން ނެތަސް އިސްލާމް ވުމަކަށް އެކުދިންނަށް މަޖުބޫރު ކުރެވޭކަށް އަހުރެންނަކަށް ނޯންނާނެއެވެ. – އިސްލާމް ވުމަށްޓަކައި އެކުދިން ހުށަހަޅާ ޝަރުތަކީ އިސްލާމުންގެ ތެރެއިން ރަގަޅު ބަޔަކާއި ކައިވެނިކޮށްދިނުމަށެވެ. އެއީ އަކީވެސް އަހުރެންނަށް ޤަބޫލު ކުރެވޭނެ ޝަރުތެއް ނޫނެވެ. އެކުދިން އިސްލާމް ވުމަށް އެ އެދެނީ ބިރާއި މަޖުބޫރުކަމުގެ ތެރޭގައި ތިބެގެންނެވެ. ވުމާއެކު އަހުރެންނަށް އެކުދިން އިތުބާރު ކުރަނީނަމަ އިސްލާމުންގެ އަންހެން ދަރީންފަދައިން އެކުދިންނަށް އަހުރެން ސަލާމަތްކަން ދީފާނަމެވެ. އަހުރެން ދާރުލްހުކޫމަތު އަށްގޮސް އެކުދިން ޢީސާއީ ރާހިބުންގެ ގާތަށް ނުވަތަ ފާދިރީންގެ ގާތަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައި ދީފާނަމެވެ. ޖެރޫސެލަމްގައި ފާދިރީން ތިބޭނެ ކަންނޭގެއެވެ. – ދެން އޮތް ގޮތަކީ ޢީސާއީއަސީރުން މިނިވަންކޮށް ދޫކޮށްލާ ދުވަހަކުން އޭގެތެރެއިން ލަފާޒާތުގެ މީހުންނާއި އެކުދިންގެ ކައިވެނި ކޮށްދިނުމެވެ. – އެކުދިން މިތަނުގައި ތިބޭއިރު އެއްވެސް މުސްލިމަކާއި ބައްދަލުވެ އުޅުމުގެ ހުއްދައެއް ނުދެވޭނެއެވެ. އެކަމަކު އެކުދިންގެ ބޭނުންތައް ފުއްދައިދީ އެކުދިންގެ ޢިއްފަތާއި އަބުރު ރައްކައުތެރި ކޮށްބެލެހެއްޓުމަށްޓަކައި ޚާއްސަ ސަމާލުކަމެއް ދެވޭނެއެވެ.“
ޞަލާޙުއްދީން އައްޔޫބީ ދެއްކެވި ވަހަކަ ފުޅުތައް ތާޖަރުކަލޭގެ އެކުދިންނަށް ކިޔައިދިނުމުން އެކުދިންގެ މޫނުތައް އުޖާލާ ވެގެން ދިޔައެވެ.
ހަތް އަންހެން ކުދިން ޞަލާޙުއްދީން އައްޔޫބީ ހުށަހެޅުއްވި ޝަރުތައް ޤަބޫލުކޮށް ރުހޭކަން އެންގުމުން އެމަނިކުފާނަށް ޝުކުރުއަދާކޮށް ތާޖަރުން އެބުރި ހިގައްޖެއެވެ. ދެން އެމަނިކުފާނުގެ އަމުރުފުޅަށް އަންހެން ކުދިން ބައިތިއްބާނޭ ވަކި ފޭލިގެއެއް ޖަހާ އެކުދިންނަށް ބޭނުންވާނެ ސާމާނު އެތަނަށް ފޮނުއްވުމަށްފަހު ރެއާއި ދުވާލު އެތަނުގައި ފޯރި މެރޭނޭ ގޮތުން އިންތިޒާމް ހަމަޖެއްސުނެވެ. – އެހުރިހާކަމެއް ނިމުމުން އެކުދިން ފޭލިގެއަށް ގެންދަންތައްޔާރުކޮށްލިތަނާ ވަރަށް ނިކަމެތި ހާލެއްގައި ތިބި ޞަލީބީ އަސީރުންގެ ހަމީހުން ޞަލާޙުއްދީން އައްޔޫބީގެ ކުރިފުޅުމައްޗަށް ހާޒިރު ކުރެވިއްޖެއެވެ. އެބައި މީހުންގެ ހެދުންތައް ހުރީތެމިފޯވެފައެވެ. އެބައިމީހުންގެ މުޅިގައިގަ އާއި ހެދުމުގެ އަތަން މިތަނުގައި ލެއާއި ވަލި ތަތްވެފާހުއްޓެވެ. – އެބައިމީހުންގެ މޫނުތައް މައްޔިތުން ފަދައިން ހުދުވެފައި ހުއްޓެވެ. މިދެންނެވި ހަ އަސީރުން ގެނެވުނީ ދޭއް ނުވަތަ ދެމޭލުބައި ހިސާބު ދުރުގައި ބަޑުވަތަށް އައްސޭރިއަށް ލައްވެފާ ތިއްބައެވެ. – އޭގެ ބާވީސްމީހުން ހަލާކު ވެފައިވާ ނެވެއްގައި ވަލާތަޅަމުން އޮޔާ ދަމަމުން ދަނިކޮށް ނައުގަޑު ކަނޑަށް ޣަރަޤްވުމުގެ ސަބަބުން އެމީހަކަށް އަތުޖެހުނު ފިލާފޮއްޗެއްގައި އެމީހަކު ފަތައިގަތީއެވެ. ނަވުގާ ތިބި ބާވީސް މީހުންގެ ތެރެއިން ސަލާމަތްވީ ހަމައެކަނި އޭގެ ހަމީހުންނެވެ. އެހެން އެންމެން މަރުވެ ދިޔައީއެވެ. – އަސީރުން ގޮވައިގެން އައި މީހުން އަސީރުންނާއި ބެހޭ ގޮތުން މިފަދައިން ވާހަކަ ދެންނެވިއެވެ. ކޮންމެއަކަށް ޞަލާޙުއްދީން އައްޔޫބީގެ ކުރިފުޅު މައްޗަށް ހާޒިރު ކުރެވުނު އިރު އެބައި މީހުންގެ ގައިގާ ހިގައިގަންނާނޭ ހަކަތަވެސް ހުރިކަމަކަށް ނުވެއެވެ. އިރުކޮޅެއް ނުވަނީސް މަޑުމަޑުން ތިރިވަމުންގޮސް އެމީހުންނަށް ބިންމަތީގައި އިށީދެވިއްޖެއެވެ. އޭރުއޭގެ ތެރޭގައި ހުރި އާދައިގެ ސިފައިންގެ މީހަކަށްވުރެ މަތީ މީހެއްހެން ހީވާ މީހަކު ވަރަށް ބޮޑަށް ކުކުރާ ރޮއި ހަދައެވެ. އެކަމަކު އޭނާގެ ހެދުމުގައި ލޭގެ ނިޝާނެއްވެސް ނެތެވެ. – ފަހަރެއްގައި އޭނާގެ އެތެރެ ހައްޓަށް ލިބިފައިވާ އަނިޔާ ބޮޑީ ކަމަށްވެސް ވެދާނެއެވެ. އޭނާ ބިންމަތީގައި އިށީންނަމުން އަންހެން ކުދިންތަކާއި ދިމާއަށް ބަލައިލާފައި މޯބޮޑަށް ކުކުރަންފަށައިފިއެވެ.
އައްސޭރިން ފެނިގެން ހިފާ ހައްޔަރު ކުރެވޭ ކޮންމެ އަސީރަކުވެސް އެންމެ ފުރަތަމަ ޞަލާޙުއްދީން އައްޔޫބީގެ ކުރިފުޅު މައްޗަށް ގަނއުމަށް އަމަނިކުފާނު ވިދާޅުވެފައިވާތީ ބަރާބަރަށް އެކަން އެގޮތަށް ކުރެވެމުން ދެއެވެ. – އެއަސީރުން އެމަނިކުފާނުގެ އަރިއަހަށް ގެނެވުމުން އެކި މީހުންގެ މޫނަށް ވަކިވަކިން އެމަނިކުފާނު ބެއްލެވިއެވެ. ދެން އެއްކަލަ ޒަޚަމެއް ނެތި ކުކުރާ މީހާއާއި ދިމާއަށް ވަރަށް ފުން ނަޒަރަކުން ބައްލަވާލައްވާފައި އަރިއަހުގައި ހުރި ކޮމާންޑަރެއްގެ ކަންފަތް ދޮށުގައި ވިދާޅުވިއެވެ. “ ޢަލީ ބިން ސުފިޔާން އަދިވެސް ވަޑައެއް ނުގަންނަވައެވެ. – މިހާތަނަށް އަހަރެންގެ ކުރިމައްޗަށް ގެނެވިފައިވާ މީހުންގެ ކިބައިން އޮޅުން ފިލުވަންޖެހޭ މައުލޫމާތުތަކާއި ކުރަންޖެހޭ އެކި އެކި ސުވާލުތައްވެސް އެބަހުއްޓެވެ. މިހުރިހާ ކަމެއް ހުއްޓިފައި މިވަނީ ޢަލީ ވަޑައިނުގަންނަވައިގެންނެވެ. – އެކަމަކު ހަދާންކުރާށެވެ. ހީވާގޮތުން ތިޔަހަރަ މީހާއަކީ ޢީސާއީ ލަޝްކަރުގެ ކޮމާންޑަރެކެވެ. ވީމާ، ޢަލީ ބިން ސުފިޔާން ވަޑައިގަންނަވަންދެން އެމީހާ ރަގަޅަށް ބަލަހައްޓާށެވެ. އޭނާ ވަޑައިގެނެވީމާ އެމީހާ ހަވާލުކޮށްފައި ހުރިހާ މައުލޫމާތައް އޮޅުން ފިލުވަން ދަންނަވާށެވެ. – ހީވާގޮތުން އޭނާގެ އެތެރެ ހައްޓަށް ވަރަށް ބޮޑު އަނިޔާއެއް ލިބިފައިއެބަ ހުއްޓެވެ. ފަރުގައި ކަށިތައް ބިދިފައި ހުރުންވެސް އެކަށީގެންވެއެވެ. …… އެހާ ބަލި ހާލުގައި މިތަނުގައި އެހާ ގިނައިރު އޭނާ ނުބަހައްޓާށެވެ. ޒަޚްމީ އަސީރުން ތިބޭ ފޭލިގެއަށް އަވަހަށް ގެންދާށެވެ. އެކަށީގެންވާ ފަރުވާ އަވަހަށް ދޭށެވެ.“
ޒަޚްމީ އަސީރުން ތިބޭ ފޭލިގެތައް ހުންނަތަނަށް އެމީހުންގެންދިޔައިރު އަނެއް ހަތް އަންހެން ކުދިން ބަލަހައްޓައިގެން ތިއްބެވެ. އެކުދިން ގެންދެވުނީ ފިރިހެނުން ގެންދިޔަތާ އިރުކޮޅެއްގެ ފަހުންނެވެ.