އޭގެ ދެދުވަސްފަހުން 22 ވަނަ ދުވަހު ރަތަންއާއި ސްމިތްރާ ދޭވީއާއި އެންމެން ނުވަގަޑި ސާޅީސް މިނެޓުގައި ލަކްނޫ މެލޭ ގާޑިޔަލުން ދިއްލީއަށް ފުރައިފިއެވެ. ރާޖާ ސާހަބާއި ރާޖްކުމާރީވެސް އެމީހުންނާ އެކުގައި ދިޔައެވެ.
މިދަނޑިވަޅަކީ ޣަނީމާއެއް ކަމުގައި ދެކެގެން ހަތަރުމީހުންވެސް އެމީހަކަށްވާނޭ އެންމެ ފަސޭހަގޮތް ބަލައިގެން ޑިއްބާތައް ބުކްކުރިއެވެ. ޕްރޮގްރާމާއި އެއްގޮތްވާ ގޮތުގެ މަތިން މަނޭޝްރާޖް އަންނާނީ 24 ވަނަ ދުވަހު ހެނދުނު އަންނަ ޕްލޭނުންނެވެ. ނަމަވެސް 23 ވަނަ ދުވަހު ވަރަށް ކުއްލި ގޮތަކަށް އޭނާއަށް ތަންވަޅު ލިބިއްޖެއެވެ. މަނޭޝްރާޖް އަކީ ވަރަށް ހެދުނާ ނޫސް ކިޔަން އާދަވެފައިވާ މީހެކެވެ. އެދުން ތެދުވުމާއެކު އޭނާއަށް ބެޑްޓީ ގެނެސްދެއެވެ. އަދި ބެޑްޓީ ބުއިމުގެ ތެރޭގައި އޭނާ ނޫސްވެސް ކިޔައެވެ. 23 ވަނަ ދުވަހު އާދައިގެ މަތިން ނޫސް ކިޔަމުން ދަނިކޮށް ފެނުނު ސުރުޚީއަކުން އޭނާ ސިހުނެވެ. ވެއަތުވެދިޔަރޭ ހިތްހުއްޓިގެން ޢިއްޒަތްތެރިއަކު ނިޔާވީއެވެ. މިޚަބަރާ އެކުގައި މިއަދު އޭނާގެ ހުރިހާ ފިހާރަތަކުގެ އިތުރުން ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވަރސިޓީ ބަންދުވާނޭ ޚަބަރުވެސް ލިޔެފައި އޮތެވެ. މިޚަބަރު ކިޔާލާފައި މަނޭޝްރާޖް އަވަސް އަވަހަށް ފާރުގައި ހުރި ގަޑިއާ ދިމާއަށް ބަލައިލިއެވެ. ގަޑިން ހެދުނު 7 ޖެހީއެވެ. ޕްލޭން ދަތުރު ފަށާނީ 9 ގަޑި 20 މިނެޓްގައެވެ. ވީމާ އޭނާއަށް ޕްލޭނުން ޖާގަ ލިބިދާނެއެވެ. މަނޭޝްރާޖް ކުޑަކޮށް ވިސްނާލިއެވެ. ރިޝްމީ އޭނާއާ އެކުގައި ނުގެންދާންވީ ކީއްވެގެން ހެއްޔެވެ؟ ގޭގެ ބާއްޖަވެރި ދަނބިދަރިޔަކަށް ހެދުމަށްޓަކައި ރިޝްމީގެ މައްޗަށް ފުރިހަމައަށް ބާރު ހިންގަން އޭނާއަށް ޖެހޭނެއެވެ. އެއީ ކޮންމެހެން ބޭނުންކަމެކެވެ. މިއަދު ނުގެންދިޔަ ނަމަވެސް މާދަމާއިން ރިޝްމީ އޭނާގެ ޕްރައިވެޓް ސެކްރެޓަރީއަކަށް ހެދުމަށްފަހުގައި އޭނާކުރާ ހުރިހާ ދަތުރެއްގައި ރިޝްމީ ބައިވެރިކުރަން ޖެހޭނެއެވެ. އޭނާ ދާތަނަކަށް ވިއްޔާ ރިޝްމީވެސް ދާނެއެވެ. ވީއިރު މިފަހަރުވެސް ނުގެންދާންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ ގެންގޮއްސިނަމަ އޮފީހުގެ ކަމެއްވެސް ކޮށްލެވިދާނެއެވެ. އިރުކޮޅެއްގެ ފަހުން މަނޭޝް ރާޖް ސުވާލު ކޮށްގެން ޕްލޭންގެ ޓިކެޓް ހުރިތޯ ބެލިއެވެ. ސީޓްތައް ހުރީ ހުސްކޮންނެވެ. ވީމާ މަނޭޝްރާޖް ދެސީޓް ބުކްކޮށްފިއެވެ. މިކަން ކޮށް ނިމިގެން ޑްރައިވަރުގެ އަތުގައި ރިޝްމީއަށް ސިޓީއެއް ފޮނުވިއެވެ. އޭގައިއޮތީ މަނޭޝްރާޖް ދިއްލީއަށް ދާން ޖެހުނު ވާހަކައެވެ. ވަރަށް އަވަހަށެވެ. އޮފީހުގެ ބޭނުމަކުއެވެ. މަސައްކަތުގެ ތެރޭގައި ޕާޓީއެއްގެ ކަންތައް ހަމަޖައްސާލަން ޖެހިފައި އޮތް ވާހަކަވެސް ލިޔުނެވެ. އަދި މިދަތުރުގައި ރިޝްމީ ދިއުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށާއި އެރަށުގައިވެސް ބައެއް ސިޓީއާ ނޯޓް ލިޔަން ޖެހިދާނެ ކަމަށް ލިޔެ އަވަހަށް ތައްޔާރުވެގެން މަނޭޝްރާޖްގެ އިންތިޒާރުގައި ހުރުމަށްވެސް ލިޔެފައި އޮތެވެ. ސިޓީ ފޮނުވާލާފައި މަނޭޝްރާޖްވެސް ދަތުރުގެ ތައްޔާރުތައް ކުރަން ފަށައިފިއެވެ. ތައްޔާރުވެ ނިމިގެން ހެދުނުގެ ސައި ބުއީއެވެ. އެއަށްފަހު ގޮސް ކާރަށް އަރައިފިއެވެ. އޭގެ ކުރިން ޑްރައިވަރު މަނޭޝްރާޖްގެ ކުޑަސޫޓްކޭސް ގެނެސް ކާރުގާ ބަހައްޓާފައި ހުއްޓެވެ.
އޮފީސް ހުރި ބިލްޑިންގގެ ކުރިމައްޗަށް ކާރު ހުއްޓާލާފައި މަނޭޝްރާޖް ކާރުން ފައިބައިފިއެވެ. އަދި އޮފީސް ހުޅުވައިގެން ކަރުދާސްތަކަކާއި ދެތިންފައިލެއް ހިފައިގެން ދެން އޭނާ ދިޔައީ ރިޝްމީގެ ގެއަށެވެ. މިހާރު އޭނާ ރިޝްމީއަށް ރަނގަޅު ގެއެއް ހޯދައިދީފިއެވެ. އެގޭގައި އޭނާގެ އިންތިޒާރުގައި ރިޝްމީ ހުއްޓެވެ. މަނޭޝްރާޖްގެ ކާރު ފެނުމާއެކު ރިޝްމީ ސޫޓްކޭސް ހިފައިގެން ހިގައިގެންފިއެވެ. އެވަގުތު ޑްރައިވަރު ގޮސް ރިޝްމީގެ އަތުން ސޫޓްކޭސް އަތުލައިފިއެވެ. ރިޝްމީ ހިނގާލާފައި ގޮސް ކާރަށް އަރައިފިއެވެ. އަދި މަނޭޝްރާޖްއާ ޖެހިގެން އިށީދެއްޖެއެވެ.
”ކުއްލިއަކަށް ދާން ޖެހުނީމާ ކަލޭ ތިޔަހުރީ ކަންބޮޑުވެފައި ހެއްޔެވެ؟“
ދުއްވާލުމާއެކު މަނޭޝްރާޖް ސުވާލުކުރިއެވެ.
”ނޫން“ ރިޝްމީ މަޑުމައިތިރިކަމާއެކު ބޮލުގެ އިޝްރާތުން ޖަވާބު ދިނެވެ. ކުއްލިއަކަށް ދިއްލީއަށް ދިޔުމުގެ ޕްރޮގްރާމެއް ހަމަޖެއްސީ ކީއްވެގެންތޯއޭ ސުވާލުކޮށްފާނަމޭ ރިޝްމީ ހިތަށް އެރިއެވެ.
ނަމަވެސް މަނޭޝްރާޖްއަކީ އޭނާގެ ވެރިމީހާ ކަމަށްވާތީ ސުވާލެއް ކޮށްލުމުގެ ހިތްވަރެއް ރިޝްމީއަކަށް ނުލިބުނެވެ. ރިޝްމީއަށް ޖެހޭނީ މަނޭޝްރާޖް ބުނިކަމެއް ކުރާށެވެ. ސުވާލު ކުރުމުގެ ޙައްޤު އޮންނާނީ ހަމައެކަނި މަނޭޝްރާޖްއަށެވެ. އަދި މަނޭޝްރާޖްގެ ސެކްރެޓެރީއަކަށް ނުވެއެވެ. ވީމާ މިހާއަވަހަށް މަނޭޝްރާޖްއާއެކު ތަންތަނަށް ދިއުމުގެ ފުރުޞަތު ލިބުނީ ކީއްވެގެން ކަމެއް އޭނާއަކަށް ނުވިސްނެއެވެ. ވީމާ މިހާއަވަހަށް އަނެއްކާ އޭނާގެ ވެރިމީހާ ރަތަންގެ ކައިވެނީގެ ކުރިން އޭނާ ޕްރައިވެޓް ސެކްރެޓެރީއަކަށް ހެދީކީ ނޫންބާވައެވެ.
މަނޭޝްރާޖް ހިތުގެ ސިއްރު ފޮރުވައިގެން އިނދެ ފައިލެއް ހުޅުވާލައިގެން ބަލަން ފަށައިފިއެވެ. އޭނާ ފައިލް ބެލިނަމަވެސް ޚިޔާލު ކުރެވެނީ ރިޝްމީއާ މެދުގައެވެ. އަދި ބައެއްފަހަރު ފަހަރަށް ރިޝްމީއާ ދިމާއަށްވެސް ބަލާލައެވެ. ރިޝްމީ އިނީ މަނޭޝްރާޖްގެ ޚިޔާލުތަކާ މުޅިން ދުރުގައި ހަމަހިމޭން ކަމާއެކު ކާރުގެ ބޭރުގައި އޮތް ދުނިޔެއަކަށް ގެއްލިފައެވެ. ރަށުގެ އާބާދީގެ ތެރެއިން ކާރު ނިކުމެގެންދާތަން ފެނުމުން މިއަދު ދަތުރުކުރަން ޖެހޭނީ މަތިންދާބޯޓްގައިކަން ރިޝްމީއަށް ވިސްނުނެވެ. މަތިންދާބޯޓް!! ރިޝްމީގެ ހިތް އުފާވެރިކަމުގެ ޖޯޝުން ފުރިގެން އައެވެ. އެންމެ ފުރަތަމަފަހަރު މަތިންދާބޯޓުން ދަތުރު ކޮށްލުމުގެ ފުރުޞަތު މިއަދު ލިބެން އުޅެނީއެވެ. ދުވަހެއްގައިވެސް އޭނާ އެކަށީގެންވާ މީހަކަށް ވެއްޖެނަމަ އޭނާގެ ކޮއްކޮ އަރޫން ގޮވައިގެން ވެސް މަތިންދާބޯޓުގައި ދަތުރުކޮށްލެވިދާނެއެވެ. ތިމާގެ ކޮންމެ އުފަލެއްގައި އެއްމާބަނޑު ކޮއްކޮ ބައިވެރިކުރަން އޭނާ ބޭނުންވެއެވެ.
ދުރުން ރިޝްމީ ބަލާލިއެވެ. އެއަރޕޯޓްގައި ދޫނިބައެއް ތިރިކޮށްފައި ތިބޭގޮތަށް މަތިންދާބޯޓްތައް ހުއްޓެވެ. މިއީ މިހާ ކައިރިން މަތިންދާބޯޓް ދުށުމުގެ ނަޞީބު އޭނާއަށް ލިބުނު ފުރތަމަފަހަރެވެ. ރިޝްމީގެ މޫނުމަތިން އޭނާގެ ހިތަށް ކުރަމުންދާ އަސަރު މަނޭޝްރާޖަށް ރަނގަޅަށް އެނގެއެވެ. އެއަރޕޯޓްގެ ތެރެއަށް ވަދެފައި މަނޭޝްރާޖް ދިޔައީ ޓިކެޓްގެ ކަންތައް ހަމަޖެއްސުމަށެވެ. ޑްރައިވަރު ދިޔައީ ސޫޓްކޭސްތައް ހިފައިގެންނެވެ. ރިޝްމީވެސް ޑްރައިވަރުގެ ފަހަތުން ތެޅިތެޅި އޮތް ހިތަކާގެން ކުރިއަށް ހިގަމުން ދިޔައެވެ. އޭނާ ހިގަމުން ދިޔައިރު ވަށައިގެން ފެންނަ ހުރިހާ އެއްޗަކަށް ބަލަމުން ހިތާހިތުން މަނޭޝްރާޖަށް ހެޔޮދުޢާ ކުރިއެވެ.
މިއަދު އޭނާއަށް އުފާވެރި ދުވަސްތައް ލިބިފައި މިވަނީ މަނޭޝްރާޖްގެ ހެޔޮކަމުންނެވެ. މަނޭޝްރާޖްގެ ފަސްފަހަތުންގޮސް މަތިންދާބޯޓަށް އެރިވަގުތު އައު މާޙައުލެއްގެ ތަޖްރިބާ ރިޝްމީއަށް ލިބުނެވެ. ބޯޓްގެ އެތެރޭގައި ހުރިހާ ތަނެއް އޭނާ ރަނގަޅަށް ބަލައިލިއެވެ. އޭނާ އިށީންނަން މަނޭޝްރާޖް ތަންދިނީ ކުޑަދޮރުގެ ކައިރިންނެވެ. އެއީ ބޯޓް އުދުހިގަތުމަށް ފަހުގައި ރިޝްމީ ބޯޓްގެ ބޭރުގެ ދުނިޔެ ބަލާލާހިތްވާނެތީއެވެ. ރިޝްމީ އެދޭގޮތަކީވެސް މިއީއެވެ. ބޯޓް އުދުހިގަތުމުގެ ކުރީގައި އެއަރހޯސްޓެސް އިގިރޭސިބަހުން ކަމަރު އަޅަން އެންގިއެވެ. މަނޭޝްރާޖް ހަދާގޮތް ބަލައިގެން ރިޝްމީވެސް އޭނާގެ ގޮޑީގައި ހަރުކޮށްފައި ހުރި ކަމަރު އަޅައިފިއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ބޯޓްގެ އިންޖީނު ސްޓާޓް ކޮށްލައިފިއެވެ. ޒޫން….ޒޫން….ބޯޓް ޙަރަކާތްވެލައިފިއެވެ. ފުރޮޅުތައް އެނބުރެން ފަށައިފިއެވެ. ރިޝްމީ އިށީނދެ އިނީ ބޯޓްގެ ބުރަފައްޗާ އެންމެ ކައިރީގައި ހުރި ކުޑަދޮރުގެ ކައިރީގައެވެ. ބޯޓް ދުއްވާލިއިރު ދިޔަލެއް ބާރުކަމުން ރިޝްމީއަށް ހީވީ ފަހަތަށްގޮސް ބިންގަޑުގެ އެންމެ ތަންކޮޅެއްވެސް މިހާރު ފެންނަން ނެތް ކަމުގައެވެ.
ބޯޓް މައްޗަށް އަރަން ފަށައިފިއެވެ. އޭގެ ކުރީބައި މައްޗަށް އުފުލިލާފައި ފަހަތުބައި ތިރިއަށް ކުޑަކޮށް ލެނބިލައިފިއެވެ. އުދުހެމުން ދިޔަ ބޯޓްގައި އިންއިރު ރިޝްމީއަށް ހީވީ އޭނާއަކީ ބާޒެއް ކަމުގައެވެ. އަދި އޭނާ އެދަނީ ވައިގާ އުދުހިލާފާ ގޮސް ވިލާތަކުގެ ތެރެއަށްވަދެ ފިލަން ގަސްދުކޮށްގެން ކަމުގައެވެ. އަރާނެ ވަރަކަށް މައްޗަށް އަރާފަ ބޯޓް ހަމަޖެހިލުމުން ރިޝްމީ ތިރިއަށް ބަލަން ފެށިއެވެ. އެވަގުތު އަނެއްކާވެސް އެއަރހޮސްޓެސްގެ އަޑު އިވިއްޖެއެވެ. ހުރިހާ ދަތުރުވެރިން ކަމަރުތައް ނެގުމަށް އަންގަނީއެވެ. އެއަރހޮސްޓެސް އެންގުމުގެ ކުރިންވެސް މަނޭޝްރާޖް އިނީ ކަމަރު ނައްޓައިގެންނެވެ. ނަމަވެސް ރިޝްމީ ނެގީ ފަހުންނެވެ. ހުރިހާ ކަމެއް ހަމަޖެހުނީމާ އަނެއްކާވެސް ނުހަނު ހިތްގައިމުކަމާއެކު ރިޝްމީ ކުޑަދޮރުން ބޭރު ބަލަން ފެށިއެވެ. މިހާރު ބޯޓްގެ ފުރޮޅުތައް ފެންނާކަށް ނެތެވެ. އެވަނީ ބޯޓުތެރެއަށް ވަދެ ގެއްލިފައެވެ. މިޢަޖާއިބެއްފަދަ ޙަރަކާތްތަކަށް ވިސްނުންތެރިކަމާއެކު ރިޝްމީ ބެލިއެވެ. ބޯޓުގެ އެކިއެކި ޙަރަކާތްތައް ބަލާ ނިމިގެން ދެން އޭނާ ބަލާލީ އުޑާ ދިމާއަށެވެ. މާދުރަށް ފެތުރިފައި އޮތް ނޫކުލައިގެ އުޑުގައި ކުޑަވެސް ލަކެއް ނެތެވެ. ބޯޓްގެ ކައިރި ކައިރީގާ އުދުހިފާ އުޅޭ ދޫނިތައް ފެންނަނީ ކުދިކުދި ކޮކާތަކެއްގެ ސިފައިގައެވެ. ތިރިން ފެންނަން އޮތް ބިން މިހާރު ފަސްދީ ދަނީ ވަރަށް ލަސްލަހުންނެވެ. ވީމާ ރިޝްމީއަށް ހީވަނީ ބޯޓްގެ ދުވެލި މަޑީކަމުގައެވެ. ނަމަވެސް ކުރިމަތިން އެހެން ބޯޓެއް ފެނުމުން ބޯޓްގެ ހުރި ދުވެލި އޭނާއަށް ލަފާކުރެވުނެވެ. އެބޯޓް ދިޔައީ ވަރަށް ދުރުންނެވެ. އެހާމެ ބާރަށެވެ. ރިޝްމީމެން ދަތުރު ކުރާ ބޯޓްދާ ފަރާތް ނޫން އަނެއް ފަރާތުންނެވެ. ރިޝްމީ އިނީ ބޭރުން ފެންނަން އޮތް ދުނިޔެއަށް ގެއްލިފައެވެ. އަދި އޭނާގެ ކައިރީގައި އިން މަނޭޝްރާޖް ދެކަމެއް ނުކޮށް ރިޝްމީއާމެދު ވިސްނަނީއެވެ. އިރުކޮޅެއްގެ ފަހުން ކޯރެއްގެ މަތިން ބޯޓް ދަތުރު ކުރަން ފަށައިފިއެވެ. އެއީ ގަންގާ ކޯރެވެ. ކޯރު ފެނުމުން ރިޝްމީއަށް ހީވީ އޭނާގެ އިސްތިޤްބާލުގައި ރީތީގެ ރާނީއަށް ނޫކުލައިގެ ދާވަންޏެއް ފަތުރާލާފައި ވަނީ ކަމުގައެވެ. ކޯރުގެ ފަހަތަށް ދިއުމުން އަނެއްކާވެސް ފެނުނީ ކަންނެތްކަމާއެކު ފިރުކެމުންދާ ބިންގަޑެކެވެ.
ކުރިމަތިން ރަށެއްގެ މަލަ ފެނިއްޖެއެވެ. އެވަގުތު މަނޭޝްރާޖް އަތުކުރީގައި އޮތް ގަޑި ބަލާލިއެވެ. މިހާރު ގަޑިން ނުވަގަޑި ސާޅީސް ފަސްމިނެޓް ހިގަނީއެވެ. މަނޭޝްރާޖް ގަޑި ބަލާލުމަށްފަހު ކުޑަދޮރާ ދިމާއަށް ގުދުވެލާފައި ބުންޏެވެ.
”މިއީ ދިއްލީއެވެ.“
މިއީ ރިޝްމީ ދިއްލީއަށް އައި ފުރަތަމަ ފަހަރެވެ. ނަމަވެސް ދިއްލީގައިވެސް ބޮމްބޭގައި ހުންނަ ކަހަލަ ބޮޑެތި ބޮޑެތި ޢިމާރާތްތައް ހުންނާނެކަން އޭނާއަށް އެނގެއެވެ.
ވީމާ އޭނާ ރަނގަޅަށް ބޭރު ބަލައިލިއެވެ. ދިއްލީގެ ބޮޑެތި ބޮޑެތި ޢިމާރާތްތައް ބޯޓްގެ ތެރެއަށް ފެންނަނީ އަތުރާފައިހުރި ލަކުޑީގެ މޮޑެލްތަކެއްގެ ސިފައިގައެވެ. އެއަރޕޯޓްގައި ބޯޓް ޖެއްސުމުގެ ކުރިން އަނެއްކާވެސް ކަމަރު އަޅަން ޖެހުނެވެ. ބޯޓް އޭގެ މަންޒިލް މަޤްޞޫދާ ހަމައަށް ފޯރިއިރު ނުވަގަޑި ފަންސާސް މިނެޓް ހިގައިފިއެވެ.
އެއަރޕޯޓުން ނުކުމެގެން ގޮސް މަނޭޝްރާޖް ޓެކްސީއެއް ހޯދައިފިއެވެ. އަދި ރިޝްމީ ގޮވައިގެން އެއަށް އަރައިފާ އަޝޯކާ ހޮޓެލަށް ދިއުމަށް ބުނެފިއެވެ.
އަޝޯކާ! އޭނާ ހުންނަނީ އަޝޯކާ ހޮޓެލްގައި ހެއްޔެވެ. ރިޝްމީއަކަށް ޔަޤީނެއް ނުކުރެވެއެވެ. ރާޖް ކޮމްޕެނީއާ ގުޅުމުގެ ކުރިން ހޮޓެލް ކަހަލަ ބޮޑު ހޮޓަލަކުން ވަޒީފާއެއް ލިބުނު ނަމަވެސް ރިޝްމީގެ ޙަޔާތަށް ހަމަޖެހުމެއް ލިބުނީހެވެ.
”ރަތަންއާއި އާންޓީ ތިބެނީ އަޝޯކާގައެވެ.“ ރިޝްމީ އެއްވެސް ކަހަލަ ސުވާލެއް ނުކޮށް އިންދާ މަނޭޝްރާޖް ބުންޏެވެ. ރަތަންމެންވެސް އަޝޯކާ ހޮޓެލްގައި ތިބިވާހަކަ އިވުމުން ރިޝްމީގެ ހިތް ތެޅިގަތެވެ. ރިޝްމީ އެމީހަކާ ދުރަށް ދިޔުމަށް މަސައްކަތްކުރާ މީހާ ހައްތަހާ އަންނަނީ ރިޝްމީއާ ކައިރިއަށެވެ. ދެންވާނީ ކިހިނެއް ހެއްޔެވެ؟ ރަތަން ފެނުނީމާ އޭނާގެ ހިތުގައި ރޯވެފައިވާ ހުޅުކޮޅަށް އަލިފާންގަޑެއްގެ ސިފައެއް ނާންނާނެހެއްޔެވެ؟ ރަތަންދެކެ ލޯބިވުމުގައި އޭނާއަށް އޮތީ ކޮންޙައްޤެއް ހެއްޔެވެ؟ މިހާރު ރަތަންގެ މުސްތަޤްބަލް އޮތީ ހަމަޖެހިފައެވެ. ވީމާ ރަތަންގެ ކައިރީގައި އުޅެން ޖެހިދާނެތީ ރިޝްމީ ބިރުގަންނަން ފަށައިފިއެވެ. ހިތުގައި ރޯވެފައިވާ ލޯބީގެ އަލިފާންގަޑު ކޮންޓްރޯލް ނުކުރެވިދާނެ ކަމުގެ ބިރެވެ. ރަތަންއަށް އޭނާގެ ޙާލު ރަނގަޅަށް އެގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ފަހަރެއްގައި އޭނާގެ ބަލިކަށިކަމުން ފައިދާ ނަގަން މަސައްކަތް ކޮށްފާނެ ހެއްޔެވެ؟ ރަތަންގެ މުދާތަކާހެދި ލޯބިވަނީ ކަމުގައިވެސް ހީކޮށްފާނެ ހެއްޔެވެ؟ އަދި ރަތަންގެ ގެ ދީވާނާކޮށްލާފާ ޚޮދު އޭނާވެސް ލޫޓުވާލާން މަސައްކަތް ކުރަނީ ކަމުގައި ހީކޮށްފާނެ ހެއްޔެވެ؟ ރިޝްމީގެ ބަލިކަށި ހިތުގައި ތަފާތު ޚިޔާލުތައް އުފެދިގެން އައިސް މަސްހުނިވާން ފަށައިފިއެވެ. ޚިޔާލުތައް ގިނަވީ ވަރަކަށް ރަތަންއާ ދުރުގައި އުޅެވެން ނެތްކަން އޭނާއަށް ޔަޤީންވަމުން ދިޔައެވެ. އިޚްތިޔާރަކާ ނުލާ އޭނާގެ ހިތް ރަތަންއާ ދިމާއަށް ލެނބެމުންދާ ކަމުގައި ވަނީނަމަ އެއްވެސް މީހަކަށް އެކަން ނާންގާ މަޑުމަޑުން ހުރެގެން ރަތަންދެކެ ލޯބިވާނީއެވެ. ލޯބި ރައްދުވާ ފަރާތް ކަމުގައިވާ ރަތަންއަށްވެސް ނާންގައެވެ. އެންމެންނަށްވެސް ސިއްރުންނެވެ. ތިމާގެ ހިތުގެ ސިއްރު ދުވަހެއްގައިވެސް އޭނާ ރަތަންއަކަށް ނާންގާނަމެވެ. މިއަދު ނުވަތަ މާދަމާއިން އަދި އަނެއް ދުވަހުންވެސް ނާންގާނެއެވެ.
ރާޖާ ސާހަބާއި ރާޖްކުމާރީވެސް އައެވެ.“ މަނޭޝްރާޖް އަނެއްކާވެސް އަމިއްލައަށް ވާހަކަ ދައްކާގޮތަށް ބުނެލިއެވެ.
ރިޝްމީ ދެންވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އަނެއްކާވެސް އޭނާ އެއައީ އުފާވެރިކަމުގެ ތެރެއަށް ސުންޕާކަން ވެރިކުރުވާށޭ ރާޖާ ސާހަބްއާ ރާޖްކުމާރީ ހީނުކުރާނެ ހެއްޔެވެ؟
ރިޝްމީ ކާރުގެ ބިއްލޫރިގަޑުގެ ތެރެއިން ބޭރުބަލަން އިދެގެން ފިކުރުކުރިއެވެ.
އަޝޯކާ ހޮޓެލާ ހަމައަށް އާދެވިއްޖެއެވެ. އެއީ ރީތި އުސް ޢިމާރާތެކެވެ. މަނޭޝްރާޖް ރިޝްމީ ގޮވައިގެން ކާރުން ފޭބިއިރު ރިޝްމީ ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. އެއްސަބަބަކީ ރާޖްކުމާރީއާއި ރާޖާ ސާހަބެވެ. އަނެއް ސަބަބަކީ އާދެވިފައި ހުރި ތަނުގެ ޤަދަރުވެރިކަމެވެ. ދެރަ މީހުން ނިކަމެތި ކަމުގެ އިޙްސާސްގެ ޝިކާރައަކަށް ވުމަކީ އާދައިގެ ކަމެކެވެ.
މަނޭޝްރާޖް ހޮޓެލްގެ ކައުންޓަރ ކައިރިއަށް ގޮސް އެހުމުން ރަތަންމެން މިވަގުތު ހޮޓަލުގައި ނެތްކަން އެގުނެވެ. ވީމާ މަނޭޝްރާޖް ގަޑިބަލާލިއެވެ. ވިސްނިއްޖެއެވެ. މިހާރު އެމީހުންވާނީ މިސްޓަރ ތިޔާގީގެ ގޭގައެވެ. މަނޭޝްރާޖް ހިތާހިތުން ވިސްނާލިއެވެ. އޭނާވެސް މިސްޓަރ ތިޔާގީގެ ގެއަށް ދާންވީއެވެ. ނަމަވެސް ރިޝްމީ ހުރިކަން ހަދާންވުމުން އޭނާ އެޚިޔާލު ދޫކޮށްލައިފިއެވެ. ރިޝްމީއަކީ މިސްޓަރ ތިޔާގީމެންނަށް ބީރައްޓެހި ކުއްޖެކެވެ. ވީމާ އެމީހުންނަށް އަންގާލުމަކާ ނުލައި ކުއްލިއަކަށް ރިޝްމީ ގޮވައިގެން އެގެއަށް ދިއުމަކީ ރަނގަޅު ކަމެއް ނޫނެވެ. މަނޭޝްރާޖް އަނެއްކާވެސް ވިސްނާލަން ހުރެފައި ފޯނު ކައިރިއަށް ގޮސް އޮބްރާއޭ އިންޓަރނޭޝަނަލް ހޮޓެލަށް ފޯނުކޮށްފިއެވެ. އެއީ ރިޝްމީއަށް އެތާނގައި ހުރެވޭނެ ގޮތް ހަމަޖެއްސުމަށެވެ. ނަމަވެސް އެތާކުން ޖާގައެއް ނުލިބުނެވެ. ވީމާ ދެން އޭނާ ފޯނުކުރީ އަކްބަރް ހޮޓަލަށެވެ. ނަޞީބަކުން މިތަނުން ދެކޮޓަރި ލިބިއްޖެއެވެ. ފުރުޞަތު ނަގާނުލާ އޭނާ އެދެކޮޓަރި ބުކްކޮށްފިއެވެ. އަދި ގެނައި ތަކެތި ހިފައިގެން ހަމަ ވަގުތުން ހޮޓަލަށް ހިގައްޖެއެވެ. އަކްބަރް ހޮޓެލް މިތަނާ މާދުރެއް ނޫނެވެ.
ވަރަށް ފުރިހަމަ ހޮޓަލެކެވެ. ޒަމާނާއި ޢިއްޒަތްތެރިންނާއި އެކަށީގެންވާ ގޮތަށް ތައްޔާރު ކޮށްފައިވާ ހޮޓަލެކެވެ. ހޮޓަލަށް ވަނުމާއެކު ޙައިރާންވެގެން ގޮސް ރިޝްމީގެ ދެލޯ ބޮޑުވިއެވެ. ހުދު ދަވާދުން ކުލަޖައްސާފާ ހުރި ލަކުޑީގެ ބޮޑެތި ބޮޑެތި ގޮނޑިތަކުގެ ލެނގޭތަން ވަރަށް އުހެވެ. އޭގައި އަޅާފާ ހުރި ރަތްކުލައިގެ ފޮތިތަކުގެ ކައިރިފަށުގައި ހުރީ ހުދުކުލައިގެ ރޭނދާ އަޅާފައެވެ. ކޮންމެ އެއްޗަކުންވެސް ޒަމާނުގެ ރީތި މިސާލުތައް ފެންނަން ހުއްޓެވެ. ރިޝްމީމެންނަށް ކޮޓަރި ލިބިފައި ހުރީ އަށްވަނަ ބުރިންނެވެ. ޖެހިޖެހިގެން ހުރި ދެކޮޓަރިއެވެ. ރިޝްމީ ކޮޓަރިއަށްލާފައި މަނޭޝް ރާޖް އޭނާގެ ކޮޓަރިއަށް ދިއުމުން އެކަނިވެލީމާ ވީފަސޭހައިން އޭނާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. ރާޖާ ސާހަބާއި ރާޖްކުމާރީ ތިބޭ ހޮޓަލުގައި ހުންނަން ނުޖެހުނީތީ އޭނާ ވަރަށް އުފާވިއެވެ. އަދި މިތާނގާ ހުރީމާ ރަތަންއާވެސް ދުރުވެވޭނެއެވެ. ރަތަންގެ ކައިރީގައި ހުންނަން ޖެހުނުނަމަ އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލު ކުރާނީ ކިހިނަކުން ހެއްޔެވެ؟
ސާފު ތާހިރު ތަންމައްޗަކާއި މަޑުމަޑު ގޮދަޑިއެއްގައި އިށީދެލާން ލިބުނު ފުރަތަމަފަހަރެވެ. ރިޝްމީ އެދުގައި އިށީދެލުމާއެކު އަޑިއަށް އޮބިގެން ހިގައްޖެއެވެ. އޭނާއަކީ މުޅިޢުމުރުގައި ލަކުޑީގެ ހަރުއެނދެއްގައި ނިދަމުން އަންނަ ކުއްޖެކެވެ.
ވީމާ މިއެނދުގައި އޮވެގެން ނިދިދާނޭ ހެއްޔެވެ؟ ރިޝްމީ އުފާވެރިކަމާއެކު ކޮޓަރީގެ އެކި އެއްޗިއްސަށް ވަކިވަކިން ބެލިއެވެ. ގޮޑިސެޓް، މޭޒު، ހެދުންތައް ބަހައްޓާ ކަބަޑް، ޓެލެފޯން މިފެންވަރުގެ ތަކެތި ދުވަހަކުވެސް ގޭގައި ބެހެއްޓުމަށްޓަކައި އޭނާއަށް ގަނެވޭނެ ހެއްޔެވެ؟ ވެއިޓަރ އޭނާގެ ސޫޓްކޭސް ގެނެސް ކޮޓަރީގާ ބެހެއްޓީމާވެސް ނިކަމެތިކަމުގެ އިޙްސާސް ކޮށްފައި ހުރިލެއް ބޮޑުކަމުން ހެދުންތައް ނަގާ ކަބަޑްގައި ބަހައްޓާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އަދި ޙައިރާންކަންމަތީގައި އެގޮތަށް އެނދުގައި އިނދެ އޭނާ އެތަކެއް ވަގުތު ނަގާލިއެވެ.
ކުޑައިރުކޮޅެއްގެ ފަހުން މަނޭޝްރާޖް އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. މަނޭޝްރާޖް ފެނުމާއެކު ރިޝްމީ ފުންމައިގެން ތެދުވެއްޖެއެވެ. ފަހަތުން ވެއިޓަރަކުވެސް ހުއްދަ ހޯދައިގެން އެކޮޓަރިއަށް ވަނެވެ. ވެއިޓަރގެ އަތުގައި ސައި ތަބަކެއް ހުއްޓެވެ. އޭނާ އައިގޮތަށް އައިސް ތަބައް މޭޒުމަތީގައި ބަހައްޓާފައި އެނބުރި ހިގައްޖެއެވެ. މަނޭޝްރާޖް ގޮޑިއެއްގައި އިށީނީއެވެ. އަދި ރިޝްމީއަށްވެސް އަނެއް ގޮޑީގައި އިށީނުމަށް ބުންޏެވެ. ރިޝްމީ އިށީނުމުން ތަބައް ނަގައިގެން މަނޭޝްރާޖް ސައި ތައްޔާރު ކުރަން ފަށައިފިއެވެ. އެވަގުތު އެއެއްޗެތި އަތުލައިގެން ސައިހަދަން ރިޝްމީގެ ހިތަށް އެރިއެވެ. ނަމަވެސް އެއްޗެއް ބުނުމުގެ ހިތްވަރެއް އޭނާގެ ކިބައަކު ނެތެވެ. މަނޭޝްރާޖް ސައި ތައްޔާރު ކޮށްލާފައި ރިޝްމީއާ ދިމާއަށް އެއްތަށި ދިއްކޮށްލިއެވެ. ސައިތަށީގައި ހިފިއިރު ރިޝްމީގެ އަތް ވަރަށް ބޮޑަށް ތުރުތުރު އެޅިއެވެ. އެއީ ޖޯޑުގެ ރީތިކަމުން ފަހަރެއްގައި އަތުން ދޫވެގެން ވެއްޓިއްޖެނަމަ ތެޅިދާނެތީ ބިރުންނެވެ.
ސައިކޯވަރެއް ބޯލާފައި މަނޭޝްރާޖް ބުންޏެވެ.
”މިސްޓަރ ިތޔާގީގެ ގެއަށް އަހަރެން ފޯނުކޮށްފީމެވެ. އާންޓީއާއި ރާޖާ ސާހަބް އެގޭގައި އެބައުޅުއްވައެވެ. ނަމަވެސް ރަތަންއާއި ވާހަކަ ދައްކައެއް ނުލެވުނެވެ. އޭނާއާއި ރާޖްކުމާރީވީ ކޮންމެވެސް އެހެން ތަނަކަށް ގޮހެވެ. ވާހަކަ ހުއްޓާލާފައި މަނޭޝްރާޖް ލަސްލަހުން ސައިބޯން ފަށައިފިއެވެ.
ރަތަންއާއި ރާޖްކުމާރީ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ނުވިސްނާ އިންދާ ރިޝްމީގެ ހިތަށް ޙަސަދަވެރިކަމުގެ ކަށްޓެއް ހެރިއްޖެއެވެ.
މަނޭޝްރާޖް ފެށި ވާހަކަ ފުރިހަމަ ކޮށްލުމުގެ ގޮތުން ބުންޏެވެ.
ނުނިމޭ…