ފަހަރި 9

ރިޝްމީ އޮފީހުގައި މަނޭޝްރާޖްގެ ކުރިމަތީގައި ބައިންދައިގެން ނޯޓް ލިޔެވުމުގެ ކުރިން މަނޭޝްރާޖް ރިޝްމީއަށް ބުންޏެވެ. ”ކަލޭމެން ދިރިއުޅެނީ ވަރަށް އަނދިރި އަދި މުޑުދާރު ހިސާބެއްގައި ކަމަށް ޑްރައިވަރު ބުންޏެވެ. ކަލޭމެންގެ ގެ ވަރަށް ކުޑަހެއްޔެވެ؟ ފުރާޅު ވަރަށް ދެރަހެއްޔެވެ؟ ގޭގައި ކިތައް ކޮޓަރި ހުރޭހެއްޔެވެ؟“

”ދެކޮޓަރިއެވެ.“ ރިޝްމީ އިސްއުފުލާލާފައި ކުރުޖަވާބެއް އިއްވާލިއެވެ.

”ކުޑަކުޑަވާނެ ހެއްޔެވެ؟“

”ލައްބައެވެ.“ ރިޝްމީ އިސްއުފުލާ ބަލާލާފައި އިސްދަށަށް ޖަހާލިއވެ. އަދި އަތުގައި އޮތް ފަންސުރުގައި އަތް ކާއްތާލިއެވެ.

”ޗަ- ޗަ – ޗަޗާ“ މަނޭޝްރާޖް ހަމްދަރުދީ ފައުޅުކުރަން އުޅުނެވެ. އެތަނުގައި މިކުޑަކުޑަ ނާޒުކް އަދި ރީތި އަންހެން ކުއްޖާގެ ނޭވާ ހާސްވާނެކަން ނޭގެއެވެ. އިސްދަށަށް ޖެހިފައި އިން ރިޝްމީގެ މޫނަށް މަނޭޝްރާޖް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ރިޝްމީގެ ސާދާ ސިފައާއި ރާޖްކުމާރީގެ ދެއްކުންތެރިކަމާ އަޅާކިޔާނުލައެއް މަނޭޝްރާޖަކަށް ނީދެވުނެވެ. މަނޭޝްރާޖްގެ ކޮއްކޮ އިންނަން އުޅެނީ ކިހާ ކަމުނުދާ ކުއްޖަކާ ހެއްޔެވެ؟ މަނޭޝްރާޖް ވިސްނާލިއެވެ. ކުރިމަތީގައި މީދަ ބައްތި އަމިއްލަ ގޭގެ އުޖާލާ ކަމަށް ނުހަދާ ދާންވީ ކީއްވެގެން ހެއްޔެވެ؟ ނަމަވެސް މަނޭޝްރާޖް ޖެހިލުންވިއެވެ. އެއީ އަނެއްކާ ހެޔޮކަމުގެ ބަދަލު އަތުލަން އުޅެނީ ނޫންބާވައޭ މިއަންހެން ކުއްޖާ ހިތަށް އަރާފާނެތީއެވެ. ވީމާ ރިޝްމީއަށް ކުށްހީއެއް ކުރެވުމުގެ ކުރިން ނުހަނު އޯގާތެރިކަމާއެކު މަނޭޝްރާޖް ބުންޏެވެ.

”އަހަރެން ވަރަށް އަވަހަށް ކަލެއަށް ރަނގަޅު ގެއެއް ހޯދައިދޭނަމެވެ. ކަލޭ ފިކުރު ނުކުރާށެވެ. ކުންފުނީގެ ފަރާތުން ކަލެއަށް ސަތޭއައަކުން ފަންސާސް ކަނޑައި ކުލީގެއެއް ހޯދައިދެވޭތޯ މަސައްކަތް ކުރާނަމެވެ. އީމާންތެރިކަމާއެކު މަސައްކަތްކުރާ މީހުންނަށް އަހަރެމެން ވަރަށްބޮޑަށް އެހީވަމުއެވެ.“

ރަނގަޅު ގެއެއް ރިޝްމީއަށް ބޭނުމެވެ. ގެއެއް ލިބޭތޯ އޭނާ މަސައްކަތްވެސް ކުރެއެވެ. ރަނގަޅު އަގުހެޔޮ ގެއެއް ލިބިއްޖެނަމަ، ޒަމާންވީގެ އޭނާ ދޫކޮށްލާނެއެވެ. މިހާރު އޭނާގެ ޙާލަތުވެސް އިހަށްވުރެ ރަނގަޅެވެ. ނަމަވެސް އަދި ރަނގަޅު ގެއެއް އޭނާއަކަށް ނުލިބެއެވެ. މިފަދަ ވަގުތެއްގައި މަނޭޝްރާޖް އެވާހަކަ ދެއްކުމުން ކުރިއަށްވުރެވެސް ބޮޑަށް މަނޭޝްރާޖްގެ ހެޔޮކަމުގެ ދަލުގައި ރިޝްމީ ހައްޔަރުވެއްޖެއެވެ. އެއްވެސް ކުންފުންޏެއްގެ ފަރާތުން ފަންސާސް ރުފިޔާގެ ކުއްޔެއް ކަނޑައިނުދޭނެކަން ރިޝްމީއަށް އެނގެއެވެ. ވީމާ އެއީ މަނޭޝްރާޖް އަމިއްލައަށް ވަމުން ގެންދާ އެހީއެއްކަން ރިޝްމީއަށް ވިސްނުނެވެ. މިފަދަ އެހީއެއް ޤަބޫލުނުކޮށް ދެކޮޅުހެދުމަށް އޭނާ ގަސްދު ކުރިއެވެ. ނަމަވެސް މަނޭޝްރާޖްގެ ކުރިމަތީގައި އޭނާއަށް ދޫހަލުވައެއް ނުލެވޭނެއެވެ.

”ލިޔާށެވެ.“ މަނޭޝްރާޖް ފައިލް ހުޅުވާލަމުން ބުންޏެވެ. ވީމާ ރިޝްމީ ފޮތް ހުޅުވާލައިގެން ފަންސުރު ނަގައިގެން އިންތިޒާރު ކުރަން ފަށައިފިއެވެ.

މަނޭޝްރާޖް ރިޝްމީ ލައްވާ އެތަކެއް ސިޓީ ލިޔުއްވިއެވެ. ސިޓީ ކިޔާދެމުން ދިޔައިރު ކިތަންމެފަހަރަކު ރިޝްމީއާ ދިމާއަށް މަނޭޝްރާޖް ބެލިއެވެ. އެއިން ކޮންމެ ފަހަރަކުވެސް ރިޝްމީ އިންނަނީ އިސްޖަހައިގެން ލިޔަން ތައްޔާރުވެގެންނެވެ. މަނޭޝްރާޖް ކިޔާދިނުން ހުއްޓާލީމާ ރިޝްމީ ހީކުރަނީ ފައިލުން ކޮންމެވެސް ޚާއްޞަ ތަނެއް ހޯދަނީ ކަމުގައެވެ. ނުވަތަ ސިޓީގައި ލިޔާނެ މުހިންމު ވާހަކައެއް ވިސްނަނީ ކަމުގައެވެ. ނަމަވެސް މަނޭޝް ރާޖް އެއިން އެއްވެސް ކަމެއް ނުކުރެއެވެ. އޭނާ ރިޝްމީގެ ފިނިފެންމަލު ކުލައިގެ އިނގިލިތަކަށާއި ނިޔަފަތިތަކަށް ބަލަން އިންނަނީއެވެ. ރިޝްމީގެ ދިގު އަދި ފިނިފެންމާ ކުލައިގެ އިނގިލިތަކުގެ ކުރިމަތީގައި ރާޖްކުމާރީގެ އިނގިލިތައް ބުޅަލެއްގެ ވަކިތަކެކޭ އެއްގޮތެވެ. މިއަންހެން ކުއްޖާ އޭނާގެ ގޭގެ މަލިކާއަކަށް ހަދައިފިނަމަ ރާޖާ ސާހަބަށް ކުރެވުނު މަލާމާތަކަށް ވާނެބާވައެވެ. މަނޭޝްރާޖްގެ ހިތަށް އެރިއެވެ. ރިޝްމީ ނޯޓްތައް ލިޔެގެން ދިޔަފަހުންވެސް މަނޭޝްރާޖް ރިޝްމީއާމެދު ވިސްނަން ނުހަނު ގިނައިރު ވަންދެން އިނެވެ. ވިސްނަމުން ވިސްނަމުން ގޮސް މަނޭޝްރާޖަށް ނެރެވުނީ އެންމެ ނަތީޖާއެކެވެ. އެއީ ކޮންމެވެސް ދުވަހަކުން ރިޝްމީއަށް މަނޭޝްރާޖްގެ ގެއަށް އަންނަން ޖެހޭނެކަމަށް ޔަޤީން ކުރެވުމެވެ. މަނޭޝްރާޖަށް ވިސްނުނު ގޮތުގައި ގޭގެ އެއްވެސް މީހަކު މިކަމާ ދެކޮޅެއް ނަހަދާނެއެވެ. ދެކޮޅު ހެދޭކަށް ނުވެސް އޮންނާނެއެވެ. ސަބަބަކީ މިކުންފުންޏާ ގެއާއި ވިޔަފާރިއާއި މުދަލާއި ޢިއްޒަތާ މިހުރިހާ އެއްޗެއްސަކީ މަނޭޝްރާޖްގެ މިލްކެވެ. ހުރިހާ އެއްޗެއްގެ ވެރިޔަކީ ހަމައެކަނި މަނޭޝްރާޖެވެ. ގޭގައި ހިގަންޖެހޭނީ މަނޭޝްރާޖްގެ އަމުރެވެ. އަދި މަނޭޝްރާޖްގެ އަމުރާ ޚިލާފު ވެއްޖެ މީހަކު ވަކިވެގެން ދާންވީއެވެ. އެހެން ތަނެއްގައި ގެދޮރު އަޅައިގެން ދިރިއުޅެންވީއެވެ. މަނޭޝްރާޖް މިހެން ޚިޔާލުކުރި ނަމަވެސް މައްސަލައާ ބެހޭގޮތުން އަދި ރިޝްމީއާ ވާހަކަ ދައްކާކަށް އޭނާ ގަސްދެއް ނުކުރެއެވެ. އެއީ ރިޝްމީގެ ހިތުގައި ޝައްކު އުފެދިދާނެތީއެވެ. ހެޔޮކަމުގެ ބަދަލު އަތުލަން އުޅޭކަމުގެ ޝައްކެވެ. އެކަން ފިޔަވައި މަނޭޝްރާޖްގެ ގޭގެ މަލިކާއަކަށްވުމަށް ރިޝްމީ ރުހޭނޭ ކަމެއްވެސް ނޭގެއެވެ. އަދި ކުރިއްސުރެ ރިޝްމީގެ ހުވަފެންތަކުގެ ޝެހެޒާދާއަކު ނެތްކަމެއްވެސް ނޭގެއެވެ.

ދުވަސްކޮޅެއް ވެއަތުވެގެން ހިގައްޖެއެވެ. ހޫނު މޫސުމް އަންނަން އުޅެނީއެވެ. ރިޝްމީ  ކޮންމެ ދުވަހަކުވެސް މަނޭޝްރާޖްގެ ކައިރިއަށް އާދެއެވެ. ކުރިމަތީގައި އިދެއެވެ. ނޯޓްތައް ލިޔެދެއެވެ. ރިޝްމީ ނޯޓްތައް ހިފައިގެން ޓައިޕްކުރާ ކޮޓަރިއަށް ދިއުމުން ކޮންމެ ދުވަހަކުވެސް މަނޭޝްރާޖް ރިޝްމީއާމެދު ވިސްނައެވެ. ޔަޤީންކަމެކެވެ. މިއަންހެން ކުއްޖާއަކީ މަނޭޝްރާޖްގެ ގޭގެ މަލިކާއަކަށް ހެދުމަށް އެކަށީގެންވާ ކުއްޖެކެވެ. މަނޭޝްރާޖްގެ ޚިޔާލާ މެދުގައި ރަތަންވެސް ގޭގައި އިދެގެން ރިޝްމީއާމެދު ފިކުރު ކުރެއެވެ. ރިޝްމީއާމެދު ޚިޔާލުކުރި ވަރަކަށް ރިޝްމީއާ ކައިރިވުމަށް ރަތަންގެ ހިތް އެދެއެވެ. ރަތަން ރިޝްމީއާ ބައްދަލުވިފަހުން މިހާރު ވަރަށްގިނަ ދުވަސް ވެއްޖެއެވެ. ވީމާ ހިތްކުރާ މަޖުބޫރުން ކެތްނުކުރެވިގެން އެއްދުވަހަކު ރިޝްމީއާ ބައްދަލުވެފައި ވާހަކަ ދައްކާލުމުގެ ބޭނުމުގައި ރާޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދިއުމަށްޓަކައި ރަތަން ގެއިން ނުކުމެއްޖެއެވެ. ރިޝްމީއާ ބައްދަލުވެ ވާހަކަ ދައްކާލެވިގެން މެނުވީ އޭނާގެ ހިތް އަތުލައެއް ނުގަނެވޭނެއެވެ. ރާޖްކުމާރީއާމެދު ރަތަންގެ ހިތުގައި ނަފްރަތު ކަމެއް ނުއުފެދުނު ނަމަވެސް ރިޝްމީއާމެދު އޭނާގެ ހިތުގައި އުފެދިގެން މިއުޅޭކަހަލަ ދީވާނާކަމެއް ލޯތްބެއް ރާޖްކުމާރީއާމެދަކު އަދިއެއް ނުއުފެދެއެވެ.

ކުންފުނީގެ ދޮރުމައްޗަށް ކާރު މަޑުކުރުމަށްފަހު ރަތަން ދިޔައީ ސީދާ ބޭބެގެ އޮފީހަށެވެ.

”އައްދޭ!“ މަނޭޝްރާޖް ޙައިރާންކަމާއެކު ރަތަންއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

”މިއަދު މިހިސާބަށް އައުދެވުނީ ކޮންކަމަކާ ހެއްޔެވެ؟“

”މިހެންލާފައި ދާތީ ބޭބެއާ ބައްދަލުކޮށްލާފައި ދިއުމަށް ހިތަށް އެރީއެވެ.“ ރަތަން ޖުމްލަ ނިންމާލަމުން ރިޝްމީ އިންނަ ކޮޓަރިއާ ދިމާއަށް އެއްފަހަރު ބަލާލިއެވެ.

”އޯހ!“މަނޭޝްރާޖް ސިގިރެޓް ރޯކޮށްލުމުގެ ކުރިން ބުންޏެވެ.

”އިށީންނާށެވެ.“ މަނޭޝްރާޖް ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތް ކޮށްލިއެވެ.

ރަތަން މަޑުމަޑުން އިށީދެއްޖެއެވެ. އަދި މޭޒުމަތީގައި ހުރި ގިނަކަރުދާސްތަކާ ދިމާއަށް ބަލަން އިރުކޮޅަކު އިނުމަށްފަހު ބުންޏެވެ.

”ބޭބޭއެވެ. ރެޔާދުވާލު އެކަނިމާއެކަނި ތިޔަހުރިހާ މަސައްކަތް ކުރައްވަނީ ކީއްވެގެންތޯއެވެ؟“

”އައްދޭ މޮޔަގަޑު.“ މަނޭޝްރާޖް ސިގިރެޓް ފުންކޮށް ދަމާލާފައި ދުންތައް ދޫކޮށްލުމަށްފަހު ލޯތްބާއެކު ބުންޏެވެ. ”އަހަރެން މަސައްކަތް ނުކުރީމާ ދެން މަސައްކަތް ކުރާނީ ކާކުހެއްޔެވެ؟ ފާރމްގެ ވެރިމީހާ ހިތްގައިމު ކަމާއެކު ފާރމްގައި މަސައްކަތް ނުކުރާނަމަ ދެން މަސައްކަތް ހިގާނީ ކިހިނަކުން ހެއްޔެވެ؟“

”އަޅުގަނޑު ބައިވެރިއަކަށް ނުހައްދަވަން ބޭބެ ތިޔަ އުޅުއްވަނީ ކީއްވެގެންތޯއެވެ؟“ ރަތަންގެ ބޭނުން ފައުޅުކުރިއެވެ.

”ކަލާގެ ހުރިހާ މަސައްކަތެއް އަޅުގަނޑު ލުއިކޮށްދޭނަމެވެ.“

”ބައިވެރިއަކަށް ހަދާނަމެވެ. ނަމަވެސް އަދި ނުވާނެއެވެ.“ މަނޭޝްރާޖް ކޮއްކޮ ދިން ލަފައަށް ހިތާހިތުން އުފާކުރިއެވެ.

”ކަލާގެ ކައިވެނި ވަންދެން ތަންތަން ބަލާލާށެވެ. ކައިވެނީގެ ފަހުގައި ހިގާލަން ދިއުންވެސް އުދަގޫވާ ވަރަށް މަސައްކަތް ދޭނަމެވެ.“

”ކައިވެނި“ ރަތަން ވިސްނާލިއެވެ. ރަތަން ކައިވެނި ކުރަން ބޭނުމެވެ. ނަމަވެސް ރާޖްކުމާރީއަކާ ނޫނެވެ. ރިޝްމީއާއެވެ. ރަތަން މިތަނަށް އައީވެސް ރިޝްމީގެ ހިތް ފަތަޙަކޮށް ރިޝްމީއާ އެކުވެރިކޮށް އުޅެލުމުގެ މަޤްޞަދުގައެވެ. އެވާހަކަ ބޭބެ ގާތުގައި ބުނާނީ ހެއްޔެވެ؟

”ކައިވެނީގެ ފަހުން ހަނީމޫންގެ ދުވަސްތައް ހޭދަކޮށްލަން ސްވިޒަރލޭންޑަށް ދާށެވެ.“ މަނޭޝްރާޖް އޭނާގެ ކޮއްކޮގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް ނުދެނަހުރެ ބުންޏެވެ. އޭގެ ކުރިން މަސައްކަތްގަޑުގެ ތެރެއަށް ވަދެއްޖެނަމަ ހަނީމޫން ބޭކާރުވެދާނެއެވެ.

ރަތަން އެއްޗެއް ނުބުނެއެވެ. ނަމަވެސް ވިސްނާލިއެވެ. އޭނާ ރާޖްކުމާރީއާ ކައިވެނި ކޮށްފާނެ ކަމަށް ބޭބެ ހީކުރަނީ ހެއްޔެވެ؟ ތެދެކެވެ. އެންގޭޖްވީ އަމިއްލަ ރުހުމުގައެވެ. މިއެންގޭޖްމެންޓް ރޫޅާލަން އެދެފިނަމަ މިއީ ތުއްތުކުދިންގެ ކުޅިވަރެއް ކަމުގައި ބޭބެ ހީކޮށްފާނެބާވައެވެ. މިހުރިހާ ކަމެއް ފިޔަވައި ރިޝްމީގެ ހިތް ފަތަޙަ ކުރުންވެސް އަދި އޮތީއެވެ.  އެއީ އެންމެ މުހިންމު ކަންތަކެވެ. ރިޝްމީގެ ހިތް އޭނާއަށް ފަތަޙަ ކުރެވިދާނޭ ހެއްޔެވެ؟ ނުވަތަ އެއީ ނުވާނޭ ކަމެއް ހެއްޔެވެ؟

ކުއްލިއަކަށް ރިޝްމީ އެތަނަށް އަތުވެއްޖެއެވެ. ޓައިޕްކޮށްފައިވާ ކަރުދާސްތަކެއް އަތުގައި ހުއްޓެވެ. ރަތަން އިނީ ރިޝްމީއާ ދިމާއަށް ފުރަގަސްދީގެންނެވެ. ވީމާ މިމީހަކަށް ރިޝްމީ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް ރަތަން ރަނގަޅަށް ފެންނަ ފަށަށް އާދެވުމުން ރިޝްމީއަށް ކުއްލި ހުއްޓުމެއް އެރިއެވެ. އަތުގައި ހުރި ކަރުދާސްތައް ދޫވެގެން ދާން އުޅުނެވެ. ދުވަސްކޮޅެއް ވަންދެން ރަތަން ނުފެނި ހުރުމުގެ ސަބަބުން މިހާރު ރިޝްމީގެ ހިތްވެސްވަނީ ހިސާބަކަށް ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް މިއަދު ރަތަން ފެނުމާއެކު ރިޝްމީގެ ހިތުގެ ވިންދު އަވަސްވެއްޖެއެވެ. ޙިއްސުތަކުގެ މައްޗަށް ބާރުހިންގަން ދަތިވެއްޖެއެވެ. ޙައިރާންވެފައި ހުރެގެން ރިޝްމީ މަޑުމަޑުން އައިސް އަތުގައި ހުރި ކަރުދާސްތައް މޭޒުމަތީ ބަހައްޓައިފިއެވެ.

ވެފާހުރި ގޮތަކުން ރަތަންއާ ސަލާމް ކޮށްލަންވެސް އޭނާ ހަދާނެއް ނެތެވެ.

”ރިޝްމީއެވެ.“ ރިޝްމީ ފެނުމުން ރަތަންގެ ހިތް ފޮނިފޮނި ހަމަޖެހުމަކުން ފުރިގެންދިޔައެވެ. ރިޝްމީ ބަލާލުމުން އަނެއްކާވެސް ރަތަން ވާހަކަ ދެއްކިއެވެ.

”ކަލާގެ ޙާލު ކިހިނެއްތޯއެވެ؟“

”ރަގަޅެވެ.“ ރިޝްމީ ހިނިތުންވެލުމަށް މަސައްކަތް ކުރިއެވެ. އަދި ސުވާލުކޮށްލިއެވެ.

”ކަލާ ކިހިނެއްތޯއެވެ؟“

”އަޅުގަނޑުވެސް ރަނގަޅެވެ.“ ރަތަން ހިނިތުންވެލިއެވެ.

ރަތަންގެ ހިނިތުންވެލުން ރިޝްމީއަށް ވަރަށް ހިތްގައިމުވިއެވެ. އެއާއެކު ހިތްހަމަނުޖެހޭ ގޮތްތަކެއްވެސްވިއެވެ. ކުއްލިއަކަށް ކޮއްކޮ ބުނި ވާހަކަ ރިޝްމީގެ ހަދާނަށް އައީއެވެ. ރަތަންބާބޫއާއި ރާޖްކުމާރީގެ އެންގޭޖްވީ އެދެމީހުންގެ ލޯބީގެ ބިންގަލުގެ މައްޗަށް ކަމުގައިވާއިރު ރަތަންބާބޫ ދައްތައާމެދު ވިސްނާލާހިތެއްވެސް ނުވާނެއެވެ. ދައްތައާމެދު އޭނާ ޚިޔާލުކުރާނަމަ އޭގެ މާނައަކީ އޭނާ ދައްތަގެ ޙަޔާތާ ކުޅެލަން ގަސްދުކުރަނީއެވެ. ރަތަންގެ ހިނިތުންވުމުން މިދެގޮތުންކުރެ ގޮތެއް ފައުޅުނުވިނަމަވެސް ކޮއްކޮ އެބުނީ ހަރުދަނާ ބަހެއްކަން ރިޝްމީއަށް ވިސްނުނެވެ. ވީމާ ރިޝްމީގެ މޫނު މަނޭޝްރާޖްގެ ކުރިމަތީގައި މޭޒުމަތީގައި ބަހައްޓާފައި ހުރި ކަރުދާސްތަކާ ދިމާއަށް އަނބުރާލިއެވެ. އޭރު މަނޭޝްރާޖް އިނީ އެތަނުން ސިޓީއެއް ކިޔާށެވެ. ސިޓީކިޔާ ނިމިގެން މަނޭޝްރާޖް އޭގައި ސޮއިކޮށްފައި ރިޝްމީއަތަށް އަނބުރާ ދެމުން ބުންޏެވެ.

”މިއީ އިމްޕޯޓާއާބެހޭ ސިޓީއެކެވެ. އަވަހަށް މިފޮނުވާލާށެވެ. ބާކީހުރި ސިޓީތައް ފަހުން އަހަރެން ފޮނުވާލަފާނަމެވެ.“

”ލައްބައެވެ.“ ކުރުޖަވާބެއް ދީފައި ސިޓީ ހިފައިގެން ރިޝްމީ ހިގައްޖެއެވެ. އޭނާ ދިޔަދިމާއަށް ބަލަން ރަތަން އިނެވެ. އޭނާ އިނީ އަދިވެސް އިތުރު ވާހަކަކޮޅެއް ރިޝްމީއާ ދައްކާލާހިތުންނެވެ. ނަމަވެސް ދެވަނަފަހަރަކަށް ރިޝްމީ އެތަނަކަށް ނައެވެ. ޓައިޕްކުރަން ހުރި އިތުރު ސިޓީތައް ނިންމައިގެންވެސް ރިޝްމީ އިނީއެވެ. ރަތަން އެނބުރިދާ ވަގުތަކަށް އިންތިޒާރު ކުރުމަށެވެ. އޭނާ ބޭނުމީ ރަތަންއާ ވީހާ ދުރެއްގައި އުޅެގެން އަމިއްލަ ހިތް ކޮންޓްރޯލް ކުރުމަށެވެ.

ހެދުނުގެ ސައިގެ ވަގުތެވެ. ހުރިހާ އެންމެން މޭޒުދޮށުގައި ތިބެގެން ސައިބޮނީއެވެ. އެތާނގައި މަނޭޝްރާޖްއާއި ރަތަން އަދި ރަތަންގެ މަންމަ ސްމިތްރާދޭވީވެސް އިނެވެ. ކުއްލިއަކަށް ތެލްފޯނުގެ ރަގަބީލްވާން ފަށައފިއެވެ. އެންމެންތިބީ ސައިބޯށެވެ. ވީމާ ފޯނުނެގީ އެތާހުރި ނޯކަރުމީހާއެވެ. އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ދިއްލީއިން  ސްމިތްރާ ދޭވީއަށް އަންނަ ޓްރަންކް ކޯލެއް ކަމުގައި ބުންޏެވެ. ނޯކަރުމީހާ މިހެން ބުނުމުން ސްމިތްރާދޭވީ ސައިބުއިން ހުއްޓާލާފައި ގޮސް ފޯނުނަގާ ވާހަކަ ދައްކަން ފަށައިފިއެވެ. އޭނަ ކުޑައިރުކޮޅެއް ވަންދެން ފޯނުން ވާހަކަ ދެއްކިއެވެ. ބައެއްފަހަރު ވަރަށް ބާރަށް އަނެއްބައިފަހަރު މަޑުމަޑުން ވާހަކަ ދެއްކިއެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި އެތަކެއްފަހަރު ހިނިތުންވެސްވިއެވެ. އެހެން މީހުންނަށް އަޑުއިވޭވަރުވީ އެންމެފަހުން ބުނި ޖުމްލައެވެ.

”ޔަޤީނެވެ. ދާނަމެވެ. އާއެކެވެ. އާއެކެވެ. އަހަރެމެން އެންމެން ދާނަމެވެ. ބާއި ބާއި.“ ފޯނު ބާއްވާފައި އައިސް މޭޒުދޮށުގައި އިށީދެފައި ސްމިތްރާ ދޭވީ ބުންޏެވެ.

”ދިއްލީއިން އައި ކޯލެކެވެ.“

”ތިޔާގީ އާންޓީގެ ކޯލެކެވެ.“

”ތިޔާގީ އާންޓީގެ ފޯނެއް ހެއްޔެވެ؟“ މަނޭޝްރާޖް ސުވާލުކުރިއެވެ. މަނޭޝްރާޖްއަށް ނޫނަސް ދިއްލީގައި މަންމަގެ ރަޙްމަތްތެރިއަކު އުޅޭކަން ރަތަންއަށްވެސް އެގެއެވެ. އެއީ މިސިޒް ތިޔާގީއެވެ. ވަރަށް ކުރިއްސުރެ މިސިޒް ތިޔާގީއާއި ރަތަންގެ މަންމައާ ދެމެދުގައި ސިޓީ ހިގައެވެ.

”އާއެކެވެ.“ ސްމިތްރާދޭވީ ބުންޏެވެ.

”ސުރޭޝް ލަންޑަނުން އަތުވެއްޖެއެވެ.“ ސްރޭޝްއަކީ މިސިޒް ތިޔާގީގެ ދަރިފުޅެވެ.

”ހަމަތެދެއް ހެއްޔެވެ؟“ ރަތަން ޢަޖާބުވެފައި އުފާވެރިކަން ފައުޅުކުރިއެވެ. ސްރޭޝްއަކީ ރަތަންއާ އެކުގައި ކުޅެ އަދި ކިޔަވަންވެސް އުޅުނު ކުއްޖެކެވެ. އެއީ ރަނގަޅު ދެރައްޓެހިންނެވެ. ކުޑަދުވަސްކޮޅަކަށް ރަތަން ލަންޑަނަށްދިޔަ ފަހަރުވެސް އޭނާހުރީ ސްރޭޝްގެ ގާތުގައެވެ.

”އާއެކެވެ.“ ސްމިތްރާދޭވީ ބުންޏެވެ. ”އޭނާއާ އެކުގައި އަންހެން ކުއްޖަކުވެސް ގެނައެވެ.“

”އައްދޭ“ މިފަހަރު ރަތަންއާ އެކުގައި މަނޭޝްރާޖްވެސް ސިހުނެވެ. މަނޭޝްރާޖްވެސް ރަނގަޅަށް ދަންނަ ކުއްޖެކެވެ. ވީމާ އޭނާ ސުވާލުކުރިއެވެ.

”ނަމަވެސް އެގޮތަށް އޭނާ މީހަކާ އިނީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންނަށް ކާޑެއްހާ ހިސާބުވެސް ނުފޮނުވައެވެ.“

”އޭނާ އަމިއްލަ ގޭގެ މީހުންނަށްވެސް އަންގާނުލައެވެ.“ ސްމިތްރާދޭވީ ބުންޏެވެ.

”ފޯނުން ވާހަކަ ދެއްކިއިރު އެކަމާ ހިތާމަ ފައުޅުކުރިއެވެ. މިހާރު އެއުޅެނީ ސްރޭޝްގެ ކައިވެނީގެ އުފަލުގައި ޕާޓީއެއް ދޭންވެގެންނެވެ. އަހަރެމެން އެންމެން ބައިވެރިވުން ކޮންމެހެން ބޭނުމެވެ.“

”ނަމަވެސް“މަނޭޝްރާޖް ވިސްނާލާފާ ބުންޏެވެ.

”އަހަރެންނަށް ދެވޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެން އޮފީހުގައި މަސައްކަތް ކުރަން އެބަހުއްޓެވެ. އެހެނީ…..“

”ތިޔަހެން ނުބުނާށެވެ. ދަރިފުޅާއެވެ.“ ސްމިތްރާ ދޭވީ ލޯތްބާއެކު ބުންޏެވެ.

”އެއީ ކަލޭގެ މަންމަގެވެސް ރަޙްމަތްތެރި ބައެކެވެ. ކަލޭ ނުގޮއްސިނަމަ އެމީހުން ދެރަވާނެއެވެ. އަދި އަހަރެމެންނަށާއި ރާޖާ ސާހަބްމެންނަށް މާކުރިން އަޝޯކާ ހޮޓެލްގެ ދެކޮޓަރި ބުކްކޮށްފިއެވެ. އެވާހަކަ ސްރޭޝްގެ ބައްޕަ ރާޖާ ސާހަބަށް ވެސް އަންގައިފިއެވެ.“

”ރާޖާ ސާހަބް ހެއްޔެވެ؟“ ރަތަން ވިސްނާލިއެވެ. ”ސްރޭޝްގެ ބައްޕައަކީ ރާޖާ ސާހަބްގެވެސް ރައްޓެއްސެކެވެ. ވީމާ ރާޖް ކުމާރީވެސް އެކުގައިދާނެއެވެ. އެމީހުން ދަންޏާ ރަތަން ދާން ޖެހޭނެއެވެ. އެއީ ކޮންމެހެން ބޭނުން ކަމެކެވެ. ނޫންނަމަ ސްރޭޝް ދެރަވާނެކަން ޔަޤީނެވެ.“

މަނޭޝްރާޖް ސައިބޮމުން ވިސްނިއެވެ. އަދި ސައިތަށީގައި ހުރި އެންމެފަހު އެތިފޮދު ބޯލަމުން ބޯހަލުވާލާފައި ބުންޏެވެ.

”އެންމެ ރަނގަޅެވެ. ދާނަމެވެ. އޮފީހުގެ ކޮންމެވެސް މަސައްކަތެއް ކޮށްލާނީއެވެ. ނަމަވެސް އެއްދުވަހަށްވުރެ ގިނަދުވަހަކު އަހަރެންނަކަށް ނުހުރެވޭނެއެވެ. ޕާޓީ އޮތީ ކޮންއިރަކު ހެއްޔެވެ؟“

”24 ވަނަ ދުވަހުއެވެ.“ ސްމިތްރާދޭވީ ހަމަޖެހުމުގެ ނޭވާއެއްލަމުން ބުންޏެވެ.

މަނޭޝްރާޖް އަތުކުރީގައި އޮތް ގަޑީގެ ކަލަންޑަރަށް ބަލާލިއެވެ.

”މިއަދަކީ 20 ވަނަ ދުވަހެވެ. 24 ވަނަ ދުވަހުގެ ޕްލޭނުން އަހަރެން ދާނަމެވެ.“

”އެންމެ ރަނގަޅެވެ.“ ސްމިތްރާދޭވީ ބުންޏެވެ.

”ނަމަވެސް އެއްދުވަސް ކުރިން އަހަރެމެން ދާންޖެހޭނެއެވެ. އެއީ އަމިއްލަގެ ކަހަލަ ތަނެކެވެ. ޕާޓީ ނިމުނީމާވެސް ދެތިންދުވަސް ނުވަނީސް އަހަރެމެން އަޔަކަ ނުދޭނެއެވެ. އެމީހުން އެދެފިނަމަ އަހަރެމެންނަށް ޖެހޭނީ މަޑުކުރާށެވެ. އެކަމަކު ވަރިހަމައެވެ. މިގޮތުންވެސް އެމީހުންނާ ބައްދަލުވުމުގެ ބަހަނާއެއް ކުރިމަތިވެއްޖެނަމަ އެވީއެވެ.

”މިހާރު އަހަރެމެން ބައްދަލުނުވާތާ އެތައް ޒަމާނެއް ވެއްޖެއެވެ.“ ސައިބޮއި އަވަދިވީއިރު ވާހަކައިގެ ސިލްސިލާވެސް ނިމިއްޖެއެވެ.

ނުނިމޭ…

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.