އޮކެސްޓްރާގެ މިޔުޒިކާއެކު ޒުވާނުންނާއި މުސްކުޅި ޖޯޑުތައް ޙަރަކާތްތެރިވަމުންދެއެވެ. ހޯލްތެރޭގެ ފަޒާ މަޑު ނޫކުލައިގެ އަލީގެ ތެރެއަށް ގެނބިފައިވާއިރު ވަރަށް ހިތްގައިމުކޮށް ފެނެއެވެ. ނަމަވެސް ރަތަންއަށްޓަކައި މިތާނގައި އެއްވެސް ކުލައެއް ނެތެވެ. ހިތްގައިމު ކަމެއް ނެތެވެ. އޭނާ އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ރިޝްމީ ނެތްކަމުގެ އުނިކަން މިހާބޮޑަށް އިޙްސާސްވަނީ ކީއްވެގެން ހެއްޔެވެ؟ ރާޖްކުމާރީއާއި އޭނާގެ ލޯތްބަކީ ޅައިރުގެ ބަތްކައްކާ ކުޅުނު ކަހަލަ ކަމެއް ހެއްޔެވެ؟ ނޫނެކެވެ. މިއީއަކީ މިކަހަލަ އެއްޗެތި ހިތަށް އަރުވަންވާ ކަހަލަ ދަނޑިވަޅެއް ނޫނެވެ. އެއްވެސް ކަމެއްގެ ނިމުން މިހާ އަވަހަށް ގެންނާކަށް ނުވާނެއެވެ. އެކަން އެނގުނު ނަމަވެސް ރިޝްމީއާމެދު ވިސްނަން ރަތަންއަށް މަޖުބޫރުވަނީއެވެ.
އެހެން މީހުން ނަށާތަން ބަލަން އެހާ ގިނައިރު އިންނަން ޖެހުނީމާވެސް ރާޖްކުމާރީގެ ފައި ނަށާލުމަށް އެދެން ފަށައިފިއެވެ. އޭނާއަށް ކެތް ނުކުރެވޭވަރުވީމާ ރަތަންއާ ދިމާއަށް އެނބުރިލާފައި އޭނާ ބުންޏެވެ.
”އަހަރެން ނަށާލަން ބޭނުމެވެ.“
”އެހެންވިއްޔާ ގޮސް ނަށާށެވެ. މަނާކުރަނީ ކާކުހެއްޔެވެ؟“ ރަތަން ނުރުހުންފާޅުކުރިއެވެ.
”ވީ ކީއްހެއްޔެވެ؟ ކަލާ އަހަރެންނާއެކު ނަށާލާކަށް ނުދާނަން ހެއްޔެވެ؟“ ރާޖްކުމާރީ ލޯތްބާއެކު ރަތަންގެ އަތުގައި ހިފާފައި ބުންޏެވެ.
”އަހަރެން މޫޑެއް ނެތެވެ.“ ރަތަން ކުރަކިފާޑަކަށް ބުންޏެވެ.
”މޫޑުނެތީ ރިޝްމީ ދިޔައިމާ ހެއްޔެވެ؟“
ސުވާލުކޮށްފާނަމޭ ރާޖްކުމާރީގެ ހިތަށް އެރިއެވެ. ނަމަވެސް ރުޅިގަނޑު މަޑުކޮށްލާފައި ރަތަންގެ އަތުގައި ލޯތްބާއެކު ހިފާލާފައި ރުއްސާލުމުގެ ގޮތުން ބުންޏެވެ.
”މިއަދު ތިޔަ ރުޅިއަންނަނީ ކީއްވެގެން ހެއްޔެވެ. ދެން ހިގާށެވެ.“ ރާޖްކުމާރީ އަތުގައި ހިފައިގެން ހުންނަން ފެށުމުން ރަތަންއަށް އެންމެފަހުން ޖެހުނީ އެތަނުން ތެދުވާށެވެ. ނަމަވެސް ރަތަންގެ ހިތްއޮތީ މުޅިން އެހެން ތާކުއެވެ. ރިޝްމީ ކައިރީގައެވެ.
ނެށުން ނިމުމަށްފަހުގައި ޕާޓީއަށް ޙާޟިރުވި އެންމެން ގެއަށް ގޮސް އެދުގައި ނިދަން އޮށޯވެ ތިބިއިރު އެންމެންގެވެސް ޚިޔާލުގެ މަރުކަޒަކީ ރިޝްމީއެވެ. ރާޖާ ސާހަބް ވިސްނަމުން ގެންދިޔައެވެ. އެބައިލާރީގެ އަގެއް ނެތް އަންހެންކުއްޖާއަކީ ކޮންތަނަކުން އައިސް ފާވި ކުއްޖެއް ހެއްޔެވެ. ރާޖްކުމާރީ ވިސްނަނީ މުޅިން އެހެން އެއްޗެކެވެ. ރަތަންއާއި މަނޭޝްރާޖް ރިޝްމީއާމެދު އެހާބޮޑު ހިތްގައިމު ކަމެއް އެގެންގުޅެނީ ކީއްވެހެއްޔެވެ. ރިޝްމީގެ ޚިޔާލުގައި ރަތަންވެސް ވަރަށް ގިނައިރު އެނދުގައި ފުރޮޅި ފުރޮޅި އޮތެވެ. އެއީ ޙަޤީޤަތެއް ހެއްޔެވެ. ރިޝްމީދެކެ އޭނާއަށް ލޯބިވެވެން ފެށީހެއްޔެވެ. ރާޖްކުމާރީދެކެ އޭނާއަށް ލޯބި ނުވެވެނީ ހެއްޔެވެ. އެއީ ހަމައެކަނި ކުޑައިރުގެ ކުޅިވަރެއް ހެއްޔެވެ. އެހެންވިއްޔާ މިހާފަހުން އެކަމުގެ އިޙްސާސް ކުރެވުނީ ކީއްވެގެން ހެއްޔެވެ. ރިޝްމީ ހާދަ ރީއްޗެވެ. ސާދާ ސީދާ ރީތިކަމުގައި ހުރީ ޖާދޫއަކާއި ހާދަ ތިމާގެ ގޮތެކެވެ. އޭނާގެ ކަރުނައިގައި ހުރީ ހާދަ ޠާހިރު ކަމެކެވެ. އޭނާގެ ފާޑުގައި އެއްވެސް އުނިކަމެއް ނެތެވެ. އޭނާގެ ހިނިތުންވުން އެހާ ހިތްގައިމެވެ. އޭނާގެ ޙަރަކާތްތަކުގައި ހިތަށް ފިނިކަން ލިބޭގޮތް ހުރެއެވެ. އޭނާގެ ހަމަހިމޭންކަމުގައި ފޮރުވިފައިވަނީ އަރާމުލިބެނިވި ރާގެކެވެ. އޭނާގެ ހިތް ދުވަހަކުވެސް ރަތަންއަށް ޚަތިމް ކުރެވިދާނެ ހެއްޔެވެ. ރިޝްމީގެ ކުރިމަތީގައި ރަތަން ލޯބި ފައުޅުކޮށްފިނަމަ ރަތަންއަކީ އާވާރާ މީހެއް ކަމުގައި ރިޝްމީ ހީކޮށްފާނެއެވެ. އަންބަކަށް ހަދަން އުޅެނީ އެހެން މީހެކެވެ. ނަމަވެސް ލޯބި ފައުޅުކުރަންވީ ރޝްމީގެ ކުރިމަތީގައެވެ. އެހެން ވެއްޖެނަމަ ރިޝްމީ އޭނާއަށް އިތުބާރުކޮށްފާނެ ހެއްޔެވެ. އަނެއްކާ ރިޝްމީގެ ހިތުގައި އެހެން މީހެއްގެ ލޯބި އަށަގެންފައި އޮތީ ހެއްޔެވެ. އޭނާއަކީ ރީތި ކުއްޖެކެވެ. ވީމާ ކޮންމެވެސް މީހަކު އޭނާއަށް އެދިފައިވެސް އޮވެދާނެއެވެ. އަދި ޚޮދު ރިޝްމީ އަމިއްލައަށްވެސް ހިތުގެ ފައްޅީގައި މީހަކު ބައިންދާފައި އިނދެދާނެއެވެ. އެޢުމުރަކީ އެންމެ އެކަށީގެންވާ ޢުމުރެވެ.
މަނޭޝްރާޖް އޮތީ ޚިޔާލުގެ ދުނިޔެއަކަށް ގެއްލިފައެވެ. ރިޝްމީގެ ކަރުނަ މިއަދު އަނެއްކާވެސް މަނޭޝްރާޖްގެ ހިތުގެ ނާރުތަކާ ކުޅެލައިފިއެވެ.
މަނޭޝްރާޖްގެ މަރްޙޫމް އަނބިމީހާގެ ލޮލުންވެސް ފެނުނީ ހަމަ އެކަހަލަ ކަރުނައެކެވެ. ރިޝްމީ ވަރަށް ރީއްޗެވެ. އޭނާއަށް އެދެންވާނީވެސް ޒުވާން ފިރިހެން ކުއްޖެކެވެ.
ރިޝްމީއާއި ރާޖްކުމާރީ މަނޭޝްރާޖްގެ ހިތުގައި ވަޒަންކޮށްލިއިރު ރިޝްމީގެ ފައިދަށު ހިރަފުސްކޮޅެއްގެ ބަރުމިންވެސް ރާޖްކުމާރީއަކަށް ނުލިބުނެވެ. ރިޝްމީ އަލަތު އަންބަކަށް ވެގެން މިގެއަށް އަތުވެއްޖެނަމަ މިގެ އުފާވެރިކަމުގެ ސުވަރުގެއަކަށް ބަދަލުވާނެއެވެ. އެހެންވޭތޯ މަސައްކަތް ކުރަން މަނޭޝްރާޖް ގަސްދުކުރިއެވެ. ނަމަވެސް އެމަސައްކަތް ކުރާނީ ލަސްލަހުންނެވެ. ބައެއްފަހަރު ބައެއް ކަންތައް ކަނޑައެޅިފައިވާ ވަގުތެއްގައި އަމިއްލައަށްވެސް ފުރިހަމަވެދެއެވެ. ރިޝްމީވެސް ތަންމަތީގައި ފުރޮޅި ފުރޮޅި ވަރަށްގިނައިރު އޮތެވެ. ރިޝްމީގެ ކުރިމަތީގައި އިރުއިރުކޮޅުން ރަތަންގެ ހަށިގަޑު ޙަރަކާތްތެރިވެއެވެ. ދިގު އިސްކޮޅެކެވެ. ކުލަ ދޮނެވެ. ލޮލުގައި ހަރުދަނާކަމާއެކުވެސް އިންތިހާ ދަރަޖައިގެ ގަދަ ވިދުވަރެކެވެ. އޭނާއާހެދި ރަތަން އެއުފުލީ ކިހާބޮޑު އުދަގުލެއް ހެއްޔެވެ؟ ޕްރަބާހކަރްގެ ވަކިގަޑުގެ ދަށުން ރަތަން އޭނާ ސަލާމަތް ކޮށްދިނެވެ. ރަތަން އެޢަމަލުކުރީ ކީއްވެގެން ހެއްޔެވެ. ކީއްވެގެން ހެއްޔެވެ؟ އެތާނގައި އެހެންވެސް މީހުން ތިއްބެވެ. އެމީހުންނަށްވެސް ރިޝްމީއަށް އެހީވެވިދާނެއެވެ. ރަތަން އޭނާދެކެ ލޯބިވަނީ ހެއްޔެވެ؟ ރަތަންއަށް އޭނާދެކެ ލޯބިވެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. ރަތަން ލޯބިވަނީ ރާޖްކުމާރީދެކެއެވެ. ރާޖްކުމާރީ އެއުޅެނީ ރަތަންއާ އިންނާށެވެ. އެއީ އެދެލޯބިވެރިންގެ ލޯބީގެ ނިމުމެވެ. މަނޭޝްރާޖް ނުރުހޭއިރުވެސް ރަތަންއާއި ރާޖްކުމާރީ އެންގޭޖްވެއްޖެއެވެ. ނަމަވެސް މުޅިޢުމުރުގައިވެސް ދެން އޭނާއަކަށް ރަތަން ހަދާން ނައްތާލެވޭނެ ކަމެއް ނޭގެއެވެ. އާއެކެވެ. ވަރަށް ބޮޑަށް ޝައްކެވެ. ދުވަހަކުވެސް އޭނާއަށް ރަތަން ޙާޞިލް ނުކުރެވޭނެކަން އެނގިއެނގި ހުރެގެންނެވެ. ރަތަންގެ އަތުގެ ބީހިލުމަށްފަހުގައި އަދިވެސް ރިޝްމީގެ ހިތް އެބަ ހީލިކަރުވައެވެ. އެއީ ކިހާ އުފާވެރި މަންޒަރެއް ހެއްޔެވެ؟ އެއީ އޭނާ ފެންގަޑަށް ވެއްޓުނު މަންޒަރެވެ. އެވަގުތު އެހެން އަންހެން ކުއްޖަކު ފެންގަޑަށް ވެއްޓުނުނަމަ އޭނާ ގާތަށް ވަރަށް ހިނިއަންނާނެއެވެ. އެމަންޒަރު ހަދާންވުމުން އޭނާ ގާތަށް މިވަގުތުވެސް ހިނިއައެވެ. ބޭއިޚްތިޔާރުގައި ބާރަށް ހީގަނެވުނެވެ.
ކައިރީގައި ހުރި އެނދުގައި ނިދާފައި އޮތް އަރޫން މޯޅިއަކަށް ދެމިލައިފިއެވެ. ރިޝްމީ ގެއަށް އައިސް ލަސްނުކޮށް ހުރިހާ ވާހަކައެއް އަރޫނަށް ކިޔާދިނެވެ. ފެންގަޑަށް ވެއްޓުނު ވާހަކަ ކިޔާދިނީމާ އަރޫންވެސް ހިނިއައެވެ. ހުރިހާ ވާހަކައެއް ކިޔައިދިން ނަމަވެސް ރަތަންދެކެ ލޯބިވާ ވާހަކަ ބޭއްވީ ސިއްރުކޮށްފައެވެ. ރިޝްމީ ނިދީގައި އޮވެގެން ހޭއަޑު އިވުމުން އަރޫންދިޔައީ ސިއްސައިގެންނެވެ. އަދި ރިޝްމީއާ ދިމާއަށް ފުރޮޅިލާފައި ސުވާލުކުރިއެވެ. ”ނިދި ނާންނަނީ ހެއްޔެވެ؟“
”ފެންގަނޑަށް ވެއްޓުނު ކަންތައް ހަދާންވީ ހެއްޔެވެ؟“
”ހަދާންވީ ފެންގަޑަށް ވެއްޓުނު ކަންތައް ހެއްޔެވެ؟ ނުވަތަ ފެންގަޑުން ނެގިމީހާ ހެއްޔެވެ؟“ އަރޫން ބޯ އުފުލާލާފައި ކަނދުރާގެ ދަށަށް އަތްލައްވާ އުސްވެލިއެވެ.
”އޭނާގެ އެންގޭޖްވެއްޖެއެވެ.“ ރިޝްމީ ބުންޏެވެ.
”އެންގޭޖްމެންޓް ރޫޅާލެވިދާނެއެވެ.“ އަރޫން މިހެން ބުނީ ރިޝްމީގެ ހިތުގެ ސިއްރު އޮޅުންފިލުވުމުގެ ބޭނުމުގައި ކަމަށް ހީވެއެވެ.
”އޭނާ ރާޖް ކުމާރީދެކެ ލޯބިވެއެވެ.“ ރިޝްމީ ޖަވާބުދިނެވެ.
”ވާނީ ކީއްހެއްޔެވެ؟“ އަރޫން ރިޝްމީގެ ހިތް ހާވާލިއެވެ. އެކަމަކު ރިޝްމީ އަގައިން ނުބުނެ ހިމޭނުން އޮތީއެވެ.
”ހޫނ!“ ކުޑައިރުކޮޅެއް ވަންދެން ޖަވާބަކަށް އިންތިޒާރު ކުރުމަށްފަހު ފުން ނޭވާއެއްލާފައި އަރޫން ބުންޏެވެ.
”އެންމެފަހުން ކަލޭގެ ހިތުގެ ސިއްރު މިހާމަކުރީއެވެ. އޭ މޮޔަޔާއެވެ. ޕާޓީއިން އެނބުރި އައިސް އެތަނުގައި ހިނގި ކަންތައް އަހަރެންނަށް ކިޔައިދިންއިރުވެސް އަހަރެންނަށް ޝައްކުވެއްޖެއެވެ. އަހަރެންގެ ސާދާ ސީދާ ދައްތަގެ ހިތް ގެއްލިއްޖެކަމާއި މެދުގައެވެ. ދައްތަ ރަތަން ބާބޫ ހަދާން ނައްތާލާށެވެ.“ އަރޫން ލޯތްބާއެކު ދައްތައަށް ވިސްނައިދިނެވެ.
”މޮޅުމީހުން ދެރަމީހުންނަށް ޢިއްޒަތްތެރިކޮށް ހިތާފާނެއެވެ. ނަމަވެސް ލޯތްބެއް ނުވާނެއެވެ. ރަތަންއާއި ރާޖްކުމާރީގެ އެންގޭޖަކީ އެމީހުންގެ ލޯބީގެ ބިންގަލުގެ މައްޗަށް ކުރެވުނު ކަމެއްނަމަ ދައްތައާމެދު ވިސްނާލަންވެސް ރަތަން ނުރުހޭނެއެވެ. ވިސްނައިފިނަމަ، އޭނާގެ ބޭނުމަކަށްވާނީ ދައްތަގެ ޙަޔާތާ ކުޅެލުމެވެ. ތެދެކެވެ. ނިކަމެތި އަންހެން ކުއްޖަކަށްޓަކައި ރާޖްކުމާރީ ކަހަލަ އަންހެން ކުއްޖަކު ރަތަންއަށް ދޫކޮށްލެވިދާނެ ހެއްޔެވެ؟ ރާޖްކުމާރީގެ ޤަދަރު ދައްތައާއި މުޅިން ތަފާތުވާނެއެވެ. ތިޔައީ އަދި ފެށުމެވެ. ވީމާ އަވަހަށް ރަތަން ބާބޫ ހަދާން ނައްތާލާށެވެ.“ އަރޫން ދިގުދެމިލައިގެން އުޑުތިލަމަތިން އޮވެ ވިސްނިއެވެ. އޭނާގެ ފައިގައި އަޅާފައިވާ ޕްލާސްޓަރ ކަނޑާލާއިރު އޭނާގެ ފައި ރަނގަޅުވެގެން ހިނގާ ބިގާވެ އުޅުމަށް އެކަށީގެންވާ މީހަކަށް ވެއްޖެނަމަ އަވަހަށް ކޮންމެވެސް ނޯކިރީއެއް ކޮށްގެން ދައްތައަށްޓަކައި ރަނގަޅު ޙަޔާތުގެ ބައިވެރިއަކު ހޯދައިދޭނެއެވެ.
ރިޝްމީ ކޮއްކޮގެ ނަސޭހަތް ފަރުވާތެރިކަމާއެކު އަޑުއެހިއެވެ. އޭނާ ބުނީ ތެދެކެވެ. އެއާއެކުވެސް އޭނާގެ ހިތުން ރަތަންގެ ޚިޔާލު ދުރުކޮށެއް ނުލެވޭނެއެވެ. މިއީ ކޮންކަހަލަ ލޯތްބެއް ހެއްޔެވެ؟ ޙާޞިލު ނުކުރެވޭނޭ މީހަކުދެކެ އޭނާ ލޯބިވެގެން ނުވާނެއެވެ. ނަމަވެސް ހަމަ އެޒުވާނާދެކެ ލޯބިވެވެނީ ހެއްޔެވެ؟ އެއްފަރާތަކުން މިވެވޭ ލޯބި އޭނާ ދިރިހުއްޓަދޭނެ ހެއްޔެވެ؟ ރިޝްމީ ލޯމަރާލިއެވެ. ނަމަވެސް ރަތަންގެ ޚިޔާލުތައް އޭނާގެ ހިތަކުން ނެރެއެއް ނުލެވުނެވެ. އެހެނަސް ރަތަން ހަދާން ނައްތާލަން މަސައްކަތް ކުރުމަށް އޭނާ ޤަޞްދުކުރިއެވެ.
ނުނިމޭ…