ރިޝްމީ އިނީ އަމިއްލަ ޚިޔާލުގެ ތެރެއަށް ގެއްލިފައެވެ. ސިއްރު ސިއްރުން ރަތަންއާ ދިމާއަށް ބަލާށެވެ. ރިޝްމީ އަރިއަޅާލައިގެން ގޮސް ހަށިގަޑުގެ ބާރު ނުހިފެހެއްޓިގެން އުޅެނިކޮށް އަނެއް އަންހެން ކުއްޖާ އޭނާގެ ގައިމައްޗަށް ވެއްޓިއްޖެއެވެ.
”އޯހ އީހ!!“ ރިޝްމީއާއެކު އަނެއް އަންހެން ކުއްޖާވެސް ހަޅޭއްލަވައިގެންފިއެވެ. އެއްވެސް ގޮތެއް ހަދާލެވޭ ގޮތެއް ނުވިއެވެ. ދެކުދިން އެކީގައި ފެންގަޑަށް ޖެހިއްޖެއެވެ. އަނެއް އަންހެން ކުއްޖާ ރަނގަޅަށް ފަތަން ދަނެއެވެ. ނަމަވެސް ރިޝްމީއަކަށް ފެތުމުގެ އެއްވެސް ތަޖުރިބާއެއް ނެތެވެ. ރިޝްމީމެން ވެއްޓުނު ފަރާތު ކައިރީ ފެންގަޑު މާފުނެއް ނޫނެވެ. އެންމެ ފެން ފުންކޮށް ހުރީ ފުންމާ ހަރުފަތް ހުރި ދިމާލުގައެވެ. ރިޝްމީ ވެއްޓުނު ގޮތަށް ދިޔައީ އަޑިއަށެވެ. މަޑުވެލީވެސް ތިލައަށް ގަލުގައި ޖެހިފައެވެ. ރިޝްމީ ކޮޅަށް ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ހަށިގަނޑުގެ ބާރު ހިފެހެއްޓޭގޮތެއް ނުވިއެވެ. ފެންކޯވަރެއްވެސް ދިރިގެން ހިގައްޖެއެވެ. މިކަހަލަ ހާލެއްގައި އުޅެނިކޮށް ބާރުގަދަ ދެއަތަކުން ރިޝްމީގެ ހަށިގަނޑު ފެނުންމައްޗަށް އުފުލާލައިފިއެވެ. ވަރަށް ލުއިލުއި ގޮތަކަށެވެ. ރިޝްމީ ވަރަށް ބޮޑަށް ކޮށިއެރިއެވެ. ނަމަވެސް އަވަހަށް ހަމަޖެހިލާފައި ބަލާލިއެވެ. އުފުލާލައިގެން ހުރި މީހަކީ ރަތަންއެވެ. ރިޝްމީގެ ހަށިގަނޑުގައި ކަރަންޓުގެ ރާޅުބާންޏެއް އުފެދިއްޖެއެވެ. އެދުންވެރި ކަމެއް ހިތުގައި ހޭލައިފިއެވެ. މުޅި ޢުމުރުގައިވެސް ރަތަންގެ ބާރުގަދަ ދެއަތުން އެގޮތަށް އޭނާ އުފުލާލައިގެން ހުންނާނޭނަމައޭ ހިތަށް އެރިއެވެ. ގިނަޚިޔާލުތަކެއް ނުކުރެވެނީސް މިކަމާ އޭނާ މާބޮޑަށް ލަދުގެންފިއެވެ. ގަތް ލަދުން ހަދާނެ ނަހަދާނެ ގޮތެއްވެސް އޭނާއަކަށް ނޭގުނެވެ.
ރަތަންގެ ކަނދުރާއާ ހަމައަށް ފެންގަޑު އަރާފައި ހުއްޓެވެ. ރަތަން ކޮރާލާފައި ރިޝްމީ ނަގާ ދޫނިފަތްމަތީގައި ބޭންދުމުން ރިޝްމީ ލަދުން އިނދެ އެތާނގައި ރަނގަޅަށް ހަމަޖެހިލައިފިއެވެ. އަދި ދެކަކޫމަތީގައި އަތުން ދާއިރާއެއް ހެދުމަށްފަހު އެތަނުގައި މޫނު ނިވާކޮށްފިއެވެ. ބައެއް އަންހެން ކުދިން ލާނެތް ގޮތަކަށް ހިނިތުންވެފައި ތިއްބެވެ. މިކަންވީ އެކުދިންނަށް ދިމާވި ވަރަށްބޮޑު ކުޅިވަރަކަށެވެ. ރިޝްމީ ކިތަންމެ ބޮޑަކަށް ލަދުގަތް ނަމަވެސް ހިތުގައި ފާޑެއްގެ ހީލިކެރުވުމެއް ހުއްޓެވެ. މިކުޅިވަރު ރިޝްމީއަށްވެސް ވަރަށް މަޖާވިއެވެ. އަމިއްލައަށްވެސް ހިނިއާދެއެވެ.
ރަތަން ފެންގަޑުގެ ހަރުފަތްތައް ގިރާކޮށްފައި އައިސް ރިޝްމީގެ ކައިރިއަށް ހުއްޓިއްޖެއެވެ. ތެމިފައިވާ އެންގޭޖްމެންޓް ޕާޓީގެ ހެދުމާ އެކުގައެވެ. ކޯޓުބާލާނޭ ތަންވަޅެއްވެސް އޭނާއަކަށް ނުލިބުނެވެ. ރަތަން އައިގޮތަށް އައިސް ރިޝްމީގެ ކައިރީގައި ކުޑަކަކޫ ޖަހާލައިގެން އިށީދެއްޖެއެވެ. ވަރަށް ކައިރީގައެވެ. މާރކަރީގެ އަލީގައި ރިޝްމީއާ ދިމާއަށް ރަތަން ބަލާލިއެވެ. ރިޝްމީގެ ތެމިފައި އޮތް އިސްތަށިގަޑުގައި ހުރި ކުދިކުދި ފެންތިކިތައް ޝަބްނަމްގެ ތިކިތައް ފަދައިން ވިދަވިދާ ހުއްޓެވެ. އަދި ކަނދުރާމަތީގައި ތެމިގެންގޮސް ރަތްވެފައި ހުރި އިސްތަށިތަކުގައިވެސް ހުރީ ހަމަ އެވިދުވަރެވެ. ރިޝްމީއާ ދިމާއަށް ބަލަން އިނދެގެން ނުހަނު ލޯބިވެތި ރާގަކަށް ރަތަން ސުވާލުކުރިއެވެ.
”މިފަރާތުގައި ފެން ވަރަށް ތިލަވާނެއެވެ. ކަލާއަށް ތަދެއް ނުވޭތޯއެވެ؟“
ރިޝްމީ ގަތްލަދުން ކުރިއަށްވުރެ ބޮޑަށް ދެކަކޫތެރެއަށް ބޯ ގުދުކޮށްފާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހަލުވާލިއެވެ.
”ތަބިއްޔަތު ރަނގަޅުތޯއެވެ؟“ ރަތަން އަނެއްކާވެސް ސުވާލު ކުރިއެވެ. ”ފެންތައް އަނގައިގެ ތެރެއަކަށް ނުދޭތޯއެވެ؟“
ރިޝްމީ ހަމައެގޮތަށް މޫނު ފޮރުވައިގެން އިނދެ ނޫނެކޭ ބުނުމުގެ ގޮތުން ދެވަނަފަހަރަށްވެސް ބޯހަލުވާލިއެވެ.
ރަތަން އެތާނގައި އިންދާ ރާޖްކުމާރީ ރުޅިއައިސް ރަތްވެގެންހުރެ ކަޅިއަޅަން ފެށުމުން އަވަސް އަވަހަށް އެތަނުން ތެދުވެއްޖެއެވެ.
ރާޖްކުމާރީ އެއްވެސް އެއްޗެއް ނުބުނެއެވެ. ވިހަލާ ހަރުފައެއްހެން ރުޅިގަޑު ފާޅުކުރަމުން ގެއާ ދިމާއަށް ބާރުލާފައި ހިގައިގެންފިއެވެ. ފެންގަޑުގެ ވަށައިގެން ހަމަހިމޭނުން ކުޅިވަރު ބަލަން ތިބި މީހުންތަކާ ދިމާއަށް ރަނގަޅަށް ބަލާލިއެވެ. އަދި ވަރަށް ފުންކޮށް އެއްފަހަރު ރިޝްމީއާ ދިމާއަށް ބަލާލާފައި ގެއާ ދިމާއަށް ހިގައިގެންފިއެވެ.
ރަތަން ގޭތެރެއަށް ވަންއިރު ރާޖްކުމާރީ ރުޅިއައިސް ރަތްވެގެން ގޮނޑިއެއްގައި އިނެވެ.
”ރާޖް ކުމާރީއެވެ.“ އޭނާ ރުއްސުމަށްޓަކައި ރަތަން ބުންޏެވެ. ރާޖްކުމާރީ އަނގައަށް ވައްތަރު ޖައްސައިގެން އަނެއް ފަރާތް ބަލަން އިނެވެ.
ރަތަންމެން ގޮނޑީގައި ތިއްބާ ބައެއް މެހްމާނުންގެ ތެރޭގައި ހުރި ރާޖާ ސާހަބް އެމީހުންނާ ދިމާއަށް ބަލާލައިފިއެވެ. ރާޖްކުމާރީ އިނީ ރުޅިއައިސްފައެވެ. އަދި ރަތަން އިނީ ތެމިފޯވެފައިވާ ހެދުމެއްގައެވެ. ރާޖާ ސާހަބް ވަރަށް ބޮޑަށް ސިހުނެވެ. ކޮންމެވެސް ކަހަލަ ނޭދެވޭ ކަމެއް ހިގައިފިކަން މިދެމީހުން ފެނުމުންވެސް ރާޖާ ސާހަބަށް އެގުނެވެ. ވީމާ އެދެމީހުންގެ ކައިރިއަށް ގޮސް ރާޖާ ސާހަބް ސުވާލު ކުރިއެވެ.
”ވީ ކީއްހެއްޔެވެ؟ ދަރިފުޅާ ރަތަންއެވެ.“
”އެއްވެސް ކަމެއް ނުވެއެވެ. އަންކަލްއެވެ.“ ރަތަން ތެދުވަމުން ބުންޏެވެ. އޭނާ ރާޖާ ސާހަބަށް ކިޔަނީ އަންކަލްއެވެ. ރަތަން ވާހަކަ ކުރިއަށް ގެންދިޔައެވެ.
”ކުއްލިއަކަށް އަރިއަޅާލައިގެން ރިޝްމީ ފެންގަނޑަށް ވެއްޓުނީއެވެ. ވީމާ އަޅުގަނޑު އޭނާ ސަލާމަތް ކޮށްދިނީއެވެ. ރުޅިއައިސްގެން އުޅެނީ އެކަމާއެވެ.“
”ކަލޭ އޭނާ ސަލާމަތް ކުރީ ކީއްވެގެން ހެއްޔެވެ.“ ކުއްލިއަކަށް ގޮޑިން ތެދުވެފައި ރާޖްކުމާރީ ބާރަށް ބުންޏެވެ.
”ކުރިއްސުރެވެސް ފެންގަޑުގައި ކަލާ ނޫނީ އެހެން މީހުންނެތީ ހެއްޔެވެ؟ ކަލޭ ފުންމާލީ ކީއްކުރަން ހެއްޔެވެ؟“
”އައްދޭ! ކޮއިފުޅާއެވެ. ޔަޤީނެވެ. އެހެން މީހުން ތިއްބެވެ.“ ރަތަން ބުންޏެވެ.
”ނަމަވެސް އެހެން މީހަކު އޭނާ ސަލާމަތް ކުރާނެ ކަމަށް އިތުބާރު ކޮށްގެން އެހެން މީހަކު އޭނާ ސަލާމަތް ނުކޮށްފިނަމަ އޭނާގެ ގޭގެ މީހުންނަށް އަހަރެމެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟“
”އެއަންހެން ކުއްޖާ މިގެއަށް ވަނީއްސުރެން އެކަށީގެންނުވާ ކޮންމެވެސް ކަންތައްގަޑެއް ދަނީ އުފެދެމުންނެވެ.“ ރާޖާ ސާހަބް ނިތްކުރިއަށް ރޫ އަރުވާލާފައި އެއްޗެތި ކިޔައިގަތެވެ.
ރާޖްކުމާރީވެސް ހިމޭނަކުން ނުހުރެއެވެ. އަނގަ ތަޅުވަމުން ގެންދެއެވެ.
”މިތަނުން އަވަހަށް ރައްކައުވެގެން ދާން އެނަޞީބު ކުޑަ އަންހެން ކުއްޖާ ގާތުގައި ބުނާށެވެ. އޭނާ ފޮނުވާނުލާނެނަމަ ޚޮދު އަހަރެން މިތަނުން ހިގައިދާނަމެވެ.“
”އޭނާ މިތަނަކުން ނުދާނެއެވެ.“
ކުއްލިއަކަށް އެތަނަށް އައިސް މަނޭޝްރާޖް ބުންޏެވެ. އެހާދިސާގެ ޚަބަރު ލިބުނީ ދާދި ދެންމެއަކުއެވެ.
ވީމާ މިހެންލައިގެން އޭނާ އެދަނީ ރިޝްމީގެ ގާތަށެވެ. ނަމަވެސް ރާޖްކުމާރީ ކުރި އިޢްލާނުގެ އަޑު އިވުމުން އެއްޗެއް ބުނަން ޖެހުނީއެވެ.
”އެއީ އަހަރެންގެ މެހްމާނެކެވެ. މިޕާޓީ ދެމިއޮތްހާ ދުވަހަކު އޭނާ ހުންނާނީ މިގޭގައެވެ.“ މަނޭޝްރާޖް މިހެން ބުނެފައި ރިޝްމީގެ ގާތަށް ހިގައިގެންފިއެވެ.
މަނޭޝްރާޖް ކަންކަށީގައި ތަފާލެއް އެޅީ ކަމުގައި ރާޖްކުމާރީއަށް ހީކުރެވުނެވެ. ރާޖާ ސާހަބް މިމަންޒަރު ފެނުމުން ވަރަށްބޮޑަށް ރުޅިއައެވެ. އޭނާއަށް އެފަދަ ބޮޑު މަޖުބޫރެއް ކުރިމަތިވެފައި ނުވާނަމަ ހަމަ އެވަގުތު ދަރިފުޅު ގޮވައިގެން އޭނާ އެތަނުން ދާނެއެވެ. މަނޭޝްރާޖް ދިއުމުން ރާޖްކުމާރީ އޭނާގެ ބައްޕައާ ދިމާއަށް ބަލާލިއެވެ.
”ކެތްތެރިކަމުގެ ބޭނުން ހިފާށެވެ. ދަރިފުޅާއެވެ…..ކެތްކުރާށެވެ.“ ރާޖާ ސާހަބް ލޭގެ ކޯވަރެއް ދިރުވާލާފައި ބުންޏެވެ.
”މިފަދަ ބަރަކާތްތެރި ވަގުތެއްގައި އެކަހަލަ ވާހަކަ ދައްކާކަށް ނުވާނެއެވެ. މިއީ ހަމައެކަނި މިއަދުގެ ކަމެކެވެ.
ހީވާ ގޮތުގައި އެޑަކައިތު ކަލޭގެ ބޭބެއަށް ޖާދޫއެއް ހެދީއެވެ.“ ރާޖްކުމާރީ އަނގައަށް ވައްތަރު ޖައްސާލާފައ ިބުންޏެވެ.
ރަތަންގެ ހިތަށް ޝައްކުވަނެވެ. އޭނާ ރާޖްކުމާރީ ދެކެ ލޯބި ނުވާކަމަށް ފުރަތަމަ ފަހަރުވީ ޝައްކެވެ.
ރާޖް ކުމާރީގެ ހިތުގައި އަނދާ އަލިފާންގަނޑު ހައްތާދަނީ ބޮޑުވަމުންނެވެ. ވީމާ އޭނާ ރަތަންއަށް ބުންޏެވެ.
”ރަތަންއެވެ. ފަހަރެއްގައި ކަލޭގެ ބޭބެ އެއަންހެން ކުއްޖާއާ އިންނަން ގަސްދުކުރަނީކީ ނޫންހެއްޔެވެ؟“
”ރާޖްކުމާރީ!“ ރާޖްކުމާރީގެ މޫނުމަތީގައި ތަފާލެއް ޖަހަން ރަތަންގެ ހިތަށް އެރިއެވެ. ނަމަވެސް އެފަދަ ކަމެއް ނުކޮށްވޭތޯ އޭނާ ހިތްވަރު ކުރިއެވެ. މިފަދަ ބަރަކާތްތެރި ދަނޑިވަޅެއްގައި އެއީ ރަނގަޅު ކަމަކަށް ނުވާނެއެވެ. ވީމާ އޭނާ ރުޅިވެރިކަމާއެކު ބުންޏެވެ.
”ޚަބަރުދާރުއެވެ. ދެން އަހަރެންގެ ބޭބެއާމެދު ކަލޭ އެފަދަ އެއްޗެއް ބުނެފިނަމަ…..“
”ނަމަވެސް ދަރިފުޅާއެވެ.“ ރާޖާ ސާހަބް އެދޭތެރެއަށް ވަންނަން ގަސްދުކުރިއެވެ.
”ކަލާއަށް އެނގިލައްވާނެއެވެ. އަޅުގަނޑާއި މަންމަ މަސައްކަތްކޮށްކޮށް ވަރުބަލިވެއްޖެއެވެ. ނަމަވެސް ބޭބެ އަބަދުވެސް ކައިވެންޏަށް ދެކޮޅު ހައްދަވަނީއެވެ.“ ރާޖާ ސާހަބްގެ ބަސް މެދުކަނޑާލާފައި ރަތަން ބުންޏެވެ.
”ކުރީގައި ކައިވެނި ނުކުރައްވާފައި މިހާރު ކައިވެނި ކުރައްވަންވީތޯއެވެ؟“
ރާޖާ ސާހަބް ހިމޭންވެއްޖެއެވެ. ރާޖްކުމާރީވެސް އަނގައަކުން ނުބުންޏެވެ. އޭނާ ހުތުރު ފާޑަކަށް އަނގަ ހަދައިގެން ހުރީއެވެ. ރަތަން އެމީހުންނާ ވަކިވެގެން ހެދުން ބަދަލުކުރަން ހިގައްޖެއެވެ.
އެދުވަހު ރިޝްމީ ބެހެއްޓުމަށްޓަކައި މަނޭޝްރާޖް ވަރަށް މަސައްކަތް ކުރިއެވެ. ނުހަނު ބޮޑަށް ވިސްނައިދިނެވެ. ވެރިމީހާ އެދުނު އެދުމަށް އެތާ ހުރުމަށް ރިޝްމީވެސް ބޭނުންވިއެވެ. ނަމަވެސް އޭނާއަކަށް ހުރެވޭކަށް ނެތެވެ. މިއަދުގެ ޕާޓީގެ އުޖާލާކަން އޭނާ މިތާނގައި ހުރެގެން ނައްތާލާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ މިތަނަށް އައިއްސުރެ ނޭދެވޭ ކޮންމެވެސް ކަމެއް ދަނީ ހިގަމުންނެވެ. އޭނާ އައުމުން މަނޭޝްރާޖާއި ރާޖާ ސާހަބްގެ ޚާންދާނުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް އުފެދިއްޖެއެވެ.
ވީމާ އޭނާ މިތަނުން އަވަހަށް ދާންވީއެވެ. ރިޝްމީ ޕާޓީއިން އެނބުރި ދިއުމަށްޓަކައި ހުއްދަ ދިނުން އެދި ރޮއިރޮއިފާ އާދޭސް ކުރިވަރުން މަނޭޝްރާޖަށް ޖެހުނީ އެއަމުރު ދޭށެވެ. ރިޝްމީ ގެއަށް ފޮނުވީ މަނޭޝްރާޖްގެ ޑްރައިވަރާ އެކުގައެވެ. ރިޝްމީ ދާން އުޅެން ފެށީމާ އޭނާގެ ތެމިފައި އޮތް ސާޅީގެ ބަދަލުގައި މަނޭޝް ރާޖް އާންޓީގެ އަތުން ސާޅީއެއް އަތުލައި އޭނާއަށް ދިނެވެ. އާންޓީގެ ސާޅީއެއް ރިޝްމީ ބޭނުން ނުކުރިނަމަ ބާޒާރުން ރިޝްމީއަށް ސާޅީއެއް ގެނުވީހެވެ. ކިތަންމެ ފަސޭހައެއްކޮށްވެސް ރިޝްމީއަށް މިގޭގައި ހެދުން ބަދަލުކޮށް ރީތިވެލެވުނީހެވެ. ރިޝްމީ ހުއްދަ ހޯދައިގެން ދިޔައިމާ މަނޭޝްރާޖް ވަރަށް ދެރަވިއެވެ.
އެރޭ ޑިނަރގެ ފަހުން ބޯލްރޫމް ޑާންސް ފެށުނުއިރު ރާޖާ ސާހަބް ހުރީ ވަރަށް އުފަލުންނެވެ. އެއީ ރިޝްމީ ދިޔައިމާ ވީ އުފަލެކެވެ. ރާޖް ކުމާރީވެސް ހިތާހިތުން ރިޝްމީއަށް އެއްޗެތި ގޮވިނަމަވެސް ހިތްހަމަޖެހުނެވެ. ދެން އެއްވެސް ކަހަލަ ހާދިސާއެއް ނުހިގާނެކަން އޭނާއަށް އެގުނެވެ. ރާޖްކުމާރީއާއި ރާޖާ ސާހަބް އުފަލުން ތިބި ނަމަވެސް ރަތަން ހުރީ ދެރަވެފައެވެ. ރިޝްމީ ނެތްކަމުގެ އުނިކަން ރަތަންއަށް ވަރަށް ބޮޑަށް އިޙްސާސް ކުރެވެއެވެ. ރާޖްކުމާރީ އިށީދެ އިނީ ރަތަންގެ ކައިރީގައެވެ. ރާޖް ކުމާރީގެ އަނެއް ފަރާތުގައި އިނީ ރާޖާ ސާހަބްއެވެ. މަނޭޝްރާޖް ތަންކޮޅެއް ދުރުގައި ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިނެވެ. އޭނާ މުޅިން އެކަނި އިދެގެން އަތުގައި ހުރި ތަށިން ރަލުގެ ކޯވަރުތައް ހުސްކުރަމުން ގެންދެއެވެ. ރިޝްމީ ދިއުމުން އޭނާއަށްވީ ވަރަށް އުދަގޫދެނިވި ކަމަކަށެވެ. ރިޝްމީ ދިޔަދޭކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.
ނުނިމޭ…