ސަލާހުއްދީން އައްޔޫބީގެ މަތިވެރި ޖިހާދުގެ ސިލްސިލާގެ ތެރެއިން – ޗެޕްޓަރ 13

ޞަލާޙުއްދީން އައްޔޫބީ އެމަނިކުފާނުގެ ކޮޓަރި ކޮޅުގައި އިންނެވި އިރު ޢަލީ ބިން ސުފިޔާން އެ މަނިކުފާނަށް ރިޕޯޓް އަރުވަމުން ގެންދެއެވެ. އެބޭފުޅުންގެ އަރިއަހުގައި އެބޭފުޅުންގެ ދެ ނާއިބުންވެސް ތިއްބެވިއެވެ. އެރޭ ޢަލީ ބިން ސުފިޔާން ދެއްވި ރިޕޯޓަކީ މާ ރަގަޅު ރިޕޯޓަކަށް ނުވެއެވެ. އޭގައި މުޅިންވެސް އޮތޯ ބަޣާވާތުގެ ވާހަކައެވެ. ވުމާއެކު އެބޭފުޅުން އެވާހަކަ ދައްކަވާ އެކަމާ ދޭތެރޭ ވިސްނާ ވަޑައިގަންނަވަމުން ގެންދަވަނިކޮށް ދޮރުވާނު ކަލޭގެ މާބޮޑަށް ހާސްވެފައި ހުރެގެން އައިސް އަދަބު އަދާކޮށްފާ ސިފައިންގެ މީހަކު ވަރަށް ބޮޑަށް ޒަޚަމް ވެފާއޮތް އަންހެން ކުއްޖަކު ގޮވައިގެން އައިސް ހުރިހާ ވާހަކައެއް ދަންނަވައިފިއެވެ. އެ އަންހެން ކުއްޖާ އަމީރު މިޞްރާއި ބައްދަލުކުރަން އެދޭ ވާހަކަވެސް ދަންނަވައިފިއެވެ. އެ އަޑު އިވިވަޑައިގަތުމާއި އެކު ރުވާފައި ދޫކޮށްލި ދުންޏެއް ފަދައިން ޢަލީ ބިން ސުފިޔާން ކޮޓަރިން ނިކުމެވަޑައިގެންފިއެވެ. އެމަނިކުފާނުގެ ފަހަތްޕުޅުން ޞަލާޙުއްދީން އައްޔޫބީވެސް ދުވެވަޑައިގެން ވަޑައިގެން ދޮރުކޮޅުގެ މައްޗަށް ނިކުމެވަޑައިގެންނެވިއެވެ. އަވަސްކަމާއެކު ޒަކޯއީ ކޮޓަރިކޮޅުގެ ތެރެއަށް ވައްދުވާ އެމަނިކުފާނުގެ ދާންމަތީކޮޅުގައި ބާއްވަވަޑައިފިއެވެ.

”ކަނޑިފާރު ބޭސްވެރިއަކާއި ޒަޚަމްވެފައި ހުންނަ ތަންތަން ފަހާ މީހަކު އަވަހަށް ގެނުވާށެވެ.“ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ. – މިހެން ވިދާޅުވެފައި ބައްލަވާލެއްވިއިރު އެދުދާންކޮޅުގައި އަޅާފައިއޮތް ޗާދަރު އެކުގައި ލެއިން ކަޅިވެއްޖެއެވެ. ޒަކޯއީގެ ޒަޚަމުން ފައިބަމުންދާ ލޭތައް އެހާވެސް ގިނައެވެ.

”އަޅުގަޑުގެ ކައިރިއަށް އެއްވެސް މީހަކު ގެންނާނޭ ކަމެއް ނެތެވެ.“ ބަލިބަލި އަޑަކުން ޒަކޯއީ ދެންނެވިއެވެ. ”އަޅުގަޑުގެ ވާޖިބު އަޅުގަޑު އަދާ ކޮށްފީމެވެ.“

”ޒަކޯއީއެވެ. ކަލޭ ޒަޚަމް ކުރީ ކާކުހެއްޔެވެ؟“ ޢަލީ ބިން ސުފިޔާން ސުވާލު ކުރެއްވިއެވެ.

”އިހަށް ތިޔަވާހަކަ ހުއްޓަވާލައްވާފައި އެންމެ މުހިއްމު  ވާހަކަ އަޑުއައްސަވާށެވެ.“ ޒަކޯއީ ދެންނެވިއެވެ. ”އަވަހަށް އިރު އުތުރަށް އަސްވާރުން ފޮނުއްވާށެވެ. އެދިމާއަށް ދަތުރުކޮށްފައިދާ ދެ އަސް ވާރުންފޮނުއްވާށެވެ. އެދިމާއަށް ދަތުރުކޮށްފައިދާ ދެ އަސްވާރުން ފެނި ވަޑައިގަންނަވާނެއެވެ. އެމީހުން ލައިގެން ތިބޭނީ ގޮދަން ކުލައިގެ ދެ ޖުއްބާއެވެ. އެކަކު ސަވާރުވެގެން އިންނާނީ ގޮދަން ކުލައިގެ އަހަކަށެވެ. އަނެކަކު ކަޅު ކުލައިގެ އަހަކަށެވެ. ބަލާބެލުމަށް އެމީހުން ހީވާނީ ތާޖަރުންހެންނެވެ. ސިފައިންގެ ވެރިޔާ ނާޖީގެ ފަތްކޮޅެއް އެމީހުންގެ އަތުގައި އޮންނާނެއެވެ. އެއީ ޢީސާއީ ރަސްގެފާނު ޝާހް ފްރެންކްއަށް އޭނާ ފޮނުވާ ފަތްކޮޅެކެވެ. ދުވަސް ކޮޅަކުން ނާޖީގެ އަތް ދަށުގައި ތިބި ސޫދާނީ ލަޝްކަރު ބަޣާވާތް ކުރާނެއެވެ. މިއަށްވުރެ އިތުރު މައުޟޫމާތެއް އަޅުގަޑަކަށް ނޭގެއެވެ. މަނިކުފަނުގެ ވެރިކަން އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. – ވީމާ، މި ދެންނެވި ދެ އަސްވާރުންގެ މަގު ބަންދު ކުރައްވާ އެމީހުން ހިފާ ހައްޔަރުކުރައްވާށެވެ. އެމީހުންގެ ކިބައިގާ ހުރިހާ ތަފްސީލެއް ހުންނާނެއެވެ.“ ވާހަކަ ދައްކަ ދައްކާ އޮއްވާ ޒަކޯއީ ޚަބަރު ހުސްވާގޮތްވާން ފަށައިފިއެވެ.

ބޭސްވެރިންގެ ދެމީހުން އައިސް ޒަކޯއީގެ ޒަޚަމުން ފައިބާ ލޭތައް ބަނދުކުރެވޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. – އެމީހުން ގެނައި ބޭހުން އޭނާގެ އަގައަށް ބޭސްތިކި ޖައްސަން ފަށައިފިއެވެ. – އިރުކޮޅެއްގެ ތެރޭގައި ބޭހުގެ އަސަރުކޮށް ޒަކޯއީއަށް ވާހަކަ ދައްކާލެވޭވަރު ވެއްޖެއެވެ. އެފަހަރު ޚަބަރު ހުސްވުމުގެ ކުރިން ހުރިހާ މުހިއްމު ވާހަކަތަކެއް އޭނާ ދައްކާ ނިންމައިފިއެވެ. ނަމަވެސް ހަކީމުންގެ ފަރުވާއިން ހޭއަރާ ވާހަކަ ދައްކާލާހާވަރު ޖެހުމުން އަނެއްކާވެސް އޭނާއަށް އެގިފައި ހުރި ހުރިހާ ކަމެއް ތަފްސީލްކޮށް ޞަލާޙުއްދީން އައްޔޫބީގެ އަރިއަހުގައި ދަންނަވަން ފަށައިފިއެވެ. – ނާޖީއާއި އަދުރޫޝް ދެއްކި ވާހަކަ ތަކާއި ވަކި ހިސާބަކަށް ވާހަކަ ދިއުމުން އޭނާ އެތަނުން ފޮނުވާލި ކަމާއި ރުޅިއައިސް ރަތްވެފައި ހުރި ނާޖީ ބަޣާވާތް ކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތާއި ރަގަޅު ދެ އަސްވާރުން ހޯދާފައި އިރު އުތުރަށް ފޮނުވާލިމަކާއި، މި ހުރިހާ ވާހަކައެއް ދަންނަވާ ނިމިގެން އޭނާއާއި ހަމަލާ ދިނީ ކާކުކަން ނޭގޭ ކަމުގައިވެސް ދެންނެވިއެވެ. ދަޑިވަޅު ބަލާފައި ޞަލާޙުއްދީން އައްޔޫބީގެ އަރިހަށް ޚަބަރު ހިފައިގެން އަންނަނިކޮށް އޭނާގެ ފަހަތުން އައި މީހަކު ހަމަލާ ދިނުމުން އޭނާވެސް ޚަންޖަރު ނަގާފައި އެމީހާގެ އަޑުން އެއީ އަންހެނެއް ކަން އެގޭ ކަމަށާއި ޒަކޯއީ ދިން ހަމަލާ އެރީ އެ އަންހެން މީހާގެ މެޔަށާއި ބަޑަށް ކަމުން މިހާރު އެމީހާގެ ފުރާނަ ނުހުންނާނޭ ކަމުގައި ދެންނެވިއެވެ. – އެ ހަމަލާ ދިނީ މިވެނި ހިސާބަކުންނޭވެސް ދެންނެވިއެވެ. – އެނާ ވާހަކަ ނިންމާލުމާއެކު ހަމަލާ ދިންކަމަށް އެ ބުނާ ދިމާއަށް ދެ މީހުން ފޮނުވުމަށް ޞަލާޙުއްދީން އައްޔޫބީ އަމުރު ކުރައްވައިފިއެވެ. ހަކީމުންނަކަށްވެސް ޒަކޯއީގެ ޒަޚަމް ތަކުން ފައިބާލޭތައް މަނައެއް ނުކުރެވުނެވެ. އެމީހުން ފަރުވާ ދެވެން ފެށުނުއިރުވެސް އޭނާގެ ގައިން ވަރަށް ގިނަ ލޭ އޮހޮރިގެން ހިގައްޖެއެވެ. ބޭސް ދީގެން ވާހަކަ ދައްކާލެވޭ ވަރުވީ ނަމަވެސް މިހާރު އޭނާގެ ގައިން ހަކަތަ ދެރަ ވެއްޖެއެވެ. ހަތަރެސް ފަޔާއި ދުލުގެ ބާރު ކެޑެމުންދާން ފަށައިފިއެވެ. އެވަރުންވެސް އޭނާ ހިތްވަރުކޮށްފާ ތުރުތުރު އަޅާ އަތަކުން ޞަލާޙުއްދީން އައްޔޫބީގެ އަތްޕުޅުގައި ހިފަހައްޓާލާފައި ބޮސްދިނުމަށްފަހު ދެންނެވިއެވެ. “ މަނިކުފާނާއި މަނިކުފާނުގެ ވެރިކަން މާތް ﷲ ސަލާމަތް ކުރައްވާ ރައްކައުތެރި ކުރައްވާނެތެވެ. ދުވަހެއްގައިވެސް ދުޝްމަނުންގެ އަތުން މަނިކުފާނު ބަލިވެވަޑައެއް ނުގަންނަވާނެއެވެ. މަނިކުފާނުގެ މާތްކަމާއި އީމާންތެރިކަމުގެ ވަރުގަދަކަން އަޅުގަޑަށްވުރެ އަޅުގަޑަށްވުރެ ބޮޑަށް ދަންނާނޭ އެހެން އެއްވެސް މީހަކު ނުހުންނާނެއެވެ. މިހާތަނަށް ވާހަކަ ދައްކާފައި ޢަލީ ބިން ސުފިޔާނާއި މުޚާތަބްކޮށް އޭނާ ދެންނެވިއެވެ. ”އަޅުގަޑު ފަރުވާކުޑައެއް ނުކުރަމުއެވެ. މަނިކުފާނު އަޅުގަޑާއި ހަވާލު ކުރެއްވި ވާޖިބް ވަރަށް ފުރިހަމައަށް އަޅުގަޑު އަދާ ކޮށްފީމެވެ.“

”އާއެކެވެ. ޒަކޯއީއެވެ. އަހަރެން އެދުނު ވަރަށްވުރެވެސް މާ ފުރިހަމައަށް ކަލޭ އެކަންތައް ކޮށްފީމުއެވެ. ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”ނާޖީ އެފަދަ ނުބައި ރޭވުން ގަޑެއް ރާވާފާނެކަމާއި އެ ރޭވުން ގަޑުގެ ސަބަބުން ކަލޭގެ ފުރާނަ ޤުރުބާން ކޮށްލަން ޖެހިދާނެ ކަމަކަށް ފަހަރެއްގައިވެސް ހިތަކަށް އަހަރެން ނާރައެވެ. – އޭނާގެ ކައިރިއަށް އަހަރެން ކަލޭ ފޮނުވީ ހަމައެކަނި އހަރެމެންނަށް ޚަބަރު ގެނެސް ދިނުމަށްޓަކައެވެ.“

އަޅުގަޑަކީ މުސްލިމަކަށް ވިނަމައެވެ.“ ކަރުނައިން ފުރިފައިވާ އަޑަކުން ޒަކޯއީ ދެންނެވިއެވެ. ”ތިޔަ ބޭފުޅުންނަށް އަޅުގަޑު މި ކޮށްދިން މަސައްކަތުގެ އުޖޫރައެއް ދެއްވަން ފެނިވަޑައިގަންނަވާ ނަމަ އަޅުގަޑުގެ އުޒުރުވެރި މަންމަ އާށާއި ބައްޕައަށް ދެއްވާށެވެ. ބާރަ އަހަރުގެ ޅަ އުމުރުގައި އަޅުގަޑު ނަށުން ތެރިއަކަށް ހެދީ އެބައިމީހުންގެ އުޒުރުވެރި ވެރިކަމެވެ. ބައްޕަގެ ލޮލަށް ނޭގުމާއި މަންމަގެ ބަލި ހާލެވެ. އެހާތަނުން ޒަކޯއީގެ އަޑު ކެޑިއްޖެއެވެ. ހަށިގަޑުގެ ބާރު ދެރަވެ އެއްފަރާތަކަށް ބޯ އެލިއްޖެއެވެ. އެވަގުތު ހަކީމުންގެ ދެމީހުން އޭނާގެ ވިންދު ބަލާފައި އުއްމީދެއް ނެތް ގޮތަކަށް ދެއަތަށް ބޯ ހޫރާލިއެވެ. – ޒަކޯއީގެ ޒަޚަމްވެފައިވާ ހަށިގަޑުން އެނާގެ ފުރާނަ ނިކުމެގެން ހިގައްޖެއެވެ. އޭރުވެސް އޭނާ އޮތީ ދެބައި ކުޅަ އެއްބަޔަށް ހުޅުވިފާހުރި ދެލޮލުން ޞަލާޙުއްދީން އައްޔޫބީ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ! ހިނިތުންވެލުމެއްގެ އަސަރުތަކުން ދެތުންފަތްވެސް ހިސާބަކަށް ދުރުވެލާފައި ހުއްޓެވެ.

”މާނާއަކީ ކޮންމެ ދީނެއްގެ ކުއްޖެއް ކަމުގައި ވިޔަސް ފުރިހަމަ އިއްޒަތާއި އެކު މީނާގެ ކަށުކަމާކެމީގެ ކަންތައް ކުރައްވާށެވެ. – މީނާ ބޭނުންނަމަ އަޅުގަޑުމެންނަށް ކެހިދީ މަކަރުވެސް ހެދިދާނެއެވެ. – އެކަމަކު އެފަދަ ގޮތަކަށް ކަންތައް ކުރުމުގެ ބަދަލުގައި އިސްލާމްދީނަށްޓަކައި މީނާގެ އަމިއްލަ ފުރާނަ ޤުރުބާން ކޮށްލައިފިއެވެ.“ ޢަލީ ބިން ސުފިޔާންގެ އަރިއަހުގައި ޞަލާޙުއްދީން އައްޔޫބީ ވިދާޅުވިއެވެ.

ޒަކޯއީގެ ފުރާނަ ދިޔަތަނާހެން އަންހެނެއްގެ ފުރާނަ ނެތް މަސަގަޑު ގެނެވިފައި އޮތް ވާހަކަ ދޮރުވާނު ކަލޭގެ އައިސް ދެންނެވުމުން އެބޭފުޅުން ބޭރަށް ނިކުމެވަޑައިގެން ބެއްލެވިއިރު ދެބައި އުމުރަށް ގޮސްފައިވާ އަންހެނެއްގެ މަސްގަޑު ބޭރުގައި ބާއްވާފައި އޮތެވެ. – އެމަސްގަޑުގެ ކައިރީގައި ދެ ޚަންޖަރުވެސް އޮތެވެ. އެބޭފުޅުންނަށް އެއީ ކޮން އަންހެނެއްކަން އެގިވަޑައި ނުގެންނެވި ނަމަވެސް އެއީ އިނާމުގެ ދަހިވެތިކަމުގައި ޒަކޯއީ އާއި ހަމަލާދިން އަންހެން މީހާ ކަމާއި ނާޖީގެ ހަމަރަމްގެ ކަނީޒެއްކަން ދަންނާނޭ ބަޔަކުވެސް ތިބޭނެއެވެ. – ހަމަ އެރޭ ސިފައިންގެ މަތީ އޮފިސަރުންގެ އިއްޒަތުގައި ޒަކޯއީ ފަސްދާނު ލެވިއްޖެއެވެ. މުސްކުޅި އަންހެން މީހާގެ މަސްގަޑުވެސް ވަޅުގަޑެއް ކޮނެފައި ވައްޓާލުމަށްފަހު ފަސްއަޅާ ފޮރުވާލައިފިއެވެ. މިކަންތައް ކުރެވުނީ ވަރަށް ސިއްރު ގޮތެއްގައެވެ.

އެރޭ ޒަކޯއީ ވަޅުލުމުގެ ކަންތައް ހިގަމުން ދިޔައިރު ނާޖީގެ ފަތްހިފައިގެން ދަތުރު ކުރަމުން ދާ ދެ ޤާސިދުންގެ ފަހަތުން މީހުން ފޮނުއްވެވުމުގެ އިންތިޒާމް ކުރެއްވުމާއިގެން ޞަލާޙުއްދީން އައްޔޫބީ އަވަދިނެތި އުޅުއްވިއެވެ. އެންމެ މޮޅު ނަސްލުގެ ޒުވާން އަހުގެ އަށް އަހާއި ހަށިގަޑުގެ ބާރު ހުރި އަށް މީހުން ހޮއްވަވާފައި ޢަލީ ބިން ސުފިޔާން އާއި ހަވާލު ކުރެއްވިއެވެ. – އެރޭގެ އިރު އެރުމުގެ ކުރިން ޢަލީ އާއި އެ އަށް މީހުން އިރު އުތުރަށް ފުރުވާލެއްވިއެވެ.

ޒަކޯއީ އަކީ ކާކު ހެއްޔެވެ؟ އެއީ މަރާކިޝްގެ ނަށާ އަންހެން ކުއްޖެކެވެ. – އެކަމަކު އެއީ ކޮންދީނެއްގެ ކުއްޖެއް ކަމެއް އެއްވެސް މީހަކަށް ނޭގެއެވެ. ހަމަ ކަށަވަރުން މުސްލިމެއް ނޫނެވެ. އެއީ ޞަލީބީއެއްވެސް ނޫނެވެ. ކުރީގައި ދެންނެވި ދިޔަ ފަދައިން ޢަލީ ބިން ސުފިޔާންއަކީ ޖާސޫސުންގެ ވެރިޔާއެވެ. އެހެން މީހުންގެ ސިއްރުތައް ހޯއްދެވުމުގައި ޢަލީ ބިން ސުފިޔާން ވަރަށް ގިނަ އުކުޅުތައް ބޭނުން ކުރައްވައެވެ. – އެއީ ޞަލާޙުއްދީން އައްޔޫބީ މިޞުރަށް ވަޑައިގެންނެވި އިރު އެމަނިކުފާނުގެ އަރި އަހުގައި މިޞުރަށް ގެންނެވި ބޭފުޅެކެވެ. – އެބޭފުޅުން މިޞުރަށް ވަޑައިގެންނެވުމާއި އެކު ސިފައިންގެ ވެރިޔާ ނާޖީއަކީ މަކަރުވެރި ޝައިޠާންނެއްކަން އެގިވަޑައިގެންފިއެވެ. ވުމާއެކު ނާޖީ ރާވާ ނުބައި ރޭވުންތައް އޮޅުން ފިލުއްވެވުމުގެ ގޮތުން ޢަލީ ބިން ސުފިޔާން ޖާސޫސީ ދަލެއް ފެތުރެއްވެވިއެވެ. އެހެންކަމުން ނާޖީއަކީވެސް ހަސަން ބިން ޞަބާޙްގެ ފިދާއީން ފަދައިން ރީތި އަންހެން ކުދިންނާއި ހަޝީޝްގެ ބޭނުންކޮށްގެން ސުޝްމަނުން އަޅުވެތިކޮށް ޤަތުލު ކުރުވާ މީހެއްކަން އެގިވަޑައިގެންފިއެވެ. – މި ހުރިހާކަމެއް އޮޅުން ފިލުވެވުމަށްފަހުގައި ކޮންމެވެސް ގޮތަކުން މަރާކިޝްގެ އެރީތި އަންހެން ކުއްޖާ ޒަކޯއީ ހޯއްދަވައިފިއެވެ. ދެން އަމިއްލަފުޅަށް ތާޖަރަކަށް ވެވަޑައިގެންނެވިއެވެ. ފޭރާމާއި ސިފަ ބަދަލު ކުރައްވައިގެން ޒަކޯއީގެ ރީތިކަމުގެ ސިހުރުގައި ނާޖީ މުޅިން ހައްޔަރުވެއްޖެއެވެ. – ޞަލާޙުއްދީން އައްޔޫބީ އަތްދަށުލުމަށްޓަކައި ހަތިޔާރެއްގެ ގޮތުން ޒަކޯއީ ބޭނުން ކުރުމަށް ޤަސްދު ކޮށްފިއެވެ. – މިގޮތުން ޒަކޯއީއަށް ތަމްރީން ދީ ތައްޔާރު ކުރަމުން ދިޔަ ދުވަސްވަރު ހުދު ނާޖީ ޒަކޯއީގެ ރީތި ކަމާއި ފަރު ކަމުގެ ދަލުގައި ޖެހި ހަފުސްވަމުން ދިޔަލެއް ބޮޑުކަމުން ޒަކޯއީގެ ހާޒިރުގައި ނާޖީއާއި އޭނާގެ އެއް އަތް ކަމުގައިވާ އަދުރޫޝް ސިއްރު ވާހަކަ ދައްކާ އެކިއެކި ރޭވުންތައް ރާވަމުން ދާން ފަށައިފިއެވެ. – އިތުރު އުދަގުލެއް އުފުލުމަކާއި ނުލައި އެހުރިހާކަމެއް ޒަކޯއީ އެގެމުން ދާން ފަށައިފިއެވެ.

ނާޖީމެން ޞަލާޙުއްދީން އައްޔޫބީ އަށް ދައުވަތު އެރުވި ރޭ އެމަނިކުފާނުގެ ފޭލިގެ ކޮޅަށް ޒަކޯއީ ފޮނުވާފާ އެކަތައިގެ އިންސާނާ ޞަލާޙުއްދީން އައްޔޫބީ އުއްގަޑެއް ފަދައިން ވިރުވާލާ ޒަކޯއީގެ އަތުން އެ މަނިކުފާނަށް ރާފޮދު ހިއްޕަވަން އަރުވާނޭ ކަމުގައި ޔަޤީންކޮށް ލިބުނު ފަތަހައިގެ އުފަލުގައި ހުރި އިރު ޒަކޯއީއަކީ ޚުދު ޞަލާޙުއްދީން އައްޔޫބީގެ ޖާސޫސެއްކަމެއް އޭނާއަކަށް ނޭގެއެވެ. – އެރޭ ޒަކޯއީ އަމަނިކުފާނުގެ ފޭލިގެކޮޅަށް ގޮސް ނާޖީމެންގެ ޚަބަރުތައް އެމަނިކުފާނަށް އަރުވާ އޭގެފަހުން ދެން ކަންތައް ކުރަންވީގޮތުގެ ލަފާފުޅު ހޯދަމުން ދިޔަކަމެއް ނުދެނެހުއްޓެވެ. ނާޖީގެ ގާތަށް ޒަކޯއީ ފޮނުވުނީއްސުރެ އެރެއާ ހަމައަށް ހިގި ހުރިހާކަމެއް އެމަނިކުފާނަށް ސާފުކޮށް ބަޔާންކޮށްދިނުމަށްފަހު ފޭލިގެކޮޅުން ނިކުމެވަޑައިގެން ދެން އޭނާ ދިޔައީ ތަންކޮޅެއް ދުރުގައި ބަންޑުން އޮށޯވެ ލައިގެން އޮތް މީހެއް ކައިރިއަށެވެ. އެއީ ޞަލާޙުއްދީން އައްޔޫބީގެ ޚާއްސަ ޖާސޫސް ޢަލީ ބިން ސުފިޔާން އެވެ. އެމަނިކުފާނުވެސް ދެން ކަންތައް ކުރަންވީގޮތް އޭނާއަށް އޮޅުން ފިލުއްވަވައި ދެއްވިއެވެ. އެރެއަށްފަހުގައި ނާޖީގެ ގެއިން ޒަކޯއީއަށް ނިކުމެވޭ ގޮތް ނުވުމުގެ ސަބަބުން އިތުރު ރިޕޯޓެއް ޢަލީ ބިން ސުފިޔާނަށް އެރުވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އޭނާއަށް ތަންވަޅު ލިބިގެން ޢަލީ ބިން ސުފިޔާނަށް ޚަބަރުދޭން ނިކުތް ރޭ އޭނާގެ މަރު ކުޑަތަންވެފައިވާކަން މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނޭގެއެވެ. މުސްލިމުންގެ އަމީރަށް އޭނާ އެ ގެނެސްދޭ ޚަބަރުގެ މުހިއްމުކަން ދެނަހުރި މީހަކުވެސް ނުމެ ނެތްމެއެވެ. ނާޖީގެ މައްޗަށް ޒަކޯއީ ބާރު ހިންގަމުން ގެންދާތީ ނާޖީގެ ހަރަމުގައި ޒަކޯއީއާއި މެދު ސިއްރު ރޭވުންތަކެއް ރޭވަމުން ދިޔަކަން އެއީ ޒަކޯއީގެ ބަދުނަސީބެވެ. މަތިވެރި މަޤްސަދަކާއިގެން ނާޖީގެ ގެއިން އެނާ ނިކުތް ރޭ، ހަރަމްގެ އަންހެންވެރިން ރޭވި ރޭވުން ކާމިޔާބު ކުރިއެވެ. – އެރޭ ޒަކޯއީ ޤަތުލުކޮށްލިއެވެ. ނަމަވެސް އޭނާ ހިފައިގެން ދިޔަ މުހިއްމު ޚަބަރު ޞަލާޙުއްދީން އައްޔޫބީއާއި ހަމައަށް ފޯރު ކުރެވިއްޖެއުމަށްދާންދެން އޭނާގެ ފުރާނަ ހުއްޓެވެ.

ޒަކޯއީ މަރުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާ އާއި ހަވާލު ކުރެވުނު މަސައްކަތުގެ ބަދަލުގައި ޢަލީ ބިން ސުފިޔާން ދެއްވަން ވައުދުވި އުޖޫރަ އާއި ޞަލާޙުއްދީން އައްޔޫބީ ދެއްވި އިނާމާއި އަންހެން ކުދިން ވިއްކާ މީހއްގެ ގޮތުގައި ޒަކޯއީ ގެންދަވާ ނާޖީއަށް ވިއްކަވާލެއްވުމުން ޢަލީ ބިން ސުފިޔާނަށް ލިބިވަޑައިގެންނެވި ފައިސާއާއި މިހުރިހާ އެއްޗެއް މަރާކިޝްގައި ތިބި ޒަކޯއީގެ އުޒުރުވެރި މައިންބަފައިންނަށް ފޮނުއްވައި ދެއްވިއެވެ.

ޒަކޯއީގެ މަރުގެ ހާދިސާ ހިގިރޮގު ފަޖުރުގެ ތަރި އުދަރެހުން ފާއްދާލި އިރު ޢަލީ ބިން ސުފިޔާނާއި އަސްވާރުންގެ އިތުރުއަށް މީހުން އެބައިމީހުންގެ އަސްތަކުގެ އެންމެ ހަލުވި ދުވެލީގައި އިރު އުތުރަށް ދަތުރު ކުރައްވަމުން ވަޑައިގަންނަވައެވެ. ފަތިސްވެ އަލިވާންވީ އިރު ޢަލީ ބިން ސުފިޔާންމެން އާބާދީފަސް ދެއްވާ މާދުރަށް ވަޑައިގެންފިއެވެ. – ޝާހްފްރެންކްގެ ކިއްލާއަށް ވަޑައިގަންނަވާނޭ މަގު ޢަލީ ބިން ސުފިޔާންއަށް ވަރަށް ރަގަޅަށް އެގިވަޑައިގަންނަވައެވެ. ވުމާއެކު ސީދާ އެދިމާއަށް އެބޭފުޅުން އަސްދުއްވަވަން ގެންދެވިއެވެ. – އޭރު އެބޭފުޅުން ދަތުރުކުރެއްވީ އަސްތަކަށް ކުޑަކޮށް އަރާމު ދެއްވަމުންނެވެ. ޢަރަބި އަސް ކިތަންމެ ވަރަކަށް ވަރުބަލިވިއަސް ތާޒާކޮށް ދައްކާނެއެވެ. ނަމަވެސް ދުރު ދަތުރުތަކުގައި އެ ސޮރުމެންނަށް އަރާމު ދިނުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. – ޢަލީ ބިން ސުފިޔާނާއި އެމަނިކުފާނުގެ އެކުވެރިން ދަތުރު ކުރައްވަމުން ވަޑައިގަންނަވަނިކޮށް ދުރުން މާދުރުން އުދަރެހުގެ ކައިރިން ފެންނަން ހުރި ކަދުރު ރުއްތަކެއްގެ ތެރެއިން ދެ އަސްވާރުން ދަތުރުކޮށްފާ ދާތަން ޢަލީ ބިން ސުފިޔާނަށް ފެނިވަޑައިގެންފިއެވެ. އެވަގުތު ދަތުރުގެ މަގު ބަދަލުކޮށްލުމަށް ޕާރޓީގެ މީހުންނަށް އެ މަނިކުފާނު އަންގަވައިފިއެވެ. – ސަހަރާގައި ދަތުރު ކުރައްވާނޭ ގޮތް އެ މަނިކުފާނަށް އެގިވަޑައި ގަންނަވާތީ މަގު އޮޅި ވަޑައިގެންފާނޭ ކަމުގެ ބިރެއް އެ މަނިކުފާނަށް ނޯވެއެވެ. ވުމާއެކު ސަހަރާގެ ވައިރޯޅިތައް އެއްކޮށްފާހުރި ފަސްފުނިފުނީގެ ނިވަލުން ދަތުރުކުރުމަށް ވިދާޅުވެފާ އެމަނިކުފާނުގެ އަސް ކޮޅުގެ ދުވެލި ބާރު ކުރައްވައިފިއެވެ. ޢަލީ ބިން ސުފިޔާނަށް އެ ދެ އަސްވާރުން ފެނިވަޑައިގެންނެވި އިރު އެދޭތެރޭގައި ހަތަރު މޭލުގެ ދުރުމިން ހުންނާނެއެވެ. އެ ދުރުމިން އިސާހިތަކު އެބޭފުޅުން ކަޑައްތުކޮށްފިއެވެ. ކުރީގައި ދާ އަސްވާރުން އިތުރު ދެ މޭލަށް ދަތުރުކޮށްފިއެވެ. ހީވާގޮތުން އެމީހުންގެ އަސްތައްވެސް މިހާރު ވަރުބަލި ވެއްޖެއެވެ. ކުރިމަތީގައި އޮތް ވެލި ފަރުބަދަގަޑަކާއި ހަމައިން އެމީހުން އަހުން ފައިބައިފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ފަރުބަދަގަޑުގެ އަނެއް ފަރާތަށް ގޮސް އެމީހުން ގެއްލިއްޖެއެވެ.

”ވަރުބަލި ފިލުވާލުމަށްޓަކައި ފަރުބަދަގަޑުގެ އެފަރާތުގައި އެމީހުން އިށީނީ ކަންނޭގެއެވެ. މިހެން ވިދާޅުވެފާ ޢަލީ ބިން ސުފިޔާން އަނެއްކާވެސް ދަތުރު ކުރައްވަމުން ވަޑައިގެންނެވި މަގު ބަދަލު ކުރައްވައިފިއެވެ.

ދުރުމިން ކައިރިވަމުން ގޮސް މަދު ގަޒުކޮޅަކާއި ހަމައަށް ކައިރިވެފާވަނިކޮށް އެއްކަލަ ދެ މީހުން ފަރުބަދަގަޑުގެ ނިވަލުން ނިކުމެއްޖެއެވެ. އެވަގުތު ކަޑަބޮއް ޖަހާފައި ދުވަމުން އަންނަ އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވިގެން އޭގެ ދެ މީހުން ދުވެ ރައްކާވެއްޖެއެވެ. – އެތަން ފެނިވަޑައި ގަތުމުން ޢަލީ ބިން ސުފިޔާން އެ މަނިކުގެ އަސްކޮޅިގައި ފުންނާބުން ޖައްސަވައިފިއެވެ. ވަރުބަލި ވެފާއޮތް އަސްކޮޅު އެ ސޮރުގެ ވަފާތްތެރިކަން ފުރިހަމައަށް އަދާކޮށްފިއެވެ. ހަތަރު މޮއްގަޑަށް ބާރުލާފާ އަޅާ ދުއްވައިގެންފިއެވެ. ދެން ތިބި މީހުންގެ އަސްތަކުގެ ދުވެލިވެސް ބާރުކޮށްލައިފިއެވެ. ނަމަވެސް އެބޭފުޅުން ފަރުބަދަގަޑުގެ އެ ފަރާތަށް ނިކުމެ ވަޑައިގެންނެވި އިރު އަނެއް ދެމީހުންގެ ހިލަންހުވަންވެސް ނެތެވެ. ފިލާ ރައްކައުވެއްޖެއެވެ. އެކަމަކު އެމީހުންނަށް މާދުރަށް ނުދެވޭނެކަމާއި މިހާރު އެމީހުން ތިބޭނީ ބިރުގެންފާކަން ޢަލީ ބިން ސުފިޔާނަށް ވިސްނިވަޑައިގެންނެވިއެވެ. – ނަމަވެސް އެގޮތް މިގޮތަށް އުފުލިފާ ހުރި ފަސްފުނިތަކެއްގެ ތެރެއިން އެމީހުން ހޯއްދެވުމަކީ މާ ފަސޭހަކަފުޅު ކަމަކަށް ނުވާނޭކަންވެސް އެގިވަޑައިގެންނެވިއެވެ. އެއް ފަހަރު ކަނާތް ފަރާތަށް އަނެއް ފަހަރު ވައަތް ފަރާތަށް އަސް ދުއްވަވައިގެންވެސް އެމީހުން ފެނިވަޑައެއް ނުގެންނެވިއެވެ. އެންމެ ފަހުން އެމަނިކުފާނުގެ ޕާރޓީގެ މީހުން ބައިބައި ކުރައްވާފާ އެކި ފަރާތްފަރާތަށް ފޮނުއްވަވާފިއެވެ. ފިލަން ދިޔަ މީހުންނަށްވުރެ ސަތޭކައެއްހާ ގަޒު ކުރިއަށް އަރައިގެން ދިއުމަށް އެއްބަޔަކަށް އަންގަވައިފިއެވެ. މިގޮތަށް މަސައްކަތް ފެއްޓެވުމުން ވަރަށް ފަސޭހައިން އެމީހުން ފެނިވަޑައިގެންފިއެވެ. އެމަނިކުފާނުގެ ޕާރޓީގެ ތެރެއިން ދުނި އުކަން މޮޅުމީހަކު އެތަނުން އެކަކު އަރާއިން އެހުގެ ކުރީ ދެފަޔަށް ދުނިޖަހައިފިއެވެ. ކުއްލިއަކަށް އެ އަސް ކޮންޓްރޯލުން ނެއްޓިއްޖެއެވެ. މިކަހަލަ ސަކަރާތެއްގައި އިރުކޮޅެއް ހޭދަވުމަށްފަހު ޢަލީ ބިން ސުފިޔާންމެން ވަޑައިގެން އަނެއް މީހުން ވަށާލައްވައިފިއެވެ. އެމީހުން ބަލިވެގެން ހަތިޔާރު ބަހައްޓައިފިއެވެ. ނަމަވެސް ފުރަތަމަ ތިމަންމެންނަކީ ތާޖަރުންނޭ ކިޔައިގެން ޢަލީ ބިން ސުފިޔާންގެ އަރި އަހުގައި އެމީހުން ދޮގު ދެންނެވިއެވެ. އެމީހުންގެ ޖުއްބާތަކުގެ ޖީބުތައް ހޯއްދަވައިގެން ނާޖީ ހަވާލުކޮށްފައިއޮތް ފަތް އަތުލައްވަންދެން ފުރަތަމަ ބުނިބަހުގައި އެމީހުން ހިފެހެއްޓިއެވެ.

އޭގެ ދެމީހުން އަތުލައްވާ ހައްޔަރުކުރެއްވުމަށްފަހު ޢަލީ ބިން ސުފިޔާނާއި އެމަނިކުފާނުގެ އަސްތަކަށް އަރާމުގެ ވަގުތުކޮޅެއް ދެއްވަން މަޑުކޮށްލައްވައިގެން ތިއްބަވާފައި އެބުރި ވަޑައިގަތުމުގެ ތަދުރުފުޅު ފައްޓަވައިފިއެވެ.

ޞަލާޙުއްދީން އައްޔޫބީ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރައްވަމުން ގެންދަވަނިކޮށް އެދުވަސް ވޭތުވެގެން ހިގައްޖެއެވެ. އަދިވެސް ޢަލީ ބިން ސުފިޔާންމެންގެ ޚަބަރެއް ލިބިވަޑައެއް ނުގަންނަވައެވެ. އެގޮތުގައި އެދުވަހާއި އެރޭގެ އެތަކެއް ދަން ފާއިތުވެގެން ހިގައްޖެއެވެ. އެންމެ ފަހުން ރޭދަބައިވެފާ ވަނިކޮށް އެމަނިކުފާނު އޮށޯވެވަޑައިގެންފިއެވެ. ހާރުދަމުގެ ވަގުތެއްގައި އެމަނިކުފާނަށް އަވަހާރަފުޅު ލެއްޕެވޭ ގޮތްވެ ލޯފުޅު މެރެމުން ދަނިކޮށް ދޮރުކޮޅުގައި މަޑުމަޑުން ޓަކިދޭ އަޑުއިވިވަޑައިގެން ފުންމައިގެން ތެދުވެވަޑައިގެންފިއެވެ. ދުވެވަޑައިގެން ދޮރުކޮޅު ހުޅުވާލެއްވިއިރު ކުރިފުޅުމަތީގައި ޢަލީ ބިން ސުފިޔާން ހުންނެވިއެވެ. ޢަލީގެ ފަހަތްޕުޅުގައި އަނެއް އަށް އަސްވާރުންނާއި ޤައިދީންގެ ދެމީހުން ތިއްބެވެ. އެބައި މީހުން ފެނިވަޑައިގެންނެވުމުން އަވަސް އަވަހަށް އެމަނިކުފާނުގެ އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅަށް އެބައިމީހުން ވައްދަވާފައި ޢަލީ ބުން ސުފިޔާންގެ އަތްޕުޅުގައި އޮތް ނާޖީގެ ފަތް އަތުލައްވަވައިގެން އެ ފަތުގައި ހުރި އިބާރާތްތައް ވިދާޅުވަމުން ގެންދެވިއިރު ފުރަތަމަ އެމަނިކުފާނުގެ މޫނުފުޅަށް ރީދޫކުލައެއް އެރިއެވެ. އޭގެފަހުން ކުއްލިއަކަށް އެކުލަ ފަޑުވެފާ ދެލޯފުޅާއި މޫނުފުޅުން އިސްލާމީ ޖޯޝްގެ ރަތްކުލަ ފާޅުވެގެން ދިޔައެވެ.

ނާޖީ ލިޔެފައި އޮތީ ފުދޭވަރެއްގެ ދިގު ފަތެކެވެ. ޞަލީބީންގެ ރަސްކަލެއް ކަމުގައިވާ ޝާހް ފްރޭންކް އަށް އޭނާ ލިޔެފައި އޮތެވެ. މިވެނި ދުވަހެއްގެ މިވެނި ވަގުތެއްގައި ޔޫނާނީންނާއި، ރޫމީންނާއި، ޞަލީބީންގެ ކަނޑުގެ ލަޝްކަރަކާއިގެންވަޑައިގެން ރޫމުގެ ކަނޑާއިވީ ފަރާތުން މިޞުރުގެ އައްސޭރިއަށް ލަޝްކަރު ބާލުއްވަވާ ހަމަލާދެއްވާށެވެ. – އެ ހަމަލާގެ ޚަބަރު ލިބުމާއިއެކު ސޫދާނުގެ ފަންސާސް ހާސް ސިފައިން އަމީރު މިސްރާއި ދެކޮޅަށް ބަޣާވާތް ކުރާނެއެވެ. – މި ބަޣާވާތާއި ހަމަލާއާއި މުޤާބަލާކޮށް ދިފާޢު ކުރުމުގެ ހިތްވަރާއި ކުޅަދާނަކަމެއް މިޞުރުގެ އައު ލަޝްކަރަކު ނުހުންނާނެއެވެ. – މީގެ އިތުރަށްވެސް މިޞުރާއި މިޞުރުގެ ކައިރި ކައިރީގައިވާ ރަށްތަކުގެ ބޮޑެތި ބޮޑެތި ވެރިންގެ ޝަރުތުތައް ނާޖީގެ ފަތުގައި ހުށަހަޅާފައިވެއެވެ.

ޞަލާޙުއްދީން އައްޔޫބީ ފަތް ވިދާޅުވެ ނިންމަވާފައި ފަތް ހިފައގެން ދަތުރުކުރި ދެ ގާސިދުން ބިންގަރާސް ޖަލުގައި ހައްޔަރު ކުރެއްވިއެވެ. ހަމަ އެވަގުތު އެމަނިކުފާނުގެ އައު ލަޝްކަރުގެ ސިފައިން ފޮނުއްވައިގެން ނާޖީއާއި އޭނާގެ ތިން ނާއިބުން ގޭގައި ބަންދުކުރައްވާފައި ގޭގެކައިރީގައި ސިފައިން ފޯރިއަށް ބައިތިއްބެވިއެވެ. – ނާޖީގެ ހަރަމްގައި ތިބި ހުރިހާ އަންހެނުން މިނިވަން ކުރައްވާ ދޫކޮށްލެއްވިއެވެ. އޭނާގެ އަމިއްލަ ޚަޒާނާ ސަރުކާރުގެ ޚަޒާނާޔާ އެއްކުރެއްވިއެވެ. – ނުހަނު ސިއްރުވެރި ގޮތެއްގައި އެމަނިކުފާނު މިހުރިހާ ކަމެއް ކުރައްވާ ނިންމަވާލެއްވެވިއެވެ. – ދެން ޝާހް ފްރޭންކްއަށް ނާޖީ ލިއުނުފަތް ހިއްޕަވައިގެން ވަޑައިގެން ޢަލީ ބިން ސުފިޔާންގެ އެހީފުޅާއެކު ހަމަލާ ދިނުމަށް އޭގައި ލިޔެފައި އޮތް ތާރީޚް ފުހެލައްވާފައި އޭގެ ފަހުގެ ތާރީޚެއް ލިއުއްވިއެވެ. މިގޮތުން ފަތުގައިވާ ތާރީޚް ބަދަލުކުރެއްވުމަށްފަހުގައި ބުއްދިވެރި ދެމީހުން ގެންނަވާ އެ ފަތް އެމީހުންނާ ހަވާލުކުރައްވަމުން އެއީ ނާޖީ ފޮނުވައިގެން ދިޔަ ބައެއްކަން ޝާހް ފްރޭންކަށް ޔަޤީންފުޅުކަން އެރުވުމަށް ވިދާޅުވެފާ އޭގެ ދެ މީހުން ފުރުވާ ލައްވައިފިއެވެ. – ސޫދާނުގެ ލަޝްކަރާއި މިޞުރުގެ ލަޝްކަރު އެއްކުރެއްވުމަށް ކުރެއްވި އަމުރުފުޅު އަބުރާ ގެންނަވާ ކުރީގައި އޮތްގޮތް ނޫން ގޮތަކަށް އެކަންވެސް ހަމަޖައްސަވައިފިއެވެ.

ނާޖީގެ ނަމުގައި ޞަލާޙުއްދީން އައްޔޫބީ ޝާހް ފްރޭންކް އަށް ފޮނުއްވި ފަތްކޮޅު ހިފައިގެން ދިޔަ ދެމީހުން ދަތުރަށް ނިކުތްތާ އަށްވަނައަށް ވީ ދުވަހު ޝާހް ފްރޭންކް ދެއްވި ޖަވާބު ފަތްކޮޅުހިފައިގެން އެބުރި އަތުވެއްޖެއެވެ. އޭގައި އެމަނިކުފާނު ލިއުއްވާފައި އޮތެވެ. ހަމަލާ ދިނުމުގެ ދެދުވަސް ކުރިން ސޫދާނީ ލަޝްކަރު ބަޣާވާތް ކުރަންވާނެއެވެ. އޭރުން ޞަލީބީންގެ ހަމަލާތައް ހުއްޓުވޭނޭ ފިކުރުފުޅެއް ޞަލާޙުއްދީން އައްޔޫބީއަކަށް ވިސްނިވަޑައެއް ނުގަންނަވާނެއެވެ. – ޝާހް ފްރޭންކްގެ ޖަވާބުގެ ފަތްކޮޅު ވިދާޅުވެފާ ޢަލީ ބިން ސުފިޔާން އެރުވި ލަފާފުޅުގެ މަތިން ޞަލާޙުއްދީން އައްޔޫބީ ދެއްވި އަމުރުފުޅަށް ޝާހް ފްރޭންކްގެ އަރިއަހަށް ދިޔަ ދެ ޤާސިދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. ނުހަނު ޤަދަރާއި އިއްޒަތުގައި މީރު ކާނާއާއި މޮޅުފޭރާން ދީފައި އަރާމާއި އުފަލުގައި ތިބެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާ ވަރަށް ފުރިހަމަ އަށް އެމީހުން ބަލަހައްޓަވަމުން ގެންދެވިއެވެ. އެއީ ފަހަރެއްގައިވެސް އެމީހުންގެ ފަރާތުން އެ ސިއްރު ފާޅުވެފާނޭތީ ރައްކައުތެރިވެ ވަޑައިގެންނެވުމުގެ ގޮތުން އެ ބޭފުޅުން އެޅުއްވި ފިޔަވަޅެކެވެ. ފަހަރެއްގައިވެސް އެމީހުން ދެރަ ކުރައްވާ ނިކަމެތި ކުރެއްވުމުގެ ގޮތުން ކުރެއްވި ތަދުބީރެއް ނޫނެވެ.

ރޫމުގެ ކަނޑުގެ އައްސޭރީގައި ޞަލީބީންގެ ނައުފަހަރުތައް ނަގިލިލުމަށް ކަޑައެޅިފައިވާ ހުރިހާ ފަރާތެއްގައި މިޞްރުގެ ލަޝްކަރުގެ ސިފައިންނަށް ފިލާ ތިބެވޭނެ ގޮތުން ޞަލާޙުއްދީން އައްޔޫބީ ރޭއްވެވިއެވެ. މިސްރުގެ ނައުފަހަރު ބޭރުކަޑަށް ނެރުއްވިއެވެ. – މިގޮތުން ޞަލީބީ ލަޝްކަރު އައްސޭރިއަށް ފޭބުމަށް ހަމަޖެހިފައިވާ ހުރިހާ ދިމާއެއްގައި ސަލާމަތީ ފިޔަވަޅު އެޅުއްވިއެވެ. – ޞަލީބީން ހަމަލާ ދިނުމުގެ ކުރިން ސޫދާނީ ލަޝްކަރު ކުރި ބަޣާވާތް ޞަލާޙުއްދީން އައްޔޫބީގެ މޮޅު ސިޔާސަތާއި ރީތީ އަމަލުފުޅުތަކުން އޮއްބަވާ ލެއްވި ކަމަށާއި އެކަމުގައި ހަގުރާމައިގެ އެއްވެސް ބާރެއް ބޭނުންފުޅު ނުކުރައްވާ ކަމުގައި ސިރާޖުއްދީން ނަމަކަށް ކިޔާ މުއައްރިޚް އަކު ލިއުއްވާފައިވެއެވެ. ސޫދާނުގެ ލަޝްކަރު ކުރި ބަޣާވާތް ނާކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ބާޣީންގެ ލީޑަރާއި އޭނާގެ ދެ ނާއިބުން ހައްޔަރުކޮށްފާ ތިބުމުން ލަޝްކަރުގެ މީހުންނަށް ހިތްވަރު ދޭން ނާދެވުންކަމުގައިވެސް ލިއުއްވިއެވެ.

ހީތާޗީ ކިޔާ މުއައްރިޚަކު ލިއުއްވާފައިވާ ގޮތުގައި ސޫދާނުގެ ލަޝްކަރު ބަޣާވާތް ކުރީ ޞަލީބީންގެ ހަމަލާއަށް ފަހުގައެވެ. ދެބޭފުޅުންގެ ލިއުއްވުމުގައި މިތަފާތު ހުރިނަމަވެސް އެހެން ހާދިސާތައް ބަޔާން ކުރައްވާފައި ހުރީ އެއްގޮތަކަށެވެ. – ހަމަ އެރޭ ޞަލާޙުއްދީން އައްޔޫބީ ސިފައިންގެ ވެރިޔާ ނާޖީއަށާއި އޭނާގެ ދެ ނާއިބުންނަށް ބިންގަރާސް ޖަލުގައި މަރުގެ އަދަބު ދެއްވުމަށްފަހު ސިއްރުވެރި ޤަބުރުސްތަނެއްގައި ވަޅުލެއްވިކަމުގައި މި ދެ މުއައްރިޚުންވެސް ލިއުއްވާފައިވެއެވެ. – ހަމަ މިދެ މުއައްރިޚުންނާއި މުއައްރިޚް ލީން ޕައުލްވެސް ޞަލީބީންގެ ކަޑުގެ ލަޝްކަރުގެ އަދަދު ލިއުއްވާފައިވަނީ އެއްވަރަކަށެވެ. – މިބޭފުޅުންގެ ލިއުއްވުންތަކުގައި މިފަދައިން ބަޔާން ކުއްވާފައިވެއެވެ. ޝާހްފްރޭންކްއަށް ނާޖީ ލިއުނު ފަތް ޞަލާޙުއްދީން އައްޔޫބީއާއި ޢަލީ ބިން ސުފިޔާން ބަދަލު ކުރައްވާފައި އެރަސްގެފާނަށް ފޮނުއްވުމުން ހަމަލާ ދިނުމަށް ކަޑައެޅިފައި އޮތް ތާރީޚަށް ޝާހް ފްރޭންކް ލަޝްކަރު ފޮނުއްވެވިއެވެ. އެދުވަހުގެ އިރު އެރި އިރު ޞަލީބީންގެ ކަނޑުގެ ލަޝްކަރު ރޫމުގެ ކަނޑުތެރެއިން ދައްކާލައިފިއެވެ. މި ލަޝްކަރުގައި ފްރޭންކް، ޔޫނާން، ރޫމީ އަދި ސިސިލްގެ ކަނޑުގެ ސިފައިން ހިމެނެއެވެ. މިބައި މީހުން ދަތުރުކުރީ އެ ޒަމާނުގައި ގެންގުޅޭ ހަގުރާމަވެރި ނައުފަހަރުގެ ތެރެއިން އެންމެ ބޮޑެތި ބާރަ ނަވާއި އާދައިގެ ސަތޭކަ ފަންސާސް ނަވުގައި ކަމަށް ބުނެވެއެވެ. – ޞަލީބީންގެ ކަޑުގެ ލަޝްކަރުގެ ކޮމާންޑަރަކަށް ހުރީ އެމްލާރކް ނަމަކަށް ކިޔާ ލީޑަރެކެވެ. ހަމަލާގެ ދުވަސްވަރުގައި ލަޝްކަރަށް ބޭނުންވާނޭ ކޮއްތު ބޯފެން ދަރު ލައިގެން އައި ރިޔާނެގި ނައުފަހަރުގެ އަދަދު މާރަގަޅަކަށް އެގޭކަށްނެތެވެ. ހުރިހާ ނައުފަހަރު ދަތުރުކޮށްފާ އައީ ދެ ސަފަކަށެވެ. މިބޮޑު ލަޝްކަރު މިސްރާބު ޖަހާފައިވަނީ ސީދާ މިސްރާއި ދިމާއަށެވެ.

ޞަލީބީން މިސްރަށް ހަމަލާދޭން އޮތް ދުވަހު ދިފާއުގެ ހުރިހާ ބާރެއް ޚުދު ޞަލާޙުއްދީން އައްޔޫބީގެ ބާރުގެ ދަށަށް ގެންނެވިއެވެ. – އެމަނިކުފާނު ހަމަ ގަސްތުގައި ޞަލީބީންގެ ލަޝްކަރު އައްސޭރިއާއި ހަމައަށް އަޔަދެއްވިއެވެ. – ލަޝްކަރުގެ ކުރީގައި އޮތް އެންމެ ބޮޑު ނައު އައްސޭރިއަށް ގޮޑުކޮށް ނަގިލި ވައްޓާލުމާއެކު ގޮޑު ދޮށުގައި ފިލާތިބި މިޞުރުގެ ލަޝްކަރު ސާޅަނގަ ތަކުގައި ލާފައި ދޫކުރި ބޮޑެތި އަލިފާން ގުޅަތަކަކާއި އަލިފާނުގެ ދުނިތަކެއް ނައުފަހަރަށް އޮހެން ފަށައިފިއެވެ. އިސާހިތަކު މި އަލިފާނުން ނައުފަހަރުގެ ވާވެލާވެލީގައި ހުޅު ހިފައިފިއެވެ. ލަކުޑިން ބަދެފައި ހުރި ނައުފަހަރުތަކުގައި ރޯވެގެން އަދަން ފަށައިފިއެވެ. – އަނެއް ކޮޅުން ކަނޑުތެރޭގައި ފިލާ ތިބި މުސްލިމުންގެ ކަނޑުގެ ލަޝްކަރު ފަހަތުން އައިސް އަލިފާނުގެ ހަމަލާ ދޭން ފަށައިފިއެވެ. – ދެނަކާދެނެއް ނެތެވެ. ހީވީ ރޫމުގެ ކަނޑުގައި އެކީ އެކައްޗަކަށް އަލިފާން ރޯވެގެން އަދައިގެންފިހެންނެވެ. ޞަލީބީންނަށް ލިބުނު ކުއްލި ސިހުމުގައި ހުރިހާ ނައުފަހަރުތައް އެއް ފަހަރާ އައިކޮޅަށް އަބުރާލައިފިއެވެ. – ތަނެއް ދޮރެއް ނޭގޭ ވަރަށް ރޯވެފައިހުރި އަލިފާނުގެ ތެރޭގައި އެކަތި އަނެކައްޗަށް ލައިގަންނަމުން އެކަތީގައި ރޯވެފައި ހުރި އަލިފާނުން އަނެކަތީގައި ރޯކުރަމުން ދަން ފަށައިފިއެވެ. ހާސްވެފައި ތިބި ޞަލީބީ ސިފައިން ކަޑަށް ފުންމަން ފަށައިފިއެވެ. އައްސޭރިއާ ދިމާއަށް ފަތައިގަތް ސިފައިން ޞަލާޙުއްދީން އައްޔޫބީގެ ލަޝްކަރުގައި ތިބި ދުނި އުކާމީހުންގެ ދުނިތަކުގެ ޝިކާރަތަކެއް ކަމުގައި ވެގެން ހިގައްޖެއެވެ.

އަނެއްކޮޅުން ނޫރުއްދީން ޒަންގީ ލަޝްކަރު ގޮވައިގެން ވަޑައިގަންނަވާ ޝާހް ފްރޭންކްގެ ރިޔާސަތަށް ހަމަލާ ދެއްވިއެވެ. – ޝާހް ފްރޭންކް އެމަނިކުފާނުގެ އަމިއްލަފުޅު ލަޝްކަރު އެއްގަމުގެ މަގުން މިޞްރާއި ދިމާއަށް ފުރުއްވާލައްވާފައި ޞަލީބީންގެ ކަޑުގެ ލަޝްކަރާއި އެކު ވަޑައިގެން ރޫމުގެ ކަޑުގެ އައްސޭރީގައި އަލިފާނުގެ ހިޞާރެއްގެ އެއްގެ ތެރޭގައި އުޅުއްވަނިކޮށް އެމަނިކުފާނުގެ ވެރިކަމުގެ މައްޗަށް ނަވާޒުއްދީން ޒަންގީ ހަމަލާ ދެއްވި ޚަބަރު ލިބިވަޑައިގަތުމުން ނުހަނު އުދަގޫ ހާލުކޮޅުގައި ފުރާނަފުޅު ސަލާމަތްކުރައްވައިގެން އަވަސް އަވަހަށް އަމިއްލަފުޅު ވަޒަނަށް އެބުރި ވަޑައިގެންފިއެވެ. އޭރު އެތާގެ ދުނިޔެ އޮތީ މުޅިން ބަދަލުވެފައެވެ.

ރޫމުގެ ކަޑުގައި ޞަލީބީންގެ ކަނޑުގެ ލަޝްކަރު އަލިފާނަށް ނަޒުރު ވެގެން ހިގައްޖެއެވެ. – ޞަލީބީ ލަޝްކަރުގެ ކޮމާންޑަރު އެމްލާރކް ފިޔަވައި އެހެން އެންމެން އަދާ އަޅިއަށްވެ ކަނޑަށް ޣަރަޤްވެގެން ހިގައްޖެއެވެ. – އެމްލާރކްވެސް ބަލިވެގެން ހަތިޔާރު ބަހައްޓާފައި ސުލްހައަށް އެދެފިއެވެ. ގިނަ އަދަދަކުން ފައިސާ ދޭން ބުނެފާ އޭނާ މިދެންނެވި ދެންނެވުމުން ޞަލާޙުއްދީން އައްޔޫބީ ޤަބޫލްފުޅު ކުރެއްވިއެވެ. – މިޞުރަށް ހަމަލާދޭން އައި ލަޝްކަރުގައި ހިމެނޭ ޔޫނާނީންނާއި ސިސިލީން ދަތުރުކުރި ނައުފަހަރުގެ ތެރެއިން ބައެއް ނައުފަހަރު ސަލާމަތްވިއެވެ. ވުމާއެކު އެނައުފަހަރާއިގެން ދަތުރުކޮށްފާ އެބުރި ދިއުމަށް ޞަލާޙުއްދީން އައްޔޫބީ އަމުރުފުޅު ދެއްވިއެވެ. ނަމަވެސް އެބުރި ދިޔަ މަގުމަތީގައި އައި ވަރުގަދަ ތޫފާނެއްގައި ޖެހިގެން އެނައުފަހަރުވެސް ކަޑަށް ޣަރަޤްވެގެން ދިޔައީއެވެ.

1179 ވަނަ އަހަރު ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހު ޞަލީބީން އަމިއްލައަށް ހަގުރާމައިން ބަލިވާ މީހުން ފަތަހަ ލިބޭ މީހުންނަށް ދޭންޖެހޭ ޖޫރިމަނާ ޞަލާޙުއްދީން އައްޔޫބީއަށް އެރުވުމަށްފަހު އެބައިމީހުން ބަލިވެއްޖެކަމަށް ޤަބޫލު ކުރިކަން އަންގައިދޭ ލިޔުމެއްގައި ސޮއި ކުރިއެވެ. ޞަލާޙުއްދީން އައްޔޫބީއަށް ލިބިވަޑައިގަތް މަތިވެރި ކާމިޔާބީއާއި ފަތަހައިގެ ހުރިހާ ޝަރަފެއް ޙައްޤުވަނީ އެމަނިކުފާނުގެ ޖާސޫސުންނަށް ކަމުގައި މުއައްރިޚުން ލިއުއްވައެވެ. – މި ފަތަހައިގެ ތަފްސީލް އެޒަމާނުގެ މަރާކިޝްގެ މުއައްރިޚަކު ކަމުގައިވާ އަލްއަސައްދީ ލިއުއްވަމުން ގެންދެވިއިރު މަރާކިޝްގެ ނަށާ އަންހެން ކުއްޖާ ޒަކޯއީ އާއި ޢަލީ ބިން ސުފިޔާންގެ ތައާރަފެއްވެސް ވަރަށް ފުރިހަމައަށް ލިއުއްވާފައިވެއެވެ.

މިއީ ޞަލާޙުއްދީން އައްޔޫބީއަށް ކުރިމަތިވެ ވަޑައިގެންނެވި ނުރައްކާތަކާއި ބިރުވެރިކަންތައް ގަޑުގެ ފެށުމެވެ. މި ހަގުރާމައަށް ފަހުގައި ބޮޑެތި ބޮޑެތި ނުރައްކާތަކާއި ބިރުވެރިކަންތައްތަކުން އެމަނިކުފާނު ވަށާލެވިއްޖެއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.