މަލުގެ ރާނީ – ޗެޕްޓަރ 2

ހޫނު މޫސުމުގެ ދުވަސްތަކެވެ. އެތަކެއް ދުވަހުއްސުރެ ޖައްވު އަނދަމުން ދަނީއެވެ. ނޫއުޑުގެ ތިރިން އުދަރެސް ކައިރިންވެސް ފެންނަނީ ރަންވަންލޯގެ ކުލައެވެ. އަވީގެ ހޫނުގަދަކަމުން ހިލަތަކުންވެސް ކުލަދާން ފަށާފިއެވެ. ފެހިދަނޑުތަކާއި ރޯގަސްތަކުގެ ފަތްތައް އަނދަމުން މުށިކުލަ އަރަމުންދެއެވެ. ނަމަވެސް ހޫނު މޫސުމުގެ ހޫނުގަދަ ދުވަސްވަރެއް އަދި ނާދެއެވެ. މޫސުމުގެ ފެށުމުގާ އެހާވަރިއްޔާ ނިމިގެންދާނޭ ގޮތެއްވެސް ނޭނގެއެވެ. މިހާރުވެސް އިންސާނުންނާއި ޖަނަވާރުތަކުގެ ހީވާގިކަމުގާ ކަންނެތްކަން އުފެދެން ފަށައިފިއެވެ. ހޫނު ކިތަންމެ ގަދަވިޔަސް ދިރިއުޅުމުގެ ގާޑިޔަލުގެ ދުވެއްޔަކަށް ބަދަލެއް ނާދެއެވެ. އެއްގޮތަކަށް އެއްފާޑަކަށް އެއްދުވެއްޔެއްގާ ކުރިއަށްދެއެވެ. ވަގުތަކީ އޭގެ ދުވެއްޔަށް ބަދަލުގެންނަން އާދަވެފައިވާ އެއްޗެއް ނޫންކަންވެސް ނަޞީބެވެ. ވަގުތަކީ ހުއްޓޭއެއްޗެއް ނަމަ ދުނިޔެއަށް އަންނާނީ ކޮންކަހަލަ ޠޫފާންތަކެއް ކަމެއްވެސް ނޭނގެއެވެ.

ހޫނު މޫސުމްވެސް އަބަދަކު ދެމިއެއް ނޯވެއެވެ. ހޫނު މޫސުމަށްފަހު ފިނި މޫސުމް އަންނާނޭކަން ޔަޤީނެވެ. އެގޮތަށް އިރު ދުނިޔެ މައްޗަށް ފާއްދާލިއިރު އުޑުމަތީގާ ވިލާ ބޯވެ ވައިރޯޅީގާ ތެތްކަން ހުއްޓެވެ. ޖައްވުގާ އުދުހުނު ހިރަފުސްތަކުގެ ބަދަލުގާ ފުސްކަން ހިފާފާވެއެވެ…. ދެތިން ދުވަހުގެ ތެރޭގާ ވިލާތަކުގެ މޭ ފޫދުއްވާލާފާ ވާރޭގެ ފޮދުވަރުތައް ބިމަށް އޮހެން ފެށިއެވެ. ކަރުހިއްކައިގެންފައިވާ ބިންގަނޑުގެ ކަރުހިއްކުން ފިލުވައިދޭން ފެށިއެވެ. ތުނިތުނިކޮށް ވެހެންފެށި ވާރޭ ގަދަވިއްސާރައަކަށް ބަދަލުވެއްޖެއެވެ. ވިނަގަސްތަކާއި ދަނޑުތަކުގާ ފެހިކުލައިގެ ފޭރާން ލެވިއްޖެއެވެ. ވާދީތަކާއި މަގުތަކާއި ގޯޅިތައް ދޮވެވި ސާފުވެއްޖެއެވެ. އިންސާނުންނާއި ޖަނަވާރުތަކުގެ ކަންނެތްކަން ފިލާ ހިނގައްޖެއެވެ. ގަސްގަހާގެއްސާއި މަސްމަހާމެއްސާއި ދޫނިސޫފާ ސޫތްޕާއި ޖަނަވާރުތައް އުފާވެރިކަމުގެ ރާގު ކިޔަން ފަށައިފިއެވެ.

މި އުފާވެރި މޫސުމުގައިވެސް އަރުޝަދު ހުރީ މޮޅިންނެވެ. އޭނާގެ ހިތަކަށް ފިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ކޯރުގެ އައްސޭރިއާ ކުޑަތަންކޮޅެއް ދުރުގާ ހިސާބަކަށް ހިކިފާހުރި ބިޔަގަހެއްގެ ފަލަ ގަސްގަނޑުގާ ލެނގިލައިގެން ކުޑަކޮށް އިށީނދެލައިގެން ކަހަލަ ގޮތަކަށް އޭނާ ހުއްޓެވެ. އެހެން ހުރެގެން ސިގިރެޓަކަށްފަހު ސިގިރެޓެއް ހުރިކުރަމުން ޖައްވު ނުސާފު ކުރަމުން ގެންދެއެވެ. މޫސުމާއި ވެށީގެ އުފާވެރިކަމާމެދު އަޅާވެސްނުލާ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފާ އޭނާ އެހެރީ ޓިނާގެ އިންތިޒާރުގައެވެ. އެއީ މެދުފަންތީގެ ޢާއިލާއަކުން ދުނިޔެއަށް އައިސްފައިވާ ވަރަށް ވިސްނުންތޫނު ބުއްދިވެރި ޒުވާނެކެވެ. ޒަމާނުގެ އާދަކާދަތަކަށް ލޯބިކުރާ މީހެކެވެ. ރީތި މޫނަކާއި ކަސްރަތީ ހަށިގަނޑަކާއި، ދިގުއިސްކޮޅެއް ލިބިފައިވާ މިޒުވާނާގެ ކޮށާ އެއްވަރު ކޮށްފައިވާ މަތިމަހުގެ ސަބަބުން އޭނާގެ މޫނުގެ ރީތިކަމާއި ހައިބަތުކަން އިތުރުކޮށްދީފައިވެއެވެ. މިހުރިހާ ސިފަތަކެއް އެކުލެވިފައިވާ ރީތި ބޭފުޅެއް ޒުވާނާ ފެންނަ ކޮންމެ މީހަކަށްވެސް އެއީ ޝާހީ ޢާއިލާއެއްގެ ޤަދަރުވެރި ބޭފުޅެއް ކަމުގާ ހީކުރެވޭނެއެވެ. އޭނާގެ ޑިގްރީއަށްވުރެ އޭނާގެ ސިކުނޑިއަށް ލިބޭ މާކްސް އެތައް ގުނައަކަށް އިތުރުވާނެއެވެ. ކިޔަވާ ނިމުމަށްފަހުގާ މިހާރު އޭނާއަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލައަކީ ވަޒީފާއެއްގެ މައްސަލައެވެ. އޭނާގެ ޤާބިލުކަމާއި އެކަށީގެންވާ ގޮތުން ވަޒީފާއެއް ހޯދުމަކީ ފަށުނީއްސުރެވެސް އޭނާގެ އެދުމެކެވެ. މީހެއްގެ ބާރުގާ ނުވަތަ ރިޝްވަތުދީގެން ވަޒީފާއެއް ހޯދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެގޮތުން ކިތަންމެ އޮފީހަކަށް އޭނާ ސިޓީލައިފިއެވެ. އިންޓަވިޔޫއަށް ހިނގައްޖެއެވެ. އެކަމަކު އަދި ކާމިޔާބުގެ ކުލަވެސް ނުފެނެއެވެ. އޭނާގެ ޤާބިލުކަމަށް ނަޒަރު ހިންގާލާނޭ މީހަކު ނުވެއެވެ. އޭނާގެ ވިސްނުންތެރިކަމާއި ހުޝިޔާރުކަން އެކަކަށްވެސް ނޭނގެއެވެ. މިހާރަކަށް އައިސް ކަންތައްތައް ވަޒަން ކުރަނީ ކިހާ ތިލަފަތަކުން ހެއްޔެވެ؟ ކުރާނެ ކަމެއް ނެތެވެ. އެއީ އޭނާގެ އަމިއްލަ ކަމެކެވެ. ޒާތީ ކަމެކެވެ. އެކަމުގައި އެހެން މީހެއްގެ އެހީއެއް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ވަޒީފާއެއް ހޯދަން އެއުޅަނީ ނުކައި ނުބޮއި އުޅެން ޖެހޭތީއެއް ނޫނެވެ. އެނާގެ ގެއިން އިރުން އިރަށް ކާންބޯން ލިބެއެވެ. އޭނާގެ ބައްޕައަކީ ސަރުކާރުގެ މުވައްޒަފެކެވެ. އީމާންތެރި އޮފިސަރެކެވެ. އެހެންކަމުން މާ މުއްސަނދިކޮށް ނޫޅެވުނަސް މެދުމިނުގެ ޙާލަތެއްގައި ތެދުވެރިކަމާއެކު ދިރިއުޅޭނޭ ތަނަވަސްކަން އޭނާގެ ޢާއިލާގައިވެއެވެ. އޭނާ ބޭނުންވަނީވެސް އަގުވައްޓާނުލާ އަބުރުވެރިކަމާއެކު އަދާކުރެވޭނޭ ވަޒީފާއެކެވެ. އެފަދަ ވަޒީފާއަކަށްޓަކާ ކެތްތެރިކަމާއެކު އޭނާއަށް އިންތިޒާރު ކުރެވިދާނެއެވެ. މަސައްކަތް ކުރެވިދާނެއެވެ.

ޓިނާއަކީ އޭނާގެ ލޯބިވެރިޔާއެވެ. އޭނާގެ ލޯތްބެވެ. އޭނާގެ ދިރިއުޅުމެވެ. ޓިނާއަކީ އޭނާއަށްޓަކައި ކިހާ މުހިއްމު މީހެއްކަން އެނގޭނީ ހަމަ އޭނާއަށެވެ. ނަމަވެސް ޓިނާއާ އޭނާއާ ދޭތެރޭގާ އުޑާ ބިމާހާ ތަފާތު އެބަހުއްޓެވެ. ޓިނާއަކީ ރަށުގެ މުއްސަނދިންގެ ތެރެއިންވެސް ހޮވާލެވޭ މުއްސަންޖެއްގެ ދަރިއެކެވެ. އެގޮތުން ނަސްލީ ތަފާތުތަކެއް އެދޭތެރެއަށް ހުރަސް އަޅައެވެ. ރަނގަޅު ރަނގަޅު ޢާއިލާތަކުން ޓިނާގެ ކައިވެންޏަށް އެދި ހުށަހަޅަމުންދެއެވެ. ޓިނާއަކީ އެރީތި އުޖާލާ ވަސްމީރު ވެށީގެ ބޮޑު ކިއްލާއެއް ކަހަލަ ޙަވޭލީގާ ދިރިއުޅޭ ފަރުދެކެވެ. އެއީ ގަދަރުވެރި ޙަވޭލީއެކެވެ. ނަމަވެސް ވަގުތުގެ އޮއިވަރުގެ ޙަމަލާތަކެއް އެޙަވޭލީއަށްވެސް އަރާފައިވެއެވެ. ބައެއް ތަންތަން ހަލާކުވެ ވީރާނާ ވެފައިވެއެވެ. ފާރުތަކުގެ އުވަގަނޑު ކަނޑައިގެންގޮސް ރެނދުލާފައިވެއެވެ. ކުރިން ހުރި ހައިބަތުކަމާއި މަތިވެރިކަމެއް މިހާރަކު ނެތެވެ. ނޯކަރުންތަކާއި ބާނދީންތަކެއް ނެތެވެ. އަސްތަކާއި އަސްގާޑިޔާތަކެއް ނެތެވެ. އެހެން ނަމަވެސް މިލްކިއްޔަތުގައި ކިއްލާއެއްކަހަލަ ޙަވޭލީއެއް ހުރުމަކީ ކުޑަ ޝަރަފެއް ނޫނެވެ. ޙަވޭލީގެ ފަހަތުގާ އެތަކެއް އޭކަރެއް ފެތުރިގެންގޮސް ކޮޅާއި ކޮޅު ނުފެންނަވަރަށް އެއޮތީ އެމީހުންގެ އަމިއްލަ ބިމެވެ. އެއީ ރަށުގެ ސިފައިގާ ގޮވާން އުފައްދާ ބިމެކެވެ. އެތަނުގާ ވިހުރުވެމުންދާ ތަފާތު ވައްތަރުގެ ދަނޑުތަކަކީ ފައިސާގެ ތިޔާގިކަން އިޢްލާންކޮށްދޭ ރަމްޒެކެވެ. އަގުބޮޑުކޮށް ވިކޭ ހުރިހާ އެއްޗިއްސެއް އެބިމުގާ ހައްދައެވެ. އެއަވަށާއި އެންމެ ކައިރީގާ އޮތް ޝަހަރުގާ އެހެރަ ފަށުވި އުފައްދާ މިލްކަކީވެސް އެމީހުންގެ މުއްސަނދިކަމުގެ ހެއްކެކެވެ. ފައިސާގެ މުއްސަނދިކަމުގެ އިތުރުން ޤުދުރަތުގެ ރީތިކަން އެންމެ ދީލަތިކަމާއެކު ޓިނާއަށް ހަދިޔާ ކުރައްވާފައިވެއެވެ. ރީތި ދެލޮލެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ރަންކުލަ އަރާ އޮމާން ހަމެވެ. ވިއްސާރަވިލާގަނޑެއްހާ ކަޅު ފިނި މޫސުމުގެ ރޭގަނޑެއްހާ ދިގު އިސްތަށިގަނޑެކެވެ. ސިހުރުވެރި މޫނެކެވެ. އެންމެ ފުރަތަމަފަހަރު އޭނާ ފެނިއްޖެ ކޮންމެ މީހަކަށްވެސް ހުއްޓުވޭނެއެވެ….. އޭނާގެ ހުނުމަކީ މިޔުޒިކެކެވެ. އޭނާ ހީލައިފިނަމަ ކާއިނާތުވެސް ހެއެވެ.

ޓިނާގެ ރީތިކަން އިތުރުކޮށްދޭ އިސްތަށިގަނޑުގެ ބޯކަމާއި ދިގުކަމުން ބައެއްފަހަރު އޭނާއަށް އުނދަގޫވެއެވެ. ހިސާބަކަށް ކުރުކޮށްލަން ބޭނުންވެއެވެ. ނަމަވެސް އޭނާގެ ކޮންމެ ބޭނުމެއް ފުރިހަމަކޮށްދޭ ލޮބުވެތި ބައްޕަ އޭނާގެ އިސްތަށިގަނޑުގާ ކަތުރު ޖައްސާލަންވެސް ހުއްދައެއް ނުދެއެވެ. އެއިސްތަށިގަނޑުދެކެ އެނާގެ ބައްޕަ ވަރަށް ބޮޑަށް ލޯބިވެއެވެ. އެއީވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެއިސްތަށިގަނޑު ކޮށާލައިފިނަމަ އޭނާގެ މަންމައާ ވައްތަރުކަން ކެނޑިދާނެއެވެ. އޭނާގެ ސިފައިގައި އޭނާގެ މަންމައާ ވައްތަރުނޫން އެންމެ ތަންފުކެއްވެސް ނެތެވެ. އޭނާގެ މަންމަ ދަންނަ މީހަކަށް އޭނާ ފެނިއްޖެނަމަ އެއީ އެ މަންމަގެ ދަރިއެއްކަން އެނގޭނެއެވެ.

ޓިނާގެ އުޅުމުގާ ހުންނަނީ އިރާއި ހުޅަނގުގެ ގޮތެވެ. އޭނާ އުޅޭ ގޭގެ ވެއްޓަކީވެސް އެކަހަލަ ވެއްޓެކެވެ. މުސްކުޅި ބޯދާ ގޮތެއް ނުހުރެއެވެ. ތަހުޒީބު ވެގެންގޮސް ލަދުގަންނަވަރެއް ނުވެއެވެ. ބީ.އޭ.ގެ އިމްތިޙާނުން ރަނގަޅު ވަނައެއްގާ އޭނާ ފާސްވިއެވެ. އޭނާގެ ރީތިކަމާއި އަޚްލާޤު ރަނގަޅުކަމުން އޭނާގެ ހުރިހާ އެކުވެރި ރަޚްމަތްތެރިންވެސް އޭނާދެކެ ވަރަށް ލޯބިވެއެވެ. އިޙްތިރާމް ކުރެއެވެ. އޭނާގެ ރައްޓެހިންނާ ބައްދަލުވެ އުޅުމެއް މަނައެއް ނުކުރެއެވެ. އޭނާއަށް ފުރިހަމަ މިނިވަންކަން އޮވެއެވެ. ނަމަވެސް އެކަށީގެންނުވާ ގޮތެއްގައި އެމިނިވަންކަމުގެ ބޭނުމެއް އޭނާ ނުކުރެއެވެ. މިނިވަންކަމާއި އާވާރާކަމުގެ ތަފާތު އޭނާއަށް އެނގެއެވެ. އޭނާގެ މަންމަގެ ފަރާތުން ސާދާކަމާއި ހިތްހެޔޮކަން އޭނާއަށް ވާރުތަކޮށްފާވެއެވެ.

އަރުޝަދު އެންމެ ފަހުގެ ސިނގިރެޓް ހުލިކޮށްލާފާ އެއްލާލުމަށްފަހު ބޫޓުން އަރާ ޗިސްޗިސްކޮށްލިއެވެ. އެވަގުތު ކޯރުގެމަތިން މީހުން ހިނގުމަށްޓަކާ ދެއަތަށް ހެލޭގޮތަށް އަޅާފައިވާ ފާލަމުގެ އެކޮޅުން ޓިނާ އަންނާތީ އޭނާއަށް ފެނުނެވެ. އޭނާގެ ހިނގުމުގާ ހުރި ނަލަކަމާއި ފަރިކަމުން ހީވަނީ މާ އަޅާ ފުރިފައިވާ އޮފިކޮޅެއް ވިޔާ ހެލޭހެންނެވެ. ކޮންމެއަކަސް ޓިނާ ފެނުމުން އަރުޝަދުގެ ހިތް އުފަލުން ފުރުނެވެ. އެއާއެކުގާ މޮޅިވެރިކަމެއް އިޙްސާސްވިއެވެ….. އެދެއަތަށް ހެލޭ ފާލަމާ އެހިތްފަސޭހަ މަންޒަރާ އެރީތި ޓިނާގެ ފަހަތުން ކިއްލާއެއް ކަހަލަ ބޮޑު ހަވޭލި ފެނުނުހެން އޭނާއަށް ހީވިއެވެ. އެހަވޭލީގެ އުސް ފުރާޅު ހަމައަށް ނަޒަރު ހިންގޭތޯ އިސްއުފުލައިގެން ކޮށަކޮށައިގެން މަސައްކަތް ކުރެވުނުހެންވެސް ހީވިއެވެ.

”އަރުޝީ މިއަދު ހީވަނީ ދަރަވެފާ ހުރިހެންނެވެ.“ ޓިނާ ބުންޏެވެ.

”ޓިނާއަށް އަނގުނީ ކިހިނެއް ހެއްޔެވެ؟“ އަރުޝަދު ބުންޏެވެ.

”ތިޔައީ ކުރާ ކަހަލަ ސުވާލެއް ހެއްޔެވެ؟ ޖަޒުބާތަކީ އަމިއްލަ ފާޅުވުމަކަށް ކިޔާ ނަމެކެވެ. އަރުޝީގެ މޫނުމަތިން ފެންނަން ހުރީމައެވެ.“ ޓިނާ ބުންޏެވެ.

”ހާދަ ވިސްނުން ތޫނެވެ.“ އަރުޝަދު ބުންޏެވެ.

”ﷲ ގެ އޯގާވަންތަކެމެވެ.“ ޓިނާ ބުންޏެވެ.

”ޓިނާއެވެ.“ އަރުޝަދު ގޮވާލިއެވެ.

”އާއެކެވެ.“ ޓިނާ ޖަވާބު ދިނެވެ.

”އުޘްމާންގެ މަންމަ ޓިނާމެންގެ ގެއަށް އައި ވާހަކަ އެހީމެވެ.“ އަރުޝަދު ބުންޏެވެ.

”އުޘްމާންގެ މަންމަ، ޤާސިމްގެ ބައްޕަ، ޒަކަރިއްޔާގެ ބޭބެ، މިއެންމެންވެސް އަހަރެމެންގެ ގެއަށް އަންނާނެއެވެ. އެނޫން މީހުންވެސް އަންނާނެއެވެ. އަރުޝީއެވެ. އެއީ އެހާވަރުގެ ކަމެއް ހެއްޔެވެ؟“ ހިނިތުންވުމާއެކު ޓިނާ ބުންޏެވެ.

އަރުޝަދު ހިފައިގެންހުރި ހިކި އޮފިކޮޅު އަނބުރާލަ އަނބުރާލަ ހުއްޓެވެ. އަދިވެސް އޭނާ ހުރީ ހަމަ އެގޮތަށް ދެރަވެފައެވެ. ޓިނާ ހީލާފާ ގަހުގެ ބުޑުގަނޑުމަތީގާ ގޮތަކަށް އިށީނދެލިއެވެ. ވަރަށް އާދައިގެ އުއިފޮތީގެ ހެދުމެއް ލައިގެން ހުރިއިރުވެސް ޓިނާ ހާދަ ރީއްޗެވެ. ވާނީވެސް އެހެންތާއެވެ. އަރީތިކަމަކީ އޭނާގެ މިލްކިއްޔަތެވެ. ޤުދުރަތުން އޭނާއަށް ދެއްވާފައިވާ އަގުބޮޑު ޚަޒާނާއެކެވެ.

”އަރުޝީއެވެ.“ އަރުޝަދު ވާހަކަ ނުދައްކާ މަޑުން އިންނާތީ ޓިނާއަށް އުނދަގޫވެގެން ފަތެއްގެ ތަނޑެއް ނޮޅާލާފާ އަރުޝަދުގެ ކަންފަތަށްލާ އަނބުރާލިއެވެ.

”އާއެކެވެ.“ އަރުޝަދު ސިއްސައިގެންގޮސްފާ އިޚްތިޔާރެއްނެތި ކަންފަތުގާ އަތްހާކާލެވުނެވެ.

”މިއަދު މޫޑު ގެއްލިފާ ތިޔައިނީ ކީއްވެގެން ހެއްޔެވެ؟“ ޓިނާ ބުންޏެވެ.

”ކަމެއް ނުވެއެވެ.“ އަރުޝަދު ބުންޏެވެ.

”އަހަރެންނަށް އޮޅުވާލަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއްކަން އަރުޝީއަށް ރަނގަޅަށް އެނގޭނެއެވެ.“ ޓިނާ ބުންޏެވެ.

”އޮޅުވާލަނީއަކީ ނޫނެވެ. އެއްވެސް ކަހަލަ ޚާއްސަ ކަމެއް ނެތެވެ.“ އަރުޝަރު ބުންޏެވެ.

”ޚާއްސަ ކަމެއް ވެއްޖެއޭ އަހަރެން ބުނެފިއްޔާ އަރުޝީ ދަކޮޅު ހަދާނަން ހެއްޔެވެ؟“ ޓިނާ ބުންޏެވެ.

”ދެ ކޮޅެއް ނަހަދާނަމެވެ. ތިޔަހާ ރަނގަޅަށް ޓިނާއަށް އެނގެންޏާ ބުނަންވީ ނޫންހެއްޔެވެ؟“ އަރުޝަދު ބުންޏެވެ.

”އާއެކެވެ. ތިޔަބުނީ ރަނގަޅަށެވެ.“ އަރުޝަދު އެއްބަސްވިއެވެ.

”އެކަމާ އަރުޝީ ހާސްވާންވީ ކީއްވެގެން ހެއްޔެވެ؟“ ޓިނާ ބުންޏެވެ.

”އެއީ ހާސްވާންވީ ކަމެއް ނޫންހެން ޓިނާއަށް ހީވަނީ ހެއްޔެވެ؟“ އަރުޝަދު ފުން ނަޒަރަކުން ޓިނާއާ ދިމާއަށް ބަލައިލިއެވެ.       ”އެއްގޮތަކަށްވެސް ހާސްވާނެ ކަމެއް ނެތެވެ.“ ޓިނާ ބުންޏެވެ.

”އެއީ ކީއްވެގެން ހެއްޔެވެ؟“ އަރުޝަދު ބުންޏެވެ.

”އެއީ…… އެއީ…….“ ޓިނާ އާގަންނަން ފެށިއެވެ.

”ބުނާނޭ އެއްޗެއް ނޭގުނެއް ނޫންހެއްޔެވެ؟“ އަރުޝަދު އަވަސް އަވަހަށް ބުންޏެވެ.

”އެވާހަކަ ދެން ހުއްޓާލާށެވެ. ނިކަން ބަލާ ބަލާށެވެ. މޫސުމް ކިހާ ރީތި ހެއްޔެވެ؟ ވެއަތުވެދިޔަ ދެތިންދުވަހު ކިހާ ބޯކޮށް ވާރޭ ވެހުނު ހެއްޔެވެ؟މިހާރު ޖައްވު މުޅިން ސާފުވެއްޖެއެވެ.“ އަރުޝަދުގެ ސަމާލުކަން ބަދަލުކޮށްލަންވެގެން ޓިނާ ބުންޏެވެ.

”ފާޑުފާޑުގެ ވާހަކަ ދައްކައިގެން އަހަރެންނަށް އޮޅުވާލަން ނޫޅޭށެވެ. ޓިނާއެވެ.“ އަރުޝަދު މިހެން ބުނުމުން ޓިނާ ގަހުގެ ބުޑުމަތިން ފުންމާލައިފިއެވެ. އަރުޝަދުގެ ދިމާކުރިމައްޗަށް އައިސް ހުއްޓިއްޖެއެވެ. އެހައިބަތުހުރި ހަށިގަނޑަށް ބަލައިލައިފިއެވެ.

”އަރުޝީ އަޅާނުލާ މަޑުމަޑުން ހުންނާށެވެ.“ ޓިނާ ސީރިއަސް ކަމާއެކު ބުންޏެވެ.

”ތިޔައީ އަހަރެންނަށް ވާނޭ ކަމެއް ނޫނެވެ.“ އޭނާ ގުދުވެލާފާ ހިކިއޮފިކޮޅެއް ނަގަމުން ބުންޏެވެ. ”މުސްތަޤްބަލާމެދު އަހަރެން ބިރުގަންނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ.“

”ފިނޑިއެކެވެ. ބިރުގަންނަނީ ފިނޑިންނެވެ.“ ޓިނާ ބުންޏެވެ.

”ހަމަ ތެދެކެވެ. ޓިނާއެވެ. ވަޒީފާ ނުލިބި ލަސްވުމަކީވެސް އަހަރެން ކަންބޮޑުވާ ސަބަބެކެވެ.“ އަރުޝަދު ބުންޏެވެ.

”މާތްކަލާކޯއެވެ. އަރުޝީއަކީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އަދި މިއުޅެނީ ވަޒީފާ ހޯދަން މަސައްކަތް ފެށިތާ ހަފްތާއެއްވެސް ނުވެގެނެވެ. އަކަމަކު މިހާރު މާޔޫސްވެ ދެތަވެގެން ރޯންފެށީއެވެ. ކެތްކޮށްލާށެވެ. އިރާދަ ކުރެއްވިއްޔާ މާލަހެއްނުވެ ވަޒީފާ ލިބިދާނެއެވެ.“ ޓިނާ ބުންޏެވެ.

”ވަޒީފާ ލިބޭނެނަމަ މިހާރު ލިބެން ވެއްޖެއެވެ.“ އަރްޝަދް ބުންޏެވެ.

”އެއީ އެހާބޮޑު ކަމެއް ނޫނެވެ.“ ޓިނާ ބުންޏެވެ.

”ޓިނާއަށް ބޮޑު ކަމަކަށް ނުވިޔަސް އަހަރެންނަށް ބޮޑު ކަމަކަށްވެއެވެ.“ އަރުޝަދު ބުންޏެވެ.

ޓިނާ ހީލަމުން އެތަނުގާ އޮތް ހިލަގަޑެއްގެ މަތީގާ އިށީނެވެ. އަވަގުތު އޭނާގެ ފުރަގަހަށް ދޫކޮށްލާފައިވާ ރީތި އިސްތަށިގަނޑު ވަޔާ ވިހުރެން ފެށިއެވެ. އެހިތްފަސޭހަ ވެށީގާ އިސްތަށިގަނޑުގެ މަޑުމަޑު މީރުވަސް ފެތުރެން ފެށިއެވެ. އެމަޢްސޫމް ޠޯހިރު އަންހެން ކުއްޖާދެކެ އޭނާ ކިހާ ލޯބިވޭ ހެއްޔެވެ؟ އަރްޝަދުގެ ހިތަށް އެރިއެވެ. އެކުއްޖާއާ ނުލާ ދިރިއުޅެން އޭނާގެ ހިތަށް އަރުވާލާކަށްވެސް ނުކެރޭނެއެވެ. އޭނާގެ ލޯބީގެ ބާރު ވަރަށް ގަދައެވެ. ނަމަވެސް ފަހަކަށް އައިސް ނާކާމިޔާބުގެ ލުއިލުއި ފުސްކަމެއް އޭނާއަށް ފެންނަން ފަށައިފިއެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ވިސްނައިފިއެވެ. ޓިނާއާއި އޭނާއާ ދޭތެރޭގައި ހުރި ނަސްލީ ތަފާތަކީ އިތުރު ތަޢާރަފަކަށް ބޭނުންވާނޭ ކަމެއް ނޫނެވެ. ރަނގަޅު ވަޒީފާއެއް ލިބޭތޯ އެވަރަށް އޭނާ އެ މަސައްކަތް ކުރަނީވެސް އެކަމާއެވެ. ނަމަވެސް އެޘްމާނުމެން ކަހަލަ މުއްސަނދި، ބަރުގަދަ، މީހުން ތިއްބާ އޭނާއަށް ކިތަންމެ ރަނގަޅު ވަޒީފާއެއް ލިބުނަސް ޓިނާ ޙާޞިލް ކުރުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އޭނާ، ޓިނާ ދެކެ ވާ ލޯތްބާއި އެއްވަރަކަށް ޓިނާ އޭނާ ދެކެވާ ލޯބީގާވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަން އެބަހުރިކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އެކަމަކު އަބަދުވެސް ނަސްލީ ކަނޑިން ލޯބީގެ ގުޅުންތައް ކަނޑާ ބުރިބުރި ކުރެއެވެ. އެކަމަށް ތާރީޚް ހެކިދެއެވެ. އޭނާގެ ކިބައިގާ ކިތަންމެ ރަނގަޅު ސިފަތަކެއް ހުއްޓަސް އޭނާއަކީ މުއްސަންޖެއް ނޫނެވެ. ވީމާ، ޓިނާގެ މައިންބަފައިން އޭނައަށްވުރެ ބޮޑަށް ތަރުޙީބުދޭނީ އުޘްމާނުމެން ކަހަލަ މީހުންނަށެވެ. އޭނާ މިކަހަލަ ޚިޔާލުތަކެއް ކުރަމުން ދަނިކޮށް ޓިނާ ތެދުވެއްޖެއެވެ. ފަރިގޮތަކަށް އޭނާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އެވަގުތު އޭނާވެސް ވަކި ޚިޔާލެއް ނެތި ޓިނާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އެވަގުތު އޭނާގެ އަތުގާ ޓިނާ ބާރަށް ހިފެހެއްޓިއެވެ.

”އަރުޝީއެވެ. މަތިން އޮހެމުން އެދާ ފެންއާރުގެ ކައިރިއަށް ދަމާ ހިނގާށެވެ.“ ޓިނާ މިހެން ބުނުމުން އަރުޝަދު އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ޓިނާއާ އެކުގައި ހިނގައިގެންފިއެވެ. ކުދި ވިނަގަސްތަކާއި ހިލަކޮޅުކޮޅުތައް ފައިދަށުލަމުން ހިނގައިގެންފިއެވެ. ކުދި ވިނަގަސްތަކާއި ކޯރާއި ދިހަބާރަ ފޫޓުގެ މަތިން އޮހެމުންދާ ފެންއާރުގެ ފެންތައް މިޔުޒިކީ ގޮތަކަށް ކޯރުގެ ތެރެއަށް އޮހެމުންދެއެވެ. އެތަނުގާ ތިބެގެން ފެންއާރަށް ބަލައިލާއިރު ހީވަނީ މުށިކުލައިގެ ރޫތަކެއް ޖައްސާފައިވާ ހުދު ސަތަރިއެއް ހެންނެވެ. ވައިރޯޅި ބާރު ދުވަހަކަށްވާތީ ފެންއާރުގެ ފޮދުވަރުތައް އެތައް ހިސާބެއްގެ ދުރަށް ވިހުރުވެމުންދެއެވެ. ޖައްވު ތެތް ކުރަމުންދެއެވެ.

އިރުމަތީ ފަރާތުގައި ކަޅުވިލާތައް އުފެދި މެދުއުޑާ ދިމާއަށް އުފުލެން ފަށައިފިއެވެ. އަރްޝަދާއި ޓިނާއާއި ދެމީހުން ކަޅުކުލައިގެ ބޮޑު ހިލަގަނޑެއްގެ މަތީގާ އެކަކު އަނެކަކާ ދާދި ގާތުގައި އިށީނދެލައިގެން ތިއްބެވެ.

”އަރްޝީއެވެ. ތިޔަހެން މަޑުމަޑުން އިންނާތީ އަހަރެންނަށް ވަރަށް އުނދަގޫވެއެވެ.“ ޓިނާ ބުންޏެވެ.

”އަހަރެންނާއި ޓިނާއާއި ކުފޫހަމަނުވާތީ ޓިނާއާ މިހާގާތުގައި އިންނަން އަހަރެންނަށްވެސް އުނދަގުލެވެ.“ ފިނިގޮތަކަށް ހީލަމުން އަރުޝަދު ބުންޏެވެ.

”އަރުޝީ ތިޔަކަހަލަ ވާހަކަ ދައްކަންޔާ އަހަރެން މިތަނުން ތެދުވެގެން ހިނގައިދާނަމެވެ.“ ޓިނާ ސީރިއަސްކަމާއެކު ބުންޏެވެ. ”އަހަރެން މިއައީ މިއަދު އިރުއޮއްސެންދެން އަރުޝީއާ އެކުގާ މިތަނުގާ ހޭދަކޮށްލާނަމޭ ހިތައެވެ……. އެކަމަކު އަރުޝީ…….“

”ޓިނާއެވެ.“

”އަހަރެން ވާހަކަ ދައްކާކަށް ނޫޅެމެވެ.“ ޓިނާ ރުޅިއައިގޮތް ދައްކާލިއެވެ.

”ﷲ އަށްޓަކައި ތިޔަހެން ނުބުނާށެވެ. އަހަރެން މަރުވެދާނެއެވެ.“ އަރުޝަދު ދެރަވިއެވެ.

”ފިލްމީ ޑައިލޮގް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫނެވެ.“ ޓިނާ ބުންޏެވެ.

”ޓިނާއެވެ. ހަމަ ތެދެކެވެ. އަހަރެންގެ ހިތަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކޮށްފީމެވެ. ނަމަވެސް ޙަޤީޤަތްވާނީ ޙަޤީޤަތަށެވެ. އަހަރެންނާއި ޓިނާއާއި ކިތަންމެ ގާތަސް ހާދަދުރެވެ.“ އަރުޝަދު ބުންޏެވެ.

”ފައިސާއަކީ އަރުޝީ އެހާ މުހިންމުކަންދޭ އެއްޗެއް ހެއްޔެވެ؟“ ޓިނާ ބުންޏެވެ.

”ފައިސާއަށް މުހިއްމުކަން ނުދިނުމަކީ އަހަރެންގެ އިޚްތިޔާރުގައިވާ ކަމެއްނަމަ ހާދަ ރަނގަޅޭވެ. ޓިނާ ޙާސިލް ކުރުމުގެ ބާޒީން ދެރަވެއްޖެކަން މިހާރު އަހަރެންނަށް ޔަޤީންވެއްޖެއެވެ؟“ އަރުޝަދު ބުންޏެވެ.

”އަރްޝަދަކީ އަހަރެންގެ ދިރިއުޅުންކަން އެނގޭއިރުވެސް މާޔޫސްވަނީ ހެއްޔެވެ؟“ ޓިނާ ބުންޏެވެ.

”އާއެކެވެ.“ އަރްޝަދު ބުންޏެވެ.

”އަރުޝީއަކީ ހާދަ ފިނޑި ހާދަ ރަހުމެއް ނެތް މީހެކެވެ.“ ޓިނާ ބުންޏެވެ.

”ޓިނާއެވެ. ފިނޑިވެފާ ރަޙުމްކުޑައީ އަހަރެންނެއް ނޫނެވެ. އަހަރެންގެ ޙާލަތެވެ. އެހެންނޫނީ ޓިނާގެ ޙަސަބާއި ނަސަބެވެ. ސޮސައިޓީގެ މަޤާމެވެ. ޓިނާގެ މުއްސަނދިކަމެވެ.“ މޮޅިވެރި ގޮތަކަށް އަރުޝަދު ބުންޏެވެ.

”ތިޔަހުރިހާ ކަމެއް އެންމެ ކުރިންވެސް އަރުޝަދަށް އެނގޭނެއެވެ.“ ޓިނާ ބުންޏެވެ.

”ލޯބީގެ ބާރުގަދަކަމުން އެއިން އެއްވެސް ކަމަކާމެދު އަހަރެންނަށް ވިސްނާނުލެވުނީއެވެ.“ އަރުޝަދު ހަމަ އެގޮތަށް ބުންޏެވެ.    ”މިހާރު ލޯބީގެ ބާރު ކެނޑުނީހެއްޔެވެ؟“ ޓިނާ ސުވާލުކުރިއެވެ.

”ނޫނެކެވެ. ޓިނާއެވެ. ކުޑަވެސް ބަދަލެއް ނާދެއެވެ.“އަރުޝަދު މޮޅިވެރިކަމާއިއެކު ޓިނާއާ ދިމާއަށް ބަލައިލިއެވެ.

”އަރުޝީއަށް ތިޔަހާ ބޮޑަށް ތިޔަ އަސަރު ކުރަނީ އަހަރެންގެ ކައިވެންޔަށް އުޘްމާން އެދެފިކަން އެނގުނީމައެވެ.“ ޓިނާ ބުންޏެވެ.

”އާއެކެވެ.“ އަރުޝަދު އެއްބަސްވިއެވެ.

”މީގެ ކުރިންވެސް ކިތަންމެ ބަޔަކު އަހަރެންގެ ކައިވެންޏަށް އެދިފައިވާކަން އަރުޝަދަކަށް ނޭގޭނެއެވެ.“ ޓިނާ ބުންޏެވެ.

”ހަމަ ތެދެއްހެއްޔެވެ؟ ކިތަންމެ ބަޔަކު އެކަމާ ކުރިމަތިލައިފި ހެއްޔެވެ؟“ އަރުޝަދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

”އަރުޝީ ދެރަނުވާށެވެ. އަހަރެންގެ އުފަލާމެދު ބައްޕަ ވިސްނަވާނެއެވެ.“ ޓިނާ ބުންޏެވެ. ”ހަމަ ތެދެކެވެ. އަހަރެންގެ ބައްޕަ ވަރަށް ރަނގަޅުވާނެއެވެ. އަހަރެން އެދެފި ކޮންމެ ކަމެއް ކޮށްދޭނެއެވެ.

”ޓިނާ އިސްތަށިގަނޑު ކޮށާލާކަށްވެސް ބައްޕަ ރުހިއެއް ނުލެއްވި ނޫންހެއްޔެވެ؟“ ކުއްލިއަކަށް އަރުޝަދަށް ބުނެލެވުނެވެ.

”ކޮންމެ ކަމެއްވެސް އަރުޝަދު ތިޔަދެކެނީ އެންމެ ނުބައި ގޮތަށެވެ. އެއީ އެހާ ބޮޑު ކަމެއް ނޫނެވެ. އަހަރެން ގަދައަޅައިފިއްޔާ އެކަމާވެސް ބައްޕަ ރުހިލައްވާނެއެވެ. އެކަމަކު އެމައްސަލައިގައި އަހަރެން އެހާބޮޑަށް ބާރުނާޅާ ހުރިގޮތެއް އަރުޝީއަށް އެނގޭހެއްޔެވެ؟“ ޓިނާ ބުންޏެވެ.

”ނޭގެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟“ އަރުޝަދު ބުންޏެވެ.

”އަހަރެންގެ އިސްތަށިގަނޑު ދިގުކޮށް އޮތީމާ އަހަރެންނާއި އަހަރެންގެ މަންމައާ އެއްވެސް ތަފާތެއް ނުހުރެއެވެ. އެގޮތުން އަހަރެންގެ އިސްތަށިގަނޑުގެ ސަބަބުން ބައްޕަގެ ހަދާނުގެ ސިލްސިލާ ކެނޑި ބުރިބުރި ވެގެންދާކަށް އަހަރެން ނޭދެމެވެ. އަހަރެން އެކަން ހުއްޓާލީ ބައްޕައަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ.“ ޓިނާ ބުންޏެވެ.

”އަރުޝަދު ފުރަތަމަ ފަހަރު އުފާވެރި ހިނިތުންވުމަކާއެކު ޓިނާއާ ދިމާއަށް ބަލައިލިއެވެ. ބޭއިޚްތިޔާރުގައި ޓިނާގެ އަތުގައި ހިފާލެވުނެވެ. ”ޓިނާއެވެ. އަހަރެން މާޔޫސްވެގެން ނުވާނެދޯއެވެ؟“

”އާއެކެވެ. އެއްގޮތަކަށްވެސް މާޔޫސްވާނޭ ކަމެއް ނެތެވެ.“ ޓިނާ ބުންޏެވެ.

”ޓިނާގެ މުއްސަނދިކަން އަހަރެމެންގެ ގުޅުމަށް ހުރަހެއް ނާޅާނޭ ހެއްޔެވެ؟“ އަރުޝަރު ބުންޏެވެ.

”މާތްކަލާކޯއެވެ. އަރުޝީއެވެ. ތިޔަވަރު ބޮޑެވެ.“ ޓިނާ ބުންޏެވެ. އެއަށްފަހުގައި އަރުޝަދުގެ ކޮނޑުގައި ބޯ އަޅާލިއެވެ. ”އަރުޝީގެ ހިތުން ޝައްކުތައް ފިލުވާލާށެވެ. އެއްވެސް މީހަކަށް އަހަރެމެން ވަތްކެއް ނުކުރެވޭނެއެވެ. އަހަރެމެންގެ މުއްސަނދި ކަމަކަށްވެސް ހުރަހެއް ނޭޅޭނެއެވެ. އެހެން ނޫނަސް އެމުއްސަނދި ކަމަކީ އަހަރެމެންގެ އެއްޗެއް ނޫނެވެ.“

”ތިޔަބުނަނީ ކީކޭ ހެއްޔެވެ؟“ އަރުޝަދު އުފަލާއެކު ޓިނާގެ އުނަގަނޑުގައި ހިފަހައްޓާލާފާ ގާތް ކޮށްލިއެވެ.

”އެހުރިހާ މުދަލާއި ފައިސާއާއި ބިންތަކާއި ދަނޑުތަކާއި ހަވޭލީއަކީ ފަރުޖާދުބޭބެގެ އެއްޗިއްސެވެ.“ ޓިނާ ސީދާވެލިއެވެ.

”ފަރުޖާދު ބޭބެއަކީ ކާކުހެއްޔެވެ؟“ ކެތްތެރިކަމެއްނެތި އަރުޝަދު ސުވާލު ކުރިއެވެ.

”ރަނގަޅު ދަނޑިވަޅަކުން އެވާހަކަ ކިޔައިދޭނަމެވެ. އެއީ ވަރަށް ދިގު ވާހަކައެކެވެ. މިހާރު ހިތްހަމަޖެހިއްޖެ ހެއްޔެވެ؟“ ޓިނާ ބުންޏެވެ.

އަރުޝަދު އުފަލާއެކު ޓިނާ ބޮނޑިކޮށްލިއެވެ. ވާނީވެސް އެހެންތާއެވެ. އެއީ އޭނާއަށް ލިބިފައިވާ ދުނިޔޭގެ އެންމެ އަގުބޮޑު ޖަވާހިރެވެ. އެއީ އޭނާގެ ހެޔޮ ނަޞީބުވެސްމެއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.