މަލުގެ ރާނީ – ޗެޕްޓަރ 1

ޖައްވުގެ ތެރޭގާ މަތިންދާބޯޓު އުދުހެމުންދެއެވެ. އެލްމެނިއަމް ތޮށިގަނޑުގައި އެތަކެއް އިންސާނުން ގޮވައިގެން އޭގެ ޚާއްޞަ ދުވެލީގައި މަންޒިލް މަޤްޞޫދާ ދިމާއަށް ދަތުރު ކުރަނީއެވެ. ފަރުބަދަތަކާ، ވީރާނާ ތަންތަނާ، ވާދީތަކާ، ހަނަފަސް ސަހަރާތަކާ، އޮއިދެމޭ ކޯރުތަކާ، އޮހެމުންދާ ފެންއާރުތަކާ، މާކަނޑުތަކާ، ބިޔަޖަންގަލިތަކާ، ބޮޑެތި މައިދާންތައް ފަސްދެމުން ފަޚުރުވެރިކަމާއި އެކު ކުރިއަށްދެއެވެ. ބައެއްފަހަރު ވިލާތައް މަގަށް ހުރަސްއަޅައެވެ. ބައެއް ފަހަރު ދުންފިނި މަގު ބައްދައެވެ. ބައެއްފަހަރު ދިލައަވި މަގު ދައްކައެވެ.

ސާޅީސް ފަސްއަހަރުގެ ފަރުޖާދު އަރާމުގޮނޑީގާ ފަސޭހަކަމާއެކު އިށީނދެލައިގެން އިނެވެ. ކުކުޅުބިސް ބުރަށްހުރި ބިއްލޫރި ކުޑަދޮރުގެ ބޭރުން ލޮލަށް ފެންނަމުން ގެއްލެމުންދާ މަންޒަރުތައް ބަލަން އޭނާ އިންނަތާ ކިތަންމެ އިރެއް ވެއްޖެއެވެ. ބައެއްފަހަރު ނޫއުޑަށް ބަލައެވެ. އެނެއްބައިފަހަރު ތިރިން ފެންނަ ޤުދުރަތީ މަންޒަރުތަކަށް ނަޒަރު ހިންގައެވެ. އުސް އުސް ފަރުބަދަތަކުގެ ސިލްސިލާ ބޮޑެތި ބިޔަ ސަހަރާތައް ދިގުކޮށް ދެމިފައިވާ ކޯރުތައް، ފުންކަން އެނގުމެއްނުވާ މާސިންގާ ކަނޑުތައް ފެންނަނީ ކުދިކުދި ޒައްރާތަކެއްގެ ސިފައިގައެވެ. އެގޮތަށް ފެންނަނީ ބޯޓު މާމަތިން އުދުހެމުންދާތީއެވެ.

އެއްދިމާއަކަށް ބަލަބަލާ ފަރުޖާދުގެ ކަނދުރާ ވަރުބަލިވެއްޖެއެވެ. އެހެންކަމުން، އޭނާ އަނެއްފަރާތަށް އެނބުރިލިއެވެ. ގޮނޑީގައި އިން ގޮތް ނޫން އެހެން ގޮތަކަށް ބަދަލުވެލިއެވެ. ބޯޓުތެރެއަށް ބަލައިލިއެވެ. ކުޑަކޮށް ތެދުވެލާފަ ބޯޓުގެ އެއްކޮޅުން އަނެއްކޮޅަށް ބަލައިލިއެވެ. މުޅިބޯޓުގާ ހުހަށްހުރީ އެންމެ ތިންގޮނޑިއެވެ. އެއްގޮނޑި ހުރީ އޭނާ އިން ގޮނޑިއާ ޖެހިގެންނެވެ. އަނެއްގޮނޑި ހުރީ ބޯޓުގެ އެންމެ ފަހަތުގައެވެ. ދެން ހުރި ގޮނޑިއަކީ މެދުތެރޭގެ ގޮނޑިއެކެވެ. އެހެން ހުރިހާ ގޮނޑިތަކެއް ފުރިފައެވެ. ތަފާތު ޤައުމުތަކުގެ ތަފާތު މީހުންނެވެ.

އެއްވެސް ޖެހިލުމެއްނެތި އިނގިރޭސި ލޯބިވެރިއަކާއެކު ލޯބީގެ އަމަލީ މަންޒިލްތައް ކަޑަތުކުރަމުންދާ ފުރާންސްގެ ޒުވާނަކަށް އޭނާގެ ސަމާލުކަން ހުއްޓާލެވުނެވެ. އެއީ ޕެރިހުން އޭނާއާ ބައްދަލުވި ޒުވާނެކެވެ. އެބައްދަލުވުމުގައި އެޒުވާނާގެ ލޯބީގެ ފަސާނާ ފެށުނީއްސުރެ ނިމެންދެން އޭނާއަށް ކިޔައިދިނެވެ. ކޮންމެއަކަސް އެޒުވާނާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެފާ ކުދިވެރިންނާހެދި ކަންބޮޑުވެ ރުޅިއައިސްފާއިން އިންޑޮނީޝިޔާގެ އަންހެނަކާ ދިމާއަށް އެނބުރިލިއެވެ. އެއަންހެން މީހާއަށް އުނދަގޫވެގެން އެކުދިންނާ ދިމާއަށް އެއްޗެތި ކިޔަނީއެވެ. ނަމަވެސް އިންޑޮނީޝިޔާގެ ބަހަކީ އޭނާ ދަންނަ ބަހަކަށް ނުވާތީ އެކިޔާ އެއްޗެތީގެ މަޠްލަބެއް އޭނާއަކަށް ނުވިސްނެއެވެ.

”ތިޔަވަރަށް އަހަރެންނަށް އުނދަގޫކުރަނީވިއްޔާ ތިޔަކުއްޖާގަނޑު މަރުވާނެއެވެ…. ގެއަށް ގޮސް ކުޅިދައްކާލާނަމެވެ. ބަލަން ތިބޭށެވެ. ބައްޕަގެ ގާތުގައި ޝަކުވާ ކުރާނަމަވެ…. އެތިފަހަރެއް އަޅާފާނަމެވެ. ކުޅޭ އެއްޗެއްވެސް ނުދޭނަމަވެ.“ އެ އަންހެން މީހާގެ މޫނުމައްޗަށް އަރާ ފައިބާ ކުލަތަކާއި، ތުންފަތުގެ ހަރަކާތަށް ބަލައިގެން އެބަސްތައް މާނަކުރަމުން ފަރުޖާދު ހީލިއެވެ. އެވަގުތު އެއަރހޮސްޓެސް ސަޔާއި މެޓައާ މޭވާފަދަ ތަކެތި ހިފައިގެން އައުމުގެ ސަބަބުން އޭނާގެ ޚިޔާލީ ތަރުޖަމާގެ ވާފަށް ކެނޑި ބުރިބުރިވެގެން ހިނގައްޖެއެވެ. އެއަރހޮސްޓެސް އޭނާގެ މޭޒު ތިރިކޮށްލާފާ އެތަކެތި ބަހައްޓައިދިނުމަށްފަހު އެނބުރިލިއެވެ…. ދެން ފަރުޖާދު ލަސްލަހުން ސައިބޮމުން އަނެއްކާވެސް އެހެން ގޮނޑިތަކުގާ ތިބި މީހުންގެ ހަރަކާތްތަކަށް ބަލަން ފެށިއެވެ…… މިފަހަރު އަމާޒުވީ ތަންކޮޅެއް ދުރުގާ ތިބި ދެމަފިރިންނަށެވެ. އެއީ ވަރަށް ޢިލްމީ ބައެއްހެން ހީވެއެވެ. ދެމީހުންގެ އަތުގާ ދެފޮތްވެސް އޮތެވެ. ލޮލުގާ އައިނު އަޅާފާވެއެވެ. އައިނުގެ މަތިން ނިތްކުރީގައި ތިންރޮނގު ހުއްޓެވެ. އެއީ އެމީހުންގެ ޝުޢޫރުތައް ހާމަކޮށްދޭ ތިންރޮނގެވެ. އެމީހުން ވާހަކަ ދައްކަމުން، ވާހަކައާ އެއްވަރަށް އަތްހަލުވަމުން ބޮލާއި ކަނދުރާއިން ހަރަކާތްކުރަމުން ގެންދެއެވެ. އެއީވެސް އެމީހުންގެ ޢިލްމުވެރިކަމުގެ ފައުޅުވެފައިވާ ހެއްކެކެވެ. ޢިލްމުވެރިންގެ ފަހަތުގާތިބީ ހިންދުސްތާނީ ޖޯޑެކެވެ. އަންހެން ކުއްޖާ އަޅައިގެން އިން ފަށުވި ސާޅީއާއި ގަހަނާތަކާ ނިތްކުރީގާ ޖަހާފައި ހުރި ތިއްކާ މޭކައަޕާ އަންހެން ކުއްޖާގެ ލަދުވެތިކަމުން އެއީ އަލަށް ކައިވެނިކޮށްގެން އުޅޭ ޖޯޑެއްކަން އެގެއެވެ. ފިރިހެން ކުއްޖާވެސް ނަލައެވެ. ރީއްޗެވެ. ޒުވާނެވެ. އޭނާ އިރުއިރުކޮޅާ އަންހެން ކުއްޖާއާ ދިމާއަށް ގުދުވެ ކޮންމެވެސް ޙަރަކާތެއް ކޮށްލައެވެ. ހީވާގޮތުން އޭނާ އެހެރީ ފަރަންޖީންގެ ރާއްޖެތަކުގާ އުޅެއުޅެ ލަދުކެނޑިފައެވެ. އެއާޚިލާފަށް އަންހެން ކުއްޖާއަކީ އިރުމަތީގެ ޚާއްޞަ ލަދުވެތިކަމުގެ ފޭރާން ލެވިފައިވާ ކުއްޖެއްކަން އެނގެއެވެ. ފިރިހެން ކުއްޖާގެ ޖެހިލުންކުޑަ ކޮންމެ ޙަރަކާތްތަކުން ސަލާމަތްވާން އޭނާ މަސައްކަތް ކުރެއެވެ. އެމީހުން އަޅައިގެން ތިބި ހެދުމާ ޙަރަކާތްތަކުން އެއީ ހަނީމޫނަށްދާ ދެމަފިރިންކަން އެނގެއެވެ. ފަރުޖާދުގެ ވައަތްފަރާތުގާ ހުރި ގޮނޑިތަކުގާ ތިބި ދަތުރުވެރިންގެ ކަމަކީ ނިދުމެވެ. ބައެއްފަހަރު ނިދިގެންގޮސް ބޮލާއި ކަނދުރާ އިދިފުށަށް އެލެއެވެ. ބައެއްފަހަރު މޭމަތީގާ ދަތްދޮޅި ޖެހެއެވެ. އަރިވެގެންގޮސް ކޮނޑުމައްޗަށް ބޯތިރިވާތަންވެސް އާދެއެވެ. ތަންކޮޅެއް ބާރަށް ތާއްޔަށް ޖެހިއްޖިއްޔާ ސިއްސައިގެން ގޮސް ނިދިން ރައްވެފައިވާ ދެލޯ ހުޅުވާލައެވެ. އަނެއްކާވެސް ދެލޯ މަރާފާ ތާއްޔަށް ޖެހެންފަށައެވެ. އެއްފަހަރަކު އޭނާ ނިދިޖެހިގެން ގޮސް ގާތުގާ އިން އަންހެން މީހާގެ ކޮނޑުމައްޗަށް ބޯއެލުނެވެ. އެވަގުތު އަންހެން މީހާ ރުޅިއައިސްގެން ބޮލުގާ އަތްއަޅާ ދުރަށް ކޮށްޕާލިއެވެ. ހީވީ ބޯޅަދަނޑެއްގާ މޮޅު ފޯވަޑަކު ގޯލާ ދިމާއަށް ބޯޅައެއް ޖެހިހެންނެވެ. އެތަން ފެނުމުން ފަރުޖާދުގެ ގާތަށްވެސް ހިނިއައެވެ. އެހާތަނުން ދެން ފަރުޖާދު ބަލައިލީ ރަންއިސްތަށިގަނޑުލީ ކުޑަކުއްޖަކާ ދިމާއަށެވެ. އެކުއްޖާއާ އެކުގާ އެކުއްޖާގެ މަންމައާއި ބައްޕަވެސް ތިއްބެވެ. އަޅައިގެން ތިބި ހެދުމާއި ހަމުގެ ކުލައާއި ފާޑުން އެއީ އީރާނުގެ ބައެއް ކަމަށް ލަފާކުރެވެއެވެ. އެކުއްޖާގެ މައިންބަފައިން ތިބީ ފުރަގަސްދީގެންނެވެ. ވީމާ، އެމީހުންގެ މޫނު ނުފެންނުނަސް ކުޑަކުއްޖާގެ ރީތިކަމުން މައިންބަފައިންވެސް ރީތިވާނޭ ކަމަށް ހީވެއެވެ. ފަރުޖާދު މަޑުމަޑުން މޯޅިއަށް ދެމިލާފާ އިންގޮތް ބަދަލުކޮށްލިއެވެ.

”މިތަނުގާ އަޅުގަނޑު އިށީނދެލިޔަސް އެންމެ ރަނގަޅުތޯއެވެ؟“ ނިސްވާނީ އަޑެއް ފަރުޖާދު ސިއްސުވާލިއެވެ. އޭނާ ބަލައިލިއެވެ. ގާތްގަނޑަކަށް ސާޅީސް ފަސް އަހަރުގެ އަންހެނަކު ހިނިއައިސްފާ ހުރެގެން އިށީނުމުގެ ހުއްދައަށް އިނގިރޭސިބަހުން އެދެނީއެވެ.

”އިށީންނަވާށެވެ.“ އަންހެންމީހާ އަޅައިގެންހުރި ހެދުމަށް ބަލައިލާފާ އޭނާ އޮރުދޫ ބަހުން ޖަވާބުދިނެވެ.

”ޝުކުރިއްޔާއެވެ.“ އަންހެން މީހާ އިނގިރޭސިބަހުން ޝުކުރިއްޔާ އަދާކުރިއެވެ.

”އަޅުގަނޑަކީ ޕާކިސްތާނުގެ ރަށްވެއްސަކީމެވެ. އޮރުދޫ ދަންނަމެވެ. އެބަހުން ރަނގަޅަށް ވާހަކަ ދައްކަން ދަންނަމެވެ.“ ފަރުޖާދު ހިނިތުންވެލިއެވެ.

”ތިޔައީ ވަރަށް އުފާވެރިކަމެކެވެ.“ އަންހެން މީހާގެ ދަބަސް އުނގުމަތީގައި ބާއްވާލަމުން ހީލިއެވެ. ފަރުޖާދުގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ރަނގަޅަށް ބަލައިލިއެވެ.

”އަޅުގަނޑަށް ކުރެވުނީ ކުށްހީއެއްތާއެވެ.“

”ކީއްވެގެން ތޯއެވެ؟“ ފަރުޖާދު ސުވާލުކުރިއެވެ.

”އަޅުގަނޑު ހީކުރީ ތިޔައީ ޖަރުމަނުގެ ބޭކަލެއް ކަމަށެވެ.“ އަންހެން މީހާ ބުންޏެވެ.

”ޖަނަވާރެއް ކަމަށް ހީނުކުރައްވާ ޖަރުމަނެއް ކަމަށް ހީކުރެއްވީތީ ﷲ އަށް ޝުކުރު ކުރަމެވެ.“ ފަރުޖާދު ބުންޏެވެ.

”ޔަޤީނުންވެސް ތިއީ ދަތުރުގެ ރަނގަޅު ބައިވެރިއެއް ކަމަށް ހީކުރަމެވެ.“ އަންހެން މީހާ ކަކަލާފާ ހީގެންފިއެވެ.

”ޝުކުރިއްޔާއެވެ.“ ފަރުޖާދު ބުންޏެވެ.

”އޭދަ އިނގިރޭސި މީހާގެ ގާތުގާ އިނދެ އިނދެ އަޅުގަނޑު ފޫހިވެއްޖެއެވެ. ބައެއް މީހުންނަކީ ބޮލަށް އުނދަގޫވާހާ ބޮޑަށް އަމިއްލަ އެދުން ބޮޑު ބަޔެކެވެ.“ ފޫހި ގޮތަކަށް އަންހެން މީހާ ބުންޏެވެ.

”ވެދާނެއެވެ….“ ފަރުޖާދު ފޫހިގޮތަކަށް ބުންޏެވެ.

”އަޅުގަނޑު މިދަނީ ކަރާޗީއަށެވެ.“ އެއަންހެން މީހާ ބުންޏެވެ.

”އަޅުގަނޑުވެސް މިދަނީ ކަރާޗީއަށެވެ.“ ފަރުޖާދު ބުންޏެވެ.

”ޕާކިސްތާނަށް ތިޔަދުރުވަނީ ކިހާދުވަހަކަށް ފަހުގައިތޯއެވެ؟“ އަންހެންމީހާ ސުވާލު ކުރިއެވެ.

އަންހެން މީހާ މިކުރި ސުވާލެއްގެ ސަބަބުން ފަރުޖާދުގެ އުފާވެރިކަން ގެއްލިއްޖެއެވެ. ދެލޮލުގާ ފުސްކަމެއް އުފެދިއްޖެއެވެ. ނުތަނަވަސް ކަމާއެކު އިންގޮތް ބަދަލުކޮށްލިއެވެ…… އެއަންހެން މީހާއަކީ ވާހަކަ ގިނަ މީހެއްކަން އެވީ ކުޑައިރުކޮޅުގެ ތެރޭގާ ފަރުޖާދަށް އެނގުނެވެ. އޭނާ ކުޑަކޮށް ވިސްނާލަން އިންދާ އަނެއްކާވެސް އަންހެން މީހާ ފެށިއެވެ.

”އަޅުގަނޑު ޕާކިސްތާނަށް މިދަނީ ފުރިހަމަ ފަސްއަހަރަށްފަހުގައެވެ. މާތްކަލާކޯއެވެ. އަމިއްލަ ވަޒަނަކީވެސް ބާރުގަދަ ތަނެކެވެ. ބަސްބުނާހާ ކުޑަހިނދުކޮޅެއްގެ ތެރޭގާ ޕާކިސްތާނަށް ދެވޭނޭނަމައޭ ހިތަށް އަރައެވެ.“ އަންހެން މީހާ ނޭވާއަކަށްވެސް މުޑުކޮށްނުލާ އަނގަތަޅަމުން ގެންދިޔައެވެ. ލަންޑަނުގާ އުޅޭ ވާހަކައެވެ. ގެދޮރާ ދަރީންގެ ވާހަކައެވެ. ފިރިމީހާގެ ވާހަކައެވެ. ވިޔަފާރީގެ ވާހަކައެވެ. ފަރުޖާދު އިސްދަށަށް ޖަހާލައިގެން އަޑުއަހަން އިނެވެ.

”ދިރިއުޅުއްވަނީ ލަންޑަނުގައިތޯއެވެ؟ ނުވަތަ ޕާކިސްތާނުގައިތޯއެވެ؟“

”އަޅުގަނޑު ދިރިއުޅެނީއޭތޯއެވެ؟“ ފަރުޖާދުގެ ކުލަ ފަނޑު ތުންފަތްމައްޗަށް އަސަރެއް ނެތް ހިނިތުންވުމެއް ވެރިވިއެވެ.

”ލައްބައެވެ. އަޅުގަނޑު މިވާހަކަ ދައްކަނީ އަޅުގަނޑުގެ ދަތުރުގެ ބައިވެރިޔާއާއެވެ.“ އަންހެންމީހާ ތަންމިނަށް ދެލޯބޮޑުކޮށްގެން ފަރުޖާދާ ދިމާއަށް ބަލަން އިނެވެ.

”އަޅުގަނޑު އަބަދުވެސް އުޅެނީ ދަތުރުމަތީގައެވެ.“ ފަރުޖާދު ބުންޏެވެ.

”ތިޔަބުނުއްވީ އަބަދުވެސް ދެކޮޅަށް ދަތުރުކުރައްވާ ވާހަކަތޯއެވެ؟“ ފަރުޖާދު އަދަބީ ބަހުރުވައިން ބުނި ޖުމްލައިގެ އަދަބު އަންހެން މީހާ ކުޑަކޮށްލިއެވެ. ވީމާ އަންހެން މީހާގެ ވިސްނުން ކުޑަކަމާމެދު ފަރުޖާދުގެ ގާތަށް ހިނިއައެވެ.

”މާތްއަންހެނާއެވެ. އަޅުގަނޑު ޕާކިސްތާނަށް މިދަނީ ވިހިއަހަރު ފަހުގައެވެ.“ ގޮނޑީގާ ރަނގަޅަށް ހަމަޖެހިލަމުން ފަރުޖާދު ބުންޏެވެ.

”އޯހް! މާތްކަލާކޯއެވެ.“ އަންހެން މީހާގެ ފުފިފައިވާ ދެކޮލާއި ވަޅުވަދެފައިވާ ދެލޯ ޙައިރާންކަމުން ފުރުނެވެ. ފަރުޖާދު ފިނި ނޭވާއެއް ލުމަށްފަހުގައި ކުޑަދޮރުން ބޭރު ބަލަން ފެށިއެވެ.

އެހެން މީހުންގެ ސިއްރުތައް ހޯދައިގަތުމަކީ އަންހެނުންގެ ހުނަރެކެވެ. އެކަބަލުން މާކުރާހިތްވާ ކަމެކެވެ. ވީއިރު އެ އަންހެންމީހާ ވަކިން ފަސް ޖެހެންވީ ކީއްވެގެން ހެއްޔެވެ.

”އަބަދުވެސް ދަތުރުމަތީގާ އުޅުއްވާ ވާހަކަ ދެންމެ ބުނުއްވީމު ނޫންތޯއެވެ؟ އެހެންކަމުން ތިޔައީ ވިޔަފާރީގާ އުޅުއްވާ ބޭކަލެއްހެން އަޅުގަނޑަށް ވަރަށް ހީވެއެވެ. އެގޮތުން ޔޫރަޕް، އެމެރިކާ، އެފްރިކާފަދަ ޤައުމުތަކަށް ދުރުވާނޭ ކަމަށް ލަފާ ކުރެވެއެވެ.“ އަންހެން މީހާ ޝަޢުޤުވެރިކަމާއެކު ފަރުޖާދާ ދިމާއަށް ބަލައިލިއެވެ.

”ދަތުރުމަތީގައޭ އަޅުގަނޑު ނަންގަތީ ތިޔަމާނައިގައެއް ނޫނެވެ.“ ފަރުޖާދުގެ ހިތް ނުތަނަވަސްވެފައި އިން ނަމަވެސް އަންހެން މީހާގެ ނުވިސްނޭކަމާމެދު ހިނިއައެވެ.

”ތިޔަހެންވިއްޔާ ކޮންމާނައެއްގައިތޯއެވެ؟“ އަންހެންމީހާގެ ޝަޢުގެވެރިކަން އިތުރުވިއެވެ. ފަރުޖާދު އަނެއްކާވެސް ކުޑަކޮށް ހީލިއެވެ. އެއަންހެން މީހާ ކުރާ ސުވާލުތަކާ ގަޔާވާގޮތްވިއެވެ. އެކަނި އިނދެއިނދެ ފޫހިވެގެންކަންވެސް ނޭނގެއެވެ. އަންހެން މީހާއާ ވާހަކަ ދައްކާލަން ބޭނުންވިއެވެ.

”އެކިގޮތްގޮތަށް ހަށިގަނޑު ޙަރަކާތް ކުރުމަކީވެސް ދަތުރެއް ނޫންތޯއެވެ. ތަފާތު ޚިޔާލުތައް ކުރުމަކީވެސް ދަތުރެއް ނޫންތޯއެވެ؟ އިންސާނުން އަބައިމީހުންގެ ޒާތުގާ އަބަދުވެސް ތިބެނީ ދަތުރުކޮށްކޮށެވެ.“ ފަރުޖާދު ބުންޏެވެ.

”ތިޔައީ ލިޔުންތެރިއެއްތޯއެވެ؟“ އަންހެން މީހާ ފަރުވާތެރިކަމާއެކު ފަރުޖާދުގެ ވާހަކަ އަޑުއަހަން އިދެފާ ބާރަށް ހީގެންފިއެވެ.

”ނޫނެކެވެ. ތިޔަހެން ތިޔަބުނުއްވީ ކީއްވެގެންތޯއެވެ؟“ ފަރުޖާދު ބުންޏެވެ.

”ލަފުޒުތައް އަތުރާލެއްވިލެއް ފުރިހަމަކަމުންނެވެ.“ އަންހެން މީހާ ބުންޏެވެ. ދެން އިރުކޮޅަކު ހިމޭނުން އިނދެލާފައި އަނެއްކާވެސް ބުންޏެވެ. ”އެނބުރި ވަޒަނަށް ތިޔަދުރުވަނީ ހަމަވިހި އަހަރުގެ ފަހުންތޯއެވެ؟“

”އެއީ މާގޯސް ކަމެއް ނޫނެވެ…. ވިހި އަހަރުގެ ފަހުންވެސް އެނބުރި ވަޒަނަށް ދާން ހިތަށް ނާރާ ކިތަންމެ ބަޔަކު ލަންޑަނުގާ އެބަތިއްބެވެ.“ ފަރުޖާދު ބުންޏެވެ.

”ހަމަގައިމުވެސް އެއީ ގޯސްކަމެކެވެ. އެކަމަކު ވިހި އަހަރަށްފަހުގާވެސް ކަލާގެ ހިތުގާ ވަޒަނަށް ދުރުވުމުގެ ޚިޔާލު އުފެދުނުކަން ކިހާރަނގަޅުތޯއެވެ؟“ އަންހެން މީހާ ބުންޏެވެ.

”ތިޔަހެން ކަމަށްވެސް ވެދާނެއެވެ.“ ފަރުޖާދު ބުންޏެވެ.

”މިދަތުރު ތިޔަދުރުވަނީ ގިނިކަންޏާތޯއެވެ؟“ އަންހެން މީހާ ސުވާލުކުރިއެވެ.

”އަޅުގަނޑާ އެކުގައި ދާންވީ ކާކުތޯއެވެ؟“ފަރުޖާދު ސުވާލުކުރިއެވެ.

”އަނބިދަރީންނެވެ. އެހެން ކޮންބައެއްތޯއެވެ؟“ އަންހެން މީހާ ބުންޏެވެ. އެވަގުތު އަނެއްކާވެސް ނުތަނަވަސްކަމާއެކު ފަރުޖާދު އިންގޮތް ބަދަލުކޮށްލިއެވެ.

”އުމުރުގެ އެންމެ އަގުބޮޑު ދުވަސްތައް ތިޔަހޭދަކުރެއްވީ ވަޒަނުން ބޭރުގައެވެ. ވީއިރު އެތަނުން މީހަކާވެސް ކައިވެނި ކުރައްވާނޭތާއެވެ. އަޅުގަނޑަށް ޔަޤީނެވެ.“ އަމަޢުޟޫއާއިގެން ކުރިއަށްދާކަށް ފަރުޖާދު ބޭނުމެއް ނޫނެވެ. ވީމާ އޭނާގެ ކުރިމަތީގާ ހުރި ގޮނޑީގެ ފަހަތު ޖީބުގާ ހުރި ނޫސްތަކަކުން ނޫހެއް ނަގައިގެން ބަލަން ފެށިއެވެ.

”ތިޔައީ މީހެއްގެ ފިރިއެއްތޯއެވެ؟“

”ލައްބައެވެ. އެއްއިރެއްގާ މީހެއްގެ ފިރިއެކެވެ. އެކަމަކު މިހާރު ފިރިއެއް ނޫނެވެ. މިހާރު ހުރީ ހަމަ އެކަނި އަޅުގަނޑުގެ ނަފުސެވެ. އެއީ އަޅުގަނޑުގެ ވަޒަނުގެ އަމާނާތެކެވެ. އަޅުގަނޑު މިހާރު މިދަނީ އެއަމާނާތް އަޅުގަނޑުގެ ވަޒަނަށް ރައްދުކުރާށެވެ.“ ފަރުޖާދު ބުންޏެވެ.

”ތިޔަވާހަކަ ދައްކަވަނީ ހާދަ މަޢުނަވީ ގޮތަކަށެވެ.“ އަންހެން މީހާ ބުންޏެވެ.

”އެކަމަކު ވިސްނިނުލައްވާ ކަހަލަ އެންމެ ލަފުޒެއްވެސް އަޅުގަނޑު އަދި ނުބުނަމެވެ.“ ފަރުޖާދު ބުންޏެވެ.

”ވިސްނިއްޖިއެވެ. ކަލާ ކައިވެންޏެއްވެސް ކުރެއްވިއެވެ. އަދި…..“ އަންހެން މީހާ ހީލިއެވެ.

”ލައްބައެވެ. ތިޔަ ޖަލުގާވެސް ދިހައަހަރު އުޅުނީމެވެ. އެކަމަކު މިހާރު މިއީ މިނިވަނެކެވެ.“ ފަރުޖާދު ބުންޏެވެ.

”ތިޔައީ ވަރަށް މަޖާ ބޭކަލެކެވެ.“ އަންހެން މީހާ ބުންޏެވެ.

”ޝުކުރިއްޔާއެވެ.“ ފަރުޖާދު ބުންޏެވެ.

އަންހެން މީހާ އިރުކޮޅަކު ހިމޭނުން އިނދެލިއެވެ. އަކަމާ ފަރުޖާދުގެ ގާތަށް ހިނިއައެވެ. އެކަމަކު އެ އަނގަގަދަ އަންހެން މީހާ ވާހަކަ ނުދައްކާ ހިމޭނުން އިންނާނޭނަމަ އެ އިނގިރޭސި މީހާ ގާތުގާ ނުއިންނާންވީ ކީއްވެގެން ހެއްޔެވެ. ފަރުޖާދުގެ ހިތައް އެރިއެވެ.

”އެތަނުގާ އުޅުއްވިއިރު ގާތްތިމާގެ މީހުންގެ މަތިން ހަދާނެއްނުވޭތޯއެވެ؟“ އަނެއްކާވެސް އަންހެން މީހާ ވާހަކަ ދައްކަން ފެށިއެވެ.

”ވިހިއަހަރު ވަންދެން ރަށުން އަރުވާލެވިގެން މިއުޅުނީވެސް ތިޔަ ހަނދާންތަކުން ސަލާމަތްވާން ވެގެންނެވެ.“ ފަރުޖާދު ބުންޏެވެ.

”މިހާރު ސަލާމަތްވެލެއްވުމުގެ ބޭނުން ކެނޑުނީތޯއެވެ؟“ އަންހެން މީހާ ގަޔާވެލާފާ ސުވާލުކޮށްލިއެވެ.

”ލައްބައެވެ.“ ފަރުޖާދު ބުންޏެވެ. ފަރުޖާދު އަނގައަކުން ނުބުނެއެވެ. އަންހެން މީހާ އެކަހަލަ ޒާތީ ސުވާލެއްކުރީތީ  ފަރުޖާދަށް ލަދުވެތިކަމެއް އިޙްސާސްވިއެވެ.

”މަޢާފް ކުރައްވާށެވެ.“ އަންހެން މީހާ ބުންޏެވެ. ”އެހެން މީހުންގެ ޒާތީ ކަންތަކާ ބެހޭގޮތުން ސުވާލުތައް ކުރުމުގެ ޙައްޤެއް އަކަކަށްވެސް ނޯންނާނެއެވެ. މަޢާފް ކުރައްވާށެވެ. މިކަހަލަ ސުވާލު އަޅުގަނޑު މިކުރަނީ ވަކި މަޤްސަދެއް އޮވެގެނެއް ނޫނެވެ. ވާހަކަ ނުދައްކާ އިނުމަކީ އަޅުގަނޑަށް މާފަސޭހަ ކަމެއް ނޫނެވެ. އިނގިރޭސި މީހާގަނޑު ތައްބައްދައިގެން އިނދެ އަޅުގަނޑު ފޫހި ކުރުވީއެވެ. އެކަމަކު މިހާރު ކަލާއާ ވާހަކަ ދައްކާލީމާ އަޅުގަނޑަށް ހިތްހަމަޖެހެއެވެ.“ އަންހެން މީހާ ބުންޏެވެ.

”ޝުކުރިއްޔާއެވެ.“

”ޒާތީ ކަންތަކާ ނުބެހި ވާހަކަ ދައްކަމާ ހިންގަވާށެވެ. އުފާވެރި ދަތުރަކަށްވާނީވެސް މަޖާ ވާހަކަ ދައްކާލީމައެވެ. އިންތިޒާރުގެ ވަގުތުތައް ފަސޭހަކަމާއެކު ހޭދަކޮށްލެވޭނީވެސް އޭރުންނެވެ. އެހެން މަޢުޟޫއަކަށް ވާހަކަ ދައްކާލުމަކީ ކަލާ ހިތްހަމަ ޖެހިލައްވާ ކަމަކަށް ވާނޭތޯއެވެ؟“ އަންހެން މީހާ ބުންޏެވެ.

”ލައްބައެވެ. އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެންގެ ވަޒަނަށެވެ. ވީއިރު ވަޒަނުގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކިދާނެއެވެ.“ ފަރުޖާދު ބުންޏެވެ.

”ރަނގަޅެވެ. ރަނގަޅެވެ.“ އަންހެން މީހާ އުފަލާއެކު ބުންޏެވެ. އެއަށް ފަހުގާ ދެމީހުންވެސް އެމީހެއްގެ ރަށާއި ގާތްތިމާގެ މީހުންގެ ވާހަކަ ދެއްކިއެވެ. އެހެންގޮސް އަނެއްކާވެސް އެއަންހެން މީހާގެ ވާހަކަ ޒާތީ ކަންތައްތަކާ ދިމާއަށް މިޞްރާބު ޖަހައިފިއެވެ.

”ކަލާއަކީ ކޮންރަށެއްގެ ވަޒަންވެރިއެއްތޯއެވެ؟ ކަލާގެ ކާބަފައިންގެ ވަޒަނަކީ ކޮބައިތޯއެވެ؟ ކަލާގެ ޢާއިލާއާއި ވަޒަން ދޫކޮށްލައްވަން ޖެހިލެއްވީ ކީއްވެގެންތޯއެވެ؟ އިނގިރޭސި އަންހެނަކާ ކައިވެނި ކުރެއްވީ ކީއްވެގެންތޯއެވެ؟ ކަލާގެ ޒުވާން ޢުމުރުގާ ޕާކިސްތާނުގެ ރީތި އަންހެން ކުދިންތައް ކަލާއާ ހެދި ފިދާވާނޭ ނޫންތޯއެވެ؟“ އަންހެން މީހާގެ ވަޢުދު ހަދާންނެތި އަނެއްކާވެސް ޒާތީ ވާހަކަތައް ފެށީމާ ފަރުޖާދު ކަންބޮޑުވިއެވެ. ހާސްވިއެވެ. އެއަންހެންމީހާދެކެ ބިރުގަންނަން ފެށިއެވެ. ޝައްކެއް ނެތެވެ. އަންހެން މީހާ އެގޮތަށް ކޮޅަނީވިއްޔާ ފަރުޖާރު ފާޅުކުރަން ބޭނުންނުވާ ސިއްރުތަކެއް ފާޅުވެދާނެއެވެ. އުއީ އޭނާ ހިތަށް އަރުވަންވެސް ބޭނުންނުވާ ކަންތައްތަކެކެވެ.

އޭނާ އެނބުރި ރަށަށް އެދަނީ ކީއްވެގެން ހެއްޔެވެ؟….. ކީއްވެގެން ހެއްޔެވެ؟…. އޭގެ ދުވަސްކޮޅެއް ކުރިން އޭނާ ސްކޮޓްލޭންޑަށް ދިޔައެވެ. އެނބުރި އައިއިރު ޕާކިސްތާނުގެ ދެކެފަރިތަ ރައްޓިއްސަކާ އޭނާއާ ބައްދަލުވިއެވެ. އެއީ ތިންމަސްދުވަހުގެ ޗުއްޓީއަށް ރަށަށް ގޮސްފާ އައި މީހެކެވެ. ތިންމަސް ދުވަހަށްފަހުގާ އޭނާ އެނބުރި އައީ އެނާގެ ގާތްތިމާގެ މީހުންނާއި ރައްޓެހި ރަޚްމަތްތެރިންނަށްޓަކައި މަޢުލޫމާތުގެ ޚަޒާނާއެއް ހިފައިގެންނެވެ. ވެއަތުވެދިޔަ އަހަރު ގުލްބާނު މަރުވި ވާހަކަ ފަރުޖާދު ގާތުގާ ބުނީ އޭނާއެވެ…. ގުލްބާނޫ….. ގުލް…. އާސިފްގެ އަނބިމީހާ….. އޭނާ މަރުވެއްޖެއެވެ….. ވައަތުވެދިޔަ އަހަރު މަރުވެއްޖެއެވެ. ފަރުޖާދު އަޚަބަރު އަޑުއެހީ ކެތްތެރިކަމާ މަދުމައިތިރިކަމާ އެކުގައެވެ. އެޚަބަރުގެ ސަބަބުން އޭނާގެ ހިތާއި ސިކުނޑިން ބޮޑު ބުރައެއް ލުއިވެގެންދިޔަހެން ހީވިއެވެ. އާއެކެވެ. އޭނާގެ ނޭވާއަށް ދަތިކުރި ނުތަނަވަސްކަން ކެނޑިއްޖެއެވެ. އޭނާގެ ވުޖޫދުގެ ވަށައިގެން ލެވިފައިވާ ހިސޯރު ފުނޑުފުނޑުވެއްޖެއެވެ. އެޚަބަރުގެ ސަބަބުން އޭނާގެ ހިތާމަތަށް އިންތިހާއަށް ދިޔައީ ކަމެއް، ހަމަޖެހުމުގެ ފެށުން އައީ ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭނީވެސް ކިހިނަކުންހެއްޔެވެ؟ އިންތިހާއާއި ފެށުންވެސް އޮތީ ވަށް ދާއިރާއެއްގެ ސިފައިގައެވެ. ވީއިރު އިންތިހާއަކީ ކޮބައިކަން ފެށުނމަކީ ކޮބައިކަން ވަކިކޮށް ދެނެގަންނާނީ ކިހިނަކުން ހެއްޔެވެ؟ އެދާނީ އަބަދުވެސް އެނބުރެމުންނެވެ. ފެށޭނީ އެއްތާކުންނެވެ. ނިމޭނީ އެއްތާކުންނެވެ. ކޮންމެ ގޮތެއްވިޔަސް އެ ޚަބަރު ލިބުމާއެކު ވަޒަނަށް އެނބުރިދާން އޮތް މަގަށް ހުރަސްއެޅި ގަދަފަދަ ހުރަސް ފުނޑުފުނޑުވީ ހެއްޔެވެ؟ މިހާރު މިނިވަންކަމާ ހިތްހަމަޖެހުމާއެކު އޭނާގެ ވަޒަނަށް އޭނާގެ ރަށަށް، އޭނާގެ ގެއަށް އެނބުރި ދެވިދާނޭ ހެއްޔެވެ؟ އާއެކެވެ.

(ނުނިމޭ)

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.