ފަހަރި 6

މިހާރު މުޅިތަނަށް އޮތީ މަޑުމައިތިރިކަން އުފެދިފައެވެ. އޮކެސްޓްރާގެ އަޑު ކެނޑުއިރެއްވެސް ނޭގެއެވެ. މިމަޖްލިސްގައި ޢަޖާއިބު މާޙައުލެއް އުފެދިއްޖެއެވެ. އެއްވެސް މީހަކު އުއްމީދު ކޮށްފައި ނުވާފަދަ މާޙައުލެކެވެ. ހުރިހާ އެންމެން ބަލަން ތިބީ ޕްރަބާހކަރްއާ ދިމާއަށެވެ. ފުރިފައި އޮތް މަޖްލިސެއްގައި ބަލިކަށި އަންހެން ކުއްޖެއްގެ އަތުގައި ހިފުމުގެ ހިތްވަރު ކުރީ އޭނާއެވެ. އެހެން ހުރިހާ އެންމެން ޕްރަބާހކަރްއާ ދިމާއަށް ބެލިނަމަވެސް ރާޖްކުމާރީއާއި ރާޖާސާހަބް ބަލަން ތިބީ ރިޝްމީއާ ދިމާއަށެވެ. ވަރަށް ދަށް ބެލުމަކުންނެވެ. މިބެލުމުން ދޭހަކޮށްދެނީ މިފަދަ ބަރަކާތްތެރި ދަނޑިވަޅެއް، އަދި މިފަދަ ރީތި ރެއެއްގެ ހުރިހާ މަޖަލެއް ފުނޑުފުނޑުކޮށްލި މީހަކީ ޚޮދު ރިޝްމީ ކަމުގައެވެ.

ރިޝްމީގެ އެއްވެސް ބާރެއް ނެތެވެ. އޭނާގެ ވަށައިގެން އޮތީ މަޖުބޫރެވެ. އޭނާގެ ލޮލުން ފޭބި ކަރުނަތައް ކޯތާފަތްމަތިން ލާފައި އޮހެން ފަށައިފިއެވެ. މިތަނަށް އާދެވުނުކަމާމެދު އޭނާ އަމިއްލައަށްވެސް ހިތާމަކުރިއެވެ. ޕްރަބާރކަރް މަޑުމަޑުން ތެދުވެއްޖެއެވެ. އަދި ދަތްކުނޑި ވިކައިގެންފައި ރިޝްމީއާ ދިމާއަށް ބަލާލިއެވެ. އެއަށްފަހު ބަލާލީ ރަތަންއާ ދިމާއަށެވެ. ރަތަންހުރީ ރިޝްމީ ޙިމާޔަތް ކުރަން ތައްޔާރަށެވެ.

ޕްރަބާހކަރް އޭނާގެ މަންމައާ ދިމާއަށް ބަލާލާފައި ބުންޏެވެ.

”މަންމާއެވެ. އަޅުގަނޑުމެންނަކީ ރާޖާ ސާހަބްގެ މެހްމާނުންނެވެ. މިބައިމީހުންގެ މެހްމާނުންނެއް ނޫނެވެ. އެހެން ނޫންނަމަ މިގޮތަށް އަޅުގަނޑުމެންގެ ޢިއްޒަތަށް ފަހަރެއްގައިވެސް ޙުރްމަތް ކުޑައެއް ނުކުރީހެވެ.“ ޕްރަބާހކަރް މިހެން ބުނީ ރާޖާ ސާހަބްއަށް މަލާމާތްކޮށްގެން އޭނާގެ އަންހެން ދަރިފުޅުގެ އެންގޭޖަށް ހުރަސްއެޅޭތޯއެވެ. ދެވަނަފަހަރަށް ހަރުކަށިކަމާއެކު ރިޝްމީއާ ދިމާއަށް އޭނާ ބަލާލިއެވެ. އަދިވެސް އެއްފަހަރު ރަހަލައްވާލާނަމޭ ބުނާކަހަލަ ބެލުމަކުންނެވެ. ރިޝްމީ ވަރަށްބޮޑަށް ބިރުގަތެވެ.

”މަންމާއެވެ. ހިންގަވާށެވެ. މިއީ އަޅުގަނޑުމެންނާ އެކަށީގެންވާ ތަނެއް ނޫނެވެ.“ ޕްރަބާހކަރް މަންމައަށް ބުންޏެވެ.

ޕްރަބާހކަރް ކޮޓަރިން ބޭރަށް ނުކުތުމަށް ހިނގައިގަތުމުން ޕުޝްޕާދޭވީ ރިޝްމީއާ ދިމާއަށް ކަޅިއަޅައިގެންފައި ޕްރަބާހކަރްގެ ފަހަތުން ހިގައިގެންފިއެވެ.

ކުޑައިރުކޮޅެއް ވަންދެން ތަނަށް ހަމަހިމޭންކަން ފެތުރިފައި އޮތެވެ. ހުރިހާ އެންމެންގެ ކަޅިތައް ހުއްޓިފައި ހުރީ ރިޝްމީއާ ދިމާއަށެވެ. މިބެލުމުގެ އިޙްސާސް ކުރެވުމުން މަނޭޝްރާޖްއާ ދިމާއަށް ބަލާލައިފައި ތުރުތުރުއަޅާ ދެތުންފަތުން ރިޝްމީ ވާހަކަ ދެއްކިއެވެ.

”އަޅުގަނޑު……..އަޅުގަނޑު……“ ރިޝްމީގެ އަޑުވެސް ތުރުތުރުއަޅަނީއެވެ. ފަނޑު ފަނޑު ގިސްލެވުމެއްވެސް އެއަޑުގައި ހުއްޓެވެ. ނަމަވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

”މިކަމާ އަޅުގަނޑު  ވަރަށް ބޮޑަށް ދެރަވެއްޖައީމެވެ……އެއްގޮތަކަށްވެސް އަޅުގަނޑު މިތަނަށް އައިސްގެން ނުވާނެއެވެ. ތިޔަ އެންމެ ބޭފުޅުން އަޅުގަނޑަށް މަޢާފް ކުރައްވާށެވެ.“ ރިޝްމީ މަޢާފަށް އެދެމުން ޙާޟިރުވެތިބި މީހުނާ ދިމާއަށް އަތްޖޯޑު ކޮށްލިއެވެ. ދެން އެތަނުން ދިއުމަށްޓަކާ ދޮރާ ދިމާއަށް ހިނގައިގެންފިއެވެ.

”ރިޝްމީ“ ކުއްލިއަކަށް މަނޭޝްރާޖް ކުރިއަށް ހިނގައިގެންފައި ބުންޏެވެ. އޭރު ރިޝްމީ ދޮރާ ހަމައަށް ހިނގައްޖެއެވެ. ނަމަވެސް އެއަޑަށް ރިޝްމީގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. މަނޭޝްރާޖް ރިޝްމީގެ ކައިރިއަށް އައިސް ނުހަނު ލޯތްބާއެކު ބަލާލާފައި ބުންޏެވެ.

”ކަލޭ މިތަނުން ނުދާށެވެ. ކަލެއަކީ އަހަރެމެންގެ މެހްމާނެކެވެ. ޕްރަބާހކަރްގެ އުޅުން ހުންނަނީ ކިހިނެއްކަން އަހަރެމެން އެންމެން ދަންނަމެވެ.“ މަނޭޝް ރާޖް ވާހަކަ ދެއްކީ މަޑުމައިތިރިކަމާ އެކުގައެވެ. ޕްރަބާހކަރް އެބުނީ ތެދެކެވެ. އޭގެ ދެމައިންނަކީ އަހަރެމެންގެ މެހްމާނުންނެއް ނޫނެވެ. ރާޖާ ސާހަބްގެ މެހްމާނުންނެވެ. ކަލޭގެ ވާހަކަ އިވުމަށްފަހުގައި އެމީހުންނަށް މިތަނަށް އައުމަށް ދަޢުވަތު ދިނުމުގެ ކުށް އަހަރެމެންނަށް ކުރެވިދާނެ ހެއްޔެވެ؟ މަނޭޝްރާޖް ލޯތްބާއެކު ރިޝްމީގެ އަތުގައި ހިފާލިއެވެ. ރިޝްމީއަށް އުއްމީދެއް ލިބުނު ކަމުގައި ހީވިއެވެ. އޭނާގެ ލޯ ތެމިގެން އައެވެ. ރިޝްމީ އަތުގައި ހިފައިގެން އެތެރެއަށް ގެންނަމުން މަނޭޝްރާޖް ބުންޏެވެ.

”އަންނާށެވެ. މިތާނގައި އިށީންނާށެވެ. ކަރުނަތައް ފޮހެލާށެވެ. މިއީ އުފާވެރިކަމުގެ ދުވަހެވެ. ތިޔަގޮތަށް ކަރުނަ ނުއޮއްސާށެވެ.“ އޭނާ ރިޝްމީއަށް ހަރު މުސްކުޅިއަކު ފަދައިން ލޯތްބާއެކު ވިސްނައިދިނެވެ.

ރާޖް ކުމާރީއާއި ރާޖާ ސާހަބް ސިއްރުވެރި ބެލުމަކުން ރިޝްމީއާ ދިމާއަށް ބަލަން ތިއްބެވެ. މަނޭޝްރާޖްގެ މިޙަރަކާތާ އެމީހުން އެއްގޮތަކަށްވެސް ޤަބޫލެއް ނޫނެވެ. ދެބަފައިން އެކަކު އަނެކެއްގެ ޚިޔާލާ އެއްބަސްވާކަން ދޭހަކޮށްދޭ ގޮތަކަށް ދެބަފައިން ދެބަފައިންނަށް ބަލާލިއެވެ. ނަމަވެސް އެކަކުވެސް އެއްޗެއް ނުބުނެއެވެ. ރާޖާ ސާހަބްއަށް ބާރެއް ހިގާނޭނަމަ އެންގޭޖްމެންޓް ހުއްޓާލާފައި މިތަނުން ދާނެއެވެ. އޭނާގެ މެހްމާނުން ކަމަށްވާ ޕުޝްޕާދޭވީއާއި ޕްރަބާރކަރް އެގޮތަށް ލަދުގަންނަވާލުމަކީ ޚޮދު އޭނާ ލަދުގަންނުވާލުމެކޭ އެއްފަދަ ކަމެކެވެ. ނަމަވެސް މިވަގުތު އޭނާއަކީ މަޖުބޫރުވެފައި ހުރި މީހެކެވެ. އޭނާ ރާޖްކުމާރީދެކެ ލޯބިވެއެވެ.

މިދިޔަ އަހަރު ކޮންމެވެސް ކްލަބެއްގައި އޮތް ނެށުމަކުން ރާޖްކުމާރީއާއި ރަތަން ބައްދަލުވީފަހުން އެދެކުދިންގެ ލޯބިއައީ ހިނގަމުންނެވެ. މިހާތަނަށްވެސް އެލޯބި ދެމިއޮތީއެވެ. އަދި އަބަދަށްވެސް ދެމިއޮންނާނެއެވެ. ރަތަން ހިތްހަމަޖައްސާލިއެވެ. މިކަން މިގޮތަށް އޮތްއިރު އޭނާގެ ހިތް ރިޝްމީއާ ދިމާއަށް ލެބެންވީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ސަބަބެއް އޭނާއަކަށް އޮޅުމެއް ނުފިލައެވެ. ނޫނެކެވެ. އެއީ ކުށެކެވެ. މިއަދަކީ އޭނާގެ އެންގޭޖްވާ ދުވަހެވެ. މިފަދަ ނާޒުކް ދަނޑިވަޅެއްގައި އެހެން އެއްވެސް މީހަކާމެދު ވިސްނުމަކީ ފާފައެކެވެ. އޭނާ ޚިޔާލުތައް ދޫކޮށްލާފައި ރާޖްކުމާރީއަށް ބަލާލިއެވެ. ހިނިތުންވެލަން މަޖުބޫރުވިއެވެ. ރިޝްމީ ގޮނޑިއެއްގައި ބޭންދުމުގެ ކުރިން އޮކެސްޓްރާ ފެށުމަށް މަނޭޝްރާޖް އަމުރުކުރިއެވެ.

އޮކެސްޓްރާގެ ރާގު ފެށުމާއެކު އަނެއްކާވެސް ކޮޓަރީގެ މާޙައުލު ކުލަގަދަވެގެން ދިޔައެވެ. ރިޝްމީ ގޮނޑީގައި އިށީނދެ ލޯ ފުހެލާފައި ހިނިތުންވެލުމަށް މަސައްކަތް ކުރަން ފެށިއެވެ. ރިޝްމީ ބައިންދާފައި މަނޭޝްރާޖް އެހެނިހެން މެހްމާނުންގެ ގާތަށް ހިނގައްޖެއެވެ. ކޭކު ފެޅުމާއި އެންގޭޖްމެންޓްގެ ތައްޔާރުތައް އަލުން ފެށިއްޖެއެވެ.

އިރުކޮޅެއްގެ ފަހުން ހުޅަނގުގެ ރަސްމިއްޔާތާއި އާދަކާދައާ އެއްގޮތްވާ ގޮތުގެ މަތީން ރަތަން ކޭކު ފަޅައިފިއެވެ. އެވަގުތު އަތްތިލަބަޑީގެ ގަދައަޑު އިވިގެން ދިޔައެވެ. މިއަޑު ކެނޑުމުން އުފަންދުވަހުގެ ޚާއްޞަ ރާގު އިވިގެން ދިޔައެވެ.

”ހެޕީބާރތްޑޭ ޓޫ ޔޫ“ އެހެނިހެން މެހްމާނުންނާއެކު ރިޝްމީވެސް ލަވަ ކިއުމުގައި ބައިވެރިވިއެވެ. ބައިވެރިވާން އޭނާއަށް މަޖުބޫރެވެ. އޭނާގެ ޙައްޤުގައި މަނޭޝްރާޖްއަކީ ދޭވްތާއެކެވެ. ކުރިންނާއި ފަހުންވެސްމެއެވެ. ސަމާޖްގައި ތިމާގެ ޢިއްޒަތް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލައިގެންނެވެ. ރިޝްމީގެ ފުރާނަ ދުއްވާލައިގެންވެސް މަނޭޝްރާޖް މާޔޫސް ވިޔަކަނުދޭނެއެވެ.

ރާޖްކުމާރީ ހުރީ ރަތަންގެ ކައިރީގައެވެ. ކޭކު ފަޅާލީމާ އެއިން އެތިކޮޅެއް ވަކިކޮށްލާފައި ރާޖް ކުމާރީގެ އަތުން ރަތަންގެ އަނގަޔަށް ލަވައިދިނެވެ. ރަތަންވެސް އޭނާގެ އަތުން ކޭކުކޮޅެއް ނަގާ ރާޖްކުމާރީގެ އަނގައަށް ލަވައިދިނެވެ. ރިޝްމީއަށް މިހުރިހާ ތަނެއްވެސް ފެނުނެވެ. ނޭދުނު ނަމަވެސް އޭނާގެ ހިތުގައި ރިހުމެއް އުފެދުނެވެ. އެވަގުތު އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ޕްރޮގްރާމްގައިވާ ގޮތުގެ މަތިން އަނގޮޓިލާފައި ހުރި ދަޅެއް ރާޖްކުމާރީގެ އަތަށް ދިނެވެ. ދެކުދިންވެސް ދަޅުގެ މަތިނެގީ އެކުއެކުގައެވެ. މެހްމާނުންތައް ކޮރަކޮރާފައި އަނގޮޓިތައް ބަލަން ފެށިއެވެ. ރިޝްމީވެސް ހިތާ ދެކޮޅަށް އަނގޮޓިތަކާ ދިމާއަށް ބަލާލިއެވެ. ޖަވާހިރުގެ އެސް ޖަހާފައިވާ އަނގޮޓިތަކެކެވެ. މުޅިޢުމުރުގައި މިކަހަލަ އަނގޮޓިއެއް އެޅުން ކީއްކުރަންތޯއެވެ. ދެކިލުމުގެ ނަޞީބުވެސް ރިޝްމީއަކަށް ލިބިފައެއް ނެތެވެ. ވީމާ އޭގެ ފުރިހަމަ އަގު ލަފާކޮށްލަންވެސް އޭނާއަކަށް ނޭގެއެވެ. އަދި އަގާމެދު ވިސްނާހިތެއްވެސް އޭނާ ނުވިއެވެ. އެކަމުގައި އޭނާއަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟ މޭޒު ކައިރިން މެހްމާނުންތައް ދުރުކޮށްލައިފިއެވެ. އަނގޮޓި އެޅުމުގެ ރަސްމިއްޔާތު އެންމެންނަށްވެސް ފަސޭހައިން ފެންނާނީ ތަންކޮޅެއް ދުރުގައި ތިބީމައެވެ. ދަޅުން އަގޮޓި ނެގި ވަގުތު ބޭއިޚްތިޔާރުގައި މެހްމާނުންތަކާ ދިމާއަށް ރަތަންއަށް ބަލާލެވުނެވެ. ރިޝްމީއަށްވެސް ރަތަންއާ ދިމާއަށް ބަލާލަން މަޖުބޫރުވިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއެކު ރަތަންގެ އަތް ތުރުތުރުއަޅާލިއެވެ. އަގޮޓި އަތުން ދޫވެގެން ވެއްޓެން އުޅުނެވެ. ހިތްވެސް ވަރަށް ތެޅިލިއެވެ. ނަމަވެސް ވަރަށް މަސައްކަތުން އޭނާގެ ހިތް ހަމައަކަށް އަޅުވާފައި ރާޖް ކުމާރީއާ ދިމާއަށް ބަލާލިއެވެ. ރާޖްކުމާރީ ހުރީ އެއްއަތުން އަގޮޓި ހިފައިގެން އަނެއް އަތުގެ އިނގިލިތައް ހުޅުވާލައިގެން ރަތަންއާ ދިމާއަށް ދިއްކޮށްލައިގެންނެވެ. އޭނާ ބަލަނީ ރަތަންގެ އަތުގައިވާ އަގޮޓިއާ ދިމާއަށެވެ. ދެއަގޮޓީގެ އަގު ވަޒަން ކުރަނީ ކަމުގައި ހީވެއެވެ. ރަތަންގެ އަތުގައި އޮތް އަގޮޓި ރާޖް ކުމާރީގެ އިނގިލީގައި އަޅުވައިދީފިއެވެ. އައު ޚާންދާނެއްގެ ބާއްޖަވެރި ބިންގާ އެޅި ނިމުނީއެވެ.

އަގޮޓި އެޅުމުގެ ފަހުން އޮތީ ޕާޓީގެ ކުޅިވަރެވެ.

އެއީ ހުޅަނގުގެ ގޮތަށް ތައްޔާރު ކޮށްފައި އޮތް ޕާޓީއެކެވެ. އެހެންކަމުން އެއްތައްޓަށްފަހު އަނެއް ތަށި ހުސްވަމުން ދާން ފަށައިފިއެވެ. ރަތަންއާއި ރާޖްކުމާރީގެ ޢިއްޒަތަށްޓަކައި ނުވަތަ ރަތަންއާއި ރާޖްކުމާރީގެ ޞިއްޙަތަށްޓަކައި ހެޔޮދުޢާތައް އިވެން ފަށައިފިއެވެ. މަނޭޝްރާޖްއާއި ރާޖާ ސާހަބްވެސް ލަސްލަހުން ރާތަށިތައް ހުސްކުރަމުން ގެންދިޔައެވެ. ރާޖްކުމާރީއާއި އެހެނިހެން ޒުވާން އަންހެން ކުދިންގެ އަތުގައި ރާތަށްޓެއް ނުވަތަ ކޮކާކޯލާ ފުޅިއެއް ނޫނީ ކޮންމެވެސް ފޮނި ކާއެއްޗެއް ހުއްޓެވެ. ބައެއް މެހްމާނުން ކޮންމެވެސް މަޖާ ވާހަކައެއް ދައްކާލުމުގައި އިށީންނަންވެސް ހަދާން ނެތިފައި ތިއްބެވެ. އެކަނިވެރި ކަމަށް ލޯބިކުރާ މީހުން އެންމެ ބައިގަނޑު މަދު ހިސާބުގައި ގޮނޑިއެއްގައި ޖައްސާލައިގެން ނުވަތަ ކޮޅަށް ތިއްބެވެ. އެއްފަރާތެއްގައި ހުރެގެން ރިޝްމީ މަތިވެރި ސަމާޖުގެ މިކުޅިވަރުގަނޑު އެންމެ ފުރަތަމަ ފަހަރު ދެކެމުން ގެންދަނީއެވެ. އަންހެން ކުދިންގެ އަތުގައި ހުރި ރާތަށިތައް ކުޑަކޮށްވެސް ރަނގަޅު ކަމަކަށް ނުވިއެވެ.

”މިއީވެސް ސަމާޖެއް ހެއްޔެވެ؟ މިއަދު ހުރިހާ އެއްމެން އެތިބީ އުފަލުންނެވެ. ހުރިހާ މީހުން ހިނިތުންވަނީއެވެ. ބާރަށް ހެނީއެވެ. ހީވާގޮތުން މުއްސަނދި މީހުންނަށް ދުނިޔޭގައި އެއްވެސް ފިކުރެއް ނެތެވެ. ހުނުމުގެ އަޑުން މުޅި ހޯލުތެރެ އޮތީ ގުގުމާލާފައެވެ. އަންހެން ކުދިންތައް ހީގަންނައިރު ހީވަނީ ދޫނިބައެއް ގޮވާ އަޑު އިވޭކަމުގައެވެ. ރާޖްކުމާރީއާއި ރާޖާ ސާހަބުގެ ކިބައަކުންވެސް ކުޑަވެސް ހަރުދަނާ ކަމެއް ނުފެނެއެވެ. ޕާޓީއަށް ޙާޟިރުވެ ތިބި އެންމެންގެ ކިބައިންވެސް ފެންނަނީ އުފާވެރިކަމެވެ. ނަމަވެސް ރަތަންގެ ކިބައިން ކުޑަވެސް އުފާވެރި ކަމެއް ނުފެނެއެވެ. މިއީ ރިޝްމީއަށް ވަރަށް ބޮޑަށް ފާހަގަކުރެވިގެންދިޔަ ކަމެކެވެ. ރަތަންގެ މަޖާގޮތްހުރީ މުޅިން ގެއްލިފައެވެ. ރާޖްކުމާރީގެ ފުށުން ރަތަންއަށް އުފަލެއް ނުލިބެނީ ހެއްޔެވެ؟ ހީވަނީ އެކަހަލަ ގޮތަކަށެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ރަތަން ރާޖްކުމާރީދެކެ ލޯބިވެއެވެ. ރަތަން ފިކުރުބޮޑުވެފައި އެހެރީ އެހެން ކޮންމެވެސް ކަމަކާ ހުރެއެވެ. ރަތަން ނުރުހޭ ކަހަލަ ކަމެއްވީއެވެ. ރަތަންގެ ޚިޔާލުތަކުން ރިޝްމީއަކަށް ސަލާމަތެއް ނުވެވުނެވެ. އަދި ރަތަންއާ ދިމާއަށް ހިތް ލެނބިގެންދާ ކަމުގައި ރިޝްމީއަށް އިޙްސާސް ކުރެވެމުން ދިޔައެވެ. އެހެނަސް ލަސްލަހުންނެވެ. ރަތަން އިސްއުފުލާލާފައި ރިޝްމީއާ ދިމާއަށް ބަލައިލާ ކޮންމެ ފަހަރަކު ރިޝްމީގެ ހިތް ތެޅިގަނެއެވެ. މިވަނީ ކީއްހެއްޔެވެ؟ މިހެންވާންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ މީހެއްގެ ފިރިއަކާ ދިމާއަށް ބެލުމަކީ ފާފައެއް ނޫންހެއްޔެވެ. ރިޝްމީ ބޭނުމީ ހިތުގައި މިޖަހާ ވިންދު ހުއްޓުވާލުމަށެވެ. ނަމަވެސް އެވިންދު ހައްތަހާދަނީ އަވަސްވަމުންނެވެ. ރިޝްމީގެ ހިތުގެ ޙާލު މީހަކަށް އެގިއްޖެނަމަ މީހުން ބުނާނީ ކީކޭހެއްޔެވެ؟ ރަތަންވެސް ރިޝްމީގެ މޮޔަކަމާހެދި ހޭނެއެވެ. ރަތަންގެ ޙަޔާތުގެ ބައިވެރިއަކު ހޮވީ އަމިއްލައަށެވެ.  ރަތަންގެ ޙަޔާތުގެ ބައިވެރިއަކީ ރާޖް ކުމާރީއެވެ. ރިޝްމީއަކީ ނިކަމެތި ކުއްޖެކެވެ. ރަތަންގެ ބޭބެ ކައިރީގައި އުޅޭ އާދައިގެ ސްޓެނޯއެކެވެ. ރަތަންއާމެދު ފަހަރެއްގައިވެސް އޭނާ ވިސްނައިގެން ނުވާނެއެވެ.

ވެއިޓަރަކު ރިޝްމީއާ ދިމާއަށް ރާތަށިތައް އަތުރާފައި ހުރި ތަބައް ދިއްކޮށްލައިފިއެވެ.

”މޭމް ސާހަބް ޑްރިންކް.“

”ނޫން!“ ރިޝްމީ ޖަވާބުދިނެވެ.

އޭނާ ހަދާލި ގޮތުން ރަލުގެ ވަސް ދެކެވެސް ރުޅި އަންނަކަން އެނގެއެވެ.

”އާދައިގެ ބުއިމެއް.“

”އާދައިގެ ބުއިމެއް ހެއްޔެވެ؟“ ރިޝްމީއަކަށް ނުވިސްނުނެވެ. ތަބަކުގައިހުރީ ދެކުލައެއްގެ ބުއިމެވެ. ރިޝްމީ ފަރުވާތެރިކަމާއެކު ބަލާލިއވެ.

”އާދައިގެ ބުއިމަކީ ކޮންއެއްޗެއް ހެއްޔެވެ؟“ ރިޝްމީ މަޢްޞޫމް ގޮތަކަށް ސުވާލު ކޮށްލިއެވެ.

”ޝިޝް….ޝިޝް….ޝިޝް……“ ވެއިޓަރ ކުޑަކޮށް ގުދުވެލައިގެން އޮވެ ހިނިގަނޑު މަޑުވޭތޯ ބެލިއެވެ. ވެއިޓަރަށް ހީވީ ރިޝްމީ މަޖާ ސަމާސާއެއް ކުރީކަމުގައެވެ. މިފަދަ ބޮޑު ސަމާޖަކަށް އަންނަ މީހުންނަށް އާދައިގެ ބުއިމަކީ ކޮންއެއްޗެއްކަންވެސް ނޭގެއެވެ. ހިނިގަޑު މަތަކުރުމަށްޓަކާ ވެއިޓަރަށް ޖެހުނީ އަގައިގާ އަތްއަޅާށެވެ.

”އާދައިގެ ބުއިން ކިޔަނީ މަސްތުވާ ބުއިމަށެވެ.“ ކުއްލިއަކަށް އެތަނަށް އައިސް މަނޭޝްރާޖް ބުންޏެވެ. މިހެންލާފައި ދަނިކޮށް ރިޝްމީގެ ސުވާލު އޭނާއަށް އަޑު އިވުނީއެވެ. މަނޭޝރާޖްގެ އަތުގައިވެސް ތައްޓެއް ހުއްޓެވެ. އޭނާ ތަށި ދައްކާލާފައި ބުންޏެވެ.

”މިއީ ވައްތަރެއްގެ ޝަރުބަތެކެވެ.“

ރިޝްމީ ވަރަށް ބޮޑަށް ސިހުނެވެ. އަދި މަނޭޝްރާޖް އެތަނަށް އައުމުން ވެއިޓަރ ތަންކޮޅެއް ފަހަތަށް ޖެހިލިއެވެ.

”ކަލޭ ތައްޓެއް ނަގަން ބޭނުންނަމަ ކޮކާކޯލާ ބޯށެވެ. ވެއިޓަރއެވެ.“ ކައިރިންލާފައި ކޮކާކޯލާ ތަބައް ހިފައިގެންދިޔަ ވެއިޓަރަށް ގޮވާލާފައި ރިޝްމީއަށް ބުންޏެވެ.

”މިހިރީއެވެ.“

ރިޝްމީ ލަދުންހުރެ ތަބަކުން ކޮކާކޯލާ ފުޅިއެއް ނަގައިފިއެވެ. މީގެކުރިން އޭނާ ހީކޮށްގެން ހުރީ އޭނާގެ ވިސްނުމަށް އައި ގޮތަށެވެ. ނަމަވެސް މިހާރު ސާފުވެއްޖެއެވެ. މިއީ މަތިވެރި އަދި ތަހުޒީބު ސަމާޖެކެވެ. ޔަޤީނެވެ. އަންހެން ކުދިންގެ އަތުގައިވެސް އެހެރީ އާދައިގެ ބުއިމުގެ ތަށިތަކެވެ. ރާބޯނީ ހަމައެކަނި ވިޔާނުދާ އަންހެން ކުދިންނެވެ. މިހާރުވެސް މަނޭޝްރާޖްގެ އަތުގައި ހުރީ ރާތަށްޓެކެވެ. ރަތަން ބޮނީ ކޮންކަހަލަ ބުއިމެއްތޯ މަނޭޝްރާޖް ކުރެން އެހުމަށް ރިޝްމީގެ ހިތަށް އެރިއެވެ. ނަމަވެސް މިމޮޔަ އެދުން ވަރަށް އަވަހަށް އޭނާ އޮއްބާލައިފިއެވެ. އެހެން އަހައިލިނަމަ މަނޭޝްރާޖް ހީކުރާނީ ކީކޭހެއްޔެވެ؟ އޭނާއަކާ ރަތަންއަކާ ކޮންކަމެއް ހެއްޔެވެ؟

”ކަލޭ ގެއަށްދާނީ ހެއްޔެވެ؟ ނުވަތަ ޑިނަރ ގަޑި ޖެހެންދެން މިތާގައި ހުންނާނީ ހެއްޔެވެ؟“ ތަށިން ކޯވަރެއް ބޯލާފައި މަނޭޝްރާޖް ސުވާލުކުރިއެވެ.

”ކަލާ އެންގެވި ގޮތެކެވެ. ރިޝްމީ ލަސްރާގަކަށް ތިމާގެ ވަފާތެރިކަން ފާޅުކުރިއެވެ.

”އަހަރެން އެދެނީ ކަލޭ ނެށުމުގެ ޕާޓީގައިވެސް ބައިވެރިވުމަށެވެ.“ މަނޭޝްރާޖް ހަރުދަނާކަމާއެކު ބުންޏެވެ.

”މާދަމާ ކަލޭ އަހަރެންގެ ޕްރައިވެޓް ސެކްރެޓެރީއަކަށްވީމާ އަހަރެންނާއެކު ބޭރަށްދާން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. ރާއްޖެއިން ބޭރަށްވެސް ދާން ޖެހިދާނެއެވެ. ކޮންމެ ގޮތަކުންވެސް އަހަރަކު އެއްފަހަރު އަހަރެން ރާއްޖެއިން ބޭރަށް ދަމެވެ. ބޭރު ރާއްޖެތަކުގައި ކޮންމެތާކުންވެސް މިފެންވަރުގެ ޕާޓީތަކާއި ސޮސައިޓީތަކުގައި ބައިވެރިވެލާނޭ ދަނޑިވަޅު ލިބޭނެކަން ކަލެއަށް އެގެންވާނެއެވެ.“

”ބޭރުރާއްޖެ!“ ރިޝްމީގެ ލޯ ވިދާލިއެވެ. އޭނާގެ ނަޞީބު ވަރަށް ރަނގަޅެވެ. ސަބަބަކީ މީގެކުރިން އޭނާ އެހާބޮޑު ވޭނާއި ހިތާމަ އުފުލާފައިވާތީއެވެ. ރޭގަޑުގެ އަނދިރިކަން ބޮޑުވިވަރަކަށް އިރުއަރާއިރު ދަޅަތަކުގެ އަލި ގަދަވެފައި ވިދާ ބެބުޅުން އިތުރުވެއެވެ.

މަނޭޝްރާޖްއާމެދު އޭނާގެ ހިތުގައި ތަފާތު ވައްތަރުގެ ޢިއްޒަތްތައް އުފެދިގެންދިޔައެވެ. މަނޭޝްރާޖް އޭނާގެ ޙަޔާތުގެ އޮއިވަރު ބަދަލުކޮށްފިއެވެ. އޭނާގެ ފުރާނަ ދުއްވާލައިގެންވެސް މަނޭޝްރާޖްގެ އިޙްސާންތެރިކަމުގެ ބަދަލު އަދާކޮށްދެވޭނެ ކަމެއް ނޭގެއެވެ. މަނޭޝްރާޖާއެކު ދުނިޔޭގެ ކޮންމެ ކަންކޮޅަކަށްވިޔަސް ދާން އޭނާ އެހެރީ ތައްޔާރަށެވެ. މަނޭޝްރާޖްގެ ހިޔާވަހިކަމުގެ ދަށުގައި އޭނާގެ ޢިއްޒަތްވަނީ ރައްކާތެރިވެފައެވެ.

ޕާޓީގެ ވަގުތެވެ. ކޮންމެވެސް ކަމެއް އޮންނާނީ އަބަދު ކުރިމަތިވެފައެވެ. ވީމާ މަނޭޝްރާޖްވެސް ރިޝްމީ ދޫކޮށްލާފައި އެހެން ދިމާއަކަށް ހިގައްޖެއެވެ. އެކަނިވުމުން ރަތަންއާ ވާހަކަ ދައްކާލުމުގެ އެދުން ރިޝްމީގެ ހިތުގައި ބޮޑުވެގެން އަތުވެއްޖެއެވެ. ނަމަވެސް އެއްފަހަރު އަނެއްކާވެސް އޭނާގެ ހިތަށް ވިސްނައިދިނެވެ. ޖަޒުބާތުތައް ކޮންޓްރޯލް ކުރިއެވެ. ހިތްހަމަޖައްސާލައިގެން ހުއްޓާ ރަތަންއާ ދިމާއަށް އޭނާއަށް ބަލައިލެވިއްޖެއެވެ. ކުޑަތަންކޮޅެއް ދުރުގައި ރާޖްކުމާރީއާއި ވާހަކަ ދައްކަން ރަތަން ހުއްޓެވެ.

އޮކެސްޓްރާގެ މިޔުޒިކާއެކު މެހްމާނުންގެ ތެރެއިން އަންހެން ކުއްޖަކު އިނގިރޭސި ލަވައެއް ކިޔަނީއެވެ. އެއަންހެން ކުއްޖަކު އަމިއްލަ ވަޒަނުގެ ފިލްމީ ލަވަތަކުގެ ތެރެއިން ހޮވައިގެން ނެގި މަޤްބޫލް ލަވައެއް އިއްވިއެވެ. މިއިން ކޮންމެ ލަވައެއް ނިމުމާއެކު އަތްތިލަބަޑިއާއި ހުނުމުގެ އަޑު ގުގުމާލައެވެ. ކުޅިވަރާއި މަޖަލުގެ ވަގުތުގައި އަބަދުވެސް ރިޝްމީއަށް އިޙްސާސް ކުރެވެނީ އެކަނިވެރިކަމެވެ. ރާޖްކުމާރީ ރަތަންގެ ކައިރީގައި ހިއްޕާލާފައި ހުރީ ވައިރޯޅިއެއް ފަދައިންނެވެ. ފުރަތަމަ ބައްދަލުވުމުގެ ފަހުން ރަތަން އަދި ރިޝްމީއަކާ ވާހަކައެއް ނުދައްކައެވެ. ރިޝްމީއާ ދިމާއަށް ބަލާލުމަކީވެސް ހިތްހަމަޖެހޭ ކަމެއް ކަމަކަށް ރާޖް ކުމާރީއަކަށް ނުވިއެވެ. އޭނާ ރާޖްކުމާރީއާ އެކަށީގެންނުވަނީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އިރުކޮޅަކުން ރަތަން އޭނާއާ ދިމާއަށް ބަލާލިއެވެ. ޔަޤީން ކަމެކެވެ. ހިތާމަވެރި ބެލުމަކުންނެވެ. ރިޝްމީ އެކަނި ހުންނާތީ ރަތަން ދެރަވެއެވެ. ރިޝްމީގެ ކައިރިއަށް ގޮސް ކޮންމެވެސް ވާހަކައެއް ދައްކާލުމަށްވެސް ރަތަންގެ ހިތަށް އެރިއެވެ. ލޯބީގެ ވާހަކައެއް ނޫނެވެ. އެހެން ކޮންމެވެސް ކަހަލަ ވާހަކައެކެވެ. ލޯބީގެ ވާހަކައެއް ދައްކައިފިނަމަ އޭނާއަކީ ވިޔާނުދާ މީހެއް ކަމުގައި ރިޝްމީ ހީކޮށްފާނެއެވެ. ކުރިންވެސް ދެފަހަރަކު އޭނާވަނީ ރިޝްމީއަށް އުދަގޫކޮށްފައެވެ.

އިރުކޮޅެއްގެ ފަހުން މިނިވަން ވަގުތުކޮޅެއް ލިބިއްޖެއެވެ. ބައެއް މެހްމާނުން ތަނަވަސް މާޙައުލެއްގައި މަޖާކޮށްލުމަށްޓަކައި ގޯތިތެރެއަށް ނިކުމެއްޖެއެވެ. މިހާރު ގާތްގަނޑަކަށް އިރުއޮއްސިއްޖެއެވެ. އަނދިރިވަމުން ދަނީއެވެ. ދިއްލާފައި ހުރި ބޮކިތަކުގެ އަލީގައި މުޅިގެ އަލަތު އަންބަކު ފަދައިން ވިދާލައިފިއެވެ. ޑިނަރގެ ވަގުތު ނުޖެހޭތީ ބައެއް މެހްމާނުން ކާރުގައި ރަށުތެރޭގައި ބުރެއް ޖަހާލުމަށް ނިކުމެއްޖެއެވެ.

ގެ ބަލާލުމުގެ ބޭނުމުގައި ރިޝްމީވެސް ބޭރަށް ނިކުމެއްޖެއެވެ. އަދި އެހެނިހެން މެހްމާނުންވެސްދާ ދިމާއަކަށް އޭނާވެސް ހިގައިގެންފިއެވެ. ގޭގެ ބިންދޮށް ފަރާތަށެވެ. އެފަރާތަށް ދެވުމުން ރިޝްމީ ވަރަށް ބޮޑަށް ޙައިރާންވިއެވެ. އެގޮތަކީ ގޭގެ ކުރިމައްޗަށް ވުރެން ބިއްދޮށް ފަރާތުގެ އުޖާލާކަން ގަދަވެފައި ޒީނަތްތެރިކަން މާބޮޑެވެ. ފަހަތުގައި އޮތް ހުސްބިމެއްގައި ފެންވަރާ ފެންގަނޑެއް އޮތެވެ.

ނުހަނު ރީތި ފެންގަޑެކެވެ. ހިތެއްގެ ސިފައިގައި ހަދާފައި އޮތް ފެންގަޑެކެވެ. ފުންމާ ހަރުގަޑު ހަދާފައި ހުރީ ހިތަށް ހެރިފައިވާ ތީރެއްގެ ސިފައިގައެވެ. ފެންގަޑާއި ކުޑަތަންކޮޅެއް ދުރުގައި ހެދުން ބަދަލުކުރަން ކުޑަވަރެއްގެ ދެކޮޓަރިއެއް ހަދާފައި ހުއްޓެވެ. ރިޝްމީގެ ކައިރިންލާފައި ދިޔަ ބައެއް މެހްމާނުން ދައްކަމުންދިޔަ ވާހަކައިން މިފެންގަޑުގެ ރީތި ސިފައަކީ ރަތަންގެ އިންތިޚާބެއްކަން ރިޝްމީއަށް އެނގުނެވެ. ފެންގަޑުގެ ހަތަރު ފަރާތުގައި މާދުރަށް ދާންދެން ހަތަރެސްކަން ސިފައިގެ ސާފުތާހިރު ތަޅުންގަޑެއް އަޅާފައި އޮތެވެ. ތަންތަންކޮޅުގައި ހިލައިގެ ރީތި ގޮނޑިތައް ބަހައްޓާފައި ހުއްޓެވެ. ތަޅުންގަޑު ނިމުނު ހިސާބުން ފެށިގެން ވަނީ މާގަސްތައް އިންދާފައި ހުރި ގާފޮޅުތަކެކެވެ. ފެންގަޑުގެ ހަތަރު ފަރާތުގައި ހަނދުވަރު ކުލައިގެ އަލިގަދަ ބޮކިތައް ދިއްލާފައި ހުއްޓެވެ. ބޮކިތަކުގެ އަލި ފެންގަޑަށް އެޅިފައި ހުރިއިރު ހީވަނީ ސާދަވިލޭރޭގެ ހަނދު ފެންގަޑުގެ ތެރެއިން އަރާފައި ހުރީ ކަމުގައެވެ. އެންމެ ހަނދެއްވެސް ނޫނެވެ. ހަތަރު ހަނދެވެ. ރިޝްމީވެސް އިތުރު ހަނދަކަށް ވެގެން ގޮސް ފެންގަޑުގެ އަނެއް ފަރާތު ދޫނިފަތްމަތީގައި އިށީދެއްޖެއެވެ. މުޅިން އެކަނި ހަމަހިމޭނުންނެވެ. ރިޝްމީ ފެންގަނޑާ ދިމާއަށް ބަލާލިއެވެ. މިވަގުތު ފެންގަނޑުގައި އެއްވެސް ޙަރަކާތެއް ނެތެވެ. ފެންގަނޑު އޮތީ ހަމަހިމޭންވެފައެވެ. އެހެންކަމުން ފެންގަނޑުގެ މިޞްޠަޙުން ގޭގެ ކުލަގަދަ އެކިއެކި ކަންކޮޅުތައް ފެންނައިރު ހީވަނީ އުޑުގެ ހުރިހާ ތަރިތައް ވަކިވެގެން ގޮސް ފެންގަނޑަށް ޖަމާވެފާ ހުރީ ކަމުގައެވެ. ރާޖްކުމާރީގެ ހެޔޮނަޞީބާމެދު ވިސްނަން ރިޝްމީއަށް މަޖުބޫރުވެއްޖެއެވެ. ރާޖްކުމާރީގެ އަމިއްލަ ގެއިންވެސް މިފަދަ ހިތްގައިމު މަންޒަރެއް ފެންނާނެ ކަމެއް ނޭނގެއެވެ. މިތަނުގައި މެހްމާނުންގެ ބައިގަނޑުގެ ތެރޭގައި އެހާ ކުލަގަދައެވެ. އެކަނި އިންނައިރުވެސް ހިތްހަމަޖެހެއެވެ. މެހްމާނުންގެ ތެރެއިން ހަލަބޮލި މިޒާޖުގެ އަންހެން ކުދިންނާއި ފިރިހެން ކުދިން ފެންގަނޑަށް އެރި ފެންވަރާލުމަށް ތައްޔާރުވަމުން ދަނިކޮށް ރިޝްމީއަށް ފެނުނެވެ. އެކުދިން ގެއިން އައިއިރުވެސް މިކަމަށް ތައްޔާރުވެގެން އައިސް ތިބީ ކަމަށް ލަފާކުރެވެއެވެ. ރިޝްމީ އެކުދިންނާ ދިމާއަށް ބެލުން ހުއްޓާލާފައި ފެންގަނޑާ ދިމާއަށް ބަލަން ފަށައިފިއެވެ. ގެޔާ ދިމާއިން އަންނަ ދެމީހެއްގެ ހިޔަނި ފެންގަނޑުގެ ތެރެއިން ކުއްލިއަކަށް ފާޅުވެއްޖެއެވެ. ދެކިފަރިތަ ދެހިންޏެވެ. އެއީ ކޮންބައެއްކަން އެނގޭތޯ ބެލުމަށް އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ހަމައެވަގުތު ފެތުންތެރިއަކު ފެންގަޑުތެރެއަށް ފުންމާލައިފިއެވެ. ޗަރޕާކް! ފުންމާލި އަޑާއެކު ފެންގަނޑުގެ ތެރޭގައި ހުރި ތަރިތައް ކުނޑިކުނޑިވެގެން ހިނގައްޖެއެވެ. ދެހިޔަނިވެސް ގެއްލިގެން ހިނގައްޖެއެވެ. ރިޝްމީ އިސްއުފުލާލާފައި ބަލާލިއެވެ. ގެއާ ދިމާއިން ފެންގަޑުގެ ކައިރިއަށް އަންނަ ބަޔަކީ ރަތަންއާއި ރާޖްކުމާރީއެވެ. ފެންގަޑުން ފެނުނީ އެދެކުދިންގެ ހިޔަންޏެވެ. ރިޝްމީއަށް މިމަންޒަރު ފެނުމުން ބާރަށް ހިތްތެޅިގަތެވެ. އޭރު ކޮންމެވެސް ލާނެއް އަންހެން ކުއްޖެއް އެހެން އަންހެން ކުއްޖެއްގެ ފަހަތުން ބާރަށް ހެމުން ފެންގަޑުގެ ވަށައިގެން ދުވަނީއެވެ. ލާނެތް އަންހެން ކުއްޖާ އުޅެނީ އަނެއް އަންހެން ކުއްޖާ ފެންގަނޑަށް ވައްޓާ ފައްތާލުމަށެވެ. ކުރީގައި ހުރި ކުއްޖާ ހެދުން ބަދަލުކުރަން ޤަބޫލުނުވަނީއެވެ. ފަހަތުން ދުވެފައި އަންނަ ކުއްޖާ ހުރީ ފެންގަޑުގައި ފަތާއިރު އަޅާކަހަލަ ހެދުމެއް އަޅައިގެންނެވެ. ކުރީގައި ހުރި ކުއްޖާ ދުވަމުން އައިސް ކުއްލިއަކަށް ފެންގަޑުގެ ކައިރީގައި އިށީދެގެން އިން ރިޝްމީގެ ފައިގާ އަޅައިގެންފިއެވެ.

ނުނިމޭ…

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.