ފަހަރި 5

ދުވަސްކޮޅެއްގެ ފަހުން ރަތަންގެ އުފަންދުވަހުގައި އޭނާގެ އެންގޭޖްވެސް ވެއްޖެއެވެ. ރާޖާ ސާހަބްގެ ދަރިފުޅު ރާޖް ކުމާރީއާ އެކުގައެވެ. އެންގޭޖްމަންޓްގެ ޕާޓީއަށް މަނޭޝް ރާޖް ރިޝްމީއަށް ދަޢުވަތު ދިނެވެ. އެކަމާ ރިޝްމީ ވަރަށް ޢަޖާއިބުވިއެވެ. ޢަޖާއިބުވާންޖެހޭ ސަބަބެއްވެސް އޮތެވެ. އެންގޭޖްމަންޓް ޕާޓީއަށް މަނޭޝްރާޖް ދަޢުވަތު ދިނީ ހަމައެކަނި ކުންފުނީގެ މެނޭޖަރަށެވެ.

އެހެން އެއްވެސް މީހަކަށް ނުދެއެވެ. މިއީ އުފަންދުވަސް ފާހަގަކުރުމާއި އެންގޭޖް ވުމުގެ ޕާޓީއެކެވެ. ކައިވެނީގެ ޕާޓީއެއް ނޫނެވެ. ކައިވެންޏަކީ މިއާ މުޅިން ތަފާތު ކަމެކެވެ. މޮޅު މީހުންގެ ޚާއްޞަ ޕާޓީތަކަށް ޙާޟިރުވާނީވެސް ހަމައެކަނި މޮޅު މީހުންނެވެ. ޢިއްޒަތްތެރިންނެވެ.

ރިޝްމީ އެދުވަހު  ނަލަހެދުނީ މުޅިން އައުގޮތަކަށެވެ. ހީވާގޮތުން އެތަކެއް ޒަމާނުއްސުރެ އޭނާ އެހެރީ އެގޮތަށް ނަލަހެދިލުމުގެ އިންތިޒާރުގައެވެ. މިހާރު އޭނާއަށް ރަނގަޅު މުސާރަ ލިބެއެވެ. ވީމާ އެގޮތަށް ނަލަހެދުމަކީ އެއްގޮތަކަށްވެސް ހުތުރު ކަމެއް ކަމަކަށް އޭނާއަކަށް ނުފެނުނެވެ. ނަލަ ހެދުނު ނަމަވެސް ބޭނުން ވަރަށްވުރެ ބޮޑަކަށް އޭނާ މޭކަޕެއް ނުކުރެއެވެ. ފަށުވިފަދަ އިސްތަށިގަޑު ރީތިކޮށް އޮމާންކުރިއެވެ. ލޮލުގައި އަދުން އަޅާފައި ތުންފަތުގައި ރަތްކުލަ ޖައްސާލިއެވެ. އެގޮތަށް ނަލަހެދިލުމުން އޭނާގެ ރީތިކަމަށް ހަތަރު ހަދުން އެއްފަހަރާ އަލިވަމުން ދިޔައެވެ. ކުޑަކޮށް ހޫނުވާތީ އޭނާލީ އަތްނެތް ބްލައުޒެކެވެ. އަދި ހަމައެއާ ގުޅޭ ކަހަލަ ސާޅިއެއް އެޅިއެވެ. ނަލަހެދި ނިމިގެން އެންމެފަހުން ކުޑަކުޑަ ޕަކެޓެއް އޭނާ ނެގިއެވެ. އެއީ މިއަދު ރަތަންގެ އުފަންދުވަހުގެ އާއި އެންގޭޖް ވުމުގެ މުނާސަބާގައި އޭނާގެ ފަރާތުންދޭ ހަދިޔާއެކެވެ. ގޯލްޑްޕްލޭޓެޑް ފައުންޓަން ޕެންގެ ސެޓެކެވެ. އަގަކީ ސަތޭކަ ދިހަ ރުފިޔާއެވެ. އޭނާގެ މުސާރައާ ބަލާފައި ވަރަށް އަގުބޮޑެވެ. މަނޭޝްރާޖްގެ އޯގާތެރި ކަމަށް ބަލާއިރު ހަދިޔާ ގަންނަން އޭނާގެ މުސާރަ އެކަށް ޚަރަދު ކުރިޔަސް މަދެވެ. ގެއިން ނިކުތުގެ ކުރިން އޭނާގެ ކޮއްކޮއާ ބައްދަލުކޮށްލިއެވެ. އޭނާ ފެނުމުން އޭނާގެ ރީތިކަމާމެދު ތަޢްރީފު ނުކޮށެއް ކޮއްކޮއަށްވެސް ނުހުރެވުނެވެ. އުފަލުން ގޮސް ކޮއްކޮގެ ލޮލުން ކަރުނަ ފާއްދާލިއެވެ. މިއަދު އޭނާގެ ދައްތަ އެހެރީ އަމިއްލަ ބޭނުން ކޮށްލުމަށް އެކަށީގެންވާ މީހަކަށް ވެފައެވެ. ދައްތައާ ދިމާއަށް އޭނާ ހިނިތުންވެލިއެވެ.

މަނޭޝްރާޖްގެ ގެޔާ ހަމައަށް ފޯރިހިނދު ރިޝްމީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގެއެއް ހެއްޔެވެ؟ ނޫނީ ކޮންމެވެސް އާކިޓެކްޓެއްގެ ހުވަފެނެއް ހެއްޔެވެ؟ ނުހަނު ރީއްޗެވެ. މަގުހިގާ މީހުންނަށް އެންމެ ފަހަރަކު ފެނިލިޔަސް ހިނދުކޮޅަކަށް އެމީހުންގެ ފިޔަވަޅުތަކަށް ހުއްޓުން އަރާނެއެވެ. ދިގު ހަތަރު ފާރުގެ މެދުގައި ޢިމާރާތް ކޮށްފައި ހުރި ގޭގެ ހުރިހާ ކަންކޮޅުތަކެއް އިރުއޮއްސުމުގެ ކުރިން ކުލަ ކުލައިގެ ބޮކިތަކުގެ އަލިން ވިދާލައިފިއެވެ. ގޭގެ ބޭރުން މަގުމަތީގައި އެއްފަރާތުގައި ވަށައިގެންވާ ހަތަރު ފާރުގެ ކައިރީގައި ރާއްޖެއާއި ބޭރު ރާއްޖޭގެ ކާރުތައް މާދުރަށް ފަތިދެމިފައި އޮތެވެ. ހީވަނީ މިއަދަކީ މަނޭޝްރާޖްގެ ކޮއްކޮގެ އުފަންދުވަހާއި އެންގޭޖްވާ ދުވަސް ފިޔަވައި ކައިވެނީގެ ދުވަސް ކަމުގައެވެ. ގޭގެ ބޮޑުދޮރާށި ހުރީ ހުޅުވާފައެވެ. ބޮޑުދޮރާށީގެ ދެފަރާތުގައި ދޮރުފާރަވެރިންގެ ދެމީހުން ތިއްބެވެ. ރިޝްމީއަށް އޭނާގެ ނިކަމެތި ކަމުގެ ޚިޔާލުކޮށްލެވުމުން ވަރަށް ބޮޑަށް ދެރަވިއެވެ. ޖެހިލުންވިއެވެ. ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ. މިހާބޮޑު ތަނަކަށް ފަހަރެއްގައިވެސް އޭނާ އައިސްގެން ނުވާނެއެވެ. އޭނާ އެނބުރި ދިއުމަށް ގަސްތުކުރިއެވެ. ނަމަވެސް ހަމަ އެދަނޑިވަޅު ފާމްގެ މެނޭޖަރުގެ ކާރު އޭނާގެ ކައިރިންލާފައި ހިނގައްޖެއެވެ. މެނޭޖަރު އޭނާއާ ދިމާއަށް ބަލާލީމާ ދެއަތް ޖޯޑުކޮށްފައި މެނޭޖަރާ ސަލާމް ކުރަން އޭނާއަށް މަޖުބޫރުވެއްޖެއެވެ. ދެން އޭނާއަކަށް އެނބުރިއެއް ނުދެވޭނެއެވެ.

އޭނާ މިތަނަށް އައިކަމާއި އަދި އެނބުރިދިޔަކަން މަނޭޝްރާޖްއަށް އެނގިއްޖެއްޔާ އެނބުރިދިޔަ ސަބަބު އޮޅުންފިލުވަން އުޅެފާނެއެވެ. އެވަގުތު މަނޭޝްރާޖަށް އޭނާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ. ވީމާ އޭނާ ހިތްވަރުކޮށްފައި ބޮޑުދޮރާށިން އެތެރެއަށް ވަދެއްޖެއެވެ.

ގޭގެ ކުރިމަތީގައި ރީތި ޕޯޓިކޯއެއް އޮތެވެ. މެނޭޖަރުގެ ކާރު ޕޯޓިކޯގެ ތެރެއަށް މަޑުކޮށްލުމުން މެނޭޖަރު ކާރުން ފައިބައިފިއެވެ. އޭނާ ފޭބުމުން ކާރު އަނެއް ފަރާތުން ވަށާ ބުރެއް ޖަހާލާފައި ގޮސް ބޮޑު ދޮރާށިން ބޭރަށް ނިކުމެއްޖެއެވެ. ރިޝްމީ ވަށައިގެން ބަލާލިއެވެ. ގޯތިތެރޭގެ ދެފަރާތުގައި ފެހިކަން ގަދަވެފައި ރީއްޗެވެ. ތަން ތަންކޮޅުގައި ތަރުތީބުން ރާނާފާ ހުރި ގާފޮޅުތަކާއި މީރުވަސް ދުވާ މާގަސްތައް ތަރުތީބުން އިންދާފައި ހުއްޓެވެ. ބޮޑުދޮރާށިން ވަދެގެން ޕޯޓިކޯގެ ތެރެއަށް އައިސްފާ ބުރެއް ޖަހާފައި ގޮސް ދޮރާށިން ނިކުންނަން އޮންނަ މަގުގެ ދެފަރާތުގައި އަބަދުމެ ތާޒާކަން ހުންނަ ކަހަލަ ކުދިކުދި ގަސްތައް އިންދާފައި ހުރިލެއް ތަރުތީބުކަމުން އެގަސްތަކުންވެސް ދައްކުވައިދެނީ ވަރަށްރީތި މަންޒަރެކެވެ. ގޯތިތެރޭގެ ދެފަރާތުގައި އިންދާފައި ހުރި ފާމްއާއި އަޝޯކްގެ ކުދިކުދި ގަސްތައް މިގެ ޢިމާރާތް ކުރިތާ މާގިނަދުވަސް ނުވާ ކަމަށް ހެކިދެއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ރިޝްމީ ޕޯޓިކޯއާ ހަމައަށް ހިނގައްޖެއެވެ. ގޭގެ ފާރު ކައިރީގައި ބަހައްޓާފައި ހުރި މުށިގަނޑުތަކުގައި އިންދާފައި ހުރި ވައްތަރު ވައްތަރުގެ މާއަޅާ ކުދިކުދި ގަސްތަކާއި ފާމްގެ ގަސްތަކުން ތަނުގެ ޒީނަތްތެރިކަން އިތުރުކޮށްދެއެވެ. ރިޝްމީ ހިތްވަރު ކޮށްފައި ފެންޑާގެ ހަރުފަތްތައް ގިރާކޮށްފިއެވެ. ފެންޑާގެ ތަޅުންގަޑުން ސަންގުމަރުމަރު ހިލައެކޭ އެއްގޮތަށް ދަޅައަޅައެވެ. ބޭރުގޭތެރޭގައިވެސް މުށިގަނޑުތަކުގައި ވައްތަރު ވައްތަރުގެ މައުގަސްތައް އިންދާފައި ހުއްޓެވެ. ރިޝްމީ ކުރިޔަށް ހިނގަމުންދިޔައިރު އޭނާގެ ފައި ކުޑަކޮށް ތުރުތުރު އަޅައެވެ. ބޭރުގޭގެ ކުރިމަތި ފާރު ހަދާފައި ހުރީ ބިއްލޫރިންނެވެ. ބިއްލޫރި ފާރުގަ އެފަރާތުން ކުލަކުލައިގެ ހިޔަނިތައް ފެނި ކުރިއަށްވުރެވެސް ބޮޑަށް ރިޝްމީގެ ހިތް ނުތަނަވަސްވިއެވެ. ނަމަވެސް އެތެރެއަށް ވަންނަ ދޮރު ކައިރިއަށް ގޮސް ތުރުތުރު އަޅާ އަތަކުން އޭނާ ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ. އެތެރެއަށް ވަނީމާ ތިމާގެ ދެރަކަމާއި ނިކަމެތިކަމުގެ އިޙްސާސް ކުރެވުނުލެއް  އަދި މާބޮޑެވެ. އޭނާގެ މުޅި ހަށިގަނޑު އެއްފަހަރާ ތުރުތުރު އަޅައިގަތެވެ. އެތެރޭގެ މާޙައުލު ވަރަށް ކުލަގަދައެވެ. އޮކެސްޓްރާގެ ސްޓޭޖުން ފޮނުވާ ފޮނިފޮނި ރާގުތަކުން މުޅި ކޮޓަރިތެރެއޮތީ މަސްތުކޮށްފައެވެ. އެއީ ކޮޓަރިއެއް ނޫނެވެ. އެއަރކަންޑިޝަން ކޮށްފައިވާ ހޯލެކެވެ. ކުދިންނާއި ޒުވާނުން އަދި މުސްކުޅިން ހިނިތުންވެފައި އެކިތަންތަނުގައި ހުއްޓި ތިއްބެވެ. ބައެއްމީހުން ހޯލްގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ގޮޑިސެޓްތަކާއި އަދަރާދަގޮނޑިތަކުގައި ތިބެގެން ވާހަކަ ދައްކަނީއެވެ. ހުސްއެކަނި ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިންނެއް ނޫނެވެ. ބޮޑެތި މުސްކުޅިން އަޅާލާފައި ތިބި ހެދުންތައްވެސް އެއްހެދުމަށްވުރެ އަނެއް ހެދުމުގެ ފެޝަން ރީތވެފައި ނަލަކަން ބޮޑެވެ. ދެކޭމީހާއަށް ހީވާން އުޅެނީ މިތަނުގައި ފެޝަނުގެ އިޝްތިހާރެއް ބާއްވަން އުޅެނީ ކަމުގައެވެ. ހޯލްތެރެއަށް ވަނުމާއެކު ރިޝްމީ ލަދުގަންނަން ފެށިއެވެ. އެއްގޮތަކަށްވެސް އޭނާ މިތަނަށް އައިސްގެން ނުވާނެއެވެ. މިހާ ބޮޑެތި ބޮޑެތި މީހުން…..މި މަތިވެރި ސަމާޖް…..އެތާނގައި އޭނާ ދެކެފަރިތަ މީހަކުވެސް ހުންނާނެކަމާމެދު ސުވާލެއް ނުއުފެދެއެވެ.

އޭނާ ދަންނަ މީހަކަށްވެސް ހުރީ މަނޭޝްރާޖްއެވެ. ނަމަވެސް މިހާރު މަނޭޝްރާޖް ހުންނާނީ މެހްމާނުންނާ ބައްދަލުކުރުމުގައި އަވަދިނެތިފައިކަން ޔަޤީނެވެ. އެއީ އޭނާގެ ވެރިޔާއެވެ. މަނޭޝްރާޖް އޭނާއަށް ފުރުޞަތެއް ދޭންވީ ކީއްވެގެން ހެއްޔެވެ؟ މިތަނުން އެނބުރި ދިއުން ރަނގަޅު ކަމުގައި ރިޝްމީގެ ހިތަށް އެރިއެވެ. ވީމާ ދޮރާ ދިމާއަށް އޭނާ ހިނގައިގެންފިއެވެ. ނަމަވެސް ހަމަ އެވަގުތު ލިބުނު ސިހުމަކުން އޭނާއަށް ހުއްޓެވުނެވެ.

”ކަލާތޯއެވެ.“ ކޮންމެވެސް މީހަކު އޭނާގެ ކައިރީގައި ހުރެގެން ޙައިރާންކަމާއެކު ބުނަނީއެވެ. ރިޝްމީ އިސްއުފުލާލާފައި ކުރިމަތީގައި ހުރި ޒުވާނާއާ ދިމާއަށް ބަލާލުމުން އޭނާ އަދި މާބޮޑަށް ސިހުނެވެ. އޭނާގެ ކުރިމަތީގައި ހުރީ މީގެކުރިން ދެފަހަރަކު އޭނާއަށް އުދަގޫކުރި ޒުވާނާއެވެ. ރަތްކުލައިގެ ކޯޓަކާއި ހުދު ފަޓްލޫނެއްގައި ހުރިއިރު ޒުވާނާ ހީވަނީ ރަނގަޅު ރާޖް ކުމާރެއް ހެންނެވެ. މިހާރު އޭނާ ކުރިއަށްވުރެވެސް މާރީއްޗެވެ. ނަމަވެސް އެހިނިތުންވެފައި ހުރި މޫނުމަތިން މިވަގުތު ހިތާމަވެރި ގޮތް ފެންނަން ހުއްޓެވެ. ލޮލުގައި ޚާއްޞަ ވިދުވަރެއް ހުއްޓެވެ. އެއީ ހަމަގައިމުވެސް ރިޝްމީއަށްޓަކައި އުފެދިފައި ހުރި ވިދުވަރެކެވެ. ރިޝްމީ ޒުވާނާގެ ޝަޚްޞިއްޔަތަށް ރަނގަޅަށް ވިސްނާލިއެވެ. މިޒުވާނާއަކީ ރަނގަޅު ރާޖްކުމާރެއް ނޫން ހެއްޔެވެ؟  މިފަދަ މަތިވެރި ސަމާޖެއްގައި އާދައިގެ މީހަކު ބައިވެރިއެއް ނުވާނެއެވެ. މިގޮތަށް ޕާޓީއަށް އައުމުގެ ދަނޑިވަޅެއް ކޮންމެ މީހަކަށް ނުލިބޭނެއެވެ. މިކަން ފިޔަވައި ޒުވާނާގެ މޫނުމަތިން ނިކަމެތިކަމުގެ ކުޑަވެސް އަސަރެއް ފާޅެއް ނުވެއެވެ. ޒުވާނާގެ މޫނަށް ފުންކޮށް އޭނާ ބަލާލިއެވެ. މިވަގުތު އޭނާއަށް އެޒުވާނާ އެހާ ރަނގަޅުވީ ކީއްވެގެން ކަމެއް ނޭގެއެވެ. މިފަދަ މަތިވެރި ސަމާޖްގައި އޭނާ އެކަނި ހުރީމާކަންވެސް ނޭގެއެވެ. މިފަދަ ދަނޑިވަޅެއްގައި އޭނާއަށް ކޮންމެވެސް އެކުވެރިއަކު ނުހަނު ބޮޑަށް ބޭނުމެވެ. ކުޑަކޮށް ވާހަކަ ދައްކާލާށެވެ. ވެރިމީހާއަށް އޭނާވެސް މިތަނުގައި ހުރިކަން އަންގާލެވެންދެނެވެ. ނަމަވެސް އޭނާ މިޚިޔާލު ދޫކޮށްލީއެވެ. މިޒުވާނާއަކީ މީގެކުރިންވެސް އޭނާއަށް އުދަގޫކޮށްފައިވާ މީހެކެވެ. ޒުވާނާގެ ހިތުގައިވަނީ އޭނާއާމެދު ނުރަނގަޅު ނިޔަތެކެވެ. ވީމާ ރިޝްމީ ރުޅިމޫނެއް ދައްކާލާފައި އެތަނުން ދިއުމަށް ތައްޔާރުވެއްޖެއެވެ. ނަމަވެސް ހަމަ އެވަގުތު އިވުނު އަޑެއްގެ ސަބަބުން ހުރި ފިޔަވަޅުމަތީގައި އޭނާގެ ދެފައި ހަރުލައިފިއެވެ.

”އައްދޭ!“ ރިޝްމީއަށް އިވުނީ ވެރިމީހާގެ އަޑެވެ. މަނޭޝްރާޖްގެ އަޑެވެ. ރިޝްމީ ފަސްއެނބުރިލާފައި ބަލާލިއިރު މަނޭޝްރާޖް ހުރީ އޭނާގެ ވަރަށް ގާތުގައެވެ. އަދި ޒުވާނާއާ ދިމާއަށް އިޝާރާތް ކުރަމުން މަނޭޝް ރާޖް ބުންޏެވެ.

”މީނާ ދަންނަމުހެއްޔެވެ؟ އަހަރެންގެ ކޮއްކޮ ރަތަންއަކީ މިއީއެވެ.“

އެވަގުތު އޮކެސްޓްރާގެ ޑްރަމްގެ އަޑުގަދަވެއްޖެއެވެ. ރިޝްމީއަށް ހީވީ އޭނާގެ ހިތުގައި ބޮމެއްގޮވީ ކަމުގައެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ދެންވާނީ ކިހިނެއް ހެއްޔެވެ؟ މިޒުވާނާއާމެދު ވަރަށް އެކަށީގެންނުވާ ޢަމަލުތަކެއް އޭނާއަށް އޮތީ ކުރެވިފައެވެ. އޭނާގެ ވިޔާނުދާ ޢަމަލުތަކުގެ ވާހަކަ ރަތަން ބޭބެއަށް އަންގައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ފަހަރެއްގައި އޭނާގެ ވަޒީފާވެސް ގެއްލިދާނެ ހެއްޔެވެ؟ އޭނާ ގަދަކަމުން ހިންދިރުވާލާ އަތުގައި އޮތް ޕެކެޓާއެކު ނަމަސްތޭ ކިޔުމަށް އަތްޖޯޑުކޮށްލިއެވެ.

”މިއީ އަހަރެންގެ ސްޓެނޯ ރިޝްމީއެވެ.“ މަނޭޝްރާޖް ކޮއްކޮއަށް ރިޝްމީ ތަޢާރަފްކޮށްދިނެވެ. އަދިވެސް ބުންޏެވެ.

”ކަލޭގެ ކައިވެނިވާ ދުވަހުން ކައިވެނީގެ އުފަލުގައި ރިޝްމީ އަހަރެންގެ ޕްރައިވެޓް ސެކްރެޓެރީއަކަށް ހަދާނަމެވެ.“

ޕްރައިވެޓް ސެކްރެޓެރީ ހެއްޔެވެ. ރިޝްމީއަކަށް ހިނިތުންވެއެއް ނުލެވުނެވެ. މިހާރު އޭނާގެ ވަޒީފާ އޮތީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ރަތަން ބޮޑުބޭބެ ގާތުގައި ރިޝްމީގެ ޝަކުވާ ރަނގަޅަށް ކޮށްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ރަތަންގެ މޫނުމަތިން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ފައުޅެއް ނުވެއެވެ. އޭނާހުރީ ހިނިއައިސްފައެވެ. ހިނިއައިސްގެންހުރެ އޭނާވެސް  އަތްޖޯޑުކޮށް ރިޝްމީއަށް ނަމަސްތޭ ކިޔެވެ. ޖަވާބުގައި ރިޝްމީއަށްވެސް ޖެހުނީ ހިނިތުންވެލާށެވެ.

”އުފަންދުވަހުގެއާއި އެންގޭޖްވުމުގެ މުނާސަބައިގައި މުބާރިކުބާދު ޤަބޫލު ކުރައްވާށެވެ.“ ރިޝްމީ ބުންޏެވެ. ”ޝުކުރިއްޔާ“ ރަތަން ޖަވާބުދިނެވެ. ޝުކުރިއްޔާއޭ ބުނިއިރު ރަތަންގެ މޫނުމަތީގައި ކުރިއަށްވުރެވެސް ބޮޑަށް ހިތާމަވެރިގޮތް ފެތުރިގެން ދިޔައެވެ.

”ރަތަން“ އެވެ. މަނޭޝްރާޖް ބުންޏެވެ. ”ކަލޭ އެންގޭޖްވާ ކުއްޖާއާ ރާޖާ ސާހަބާއި ރިޝްމީ ބައްދަލު ކުރުވާށެވެ. އެހާތަނަށް އަހަރެން އެހެނިހެން މެހްމާނުންނާ ބައްދަލުކޮށްލާނަމެވެ. ރިޝްމީއާ ދިމާލަށް ހިނިތުންވެލުމަށްފަހު ގޮސް އެހެން މެހްމާނުންގެ ތެރެއަށް ވަދެ މަނޭޝްރާޖް ގެއްލިއްޖެއެވެ.

ރަތަން ހަމަ އެގޮތަށް މަޑުމަޑުން ހުރީއެވެ. އޭނާގެ މޫނުމަތީގައި އަދިވެސް ހުރީ ހިތާމައިގެ ކުލަތަކެވެ. ލޮލުންވެސް މާޔޫސްވުމުގެ ވިދުވަރު ފެންނަން ހުއްޓެވެ. އޭނާހުރީ ރިޝްމީއާ ދިމާއަށް ބަލާށެވެ. ނުހަނު ދެރަވެފައެވެ. ރިޝްމީގެ ހިތުގެ މައު ފޮޅެން އުޅެލާފައި މޯޅިވެއްޖެއެވެ. އޭނާ އެވިސްނަން ފެށީ ކޮންއެއްޗެއް ހެއްޔެވެ؟ ރަތަންއަކީ އޭނާގެ ވެރިމީހާގެ ކޮއްކޮއެވެ. މިއަދަކީ ރަތަން އެންގޭޖްވާ ދުވަހެވެ. ރާޖްކުމާރީއަކާ އެކުގައެވެ. ރަތަންގެ ޙަޔާތުގެ ގޮށްޖެހެން އުޅެނީއެވެ. ވީއިރު ރަތަން އޭނާއާމެދު ވިސްނާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ކުޑަކޮށް ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން އަތުގައި އޮތް ޕަކެޓް ރަތަންއާ ދިމާއަށް ދިއްކޮށްލާފައި ބުންޏެވެ.

”އަޅުގަނޑުގެ ފަރާތުން މިދެރަ ދެރަ ހަދިޔާ ޤަބޫލު ކުރައްވާށެވެ.“

ރަތަން އަތް ދިއްކޮށްލާފައި ހަދިޔާގައި ހިފައިފިއެވެ. އެވަގުތު ރަތަންގެ އެއްއިގިލި ރިޝްމީގެ އިނގިލީގައި ބީހިލިއެވެ. އެއާއެކު ރިޝްމީގެ ހަށިގަޑު ތެރޭގައި ކަރަންޓުގެ ރާޅުބާންޏެއް އުފެދުނެވެ. ވަރަށް އަވަސްކަމާއެކު ހިތުގައި ވިންދު ޖަހާލިއެވެ. ރަތަންއަށްވެސް ހަމަ އެކަހަލަ ގޮތްތަކެއްވިއެވެ. ހިތް އަވަސްވެލިއެވެ. އަދި އެހިތަށް ފޮނިކަމެއް އިޙްސާސްވިއެވެ. އެކަހަލަ  ފޮނިކަމެއް ރާޖްކުމާރީގެ އަތުގައި ހިފައިގެން އެތަކެއް ގަޑިއިރު އިނުމަށްފަހުގައިވެސް އޭނާއަކަށް އިޙްސާސެއް ނުކުރެވެއެވެ. އޭނާ ހިނިތުންވެލާފައި ބުންޏެވެ.

”ޝުކުރިއްޔާއެވެ. މިހަދިޔާ އަބަދަށް އަޅުގަނޑުގެ އަތުގައި ބާއްވާނަމެވެ.“ އޭނާ ޕެކެޓް ޖީބަށްލީ ނުހަނު ލަސްލަހުންނެވެ. އޭނާގެ ޙަރަކާތްތައް ހުރިގޮތުން ހީވަނީ އޭނާގެ އަތުން ކޮންމެވެސް އެއްޗެއް ގެއްލިގެން އުޅޭހެންނެވެ. ހަމަ ދެންމެއެވެ. އޭނާގެ ބެލުން ހުއްޓިފައިވަނީ ރިޝްމީގެ ރީތިކަމުގެ މައްޗަށެވެ.

ރަތަން ހުރީ ހަމަހިމޭނުންނެވެ. ނަމަވެސް މިހަމަހިމޭންކަން މިފަދަ މާޙައުލެއްގައި ރިޝމީއަކަށް ކަމަކުނުދިޔައެވެ. މީހުން ބުނާނީ ކީކޭހެއްޔެވެ؟ ރިޝްމީ ހިނިތުންވެލަމުން ހަމަހިމޭންކަން ފޫދުއްވާލިއެވެ.

”ވެލައްވާފައި ތިޔަ ހުންނެވީ ކީއްތޯއެވެ. މިއަދުގެ މިފަދަ ބަރަކާތްތެރި ދަނޑިވަޅުގައިވެސް ކަލާ އުފާވެރިކޮންނެއް ނުފެނެއެވެ.“

”އުފާވިއެވެ. ނަމަވެސް ދެންމެއާ ޖެހެންދެނެވެ. ކަލާ ދުރުވުމުން ހުރިހާ ހިނިތުންވުމެއް ކާފޫރަށް ވެގެން ދިޔައީއެވެ.“ ރަތަން އަސަރާއެކު ބުންޏެވެ.

މިބުނި އެއްޗަކުން ރިޝްމީއަށް ވިސްނުނީ ވަރަށް ކުޑަ އެއްޗެކެވެ. ވީމާ ރަތަންގެ ލޮލަށް ބަލާލާފައި ނުހަނު މަޑުމައިތިރި ހިނިތުންވުމަކާއެކު އޭނާ ބުންޏެވެ. ”ބުނުއްވައިފިނަމަ އަޅުގަނޑު ހިނގައިދާނަމެވެ.“

”ހާއި ރަތަން“ އެމީހުންގެ ވާހަކަ މެދުކަނޑާލާފައި ރަތަންގެ ރަޙްމަތްތެރިއަކު އެދޭތެރެއަށް ވަދެއްޖެއެވެ. އެމީހާ އައުމުން ރަތަންއަށް ޖެހުނީ އެމީހާއަށް ސަމާލުކަން އަނބުރާލާށެވެ. އެމީހާ ރަތަން އަށް ބުންޏެވެ.

”މިދުވަހަށްޓަކާ ހާސް ހާސް އުފަލެވެ.“ މިހެން ބުނެފައި ސަލާމް ކޮށްލުމަށްޓަކައި އޭނާގެ އަތް ރަތަންއާ ދިމާއަށް ދިއްކޮށްލިއެވެ.

ރަތަން އެމީހާގެ އަތުގައި ހިފާ ސަލާމް ކޮށްލިއެވެ. ނަމަވެސް އޭނާގެ އަނގައަށް ވެފައ ިހުރިގޮތުން ހީވަނީ ފޮނި އެއްޗެއް ކައިކައި ހުއްޓާ ހިތިހިތި އެއްޗެއް އަނގައަށް ވަނީ ކަމުގައެވެ. ކުރިން އައި ރަޙްމަތްތެރިޔާ ސަލާމް ކޮށްފައި ދިޔައިރު އިތުރު އެހެން ދެތިން މެހްމާނުން އެތަނަށް އަތުވެއްޖެއެވެ. އިޙްތިރާމް ކުރުމުގެ ގޮތުން ރަތަންއަށް ޖެހުނީ އެމީހުންނާވެސް ސަލާމް ކުރާށެވެ. އަތާ އަތް ގުޅުވާލާށެވެ. ހުރިހާ އެންމެންވެސް އުފަންދުވަހުގެ ނުވަތަ އުފަންދުވަހާ އެންގޭޖްވުމުގެ މުނާސަބަތުގާ ރަތަންއަށް މުބާރިކުބާދު އަދާކުރިއެވެ. ބައެއް މީހުންނަށް ރިޝްމީގެ ތަޢާރަފްވެސް ކޮށްދިނެވެ. އެމީހުންނާ ބައްދަލުވީތީވެސް ރިޝްމީ އުފާފާޅުކުރިއެވެ. ނަމަވެސް އޭނާގެ ހިނިތުންވުން ނިކަމެތިކަމުގެ އިޙްސާސް ކޮށްފައި ހުރިވަރު ފާޅުވެއެވެ. އޭނާ މިފަދަ މަތިވެރި އަދި ޢިއްޒަތްތެރި މީހުންނާ ބައްދަލު ކޮށްގެން ނުވާނެއެވެ. އޭނާއަކީ މިމީހުންގެ ފައިދޮށުގައި ހިރަފުސްކޮޅެކެވެ. މިޤަދަރުހުރި މީހުންތަކަށް އޭނާއަކީ އާދައިގެ ސްޓެނޯއެއްކަން އެނގިއްޖެނަމަ އޭނާއާ ބައްދަލުވެއްޖެ ނަމަވެސް ފަހަރެއްގާވެސް އެމީހުން އުފާވެރިކަން ފައުޅު ނުކުރާނެކަން އެނގެއެވެ.

”ކަލާ އަދިވެސް އެންގޭޖްވާ ކުއްޖާއަކާ އަޅުގަނޑު ބައްދަލެއް ނުކޮށްދެއްވަމުއެވެ.“ މެހްމާނުންތަކުގެ ކިބައިން ރަތަން ސަލާމަތްވީމާ ރިޝްމީ ބުންޏެވެ. ”އޯހް!“ ރަތަން ހަދާންވެއްޖެއެވެ. އޭނާ ބޭނުން ނޫން ނަމަވެސް ބުންޏެވެ.

”ދުރުވާށެވެ. އޭނާއާ ބައްދަލުކުރުވާނަމެވެ. އަދި މަންމައާވެސް ބައްދަލުކުރުވާނަމެވެ.

ރިޝްމީ ގޮވައިގެން ރަތަން ދިޔައީ ކޮޓަރީގެ އަނެއްފަރާތަށެވެ. އެތާނގައި ބައެއް ގާތް ތިމާގެ މީހުންނާއެކު މަނޭޝްރާޖްވެސް ހުއްޓެވެ. ރިޝްމީ ފެނުމުން މަނޭޝްރާޖް ހިނިތުންވެލިއެވެ. ރަތަންގެ ބަދަލުގައި ރިޝްމީ އެމީހުންނާ ބައްދަލުކުރުވީ މަނޭޝްރާޖްއެވެ.

”ރިޝްމީ.“ މަނޭޝްރާޖް މުސްކުޅި އަންހެނަކާ ދިމާއަށް އިޝާރާތް ކޮށްލާފައި ބުންޏެވެ. ”މިއީ އަހަރެންގެ އާންޓީއެވެ. އަހަރެންގެ މަންމަގެ ކޮއްކޮއެވެ. އަދި ރަތަންގެ މަންމައެވެ.“

ރިޝްމީ އިޙްތިރާމާއެކު އަންހެން މީހާގެ ފައިގާ އަތްޖައްސާލިއެވެ. އަންހެން މީހާވެސް ރިޝްމީގެ ބޮލުގައި އަތް ބާއްވާލާފައި ބުންޏެވެ. ”ދިރިލަހައްޓަވާށިއެވެ. ދަރިފުޅާއެވެ.“

މަނޭޝްރާޖް ކައިރީގައި ހުރި އަންހެން ކުއްޖާއަށް އިޝާރާތްކޮށްލާފަ ބުންޏެވެ. ”އަދި މިއީ އަހަރެމެންގެ ޚާންދާނުގެ ވާންއުޅޭ ދަނބިދަރިފުޅެވެ. ރާޖްކުމާރީއެވެ.“

ރިޝްމީ ލުއިލުއި ހިނިތުންވުމަކާއެކު ނަމަސްތޭ ކިޔެވެ. ނަމަވެސް ރާޖްކުމާރީ ހިމެނުނީ ވަރަށް އަމިއްލަ އެދުންބޮޑު އަދި ބޮޑާ ކުއްޖެއް ކަމުގައެވެ. ހަމައެކަނި ބުނެލީ ”ހަލޯ“ އެވެ.

ރާޖްކުމާރީއަކީ ރީތި ކުއްޖެއްކަން ފުރަތަމަ ބަލައިލުމާއެކުވެސް ރިޝްމީއަށް އެނގުނެވެ. އޭނާއަށް ލިބިފައިވަނީ އިރުގެ ހުދުކުލައެވެ. ކުލަގަދަ އަދި ޖަރީގެ ފަށުވި ސާޅީއެއްގައި ހުރި ރާޖްކުމާރީ ފެންނަނީ ޙަޤީޤީ ރާޖްކުމާރީއެއްގެ ގޮތުގައެވެ. ރިޝްމީގެ ހިތަށް ކުޑަ ތަދެއްވެލީ ކީއްވެގެން ކަމެއް ނޭގެއެވެ. މިތަދު އުފެދުނީ ޙަސަދަވެރިކަމުގެ އިޙްސާސްގެ ތެރެއިން ކަމެއް ނުވަތަ އެހެންވެސް ގޮތަކުން ކަމެއް ނޭގެއެވެ.

ރާޖްކުމާރީގެ ކައިރީގައި މާތް މުސްކުޅި މީހަކު ހުއްޓެވެ. އެމީހާ ލައިގެން ހުރީ ގިރުވާނު ކަރުގައި ބެދިފައި ހުންނަ ކަހަލަ ހުދުކުލައިގެ ކޯޓެކެވެ. ތަނަވަސް މޫނެއްގައި ހުރި ބޮޑުބޮޑު ދެލޮލެވެ. ދިގު އަދި ފުޅާ ހަށިގަނޑުގެ ސިފަވަނީ ހިސާބަކަށް ހުތުރުވެފައެވެ. ރޯކޮށްފައި އޮތް ކަށިގަޑެއް އަތުގައި އޮތެވެ. އެމީހާއާ ދިމާއަށް އިޝާރާތް ކޮށްލާފައި މަނޭޝްރާޖް ރިޝްމީއަށް ބުންޏެވެ.

”މިހުންނެވީ ރާޖާ ސާހަބެވެ. ރާޖް ކުމާރީގެ ޑެޑީއެވެ.“

ރާޖް ސާހަބް ކަށިގަނޑުގައި ހިފާ ފުންކޮށް ދަމާލުމަށްފަހު ބުންޏެވެ. ”ހެލޯވް“ އޭނާގެ ހަށިގަނޑު ފަދައިން އަޑުވެސް ބަރެވެ.

ރިޝްމީ ކުޑަކޮށް ސިހުނެވެ. ނަމަވެސް އޭނާގެ އަތުގައި ހިފާފައި ރިޝްމީ ސަލާމްކޮށްލިއެވެ. ރިޝްމީ ހުރިހާ އެންމެންނަށް ތަޢާރަފްކޮށްދީފައި މަނޭޝްރާޖް ބުންޏެވެ.

”މިއީ ރިޝްމީއެވެ. އަޅުގަނޑުގެ ސްޓެނޯއެވެ.“ މިއަޑު އިވުމުން ރާޖާ ސާހަބް ސިހުނެވެ. އަނގައާ ދިމާއަށް ގެންގޮސް ގެންގޮސް ހުރި ކަށިގަނޑު އަތުން ދޫނުވީވެސް ހަމަކިރިޔާއެވެ. ރާޖް ކުމާރީވެސް ސިހުނެވެ. ހިނިތުންވުމުގެ ވަގުތުގައި ސުންޕާ ކަޅުކާޅެއް ފެނުނީމާ ވާނެގޮތެވެ. މިކަމުގެ ސަބަބުން ރިޝްމީއަށް ނިކަމެތި ކަމުގެ އިޙްސާސް ކުރިއަށްވުރެވެސް ބޮޑަށް ކުރިއެވެ.

”މަނޭޝްރާޖް“ ކުއްލިއަކަށް ރާޖާސާހަބް ބާރު އަޑަކުން ބުންޏެވެ. ރުޅިއައުމުގެ ސަބަބުން އޭނާގެ އަޑު މިހާރު އަދި މާބަރެވެ.

”މިއަންހެން ކުއްޖާއާ ބައްދަލުވުމުގެ ކުރިން އަޅުގަނޑުމެންގެ ޕޮޒިޝަނަށް ކަލާ އިޙްތިރާމް ކުރައްވަން ވާނެއެވެ.“

”ރާޖާ ސާހަބް“ މަނޭޝް ރާޖްއަށްވެސް ކެތެއް ނުކުރެވުނެވެ. ރާޖާ ސާހަބަށްވުރެވެސް ގަދައަށް ރުޅިއައިސްފައި ބުންޏެވެ. ”މިއަންހެން ކުއްޖާ ތިޔަބޭކަލުންނާ ބައްދަލުކުރުވީ އަޅުގަނޑެވެ. އެހެން މީހެއް ނޫނެވެ. ތިޔަބޭކަލުންވެސް އެކަމަށް އިޙްތިރާމް ކުރައްވަން ވާނެއެވެ.“ މަނޭޝްރާޖް ވާހަކަ ދެއްކީ އަކުރުތަކަށް ބާރުލާފައެވެ. ރިޝްމީ ވަރަށް ކަންބޮޑުވިއެވެ. އެއަށްވުރެވެސް ބޮޑަށް ލަދުގަތެވެ. ރާޖާ ސާހަބް ހިމޭންވެއްޖެއެވެ. ރާޖްކުމާރީގެ މޫނުމައްޗަށްވެސް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ނަމަވެސް މިދެބަފައިންގެ ހަމަހިމޭންކަމުން މަނޭޝްރާޖްއާއި އެމީހުން އެއްބަސްނުވާކަން އެނގެއެވެ. ދެބަފައިންމެ ތިބީ ރިޝްމީއާ ދިމާއަށް ކަޅިއަޅައިގެންނެވެ. ބަންދުކޮށްޓެއްގައި ތިބި އަންހެން މިނިކާވަގަކާ ފިރިހެން މިނިކާ ވަގެކޭ އެއްގޮތެވެ. ”މަނޭޝް ބާބޫއެވެ.“ ކުއްލިއަކަށް އެދެމެދަށް އަނެއްކާވެސް ބޮމެއް ގޮވައިފިއެވެ. މިފަހަރު އިވުނީ ކޮންމެވެސް އަންހެން ސާހިބެއްގެ ޤަދަރުވެރިއަޑެވެ. ރިޝްމީ އެއަޑާ ދިމާއަށް އިސްއުފުލާލާފާ ބަލާލުމުން މުޅިހަށިގަނޑު ތުރުތުރު އަޅައިގަތެވެ. އޭނާގެ ކުރިމަތީގައި ހުރީ ޕުޝްޕާދޭވީއެވެ. ޕުޝްޕާގެ ކައިރީގައި ހުރެގެން އޭނާގެ ފިރިހެން ދަރިފުޅު ޕްރަބާހކަރ ރިޝްމީއާ ދިމާއަށް ބަލަބަލާފައި ތުންފަތް ހަފަނީއެވެ.

”ކަލާގެ ވާހަކައަކާ އަޅުގަނޑު އެއްގޮތަކަށްވެސް އެއްބަހެއް ނުވަމެވެ. ކަލާ އަޅުގަނޑުމެންނަށް ތަޢާރަފް ކޮށްދެއްވާ ކޮންމެ މީހަކީ އަޅުގަނޑުމެންގެ ނަޒަރުގައި ޢިއްޒަތް ދިނުމަށް އެކަށީގެންވާ މީހަކަށް ވުމަކަށް ކޮންމެހެން ބޭނުމެއް ނުވެއެވެ. އެހެންނޫނަސް އަޅުގަނޑުމެންގެވެސް ޙައިސިއްޔަތެއް އޮވެއެވެ. ތިޔައީ ކޮން އަންހެން ކުއްޖެއްކަން ކަލާއަށް އެނގިލައްވާތޯއެވެ؟“ ޕުޝްޕާދޭވީ ރިޝްމީއާ ދިމާއަށް އިޝާރާތް ކޮށްލާފައި ރުޅިވެރިކަމާއެކު ބުންޏެވެ.

”ކަލާގެ ފާރމްއަށް އައުމުގެ ކުރިން ތިޔަ އަންހެން ކުއްޖާއަކީ އަޅުގަނޑުގެ ނޯކަރެކެވެ.“

”ޕުޝްޕާދޭވީ“ މަނޭޝްރާޖްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އައިސްފައިވާ ރުޅީގެ ގަދަކަމުން އޭނާ ތުރުތުރުއަޅައެވެ. ވާހަކަ ދެއްކިއިރު އަޑުގައިހުރި ބާރުކަމުން ޕުޝްޕާދޭވީ ވާހަކަ ދެއްކުން ހުއްޓާލައިފިއެވެ. ނަމަވެސް ރިޝްމީ ގަތް ލަދުން ބިންފަޅާލާފައި އަޑިޔަށްދާނޭ ނަމައޭ ހިތަށް އެރިއެވެ. މިފަދަ ބޮޑު މަލާމާތެއް! އޭނާ ހިތާހިތުން އަމިއްލައަށް މަލާމާތް ކުރިއެވެ. އޭނާ މިތަނަށް އައީ ކީއްވެގެން ހެއްޔެވެ؟ ގަތް ލަދުން އޭނާގެ މޫނުވެސް ތުރުތުރު އެޅިއެވެ. ފާޑެއްގެ ހިޔެއް ހަށިގަނޑުގައި އުފެދުނެވެ. ލޮލުން ކަރުނަ އައެވެ. މިތަނުން ދުވެ ރައްކާވުމަށް ހިތަށް އެރިއެވެ.

އޭނާ އެތަނުން ދިއުމަށް ގަސްތުކުރިތަނާ ޕްރަބާރކަރް އައިސް އޭނާގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. އަދި އޭނާގެ ކުރިބައްދާފައި ތުންފަތް ހަފަމުން ފާޑަކަށް ހިނިތުންވެގެން ހުރެ ބުންޏެވެ. ”އަހަރެން މިކުއްޖާ ދަންނަމެވެ. އަހަރެން ދަންނަމެވެ. މީނާގެ ކިބައިން އަހަރެން ހިސާބެއް ނިންމާލަންވެފައި އެބައޮތެވެ. ދޫކޮށެއް ނުލާނަމެވެ.“ ޕްރަބާހކަރުގެ މޫނު އަދިވެސް ބޮޑަށް ރިޝްމީއާ ކައިރިކޮށްލިއެވެ. މިޢަމަލުގެ ސަބަބުން ރިޝްމީގެ ހަށިގަނޑުގައި އަޅާ ތުރުތުރު ގަދަވެގެން ދިޔައެވެ.

އޭ ބަގްވާންއެވެ! މިއޮއް ފުރިހަމަ ސަމާޖްގައި އޭނާއަށްވާން މިއުޅެނީ ކީއްތޯއެވެ؟ ޕްރަބާހކަރް އޭނާގެ ދުވަސްވީ އާދަ ތަކުރާރުކޮށްލިއެވެ. ކުއްލިއަކަށް އަތް ދިއްކޮށްލާފައި ރިޝްމީގެ ނިތްކުރިމައްޗަށް ވެއްޓިފައި އޮތް ބުޅި އިސްތަށިކޮޅު އިނގިލިން ވިހުރުވާލިއެވެ.

މިފަދަ ބޮޑު ދެއްކުމަކަށް ރިޝްމީއަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ލޭގައި ޖޯޝް އުފެދިއްޖެއެވެ. ތެމިފައި ހުރި ދެލޮލުގެ އަލިފާންގަޑު ބޮޑުވެއްޖެއެވެ. އޭނާގެ އަތް ވައިގެ ތެރޭގައި ހޫރާލައިފިއެވެ. ނަމަވެސް އެއަތުން ޕްރަބާހކަރްގެ ކަންކަށީގައި ލައްވާލުމުގެ ކުރިން ޕްރަބާހކަރް އެއަތުގައި ހިފަހައްޓައިފިއވެ. ހީވާގޮތުން ޕްރަބާހކަރް ހުރީ މިކަމަށް ކުރިއްސުރެ ތައްޔާރުވެގެންނެވެ. ރިޝްމީގެ އަތުގައި ހިފައިގެން ހުރެ އޭނާ ބުންޏެވެ.

”ކޮންމެ ފަހަރަކު ތިޔަހެނެއް ނުވެވޭނެއެވެ.“ ރިޝްމީގެ އަތް ކުޑަކޮށް ތަދުވާގޮތަށް އޭނާ އަނބުރާލިއެވެ.

ރިޝްމީގެ މުޅި އަތަށް ތަދުވާން ފަށައިފިއެވެ. ކަން މިހިސާބަށް ދިޔައިރު ރަތަން ކުރިއަށް ޖެހިލައިފިއެވެ. ރިޝްމީގެ ނިކަމެތިކަމާއި ބާރެއް ނެތްކަން ދުށުމަށް އޭނާއަށް ކުޅަދާނަ ނުވީއެވެ. ވީމާ ކުރިއަށް ޖެހިލާފައި ޕްރަބާރކަރްގެ މޫނުމަތީގައި ވަރުގަދަ އެތިފަހަރެއް އޭނާގެ ގޮއްމުށުން ޖަހައިފިއެވެ. ވީތަދުން ރިޝްމީގެ އަތް ޕްރަބާހކަރްގެ އަތްދަށުން މިނިވަންވެއްޖެއެވެ. އަދި ބަސްބުނާހާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ދޫލަމައްޗަށް ޗަސްލާފައި ޕްރަބާހކަރް ވެއްޓިއްޖެއެވެ.

ނުނިމޭ…

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.