ފަހަރި 4

ރާޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގައި ރިޝްމީ މަސައްކަތް ކުރަން ފަށައިފިއެވެ. މިހާރު އޭނާގެ ދިރިއުޅުން އާދައިގެ ގޮތަކަށް ހަމަޖެހިއްޖެއެވެ. ހުދު ކުލައިގެ ސާޅީގެ ބަދަލުގައި މިހާރު ބައެއްފަހަރު ކުލަސާޅީވެސް ބޭނުންކުރެއެވެ. އާދައިގެ ފަށުވި ސާޅިވެސް އަޅައެވެ. މޫނުގައި ފުއްޖަހާލާ ތުންފަތުގައި މަޑުމަޑު ފިޔާތޮށި ކުލަ ޖައްސާލައެވެ. އަދުން އަޅައިގެން ލޯ ރީތިކޮށްލައެވެ. ކުޑަގޮތަކަށް ނަލަހެދިލުމުންވެސް އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް އާދެއެވެ. ފިކުރުތައް ދުރުވެއްޖިއްޔާ މޫނުމަތީގެ އުޖާލާކަން އަމިއްލައަށް ބޮޑުވެދެއެވެ. ރިޝްމީގެ ކޮއްކޮގެ އޮޕަރޭޝަންވެސް ކޮށްފިއެވެ. މިހާރު އޭނާގެ ފައިގާ އޮތީ  ޕްލާސްޓަރ އަޅާފައެވެ. އެޕްލާސްޓަރުތައް ޑޮކްޓަރުން ކަނޑާނީ ހަތަރުމަސް ފަހުންނެވެ. ކޮއްކޮއަށް ޚިދްމަތް ކޮށްދެމުން ރެޔާ ދުވާލު އޭނާގެ ވެރިމީހާ މަނޭޝް ރާޖްގެ ސަލާމަތަށް އެދި އޭނާ ދުޢާ ކުރެއެވެ. ބަގްވާން! އޭނާގެ ވެރިމީހާއަށް ސަތޭކަ އަހަރަށްވުރެވެސް ދިގު ޢުމުރެއް ދެއްވާށިއެވެ–ރިޝްމީ އޭނާގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ގެންދިޔައެވެ. ކޮންމެ ކަމެއްވެސް އޭނާ ކުރަނީ ނުހަނު ފަރުވާތެރިކަމާއެކު ތަރުތީބުންނެވެ. ކޮންމެވެސް ދުވަހަކުން އޭނާ މަނޭޝް ރާޖްގެ ޕްރައިވެޓް ސެކްރެޓެރީއަކަށް ވާނެކަން ޔަޤީނެވެ. ވީމާ ކުރިއްސުރެ ރީތިކޮށް ތަރުތީބުން ކަންތައް ކުރަން ފަރިތަ ކުރަނީއެވެ. މަނޭޝްރާޖްގެ ޢަމަލުތަކުން އޭނާއަށް ފެންނަނީ އިންސާނިއްޔަތުކަމެވެ. ވެރިއެއްގެ ގޮތުގައި ހުންނައިރު އޭނާއަކީ ހަރުދަނާ ޝަޚްޞިއްޔަތެކެވެ. ނަމަވެސް ބައެއްފަހަރަށް އިނދެފައި މަނޭޝްރާޖް ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލޭ ކަމުގައި ރިޝްމީއަށް ވަރަށްގިނައިން ޝައްކުވެއެވެ. އެއީ ކޮންކަހަލަ ޚިޔާލެއްކަންވެސް ރިޝްމީއަށް ލަފާކުރެވެއެވެ. އެކުރަނީ އޭނާގެ އަނބިމީހާގެ ޚިޔާލުކަމާމެދު ޔަޤީން ކުރެވެއެވެ. މަނޭޝްރާޖްގެ އަނބިމީހާ އަމިއްލައަށް މަރުވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަކަށް އަދި އެއެއް އޮޅުމެއް ނުފިލައެވެ. ވެރިމީހާއާ އެސުވާލު ކޮށްލާނޭ ހިތްވަރެއްވެސް އަދި ނުލިބެއެވެ. ވެރިމީހާއަށް އޭނާ ޢިއްޒަތްތެރިކޮށް ހިތައެވެ. އޭނާ ދެކޭގޮތުގައި ވެރިމީހާއަކީ ވަރަށްމާތް މީހެކެވެ. އެސުވާލު ކޮށްފިނަމަ ވެރިމީހާގެ ހިތުގެ ޒަޚަމް ދެވަނަފަހަރަށް ތާޒާވެދާނެއެވެ. ވީމާ ހަމަހިމޭން ކަމާއެކު އޭނާ މަސައްކަތް ކުރަމުން ގެންދިޔައެވެ. އޮފީހުގައި މަސައްކަތްކޮށް އެހެން މީހުން ފަދައިން ރިޝްމީވެސް މެންދުރުގެ ކެއުން ކައި އުޅެނީ އޮފީހުގައެވެ. ނަމަވެސް ކެއުމުގެ ވަގުތުގައި މަނޭޝްރާޖް ގޮސް އުޅެނީ އޭނާގެ ގެއަށެވެ. މެންދުރުގެ ކެއުމަށް އޭނާ ގެއަށް ގޮސް ނޫޅޭނަމަ ރިޝްމީ އަދިވެސް ހުންނަން ޖެހުނީހީ މަގުއޮޅިފައެވެ. ކުރިއެކޭވެސް އެއްގޮތަށެވެ. އެދުވަހު ހުރިހާ ރޮގަކުން އުއްމީދު ކެޑިގެން ގަދަފިނީގައި އެކަނިވެލާ ފާލަންމަތީގައި ހުއްޓާ މަނޭޝް ރާޖްއާއި އޭނާއަށް ބައްދަލު ވެވުނީ މަނޭޝްރާޖް ކެއުމަށްޓަކައި ގެއަށް ގޮސްފައި އަންނަނިކޮށް ކަމަށް ހީވެއެވެ.

އެކަން ލަފާކުރެވެނީ ރިޝްމީ އެތަނުގައި ވަޒީފާ އަދާކުރަން ފެށިފަހުންނެވެ.

”މާދަމާ ހެދުނުގެ ޕްލޭން އިން އަހަރެން ރަށުން ބޭރަށް ދަނީއެވެ.“ އެއްދުވަހަކު މެންދުރުގެ ކެއުން ނިމިގެން އައިސް ނޯޓް ކުރަން ސިޓީއެއް ކިޔާދީފައި މަނޭޝްރާޖް ރިޝްމީ ގާތުގައި ބުންޏެވެ.

”ވީމާ ކަލޭ ލައްވާ އަހަރެން މިލިޔުއްވި ރިޕޯޓް އަހަރެން ގެންދަން ވާނެއެވެ. ވީމާ ތިޔަ ނިންމާލުން ކޮންމެހެން ބޭނުމެވެ. އަދި މަސައްކަތުގައި މާގިނައިރު އުޅެން ޖެހިގެން އަނދިރިވާއިރަށް ގެއަށް ނުދެވިއްޖެނަމަ ކުންފުނީގެ ކާރުގައި ކަލޭ ގެންގޮސްދޭނެއެވެ.“

ރިޝްމީ އެއަކަށް އެއްވެސް ޖަވާބެއް ނުދެއެވެ. ނަމަވެސް ނޭގޭ ބިރެއްގެ ސަބަބުން އޭނާގެ ހިތް ތެޅިގަނެގެން ދިޔައެވެ. އެއްދުވަހަކު ހަވީރު އޭނާ ބޮމްބޭގައި ދެގަޑިއިރު އިތުރަށް މަސައްކަތް ކުރިއެވެ. އަދ ިހަމަ އެދުވަހަކު އޭނާގެ ޢިއްޒަތް ސަލާމަތް ކުރަން ކުރި މަސައްކަތުގައި މަދަން ކުންފުނީގެ ވެރިޔާ މަދަން ލާލްގެ މަރުގެ ތުހުމަތު އެޅުނެވެ. މަނޭޝްރާޖާމެދު ރިޝްމީ ޝައްކު ނުކުރި ނަމަވެސް އެދުވަސް ހަދާންވުމަކީ އެކަށީގެންވާ ކަމެކެވެ. އެހަދާންތައް އައުމުން އޭނާ ފިކުރުބޮޑުވިއެވެ. ހިތްއަވަސްވިއެވެ. ނަމަވެސް އޭނާ އެއްޗެއް ނުބުނެއެވެ. އަތުގައި އޮތް ފަންސުރު އަނބުރާލާފައި މަޑުމަޑުން އިސްދަށަށް ޖަހާލިއެވެ.

”ރިޝްމީއެވެ.“ ރިޝްމީގެ މޫނުމައްޗަށް އެރި ރޫތަކާއި އޭނާ ހުރިލެއް ހަމަހިމޭންކަމުން މިވީގޮތް މަނޭޝް ރާޖަށް ކޮންމެވެސް ވަރަކަށް ލަފާކުރެވުނެވެ. ވީމާ ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން ބުންޏެވެ.

”ކަލޭ ތިޔަ ވިސްނަނީ ކޮންއެއްޗެއްކަން އަހަންނަށް އެނގެއެވެ. އެކަމާބެހޭގޮތުން އަހަރެން ކޮންމެހެން ބުނެލަންޖެހޭ އެއްޗެއް އެބައޮތެވެ. އެއީ އަހަރެންނާމެދު އެއްވެސް ކުށްހީއެއް ނުކުރާށެވެ. މީހެއްގެ ބަލިކަށިކަމުން ދުވަހެއްގައިވެސް އަހަރެން ފައިދާއެއް ނުހޯދާނަމެވެ.“ އިރުކޮޅަކު ހިމޭނުން އިދެފައި މަނޭޝް ރާޖް ބުންޏެވެ.

”ރިޝްމީއެވެ. އަހަރެންގެ އަނބިމީހާއަކީ ކާކުކަމާމެދު ކަލޭގެ ހިތުގައި ސުވާލު އުފެދުމަކީ ވެދާނެ ކަމެކެވެ. އަދި އޭނާ އަމިއްލައަށް މަރުވީ ކީއްވެގެންބާވައޭވެސް ހިތަށް އަރާފާނެއެވެ. ހަމަ އެހެންމެ އަހަރެންގެ އޮފީހުގައި އުޅުނު އަންހެން ކުއްޖަކާއި އަހަރެންނާ ދެމެދުގައި އެކަށީގެންނުވާ ގުޅުމެއް ހިނގާކަން އަހަރެންގެ އަނބިމީހާއަށް އެނގިގެން އެކަމާ ހިތްދަތިވެގެން އަމިއްލައަށް މަރުވީއޭވެސް ހިތަށް އަރާފާނެއެވެ. ވީމާ އަހާށެވެ. މިއަދު ޚޮދު އަހަރެންގެ އަގައިން ކަލެއަށް އެވާހަކަ ކިޔައިދޭނަމެވެ.“

މަނޭޝްރާޖް ކުރިމައްޗަށް ލެނބިލާފައި އަޅިކެނޑިމަތީ އޮތް ސިގިރޭޓް ނަގާ ބާރަށް ދަމާލަމުން ވާހަކަ ދައްކަން ފެށިއެވެ.

”ވިހި އަހަރު ކުރީގެ ވާހަކައެކެވެ. އަހަރެން ދިޔައީ ސްރީނަގަރް އަށެވެ. އެތާނގައި އަހަރެންހުރީ ކޯރެއްގެ ކައިރީގައި ހުރި ގެއެއްގައެވެ. އަހަރެން ހުންނަ ގޭގެ ކުރިމަތީގައި އޮންނަ ކޯރުން ކޮންމެ ދުވަހަކުވެސް އަންހެން ކުއްޖަކު މަލުން ފުރާލާފައި އޮންނަ އޭނާގެ އަމިއްލަ އޮރުވާގައި އާދެއެވެ. އަދި އެތަނުން އަހަރެންނަށް މައު ވިއްކައެވެ. އަންހެން ކުއްޖާ ކަޝްމީރުފަދަ ރީއްޗެވެ.

އޭނާ ގެންގުޅޭ މައުތައް ފަދަ އޮމާނެވެ. އަދި އޭނާގެ ހިތް ކޯރުފަދައެވެ. ކޮންމެ ކަމަކާވެސް ވަރަށް ބޮޑަށް އަސަރު ކުރާ ކުއްޖެކެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަރެމެން ދެމީހުން ލޯބިވާން ފަށައިފިއެވެ. އޭނާގެ ރަށް ދެކެ އޭނާ ވަރަށް ބޮޑަށް ލޯބިވެއެވެ. އޭނާގެ މުޅި ޙަޔާތް ވެއަތުކުރަމުން ދަނީ ކޯރުގެ ސަތަޙުގެ މަތީގައެވެ. ވީމާ އޭނާ ބޭނުންވަނީ އެންމެފަހުގެ ނޭވާތައްވެސް ހަމަ އެތަނުގައި ހުސްކޮށްލުމަށެވެ. ނަމަވެސް އެއްދުވަހަކު އޭނާ އަހަރެންގެ ލޯތްބަށް އިޙްތިރާމް ކުރުމުގެ ގޮތުން ފިލައިގެން ފައްޅިއަށް ގޮސް އަހަރެންނާ ކައިވެނި ކޮށްފިއެވެ. މިކަންތައް އޭނާގެ ގޭގެ މީހުންނަށް އެގިއްޖެއެވެ. އަހަރެމެން ދެމީހުން ދިރިތިއްބާ ދޫކޮށެއް ނުލާނެއެވެ……އަހަރެންގެ ބައްޕަވެސް ކައިވެނި ކުރެއްވީ އޭނާގެ ރުހުމާ އެއްގޮތުން ފަޤީރު ކުއްޖަކާއެވެ. ނަމަވެސް އަހަރެންގެ ކައިވެނީގެ ޚަބަރު ގޭގެ މީހުންނަކަށް ނާންގަމެވެ. އެގޮތަކީ، އަހަރެންގެ މަންމައަކީ އަހަރެންގެ އަނބިމީހާ ކަހަލަ ޖާހިލު މީހެއް ނޫނެވެ. އަހަރެންގެ މަންމައާއި ބައްޕައަކީ މިނިވަން ޚިޔާލެއްގެ ބައެކެވެ. އަހަރެންނަކީ އެމީހުންގެ ހުރި އެންމެ ދަރިއެކެވެ. ވީމާ އެމީހުން އަހަރެންނާމެދު ދެކެނީ ވަރަށްމަތީ ހުވަފެންތަކެކެވެ. ބައްޕަގެ ފަރާތުން އަހަރެމެންގެ ޢާއިލާއަކީ މަތިވެރި ޢާއިލާއެކެވެ. ވީމާ ޢާއިލާގެ ޢިއްޒަތް ދެމެހެއްޓުމކީ މަންމައާއި ބައްޕަ ދެކޭގޮތުގައި އެމީހުންގެ ފަރުޟެކެވެ. އެހެނަސް އަހަރެންގެ އަނބިމީހާގެ ރީތި ރަށް ފެނުނީމާ މަންމައާއި ބައްޕަ ދަނބިދަރިއެއްގެ ގޮތުގައި އޭނާ ޤަބޫލު ކުރާނެ ކަމުގައި އަހަރެންނަށް ޔަޤީންވިއެވެ. އަހަރެންގެ އަނބިމީހާ ގޮވައިގެން ގެއަށް އައިމާ މަންމައާއި ބައްޕައަށް ޖެހުނީ ކަން ހިނގާފައިވާ ގޮތުގެ ކުރިމަތީގައި ހިމޭނުން ތިބޭށެވެ. ނަމަވެސް އެއީ މާނައިން ފުރިފައިވާ ހިމޭންކަމެއްކަން އަހަންނަށް އެނގުނެވެ.

ކުޑަދުވަސްކޮޅެއްގެ ފަހުން އަހަރެމެންގެ ޢާއިލާގެ ނަން ހުތުރުވެ، މުޅިރަށުގައި އަޑުފައްގަޑު ގަދަވެއްޖެއެވެ. އެހެންވާން ފެށުމުން އަހަރެންގެ މަންމައާއި ބައްޕަ އަހަރެން ގޭގައި ނޫޅޭ ވަގުތު ވަގުތައް އަނބިމީހާއާ ދިމާއަށް ފާޑުފާޑުގެ އެއްޗެތި ކިޔަން ފަށައިފިއެވެ. އޭރުވެސް އަހަރެން އޮފީހަށް އައިސް އުޅެނީ މިހާރުވެސް މިއަންނަ ގޮތަށެވެ. ބައްޕަގެ މަސައްކަތް ކުރަނީ އަހަންނެވެ. ވީމާ ބައްޕަ ހުންނަވަނީ ގޭގައެވެ. އޭނާ އޮފީހަށް ދުރުވެ އުޅުއްވަނީ ކޮންމެވެސް ބޮޑުކަމެއް ނުވަތަ މުޞީބާތެއް ޖެހިއްޖެ ހިނދެއްގައެވެ. އަހަރެންގެ އަނބިމީހާ އޭނާގެ މައިދައިތައަށާއި ބަފާކަލޭގެއަށް އިޙްތިރާމް ކުރެއެވެ. ވީމާ އެމީހުންނާ ބެހޭގޮތުން އޭނާ އެއްވެސް އެއްޗެއް އަހަރެން ގާތަކު ނުބުނެއެވެ. ނަމަވެސް އޭނާގެ ހިމޭންކަން ގޭތެރޭގައި އޭނާއާމެދު ކަންތައް ވަމުންދާގޮތް އަހަރެންނަށް ލަފާކުރެވެއެވެ. އަނބިމީހާއާމެދު ކަންތައް ހިނގަމުންމިދާގޮތް ކޮންމެވެސް ދުވަހަކުން ބަދަލުވާނޭ ކަމުގައި އަހަރެންނަށް ފުރިހަމަ އުއްމީދު އޮވެއެވެ. ވީމާ އަހަރެން އަނބިމީހާގެ ހިތްހަމަޖައްސާދިނީމެވެ.“ މަނޭޝްރާޖް ހަމަޖެހިލާފައި ސިގިރެޓް ދަމާލަން ބެލިއިރު ސިގިރެޓް އޮތީ ނިވިފައެވެ. ވީމާ ސިގިރެޓް އަޅިކެނޑީގެ ތެރެއަށް ވައްޓާލާފައި އޭނާ ތެދުވެއްޖެއެވެ. އަދި ކުޑަދޮރުގެ ކައިރިއަށް ގޮސް ބޭރުބަލައިލިއެވެ. ދުރަށް ގޮސްފައި އޮތް މަގާ ދިމާއަށެވެ. ދެން ފުން ނޭވާއެއްލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ.

”އެއްދުވަހަކު މެންދުރު ވަގުތު ކައިރިވެފައި ވަނިކޮށް އޮފީހުގެ މަސައްކަތްގަޑާހެދި ހާސްވެގެން ހުރީ މިތާނގައެވެ. އޭރު މަގުގެ މިފަރާތުން ހިނގާފާދިޔަ މީހެއްގެ ހިޔަނި އަހަރެންނަށް ފެނިއްޖެއެވެ. އެއީ އަހަރެންގެ އަނބިމީހާ ކަމުގައިވެސް އަހަރެން ހީކުރީމެވެ. ނަމަވެސް އަހަރެންގެ އަންހެނުން މިއައު ރަށުގައި އެގޮތަށް ހިނގާ ބިގާވެ އުޅުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެކަން އެގުނު ނަމަވެސް އަހަރެންގެ ހިތް އަވަސްވިއެވެ. ބޭރު ބަލަން ހުއްޓާ ކާތިބު ލިޔުންތަކެއްގައި ސޮއިކުރުވަން އައިސް ވަދެއްޖެއެވެ. އެކަމުގެ ތެރޭގައި ސިކުނޑީގައި ހިނގަމުންދިޔަ ޚިޔާލުވެސް ވަޔަށް ބުރައިގެން ދިޔައީއެވެ. ކުޑައިރުކޮޅަކު މަސައްކަތްކޮށްފާ ގެއަށް ދިޔައިރު އަހަރެންގެ ހިތް އަދި މާބޮޑަށް އަވަސްވިއެވެ. މީހުން ކުރެން އަހާ އޮޅުންފިލުވުމުން އެގުނީ އޭނާގެ ރަށަށް އޭނާ ހިނގައްޖެ ކަމެވެ.

”ކީއްވެގެން ހެއްޔެވެ؟“ ރުޅިއައިސްފާ އަހަރެން ސުވާލު ކުރީމެވެ.

”އޭނާ އަހަރެމެންގެ ޚާންދާނާއި އެކަށީގެންވިޔަސް ނުވިޔަސް އެއީ އަހަރެންގެ އަނބިމީހާއެވެ.“ އަހަރެން ރުޅިއައިސްގެން ހަޅޭއްލަވައިގަތީމެވެ. ”އަހަރެން އަދިވެސް އޭނާ ގެންނާނަމެވެ. ޔަޤީނެވެ. އޭނާ އުޅޭނީ ހަމަ މިގޭގައެވެ.“

”އޭނާ ފަހަރެއްގައިވެސް މިގެއަކަށް ނާންނާނެއެވެ.“ ކުއްލިއަކަށް ބައްޕަ އެދެމެދަށް ވަންނަވައިފިއެވެ. ބައްޕަ ރުޅިދުރުވެފައި ބުނުއްވިއެވެ.

”އޭނާ ދެން ދުވަހަކުވެސް ކަލެއަކާ ބައްދަލެއް ނުވާނެއެވެ. ކަލޭގެ މަންމަ ކަންތައްކުރީ ވަރަށް ބުއްދިވެރިކޮންނެވެ. އޭނާ ލައްވާ ހުވާކުރުވީ ހަމައެކަނި ޚާންދާނުގެ ޢިއްޒަތަށްޓަކައެއް ނޫނެވެ. ކަލޭގެ ލޯތްބާއި ކަލޭގެ ޙަޔާތަށްޓަކައިވެސް އޭނާ ލައްވާ ހުވާކުރުވާފައި ފޮނުވާލީއެވެ.“

”ޑެޑީ“ އަހަރެން ތުރުތުރުއަޅައިގަތެވެ.

”ނޫނެކެވެ. ނޫނެކެވެ. ތިޔަހެނެއް ނުވާނެއެވެ. މިގެއަށް ނުގެނެވިއްޖެނަމަ އޭނާ ގޮވައިގެން ކޮންމެވެސް އެހެން ތަނަކަށް އަޅުގަނޑު ހިނގައިދާނަމެވެ.“

ވާހަކަ ދައްކަ ދައްކާ ހުއްޓާ ކުއްލިއަކަށް އަހަރެންނަށް ޝައްކު ވެއްޖެއެވެ. އަހަރެންގެ ކުރިމަތީގައި އެއްކަލަ ހިޔަނި ބުރުޖަހަން ފެށިއެވެ. އެއީ މިތާގައި ހުއްޓާ ފެނުނު ކަމަށް ދެންމެ ބުނި ހިޔަންޏެވެ. އަވަސް އަވަހަށް ކާރަށް އަރައިގެން އެހިޔަނި ފެނުނު ދިމާއަށް އަހަރެން ދުއްވާލައިފީމެވެ. އަހަރެންގެ އަންހެނުންނާ ބައްދަލުވީ ފާލަންމަތީގައި ކަލޭ އެދުވަހު ހަމަހުރި ތަނުންނެވެ. މިހާރު އަހަރެންގެ ގެ ހުންނަނީ އެމަގުން ސީދާ ދެވޭގޮތަށް ފާލަމުގެ އަނެއް ފަރާތުގައެވެ. އެދުވަހު އަހަރެންނާ ކަލެއާ ބައްދަލުވީ މެންދުރުގެ ކެއުމަށް ދަނިކޮންނެވެ. ކުރީގައި އަހަރެން ދިރިއުޅުނީ ރަށުތެރޭގެ ހަލަބޮލި ޖައްވެއްގައެވެ.“

ރިޝްމީ ވިސްނަން ފެށިއެވެ. އޭނާގެ ނަޞީބު ކިހާ ރަނގަޅު ހެއްޔެވެ؟ މަނޭޝް ރާޖްއާއި އޭނާއަށް ބައްދަލުވެވުނީ އޭނާގެ ނަޞީބު ރަގަޅުކަމުންނެވެ. މަނޭޝް ރާޖްގެ ގެ ރަށުތެރޭގައި ހުރިނަމަ ދުވަހަކުވެސް އޭނާއަކަށް ބައްދަލެއް ނުވެވުނީހެވެ. އަދިވެސް އޭނާއަށް އުޅެން ޖެހުނީހީ މަގުއޮޅިގެންނެވެ. ދެވޭ ނުދެވޭ ދިމާއެއް ނޭގިގެންނެވެ.

މިހާތަނަށް އޭނާއަށް އެހެން އުޅެން ޖެހުނުނަމަ އޭނާގެ ޙަޔާތަށް ވާނީ ކިހިނެއްކަމެއްވެސް ނޭގެއެވެ. މަނޭޝް ރާޖްގެ ވާހަކަ އަޑުއެހުމަށްޓަކައި އޭނާގެ ހިތްއޮތީ ނުތަނަވަސްވެފައެވެ.

”ފާލަންމައްޗަށް ކާރު ހުއްޓި އަޑު އހަރެންގެ އަނބިމީހާއަށް އިވުނީމާ އޭނާ އެނބުރިފައި ބަލާލިއެވެ. އަދި އަހަރެން ފެނުމާއެކު އޭނާ ވަރަށް ބޮޑަށް ސިހުނެވެ. އަހަރެން ފެނުނީމާ އޭނާ އައިސް އަހަރެންނާ ބައްދަލުވާނޭ ކަމަށް އަހަރެން ހީކުރީމެވެ. އޭނާ ކަންބޮޑުވެފައި ހުރިވަރު ބުނެދޭނެ ކަމަށްވެސް ހީކުރީމެވެ. ނަމަވެސް ވީކީ އެހެންނެއް ނޫނެވެ. އެފަދަ ރަނގަޅު އަދި މަޢްޞޫމް ގޮތްހުރި އަންހެން ކުއްޖާ އަހަރެންގެ ލޯތްބަށާއި އަހަރެންގެ ޙަޔާތަށްޓަކާ ކުރި ހުވައަށް ފުރިހަމައަށް ފަރުވާބެހެއްޓިއެވެ. އަހަރެންނަށް ކުޑަވެސް ދަނޑިވަޅެއްނުދީ އޭނާ ކޯރަށް ފުންމާލީއެވެ. އަނބިމީހާ ސަލާމަތް ކުރުމުގެ މަސައްކަތުގައި އަހަރެންނަށްވެސް ޖެހުނީ ފުންމާލާށެވެ. ނަމަވެސް އަހަރެންނަކަށް އޭނާއެއް ނުފެނުނެވެ. އޭނާގެ ޙަޔާތް އުފެދި ބޮޑުވީ ތިލަކޯރެއްގެ އުނގުތެރޭގައެވެ. އޭނާ އެ ފުން ބިރުވެރި ކޯރަށް ފުންމާލީ އެފަދަ ތިލަ ކޯރެއް ކަމަށް ހީކޮށްފައިކަންވެސް ނޭގެއެވެ. އޭނާގެ މަސްގަނޑު ފެނުނީ މުޅިކޯރުގައި ދައު އަޅައިގެން ހޯދީމައެވެ.“ މަނޭޝްރާޖް އަނެއްކާވެސް ހިމޭންވެލިއެވެ. ކުޑަދޮރުގެ ކައިރީގައި ހުރި ގޮނޑިމައްޗަށް އޭނާގެ އެއްފައި އުފުލާލިއެވެ. އަދި ކަކޫމަތީގައި އުޅަބޮށި ވިއްދާ ކުޑަކޮށް ގުދުވެލާފައި ދަތްދޮޅީގައި އަތްތިލަ ވިއްދާލިއެވެ. އޭރު އޭނާގެ ލޮލުން ހުރީ ކަރުނަ އައިސްފައެވެ. ހީވާގޮތުން މިހާރު އޭނާގެ މާޒީ އޭނާގެ ކުރިމަތީގައި ޙަރަކާތްކުރާ ތަޞްވީރުތަކެއްގެ ސިފައިގާ ފެންނަމުން ދަނީއެވެ.

މަނޭޝްރާޖަށްޓަކައި ރިޝްމީގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އެވަގުތު އެތަނުން ތެދުވެގެން ގޮސް މަނޭޝް ރާޖް ހިތްހަމަޖައްސާދީ ހިތްވަރު ދިނުމަށް އޭނާ ބޭނުންވިއެވެ. މިބޭނުމުގައި ކުރިއަށް ދެތިން ފިޔަވަޅުވެސް އޭނާ އެޅިއެވެ. ނަމަވެސް ހިތްވަރުދިނުމުގެ ގޮތުން އެއްޗެއް ބުނާނޭ ލަފްޒްތަކެއް ވިސްނުމަށް ނައިމާ އޭނާއަށް ޖެހުނީ އެކަން ހުއްޓާލާށެވެ. ވާހަކަ ކުރިޔަށް ގެންދިޔަވަރަކަށް އެވާހަކަ އަޑުއެހުމަށްޓަކައި އޭނާގެ ހިތް އެދުނެވެ. މަޑުމަޑުން މަނޭޝްރާޖްގެ ފުރގަހަށް ހުއްޓި އޭނާއާ ދިމާއަށް ބަލަން ހުރިއިރު ރިޝްމީގެ ހިތަށް ތަފާތު ޚިޔާލުތައް ވަންނަމުން ދިޔައެވެ. އެމީހެއްގެ ޝަޚްޞިއްޔަތުގައި ދެމުމުގެ ބާރުހުރި ކޮންމެ މީހެއްގެވެސް މާޒީ އޮންނާނީ މިފަދަ ހިތާމަވެރި ގޮތަކަށްބާވައެވެ. މަނޭޝް ރާޖް އެހާ ހިތްހެވީ ކީއްވެބާވައެވެ. ކަން މިހާރު އޭނާއަށް އޮޅުންފިލައިފިއެވެ.

”އެދުވަހުގެ ފަހުން ގޭގެ މީހުން ދެކެ އަހަރެން ވަރަށް ބޮޑަށް ނަފްރަތުވާން ފަށައިފިއެވެ. ވީމާ ހަމައެދުވަހު އަހަރެން ގެ ދޫކޮށްލައިފީމެވެ. ދުވަހަކުވެސް ލަކްނޫއަށް އެނބުރި ނައުމަށެވެ.“ މަނޭޝްރާޖް ފުންނޭވާއެއްލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ.

”ދިއްލީއިން އަހަރެންނަށް ވަޒީފާއެއް ލިބިއްޖެއެވެ. އަހަރެން ގަސްދުކުރީ ހަމަހިމޭންކަމާއެކު ދިއްލީގައި މުޅިޙަޔާތް ވެއަތުކޮށްލުމަށެވެ. ދުވަސްކޮޅެއްވީތަނާ ނޫސްތަކުގައި އަހަރެންގެ ފޮޓޯ ޗާޕްވެގެން ނިކުމެއްޖެއެވެ. އެއާއެކު އަހަރެންގެ ބައްޕަ އަހަރެންގެ ކިބައިން މަޢާފަށް އެދިލައްވާފައި އަހަރެން ދިއުން އެދިލައްވާފައި އޮތެވެ. ނަމަވެސް އަހަރެން ލަކްނޫއަށް އެއްގޮތަކަށްވެސް ނުދަމެވެ. އަހަރެންނާ އެކުގައި އުޅޭ މީހުން އަހަރެންނަށް ވިސްނައިދިނެވެ.

އެމީހުން ވިސްނައިދިނުމާއެކުވެސް މައިންބަފައިންނަށް އަހަރެން މަޢާފެއް ނުކުރަމެވެ. އެންމެފަހުން ވަރުބަލިވެގެން އަހަރެންގެ އެކުވެރިން މައިންބަފައިންނަށް އަހަރެންގެ އެޑްރެސް އަންގައިފިއެވެ. އެޑްރެސް ލިބިލެއްވީމާ ބައްޕައާއި މަންމަ އަހަރެން ބަލާ ދުރުވިއެވެ. އަހަރެންނަކީ އެމީހުންގެ ހުރި އެންމެ ދަރިއެކެވެ. މަންމަ އަހަރެންގެ ކުރިމަތީގައި ހުރެގެން ރޮއި ހިތާމަ ކުރިއެވެ. ބައްޕަ ރޮއި އާދޭސް ކުރެއްވިއެވެ. ނަމަވެސް އަހަރެންގެ ހިތުގެ ޒަޚަމްހުރީ ތާޒާކޮންނެވެ. ވީމާ އެމީހންނާ އެކުގައި ނުގޮސް އެމީހުން އަނބުރާ ފޮނުވާލީއެވެ. އެންމެފަހުން ވަރުބަލިވެގެން އެމީހުންވެސް މަސައްކަތް ހުއްޓާލީއެވެ.

ގެ ދޫކޮށްލިތާ ފަސްއަހަރުވީފަހުން އެއްދުވަހަކު ވަރަށް ކުއްލި ގޮތަކަށް އަހަރެންނަށް މެސެޖެއް ލިބިއްޖެއެވެ. އޭގައި އޮތީ މަންމަ ވަރަށްބަލި ކަމުގައެވެ. އެންމެފަހު ފަހަރު އަހަރެން ދެކިލަން އެދޭ ކަމުގައެވެ. ބައްޕަ ވަރަށް ބޮޑަށް އާދޭސް ކުރައްވާފައި އަހަރެން ދިއުން އެދިލައްވާފައި އޮތެވެ. އަހަރެން ވަރަށް ބޮޑަށް ވިސްނީމެވެ.

އަހަރެން ދާންވީ ހެއްޔެވެ؟ ނުވަތަ ނުދާންވީ ހެއްޔެވެ؟ އަހަރެންގެ އެކުވެރިން އަހަރެންނަށް ވިސްނައިދީ ހެދީމާ އަހަރެންގެ ހިތް މަޑުވެއްޖެއެވެ. މަންމައާއި ބައްޕަ އެމީހުންނަށް ކުރެވުނު ކުށަށް މަޢާފަށް އެދިލައްވަނީއެވެ. މަންމައާއި ބައްދަލުކޮށްލާފައި އެނބުރި ދިޔުމަށް ގަސްދުކޮށްގެން އަހަރެން ގެއަށް ހިގައްޖައީމެވެ. އޭރު މަންމަގެ ޙާލުވަނީ ވަރަށް ބޮޑުވެފައެވެ. އަހަރެންގެ ހިތާމައިގާ އުޅެއުޅެ އޭނާގެ ޙާލުވަނީ މަރުގެ ތުންފަތާ ހަމައަށް ފޯރާފައެވެ. މަންމަ ދެވަނަފަހަރަށް އަހަރެންގެ ކިބައިން މަޢާފަށް އެދުމުން އަހަރެންނަށް ރޮވުނެވެ. ފުރާނަ ދިއުމުގެ ތަންކޮޅެއް ކުރިން ބައްޕަ ދޫކޮށްލާފައި ނުދިއުމަށް އަހަރެން ލައްވާ ހުވާކުރުވިއެވެ. މަންމަގެ ޙާލު ދެރަވެފައި އޮތްވަރުން އަހަރެންނަށް ޖެހުނީ އެކަމަށް އެއްބަސްވާށެވެ.

”މަންމަ ނިޔާވެއްޖެއެވެ.“ މަނޭޝްރާޖް ފުންނޭވާއެއްލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. ”މަންމަ މަރުވެގެން ރަސްމިއްޔާތުތައް އަދާކުރިއިރު މަންމަގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮވެސް ގެއަށް އަތުވެއްޖެއެވެ. އެއީ އަހަރެންގެ އާންޓީއެވެ. ސްމިތްރާ އާންޓީއެވެ. އޭނާއަކީ މާކުރިން ހުވަފަތްވެފައި އިން މީހެކެވެ. ކުޑަކުޑަ ލޯބިލޯބި ކުއްޖެއް އޭނާގެ ހުރެއެވެ. އެއީ ރަތަންއެވެ. ރަތަންގެ ޢުމުރުންވާނީ ހައަހަރެވެ. އެއީ އަހަރެންނާ ދެބެންގެ ދެދަރި ކޮއްކޮއެވެ. އަހަރެންނަށްވުރެ 24 އަހަރު ހަގެވެ. އޭނާ އަހަރެންނާ ވަރަށް ބޮޑަށް ގުޅިއްޖެއެވެ. އޭނާގެ ތުއްތު ތުއްތު ލޯބިވެތި ވާހަކަތަކުން އަހަރެންގެ ބައްޕަގެ ހިތްވެސް ހަމަޖެހެމުންދާން ފަށައިފިއެވެ. ފިރިމަރުވެފައި އިނުމުގެ ސަބަބުން މަންމަ ނިޔާވީމާ އާންޓީ އުޅެންފެށީ އަހަރެންގެ ގޭގައެވެ. މަންމަ ނިޔާވިތާ ހަތަރު އަހަރު ފަހުން ބައްޕަވެސް ނިޔާވެއްޖެއެވެ. އެދުވަސްކޮޅުގެ ތެރޭގައި ބައްޕައާއި އާންޓީ އަހަރެން މީހަކާ އިދޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއްގޮތަކަށްވެސް އަހަރެން އެކަން ވިޔަކަ ނުދިނީމެވެ. އަހަރެން ދިރިއުޅެމުން މިގެންދަނީ ވަކިޙައްދެއްގެ ތެރޭގައެވެ. ގެއިން އޮފީހަށެވެ. އޮފީހުން ގެއަށެވެ. ކްލަބަށްވެސް ދަމެވެ. އަދި މިހާރުވެސް ކްލަބަށްދަމެވެ. އެތަނަށް ނުގޮސް ވަގުތު ވެއަތުކުރާނީ ކިހިނަކުން ހެއްޔެވެ؟

މިހާރު އަހަރެންގެ ޢުމުރަކީ ސާޅީސް ފަސްއަހަރެވެ. އާންޓީވެސް މުސްކުޅިވެއްޖެއެވެ. ރަތަންއަށް އެކާވީސް އަހަރެވެ. އޭނާ ތަޢްލީމް ޙާޞިލްކޮށްގެން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެއްޖެއެވެ. ޢުމުރުގެ ގޮތުން ބަލާއިރު އަހަރެމެންގައި ބޭބެއަކާއި ކޮއްކޮއަކަށްވުރެ ބައްޕައަކާއި ދަރިއެއްގައި ހުންނަންވީ ތަފާތު އެބަހުއްޓެވެ. ނަމަވެސް އަހަރެމެންނަކީ ދެބެންނެވެ. އެއްބަނޑު އެއްބަފާ ދެބެންނަށްވުރެވެސް ބޮޑަށް އަހަރެމެން ދެބެން ލޯބިވަމެވެ. ކުރިމަތިވެފައި އޮތް އޭނާގެ އުފަން ދުވަހުން އޭނާގެ އެންގޭޖްވެސް ވާނެއެވެ. އޭގެފަހުން ދެން އޮންނާނީ ކައިވެންޏެވެ. އަންހެން ކުއްޖާ ރަނގަޅެވެ. އަދި ރީތިވެސްމެއެވެ. ނަމަވެސް އަހަންނަކަށް އޭނާ އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. މިބުނީ އަންހެން ކުއްޖާގެ މޫނުމަތީގައި ކުޑަވެސް މަޢްޞޫމް ގޮތެއް ނުހުރެއެވެ. އެކަން ފިޔަވައި އޭނާގެ ދޫ މާހަލުވިވެސްމެއެވެ. އެކަމުން އަހަރެންނަށް އޮތީ ކޮންގެއްލުމެއް ހެއްޔެވެ؟ ރަތަން އޭނާދެކެ ލޯބިވެފައި އާންޓީ އޭނާއާ ޤަބޫލުއިރު އެދެމެދަށް ހުރަސް އަޅަން އަހަރެންނަކީ ކާކު ހެއްޔެވެ؟ ލޯބީގެ މަގުގައި ކަށިތަކަކަށްވާކަށް ނުވާނެއެވެ. އަހަރެންގެ ކޮއްކޮއަކީ ވަރަށް ކެތްތެރިކަން ކުޑަކުއްޖެކެވެ. އެހަލަބޮލި މިޒާޖުގައި އޭނާއަށް އުފާވެރި ޙަޔާތެއް ވޭތިކުރެވިދާނެބާވައޭވެސް ވަރަށްގިނަފަހަރު އަހަރެންގެ ހިތަށް އެބައަރައެވެ. އަންހެން ކުއްޖާގެ ބައްޕައަކީ ކޮންމެވެސް ޒަމާނެއްގައި ބިންވެރިއެކެވެ. ކުރިއެކޭވެސް އެއްފަދައިން އޭނާއަކީ އަދިވެސް ޤަދަރުހުރި ޢިއްޒަތްތެރިއެކެވެ. މީހުން އަދިވެސް އޭނާއަށް ކިޔާއުޅެނީ ރާޖާ ސާހަބްއެވެ. ރާޖާ ސާހަބްގެ އަންހެން ދަރިފުޅުވެސް ޒުވާންވެފައި ރީތިވެސްމެއެވެ. އަންހެން ކުއްޖާގެ މިޒާޖު ހަރުކަށިވެފައިވަނީ ޚާންދާނުގެ ކުށުންނެވެ. އެއީ އެކުއްޖާގެ ކުށެއް ނޫނެވެ. މިސަބަބަށްޓަކައި ރަތަންގެ ލޯތްބާއިމެދު އހަރެން ދެކޮޅު ނުހެދީއެވެ. ކައިވެނީގެ ފަހުގައި އަމިއްލަ އަމިއްލައަށް ރަގަޅުވެދާނެ ކަމަށް ހީކޮށްލާފައެވެ.“ ވާހަކަ ދައްކަ ދައްކާ އިނދެފައި ކުއްލިއަކަށް މަނޭޝްރާޖް ސިއްސައިގެން ހިނގައްޖެއެވެ. އަދި އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި ބުންޏެވެ.

”އައްދޭ ވާހަކަ ފެށުނީ ކޮންހިސާބަކުން ހެއްޔެވެ؟ އަދި ވާހަކައާއިގެން މިދެވުނީ ކިހާ ހިސާބަކަށް ހެއްޔެވެ؟ އަހަރެންގެ އެކަންޏެއް ނޫނެވެ. ކަލޭގެވެސް ލައްކަ ވަގުތު ގެއްލިއްޖެއެވެ. ކަލޭދާށެވެ. ގޮސް ޓައިޕްކުރާށެވެ. އަހަރެންވެސް އަދި ވަރަށްގިނަ މަސައްކަތް ކުރަންވެފައި އެބަހުއްޓެވެ.“ މަނޭޝްރާޖް ވާހަކަ ހުއްޓާލާފައި އައިސް ގޮނޑީގައި އިށީނދެއްޖެއެވެ. ރިޝްމީވެސް މަޑުމަޑުން ހިނގާފައި ޓައިޕްކުރާ ކޮޓަރިއަށް ހިނގައްޖެއެވެ. މިއަދު އޭނާގެ ވެރިމީހާގެ ޙަޔާތުގެ ހުރިހާ ކަންތައްތަކެއް އޮޅުންފިލުމުން އޭނާގެ ހިތުން ހުރިހާ ފިކުރުތަކެއް ފިލައިގެން ހިނގައްޖެއެވެ. އޭނާހުރީ ނުހަނު އުފަލުންނެވެ. ހިތްހަމަޖެހިގެންނެވެ. އެގޮތަކީ މިހާރު އޮފީހުގައި އެއްވެސް މީހެއްގެ ބިރެއް އޭނާއަކަށް ނެތެވެ.

ނުނިމޭ..

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.