ވަޒީފާ ލިބިގެން އަދި ކުޑަދުވަސްކޮޅަކުވެސް ރިޝްމީއަށް އެތާނގައި މަސައްކަތް ނުކުރެވިގެން އުޅެނިކޮށް އެއްދުވަހަކު ޕުޝްޕާ ދޭވީ އޮފީހުގައި ނެތް ވަގުތެއްގައި ހުއްދަ ހޯދުމަކާނުލާ ޒުވާން ފިރިހެން ކުއްޖަކު އައިސް އޮފީހަށް ވަދެއްޖެއެވެ. ރިޝްމީ އިނީ ފާރމުގައި ޕުޝްޕާދޭވީގެ ކޮޓަރީގެ އެއްކަނެއްގައެވެ. ވަދެގެން އައި ޒުވާނާ ޕުޝްޕާދޭވީގެ މޭޒާ ދިމާއަށް ހިނގައިގެންފައި ގޮނޑި ހުސްކޮށް ހުއްޓާ ފެނުމުން ރިޝްމީއާ ދިމާއަށް ހިނގައިގެންފިއެވެ. ނަމަވެސް ރިޝްމީ އޭނާއަށް ރަނގަޅަށް ފެނުނު ވަގުތު އޭނާއަށް ލިބުނު ސިހުމަކުން ހުއްޓެވުނެވެ. އަދި ޙައިރާންކަންމަތީގައި މިނެޓްކޮޅެއްވިއެވެ. އިރުކޮޅަކު މަޑުން ހުރެލާފައި އެޒުވާނާ ފާޑަކަށް ހިނިތުންވެލައިފިއެވެ. މުޑުދާރު ހިނިތުންވުމެކެވެ. ލޮލުންވެސް އެދުންވެރިކަމުގެ ރަތްކުލަ ފާއްދާލައިފިއެވެ. މިތަން ފެނުމުން ރިޝްމީ އިސްދަށަށް ޖަހާލިއެވެ. ނުބައި ފާޑަކަށް ހިތް ތެޅިގަތެވެ. ވީމާ ޓައިޕްރައިޓަރުގެ މަތީގައި އޭނާ އިނގިލިތައް ހިންގަން ފަށައިފިއެވެ. ނަމަވެސް ގެންފައިވާ ބިރެއްގެ ސަބަބުން އިނގިލިތައް ތުރުތުރު އަޅަނީއެވެ. ޒުވާނާ އޮޓޮމެޓިކް އިސްޕްރިންގ ދޮރާ ދިމާއަށް ބަލާލާފައި ރިޝްމީއާ ދިމާއަށް ހިނގައިގެންފިއެވެ. އަދި ކައިރިއަށް އައިސް ޓައިޕްރައިޓަރުގެ ހިނގަހިނގާ ހުރި ރޯލުގެ މަތީގައި އަތް ބާއްވައިފިއެވެ. ރިޝްމީގެ އިނގިލިތަކަށް ހުއްޓުން އަރައިފިއެވެ. ޒުވާނާ އޭނާއާ ދިމާއަށް ގުދުވެލާފައި ސުވާލު ކުރިއެވެ. ”މަސައްކަތް ކުރާތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟“
ރިޝްމީ ކުޑަކޮށް ބިރުގަތެވެ. ނަމަވެސް ހިތްވަރު ކޮށްލާފައި ހަރުކަށިކަމާއެކު ބުންޏެވެ. ”ވީ ކީއްހެއްޔެވެ؟“
”އަހަރެންނަކީ ސުވާލު އަޑުއެހުމަށް އާދަވެފައި ހުރި މީހެއް ނޫނެވެ.“ ޒުވާނާ ތުންފަތް ފަތުރާލާފައި ބުންޏެވެ.
”ކަލޭވެސް އަހަރެންގެ ސުވާލަށް ޖަވާބުދޭން ގަސްތު ނުކުރާނަމަ ފަރުވާލެއް ނެތެވެ. ނަމަވެސް ރުޅިއައިސްގެން ގޮސް އަހަރެންގެ ހިތަށް ހޮނު ނާޅާށެވެ. އަހަރެން ކަލޭގެ މުސާރަ އިތުރުކޮށްދީފާނަމެވެ. ބުނެބަލާށެވެ. ޤަބޫލު ހެއްޔެވެ؟ ޒުވާނާ ފުރިހަމަ ޙައްޤާ އެކުގައި އަތްދިއްކޮށްލާފައި އެއްވެސް ޖެހިލުމެއްނެތި ރިޝްމީގެ ނިތްކުރިމައްޗަށް ވިހުރިފައިވާ އިސްތަށިކޮޅުތައް އިގިލިން އަދިވެސް ބޮޑަށް ވިހުރުވާލައިފިއެވެ. ރިޝްމީއަކަށް ކެތެއް ނުކުރެވުނެވެ. އިންގޮޑިން ފުންމައިގެން ތެދުވެއްޖެއެވެ. އަދި ހިނދުކޮޅަކުވެސް އިންތިޒާރު ކުރުމަކާނުލާ ޒުވާނާގެ ކަންކަށީގައި ބާރުހުރި ތަފާލެއް އަޅައިފިއެވެ.
މިއީ ޒުވާނާ އުއްމީދު ކުރި ގޮތެއް ނޫނެވެ. ވީމާ އޭނާ ސިހުނެވެ. އެޅި އެތިފަހަރުގެ ސަބަބުން އޭނާގެ ކަންކަށި ރަތްވެއްޖެއެވެ.
އެތާނގައި އަތް ހާކާލަމުން ރިޝްމީއާ ދިމާއަށް އޭނާ ލޯވަށްކޮށްގެން ހުރެ ބަލާލިއެވެ. އަދި އޮފީހުގެ ތެރޭގައި ހުއްޓާ ރިޝްމީ އަތުގައި ހިފާ ގެނެސް އޭނާއާ ކައިރި ކުރުމަށް ގަސްތުކުރިއެވެ. ނަމަވެސް އެދަނޑިވަޅުގައި އިވުނު އަޑެއްގެ ސަބަބުން އެކަން ހުއްޓާލިއެވެ.
”ޕްރަބާހކަރް“ އެއީ ޕުޝްޕާދޭވީގެ އަޑެވެ.
ރިޝްމީ އެނބުރިފައި ބަލާލިއެވެ. އެތެރެފަރާތުން ދޮރު ކައިރީގައި ޕުޝްޕާ ދޭވީ ހުއްޓެވެ. އައިނުގެ ތެރެއިން އޭނާ ބަލަންހުރީ އެދެމީހުންނާ ދިމާއަށެވެ.
”މަންމީ“ ޒުވާނާ އެއްޗެއް ބުނަން އުޅެފައި ހުއްޓާލައިފިއެވެ. ”މަންމީ“ ރިޝްމީގެ ހިތް ތެޅިގަތެވެ.
ޕުޝްޕާދޭވީ އޭނާގެ ދަރިފުޅުގެ ގާތަށް އައިސް ހަރުކަށިކަމާއެކު ބުންޏެވެ.
”ކަލޭ ގެއަށްދާށެވެ. ހަވީރުން އަހަރެން ކަލެއާ ވާހަކަ ދައްކާނަމެވެ.“
ޒުވާނާ ރިޝްމީއާ ދިމާއަށް އެއްފަހަރު ބަލާލާފައި ދެބުމަ ގޮށްޖަހައިގެން ހުރެ ނިކުމެއްޖެއެވެ.
ޕުޝްޕާދޭވީ ރިޝްމީއަށް ކުޑަވެސް ސަމާލުކަމެއް ނުދީ ގޮސް ގޮނޑީގައި އިށީދެއްޖެއެވެ. އަދި ގޮނޑީގައި ރަނގަޅަށް ލެނގިލާފައި ރިޝްމީއާ ދިމާއަށް ބަލާލިއެވެ. އޭނާ އެބަލައިލި ގޮތުން ހީވަނީ ދެންމެ މިހިރަ އަންހެން ކުއްޖާ އެތިފަހަރެއް އެއެޅީ އޭނާގެ ދަރިފުޅު ފިޔަވައި ޚޮދު އޭނާގެ ކަންކަށީގައި ކަމުގައެވެ. މުޅި ޚާންދާނުގެ މޫނުމަތީގައި ކަމުގައެވެ. އެހެންކަމުން ހަރުކަށި ރާގަކަށް އޭނާ ބުންޏެވެ.
”ކަލެއަށް މިތަނުން ދެވިދާނެއެވެ. މަހުގެ ފުރަތަމަ ދުވަހު އައިސް ކަލޭގެ ހިސާބު ހަމަޖައްސާލާށެވެ.“
ދުނިޔޭގެ އެއްވެސް ބާރެއް ދެން އޭނާ މިފާރމްގައި އުޅުނަ ނުދޭނެކަން ރިޝްމީއަށް އެނގެއެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ތުންފަތް އަމިއްލައަށް ޙަރަކާތްތެރިވެލައިފިއެވެ.
”އަޅުގަނޑުގެ ކުށަކީ ކޮބައިތޯއެވެ؟“ ”ކަލޭގެ ނަޞީބު ކުޑަކަމެވެ. ކަލޭ މިތަނުގައި އުޅެން ހަދައިގެން އަހަރެންގެ ޚާންދާނާއި އަދި އަހަރެންގެ މިފާރމް ބަދުނާމުވާކަށް އަހަރެން ނޭދެމެވެ. އެހެން ކޮންމެވެސް ސަބަބަކާހުރެ އަހަރެންގެ ދަރިފުޅުގެ……ގަޔަށް ކަލޭ އަތްލިނަމަ……..“ ޕުޝްޕާދޭވީ ހިމޭންވެއްޖެއެވެ.
ރިޝްމީ އެއްވެސް އެއްޗެއް ނުބުނި ނަމަވެސް ތިމާގެ ބާރެއް ނެތްކަމުގެ މައްޗަށް އޭނާގެ ލޮލުން ކަރުނަ އައެވެ. ޙަޔާތުގައި ކޮންމެފަދަ ހުވަފެނެއް ދެކެން ފެށިޔަސް ލޯހުޅުވާލުމުގެ ކުރިން ބުރައިގެން ދަނީއެވެ. އޭނާގެ ދެލޮލުން އައިސްފައިވާ ކަރުނަތައް އެސްފިޔަތަކުގެ ބޭރަށް ފައިބާ އޭނާގެ ނަޞީބު ކުޑަކަމުގެ މައްޗަށް މަލާމާތް ކުރަން ނުފަށަނީސް އަވަސް އަވަހަށް އޮފީހުން ނިކުމެގެން އޭނާ ހިނގައްޖެއެވެ.
މިހާރު……މިހާރު އޭނާ އެހުރީ ޙަޔާތުގެ އަނިޔާތަކުގެ ސަބަބުން މުޅިން ވަރުބަލިވެފައެވެ. ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކުންވެސް އޭނާއާ ބައްދަލުވަނީ އިންސާނުންގެ ސިފައިގާ ތިބޭ ސާރިދޯޅުތަކަކާއެވެ. ނަމަވެސް ތިމާގެ ޢިއްޒަތަށްޓަކައި އެއެއްޗެތީގެ ކިބައިން އޭނާގެ ދާވަނި ސަލާމަތް ކުރިއެވެ. ދެން މިހާރު އޭނާ ކުރާނީ ކީއްހެއްޔެވެ؟ އެއް އަންހެނަކަށް އަނެއް އަންހެނެއްގެ ނިކަމެތިކަން ނުވިސްނުނުއިރު ފިރިހެނަކަށް ވިސްނޭނީ ކޮންއެއްޗެއް ހެއްޔެވެ؟ މިހާރު މިދުނިޔެއާ ޙަމަލަދޭނެ އެއްވެސް ބާރެއް އޭނާގެ ކިބަޔަކު ނެތެވެ. ދެން އޭނާގެ ކޮއްކޮއަށް ދުވަހަކުވެސް ފަރުވާއެއް ނުކޮށްދެވޭނެއެވެ. އެންމެ ވަޒީފާގަޑެއް ނުލިބިގެން އުޅޭއިރު ފަސްހާސް ރުފިޔާ އޭނާއަށް އެއްކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
މިއަދު އޭނާގެ އަތުގައި އެންމެ ފައިސާ ފޮއްޗެއްވެސް ނެތެވެ. ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި މާދަމާއިން ގޭގެ ހިފާ ގެންގުޅޭ އެއްޗެތި ވިއްކަން ފަށަން ޖެހޭނެއެވެ. ދެދުވަހެއްގެ ތެރޭގައި އެވެސް ހުސްވެދާނެއެވެ. ދެން އޭނާ ކުރާނީ ކީއްހެއްޔެވެ؟ މިހާރު އޭނާ އަމިއްލައަށް މަރުވާންވީ ހެއްޔެވެ. އޭނާ އަމިއްލައަށް މަރުވެއްޖެނަމަ އޭނާގެ ކޮއްކޮވެސް ފުރާނަ ދުއްވާލާނެކަން ޔަޤީނެވެ. އޭނާ ނެތުމުން އެނުހިނގިފައި އިން ފިރިހެން ކުއްޖާ ދިރިއުޅޭނީ ކާކުގެ އެހީގައި ހެއްޔެވެ؟ މިގޮތުން ކޮއްކޮގެ ފުރާނަ ހިފުމުގެ ޙައްޤު އޭނާއަށް އެބައޮތް ހެއްޔެވެ؟ އެއީ އޭނާގެ ހަމައެކަނި އޭނާގެ އެހީގައި ދިރިހުންނަ ކޮއްކޮއެވެ. މިގޮތުން ކޮއްކޮގެ ފުރާނަ ހިފައިފިނަމަ އެއީ ބޮޑު ފާފަޔަށް ނުވެދާނެ ހެއްޔެވެ؟ ނޫންނަމަ އަމިއްލަ ފުރާނަ ހިފުމަކީވެސް ކުޑަ ފާފައެއް ހެއްޔެވެ؟ އަމިއްލައަށް މަރުވުމަކީ ހަމައެކަނި ކުރެވޭ ކުށެއް ނޫނެވެ. ފާފައެއްވެސްމެއެވެ.
ރިޝްމީ އޭނާގެ ޚިޔާލުތަކުގެ ތެރޭގައި ހާސްވެ ކަންބޮޑުވެގެން ހުރެ ހިތްއެދޭ ދިމާއަކަށް ހިނގަމުން ދަނީއެވެ. ފިނިވެސް ހިނދެއް ހިނދަކަށް ގަދަވަމުން ދަނީއެވެ. ވިލާތައްވެސް ބޯވަމުންދަނީއެވެ. ބައެއްފަހަރު ވާރޭގެ އެކި ދެތިންތިކި އޭނާގެ ކަރުނަތައް ފަދައިން ވައިރޯޅީގެ ދާވަނި ވިހުރުވިލައެވެ. ނަމަވެސް އެކަމަށް ރިޝްމީ އެއްވެސް ފަރުވާއެއް ނުބަހައްޓައެވެ. ހިތްދަތިކަން ފަހަނައަޅާހިނދު އިންސާނަކަށް އެއްވެސް ކަމެއްގެ ހޭވެރިކަމެއް ނުހުރެއެވެ. އޭނާގެ ލޮލުގައި ކަރުނައިގެ ކުދިކުދި ތިކިތަކެވެ. އެކަރުނަ އޮއްސާލަން އޭނާ ބޭނުންވަނީ އެކަނިވެރި ތަނެއްގެ އެހީ ލިބުމެވެ. ބައެއް ބައެއް ފަހަރު ކަރުނަ އޮއްސާލުމަށް އެކަނިވެލުމުގެ ބޭނުންތައް އިންސާނާއަށް އިޙްސާސް ކުރެވެއެވެ. ކަރުނަ އޮއްސާލުމަށްފަހުގައި ކުޑަހިނދުކޮޅަކަށް ހިތުގެ ބުރަ ލުއިވާކަން އެއީ ޔަޤީން ކަމެކެވެ. އޭނާގެ ކޮއްކޮއަށް އެފަދަ ގިނަ އުންމީދުތަކެއް ދިނުމަށްފަހުގައި މިއަދު އަނެއްކާވެސް އޭނާގެ ޒުވާންކަމާއި ރީތިކަން ދެބޭންގެ މަގަށް ހުރަސް އަޅައިފި ވާހަކަ އޭނާގެ ކޮއްކޮ ގާތުގައި ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ އެވާހަކަ އިވުމުން އޭނާގެ ކޮއްކޮގެ ހިތް ހަލާކެއް ނުވާނެ ހެއްޔެވެ. ކުރިއްސުރެވެސް ދައްތައާ ހެދި އޭނާހުރީ އެހާބޮޑަށް ފިކުރު ބޮޑުވެފައެވެ.
ހިގަމުން ހިގަމުން ގޮސް ރިޝްމީއަށް ވަރަށް ދުރަށް ނުކުމެވިއްޖެއެވެ. އޭނާއަށް ދެވުނީ އާބާދީއާ މާދުރުގައި އޮތް ފާލަމެއްގެ ކައިރިއަށެވެ. މޫސުމް ގޯސްވުމުގެ ސަބަބުން ފާލަން އޮތީ މުޅިން ފަޅުވެ ވީރާނާވެފައެވެ. ފާލަމުގެ ދަށުގައި އޮއިދެމޭ ކޯރެއް އޮތެވެ. އޭނާ މަގު ދޫކޮށް ފާލަމުގެ ކައިރިފަށަށް އެރިއެވެ. އަދި ފާލަމުގެ ޗެންޗޭނުގައި އަތް އަޅާލައިގެން ކުޑަކޮށް ގުދުވެލައިގެން އެތާނގައި މަޑުކޮށްލިއެވެ. ތަނުގެ ހާމަކަމުން ޖެހޭ ވައިރޯޅިވެސް ރަށުތެރެއަށްވުރެ ތަންކޮޅެއް ބާރެވެ. ކުޑަކޮށް ގުދުވެލައިގެން އޮތުމުގެ ސަބަބުން އޭނާގެ ބޮލުގެ ބައެއް ކުރު އިސްތަށިތައް މޫނުމައްޗަށް ވިހުރުވިގެން ދިޔައެވެ.
ކޯރުގެ ކައިރީގައި ހެދިފައިހުރި ގަސްތަކުގެ ހިޔަނި ކޯރުގެ ސަތަޙަމަތީގައި ކުޑަކޮށް ތުރުތުރު އަޅާކަހަލަ ގޮތަކަށް ފެންނަން ހުއްޓެވެ. އެހިޔަނިތައް އޭނާގެ ތުންފަތްމަތީގައި ހުރި ގިސްލުންތަކެކޭ މުޅިން އެއްގޮތެވެ. ގިސްލެވުނުނަމަވެސް ބާރަށް ރޮއިނުގަނެވުނީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭގުނެވެ. ހަމައެކަނި ކަރުނަތަކެއް ލޮލުން ފައިބައިގެން އައިސް ކޯމައްޗަށް އޮހުނީއެވެ. ބައެއްފަހަރު އެކަނިހުރެ ރުއިމަށްޓަކައިވެސް އެހީތެރިޔަކު ބޭނުންވެއެވެ. ކޮންމެވެސް މީހެއްގެ ކޮނޑުގެ ނުވަތަ މޭމަތީގެ އެހީ ބޭނުންވެއެވެ. މަންމަގެ…..ނުވަތަ ބައްޕަގެ……އަޚެއް…..ނުވަތަ އުޚްތެއްގެ……ރަޙްމަތްތެރިއެއްގެ ވިޔަސް ވަރިހަމައެވެ. ލޯބިވެރިޔަކާމެދު އޭނާ ވިސްނާފައެއް ނުވެއެވެ. ވިސްނާނެ ތަންވަޅެއްވެސް ނުލިބެއެވެ. އޭނާގެ ޙާލަކީ ފެށުނީއްސުރެންވެސް މިއީއެވެ. އޭނާގެ ހިތުގެ ޠޫފާން މިވީހާ ތަނަށް އޮތީ ހައްޔަރުވެފައެވެ. މިހާރުވެސް އެގޮތަށް ހައްޔަރު ވެފައި އޮތީއެވެ.
ދުއްވާފައި އައި ކާރެއް އޭނާހުރި ދިމާއަށް ކުއްލިއަކަށް ނުކުމެއްޖެއެވެ. ދިގު ބޭރު ރާއްޖެއެއްގެ ކާރެކެވެ. ކާރު ދުއްވަން އިނީ ދެބައި ޢުމުރަށް ގޮސްފައިވާ ފިރިހެނެކެވެ. ފާލަންމަތިން ދަނިކޮށް ދިމާވި ގޮތަކުން ރިޝްމީ އޭނާއަށް ފެނުނީއެވެ. އަންހެން ކުއްޖަކު މިއެކަނިވެރި ތަނުގާ ހުއްޓާ ފެނުމުން އޭނާ ބިރުގަތެވެ. އާބާދީއާ ދުރުގައި ތެތްމާޙައުލެއްގައި މިއަންހެން ކުއްޖާ އެކަނިހުރީ ކީއްވެގެން ހެއްޔެވެ. މި އަންހެން ކުއްޖާގެ ހިތުގައި ކޮންމެވެސް އެއްޗެއް އޮތްކަން ކަށަވަރެވެ. އޭނާއަކީ ހިތްބަލި މީހެއްކަމުން މިކަމާ އޭނާގެ ހިތް ތެޅިގަތެވެ. މިހިސާބަށް ޚިޔާލު ދިޔައިރު ކާރު ފާލަން ހުރަސްކޮށް މާދުރަށް ހިނގައްޖެއެވެ. ނަމަވެސް ހަމައެވަގުތު އޭނާގެ ފައި އެކްސަރލޭޓަރއިން ނައްޓާލައިގެން ގޮސް ބުރަކީގައި ތަތްވެއްޖެއެވެ. އޭނާ ދެން ގަސްތުކުރީ ކާރު ފަހަތަށް ޖަހާށެވެ. އެއީ ރަނގަޅު ގޮތެއް ނޫންކަން އެނގުމުން ކާރުގެ އިންޖީނު ނިވާލިއެވެ. ކާރު ފަހަތަށްދާތަން މިކުއްޖާއަށް ފެނިއްޖެނަމަ މާ އަވަހަށް ފުންމާލަފާނެއެވެ. ކާރުން ފައިބައިފާ އޭނާ ދޮރުލެއްޕީ ނުހަނު މަޑުމަޑުންނެވެ. އެއީ އަޑު އިވިއްޖެނަމަ އަންހެން ކުއްޖާ ސަމާލުވާނެތީއެވެ. ރިޝްމީ އެކަން ނުދެނެހުރި ޙާލުގައި ތިމާގެ ހިތްދަތިކަމުގެ ތެރެއަށް ގެއްލިފައި ކޯރުގެ ފެންގަނޑާ ދިމާއަށް ބަލަން ހުއްޓެވެ. އެމީހާ މަޑުމަޑުން ހިނގާފައި ރިޝްމީއާ ދިމާއަށް ދާން ފަށައިފިއެވެ. އަދި ފަހަތުން ގޮސް ކުއްލިއަކަށް އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ.
ރިޝްމީ ސިއްސައިގެން ގޮސްފައި އެނބުރި ބަލައިލިއެވެ. މިފަހަރު އޭނާ އަދި މާބޮޑަށް ބިރުގަތެވެ. މިފިރިހެނުންތައް އޭނާގެ ފަސްފަހަތުން ނުފިލައިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަތް ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން ހަރުކަށިކަމާއެކު ސުވާލު ކުރިއެވެ. ”އަހަރެންގެ އަތުގައި ހިފަން އަދި ތިޔައީ ކާކުހެއްޔެވެ؟“
”ކަލޭ މިތާނގައި ތިޔަކުރަނީ ކީއްހެއްޔެވެ؟“ އެމީހާ ރިޝްމީގެ ފަރާތުން ފިކުރު ހުސްކޮށްލަމުން ބުންޏެވެ.
”އަމިއްލައަށް މަރުވާން ގަސްދުކުރީ ހެއްޔެވެ؟“
އަމިއްލައަށް މަރުވާން! ރިޝްމީ ކަންބޮޑުވެއްޖެއެވެ. އަދި ސަލާމަތުން އޮތް އަތުން ސާޅީގެ ކަންގަނޑު ނަގާ ތަތްވެފައި ހުރި އެސްފިޔަތައް ފޮހެން ފެށިއެވެ.
”އާއެކެވެ. އަމިއްލައަށް މަރުވާށެވެ.“ އެމީހާ ހަމަ އެގޮތަށް ރިޝްމީގެ އަތުގައި ހިފައިގެން ހުރެ ބުންޏެވެ. ”އަންނާށެވެ. ތިޔަތަނުން ދުރަށްދާށެވެ.“
”ނަމަވެސް……“ ރިޝްމީ ވަރަށް ބޮޑަށް ޢަޖާއިބުވިއެވެ. ނަމަވެސް ސާޅީގެ ކަންގަޑުން ތެތްވެފައި ހުރި އެސްފިޔަތައް ފޮހެމުން ބުންޏެވެ.
”ނަމަވެސް އަޅުގަނޑު ދެން ހަމަ…..ދެންހަމަ މިތާނގައި ހުރެގެން ވިސްނާލީއެވެ. ކަލާ އެފަދަ ގޮތަކަށް ވިސްނެވީ ކީއްވެގެންތޯއެވެ؟“ އެމީހާގެ ޢުމުރާއި އަދި މޫނުމަތީގައި ހުރި ހަރުދަނާކަން ފެނިފައި ރިޝްމީ މިފަހަރު ވާހކަ ދެއްކީ މާތްކޮންނެވެ. މޫނަކީ ހިތުގެ މޫނުބަލާ ލޯގަނޑެވެ. އެމީހާގެ ކިބައިގައި އެއްވެސް ވިޔާނުދާ ޚިޔާލެއް ހުރި ކަމަކަށް އޭނާއަކަށް ނުފެނުނެވެ.
”އެގޮތަކީ…..“ އެމީހާ ރިޝްމީގެ ސުވާލު އިވުމުން ފަސްޖެހިލިއެވެ. އަދި ރިޝްމީގެ އަތުން ދޫކޮށްލާފައި އޭނާގެ ދެއަތް ފުރގަހަށް ގެންގޮސްގެން ހުރެ ވޭނުން ފުރިފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. ”އެގޮތަކީ މީގެ 20 އަހަރު ކުރިން އަހަރެންގެ އަނބިމީހާ ތިޔަތަނުން ފުންމާލައިގެން އަމިއްލައަށް މަރުވީއެވެ.“
”އޯހ!“ ރިޝްމީގެ ހިތުގައި އެމީހާއާމެދު ހަމްދަރުދީ އުފެދުނެވެ. މިދުނިޔޭގައި އުޅޭ ހުރިހާ މީހުންނަށްވެސް ކޮންމެސްކަހަލަ ހިތާމައެއް ކުރިމަތިވެފައި އޮންނާނެކަން ކަށަވަރެވެ. ހިނދުކޮޅަކަށް އޭނާގެ އަމިއްލަ ހިތާމަތައްވެސް ހަނދާން ނެތުނެވެ. އަދި ވިހުރުވިފއި ހުރި އިސްތަށިތައް އޭނާގެ އަތުން ރަނގަޅުކޮށްލަމުން ބުންޏެވެ.
”އަޅުގަނޑު ހިތާމަ ކުރަމެވެ.“
”އެންމެ ރަނގަޅެވެ……“ އެމީހާ ރިޝްމީއާ ދިމާއަށް އެނބުރިލިއެވެ. އަދި ފިނިނޭވާއެއް ލާފައި ބުންޏެވެ.
”އެއީ ވަރަށް ޒަމާންވީ ވާހަކައެކެވެ. ނަމަވެސް……..“ އަނެއްކާވެސް އޭނާގެ ވާހަކަ ދެއްކުން ހުއްޓާލާފައި ރިޝްމީގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ކުލަވަނީ ފަނޑުވެފައެވެ. ވިހުރުވިފައިވާ އިސްތަށިތަކެކެވެ. ތެމިފައި ހުރި އެސްފިޔަތަކެކެވެ. ލޮލުގައި ހުރީ ހަމައެކަނި ނާއުންމީދެވެ…….ހިކިފައިވާ ދެތުންފަތެވެ. ރިޝްމީއާ ދިމާއަށް ބަލަން ހުރެގެން އޭނާ ވާހަކަ ދެއްކިއެވެ.
”ނަމަވެސް ކަލޭ މިތާނގައި ކުރަނީ ކީއްހެއްޔެވެ؟ ކަލޭ ތިޔަހުރީ ވަރަށް ބޮޑަށް ދެރަވެފައިކަން އަހަންނަށް ޔަޤީނެވެ. އަހަރެންގެ ފުށުން އެއްވެސް ކަހަލަ އެހީއެއް ކަލެއަށް ވެވިދާނެ ހެއްޔެވެ؟“
ނުދެނެހުއްޓާ ރިޝްމީއަށް މިލިބުނު އެހީގެ ސަބަބުން އޭނާގެ ހިތް ކުނޑިކުނޑިވުމަށް ތައްޔާރުވެއްޖެއެވެ. ލޮލުން އަނެއްކާވެސް ކަރުނައިގެ ކޯރެއް އުތުރިގެންފިއެވެ. އޭނާ ދުރުގައި އޮތް ކާރާ ދިމާއަށް ބަލައިލިއެވެ. ދިގު އަދި ބޭރު ރާއްޖެއެއްގައި ހަދާފައިވާ ކާރެކެވެ……..ސާފު ހުދުކުލައެވެ. އޭނާ ކުޑަކޮށް ވިސްނާލިއެވެ. އެއީ ތެދެއް ހެއްޔެވެ. އޭނާ އެމީހާއާ ދިމާއަށް ބަލާލިއެވެ. ކަޅު ކުލައާއި ހުދުކުލަ އެކުވެފައިވާ އިސްތަށިގަނޑެކެވެ……މޫނުމަތީގައި ވަނީ ރޫޖެހިފައެވެ. ކަޅު ދެލޮލުގައި ހަރުދަނާކަމާއެކު ހިތާމައިގެ ވިދުވަރު ފެންނަން ހުއްޓެވެ. އެމީހާއަށް އިތުބާރު ކުރެވުނީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭގުނެވެ.
އިތުބާރު ކުރެވުނު ނަމަވެސް ނުދަންނަ މީހަކަށް ހިތުގެ ޙާލު އޮޅުންފިލުވައި ދިނުމަކީ ރަނގަޅު ކަމެއް ކަމަކަށް އޭނާއަކަށް ނުފެނުނެވެ. ވީމާ ކޯރުގެ މަންޒަރުގެ މައްޗަށް އޭނާ ނަޒަރު ހިންގާލިއެވެ.
”ދެން ބުނެބަލާށެވެ……“ އެމީހާ ބުންޏެވެ. ”ކަލޭ ހަމަ ރަނގަޅަށް ކަންބޮޑުވެފައި ހުރިނަމަ އަހަރެން ގާތުގާ ބުނުމަށް އެއްވެސް ކަހަލަ ޢުޒުރެއް ނުދައްކާށެވެ. އަހަރެންނަށް ވެވޭ ވަރުގެ ކަމެއް ވިއްޔާ ކަލެއަށް ކޮށްދޭނަމެވެ. ޔަޤީންކުރާށެވެ. އަހަރެންގެ މިއެހީގެ ފަހަތުގައި އެއްވެސް ކަހަލަ އަމިއްލަ އެދުމެއް ނެތެވެ.“
ރިޝްމީގެ ލޮލުން ފައިބާ ކަރުނަތައް އަދިވެސް ކޯތާފަތްމައްޗަށް އޮހެމުން ދަނީއެވެ. ތުންފަތް ތުރުތުރު އަޅަނީއެވެ. ހިތުގެ ޠޫފާނުގައި އެޅިފައި އޮތް ކަސްތަޅުތައް ހަލާކުވަމުން ދަނީއެވެ. މިނިވަންކަމާއެކު ރޮއިލުމަށް އޭނާއަށް މިހިރީ އެހީތެރިއަކު ލިބިފައެވެ. ވީމާ އޭނާ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. ޝައްކެއް ނެތެވެ. އޭނާގެ ހިތާމަވެރި ވާހަކަ އަޑުއަހާނެ މީހަކު ދުނިޔޭގައި އަދި އެބަހުއްޓެވެ. މިހެންކަމުން އޭނާއަށް ދިމާވި ހުރިހާ ހިތާމަތަކެއް އެމީހާއަށް ކިޔައިދިނެވެ. އެއްމާބަނޑު ކޮއްކޮ ނުހިނގިފައި އިން ނިކަމެތި ޙާލު އޭނާއަށް ބޭސްފަރުވާ ކުރުމުގެ މައްސަލަ……މަދަންގެ ތުހުމަތު، ބޮމްބޭއާއި ދުރަށް ލަކްނޫއަށް އައިސް ދިރިއުޅެން ޖެހުނު ސަބަބު، ވަޒީފާއެއް ނުލިބުމުގެ ހިތްދަތިކަން…..އެމީހާ ހުރިތާނގައި ހުރެގެން ރިޝްމީ ދެއްކި ހުރިހާ ވާހަކަތައް ފަރުވާތެރިކަމާއެކު އަޑުއެހިއެވެ. އަދި އޭނާގެ ހިތް ރިޝްމީއާމެދު ހަމްދަރުދީން ފުރުނެވެ. ރިޝްމީގެ ލޮލުން ފައިބާ ކަރުނަތައް ބެލުމަކަށް އޭނާއަކަށް ކުޅަދާނައެއް ނޫނެވެ. ތެދެކެވެ. މިއަންހެން ކުއްޖާ މިހިރީ ވަރަށް ބޮޑަށް ދެރަވެފައެވެ. މީނާއަށް އެހީނުވުމަކީ ކަނޑައެޅިގެން ހުރި އަނިޔާއެވެ. އެމީހާ ޖީބުން ކާޑެއް ނަގާ ރިޝްމީއާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.
”މީގައި ހިފާށެވެ. މާދަމާ ހެދުނު 10 ޖަހާއިރު މިއެޑްރެހުން އަހަރެންނާ ބައްދަލުކުރާށެވެ.“
ރިޝްމީ ކަރުނަތައް ފުހެލާފައި ކާޑުގައި ހިފައިފިއެވެ. އެވަގުތު އޭނަވެސް އަދި އެމީހާވެސް ވާހަކައެއް ނުދައްކައެވެ. ކާޑު ދީފައި އެމީހާ ހިނގައިގަތީ ކާރާ ދިމާއަށެވެ. ހިމޭންކަމާއެކުގައެވެ. ހިނގައިގަތުމަށްފަހު ފަސްއެނބުރި ރިޝްމީއާ ދިމާއަށް އެއްފަހަރުވެސް ބަލާނުލައެވެ. ނަމަވެސް ރިޝްމީ ހުރީ އެމީހާދާތަން ބަލާށެވެ. ކަޅިޖަހާނުލާ ބެލިއެވެ. އެމީހާގެ ހިނގުމުގައިވެސް ހުރީ ވަރުބަލިކަމެވެ. ޙަޔާތުގެ ވަރުބަލިކަމެވެ. އެހެން ނުވާންވީ ކީއްވެގެންތޯއެވެ؟ މިތަނުގައި މީގެ ވިހި އަހަރު ކުރިން އޭނާގެ އަނބިމީހާވަނީ އަމިއްލައަށް މަރުވެގޮސްފައެވެ.
ނުނިމޭ..