ފަހަރި 2

ރިޝްމީގެ ރީތިކަމާ އެއްވަރަށް އޭނާގެ ހަށިގަނޑުގައި ބާރުވެސް ހުރިކަމަށްވެއެވެ. އޭނާގެ ނާރުތަކުގައި ކަރަންޓުގެ ރާޅުބާނިތައް ދުއްވައިގެންފިއެވެ. މުސްކުޅި ހިލޭ ފިރިހެނެއްގެ މިގޮތްކުޑަ ޢަމަލު ރިޝްމީގެ އަތް ވައިގެ ތެރޭގައި ވިދުވަރެއްހާ ހަލުވިކޮށް ހޫރާލައިފިއެވެ. އެއާއެކު ވެރިމީހާގެ ކަންކަށިމަތިން އަޑެއް އިވިގެން ދިޔައެވެ. އެއީ ރިޝްމީގެ އަތުގެ ފިރުމާލުމެކެވެ.

ވެރިމީހާ ކުޑަކޮށް ޖެހިލުންވިއެވެ. އޭނާގެ ގާތުގައި މަސައްކަތް ކުރަންއުޅޭ އާދައިގެ ނޯކަރެއްގެ ކިބައިން މިފެނުނީ ކޮންފަދަ ހިތްވަރެއް ހެއްޔެވެ. އައި ރުޅިން ވެރިމީހާގެ މޫނު ރަތްވެގެން ހިގައްޖެއެވެ. އަދި ރިޝްމީއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

”ގޮތްކުޑަ – ކަލެއަށް ތިޔަހިތްވަރު ލިބުނީ ކޮންތާކުން ހެއްޔެވެ؟“ އޭނާ ކުރިއަށް ޖެހިލާފައި ރިޝްމީގެ ދެއަތުގައި ހިފެހެއްޓިއެވެ. ނުހަނު ބާރަށެވެ. އަދި މޭގައި ޖައްސާ ބޮނޑިކޮށްލުމަށްޓަކައި ގާތަށް ދަމަން ފަށައިފިއެވެ. ވެރިމީހާގެ އަތްދަށުން ސަލާމަތްވުމަށްޓަކައި ރިޝްމީ ތެޅިފޮޅެނީއެވެ. ކިތަންމެ އަނިޔާއެއް ލިބުނަސް ބަލިވީ ކަމުގައި ޤަބޫލު ކުރުމަކީ އޭނާ ދަންނަ ކަމެއް ނޫނެވެ. މީގެކުރިންވެސް އޭނާއަކީ އެތަކެއް އުނދަގޫ އުފުލާފައިވާ ކުއްޖެކެވެ. ފުރިހަމަ ބާރާއެކު އޭނާ ސަލާމަތްވާން މަސައްކަތް ކުރަނީއެވެ. ނަމަވެސް މުސްކުޅި ވެރިމީހާވެސްވީ ފުދޭވަރަކަށް ބާރުހުރި މީހެއް ކަމުގައެވެ. ރިޝްމީއަށް ސަލާމަތެއް ނުވެވުނެވެ. މުސްކުޅި ވެރިމީހާ ބަނޑުހައިގެންފައި އޮތް ސާރިދޯޅެއް ފަދައިން ރިޝްމީ ހަޖަމު ކޮށްލުމަށްޓަކައި ހިތްވަރު ކުރަނީއެވެ. ރިޝްމީ ތިމާގެ ޢިއްޒަތް ސަލާމަތް ކޮށްދެއްވުން އެދި ދުޢާ ކުރަނީއެވެ. މުސްކުޅި މީހާއަށް އާދޭސް ކުރަނީއެވެ. ބަގުވާނަށް ސަލާން ޖަހަނީއެވެ. މިއީ އޭނާއަށް މިފަދަ ހާދިސާއެއް ދިމާވި ފުރަތަމަ ފަހަރެވެ. ވީމާ ރޮއި އާދޭސް ކުރިއެވެ. ނަމަވެސް މުސްކުޅި މީހާގެ  ކަންފަތް ހުރީ ބެދިފައެވެ. އަމިއްލަ އެދުމުގެ އުގުރި ޖެހިފައެވެ. މުސްކުޅި މީހާގެ އަތުތެރޭގައި ރިޝްމީ ހައްޔަރު ކޮށްލައިފިއެވެ. ނަމަވެސް ބަގުވާނުގެ އަމިއްލަ އަތުން ހަދާފައިވާ ރީތި ކަމުގެ ފުރިހަމަ ނަމޫނާއިން ނޭދެވޭ ގޮތެއްގައި ބޭނުން ހިފިގެންދާތަން ދެކޭކަށް ނުހުއްޓެވެ. ހަމަ އެވަގުތު ރިޝްމީގެ ސިކުނޑި މަސައްކަތް ފަށައިފިއެވެ. އޭނާ ގުދުވެފައި މުސްކުޅި ބޭގަޑުގެ އަތުގައި ދަތް އަޅައިފިއެވެ. އޭނާ ދަތްއެޅިލެއް ބާރުކަމުން މުސްކުޅި މީހާގެ އަތް ކަނޑައިގެން ގޮސް ލޭ އަތުވެއްޖެއެވެ. މުސްކުޅިޔާ ވީތަދުން ތެޅިގަތް ބޮނޑީގައި އަތުގެ ބާރު ދޫވެއްޖެއެވެ. ރިޝްމީ ތަންވަޅު ބަލާފައި ޖެހި ކުއްލިއަކާއެކު މުސްކުޅިޔާގެ އަތްދަށުން މިނިވަން ވެއްޖެއެވެ. އެވަގުތު އޭނާ ދޮރާ ދިމާއަށް ދުއްވައިގެންފިއެވެ. އޭނާ ގަސްތުކުރީ ހަލުވި ކަމާއެކު ދޮރު ހުޅުވާލާފައި ބޭރަށް ނުކުތުމަށެވެ. ނަމަވެސް ބަންދުކޮށްފާ ހުރީ އެކަނި އެތެރެއަކުން ނޫނެވެ. ބޭރުންވެސް ހުރީ ތަންޑު އަޅާފައެވެ. ބަންދުކޮށްފައި ހުރި ކޮށްޓަކުން ނިކުންނަންވެގެން މސައްކަތްކުރާ ދޫންޏެއް ފަދައިން ރިޝްމީއަށް ޖެހުނީ ތެޅިލާފައި މަޑުވާށެވެ. އޭނާ އެނބުރިލާފައި ފާރމުގެ ވެރިމީހާއާ ދިމާއަށް ބަލާލިއެވެ. މުސްކުޅި މީހާގެ މޫނުމައްޗަށް ކުއްތާގަނޑެއްގެ ސިފަޖަހާ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އަދި އެގޮތަށް ހިނިއައިސްގެން ހުރެ ބުންޏެވެ.

”މިކޮޓަރިން ކަލެއަށް ނުކުމެވޭނީ އަހަރެން އަމުރުދިން އިރަކުންނެވެ.“ މުސްކުޅި މީހާ އަތުން އައިސްފާ ހުރި ލޭތަކަށް ބަލާލާފައި އަނެއްކާވެސް ރިޝްމީއާ ދިމާއަށް ޖެހިގެންފިއެވެ. ނަމަވެސް ރިޝްމީގެ ފުރާނަ ހުއްޓާ އޭނާގެ ޢިއްޒަތް ލޫޓުވިގެން ދިޔަކަނުދޭނެއެވެ. ރުޅިއާއި މާޔޫސްވުމުގެ އަސަރު އޭނާގެ ހަށިގަނޑުން ފެންނަން ހުއްޓެވެ. މުސްކުޅި މީހާގެ އެއްފަރާތުން ސަލާމަތްވަމުން އޭނާ ޓައިޕްކުރާ މޭޒުދޮށަށް ހިނގައްޖެއެވެ. އެމުސްކުޅިޔާވެސް އެނބުރިލާފައި އެތަނަށް އައިސް ރިޝްމީގެ އަތުގައި ހިފަހައްޓައިފިއެވެ.

ނަމަވެސް ރިޝްމީ އަދިވެސް އެއްފަހަރު ގައިގާ ހުރިބާރު އެއްކޮށްލާފައި މުސްކުޅިޔާ ދުރަށް ކޮއްޕާލައިފިއެވެ. އެވަގުތު މުސްކުޅިޔާ ހުރީ ޓައިޕްކުރާ މޭޒު ކައިރީގައި ހުރި ގޮނޑީގައި ޖެހިގެންނެވެ. ގޮނޑިހުރީ އޭނާގެ ފުރަގަހުގައެވެ. ވީމާ ގޮނޑީގައި ޖެހިފައި އޭނާ އަރިއަޅާލި ވަގުތު ބާރު ހިފެހެއްޓުމުގެ ގޮތުން އޭނާއަށް ހިފުނީ ޓައިޕްރައިޓަރުގައެވެ. އެއީ ބަރު ޓައިޕްރައިޓަރެއް ނަމަވެސް މުސްކުޅިޔާގެ ހަށިގަނޑުގެ ބަރަށްވުރެން ޓައިޕްރައިޓަރުގެ ބަރުދަން މާލުޔެވެ. ވެއްޓެންދިޔަ ބޮނޑީގައި ބާރުލުމުގެ ގޮތުން ޓައިޕްރައިޓަރުގައި ހިފުމުގެ ނަތީޖާއަކަށްވީ އޭނާ ވެއްޓުނުއިރު ޓައިޕްރައިޓަރު އޭނާގެ ގައިމައްޗަށް ވެއްޓުމެވެ. އޭގެ އެއްކަނުން އޭނާގެ ބޮލުގައި ޖެހުނީ ވަރަށް ނުރައްކާތެރި ގޮތަކަށެވެ. އެވަގުތު ފާރމްގެ ވެރިމީހާގެ އަޑު ކޮޓަރިތެރޭގައި ގުގުމައިގެން ދިޔައެވެ. އެއަޑަށް ރިޝްމީ ވަރަށް ބޮޑަށް ސިހުނެވެ. ވެރިމީހާގެ ހަޅޭކުގެ އަޑު ފެންލައިޓުން ބޭރަށް ދާނެކަން ޔަޤީނެވެ. ރިޝްމީ ގުދުވެ ބަލާލިއެވެ. ފާރމްގެ ވެރިމީހާ އޮތީ ޚަބަރު ހުސްވެފައެވެ. އޭނާގެ ދެލޯ ހުރީ ުހޅުވިފައެވެ. ކަޅިހުރީ ހުއްޓިފައެވެ. ބޮލުން ހޯސްލާފައި ލޭގަނޑު ފައިބަނީއެވެ. ރިޝްމީ ކަންބޮޑުވެފައި ހުއްޓެވެ. ކޮޓަރީގެ ދޮރުފަތް ހުޅުވިއްޖެއެވެ. ރިޝްމީ ދޮރާ ދިމާއަށް އެނބުރިފައި ބަލާލިއިރު އެތާނގައި ޕިޔޯނުމީހާ ހުއްޓެވެ. ޕިޔޯނުކަލޭގެ ވެރިމީހާއާ ދިމާއަށް ވިސްނުންތެރިކަމާއެކު ބަލާލުމަށްފަހު ރިޝްމީއާ ދިމާއަށް ކަޅިއަޅައިގަތް ގޮތުން އޭނާ ބިރުން ތުރުތުރު އަޅައިގަތެވެ. އަދި ބިރުގެންފައިވާ އަޑަކުން ބުންޏެވެ. ”އަހަރެން ގަތުލެއް ނުކުރަމެވެ……..މީނާ ގަތުލުކުރީ އަހަރެންނެއް ނޫނެވެ. ކަންބޮޑުވެފައި ހުރުމުގެ ސަބަބުން ރިޝްމީގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. ރިޝްމީ ކޮޓަރިން ބޭރަށް ނުކުންނަން ގަސްތުކުރިތަނާ ޕިޔޯނު މީހާ ނުހަނު ބާރަށް އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ.

ރިޝްމީގެ މައްޗަށް ޝަރީޢަތް ހިނގިއެވެ. ކުށަކީތޯއެވެ؟ މަދަން ކުންފުނީގެ ވެރިޔާ ޝްރީ މަދަން ލާލް ގަތުލުކުރިކަމުގެ ކުށުގައެވެ. ޝަރީޢަތުގެ ދުވަސްވަރުގައި އޭނާ ސަލާމަތްކޮށް ބަންދުން ވީއްލާފައި ބެހެއްޓުމަށް ކުރަންވީ އެއްވެސް ކަމެއް އޭނާގެ މަންމައަކަށް ނުކުރެވުނެވެ. އެޔާ ޚިލާފަށް އެމުސްކުޅި މަންމަގެ ވަޒީފާވެސް ގެއްލުނީއެވެ. އޭގެ ދެމައިންނަށް އެހީވެ ވަޒީފާދީ އަދި ރިޝްމީއަށް ވަޒީފާ ހޯދައިދެވުނުކަމާމެދު ލޭޑީ ޕްރިންސިޕަލް މިހާރު ލަދުގަންނަން ފަށައިފިއެވެ. އޭނާ ރިޝްމީއަށް ވަޒީފާ ހޯދައިދިނީ އޭނާ ދެކެފަރިތަ ރައްޓެއްސެއްގެ ފާރމަކުންނެވެ. ނަމަވެސް ރިޝްމީ އެފާރމުގެ ވެރިމީހާ ގަތުލު ކުރީއެވެ. ކަން ކޮންމެ ގޮތަކަށް ދިޔަނަމަވެސް ދަރިފުޅުގެ އެއްވެސް ކުށެއް ނެތްކަން މަންމައަށް ޔަޤީނެވެ. ރިޝްމީގެ ކޮއްކޮ އަރޫނަށް ނުހިނގިފައި އިން ކަމުގައި ވިޔަސް ރިޝްމީއާ ބައްދަލުވާން އޭނާ ޖަލަށް ދިޔައެވެ. އޭނާގެ ދައްތައަކީ ކުށްވެރިއެއް ނޫންކަމުގެ ޔަޤީންކަން އަރޫނަށްވެސް އޮތެވެ. ދުވަހެއްގައިވެސް ރިޝްމީ ގަތުލުކުރުންފަދަ ބޮޑު ކުށެއް ނުކުރާނެއެވެ. މިޔަޤީންކަން އޮތުމުގެ ސަބަބުން ރިޝްމީގެ މަންމަ ތިމާގެ އަންހެން ދަރިފުޅު ސަލާމަތް ކުރުމަށްޓަކައި ގޭގައި ދެން ބާކީހުރި އެތިކޮޅު ވިއްކާލިއެވެ. ގާތިލެއްގެ މައިމީހާއަށް ދަރަނީގެ ގޮތުން ފައިސާ ފޮއްޗެއް ވިޔަސް ދޭނެ މީހަކު ނުވާނެއެވެ. އަމުދުން މިއީ ރަށުގެ ޤަދަރުހުރި މީހެއްގެ މަރުގެ މައްސަލައެވެ. އެއީ މާ އާދައިގެ މައްސަލައަކަށް ނުވާނެއެވެ.

ރިޝްމީ ޝަރީޢަތުގެ ކުރިމަތީގައި ހުރިހާ ވާހަކައެއްވެސް ތެދުބަހުން ކިޔާދިނވެ. އޭނާގެ ވަކީލުވެސް އޭނާ ސަލާމަތް ކުރުމަށްޓަކާ ފުރިހަމައަށް މަސައްކަތް ކުރިއެވެ. ޝަރީޢަތުގެ ދުވަސްވަރުގައި ރިޝްމީގެ މަންމަ ދެތިން ދުވަހަކު އެތަނަށް އައިސްފައި ކުއްލިއަކަށް އައުން ހުއްޓާލައިފިއެވެ. ވީމާ ރިޝްމީ ވަކީލަށް ވަރަށް ބޮޑަށް އާދޭސްކޮށް ހެދިފަހުން އޭނާގެ ހިތާމައިގާ ކެތްނުކުރެވިގެން މަންމަ ބަލިވީ ކަމުގައި ވަކީލު ބުނި ބުނުމުން ރިޝްމީއަށް އެގުނެވެ. މަންމަ އަބަދުވެސް އުޅެނީ ބަލިވެއެވެ. ނަމަވެސް އެކަން ދަރިންނަށް އެގުނަކަ ނުދެއެވެ. ދުވަސްކޮޅަކު ބަލިވެ އުޅެފައި މީގެ ދެތިން ދުވަސް ކުރިން މަންމަ މަރުވެއްޖެކަންވެސް ވަކީލުގެ ބަހުން ރިޝްމީއަށް އެގުނެވެ. މަންމައަށް ކޮށްދޭންޖެހޭ އެންމެފަހުގެ ހެޔޮކަންފުޅުވެސް ރިޝްމީއަށް ނުކޮށް ދެވުނީއެވެ. މިކަމާ ވީ ދެރައާއި ލިބުނު ހިތާމައިން ރިޝްމީގެ ހިތް ފެޅި ކުދިކުދިވެގެން ދިޔައެވެ. ގިސްލަ ގިސްލާފައި އޭނާ ރުޔެވެ. އެދުވަހާއި އެރޭ ދަގަނޑު ތޭރިތަކުގެ ތެރޭގައި ބަންދުވެގެންހުރެ މަންމަގެ ހިތާމައިގައި ކަރުނަ އޮއްސިއެވެ. މަންމަ މަރުވުމުގެ ކުރިން ގޭގައި ހުރިއްޔާ ހުރި އެއްޗެއް ވަކީލަށް ހަދިޔާ ކޮށްފައި ތިމާގެ ދަރިފުޅު ސަލާމަތް ކުރުމުގެ އިންތިޒާމު ކުރިއެވެ. އަންހެން ދަރިފުޅަކާ ބެހޭގޮތުން މަންމައެއްގެ ހިތާއި ގުޅިފައި އޮންނާނީ ކިތައް އުންމީދު ހެއްޔެވެ؟ ޝަރީޢަތް ހިނގަން ފެށިފަހުން ރިޝްމީ ދެކޭކަށް އަރޫންއަކަށް ނާދެވުނެވެ. އޭނާއަކީ ނުހިނގޭ ކުއްޖެކެވެ. ވީމާ ފަނޑިޔާރުގޭގެ އުސް ސިޑިތައް ގިރާކޮށްފައި ޝަރީޢަތް ހިނގާ އަޑު އަހަން މަތީބުރިއަށް އޭނާއަށް ދެވޭނީ ކިހިނެއް ހެއްޔެވެ؟ ރިޝްމީގެ ޝަރީޢަތް ހިނގަނީ މަތީބުރީގެ ކޮޓަރިއެއްގައެވެ.

ޝަރީޢަތް ނިމުނު ދުވަހު ނުހަނު ދެރަވެފައި ކޮށިގަނޑު ތެރޭގައި ރިޝްމީ  ހުރިއިރު އޭނާގެ ހިތުގައި ވަރަށް ބާރަށް ވިންދުޖަހައެވެ. އޭނާއަށް އަދަބު ލިބިއްޖެނަމަ ނުހިނގިފައި އިން އޭނާގެ ކޮއްކޮއަށް ވާނީ ކިހިނެއްބާވައޭ ހިތަށް އަރައެވެ. މިހާރުވެސް އެފަކީރުގެ ޙާލަކީ ކޮބައިކަމެއް އޭނާއަކަށް ނޭގެއެވެ.

އިންޞާފުވެރިޔާ ދުރުވެ އިންޞާފުވެރި  ކަމުގެ ގޮނޑީގައި އިށީންނަވައިފިއެވެ. އަދި ލޮލުގައި އައިނު އަޅުއްވާފައި ކުށްވެރިޔާއާ ދިމާއަށް ވަރަށް ފުން ނަޒަރަކުން ބައްލަވާލެއްވިއެވެ. އެވަގުތު ރިޝްމީ ލާލާ ހުރި ނޭވާވެސް އެހިސާބުން ހުއްޓުނެވެ.

އިންޞާފުވެރިޔާ ވާހަކަ ދެއްކެވިއެވެ. ”ކަން ހިނގާފައިވާ ގޮތާއި ބަޔާންތަކުގެ މައްޗަށް ވިސްނައި ނަޒަރު ހިންގުމުން އަހަރެންނަށް ލިބުނު ނަތީޖާއިން ރިޝްމީއަކީ އެއްގޮތަކަށްވެސް ކުށްވެރިއެއް ނޫންކަން ސާބިތުވެއެވެ. ވީމާ އަހަރެން ފަނޑިޔާރުގޭގެ ފަރާތުން ޢިއްޒަތާއެކު އޭނާ މިދޫކޮށްލަނީއެވެ.“

ރިޝްމީގެ ހަށިގަނޑަށް އަލުން ފުރާނަ އެޅިއްޖެއެވެ. އޭނާ ކޮށިގަނޑުން ނުކުމެގެން ގޮސް ވަކީލުގެ ދެފައިގާ ބޮސްދިނެވެ. އޭރު އަނެއް ވަކީލު ރިޝްމީގެ ފަރާތުން ވަކީލަށް މުބާރަކްބާދު އަދާކުރަނީއެވެ. ރިޝްމީ ގޮސް ވަކީލުގެ ފައިގާ ބޮސްދިނުމުން ވަކީލު އޭނާގެ ބޮލުގައި އަތްތިލަ ބާއްވާލާފައި މުބާރަކްބާދު އަދާކޮށް ދުޢާ ކުރިއެވެ.

ރިޝްމީ ފަނޑިޔާރުގޭގެ ސިޑިތައް ކަޑައްތުކޮށް ތިރިއަށް ފޭބިއިރު ސިޑި ކައިރީގައި އޭނާގެ ކޮއްކޮ ފުރޮޅުލީ ގޮނޑީގައި އިންދާ ފެނުމުން އޭނާ ސިހުނެވެ. އަދި ދުވެފައި ގޮސް ކޮއްކޮގެ ގައިގާ ހިފައިގަތުމާއެކު ރޮއިގެންފިއެވެ. އޭނާގެ ލޮލުން ފައިބަންފެށި ކަރުނަތައް ހުއްޓުމުގެ ނަންވެސް ނުގަނެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. އެއިގެ ދެބެންނަށް ބައްދަލުވެވުނީ އެތަކެއް ޒަމާނުގެ ފަހުންނެވެ. މަރުގެ ފުންވަޅުގަނޑުން ސަލާމަތްވެގެން ޙަޔާތުގެ މަގުމައްޗަށް ނިކުމެވުނީމައެވެ. ދައްތަ މިނިވަން ވެފައިހުރި ތަން ފެނުމުން އަރޫންގެ ލޮލުންވެސް ކަރުނައައެވެ.

ރިޝްމީ އަރޫން ގޮވައިގެން ގެއަށްދާން ހިނގައިގަތުމުން ޝަރީޢަތް އޮންނަ ކޮންމެ ދުވަހަކުވެސް އެތަނަށް އަންނަ ކަމަށް އަރޫން ބުންޏެވެ. އަދި ދުރުގާ ފިލާ އިނދެގެން ރިޝްމީ ފުލުހުންގެ ކާރުން ފައިބާތަނާ އަރާތަން ބަލާ ކަމަށް ބުންޏެވެ. ދައްތައަށް ފެންނަ ހިސާބަށް އަހަރެން އަތުވެއްޖެނަމަ އަހަރެންގެ ހިތް ކުދިކުދި ވެދާނެއެވެ. އަދި ދައްތައަކަށްވެސް ކެތެއް ނުކުރެވޭނެއެވެ. ވީމާ ކެތްތެރިކަމާއެކު ރެޔާދުވާލު ދުޢާ ކުރުންމަތީ ދެމިހުރީއެވެ. ބަގްވާނުގެ ރައްކާތެރިކަމުގައި ދައްތަ ލަހައްޓަވާތޯއެވެ. މިއަދަކީ ޙުކުމްކުރާ ދުވަސްވީމާ ދައްތަގެ ކުރިމައްޗަށް އައީއެވެ. މިއަދުގެ ފަހުގައި އަހަރެމެން ދެން ވަކިވާން ޖެހިދާނެ ކަމަށްވެސް ހީވެއެވެ. ނަމަވެސް އަހަރެންގެ ދުޢާ އެއްސެވި ބަގުވާނަށް ޝުކުރު ކުރަމެވެ. ރިޝްމީމެންނަށް ގެޔާ ހަމައަށް ދެވުނުއިރު ވަށައިގެން ތިބޭ އަވަށްޓެރިން ރުޅިއައިސްގެން ތުންފިއްތާފައި ތިއްބާ ފެނުނެވެ. ހިސާބުގަޑުގެ އަންހެންވެރިން އެމީހުންގެ ފިރިންތައް މާބޮޑަށް ބަލަހައްޓަން ފަށައިފިއެވެ. އަދި މިވަރަކުންވެސް ފަރަކު ނުޖައްސައެވެ. އެމީހުންނަށް ތަންވަޅު ލިބިއްޖެނަމަ ސަރުކާރުގެ ފެންހޮޅި ކައިރިން ނުވަތަ ތަރުކާރީ ވިއްކާ ފިހާރަދޮށުން ރިޝްމީއާ ބައްދަލުވެއްޖެނަމަ ހުތުރު އެއްޗެތި ގޮވާ ހަދައެވެ.

”މާތްމީހަކު ދަލުގައި ނުޖެއްސުނީމާ އޭނާގެ ލޭ އޮހޮރުވާލީއެވެ.“

”ދެން މިހަތިޔާރެއްފަދަ އަންހެން ކުއްޖާ އަހަރެމެންގެ ފިރިންނާ ދިމާއަށް ކަޅިއަޅާނެއެވެ.“

”އައްދޭ! ވަކީލުވެސް އޭނާގެ ރީތިކަމުގެ މައްޗަށް ހެއްލިގެން އޭނާ ސަލާމަތްކޮށްދިނީއެވެ.“

”ވަކީލު ކީއްކުރަން ހެއްޔެވެ. ޚުދު އިންޞާފުވެރިޔާގެ މައްޗަށްވެސް އޭނާގެ ރީތިކަމުގެ ޖާދޫ ޖެހުނީކަން ނޭގެއެވެ.“

އަނގަ އޮތްވަރަކަށް ވާހަކަ ހަދަމުން ގެންދިޔައެވެ. މިހުރިހާ ވާހަކަތައް އިވުމުން ރިޝްމީއަށް ހީވަނީ ވިރުވާފައި ހުންނަ ހޫނު ބިއްލޫރިތަކެއް ކަންފަތަށް އެޅިގެންދާ ކަމުގައެވެ. މިކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ކޮއްކޮގެ ގާތަކު އޭނާ ނުބުނެއެވެ. ކުރާހާވެސް ކަމަކީ ގޭގައި ހުންނަ މަންމަގެ ތަޞްވީރުގެ ކުރިމަތީގައި ބޯޖަހައިގެން ހުރެ ރުއިމެވެ. އޭނާގެ ކޮއްކޮއަށް މިހުރިހާ ކަމެއް ކަރުނަތައް ފެނުނީމާ އެނގެއެވެ. އެކަމާ ނުހަނު ބޮޑަށް ދެރަވެއެވެ. ހިނގާބިގާވެ އުޅުމުން މަޙްރޫމް ވެފައި ނުވާނަމަ އޭނާ އެ އަންހެނުންތައް ހޭއަރުވާލީހެވެ. ދައްކާ ވާހަކައެއްގެ ތެރޭގައިވެސް އެއިން ގެއެއްގެ ފިރިހެނަކު ރިޝްމީއަށް ހަމްދަރުދީއެއް ފައުޅުކޮށްފިނަމަ އެދެން ކަންތައް ލައިގަތީއެވެ. ދުވަހެއްގެ ހަތަރުދަމު އެގެއެއްގައި އެދެމަފިރިން ވަރުގަދަ ހަނގުރާމައެއް އޮވެއެވެ.

ރިޝްމީ ކޮއްކޮ ގޮވައިގެން ބޮމްބޭ ދޫކޮށް އަބަދަށްޓަކައި ދާން ޖެހުނީ މިސަބަބާ ހުރެއެވެ. ބޮމްބޭ ދޫކޮށްފައި އެދެބެން އައީ ލަކްނޫއަށެވެ. ބޮމްބޭއާއި ބަލާފައި ލަކްނޫވީ އެދެބެންނަށް ވަރަށް އެކަށީގެންވާ މަޑުމއިތިރި ހަމަޖެހޭ ރަށެއް ކަމުގައެވެ.  އެތާނގައި އެމީހުން ދެކެފަރިތަ މީހަކުވެސް އަދި ދަންނަ މީހަކުވެސް ނޫޅެއެވެ. އޭގެ އިތުރުން ބޮޑެތި އޮފީސްތަކާއި ފާރމްތައްވެސް އެރަށުގައި ހުރެއެވެ. ވީމާ އެއިން ކޮންމެވެސް ތަނަކުން ރިޝްމީއަށް ވަޒީފާއެއްވެސް ލިބޭނެކަން ޔަޤީންވެއެވެ. އާބާދީއާއި  ދުރުން ކުޑަކުޑަ ދެރަވަރުގެ ގެއެއް ލިބުމުން އަނެއްދުވަހު ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ރޯދި ދެއްވާ އޮފީހުގެ އެހީއިން ވަރަށް އަވަހަށް އޭނާއަށް ވަޒީފާއެއް ލިބިއްޖެއެވެ. ވީމާ އައުފެށުމަކާއެކު ޙަޔާތް ވޭތުކުރުމަށް އޭނާ އުއްމީދު ކުރިއެވެ. ނަމަވެސް އޭނާގެ ހިތަށް ހުންނަނީ ސިހުން ލިބިލިބިއެވެ. ކުރީގެ ވަޒީފާއިން ލިބުނު ޒަޚަމް އަދި ހުރީ ތާޒާކޮންނެވެ. ވަޒީފާ ލިބުނުތާ އެއްއަހަރު ފުރުނުއިރު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ކުރިމަތިނުވީމާ ވަޒީފާއިން ޙަޔާތް ވޭތުކުރެވިދާނެ ކަމުގެ އުއްމީދު ލިބުނެވެ. މިދުވަސްކޮޅުގެ ތެރޭގައި ކުޑަފައިސާކޮޅެއްވެސް އޭނާ ފަހަށް ރައްކާ ކުރިއެވެ. ވީމާ ވަރަށް އަވަހަށް ކޮއްކޮގެ އޮޕަރޭޝަން ކުރެވިދާނެ ކަމުގައިވެސް އޭނާ އުއްމީދު ކުރިއެވެ. ނަމަވެސް އެއްދުވަހަކު…….އެއްދުވަހަކު އޭނާގެ ވޭތުވެދިޔަ ދުވަސްތަކުގައި ޖެހިފައި ހުރި ލައްގަނޑު އޭނާގެ އުފާވެރިކަމުގެ މަގަށް ހުރަސް އަޅައިފިއެވެ. އެދުވަހު އޭނާގެ ވެރިމީހާގެ ކުރިމަތީގައި އިދެގެން ބައެއް ސިޓީ ޝޯރޓްހޭންޑްއިން ނޯޓްކުރަނިކޮށް އެޑްވަޓައިޒްމެންޓް އެޖެންޓް ބޮމްބޭ ވެރިމީހާއާ ދިމާއަށް އަންނަނިކޮށް ފެނިފައި އޭނާ ސިހުނެވެ. މިއިޝްތިހާރު ކުރާ އެޖެންޓް ބޮމްބޭގައި މަދަން ކުންފުންޏަށްވެސް އިޝްތިހާރުތައް ބުކް ކުރުމަށްވެސް ގޮސް އުޅެއެވެ. އޭނާވެސް ރިޝްމީ ފެނުމުން ސިހުނެވެ. ތެދުތެދަށް ބުނާނަމަ ބުނެވޭނީ ރިޝްމީއަކީ ވަރަށް ރީތި ކުއްޖެއް ކަމުގައެވެ. އެއްފަހަރަކު އޭނާ ދެކެފި މީހަކަށް ދެވަނަފަހަރު ފެނުމުން ނުފެންނަ ކަމަށް ހަދާލައިގެން ނުހުރެވޭނެއެވެ. ރިޝްމީގެ ހިތް ނޭގޭ ބިރެއްގެ ސަބަބުން ތެޅިގަތެވެ.

މިއޭޖެންޓް އޭނާގެ ވެރިމީހާގެ ގާތުގައި އެއްވެސް ވާހަކައެއް ބުނެފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އާއެކެވެ. ދެންވާނީ ކިހިނެއް ހެއްޔެވެ؟ ސިޓީ ނޯޓްކޮށްނިމިގެން ކަރުދާހާ ފަންސުރު ހިފައިގެން ރިޝްމީ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ނަމަވެސް އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ކޮޓަރިއަށް އައިސް ޓައިޕްރައިޓަރގެ ކައިރީގައި އިށީނީމާވެސް އޭނާ ޓައިޕްކުރާހިތެއް ނުވިއެވެ. ވީމާ އޭޖެންޓް މިތަނުން ދިއުމުގެ އިންތިޒާރުގައި އޭނާ އިނީއެވެ.

އެންމެފަހުން ވެރިމީހާއަށް ބޮމްބޭގައި އޭނާ މަދަން ކުންފުނީގެ ވެރިޔާގެ ލޭ އޮހޮރުވާލިކަން އެގުމުން ވަޒީފާއިން ވަކިކޮށްފިއެވެ. އޭނާވެސް ދިފާޢު ވުމަކަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމުން އެއްވެސް ކަހަލަ ނަތީޖާއެއް ނުނިކުންނާނެކަން އޭނާއަށް އެނގެއެވެ. އަންހެން ކުއްޖެއްގައި އެއްވެސް ކުށެއްނެތް ނަމަވެސް އެއްފަހަރު ބަދުނާމު ލައްގަނޑު ޖެހިއްޖެނަމަ އެލައްގަނޑު ފަހަރެއްގައިވެސް ފޮހެވިގެނެއް ނުދާނެއެވެ. އޭނާ މިމައްސަލައިގައި ޔުނިއަންގެ އެހީ ހޯދައިފިނަމަ އަދި މާބޮޑަށް ބަދުނާމުވާނެއެވެ. އެހެންވެއްޖެނަމަ ވެރިމީހާ އޭނާގެ ބޮލުގައި ވަގު ތުހުމަތު އަޅުވާފައިވެސް ނެރެލާނެއެވެ. މުއްސަނިދ މީހެއްގެ ގައިގާ ނިކަމެއްޗަކަށް ކޮޅުފައިން ޖެހޭނީ ކިހިނަކުން ހެއްޔެވެ؟ އެވަޒީފާއިން ވަކިވުމުން އެހެން ވަޒީފާއެއް ހޯދުމަށް އޭނާ މަސައްކަތް ފަށައިފިއެވެ. އޭނާއަކީ ރަނގަޅު ސްޓެނޯގްރަފީއެކެވެ. ވީމާ ކިތަންމެ ފާރމަކުން އޭނާއަށް ވަޒީފާ ލިބުނެވެ. ނަމަވެސް އެއިން ކޮންމެ ތަނެއްގައިވެސް އޭނާގެ މަގަށް ހުރަސްއަޅަނީ އޭނާގެ ރީތިކަމެވެ. އަދި ހިންދުސްތާނުގެ ރަނގަޅު އަންހެނެއް ފަދައިން އޭނާވެސް އޭނާގެ ރީތިކަން ފައިސާއަށް ވިކިދިއުމަކަށް ޤަބޫލެއް ނުވިއެވެ. މިގޮތް ދިމާވާން ފެށުމުން އޭނާ ފަހަށް ރައްކާކޮށްފައި ހުރި ފައިސާކޮޅު މަޑުމަޑުންގޮސް ހުސްވެއްޖެއެވެ. ގޭގެ ކުލި ތިންމަސްދުވަސްވީއިރުވެސް ނުދެއްކިފައި އޮންނަން ޖެހުމުން ގޭގެ ވެރިމީހާ އެގެ ދޫކޮށްލުމަށް އަންގައިފިއެވެ. ވަޒީފާއެއް ހޯދަން އުޅެފައި ހަވީރު ގެއަށް އައިސް އޭނާ ވަންނަ ވަގުތު މާޔޫސްވެފައި ހުންނަ މޫނާއި ކުލަ ފަނޑުވެފައި ހުންނަ  ދެލޯ ފެނުމުން ނުހިނގިފައި އިންނަ ކޮއްކޮ ވަރަށް ދެރަވެއެވެ. އަދި އޭނާގެ ދައްތައާމެދު ޤުދުރަތުން މިފަދަ ބޭއިންޞާފެއް ވަނީ ކީއްވެގެންބާވައޭ ހިތަށް އަރައެވެ. އަމިއްލައަށް މަރުވުމަށްވެސް ބައެއްފަހަރު އޭނާގެ ހިތަށް އަރައެވެ. އެއީ ދައްތަގެ ބުރަ ލުއިކޮށްދިނުމަށްޓަކައެވެ. ނަމަވެސް އޭނާ އެފަދަ ފިޔަވަޅެއް އަޅައިފިނަމަ ދައްތަވެސް އަމިއްލައަށް މަރުވާނެއެވެ. ދައްތަ ދިރިހުންނަނީ އޭނާއަށްޓަކައެވެ. ވީމާ އެދައްތައަށްޓަކައި އޭނާއަށްވެސް ޖެހޭނީ ދިރިހުންނާށެވެ. ބޭސްކުރަންވެސް ޖެހޭނެއެވެ. އެދައްތަގެ ހުރިހާ ހާސްކަމެއް ދުރުކޮށްދެވޭނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވިގެންނެވެ. ދައްތަދެކެ އޭނާ ނުހަނު ބޮޑަށް ލޯބިވެއެވެ……އެއީ އެއްމާބަނޑު ދައްތައެވެ. އޭނާގެ ހަށިގަނޑުގެ އެއްނާރެވެ. ނޭވާ ހިނގާހާ ދުވަހަކު އުއްމީދު އޮންނަން ވާނެއެވެ. ދުނިޔެ ދެމިއޮންނާނީ އުއްމީދުގެ މައްޗަށެވެ. ވީއިރު އޭނާ ދިރިނުހުންނާންވީ ކީއްވެގެން ހެއްޔެވެ؟

އަނެއްކާވެސް އެއްދުވަހަކު ރިޝްމީއަށް ވަޒީފާއެއް ލިބިއްޖެއެވެ. ކުޑަކުޑަ ފާރމެއްގެ އޮފީހަކުންނެވެ. ރިޝްމީއަށް ވަޒީފާ ލިބުނުއިރުވެސް އެތާނގައި އަންހެން ކުދިން މަސައްކަތް ކުރަން އުޅެއެވެ. އެއީ ޕުޝްޕާދޭވީގެ އޮފީހެވެ. ޕުޝްޕާ ދޭވީއަކީ ލަކްނޫގެ ޢިއްޒަތްތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ހަރުދަނާ މިޒާޖެއްގެ ވެރިއެކެވެ. ޢުމުރުން 55 އަހަރަށްވުރެން މަދެއް ނުވާނެއެވެ. އޭނާގެ ހިޔާވަހިކަމުގެ ދަށުގައި މަސައްކަތް ކުރަން ފެށުމުން ތިމާއަށް ވަރަށްބޮޑު ރައްކައުތެރިކަމެއް ލިބިއްޖެ ކަމުގައި ރިޝްމީއަށް އިޙްސާސް ކުރެވުނެވެ. ވީމާ އަދިވެސް އެއްފަހަރު ލިބޭ މުސާރައިން ބައެއް ފަހަށް ރައްކާ ކޮށްގެން ކޮއްކޮއަށް ބޭސް ފަރުވާ ކޮށްދިނުމުގެ އުއްމީދު އައުކޮށްފިއެވެ. މިފަހަރު އޭނާއަށް ވަޒީފާ ލިބުނީ ނުހަނު އުދަގުލުންނެވެ. އެންމެ އެކަށީގެންވާ ވަގުތުއެވެ. މިވަގުތު އޭނާއަށް ވަޒީފާއެއް ނުލިބުނުނަމަ ދަމުން ދަމުންގޮސް ގޭގެ ހިފާ ގެންގުޅޭ ތަކެތި ވިކެމުންދާން ފެށީހެވެ.

ނުނިމޭ..

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.