ފަހަރި 1

މެންދުރުން އަނބުރާ 1 ޖެހުމާ ކައިރިވަނީއެވެ. އެހެނަސް ފަޒާގައި ވަނީ ނުކުޅަދާނަ ފިނިކަމެކެވެ. އަވީގެ ކުލަވެސް ނެތެވެ. އުޑުމަތި ބަނަވެފައި ކަޅުވިލާތައް ގިނައެވެ. ކިތަންމެ އަވަހަކަށްވެސް ވާރޭވެހެން ފަށާފާނެއެވެ. ވޭތުވެދިޔަ ދެދުވަހުއްސުރެ މޫސުމް އޮންނަނީ މިކަހަލަ ގޮތަކަށެވެ. މަގު ހިނގާ މީހުން ފިނިން ސަލާމަތްވުމަށްޓަކައި ކެހެރި ކޯޓުން ހަށިތައް ނިވާކޮށްގެން ތިބި ނަމަވެސް އިރުއިރުކޮޅުން ތުރުތުރުއަޅައިގަނެއެވެ. މޫސުމް ކިތަންމެ ފިނިގަދަވެފައި އަނިޔާވެރި ނަމަވެސް ރިޝްމީގެ ހަށިގަނޑުގައި އެއްވެސް ކަހަލަ ޚާއްޞަ ފޭރާމެއް ނެތެވެ. އޭނާ ލައިގެން ހުރީ އަތްކުރު ބްލައުޒެކެވެ. ދެން ބޭނުން ކޮށްފައިވަނީ ތުނި ސާޅިއެކެވެ. އަރައިގެން ހުރީ އާދައިގެ ފައިވާނަކަށެވެ. އޭނާ ހިނގާފައި ދަނީ ވަކި މަޤްޞަދެއް ނެތިއެވެ. ރިޝްމީގެ ކަޅުކުލަގަދަ ދިގު އިސްތަށިގަނޑު އޭނާގެ ލޮލުގައި ވިދަވިދާ ހުރި ކަރުނަތައް ފޮރުވަމުން ވިއްސާރަ ވިލާގަނޑެއްހެން ފެތުރިލެވޭތޯ މަސައްކަތް ކުރަނީއެވެ. ރިޝްމީ ހުރީ ކަންބޮޑުވެފައެވެ. ނުހަނު ބޮޑަށެވެ. އެގޮތަކީ އޭނާ ނުހަނު މުޞީބާތްތައް އުފުލުމަށްފަހު ލިބިފައިވާ ވަޒީފާއިން މިއަދު ވަކިކުރީއެވެ. އެއީ ނުހަނު ބޮޑަށް އޭނާ އިތުބާރު ކުރި ވަޒީފާއެކެވެ. އޭނާ ހީކޮށްގެންހުރީ މިވަޒީފާއިން ލިބޭ މުސާރައިގެ އެހީގައި އޭނާގެ ޙަޔާތުގެ ދުވަސްތައް އުފާވެރި ކަމަށް ބަދަލުކުރެވިދާނެ ކަމުގައެވެ. އަދި އޭނާގެ ކޮއްކޮއަށް އެކަށީގެންވާ ފަރުވާ ކުރެވިދާނެ ކަމުގައެވެ. މިދުނިޔޭގައި ހުރިހާވެސް މީހަކީ މިދެންނެވި ކޮއްކޮއެވެ. އެއީ އޭނާއާ އެއްމާބަނޑު ކޮއްކޮ އަރޫންއެވެ. ޢުމުރުން ބާރަ އަހަރުގައި ދިމާވި ކާރުގެ ހާދިސާއެއްގައި އޭނާއަށްވަނީ ނުހިނގޭގޮތްވެފައެވެ. ދަރުމަ ހޮސްޕިޓަލުގެ ޑޮކްޓަރުން ހަލާކުވެފައިވާ ކަކުލާއި ތަނބިކަށި ގުޅުވާފައި ހުރިގޮތުން ހިނގާބިގާވެ އުޅުމުން އޭނާ މަޙްރޫމްވީއެވެ. ތަން ތަނަށްގޮސް އައިސްވުމަށްޓަކައި އޭނާއަށް ޖެހެނީ ފުރޮޅުލީ ގޮނޑިއެއްގެ އެހީ ހޯދާށެވެ. މިދެކުދިންގެ މަންމަ ދުނިޔޭގައި ހުރިއިރު އެމީހުން އުޅުނީ ބޮމްބޭގައެވެ. އެންމެ ޅައިރުއްސުރެން އެކުދިންގެ ބައްޕަގެ ސޫރައެއް ނުދެކެއެވެ. ގޭގައި ފޮޓޯއެއްވެސް ނުހުރެއެވެ. އެންމެ ކުޑަމިނުން ފޮޓޯއެއް ހުރި ނަމަވެސް އެމީހުންނަށް ބައްޕަގެ ސޫރަ ފެނުނީހެވެ. އެދެބެން އުފަންވުމުގެ ކުރިން ބައްޕަ ނިޔާވީ ކަމުގައި މަންމަ އެކުދިން ގާތުގައި ބުންޏެވެ. ނިޔާވީ ޓްރަކެއްގެ ދަށުވެގެން ކަމަށްވެސް ބުންޏެވެ. ބޮމްބޭގައި އެމީހުން އުޅުނުއިރުގައި އެކުދިންގެ މަންމަ ދިރިއުޅެން ކުރި މަސައްކަތަކީ ކޮލެޖެއްގެ ލޭޑީ ޕްރިންސިޕަލެއްގެ ގޭގައި ނޯކިރީ ކުރުމެވެ. މިމަސައްކަތުން ލިބޭ އެއްޗަކުން ކިރިޔާ މަރުނުވެ ތިބެވޭ ވަރަށް ކާއެތިކޮޅެއް ހޯދާފައި، ފައިސާ އިތުރު ކޮށްގެން އެކުދިންގެ މަންމަ ނުހިނގިފައި އިން ފިރިހެން ދަރިފުޅަށް ގެންގުޅެ ބާވެފައި ހުރި ފުރޮޅުލީ ގޮނޑިއެއް ގަނެދިނެވެ. ދެވަނަ ފަހަރަށް އޮޕަރޭޝަން ކޮށްގެން ކަށިތައް ރަނގަޅުކޮށް ހިނގޭގޮތް ހެދުމަށްޓަކައި ފަސްހާސް ރުފިޔާ ބޭނުންވާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ. މިހާގިނަ ފައިސާތަކެއް އެނިކަމެތި މަންމަ ހޯދާނީ ކޮންތަނަކުން ހެއްޔެވެ؟ ނަމަވެސް ރިޝްމީ މާޔޫސެއް ނުވެއެވެ. އޭނާ ހިސާބަކަށް ތަޢްލީމު ހޯދުމަށްފަހު ރަނގަޅު ނޯކިރީއެއް ހޯދައިގެން ފަސްހާސް ރުފިޔާ ޖަމަޢަ ކުރާނެ ކަމަށް އުންމީދު ކުރެއެވެ. އޭނާގެ ތުއްތުއިރުން ފެށިގެން ބާރަ އަހަރާ ޖެހެންދެން އެކުގައި އުޅެ މަޖާ ނަގަން އުޅުނު ކޮއްކޮ ހަލާކުގެ މައްޗަށް ދޫކޮށްލެވޭނީ ކިހިނަކުން ހެއްޔެވެ؟

ކޮއްކޮގެ ބަލިޙާލަށްޓަކައި އޭނާ އަބަދުމެ ހިތާމަ ކުރެއެވެ. ބާރަ އަހަރުގެ ޢުމުރުގައި އޭގެ ދެބެން ކިޔެވީ ހަތްވަނަ ކްލާހުގައެވެ. އެކުދިންގެ މަންމައަކީ ލޭޑީ ޕްރިންސިޕަލެއްގެ  ނޯކަރެއްކަމުން ރިޝްމީއަށް ނުހަނު ފަސޭހައިން ވަޒީފާއެއް ލިބުނެވެ. ވަޒީފާ އަދާކުރިނަމަވެސް އޭނާ ކިޔެވުމެއް ދޫކޮށެއް ނުލައެވެ. އެއީ ނުހަނު މޮޅު ކިޔަވާ ކުއްޖެކެވެ. ވީމާ ޢުމުރުން 17 އަހަރު ފުރުނުއިރު އޭނާ އިންޓަރ މީޑިއަމްގެ ފާސް ހޯދައިފިއެވެ. ރިޝްމީގެ ތަޢްލީމުގެ ކަންތައް މިހިސާބަށް ދިޔައިރު އެކުދީންގެ މަންމަ ނުހަނު ބޮޑަށް ބަލިވެ އުޅެން ފަށައިފިއވެ. ވީމާ ދެން އޭނާ ތަޢްލީމް ދޫކޮށްލާފައި ސްޓެނޯގްރަފީ ދަސްކުރީއެވެ. އެއީ ކޮންމެވެސް ރަނގަޅު ވަޒީފާއެއް އަދާކޮށްގެން މަންމަގެ ކޮނޑުގައި އެޅިފައި އޮތް ބުރަ ލުއިކޮށްދިނުމަށްޓަކައެވެ. ތަންކޮޅެއް ބުރަ ވަޒީފާއެއް އަދާކުރި ނަމަވެސް ކިޔެވުމުގެ ކަންތައް ކުރިޔަށް ގެންދެވިދާނޭކަން އޭނާއަށް އެނގެއެވެ. ކޮލެޖްގެ ލޭޑީ ޕްރިންސިޕަލްވެސް ކިޔެވުން ދޫކޮށް ނުލުމަށް އޭނާއަށް ނަސޭހަތްތެރިވިއެވެ. ސްޓެނޯގްރަފީ ދަސްކޮށް ނިމުމާއެކު ލޭޑީ ޕްރިންސިޕަލްގެ އެހީގައި މަދަން ކޮމްޕެނީ ކިޔާ ރަނގަޅު ފާރމަކުންއޭނާއަށް ވަޒީފާއެއް ލިބިއްޖެއެވެ. މިވަޒީފާ ލިބުމުން ޙަޔާތުގެ ވަރަށްބޮޑު ބުރައެއް ލުއިވެގެން ދިޔަ ކަމުގައި އޭނާއަށް އިޙްސާސް ކުރެވުނެވެ. އެންމެ ފުރަތަމަ މުސާރަ ލިބޭ ދުވަހުން ފެށިގެން މަންމަ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވުމަށް އޭނާ ޢަޒުމް ކަނޑައެޅިއެވެ. މުސާރަ ލިބެން ފެށުމުން އެއިން ފައިސާ ބާކީ ކޮށްގެން ކޮއްކޮއަށް ބޭސްފަރުވާ ކުރެވޭނެއެވެ. ނަމަވެސް އެއްމަހުގެ މުސާރަވެސް ލިބޭވަރެއް ނުވިއެވެ. އޭނާގެ ރީތިކަން މުޞީބާތަކަށް ވެގެން އައިސް ޙަޔާތުގެ ހުރަހަކަށް ވެއްޖެއެވެ. ފާރމުގެ މުސްކުޅި ބަލިކަށި ވެރިމީހާ އޭނާގެ މައްޗަށް އެހާބޮޑަށް އޯގާތެރިވަނީ ކީއްވެގެންކަން އޭނާއަށް އެނގިއްޖެއެވެ. އެއީ އެއްގޮތަކަށްވެސް އޭނާގެ ނިކަމެތި ކަމުގެ މައްޗަށްވާ ހަމްދަރުދީއެއް ނޫންކަމާއި އޭނާގެ ރީތިކަމުގެ މައްޗަށްވާ ހަމްދަރުދީއެއްކަން އޮޅުންފިލައިފިއެވެ. ޙަޤީޤަތުގައި އޭނާއަކީ ވަރަށްރީތި ކުއްޖެކެވެ. ހުދު ސަންގުމަރުމަރު ހިލަ ކޮށައިގެން ހަދާފައިވާ ފުރިހަމަ ބުދެއްފަދަ ރީތިކަން ޤުދުރަތުން އޭނާއަށް ހަދިޔާ ކުރައްވާފައިވެއެވެ. ހަމައެކަނި އޭނާއަށް އުނިވެފައި އޮތް އެއްޗަކީ ރަނގަޅު ނަޞީބެކެވެ. އުފާވެރި ޙަޔާތެކެވެ. ރިޝްމީއަށް ތަންދޮރު އެގެން ފެށީއްސުރެ ކުރިމަތިވަމުން އައީ ހިތާމައެވެ. ހިނިތުންވުމަކީ އޭނާއަށް އެންމެ އުނދަގޫ ކަންތަކެވެ. ކޮލެޖްގައި އުޅުނުއިރުވެސް އޭނާގެ އެކުވެރިންނާއި ރަޙްމަތްތެރިން މަދެއް ނޫނެވެ. ނަމަވެސް އެކުދިންފަދަ އުފާވެރި ސަކަގޮތެއް އޭނާގެ މިޒާޖަކު ނުހުރެއެވެ. އޭނާ ލޯބިކުރަނީ ހަމަހިމޭން ކަމަށެވެ. އެކަނިވެރިކަމަކަށެވެ. ކޮއްކޮގެ އެކްސިޑެންޓަށްފަހުގައި އޭނާގެ ހަމަހިމޭންކަން ކުރިއަށްވުރެވެސް ބޮޑުވިއެވެ.

ވަޒީފާ ލިބުނުތާ 15 ދުވަސްވެސް ނުވެގެން އުޅެނިކޮށް އެއްދުވަހަކު އޮފީހުގެ ރަސްމީގަޑި ނިމުނުފަހުން އޭނާގެ ވެރިމީހާ ނުހަނު ބޭނުންތެރި ސިޓީތަކެއް ޓައިޕްކުރަން އޭނާއާ ޙަވާލުކޮށްފިއެވެ. އެއީ ހެދުނު އޮންނަ މީޓިންގއަކަށް ގެންދަންޖެހޭ އެއްޗެއް ކަމުގައި ވެރިޔާ ބުނުއްވިއެވެ. މިލިޔުންތައް ޓައިޕްކުރަން ފެށިތަނާ ހަވީރު އޮފީސް ނިމިގެން އެންމެން ގޮސް ނިމިއްޖެއެވެ. އޮފީހުގައި އޭނާވީ ވަގުތު އޭނާގެ ވެރިޔާ ފުރުޞަތުގެ ބޭނުން ހިފައިފިއެވެ. ދޮރުފާރަވެރިޔަކަށް ހުރި ޕިޔޯނު ބޭރަށްލާފައި އޮފީހުގެ ދޮރުލައްޕާ އެތެރޭން ތަންޑު އަޅައިފިއެވެ. އޭނާ އެކަނިމާއެކަނި އިންދާ ވެރިމީހާ މިގޮތަށް ދޮރުލައްޕާ ތަންޑު އެޅިތަން ފެނުމުން ރިޝްމީ ބިރުންގޮސް ހަދާނެގޮތް ހުސްވިއެވެ. ވެރިމީހާ ކައިރިޔަށް އަންނަން ފެށުމުން ރިޝްމީ އިސްއުފުލާ ވެރިމީހާގެ މޫނަށް ބަލާލިއެވެ. ވެރިމީހާގެ މޫނުގައި ހުރީ ވަޙުޝީކަން ނިހާޔަތަށް ގޮސްފައިވާ ވިދުވަރެކެވެ. އަދި ތުންފަތްމަތީގައި ސިއްރުން ފުރިފައިވާ ހިނިތުންވުމެއް ކުޅެލަ ކުޅެލާ ހުއްޓެވެ. ވެރިމީހާގެ މަޤްޞަދު ވިސްނުމުން ރިޝްމީ ތެޅިގެންފާ ގޮނޑިން ތެދުވެއްޖެއެވެ.

”ކަންބޮޑުނުވާށެވެ. އެއްވެސް މީހަކަށް ނޭގޭނެއެވެ.“ ވެރިމީހާ އޭނާއާ ދިމާއަށް އަންނަމުން ބުންޏެވެ. ”މިކަމުގެ ބަދަލުގައި ކަލޭގެ މުސާރަ ދެބައި ބޮޑުކޮށްދޭނަމެވެ.“ ވެރިމީހާ ރިޝްމީގެ ކައިރިއަށް އައިސް ފުރިހަމަ ޙައްޤު ލިބިފައި ހުރި ފިރިއެއް ފަދައިން ރިޝްމީގެ އަތުގައި ހިފާލިއެވެ.

ނުނިމޭ

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.

ގުޅުންހުރި

error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.