އެރޭ ހަތަރުދަމު ޠާހިރު އެއްގޮތަކަށްވެސް ނުނިދައެވެ. އޭނާ އެއީ ލޯތްބާއި ވަޢްދަށްޓަކައި މައިންބަފައިންނާއި، ބޭބެއިންނާއި ކޮއްކޮއިން، ދައްތައިންނާއި، މުއްސަނދި ދިރިއުޅުން އަދި އުފާވެރި މާޙައުލެއް ދޫކޮށްލާފައެވެ. އެހުރިހާ ކަމަކަށްޓަކައި އޭނާގެ ހިތްއޮތީ ހިތާމައިން ފުރިފައެވެ. ހެނދުނު ތެދުވިއިރު ހިސާބަކަށް މޭގައިވެސް ރިހެއެވެ. ކުރެވުނު ކަންތަކާދޭތެރޭގައި ދެރަވެ ލަދުވެސްގަނެއެވެ. ނަމަވެސް، އޭނާގެ ނުގުޑާފަދަ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. އޭނާގެ ހިތުން ނާޖީ ހާސިލުކޮށްފައިވާ މަގާމަކަށް އުނިކަމެއް ނުލިބެއެވެ. ހިތާމައަކީ، ހަމައެކަނި އޭނާގެ އުފަލުގައި މައިންބަފައިން ބައިވެރިނުވިކަމެވެ.
ހެނދުނު ހެނދުނާ ނާޖީގެ މަންމައާ ބައްދަލުކުރަން ދިއުމުގެ ތައްޔާރުތައް އޭނާ ކުރަން ފަށައިފިއެވެ. އޭނާގެ ބަސް ހަރުކަމާއި، ގޮތްދޫނުކުރުން އާޞިފަށް އެނގޭތީ، އެކަމާބެހޭގޮތުން އެއްވެސް ވާހަކައެއް އާޞިފު ނުދައްކައެވެ.
އެއީ ރީތި ނަލަނަލަ ދުވަހެކެވެ. ހެނދުނުގެ ވަގުތުގައި ޝަބްނަމްގެ ތިކިތަކުން ވިދަވިދާއޮތް ފެހި ވިނަގަނޑާއި ރޯގަސްތަކުގެ ތެރެއިން ޠާހިރު ހިނގަމުންދިޔައެވެ. ޓާކުރު ޚާންދާނުގެ ހައިބަތުކަމާއެކު ފަތަޙަ ލިބިފައިވާ ލީޑަރެއް ފަދައިން ކުރިއަށް ހިނގަހިނގާ ހުރެފައި، ބޭއިޚްތިޔާރުގައި އޭނާއަށް ތިރިއަށް ބަލާލެވިއްޖެއެވެ. ފެހިކުލަގަދަ ގަސްތަކުގެ ތެރެއިން ހުދުކުލައިގެ ދޯޕައްޓާއެއް ވަޔާ ވިހުރުވޭތަން ފެނިއްޖެއެވެ. އެވަގުތު އެ ދޯޕައްޓާއަކީ އޭނާގެ ނާޖީގެ ދޯޕައްޓާކަންވެސް އެނގިއްޖެއެވެ. ވީމާ، ދެން އޭނާ މައްޗަށް އެރުމުގެ ބަދަލުގައި، ހުރިދިމާއިން ތިރިއަށް ހިނގައިގެންފިއެވެ. ބޮޑެތި ބޮޑެތި ގަސްތަކާއި ހަރު ހިލަތަކުގައި ލައިގަންނަމުން ޖަންގަލީގެ މީރުވަސްދުވާ މާތަކުގެ ގޯނާކުރުންތަކުން ސަލާމަތްވަމުން، އަޑިގުޑަންތައް ގިރާކުރަމުން އޭނާގެ މަންޒިލާ ދިމާއަށް ހިނގަމުން ދިޔައެވެ.
ބޮޑު ހިލަގަނޑެއްގެ މަތީގައި އިށީނދެލައިގެން އިން ނާޖީގެ ދިހުންކުލައަރާ އިސްތަށިގަނޑު، ވިދާ ބަބުޅާ ފަށުވިތަކެއް ފަދައިން ވަޔާ ވިހުރުވި ވިހުރުވި އޮތެވެ. ދޯޕައްޓާ ބޯމަތިން ކައްސާލައިގެންގޮސް ކޮނޑުމައްޗަށް ވެއްޓިފައި އޮތެވެ. ނަމަވެސް، ނާޖީއަކަށް ޚަބަރެއް ނުވެއެވެ. އޭނާ ޠާހިރު އަންނަ ދިމާއަށް ފުރަގަސްދީގެން ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިނެވެ. ތާއަބަދު ކަރުނަ އޮއްސުމުގެ ސަބަބުން، އޭނާގެ ދެލޯ ހުރީ ދުޅަވެފައެވެ. އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކޮށްކޮށް އޭނާގެ މަންމަ މިހާރު ވަރުބަލިވެއްޖެއެވެ. މުއްސަނދި ނަވާބަކާއި ނިކަމެތި ނާޖީގެ އެއްވެސް ގުޅުމެއް ނެތްކަން އަންގައިދީދީ އެކަމެއް ނާޖީއަކަށް ގަބޫލެއް ނުކުރެވުނެވެ. އެކަމުން އެއްކިބާވުމުގެ ބަދަލުގައި، އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ލޯބީގެ ކުލަ ގަދަވަމުން ދިޔައެވެ.
ޠާހިރު މަޑުމަޑުންގޮސް ނާޖީގެ ފުރަގަހަށް ހުއްޓިފައި، އޭނާގެ މޫނުގައި ދެއަތް އަޅައިފިއެވެ.
[ޠާ….. ހިރު…….] ބޭއިޚްތިޔާރުގައި ނާޖީއަށް ހަޅޭއްލަވައި ގަނެވުނެވެ. އަވަސް އަވަހަށް ޠާހިރުގެ އަތުގައި ބާރަށް ހިފަހައްޓާލެވުނެވެ.
[ނާ…… ޖީ…..] ނާޖީގެ ލޮލުން ފޭބި ކަރުނަ ތިކިތައް، ޠާހިރުގެ އިނގިލިތަކުގެ ތެރެއިން ފުރޭނިގެން ދިޔައެވެ.
[ޠާހިރެވެ….] ނާޖީގެ މޫނުމަތީގައި އަޅާފައިވާ ޠާހިރުގެ އަތް ނެގުމުން އެނބުރިލާފައި، ހިތާމައާއި ޝަކުވާތަކުން ފުރިފައިވާ ނަޒަރަކުން ޠާހިރުގެ މޫނަށް ނާޖީ ބަލައިލިއެވެ. އެވަގުތު އޭނާ ދެއަތް ދިއްކޮށްލާފައި ނާޖީއަށް ދަޢްވަތު ދިނެވެ. ހަމަ އެ ސިކުންތުގައި، ނާޖީ ފުންމައިގެން ތެދުވެ ޠާހިރުގެ މޭގައި އޮޅުލައިގެންފައި ރޯންފަށައިފިއެވެ. [ކަލާ ދުރުވީތޯއެވެ؟ ޠާހިރެވެ…… ކަލާ….] ރޮވޭވަރުން ނާޖީއަކަށް ވާހަކައެއް ނުދެއްކުނެވެ.
[ނާޖީއެވެ. އަހަރެން އައީއެވެ…. އަބަދަށްޓަކައި ކަލޭގެ ކައިރިއަށް އައީއެވެ.]
[ހަމަތެދެއްތޯއެވެ؟] ރޮއިރޮއި ހުރެފައި ނާޖީ ހިނިތުންވެލައިފިއެވެ.
[އާއެކެވެ. ނާޖީއެވެ.] މުލައްދަނޑީގެ ހުރިހާ ބާރަކާއެކުގައި ނާޖީގެ ގައިގައި އޮޅުލައިގަންނަމުން ޠާހިރު ބުންޏެވެ. [މިހާރު އަހަރެމެންނަކަށް އެއްވެސް ބިރެއްނެތެވެ.]
ނާޖީ ދެލޯ މަރާލާފައި ޠާހިރުގެ ކޮނޑުގައި ބޯއަޅާލިއެވެ. އެވަގުތު، އުފާވެރިކަމުގެ ރާޅެއް ފަދައިން އޭނާގެ ޙިއްސުތަކަށް ރޫޙާނީ ހަމަޖެހުމެއް ލިބުނެވެ.
އެދުވަހު އެތަކެއް ގަޑިއިރުވަންދެން އެމީހުން އެތަނުގައި ތިއްބެވެ. ވަކިވުމުގެ ދުވަސްތަކުގައި ދިމާވި ހުރިހާކަމެއް، އެކަކު އަނެކަކަށް ސާފުކޮށް ކިޔައިދިނެވެ. ދެމީހުންގެ މުސްތަޤްބަލާ ދޭތެރޭގައި ވިސްނައި ފިކުރުކުރިއެވެ. ޠާހިރުގެ ތެދުވެރި ލޯތްބާއި ހަރުދަނާކަމަށްޓަކައި ނާޖީ އުފާފާޅުކުރިއެވެ.
[ދެން ހިނގާށެވެ. ނާޖީއެވެ؟] ހިތް ފުރެންދެން ވާހަކަ ދެއްކުމަށްފަހުގައި ނާޖީގެ އަތުގައި ހިފައިގެން ތެދުވަމުން ޠާހިރު ބުންޏެވެ.
[ކޮންތަނަކަށްތޯއެވެ؟] ހައިރާންކަމާއެކު ނާޖީ ސުވާލު ކޮށްލިއެވެ.
[ކަލޭގެ ގެއަށެވެ.]
[އަޅުގަނޑުގެ ގެއަށޭތޯއެވެ؟]
[އާއެކެވެ.]
[ކީއްކުރަންތޯއެވެ؟]
[މަންމަގެ ކައިރިއަށެވެ.]
[އަޅުގަނޑުގެ މަންމަ ކައިރިއަށްތޯއެވެ؟ ކަލާ ދުރުވަނީ ކީއްކުރައްވަންތޯއެވެ؟]
[ވީކީއްހެއްޔެވެ؟ ހައިރާންވީ ކޮންކަމަކާ ހެއްޔެވެ؟ މިހާރު ކަލޭގެ މަންމަގެ ކައިރިއަށް ދިއުން އަހަރެންނަށް މަނާކުރަނީ ކޮންކަމެއް ހެއްޔެވެ؟ ކަލެއާ ކައިވެނި ކުރެވޭނީ، މަންމަގެ ކައިރިއަށް ގޮސްގެން ނޫންހެއްޔެވެ؟] އެ އަޑު އިވުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން، ނާޖީގެ ދެލޯވެސް ހިނިތުންވިއެވެ.
[ދެން ހިނގާށެވެ.] ލަދުގެންފައިހުރި ނާޖީގެ ދަތްދޮޅީގައި ހިފާފައި އުފުލައިލަމުން ޠާހިރު ބުންޏެވެ.
[އަޅުގަނޑު ނުދާނަމެވެ.]
[ކީއްވެގެން ހެއްޔެވެ؟]
[ކަލާ އެކަނި ދުރުވާށެވެ.] މޫނުގައި ދެއަތް އަޅައިގެން ނާޖީ ދުއްވައިގެންފިއެވެ.
[އެންމެ ރަނގަޅެވެ. އަހަރެން އެނބުރި އަންނަންދެން ކަލޭ މިތަނުގައި އިންނާށެވެ.] ދުވެދުވެއޮތް ނާޖީއަށް ޠާހިރު ގޮވާލިއެވެ. ނަމަވެސް، ހުއްޓުމުގެ ބަދަލުގައި، ލާނެތްގޮތަކަށް ހީލާފައި އޭނާގެ ދުވުން ބާރުކޮށްލައިފިއެވެ.
ނާޖީއާ ވަކިވެގެން ޠާހިރު ދިޔައީ ސީދާ ނާޖީމެންގެ ގެއަށެވެ. އޭރު، އަޅިން ޖަހާފައިހުރި އުނދުނަކަށް ތެއްޔެއް އުދައިގެން ކޮންމެވެސް އެއްޗެއް ކައްކަން، މަންމަ އުޅެއެވެ. ޠާހިރު ފެނުމުން މަންމަ ކަންބޮޑުވިއެވެ. އަދި އެކަން ސިއްރުކުރުމަށްޓަކައި، ދޭފަތަކުން، ތެލީގައިހުރި އެއްޗެއް އަވަސް އަވަހަށް ހަލަންފަށައިފިއެވެ.
ޠާހިރު ފަރިގޮތަކަށް ހިނިތުންވެގެންހުރެ އަދަބުވެރިކަމާއެކު ސަލާން ކޮށްލާފައި، ޖެހިލުމެއްނެތި ބަދިގެއަށް ވަދެއްޖެއެވެ. އެވަގުތު، އެއީ އެމީހަކަށްޓަކައި ނާޖީގެ ފުރާނައިން ބާޒީ މަރައިގެން އިން ޒުވާން ނަވާބުކަން، މަންމައަށް އެނގިއްޖެއެވެ. އަދި ޠާހިރުގެ ކިބައިގައިހުރި ފިރިހެންވަންތަކަމާއި ރީތިކަން، ހައިބަތުކަމާއި ޝާހީ ގޮތްގަނޑު، ފުޅާ ބައިމައްޗާއި ތަނަވަސް ނިތްކުރި، ހެޔޮވަރު ވަރަކަށް އިސްތަށި ފަޅާލާފައިވާ ބާރުގަދަ މުލައްދަނޑި، އަދި އެހެރަ ތޫނުފިލި ދެލޯ ފެނުމުން، އެންމެ ފުރަތަމަ ނަޒަރުންވެސް ނާޖީއާއި ޠާހިރަކީ އެޒަމާނުގައި ދުނިޔެއަށް ފޮނުއްވާފައިވާ އެންމެ ގުޅޭ ޖޯޑުކަން، ހިތުގެ އަޑިން މަންމައަށް ގަބޫލު ކުރެވިއްޖެއެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އޭނާގެ ނިކަމެތިކަމާއި، ޠާހިރުގެ މުއްސަނދިކަމަށް ވިސްނާލާފައި، ހިތުގައި އުފެދުނު އުފާވެރި އިޙްސާސްތައް އޮއްބާލައިފިއެވެ.
[މަންމައަށްޓަކައި އަޅުގަނޑަކީ ބީރައްޓެއްސަކީމެއް ނޫނެވެ.] އިސްދަށަށް ޖަހާލާފައި ހިނިތުންވެލަމުން، އަދަބުވެރިކަމާއެކު ޠާހިރު ބުންޏެވެ. [އަޅުގަނޑުގެ ނަމަކީ ޠާހިރެވެ. ފާރޫޤު ނަވާބު ޢަލީ ޚާންގެ ފިރިހެން ދަރިފުޅަކީމެވެ.] މަންމަ އިސްއުފުލާލާފައި ޠާހިރާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. [ކަލާގެ ޚިދްމަތަށްޓަކައި އަޅުގަނޑު ހާޒިރުވެ ހުރީމެވެ……] ޠާހިރު އައިސްހުރި ބޭނުން ބަޔާންކޮށްދޭނެ ޢިބާރާތެއް އޭނާއަކަށް ނުވިސްނުނެވެ.
[ރޭގައި ކަލާގެ ބައްޕަވެސް ދުރުވިއެވެ.] މަންމަ އެހެން ނުބުނަނީސްވެސް، ނަވާބު ފާރޫޤު ޢަލީ ޚާން އެގެއަށް ދުރުވާނެކަން، ޠާހިރަށް އޮތީ ވިސްނިފައެވެ. ފައިސާގެ ދަހިވެތިކަން ދައްކައިގެން، މަންމައާއި ނާޖީ އޭނާގެ މަގުން އެއްކިބާކުރުމަށް މަސައްކަތް ކުރައްވާނެކަން ޔަގީންވެފައެވެ.
[ވީއިރު، އަޅުގަނޑުގެ ޙާލު ހުރިގޮތް މިހާރު މަންމައަށްވެސް އޮންނާނީ އެނގިލައްވާފައެވެ.] އަވަސް އަވަހަށް ޠާހިރު ބުންޏެވެ.
[މާރަނގަޅަށްވެސް އެނގިއްޖެއެވެ.] އެނދުގައި އިށީންނަމުން މިހެން ބުނެފައި ޠާހިރުވެސް އިށީނުމަށް މަންމަ އެދުނެވެ. ނަމަވެސް، އޭނާ ނުއިށީނދެއެވެ. އިސްދަށަށް ޖަހާލައިގެން އެތަނުގައިހުރެ އޭނާ ވާހަކަ ދެއްކިއެވެ.
[ފައިސާގެ ދަހިވެތިކަން ދައްކައިގެން މަންމަ ހައްލާލަން އަޅުގަނޑުގެ ބައްޕަ މަސައްކަތް ކުރެއްވީތީ އަޅުގަނޑު ހިތާމަކުރަމެވެ.]
[އޭނާ އެކުރެއްވީ އާކަމެއް ނޫނެވެ.] ކަރުނަވީ އަޑަކުން މަންމަ ބުންޏެވެ. [ނުކިޔަމަންތެރިވެއްޖެ ދަރިއަކަށް ތެދުމަގު ދެއްކުމަށްޓަކައި ކުރެވެންއޮތްހާ މަސައްކަތެއް ކުރުމަކީ މައިންބަފައިންގެ ވާޖިބެކެވެ.]
[ބުއްދި ފުރިހަމަވެފައިހުރި ޒުވާން ފިރިހެންދަރިން ހިނގާނެ މަގު ޚިޔާރުކުރާނީ ޚުދު އެމީހުންނެވެ. މައިންބަފައިން އެކަމާ ބެހިގެން ނުވާނެއެވެ. އެ ދަރިން އަމިއްލައަށް ކިތަންމެ ރަނގަޅު މަގެއް ޚިޔާރު ކުރިޔަސް، އެއީ ކަތިމަގެއް ކަމުގައި ހީކުރުމުގެ ޙައްޤެއް، މައިންބަފައިންނަކަށް ނޯންނާނެއެވެ.]
[މިހާރު ކަލާ ބޭނުންވަނީ ކޮންކަމެއްތޯއެވެ؟] ޠާހިރާ ދިމާއަށް އަނެއްކާވެސް މަންމަ ބަލައިލިއެވެ.
[އަޅުގަނޑުގެ މުޅި ޚާންދާން އެކަމާ ދެކޮޅުހަދާ ކަންތަކެވެ.] ޠާހިރުގެ އަޑުގައި ހުރީ ޔަގީންކަމެވެ.
[މައިންބަފައިންނާއި މުޅި ޚާންދާން ދެކޮޅުހަދަމުން ދަނިކޮށްވެސް، ކަލާ މިތަނަށް ދުރުވީތޯއެވެ؟]
[އަޅުގަނޑު ހިނގާނެ މަގު އަޅުގަނޑު އަމިއްލައަށް ޚިޔާރު ކޮށްފީމެވެ. ވީމާ، ދުނިޔޭގެ އެއްވެސް ބާރަކަށް ދެން އެމަގުން އަޅުގަނޑު އެއްކިބާ ނުކުރެވޭނެއެވެ.] ޠާހިރުގެ ބަހުގެ ތެދުކަމާއި ޔަގީންކަން ބޮޑުކަމުން، ހިނދުކޮޅަކަށްޓަކައި މަންމަ ފަސްޖެހިލިއެވެ.
[ޒުވާންކަމަކީ އަނދިރިކަމެކެވެ. ސާހަބެވެ… ކަލާގެ ހައިސިއްޔަތު ހަނދާން ނައްތާނުލައްވާށެވެ…. ކަލާއަކީ ބޮޑު ނަވާބުޒާދެކެވެ.]
[ނޫނެކެވެ. މަންމާއެވެ. އަޅުގަނޑަކީވެސް ހަމަ އާދައިގެ އިންސާނަކީމެވެ.] މަންމަގެ ފައިތިލައިގެ މައްޗަށް ޠާހިރު ގުދުވިއެވެ. [ނާޖީއަށްޓަކައި އަޅުގަނޑު ހުރިހާ އެއްޗެއް ދޫކޮށްލައިފީމެވެ. މައިންބަފައިންނާއި، ޤަދަރާއި ޢިއްޒަތް، ގެދޮރާއި މުދާ ދޫކޮށްލާފައި އަޅުގަނޑު މިއައީ ހަމައެކަނި ތިޔަ މަންމަގެ ޙިމާޔަތަށެވެ. އަބުރުވެރި ގޮތުގައި ނާޖީއާ އަޅުގަނޑުގެ ޙަޔާތް ވޭތުކުރާނެ ބާރު، އަޅުގަނޑުގެ މުލައްދަނޑީގައި އެބަހުއްޓެވެ.] މަންމަގެ ކައިރީގައި ކުޑަކަކޫ ޖަހާލައިގެންއިނދެ ޠާހިރު އާދޭސްކުރިއެވެ.
މަންމަ ދެލޯ ބޮޑުކޮށްގެން ޠާހިރާ ދިމާއަށް ބަލަން އިނެވެ. އެވަގުތު އޭނާގެ ބަސް ހަރުކަމަށްޓަކައި މަންމަ ބިރުގަތެވެ. ނަމަވެސް އާދޭސްކޮށްކޮށްފައި އޭނާ އެ އެދޭ އެދުން ފުރިހަމަ ކޮށްދިނުމަކަށް އޭނާގެ ހިތެއް ނުރުހެއެވެ. ފަހުން ވެދާނެގޮތަކާ ދޭތެރޭގައި ވިސްނުމަށް އޭނާއަށް މަޖުބޫރެވެ. ލޯތްބަކީ ކުޅިވަރެއް ކަމުގައި ދެކެމުން އަންނަ މުއްސަނދި ޓާކުރުންގެ ތެރެއިން މީހަކު އެ ލޯތްބަށްޓަކައި އެހާވަރަށް ދީވާނާ ވެދާނެކަމަކަށް ފަހަރެއްގައިވެސް މަންމަގެ ހިތަކަށް ނާރައެވެ.
[މަންމާއެވެ. އަޅުގަނޑު މާޔޫސް ނުކުރައްވާށެވެ. މިކަމަށްޓަކައި މަންމަ އިންކާރު ކުރައްވައިފިނަމަ، ދިރިއުޅުމުން އަތްދޮވެލަން އަޅުގަނޑަށް މަޖުބޫރު ވެދާނެއެވެ. ނާޖީއާ ވަކިން އަޅުގަނޑަކަށް ދިރިއެއް ނުހުރެވޭނެއެވެ.] އަސަރުކޮށްގެންގޮސް ޠާހިރުގެ އަޑު ބެދިއްޖެއެވެ.
[ޓާކުރު ދަރިފުޅާއެވެ. މަންމަމެންނަކީ ވަރަށް ނިކަމެތި ފަގީރު ބަޔެކެވެ. ވިސްނުމެއްނެތި ކުރާ ކަންތަކުން، ފަހުން ދެރަވާންޖެހޭނެއެވެ. ކޮންމެ ރޮނގަކުން ބެލިޔަސް، ނާޖީއަކީ ދަރިފުޅާ އެކަށީގެންވާ ކުއްޖެއް ނޫނެވެ. ވީމާ، އަދިވެސް އެއްފަހަރު ވިސްނާލާށެވެ.]
[އަޖައިބެކެވެ. މައިންބަފައިންނަކީވެސް ކޮންކަހަލަ ބައެއްހެއްޔެވެ؟ ދަރިން އެދޭ ހުރިހާ އެދުމެއް ފުރިހަމަ ކޮށްދީގެން، އުފަލާއި އަރާމުގައި ފުރާނަތަކުން ޤުރްބާންވެގެން ދަރިން ގެންގުޅެ ބޮޑުކޮށްފައި، ޙަޔާތުގެ އެންމެ ބޮޑު އުފަލާ ކުރިމަތިލާ ދުވަސް އައުމުން، އެ ދަރިންގެ ހިތުން ލޭއޮހޮރުވާލާކަށްވެސް މައިންބަފައިން ފަހެއް ނުޖެހެއެވެ.] ކުރާނެކަމެއްނެތް މަންމަ، އޭނާގެ ލޮލުން އޮހިގަތުމަށް ތައްޔާރުވެފައިވާ ކަރުނަތައް ދިރުވާލެވޭތޯ މަސައްކަތްކުރަމުން ގެންދިޔައެވެ. ނަމަވެސް، ހަމަ ކުއްލިއަކަށް އާއެކޭ ބުނެ އަމިއްލަ ހިތުގެ ރިހުމާއި، ޠާހިރުގެ ނުތަނަވަސްކަން ދުރުކޮށްލުމުގެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.
[ދަރިފުޅާއެވެ. ކުޑަކޮށް ވިސްނާލުމަށްޓަކައި މަންމައަށް ފުރުސަތު ދޭށެވެ.] ގާތްކަމާއެކުގައި މަންމަ ބުންޏެވެ.
[މަންމާއެވެ.] ވީއުފަލުން މަންމަގެ ދެކަކުލުގައި ޠާހިރު އޮޅުލައިގެންފިއެވެ. [ވިސްނަވާށެވެ. ރަނގަޅަށް ވިސްނަވާށެވެ. އެންމެފަހުން އަޅުގަނޑުގެ އާދޭސް ގަބޫލު ކުރައްވާށެވެ.] ހަރުކަށިކަން ދައްކައިގެން އިން މަންމައަށް ހީގަނެވިއްޖެއެވެ. ޠާހިރުވެސް އުފަލާއެކުގައި މަންމަގެ އަތުގައި އެތަކެއްފަހަރު ބޮސްދިނުމަށްފަހު، އަވަސްއަވަހަށް ތެދުވެގެން ދުއްވައިގެންފިއެވެ. އެއީ މަންމަގެ އެއްބަސްވުންކަމުގައި ޔަގީންކޮށްފައި، އެ އުފާވެރި ޚަބަރު އެންމެ ފުރަތަމަ ނާޖީގެ ކަންފަތާ ހަމައަށް ގެންގޮސްދިނުމަށްޓަކައި އޭނާގެ އިންތިޒާރުގައި ނާޖީ އިންތަނަށް ދިއުމަށް އަވަސްވެގެންފިއެވެ.
އެތަކެއް ދުވަސްވަންދެން ރުހުމުގެ ބަސްނުދީ މަންމަ ހިފެހެއްޓިއެވެ. އެއީވެސް ޠާހިރަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އޭނާ ރެޔާދުވާލު އެގެއަށްގޮސް، ރީތި އުޅުމާއި މަތިވެރި އަޚްލާޤުން މަންމަގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ފޯރުވަމުން، ތަކުރާރުކޮށް ނާޖީގެ ކައިވެންޏަށް އެދެމުން ގެންދިޔައެވެ. އެންމެފަހުން ކެތްނުކުރެވިގެން، އުންމީދުގެ މާތަކުން އޭނާގެ ދާވަނި ފުރާލަދިނުމަށް، އެ ނިކަމެތި މަންމައަށް މަޖުބޫރު ވެއްޖެއެވެ.
[ދަރިފުޅާއެވެ. މީގެފަހުން ނާޖީއަކީ ދަރިފުޅުގެ މިލްކެކެވެ.] އެއްދުވަހަކު ޠާހިރު އެގެއަށް ދިޔަތަނާ އޭނާއަށް ގޮވާލާފައި މަންމަ ބުންޏެވެ.
[މަންމާއެވެ. މަންމަ ހާދަ ރަނގަޅެވެ.] ޠާހިރު ބުންޏެވެ. އެވަގުތު މަންމަ އޭނާގެ ނިތްކުރީގައި ބޮސްދިނެވެ. މިގޮތުން ދަރިއެއްކަމަށް ގަބޫލުކޮށް، އެކަމުގެ ސިއްކަ ޖަހައިދިނެވެ.
[ނާޖީއަކީ ވީރާނާވެގެންދިޔަ މަންމަގެ ޙަޔާތުގެ އެންމެފަހުގެ ނިޝާނެއެވެ. މަންމަގެ ޒުވާންކަމުގެ ލެއިން ފެންދީގެން، އެ ނިރު ބޮޑުކޮށް މާފޮޅުވީ ނުހަނު އުނދަގޫ ޙާލުގައެވެ. ނަމަވެސް، ﷲ އަށް ފަހުގައި މިހާރު ނާޖީ ތިޔަ ދަރިފުޅާ ހަވާލުކޮށްފީމެވެ. އެކުއްޖާފަކީރުގެ މިލްކުގައި އެއްވެސް އެއްޗެއް ނުހުންނާނެއެވެ. މުދަލެއް، ފައިސާއެއް، ތަޢްލީމެއް، ތޫނު ސިކުނޑިއެއް ނޯންނާނެއެވެ. އެއީ ހަމައެކަނި ރީތި ކުޅޭއެއްޗެކެވެ. ބަލައިގެން ގެންގުޅޭށެވެ. ފޫހިވިޔަސް، ހަލާކުކޮށްނުލާށެވެ.] މަންމަގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެން ފަށައިފިއެވެ.
[މަންމާއެވެ. ދެރަނުވާށެވެ. ނާޖީއަކީ އަޅުގަނޑުގެ ފުރާނައެވެ.] މަންމައަށް ޔަގީންކޮށްދިނުމުގެ ގޮތުން ޠާހިރު ބުންޏެވެ.
[މިއީ މައިމީހާއެވެ. ދަރިފުޅާއެވެ. މިކަހަލަ ވާހަކަ ދައްކާކަށްވެސް ނުވާނެއެވެ. އެކަމަކު ނާޖީއަށްޓަކައި ދަރިފުޅު ތިޔަހަރީ ދުނިޔޭގެ ހުރިހާ އުފަލަކާއި އަރާމެއް ދޫކޮށްލާފައެވެ.]
[އެހެން ނުހަދާ އަޅުގަނޑު ކުރާނީ ކީއްތޯއެވެ؟]
[ކޮންމެވެސް ދުވަހަކުން ނާޖީވެސް……]
[މަންމާއެވެ….] ޠާހިރަށް ރޮއިގަނެވިއްޖެއެވެ. ތިޔަފަދަ ދުވަހެއް އަޅުގަނޑުގެ ޙަޔާތަކަށް ނާންނާނެއެވެ. މަރު ފިޔަވައި އެހެން އެއްވެސް ބާރަކަށް އަޅުގަނޑުމެން ވަތްކެއް ނުކުރެވޭނެއެވެ.]
[އެންމެރަނގަޅެވެ. ﷲ ތިޔައިގެ ދެކުދިން އުފަލުގައި ލަހައްޓަވާށިއެވެ.] ޠާހިރުގެ ބަސް ގަބޫލުކުރިކަމުގެ ހެތްކެއްގެ ގޮތުން، މަންމަ ހިނިތުންވެލިއެވެ.
ވީހާ އަވަހަކަށް ނާޖީއާ ކައިވެނި ކުރުމަކީ އޭނާގެ އެންމެ ބޮޑު އެދުމެވެ. ވީމާ، ވަގުތު ނަގާނުލައި އޭނާ ޝަހަރަށްގޮސް ހަމަހިމޭން ހިސާބަކުން ކުޑަ ގެއެއް ކުއްޔަށް ހިފައިފިއެވެ. އަލްޙަމްރާފަދަ ތަނަވަސްކަމާއި އުފާފާގަތިކަން ނެތްނަމަވެސް، ދިރިއުޅުމަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހޯދައި، އެންމެ އެކަށީގެންވާގޮތުން އޭނާ ގޭތެރެ ޒީނަތްތެރި ކުރިއެވެ. ނާޖީ ބަލަހައްޓައި، އޭނާއަށް ޒަމާނުގެ ތަހުޒީބީ ދިރިއުޅުން ދަސްކޮށްދޭނެ އަންހެނަކު ހޯދިއެވެ. ދެބައިއުމުރަށްވުރެ މައްޗަށް ގޮސްފައި އިން އެ އަންހެންމީހާ ވަރަށް އަވަހަށް ދިރިއުޅުމުގެ އަދަބުތަކާއި ފާޑުވެރިކަން، ނާޖީއަށް ދަސްކޮށްދޭނެކަމަށް ބުނެ ވަޢްދުވެފައި އޭނާއާ ހަވާލު ކުރެވިފައިވާ މަސައްކަތާއިގެން ކުރިމަތިލިއެވެ.
މިހުރިހާކަމެއް އިންތިޒާމު ކުރުމަށްފަހުގައި ޠާހިރުގޮސް އާޞިފުގެ އަނބިމީހާގެ ގާތުގައި ބުނެގެން ނާޖީއަށްޓަކައި ކައިވެނީގެ ހެދުމާއި އޭގެފަހުން ބޭނުންކުރާނެ އާ ޑިޒައިންތަކުގެ ތަފާތު ވައްތަރުގެ ހެދުންތައް ހޯދިއެވެ. އަގުބޮޑު ގަހަނާތަކާއި ޒީނަތްތެރިވުމަށްޓަކައި ބޭނުންކުރާ ހުރިހާ ސާމާނެއް ގަނެ އެއްކުރިއެވެ. އޭގެފަހުން ދެން އައި ހެޔޮދުވަހެއްގެ ހެޔޮ ސާޢަތެއްގައި، އެންމެ އެކުވެރި އާޞިފާއި ގާތް ރަޙްމަތްތެރިންކޮޅެއް ގޮވައިގެން ނާޖީމެންގެ ގެއަށްގޮސް ހަމަހިމޭންގޮތެއްގައި، ނާޖީއާއި ޠާހިރު ކައިވެނި ކޮށްފިއެވެ. ރީތި ލޫޅާފަތި ނާޖީ، ޒުވާން ޠާހިރުގެ އަންބަކަށް ވެއްޖެއެވެ. އެންމެ ގުޅޭ ޖޯޑު، އެކަކު އަނެކަކާ ގުޅި ލާމެހިއްޖެއެވެ. އާ ކާވެނީގެ ރަތް ފަށުވި ހެދުމުގައި ނާޖީގެ ރީތިކަން ހާސްގުނައަށް އިތުރުކޮށްފައިވެއެވެ. ރަނުގެ ވިދާ ބަބުޅާ ގަހަނާތަކުން ނާޖީގެ އެ ރީތިކަން، ހަނދުފަދައިން ވިދުވާލާފައިވެއެވެ.
ކޮންމެއަކަސް ކައިވެނީގެ ފަހުގައި މަންމަގެ ހެޔޮދުޢާތަކާ އެކުގައި އެކުވެރި ކުދިންގެ ވަދާޢީ ރާގުތަކުގެ ޖާދޫގައި ވަކިވުމުގެ ހިތާމައިން އޮހެމުންދިޔަ ކަރުނައިގެ މުތީތަކުގެ ވިދުވަރުގައި، ލަދުގަހުގެ ޅަ އޮފިކޮޅެއް ފަދައިން ޠާހިރާ އެކުގައި އެމީހުންގެ އާ ގެއަށް ނާޖީ ހިނގައްޖެއެވެ.
ނާޖީއާއި ޠާހިރު އެމީހުންގެ ލޯބީގެ މީރުވަހުން އެއްވަސްވެފައިވާ ރޭދުވާތައް ވޭތުކުރަމުންދެއެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، އެމީހުންގެ ހިތުގައި ފެވިފައިވާ ލޯބީގައި ކުލަޖެހެމުން ދިޔައެވެ. ކުރީގައި ނާޖީއަކީ ނުފޮޅޭ މަލެކެވެ. ނަމަވެސް، މިހާރު އޭނާއަކީ ޒުވާންކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ރީތިކަމާއި ޖާޒްބިއްޔަތުގެ މުޖައްސިމާއެކެވެ. އެފަދަ އަގުބޮޑު ނިސްވާނީ ޖަވާހިރެއް ހާސިލު ކުރެވުނުކަމަށްޓަކައި ޠާހިރަކީ ދުނިޔޭގައިހުރި އެންމެ ހެޔޮ ނަސީބުވެރިޔާ ކަމުގައި އޭނާ ދެކެއެވެ. ކޮންމެއަކަސް މިހާރު އެމީހުންގެ ޙަޔާތުގައި ވަނީ ދުވަހަކު ނިމުމެއްނުވާ އުފާތަކެވެ. މިގޮތުގައި ނުހަނު ބާއްޖަވެރި ދުވަސްތަކަކަށްފަހުގައި، އެމީހުންގެ ޙަޔާތުގެ ޤުލްޝަނުގައި އެންމެ ފުރަތަމަ މާފޮޅެން ތައްޔާރުވެއްޖެކަން އެނގުނު ދުވަހު، އެމީހުންގެ އުފާތައް އިންތިހާއަށް ދިޔައެވެ. ނާޖީއަށް ހެޔޮދުޢާކޮށް، އޭނާގެ ނަމުގައި ޠާހިރުގެ އަމިއްލަ އަތުން ޞަދަޤާތްކޮށް ހެދިއެވެ.
ދުވަސްތައް މަސްތަކަށް ބަދަލުވަމުންގޮސް، ޠާހިރު އަލްޙަމްރާއިން ވަކިވެގެންއައިތާ ގާތްގަނޑަކަށް ދިހަމަސްފުރެން އުޅެނީއެވެ. އެދުވަސްތަކުގެ ތެރޭގައި އެންމެ ލޯބިވާ ދަރިފުޅުގެ ވަކިވުން، ނަވާބު ފާރޫޤު ޢަލީ ޚާނުގެ ހިތުގެ ބައްޔެއްކަމުގައި ވެއްޖެއެވެ. ކުރީކޮޅުގައި އެކަންއޮތީ އާދައިގެ ބައްޔެއްގެ ގޮތުގައެވެ. ނަމަވެސް، ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، ބަލި ބޮޑުވަމުންގޮސް، މިހާރު އޭނާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ހިނގައްޖެއެވެ. ކުރާ ބޭހަކުން، ދެވޭ ފަރުވާއަކުން އަސަރެއް ނުކުރެއެވެ. ޑޮކްޓަރުންނާއި ޙަކީމުންގެ ފިކުރުތައް ކޮޅުންލައިފިއެވެ. ޙަޔާތުގެ ކޮންމެ ހިނދުކޮޅެއް، މަރުގެ ކަޅު ހިޔަނިތަކާ ގުޅެމުންދާން ފަށައިފިއެވެ. އަލްޙަމްރާގެ އުޖާލާކަން ކެނޑި، މުޅި މާޙައުލުގައި ހިތާމައިގެ އަސަރުތައް އެކުލަވައިފިއެވެ. އެންމެންގެ ހިތްތަކުގައި ޒާތެއްގެ ބިރުވެރިކަމެއް އުފެދިއްޖެއެވެ. ފާރޫޤު ޢަލީ ޚާން ފޭހުނު އިލޮށިގަނޑު އޭނާގެ ލޮލަށް ހެރި ނިމިއްޖެއެވެ. ނަމަވެސް، ޠާހިރުގެ ޙަޔާތަށް ކުޑަވެސް ގެއްލުމެއް ނުލިބެއެވެ. ނާޖީއާ އެކުގައި އުފާފާގަތިކަމުގައި އޭނާ ދިރިއުޅެމުން ގެންދެއެވެ.
ދަރިފުޅު ވަކިވެދިއުމުގެ ހިތާމަ، ފާރޫޤު ޢަލީ ޚާނުގެ ހިތް ކުދިކުދި ކުރަމުން ލޭއޮހޮރުވަމުން ދިޔަނަމަވެސް، ހަމަހޭގައި ހުންނަވައިގެން އޭނާ ޠާހިރުގެ ނަންވެސް ކިޔާނުލައްވައެވެ. އެކަމަކު ޚަބަރު ހުސްވެފައި އޮންނަވާއިރު އަބަދުވެސް އޭނާގެ ދުލުން ޠާހިރުގެ ނަން ކިޔުއްވައެވެ. އާދައިގެގޮތެއްގައި މިހާރު އޭނާ ގިނައިން އޮންނަވަނީ ޚަބަރު ހުސްވެފައެވެ. ކޮންމެއަކަސް އޭނާގެ ޙާލު އެހާތަނަށް ދިއުމުން ޠާހިރު އަނބުރާ އަލްޙަމްރާއަށް ގެނައުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި ޚާންދާނުގެ ބަސްކިޔާ ހުރިހާ މެންބަރުންނަށް ގަބޫލު ކުރެވިއްޖެއެވެ. އެކަމުގައިވެސް އެންމެ ކުރިއަށްހުރީ ސޭފޫއެވެ. ނަމަވެސް، ޙުސްނުބާނޫގެ ހުއްދައެއްނެތި އެ ޚަބަރު ޠާހިރަށް ދިނުމަކީ އެއްވެސްމީހަކަށް ކުޅަދާނަކަމަކަށް ނުވިއެވެ. އެހެންކަމުން، އެންމެން މަޝްވަރާކޮށްފައި އެކަން ޙުސްނުބާނޫއަށް ހުށަހަޅައިފިއެވެ. އެވަގުތު ޙުސްނުބާނޫ ރުޅިއައިސް ރަތްވެގެން އެކަމާ އިންކާރުކޮށް އެމީހުންގެ އެދުން އަނބުރާ ރައްދުކޮށްފިއެވެ. ބޭރުފުށުގެ ހައިބަތުކަމަށްޓަކައި އެންމެފަހަރަކުވެސް އަލްޙަމްރާއަށް ޠާހިރު ގެނައުމަކީ އޭނާ ރުހޭކަމަކަށް ނުވިއެވެ.
[މިއީ ރުޅި އިސްކުރަންވީ ވަގުތެއް ނޫނެވެ. ޙުސްނުބާނޫއެވެ. މިއީ ދެކޮޅުވެރިކަން ހަނދާން ނައްތާލާފައި ޞުލްޙަވާންވީ ވަގުތެވެ.] ޙުސްނުބާނޫގެ ދެކޮޅުހެދުމަކީ އޭނާގެ ބޭބެއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ.
[ދެން އޭނާ ގެނައުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟]
[ފާރޫޤުގެ ޙާލާ ދޭތެރޭގައި ވިސްނާލަބަލާށެވެ.]
[އެ ޙާލު ޖެހުނީ، އެ ނުލަފާ ދަރީގެ ސަބަބުންނެވެ. ވީއިރު، ހުރިހާކަމެއް ކޮޅުންލީމާ އޭނާއަށް އާދޭސްކުރަންވީ ކީއްކުރަން ހެއްޔެވެ؟]
[ޚަބަރު ހުސްވެފައި އޮންނަވާއިރު އަބަދުވެސް އޭނާގެ ދުލުން ކިޔުއްވަނީ ޠާހިރުގެ ނަމެވެ. އެ ގޮވާލެއްވުމުގައި ހާދަހާ ފުން ރިހުމެއް އެކުލެވިފައިވެއެވެ.]
[ދެރަގޮތެއް މެދުވެރިވުމުގެ ކުރިން އޭނާގެ ހިތުގެ އެދުން ފުރިހަމަކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.] ބުއްދިވެރި މެންބަރަކު ޚިޔާލު ފާޅުކުރިއެވެ.
[ޠާހިރާ ބައްދަލުވުމަށްޓަކައި ނަވާބު ސާހަބުގެ ހިތް ތެޅެނީއެވެ.] ދެއަތް ދެއަތަށް މޮޑެމުން ސޭފޫ ބުންޏެވެ.
އެންމެންވެގެން މަޖުބޫރުކޮށްގެން، އަލްޙަމްރާއަށް ޠާހިރު ގެނައުމާ ދޭތެރޭގައި ޙުސްނުބާނޫގެ ރުހުން ހޯދައިފިއެވެ.
[ސޭފޫއެވެ. ކަލޭގޮސް ޠާހިރު ގޮވައިގެން އަންނާށެވެ.] ޙުސްނުބާނޫގެ ބޭބެ ސޭފޫއަށް އަމުރު ކުރިއެވެ.
[އެންމެރަނގަޅެވެ. ސޭފޫއެވެ. އޭނާ ބަލާ ކަލޭ ދާށެވެ. އެކަމަކު ހަނދާންކުރާށެވެ. އޭނާއާ އެކުގައި އެ ޑައިނު އަޔަދީގެން ނުވާނެއެވެ.] ހިތި އެއްޗެއް ދިރުވާލާފަދަ ގޮތަކަށް ހިންދިރުވާލަމުން ޙުސްނުބާނޫ ބުންޏެވެ.
[އެކަމަކު ސާހިބާއެވެ…..] އެއްޗެއް ބުނުމުގެ ބޭނުމުގައި ސޭފޫ އަނގަ ހުޅުވާލިއެވެ. ނަމަވެސް، އޭގެކުރިން ޙުސްނުބާނޫގެ ރުޅިވެރި އަޑު ގުގުމާލިއެވެ.
[އެއްވެސްމީހަކު ހަމްދަރުދީވާނެ ކަމެއްނެތެވެ. އަންނަން ބޭނުމިއްޔާ އޭނާ އެކަނި އަތުވެދާނެއެވެ. އެހެންނޫނީ އަންނާނެކަމެއް ނެތެވެ. އެ ނުލަފާ އިބްލީސް، އަލްޙަމްރާގެ ހަތަރުފާރުން އެތެރެއަށް ވެއްދުމަކީ އަހަރެންނަށް ކެތްކުރެވޭނެ ކަމެއްނޫނެވެ.]
ނަވާބު ފާރޫޤު ބަލިވެ އުޅުއްވާ ޚަބަރު އާޞިފާއި އެހެންވެސް ރަޙްމަތްތެރިންގެ ފަރާތުން ޠާހިރަށް ލިބެމުންދެއެވެ. މިގޮތުން ބައްޕަގެ ބަލިޙާލު ބޮޑުވަމުންދާކަން އެނގުނުވަރަކަށް، އޭނާގެ ހިތުގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. އެންމެފަހަރަކު ނަމަވެސް ބައްޕަ ދެކެލުމަށްޓަކައި އޭނާގެ ކެތްތެރިކަން ކުޑަވަމުން ދިޔައެވެ. ނަމަވެސް، އެ މަޤްޞަދުގައި އަލްޙަމްރާއަށް ދިއުމަކީ އޭނާއަށް ކުޅަދާނަކަމަކަށް ނުވެއެވެ. އޭނާއާ ދޭތެރޭގައި ގޭގެ މީހުންގެ ޚިޔާލު ހުރިގޮތް އޮޅުންފިލާފައިވާތީ، އެފަދަ ހިތްވަރެއް ކުރާކަށް އޭނާއަކަށް ނުކެރެއެވެ. އެކަނި ދަނީނަމަ، އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް، އޭނާ ބޭނުންވަނީ ނާޖީވެސް ގޮވައިގެން ދިއުމަށެވެ. ވީމާ، އަދިވެސް އޭނާ ކެތްކޮށްލައިގެން ހުރީއެވެ. ނާޖީ ގޮވައިގެން ހިނގައްޖެނަމަ، އަލްޙަމްރާއަށް ޤިޔާމަތެއް ލައިގަތުމެކޭ އެއްފަދަވާނެއެވެ. އެންމެ ކުޑަމިނުން ނާޖީގެ ނަން އަޑުއަހާކަށްވެސް އަލްޙަމްރާގެ މީހުން ބޭނުމެއް ނޫނެވެ. ވީއިރު، އެފަދަ ތަނަކަށް ޠާހިރުވެސް ދާކަށް ބޭނުމެއް ނޫނެވެ.
އެދުވަހުގެ ހަވީރު އާޞިފުގެ ގެއިން އެނބުރި އައިއިރު އޭނާ ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. އެއްކޮޅުން ބައްޕަގެ ޙާލު އެހާބޮޑެވެ. އަނެއްކޮޅުން އާޞިފުގެ ކުރިމަތީގައި ނާޖީއޭ ކިޔައިގެން އަލްޙަމްރާގެ މީހުން ދައްކާ ވާހަކަތައް އެހާ ނުބައެވެ. އެންމެފަހުން ޠާހިރު ނުހަނު ބޮޑަށް ވިސްނައި ފިކުރުކޮށްފައި، އަލްޙަމްރާއަށް ދަނީނަމަ ނާޖީ ގޮވައިގެންނޫނީ ނުދިއުމަށް ޢަޒުމް ކަނޑައެޅިއެވެ. ވަގުތުގެ ނާޒުކުކަމަށް ވިސްނާފައި، މައިންބަފައިންގެ ހިތް މަޑުވެ، ނާޖީއަށް ޙައްޤު މަގާމު ލިބުމުގެ އުންމީދުގައި އޭނާ އިންތިޒާރު ކުރަމުން ދިޔައެވެ.
ހަމައެދުވަހު އާޞިފުގެ ގެއިން އެނބުރި އައިތަނާ އޭނާ ބަލާ ސޭފޫ އަތުވެއްޖެއެވެ. ނަވާބު ފާރޫޤުގެ ބަލިޙާލު ބަޔާންކޮށްދީފައި ޠާހިރުގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށް، ނުހަނު ނިކަމެތިކަމާއެކު ސޭފޫ އާދޭސްކުރިއެވެ.
[ދަރިފުޅާއެވެ. މިއީ ރުޅި އިސްކުރަންވީ ވަގުތެއް ނޫނެވެ. މިހާރުވެސް ބައެއް ބައެއްފަހަރު ނަވާބު ސާހަބު ލޯހުޅުއްވަވަނީ ދަރިފުޅު ދެކެލެއްވުމުގެ އުންމީދުގައިކަންވެސް ނޭނގެއެވެ. އޭގެފަހުން ވާނެގޮތެއް ދެނެވޮޑިގެންވާނީ ﷲ އެވެ.]
މާކުރިއްސުރެ ބައްޕަގެ ޙާލާމެދު ކަންބޮޑުވެ ހާސްވެފައިހުރި ޠާހިރަށް އެ ޚަބަރުތައް ލިބުމުން ވަރަށް ބޮޑަށް ދެރަވިއެވެ. ހިތް ތެޅެންފެށިއެވެ. ޝައްކެއްނެތެވެ. އަލްޙަމްރާގެ މީހުން އޭނާގެ ގާތަށް ސޭފޫ ފޮނުވިކަން އެއީ ޙާލަތުގެ ނުރައްކާތެރިކަން އަންގައިދޭ ފުރިހަމަ ހެތްކެކެވެ. މިހާރު އަވަހަށްގޮސް، ކުރެވުނު ކުށަށް ބައްޕަގެ ކިބައިން މާފަށް އެދުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ހިތާމައާއެކު ޠާހިރު ވިސްނާލިއެވެ.
[ސޭފޫއެވެ. މަޑުކޮށްލާށެވެ. ނާޖީ ތައްޔާރުވެލުމަށްޓަކައި ވަގުތުކޮޅެއް ބޭނުމެވެ.] އެތެރެއަށް ހިނގައިގަންނަމުން ޠާހިރު ބުންޏެވެ.
[ނަމަވެސް….. މިވަގުތު….މިވަގުތު….]
[ބުނަން ތިޔައުޅެނީ ކީކޭހެއްޔެވެ؟ ސޭފޫއެވެ.]
[ވީހާއަވަހަށް ދަރިފުޅު އެކަނި ދިޔައީވިއްޔާ ހެޔޮކަން ބޮޑެވެ.] ޖެހިލުންވެގެންހުރެ ސޭފޫ ބުންޏެވެ.
[އަހަރެންނާ އެކުގައި ނާޖީވެސް ދާނެއެވެ.] އެންމެފަހުގެ ނިންމުން ޠާހިރު އިއްވިއެވެ.
ޠާހިރު ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލައިގެން އޮތް ނާޖީއަށް ބައްޕަގެ ޙާލުގެ ވާހަކަ ކިޔައިދީފައި ސޭފޫ ބަލާއައިސް ހުރިކަމުގައި ބުނެފިއެވެ.
އަލްޙަމްރާގައި ދިރިއުޅޭ ނަވާބުންތަކާއި އެމީހުންގެ އަނބިދަރިންދެކެ ބިރުގެންފައި ހުރިނަމަވެސް، ޠާހިރާ އެކުގައި ދިއުމަށް ނާޖީ އެއްބަސްވެއްޖެއެވެ. ޠާހިރަކީ އޭނާގެ ޙަޔާތުގެ ބައިވެރިޔާއެވެ. އަލްޙަމްރާއަށް ދާތަނުން އެމީހުން ޠާހިރު އަޔަނުދީފިނަމަ އޭނާއަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. ތައްޔާރުވަމުން ދިޔައިރު ނާޖީގެ ހިތަށް މިކަހަލަ ޝައްކުތަކެއް ވެރިވަމުން ދިޔައެވެ.
ނާޖީ ގޮވައިގެން ޠާހިރު ބޭރަށް ނުކުތުމުން، އެ ބީރަށްޓެހި އަންހެންކުއްޖާގެ ރީތިކަން ފެނިފައި އިންކާރުކުރުމުގެ ގޮތުން އެންމެ ލަފުޒެއްވެސް ނުބުނެވުނެވެ. އޭނާ އަދަބުވެރިކަމާއެކު ގޮސް އެ ބޮޑު ޝާހީ ކަޅު ކާރުގެ ފަހަތުސީޓުގެ ދޮރުފަތް ހުޅުވާލާފައި އެމީހުން އެރުމަށް ތަންދެއްކިއެވެ. ދެން އޭނާގޮސް ޑްރައިވަރު ސީޓުގައި އިށީނދެ، އަލްޙަމްރާއާ ދިމާއަށް ކާރު ދުއްވާލައިފިއެވެ.
ކިއްލާއާއި ކިއްލާގެ ދިރިއުޅުމަކީ ނާޖީގެ ޚިޔާލާ މާދުރުގައިވާ ކަމެކެވެ. އެއްވެސް ޙާލެއްގައި އޭނާއަކީ އަލްޙަމްރާއާ އެކަށީގެންވާ މީހެއް ނޫންކަމުގައި ޚުދު އޭނާ ގަބޫލު ކުރެއެވެ. ކޮންމެއަކަސް، ބިރުން ހުރެގެން ޠާހިރާ އެކުގައިގޮސް އަލްޙަމްރާއަށް ވަން ވަގުތު، އޭނާގެ ހޭބުއްދި ފިލައިގެން ނުދިޔައީ ކިރިޔާއެވެ. އެ ބޮޑު ކިއްލާގެ ހައިބަވަންތަކަމާއި ޤަދަރުވެރިކަން ފެނުމުން، އޭނާގެ ނޭވާހާސްވިއެވެ. ބިރުންގޮސް ފިތްކަނޑައިގެން ދާވަރުވިއެވެ. އެއާޚިލާފަށް އެ މާޙައުލަށް ދެވުމުން، ޠާހިރުގެ ހިތް މަޑު ފުށްކޮޅަކަށްވެގެން ދިޔައެވެ. މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި ގާތްތިމާގެ މީހުންގެ ލޯބީގެ ހޫނުން އޭނާގެ ހިތް ވިރެމުންދާން ފަށައިފިއެވެ. ނާޖީވެސް ތިރީތުންފަތުގައި ދައިގަނެގެންހުރެ، ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ހިފަހައްޓަމުން، ޠާހިރުގެ ފަހަތުން މަޑުމަޑުން ހިނގާފައިދެއެވެ.
އެމީހުން ފެންޑާގެ ހަރުފަތްތައް ހުރަސްކޮށްފައިގޮސް ގޭތެރެއަށް ފައިއެޅިތަނާ، މެދުދޮރުގެ ފަރުދާ ހިއްލާލާފައި ޙުސްނުބާނޫ ބޭރަށް ނުކުމެއްޖެއެވެ. އެއީ ދިމާވި އިއްތިފާޤެކެވެ. އެވަގުތު އެހާ ކުއްލިގޮތަކަށް މަންމަ ފެނުމުން، ޠާހިރަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ތެޅިގެންފައި ދުވެގޮސް މަންމަގެ ގައިގައި އޮޅުލައިގެންފައި ރޮއިގެންފިއެވެ.
[މަންމާއެވެ.] އެއީ ހިތާމަވެރި ވަގުތުކޮޅެކެވެ. މަންމައާއި ދަރިފުޅުގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެން ފަށައިފިއެވެ. ހިތް ހަރު ޙުސްނުބާނޫގެ ހިތްވެސް އުށްކޮޅެއް ފަދައިން މަޑުވެއްޖެއެވެ. މައިވަންތަކަމުގެ ލޯބި، ކަރުނައަށްވެގެން ޠާހިރުގެ ގަމީސް ތެންމަން ފަށައިފިއެވެ. އެ މަންޒަރު ފެނުމުން ނާޖީގެ ރީތި ދެލޮލުންވެސް ކަރުނަތައް އޮހިގެންފިއެވެ. ފަހަތުގައިހުރި ސޭފޫވެސް، ކުރުތާގެ ފަސްބައިން ލޯފޮހެލިއެވެ. ފެންޑާގެ ތެރެއިން ރުއިމާއި ގިސްލުމުގެ އަޑު އިވެންފެށުމުން، ވަށައިގެންހުރި ދޮރުތަކުގެ ފަރުދާތައް މަޑުމަޑުން ހިއްލެން ފަށައިފިއެވެ. އެދޭތެރެއިން ތަފާތު ސޫރަތައް ފެންނަން ފަށައިފިއެވެ. އަންޖަމަން، އާރާ، ޙުސްނުއާރާ، ސަޢުދިއްޔާ، ފަޚްރު، އަޒްހަރު، އަދިވެސް ކިތަންމެ ބައެއް، އައިނައި ދިމާއެއް ނޭނގޭފަދަ ގޮތެއްގައި ފެންޑާގެ ތެރެއަށް ނުކުމެއްޖެއެވެ. ވަރަށް ކުޑަހިނދުކޮޅެއްގެ ތެރޭގައި އެ ބޮޑު ޚާންދާނުގެ އެންމެން އެތަނަށް ޖަމާވެއްޖެއެވެ. ބިރުގެންފައިހުރި ނާޖީ، ސަންގުމަރުމަރު ހިލައިގެ ތަނބެއްގައި ލެނގިލައިގެން، ތަންކޮޅެއް ދުރުގައި ހުއްޓެވެ. އެންމެން އެންމެނަށް ޠާހިރު ވަށާލައިގެން ވާހަކަ ދައްކަމުންދާއިރު، އެކިމީހުން ވަކިވަކިން ނާޖީއާ ދިމާއަށް ކަޅިއަޅަމުންދެއެވެ. އޯގާތެރި ބެލުމާއި، އިޚްލާޞްތެރި ބަސްމޮށުމަށް އާދަވެފައިހުރި ނާޖީއަށް، އެ ވިހަ ބެލުންތަކުން އުނދަގޫތަކެއް ލިބެމުންދެއެވެ. ނަމަވެސް، އޭނާ ކެތްތެރިކަމާއެކު އެ މަންޒަރު ބަލަން ހުއްޓެވެ.
އެތަނަށް އަނގަ ގިނަވި ވަރަކަށް، ވާހަކަތައް ގިނަވެ، ހޯބޯލެވުން ގަދަވާން ފަށައިފިއެވެ. އެގޮތުގައި ހިނދުކޮޅެއް ވޭތުވެގެން ދިޔަތަނާ، ވަޤާރު އަޙްމަދު ފަރުދާ ހިއްލާލާފައި އެތަނަށް ނުކުމެ، އިޝާރާތުން އަޑު މަޑުކުރުމަށް އަންގައިފިއެވެ. ނަވާބު ފާރޫޤު އެފަދަ ބަލިޙާލުގައި އޮންނަވަނިކޮށް، ގޭތެރޭގައި އަޑުގަދަ ކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް ބުނެ ވިސްނައިދީފައި، އެކިމީހުން އެކިދިމާއަށް ފޮނުވާލައިފިއެވެ. މިހާރު ޠާހިރު ފިޔަވައި އެހެންމީހަކު ނެތިއްޖެއެވެ.
[ހިނގާށެވެ. ދަރިފުޅާއެވެ.] ވަޤާރު އަޙްމަދު މަޑުމަޑުން ޠާހިރުގެ ކޮނޑުމަތީގައި އަތް ބާއްވާލާފައި ބުންޏެވެ.
[އެންމެ ފުރަތަމަ ބައްޕަގެ ޙާލު ދުށުމަށް އަޅުގަނޑު ބޭނުމެވެ.] ކަރުނަވީ އަޑަކުން ޠާހިރު ބުންޏެވެ.
[ކަލޭ އެކަނި އަންނާށެވެ. ގިނަމީހުން އެތަނަށްގޮސް އަޑުގަދަ ކުރުމުން ކަމަކު ނުދާނެއެވެ.] ޠާހިރުގެ އަތުގައި ވަޤާރު އަޙްމަދު ހިފާލިއެވެ. އެއީ ތިމާގެކަމުގެ ގޮތުން ޠާހިރުގެ ބޮޑުބޭބެއެވެ. މަންމަފަރާތުގެ ބޮޑުބޭބެއެވެ. [ޠާހިރު ދަރިފުޅާއެވެ. އެތަނަށްގޮސްފައި ކުޑަކޮށްވެސް ފިނޑިވެގެން ނުވާނެއެވެ. ފާރޫޤު ބޭބެގެ ޙާލު ވަރަށް ބޮޑެވެ. މި ދަނޑިވަޅުގައި ހިތްވަރު ކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ.]
ނަވާބު ފާރޫޤު ޢަލީ އޮންނެވި ކޮޓަރިއަށް ވަދެފައި، ކޮޓަރީގެ ދިމާމެދުގައިހުރި އެނދާ ދިމާއަށް ބަލައިލި ވަގުތު، ޠާހިރުގެ ހިތް ތެޅިގެން ދިޔައެވެ. އަލްޙަމްރާ ދޫކޮށްފައި އޭނާ ދިޔައިރު ފުރިހަމަ ޞިއްޙަތުގައި ހުންނެވި ފާރޫޤު ޢަލީ ޚާނުގެ ބިޔަ ހަށިގަނޑު މިހާރު އެވަނީ ހިކި އަނަރޫފަ ވެފައެވެ. އެންމެ ކުޑަމިނުން ލޯހުޅުވާލާނެ ވަރުވެސް އޭނާގެ ކިބަޔަކު ނެތެވެ.
[މާތް ބައްޕާއެވެ.] ޠާހިރު ދުވެފައިގޮސް ނަވާބު ފާރޫޤު ޢަލީ ޚާން އޮންނެވި އެނދުގެ ކައިރީގައި ކުޑަކަކޫ ޖެހުމަށްފަހު، ފާރޫޤުގެ މޭގައި އޮޅުލައިގަންނަމުން ރޮއިގެންފިއެވެ. ވާނީވެސް އެހެންނެވެ. މީހަކު ކިތަންމެ ނަސޭހަތެއް ދިންނަމަވެސް ނުހަނު ލޯބިވާ ލޯބިވެތި ބައްޕައެއްގެ އުމުރު ހުސްވަމުންދާ މަންޒަރު ފެނުމުން، ފުރިހަމަ ދަރިއަކަށް ކެތެއް ނުކުރެވޭނެއެވެ. އަމުދުންވެސް ޠާހިރުފަދަ މައިންބަފައިންދެކެ ލޯބިވާ ދަރިއަކަށް ވާނީ ކިހިނަކުންތޯއެވެ؟ އޭނާ ހޭބުއްދި ފިލާހިނގައްޖެއެވެ. ވަކިގޮތެއް ނުބަލައި އޭނާ ފާރޫޤުގެ ގައިގައި އޮޅުލައި ބޮސްދީ ހަދަން ފަށައިފިއެވެ. އަމިއްލަ ހިތުގެ ލޯތްބަށްޓަކައި ވަގުތީގޮތުން އެގެއިން ދިޔަނަމަވެސް، ޠާހިރަކީ އަޚްލާޤު ރަނގަޅު، މާތް ދަރިއެކެވެ. ހަރުދަނާ ފިރިހެނެކެވެ. އޭނާގެ އެހުންނަ ކެރޭ ފިރިހެންގޮތަކީ، ގޮތްދޫނުކުރުން ކަމުގައި އެންމެން ދުށްނަމަވެސް، އޭނާގެ އެ ސިފައަށް، ނަވާބު ފާރޫޤު ޢަލީ އަބަދުވެސް ތާއީދު ކުރައްވައެވެ. ނަވާބުގެ ހިތުން ޚާއްޞަ މަގާމެއް ހޯދައި، އެއީ ނަވާބުގެ ރަންދަރިފުޅު ކަމުގައި ވެފައިވަނީވެސް، އޭނާގެ ކިބައިގައި އެހުންނަ، ގަބޫލު ސިފަތަކެއްގެ ސަބަބުންނެވެ.
[ބައްޕާއެވެ. އަޅުގަނޑަށް މާފުކުރައްވާށެވެ.] ކަށީގެ އޮނިގަނޑެއް ފަދައިން ހިކި އަނަރޫފަވެފައި އޮންނެވި ނަވާބު ފާރޫޤުގެ މޭމައްޗަށް ޠާހިރުގެ ލޮލުން ފައިބާ ކަރުނަތައް އޮހެމުން ދެއެވެ.
[ޠާ___ ހިރު____ ދަރިފުޅާ___] ފާރޫޤުގެ ހޭހުރި ވަގުތެއްކަމުން، ބަލިބަލި އަޑަކުން އޭނާ ޠާހިރުގެ ނަން ކިޔާލެއްވިއެވެ. [ތިޔައީ އަހަރެންގެ ޠާހިރު ހެއްޔެވެ؟ ދަރިފުޅު އައީހެއްޔެވެ؟]
[ލައްބައެވެ. އަޅުގަނޑުގެ މާތް ބައްޕާއެވެ. އަޅުގަނޑު އައީއެވެ. ބައްޕާއެވެ. މި ފާފަވެރި ދަރިފުޅަށް މާފުކޮށްދެއްވާށެވެ.]
[އަހަރެންގެ ދަރިފުޅާއެވެ. އަހަރެން ތިޔަ ދަރިފުޅަށް މާފުކޮށްފީމެވެ. ދަރިފުޅުވެސް މި ބައްޕައަށްޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ. ޙައްޤުނޫން ޝަޒާތަކެއް ދަރިފުޅަށް ދެވުނުކަމަށްޓަކައި، ﷲ މި ބައްޕައަށް ޢަފޫކުރައްވާތޯ ދެއަތް އުލުފައިގެން ދުޢާކޮށްދޭށެވެ. ފާރޫޤު ޢަލީގެ ތުރުތުރުއަޅައަޅާ އޮތް ބަލިބަލި އަތުން ޠާހިރުގެ ގައިގައި އޮޅުލައިގެންފިއެވެ. އެ ހިތާމަވެރި މަންޒަރު ފެނުމުން، ވަޤާރު އަޙްމަދުގެ ލޮލުންވެސް ކަރުނަ އައެވެ.
ކުއްލިއަކަށް އެ ލިބުނު މަތިވެރި އުފަލަކީ، ނަވާބު ފާރޫޤު ޢަލީގެ ބަލިކަށި ހިތަށް ލިބުނު ވަރަށް ބޮޑު ޝޮކެއް ކަމުގައިވިއެވެ. ވަރަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ނޭވާކުރުވެ، މުޅި ހަށިގަނޑުގައި ފާޑެއްގެ ތުރުތުރެއް އުފެދިއްޖެއެވެ. މޫނުމަތިން ޚަބަރު ހުސްވުމުގެ ޢަލާމާތްތައް ފެންނަ ފަށައިފިއެވެ. އެވަގުތު ވަޤާރު އަޙްމަދު އަވަސް އަވަހަށް ރަނގަބީލު ޖަހައިފިއެވެ. އެ އަޑަށް، ޖެހިގެންހުރި ކޮޓަރީގައި އިން ފެމިލީ ޑޮކްޓަރު ދުވެފައި އައިސް ނަވާބުގެ ވިންދާއި ލޭގެ ހިނގުން ބަލައި ޓެސްޓު ކުރުމަށްފަހު އޭނާއަށް ފަރުވާދޭން ފަށައިފިއެވެ.
ވަޤާރު އަޙްމަދާ އެކުގައި ޠާހިރު ދިއުމުން އެންމެން އައިސް ނާޖީ ވަށާލައިފިއެވެ. ނަފްރަތާއި މަލާމާތުގެ ވިހަ، އޭނާއާ ދިމާއަށް ފޮނުވަން ފަށައިފިއެވެ. އެވަގުތު ހިފަހައްޓާލުމަށްޓަކައި އޭނާގެ ކައިރީގައި ސަންގުމަރުމަރު ހިލައިގެ ތަނބު ނެތްނަމަ، އަރިއަޅާލައިގެން ވެއްޓުނީސްކަން ކަށަވަރެވެ.
[ސޭފޫއެވެ.] ބޭގަމް ސާހިބާ އެދިމާއަށް އަންނަމުން، ހައިބަވަންތަކަން އެކުލެވިފައިވާ އަޑަކުން ސޭފޫއަށް ގޮވާލިއެވެ.
[ލައްބައެވެ. ސާހިބާއެވެ.] އަދަބުވެރިކަމާއެކު ސޭފޫ ޖަވާބު ދިނެވެ.
[މީނާ ގެއަށް އައީ ކޮންބޭނުމެއްގައި ހެއްޔެވެ؟ ހީވާގޮތުން، މިއީ ޠާހިރުގެ އަނބިމީހާއެވެ.]
ސޭފޫ އެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ޑޮކްޓަރ ވަޙީދު އެތަނުގައި ފެންނަންހުރި އަދަދު ނުކުރެވޭހާ ގިނަ ދޮރުތަކުގެ ތެރެއިން ދޮރަކުން ނުކުމެގެންއައިސް އެތަނަށް ހުއްޓިއްޖެއެވެ.
[އޯގާތެރިކަމާއެކު ތިޔަބޭކަނބަލުން މިތަނުން ދުރުވާށެވެ. އަޑުގަދަވީމާ ބަލިމީހާއަށް އުނދަގޫވާނެވެ. އަރާމުކުރެއްވުމަކީ ނަވާބު ސާހަބަށް ކޮންމެހެން ބޭނުންކަމެކެވެ.]
[އެބުނުއްވީ ތެދެކެވެ. މިތަނުގައި މާބޮޑަށް އަޑުގަދަ ވެއްޖެއެވެ. އެފަރާތަށް ހިނގާށެވެ. މިތަނުގައި ވާހަކަ ދެއްކުން ކީއްކުރަން ހެއްޔެވެ؟ ބާރަށް ފިޔަވަޅެއް އެޅުންވެސް މަނާނޫން ހެއްޔެވެ؟] އެތަނުން ކޮންމެވެސް މީހަކު ޑޮކްޓަރުގެ ބަހަށް ތާއީދު ކުރިއެވެ.
[އާނ! އާނ! އެފަރާތަށް ހިނގާށެވެ.] ހުރިހާ އަޑުތައް އެކުލަވާލިއެވެ.
[ބައްޕަގެ ޙާލު މަންމައަށްވެސް އެނގިލައްވާނެއެވެ. ވީމާ، މިވަގުތު މަންމަވެސް، މަންމަގެ ކޮޓަރިއަށް ދުރުވާށެވެ. އެހެންމީހުންވެސް މިތަނުން ދާށެވެ. އެއްވެސް މީހަކަށް ނުވިސްނެއެވެ…. ތައުބާއެވެ.] އަންޖަމަން އާރާ ކުރިއަށް ޖެހިލާފައި ޙުސްނުބާނޫގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
ޙުސްނުބާނޫ ބަނޑުހައިގެންފައިވާ ސިންގާއެއް ފަދައިން، ނާޖީއާ ދިމާއަށް ކަޅުއަޅައިގެންފައި ކޮންމެވެސް އެއްޗެއް ކިޔަމުން ހިނގައިގެންފިއެވެ.
އިރުކޮޅެއްވީއިރު ސޭފޫއާއި އަންޖަމަން އާރާ ފިޔަވައި އެހެން އެންމެން އެތަނުން ހިނގައްޖެއެވެ. ޝައްކެއްނެތެވެ. ޠާހިރު އެކުރި ކަންތަކުގައި ކުށްވެރިއަކީ ހަމައެކަނި ނާޖީއެއް ނޫނެވެ. ވީއިރު، ނާޖީދެކެ ރުޅިއައިސްގެން އެއްޗެތިކިޔާ ހެދުމުގެ ބޭނުމެއްނެތެވެ. އަންޖަމަން އާރާ ވިސްނާލިއެވެ. އެއީ މުޅި އަލްޙަމްރާގައިހުރި އެންމެ ހިތްހެޔޮ، އިންސާނިއްޔަތުކަން ބޮޑު މީހާއެވެ. އޭނާއަށް ނާޖީގެ ލޯބިލޯބި މަޢްޞޫމް ސޫރަ ފެނުމުން، އެހެންމީހުންގެ ސަބަބުން ހިތުގައި އުފެދިފައިވާ ނުރުހުންތެރިކަންވެސް ފިލައިގެން ހިނގައްޖެއެވެ. އޭނާ ނުހަނު ލޯތްބާއެކު ނާޖީގެ ބުރަކަށީގައި ފިރުމާލާފައި، ހިނިތުންވެލިއެވެ.
[ކޮއްކޮއަށް ކިޔަނީ ކޮންނަމެއް ހެއްޔެވެ؟] ޤަދަރުވެރި އަލްޙަމްރާއިން އަންޖަމަން އާރާގެ އޯގާތެރިކަން ލިބުމުން، ނާޖީގެ ހިތް ފުރިގެން ދިޔައެވެ.
[ދަރިފުޅާއެވެ. ނަން ބުނާށެވެ.] އަންޖަމަން އާރާގެ ހަމްދަރުދީއާއި އޯގާތެރިކަން ފެނުމުން، ސޭފޫ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ. [މިއީ ޠާހިރުގެ ދައްތައެވެ.]
[އެއީ ތެދެކެވެ. ކޮއްކޯއެވެ. އަހަރެންނަކީ ކަލޭގެ ބޮޑު ފަހަރިއެވެ. ކަލެއަކީ އަހަރެންގެ ލޯބިލޯބި ކުޑަ ފަހަރިއެވެ.] އަންޖަމަން އާރާ، ނާޖީއާ ކަރާކަރުޖައްސާ ސަލާންކުރިއެވެ. [ލަދުނުގަނެ ކޮއްކޮއަށް ކިޔާ ނަން ބުނެދީބަލާށެވެ.]
ހުވަފެނެއްގައި އޮންނަ މީހަކު ފަދައިން ނާޖީ އަނގައިންވެސް ނުބުނެ، ޚިޔާލީގޮތަކަށް އަންޖަމަން އާރާއާ ދިމާއަށް ބަލަމުން ގެންދިޔައެވެ.
[އޭނާ އެހެރީ ބިރުގެންފައެވެ.] ސޭފޫ ބުއްދިވެރިއަކު ފަދައިން ބުންޏެވެ. [އަންޖަމަން ދަރިފުޅާއެވެ. އޭނާ ގެންގޮސް، ކޮންމެވެސް އަރާމު ތަނެއްގައި ބައިންދާށެވެ.]
[އާނ! ދޮގެއްނޫނެވެ. އެފަކީރު ކޮޅަށް ހުރެހުރެ ވަރުބަލިވެދާނެއެވެ. އަވަހަށް އަހަރެންނާ އެކުގައި ހިނގާށެވެ.] ނާޖީއަށް އަރާމު ހޯދައިދިނުމަށް އަންޖަމަން އާރާވެސް އަވަސްވެގެންފިއެވެ.
ޗާބީދިނީމާ ހަރަކާތްކުރާ ބުދެއް ފަދައިން، އަންޖަމަން އާރާގެ ފަހަތުން ނާޖީވެސް ހިނގައިގެންފިއެވެ. އެވަގުތު ނާޖީ ގޮވައިގެން އަންހެނުންގެ ބޮޑުފެންޑާއަށް ދާކަށް، އަންޖަމަން އާރާ ގަސްތެއް ނުކުރިއެވެ. މަންމަގެ ހަރުކަށިކަން އަންޖަމަން އާރާއަށް ރަނގަޅަށް އެނގެއެވެ. އެތަނުން ނާޖީ ފެނިއްޖެނަމަ، އެންމެންގެ ތެރޭގައި އެފަކީރު ލަދުގަންނަވައި، ނިކަމެތި ކޮށްލާކަށްވެސް މަންމަ ފަހެއްނުޖެހޭނެކަން ވިސްނެއެވެ. އެހެންކަމުން، ނާޖީ ގޮވައިގެން އޭނާ ދިޔައީ އަލްޙަމްރާގައި ޠާހިރަށް ޚާއްޞަ ކުރެވިފައިވާ ބަޔަށެވެ. އަދަދު ނުކުރެވޭހާ ގިނަ ހަރުފަތްތައް ގިރާކުރަމުން ގެލެރީއެއް ހުރަސްކޮށް، ރީތި ބޮޑު ކޮޓަރިއެއްގެ ތެރެއިންލާފައިގޮސް ދޮރަކުން އެތެރެއަށް ވަދެއްޖެއެވެ.
[ކޮއްކޯއެވެ. މިއީ ޠާހިރުގެ ކޮޓަރިއެވެ. ފުރަގަހުގައި މިހިރަ ދޮރު ހުޅުވާލާފައި ނުކުމެވޭނީ، ޠާހިރު ކޮއްކޮގެ ބައިގައި އޮންނަ ކުޑަ ބަގީޗާއަށެވެ.] ނުހަނު ލޯތްބާއެކުގައި ނާޖީގެ ކޮނޑުގައި ފިރުމާލަމުން ބުންޏެވެ. [ވަރުބަލިފިލުވާލުމަށް އަވަހަށް އިށީންނާށެވެ.] އަނގައިން ބުނަންވެސް ހަނދާންނެތިފައި އެއްފަހަރު އަންޖަމަން އާރާގެ މޫނަށް، އަނެއްފަހަރު ކޮޓަރިތެރެއަށް ބަލަން، ހައިރާންވެފައި ނާޖީ ހުއްޓެވެ. އެވަގުތު އޭނާގެ އަތުގައި ހިފާފައި ގަދަކަމުންކަހަލަ ގޮތަކަށް އެނދުގައި ބައިންދާފައި އޭނާގެ ކައިރީގައި އިށީންނަމުން އަންޖަމަން އާރާ ބުންޏެވެ. [ކޮއްކޯއެވެ. އެނދުގައި އޮށޯވެލާށެވެ. ޠާހިރު އުޅުނުއިރުވެސް މިތަން ބަލަހައްޓަވާގޮތަށް އޭނާ ދިޔަފަހުންވެސް މަންމަ މިތަން ބަލަހައްޓަވައި ސާފުކުރުވައި ހައްދަވައެވެ.]
އަންޖަމަން އާރާ އެކިއެކި ވާހަކަ ދައްކައިގެން ނާޖީގެ ހިތްހަމަޖައްސައިދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔަނަމަވެސް، އޭނާގެ ހިއްސުތައް ހަމައަކަށް އެޅޭގޮތެއް ނުވެއެވެ. އޭނާ ބިރުން ސިހިފައިވާ ފުއްލާއެއް ފަދައިން، އަންޖަމަން އާރާގެ އަތުގައި ހިފަހައްޓާލައިގެން އިނެވެ.
[ކޮއްކޮއަށް ވާހަކަ ދައްކަން ނޭނގެނީ ހެއްޔެވެ؟ އަދިވެސް ކޮއްކޮގެ ނަމެއް ނުބުނަމުއެވެ.]
[ނާޖީއެވެ.] ތުރުތުރުއަޅާ އަޑަކުން ނާޖީ ޖަވާބު ދިނެވެ.
[ޝުކުރު ހުއްޓެވެ. ކޮއްކޮގެ އަޑު އެހުމުން، ކަންފަތަށް ފިނިކަން ލިބިއްޖެއެވެ. މާތްކަލާކޯއެވެ. ސޫރަ ފަދައިން އަޑުވެސް ހާދަ ލޯބިވެތިކަން ބޮޑެވެ.]
ކަންބޮޑުވެފައި އިން ނާޖީ، މަޑުމައިތިރި ހިނިތުންވުމަކުން އޭނާގެ ރީތިކަން އިތުރުކޮށްލިއެވެ.
[ދެން އޮށޯވެލާށެވެ. ކޮއްކޮ މިހާރު އިންނާނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.] އަންޖަމަން އާރާ އާދޭސްކޮށްކޮށްގެން ނާޖީ އެނދުގައި ބާއްވައިފިއެވެ. ދެންވެސް ނުހަނު ގިނައިރުވަންދެން ނާޖީގެ ކައިރީގައި އެކިއެކި ވާހަކަދައްކަން އޭނާ އިނެވެ.
[ކޮއްކޮ އަރާމު ކުރާށެވެ. ދައްތަ އިހަށް ގޮސްބަލާނަމެވެ. ބައްޕަގެ ޙާލު ވަރަށް ބޮޑެވެ. ވީމާ، އަވަސް އަވަހަށް ބައްޕަގެ ޙާލު ބެލުމަކީ ކޮންމެހެން ބޭނުންކަމެކެވެ…..] ތެދުވެ ހިނގައިގަންނަން އުޅެމުން އަންޖަމަން އާރާ ބުންޏެވެ.
[ކަލާ…. ކަލާ…. ޠާހިރު ކޮބައިތޯއެވެ؟] އަންޖަމަން އާރާގެ އަތުގައި ބާރަށް ހިފަހައްޓަމުން ނާޖީ ބުންޏެވެ.
[ބިރުނުގަންނާށެވެ. މިތަނަކަށް އެހެން އެއްވެސް މީހަކު ނާންނާނެއެވެ. ޠާހިރު ވީ ބައްޕަގެ ކޮޓަރީގައެވެ. އޭނާ އަންނަންދެން ކޮއްކޮ އަރާމުކުރާށެވެ. އަދި އެ މާތް ބައްޕައަށް ރަޙްމަތް ލެއްވުމަށްއެދި ﷲ ގެ ޙަޟްރަތުގައި ދުޢާކުރާށެވެ.]
ޠާހިރުގެ ކޮޓަރީގައި އަންޖަމަން އާރާ ނާޖީގެ ހިތްހަމަޖައްސައިދެމުންދާއިރު، އަނެއްކޮޅުން އަންހެނުންގެ ބޮޑުފެންޑާގައި ޤިޔާމަތެއް ލައިގަތުމެކޭ އެއްފަދައެވެ. އެންމެންވެގެން އަޑުބައްދާލާފައި ނާޖީއާ ދިމާއަށް އެއްޗެތި ކިޔަނީއެވެ. ނަވާބު ފާރޫޤުގެ ބަލިޙާލު ހަނދާންހުރި މީހަކުވެސް އެތަނުގައި އިންކަމަކަށް ނުވެއެވެ. އެންމެން އެއްފަހަރާ ވާހަކަ ދައްކަމުންދާއިރު، އެކަކު ކިޔާއެއްޗެއް އަނެކަކަށް އޮޅުމެއް ނުފިލައެވެ. ބާރޫދުގެ ބޮމެއް ފަދައިން ސަޢްދިއްޔާ ފަލީތާތައް ރޯކުރަމުން ގެންދެއެވެ. ފައުޒިއްޔާގެ ކަރުނައިން އަލިފާންގަނޑަށް ތެޔޮ އަޅަމުން ގެންދެއެވެ. މިގޮތުން އަލްޙަމްރާގެ މަލަކާގެ ރުހުމާއި ހަމްދަރުދީ ހޯދުމަށްޓަކައި، އެކަކަށްވުރެ ކުރިއެރޭތޯ އަނެކަކު މަސައްކަތް ކުރަމުން ގެންދެއެވެ.
[ހާދަ ގޮތެއްނެތް އަންހެނެކެވެ. އަހަރެމެންގެ ހިތްތައް އެންދުމަށްޓަކައި މިތަނަށްވެސް ފާވެއްޖެއެވެ.] ކޮންމެވެސް އަންހެނަކު ބިސްމި އެޅިއެވެ.
[ހިތްވަރު ގަދަކަން ނިކަން ދެކެބަލާށެވެ.] އެހެން އަންހެނަކު ބުންޏެވެ.
[މޫނުމަތީގައި ބިރުގެ ކަންފުޅެއްވެސް ނެތެވެ.]
[ބޭގަމް ސާހިބާގެ ފައިމައްޗަށް ތިރިވެ، މާފަށް އެދޭކަށްވެސް ހިތަކަށް ނޭރިއެވެ. ކަޅިއަޅާވަރުން ހީވަނީ އަހަރެމެންވެސް ކާލަން އުޅޭހެންނެވެ.]
[ބީރައްޓެހި އަންހެންގަނޑަކަށް އަދަބެއް ސަދަބެއް އެނގޭނެ ހެއްޔެވެ؟]
ޙުސްނުބާނޫގެ ވަށައިގެންތިބި އަންހެނުންތައް، އޭނާގެ ރުޅި މަޑުކުރުވުމުގެ ބަދަލުގައި ރުޅިގަދަވާހާ ގޮތްގޮތުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ސަޢްދިއްޔާއާއި ފައުޒިއްޔާ، ނާޖީ ދެރަކުރަމުންގޮސް، ޚުދު ތިމާމެން ބޭޒާރު ވާއިރުވެސް ހުއްޓައެއް ނުލައެވެ.
[އަހަރެންގެ މޭގަނޑު ކުދިކުދިވާވަރު ވެއްޖެއެވެ. އެވަގުތު ޑޮކްޓަރ ވަޙީދު އެތަނަށް ނައިނަމަ، އެ ޑައިނުގެ ހުޅިގަނޑުގައި ހިފައިގެން ދަމާނެރެ އެއްލައިލީމުހެވެ.] ޙުސްނުބާނޫގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓާލައިފިއެވެ.
[ބަލަން ތިބެބަލާށެވެ. އެއްފަހަރު އަލްޙަމްރާއަށް ވަނަދިނީތީ، މުޅި އުމުރަށްވެސް އޭނާ މިތަނަށް އަތްގަދަކޮށްލާނެއެވެ.] ފައުޒިއްޔާ ދަތްކުނޑި ވިކާލިއެވެ.
[އަތްގަދަކޮށްލިޔަކަ ނުދޭނަމެވެ. އަހަރެންގެ ނަމަކީ ޙުސްނުބާނޫއެވެ. ބަލަން ތިބެބަލާށެވެ.]
[ނަމަވެސް، ޠާހިރަށް ހަދާނީ ކިހިނެއް ހެއްޔެވެ؟] ކަންބޮޑުވެފައިވާ އަޑަކުން، ކޮންމެވެސް މީހަކު ބުންޏެވެ.
[ޠާހިރަކީ ވަކިން މަލާއިކަތެއް ހެއްޔެވެ؟ މާގޮތްބޮޑު ކުރަނީނަމަ، އަލްޙަމްރާގެ ދޮރުތައް އަނެއްކާވެސް އޭނާއަށްޓަކައި ބަންދު ކުރެވިދާނެ ނޫންހެއްޔެވެ؟]
[މަންމާއެވެ.] ނާޖީ އަރާމުކުރަން ބާއްވާފައި އައިސް އެތަނުގައި ދައްކާ ވާހަކަ އަޑުއަހަން އިރުކޮޅަކު ހުރުމަށްފަހު، އަންޖަމަން އާރާ ބުންޏެވެ.
ޙުސްނުބާނޫ އެނބުރިލާފައި އަންޖަމަން އާރާއާ ދިމާއަށް ބަލާލިއެވެ. އެވަގުތު އޭނާ މަޑުމަޑުންއައިސް މަންމަގެ ކަނާތްފަރާތުގައި އިށީނދެއްޖެއެވެ.
[މަންމާއެވެ. އަނެއްކާވެސް ތިޔަ އުޅުއްވަނީ ޠާހިރު ނަގާލައްވަންތޯއެވެ؟ ﷲ އަށް ޝުކުރު ކުރައްވާށެވެ. ދުނިޔޭގައި އިންނަވަނިކޮށް ޠާހިރު ކޮއްކޮއާ ބައްދަލުކުރެއްވިކަން އެއީ ކޮންފަދަ ބޮޑު ނިޢްމަތެއްތޯއެވެ؟ އެއަށްވުރެ ބޮޑު އުފަލެއް، އަޅުގަނޑުމެންނަށް ކޮބައިތޯއެވެ؟] މަންމައަށް ވިސްނައިދިނުމުގެ ގޮތުން އަންޖަމަން އާރާ ބުންޏެވެ.
[އެންމެރަނގަޅެވެ. އޭނާއާ އެކުގައި އެ އިފްރީތުވެސް ގެނައި ނޫންހެއްޔެވެ؟]
[މަންމާއެވެ. އެއީ ޠާހިރުގެ އަނބިމީހާއެވެ. ޠާހިރު އަންނަ ތަނަކަށް އޭނާވެސް އަންނާނެ ނޫންތޯއެވެ؟]
[ދައްތައަށްވެސް އޭނާގެ ސިހުރު ޖެހުނީތާއެވެ.] މަލާމާތުގެ ރާގަކަށް ސަޢްދިއްޔާ ބުންޏެވެ.
[ކޮންކަހަލަ ސިހުރެއް ހެއްޔެވެ؟] ސަޢްދިއްޔާގެ މަލާމާތަށް ފަރުވާއެއް ނުބަހައްޓައި އަންޖަމަން އާރާ ބުންޏެވެ.
[އެ ނުލަފާ ޑައިނުގަނޑާ އެއްކޮޅަށް ވާހަކަ ދައްކާވަރެއް ނިކަން ދެކެބަލާށެވެ.] ސަޢްދިއްޔާ ރުޅިއައިސްގެން ހަޅޭއްލަވައިގެންފިއެވެ.
[އަހަރެމެންނަށް މުސީބާތަކަށްފަހު މުސީބާތެއް ލައިގަންނަމުން މިދަނީ، ހަމަ އެ ނުލަފާ އަންހެންމީހާގެ ސަބަބުންނެވެ. އަހަރެންގެ އަންހެން ދަރިފުޅުގެ ކައިވެނީގެ މައްސަލައިގައި، މުޅި އަލްޙަމްރާ ބަދުނާމުވެގެން ހިނގައްޖެއެވެ. އަދި އޭގެމައްޗަށް އެ ޖާހިލު ބީރައްޓެހިގަނޑު އަހަރެމެންގެ ގޭގައި، އަހަރެމެންނާ އެއްފެންވަރެއްގައި ގެންގުޅެންވީ ހެއްޔެވެ؟] ސަޢްދިއްޔާ ބުންޏެވެ.
[ސަޢްދިއްޔާ ދަރިފުޅާއެވެ.] ސަޢްދިއްޔާގެ ބޮލުގައި ޙުސްނުބާނޫ ފިރުމާލިއެވެ. [ދަރިފުޅާ އެއްފެންވަރުގައި ކީއްކުރަން ހެއްޔެވެ؟ ނޯކަރެއްގެ ދަރަޖައިގައިވެސް، އެ ބީރައްޓެހިގަނޑަކަށް މިގެއަކު ނުއިނދެވޭނެއެވެ. ﷲ ގެ ކުޅަދުންވަންތަކަމެވެ. ދެ ބޮލީގެ އަގު ނެތް ޖާހިލު އަންހެނެއްގެ ސަބަބުން، މުޅި ޚާންދާން އެފުށް މިފުށަށް ޖެހިއްޖެއެވެ. ހުނ! އަހަރެމެންނާ އެއްދަރަޖައިގައި އުޅެވޭތޯ ބަލައިލާނަމެވެ. އެ ނުލަފާ ޖާހިލުގެ ލޮލަށް ލޭއަރުވާނުލިއްޔާ، އަހަރެންގެ ނަމަކަށް ސަޢްދިއްޔާއެއް ނުކިޔާނެއެވެ.]
ނާޖީއާ ބެހޭގޮތުން އެންމެންވެގެން އެދައްކާ ވާހަކަތަކާއި ގޮވާއެއްޗެތި ހުއްޓާލާތޯ އަންޖަމަން އާރާ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އެ އެންމެންގެ ކުރިމަތީގައި އެންމެ އަންޖަމަން އާރާއަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެތަނުގައި ސަޢްދިއްޔާ ޙިމާޔަތްކޮށްދޭން އިނީ ޙުސްނުބާނޫއެވެ. އެއީ އަލްޙަމްރާގެ މަލަކާއެވެ. ވީއިރު، ދެންތިބި މީހުން އޭނާގެ އިޝާރާތަށް ނުނަށާ ތިބެންވީ ސަބަބެއް ނެތެވެ.
ދެވަނަފަހަރަށް ޠާހިރު އައުމުން، ނަވާބު ފާރޫޤުގެ ޙަޔާތުގެ ވެއްޓެމުންދާ ބިންގާ އަނެއްކާވެސް ވަރުގަދަވެއްޖެއެވެ. އުފަލުން ކެތްނުކުރެވިގެން އޭނާގެ ހިތަށް އެލިބުނު ކުއްލި ޝޮކްވެސް، ޑޮކްޓަރ ވަޙީދުގެ ފަރުވާއިން އިސާހިތަކު ރަނގަޅުވެއްޖެއެވެ. އެފަހަރު ހޭއެރިގޮތަށް ވަރަށް ގިނައިރު ވަންދެން އެގޮތަށް އޮންނެވިއެވެ. ނާޖީގެ މަތިން ކިތަންމެ ވަރަކަށް ހަނދާންވިޔަސް، ބައްޕަ ދޫކޮށްލާފައިދާން ނުކެރިގެން ޠާހިރުވެސް އެތަނުގައި އިނެވެ. އެންމެ ހިނދުކޮޅަކަށްޓަކައި ލޯމަތިން ކައްސާލައިގެން އޭނާ ދިއުމަކަށް، ފާރޫޤު ރުހިއެއް ނުލެއްވިއެވެ. އަބަދަށްޓަކައި ލޯމެރިގެން ދިއުމުގެ ކުރިން، އެ ލޮލަށް ފިނިކަން ހޯއްދަވަން ނަވާބު ބޭނުންވެލައްވައެވެ.
އެއްފަހަރަކު ނަވާބަށް ކުޑަކޮށް ނިދިކުރެއްވެވުނު ވަގުތަކު، ނާޖީ ދެކެލަން ޠާހިރު ދިޔައެވެ. ނަމަވެސް، ވަރަށް އަވަހަށް އޭނާ އެނބުރި އަތުވެއްޖެއެވެ. އޭނާ އެތަނުގައި އިންދާ އެކިމީހުން އެކިފަހަރު އެތަނަށް އައިސްގޮސްވެއެވެ. އެންމެފަހުން ޑޮކްޓަރުވެސް އެފަހަރަށް ބަލަންހުރިވަރަށް ބަލާފައި، ކުޑަކޮށް އަރާމުކޮށްލުމަށްޓަކައި އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. މިހާރު އެ ކޮޓަރީގައި ޠާހިރާއި ނަވާބު ފާރޫޤު ބަލަހައްޓަން އިންނަ ޚާއްޞަ ޚާދިމު ފިޔަވައި އެހެން އެންމެންގޮސް ނިމިއްޖެއެވެ. ވީމާ، ދެން ޠާހިރުވެސް ކުޑަކޮށް ހަށިގަނޑު ހަމަޖައްސާލުމުގެ ބޭނުމުގައި، ދޫލަމަތީގައި ރަނގަޅަށް އިށީނދެލުމަށްފަހު، ފާރޫޤު ޢަލީ އޮންނެވި އެނދުގައި، ގޮދަޑިމަތީގައި ދެއަތް ބާއްވާލާފައި، އަތުގައި ބޯއަޅާލައިފިއެވެ.
ފަތިހު ޠާހިރަށް ހޭލެވުނީ، ކޮންމެވެސް މީހަކު އޭނާގެ އިސްތަށިގަނޑާ ކުޅެން ފެށުމުން، އެކަން އިޙްސާސް ކުރެވިގެންނެވެ. އޭނާ މަޑުމަޑުން ލޯހުޅުވާލާފައި ބަލައިލިއިރު، ނަވާބު ފާރޫޤު ކަރުނައިން ފުރިފައިވާ ދެލޮލުން އޭނާއާ ދިމާއަށް ބައްލަވަމުން، އޭނާގެ އިސްތަށިގަނޑުގައި ފިރުމަމުން ގެންދަވައެވެ. ކޮޓަރީގައި ދިއްލާފައިހުރި އަލި ފަނޑު ނިދާބައްތީގެ އައްޔާއި، ކުޑަދޮރުތަކުން ކޮޓަރިތެރެއަށް އެޅިފައިވާ ފަތިހުގެ އަލީގެ ތެރޭގައި، ފާރޫޤުގެ މޫނުމަތީގެ ތާޒާކަން ކަނޑުވާލާފައިވާ، މަރުގެ ރީނދޫކުލަ ސާފުކޮށް ފެނެއެވެ.
[ބައްޕާއެވެ.] ފާރޫޤު ހޭލާ އޮންނެވިކަން އެނގުމުން ޠާހިރު ގޮވާލިއެވެ.
[އަހަރެންގެ ދަރިފުޅާއެވެ. ކަލޭ އައީހެއްޔެވެ؟ އަހަރެންގެ ޅީދަރިފުޅު ކޮބައިހެއްޔެވެ. ދަރިފުޅާ އެކުގައި އޭނާއެއް ނުގެންނަމުހެއްޔެވެ] ބަލިބަލި އަޑަކުން ފާރޫޤު ސުވާލު ކުރެއްވިއެވެ.
[ނޫނެކެވެ. ބައްޕާއެވެ. އޭނާވެސް ގެނައިމެވެ.] އުފަލާއެކުގައި ޠާހިރު ޖަވާބު ދިނެވެ.
[އޭނާ ކޮބައިހެއްޔެވެ؟ އަހަރެން އަދި އޭނާއެއް ނުދެކެމެވެ.] ނަވާބު ފާރޫޤު އޭނާގެ ޅީދަރިފުޅު ދެކެލެއްވުމުގެ އެދުން ފާޅުކުރެއްވިއެވެ.
[އަޅުގަނޑުގެ އިޚްލާޞްތެރި ބައްޕާއެވެ. ބައްޕަ އަޅުގަނޑަށް މާފުކުރެއްވީތޯއެވެ؟] ފާރޫޤުގެ އަތުގައި ޠާހިރު ބޮސްދިނެވެ.
[ޅީދަރިފުޅު، އަހަރެންގެ ކައިރިއަށް ގެނެސްދީބަލާށެވެ.]
[މިވަގުތުތޯއެވެ؟]
[އާއެކެވެ. މާލަސްކޮށްފީވިއްޔާ، ފަހަރެއްގައި އޭނާ ދުށުމުގެ ނަސީބު ނުލިބިވެސް ހިނގައިދާނެއެވެ.]
[ބައްޕާއެވެ. ތިޔަހެން ނުބުނުއްވާށެވެ.] ކެތްތެރިކަމެއްނެތި ފާރޫޤުގެ އަނގަމަތީގައި ޠާހިރުގެ އަތް ބާއްވާލިއެވެ.
[ޠާހިރު ދަރިފުޅާއެވެ. އަވަހަށްގޮސް އޭނާ ގޮވައިގެން އަންނާށެވެ.]
ޠާހިރު ނުހަނު ހިތާމަވެރި ނަޒަރަކުން ފާރޫޤާ ދިމާއަށް ބަލައިލާފައި ނާޖީ ބަލާ ކޮޓަރިއަށް ދިއުމަށް ހިނގައިގެންފިއެވެ. އޭނާ އެދިޔަ ދިޔުމުގައި އަންޖަމަން އާރާއާ ބައްދަލުވިއެވެ. އަދި އަންޖަމަން އާރާގެ ދުލުން ނާޖީއަށްޓަކައި އިވިގެން އެދިޔަ ތަޢްރީފުގެ ބަސްތަކުން، އޭނާގެ ހިތަށް ފިނިކަން ލިބުނެވެ.
ނާޖީއަކީ ފަތިހު ތެދުވުމަށް އާދަވެފައިވާ ކުއްޖެކެވެ. އެހެންކަމުން، ޠާހިރު ގޮސް ކޮޓަރިއަށް ވަންއިރު، އިރުމަތީފަރާތު ކުޑަދޮރު ހުޅުވައިގެން ބޭރު ބަލަން ނާޖީ ހުއްޓެވެ.
[ނާޖީއެވެ. ކަލެއަށް ބައްޕަ އެބަގޮވާލައްވައެވެ. އަވަހަށް ތައްޔާރުވެލައިގެން ހިނގާށެވެ. ބައްޕަގެ ޙާލު ވަރަށް ބޮޑެވެ.]
[އަޅުގަނޑަށްތޯއެވެ؟] ޔަގީންކަމެއްނެތް ގޮތެއްގައި، އަވަސްއަވަހަށް ނާޖީ ސުވާލު ކޮށްލިއެވެ.
ޅައިރުއްސުރެ ނަވާބު ފާރޫޤު ޢަލީ ޚާންދެކެ ބިރުގެންފައިވާ ނާޖީ، ދެފިކުރު މަތީގައި ހުރެގެން ޠާހިރާ އެކުގައި ހިނގައިގެންފިއެވެ. ކޮންމެ ގޮތެއްވިޔަސް، ޠާހިރުގެ އެދުމެއް އަނބުރާ ރައްދުކުރުމަކީ އޭނާއަށް ކުރެވޭނެކަމެއް ނޫނެވެ. ޠާހިރަކީ އޭނާގެ ފުރާނައެވެ.
ޠާހިރާއި ނާޖީ އެކުގައިގޮސް ފާރޫޤުގެ ކޮޓަރިއަށް ވަންއިރު، އޭނާގެ އިންތިޒާރުގެ ނަޒަރު، ކޮޓަރީގެ ދޮރާ ދިމާއަށް ހުއްޓިފައިވެއެވެ. ޠާހިރު މަޑުމަޑުން ނާޖީގެ އަތުގައި ހިފާލައިގެންގޮސް ފާރޫޤު އޮންނެވި އެނދުގެ ކައިރިއަށް ހުއްޓުމުން، ލަދުވެތިކަމާއި ބިރުވެރިކަން އެކުލެވިފައިވާ އަދާއަކާ އެކުގައި، އެނދުކައިރިއަށް ގުދުވެ، ނުހަނު އަބަދުވެރިކަމާ އެކުގައި ނާޖީ ސަލާން ކޮށްލައިފިއެވެ. އެވަގުތު ކޮޓަރިތެރެއަށް ވަދެގެންއައި ޙުސްނުބާނޫއަށް އެ މަންޒަރު ފެނުމުން، ރުޅިއައިސްގެންގޮސް މޫނު ރަތްވެގެން ދިޔައެވެ. ނަމަވެސް، ފުރަގަސްދީގެން ހުރުމުގެ ސަބަބުން، ޠާހިރަކަށް އެ ޠޫފާނުގެ އަސަރުތަކެއް ނުފެނުނެވެ. އޭނާ އެ ކޮޓަރިއަށް ވަންނަތަން ފެނުމުން، އަވަސްއަވަހަށް އޭނާގެ ފަސްފަހަތުން އައި ވަޤާރު އަޙްމަދު، އޭނާގެ މޫނުމަތިން ފާޅުވި ޠޫފާނުން ކޮޓަރިތެރެ ގުގުމައިގަތުމުގެ ކުރިން، އޭނާގެ އަތުގައި ހިފައިގެން ދަމާފައިކަހަލަ ގޮތަކަށް، ޖެހިގެންހުރި ކޮޓަރިއަށް ގެންގޮސްފިއެވެ. އަދި ނުހަނު މަޑުމައިތިރި ކަމާއެކު، ވަގުތުގެ ނާޒުކުކަމާއި، ޠާހިރުގެ އެނބުރި އައުމަކީ ފާރޫޤުގެ ބައްޔަށް ލިބުނު ފަރުވާއެއްކަމަށްބުނެ ވިސްނައިދީ، އިތުރު ހައިޖާނެއް ނުއުފައްދައި ހިމޭނުން ހުރުމަށް ނަސޭހަތްދީ، އާދޭސްކުރުމަށްފަހު، އޭނާ މައިތިރިކޮށްގެން އަނެއްކާވެސް ފާރޫޤުގެ ކޮޓަރިއަށް ގެންގޮސްފިއެވެ.
[ދަރިފުޅާއެވެ. ބައްޕައަށްޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ. ދަރިފުޅާ ދޭތެރޭގައި ބައްޕަމެންނަށް ކުރެވުނު އަނިޔާގެ ފާފަ، ﷲ ޢަފޫކުރައްވާނީ އޭރުންނެވެ.] ބޭގަމް ޙުސްނުބާނޫ އެތަނުގައި ހުރިނަމަވެސް، އޭނާއާ ދޭތެރޭގައި އެއްވެސް ފަރުވާއެއް ނުބަހައްޓަވައި، ކުށަށް އިޢްތިރާފުވެލައްވައިގެން، ފާރޫޤު ޢަލީ ޚާނުގެ ރޫޙަށް ލުއިކަން ހޯއްދެވިއެވެ. ނާޖީ އިސްދަށަށް ޖަހާލައިގެން ރޯލަރޯލާ އިނެވެ. އެއީ ޙުސްނުބާނޫއަށް ބެލުމަށް ކުޅަދާނަ މަންޒަރަކަށް ނުވިޔަސް، ފާރޫޤު ޢަލީ ޚާނުގެ ބަލިޙާލާއި، ޠާހިރުގެ އެނބުރި އައުން އަދި ވަޤާރު އަޙްމަދުގެ ނަސޭހަތްތައް ހަނުހުރުމަށް އޭނާއަށް މަޖުބޫރު ކުރެއެވެ. އެހެންވިޔަސް، ހިމޭނުން ހުންނާކަށް އޭނާ ގަސްތެއް ނުކުރިއެވެ. ކޮންމެވެސް ޙިކްމަތަކުން ނާޖީގެ ކިބައިން ނަވާބު ފާރޫޤު ޢަލީގެ ސަމާލުކަން ވަކިކޮށްލުމުގެ ބޭނުމުގައި، އޭނާ މާފަތަރާސީ ގޮތަކަށްގޮސް އެނދުކައިރީގައިހުރި ގޮނޑިއެއްގައި އިށީނދެއްޖެވެ.
[ޙުސްނުބާނޫއެވެ.] ނަވާބު ފާރޫޤުގެ ގޮވާލެއްވުމަށް ޖަވާބު ދިނުމުގެ ގޮތުން، ޙުސްނުބާނޫ ކުޑަކޮށް ގުދުވެލިއެވެ. އޭރު އޭނާގެ ލޮލުން ފޭބި ކަރުނަތައް، ކޯތާފަތްމައްޗަށް އޮހެމުންދިޔައެވެ. [އަހަރެމެންގެ ޅީދަރިފުޅު، ކަލޭ ދެކެފީމު ހެއްޔެވެ؟] އެ އަޑު އިވުމުން ޙުސްނުބާނޫގެ ހިތުގައި އުފެދިފައިވާ ވަރުގަދަ ޠޫފާން އުތުރިގެންފިއެވެ. ނަމަވެސް، ބާރުގަދަ ޑޭމެއްގެ ސިފައިގައި، މަޞްލަޙަތުގެ ޖަޒްބާތު، އެ ޠޫފާނަށް ހުރަސްއަޅައިފިއެވެ.
[ލައްބައެވެ. ސާހިބާ އޭނާއާ ރުހިލައްވައިފިނަމަ، އަޅުގަނޑުމެންވެސް ރުހިއްޖައީމެވެ.] ޙުސްނުބާނޫގެ ޖަވާބުން ފާރޫޤު ޢަލީއާއި ޠާހިރުގެ ހިތަށް ފިނިކަން ލިބުނެވެ. އަދި މަންމައާ ދޭތެރޭގައި ޠާހިރުގެ ހިތުގައި އުފެދިފައިވާ ޝައްކު ފިލައި، ޔަގީންކަމުގެ ޖަޒްބާތުން އޭނާގެ ހިތް ފުރިގެން ދިޔައެވެ. ހަމަ ވަގުތުން މަންމަގެ ދެފައިތިލައިގެ ދަށުގައި ނިތްޖެހުމަށް ހިތް އެދުނެވެ.
ޙުސްނުބާނޫއާއި ވަޤާރު އަޙްމަދުގެ ހާޒިރުގައި، ޠާހިރާއި ނާޖީގެ ކައިރީގައި ނަވާބު ފާރޫޤު ވަރަށްގިނަ ވާހަކަ ދެއްކެވިއެވެ. އެންމެފަހުން އެވާހަކަތައް ނިންމަވާލައްވާފައި ވަޤާރު އަޙްމަދު ހެކިކުރައްވައި، ޙުސްނުބާނޫއަށް ވަޞިއްޔަތް ކުރެއްވިއެވެ. އޭނާގެ މުދަލުން ޠާހިރަށްވާ ބައިން ބައިލާރީގެ މިންވަރުވެސް އުނިނުކޮށް، އޭނާއަށް ދިނުމަށާއި، ޠާހިރުގެ ބައިގައި ހިމެނޭ ހުރިހާ ރަންރިއްސާއި ޖަވާހިރު އަދި އެންމެހައި ގަހަނާތައް ފިޔަވައި، އަންހެން ދަރިއަކާ އެއްވަރުގެ ބައެއް، ނާޖީއަށްވެސް ދިނުމަށް ބުނުއްވިއެވެ. އެވާހަކަތައް އަހަމުންދިޔައިރު، ހަސަދައިގެ އަލިފާންގަނޑުން ހުޅުފަޅައިގެންގޮސް ނަވާބު ފާރޫޤުގެ ޙަޔާތް އަނދައި އަޅިއަށް ވެދާނެތީ، ދަތްކުނޑި ވިކައިގެން، އެ އަލިފާނުގެ ހޫނުކަން ބޭރުވިޔަނުދީވޭތޯ ޙުސްނުބާނޫ މަސައްކަތް ކުރިއެވެ. ނަވާބު ފާރޫޤު އެންމެފަހުން ބުނުއްވި ޖުމްލައިގެ ސަބަބުންވެސް، ޙުސްނުބާނޫގެ ކަރުބުޑުގައި ހިތިރަހަ ލިޔެވެ.
[ބޭގަމްއެވެ. ދަރިއެއްގެ އެންމެ ފުރިހަމަ ޙައްޤުތަކާ އެކުގައި ނާޖީ އަލްޙަމްރާގައި އިނުމަށް އަހަރެން ހުއްދަ ދީފީމެވެ. ވީމާ، ބޭގަމްވެސް އެކަން ދަންނާށެވެ….] އެހާތަނުން ނަވާބު ފާރޫޤުގެ ވަރުދެރަވެ، އަޑު މަޑުވެގެން ހިނގައްޖެއެވެ.
ނުނިމޭ