ސަލާހުއްދީން އައްޔޫބީގެ މަތިވެރި ޖިހާދުގެ ސިލްސިލާގެ ތެރެއިން – ޗެޕްޓަރ 39

ސުލްޠާން އައްޔޫބީ ކޯފާއާއި ހާސްކަމުގައި ކޮޓަރިކޮޅުގައި ދެކޮޅަށް ހިންގަވާ ހިންގަވާ ހުންނެވިއެވެ. އެމަނިކުފާނަށް މަޝްވަރާ ދެއްވާ އެންމެ ގާތް ބޭފުޅުންވެސް އިސްދަށަށް ޖައްސަވާލައްވައިގެން ތިއްބެވިއެވެ. ސުލްޠާން އައްޔޫބީއަކީ އަބަދުވެސް ކޯފާފުޅު ކޮންޓްރޯލް ކުރައްވާ ބޭފުޅެކެވެ. ފަހަރެއްގައިވެސް ކޯފާވެވަޑައިގެން ޙައްދުން ނައްޓަވައެއް ނުލައްވައެވެ. އެމަނިކުފާނު ކަމަކާ ކޯފާވެވަޑައިގެންވިއަސް ކޯފާފުޅު އޮއްބަވާލައްވާފައި ވިސްނުންފުޅުގެ ބޭނުންފުޅު ކުރައްވައިގެން އެކަމެއް ނިންމަވައެވެ. ގަދަފަދަ ހަގުރާމަވެރިން ހަތިޔާރު ބަހައްޓާފައި ފުރަގަސް ދޭން ދުވާފަދަ ކަންތަކުގައިވެސް އެމަނިކުފާނު ކެތްތެރިވެވަޑައިގަންނަވައެވެ. މުހާސިޔާކުރައްވައިގެން ހަގުރާމަ ކުރައްވާއިރު ސިފައިންގެ ހިތްވަރު އެލިގެން ދާއިރުވެސް އެމަނިކުފާނު ހަގުރާމަ ކުރައްވައެވެ. ކާބޯތަކެތި ހުސްވެގެން ހައިހޫނުކަމުގައި ތިބޭއިރުވެސް އެމަނިކުފާނު ހަތިޔާރެއް ނުބަހައްޓަވައެވެ. އެހެންމީހުނަށްވެސް އެމަނިކުފާނުގެ ހިތްވަރުފުޅުން ހިތްވަރުދެއްވާހައްދަވައެވެ. ނަމަވެސް އެދުވަހު އެމަނިކުފާނު އެ އުޅުއްވަނީ ކޯފާފުޅު ކޮންޓްރޯލް ނުކުރެއްވެވިގެންނެވެ. މޫނުފުޅުމަތިން ކޯފާގެ އަސަރާއެކުގައި ހާސްވެވަޑައި ގަތުމުގެ އަސަރުތައްވެސް ފެނެއެވެ. އެހެން ބޭފުޅުން ބަސްފުޅެއް ވިދާޅުވާންކެރިވަޑައި ނުގެންފައި އެތިއްބެވީއެވެ.

”މިއަދު އެންމެ ފުރަތަމަ ފަހަރު އަޅުގަނޑުގެ ސިކުޑި އަޅުގަނޑު ދޫކޮށްލައިފިއެވެ…..“ ސުލްޠާން އައްޔޫބީ ދެކޮޅަށް ހިންގަވަހިންގަވާ ހުންނަވާފައި ހުއްޓިވަޑައި ގަންނަވަމުން ވިދާޅުވިއެވެ.

”ޚަލީފާ ފޮނުއްވި މެސެޖާއި ދޭތެރޭގައި ފަރުވާކުޑަކޮށް ލައްވައިގެން ހުންނެވުން ކީއްތޯއެވެ؟“ އައްޔޫބީގެ ނާއިބު އަންނާސިރް ވިދާޅުވިއެވެ.

”އަޅުގަނޑު އަވަދިނެތި މިކުރަނީ ތިޔަމަސައްކަތެވެ.“ އައްޔޫބީ ވިދާޅުވިއެވެ. ”އެކަމަކު އަޅުގަނޑުގެ ބޮލުގައި ޚަލީފާ އެއަޅުއްވަވާ އިލްޒާމްގެ ބޮޑުކަން ދެކެވަޑައިގެން ބައްލަވާށެވެ. އަޅުގަނޑު ޚަލީފާގެ ހަރަމުން އަންހެން ކުއްޖަކު ވަގަށްނަގައިފި ކަމުގައި އެވިދާޅުވަނީ ނޫންތޯއެވެ؟ އަސްތަޤްފިރުﷲއެވެ. ޔާﷲއެވެ. މިއަޅާ ބަދްނާމް ކުރެއްވުމުގައި ޚަލީފާ ފަސްޖެހިވަޑައެއް ނުގެންނެވިއެވެ. އެކުވެރި ރަހްމަތްތެރީންނެވެ. ޤާސިދުގެ އަތުގައި ޚަލީފާއެ ފޮނުއްވެވީ މެސެޖެއް ނޫނެވެ. އަދި ކިއެއްތޯއެވެ. އެއީ ބިރުދެއްކެވުމެކެވެ. ސުލްޙަވެރި ގޮތުގައި އަޅުގަނޑު ބަލާ ފޮނުއްވައިގެން ގެންދަވާ ވާހަކަފުޅު ދެއްކެވިނަމަ ޚަލީފާއަށް ލިބިވަޑައި ގަންނަވާނީ ކޮން ގެއްލުންފުޅެއް ތޯއެވެ؟“

”ތިޔަހެއްވިޔަސް މަނިކުފާނު ހަމަޖެހިވަޑައިގެން ހުންނެވުމަށް އަދިވެސް އެއްފަހަރު އަޅުގަނޑު ނަސޭހަތްޕުޅުއަރުވަމެވެ.“ ބަހާއުއްދީން ޝައްދާދު ވިދާޅުވިއެވެ.

”ޙަޤީޤަތުގައިވެސް ޚަލީފާގެ ހަރަމުން އަންހެން ކުއްޖަކު ގެއްލުނީބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”އެއީ އިތުރުފުޅެއްހެން އަޅުގަނޑަށް ވަރަށް ހީވެއެވެ. ހުކުރު ޚުތުބާއިން ޚަލީފާގެ ނަންފުޅު ކަޑަލިކަން އެގިވަޑައި ގަންނަވައިގެން އެކަމުގެ ބަދަލު ހިތްޕެވުމަށްޓަކާ ހަރަމުން އަންހެންކުއްޖަކު ވަގަށްނެގި ކަމުގެ ތުހުމަތު އަޅުގަނޑުގެ ބޮލުގައި އަޅުއްވައިގެން ބަދުނާމް ކުރައްވަނީހެން އަޅުގަނޑަށް ހާދަ ހީވެއެވެ. އަޅުގަނޑުގެ ހަރަމުން އަންހެން ކުއްޖަކު ވަގަށް ނެގީއޭ ވިދާޅުވެ މަޝްވަރާ ކުރައްވައިގެން އެކަމުގެ ބަދަލު ހިތްޕެވުމަށް މަސައްކަތްޕުޅު ކުރައްވަނީ ކަމުގައި ހީވިއެވެ.“ ޢީޞާއަލް ޙަކާރީ އާއި މުޚާޠަބް ކުރައްވާ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”ކުރިއަށް އޮތްތަނުގައި ހުކުރު ކުރާއިރު ހުކުރު ޚުތުބާގައި ޚަލީފާގެ ނަންފުޅު ނުކިޔުމަށް ހުރިހާ މިސްކިތުގެ ޚަތީބުންނަށް އަންގަވާށެވެ.“

”މުޚްތަރިމް އަމީރެވެ. މަނިކުފާނު ޚަލީފާގެ އަރިއަހަށްވަޑައިގަންނަވާށެވެ.“ އަލްހާޞިރް ވިދާޅުވިއެވެ. ”މަނިކުފާނު ވަޑައިގެން ސާފުކޮށް ހުރިހާ ވާހަކަފުޅެއް ޚަލީފާއަށް ވިދާޅުވެ ދެއްވާށެވެ. ޚަލީފާއަކީ ޤައުމުގެ އިއްޒަތުގައިވިޔަސް ހަލީފާގެ އަމުރުފުޅު ނުހިގާނޭ ކަމަށާ ހާއްސަކޮސް ހަގުރާމައިގެ ދުވަސްވަރެއްގައި ކަންތައް ކުރައްވަންވީގޮތް ވިދާޅުވަން އެގިވަޑައި ނުގަންނަވާނޭ ކަމަށާއި ރަށުގެ ބޭރުންނާއި ރަށުގެ އެތެރެއިންވެސް ދުޝްމަނުން ހަމަލާ ދީފާނެކަމުގެ ބިރު ހީވެވަޑައިގަންނަވާކަމަށް ވިދާޅުވެ ސޫދާނީ ސިފައިން ލަޝްކަރުން ވަކިކުރައްވާ މިސްރު މީހުނަށް ސިފައިންގެ ވަޒީފާދެއްވުމަށް މަޝްވަރާ ދެއްވާށެވެ. ޚިލާފަތުގެ ގަޑުވަރުގެ ޚަރަދުތައް ކުޑަކުރެއްވުމަށާއި އެހެން ނުހައްދަވައިފިނަމަ ނިކުންނާނޭ ނަތީޖާ މަނިކުފާނަށް ރަގަޅަށް އެގިވަޑައިގަންނަވާ ކަމުގައި ވިދާޅުވާށެވެ. ނަސޭހަތްފުޅު އަރުވާށެވެ. ޚަލީފާ ކޯފާވިޔަސް ޤައުމުގެ ސަލާމަތަށްޓަކައި ކުރަންޖެހޭ ހުރިހާކަމަކާ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނެއެވެ. މާތްﷲ އަޅުގަނޑުމެންނަށް ރަހްމަތް ލައްވާނެތެވެ. އެކަލާންގެ ރަޙްމަތްވަންތަކަމާއި އޯގާވަންތަކަމާއި މެދު އަޅުގަނޑުމެން ޔަގީން ކުރަންވާނެއެވެ.“

”ﷲގެ ރަހްމަތްވަންތަކަމާއި އޯގާވަންތަކަމާއިމެދު އަބަދުވެސް އަޅުގަނޑު އިތުބާރުކުރަމެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”މި ބަދްނާމުންވެސް އެއިލާޙް އަޅުގަނޑު ސަލާމަތް ކުރައްވާނެތެވެ.“

އެބޭފުޅުންގެ ވާހަކަފުޅު މިހާތަނަށް ދިޔަތަނާ ދޮރުވާނުކަލޭގެ އެތެރެއަށްވަދެ އަދަބު އަދާކޮށްފާ އައްޔޫބީގެ އަރިއަހުގާ މިފަދައިން ދަންނަވަން ފަށައިފިއެވެ.

”ސަހާރާގައި ފޯރިމަރާ ސިފައިންގެ ކޮމާންޑަރު ސިފައިންގެ ތިންމީހުން ގޮވައިގެން އައިސް އެބަހުއްޓެވެ. މަރާލެވިފައިތިބި ސޫދާނީ ދެމީހުންވެސް އެމީހުން ގެނައެވެ.“ މިޚަބަރު ދިނުމަށްޓަކާ ދޮރުވާނުކަލޭގެ އެތެރެއަށް ވަނުމުން އެހާސިއްރު ޖަލްސާއެއް ވަގުތީގޮތުން ނަމަވެސް ހުއްޓުވާ ލައްވަން ޖެހިވަޑައި ގެންނެވީތީ އެންމެބޭފުޅުވެސް ހިތްޕުޅު ޖަމަޖެހިވަޑައި ނުގަންނަވާގޮތް މެދުވެރިވިއެވެ. ނަމަވެސް ސުލްޠާން އައްޔޫބީ އެޚަބަރުގެ މުހިއްމުކަން ވިސްނާވަޑައިގެންފައި އެމީހުން އެތެރެއަށް ފޮނުވުމަށް ދޮރުވާނު ކަލޭގެއަށް އަންގަވައިފިއެވެ. އައްޔޫބީ ހުއްދަ ދެއްވާފައިނުވާނަމަ އެފަދަ ޖަލްސާއެއް ހިގަމުން ދަނިކޮށް އެތެރެއަށް ވަންނާކަށް ދޮރުވާނުކަލޭގެއަކަށް ނުކެރުނީހެއްޔެވެ. ބަޣާވާތާއި ހަގުރާމައިގެ ދުވަސްވަރުކަމުން މުހިއްމު ޚަބަރަކައިގެން މީހަކު އަތުވެއްޖެނަމަ އަވަހާރަފުޅުގައި އޮންނެވިޔަސް ދެންނެވުމަށް ދޮރުވާނުކަލޭގެއަށް އައްޔޫބީ އަންގަވާފައިވެއެވެ. ކިތަންމެ ކުޑަ ޚަބަރެއްވިޔަސް އެގިވަޑައިނުގެން އޮތުމަކަށް އެމަނިކުފާނު ރުހިވަޑައެއް ނުގަންނަވައެވެ.

ކޮމާންޑަރު އެތެރެއަށް ވަންނައިރު އޭނާގެ މޫނުމަތީ ހިރަފުސްތަތްވެ މީހާގެ ކުލަ ފަނޑުވެ ވަރުބަލިވެފައި ހުއްޓާ އެބޭފުޅުންނަށް ފެނިވަޑައިގެންނެވިއެވެ. އެވަޤުތު އެތަނުން ގޮނޑިއެއްގައި އޭނާ ބައިންދާވާފާ ކޮންމެވެސް ކަހަލަ ބޯއެއްޗެއް އޭނާއަށް ގެނެސް ދިނުމަށް ސުލްޠާން އައްޔޫބީ ދޮރުވާނުކަލޭގެއަށް އެންގެވިއެވެ.

”އަޅުގަނޑުމެން ރަށްބޭރުގާ ފޯރީ މަރަމުން ދަނިކޮށް ސޫދާނީ ހަބްޝީންގެ ހަތަރު މީހުން ރީތިއަންހެން ކުއްޖަކު ގޮވައިގެން ދަނިކޮށް ފެނިގެން އެމީހުންގެ އަތްދަށުން އެކުއްޖާ ސަލާމަތް ކުރަން ކުރިމަސައްކަތުގައި ދެމީހުން މަރާލަން ޖެހުނެވެ. ނަމަވެސް ކަންދިމާވިގޮތުން އަނެއް ދެމީހުން އަންހެންކުއްޖާ ގޮވައިގެން ފިލާ ރައްކައުވެއްޖެއެވެ. އަންހެން ކުއްޖާއަކީ ރެފިއުޖީންގެ ޤަބީލާއެއްގެ ނުވަތަ އާދައިގެ ޢާއިލާއެއްގެ ކުއްޖެއްނޫންކަން އެގެއެވެ. އެއީ ވަރަށް މުއްސަދި ކުއްޖެއް ކަމުގައި ހީވެއެވެ. އެކުއްޖާ އެމީހުންގެ ކައިރީގައި ތިމަންނާއަކީ ޚަލީފާގެ މިލިކިއްޔާތެކޭ ބުނާތީވެސް އެހީމެވެ.“ ކޮމާންޑަރު ގޮނޑީގައި އިނދެގެން ނޭވާ ހަމަޖައްސާލުމަށް ފަހުގައި ބުންޏެވެ.

”މާތްﷲ އަޅުގަނޑަށް އެހީވެވޮޑިގެންފި ކަމުގައި ހީވެއެވެ.“ މިހެން ވިދާޅުވެފައި ސުލްޠާން އައްޔޫބީ ބޭރަށް ނިކުމެވަޑައިގެންފިއެވެ. އެމަނިކުފާނުގެ ފަހަތްޕުޅުން އެހެން ބޭފުޅުންވެސް ބޭރަށް ނިކުމެވަޑައި ގެންނެވިއެވެ.

އެބޭފުޅުން ބޭރަށް ނިކުމެވަޑައި ގެންނެވިއިރު މަރާލެވިފައިވާ ދެމީހުންވެސް އެތާ ބިންމަތީގައި ތިއްބެވެ. އެކަކު އޮތީ ބަންޑުންނެވެ. އަނެކަކު އޮތީ އުއްޑުންނެވެ. ތީރު ވަދެފައި ހުރީ ބަންޑުން އޮތްމީހާގެ ބުރިކަށްޓަށެވެ. އުއްޑުން އޮތްމީހާ އަރިމަތިން ކަނދުރާއަށެވެ. އޭގެއިތުރުން ސިފައިންގެ ތިންމީހުންވެސް އެތަނުގައި ތިއްބެވެ. އަމީރު މިސްރު ނުވަތަ ސިފައިންގެ ވެރިޔާ ބޭރަށް ނިކުމެވަޑައިގެންނެވި ތަން އެމީހުނަށް ފެނުމުން މިލްޓަރީ ސަލާމުން ސަލާމް ކޮށްފައި އެއްފަރާތަށް ޖެހިލައިފިއެވެ. އެއީ ސިފައިންގެ މީހުންކަމުގައި ވިޔަސް އެމީހުނަށް ސުލްޠާން އައްޔޫބީ ފެނުނު ފުރަތަމަ ފަހަރަކީ އެއީ ކަމުގައި ވާތީ އެމީހުންގެ މައްޗަށް އެމަނިކުފާނުގެ ހައިބަތުކަން ވަރަށް ބޮޑަށް ވެރިވިއެވެ. ”މުއުމިނުންނެވެ. މިޝިކާރަ ކަލޭމެން ހިފައިގެން ތިޔައައީ ކޮންތަނަކުން ހެއްޔެވެ؟“ އެމީހުން ކުރި ސަލާމުގެ ޖަވާބުގައި އެމީހުންނާއި އެތާއި އަތް ޖޯޑުކުރައްވަމުން ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. އެވަގުތު އެތަނުން އެކަކު ކުރިއަށް ޖެހިލާފައި އެމީހުންގެ ގަޔަށް ތީރުޖެހި މީހަކީ އޭނާކަމުގައި ދަންނަވާފައި ހުރިހާ ވާހަކައެއް ވަރަށް ތަފްސީލުކޮށް އައްޔޫބީއަށް ދަންނަވައިފިއެވެ.

”މިމީހުން އެބަބުނަނީ ޚަލީފާގެ ކަނީޒުގެ ވާހަކަ ކަމުގައި ވެދާނެތޯއެވެ؟“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”އާދޭހެވެ. އެދައްކަނީ އެ ކުއްޖާގެ ވާހަކަ ކަމުގައި ހީވެއެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”މިބައިމީހުންގެ ޚަންޖަރުތައް ދެކެވަޑައިގެން ބައްލަވާށެވެ.“ ސުލްޠާން އައްޔޫބީ ސިފައިންނާ ވާހަކަފުޅު ދައްކަވަން ހުންނެވި ވަގުތު ޢަލީ ބިން ސުފިޔާން ވަޑައިގެން މަރުވެފައިތިބި ދެމީހުންގެ ގައިގާހުރި ހެދުންތައް ފާސްކުރައްވާ ހެދުމުގެ ތެރެއިން ކަމަރަށް ޖަހާފައިހުރި ދެމީހުންގެ ދެޚަންޖަރު ނަންގަވައިގެން ގެންނަވާ ސުލްޠާން އައްޔޫބީގެ އަތްޕުޅަށް އަރުވަމުން ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. އެދެޙަންޖަރަކީ ޚަލީފާގެ ސަލާމަތީ ލަޝްކަރުގެ ޚާއްސަ ފާހަގަ ޖަހާފައިވާ ދެޚަންޖަރެވެ. އޭގެ މުށްގަޑުގައި ޚިލާފަތުގެ ސިއްކަވެސް ހުއްޓެވެ. ވީމާމ އެއީ ސަލާމަތީ ލަޝްކަރުގެ ސިފައިން ކަމުގައި ވަނީނަމަ އެމީހުން ގެންދިޔަ އަންހެން ކުއްޖާއަކީ ޚަލީފާގެ ޚާއްސަ ކަނީޒު އުންމު ޢަރާރާއެވެ. އެއީ ޝައްކެއްހުރި ކަމެއްނޫނެވެ. މިއީ ވަގަށް ނަގައިގެންގެނައި ޚަންޖަރު ކަމުގައި ނުވަނީނަމަ މިއީ ޚަލީފާގެ ސަލާމަތީ ލަޝްކަރުގެ ސިފައިންނެވެ. އެއީ ޚަލީފާގެ ގަޑުވަރުގައި އުޅުނު އަންހެން ކުއްޖާއެވެ. އެކުއްޖާ ވަގަށްނެގީ ޚަލީފާގެ ސަލާމަތީ ލަޝްކަރުގެ ސިފައިންކުރެ ކޮންމެވެސް ބައެކެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ.

”ތިޔަދެމަސްގަޑު ނަންގަވައި ގެނާ ޚަލީފާގެ އަރިއަހަށް ހިންގަވާށެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ.​​​”ޔިޔައީ ޚަލީފާގރ ސަލާމަތީ ލަޝްކަރުގެ މީހުންކަން ޔަޤީން ކުރެވެންދެން އިހަށްމަޑުކުރައްވާށެވެ.“ ސުލްޠާން އައްޔޫބީގެ އަރިއަހުގައި މިހެން ވިދާޅުވެފައި ޢަލީ ބިން ސުފިޔާން އެތަނުން ވަޑައިގަންނަވައިފިއެވެ.

މާގިނައިރުތަކެއް ނުވަނީސް ޚަލީފާގެ ސަލާމަތީ ލަޝްކަރު ކޮމާންޑަރަކު ގޮވައިގެން ޢަލީ ބިން ސުފިޔާން ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު ވަޑައިގެން އެއްކަހަލަ ދެމަސްގަޑު ދައްކަވާ އެއީ ދަންނަބައެއްތޯ ކޮމާންޑަރު ކުރެން ޢަލީ ބިން ސުފިޔާން އައްސަވައިފިއެވެ. އެވަގުތު އެއީ ކޮންބައެއްކަން އެގޭކަމުގައި ކޮމާންޑަރު ޖަވާބު އެރުވިއެވެ.

”ތިޔައީ ސަލާމަތީ ލަޝްކަރުގެ ދެމީހުންނެވެ. ތިޔައިގެ ދެމީހުން ތިބީ ހަތްދުވަހުގެ ޗުއްޓީގައެވެ.“ ކޮމާންޑަރ ދެންނެވިއެވެ.

”މިދެމީހުން ނޫނަސް ލަޝްކަރުގެ އެހެން މީހުންވެސް ޗުއްޓީގައި އެބަތިބި ހެއްޔެވެ؟“ ސުލްޠާން އައްޔޫބީ ސުވާލުކުރެއްވިއެވެ.

”އިތުރު ދެމީހުން ޗުއްޓީގާ ވެއްޖެއެވެ.“ އޭނާ ދެންނެވިއެވެ.

”އެމީހުންވެސް ޗުއްޓީގާ ވެއްޖެއެވެ.“ އޭނާ ދެންނެވިއެވެ.

”އެމީހުންވެސް ޗުއްޓީއަށް ދިޔައީ މީގެ ދެމީހުންނާ އެކުގައި ހެއްޔެވެ؟“ އައްޔޫބީ ސުއާލު ކުރެއްވިއެވެ.

”އާދޭހެވެ. ހަތަރު މީހުންވެސް ޗުއްޓީއަށް ދިޔައީ އެކުއެކުގައެވެ.“ ކޮމާންޑަރު މިހެން ދަންނަވާފައި ވަރަށް ހައިރާން ވާކަހަލަ ވާހަކައެއްވެސް ދެންނެވިއެވެ. ”ޗުއްޓީއަސް ދިޔަ ހަތަރު މީހުންނަކީވެސް ސޫދާނީ ހަބުސީންނެވެ. ގަބީލާތަކުގެ ތެރެއިން ލޭއޮހޮރުވާލުމަށް މައްޝޫރު އަނިޔާވެރި ޤަބީލާއެއްގެ ހަތަރު މީހުންނެވެ. މިހާރުވެސް އެޤަބީލާގައި ފިރުޢައުނުގެ ޒަމާނުގެ ނުބައި އާދަކާދަތައް ހިގަމުން ދެއެވެ. އެ ޤަބީލާގެ މީހުން ކޮންމެތިން އަހަރަކުން އެއްއަހަރު އީދެއްކަހަލަ ދުވަހެއް ފާހަގަ ކުރެއެވެ. މި އީދުގައި ތިން ދުވަހާ ތިން ރޭ ހޭދަކުރެއެވެ. އީދުގެ ތިންދުވަސް ދޫކޮށް ހަތަރުވަނަ ރެއަކީ ހަނދު ފުރިހަމަވާ ރެއެވެ. ކޮންމެ އަހަރަކުވެސް މިހެން ދިމާވާގޮތަށް އީދުގެ ދުވަސްތައް އެމީހުން ފާހަގަ ކުރެއެވެ. ޤަބީލާ އާއި ގުޅުމެއް ނުހުންނަ މީހުންވެސް ހަމައެކަނި އައްޔާޝީ ބޭނުންތަކަށްޓަކައި އެތަނަށްދެއެވެ. ޢީދުގެ ދުވަސްތަކުގައި އަންހެން ކުދިން ގަނެވިއްކުމަށް ޤަވައިދުން ބާޒާރު ހެދެއެވެ. މި ޢީދު ފާހަގަ ކުރުމުގެ އެއްމަސްދުވަސް ކުރިއްސުރެ ކައިރިކަރީގެ ރަށްތަކާއި އަވަށްތަކާއި ދުރުރަށްތަކުގައި ދިރިއުޅޭ ޒުވާން އަންހެން ކުދިންގެ މައިންބަފައިން ހުޝިޔާރުވެއެވެ. އެގޮތުން ޤާހިރާގެ އަހުލުވެރިންނަށްވެސް ހުޝިޔާރުވާން ޖެހެއެވެ. އެބައި މީހުންގެ އަންހެންދަރީން ބޭރަށް ނިކުމެ އުޅުނަކަނުދެއެވެ. ރެފިއުޖީންގެ ޤަބީލާއާއި ދުރަށްގޮސް ރައްކާތެރިވެގެން ތިބެއެވެ. އީދުގެ އެތަކެއްދުވަސް ކުރިއްސުރެ އެ ޤަބީލާގެ މީހުން އަވަށްއަވަށާއި ރަށްރަށަށްގޮސް އަންހެންކުދިން ވަގަށް ނަގައިގެނެސް ބާޒާރުގައި ނީލަން ކިޔާ ވިއްކާލައެވެ. އެ ހަތަރު ސޫދާނީންވެސް ޗުއްޓީ ނަގައިގެން ދިޔައީ ދިޔައީ އެ އީދަށް ޓަކައެވެ. އީދުގެ ކަންތައްތައް ފެށޭނީ ތިންދުވަސް ފަހުންނެވެ.“

”ޚަލީފާގެ ހަރަމްގެ އަންހެން ކުއްޖާ ވަގަށްނެގީ އެމީހުން ކަމުގައި ބުނެވިދާނޭ ހެއްޔެވެ؟“ ޢަލީ ބިން ސުފިޔާން ސުވާލު ކުރެއްވިއެވެ.

”ޔަޤީން ކަމާއެކު ތިޔަހެން ދަންނަވާކަށް އަޅުގަނޑަކަށް ނޭގެއެވެ.“ ކޮމާންޑަރު ދެންނެވިއެވެ.

”އެކަމަކު މިދުވަސްވަރު އެ ޤަބީލާގެ މީހުން ފުރާނައަށް ނުރައްކާވިޔަސް ހެޔޮކަމަކަށް އެކިރަށްރަށުން އަންހެން ކުދިން ވަގަށް ނެގުމުގެ މަސައްކަތް ކުރާކަން އަޅުގަނޑަށް ޔަޤީންވެފައި އޮންނަކަމުގައި ދެންނެވިދާނެއެވެ. އެ ޤަބީލާގެ މީހުންގެ ނުބައިކަން ހުންނަވަރަކީ އެމީހުން ވަގަށް ގެންދާކުދީންގެ މައިންބަފައިން އެތަނަށްގޮސް އެކުދިން ސަލާމަތް ކުރަން އުޅެފިނަމަ އެކުދިންގެ ކުރިމަތީގައި އެކުދިންގެ މައިންބަފައިން މެރުމަކަށްވެސް ފަހެއް ނުޖެހެއެވެ. އަންހެން ކުދީން ގަންނަ މީހުންގެ ތެރޭގައި މިސްރުގެ އަމީރުންނާއި ވަޒީރުންނާއި ހާކިމުންވެސް ހިމެނެއެވެ. އެބާޒާރުގައި އާންމުކޮށް ގަހުވަޚާނާތައް ހުޅުވެއެވެ. އެ ގަހުވަޚާނާތަކުގައި ޖުވާއާއި ރަލާއި އަންހެނުންނަށްޓަކާ ދީލަތި ކަމާއެކު ފައިސާ ޚަރަދު ކުރެވެއެވެ. އެ އީދުގެ އެންމެ ފަހުރެއަކީ ސިއްރުން ފުރިފައިވާ ރެއެކެވެ. ކޮންމެވެސް ސިއްރު ވެރިތަނެއްގައި އާދައާއި ޚިލާފަތަށް ރީތި އެހާމެޒުވާން އަންހެން ކުއްޖަކު ޤުރުބާން ކުރެވެއެވެ. މިދަންނަވާ އަންހެން ކުއްޖާ ޤުރުބާން ކުރެވެނީ ކޮންތަނެއްގައި ކަމެއް ކޮންގޮތަކަށް ކަމެއް އެގޭހަމަ އެކަކުވެސް ނުހުރެއެވެ. މިކަން ކުރަނީ އެމީހުންގެ ދީނީ އެންމެ އިސް ފާދިރީއެވެ. މިފާދިރީ އަކީ ކަލާންގެ ކަމުގައި ޙަބުޝީގަބީލާގެ މީހުން ޤަބޫލުކުރެއެވެ. ފާދީރީކަލާންގެ ކައިރީގައި އުޅެނީ މަދު ފިރިހެނުން ކޮޅަކާއި ތިންހަތަރު އަންހެނުންނެވެ. އަންހެން ކުއްޖާ ޤުރުބާން ކުރުމަށްފަހުގައި އަންހެން ކުއްޖާގެ ބޮލާއި އަންހެން ކުއްޖާގެ ލޭ ޢާމުންނަށް ދައްކައެވެ. މިބޮލާއި ލޭ ދެއްކުމުން ޤަބީލާގެ މީހުން މޮޔައިންތަކެއް ފަދައިން ނަށަން ފަށައެވެ. ރާބޮއެ ލަވަކިޔާ މަޖާކުރަން ފަށައެވެ.“ މިގޮތުން ހަބުޝީ ޤަބީލާ އާއި ބެހޭ ވާހަކަތައް ކޮމާންޑަރު ދެންނެވިއެވެ.

​​​​​​****

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.