އެކަކުވެސް ރުހުމުގައި އަބަދު މަރުވެ މަރުވެއެއް ނުހުންނާނެއެވެ. ކޮންމެ މީހަކުވެސް މަރުވާނީ އެއްފަހަރުއެވެ. ހާދިޘާއަކުންނެވެ. ޤުދުރަތީ މަރަކުންނެވެ. ތިމާކުރާ ޢަމަލަކުންނެވެ. ފަރުޖާދުގެ ހެޔޮކަމާއި އިޙްލާޞްތެރިކަމުން ޢާޞިފާއި ގުލްބާނޫ އަބަދީ ގުޅުމަކުން ގުޅުވައިދީފިއެވެ. އެއަށްފަހުގައި އޭނާއާއި ގުލްބާނޫގެ މެދުގައި ހުރަހެއް ލެވުނީ ކަމަށް އޭނާ ހީކުރިއެވެ. ނަމަވެސް ލޯބީގެ ޖަޒުބާތަކީ މާބާރުގަދަ އެއްޗެއް ކަމުގައި ނޫނީ ނުވިއެވެ. މިހާރު ގުލްބާނޫއަކީ އޭނާގެ ޚިޔާލުތަކުގެ މަރުކަޒު ކަމުގައި ވެއްޖެއެވެ. ހަވޭލީއަށް ގެނައުމަށްފަހުގައި ގުލްބާނޫއަކީ އޭނާއަށްޓަކައި ފައުޅުވެގެންވީ ގޮންޖެހުމަކަށް ވެއްޖެއެވެ.
އިއްޔެ ގުލްބާނޫ އަޅައިގެންހުރީ ވިދާ ތަރިތަކެއް ޖަހާފައިވާ ސާފު ހުދުކުލައިގެ ހެދުމެކެވެ. ކަރުގައި ރަނުގެ ރީތި ހާރެއް އަޅާފައި އޮތެވެ. އެއާގުޅޭ ކަހަލަ މުދިބައެއް ކަންފަތުގަ ލާފައިވެއެވެ. އަތުގެ މުލައްދަނޑީގެ ދެބައިކުޅަ އެއްބައި ފުރެންދެން ރަންތަނޑި އަޅާފައިވެއެވެ. މިސިޒް ޖޯޒަފްގެ ކުޅަދާނަކަން ދެއަތުން އޭނާގެ އިސަތަށިގަނޑު ރީތި ސްޓައިލަކަށް އޮމާންކޮށްލާފައިވެއެވެ. އެހާ ފުރިހަމައަށް މޭކްއަޕްކޮށްލާފައިވެއެވެ. އެގޮތަށް ނަލަ ހެދިލައިގެން ހުރިއިރު އޭނާ ފެނިއްޖެ ކޮންމެ މީހެއްގެ ދެލޯ ތަރަތަރަޖަހައިގެން ދާނެއެވެ. ވީއިރު ފަރުޖާދުގެ ޙާލު އަދި މާބޮޑުވާނޭ ނޫންހެއްޔެވެ؟ މިވަގުތު ގުލްބާނޫ ޢާޞިފާއެކު ބޭރަށް ދާން އުޅޭތީ އޭނާ ދާތަން ބަލަން ފަރުޖާދު ބެލްކަނީގައި ހުއްޓެވެ. އެހެން ހުއްޓާ ގުލްބާނޫއަށް އޭނާ ފެނިގެން އޭނާގެ ގާތަށް އައިސް ހުއްޓި ހިނިތުންވެލަމުން ބުނެލިއެވެ.
”ގުލްލާލާއެވެ.” ފަރުޖާދު އަނގައަކުންވެސް ނުބުނެއެވެ. އެސްފިޔަ ޖަހާވެސްނުލާ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ވީމާ، އެތޫނު ބެލުމުން ސަލާމަތްވުމަށްޓަކައި އަނެއްކާވެސް ގުލްބާނޫ ބުންޏެވެ. ”ގުލްލާލާއެވެ. މިހެދުން ކިހިނެއްތޯއެވެ؟“
”ޤިޔާމަތެވެ……“ އަޑުކޮޅަށް މިހެންގޮވާ ހަޅޭއްލަވަން ފަރުޖާދުގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާއަކަށް އެއްޗެއް ނުބުނެވުނެވެ.
”ޤުލްލާލާ އަޅުގަނޑަށް ހޯއްދަވާދެއްވާފައި ހުރީ އެންމެ ރީތި އެންމެ އަގުބޮޑު ހެދުންތަކެވެ. ނިކަން ބަލާށެވެ. މިހެދުން އެޅީމާ އަޅުގަނޑު މިހިރީ ހަނދުވަރުކޮޅަކަށްވެފައެވެ.“ ގުލްބާނޫ ސާދާ ގޮތަކަށް ބުނެލިއެވެ.
”އާއެކެވެ……“ ފަރުޖާދަށް ބުނެވުނީ ހަމައެކަނި މިހެންނެވެ. މިހާރު އެއްޗެއް ބުނުމުގެ ކުރިން ޢާޞިފް ގޮވާލީމާ ގުލްބާނޫ ފެންޑާއާ ދިމާއަށް ހިނގައްޖެއެވެ. ފަރުޖާދު ޖެހި ބުދެއްހެން އެދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހަނދުވަރުކޮޅު ގޮސް އޮބާލަފިއެވެ. މުޅިތަނަށް އަނދިރިކަން ވެރިވެއްޖެއެވެ.
މިއަދުވެސްވީ ހަމައެކަހަލަ ގޮތެކެވެ. މިއަދު ގުލްބާނޫ އަޅައިގެންހުރީ މުޣުލުގެ ރަސްރަސްކަލުންގެ ދައުރުގައި ރަސްދަރިކަނބަލުން ތުރުކުރައްވާ ކަހަލަ ހެދުމެކެވެ. އެހެދުމުގައި ހުރިއިރު ރަސްދަރިކަނބަލަކަށް ވުރެވެސް އޭނާގެ ފުރިހަމަކަން ބޮޑެވެ. ޢާޞިފް ލައްވާ ފޮޓޯ ނަގުވަން ފިނިފެންމާ ގަސްތަކުގެ ކައިރީގާ އޭނާ ހުރިއިރު އެއީ ރަސްދަރިކަނބަލެއް ނޫނެކޭ އެއްވެސް ނުބުނެވޭނެއެވެ. ރީތީގެ އެ ވިދުވަރުގެ ސަބަބުން ފަރުޖާދުގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.
އެންމެން ކާމޭޒުދޮށުގައި އެ އެންމެންގެ ތެރެއިންވެސް ގުލްބާނޫ ހުނިޖެހިގެން ނެގެއެވެ. ކޮންމެއަކަސް އޭނާގެ ރީތިކަމުގެ ޖާދުވީ އަސަރުގައި ޢާޞިފް ދިރިހުރިއެވެ. އަނެއްކޮޅުން އޭނާގެ ރީތިކަމުގެ ޖާދޫވީ އަސަރުގައި ފަރުޖާދު މަރުވަމުންދެއެވެ.
”ގުލްލާލާއެވެ.“ ގުލްބާނޫ ގޮވާލުމުން ފަރުޖާދު ހަމައެކަނި އޭނާއާ ދިމާއަށް ބަލައިލިއެވެ. ”ގުލްލާލާއެވެ. ރަސްދަރިކަނބަލުން ތިއްބަވަނީ މިހެންތޯއެވެ؟“ ގުލްބާނޫ ސުވާލުކުރިއެވެ.
”ތިޔަހެން ތިޔަބުނީ ކީއްވެގެން ހެއްޔެވެ؟“ ޠޯލިއާ ބޭގަމް ބުންޏެވެ.
”ޢާޞިފް އަހަރެންނާ ދިމާއަށް ރަސްދަރިކަނބަލެކޭ ކިޔުއްވަނީއެވެ.“ ގުލްބާނޫ މިހެން ބުނެފައި ޢާޞިފާ ދިމާއަށް ލާނެތް ގޮތަކަށް ބަލައިލިއެވެ.
”އެއީ ތެދެކެވެ. ރަސްދަރިކަނބަލަކަށްވުރެވެސް މިއަދު ކޮއްކޮގެ ނަމްބަރު މައްޗެވެ.“ ޠޯލިޢާބޭގަމް ލޯތްބާއެކު މިހެން ބުނެފައި ޢާޞިފް ދިމާއަށް އެނބުރުނެވެ. ”އާޞިފެވެ. މިއަދު އެކޮއްކޮ އެސްފީނާއިން ސަލާމަތް ކުރެވޭނޭ ގޮތެއް ހަދާށެވެ. ހަމަ ތެދެކެވެ. މިއަދު އޭނާ ހާދަ ލޯތްބެވެ.“ ޠޯލިޢާބޭގަމްގެ މިވާހަކައަށް މޭޒުދަށުގައި ތިބި އެންމެންވެސް ތާއީދު ކުރިއެވެ. އެކަމަކު ފަރުޖާދު އެއްޗެއް ނުބުނެއެވެ. ހިތާމަވެރި ނަޒަރަކުން ގުލްބާނޫއާ ދިމާއަށް ބަލަން އިނެވެ. އެއާ ޚިލާފަށް އެންމެން ގުލްބާނޫއަށް ތަޢްރީފް ކުރާ އަޑު އިވުމުން ޢާޞިފް އުފަލުން ފުރެމުންދިޔައެވެ. ފަރުޖާދުގެ ފުންހަމަހިމޭންކަންވެސް އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. ހާދިޘާތައް ބަދަލުވަމުންދެއެވެ……. އިރުއޮއްސިގެން އައި ވަގުތެވެ. ޙަވޭލީގެ ބައްތިތައް ދިއްލަމުންދިޔަ ވަގުތެވެ. ފަރުޖާދު ޙަވޭލީގެ ފަހަތުބައިގެ ޓެރަސްމަތީގައި ދެކޮޅަށް ހިނގާލި ހިނގާލާ ހުއްޓެވެ. އެހެންގޮސް އުދަރެހުގެ ކައިރިން ފެންނަންހުރި ރަތްކުލަވެސް ކަޅުކުލައަށް ބަދަލުވެގެން ހިނގައްޖެއެވެ. އަދިވެސް ފަރުޖާދުގެ ސިކުނޑީގެ ހާސްކަމެއް ނުފިލައެވެ. ގުލްބާނޫ އޭނާގެ ހިތާއި ސިކުނޑިއަށް ވެރިވެފައިވަނީ ތިޔަކަހަލަ ދެރައެއްކޮށް ނޫނެވެ. އޭނާ އަމިއްލައަށް ފުރިހަމަ އީމާންތެރިކަމާއި އޭނާގެ ގައިގާ ބީހުމުގެ ތެދުން އެ ޖަޒުބާތުތަކުގައި ބިންވަޅު ނެގިފައިވާކަން ޤަބޫލުކުރަން ޖެހެއެވެ. އެހެންކަމުން އެނުރައްކާތެރި ޖަޒުބާތުދެކެ އޭނާ ބިރުގަނެއެވެ. ކޮންމެ ގޮތަކުންވެސް އެޖަޒުބާތުތައް ޗިސްޗިސްކޮށް ވިސްވިހާލިކޮށްލަން ކުރެވެން އޮތްގާ މަސައްކަތެއް އޭނާ ކުރެއެވެ. ނަމަވެސް ކާމިޔާބެއް ނުވެއެވެ. ޖަޒުބާތުގެ ހަނގުރާމަ އެގޮތަށް ދެމިއޮވެއްޖިއްޔާ އޭނާއަށްވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ކެތްތެރިކަމެއްނެތި ފިކުރު ކުރަމުން ދެކޮޅަށް ހިނގިއެވެ.
”ގުލްލާލާއެވެ. ގުލްލާލާއެވެ……“ ގުލްބާނޫ މިހެން ގޮވަމުން ހެމުން ތެޅެމުން ދުވެފައި އިންނާތީ ފެނުނެވެ. އޭނާގެ ފަހަތުން ޢާޞިފްވެސް ދުވެފާ އާދެއެވެ. އެއީ ލޯބީގެ ކުޅިވަރެވެ. ޢާޞިފް އުޅެނީ ގުލްބާނޫ ހިފަހައްޓާށެވެ. އޭނާގެ އަތުނުޖެހޭންވެގެން ގުލްބާނޫ ހެމުން ކެކެމުން ދުވަނީއެވެ. ކޮންމެއަކަސް މިވާކަމެއް ފަރުޖާދަށް އަދި ރަނގަޅަށް ނުވިސްނިގެން އުޅެނިކޮށް ގުލްބާނޫ ދުވެފައި އައިސް ފަރުޖާދުގެ ކޮނޑުގައި ބާރަށް ހިފަހައްޓައިފިއެވެ. ”ބައްލަވާށެވެ. ގުލްލާލާއެވެ. ޢާޞިފަށް މަނާކުރައްވާށެވެ.“ ގުލްބާނޫ ފަރުޖާދުގެ ބުރަކަށީގައި ތަތްކޮށްލައިގެން އޮވެ ބުނަމުން ގެންދިޔައެވެ. އެވަގުތު ޢާޞިފް ތަންކޮޅެއް ދުރަށް ހުއްޓިފައި އެނބުރިދާން ހިނގައިގެންފިއެވެ. ފަރުޖާދަކަށް އެކަމެއް ނޭނގުނެވެ. އަދި ކީއްހެއްޔެވެ؟ ގުލްބާނޫގެ ލޫޅާފަތި ނާޒުކު ހަށިގަނޑުގެ ބީހުން ފިޔަވައި އެހެން އެއްވެސް ކަމެއް އެވަގުތަކު އޭނާއަކަށް ނޭނގެއެވެ. އިޙްސާސެއްވެސް ނުކުރެވެއެވެ. ޢާޞިފް އެނބުރިދާން ހިނގައިގަތުމުން ގުލްބާނޫ ފަރުޖާދުގެ ގައިން ދޫކޮށްލާފައި އައިކޮޅަށް ދުއްވައިނުގެންނަމަ އެތަނުގައި ނުރައްކާތެރި ހާދިޘާއެއް ހިނގީސްކަން ކަށަވަރެވެ. ގުލްބާނޫގެ ބީހުން ފަރުޖާދުގެ ހިތާއި ހަށިގަނޑުގައި ރޯކުރި ހުޅުގަނޑު އެހާވެސް ވަރުގަދައެވެ. އޭނާއަކީ ދަގަނޑުގެ އިންސާނެއްނަމަ ހަމަގައިމުވެސް އެއަލިފާނުން ވިރިގެން ދިޔައިހެވެ. ގުލްބާނޫގެ ބީހުމުން އޭނާއަށް ކުރި އޭނާއަށް ކުރި އަސަރުގެ ބޮޑުކަމުން އޭނާގެ ބޮލަށް އެނބުރުން އެރިއެވެ. ހަށިގަނޑު އަނދަން ފެށިއެވެ. ކޮޅަށް ހުރުން ދަތިވެ އަރިއަޅާލައިގެން ވެއްޓެން އުޅުނެވެ. އެންމެފަހުން ކޮޓަރިއަށް ދިޔައެވެ. ހާސްވެ ކަންބޮޑުވިއެވެ. މިޒާޖު ގޯސްވަމުން ދިޔައެވެ.
ޖެހިގެން އައި ދުވަހު މެންދުރުވީއިރުވެސް ފަރުޖާދު ކޮޓަރިއަކުން ނުނިކުމެއެވެ. ވީމާ، ގުލްބާނޫ އެކަމާ ފިކުރު ބޮޑުވެގެން ޢާޞިފް ކުރެން އެހިއެވެ.
”މިއަދު ގުލްލާލާއެއް ނުފެނެއެވެ. އޭނާ ކޮބައިތޯއެވެ؟“
”ރޭ މާލަހުން ނިދީމާ އަދި ނުތެދުވެވުނީކަންނޭގެއެވެ.“ ޢާޞިފް ބުންޏެވެ.
”އެހާ ލަސްވަންދެން ނިދިކުރައްވާނޭތޯއެވެ؟“ ރޭ ކެއިންވެސް ނުބައްލަވައެވެ.“ ގުލްބާނޫ ބުންޏެވެ.
”އާނ! ހަދާންވެއްޖެއެވެ.“ ޢާޞިފް ބުންޏެވެ.
”ލައްބައެވެ. އޭނާ ކެއިން ނުބައްލަވާކަން އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ.“ ގުލްބާނޫ ބުންޏެވެ.
”އޭނާއަށްވީ ގޮތެއް ބަލައިލަން ދަމާ ހިނގާށެވެ.“ ޢާޞިފް ހިނގައިގަންނަމުން ބުންޏެވެ. ވީމާ، ގުލްބާނޫވެސް އޭނާގެ ފަހަތުން ހިނގައިގެންފިއެވެ.
ޢާޞިފާއި ގުލްބާނޫ ގޮސް ފަރުޖާދުގެ ކޮޓަރިއަށް ވަންއިރު އޭނާ މުޅި ގައިގާ ރަޖާ އަޅައިގެން އެނދުގައި އޮތެވެ. އެތަން ފެނުމުން ގުލްބާނޫ ކަންބޮޑުވިއެވެ. ޢާޞިފުގެ ހިތް ނުތަނަވަސްވިއެވެ.
”އޯހ! ގުލްލާލާއެވެ. އަދިވެސް ނިދިކުރައްވަނީތޯއެވެ؟“ އެނދު ކައިރިއަށް ހުއްޓެމުން ގުލްބާނޫ ބުންޏެވެ. އެވަގުތު ފަރުޖާދު ކުޑަކޮށް ލޯ ހުޅުވާލާފައި އޭނާއާ ދިމާއަށް ބަލައިލިއެވެ.
”އަހަރެން މިއޮތީ ހޭލައެވެ.“ ފަރުޖާދު ނުރުހުމާއެކު ބުންޏެވެ.
”އަނެއްކާ ހުންއައީ ތޯއެވެ؟“ ގުލްބާނޫ މިހެން ބުނެފައި އެނދުގައި މަގަތުން އިށީނދެ އެ މަޑުމަޑު އަތުން އޯގާތެރިކަމާއެކު އޭނާގެ ނިތްކުރީގައި އަތްޖައްސާލިއެވެ. އެކުރިކަމަކުން ފަރުޖާދުގެ މުޅިހަށިގަނޑު ތުރުތުރު އަޅައިގަނެގެން ދިޔައެވެ. ބާރަށް ދެލޯ މަރާލެވުނެވެ.
”ފަރުޖާދު ކޮއްކޯއެވެ. ކޮއްކޮއަށްވީ ކީއްހެއްޔެވެ؟ ތަބީޢަތް ރަނގަޅުހެނެއް ހިއެއް ނުވެއެވެ.“ ޢާޞިފް ބުންޏެވެ.
”އާއެކެވެ…….“ މަޑުމަޑު އަޑަކުން ފަރުޖާދު ބުންޏެވެ.
”މާތްކަލާކޯއެވެ. އަޅުގަނޑުމެން ގާތުގައި ނުވެސް ބުނުއްވަމުއެވެ.“ ގުލްބާނޫ މިހެން ބުނެފައި އޭނާގެ ބޯ މޮޑެދޭން ފެށިއެވެ. ޢާޞިފް ކުޑަކޮށް ގުދުވެ އޭނާގެ ކަނދުރާގައި އަތްލިއެވެ.
”ހުންއައީ ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”ނޫނެކެވެ.“ ފަރުޖާދު ތުރުތުރު އަޅާ އަޑަކުން ބުންޏެވެ. އެވަރުގެ އެއްޗެއްވެސް އޭނާއަށް ބުނެވާކަށް ރަނގަޅެވެ. ގުލްބާނޫގެ ބީހުމާއި ގާތްކަން އޭނާ ފަނާކުރަމުން ގެންދެއެވެ. އޭނާގެ އެތެރެހަށި ވިރި ކެކެމުންދެއެވެ.
”ފަރުޖާދު ކޮއްކޮއަށްވީ ކަމެއް ބުނެބަލާށެވެ.“ ޢާޞިފް މިހެން ބުނަމުން ގުލްބާނޫއާޖެހި ފިތިގެން އެނދުގައި އިށީނެވެ.
”އަހަރެންނަކަށް ނޭގެއެވެ.“ ފަރުޖާދު ރަތް ރަތް ދެލޮލުން ޢާޞިފާ ދިމާއަށް ބަލައިލިއެވެ. ހީވީ ގުލްބާނޫގެ ގާތުން ތެދުވެގެން ދާށޭ ބުނިހެންނެވެ. އެކަމަކު ޢާޞިފަކަށް އެކަމެއް ނޭނގެއެވެ.
”ގުލްލާލާއަށް ގަހުވަ ހަދައިގެން ގެނެސްދެންތޯއެވެ؟ އެއިރުން ޠަބީއަތް ހަމަޖެހިދާނެއެވެ.“ ގުލްބާނޫ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ތެދުވެގެން ހިނގައްޖެއެވެ. އޭނާ ދިއުމުން ޢާޞިފް ހަމަޖެހިލާފައި ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އެވާހަކަތައް އަޑުއެހުން ފިޔަވައި އެހެން އެއްވެސް ކަމެއް ފަރުޖާދު ނުކުރެއެވެ.
އިރުކޮޅެއްގެ ފަހުން ގުލްބާނޫ ގަހުވަ ހަދައިގެން އަތުވެއްޖެއެވެ. އޯގާތެރިކަމާއެކު ފަރުޖާދަށް ގަހުވަ ބޯންދޭން ފަށައިފިއެވެ. އެއީ ގަހުވައެވެ. ގުލްބާނޫގެ އަތުން ޒަހަރު ތައްޓެއް ދިނަސް އޭނާއަކަށް ދެކޮޅެއް ނުހެދޭނެއެވެ.
ފަރުޖާދަށް ގަހުވަ ބޯންދެމުން ގުލްބާނޫ މަޖާ ވާހަކަ ދައްކަމުން ގެންދިޔައެވެ. ޢާޞިފް ހީހީ އިނެވެ. ފަރުޖާދު ޚިޔާލުތަކުގެ ތެރެއަށް ގެނބެމުން ދިޔައެވެ. އެވަގުތު އޭނާއަށް ކުށުގެ ވަރުގަދަ އިޙްސާސްތަކެއް ކުރެވެމުންދަނީ ކީއްވެގެން ކަމެއް ޚޮދު އޭނާއަށްވެސް ނޭނގެއެވެ.
********