މަލުގެ ރާނީ – ޗެޕްޓަރ 15

އިރުއޮއްސުމުގެ ހިތްފަސޭހަކަން މުޅިޖައްވަށް ވެރިވެއްޖެއެވެ. ހުޅަނގު ފަރާތު އުދަރެހުގައި އަދިވެސް ރަތްވިލާ ދަޅައިގެ އަސަރު ހިސާބަކަށް ހުއްޓެވެ. ވެށީގައި ފިނީގެ އަސަރު ހިފާލައިފިއެވެ. ހުއިހައްޕާ ޖަނަވާރުތައް އެސޮރުމެންގެ ޖާގައިގާ ހަމަޖެހިއްޖެއެވެ. ދޫނިސޫފާސޫފިތައް އެސޮރުމެންގެ ހާލިތަކަށް އެނބުރި އަންނަން ފަށައިފިއެވެ. އާތިޝްދާނުގައި އަންދާ އަލިފާނުގެ ދުންތައް ދުންހޮޅިތަކުން އަރަން ފަށައިފިއެވެ. މައިދާންތަކުގެ ވަށައިގެން ހެދިފައިވާ ބިޔަގަސްތަކުގެ ހިޔަނިތައް ވެށީގެ ހިތްގައިމުކަން އިތުރުކުރުވަން ފަށައިފިއެވެ. މިފަދަ އުފާވެރި ވަގުތުގައި ގުލްބާނޫގެ އިންތިޒާރުގައި ޢާޞިފް ހުއްޓެވެ. މިހާރު ކައިވެންޏަށް އޮތީ ވަރަށް ކުޑަދުވަސްކޮޅެކެވެ. ވީމާ، އެގޮތަށް ބައްދަލުކުރަން އެއުމަކީވެސް ރަނގަޅުކަމެއް ނޫނެވެ. ނަމަވެސް ކެތްތެރިކަމާއި އިންތިޒާރު ކުރުމަކީ މިހާރު އޭނާގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ. އެހެން ނޫނަސް މިއަދު އޭނާ އައިސް އެހެރީ ސާޅީ އަޅައިގެން ހުންނައިރު ގުލްބާނޫގެ ރީތިކަމާއި ފަރިކަން ދެކެލާ ހިތުންނެވެ.

މިދުވަސްކޮޅު ގުލްބާނޫ މިސިޒް ޖޯޒަފްގެ ކިބައިން ތަމްރީނު ހޯދަނީއެވެ. މިކަންވެސް އިންތިޒާމުކުރީ ފަރުޖާދެވެ. ގުލްބާނޫއަކީ ބީރައްޓެހި ކުއްޖެކެވެ. ތަހުޒީބާއި ތަމައްދުންގެ އަސަރުވެސް ނެތް ކުއްޖެކެވެ. އެކަމަކު އެއީ ހަތަރު އަވަށުގެ އެންމެބޮޑު ޙަވޭލީގެ ޅީދަރިއަކަށް ވެގެން ޙަވޭލީގައި ރަނިކަން ކުރަން ދާންއިން އަންހެން ކުއްޖާއެވެ. ޙަވޭލީގެ އަދަބުތަކަކީ އެންމެން ދަންނަ އެންމެން ތަޢްރީފްކުރާ ކަމެކެވެ. ވީމާ އެގޮތުންވެސް ގުލްބާނޫއާ ދިމާއަށް މީހަކު އިނގިލި އުފުލައިލުމަކީ ފަރުޖާދުގެ ހިތްހަމަޖެހޭ ކަމެއް ނޫނެވެ…… ގުލްބާނޫގެ ވިސްނުންތޫނުކަން ފަރުޖާދު ރަނގަޅަށް ދަނެއެވެ. ވީމާ، އެދުވަސް ދުވަހުގެ ތެރޭގައި ޙަވޭލީގެ ހުރިހާ އަދަބުތަކެއް ގުލްބާނޫއަށް ދަސްކޮށްދިނުމަށް މިސިޒް ޖޯޒަފްގެ ގާތުގައި ފަރުޖާދު ގަދައަޅާ ބުނެފައިވެއެވެ. އެމުއްދަތުގެ ތެރޭގައި އެހުރިހާކަމެއް ގުލްބާނޫ ދަސްކުރާނޭ ކަމުގެ ޔަޤީންކަން ފަރުޖާދަށް ލިބިފައިވެއެވެ. ގުލްބާނޫއަކީ އަދި ކޮށާ މަށާ އޮފުއަރުވާފައި ނުވާ ޖަވާހިރެކެވެ. ވީމާ، ޖަވާހިރެއްގެ އަޞްލު އެނގޭނީ އެޖަވާހިރެއް ކޮށާ މަށާ އޮފު އެރުވީމާކަންވެސް ފަރުޖާދަށް އެނގެއެވެ.

ގުލްބާނޫގެ އިންތިޒާރުގައި ޢާޞިފްގެ ކެތްތެރިކަން ކޮޅުންލަމުންދެއެވެ. ރީތި އެއްޗެއް ކޮންމެ ސިފައަކަށް ހުއްޓަސް ރީތިވާނެއެވެ. އެގޮތުން ގުލްބާނޫވެސް ސާޅީއަޅައިގެން ހުންނައިރު މީހުންގެ ހިތްތައް ކަތިވެގެންދާހާ ރީތިވާނެއެވެ. އިއްޔެ މިސިޒް ޖޯޒެފްވެސް ކޮޅެއްނެތްހާ ބޮޑަށް ގުލްބާނޫއަށް ތަޢްރީފްކުރިއެވެ. ޢާޞިފްގެ ކެތްތެރިކަން އެހާ ކުޑަވެގެން އެ އުޅެނީވެސް މިސިޒް ޖޯޒެފްކުރި ތަޢްރީފުގެ ސަބަބުންނެވެ.

ޢާޞިފް ދެލޯ ބޮޑުކޮށްކޮށްފައި ގުލްބާނޫ އާދޭތޯ ބަލަބަލާ އިންދާ ގަސްތަކުގެ ދިގުހިޔަނިތަކުގެ ތެރެއިން އޭނާ އަންނާތީ ފެނިއްޖެއެވެ. އެވަގުތު އާޞިފްގެ ހިތް ތެޅިގަނެގެން ދިޔައެވެ. ކެތްތެރިކަމެއްނެތި ފުންމައިގެން ތެދުވެވުނެވެ…… ގުލްބާނޫއާ ދިމާއަށް ހިނގައިގެނެވުނެވެ. ކުލަވަކިވާ ހިސާބަށް ދެވުމުން އޭނާގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. ކުރިއަށް ދިއުން ދަތިވިއެވެ. ރަތްކުލައިގެ ސާޅީއެއް އަޅައިގެން ފަރިހިގުމެއްގައި މަޑުމަޑުން އެހެރަ އަންނަ ގުލްބާނޫ ހީވަނީ ޕަރީންގެ ރަސްދަރިކަނބަލެއް ހެންނެވެ. އެކަޅުކުލައިގެ ދިގު އިސްތަށިގަނޑު ހުޅިއެއްހެން އޮޅާލާފައި ކަނދުރާމައްޗަށް ދޫކޮށްލާފައި އޮތެވެ. އާ ހެދުމެއްގައި އާ ސިފައެއްގައި ގުލްބާނޫ ފެނުމުން ޢާޞިފްގެ ތަލިން ކުޅުހިކުނެވެ. އެހާތަނުން ވަގުތުގެ ހިނގުން ހުއްޓޭނޭނަމައޭ އޭނާގެ ހިތަށް އެރިއެވެ. ތާއަބަދު ގުލްބާނޫއާ ދިމާއަށް ބަލަހައްޓައިގެން ހުރެވޭނޭނަމައޭ ހިތަށް އެރިއެވެ. ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ. މާތްކަލާކޯއެވެ. ޤުދުރަތުގެ ލާމަސީލު ނަމޫނާއެކެވެ.

”އޯހ!…… ގުލްއެވެ……“ ޢާޞިފް ކެތްތެރިކަމެއްނެތި ދައަތް ދިއްކޮށްލަމުން ގުލްބާނޫއާ ދިމާއަށް ހިނގައިގެންފިއެވެ. އެވަގުތު އާދަޔާ ޚިލާފު ރުޅިވެރިކަމަކާއެކު އޭނާއާ ދިމާއަށް ކަޅިއަޅައިގެންފައި ގުލްބާނޫ އަނެއް ފަރާތަށް މޫނު އަނބުރާލައިފިއެވެ. ”ގުލްއެވެ.“ ޢާޞިފް ކުރިއަށް ހިނގާލަމުން އަނެއްކާވެސް ގުލްބާނޫއަށް ގޮވާލިއެވެ. ދެންވެސް އޭނާ އަނގައަކުން ނުބުނެއެވެ. ހަމަ އެގޮތަށް ރުޅި މޫނަކާއިގެން ހުއްޓެވެ. ވީމާ ޢާޞިފް މަޑުމަޑުން ގޮސް ނުހަނު ލޯތްބާއެކު އޭނާގެ ކޮނޑުމަތީގައި އަތްބާއްވާލިއެވެ. އަނެއްއަތުން ދަތްދޮޅީގައި ހިފާ މޫނު އަނބުރާލިއެވެ. ”ގުލްއެވެ. ވީ ކީއްހެއްޔެވެ؟“

”އަޅުގަނޑު ޢާޞިފާ ވާހަކައެއް ނުދައްކާނަމެވެ.“ ގުލްބާނޫ ހިތްގައިމު ގޮތަކަށް ބުނެލިއެވެ.

”އެއީ ކީއްވެގެން ހެއްޔެވެ؟“ ޢާޞިފް ހިނިތުންވެލަމުން ގުލްބާނޫއާ ދިމާއަށް ބަލައިލިއެވެ.

”ހަމަ ނުދައްކާނީއެވެ…….“ ގުލްބާނޫ ހަމަ އެގޮތަށް ބޮޑާ ދައްކައިގެން ހުރެ ބުންޏެވެ.

”ވީ ކަމެއް ބުނެބަލާށެވެ. އަހަރެންނަށް އެނގޭނީވެސް އެއިރުންނެވެ. ރުޅިއައިސްގެން ތިޔައުޅެނީ ކޮންކަމަކާ ހެއްޔެވެ؟ މިއަދު ގުލް ހާދަ ރީއްޗެވެ. ތިޔަ އާ ހެދުން އަހަރެން ބަލައިލިޔަދީ ބަލާށެވެ. އައިގޮތަށް އައިސް ރުޅިއައިސް ރުޅިން ފުރިފާ ތިޔަހުރީ ކޮންސަބަބަކާ ހެދި ހެއްޔެވެ؟“ ޢާޞިފް މިދެއްކި ވާހަކައަށް ގުލްބާނޫ ޖަވާނުދީ ހަމައެކަނި ލޯއަޅާލިއެވެ.

”ބައްލަވާށެވެ……“ ގުލްބާނޫ ދެއަތް ތިރިކޮށްލާ ސީދާކޮށްލަމުން ޢާޞިފާ ދިމާއަށް އެނބުރިލިއެވެ.

”ތިޔަ ހެދުން އެޅީމާ ހާދަ ރީއްޗެވެ. ގުލްއަށް އަހަރެންގެ ލޮލާއި ދުލުގެ އެސްފީނާ ޖެހިދާނެތީ އަހަރެން ބިރުގަނެއެވެ.“ ސަބަބެއްނެތި ގުލްބާނޫގެ ގާތަށް ރުޅިއައިސްގެން އުޅޭތީ ޢާޞިފްގެ ގާތަށް ހިނިއައެވެ.

”އަޅުގަނޑު ކުރިން އަޅާ ހެދުން އެޅީމާ ޢާޞިފަށް އަޅުގަނޑު ރީތިނޫނީތޯއެވެ؟“ ގުލްބާނޫ ނުރުހުމާއެކު ބުންޏެވެ.

”ތިޔަބުނީ ކީކޭ ހެއްޔެވެ؟“ ޢާޞިފް ހައިރާންވިއެވެ.

”މިނަންގަތީ ރަނގަޅަށެވެ. މުޅިގައިގާ މި މުޞީބާތް އޮޅައިގެން އަޅުގަނޑަކަށް ނޫޅެވޭނެއެވެ.“ ގުލްބާނޫ ސާޅީގެ ތިރީގައި އަތުން ހިފާ ދުރުކޮށްލަމުން ބުންޏެވެ.

”ގުލް ރުޅިއައިސްގެން އުޅޭ ކަންތައް އަދި ކިރިޔާ މިއެނގުނީއެވެ.“ ޢާޞިފް މިހެން ބުނެފައި ބާރަށް ހީގެންފިއެވެ.

”ޢާޞިފް އަޅުގަނޑު ބަދަލުކުރައްވަން ތިޔައުޅުއްވަނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުގެ ގޮތުގައި ކަމުނުދަނީތޯއެވެ؟“ ގުލްބާނޫ ޢާޞިފަށް ފުރަގަސްދިނުމަށްފަހު އަނެއްކާވެސް ރުޅުވެރި އަޑަކުން ބުންޏެވެ.

”މޮޔައެކެވެ. ބޮޑު މޮޔައެކެވެ.“ ކުރިއަށްވުރެވެސް ބާރަށް ޢާޞިފަށް ހީގަނެވުނެވެ.

”ލައްބައެވެ. މޮޔައެކެވެ. ބޮޑު މޮޔައެކެވެ. ކޮންމެވެސް މީސް ސާހިބާއަކު އަޅުގަނޑުގެ ބޮލަށް އަރުވާފައި އެއިނީ އެހެން ވެގެން ނޫންތޯއެވެ؟ ހީވަނީ އެހެން ކަމެއް ހެންނެވެ. އަބަދު ފިލާވަޅު ނަގައިދެނީއެވެ. އިށީންނާނީ މިހެންނެވެ. ތެދުވާނީ މިހެންނެވެ. ވާހަކަ ދައްކާނީ މިހެންނެވެ. ސަލާމް ކުރާނީ މިހެންނެވެ. ތަންދޮރު ނުފިލާ ޖާހިލަކަށްވުރެވެސް އަޅުގަނޑުގެ ކަންތައް ބޮޑެވެ.“ ނުރުހުމާއެކު ގުލްބާނޫ ބުންޏެވެ.

”ތިޔަކަހަލަ ވާހަކަ ނުދައްކާށެވެ. ގުލްބާނޫއަށް ހުރިހާ ކަމެއްވެސް އެނގެއެވެ.“ ގުލްބާނޫއަށް ވިސްނާދިނުމުގެ ގޮތުން ޢާޞިފް ބުންޏެވެ.

”ތިޔަހެންވިއްޔާ ދެންމިއީ ކޮންކަމެއްތޯއެވެ؟“ ހަމަ އެ ރާގުގައި ގުލްބާނޫ ބުންޏެވެ.

”ތިޔައީ…….ތިޔައީ……..“ އެކަށީގެންވާ ޖުމްލައެއް ވިސްނަން ޢާޞިފް މަސައްކަތް ކުރިއެވެ.

”ވެގެން އުޅޭގޮތް އަޅުގަނޑަށް އެނގެއެވެ. ޢާޞިފް ތިޔައުޅުއްވަނީ ބީރައްޓެހި ޖާހިލަކަށް ޝާހީ އަދަބުތައް ދަސްކޮށްދެއްވަން ވެގެންނެވެ.“ ގުލްބާނޫގެ އަޑުގައި އަދިވެސް ހުރީ ނުރުހުމުގެ އަސަރެވެ.

”ގުލްބާނޫ ބީރައްޓެހި ޖާހިލެކޭ ބުނެގެން އަމިއްލަޒާތާމެދު އިހާނާތްތެރި ވެއްޖައީމުއެވެ. އަހަރެން މިސިޒް ޖޯޒަފް ގުލްބާނޫގެ އެދުރު ދައިތައަކަށް ހެދީ ތިޔަ މަޤްޞަދެއްގައެއް ނޫނެވެ. ތެދެކެވެ. ޙަވޭލީގެ އަދަބުތަކެއް ހުރެއެވެ. ގުލްއަކީ ގާތް މުސްތަޤްބަލެއްގައި ޙަވޭލީގެ ޅީދަރިއަކަށް ވާން އުޅޭ ކުއްޖެކެވެ. ވީމާ ގުލްއަށް ޙަވޭލީގެ އާދަކާދައާއި އަދަބުތައް ދަސްކޮށްދިނުމަކީ ކޮންމެހެން ބޭނުންކަމެކެވެ.“ ގުލްބާނޫއަށް ވިސްނައިދޭން ޢާޞިފް މަސައްކަތް ކުރިއެވެ.

”އާޅުގަނޑު ހަވޭލީއަށް ގޮސް ބީރައްޓެހި ޖާހިލެއްހެން އުޅެގެންފިއްޔާ ޢާޞިފް ބަދުނާމުވާނެތީ ބިރުގަންނަނީއެވެ.“ ގުލްބާނޫ މިހެން ބުނެފައި ދެއަތަށް ހެލިލިއެވެ. ”މިސިޒް ޖޯޒަފް ނަގައިދޭ ކޮންމެ ފިލާވަޅެއްވެސް ބަސްބުނާހާ ކުޑަހިނދުކޮޅެއްގެ ތެރޭގައި އަޅުގަނޑު ދަސްކޮށްލަމެވެ. ޢާޞިފްގެ މަޤްޞަދު ވިސްނުނީވެސް އަޅުގަނޑުގެ ސިކުނޑި ރަނަގަޅު ކަމުންނޫންތޯއެވެ؟ ޢާޞިފް އާޅުގަނޑު ޙަވޭލީއަށް ގެންދެވުމުގެ ކުރިން އަޅުގަނޑު ބަދަލުކުރައްވަން އުޅުއްވާތީ އަޅުގަނޑު މިހިރީ ރުޅިއައިސްފައެވެ. މިހާރު އަޅުގަނޑަށް އެނގިއްޖެއެވެ. ކުރީގެ ގުލްއެއް ޢާޞިފަކަށް ކަމަކު ނުދެއެވެ.“

”ނޫނެކެވެ. ގުލްއެވެ.“ ގުލްބާނޫ ދައްކާ ވާހަކަ އަޑުއަހަން ހުރެފައި ޢާޞިފް ބުންޏެވެ. ”ގުލްގެ ސިކުނޑިއަށް ވަދެގެން ތިޔައުޅެނީ ކޮންކަހަލަ ވަސްވާސްވެރިކަމެއް ހެއްޔެވެ؟ އަހަރެންނަށްޓަކައި ގުލްއަކީ ކިހާވަރެއްގެ ކުއްޖެއްކަން ގުލްއަށް ރަނގަޅަށް އެނގޭނެއެވެ. ދެންއޮތީ ގުލްއަށް ޙަވޭލީގެ އަދަބުތައް ދަސްކޮށްދިނުމުގެ ކަންތަކެވެ. އެއިން ކަމެއް ދުވަހަކު ދަސްނުކުރިޔަސް އަހަރެންގެ ހިތުގައިވާ ގުލްގެ ލޯތްބަކަށް ބަދަލެއް ނާންނާނެއެވެ. އަހަރެންގެ ހުރިހާ އެއްޗަކީވެސް ގުލްބާނޫއެވެ. ގުލްއެވެ. ވީމާ ގުލްގެ ގައިގާ ބީރައްޓެހި ނުވަތަ ރައްޓެހި ލޭބަލް ހުރުމެއް ކޮންމެހެން ބޭނުމެއް ނޫނެވެ.“

”ތިޔަހެންވިއްޔާ މިއީ ކޮން އަހުވައެއްތޯއެވެ؟“ ގުލްބާނޫ ބުންޏެވެ.

”ތިޔަ ހުރިހާ ކަމަކީވެސް ފަރުޖާދު ކުރުވާ ކަންތަކެވެ.“ ޢާޞިފް ބުންޏެވެ.

”އެއީ ކީއްވެގެންތޯއެވެ؟“ ގުލްބާނޫ ސުވާލުކުރިއެވެ.

”ހަވޭލީގެ ފުރަތަމަ ޅީދަރިފުޅަށް ޙަވޭލީގެ އަދަބުތައް ނޭނގުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ.“ ޢާޞިފް ބުންޏެވެ.

”ހުނ! ޙަވޭލީގެ އަދަބުތައް ދަސްކޮށްދޭން އޭނާއަކީ ކާކުތޯއެވެ؟“ ގުލްބާނޫ ކުރިއަށްވުރެވެސް ބޮޑަށް ނުރުހުންވިއެވެ.

”ނޫނެކެވެ. ގުލްއެވެ. ނޫނެކެވެ. ފަރުޖާދާ ބެހޭގޮތުން ތިޔަކަހަލަ ވާހަކަ ނުދައްކާށެވެ.“ ޢާޞިފް ބުންޏެވެ. އެއީ އަހަރެމެންނަށް އެންމެ ހެޔޮއެދޭ މީހާއެވެ. އެއީ ވަރަށް ލޯބިވެތި އެހާ މާތް އިންސާނެކެވެ. ގުލްބާނޫއަށްވެސް އޭނާ ރަނގަޅަށް އެނގޭނެއެވެ. ގުލްބާނޫގެ ބައްޕައަށްޓަކައި އޭނާ ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެންނަށްޓަކައި އޭނާ ނުވަނީ ކޮން ޤުރުބާނީއެއް ހެއްޔެވެ؟“

”ތިޔަ ހުރިހާ ކަމެއްވެސް އަޅުގަނޑަށް އެނގެއެވެ.“ ގުލްބާނޫ ކުޑަކޮށް ރަކިވާގޮތްވިއެވެ.

”ގުލްއަދި ބީރައްޓެހި ކުއްޖަކަށްވެފައި ތަހުޒީބާއި ތަމައްދުންގެ އަޞްލު ނޭގޭތީ އަހަރެން ފަދައިން އެނާވެސް އިޢްތިރާޒެއް ނުކުރެއެވެ. ގުލްއަށް އެހުރިހާ ކަމެއް ދަސްކޮށްދެނީ ހަމައެކަނި ޙަވޭލީގެ މީހުންނަށްޓަކައެވެ.“ ޢާޞިފް ބުންޏެވެ.

”ޙަވޭލީގެ މީހުންނަށްޓަކައޭތޯއެވެ؟“ ގުލްބާނޫ ކުޑަކޮށް ޙައިރާންވިއެވެ.

”އާއެކެވެ. ގުލްއެވެ. އަހަރެންނަކަށް އަދި މިވާހަކައެއް ނުބުނެވެއެވެ. ޙަވޭލީގެ މީހުންގެ ތެރެއިން އަހަރެންނާ ފަރުޖާދު ފިޔަވައި އެހެން އެއްވެސް މީހަކު މިކައިވެންޏަކާ ނުރުހެއެވެ. އެންމެންވެސް ތިބީ ގުލްއާ ހަސަދަވެރިވެފައެވެ. ފާޑުކިޔުމާއި މަލާމާތް ކުރުމަކަށް ފަހެއް ނުޖެހެއެވެ. ވީމާ ގުލް ޙަވޭލީއަށްދާ ފަހުން އެމީހުން ގުލްއަށް މަލާމާތް ކުރުމުގެ ފުރުޞަތު ދޭކަށް ފަރުޖާދު ބޭނުމެއް ނުވެއެވެ. ގުލްއަށް ކަންތައްތައް ދަސްކޮށްދޭން މިސިޒް ޖޯޒަފްއާ ހަވާލުކުރީ އެހެން ވެގެންނެވެ. ގުލްއަކީ އާ ޙަޔާތަކަށް ފަށަންއުޅޭ ކުއްޖެކެވެ. ވީމާ އެއީ ގޯސްކަމެއް ނޫނެވެ. ޙަވޭލީ ނޫން އެހެން ތަނެއްގައިވެސް ގުލްއަށް އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިވާކަށް ފަރުޖާދު ބޭނުމެއް ނުވެއެވެ.“ މިގޮތުން ޢާޞިފް ވިސްނައިދިނުމުން ގުލްބާނޫއަށް ހުރިހާ ކަމެއް ވިސްނެން ފަށައިފިއެވެ. ވީމާ، ޢާޞިފްގެ ވާހަކައާ އެއްބަސްވަމުން ގުލްބާނޫ ބޯ ހަލުވާލުމަށްފަހު ހިނިތުންވެލިއެވެ.

”އަހަރެންނަށްޓަކައި ފަރުޖާދު އެކޮށްދޭ ކަންތައް އަހަރެންގެ އެއްބަނޑު އެއްބަފާ މީހަކު ހުރިނަމަވެސް ކޮށްނުދޭނޭކަން ޔަޤީނެވެ.“

”ފަރުޖާދަކީ ޢާޞިފްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ނޫންތޯއެވެ؟“؟ ގުލްބާނޫ ހައިރާންވިއެވެ. ވީމާ، އޭނާގެ ޙައިރާންކަން ފިލުވާލުމަށްޓަކައި ޢާޞިފް ކުރުގޮތަކަށް ހުރިހާ ވާހަކައެއް ގުލްބާނޫއަށް ކިޔައިދިނެވެ. އޭނާގެ ވާހަކަ ނިމެންދެން ގުލްބާނޫ ޙައިރާންކަމާއެކު އަޑުއަހަން އިނދެފައި ބުނެލިއެވެ. ”ހަޤީޤަތުގައިވެސް ކުޑަސާހިބަކީ ވަރަށް މާތް ބޭކަލެކެވެ.“

”ދެންވެސް ގުލް އޭނާއަށް ކިޔާނީ ކުޑަސާހިބާހެއްޔެވެ؟“ ޢާޞިފް ހީލަމުން ބުންޏެވެ.

”އުހު! ބޮޑު ސާހިބެވެ.“ މަޢްސޫމް ގޮތަކަށް ގުލްބާނޫ ބުނެލިއެވެ.

”މޮޔައެކެވެ.“ ޢާޞިފް ލޯތްބާއެކު ގުލްބާނޫގެ ކޮލުގައި އަތް ހާކާލިއެވެ. އެއީ ކުޑަސާހިބެއްވެސް ނޫނެވެ. ބޮޑު ސާހިބެއްވެސް ނޫނެވެ. އެއީ ކޮއްކޮއެވެ. އަހަރެންގެ ކޮއްކޮއެވެ.“

”އުހު! އަޅުގަނޑު ކޮއްކޮ ނުކިޔާނަމެވެ. އަޅުގަނޑު އޭނާއަށް ގުލްލާލާއެވެ.“ ގުލްބާނޫ ބުންޏެވެ.

”ރަނގަޅު ނަމެކެވެ.“ ޢާޞިފް ބުންޏެވެ.

”ލައްބައެވެ. ރަނގަޅު ނަމެކެވެ. ލޯބި ނަމެކެވެ. އަޅުގަނޑުގެ ބައްޕަގެ ރަށުގެ ރަންހެން ކުދިން ކޮއްކޮދެކެ ލޯބިން ކިޔަނީ ގުލްލާލާއެވެ.“ ގުލްބާނޫ ލޯބިގޮތަކަށް ބުނެލިއެވެ. ޢާޞިފް ހޭންފެށިއެވެ.

”މިހާރު ރުޅިގަނޑު މަޑުވީދޯއެވެ؟“ ޢާޞިފް ލާނެތްކަމާއެކު ބުނެލިއެވެ.

”ލައްބައެވެ. މުޅިން މަޑުވެއްޖެއެވެ.“ ގުލްބާނޫ އުފަލާއެކު ހީލިއެވެ.

”ތިޔަހެން ވިއްޔާ ކޮޅުކޮޅަށް ހިގާލާ އަރިއަށް ލެނބިލައިގެން ސާޅިގެ ރީތިކަން އަހަރެންނަށް ދައްކާލަބަލާށެވެ.“ ޢާޞިފް މިހެން ބުނުމުން ގުލްބާނޫ ގޮތްގޮތަށް ހިނގާލާ ސާޅީގެ ކަންގަނޑު ނިއުޅުވާލާ އަތްދުރުކޮށްލާ މިކަހަލަ ފަރި ހަރަކާތްތަކަކުން ސާޅީގެ ރީތިކަން ދައްކާލިއެވެ. އޭރު އޭނާ އަރައިގެން ހުރީ ފުންނާބު އުސް ފައިވާނަކަށެވެ. ވީމާ، އޭނާ އަރިއަޅާލާގޮތްވިއެވެ. އެތަން ފެނުމުން ޢާޞިފް ދުވަފައިގޮސް އޭނާގެ ގައިގާ ހިފަހައްޓާ ދެއަތުން ބޮނޑިކޮށްލިއެވެ.

 

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.