ޢާޞިފާއި ގުލްބާނޫގެ ކައިވެނީގެ ޚަބަރު ޙަވޭލީއަށް ބޮންއެޅި ޚަބަރެއް ކަމުގައިވެއެވެ. މުޅި ޙަވޭލީގައި ޙައިޖާނު އުފެދުނެވެ. ޙަވޭލީގެ ބިއްދޮށްފަރާތުގެ އެޕާޓްމަންޓްތަކުގެ ތެރެއިން އެޕާޓްމެންޓެއްގައި ދިރިއުޅޭ ޠޯލިއާ ބޭގަމްއަށް އެ ޚަބަރު ލިބުމާއެކު ފައިވާނަށްވެސް ނާރާ ދުވެ ގަޑަގަޑަޖަހާފައި ފައުޒީގެ މަންމަގެ ގާތަށް ދިޔައެވެ.
”އޭ ދައްތާއެވެ. ވާހަކައެއް އަޑުއެހިން ހެއްޔެވެ؟“ ޠޯލިޢާ ބޭގަމް މާނޭވާއެއްލަމުން ބުންޏެވެ.
”ކޮންވާހަކައެއް ހެއްޔެވެ؟“ ކުރިއްސުރެވެސް މޫނުގެ ކުލަ ފަނޑުވެފައިވާ އެ އަންހެނާ ނުރުހުމާއެކު ބުންޏެވެ.
”ޢާޞިފްގެ ކައިވެނި ހަމަޖެހިއްޖެއެވެ. ބީރައްޓެހި މަންޖެއަކާއޭ ބުނާތީ އެހީމެވެ.“ ޠާލިޢާ ކަންބޮޑުކޮށްލިއެވެ.
”އާއެކެވެ. އަހަރެން އަޑުއެހީމެވެ. މިއަދު ޒުބައިރު ތިޔަވާހަކަ ބުންޏެވެ.“ ފައުޒީގެ މަންމަ ރުޅިވެރި އަޑަކުން ބުންޏެވެ. ”ޕަޓާނެއްގެ ދަރިއެކޭ ބުނާތީވެސް އެހީމެވެ. އެއީ މާ ރީތި އަންހެން ކުއްޖެކޭ ބުނާތީވެސް އެހީމެވެ.“
”ކިތަންމެ ރީއްޗަސް އެއީ ބީރައްޓެހި ކުއްޖާގަނޑެއް ނޫންހެއްޔެވެ! އަހަރެން ހަމަ ހައިރާންވެއްޖައީމެވެ. ފަރުޖާދާ ޢާޞިފަށްވެފައި އެތިބީ ކީއްހެއްޔެވެ؟“ ޠޯލިޢާ ބުންޏެވެ.
”އެމީހުންގެ ހިތަށް އައިހާ ކަމެއް އެކުރަނީ އެއްޗެއް ބުނާނޭ ބޮޑުމީހަކު ނެތީމައެވެ.“ ފައުޒީގެ މަންމަ ބުންޏެވެ.
”އެކައިވެންޏަށް އެދެން ދިޔައީވެސް ފަރުޖާދެވެ.“ ޠޯލިޢާ ބުންޏެވެ.
”އަހަރެންވެސް އެންމެ ދެރަވަނީ ތިޔަކަމާއެވެ. ބޮޑުބޭބެއާ ވާހަކަ ދައްކާލިނަމައެވެ. ޙަވޭލީއަށް ބީރަށްޓެހި ކުއްޖަކު ގެނައި ނަމަވެސް މިތިބައުޅޭ ހަރުމީހުންގެ ތެރެއިން މީހަކު ފޮނުވިނަމަ ވާނީ ކީއްހެއްޔެވެ؟“ ފައުޒީގެ މަންމަ ބުންޏެވެ.
”އަމިއްލަ ކަންތައްތައް އަމިއްލައަކަށް ކުރުމަކީ ރަނގަޅު ކަމެކެވެ. އެކަމަކު އެކައިވެންޏަކީ މާގިނަ ދުވަހަށް ދެމިއޮންނާނޭ ކައިވެންޏެއް ނޫނެވެ. ރީއްޗަކީ ފިލާނުގޮސް ހުންނާނޭ ސިފައެއް ނޫނެވެ. އިންސާނެއްގެ އަސްލު ރީތިކަމަކީ އަޚްލާޤެވެ. ތަރުބިއްޔަތެވެ. އެއަންހެން ކުއްޖާ ކިތަންމެ ރީއްޗަސް އޭނާއެކޭ ޖަނަވާރެކޭ ތަފާތެއް ނުހުންނާނެއެވެ.“ ޠޯލިޢާ ބުންޏެވެ.
”އަޅާނުލާށެވެ. އަހަރެމެންނަށް ކޮންކަމެއް ހެއްޔެވެ؟ އަހަރެމެންގެ ދަރިންނަށް ލިބެންހުރި އެއްޗެއް އެދަރިންނަށް ލިބޭނެއެވެ. މިހާރު އެކުރެވެނީ ޢާޞިފްގެ ކައިވެންޏެވެ. ފަރުޖާދުގެ ކައިވެންޏަށް ނުވީތީ ޝުކުރު ކުރާށެވެ.“ ފައުޒީގެ މަންމަ ބުންޏެވެ.
”ބަލަން ތިބޭށެވެ. ތިޔަބުނާ ފަރުޖާދުވެސް ގެންނާނީ ހަމަ އެކަހަލަ އަންހެނެކެވެ. އޭނާގެ މަންމަ ނިޔާވިފަހުން ދެމީހުން އެތިބީ ހުރިހާ ޤައިދަކާއި ހުރިހާ ބަންދެވުމަކުން މިނިވަންވެފައެވެ.“ ޠޯލިޢާ ބުންޏެވެ.
މިތަނުގައި އޭގެ ދެއަންހެނުން ޓުކުނިމަހަށް ބޯގަތާލައިގެން ވާހަކަ ދައްކަމުން ދާއިރު ޙަވޭލީގެ އަނެއްބައިގާ އުޅޭ މީހުންގެ ކަންތަކެއްވެސް ވަކިން ދެރައެއް ނޫނެވެ. މުޠުލޫބުބޭބެ ރުޅިއައިސްގެން ރަތްވަނީއެވެ. އަމުދުން އޭނާގެ އަނބިމީހާ ޙަވޭލީގައި އޭނާގެ ހައިޘިއްޔަތަކީ ކޮބައިކަން ވިސްނައިދިނުމުން ދެނަކާ ދެނެއް ނެތެވެ.
”އެމީހުންގެ އަނގަޔަށް ވެއްޓެން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ؟ މިޙާވޭލީގައި ބޯ ހިޔާކޮށްލައިގެން އަހަރެމެންނަށް ތިބެވޭކަން އެއީވެސް ކިހާ ރަނގަޅު ކަމެއް ހެއްޔެވެ؟ ޙަވޭލީގެ ހުރިހާ ބާރެއް މިހާރުއޮތީ އެމީހުންގެ އަތްމަތީގައެވެ. ވީމާ އަހަރެމެން މަޑުމަޑުން ކުޅިވަރު ބަލަން ތިބީމާ ނިމުނީއެވެ.“ މަޠުލޫބުގެ އަނބިމީހާ އަދިވެސް ބޮޑަށް މަޠްލޫބު ރުޅިއަރުވަން މަސައްކަތް ކުރިއެވެ.
ޙަވޭލީގެ އެކިކަންކޮޅުތަކުގައި މިއަދުގެ މަޥްޟޫއަކީ ޢާޞިފްގެ ކައިވެނީގެ ވާހަކައެވެ. އޭގެތެރޭގައި ފަރުޖާދުގެ ނަން އަންނަލެއްވެސް މަދެއް ނޫނެވެ. ކޮންމެވެސް އެއް ދައްތައަކު ފަރުޖާދު ގެންގުޅެ ބޮޑުކުރި އާޔާގެ ގާތަށްގޮސް ޝަކުވާ ކުރިއެވެ.
”އަހަރެމެންގެ ދަރިން ވަކިން ހުތުރީ ހެއްޔެވެ؟ ދެރައީ ހެއްޔެވެ؟ ގޮތެއްނެތީ ހެއްޔެވެ؟ ތަރުބިއްޔަތެއް ނުލިބެނީ ހެއްޔެވެ؟“ ފަރުޖާދުގެ އާޔާގެ ގާތުގައި ވާހަކަ ދައްކަމުންގޮސް ޝީރީން ބުންޏެވެ.
”ވަރަށް ވިސްނާފައި ނޫނީ އޭނާ ތިޔަކަހަލަ ފިޔަވަޅެއް ނާޅާނެއެވެ.“ އާޔާ ވަރަށް މަޑުމަޑުން ބުނެލިއެވެ.
”އަބަދުވެސް ފަރުޖާދަށް ކަމުދާނީ ވަރަށްމޮޅު އެއްޗިއްސެވެ. ވީމާ ޢާޞިފަށްޓަކައި އޭނާ އެ ޢައްޔަންކުރި ކުއްޖާވާނީ ޔަޤީނުންވެސް ވަރަށް ރަނގަޅު ކުއްޖަކަށެވެ.“
”އޭހޭ! މިކަމުގައި އޭނާއަށް ކަމުދިއުމާއި ނުދިއުމެއް ނޯންނާނެއެވެ. އެ ބީރައްޓެހި އަންހެން ކުއްޖާގަނޑު ހޯދައިގެން އެއުޅެނީ ޢާޞިފް އަމިއްލައަށެވެ.“ ޝީރީން ބުންޏެވެ.
”އެންމެ ރަނގަޅެވެ. އެއީވެސް ވަރަށް ވިސްނުންތޫނޫ ކުއްޖެކެވެ.“ އާޔާ ބުންޏެވެ.
ފަރުޖާދާ ޢާޞިފްގެ ކައިވެންޏަށެ އުއްމީދު ކޮށްގެން ޙަވޭލީގައި ތިބި ޒުވާން އަންހެން ކުދިންނަށް އެ ޚަބަރު އިވުމެކޭ ގުގުރާފައި ހޮނުއެޅުމެކޭ އެއްފަދަވިއެވެ. އެކުދިންގެ މޫނުތައް އެލުނެވެ. ލޯތަކުން އުޖާލާކަން ކަނޑުނެވެ. އެކައިވެންޏާއި މެދު އެކަކު އަނެކަކަށް މަލާމާތްކޮށް އެއްޗެތިކިޔާ ހަދަން ފެށިއެވެ. މަތީ ތަޢްލީމު ޙާޞިލްކޮށްގެން ހުރި ތަހުޒީބު ރީތި ޒުވާން ފިރިހެނަކަށްޓަކައި ބީރައްޓެހި އަންހެން ކުއްޖެއްގެ އެއްވެސް ހައިޘިއްޔަތެއް ނެތްކަމުގައި އެންމެންވެސް ވާހަކަ ދެއްކިއެވެ. ފަރުޖާދާ ޢާޞިފްގެ އެނިންމުމާމެދު އެންމެންވެސް ޙައިރާންވިއެވެ. ރުޅިއައެވެ. ހޯދަން އުޅެފިނަމަ ކިތަންމެ މަތީ ޢާއިލާއަކުންވެސް އެމީހުންނަށް އަންހެން ކުދިން ލިބިދާނެއެވެ. ޑޮކްޓަރ ބާޤިރުގެ އަންހެން ދަރިފުޅު ވަކިން ހުތުރީހެއްޔެވެ؟ ސޭޓު ޔޫނުސްގެ ކާފަ ދަރިފުޅުގެ ތަޢްލީމެއް ނެތީހެއްޔެވެ؟ އެމީހުން އިޝާރާތްކޮށްލި ދިމާއަކުން އަންހެން ކުދިން ނުލިބުނީ ހެއްޔެވެ؟ ޙަވޭލީގައި މިކަހަލަ ވާހަކަތައް ދެކެވެމުންދާއިރު ބައެއް ޖެހިލުންކުޑަ އަންހެން ކުދިން ގުލްބާނޫ ދެކެލުމަށްޓަކައި އަވަށަށްވެސް ދިޔައެވެ.
ޢާޞިފްގެ ކައިވެންޏަށް ތައްޔާރުކުރުމަށްޓަކައި ފަރުޖާދު އަނެއްކާވެސް އަތުކުރި އޮޅާލިއެވެ. ހީވަނީ އޭނާއަކީ ޢާޞިފްގެ މަންމައާއި ބައްޕަހެންނެވެ. ގޮތެއް ގޮތެއް ނުބަލާ ފައިސާތައް ޚަރަދު ކުރަމުންދެއެވެ. ގުލްބާނޫއަށްޓަކައި އަގުބޮޑު ހެދުންތައް ގަންނަމުންދެއެވެ. މުޅިން އާ ގަހަނާއާއި ދުވަސްވެ ޢާޘާރީވެފައިވާ ގަހަނާތައް އެއްކުރަމުންދެއެވެ. ޙަވޭލީގެ ތިރީގައި ހުންނަ ހަތަރު ކޮޓަރީގެ އެޕާޓްމަންޓެއް ގުލްބާނޫއަށްޓަކައި ޚާއްސަކޮށް ޒީނަތްތެރި ކުރަމުން ގެންދެއެވެ. އެގޮތުން އާ ފަރުނީޗާރަށް އޯޑަރު ދިނުމާއި ދޫލަ ބަދަލުކުރުމާއި އަގުބޮޑު މާޖަހާ އެއްޗެތި ގަތުމާއި މިކަހަލަ ކިތަންމެ ކަމެއް ހިމެނެއެވެ.
އަލަތު ދެމަފިރިން އާ ކައިވެނީގެ ރޭ ހޭދަކުރަންހުރި ކޮޓަރި ޒީނަތްތެރިކުރީ ފަރުޖާދުގެ އަމިއްލަ އަތުންނެވެ. އެކޮޓަރިއަށް ބޭނުންވާ ހުރިހާ އެއްޗެއްވެސް ހޯދީ ރަތްކުލައިންނެވެ. ދޫލަހޯދީ ރަތްކުލައިންނެވެ. ޖުމްލަ ގޮތެއްގައި އެކޮޓަރި ތައްޔާރު ކުރެވިފައި އެވަނީ ކަތިލެވިފައިވާ ހިތަކުން އޮހޮރުނު ލިއިންނެވެ. އެކަން އެނގުނީ ހަމައެކަނި ފަރުޖާދަށެވެ. ކޮންމެއަކަށް ފަރުޖާދުގެ މިޝަޢުޤުވެރިކަމަށްޓަކައި ޢާޞިފްގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. ޝައްކެއް ނެތެވެ. ޢާޞިފް ޙަވޭލީގައި ދިރިއުޅެނީ ފަރުޖާދުގެ ބޭބެއެއްގެ ހައިޘިއްޔަތުންނެވެ. އެކަމަކު ފަރުޖާދު އޭނާދެކެ އެހާ ބޮޑަށް ލޯބިވެ އެހާވަރަށް ޚަރަދު ކުރާނެއެކޭ އޭގެކުރިއަކުން އޭނާގެ ހިތަކަށް ނާރައެވެ. އެއީ ފަރުޖާދުގެ ހިތްހެޔޮކަމެވެ. އިޚްލާޞްތެރިކަމެވެ. އޭނާދެކެވާ ލޯބީގެ މަތިވެރިކަމެވެ. އެކަމުގެ ހަޤީޤަތުގެ ކުޑަތަންފުކެއްވެސް އޭނާއަކަށް ނޭގެއެވެ. ގުލްބާނޫއަށްޓަކައި ފަރުޖާދުގެ ހިތުގައި އުފެދިފައިވާ ލޯތްބާއި ޤަދަރުގެ ހިލަމެއްވެސް އޭނާއަކަށް ނުވެއެވެ. ވީމާ، ފަރުޖާދު އޭނާއަށްޓަކައި އެހާބޮޑު ކަންތައްތަކެއްކޮށް ފެންފަދައިން ފައިސާ ޚަރަދު ކުރަމުންދާތީ އެކަން މަނާކޮށް ޚަރަދުތައް މެދުމިނެއްގައި ގެންދޭތޯ ނަޞީޙަތްދިނުމަކީ އޭނާގެ ވާޖިބެއް ކަމުގައި ޤަބޫލުކުރިއެވެ.
އެދުވަހު ފަރުޖާދު އޭނާގެ މަންމަ ރައްކާކޮށްފައި ހުރި އެގުބޮޑު ގަހަނާތައް އަޅާފައިހުރި ރިހިކުލައިގެ ފޮށި ހުޅުވާލައިގެން އިނެވެ. އެއީ އެޢާއިލާގެ ދަރިދަރިކޮޅުން ފެށިގެން ރައްކާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ގަހަނާތަކެކެވެ. އެތަކެތި އަބަދުވެސް ހުންނަނީ ޙަވޭލީގެ ވެރިމީހާގެ އަނބިމީހާ ބޭނުންކުރާ އެއްޗެއްގެ ގޮތުގައެވެ…… އުޅާބައެވެ. ތަނޑިބައެވެ. ކަންފަތުމުދިއެވެ. އަނގޮޓިއެވެ. ކަރުގައަޅާ ހާރެވެ. ނޭފަތުގަލާ މުދިބައެވެ. ފައިގާ އަޅާ ތަކަހޮޅިއެވެ. އިސްތަށިގަނޑުގައި އަޅާ ޖަވާހިރު ފައްޗެވެ. މިހެންގޮސް ނަން ހުސްކޮށެވެ. ކޮންމެ ވައްތަރަކުން އެތައް ބައިވަރެކެވެ. އެއިން ކޮންމެ އެއްޗެއްވެސް އެހާރީއްޗެވެ. އެހާ އަގުބޮޑެވެ. މިހާރުއެތަކެއްޗަކީ ފަރުޖާދުގެ އަނބިމީހާއަށް ހުރި އެއްޗިއްސެވެ….. ނަމަވެސް އޭގެތެރެއިން ކޮންމެ ވައްތަރަކުން އެކަތި ގުލްބާނޫއަށް ދޭން މިހާރު ފަރުޖާދު ނިންމައިފިއެވެ. ޝައްކެތްނެތެވެ. ފަރުޖާދަށްޓަކައި ގުލްބާނޫއަށްވުރެ ވަކިން ގާތް ވަކިން ލޯބިވެތި އިންސާނަކު ދެން ނުހުންނާނެއެވެ. ކާމިޔާބުވުމާއި ނާކާމިޔާބުވުމަކީ އޭނާގެ ނަޞީބުގައިވާކަމެކެވެ. ނަމަވެސް އަމިއްލައަށް ހެދިބޮޑުވާ ވެލެއް ފަދައިން އޭނާގެހިތުގައި އުފެދި ބޮޑުވެ މުޅިހިތަށް ފެތުރެމުންދާ ގުލްބާނޫގެ ލޯބި މުލުން ލުހެލައި އެއްލައިލެވޭނޭ މީހާކު ހުންނާނޭ ހެއްޔެވެ؟ ނުހުންނާނޭކަން ކަށަވަރެވެ. މިއީ އަބަދުވެސް އޭނާގެހިތަށް އަރާ އެއްޗެކެވެ. އާއެކެވެ. އޭނާއަކީ ކިހާބޮޑު މުނާފިގެއްހެއްޔެވެ؟ މިއީވެސް އޭނާގެ ހިތަށް އަރާ އެއްޗެކެވެ. އާއެކެވެ. ހިތުގައި އޮންނަނީ އެހެން އެއްޗެކެވެ. ފައުޅުކުރަނީ އެހެން އެއްޗެކެވެ. އެއީ އެންމެ ބޮޑެތި މުނާފިޤުންގެ ގޮތް ނޫންހެއްޔެވެ؟ ކުރާނީ ކީއްހެއްޔެވެ؟ އެއީ އޭނާގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ. ފުރާނަ ނުދަނީވިއްޔާ އޭނާވެސް ދިރިއުޅެން ޖެހޭނެއެވެ. ދިރިއުޅޭ ކަމަށްވަންޏާ ދެފުށް ދެގޮތްކުރަން މަޖުބޫރުވާނެއެވެ. ގަހަނާތައް އެނދުމަތީގައި އަތުރައިގެން އިނދެވެސް އޭނާ އެކަހަލަ ޚިޔާލުތަކެއްކުރިއެވެ. އެގަހަނާތަކުން ޒީނަތްތެރިވެ ނަލަވެފައިވާ ގުލްބާނޫގެ ނަލަކަމާއި ފަރިކަން އޭނާގެ ހިތަށް ގެނައެވެ. ޝައްކެތް ނެތެވެ. ގުލްބާނޫއަކީ ސާދަވިލޭރޭގެ ހަނދަށްވުރެވެސް ރީތި ކުއްޖެކެވެ.
ފަރުޖާދު ގަހަނާފޮށި އޮއްސާލައިގެން ތަފާތު ޚިޔާލުތައް ކުރަން އިންދާ ޢާޞިފް ކޮންމެވެސް ކަމަކު އެތަނަށް އަތުވެއްޖެއެވެ. އެވަގުތު އެމަންޒަރު ފެނުމާއެކު ފަރުޖާދުގެ މަޤްސަދު އޭނާއަށް ވިސްނިއްޖެއެވެ. ވީމާ، އެއީ ފަރުޖާދަށް ވިސްނައިދިނުމަށްޓަކައި މިހާތަނަށް ލިބިފައިނުވާފަދަ ރަނގަޅު ފުރުޞަތެއްކަން އޭނާއަށް ޤަބޫލު ކުރެވުނެވެ.
”ފަރުޖާދުއެވެ. ތިޔަހުރިހާ އެއްޗިއްސަކީވެސް މަންމަގެ އަމާނާތެވެ.“ އެނދުގެ އަނެއް ފަރާތުގައި އިށީންނަމުން ޢާޞިފް ބުންޏެވެ.
”އަހަރެންނަށް އެނގެއެވެ.“ ޖަވާހިރުޖެހި އުޅަލެއް ނަގަމުން ފަރުޖާދު ބުންޏެވެ.
”މަންމަ ތިޔަ ހުރިހާ އެއްޗިއްސެއް ރައްކާކޮށްފައި ތިޔަހުރީ ފަރުޖާދުގެ އަނބިމީހާއަށްޓަކައެވެ. ވީމާ ތިޔަ އެއްޗެތި ފޮއްޓަށްލާ ތަޅުލިއްޔާ ރަނގަޅުވާނެއެވެ.“ ޢާޞިފް ބުންޏެވެ.
”ނޫނެކެވެ. މިއީ ގުލްބާނޫގެ އެއްޗިއްސެވެ.“ ފަރުޖާދު މިހެން ބުނިއިރު އޭނާގެ އަޑުގައިވާ ހިތި އަސަރުތަކެއް ޢާޞިފަކަށް އިޙްސާސެއް ނުކުރެވުނެވެ.
”ފަރުޖާދެވެ……“ ޢާޞިފް ކޮންމެވެސް އެއްޗެއް ބުނަން އުޅުނެވެ.
”ޢާޞިފްއެވެ. އިތުރު ވާހަކަ ނުދައްކާށެވެ. އަހަރެން މިތަކެތި ކޮންމެ މީހަކަށް ދިނިއްޔާ އާޞިފަށް ކީއްހެއްޔެވެ؟“ ފަރުޖާދު ނުރުހުމާއެކު ބުންޏެވެ.
”ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަން ވާނެއެވެ. މިހާރުވެސް ފަރުޖާދު ކިހާ ބައިވަރު ގަހަނާއެއް ހައްދައިފީމު ހެއްޔެވެ؟ ގުލްބާނޫއަށް އެވަރުން ފުދެއެވެ. ތިޔަގަހަނާތަކަކީ ފަރުޖާދުގެ އަނބިމީހާގެ އަމާނާތެވެ.“ ޢާޞިފް މަޑުމައިތިރިކަމާއެކު ވިސްނައިދިނެވެ.
”އަހަރެންގެ އަތްބަކު ދެން މިޙަވޭލީއަކަށް ނާންނާނެއެވެ. ވީމާ މިހުރިހާ އެއްޗިއްސަކީވެސް ގުލްބާނޫގެ އެއްޗިއްސެވެ. ޚާއްސަކޮށް މިއަނގޮޓިއަކީ އޭނާގެ ޙައްޤެކެވެ.“ ގޮތް ދޫނުކުރުމުގެ ރާގަކަށް ފަރުޖާދު ބުންޏެވެ.
”ނޫނެކެވެ. ފަރުޖާދެވެ.“ ޢާޞިފްވެސް ދުލެއް ނުކުރިއެވެ.
”ނޫނެކޭ ތިޔަބުނަނީ ކީއްވެގެން ހެއްޔެވެ؟“ ފަރުޖާދު ނުރުހުންވިއެވެ.
”އެހެން މިބުނަނީ ތިޔައީ އާދަކާދައާވެސް ޚިލާފު ކަމަކަށްވާތީއެވެ.“ ޢާޞިފް ބުންޏެވެ.
”ޢާޞިފެވެ. ގުލްބާނޫއަކީ މިޢާއިލާގެ ފުރަތަމަ ޅީދަރިފުޅެވެ.“ ފަރުޖާދު ބުންޏެވެ.
”ނޫނެކެވެ. ފަރުޖާދެވެ. މިޢާއިލާގެ ޅީދަރިއަކަށްވާނީ ފަރުޖާދުގެ އަނބިމީހާއެވެ. އަހަރެންނަކީ މާދުރު މީހެކެވެ. ދުރުތާ ތިމާގެ މީހެކެވެ. އަހަރެން ގާތްވެފައި މިވަނީ ފަރުޖާދުގެ މަންމައާއި ފަރުޖާދުގެ ހެޔޮކަމުންނެވެ…. ވީއިރު އަހަރެންގެ އަނބިމީހާއަށް ތިޔަތަކެތި ޙައްޤެއް ނުވާނެއެވެ. އަމުދުން އޭނާއަށް އަނގޮޓި ދީގެން ނުވާނެއެވެ.“ ޢާޞިފް ބުންޏެވެ.
”އަހަރެންގެ އަނބިމީހާއާއި ޢާޞިފްގެ އަނބިމީހާއާ ހުރި ތަފާތެއް އަހަރެންނަކަށް ނުފެނެއެވެ.“ ހަރުކަށިކަމާއެކު ފަރުޖާދު ބުންޏެވެ. އެހެންކަމުން ޢާޞިފް އިތުރު އެއްޗެއް ނުބުނެ ގަހަނާތައް ފޮއްޓަށް އަޅަން އުޅެނިކޮށް ފަރުޖާދު އޭނާގެ އަތް ދުރަށް ކޮށްޕާލިއެވެ. ދެލޮލުން ރުޅުވެރިކަން ފާޅުކުރިއެވެ.
”ޢާޞިފް އަހަރެންގެ އުފާތަކަށް ހުރަސްއަޅަން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ؟“
”ފަރުޖާދުގެ އެއްވެސް ކަމަކަށް ހުރަސްއަޅާކަށް އަހަރެން ނޫޅެމެވެ. އެއީ އަހަރެންނަށް ކުރެވޭނޭ ކަމެއްވެސް ނޫނެވެ.“ ޢާޞިފް ވަރަށް ބޮޑަށް ދެރަވިއެވެ.
”ތިޔަހެން ބުނާއިރު ޢާޞިފް ތިޔަކުރަނީ ކީއްހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.
”މިހާރުވެސް ގުލްބާނޫއަށް ފުރިފައި އިތުރުވާވަރަށް ގަހަނާ އެބަހުއްޓެވެ. ވީމާ، މިއުޅެނީ ފަރުޖާދަށް ޙަޤީޤަތް ވިސްނައިދޭށެވެ.“ ޢާޞިފް ބުންޏެވެ.
”ޢާޞިފެވެ. ރަނގަޅަށް އަޑުއަހާށެވެ. ގުލްބާނޫއަށްޓަކައި މިހުރިހާ ގަހަނާވެސް މަދެވެ.“ ފަރުޖާދު ބުންޏެވެ. ފަރުޖާދު ކުޑަކޮށް ގުދުވެލާފައި އެނދުމަތީގައި ހުރި ގަހަނާތައް ދެއަތުން އެއްކޮށްލިއެވެ.
ފަރުޖާދު އެޖުމްލަ ބުނެލިގޮތަކުން ޢާޞިފް ސިއްސައިގެންދިޔައެވެ. ހިތުގައި ޝައްކު އުފެދުނެވެ. އެތަކެއް ހާދިޘާ އޭނާގެ ސިކުނޑިއަށް ހަމަލާދިނެވެ. ނުތަނަވަސްކަމާއެކު ފަރުޖާދުގެ މޫނަށް ބަލައިލިއެވެ. އޭރު ގަހަނާތަކުން ބައެއް އަތަށް ނަގައިގެން ހިތް ކުދިކުދިވާފަދަ ނަޒަރަކުން އެއާ ދިމާއަށް ބަލަހައްޓައިގެން ފަރުޖާދު އިނެވެ.
ޝައްކަކީ އެޓަމްއާއި ހައިޑަރޯޖަން ބޮމަށް ވުރެވެސް ނުރައްކާތެރިވެފައި ބާރުގަދަ އެއްޗެކެވެ. ވީއިރު ޢާޞިފަކީ އިންސާނެކެވެ. އޭނާ ކުނޑިކުނޑިވެގެންދާކަށް ލަހެއްނުވާނޭތޯއެވެ؟ އޭނާއަށް ވާންވީގޮތެއް ހަމަ އެވަގުތު ވެނިމިއްޖެއެވެ. އޭނާގެ ހިތުގައި އުފެދުނު ޝައްކު ބޮޑުވަމުންގޮސް މުޅިސިކުނޑިއަށް ފެތުރިގެން ދިޔައެވެ. ފަރުޖާދުގެ ލޯބި އޭނާއަށްޓަކައި ޤުރުބާން ކުރަނީ ކަމުގައި ހިތްބުނެފިއެވެ. އެހެން ވެއްޖިއްޔާ ފަރުޖާދަށްޓަކައި ޤުރުބާންވުމުގެ ހިތްވަރު އޭނާގެ ކިބައިގައިވެސް ހުންނަން ޖެހޭނެއެވެ. ފަރުޖާދަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް އޭނާ ޖެހިލުންވެގެން ނުވާނެއެވެ.
”ފަރުޖާދެވެ…..“ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައި ޢާޞިފް ބުނެލިއެވެ. ފަރުޖާދު ރަތްރަތް ދެލޮލުން އޭނާއާ ދިމާއަށް ބަލައިލިއެވެ. ”އަހަރެން ވާހަކައެއް އަހަން ހެއްޔެވެ؟“
”އެންމެ ވާހަކައެއް ނޫނެވެ. ހާސްވާހަކަ އަހާށެވެ.“ ގަހަނާތައް ފޮއްޓަށް އަޅަމުން ފަރުޖާދު އިސްޖަހާލިއެވެ.
”ތެދުތެދަށް ބުނަން ވާނެއެވެ.“ ސީރިއަސްކަމާއެކު ޢާޞިފް ބުންޏެވެ.
”ދުވަހަކުވެސް ޢާޞިފްގެ ގާތުގައި އަހަރެން ދޮގުހެދިންހެއްޔެވެ؟“ ފަރުޖާދު ކުޑަކޮށް ނުރުހޭގޮތްވިއެވެ.
”އާއެކެވެ. މީގެކުރިއަކުން ދޮގެއް ނަހަދައެވެ. އެކަމަކު މިހާރު އެބަ ދޮގު ހަދައެވެ.“ ފަރުޖާދު މޫނަށް ބަލަހައްޓައިގެން އިނދެ ޢާޞިފް ބުންޏެވެ.
”ތިޔަބުނި އެއްޗެއް އަހަރެންނަކަށް ނޭގުނެވެ.“ ފަރުޖާދު ނޫންކަމަށް ހެދިގެން އިނދެ ބުންޏެވެ.
”ގުލްބާނޫދެކެ ފަރުޖާދު ލޯބިވަމުއެވެ.“ މިހެން ބުނިއިރު ޢާޞިފްގެ އަޑުގައި ހަރުކަށިކަން ހުއްޓެވެ.
ޢާޞިފް ޖުމްލަ ނިންމާލެވުނީ ހަމަކިރިޔާއެވެ. ފަރުޖާދު ފުންމައިގެން ގޮސް ޢާޞިފްގެ ކަންކަށީގައި ވަރުހެލި އެތިފަހަރެއް އެޅިއެވެ. ޢާޞިފް ސިއްސައިގެންގޮސް އިދިފުށަށް ވެއްޓެން އުޅުނެވެ. އޭނާ ޙައިރާންވެ އަންތަރީސްވެގެން ދެލޯ ބޮޑުކޮށްގެން ފަރުޖާދާ ދިމާއަށް ބަލަން އިނެވެ.
”ޢާޞިފަށް ތިޔަހާ ބޮޑު ވާހަކައެއް ފަސޭހަކަމާއެކު އަހަރެންނާ ދިމާއަށް ބުނަން ކެރުނީ ކީއްވެގެން ހެއްޔެވެ؟….. ކީއްވެގެން ހެއްޔެވެ؟….“ ދުނިޔެއިން މޮޔަވެފައިވާ މީހަކު ފަދައިން ދެއަތް ދެއަތަށް މޮޑެމުން އިތުރު ހަރަކާތްތަކެއް ކުރަމުން ފަރުޖާދު ބުންޏެވެ. އެހާތަނުން ޢާޞިފްގެ ހިތާއި ސިކުނޑީގައި އުފެދިފައިވާ ޝައްކާއި ވަސްވާސްތައް މުޅިން ފިލާ ހިނގައްޖެއެވެ. ހީވީ ތޫނުވަޅިއަކުން ކަނޑާ ބުރިކޮށްފައި އެއްލައިލިހެންނެވެ. އެޖުމްލަ ބުނެވުނު ކަމުގެ ހިތާމަ އިންތިހާއަށް އޭނާއަށް އިޙްސާސް ކުރެވެން ފެށިއެވެ. ހަމަ އެވަގުތުން ފަރުޖާދުގެ ކިބައިން މަޢާފަށް އެދުމަށް އޭނާ ހިތް މަޖުބޫރުކުރިއެވެ.
”ފަރުޖާދުއެވެ. އަހަރެންނަށް މަޢާފްކުރާށެވެ. ފަރުޖާދާމެތު ކުށްހީއެއް ކުރުމުގެ ބޮޑުފާފަ އަހަންނަށް ކުރެވިއްޖެއެވެ. ފަރުޖާދު އަނގައަކުން ނުބުނެއެވެ. މާނޭވާތަކެއްލަމނުން ދެއަތް ދެއަތަށް މޮޑެލަމޮޑެލަ އިނެވެ. އެވަގުތު ޢާޞިފް ކެތްތެރިކަމެއްނެތި އަވަސް އަވަހަށް ގޮސް ފަރުޖާދުގެ ގައިގާ އޮޅުލައިގެންފިއެވެ.
”އަހަރެންނަކީ ކުށްވެރިއެކެވެ. ފާފަވެރިއެކެވެ. ފަރުޖާދުގެ ތޯހިރު ޖަޒުބާތާމެދު އަހަރެންނަށް ޝައްކު ކުރެވުނީއެވެ. އަހަރެންނަށް މަޢާފްކުރާށެވެ. އަހަރެންގެ ކޮއްކޯއެވެ. އަހަރެންގެ ރަހްމަތްތެރިޔާއެވެ. އަހަރެންގެ އަޚާއެވެ. މަޢާފްކުރާށެވެ.“ މަޢާފަށް އެދެމުންގޮސް ޢާޞިފަށް ރަނގަޅަށް ރޮވުނެވެ.
”ޢާޞިފްވެސް އަހަރެންނަށް މަޢާފްކުރާށެވެ. އިޚްތިޔާރުން ބޭރުވެގެންގޮސް އަހަރެންނަށް ޢާޞިފްގެ ގައިގާ ޖެހިއްޖެއެވެ. އަހަރެންނަށް އެނގެއެވެ. ޢާޞިފް ކޮންމެ އެއްޗެއް ބުންޏަސް އަހަރެން ޖަހައިގެން ނުވާނެއެވެ. ޢާޞިފެވެ. އަހަރެންނަށް މަޢާފް ކުރާށެވެ.“ ފަރުޖާދުގެ ހިތް މަޑުފުށްކޮޅަކަށް ވެއްޖެއެވެ. އޭނާގެ ރީތި ފުން ދެލޮލުގައި ވޭނީ އަސަރުތަކެއް އުފެދިއްޖެއެވެ. އަޑުވެސް ތުރުތުރު އަޅަން ފަށައިފިއެވެ.
ދެމީހުންވެސް އިރުކޮޅެއް ވަންދެން މަޑުމަޑުން ތިއްބެވެ. ޢާޞިފްގެ ހިތް އުފަލުން ފުރުނެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ ހިތުގައި އުފެދުނު ކުށްހީ މުޅިން ފިލާ ހިނގައްޖެއެވެ. މަލަމަތި ރީތިކުރުމުގައި ލިބުނު ފުރިހަމަ ކާމިޔާބީއަށްޓަކައި ފަރުޖާދުވެސް ހިތްހަމަޖެހިއްޖެއެވެ. މަސްލަޙަތަށްޓަކައި ހެދި ދޮގު ވަންހަނާވީތީ އުފަލުން ފުރުނެވެ.
*********