އަލަތު އަތްބަކު ފަދައިން ޙަވޭލީ ޒީނަތްތެރި ކުރަމުންދެއެވެ. މަސްދުވަހުގެ ކުރިން ކުލަ ކަހާ އަލުން ކުލަލާން ފަށައިފިއެވެ. އެކަންވެސް އަދި ނުނިމެއެވެ. ޙަވޭލީގެ ހުރިހާ ނޯކަރުންނާއި ހެޔޮއެދޭ މީހުން މަސައްކަތާއިގެން ހޭބޯނެތި އުޅެއެވެ. ހޯލްތެރެ ތަރުތީބު ކުރުމާއި ޒީމަތްތެރި ކުރުމުގައި ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިން އަތުކުރި އޮޅާލައިގެން އުޅެއެވެ. ކޮންމެވެސް މަސައްކަތެއް ކޮށްލައިނުދޭ ހަމަ އެކަކުވެސް ޙަވޭލޯއަށް ވަދެފައި ނިކުމެގެން ނުދެއެވެ. ވާނީވެސް އެހެންތާއެވެ. އެމީހުންގެ ގެޔޮ ސާހިބާގެ ކަމެއް ވިއްޔާއެވެ. އަޅާނުލާ ދޫކޮށްލެވޭނީ ކިހިނަކުން ހެއްޔެވެ؟……. ހުރިހާ މަސައްކަތެއްގެވެސް މުގުލުގައި ހުންނަނީ ފަރުޖާދެވެ. އެއްވެސް ކަމެއް އޭނާގެ ބެލުމުގެ ދަށުން ނޫނީ ނުހިނގައެވެ. ކޮޅުކޮޅަށް ޙަރަކާތްތެރިވާއިރު އޭނާއެކޭ މެޝިނެކޭ އެއްގޮތެވެ. ޕާޓީގެ ކެއުމުގެ ކަންތައް ޙަވާލުކުރެވިފައިވަނީ ހަރުކުލައިގެ މީހުންނާއެވެ. މަރުޙަބާގެ ބުއިންތަކާއި ކައްކަން ބޭނުންވާ އެއްޗެތި ގަތުންވެސް އޮތީ އެމީހުންގެ ޒިންމާގައެވެ. އެކަމަކު އެކަންވެސް ހިނގަނީ އޭނާގެ ބެލުމުގެ ދަށުންނެވެ. އެތަކެއް ސަތޭކަ މީހުންނަށް ޕާޓީއެއް ދިނުމަކީ ކުޑަކަމެއް ނޫނެވެ.
ޕާޓީގެ ކަންތަކާ ފަރުޖާދުގެ ޝައުޤުވެރިކަން ހުރިވަރު އެންމެންނަށްވެސް ފެނެއެވެ.. އެކަމާ ޙައިރާންވެގެން އެންމެންވެސް ވާހަކަ ދައްކައެވެ. އެއްގޮތަކަށް އޭނާ ކައިރި ނުވިޔަސް އެޕާޓީގެ ކަންތައް ހަމަޖެހޭނެއެވެ. އެހާގިނަ މީހުން މަސައްކަތުގައި އެބައުޅެއެވެ. އެކަމަކު ފަރުޖާދު ނޭވާއަކަށްވެސް ހުއްޓާނުލައެވެ. ޢާޞިފްގެ އެއްބަނޑު އެއްބަފާ މީހަކު ހުރިހަމަވެސް އެވަރަކުން ނޫޅެނީހެވެ. ޚުދު ޢާޞިފްވެސް އެކަމާ ކަންބޮޑުވެއެވެ. އޭނާއަށްޓަކައި އެހާބޮޑު ޕާޓީއެއް ބޭއްވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ފަރުޖާދުގެ ފުރާނަ ސަލާމަތްކުރުމަކީ އޭނާގެ ވާޖިބެކެވެ. ޢާޞިފްގެ ހިތަށް އަރައެވެ….. އެދުވަހުވެސް ބެލްކަނީގައި ތިބެގެން ދެމީހުން ސައިބުޔެވެ. ފަރުޖާދު ސައިބޮއި ނިމިގެން ތަށި ތުނބުން ނުވީއްލެނީސް ފުންމައިގެން ތެދުވެއްޖެއެވެ.
”އަދި އިރުކޮޅަކު މަޑުކޮށްބަލާށެވެ.“ އޭނާ އެހާ އަވަދިނެތި އުޅުނަ ނުދޭންވެގެން ޢާޞިފް ބުންޏެވެ.
”އަހަރެންނަކަށް ނީދެވޭނެއެވެ. ޢާޞިފްއެވެ. ހާދަ މަސައްކަތެއް އެބަހުއްޓެވެ.“ ފަރުޖާދު ބުންޏެވެ.
”އޭ މޮޔަޔާއެވެ. ތިޔަހެނެއް ނުވާނެއެވެ. އަހަރެންނަކީ ތިޔަހާ ބަލިކަށި މީހެއް ނޫނެވެ.“ ފަރުޖާދު ހީލިއެވެ.
”މިހާރުވެސް ފަރުޖާދުގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރު އަހަރެންނަށް އެބަފެނެއެވެ.“ ޢާޞިފް ބުންޏެވެ.
”ﷲއަށްޓަކައި ބުނާ ތެދެކެވެ. ފަރުޖާދުގެ ރީތި ކުލަވެސް މިހާރު މުޅިން ފަނޑުވެއްޖެއެވެ.“ ޢާޞިފް ބުންޏެވެ.
”އަހަރެންގެ ކުލަ ރީތި ކޮންއިރަކު ހެއްޔެވެ؟ އަހަރެންނަކީ ޢާޞިފްހާ ދޮން މީހެއްނޫނެވެ.“ ފަރުޖާދު ހީލިއެވެ.
”ފަރުޖާދު މިހާރު ތިޔަ މަސައްކަތް ކުރަނީ ފަރުޖާދުމެން ކަހަލަ މީހަކާ އެކަށީގެންވާ ވަރަށްވުރެ މާބޮޑަށެވެ.“ ޢާޞިފް ބުންޏެވެ.
”މިކަހަލަ ފުރުޞަތެއް އަބަދަކު ނުލިބޭނެއެވެ.“ ފަރުޖާދު ބުންޏެވެ.
”ތިޔަހެންވެސް ވެދާނެއެވެ.“ ފަރުޖާދު ބުންޏެވެ.
”ކޮއްކޯއެވެ. އަހަރެންނާ ފަރުޖާދުގެ ކައިވެނިވެސް އަދި އޮތީ ނޫންހެއްޔެވެ؟“ ޢާޞިފް ބުންޏެވެ. ”މިހާ ކުލަގަދަކޮށް ފާހަގަކުރާނީ ކައިވެނި ޕާޓީތަކެވެ.“
”އާއެކެވެ. ތިޔަބުނީ ތެދެކެވެ.“ ފަރުޖާދު ހިނިތުންވެލަމުން ކުރިއަށް ލެނބިލިއެވެ.
”ކޮބާހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.
”ކޮބާހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.
”ކައިވެންޏަށްޓަކައި މިއީވެސް ރަނގަޅު ފުރުޞަތެކެވެ.“ ފަރުޖާދު ލާނެތްވެލިއެވެ.
”ކައިވެނި ކުރާނީ ކާކުހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.
”ޢާޞިފްގެ ކައިވެނީގެ ކަންތައް ހަމަޖައްސާލުން ކީއްހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.
”ކައިވެންޏޭ ހެއްޔެވެ؟“ ޢާޞިފް ސިހުނެވެ.
”ކައިވެނި ނޫނީވިއްޔާ އެންގޭޖްމަންޓްވެސް އެންމެ ރަގަޅެވެ. ކިހާ މަޖާވާނެ ހެއްޔެވެ؟“ ފަރުޖާދު ލާނެތް ކަމާއެކު ބުންޏެވެ. ”ޕާޓީގެ އުފާވެރިކަން ދެގުނައަށް އިތުރުވާނެއެވެ. ޢާޞިފްގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟“
ޢާޞިފްގެ ދެލޮލުން އުފާވެރިކަމުގެ ވިދުވަރު ފައުޅުވިއެވެ. ފަރުޖާދުގެ ޚިޔާލަށް ހިތާހިތުން އޭނާ ތާއީދު ކުރިއެވެ. ނަމަވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނދެވުނީއެވެ. ”އޭ މިސްޓަރ އެވެ.“ ފަރުޖާދު ސިނގިރެޓް ރޯކޮށްފައި އަލިފާންދަނޑި ނިވާލަމުން ޢާޞިފަށް ގޮވާލިއެވެ.
”އާއެކެވެ…….“ ޢާޞިފް ޚިޔާލީ ގޮތަކަށް ބުނެލިއެވެ.
”މިހާރު ތިޔަކުރަނީ ކޮންޚިޔާލެއް ހެއްޔެވެ؟“ ފަރުޖާދު ވަރަށް ރަނގަޅަށް ޢާޞިފްގެ މޫނަށް ބަލައިލިއެވެ.
”އަހަރެން މިވިސްނަނީ ފަރުޖާދު ތިޔަފައުޅުކުރި ޚިޔާލާ ދޭތެރޭގައެވެ. ތިޔައީ ވަރަށް ރަނގަޅު ޚިޔާލެކެވެ.“ ޢާޞިފްވެސް ފަރުޖާދުގެ ޚިޔާލަށް ތާއީދުކުރިއެވެ.
”ތިޔަބުނީ ކީކޭހެއްޔެވެ؟“ ފަރުޖާދު ސުވާލުކުރިއެވެ.
”ކުލަގަދަ ޕާޓީއެއް ބާއްވާއިރު އަހަރެމެން ދެމީހުންގެ އެންގޭޖްމަންޓް އިއުލާން ކޮށްގެން އެ ޕާޓީގެ އުފާވެރިކަން އިތުރުކޮށްލުމަކީ އަހަރެންނަށް ފެންނަ ކަމެކެވެ.“ ޢާޞިފްވެސް ފަރުޖާދާ އެއްބައިވިއެވެ.
”ޢާޞިފަކީވެސް ވަރަށް ވިސްނުންތޫނު މީހެއްތާއެވެ.“ ލާނެތް ގޮތަކަށް ފަރުޖާދު ބުންޏެވެ.
”އަހަރެމެންނަކީ ވަރަށް އެކަނިވެރި ބައެއް ނޫން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”ކައިވެނި ކުރާ ވާހަކަ މިދައްކަނީ ތިޔަހެން ވެގެންނެވެ.“ ފަރުޖާދު ބުންޏެވެ.
”އާއެކެވެ. އެއީ ވަރަށް މުހިއްމު ކަމެކެވެ.“ ޢާޞިފް ބުންޏެވެ. ”ފަރުޖާދުގެ ޚިޔާލަކާ ޚިލާފެއް ނުވަމެވެ.“
”ތިޔަހެންވިއްޔާ ދެން އަވަސްކުރަންވީ ނޫންހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”އަހަރެމެން އެކަކު އަނެކަކަށް އެހީވާންވީއެވެ. ފަރުޖާދު ކޮއްކޯއެވެ. ކުޑަކުދީންނަކީވެސް އަހަރެމެންނެވެ. ބޮޑެތި މީހުންނަކީވެސް އަހަރެމެންނެވެ.“ ޢާޞިފް ބުންޏެވެ.
”އާއެކެވެ. އަހަރެންގެ ދިރިއުޅުމަށް އެކަނިވެރިކަމުގެ އިޙްސާސް ވިހަލާން ފަށައިފިއެވެ.“ ޢާޞިފް ބުންޏެވެ. އޭނާ އެހެން ބުނުމާއެކު ފަރުޖާދު ބާރަށް ހީގެންފިއެވެ.
”ކޮއްކޯއެވެ. މިކަމުގައި އަހަރެން މިހިރީ ވަރަށް ސީރިއަސްވެފައެވެ.“
”ތިޔަހެންވިއްޔާ ތިޔައީ ފައުޒީގެ ނަޞީބުތާއެވެ.“ ފަރުޖާދު ބުންޏެވެ.
”ނޫނެކެވެ. ފައުޒީއެއް ނޫނެވެ.“ ޢާޞިފް އިންކާރު ކުރިއެވެ. ވީމާ، ޙަވޭލީގައި އުޅޭ ހުރިހާ ޒުވާން ކުދިންގެ ނަންތައް ކިޔައިގެން ފަރުޖާދު ޢާޞިފާ ގޯނާކުރިއެވެ. އެގޮތުން ދެމީހުން ވަރަށް ގިނައިރު ވަންދެން ސަމާސާ ކުރިއެވެ. އެއަށްފަހުގައި އަނެއްކައިވެސް ސީރިއަސްކަން އަތުވެއްޖެއެވެ.
”އަހަރެންވެސް އަހަރެންގެ އިންތިޔޚާބުގެ ވާހަކަ ޢާޞިފް ގާތުގައި ބުނަން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.“ ސީރިއަސްކަމާއެކު ފަރުޖާދު ބުންޏެވެ.
”ހަމަ ތެދެއް ހެއްޔެވެ؟“ ޢާޞިފް އަކުރުތަކަށް ދަމާލާފައި މިހެން ބުނުމަށްފަހު ލާނެތް ގޮތަކަށް ފަރުޖާދާ ދިމާއަށް ބަލައިލިއެވެ.
”އާއެކެވެ.“ ޢާޞިފް އެއްބަސްވިއެވެ.
”ތިޔަހެންވިއްޔާ އަހަރެންގެ ކޮއްކޯފުޅުވެސް……“ ޢާޞިފް ޖުމްލަ ނިންމާނުލާ ހުއްޓާލިއެވެ.
”ޒުވާންވީދޯއެވެ.“ އާޞިފްފެށިޖުމްލަ ފަރުޖާދު ފުރިހަމަކޮށްދިނެމެވެ. އެވަގުތު ޢާޞިފް ހީގެންފައި ފަރުޖާދުގެ ދެއަތުގައި ދެއަތުން ޖަހާލިއެވެ. ”އާނ! ތިޔަބުނަންއުޅޭ އެއްޗެއް ދެން ބުނެބަލާށެވެ.“
”ކޮން އެއްޗެއް ހެއްޔެވެ؟“ ޢާޞިފް ނުދެނަހުރި ކަމަށް ހަދާލިއެވެ.
”ޢާޞިފްގެ އިންތިޚާބާ ރުހުމެވެ.“ ފަރުޖާދު ބުންޏެވެ.
”އެންމެ ފުރަތަމަ ފަރުޖާދު ބުނާށެވެ.“ ފަރުޖާދު ބުންޏެވެ.
”އަހަރެން ބުނާނީ ފަރުޖާދު ބުނީމައެވެ.“ ޢާޞިފް ބުންޏެވެ.
”ތިޔައީ ރަގަޅު ގޮތެއް ނޫނެވެ. އިސްނަގަންވާނީ ބޮޑުމީހާއެވެ. އަހަރެންނަށްވުރެ ބޮޑީ ޢާޞިފެވެ. އަމުދުން މިޕާޓީއަކީވެސް ޢާޞިފްގެ ޝަރަފުގައި ބާއްވާ ޕާޓީއެކެވެ. ވީމާ ޢާޞިފްގެ ލޯބީގެ ސިއްރު ފާޅުކުރާށެވެ. އެއިރުން ޢާޞިފްގެ ރީތި ލޯބިވެރިޔާގެ އަތުގައި ހިފައިގެން ގެނެސް ޢާޞިފް ޙަވާލުކުރާނަމެވެ. މިއީ އަހަރެންގެ ވަޢުދެކެވެ. ބުނާށެވެ. އަހަރެން ހުރަހެއް ނާޅާނަމެވެ. މިއަދު އަހަރެން މިއިނީ ޞަދަޤާތްކުރާ މޫޑުގައެވެ.“ ފަރުޖާދުގެ ޖުމްލަ ނިންމާލުމުން ޢާޞިފް ގުދުވެލާފައި ނިތްކުރިއާ ދިމާއަށް އަތް އުފުލާލަމުން އަދަބު އަދާކުރިއެވެ.
”އަހަރެން ހިތުގެ އަޑިން ފަރުޖާދަށް ޝުކުރުކުރަމެވެ.“ ޢާޞިފް ހަމަ އެގޮތަށް އަދަބުވެރިވެގެން އިނދެ ބުންޏެވެ.
”ޢާޞިފް އަހަރެންނަށް ޝުކުރުވެރިވާކަން ޤަބޫލު ކުރެވޭނީ އަވަހަށް ޢާޞިފްގެ ސިއްރު އަހަރެންގެ ކުރިމަތީގައި ފާޅުކުރީމައެވެ.“ ފަރުޖާދު ބުންޏެވެ.
”މާބޮޑަށް ލާނެތްވާނީ ވިއްޔާ ބުނެފާނަމެވެ.“ ޢާޞިފް ބުންޏެވެ.
”މާބޮޑަށް ލާނެތްނުވެ އަވަހަށް ބުނާށެވެ.“ ފަރުޖާދުގެ ކެތްމަދުވިއެވެ.
”ވެރިޔަކީ ސާހިބަކީ ފަރުޖާދެވެ. ވީމާ، އިސްނަގަންވާނީ ވެރިމީހާއެވެ.“ އަދިވެސް ނުބުނެ ފަރުޖެހޭތޯ ޢާޞިފް މަސައްކަތް ކުރިއެވެ.
”ވެރިމީހާއަށް އަމުރުކުރުމުގެ ކުށް ޢާޞިފަށް ކުރަން ކެރުނީ ކީއްވެގެން ހެއްޔެވެ؟“ ފަރުޖާދު ރުޅި އައިގޮތް ދައްކާލިއެވެ. އެވަގުތު ޢާޞިފް ހޭންފެށިއެވެ. ފަރުޖާދަކަށްވެސް ނުހީއެއް ނުއިނދެވުނެވެ. ދެމީހުންނަށް ހެވުނުލެއް ބޮޑުކަމުން ދެމީހުންގެ ހަތަރުލޮލުން ކަރުނަ އައެވެ. ”ޢާޞިފްއެވެ. ސަމާސާ ހުއްޓާލާށެވެ. އަޞްލު މަވްޟޫއަށް އެނބުރޭށެވެ.“
”ކޮށްކޯއެވެ. ބުނާނީވެސް ކީކޭހެއްޔެވެ؟“ ޢާޞިފް ހީލިއެވެ.
”ބުނަންވީ އަހަރެންގެ ވާންއުޅޭ ފަހަރީގެ ނަމެވެ. އޭނާގެ އެޑްރެހެވެ. ކައިވެންޏަކީ ކުޑަކުދިން ކުޅޭ ކަހަލަ ކުޅިވަރެއް ނޫނެވެ. އެހެން ނޫނަސް ޢާޞިފަށް ހުރިހާ ކަމެއް ކޮށްދޭންހުރި މީހަކީ އަހަރެންނެވެ.“ މިފަހަރު ފަރުޖާދު ކުޑަކޮށް ނުރުހޭގޮތްވިއެވެ. ޢާޞިފް އެކަމާ އަޅާނުލާ ހީލިއެވެ.
”ފިރިހެނުންނަކީ ލަދުގަންނަ ބައެއް ނޫނެވެ. އަހަރެން ދެކެ ޢާޞިފް ލަދުގަންނަނީ ކީއްވެގެން ހެއްޔެވެ؟“
”ލަދުގަންނަނީއެއް ނޫނެވެ. އަހަރެން ފަރުޖާދަށް އިސްކަންދެނީއެވެ.“ ޢާޞިފް ބުންޏެވެ.
”އަހަރެން ލަދެއް ނުގަނެއެވެ. ހުރިހާ ވާހަކައެއްވެސް ފަރުޖާދު ގާތުގައި އަހަރެން ބުނާނަމެވެ. އެކަމަކު ކުރިން އިސްނަގަންވާނީ ޢާޞިފެވެ.“ ފަރުޖާދު ބުންޏެވެ.
”މަލާމާތްކޮށްގެން ނުވާނެއެވެ.“ ޢާޞިފް ބުންޏެވެ.
”މަލާމާތޭ ހެއްޔެވެ؟“ ފަރުޖާދު ޙައިރާންވިއެވެ.
”އާއެކެވެ.“ ޢާޞިފް ތެދުވެގެން ގޮސް ބެލްކަނީގެ ރީލިންގގައި ބަނޑުއަޅުވާލާފައި ގުދުވެލަމުން ބުންޏެވެ.
”އަހަރެން މިވާހަކަ ބުނީމާ ފަރުޖާދުގެ ގާތަށް ހިނި އަންނާނެއެވެ. އެކަމަކު މަލާމާތްކޮށްގެން ނުވާނެއެވެ. އަހަރެންގެ އިންތިޙާބަކީ ބީރައްޓެހި ކުއްޖެކެވެ.“ ފަރުގަސްދީގެން ހުރެ ޢާޞިފް ބުންޏެވެ.
”ރަނގަޅެވެ.“ ފަރުޖާދު މިހެން ބުނެފައި ގޮނޑިއަށް ރަނގަޅަށް ފެތިލިއެވެ.
”އަހަރުމެންގެ އަވަށްތަކަކީ ސުވަރުގެތަކެކެވެ. އެތަނުގައި ދިރިއުޅެނީ ހޫރުންނެވެ.“
”ތިޔައީ ތެދެކެވެ. ފަރުޖާދެވެ. ގުލްބާނޫއަކީ ޙޫރުޕަރީއެކެވެ.“ ޢާޞިފް ހަމަ އެގޮތަށްހުރެ ބުންޏެވެ.
”ތިޔަބުނީ ކީކޭހެއްޔެވެ؟“ ބިޗުލެއް ކަށިޖެހީމާ ފުންމައިގަންނަހެން ފުންމައިގެން ތެދުވެފައި ޙައިރާންކަމާއެކު ދެލޯ ބޮޑުކޮށްލަމުން ފަރުޖާދު ބުންޏެވެ.
”ފަރުޖާދުއެވެ. ގުލްބާނޫއަކީ އަވަށުގައި އުޅޭ ވަރަށް ބިޑު ފަޤީރެއްގެ ދަރިއެކެވެ. އެކަމަކު އަހަރެންގެ އިންތިޚާބަށްޓަކައި އަހަރެން ފަޚުރުވެރިވަމެވެ. ގުލްބާނޫއަކީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯތްބެވެ. އޭނާވެސް ހިތާއި ފުރާނައިން އަހަރެންދެކެ ލޯބިވެއެވެ. އަދި……“ ޢާޞިފްގެ ޖުމްލަ ފުރިހަމަ ނުވަނީސް ނޯކަރަކު އައިސް އޭނާއަށް ފޯނެއް އޮތް ވާހަކަ ބުނެފިއެވެ.
”ޢާޞިފް ސާހިބަށް ފޯނެކެވެ.“ މިއަޑު އިވުމާއެކު ޢާޞިފް ދައްކަ ދައްކާ ހުރި ވާހަކަ ހުއްޓާލާފައި ނޯކަރާ އެކުގައި ހިނގައިގެންފިއެވެ.
”އަހަރެން ވަރަށް އަވަހަށް އަންނާނަމެވެ. ފަރުޖާދު ތިޔަތަނުގައި މަޑުކުރާށެވެ.“ ތަންކޮޅަކަށް ގޮސްފައި އެނބުރިލަމުން ޢާޞިފް ބުންޏެވެ.
ގުލްބާނޫއޭ ކިޔައިގެން ޢާޞިފް އެބުނި ޖުމްލަ އަޑުއިވުމުން ކޮންމެވެސް މީހަކު ބުރިކަށީގައި އަތްއަޅާ ކޮއްޕާލިހެން ފަރުޖާދަށް ހީވިއެވެ. އަނިޔާވެސްވިއެވެ. އެކަމަކު ތަދެއް ނުވެއެވެ. ބޮލަށް އެނބުރުން އެރިއެވެ. ނަޞީބަކުން ނުވެއްޓެއެވެ. އިރުކޮޅެއްގެ ފަހުން އަމިއްލަ ވުޖޫދު އިޙްސާސް ކުރުމަށްޓަކައި ގައިގާ އަތްލާ އޮބާލިއެވެ. ޝައްކެއް ނެތެވެ. އޭނާ އެބަހުއްޓެވެ. ހަމަ އެވަގުތު އޭނާއަށް ރިހުމާއި ވޭން އިޙްސާސްވާން ފެށިއެވެ. ފުރާނަ ނިކުމެގެން ދާން އުޅޭހެންވެސް ހީވިއެވެ. ދެލޯ ބޮޑުވިއެވެ. ސިކުނޑި ގަނޑުވިއެވެ. މަރުގެ ސަކަރާތާ ކުރިމަތިލާން ޖެހުނުހެން ހީވިއެވެ. އޭނާ އަވަސް އަވަހަށް އެސްފިޔަ ޖަހާލިއެވެ. ދެލޯ މަރާލާފައި ލޯ ހުޅުވާލިއެވެ. ކުއްލިއަކަށް މޭގެތެރޭގައި ވޭނީ ހަޅޭކެއް އުފެދުނެވެ. އެވަގުތު އޭނާ ދަތްކުނޑި ވިކައިގެން އެހަޅޭކުގެ އަޑު ޖައްވުގެ ތެރެއަށް ވިހުރުވިގެން ދިޔަނުދީ ވޭތޯ މަސައްކަތް ކުރިއެވެ. އޭނާއަށް ބެލްކަނީގައި ބާރަށް ދެކޮޅަށް ހިނގިއެވެ. މިވީ ކީއްހެއްޔެވެ؟ އެއްގޮތަކަށްވެސް އޭނާއަށް ނޭގުނެވެ. ނަމަވެސް ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާއަށް ޔަޤީނެވެ. އެއްގޮތަކަށްވެސް ވެގެން ނުވާނޭ ބޮޑުކަމެއް ވެއްޖެއެވެ. ކެތްމަދުވެފައިވާ އާވާރާ ރޫޙެއް ފަދައިން އޭނާ ސިޑިއާ ދިމާއަށް ދުއްވައިގެންފިއެވެ. ޑަގަޑަގަލާފައި ތިރިއަށް ފައިބައިފިއެވެ. ހަމަ އެބާރުމިނުގައި ގޮސް ކޮޓަރިއަށްވަދެ ޑަންލާފައި ދޮރު ލައްޕައިލައިފިއެވެ. އިރުކޮޅެއްވީއިރު ހާސްވެގެން ކެތް ނުކުރެވޭވަރު ވެއްޖެއެވެ. ގޯތިތެރޭގައި ނޯކަރުންގެ ދަރިން ކުޅެން އުޅެއެވެ. މަސައްކަތްކުރާމީހުން ހޭބޯނެތި މަސައްކަތުގައި އުޅެއެވެ. އެމީހުން ފެނުމުން އެމީހުންދެކެ އޭނާ ގަތްބިރެއްގެ ބޮޑުކަމުން އަނެއްކާވެސް ކޮޓަރިއަށް ހިނގައްޖެއެވެ. އޭގެކުރިން އޭނާގެ އަމިއްލަ ކޮޓަރިއަކީ މައިމީހާގެ އުނގުފަދަ ހިތްހަމަޖެހުމާއި އަރާމު ލިބިނެވި ތަނެއް ކަމުގައިވެއެވެ. ނަމަވެސް އެވަގުތު އޭނާއަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެތަނަވަސް ބޮޑު ކޮޓަރީގައި ފާރުތައް ކައިރިވަމުން އައިސް އޭނާ ފިއްތާހެން ހީވިއެވެ. ފަންގެފިލާ ބިމަށް ތިރިވާހެން ހީވިއެވެ. އޭނާ ތެޅިގެންފާ ބޭރަށް ނިކުމެގެން މައިގޭޓާ ދިމާއަށް ދުއްވައިގެންފިއެވެ.
ބައެއްފަހަރު ޙާލަތު އިންސާނުންނަށް ތަބާވެއެވެ. ބައެއްފަހަރު އިންސާނުން ޙާލަތަށް ތަބާވެއެވެ. އެގޮތުން މިތަބާވުމުގެ ސިލްސިލާއަކަށް ނިމުމެއް ނާދެއެވެ. ކޯރުތަކާޢި ކަނޑުތަކުގައި އޮއިދެމޭ ފަދައިން ދެމެމުންދެއެވެ. އެގޮތަށް މިދުވަސްވަރު ފަރުޖާދަށްވެސް ޖެހިފައިވަނީ ހާލަތަށް ތަބާވާށެވެ. ނަމަވެސް ހާލަތަށް ތަބާވުމަށްޓަކައި އޭނާ އުފުލަން ޖެހެނީ ކޮންފަދަ ވޭންދެނިވި ހިތި ހިތާމަތަކެއްކަން އެނގޭ މީހަކު ނެތެވެ. ގުލްބާނޫއާއި ޢާޞިފްގެ ލޯތްބަކީ ފަރުޖާދުގެ ޖަޒުބާތުތަކަށް އެރި ގަދަފަދަ ހަމަލާއެކެވެ. ނަފްރަތުގެ ޠޫފާނެކެވެ. ބޭބެއެއްގެ މަޤާމުން ނޯކަރެއްގެ ދަރަޖައަށް ޢާޞިފްވެއްޓިގެން ދިޔަ ފާޅުވުމެކެވެ. ހުރިހާ ގޮތަކުންވެސް ޢާޞިފަށްވުރެ ލާއިޤު މީހެއް ކަމަށް ދެކެގެން ގުލްބާނޫ ޙާޞިލް ކުރުމުގެ ޙައްޤު އަމިއްލަ ނަފްސަށްދިން އަސަރުތަކެވެ….. ފަރުޖާދަށް ލިބުނު ވޭންތައް އޮއްބާލާފައި ބޮޑާކަމުގެ ނަޒަރަކުން ޢާޞިފްގެ ޝާޚްޞިއްޔަތު ކިރާލިއެވެ. އެގޮތުން ބަލާއިރު އޭނާގެ ކުރިމަތީގައި ޢާޞިފަކީ ޒައްރާއެކެވެ. ވީއިރު ޒައްރާއެއްގައި ޙައިޘިއްޔަތެއް މަތިވެރިކަމެއް ނުހުންނާނެއެވެ. އޭނާއަކީ ހާހެއް ކަމުގައިވާނަމަ ޢާޞިފަކީ ސުމެކެވެ. ވީމާ ހުރިހާ ގޮތަކުންވެސް ގުލްބާނޫ ހާޞިލް ކުރުމުގެ ޙައްޤު އޮތީ އޭނާއަށެވެ. އޭނާގެ ކުރިމަތީގައި ގުލްބާނޫއަކީ އެންމެ ފުރަތަމަ އަދި އެންމެފަހުގެ ލޯތްބޭ ޢާޞިފް އެބުނި ބުނުމުގެ ސަބަބުން އޭނާގެ ހިތުގައި ޢާޞިފާމެދު ނަފްރަތުގެ ކަނޑެއް އުތުރިއެރިގެންފިއެވެ. ގުލްބާނޫވެސް އާޞިފްދެކެ ލޯބިވެއޭ ބުނެ ޢާޞިފް އެއިއްވި ޖުމްލައިގެ ގުގުން އަދިވެސް އޭނާގެ ކަންފަތުން ކެނޑިގެން ނުދެއެވެ.
ފަރުޖާދު އެރޭ ހަތަރުދަމު ހިތްދަތިކަމާއި ނަފްރަތުގެ އަލިފާނުގައި އަނދަމުންދިޔައެވެ. އެވަގުތު ލިބުނު ފޯނުކޯލުގެ ސަބަބުން އަވަސް އަވަހަށް ތައްޔާރުވެލައިގެން ދެދުވަހަށް ޝަހަރަށް ނުދިޔަނަމަ ފަރުޖާދުގެ ހިތުގައި ރޯވި ގަދަފަދަ އަލިފާނުން ޢާޞިފްގެ ވުޖޫދާއި ހިތް އަންދާ އަޅިއަށް ހަދާލީހެވެ. ނަޞީބު ދިމާކުރި ގޮތުން އޭނާއަކަށް ފަރުޖާދާ ބައްދަލެއްވެސް ނުކުރެވުނެވެ. ސަލާމާއެކު އޭނާ ފުރަންދިޔަ ވާހަކަވެސް ފަރުޖާދުގެ ގާތުގައި ބުނުވީ ނޯކަރަކު ލައްވައެވެ.
އެއީ ފަރުޖާދަށްޓަކައި އަނިޔާވެރި ރެއެކެވެ. އެންމެ ފަހަރަކުވެސް ލޮލުފިޔަޖަހާ ނުލެވުނު ރެއެކެވެ. އޭނާގެ ދެލޮލާއި ހިތާއި ސިކުނޑި އަނދަނީއެވެ. ވާނީވެސް އެހެންތާއެވެ. ގުލްބާނޫއަކީ އޭނާގެ ދިރިއުޅުމެވެ. އޭނާގެ ލޯތްބެވެ. އޭނާގެ ވިސްނުމެވެ. އޭނާގެ ފިކުރެވެ. އޭނާ ޝަޚްޞިއްޔަތުގެ އެއްބައެވެ. އޭނާގެ އަމިއްލަ ޒާތުގެ ފުރިހަމަވުމެވެ.
ގުލްބާނޫ ޢާޞިފްގެ ޙައްޤަކަށް ހަދައިފިއެވެ. ޖެހިލުމެއްނެތި އެއީ ޢާޞިފްގެ ލޯބި ކަމަށް ބުނެ ފާޅުކޮށްފިއެވެ. މީހަކު ރުޅިއައިސްގެންގޮސް އަނދާ އަޅިއަށްވާވަރުގެ ކަމެއް ނޫންހެއްޔެވެ؟ ފަރުޖާދު އަލިފާނުގެ ހޫނުކަން އެކުލެވިފައިވާ ޚިޔާލުތަކެއްގައި ހަފުސްވިއެވެ. މަޑުމަޑުން ވަގުތު ވެއަތުވަމުންދެއެވެ. ފަރުޖާދު ވަރުބަލިކަމާއެކު ލޯމަރާލައިގެން އެނދުގައި ބަންޑުން އޮތެވެ. ޢާޞިފް ފުންކޮށް ވިސްވިހާލިކޮށްލަން ފިކުރު ކުރިއެވެ. އޭނާގެ މެޔަށް ބަޑިޖަހަން ޚިޔާލު ކުރިއެވެ. އަމިއްލައަތުން އޭނާގެ ކަރުގައި ހިފާ ބާރުކޮށްލަން ގަސްތުކުރިއެވެ. ނަމަވެސް……. އިންސާނުންނަކީ ހިލައިން ހައްދަވާފައިވާބައެއް ނޫނެވެ. އެބައިމީހުން ހައްދަވާފައިވަނީ ވަރަށް ނާޒަކު ހަށިތަކަކުންނެވެ. ޒަމާނުގެ އަނިޔާތަކުން އެބައިމީހުންގެ ބޭރުތޮށި ހަރުވެ ހިލައަށްވިޔަސް އެތެރެތޮށި އޮންނަނީ މަޑު ފުށްކޮޅެއް ހެންނެވެ….. ފަރުޖާދަށްވެސްވީ ހަމަ އެހެންނެވެ. އެރޭ ހަތަރުދަމު ނަފްރަތުގެ އަލިފާނުގައި އެނދުމަށްފަހު ހެނދުނު ތެދުވިއިރު އޭނާހުރީ ހަމަޖެހިފައެވެ. އެތެރޭގެ މަޑުކަން ބޭރުގެ ހަރުކަށިކަމުގެ މައްޗަށް ގަދަވެފައެވެ. ޢާޞިފްގެ ބައްޕަގެ ޤުރުބާނީވަނީ ޢާޞިފްގެ އުފާތަކަށްޓަކައި ދާވަނި ފަތުރާލާފައެވެ. ޢާޞިފްގެ ފުރާނައާ ކުޅެލައިގެން ފަރުޖާދު ސަލާމަތްކުރިކަންވަނީ ހުރަހަކަށްވެފައެވެ. މިހުރިހާ ކަމަކުން ފަރުޖާދުވަނީ އުފުށް މިފުށަށް ޖަހާލާފައެވެ. ޤުރުބާނީގެ ބަދަލަކީ އެއީހެއްޔެވެ؟ ޤުރުބާނީގެ ބަދަލަކީ އެއީހެއްޔެވެ؟ ޤުރުބާންވީ މީހާގެ އުފާތައް ފޭރިގަތުން ހެއްޔެވެ؟ ޤުރުބާންވީ މީހާގެ އުއްމީދުތަކުގެ ބިނާގައި އަލިފާންޖެހުން ހެއްޔެވެ؟ ދުނިޔަވީ އުފަލަށްޓަކައި ޤުރުބާންވީ މީހާގެ މުސްތަޤްބަލް ފައިދަށުލާ ޗިސްކުރުން ހެއްޔެވެ؟ ފަރުޖާދު ވިސްނިއެވެ. އެހުރިހާ ކަމެއް ކުރުމަށްފަހުގައި ދުނިޔަވީ އުފާތައް އޭނާއަށް ލިބޭނޭ ކަމުގެ ހެއްކަކީ ކޮބާހެއްޔެވެ؟ އޭނާގެ ލޯތްބަކީ އެއްފަރާތުންވެވޭ ލޯތްބެކެވެ. ގުލްބާނޫ އޭނާދެކެ ލޯބިވާކަން ޔަޤީންވާ ކަހަލަ އެއްވެސް ޙާދިޘާއެއް އޭނާގެ ހަނދާނަކަށް ނައެވެ. ބީރައްޓެހި ކަމެއްނެތި ގުލްބާނޫ އޭނާއާ ވާހަކަ ދައްކައެވެ. އިޙްތިރާމްކޮށް ކަމޭހިތައެވެ. އޭގައި ލޯބީގެ ކުލަޖެއްސީ އޭނާ އަމިއްލައަށެވެ. އެއީ އޭނާގެ ކުށެވެ. ޔަޤީނެވެ. އެއީ އޭނާގެ ކުށެވެ. ވީމާ ޢާޞިފް ފަދައިން ޖެހިލުމެއްނެތި ގުލްބާނޫވެސް އޭނާދެކެ ލޯބިވެއޭ ބުނެވޭކަށް އޭނާއަކަށްވެސް ނެތެވެ. އެހެންވިޔަސް އޭނާގެ ކިބައިގާވާ އިންސާނާ ގަވާއިދުން ހަނގުރާމެއެއް ފެށިއެވެ. ބައެއްފަހަރު ނުރައްކާވާ ހިސާބަށް ހަރުކަށިވެއެވެ. ބައެއްފަހަރު ޤުރުބާނީގެ އަސަރު އޭނާ މަޑުފުށްކޮޅަކަށް ހަދައެވެ. އެންމެފަހުން އޭނާ ވަރުބަލިވެއްޖެއެވެ. ހަކަތަ ދެރަވެއްޖެއެވެ. ޢާޞިފަށްޓަކައި އޭނާ ފަށާފައިވާ ބުރަ މަސައްކަތުން މިހާރު އަތްދޫކޮށްލައިފިއެވެ. އެހެން މީހުން މަސައްކަތް ޙަވާލުކޮށްލާފައި އަރާމު ކުރުމުގެ ނަމުގައި އޭނާ އަމިއްލައަށް ކޮޓަރީގައި ބަންދުވެއްޖެއެވެ. މީހަކު ހޯދިޔަސް އުނދަގޫ ނުކުރާން އޭނާގެ ޚާއްސަ ނޯކަރުގެ ގާތުގައި ބުނެފައިވެއެވެ.
ޢާޞިފް ދަތުރުން އެނބުރި އައިސް ޙަވޭލީއަށް ވަނުމާއެކު އެތަކެއް މީހުން އެއްފަހަރާ ފަރުޖާދު ބަލިވެ އުޅޭ ވާހަކަ ބުނެ އިއްވިއެވެ. އޭނާއަށް މިއަޑު އިވުމާއެކު ދަތުރުގެ ހެދުންވެސް ބަދަލުނުކޮށް ދުވެ ގޮސް ފަރުޖާދުގެ ކޮޓަރިއަށް ވަދެއްޖެއެވެ.
”އައްސަލާމް އަލައިކުމް“ ޢާޞިފް ސަލާމްކޮށްލާފައި ކޮޓަރީގެ ބޮކި ދިއްލާލިއެވެ. ”ޙާލު ކިހިނެއް ހެއްޔެވެ؟ ބަލިވީ ހެއްޔެވެ؟“ ޢާޞިފް އަވަހަށް އެނދު ކައިރިއަށް ގޮސް ލޯތްބާއި އިޚްލާޞްތެރި ކަމާއެކު އަހާލިއެވެ. ނަމަވެސް ފަރުޖާދު އަނގައަކުން ނުބުނެއެވެ. މަދުމަޑުން ތެދުވެ އިށީނެވެ. އެވަގުތު އޭނާގެ ލޭގެ ހިނގުން އަވަސްވެ މޫނުގެ ކުލަ ރަތްވެގެން ދިޔަހެން ހީވިއެވެ. އެކަމަކު އެއީ ރުޅިއައިސްގެން ކަމެއް ނުވަތަ ދެރަވެގެން ކަމެއް ޔަޤީންކުރާކަށް އޭނާއަށް ނޭނގުނެވެ.
”ފަރުޖާދަށްވީ ކީއްހެއްޔެވެ؟ އެހާ ބުރަކޮށް މަސައްކަތުގައި އުޅެން ހަދައިގެން ބަލިވެދާނެއެކޭ އަހަރެން ނުބުނަން ހެއްޔެވެ؟“ ޢާޞިފް އެނދުކައިރިއަށް ގޮނޑިއެއް ދަމާލައިގެން އިށީނެވެ. ފަރުޖާދުވެސް ކުޑަގޮތަކަށް ހީލިއެވެ.
”މަސައްކަތުގެ އަވަދިނެތި ކަމަކީވެސް ޢަޖައިބެއް ކަހަލަ ކަމެކެވެ. މިތިންދުވަސް މިދިޔައީ ވަރަށް ބުރަކޮށްނެވެ. އެކަމަކު ފަރުޖާދު ބަލިކަން އެގުނުނަމަ ހުރިހާ ކަމެއް ހުއްޓާލާފައި ވަގުތުން އައިމުހެވެ.“ ޢާޞިފް ގުދުވެ ބޫޓުގެ ނާޑުވާ މޮހާލާފައި ބޫޓު ބޭލިއެވެ. ދެން ތެދުވެ ހަށިގަނޑު ސީދާކޮށްލަމުން ދެފައި ދެފަޔަށް ހާކާލިއެވެ.
ފަރުޖާދު ސިނގިރެޓެއް ނަގާ ޢާޞިފަށް ދިނެވެ. އޭނާ ސިނގިރެޓް ރޯކޮށްލަމުން އެނދުގެ ފަތްމައްޗަށް ދެފައި ނެގިއެވެ. ދެންވަރަށް ފަރުވާތެރިކަމާއެކު ފަރުޖާދުގެ މޫނަށް ބަލައިލިއެވެ. އެވަގުތު އޭނާ ކަންބޮޑުވިއެވެ. ތެދެކެވެ. ފަރުޖާދު ފެންނަނީ އެތައް ދުވަހަކު ބަލިވެ އުޅެފައިވާ މީހެއް ހެންނެވެ. ކޮޓަރިތެރޭގައި ދިއްލާފައި ހުރި ކުޑަބޮކީގެ ފަނޑު އަލީގައިވެސް ފަރުޖާދުގެ މޫނުމަތީގެ ވަރުބަލިކަމާއި ދެލޮލުގެ ރަތްކަން އޭނާއަށް ފެނުނެވެ. ވީމާ އޭނާ އަނެއްކާވެސް ސުވާލެއް ކުރަން އުޅެނިކޮށް ފަރުޖާދު އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އޭރުވެސް ހަލުވިކަމާއެކު އޭނާގެ ސިކުނޑި މަސައްކަތް ކުރަމުންދެއެވެ. އޭނާގެ އެ ބަދަލުވެފައިވާ މިޒާޖުގެ ހަޤީޤަތް ޢާޞިފަށް އޮޅުންފިލުމުގެ ކުރިން އެކަށީގެންވާ ބަހަނާއެއް ހޯދަން ވިސްނަން ފެށިއެވެ.
”ފަރުޖާދު މާ ފިކުރުބޮޑުވެފައި އިންނަހެން ހީވެއެވެ.“ އިރުކޮޅެއް ފަހުން ޢާޞިފް ބުންޏެވެ.
”ތިޔަހެން ކަމަށްވެސް ވެދާނެއެވެ.“ ފަރުޖާދު ހިނިތުންވެލަން މަސައްކަތް ކުރިއެވެ.
”ފަރުޖާދަށްވީ ކީއްހެއްޔެވެ؟ އަހަރެންގެ ގާތުގައި ބުނެބަލާށެވެ.“ ޢާޞިފް ކެތްތެރިކަމެއްނެތި ބުންޏެވެ. ”ކޮންމެވެސް އެއްޗެއް ބުނެބަލާށެވެ. ފަރުޖާދުއެވެ.“
”އަހަރެންގެ ހޮވުން ޢާޞިފަށް އޮޅުންފިލުވައިދޭނޭ ވާހަކަ އެދުވަހު އަހަރެން ބުނީމު ނޫންހެއްޔެވެ؟“ ފަރުޖާދު ފިނި ނޭވާއެއްލާފައި ރަތް ދެލޮލުން ޢާޞިފް ހަމަޖެހިލިއެވެ. އޭނާ މަރުވެއްޖެއެވެ. ޢާޞިފެވެ. ކާރު އެކްސިޑެންޓެއްގައި އޭނާ މަރުވެއްޖެއެވެ.“ އަސަރާއެކު ފަރުޖާދަށް ރޮއިގަނެވުނެވެ.
”އޭނާ މަރުވީ ހެއްޔެވެ؟“ ޢާޞިފަށްވެސް ހަޅޭއްލައިގަނެވުނެވެ. ޙައިރާންކަމާއެކު ފަރުޖާދާ ދިމާއަށް ކަޅިހުއްޓާލެވުނެވެ. އޭރު ފަރުޖާދު ކުޑަކޮށް ހަމަޖެހިލައިގެން މޫނުމަތި ރީތިކޮށްލައިގެން އިނެވެ.
”އޭނާ މަރުވީ ކިހިނަކުން ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ ކޮންއިރަކު ހެއްޔެވެ؟ އެއީ ކޮންކުއްޖެއް ހެއްޔެވެ؟“ ޢާޞިފަށް ލިބުނު ހިތާމައިގެ ބޮޑުކަމުން އިޚްތިޔާރަކާނުލާ އެތައް ސުވާލެއް އެއްފަހަރާ ކުރެވުނެވެ.
”އެއީ އަހަރެންގެ ނަޞީބު ދެރަކަމެވެ. ބުނާނީ ދެން އެހެން ކީކޭ ހެއްޔެވެ؟ ޢާޞިފެވެ. އަހަރެންނަކީ ވަރަށް ނަޞީބު ދެރަ މީހެކެވެ. ކާރު އެކްސިޑެންޓެއްގައި އޭނާ މަރުވެއްޖެއެވެ.“ ފަރުޖާދު މިހެން ބުނެފައި ހިތިގޮތަކަށް ހީލިއެވެ.
ޢާޞިފްގެ ބަސްހުއްޓި ތަލިން ކުޅު ހިކިއްޖެއެވެ. ލޭގެ ހިނގުން ހުއްޓިއްޖެއެވެ. ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. ފަރުޖާދުގެ ގައިގާ އޮޅުލައިގަނެވިއްޖެއެވެ. ވޭނުގެ ތޫނޫ ޙަމަލާއެއް މެއަށް އެރިހެން ހީވެއްޖެއެވެ….. ޢާޞިފްގެ އޮޅުލައިގަތުން ފަރުޖާދުގެ ނޭވާ ހާސްކުރުވައިފިއެވެ. އޭނާ މަޑުމަޑުން ޢާޞިފް ދުރަށް ކޮއްޕާލާފައި ޢާޞިފާ ވަކިވެއްޖެއެވެ. އޭގެކުރިން އޭނާއަށް އެންމެބޮޑު ހިތްހަމަޖެހުމެއް ލިބެނީ ޢާޞިފްގެ ކިބައިން ކަމުގައިވިޔަސް މިހާރު އާޞިފްގެ ބީހުން އޭނާގެ ގަޔަށް ވިހަ ކަށިތަކެއް ހަރާހެން ހީވެއެވެ. ހިތި އަސަރުތަކެއް އިޙްސާސް ކުރުވައެވެ.
”އޭނާ މަރުވީ އެކްސިޑެންޓްގެ ވަގުތުގާ ހެއްޔެވެ؟“ މަޑުމަޑު އަޑަކުން އަސަރާއެކު ޢާޞިފް ސުވާލުކުރިއެވެ. ”އޭނާ މަރުވިތާ ކިތައް ދުވަސް ވެއްޖެހެއްޔެވެ؟“
”އަހަރެމެން ތިޔަ މަޥްޟޫއަށް ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނެއެވެ.“ ފަރުޖާދު ވައި އަޑަކުން ބުނެލިއެވެ. އެއަށްފަހުގައި އޭނާ ސިނގިރެޓެއް ރޯކޮށްލިއެވެ.. ދެން ސިނގިރެޓްގައި ދިގުކޮށް ދަމާލިއެވެ. ދުންތައް ބޮޅުތަކެއްގެ ސިފައިގައި ކޮޓަރީގެތެރެއަށް ފޮނުވާލިއެވެ.
”ޢާޞިފަކީ ނަޞީބު ގަދަ މީހެކެވެ. ޢާޞިފްގެ ލޯބި ޢާޞިފަށް ލިބޭނެއެވެ. ﷲ ޢާޞިފްގެ ލޯބީގައި ބަރަކާތް ލައްވާނެއެވެ. މިމައްސަލައިގައި އަހަރެންނާހެދި ޢާޞިފް ފިކުރު ބޮޑު ކުރާނޭ ކަމެއް ނެތެވެ. ވީ ކަންތައްވެ ނިމިއްޖެއެވެ. އެކަން އަނބުރާ ގެނައުމުގެ ކުޅަދާނަކަމެއް ޢަޞިފްގެ ކިބައަކުވެސް އަހަރެންގެ ކިބައަކުވެސް ނެތެވެ. އެކަން މާބޮޑުވިޔަނުދީ ހިތްހަމަޖައްސައިގެން އުޅެވޭތޯ ބަދަލުކޮށްގެން އަރާމުކޮށްލަން ދާށެވެ. މިހާރު އަހަރެން ރަނގަޅެވެ. ވަރަށް ބޮޑުތަން ރަނގަޅެވެ.“
ފަރުޖާދު މިގޮތަށް ވާހަކަ ދައްކާ ހީ ސަމާސާކޮށް މަތިއޮމާން ކުރަން ފެށުމުން ޢާޞިފްވެސް ހިސާބަކަށް ހަމަޖެހިލިއެވެ. ތިންދުވަހުގެ ވަރުބަލިކަން ފިލުވާލާ އަރާމުކޮށްލުމަށްޓަކައި ކޮޓަރިއަށްދާން ތެދުވިއެވެ….. އޭނާ ދިއުމުން ފަރުޖާދު ތެދުވެ ބޮކި ނިއްވާލިއެވެ. ކެތްތެރިކަމެއްނެތި ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. އޭނާ ހަދައިގެން ދައްކާލި ވާހަކައަކުން ޢާޞިފްގެ ހިތްހަމަޖެހުނު ނަމަވެސް އޭނާގެ އަމިއްލަ ހިތް އޮތީ އަނދަ އަނދައެވެ. އެކަމަކު ކީއްކުރާނީ ހެއްޔެވެ؟ މަސްލަހަތަކީވެސް ވަރަށް ބޮޑު ޙަޤީޤަތެކެވެ.
”އަހަރެން މީހަކާ އަދި ނުއިންނާނަމެވެ.“ ފަރުޖާދާއި ޢާޞިފް ވާހަކަ ދައްކަމުންގޮސް އެންމެފަހުން ޢާޞިފް ބުނެލިއެވެ.
”އެއީ ކީއްވެގެން ހެއްޔެވެ؟“ ފަރުޖާދު ޙައިރާންވީގޮތް ދައްކާލިއެވެ.
”އޭގެ ސަބަބު ފަރުޖާދަށް ރަނގަޅަށް އެނގޭނެއެވެ.“ ޢާޞިފް ބުންޏެވެ.
”އަހަރެންގެ ބަދުނަޞީބާމެދު ތިޔަހާ މުހިންމުކަން ނުދޭށެވެ.“ ފަރުޖާދު ބުންޏެވެ.
”ފަރުޖާދު މޮޅިން މޮޅިސާލު ލައިގެން ކޮޓަރީގާ ހިތާމަކުރަން އޮއްވާ ކައިވެނި ކުރުމަކީ ފަހަރެއްގައިވެސް އަހަރެންނަށް ކުރެވޭނޭ ކަމެއް ނޫނެވެ.“ މޮޅިވެރި އަޑަކުން ޢާޞިފް ބުންޏެވެ.
”މޮޔައެކޭ ހީވާވަރަށް ލޯބި ފައުޅުނުކުރާށެވެ.“ ހިތިގޮތަކަށް ފަރުޖާދު ބުނެލިއެވެ.
”ބޭނުން އެއްޗެއްބުނެލާށެވެ. އަހަރެންނަށް އެންމެ ރަނގަޅެވެ. އެކަމަކު ހަނދާން ކުރާށެވެ. މިއީ އަހަރެންގެ އެންމެފަހުގެ ނިންމުމެވެ. ފަރުޖާދު މުޅިން ހަމަޖެހި އާދައިގެ ގޮތެއްގާ އުޅެން ނުފަށަނީސް އަހަރެން ކައިވެންޏެއް ނުކުރާނަމެވެ.“
”ޢާޞިފެވެ. މިހާރު އަހަރެން ހަމަޖެހިއްޖެއެވެ. އަހަރެންގެ ހިތާމަ އަހަރެންގެ މޭގެތެރޭގައި ފަސްދާނުލައިފީމެވެ.“ ފަރުޖާދު ހަމަޖެހޭގޮތް ދައްކަމުން ބުނެލިއެވެ.
”އެކަމަކު ފަރުޖާދުގެ ހިތާމައިގެ ވޭން އަބަދުވެސް އަހަރެންނަށް އިޙްސާސް ކުރެވެމުންދެއެވެ.“ ޢާޞިފް ބުންޏެވެ.
”ތިޔަހާ ބޮޑަށް ކަންތަކާ އަސަރު ނުކުރާށެވެ. އޭރުން ދިރިއުޅެން ދަތިވާނެއެވެ.“ ފަރުޖާދު ބުންޏެވެ.
”ފަރުޖާދުގެ ހިތާމައަކީ އަހަރެންގެ ހިތާމައެވެ. ފަރުޖާދުގެ އުފަލަކީ އަހަރެންގެ އުފަލެވެ.“ ޢާޞިފް ބުންޏެވެ.
”އަހަރެންވެސް މިހިރީ ހަމަ ތިޔަގޮތަށެވެ.“ ފަރުޖާދު ބުންޏެވެ.
”ތިޔައީ ޝައްކެތްހުރި ކަމެއް ނޫނެވެ.“ ޔަޤީންކަމާއެކު ފަރުޖާދު ބުންޏެވެ.
”ވީއިރު……….“ ފަރުޖާދު ވަކިހިސާބަކުން ހުއްޓާލިއެވެ.
”ތިޔަބުނީ ކީކޭހެއްޔެވެ؟“ ޢާޞިފް ސުވާލުކުރިއެވެ.
”އަހަރެންގެ އުންމީދުތައް ފުރިހަމަކޮށްދޭށެވެ. އަހަރެންގެ އުފާތައް އަހަރެންނަށް ދޭށެވެ.“ ފަރުޖާދު ބުންޏެވެ.
”ތިޔަބުނި އެއްޗެއްވެސް އަހަރެންނަކަށް ނުވިސްނުނެވެ.“ ޢާޞިފް ކުޑަކޮށް ޙައިރާންވިއެވެ.
”ޢާޞިފް ކައިވެނި ކުރާށެވެ. އަހަރެންގެ ސިއްރު ފޮރުވިފައިވަނީ ޢާޞިފްގެ ކައިވެނީގައެވެ.“ ފަރުޖާދު ބުންޏެވެ. މީގެ ޖަވާބުގައި ޢާޞިފް އެއްޗެއް ނުބުނެއެވެ. ވީމާ އަނެއްކާވެސް ފަރުޖާދު ބުންޏެވެ. ”އަހަރެން ހަމަ މިއަދު ގުލްބާނޫގެ ބައްޕަގެ ގާތަށް ދާނަމެވެ.“
”އެއީ ކީއްކުރަން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”ގުލްބާނޫގެ ކައިވެންޏަށް އެދޭށެވެ.“ ފަރުޖާދު ބުންޏެވެ.
”ތިޔައީ އަނިޔާއެކެވެ. ދުވަސްކޮޅެއް ވަންދެން މަޑުކޮށްލިއްޔާވާނީ ކީއްހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”ދުވަސްކޮޅަކު މަޑުކުރީމާ ވާނީ ކީއްހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.
”ފަރުޖާދު ކުޑަކޮށް………..“ ޢާޞިފް ޖުމްލަ ނިންމާލިޔަނުދީ ފަރުޖާދު ފެށިއެވެ.
”ހަމަޖެހިބަލާށެވެ. ބުނަން ތިއުޅެނީ އެހެންދޯއެވެ؟ ހުނ! ޢާޞިފް ބޭބޭއެވެ. މާޒީއާމެދު ކަންބޮޑުނުވާށެވެ. މުސްތަޤްބަލާމެދު ހިތާމަ ނުކުރާށެވެ. އަބަދުވެސް ހާލުގައި ދިރިއުޅޭށެވެ. މާޒީއަކީ އަޒަލްއެވެ. މުސްތަޤްބަލަކީ އަބަދެވެ. އަހަރެމެންގެ އެއްޗަކީ އަޒަލްއާއި އަބަދުގެ މެދުގައި ހަފުސްވެފައިވާ ޙާލު ކަމުގައި ޤަބޫލުކުރާށެވެ.“ ފަރުޖާދު މިމޭރުމުން ވާހަކަ ދައްކަން ފެށުމުން ޢާޞިފް ބިރުގަތެވެ. ސިހުން އެކުލެވިފައިވާ ނަޒަރަކުން ފަރުޖާދާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ފަރުޖާދު ސިއްރުން ފުރިފައިވާ ގޮތަކަށް ހީލިއެވެ.
”މަރުޙޫމާގެ ވަކިވުމުން ފަރުޖާދަށް އަސަރު ކޮށްފައިވާވާރު އަހަރެންނަށް އެބަފެނެއެވެ.“ ޢާޞިފް އިސްދަށަށް ޖަހާލަމުން ބުންޏެވެ.
”އަހަރެންގެ ލޯބިވެރިޔާ އަހަރެންނާ ވަކިވިހެން އާޞިފްގެ ގުލް ޢާޞިފާ ވަކިވެއްޖިއްޔާ…..!“ ފަރުޖާދުގެ ޖުމްލަ ވަކިހިސާބަކުން ހުއްޓާލުމުން ޢާޞިފް ކަންބޮޑުވެފައި ފަރުޖާދާ ދިމާއަށް ބަލައިލިއެވެ. ފަރުޖާދު ބާރަށް ހީގަތެވެ. އެވަގުތު އޭނާގެ ދެލޮލުން މަލާމާތުގެ ވިދުވަރެއްވެސް ފައުޅުވިއެވެ.
”ޢާޞިފްގެ ލޯބިވެރިޔާ ޢާޞިފާ ވަކިވުމަށް އިރާދަ ނުކުރައްވާށިއެވެ. ވަކިވުމުގެ ހިތާމައިން ޢާޞިފް ސަލާމަތްކުރައްވާށިއެވެ. އިރާދަކުރެއްވިއްޔާ ގުލްބާނޫގެ ސިފައިގާ ދުނިޔޭގެ ހުރިހާ އުފަލެއް ޢާޞިފަށް ދެއްވާށިއެވެ. އެފަދަ މަތިވެރި އުފަލެއް ލިބުމުގެ ނަޞިބެއް އަހަރެންނަކަށް ނެތެވެ.“
”ފަރުޖާދުއެވެ.“ ބޭއިޚްތިޔާރުގައި ޢާޞިފަށް ބުނެލެވުނެވެ.
”ދެން ހުއްޓާލާށެވެ. ޢާޞިފެވެ.“ ފަރުޖާދު ފުންނޭވާއެއްލަމުން ބުންޏެވެ.
”މޮޔައިންފަދައިން އުފާތަކުގެ ފަހަތުން އަހަރެމެން ދުވަނީއެވެ. އެއުފާ ލިބޭނޭ ކަމުގެ ޔަޤީންކަމެއް ނެތަސް ފަރުވާއެއް ނެތެވެ. މިދުވާ ދުވުމުގައި އަބަދު ލިބިލިބި ހުންނަ ކުދިކުދި އުފާތައް ފައިދަށުލާ ޗިސްކުރެއެވެ.“
”ފަރުޖާދު ބުނަން ތިޔައުޅެނީ ކީކޭހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.
”އަވަހަށް ކައިވެނި ކުރާށެވެ. ކުދިކުދި އުފާތަކުން އަހަރެންގެ ދާވަނި ފުރާލަން ބޭނުމެވެ. އަހަރެންނަކީ މާޔޫސްވެފައިވާ ނަޞީބު ދެރަ މީހަކަށްވިޔަސް ދެލޯބިވެރިން ގުޅައިދީގެން އުފާ ޙާޞިލް ކުރެވިދާނޭ ނޫންހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.
”އޭނާ މަރުނުވިނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ؟“ ހިތާމައާއެކު ޢާޞިފް ބުނެލިއެވެ. ފަރުޖާދު ހީލިއެވެ. މިހުމުގައި ހުރި ސަމާސާގޮތް ކަމެއް މަލާމާތުގެ ގޮތްކަމެއް، ހިތާމައިގެ އަސަރުކަމެއް ދެނެވޮޑިގެންވަނީ ﷲ އެވެ. އިރުކޮޅެއްގެ ފަހުން ފަރުޖާދު ތެދުވެގެންގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި ސިނގިރެޓެއް ރޯކޮށްލިއެވެ.
”ރަޙްމަތްތެރިޔާއެވެ. މާޒީއަކީ ބިއްލޫރި ފާރެކެވެ. އޭގެ އެފަރާތް އަހަރެމެންނަށް ފެންނާނެއެވެ. އެކަމަކު އަތެއް ނުލެވޭނެއެވެ. މުސްތަޤްބަލަކީ ދަގަނޑު ހުރަހެކެވެ. އަހަރެމެން ކިތަންމެ ބޭނުމަސް އެހުރަހުގެ އެފަރާތެއް ނުފެންނާނެއެވެ. ލަފާކުރެވިދާނެއެވެ. ޚިޔާލުކުރެވިދާނެއެވެ. އެކަމަކު އެއީ ރަނގަޅު ޚިޔާލެއްކަމެއް ނޭގެއެވެ. ރަޙްމަތްތެރިޔާއެވެ. އަހަރެމެންގެ އެއްޗަކީ ޙާލެވެ. ވީމާ ޙާލާމެދު ވިސްނާށެވެ.“ ފަރުޖާދު ބުންޏެވެ. އެވަގުތު ޢާޞިފް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ކުއްލިއަކަށް ފަރުޖާދު މޫޑު ބަދަލުވެ ރާގު ހަރުކަށި ވެއްޖެއެވެ.
”ރަޙްމަތްރިޔާއެވެ. މަތި އޮމާން ކުރަން ނޫޅޭށެވެ. ގުލްބާނޫދެކެ ޢާޞިފް ތިޔަހާ ބޮޑަށް ލޯބިވާއިރު ކައިވެނި ލަސްކުރަންވީ ކީއްވެގެން ހެއްޔެވެ؟ މީގެކުރިންވެސް ޢާޞިފް ބުނެގެން އަހަރެން ޕާޓީ ފަސްކުރީމެވެ.“
”ފަރުޖާދުގެ ހިތް ޒަޚަމްވެ ދެލޮލުން ކަރުނަ އަންނައިރު ޕާޓީ ބޭއްވޭނޭ ހެއްޔެވެ؟“ ޢާޞިފް ނުރުހުންވިއެވެ.
”އަބަދުވެސް ތިޔައުޅެނީ އަމިއްލަގޮތް ކުރިއަށް ނެރޭށެވެ.“
”ޙާދިޘާ ހިނގިފަހުން މިހާރު ލައްކަދުވަސް ވެއްޖެއެވެ.“ ފަރުޖާދު މިހެން ބުނެފައި ސިނގިރެޓްގައި ދަމާލިއެވެ.
ޢާޞިފްވެސް ސިނގިރެޓެއް ރޯކޮށްލައިގެން ގޮނޑީގައި ރަނގަޅަށް ހަމަޖެހިލުމަށްފަހު ސިނގިރެޓް ބޯން ފެށިއެވެ. އެވަގުތު އޭގެ ދެމީހުން ތިބީ ލައިބްރަރީއާ ޖެހިގެންހުރި ބޮޑު ކޮޓަރީގައެވެ. އެދުވަސްކޮޅު ފަރުޖާދު އަވަށަށް ދިއުން މުޅިން ހުއްޓާލާފައިވެއެވެ. މިހާރު އަނެއްކާވެސް ހުރިހާކަމެއް ކުރަނީ ޢާޞިފެވެ. އޭނާ ބަލިވެއޮތްއިރު ފަރުޖާދު އެހާ ޝަޢުޤުވެރިކަމާ ފަރުވާތެރިކަމާއެކު މަސައްކަތްކުރީ ގުލްބާނޫގެ ލޯބީގެ ބާރުގައެވެ. ގުލްބާނޫ ނުލިބޭނެކަން އެނގުމުން އޭނާގެ ހުރިހާ ޖޯޝަކާއި ފޯރިއެއް ފިނިވެގެން ދިޔައީއެވެ. އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟ އެފަކީރަށް އެލިބުނީ ކޮންފަދަ ޝޮކެއްހެއްޔެވެ؟ އޭނާގެ މުޅި ވުޖޫދު ފިސްފިސްވެ ވިސްވިހާލިވެގެން ދިޔައީއެވެ.
ވީހާ އަވަހަކަށް ޢާޞިފްގެ ކައިވެނިކޮށްދޭން ފަރުޖާދު ބޭނުމެވެ. އެއްވެސް ޙާލެއްގައި ޢާޞިފްގެ އުފާތަކަށް ހުރަސް އަޅާކަށް އޭނާ ބޭނުމެއް ނުވެއެވެ. ވަގުތީ ހަތިޔާރަކުން އޭނާގެ ޖަޒުބާތުތައް ކަތިލިޔަސް އެޖަޒުބާތުތަކުގެ އުތުރުމެއް އަދި ނުކެނޑެއެވެ. ވީމާ، އެ ޖަޒުބާތުތަކުގެ ބާރުގަދަވެ އަނެއްކާވެސް ގުލްބާނޫ ޙާޞިލްކުރުމުގެ ޚިޔާލު މާބޮޑުވެދާނޭތީ އޭނާ ބިރުގަނެއެވެ. އެފަދަ ގޮތެއްވާކަށް މިހާރަކު އޭނާ ނޭދެއެވެ. ކެތްތެރިކަމުގައި ދެމިހުރުމަށް ކާމިޔާބު ކުރެވޭނެކަން ނުވަތަ ނޫންކަން ބަލާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އެއީ މުސްތަޤްބަލުގެ ކަމެކެވެ. މުސްތަޤްބަލަކީ ދަގަނޑު ހުރަހެކެވެ. އޭގެ އެފަރާތެއް އެކަކަށްވެސް ނުފެންނާނެއެވެ.
ފަރުޖާދު ވަރަށްބޮޑަށް ވާހަކަ ދައްކައިގެން އެންމެފަހުން ޢާޞިފް ރުއްސައިފިއެވެ. ގުލްބާނޫ ޙާޞިލްކުރުމަކީ ޢާޞިފްގެ ހިތުގައިވާ އެންމެބޮޑު އެދުން ކަމަށްވާތީ އެވަގުތު އޭނާ އުފަލުން ފޮޅުނެވެ. ހިނިއައިސް ރަތްވިއެވެ. ދެލޮލުން އުފާވެރިކަމުގެ ވިދުވަރު ފައުޅުވިއެވެ.
”ގުލްގެ ބައްޕަގެ ގާތަށްދާނީ ކާކުހެއްޔެވެ؟“ ޢާޞިފް އުފަލާއެކު ސުވާލުކޮށްލިއެވެ.
”އަހަރެންނެވެ. ދެން އެހެން ކާކުހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.
”ފަރުޖާދު ހެއްޔެވެ؟“ ޢާޞިފް ހައިރާންވިއެވެ.
”އަހަރެން ދިއުމުގައި އޮތީ ކޮންގެއްލުމެއް ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.
”ކޮންމެވެސް ބޮޑު މީހަކު ގޮވައިގެންދާށެވެ. ޠޯލިބުބޭބެ ނުވަތަ ޒުބައިރުބޭބެ ގެންދާށެވެ. ޢާޞިފް ބުންޏެވެ.
”ބޭނުމަކީ ކޮބައިހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.
”އެކަހަލަ މުހިއްމު ކަންތައްތަކުގައި ބޮޑެތި މީހުން އިސްކުރުން ރަނގަޅުވާނެއެވެ. ޢާޞިފް ބުންޏެވެ.
”ތިޔައީ އަހަރެންނަށް ފެންނަ ކަމެއް ނޫނެވެ. ފައުޒީއާއި ރާޝިދާ ކަހަލަ އަންހެން ކުދިން މިޙަވޭލީގައި އުޅެނިކޮށް ތިޔަބުނާ ބޮޑެތި މީހުން ގުލްބާނޫގެ ގާތަށް ދާން އެއްބަސްނުވާނޭކަން އަހަރެންނަށް ރަނގަޅަށް އެނގެއެވެ.“ ފަރުޖާދު ބުންޏެވެ.
”ފަރުޖާދު ތިޔަހާ ބުއްދިވެރިވާނޭ ކަމަކަށް މީގެކުރިއަކުން އަހަރެންގެ ހިތަކަށް ނާރައެވެ.“ ޢާޞިފް ބުންޏެވެ.
”ތިޔަ ތަޢުރީފަށް ޝުކުރިއްޔާއެވެ.“ އަސަރެއް ނެތް ހިނިތުންވުމަކާއެކު ބުނެލިއެވެ.
”ޢާޞިފެވެ. ގުލްބާނޫގެ ބައްޕަ ތިޔަކައިވެންޏާ ރުހުމުގެ ކުރިން އެއްވެސް މީހެއްގެ ގާތުގައި ޢާޞިފް އެވާހަކަ ދައްކައިގެން ނުވާނެއެވެ.“ ފަރުޖާދު ނަޞޭހަތްތެރިވިއެވެ.
”އޭނާގެ ބައްޕަ ރުހޭނޭކަމާމެދު ޝައްކެއްތެވެ.“ ޢާޞިފް ޔަޤީންކަމާއެކު ބުންޏެވެ.
”އަހަރެންވެސް ޝައްކެއް ނުކުރަމެވެ. އެކަމަކު ރައްކާތެރިވުމަކީ އޮތް ކަމެކެވެ.“ ފަރުޖާދު ބުންޏެވެ.
”އެންމެ ރަނގަޅެވެ. އަހަރެން ވާހަކައެއް ނުދައްކާނަމެވެ.“ ޢާޞިފް އެއްބަސްވިއެވެ.
ފަރުޖާދު ތެދުވެގެން ދިއުމުން ޢާޞިފް ގޮނޑީގައި ލެނގިލުމަށްފަހު ދެލޯ މަރާލިއެވެ. ދިގުކޮށް ސިނގިރެޓްގައި ދަމާލުމަށްފަހު ދުންތައް ބޭރަށް ފޮނުވާލިއެވެ. އެވަގުތު އެ ދުންތަކުގެ ތެރެއިން ގުލްބާނޫގެ ހިނިތުންވެފައިވާ މޫނު ފައުޅުވިއެވެ.
ފަރުޖާދު ހުރިހާ މާޔޫސްކަމެއް ވުޖޫދަށް އެއްކޮށްލައިގެން އަވަށަށް ދިއުމަށްޓަކައި ނިކުމެއްޖެއެވެ. އެވަގުތު އަނެއްކާވެސް އޭނާގެ ހިތުގައި އެންމެ ފުންމިނުން ޞަދާއެއްގެ އަޑު އިވުނެވެ. އެއީ ބަޣާވާތް ކުރުމަށް ގޮވާލިގޮވުމެއްގެ އަޑެވެ. ނަމަވެސް އޭނާ ވަރަށް ކެތްތެރިކަމާއެކު ހިތުގެ ތެރެއަށް އެއަޑު އޮއްބާލިއެވެ.
ފަރުޖާދު އަވަށަށް ގޮސް މިސްކިތުގެ ބޭރު ޗަބޫތަރާގެ ކައިރިއަށް ކާރު މަޑުކޮށްލިއެވެ. އަދި މެންދުރު ނަމާދުކޮށްގެން މީހުން ފޭބި ވަގުތަށްވާތީ އެމީހުންނަށް އޭނާ ފެނުމާއެކު އެންމެން އައިސް އޭނާ ވަށާލައިފިއެވެ. ވާނީވެސް އެހެންތާއެވެ. އެމީހުންގެ ހެޔޮ ސާހިބާ އަވަށަށް އެދުރުވީ އެތަކެއް ދުވަސް ފަހުންނެވެ. އެހާ މަޤްބޫލު އެހާ ލޯބިވާ އިންސާނަކު އެންމެ ދުވަހަކު ނުފެނި ހުރުމަކީވެސް ހިތްރުހޭ ކަމަކަށް ނުވާނެއެވެ. ވީމާ އެމީހުން އޭނާ ވަށައިލައިގެން އެކިމީހުން ވަކިވަކިން ޙާލު އަޙުވާލު އޮޅުންފިލުވާ ހެޔޮ ސާހިބާ އަވަހަށް ނުދުރުވާތީ ޝަކުވާތަށް ކޮށް ހަދަމުން ގެންދިޔައެވެ. ފަރުޖާދުވެސް ހިތްހެޔޮކަމާއެކު ޖަވާބުދީ އުފަލާއެކު އެމީހުންނާ ބައްދަލުކުރިއެވެ. ސްކޫލާބެހޭ ގޮތުން ސުވާލުކުރިއެވެ. ކްލިނިކާއި އެކްލިނިކްގައި މަސައްކަތްކުރާ ޑޮކްޓަރާމެދު އާމުންގެ ޚިޔާލު އޮޅުންފިލުވިއެވެ. އެމީހުން ހަމަ އެފޯރިއާއެކު ޖަވާބުދީ އަތް އުފުލާ ހެޔޮ ސާހިބާއަށް ރަޙްމަތާއި ބަރަކާތް ލެއްވުމަށް ދުޢާކުރިއެވެ. ނަމަވެސް އެއީ އަސަރެއް ނެތް ދުޢާތަކެއް ކަމުގައި ފަރުޖާދަށް ހީކުރެވުނެވެ. ވީމާ، އޭނާ ފެންގޮތަކަށް ހީލައިގެން ހުރެ އެމީހުންނާ ވާހަކަ ދެއްކިއެވެ. އެންމެފަހުން ގޮސް ރަޙްމާންގުލްގެ ވާހަކަ އެހިއެވެ.
”ސާހިބާއެވެ. މިހާރު އޭނާ މުޅިން ރަނގަޅުވެއްޖެއެވެ. މިއަދުވެސް ފަތިސް ނަމާދަށް މިސްކިތަށް އައެވެ. ކޮންމެ ދުވަހަކުވެސް ފިހާރަ ހުޅުވައެވެ.“ އޭގެތެރެއިން ދެތިން މީހަކު އެއްފަހަރާ ބުނެލިއެވެ.
”ﷲއަށް ހާސްފުށުން ޝުކުރު ކުރަމެވެ.“ ފަރުޖާދު ބުނެލިއެވެ.
”އޭނާވެސް ތާއަބަދު ސާހިބާއަށް ހެޔޮދުޢާ ކުރެއެވެ. އެކަކުބުނެލިއެވެ. ޖަވާބުގައި ފަރުޖާދު ހީލިއެވެ.
ފަރުޖާދު ގޮސް ގުލްބާނޫމެންގެ ގެއަށް ވަންއިރު ރޯނުފުރި އެނދެއް ގޯތިތެރެއިން އަވިދޭ ތަނެއްގައި ބަހައްޓައިގެން ރަޙްމާންގުލް އެނދުގައި އިށީނދެލައިގެން އިނެވެ. އޭނާގެ އުނގުމަތީގައި ބާލިހެއް ބާއްވައިގެން އެބާލީހުގައި އުޅުބޮށި ވިއްދާލައިގެން އިންއިރު ކޮންމެވެސް ފިކުރެއް ކުރާހެން ހީވެއެވެ. ގުލްބާނޫއެއް ގެއަކު ނެތެވެ. މިއަދަކީ ޖީރޫގެ ބޭބެގެ އެންގޭޖްމެންޓުގެ ޙަފްލާގެ ދުވަހެވެ. ވީމާ އޭނާވީ އެގެއަށް ގޮހެވެ. ފަރުޖާދު ފެނުމާއެކު ރަޙްމާންގުލް ފުންމައިގެން ތެދުވިއެވެ. ސަލާމަށް އަތް ދިއްކޮށްލަމުން އުފަލާއެކު ބުނެލިއެވެ.
”ސާހިބާ ދުރުވީތޯއެވެ؟“ ރަޙްމާންގުލް އުފަލާއެކު ބުންޏެވެ.
”އަހާ! މުޅިން ރަނގަޅުވީތޯއެވެ؟“ ހަށިގަނޑުގައި ބާރުވެސް ޖެހިއްޖެ ނޫންތޯއެވެ؟“ ފަރުޖާދު ހީލިއެވެ.
”މިއީ ސާހިބާގެ ހެޔޮފުޅުކަމެވެ.“ ރަޙްމާންގުލް ހަށަންބަދެލުމަށްފަހު ކުޑަކޮށް ގުދުވެލިއެވެ.
ފަރުޖާދު ހީލަމުން ރަޙްމާންގުލްގެ ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް ބަލައިލިއެވެ. ތެދެކެވެ. ރަޙްމާންގުލްގެ ބަލި މުޅިން ރަނގަޅުވެއްޖެއެވެ. ފުރިހަމަ ސިއްޙަތު ލިބިއްޖެއެވެ. އިސްކޮޅުގައި ހަފޫޓުހުރި ބައިމަތިފުޅާ އެއިންސާނާ މިހާރު ފެންނަލެއް ކިހާ ތާޒާހެއްޔެވެ؟ ފަރުޖާދު ހިތަށްއެރިއެވެ. ޔަޤީނެވެ. އޭނާ ޒުވާން އިރު ވަރަށް ރީތިވާނެއެވެ. ފަރުޖާދު މިކަހަލަ ޚިޔާލެއްގައި ހުއްޓާ ރަޙްމާންގުލް އެނދު ރަނގަޅުކޮށްލާފައި އޭނާ ގާތުގައި އިށީންނަން ބުނެފިއެވެ.
”ބޭބެވެސް އިށީންނަވާށެވެ.“ ފަރުޖާދު އިށީންނަމުން ބުންޏެވެ. އެހެންކަމުން ރަޙްމާންގުލްވެސް އޭނާގެ ގާތުގައި އިށީނެވެ.
”ސާހިބާގެ ޙާލު ކިހިނެއްތޯއެވެ؟ ސާހިބު ދުރުވިގޮތަށް އެންމެފަހަރަކުވެސް އަވަށަށް ނުދުރުވަމުއެވެ.“ ރަޙްމާންގުލް ބުންޏެވެ.
”މިއަދު މިއައީ ނޫންތޯއެވެ؟“ ފަރުޖާދު ބުނެލިއެވެ.
”ތިޔައީވެސް ސާހިބާގެ ހެޔޮފުޅުކަމެވެ.“ ރަޙްމާންގުލް ބުންޏެވެ.
”ސާހިބާގެ ބަދަލުގައި އަޅުގަނޑާ ދިމާއަށް ދަރިފުޅާއޭ ބޭބެ ކިޔުއްވެވިދާނެއެވެ.“ ފަރުޖާދު ބުންޏެވެ. އެވަގުތު ރަޙްމާންގުލް ސިއްސައިގެން ގޮސްފައި ފަރުޖާދާ ދިމާއަށް ބަލައިލިއެވެ. އިޙްތިޔާރަކާ ނުލާ އެކިގޮތްގޮތަށް ބޯ ހަރަކާތްކޮށްލެވުނެވެ. ޔަޤީންކަމެއް ނެތް އަޑެއް ޔަޤީންކުރެވޭތޯ މަސައްކަތްކުރިއެވެ.
”ސާހިބާއެވެ. ތިޔައީ މުއްސަނދި ޤަދަރުވެރި އިއްޒަތްތެރިއެކެވެ.“ ޙައިރާންއެކުވެލިފައިވާ އަޑަކުން ރަޙްމާންގުލް ބުންޏެވެ.
”އަޅުގަނޑު ދެކޭގޮތުގައި މޮޅު މީހުނެއް، ދެރަމީހުނެއް ނުތިބޭނެއޭ، އެންމެންނަކީވެސް އެއްހަމައެއްގެ މީހުންނޭ ކިތައްފަހަރު ނަންގެންފިންތޯއެވެ؟ އަޅުގަނޑުމެން އެންމެންނަކީވެސް ﷲގެ އަޅުންނެވެ. ވީއިރު ތަފާތަކީ ކޮބައިތޯއެވެ.“ އެވާހަކައާ އެއްބަސްވުމުގެ ގޮތުން ރަޙްމާންގުލް ބޯހަލުވާލިއެވެ.
”ގުލްބާނޫއެއް ނުފެނެއެވެ. އޭނާ ކޮބައިތޯއެވެ؟“ ފަރުޖާދު މިހެން ބުނެފައި އެކިދިމަދިމާއިން ނަޒަރު ހިންގާލިއެވެ.
”މިއަދަކީ ޖީރޫގެ ބޭބެ އެންގޭޖްވާ ދުވަހެވެ. ވީމާ މިއަދު އެގޭގައި ކުޑަ ޕާޓީއެއް އެބައޮތެވެ. އޭނާ ދިޔައީ އެގެއަށެވެ.“ ރަޙްމާންގުލް ބުންޏެވެ.
”ބޭބޭއެވެ.“ ފަރުޖާދު ބުންޏެވެ.
”ލައްބައެވެ. ސާހިބާއެވެ.“ ރަޙްމާންގުލް ޖަވާބުދިނެވެ.
”އަނެއްކާވެސް ސާހިބެވެ.“ ފަރުޖާދު ނުރުހޭގޮތް ދެއްކާލިއެވެ.
”ހިތް ނުހުރެހެނީއެވެ.“ ރަޙްމާންގުލް ބުންޏެވެ.
”ހިތް ނުރުހެނީ ކީއްވެގެންތޯއެވެ؟ މީގެފަހުން ބޭބެގެ ދުލުން ސާހިބުގެ ލަފްޒު އަޑުއަހާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ.“ ފަރުޖާދުގެ އަޑުގައި އަމުރުވެރި ގޮތެއް ހުއްޓެވެ.
”ﷲ އަބަދުވެސް ދަރިފުޅު އުފަލުގައި ލަހައްޓަވާށިއެވެ. ރަޙްމާންގުލް އިޚްލާޞްތެރިކަމާއެކު ހެޔޮހިތުން މިކުރި ދުޢާ އަޑުއިވުމުން ފަރުޖާދު ފިނިނޭވާއެއްލިއެވެ. ފެންގޮތަކަށް ހީލިއެވެ.
”ބޭބޭއެވެ. ތިޔަދުޢާއަކު އަސަރެއް ނެތެވެ.“ މޮޅިވެރި އަޑަކުން ފަރުޖާދު ބުންޏެވެ.
”ތިޔަބުނުއްވީ ކީކޭތޯއެވެ؟“ ރަޙްމާންގުލް ހައިރާންވެ ދެލޯ ބޮޑުވިއެވެ.
”އެއްޗެއް ނުބުނަމެވެ.“ ފަރުޖާދު އިސްޖަހާލިއެވެ. ”ބޭބޭއެވެ.“ އިރުކޮޅެއްގެ ފަހުން ފަރުޖާދު އަނެއްކާވެސް ގޮވާލިއެވެ.
”ލައްބައެވެ“ ރަޙްމާންގުލް ބުންޔެވެ.
”މިއަދު ބޭބެގެ ގާތަށް އަޅުގަނޑު މިއައީ ވަރަށް ބޮޑު ބޭނުމަކުއެވެ.“ ފަރުޖާދު ބުންޏެވެ.
”ބޭނުމެކޭ ނުބުނައްވާށެވެ. އަމުރެކޭ ބުނުއްވާށެވެ. އަޅުގަނޑުގެ ފުރާނަވެސް ދަރިފުޅަށްޓަކައި ޤުރްބާން ކޮށްފާނަމެވެ. ދަރިފުޅު މިމުސްކުޅިޔާއަށް ވަރަށް ޚިދުމަތް ކޮށްދެއްވައިފީމުއެވެ. ގިނަގުނަ އެހީތައް ވެދެއްވައިފީމުއެވެ. އެގޮތުން މިއީ ދަރިފުޅުގެ އިޙްސާންތެރިކަމުގެ ދަށުގައި ހަފުސްވެފައިވާ އިންސާނެކެވެ.“ ރަޙްމާންގުލް މިދެއްކި ވާހަކައިގެ ސަބަބުން ފަރުޖާދު ގާތަށް ހިނިއައެވެ.
”އަޅުގަނޑަކީ ދަރިފުޅަށް ދަރާފައިވާ ދަރަނިވެރިއެކެވެ.“
”ތިޔަހެންވިއްޔާ މިއަދު ތިޔަ ދަރަނި އަދާކޮށްދެއްވާށެވެ.“ ފަރުޖާދު ބުންޏެވެ.
”ތިޔަބުނުއްވި އެއްޗެއް އެއްގޮތަކަށްވެސް އަޅުގަނޑަކަށް ނުވިސްނުނެވެ.“ ރަޙްމާންގުލް ކުރިއަށްވުރެވެސް ބޮޑަށް ޙައިރާންވިއެވެ.
ފަރުޖާދު މަޑުމައިތިރިކަމާ އޯގާތެރި ކަމާއެކު ވާހަކަ ދައްކައިގެން ރަޙްމާންގުލްއަށް ވިސްނައިދިނެވެ. އެއަށް ފަހު ރަޙްމާންގުލް އިޚްތިޔާރުން ބޭރުވިއެވެ. މުޅިމީހާ ތުރުތުރުއެޅިއެވެ. ދެތުންފަތް ބެދި ތަގުޅިލިއެވެ. އެއްޗެއް ބުނަން ބޭނުންވިޔަސް އެއްޗެއް ނުބުނެވުނެވެ.
ރަޙްމާންގުލް އުފާވިއެވެ. ފަޚުރުވެރިކަން އިޙްސާސްވިއެވެ. އާއެކެވެ. އޭނާއަށް އެއަށްވުރެ ބޮޑު އުފަލެއް ކޮބާހެއްޔެވެ؟ ފަރުޖާދަކީ ވަރަށް ކައިރިން އޭނާއަށް ދަސްވެ އެނގިފައިވާ ކުއްޖެކެވެ. ގުލްބާނޫވެސް ފަރުޖާދާ ވަރަށް ގަޔާވެއެވެ. ސާހިބު ޒަޚަމްވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރިކަން އެގުނުދުވަހު ގުލްބާނޫ އުޅުނު ގޮތް މިހާރުވެސް އޭނާ ހަދާން އެބަހުއްޓެވެ. އޭނާގައިގާ އޮޅުލައިގަނެގެން ރުޔެވެ. ޒަޚަމްވި ސާހިބަކީ ފަރުޖާދު ނޫންކަމެއް އަދިވެސް ރަޙްމާންގުލްއަކަށް ނޭގެއެވެ. ގުލްބާނޫގެ ސާހިބަކީ އާޞިފްކަމެއް ނޭގެއެވެ. ކަންމިހެން އޮއްވާ ފަރުޖާދުއައިސް ގުލްބާނޫގެ ކައިވެންޏަށް އެދި އަތް ދިއްކޮށްލުމުން ރަޙްމާންގުލްގެ އޮޅުންދިޔައީ ހައްތަހާބޮޑުވެގެންނެވެ. އޭނާ ހާސްވިވަރުން ފަރުޖާދަށް ދޭނޭ ޖަވާބެއްވެސް އޭނާއަކަށް ނޭގުނެވެ.
”ސާހިބު އަދިވެސް އެއްފަހަރު ރަނގަޅަށް ވިސްނަވާލައްވާށެވެ.“ ރަޙްމާންގުލްއަށް ބުނެވުނީ ހަމައެކަނި މިހެންނެވެ.
”އަނެއްކާވެސް ސާހިބާއޭ ބުނުއްވީހެއްޔެވެ؟“ ފަރުޖާދު ހީލިއެވެ. ”މިހާރު އަޅުގަނޑާއި ބޭބެއަކީ ގާތް ގުޅުމަކުން ގުޅެންއުޅޭ ބައެކެވެ.“
”ދަރިފުޅުމެންނަކީ މުއްސަނދި ޤަދަރުވެރިންނެވެ. ގުލްބާނޫއަކީ ވަރަށް ފަޤީރު ބައްޕައެއްގެ ދަރިއެކެވެ.“ ބެދިލާފައިވާ އަޑަކުން ރަޙްމާންގުލް ބުންޏެވެ.
”ބޭބޭއެވެ. މިއީ ހައްތަހާވެސް ތަޤްދީރުގެ ކުޅިވަރެވެ. ކުޅިވަރުގައި ބޭބެވެސް ޖެހުނު ނޫންތޯއެވެ؟ ފަރުބަދަމަތިން މިތަނަށް ގެނައީނޫންތޯއެވެ؟“ ފަރުޖާދު ބުންޏެވެ.
”ލައްބައެވެ.“ ރަޙްމާންގުލް ބުނެލެވުނެވެ.
”ވީއިރު އެކުޅިވަރުގައި ބޭބެގެ ގުލްބާނޫ މިހާތަނުން ޙަވޭލީއާ ހަމައަށް ނުގެންދެވޭނެތޯއެވެ؟“ ފަރުޖާދު ބުންޏެވެ.
ރަޙްމާންގުލްވެސް ވަރަށްގިނަ ވާހަކަ ދެއްކިއެވެ. ގުލްބާނޫއަކީ ފަޤީރެއްގެ ދަރިއެއްކަން އަންގައިދޭން މަސައްކަތް ކުރިއެވެ. ޙަވޭލީގެ މަތިވެރިކަން ވިސްނައިދެވޭތޯ ބެލިއެވެ. އެގޮތަށް އޭނާ އެދެއްކި ވާހަކައިގާ ހަރުދަނާކަން ހުއްޓެވެ. އާރުލައެވެ. ނަމަވެސް އެއީ ހަމައެކަނި ފަރުޖާދަށް އިވުނު އަޑެކެވެ. އެކަމާމެދު ވިސްނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަސްލީއިމްތިޔާޒާއި މޮޅުދެރައަކީ އޭނާގެ ކުރިމަތީގައި އެއްވެސް މާނައެއް ހުރިކަންތަކެއް ނޫނެވެ.
”ޢާޞިފަކީ ވަރަށް ރަނގަޅު އިންސާނެކެވެ. ބޭބޭއެވެ. އޭނާ ގުލްބާނޫ އުފަލުގައި ގެންގުޅޭނެއެވެ.“ ފަރުޖާދު އެތައް ވާހަކައެއް ދެއްކުމަށްފަހު ޢާޞިފްގެ ނަން ބުނެލިއެވެ. އެވަގުތު އަނެއްކާވެސް ރަޙްމާންގުލް ސިހުނެވެ. ޙައިރާންވިއެވެ. ނަމަވެސް ޢާޞިފަކީވެސް ދެރަ ކުއްޖެއް ނޫނެވެ. އެއީވެސް އޭނާ ރަނގަޅަށް ދަންނަ ކުއްޖެކެވެ. ތިންއަވަށުގެ ހުރިހާ ޒިއްމާއެއް އުފުލަނީ ޢާޞިފްކަންވެސް އޭނާއަށް އެގެއެވެ.
”އެކަމަކު ގުލްބާނޫ….“ ރަޙްމާންގުލް ކޮންމެވެސް އެއްޗެއް ބުނަން އުޅެނިކޮށް ފަރުޖާދު އެކަން މަނާކުރިއެވެ. ދެން ދެއަތް ދެއަތަށް އުނގުޅާލުމަށްފަހު އިސްދަށަށް ޖަހާލިއެވެ.
”ޢާޞިފާ ގުލްބާނޫ އެކަކު އަނެކަކުދެކެ ލޯބިވެއެވެ. ލޯތްބަކީ ކޮންއެއްޗެއްކަން ބޭބެއަށްވުރެ ރަނގަޅަށް އެނގޭނޭ މީހަކު ނުހުންނާނެއެވެ.“ ފަރުޖާދު ހީލިއެވެ. ރަޙްމާންގުލް އެއްޗެއް ނުބުނެ އިސްދަށަށް ޖަހާލިއެވެ. ކުޑައިރުކޮޅަކު ވިސްނާލަން އިނެވެ. ގުލްބާނޫއާ ޢާޞިފާ ދެކުދިން އެކަކު އަނެކަކުދެކެ ލޯބިވާ ވާހަކަ ފަރުޖާދު ބެނިފިއެވެ. ވީއިރު އޭނާއަށް އެކުވުނީ ކުށްހީއެއްތާއެވެ. ޢާޞިފް ޒަޚަމްވެގެން ހޮސްޕިޓަލުގައި އޮތް ވާހަކަވެސް ފަރުޖާދު ބުނެލިއެވެ. ރަޙްމާންގުލް ފުންކޮށް ވިސްނާލީމާ ހުރިހާ ކަމެއް އެބަ އެނގެއެވެ. އޭރު ގުލްބާނޫ އެހާދެރަވެގެން އެއުޅެނީ ޢާޞިފް ބަލިވީމާތާއެވެ. އޭނާގެ ހިތަށް އެރިއެވެ. އެކަމަކު ޖަޒުބާތު ދެނެގަތުމުގައި އޭނާއަށް އޮޅިއްޖެއެވެ. ތާއަބަދު ފަރުޖާދުގެ ދެލޮލުން ފެނުނު ވިދުވަރާއި އަސަރުތަކުގެ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟ ވިސްނިވަރަކަށް އޭނާގެ ހާސްކަން އިތުރުވިއެވެ. އެކަން ދެއްކިއެވެ. އެންމެފަހުން ހިތުގެ އަޑިން އެވާހަކަތައް ޤަބޫލުކުރަން އޭނާއަށް މަޖުބޫރުވިއެވެ. ދެކޮޅު ހަދާނޭ ޖާގައެއް ނެތުމުން އޭނާ އަކައިވެންޏަށް އެއްބަސްވިއެވެ. އެކަމަކު އޭނާގެ ހިތުގައި ރިހުމެއް އުފެދުނެވެ. ސަބަބެއް ނޭގުނަސް އޭނާގެ ހިތުގެ އަޑީގައި މިއުފެދުނު ރިހުން މަޑުމަޑުން ބޮޑުވަމުންދިޔައެވެ. ނަމަވެސް ފަރުޖާދަށް އެކަން އެނގުނަކަ ނުދެއެވެ.
ޢާޞިފަށްޓަކައި އުފާވެރިކަމުގެ ޚަބަރާއިގެން އެނބުރިދާން ފަރުޖާދު ހިނގައިގެންއިރު އެނާ ހީވަނީ ހިތާމައިގެ ހިޔަންޏެއް ހެންނެވެ. މިހާރު އޭނާ އެދަނީ ތިމާގެ އަމިއްލަ އުފާތަށް ޤުރުބާންކޮށްގެން ޢާޞިފަށްޓަކައި އުފާވެރިކަމުގެ ޚަޒާނާއެއް ހިފައިގެންނެވެ. މާތް އިންސާނުންނަކީ އެއީއެވެ.
ފަރުޖާދު ކާރާއި ދިމާއަށް ދަނިކޮށް ދިމާކުރިމަތިން ގުލްބާނޫ އަންނާތީ ފެނުނެވެ. ކަޅުކަލައިގެ ރޫބަޔަކާއި ބްލައުޒެއް ލައިގެން ހުރިއިރު އޭނާ ހީވަނީ ޖައްވުގައި އުދުހެމުންދާ ޕަރީއެއް ހެންނެވެ. އެހާވެސް އޭނާ ރީއްޗެވެ. ކޮންމެއަކަސް އޭނާ ފެނިގެން މަޑުކޮށްލައިގެން ހުއްޓާ އޭނާ ދުވެފައި އައިސް ފަރުޖާދުގެ ގާތަށް ހުއްޓުނެވެ. ނުފެނި ގިނަ ދުވަސްވެގެން އެކަމާ ޝަކުވާ ކުރިއެވެ. އެވަގުތު ފަރުޖާދުވެސް އެހެން ހުރިހާ ކަމެއް ހަދާން ނެތުނެވެ. އިޚްތިޔާރެއްނެތި ކުރެވުނު އުފާވެރި އިޙްސާސްތަކެއްގައި ބެހިގެންދެވުނެވެ.
”އަހަރެން މިއައީ ގުލްބާނޫގެ ބައްޕަގެ އަތުން ގުލްބާނޫ އަތުލައިގެންނެވެ.“
”ތިޔަ ބުނުއްވީ ކީކޭތޯއެވެ؟“ ގުލްބާނޫ ޙައިރާންވެގެންގޮސް ދެލޯބޮޑުވިއެވެ. އަނގަހުޅުވުނެވެ. ނަމަވެސް ވަރަށް އަވަހަށް ހަމަޖެހިލާފައި އޭނާގެ ހުޅުވިފައިވާ އަނގައިގާ އަތްއެޅިއެވެ. އެވަގުތު ފަރުޖާދުގެ ހިތް ކަތިލެވިގެންދިޔަހެން ހީވިއެވެ. ”ގުލްބާނޫއެވެ. އަހަރެން ގުލްބާނޫގެ ބައްޕަގެ އަތުން އަތުލީ ޢާޞިފަށްޓަކައެވެ.“ ފަރުޖާދަށް ކޮށްފައިވާ އަސަރެއްގެ ސަބަބުން އަޑު ތުރުތުރުއެޅިއެވެ. ގުލްބާނޫ ޔަޤީންކަމެއްނެތް ބެލުމަކުން ފަރުޖާދާ ދިމާއަށް ބަލައިލިއެވެ. ”ހަމަތެދެކެވެ. ގުލްބާނޫއެވެ.“
ފަރުޖާދު އެބުނި އެއްޗެއް ޤަބޫލު ކުރެވުމާއެކު ގުލްބާނޫގެ ހަށިގަނޑުގައި ކަރަންޓު ރާޅެއް އުފެދުނުހެން ހީވިއެވެ. މޫނުމައްޗަށް ވެރިވި ބަނަކަން އަލިދޯދިތަކަކަށް ބަދަލުވެގެން ދިޔައެވެ. ދެލޮލުން ވިދުވަރެއް ފައުޅުވެގެން ދިޔައެވެ. ތިރީ ތުންފަތުގައި ދައިގަނެވުނެވެ. ފަރުޖާދާ ދިމާއަށް އެއްފަހަރު ބަލައިލެވުނެވެ. ކުއްލިއަކަށް އިސްދަށަށް ޖަހާލެވުނެވެ. ފަރުޖާދު މޮޅިވެރި ނަޒަރަކުން ގުލްބާނޫގެ ބަދަލުވަމުންދާ ކުލަތަކަށް ބެލިއެވެ. މާތްކަލާކޯއެވެ. ގުލްބާނޫ އޭނާގެ މިލްކަކަށް ވީނަމަ ކިހާ އުފާވީސް ހެއްޔެވެ؟ ފަރުޖާދު ހިތާމައާއެކު ވިސްނާލިއެވެ. އެއަށްފަހުގައި ބޮލަށްގެނައި ޙަރަކާތަކުން ޚިޔާލުތައް ދުރުކޮށްލިއެވެ. ކުޑަކޮށް ހިނިތުންވެލިއެވެ. ”މިހާރު އުފާވެއްޖެ ހެއްޔެވެ؟“ ފަރުޖާދު މަޑުމަޑުން ބުނެލިއެވެ.
”ތިޔަ ބުނުއްވަނީ ތެދެއްކަމުގައިވާނަމަ އުފަލުގެ ކޮޅެއް ނެތެވެ. އެކަމަކު ބައްޕަ ޤަބޫލުވެއްޖެތޯއެވެ؟“ ގުލްބާނޫ އުފަލާއެކު ބުންޏެވެ.
”އަހަރެން ދޮގުހަދަންވީ ކީއްކުރަން ހެއްޔެވެ؟“ އާއެކެވެ. ބައްޕަވެސް ޤަބޫލުވެއްޖެއެވެ.“ ހަމައެރާގުގައި ފަރުޖާދު ބުންޏެވެ. އެކަމަކު އެމޮޅިވެރި އިންސާނާގެ ހިތް ކަތިލެވިގެންވާކަމުގެ އިޙްސާސްވެސް ޤުލްބާނޫއަކަށް ނުކުރެވުނެވެ. އެއީ ބޭނުންކަމެއްވެސް ނޫންތާއެވެ. ޚުދު ގުލްބާނޫގެ ހިތް އޮތީ އުފަލުން ފުރިފައެވެ.
”ޔާﷲ!“ ގުލްބާނޫ މިހެން ބުނެފައި ލަދުން މޫނުގައި ދެއަތްއަޅައިގެން ދުއްވައިގެންފިއެވެ. އެވަގުތު ފަރުޖާދު ކާރާ ދިމާއަށް ހިނގައިގެންފިއެވެ. އޭރު އޭނާ ހީވަނީ ސީދާ މަގުގެއްލި މަގުއޮޅުގެން ދާނެ ވަކިދިމާއެއް ނޭނގިފައިވާ މީހެއް ހެންނެވެ.