ސަލާހުއްދީން އައްޔޫބީގެ މަތިވެރި ޖިހާދުގެ ސިލްސިލާގެ ތެރެއިން – ޗެޕްޓަރ 35

ޚާދިމުއްދީން އަލްބަރަކް އަކީ ހަމައެކަނި ޢަލީ ބިން ސުފިޔާންގެ ރަޙްމަތްތެރިއެއް ނޫނެވެ. އެ ދެމެދުގައިވާ ގުޅުން ރަޙްމަތްތެރިކަމަށްވުރެވެސް މާ ފުންވެފައި ގާތެވެ. ޢަލީ ބިން ސުފިޔާނާއި އަލްބަރަކްއަކީ އެއް އުމުރެއްގެ ދެބޭފުޅުންނެވެ. – ހަގުރާމަތަކުގައި އޭގެ ދެބޭފުޅުން އެކުއެކުގައި ޖިހާދު ކުރައްވާފައިވެއެވެ. – އޭގެދެބޭފުޅުންނަކީވެސް ސުލްޠާން އައްޔޫބީގެ ޒަމާންވީ ދެ ރަހްމަތްތެރިންނެވެ. މިފަދަ ގާތްކަމުގައި އުޅުއްވުމާ އެކުވެސް އަލްބަރަކްގެ ދެވަނަ ކައިވެނިއޮތީ ޢަލީ ބިން ސުފިޔާންއަށް ސިއްރުކޮށްފައެވެ. ވުމާއެކު ޢަލީ ބިން ސުފިޔާންއަށް އެކަން އެގިވަޑައިގެން ނަމަވެސް ދަވަނަ ކައިވެންޏާއި ބެހޭގޮތުން އަލްބަރަކާއި އެއްވެސް ކަހަލަ ސުވާލެއް ނުކުރައްވާ އޭނާގެ ދޮށީ އަނބިމީހާއާއި ގުޅައިގެން އެ އަރަތެއްފަދަ މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ޚުދު ޢަލީ ބިން ސުފިޔާންގެ ގެއާއި އަލްބަރަކްގެ ގެއާއި ދެމެދުގައި ތިބޭ ޖާސޫސުންގެ އަދަދު ގިނަ ކުރައްވާ އަލްބަރަކްގެ ހަގު އަނބިމީހާ ރޭގަޑު ދަންވަރު ދާކަމަށް އެބުނާ ޢިމާރާތަށް ފާރަވެރިވާނޭ މީހުންގިނަ ކުރެއްވިއެވެ. ނަމަވެސް އަލްބަރަކްގެ އަނބިމީހާއާއި ޢަލީ ބިން ސުފިޔާން ވާހަކަފުޅު ދެއްކެވިފަހުން ދެރޭ ވެއަތުވެގެން ދިޔައިރުވެސް ހަގު އަނބިމީހާ ގެއިން ބޭރަށް ނިކުންނާތީއެއް ނުފެނެއެވެ. ޖާސޫސުންގެ މީހުން ރޭގަނޑު ހަތަރު ދަމު ހޭލާ ފާރައަށް ތިބެއެވެ. އެކަމާބެހޭގޮތުން ކޮންމެ ދަންވަރެއްގައި އެއްޗެއް ދަންނަވަން ޖެހުނަސް، އެއީ އަވަހާރަފުޅުގައި އޮންނެވި ވަގުތަކަށް ވިޔަސް ދެންނެވުމަށް ޢަލީ ބިން ސުފިޔާންވަނީ އަންގަވާފައެވެ. އެއީ މަސައްކަތަށްވުރެ އަރާމަށް ތަރުހީބުދެއްވާ ބޭފުޅެއްނޫނެވެ.

އަލްބަރަކް ދެވަނަ ކައިވެންޏެއް ކުރެއްވި ޚަބަރު ޢަލީ ބިން ސުފިޔާންއަށް ލިބިވަޑައިގެންނެވިތާ ތިންވަނައަށްވީރޭ ރޭދެބައިވުމުގެ ކުޑަތަންކޮޅެއް ކުރިން ޢަލީ އަވަހާރަފުޅު ލައްޕަވާފައި އޮންނަވަނިކޮށް ނޯކަރަކު އައިސް ދަންނަވައިފިއެވެ.

”އުމަރު އައިސް އެބަހުއްޓެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.“

ޢަލީއަށް އެއަޑު އިވިވަޑައިގަތުމާއިއެކު ރުވާފައި ދޫކޮށްލި ދޫންޏެއްފަދައިން ދުވެވަޑައިގެން ބޭރަށް ނިކުމެވަޑައިގެންފިއެވެ. އޭރު އެތަނުގައި ހަރު ކުލައިގެ މީހަކު ހުއްޓެވެ. ”އަވަހަށް ނޯކަރުން ދިމަ ދިމާއަށް ފޮނުއްވާލައްވާށެވެ. ދިހަ ބާރަ ސަވާރުން ހޯއްދަވާށެވެ. މަނިކުފާނުގެ އަސްކޮޅު ތައްޔާރު ކުރައްވާށެވެ. އެއަށް ފަހުގައި ވެގެން އުޅޭ ގޮތް ދަންނަވާނަމެވެ.“ އަލީ ބިން ސުފިޔާން ނިކުމެވަޑައިގަތް ތަން ފެނުނީމާ ބޭރުގައި ހުރި މީހާ އަވަސް އަވަހަށް ދެންނެވިއެވެ.

”އުމަރެވެ. ދެން ބުނެބަލާށެވެ. ވެގެން ތިޔަ އުޅެނީ ކީއްހެއްޔެވެ.“ ހަތިޔާރުއެޅި ސާދަވަރަކަށް ސަވާރުންނާއި ޢަލީގެ އަސްކޮޅު ބަލާފޮނުއްވެވުމަށް ފަހުގައި އެމަނިކުފާނު އުމަރާ ސުވާލުކުރެއްވިއެވެ.

އުމަރާއި އާޒަރަކީ އާސިފާ އުޅޭ ނޫޅޭގޮތަ ބަލަހައްޓަން  ލައްވާފައިތިބި ދެ ޖާސޫސުންނެވެ. އެމީހުންނަށް އާސިފާ ގެއިން ނިކުންނަތަން ފެނުނަސް އަވަހަށް ޢަލީ ބިން ސުފިޔާންއަށް އަންގަން ވިދާޅުވެފައިވެއެވެ. ވީމާ، އުމަރުމެންނާއި ހަވާލު ކުރެވިފައިވާ މަސައްކަތާއި އެއްގޮތް ވާގޮތުގެ މަތިން މިރޭ ޢަލީ ބިން ސުފިޔާންގެ އަރިއަހަށް އޭނާ އައިސް އެހެރީވަރަށް ނުރައްކާތެރި ޚަބަރަކައިގެންނެވެ.

މީގެ ކުޑައިރުކޮޅެއްގެ ކުރިން ފައިގެ ނިވާބޮޑިއާއި ހަމައަށް ނިވާވާވަރަށް ކަޅުކުލައިގެ ބުރުގާއެއް އަޅައިގެންހުރި އަންހެނަކު އަލްބަރަކްގެ ގެއިން ނިކުމެގެން ގާތްގަޑަކަށް ފަންސާހަކަށް ފަސްދޮޅަހަކަށްގަޒުހާތަން ދިޔަފަހުން ހަމައެގެއިން އެގޮތަށް ކަޅުބުރުގާއެއް އަޅައިގެން ހުރި އަންހެނަކު ނިކުމެއްޖެއެވެ. ފަހުން ނިކުތް އަންހެންމީހާ ކުރިން ހިގައިގަތް އަންހެންމީހާގެ ފަހަތުން ވަރަށް ބާރަށް ހިގަން ފަށައިފިއެވެ. މިގޮތަށް ވަކިހިސާބަކަށް ދިޔަތަނާ ކުރީގައި ހުރި އަންހެންމީހާ ގޯޅިއަކުން ލަބާލާފައި ހުއްޓިއްޖެއެވެ.

އަޅުގަނޑުމެން ދެ ޖާސޫސުންވެސް އެމީހުންގެ ފަހަތުން ދިޔައީމެވެ. ކުރިން ހިގައިގަތް އަންހެންމީހާ ހުއްޓުނީމާ ފަހުން ހިގައިގަތް އަންހެންމީހާވެސް ހުއްޓުނެވެ. އިރުކޮޅަކު މަޑުކޮށްލާފައި ފަހަތުގައިހުރި އަންހެންމީހާ ބާރުބާރަށްގޮސް ކުރީގައިހުރި އަންހެންމީހާއާއި އަރާހަމަކޮށްފާ ކޮންމެވެސް ވާހަކަތަކެއް ދައްކައިފިއެވެ. އެމީހުން އެދެއްކި ވާހަކައެއް އަޅުގަނޑުމެންނަކަށް ނޭގެއެވެ. ދެމީހުން ކުޑަކޮށްވާހަކަ ދައްކާލާފައި ކުރިން ގެއިން ނިކުތް އަންހެންމީހާ އަތްތިލަބަޑި ޖަހާލާފިއެވެ. އެވަގުތު އަދިރީގެ ތެރެއިން ނިކުތް ދެފިރިހެނުން ދުވަފައިއައިސް ފަހުން އައި އަންހެންމީހާ ހިފާހައްޔަރުކުރަން އުޅެނިކޮށް އަންހެންމީހާގެ އަތުގައިއޮތް ކޮންމެވެސް ހަތިޔާރަކުން ދެފިރިހެނުންނާއި ހަމަލާދީފިއެވެ. އެ ހަމަލާއާއިއެކު އެކުގައި ދެފިރިހެނުންވެސް އަންހެންމީހާގެ މައްޗަށް ހަމަލާދިނެވެ.

”ތިޔަ އަންހެންމީހާ ނަގައިގަނެގެން ހިގާށެވެ.“ ދެފިރިހެނުންގެ ހަމަލާއިން އަންހެންމީހާ ބަލިކޮށް ވައްޓާލުމާއެކު ކުރިންއައި އަންހެންމީހާ ދެފިރިހެނުންނަށް ބުންޏެވެ. އެދަޑިވަޅުގައި ފަހުން އައިމީހާ ކުރީގެ މީހާއަށް ހަމަލާ ދީފިއެވެ. ޖަވާބުގައި ފަހުގެ މީހާވެސް ހަމަލާދިނެވެ. ދެމީހުން ހަޅޭލަވައިގަތްއަޑު އެކުއެކުގައި ޖައްވުގެ ތެރެއަށް އަރައިގެން ދިޔައެވެ. ހިދުކޮޅެއްގެ ތެރޭގައި ދެއަންހެނުން ޒަޚަމްވެއްޖެއެވެ. ހާދިޘާ ހިގަމުންދާތަން ފެނުމުން އާޒަރުއެތަނުގައި ބަހައްޓާފައި މަނިކުފާނަށް އަވަސް އަވަހަށް ޚަބަރު ދިނުމަށްޓަކައި އަޅުގަނޑު މިއައީއެވެ. އަޅުގަނޑު ދިޔުމުގެ ކުރިން އެމީހުން ތަނަކަށް ދަނީނަމަ އެމީހުން ދާތަނަކާއި ކުރާކަމެއް އާޒަރު ބަލާނެއެވެ.“

އެކަހަލަ ކުއްލި ހާދިޘާ ތަކަށްޓަކައި ބާރަށް އަސްދުއްވަން ދަންނަ ހުޝިޔާރު ހަގުރާމަވެރި ހުނަރުތައްހުރި ޖަމާޢާތެއްގެ މީހުން އަބަދުވެސް ޢަލީ ބިން ސުފިޔާން ތައްޔާރަށް ބައިތިއްބަވައެވެ. މިބައިމީހުން ނިދާއުޅެނީވެސް މިމީހުންގެ އަސްތަކުގެ ކައިރީގައެވެ. އަސްދާނު ގޮނޑިތަކާއި ހަތިޔާރުތައް އަތް ފޯރާފަށުގައި ބަހައްޓާފައި ހުރެއެވެ. ކިތަންމެ ދަންވަރެއްގައި ކުއްލި ހާދިޘާއެއް ދިމާވިޔަސް ދެތިން މިނަޓްތެރޭގައި ތައްޔާރުވެލައިގެން ދާންވީތަނަކަށްގޮސް ކުރަންވީ ކަމެއް ކޮށްލުމުގެ ހުޝިޔާރުކަން އެމީހުންގެ ކިބައިގައި ހުރެއެވެ. އެހާވެސް މޮޅަށް އެމީހުންނަށް ޓްރޭނިންގް ދެއްވާފައިވެއެވެ. ޢަލީ ބިން ސުފިޔާން ފޮނުއްވިމީހާގޮސް ކޮމާންޑަރުގެ ގާތުގައި ހަތިޔާރުއެޅި ސާދައަސްވާރުން ފޮނުއްވުމަށް ބުންލާއިރަށް އެމަނިކުފާނުހެދުން ބަދަލުކުރައްވައިގެން ނިކުމެވަޑައިނުގަންނަވަނީސް އެމީހުން އަތުވެއްޖެއެވެ. ޢަލީ ބިން ސުފިޔާންގެ އިރުޝާދުގެމަތިން ޢުމަރުކުރީގައި ހުރެގެން ހާދިޘާ ހިގި ތަނަށްހިގައްޖެއެވެ. އެންމެގެ ކުރިއަށް ތިބި ދެމީހުންގެ އަތުގައި އޮތް ކޮރު ދަނުން އަލިކުރަމުންގޮސް އެތަނަށް ހުއްޓުނު އިރު ކޮންމެވެސް ދެމީހަކު ބިންމައްޗަށް ވެއްޓިފައި ތިއްބެވެ. ޢަލީ ބިން ސުފިޔާން އަހުން ފައިބައިވަޑައިގެން ބެއްލެވި އިރު އޭގެ ތެރެއިން އެކަކީ އަލްބަރަކްގެ ދޮށީ އަބިމީހާއެވެ. ދެވަނަ މީހަކީ އާޒަރެވެ. ޢުމަރުގެ އެކުވެރިޔާއެވެ. ނަސީބަކުން ދެމީހުންގެވެސް ފުރާނަ ހުއްޓެވެ. ނަމަވެސް ދެމީހުން ތިބީ ލެއިން ތަތްތެޅިފައެވެ. އެހާލުގައި ތިއްބާ ޢަލީ ބިން ސުފިޔާން ވަޑައިގެންނެވުމުން އާޒަރު ދެންނެވިއެވެ.

ބަޔަކުމީހުން އަލްބަރަކްގެ އަނބިމީހާ މިތަނަށް އެއްލާލާފައި ދިއުމުން އަޅުގަނޑު އައިސްކައިރިވެލިތަނާ ފަހަތުން އައި މީހަކު ހަމަލާ ދިނީއެވެ. ޖެހިޖެހިގެން ތިންފަހަރު އަޅުގަނޑުގެ ގަޔަށް ޚަންޖަރު ގޯޅާލިއެވެ. އަލްބަރަކްގެ ހަގުއަނބިމީހާ ދިޔައީ އަލްބަރަކްގެ ގެއާއި ދިމާއަކަށްނޫނެވެ. އޭނާ ދިޔަތަން ޢުމަރަށް އެގޭނެއެވެ.“

ޒަޚަމްވެފައިތިބި ދެމީހުން ގޮވައިގެން ކަޑިފާނުބޭސްކުރާ މީހެއްގެގާތަށްގޮސް ލޭމަނާކޮށް ފަރުވާލިބޭނޭގޮތް ހެދުމަށް ވިދާޅުވެފައި ދެންތިބި އަސްވާރުންނާއި ޢުމަރުގޮވައިގެން އަލްބަރަކްގެ ހަގު އަނބިމީހާ ދިޔަކަމަށް އާޒަރު އެބުނާ ގެއާއި ދިމާއަށް ޢަލީ ބިން ސުފިޔާން ވަޑައިގެންފިއެވެ. – އެމަނިކުފާނު އެހިސާބަށް ވަޑައިގެން ބެއްލެވި އިރު ޢާސިފާ އައިސްގޮސްވާކަމަށް އެބުނާގެއަކީ ވަރަށް ޒަމާންވެފައިހުރި ބޮޑުގެއެކެވެ. އެހިސާބުގައި އެނޫންވެސް އެހެން ގޭގެ ހުއްޓެވެ. އެބޮޑުގޭގެ ބިއްދޮށް ފަރާތުން އަސްގޮވާ އަޑުއިވެއެވެ. – ޢަލީ ބިން ސުފިޔާން އެގޭގެ ކައިރިއަށްހުއްޓިވަޑައިގެންފައި އަރިއަހުގައި ތިބި ސަވާރުންގެ ތެރެއިން ބަޔަކު ގޭގެ ދެފަރާތަށް ފޮނުއްވާފައި ދެމީހުން ގޭގެ ކުރިމަތީގައި ބައިތިއްބަވަމުން ވިދާޅުވިއެވެ.

”ގޭތެރެއިން މީހަކު ނިކުމެއްޖިއްޔާ ހިފާހައްޔަރު ކުރާށެވެ. އެއްވެސް މީހަކު ފިލައިގެން ދާން އުޅެފިއްޔާ އެމީހާގެ ބުރިކަށްޓަށް ދުނިޖަހައިގެން މަރާލާށެވެ.“

ގޭގެ ދެފަރާތުން ފޮނުއްވި ސަވާރުން އަސްދުއްވާލަން ތައްޔާރު ކޮށްލިތަނާ އަސްތަކެއްގެ ފިޔަވަޅުގެއަޑު އިވިވަޑައިގެން ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ.

”އަވަހަށް އަސްތަކުގައި ހަންމުށި އަޅާށެވެ. އަސްތައް ބާރަށް ދުއްވާލާށެވެ. ގެވަށާލާށެވެ. އެތެރެއަށް ވަދެގަންނާށެވެ. – އެންމެން ހައްޔަރުކުރާށެވެ.“ ގޭތެރެއިން ނިކުތްބަޔަކު އަސްމައްޗަށް ސަވާރުވެގެން ދުއްވާލިތަން ފެނިވަޑައިގަތުމުން ޢަލީ ބިން ސުފިޔާން އެމަނިކުފާނުގެ އަސްވާރުންނަށް ވިދާޅުވިއެވެ. ”ފުންނާބުން ޖަހާށެވެ. ފަހަތުންދާށެވެ. މީހަކަށް މީހަކު ބަހާލާށެވެ.“

ކޮންމެ އަހަކީވެސް އެހާ ބާރަށްދުވާ އެހާ ހަލުވި އަހެކެވެ. އަސްރޭހުގައި އެކިފަހަރުމަތިން ވަނަ ހޯދާފައިވާ އަހެކެވެ. ސަވާރުވެގެން ތިބީ އެހާ ހުޝިޔާރު އެހާ ކުޅާދާނަ މީހުންނެވެ. އެއީ މޮޅު ނަސްލުގެ ބާރަށްދުވާ އަސްތަކެއްކަން އެސޮރުމެންގެ ފިޔަވަޅުތަކުގެ އަޑުން އަންގައިދެއެވެ. ނަމަވެސް ރަށުގެ އާބާދީގައި ގެތަކުގެތެރޭގައި އަސްތަކުގެ ދުވެލި ދައްކާލެވޭ ގޮތެއް ނުވެއެވެ.

އަދިރީގެ ތެރޭގައި އެކަކަށް އަނެކަކު ފެންނަވަރެއް ނުވެއެވެ. ހަމައެކަނި އަސްތަކުގެ ފިޔަވަޅުގެ އަޑު ފާހަގަކޮށްގެން ކުރިއަށް ދަނީއެވެ. އާބާދީން ނެއްޓި ދެން އޮންނަނީ ބޮޑު ތަނަވަސް މައިދާންއެކެވެ. އަސްތައް ދުއްވާފައިގޮސް މި މައިދާނަށް ނުކުތުމުން ނިވާވެވޭނޭ އެއްވެސް ހުރަހެއް ނުހުރެއެވެ. މިހާރު އުދަރެހާއި ދިމާއިން ފެންނަ ހިޔަނިތަކެއް ފަދައިން ޢަލީ ބިން ސުފިޔާންގެ އަސްވާރުންނަށް ދުޝްމަނުން ފެންނަން ފަށައިފިއެވެ. އެއީ ހަތަރު މީހުންނެވެ. އެމީހުން ތިބީ ޢަލީ ބިން ސުފިޔާންގެ ސަވާރުންނާއި ސަތޭކަ ގަޒުގެ ދުރުމިނުގައެވެ. އެމީހުން އަސްދުއްވާފައިދަނީ ކައިރި ކައިރީގައި ތިބެގެންނެވެ. ޢަލީ ބިން ސުފިޔާންގެ ސަވާރުންނަށް ދުޝްމަނުން ފެނުމުން އެމަނިކުފާނުގެ އަމުރު ފުޅާޢި އެއްގޮތްވާ ގޮތުގެމަތީން ދުޝްމަނުންނާއި ދިމާއަށް ދުނިއުކަން ފަށައިފިއެވެ. ކުރީގައި ތިބެގެން ފިލަންއެދާ މީހުންނަކީ ބުއްދިވެރިންކަމުގައި ހީވެއެވެ. އެމީހުންނާއި ދިމާއަށް ޢަލީ ބިން ސުފިޔާންގެ ސަވާރުން އުކާދުނި އެންމެ ފަހަރަކުވެސް އަމާޒުވިޔަކަ ނުދެއެވެ. އެމީހުން ދުންޏެއް ދޫކޮށްލާފިއްޔާ ފިލަން ދުވާމީހުން އަސްތަކަށް ހަދާލާ ގޮތަކުން ދުނިދަނީ ބޭކާރުވެގެންނެވެ. ނަމަވެސް ކައިރި ކައިރީގައި ތިބެގެން އެކުއެކުގައި ދަތުރުކުރަމުން ދިޔަމީހުން މިހާރު މުޅިން ހާވިޔާ ވެއްޖެއެވެ. އެކަކު އަނެކަކާއި ހިގައްޖެއެވެ. މަސައްކަތްކޮށްކޮށް އެކުވެވޭނޭގޮތެއް އެމީހުންނަކަށް ނުވިއެވެ. އަނެއްކޮޅުން ޢާލީ ބިން ސުފިޔާންގެ އަސްވާރުން އަސްދުއްވާލެއް މާ ބާރެވެ. ހިދުކޮޅެއްވިއްޔާ ހިދުކޮޅަކަށް އެއަސްވާރުން ކުރީގައި ތިބި ހަތަރު މީހުންނާއި ކައިރިވަމުން ދިޔައެވެ. މިގޮތަށް ދެބައި މީހުން އަސްދުއްވަމުން ގޮސް ވަކިހިސާބަކަށް ދިޔަތަނާ ކުރި މަތީގައި ހުރި ކަދުރު ރުއްތަކަކާއި އަރާހަމަވެއްޖެއެވެ. މިރުއްތައް ހުރީ ބޮޑިއަކަށެވެ. މިރުއްތަކާއި ހަމައަށް ގޮސްފައި ކުރީގައި ތިބި ހަތަރު އަސްވާރުން ދެބަޔަށް ބެހިލާފައި ރުއްތަކުގެ ދެފަރާތަށް އަސްތައް އަޅުވާލައިފިއެވެ އެއީ ތިރިންމައްޗަށް އެރޭ ގޮތަށްއޮތް ބިމެއްކަމުން ތަންކޮޅަކަށް ދާއިރަށް ހަތަރު އަސްވާރުން ލޯމަތިން ގެއްލިޖެއެވެ.

ޢަލީ ބިން ސުފިޔާންގެ އަސްވާރުން ހަމައެބާރު މިނުގައި ގޮސް އުސްގަޑުގެ މައްޗަށް އަރާ ބެލިއިރު ކުރިންދާ ހަތަރު މީހުން ވަރަށް ދުރަށް ހިގައްޖެއެވެ. އަނެއްކާ އެމީހުން ބައިވެގެން ކޮންމެ ބައެއްގައި ދެމީހުންތިބެގެން މިހާރު ދަނީ މުޅިން ދެދިމާއަކަށެވެ. މިތަން ފެނިވަޑައިގަތުމުން ސަވާރުން ބައިބަކުރައްވާފާއި އެކިފަރާތް ފަރާތަށް ފޮނުއްވާލެއްވުން ރަގަޅުވާނޭކަމުގައި ޢަލީ ބިން ސުފިޔާންއަށް ވިސްނިވަޑައި ގަންނަވައިގެން ވިދާޅުވިއެވެ.

”އެކިއަސްވާރުން އެކިފަރާތަށް ގޮސް މިދެމެދުގައިވާ ދުރުމިން ގާތްކުރާށެވެ. ދުނިދަޑިތަކުގައި ދުނިތައް ރުވާށެވެ.“

ސަވާރުންތައް ބެހިލައިފިއެވެ. ހުރިހާ އެންމެންވެސް ކޮޑުގައި އަޅުވާފައިހުރި ދުނިދަޑިތައް ނަގާ ދުނިތައް ރުވައިފިއެވެ. އަސްތަކުގެ ދުވެލި ބާރުކޮށް ދޭތެރޭގެ ދުރުމިން ކައިރިކުރަމުން ދުނި އުކަމުން ގެންދަން ފަށައިފިއެވެ. ދުނިއުކާ މީހުންގެ ތެރޭގައި ޢަލީ ބިން ސުފިޔާންވެސް ހިމެނިވަޑައި ގަންނަވައެވެ.

”އެކަކަށް އަމާޒުވެއްޖެއެވެ. އަސްކޮންޓްރޯލްއިން ނައްޓާލާފިއެވެ.“ ކުރީގައި ތިބި މީހުންގެ ތެރެއިން އެކަކުގޮވާލި އަޑު އިވުނެވެ. – އަމާޒުވީ ދުންޏަކީ ޢަލީ ބިން ސުފިޔާންގެ އަރިއަހުގައި ތިބެގެން ދުނި އުކަމުންދާ ދެމީހުންގެ ތެރެއިން އެކަކު އެއްލި ދުންޏެކެވެ. ދުޝްމަނުން ދިރިތިއްބާ އަތުލައިގަތުމަށް ބޭނުންވެފައިވާތީ އެއިން މީހެއްގެ މަރުވަޅަކަށް ދުނި އަމާޒު ކުރެވޭކަށްނެތެވެ. ވުމާއެކު ޒަޚަމްވި މީހާވެސް މަރާނުލާ އަތުލައިގަންނަން ވެގެން ޢަލީ ބިން ސުފިޔާންގެ އަސްވާރަކު އެއަހާއި ކައިރިވެލާފައި އެމީހާ އަސްމަތިން ދަމައިގަތުމަށް ތައްޔާރުވެލި ވަގުތު އަހުގެ ބުރިކަށިމަތީގައި ހުރަހަށް އޮތް އަންހެންކުއްޖަކު ފެނުނެވެ. ހީވާ ގޮތުން އެކުއްޖާއޮތީ ޚަބަރު ހުސްވެފައެވެ.

ސަހަރާގެ އަދިރީގެ ތެރެއިން އަހުގެ ފިޔަވަޅުގެ އަޑު ކެޑިއްޖެއެވެ. މިހާރު އިވެނީ އަސަވާރުންގެ މީހުން އެކަކު އަނެކަކަށް ގޮވާ އަޑެވެ. ފިލަންދުވި ދުޝްމަނުން އަތުލައި ގަނެވިއްޖެ ކަމުގައި ހީވެއެވެ. އާއެކެވެ. މިހާރު އެމީހުން އަތުލައިގަނެވިއްޖެއެވެ. ހަތަރުއަހުގެ ތެރެއިން ދެއަސް ޒަޚަމްކޮށްލެވިއްޖެއެވެ. ފިލަން ދުވި ކަމުގައިވަނީ ފަސްމީހުންނެވެ. އެއީ ހަތަރު ފިރިހެނުންނާއި އަންހެން ކުއްޖެކެވެ. އެއްއަހުގައިތިބީ އަންހެންކުއްޖާއާއި ފިރިހެނެކެވެ. ޢަލީ ބިން ސުފިޔާންގެ ސަވާރުން ދުޝްމަނުން އަތުލައިގަތުމަށްފަހު ޒަޚަމްވެފައި އޮތް ދެއަސް ސަހަރާގެ ތެރޭގައި މަރުވާން ދޫކޮށްލާ މީހުންކޮޅު ހައްޔަރުކޮށްލައިފިއެވެ.

”ކަލޭމެން އަހަރުމެންނާއި ދޭތެރޭގައި ކޮންމެގޮތަކަށް ކަންތައް ކުރިއަސް އެންމެ ރަގަޅެވެ. އެކަމަކު މިއަންހެން ކުއްޖާއަށް އުދަގުލެއް ނުކުރާނެ ކަމުގައި އުއްމީދުކުރަމެވެ. މިހާރުވެސް މިކުއްޖާ މިއޮތީ ޒަޚަމްވެފައެވެ.“ ޢަލީ ބިން ސުފިޔާންގެ ސަވާރުންގެ އަތްދަށުގައިވުމުން ދުޝްމަނުންގެ ތެރެއިން މީހަކު ބުންޏެވެ.

އަތުލައިގަނެވުނު މީހާ ސަވާރުވެގެން އިން އަހުގައި ބަދެފައިހުރި ކޮރުދަންނަގާ ރޯކޮށްލާފައި އަންހެންކުއްޖާގެ މޫނަށް އަލިކޮށްފާ ބަލައިލިއެވެ. އެއީ ވަރަށް ރީތި ދޮން އަންހެންކުއްޖެކެވެ. ސިއްހަތު ރަގަޅު ކުއްޖެކެވެ. އެކުއްޖާގެ ހެދުން އޮތީ ލެއިން ތަތްތެޅިފައެވެ. އޭނާގެ ކޮޑުމަތިން ކަދުރާގެ ކައިރީގައި ވަރަށް ފުން ޒަޚަމްއެއް ހުއްޓެވެ. މި ޒަޚަމުން ލޭއައިލެއް ގިނަކަމުން އަންހެންކުއްޖާގެ މޫނުއޮތީ ހުދުކަފަގަޑަކަށް ވެފައެވެ. ދެލޯހުރީ މެރިފައެވެ. ޢަލީ ބިން ސުފިޔާންއަށް މި ޒަޚަމް ފެނިވަޑައިގެންނެވުމުން އަވަސް އަވަހަށް އެތަނުގައި ފޮތިގަޑެއް އަޅުއްވާފައި އެހެން ފޮތިގަޑަކުން ވަރަށް ބާރަށް ބަދެލައްވައިފިއެވެ. ދެން އޭނާ ނަންގަވާ އަހެއްގެބުރިކަށިމަތީގައި ބާއްވަވާފައި އަވަހަށް އޭނާ ގޮވައިގެން ކަޑިފާރު ބޭސްކުރާ މީހެއްގެ ގާތަށް ދިއުމަށް އެތަނުން ސަވާރަކަށް އެންގެވިއެވެ. – އެހިސާބުގައި ތިބެފައި އެވިދާޅުވާ ކަހަލަ މީހެއްގެ ގާތަށް ދެވުމަކީ ސުއާލުވެސް އުފެދޭކަމެއްނޫނެވެ. – އެމީހުންނަށް މިހާރު އެތިބެވުނީ ސަހަރާ އާއި އެތަކެއް މޭލުދުރަށް ނިކުމެވިފައެވެ. އެންމެ ކައިރިންވެސް އެފަދަމީހަކު ލިބޭނީ ޤައިދީ އަސީރުންގެ ކޭމްޕް އިންނެވެ. މި ކޭމްޕްގައި ކަޑިފާރު ބޭސްކުރާ މުސްކުޅި ޤައިދީއަކު ހުރެއެވެ. ޢަލީ ބިން ސުފިޔާންމެންނަށް ޤާހިރާ އާއި ހަމައަށް ވަޑައިގެންނެވުނުއިރު ފަތިސްވެ އަލިވުމާއި ކައިރިވެއްޖެއެވެ. އޭރު ރޭގައިހިގި ހާދިޘާގެ ޚަބަރު ސުލްޠާން އައްޔޫބީއާއި ހަމައަށްވެސް ފޯރައްޖެއެވެ. – ޢަލީ ބިން ސުފިޔާން ޤާހިރާއަށް އަރާ ވަޑައިގެން ހަސްފަތާލަށްވަޑައިގެންނެވިއިރު ހަކީމްކަލޭގެ ޤައިދީ އަންހެން ކުއްޖާގެ ގައިގާ ހުރި ޒަޚަމުގައި ބޭސްއަޅާ ނިމިގެން އޭނާ ހޭއަރުވަން މަސައްކަތް ކުރަމުން ގެންދެއެވެ. އެއަންހެން ކުއްޖާ ހަސްފަތާލަށްގެނެސް ހަކީމް ކަލޭގެ އާއި ހަވާލު ކުރެވުނީ ޢަލީ ބިން ސުފިޔާން ޤާހިރާއަށްވަޑައިގަތުމުގެ ކުޑަތަންކޮޅެއް ކުރީންނެވެ. – އޭރު އަލްބަރަކްގެ ދޮށީއަނބިމީހާއާއި އާޒަރުވެސް ހޭ އަރައިފިއެވެ. ނަމަވެސް އެ މީހުންގެ ހާލުހިތްހަމަ ޖެހޭހާ ރަގަޅެއްނޫނެވެ. – ޢަލީ ހަސްފަތާލަށް ވަޑައިގެންނެވި އިރު ސުލްޠާން އައްޔޫބީވެސް އެތަނުގައި ހުންނެވިއެވެ. އެމަނިކުފާނަށް ޢަލީ ފެނިވަޑައިގަތުމާއެކު ޢަލީގެ އަތްޕުޅުގައި ހިތްޕަވާފާއި އެއްފަރާތަކަށް ޖެހިވަޑައިގަންނަވަމުން ވިދާޅުވިއެވެ.

”އަޅުގަނޑު މިތަނުގައި ހުންނަތާ ވަރަށް ގިނައިރު ވެއްޖެއެވެ. އަޅުގަނޑުއައިސް އަލްބަރަކް ބަލާފޮނުވީމެވެ. އެމީހާގޮސްފާ އެބުރިއައިސް ދެއްކީ އަޖައިބެއްކަހަލަ ވާހަކައެކެވެ. އަލްބަރަކްއޮތީ ހޭހުސްވެފައި ކަމަށާއި އޭނާގެ ކޮޓަރީގައި ރާދޯރަކާއި ރާބޯން ގެންގުޅުނުތަށި ހުއްޓާ ދުށްވާހަކަ ބުންޏެވެ. އެއީ ތެދެއްތޯއެވެ. މިހާރު އަލްބަރަކް ރާވެސް ބޮނީތޯއެވެ؟ އޭނާގެ އަނބިމީހާ ގެއިން ބޭރުގައި ޒަޚަމްވެފައި އޮތްކަންވެސް އޭނާއަކަށް ނޭގެއެވެ. އޭނާގެ އަނބިމީހާއާއި އެއްވެސް ކަހަލަ ސުވާލެއް އަޅުގަނޑު އަދި ނުކުރަމެވެ. އޭނާއާއި ވާހަކަ ދެއްކުން ހަކީމްއޮތީ މަނާކޮށްފައެވެ.“

”އެންމެ އަންބެއްނޫނެނެވެ. އޭނާގެ ދެއަނބިން ޒަޚަމްވެފައި އެބަތިއްބެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”އަޅުގަނޑުމެން ސަހަރާގެ ތެރެއިން އަތުލައި ގަނެގެން މިގެނައީވެސް އޭނާގެ އަންބެކެވެ. ޒަޚަމްވެފައިތިބި މީހުންނަށް ވާހަކަދައްކާލެވޭވަރު ވަންދެން މަނިކުފާނު ކެތްކުރައްވާށެވެ. އަޅުގަނޑުމެންނަށް މި އަތުލައިގަނެވުނީ ވަރަށްބޮޑު ސިކާރައެކެވެ.“

އަލްބަރަކް ހެދުނު ހޭލައިގެން ތެދުވީމާ އޭނާގެ ދެއަނބިން ޒަޚަމްވެފައި ތިބިވާހަކަ ބުނުމުން ދެފައިކުރިއަށް ބާރުލާފައި ހަސްފަތާލާއި ދިމާއަށް ދުއްވައިގެންފިއެވެ. އޭނާގޮސް ހަސްފަތާލަށް ވަނުމުން ޒަޚަމްވެފައިތިބި އޭނާގެ ދެއަނބިންނާއި ޖާސޫސުންގެ ހަތަރުމީހުން ދެއްކިއެވެ. އެމީހުންގެ ތެރޭގައި އެއްކަލަ މުސްކުޅިޔާ އޮއްވާ ފެނުމުން އަލްބަރަކް ވަރަށް ބޮޑަށް ހައިރާންވިއެވެ. މި ހުރިހާ ދުވަހު އޭނާ ހީކުރަމުން އައީ މުސްކުޅިޔާ އަކީ ޢަސިފާގެ ކުރީގެ ފިރިމީހާ ކަމުގައެވެ.

އެއީ ޖާސޫސުންނާއިބެހޭ މިއްސަލައަކަށް ވާތީ އެ މައްސަލަ ތަޙްޤީޤްކޮށް ބެއްލެވުމާއި ހަވާލުވެވަޑައިގެންނެވީ ޚުދު ސުލްޠާން އައްޔޫބީއެވެ. އެމަނިކުފާނު ކަންތައް ކުރައްވާ ގޮތާއި ހަގުރާމައިގެ ސިއްރުތައްވެސް އެމީހުނަށް އެގިފައި އޮވެދާނެކަމުގައި ހީކުރައްވާ އެ މައްސަލަ އެހެން މީހަކަށް ހަވާލުކުރައްވަން އެމަނިކުފާނަށް ފެނިވަޑައެއް ނުގެންނެވިއެވެ.

ޒަހަމަވެފައިތިބި މީހުންނަށް ވާހަކަދައްކާލެވޭވަރު ވުމުން އެމީހުންގެ އަތުން ބަޔާން އަތުލެވިއްޖެ. އޭގެތެރެއިން އަލްބަރަކްގެ އަނބިމީހާގެ ބަޔާނުގައިވަނީ – ”އަލްބަރަކް ދެވަނަ ކައިވެންޏެއް ކޮށްފިކަށާއި އެއަނބިމީހާ އުޅެމުންގެންދަނީ ޖާސޫސެއް ކަމަށް ޝައްކުވާ ކަހަލަ ގޮތަކަށް ކަމުގައި ޢަލީ ބިން ސުފިޔާން އަޅުގަނޑުގެ ގާތުގައި ވިދާޅުވުމުން އަޅުގަނޑުގެ ގާތަށް ވަރަށް ބޮޑަށް ރުޅިއައެވެ. އަޅުގަނޑުގެ ފިރިމީހާއާއި ހަގުއަނބިމީހާ ޤަތުލުކޮށްލަންވެސް ހިތަށްއެރިއެވެ. ނަމަވެސް އާސިފާއަކީ ޖާސޫސެއް ކަމުގައި ހީފުޅުވާ ކަމަށާއި ޖާސޫސުންނަކީ ޤަތުލުނުކޮށް އަތުލައިގަންނަން ޖެހޭ ކަހަލަ ބައެއްކަމުގައި ޢަލީ ބިން ސުފިޔާން ވިދާޅުވެފައިވާތީ ވަރަށް ބޮޑަށް ހިތްވަރުކޮށްފައި އަޅުގަނޑު ކެތްތެރިވެގެން އާސިފާއަށް ފާރަލަމުންގެންދަން ފަށައިފީމެވެ. އެކަމަށްޓަކައި ރޭގަޑުގެ ނިދިވެސް އަޅުގަނޑު ދޫކޮށްލީމެވެ. ދަޑިވަޅު ބަލާފައި އާސިފާގެ ނިދާކޮޓަރީގެ ދޮރުގައި ލޯވަޅެއް އެޅީމެވެ. އެއީ ޖެހިގެން ހުންނަ ކޮޓަރީގެ ތެރެއަށް ހުޅުވޭގޮތަށް ހުންނަ ދޮރެކެވެ. ރޭގަޑު ހޭލާ އިދެގެން އެއްކަލަ ލޯވަޅުން އާސިފާގެ ކޮޓަރިއެތެރެ ބަލަމުން ގެންދިޔައީމެވެ. ޖެހިގެންއައި ދެރޭވެސް އާސިފާގެ ކޮޓަރިން އަޅުގަނޑަށް ފެނުނީ ހަމަ އެއް މަންޒަރެކެވެ. އެއީ އާސިފާގެ އަތުން އަލްބަރަކްއަށް ރާބޯން ދީގެން މަގުފުރައްދަމުން ގެންދާ މަންޒަރެވެ. އަލްބަރަކް އަމަލުވެފައި އޮވެގެން ސުލްޠާން އައްޔޫބީގެ ވާހަކަ އާސިފާއަށް ކިޔައިދޭއިރު ހީވަނީ އާސިފާއަކީ އެވާހަކަތައް ކޮންމެހެން އެގެންޖެހޭ ބުއްދިވެރި ސިއްރު ވެރިއެއް ހެންނެވެ. އެމީހުންދައްކާ ވާހަކައިގެ ތެރޭގައި ސުލްޠާން އައްޔޫބީ ކުރައްވާ ޤަސްދުކުރައްވާ ކަންތަކާއި އެމަނިކުފާނު ވިސްނާވަޑައިގަންނަވަމުން ގެންދަވާ ކަންތައްތަކާއި ޞަލީބީންނަށް ހެޔޮނުބައި ކިއުން ހިމެނެއެވެ. ދެރޭމަތިން އެކަހަލަ މަންޒަރެއް ފެނިގެން ދިއުމުން އާސިފާގެ ކޮޓަރިން އެފެންނަ މަންޒަރުތައް ދުށުމަކީ ކެތްތެރިކަމެއްނެތި އަޅުގަނޑު އިންތިޒާރު ކުރާ ކަމެއްކަމުގައިވެއްޖެއެވެ. ތިންވަނަރޭވެސް ކުރީދެރޭފަދައިން އަލްބަރަކްއަށް ރާބޯން ދެމުންގޮސް ހައިވާނުންގެ ދަރަޖައަށް އޭނާ ފޯރުވާލާފައި ދެތަށި ހިފައިގެން މިހެން ބުނަމުންގޮސް ޖެހިގެންހުރި އަނެއް ކޮޓަރިއަށް ވަދެއްޖެއެވެ. ”އައުރާތައްޓެއް ތައްޔާރު ކޮށްލައިގެން އަހަރެން އަންނާނަމެވެ.“ ކުޑައިރުކޮޅެއްގެ ފަހުން އާސިފާއެބުރި އައިއިރު އޭނާ ގެންދިޔަދެތައްޓަށް ރާއަޅާ ފުރާލާފައިހުއްޓެވެ. ދެން އެތަނުން އެއްތަށި އަލްބަރަކްއަށްދީފައި އަނެއްތަށި އާސިފާ ބޯލުމަށްފަހު އަލްބަރަކްގެ ޚަބަރު ހުސްވަންދެން ހުތުވެގެންވީ ނާޓަކުތައް ކުޅުނެވެ. ދެން އޭނާ އަވަސް އަވަހަށް ހެދުން އަޅައިފިއެވެ. އަލްބަރަކްގެ ކޮޑުގައި ހިފައި ދެފަހަރަކު ހަލުވާލައިފައި ގޮވާލިއެވެ. އަލްބަރަކް ޖަވާބެއް ނުދިނީމާ ދެއަތުގެ ދެއަތުގެ ޝަހާދަތްއިގިއްޔާ ބޮޑުވާ އިގިލިން ހިފާފައި ގަދަކަމުން ލޯ ހުޅުވާލިއެވެ. ދެންވެސް އަލްބަރަކް އިތުރު ހަރަކާތެއް ނުކުރިއެވެ. ހީވާގޮތުން އަލްބަރަކްއަށް އާސިފާ އެންމެފަހުން ބޯންދިން ރާތައްޓަކީ އަމަލުވާކަހަލަ އެއްޗެއް އަޅާފައިހުރި ރާތައްޓެކެވެ.

އާސިފާ އަޅައިގެން ހުރި ހެދުމުގެމަތިން ކަޅުކުލައިގެ ބޮޑުބުރުގާއެއް އަޅާ ނިވާކޮށްލިއެވެ. ރޭދެބައިގެ ވަޤުތެއްގައި ގޭގެ ބައްތިތައް ނިވާލާފައި ގެއިން ނިކުމެއްޖެއެވެ. އެތަން ފެނުމުން އަޅުގަނޑުގެ ރުޅިގަނޑު ގަދަވެގެން ހިގައްޖެއެވެ. އަވަސް އަވަހަށް ޚަންޖަރު ނަގައިފީމެވެ. ކަޅުކުލައިގެ ބޮޑު ބުރުގާއަކުން ހަށިގަނޑު ނިވާކޮށްލައިގެން އާސިފާގެ ފަހަތުން ނިކުންނަން ހިގައިގެންއިރު ގޭގަ ނޯކަރެއްގެ ކައިރީގައި ސިއްރު ވާހަކައެއް ދައްކަން އާސިފާ ހުއްޓެވެ. ވީމާ އެއީ އޭނާއާއި ގުޅިފައިވާ ނޯކަރެއްކަން އަޅުގަނޑަށް ވިސްނުނެވެ. ކޮންމެއަކަސް ނޯކަރު ކުއްޖާއާއި އެދެއްކި ވާހަކަތަކެއް ދައްކާފައި އާސިފާ ބޭރަށް ނިކުމެއްޖެއެވެ. އޭނާ ދިޔުމުން ނޯކަރުކުއްޖާ ގޭތެރެއަށް ވަދެއްޖެއެވެ. ދެން އޭނާގެ ފަސްފަހަތުން އަޅުގަނޑު ހިގަންފަށައިފީމެވެ. އަޅުގަނޑު ދަނީ އަދިރީގެ ތެރެއިން އޭނާގެ ފިޔަވަޅުގެ ހިލަމަށް ވިސްނައިގެންނެވެ. ރޭގަޑުގެ އެދަންވަރު އާސިފާދަނީ ކޮންތަނަކަށްތޯ ބަލަން އަޅުގަނޑު ބޭނުމެވެ. ފަހަރެއްގައިވެސް ހިގުންބާރުކޮށް އާސިފާ އާއި މާކައިރިވެއްޖެނަމަ އަޅުގަނޑު ދާކަން އޭނާއަށް އެގިދާނެއެވެ. އޭރުން އޭނާ ދާންބޭނުންތާކަށް ނުދާނެއެވެ. ނަމަވެސް  އެގޮތުގައި އިރުކޮޅަކު ހިގާފައި ކުއްލިއަކަށް އާސިފާ ހުއްޓިއްޖެއެވެ. އެކަމެއް އަޅުގަނޑަކަށް ނޭގެއެވެ. އަދިރިކަމުން ތަނެއްދޮރެއް ނޭގޭ ހާލުގައިގޮސް އަޅުގަނޑަށް އާސިފާއާއި އަރާހަމަވެއްޖެއެވެ. – ހީވާ ގޮތުން އޭނާ އެހުއްޓުނީވެސް އަޅުގަނޑު އަންކަމަށް ޝައްކު ކުރެވިގެންނެވެ.

”އާސިފާއެވެ. ކަލޭ ތިޔަދަނީ ކޮންތަނަކަށް ހެއްޔެވެ؟“ އާސިފާގެ މޫނާއި މޫނު ޖެހޭ ކައިރީގައި ހުރެވުނުކަން އެގުމުން އަޅުގަނޑަށް ބުނާނެ އެއްޗެއް ނޭގިފައި ހަދާނެގޮތެއް ނުވިސްނިފައި ހިދުކޮޅަކު ހުރުމަށްފަހުގައި އޭނާއާއި ސުވާލުކޮށްފީމެވެ. – މިސުވާލު ކުރިއިރު އާސިފާގެ ސަލާމަތަށްޓަކައި އޭނާގެ ފަސްފަހަތުން މީހަކު އަންނަކަމެއް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނޭގެއެވެ. ވީމާ މިނޭގުމުގެ ތެރޭގައި ހުއްޓާ އާސިފާ ޒާތަކަށް އަތްތިލަބަޑި ޖަހާލިއެވެ.

”ކަމަނާ ތިޔަވަޑައިގަންނަވަނީ އަޅުގަނޑުގެ ފަހަތުންތޯއެވެ. ނުވަތަ މިދަންވަރު އެހެންތަނަކަށް ވަޑައިގަންނަވަން ވެފައި އޮތީތޯއެވެ؟“ އޭނާ މިހެން ބުނެ ނިންމާލިތަނާ ފަހަތުން އައިމީހަކު އަޅުގަނޑުގެ މުލައްދަޑީގައި ހިފައިފިއެވެ. ނަމަވެސް އެހިފެއްޓުން މާވަރުގަދަ ނުވަނީސް ކުއްލިއެއް ޖަހައިގެން އެމީހާގެ އަތްދަށުން އަޅުގަނޑު ސަލާމަތް ވެއްޖައިމެވެ. އެވަގުތު އެމީހާ ޖުއްބާގެ ތެރެއިން ޚަންޖަރު ނަގާ އަޅިގަނޑާއި ހަމަލާ ދީފިއެވެ. ހަމަ އެފަދައިން އަޅުގަނޑުވެސް އޭނާއާއި ހަމަލާ ދިނީމެވެ. – އެމީހާގެ ދެވަނަ އެތިފަހަރު އަޅުގަނޑުގެ އަރިކައްޓަށް އަމާރު ވިއެވެ. ނަމަވެސް ދެން އަޅުގަނޑު އޭނާއާއިގެންނެއް ނޫޅެމެވެ. އޭނާ ދޫކޮށްލާފައި އަވަސް އަވަހަށް އާސިފާއާއި ދިމާއަށް އަބުރިލައިފީމެވެ. އަޅުގަނޑުގެ އަތުގައިއޮތް ޚަންޖަރުން އާސިފާއާއި ހަމަލާދީ އޭނާގެ ކަދުރާ އާއި ކޮޑާއި ދެމެދު ޒަޚަމްކޮށްލައިފީމެވެ. ވީތަދުން ބާރަށް ހަޅޭއްލަވައިގެންފައި އޭނާ ބިންމައްޗަށް ވެއްޓިއްޖެއެވެ. އަޅުގަނޑުވެސް ހުރީ ޒަޚަމްވެފައެވެ. އެހެންކަމުން މާގިނައިރުތަކެއްނުވެ އަޅުގަނޑުވެސް ވެއްޓިއްޖެއެވެ. – އެކަންހިގާ ނިމުނުތަނާ އާސިފާ ބަލަހައްޓަން ހުރިމީހާ އޭނާ ނަގައިގެން ކޮންމެވެސް ތަނަކަށް ހިގައްޖެއެވެ. ތިޔަވިދާޅުވާ ފަދައިން އުމަރާއި އާޒަރު އޭރުތިބީ އެތަން ބަލާށެވެ. ވީމާ އުމަރުދިޔައީ އާސިފާމެންގެ ފަހަތުންނެވެ. އެހާތަނުން އެފިރިހެން މީހާ އާސިފާ ގޮވައިގެންގޮސް އެގެއަށް ވަނުމުން ޢަލީ ބިން ސުފިޔާންއަށް ޚަބަރު ގެންގޮސްދޭން އުމަރުދިޔައީއެވެ. – ބިންމައްޗަށް ވެއްޓިފައިއޮތް އަންހެން މީހާއަކީ ކާކުކަން ނޭގޭތީ އާޒަރުހުރީ އެތަނުގައެވެ. އަންހެން މީހާ ފިޔަވާ އެހެން އެއްވެސް މީހަކުނެތި ތަން ހުސްވުމުން އާޒަރުގޮސް ވެއްޓިފައިއޮތް އަންހެން މީހާ ނުވަތަ އަޅުގަނޑުގެ ކައިރީގައި އިށީނީއެވެ. އެކަމަކު އިރު ކޮޅެއްވެސް ނުވަނީސް ފަހަތުން އައި މީހަކު އާޒަރުއާއި ހަމަލާދީ ޒަޚަމްކޮށްލުމުގެ ސަބަބުން ޚަބަރު ހުސްވެގެން އަޅުގަނޑުގެ ކައިރިއަށް ވެއްޓުނީއެވެ.“ – އަލްބަރަކްގެ ދޮށީއަނބިމީހާ ވާހަކަ ނިންމާލިއިރު އޭނާ އޮތީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ.

އެދުވަހު އިރުއޮއްސެންވީއިރު އާޒަރުއާއި އަލްބަރަކްގެ އަނބިމީހާގެ ހާލު ވަރަށް ބޮޑުވެއްޖެއެވެ. ހަކީމީންގެ ބުރަ މަސައްކަތާއެކުވެސް އެމީހުންގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. – ”އަޅުގަނޑު ޤުރުބާން ކޮށްފާނަމެވެ. ނަމަވެސް ޤައުމާއި ރާއްޖޭގެ އިއްޒަތް ޤުރުބާންވަމުންދާތަން ދެކޭކަށް ނުއިދެވޭނެއެވެ. “ މިހެން ބުނެފައި އަލްބަރަކްގެ އަނބިމީހާ އެންމެފަހުގެ ނޭވާ ދޫކޮށްލައިފިއެވެ. – އިރުކޮޅެއްނުވަނީސް އާޒަރުގެ ފުރާނަވެސް ހިގައްޖެއެވެ.

ސުލްޠާން އައްޔޫބީގެ އަމުރުފުޅަށް ޚާދިމުއްދީން އަލްބަރަކް ޤައިދުކުރެވިއްޖެއެވެ. އޭނާގެ ކުށެއްނެތްކަން ޘާބިތުކޮށްދިނުމަށާއި ޞަލީބުން އޭނާ މޮޔަހެއްދީކަން ޘާބިތުކޮށް ދެވޭތޯ ކިތަންމެވަރަކަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ރަލާއި ރީތީ ސޫރައެއްގެ މަސްތުގައި ހުރެގެން ވެރިކަމާއި ސަރުކާތުސިފައިންގެ ލަޝްކަރުގެ ސިއްރުތައް ދުޝްމަން ޖާސޫސުންނާއި ހަމައަށް ފޯރުވާދިން ކަމުގެ ކުށްވަނީ އޭނާގެ މައްޗަށް ޡާބިތުވެފައެވެ. އޭނާގެ ޒަރީއްޔާއިން ސުލްޠާން އައްޔޫބީ ޤަތުލުކުރަން އެމީހުން ރޭވި ނުބައި ރޭވުންތައް އެމަނިކުފާނު މަޢާފުކުރެއްވިޔަސް ރާބުއިމާއި އައްޔަޝީ ޢަމަލުތައް ހިންގުމާއި އަމިއްލަ ވަޒަނުގެ ސިއްރުތައް ދުޝްމަނުންނަށް ފައުޅުކުރުމާއި މިހިރަ ކުށްތަކަކީ އެއްވެސް މީހަކަށް މައާފްކުރެވޭނޭ ކުށްތަކެއް ނޫނެވެ.

އެދުވަހު އާސިފާގެ އަތުން ބަޔާނެއް ނުހޯދައެވެ. އޭނާގެ ޒަޚަމްގެ ވޭނަށްވުރެ ގަންފައިވާ ބިރުބޮޑެވެ. ކިތަންމެ ހިތްވަރެއް ކުރަން އުޅުނަސް އެއީ އަންހެން ކުއްޖެކެވެ. ސިފައިންގެ މީހެއް ނޫނެވެ. އޭނާއަށް ދެވިފައިވަނީ ސިފައިންގެ މީހުންނަށް ދޭކަހަލަ ހަރުކަށި ޓްރޭނިންގއެއް ނޫނެވެ. އެފަދަ އަންހެންކުދިންނަށް ދަސްކޮށްދީފައި އޮންނަނީ ރަސްދަރިކަބަލުން ފަދައިން އުފަލާއި އަރާމުގައި އިދެގެން ރަސްރަސްކަލުންނާއި އަމީރުންގެ ޒަރީޔާއިން އިސްލާމީ ރާއްޖެތަކުގެ ސިއްރުތައް ހޯދުމުގެ އުކުޅުތަކެވެ. ވީމާ ފަހަރެއްގައިވެސް މިފަދަގޮތަކަށް މެދުވެރިވެދާނޭ ކަމަކަށް އާސިފާގެ ހިތަކަށް ނާރައެވެ. –  އޭނާ އެންމެ ބިރުގަންނަނީ އިސްލާމުންގެ އަތްދަށުގައި ހައްޔަރުވީމައެވެ. އޭނާއަށް އިވިފައިއޮންނަގޮތުން އިސްލާމުންނަކީ ރަހުމާއި ހަމްދަރުދީއެއް ނެތް އަޚްލާޤްދަށް ބައެކެވެ. އޭނާގެ ގައިގައިހުރި ޒަޚަމަށްވެސް އިސްލާމުން ފަރުވާއެއް ނުކޮށްދޭނެއެވެ. މިހެން ހިތަށް އަރުވައަރުވާފައި ކުޑަ ކުއްޖަކު ފަދައިން އޭނާ ރުއެވެ. ޢަލީ ބިން ސުފިޔާން ވަޑައިގެން އޭނާއަށް ނަސޭހަތްދެއްވާ މުސްލިމް އަންހެނަކާއި ދޭތެރޭގައިވެސް ކަންތައްކުރާ ގޮތަށް ނޫނީ އޭނާއާއި ދޭތެރޭގައި ކަންތައް ނުކުރައްވާނޭ ކަމުގައި ވިދާޅުވެ ހިތްހަމަޖައްސާ ދެއްވިއެވެ. ނަމަވެސް އެމަނިކުފާނުގެ ބަސްފުޅެއް އޭނާ ޤަބޫލެއް ނުކުރިއެވެ. ރޮއިރޮއިފައި ސުލްޠާން އައްޔޫބީ އާއި ބައްދަލުވުމަށް އެދޭކަމުގައި ބުނަމުން ގެންދިޔައެވެ. އެންމެ ފަހުން ސުލްޠާން އައްޔޫބީގެ އަރިއަހަށް އެވާހަކަ ގެންދަން މަޖުބޫރުވެއްޖެއެވެ.

ސުލްޠާން އައްޔޫބީ އާސިފާއާއި ބައްދަލުކުރެއްވުމަށްޓަކައި އޭނާގެ ގާތަށް ވަޑައިގެންނެވިއެވެ. އޭނާގެ ބޮލުގައި ފިރުއްވަވަމުން ހައްޔަރުވެފައި އިންނައިރު އޭނާއަކީ ސުލްޠާން އައްޔޫބީގެ ދަރިކަބަލެއްފަދަ ކުއްޖެއްކަމަށާއި، އެއްވެސް މީހެއްގެ ފަރާތުން އޭނާއަށް ގެއްލުމެއް ލިބުނަ ނުދެއްވާނޭކަމުގައި ވިދާޅުވެ ހިތްވަރުދެއްވާ ހެއްދެވިއެވެ.

”ސުލްޠާންއެވެ. މަނިކުފާނަކީ ހަމައެކަނި ހަތިޔާރުގެ ރަސްގެފާނު ނޫންކަމަށާއި މަނިކުފާނަކީ ހިތްތަކުގެވެސް ރަސްކަލެއް ކަމުގައިބުނާތީ އަޅުގަނޑު އަހަމެވެ.“ – އާސިފާ ރޮމުން ރޮމުން ދެންނެވިއެވެ. ”އެފަދަ މަތިވެރި ރަސްކަލަކު ބަލިކުރުމަށްޓަކައި އައްޔަޝީންގެ ހުރިހާ ރަސްރަސްކަލުން އެތިއްބެވީ އެކަތިގަޑަކަށް ވެވަޑައިގަންނަވައިގެންނެވެ. ވީއިރު އަޅުގަނޑު ފަދަ ނިކަމެތި އަންހެންކުއްޖަކަށް ދެރަދިނުމަކީ ރަގަޅުކަމަކަށް ވާނެތޯއެވެ؟ މާތްމަނިކުފާނުއެވެ. އަޅުގަނޑަށް ޒަހަރު ދިނުމަށް މިމީހުން ގާތުގައި ވިދާޅުވާށެވެ. މިހާލުގައި އިންނައިރު ލިބެމުންމިދާ ވޭނަށް ކެތްކުރުމަކީ އަޅުގަނޑަށް ކުޅަދާނަކަމެއް ނޫނެވެ.“

”އަންހެންކުއްޖާއެވެ. ކަލޭ އެދެފިނަމަ އަބަދުވެސް އަހުރެން ކަލޭގެ ގާތުގައި ހުރެދާނަމެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”އަހުރެން ކަލެއަށް ކެއްސެއް ނުދޭނަމެވެ. އަނިޔާ އެއްވެސް ނުދޭނަމެވެ. އެކަމަކު އެހެންވާނީ ކަލޭވެސް އަހަރެންނަށް ކެއްސެއް ނުދިނުމަށް ވަޢުދުވީމައެވެ. ދެން އެންމެ ރަގަޅެވެ. އިހަށް ކަލޭގެ ބަލިފަސޭހަވިޔަދޭށެވެ. ވަރަށް އަވަހަށް ކަލޭގެ ޒަޚަމް ފުރިދާނޭކަމުގައި ހަކީމް ބުންޏެވެ. ކަލެއަށް އަނިޔާއެއް ދޭން ބޭނުންނަމަ ތިޔަ ހާލުގައި ކަލޭ ޖަލަށްވެސް ލެވިދާނެ ނޫންހެއްޔެވެ؟ ކަލޭގެ ޒަޚަމަށް ލޮނުވެސް އެޅިދާނޭނޫންހެއްޔެވެ؟ އަހަރުމެން އެގޮތަށް ކަންތައް ކޮށްފީމުން ރޮއިރޮއިފައި ކަލޭ ކުށަށް އިއުތިރާފުވާނެއެވެ. ކަލޭގެ އެކުވެރިންނަކީ ކޮންބައެއްކަން ބުނެދޭނެއެވެ. ނަމަވެސް އާރެއް ބާރެއްނެތް ބަލިކަށި އަންހެނުންނަކަށް އަހަރެމެން އަނިޔާވެރިއެއް ނުވަމުއެވެ. – އަލްބަރަކް ގެ ދޮށީއަނބިމީހާ މަރުވެއްޖެއެވެ. ނަމަވެސް ކަލޭ މަރުން ސަލާމަތް ކުރެވޭތޯ އަހަރެމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަމެވެ.“

”އަޅުގަނޑު ރަގަޅުވެއްޖެނަމަ އަޅުގަނޑާއި ދޭތެރޭގައި ކަންތައް ކުރާނީ ކިހިނަކުންތޯއެވެ؟“ އަންހެންކުއްޖާ ދެންނެވިއެވެ.

”މިތަނުގައި އުޅޭ އެއްވެސް ފިރިހެނަކު ނުބައި ނިޔަތެއްގައި ކަލެއާއި ދިމާއަށް ނުބަލާނެއެވެ. ރީތި ޒުވާން އަންހެން ކުދިންނާއި ދިމާއަށް ފިރިހެނުން އެބަލާބީދައަކުން ނުބަލާނެއެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”ކަލޭގެ ހިތުގައި ތިޔަވާ ޝައްކުތައް ފިލުވާލާށެވެ. ކަލެއާއި ދޭތެރޭގައި ކަންތައް ކުރެވޭނީ އިސްލާމީ ޤާނޫނުގައިވާ ގޮތަށެވެ.“

އަންހެންކުއްޖާއާއި ވާހަކަފުޅު ދައްކަވަން ކުޑައިރުކޮޅަކު ހުންނަވާފައި ސުލްޠާން އައްޔޫވީ އެބުރިވަޑައިގެންފިއެވެ.

ކޮންމެރެއަކު ދަންވަރު އާސިފާ ގޮސްއެއުޅުނުގެ ވަރަށް ބޮޑަށް ބަލާ ފާސްކުރެވުނެވެ. އެއީ އެއްވެސް މީހަކު ދިރިއުޅޭ ގެއެއްނޫނެވެ. އެއީ ޖާސޫސުންގެ ހާލިގަޑެކެވެ. ގޭތެރޭގައި އަސްތަބަލެއް ހަދާފައިހުއްޓެވެ. ފަސްމީހުންވެސް ތިއްބެވެ. އޭގެފަސް މީހުން ހިފާހައްޔަރު ކުރެވުނެވެ. އެއަށްފަހުގައި އޭގެފަސް މީހުންނާއި ޢަލީ ބިން ސުފިޔާންގެ ޖާސޫސުން ގޮސްފަހައިގަނެގެން އަތުލައިގެން ހަތަރުމީހުންނާއި ނުވަމީހުން ކުށަށް އިއުތިރާފުވުމަށް އިންކާރުކުރިއެވެ. ވީމާ ހިލައަށްވެސް ކެތްނުކުރެވިގެން ވާހަކަ ދައްކަން ޖެހޭފަދަ ނުރައްކާތެރި އަޑީގެ ހުރަގެއަށްލާ ބަންދުކޮށްލުމުން އެމީހުންގެ ކުށަށް އިއުތިރާފު ވެއްޖެއެވެ. އަންހެން ކުއްޖާއަކީ އެންގަޑެއް ކަމުގައި ހަދާފައި އެއްލައިގެން އަލްބަރަކް އަތުލައިގެން ކަމަށާއި އެއަށްފަހުގައި ކަންތައް ކުރަމުން ގެންދިޔަގޮތް ތަފްސީލުކޮށް ބަޔާންކޮށްދިނުމަށްފަހުގައި މުސްކުޅިޔާވެސް ކުށަށް އިއުތިރާފު ވެއްޖެއެވެ. އެހެންމީހުންގެ ފަރާތުންވެސް ލައްކަގިނަ ސިއްރުތައް އޮޅުންފިލިއެވެ. ރަށުއެންމެން އިހްތިރާމްގެ ނަޒަރުން ދެކެމުންދާ އެބޮޑުގޭގެ ހަޤީޤަތްވެސް އޮޅުންފިލިއެވެ. އެގެއަކީވެސް ޖާސޫސުންގެ ސިއްރު މަރުކަޒެކެވެ. އެ މަޤްސަދަށްޓަކައި ބޭނުން ކުރެވެމުންދާ ގިނަ އަދަދެއްގެ އަންހެންކުދީން އެގޭގައި ބައިތިއްބާފާ ތިބޭކަމާއި އެކުދިންލައްވާ ކުރުވާ ކަމަކީ ޖާސޫސްކުރުމާއި މަތީ ފަންތީގެ ޒުވާނުންގެ އުޅުމާއި އަޚުލާޤީ ފެންވަރު ދަށްކުރުވުން ކަންވެސް އެމީހުންގެ ބަޔާނުން އެގުނެވެ. – ސުލްޠާން އައްޔޫބީގެ ލަޝްކަރަށްވެސް ޞަލީބީންގެ ޖާސޫސުން ފޮނުވާފައި ތިބޭނޭކަމާއި އެމީހުންނާއި ހަވާލުކުރެވިފައި އޮންނަ މަސައްކަތަކީ ސިފައިންގެ މީހުންގެ ކިބައިގާ ޖުވާކުޅުމުގެ އާދަ ހިއްޕުވުމާއި ޖުވާކުޅެގެން ދެރަވާ މީހުން ނުވަތަ ޖުވާކުޅޭވަރަށް ފައިސާ ނުލިބޭމީހުން ލައްވާ އެހެން މީހުންގެ ފައިސާއިންނާއި ތަކެތިން ވައްކަން ކުރުވުމާއި މިފަދަ މަސައްކަތް ތަކެއްކަންވެސް އެގުނެވެ. – ރަށުގެ ޒުވާނުން ފާހިޝްކަމުގެ މަގަށް އެޅުވުމަށްޓަކައި ފައްސަތޭކައަށްވުރެ ގިނައަންހެނުން ރަށުތެރެއަށް ފޮނުވާފައިވާކަމާއި ސިއްރުގޮތުގައި ޖުވާޚާނާތައް ހިންގުމަށް ބާރުދިނުމާއި ސިފައިންގެ ތެރެއިން ވަކިކުރެވިފައިތިބި ސޫދާނީން ސުލްޠާން އައްޔޫބީއާއި ދެކޮޅުވެރިކުރުވުމާއި މިހުރިހާ ކަންތައްތަކެއްވެސް ކުރާކަން އެމީހުންގެ ބަޔާންތަކުން އެގުނެވެ. – ސުލްޠާން އައްޔޫބީގެ ރިޔާސަތުގައި އެމަނިކުފާނާއި ދެކޮޅަށް އެމަނިކުފާނު ނައްތާލަން މަސައްކަތް ކުރައްވާ އަމީރުންގެ ނަންތައްވެސް އެމީހުން ކިޔައިދިނެވެ. އާސިފާއާއި ބެހޭގޮތުންވެސް އޭގެ ތެރެއިން ބަޔަކު ބަޔާން ދިނެވެ. – އެއަންހެންކުއްޖާއަކީ ފްލެމިންގޯކިޔާ ޔޫނާނުގެ އަންހެން ކުއްޖެކެވެ. އެކުއްޖާގެ އުމުރުން ތޭރައަހަރުގައި ޖާސޫސް ކުރުމުގެ ޓްރޭނިންގ ދެވެން ފެށުނެވެ. – މިކަމަށްޓަކައި އޭނާއަށް މި މިސްރުގެ ބަސް ރަގަޅަށް ދަސްކޮށްދެވުނެވެ. މުސްލިމުންގެ ރަށްތަކަށް ފޮނުވުމަށްޓަކައި އެކަހަލަ އެތަކެއްސަތޭކަ އަންހެންކުދީންނަކަށް ޓްރޭނިންގ ދެވި ސިއްރުގޮތުގައި އެކިރަށްތަށް ފޮނުވާލެވިފައިވާ ކަމުގައިވެސް އެމީހުން ބުންޏެވެ.

އާސިފާނުވަތަ ފްލެމިންގޯގެ ގައިގައިހުރި ޒަޚަމްތައް ފަނަރަވަރަކަށް ދުވަހުގެ ތެރޭގައި ފަސޭހަވެއްޖެއެވެ. އޭގެފަހުގައި އޭނާއި ސުވާލުކުރެވުނެވެ. އެހެން އެއްވެސް ގޮތެއް ނެތިގެން އޭނާވެސް ކުށަށް އިއުތިރާފުވިއެވެ.

”ކަލޭގެ ކުށުގެ އަދަބަކީ މެރުމެވެ.“ އާސިފާ ކުށަށް އިއުތިރާފްވުމުން އޭނާއަށް އެންގުނެވެ. ”އެންމެރަގަޅެވެ. އުފަލުން އަހަރެން ތިޔައަދަބު ޤަބޫލުކުރަމެވެ. ޞަލީބީންގެ މިޝަން އަހަރެންނަށް ފުރިހަމަ ކޮށްދެވިއްޖެއެވެ.“ އާސިފާ އުފަލާއިއެކު ޖަވާބުދިނެވެ….. ޤަނޫނުގައިވާ ގޮތުގެމަތިން ޖައްލާދާއި ހަވާލުކޮށް އާސިފާއަށް މަރުގެ އަދަބުދެވުނެވެ. އެހެންމީހުންގެ ބޭނުން އަދި ނުކެޑޭތީ އެމީހުންނަށް ވަކިގޮތެއް ނުނިންމާ ބޭތިއްބުނެވެ. އެމީހުންގެ ޒަރީއްޔާއިން ވަރަށް ގިނަބަޔަކު އަތުލައިގަނެވުނެވެ. އޭގެ ތެރޭގައި ގިނައަދަދެއްގެ މުސްލިމުންވެސް ހިމެނެއެވެ. އެގޮތުން އަތުލައިގަނެވުނު ކޮންމެ މީހަކަށް މަރުގެއަދަބު ދެވުނެވެ. އަލްބަރަކްގެ ގައިގައި ހަމްމުށީގެ ސަތޭކަ އެތިފަހަރުޖަހާ އަދަބު ދެވުނެވެ. އެއަދަބަށް ކެތްނުކުރެވިގެން އޭނާވެސް މަރުވީއެވެ. އޭގެފަހުގައި އޭނާގެ ދަރީން ސުލްޠާން އައްޔޫބީގެ އަމުރުފުޅަށް ސަރުކާރުގެ ބެއްލެވުމުގެ ދަށަށް ގެނެވުނެވެ. އެކުދީންގެ މައިމީހާއަކީ އިސްލާމްދީނާއި އަމިއްލަވަޒަނަށްޓަކައި ޝަހީދުވެގެންދިޔަ ޖިހާދަކަށް ވާތީ އެކުދިން ތަރުބިއްޔަތުކޮށްގެން ގެންގުޅުމަށްޓަކައި ސަރުކާރުގެ ޚަރަދުގައި މީހުން ބޭތިއްބެވިއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.