ސަލާހުއްދީން އައްޔޫބީގެ މަތިވެރި ޖިހާދުގެ ސިލްސިލާގެ ތެރެއިން – ޗެޕްޓަރ 34

އަލްބަރަކް އާސިފާ ގެންގުޅެނީ ވަރަށް ސިއްރުވެރި ގޮތެއްގައެވެ. އޭނާ ދެއަންބަށް މީހަކާ އިންވާހަކަ އަދި އެއްވެސް މީހެއްގެ ގާތަކު ނުބުނެއެވެ. ކޮންމެހެން އެކަން ސިއްރުކޮށްގެން އުޅެނީ އެއީ ހުތުރުކަމަކަށް ވާތީއެއްނޫނެވެ. – އެހުރިހާ ދުވަހު އެކަކާ އިދެގެން އުޅެފައި ސާޅީސް އަހަރަށްވުރެ މައްޗަށް ދިޔައިމާ ޅައަންހެން ކުއްޖަކާ އިންކަން އެހެން މީހުންނަށް އެގުމަކީ އަލްބަރަކް ލަދުގަންނަ ކަމަކަށްވާތީ އެ ކައިވެނި ސިއްރުކޮށްގެން ހުރީއެވެ. އެކަން އެގިއްޖެއްޔާ ރަށްޓެހިން އޭނާއަށް މަލަމާތް ކުރާނެއެވެ. ނަމަވެސް އެބޮޑު ސިއްރު މާގިނަ ދުވަހަކު ވަންހަނާ ވެފައެއް ނުއޮތެވެ. ކޭމްޕްތަކަށާއި ރަށުތެރެއަށް ޢަލީ ބިން ސުފިޔާން ފޮނުއްވާފައިތިބި ޖާސޫސުން އެ ޚަބަރު އެމަނިކުފާނާއި ހަމައަށް ގެނެސްފިއެވެ. ވެއަތުވެދިޔަތިން މަސްދުވަހުގެ ތެރޭގައި ރޭގަޑުގެ ދަންވަރު އެންމެން ނިދާފައި ހިލަވަޅު އޮބުނީމާ ޚާދިމުއްދީން އަލްބަރަކްގެ ގެއިން މޫނުބުރުގާ އަޅައިގެން ހުންނަ އަންހެނަކު ނިކުމެގެންދާތަން ދެކޭކަމުގެ ރިޕޯޓްއެއް ޖާސޫސުން ޢަލީ ބިން ސުފިޔާންއަށް އަރުވައިފިއެވެ. ކަޅު ހެދުމެއްގައި ހުންނަ މިއަންހެން މީހާ އަލްބަރަކްގެ ގެއިން ނުކުމެގެން ތަންކޮޅަކަށް ގޮސްފައި އެހިސާބުން ކޮންމެވެސް ފިރިހެނަކާއި ގުޅާލައިގެން ކޮންމެވެސް ތަނަކަށް ދަނީއެވެ. މިގޮތަށް ޖެހިޖެހިގެން ދެރޭ އެއަންހެންމީހާދާތަން ޖާސޫސްކަލޭގެއަށް ފެނުނީމާ ތިންވަނަރޭ އެމީހުންގެ ފަހަތުން ޖާސޫސްކަލޭގެ އަޅުވާލިއެވެ. މިގޮތުން ޖާސޫސްކަލޭގެ އެމީހުންގެ ފަސްފަހަތުން ދަނިކޮށް އެމީހުންގޮސް އެއްކަލަ ގެއަށް ވަދެއްޖެއެވެ. ދެންވެސް އޭނާ އެމީހުން ހަދާނުހަދާ ގޮތެއް ބަލަން ހުއްޓައި އިރުކޮޅެއްގެ ފަހުން އޭގެ ދެމީހުން އެގެއިން ނިކުމެގެން އެބުރި ދިޔަތަންވެސް ޖާސޫސްކަލޭގެއަށް ފެނުނެވެ. މިކަހަލަ ޙާދިސާއެއް ފަނުމުން ޖާސޫސްކަލޭގެއަށް ޝައްކުވެގެން ކޮންމެ ރެއަކު ފާރަލައިގެން ބަލަން ފަށައިފިއެވެ. މިގޮތުން ފާރަލަމުން ގެންދަނިކޮށް ރޭގައި އެ އަންހެން މީހާ އަލްބަރަކްގެ ގެއިން ނިކުމެގެން ގޮސް އެއްކަލަ ބޮޑުގެއަށް ވަންތަނާ، އޭގެ އެތަކެއް ގަޑިއިރު ފަހުން އެކިފަހަރު އެކިމީހުން ނިކުންނަމުން ގޮސް އެގެއިން އެގާރަމީހުން ނިކުތްތަނާއި، އެންމެ ފަހުން އެއްކަލަ އަންހެން ކުއްޖާއާއި ފިރިހެންމީހާ ނިކުމެގެން އަލްބަރަކްގެ ގެއާއި ދިމާއަށް މަޑުމަޑުން ހިގައިގަތްތަން ފެނުމުން ޖާސޫސްކަލޭގެ އަދިރީގެ ތެރެއިންލާފައި އެމީހުންގެ ފަސްފަހަތުން ދިޔައެވެ. އެމީހުން އަލްބަރަކްގެ ގެއާއި ތަންކޮޅެއް ދުރުން ވަކިވެ ދެމީހުން ދެކޮޅަށް ހިގައިގެންފިއެވެ. ފިރިހެންމީހާ ދިޔައީ އަލްބަރަކްގެ ގެއާއި ދުރުފަރާތަށެވެ. އަންހެން މީހާވަނީ އަލްބަރަކްގެ ގެއަށެވެ.

ޖާސޫސްކަލޭގެއަށް މި ފެނުނު ކަންތައްތައް ހާމަކުރަން ނުކެރިފައި ހުންނަން ޖެހުނެވެ. އަލްބަރަކް ފަދަ މަތީ ދަރަޖައިގެ ވެރިއެއްގެ ގެއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމުގެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ނަމަވެސް ޢަލީ ބިން ސުފިޔާން ޖާސޫސުންނާއި ޚަބަރު ގެންނަ މީހުންނަށް ކުރައްވާފައިވާ ހަރުކަށި އަމުރުފުޅުތަކުގެ ގަދަފަދަ ކަމުން އެއްވެސް ކަމެއް އެގިގެން ނުބުނެ ސިއްރުކޮށްގެން ހުންނާނޭ ޖާގައެއްވެސް ނުއޮވެއެވެ. – އެންމެ ކުޑަމިނުން ސުލްޠާން އައްޔޫބީގެ ހަރަކާތާއި ދޭތެރޭގައި ޝައްކެއް އުފެދުނަސް ޢަލީ ބިން ސުފިޔާންއަށް ގެންގޮސްދިނުމަށް ގަދަ އަމުރުން އަމުރު ކުރައްވާފައިވެއެވެ. ވީއިރު އައްޔޫބީ އާއި ބަލާފައި އަލްބަރަކް އަކީ ކާކުހެއްޔެވެ؟ އޭނާގެ ފަރާތުންވެސް ޝައްކެއް ކުރެވޭކަހަލަ ކަމެއް ފެނިއްޖެއްޔާ ޢަލީ ބިން ސުފިޔާންއަށް ދެންނެވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ޖާސޫސީ ތަމްރީން ފިލާވަޅު ތަކުގެ ތެރޭގައި އެންމެ މުހިންމުކަން ދެވިފައިވަނީ އާދައިގެ ކުދިކުދި ކަންތައްތަކަށެވެ. އެފަދަ ކަންތައްތަކަކީ މާނައެއްނެތް ކަންތައްތަކެއް ކަމަށް ބަލާފައިދޫކޮށްނުލުމަށް ގަދައަޅާފައިވެއެވެ.

ކޮންމެއަކަސް ޖެހިޖެހިގެން ހަތަރުފަހަރު އެފެނުނު މަންޒަރުތަކަކީ ޢަލީ ބިން ސުފިޔާންއަށްޓަކައި ވަރަށް މުހިއްމު ކަންތައްތަކެއް ކަމުގައި ނޫނީ ނުވާނެއެވެ. އަލްބަރަކްގެ ދޮށީ އަނބިމީހާއަކީ ޖާސޫސްކަލޭގެ ވަރަށް ރަގަޅަށް ދަންނަ އަންހެނެކެވެ. އެއީ ރޭގަޑުގެ އެދަންވަރު ހިލޭ ފިރިހެނަކާއި އެކުގައި ނިކުމެއުޅޭ ވަރަށްވުރެ މާ ރަގަޅު މާ ހެޔޮލަފާ އަންހެނެކެވެ. އަމުދުން އަލްބަރަކްގެ ޒުވާން އަންހެން ދަރިއަކުވެސް ނެތެވެ. އަލްބަރަކް ދެވަނަ ކައިވެންޏެއް ކުރިކަން އެގޭ އެއްވެސް މީހަކުނެތެވެ. ޖާސޫސްކަލޭގެ އަކީވެސް އަލްބަރަކްގެ ރައްޓެއްސެކެވެ. އޭނާގެ ގޭގައި އެއްވެސް ކަހަލަ މައްސަލައެއް ހިގާކަމުގައި ވަނީވިއްޔާ އެ މައްސަލައެއް ބެލުމަކީ ޖާސޫސް ކަލޭގެއަށް ވާޖިބު ކަމެކެވެ. އެހެންކަމުން އެ މައްސަލައާ ބެހޭގޮތުން އޭނާ ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރިއެވެ. – އެކަމަކު ވާރޭވިލާއަކުން ފެންއޮހޭހެން ޝައްކުކުރެވޭ ކަހަލަ އަންހެންނުން ޝަހަރަށް ގިނަވަމުންދާ ކަމަށާއި އެއިން އަންހެނެއްގެ ދަލުގައި އަލްބަރަކް ހައްޔަރު ވެދާނޭކަމަކަށް އޭނާއަކަށް ހިޔާލުކޮށެއް ނުލެވުނެވެ. ކޮންމެ ގޮތެއްވިޔަސް ދަންވަރުދަޅައިގައި އެގެއިން އެ ނުކުންނަ އަންހެނެއްގެ ހަގީގަތް އޮޅުން ފިލުވަން އޭނާއަށް ޖެހޭތީ ޖާސޫސީ އަންހެނަކު އަނިޔާލިބި ހާލުގައި ޖެހިފައިވާ މީހެއްގެ ގޮތުގައި އެގެއަށް ފޮނުއްވިއެވެ. މި އަންހެން މީހާގޮސް އެއީ ފިރިމަރުވެފެ ހުވަފަތް ވެފައިއިން އަންހެނެއް ކަމަށާއި އޭނާގެ ދަރިފުޅު އުޅުން ވިޔާނުދާވެ އާވާރާވުމުގެ ސަބަބުން އަޅާލާނޭ މީހަކު ނެތިގެން ކޮންމެވެސް އެހީއެއް ހޯދަން އައީކަމުގައި އެނޭ އެގޭގައި ބުންޏެވެ.

އަންހެންމީހާއަށް އަމުރު ކުރެވިފައިވާ ގޮތުގެ މަތިން އޭނާ އަލްބަރަކްގެ ގެޔަށްދިޔައިރު އަލްބަރަކް ގެއަކު ނޫޅުއްވައެވެ. ވީމާ އަންހެންމީހާ ގޭތެރެއަށްވަދެ އެތަންމިތަނަށް ބޯކޮށްޕަނިކޮށް އާސިފާ ފެނިއްޖެއެވެ. ނަމަވެސް އޭނާ އާސިފާއަކާއި ވާހަކައެއް ނުދައްކައެވެ. އޭނާ ކޮންމެވެސް މީހަކު ކައިރީގައި އަހައިގެން އަލްބަރަކްގެ ދޮށީ އަނބިމީހާ ހޯދިއެވެ. ދެން ކޮންމެވެސް އެހީއެއް ވެދޭތޯ އަލްބަރަކް ގާތުގައި ބުނެދިނުމަށް އެދި ދޮށީ އަނބިމީހާއަށް އާދޭސް ކުރުމަށްފަހުގައި އާސިފާއާއި ބެހޭގޮތުން ސުވާލުކުރިއެވެ.

”ސާހިބާގެ ދަރިކަބަލުން މީހަކާއި ކައިވެނި ކުރައްވައިފިތޯއެވެ؟ ނުވަތަ އަދިވެސް އެދަރިފުޅު އިންނެވީ ހުސްހަށި ބަޔަށްތޯއެވެ؟“

”އެއީ އަހަރެންގެ ދަރިއެއް ނޫނެވެ. އެއީ އަހަރެންގެ ފިރިމީހާގެ ދެވަނަ އަނބިމީހާއެވެ. އެމީހުންގެ ކައިވެންޏަށް މިހާރު ތިންމަސްވެއްޖެއެވެ.“

ޢަލީ ބިން ސުފިޔާންއަށްޓަކައި މިއީ ހައިރާން ކުރަނިވި ޚަބަރަކަށް ވިއެވެ. ޖާސޫސްކަލޭގެ އެބުނާ ފަދައިން ޢަލްބަރަކްގެ ގެއިން ނިކުމެގެން ކޮންމެވެސް ތަނަކަށް ދާތަން އެފެންނަ އަންހެނަކީ އޭނާގެ ދެވަނަ އަނބިމީހާ ކަމުގައިވެދާނެބާއެވެ. – ޢަލީ ބިން ސުފިޔާން ވަރަށް ބޮޑަށް ވިސްނާވަޑައިގަތުމަށްފަހުގައި ޖާސޫސް ޑިޕާޓްމަންޓްގެ އަންހެންމީހާގެ އަތުގައި އަލްބަރަކްގެ ދޮށީ އަންހެންމީހާއަށް މެސެޖެއް ފޮނުއްވައިފިއެވެ. މި މެސެޖުގައި ލިޔުއްވާފައިވަނީ ވަރަށް މުހިއްމު ވާހަކައެއް ދައްކަވާލައްވަންވެގެން މެސެޖުގައިވާ ގަޑިއަށް އޭގައިވާ ތަނަށް ދިޔުމަށް އެދިވަޑައިގެންފައެވެ. – އެގަޑިއަކީ އަލްބަރަކް އޮފީހުގައި އަވަދިނެތި އުޅޭ ގަޑިކަމުގައި ޢަލީ ބިން ސުފިޔާން ހަމަޖެއްސެވިއެވެ.

އަލްބަރަކްގެ ދޮށީ އަނބިމީހާއަކީ ޢަލީ ބިން ސުފިޔާން ވަރަށް ކަމޭހިތްތަވާ ޤަދަރުކުރައްވާ އަންހެނެކެވެ. އެމަނިކުފާނުގެ މެސެޖުގައިވާ ފަދައިން އެދުވަހުގެ އެގަޑިއަށް އެދިވަޑައިގެންފައިވާ ތަނަށް އެއަންހެންމީހާ ދިޔައެވެ.

”އަލްބަރަކް ދެވަނަ ކައިވެންޏެއް ކުރި ޚަބަރު އަހަރެން އަހައިފީމެވެ.“ އަލްބަރަކްގެ އަނބިމީހާގާތުގައި ޢަލީ ބިން ސުފިޔާން ދެންނެވިއެވެ.

”ﷲ އަށް ޝުކުރުހުއްޓެވެ. އޭނާ ކުރީ ދެވަނަ ކައިވެންޏެކެވެ. ފަސް ހަކައިވެންޏެއް ނުކުރެއެވެ.“ އަންހެން މީހާ ދެންނެވިއެވެ.

”އޭނާއަކީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟“ އަލްބަރަކްގެ ދެވަނަ އަނބިމީހާއާއި ބެހޭގޮތުން ޢަލީ ބިން ސުފިޔާން ސުވާލު ކުރެއްވިއެވެ.

”އެއީ ވަރަށް ރީތި އަންހެން ކުއްޖެކެވެ.“ ދޮށީ އަނބިމީހާ ޢަލީ ބިން ސުފިޔާންއަށް ޖަވާބު އެރުވިއެވެ.

”އެއީ މާތް އަންހެން ކުއްޖެއް ހެއްޔެވެ؟“ ޢަލީ ބިން ސުފިޔާން ސުވާލު ކުރެއްވިއެވެ. ”ކަމަނާއަކަށް އޭނާއާއި ދޭތެރޭގައި އެއްވެސްކަހަލަ ޝައްކެއް ނުކުރެވޭ ހެއްޔެވެ؟“ – ބައެއް ރޭރެއަށް އޭނާގެއިން ނިކުމެގެން ކޮންމެވެސް ތަނަކަށްދާވާހަކަ އަހަރެން ބުންޏަސް ކަމަނާ އެއްޗެއް ހީނުކުރާށެވެ.“

“ ޚުދު އަޅުގަނޑުވެސް މިއިންނަނީ ތިޔަކަމާ ކަންބޮޑުވެފައެވެ. ތިޔަވާހަކަ ދައްކާލާނޭ މީހަކުވެސް ނޭގިފައެވެ. ދަންނަވަންތޯއެވެ. އަޅުގަނޑުގެ ފިރިމީހާ މިހާރު ހުންނަނީ އެއަންހެން ކުއްޖާގެ އަޅަކަށްވެފައެވެ. އެކައިވެންޏަށްފަހުގައި އަލްބަރަކް އަޅުގަނޑާއި ވާހަކަވެސް ނުދައްކައެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އެއްޗެއް ބުނާކަށް އަޅުގަނޑަކަށް ނުކެރެއެވެ. ވާހަކަ ދެއްކުމަށްޓަކައި ހަމައެކަނި އަނގަހުޅުވާލިއަށް އަޅުގަނޑު ގެއިން ނެރެލާނެއެވެ. އަޅުގަނޑު ހަސަދަ ވެގެން އުޅެނީކަމަށް އަލްބަރަކް ހީކުރާނެއެވެ. – ހަމަތެދެކެވެ. އެއީ ސާފު ޠާހިރު އަންހެން ކުއްޖެއްނޫނެވެ. މިހާރު އަޅުގަނޑުމެންގެ ގެއިން ރަލުގެ ނުބައިވަސް ދުވައެވެ. ރާހުސްކުރި ބަނޑިޔާތައްވެސް ފެނެއެވެ.“ އަންހެން މީހާ ހިނިތުން ވެލަމުން ޢަލީ ބިން ސުފިޔާންއަށް ދެންނެވިއެވެ.

”ރަލޭ ހެއްޔެވެ؟“ ސިހިވަޑައިގެންފައި ޢަލީ ބިން ސުފިޔާން ސުވާލު ކުރެއްވިއެވެ.

”މިހާރު އަލްބަރަކް ރާވެސް ބޮނީ ހެއްޔެވެ؟“

”ހަމައެކަނި ރާފޮދު ބޯލަނީއަކީ ނޫނެވެ.“ އަލްބަރަކްގެ އަނބިމީހާ ދޭންނެވިއެވެ. ”ވަރަށް ގިނަ ފަހަރު ރާބޮއިގެން މަސްތުވެފައިވެސް އޮވެއެވެ. އަންހެން ކުއްޖާ ބޭރަށް ދާންވެއްޖެ ރެއެއްގައި ވިއްޔާ އިރުއަރަން ދެންވެސް އަލްބަރަކް އޮންނަނީ އަމަލުވެފައެވެ. އެހެންކަމުން އެދުވަހަކު އޭނާނިދާ ތެދުވަނީ ވަރަށް ފަސްވާ ފަހުންނެވެ. ޝައްކެއްނެތެވެ. އަންހެންކުއްޖާއަކީ ވަރަށް ނުލަފާ ކުއްޖެކެވެ. އެކުއްޖާ އަލްބަރަކްއަށް އޮޅުވާލައިގެން ކެހިދެމުން ގެންދަނީއެވެ.“

”އެއީ ހަމައެކަނި ނުލަފާ ކުއްޖަކީއެއްނޫނެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”އެއީ ޖާސޫސީ އަންހެން ކުއްޖެކެވެ. އޭނާ ކެހިދެމުން ގެންދަނީ ހަމައެކަނި އަލްބަރަކްއަކަށް ނޫނެވެ. މުޅި ޤައުމަށްވެސް ކެހިދެމުން ދަނީއެވެ.“

”ޖާސޫސްއެކޭތޯއެވެ؟“ އަލްބަރަކްގެ އަނބިމީހާ ވަރަށް ބޮޑަށް ހައިރާންވިއެވެ. –

”އަޅުގަނޑުގެ ގޭގައި ޖާސޫސް އަންހެނަކު އިނީތޯއެވެ.“ ފުންމައިގެން ތެދުވެ ދަތްކުޑިވިކައިގަންނަމުން އަލްބަރަކްގެ އަބިމީހާ ދެންނެވިއެވެ.

”މަނިކުފާނަށްވެސް އެގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑަކީ ޝެއިޚެއްގެ ދަރިއަކީމެވެ. އަޅުގަނޑާއި ކައިވެނި ކުރިއިރު އަލްބަރަކްއަކީ ފައްކާ މުސްލިމެކެވެ. އިސްލާމްދީންއަށްޓަކައި އޭނާގެ ދިރިއުޅުންވަނީ ވަޤުފުކޮށްފައެވެ. އަޅުގަނޑުމެން ދެމީހުންނަށް ލިބިފައިތިބި ދަރީން ޤައުމަށްޓަކައި ޖިހާދުކުރާ ދަރީންތަކަކަށް ހެދުމުގެ މަސައްކަތް އަޅުގަނޑުކުރަމުން އެބަގެންދަމެވެ. – އެކަމަކު މަނިކުފާނު ތިޔަ ވިދާޅުވަނީ އަޅުގަނޑުގެ ދަރީންގެ ލޮބުވެތި ބައްޕަ ޖާސޫސް އަންހެނެއްގެ އަތްދަށުވެއްޖެ ކަމުގައިތޯއެވެ. އެންމެ ރަގަޅެވެ. އަޅުގަނޑުގެ ދަރީންގެ ބައްޕަ އަޅުގަނޑު ޤުރުބާންކޮށްފާނަމެވެ. އެކަމަކު ދީނާއި ޤަޢުމް ޤުރުބާން ވެގެންދާތަން ދުށުމަކީ ކުޅަދާނަ ކަމެއްނޫނެވެ. ހަމަތެދެކެވެ. އަޅުގަނޑުގެ އަމިއްލަ އަތުން އެދެމީހުން ޤަތުލުކޮށްލާނަމެވެ.“

އަލްބަރަކްގެ އަބިމީހާގެ ގާތަށް އައިސްފައިވާ ގަދަރުޅި މަޑުކުރެއްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރައްވަން ޢަލީ ބިން ސުފިޔާންއަށް ޖެހިވަޑައިގެންނެވިއެވެ. އަންހެންކުއްޖާއަކީ ޖާސޫސެއްތޯ އާއި އޭނާގެ ޒަރީއާއިން އަލްބަރަކްވެސް ޖާސޫސުންގެ ޖަމާޢަތުގައި  ބައިވެރިވެފައިވޭތޯއާއި ނުވަތަ ހަމައެކަނި އަލްބަރަކަށް ރާބޯންދީގެން ސިއްރުތައް އޮޅުން ފިލުވަނީތޯއާއި މިކަންކަން ސާފުކޮށްގެން ނޫނީ ފިޔަވަޅެއް އެޅުމަކީ ރަގަޅުކަމެއް ނޫންކަމުގައި އޭނާއަށް ވިސްނައިދެއްވިއެވެ. – އަދިވެސް ޖާސޫސުންނަކީ ޤަތުލުނުކޮށް ހައްޔަރުކުރަން ޖެހޭ ބައެއްކަމަށާއި، އެގޮތަށް ފުރާނަ ހުއްޓައި އަންހެންކުއްޖާ އަތުލައިގަނެވިއްޖެނަމަ އޭނާގެ އެހެން އެކުވެރިންވެސް އަތުލައިގަނެވިދާނެކަމަށް ޔަޤީންވެވަޑައިގަންނަވާތީ އަންހެންކުއްޖާގެ ހަރަކާތްތަކަށް ފާރަވެރި ވުމަށްވެސް ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ.

އަންހެންމީހާ އެބުރި ހިގައްޖެއެވެ. ޢަލީ ބިން ސުފިޔާންގެ ބަސްފުޅު ޤަބޫލުކޮށްގެން ފިނިހިތަކާއެކު މައްސަލައާއި ދޭތެރޭގައި ވިސްނާ ޢަމަލުކުރާނޭ ކަމުގައި ހީވެއެވެ. – އަލްބަރަކްގެ އަނބިމީހާއަކީ ހަރަމްގައި ތިބޭ ޖާރިއާއިން ކަހަލަ އާދައިގެ އަންހެނެއްނޫނެވެ. އޭނާ އަކީ ވަޒަނަށްޓަކައި ޖިހާދަކޮށް ޝަހީދުވެގެންދިޔަ ބަޠަލެއްގެ އަންހެން ދަރިއެކެވެ. އެހެންކަމުން އަލްބަރަކްގެ ހަގުއަނބި މީހާއާއި ބެހޭގޮތުން ޢަލީ ބިން ސުފިޔާން ދެއްކެވި ވާހަކަ އަޑުއިވުމުން އޭނާގެ ގާތަށް ވަރަށްބޮޑަށް ރުޅިއައެވެ. ނަމަވެސް މަސްލަހަތަށްޓަކައި އޭނާ ކެތްކުރިއެވެ.

 

 

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.