ރަޙްމާންގުލްގެ ބަލި ފަސޭހަވުމުން ފުރިހަމަ ޞިއްޙަތު ލިބެމުންދެއެވެ. ފަރުޖާދުގެ ސަބަބުން އޭނާގެ ހިތުގައި އޮތް ބުރައާއި ފިކުރުތައް ކުޑަވަމުންދަނީކަންނޭގެއެވެ. ރަޙްމާންގުލްގެ ދުރުވިސްނޭ ސިކުނޑިން ފަރުޖާދުގެ ޢަމަލުތަކާއި ޙަރަކާތްތަކަށް ވިސްނާ ފިކުރު ކުރިއެވެ. އެއީ މީހުންދެކެ ލޯބިވާ، އިޚްލާޞްތެރި، މަޑުމައިތިރި މާތް އިންސާނެކެވެ. ޚިޔާލުތައް ޠޯހިރު މީހެކެވެ. އޭނާގެ ކިބައިގައި ނަސްލީ އިމްތިޔާޒުގެ ތަފާތެއް ނޯވެއެވެ. މިހާރު އޭނާ ރަޙްމާންގުލްއާވެސް ވަރަށް ބޮޑަށް ގާތްވެ ރަޙްމަތްތެރިވެއްޖެއެވެ. ރަޙްމާންގުލް ޕަންޖާބީއާ އުރުދޫ ގުޅައިގެން ޕޮސްތޫ ރާގަށް ވާހަކަ ދައްކާ އަޑު އިވުނީމާ ފަރުޖާދުގެ ގާތަށް ވަރަށް ބޮޑަށް ހިނިއާދެއެވެ.
”ބޭބޭއެވެ. ތިޔަ ޖުމްލަ އަދި އެއް ފަހަރު ބުނުއްވަ ބައްލަވާށެވެ.“ ފަރުޖާދު ބުނެލިއެވެ.
”ސާހިބާއެވެ. ތިޔަހާ ރީތިކޮށް އަޅުގަނޑަށް ވާހަކަ ދެއްކޭނީ ކިހިނަކުންތޯއެވެ؟ ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް އަޅުގަނޑަށް ދެއްކޭނީ ހަމަ މިގޮތަށެވެ.“ ރަޙްމާންގުލްގެ ގާތަށްވެސް ހިނިއާދެއެވެ.
”ގުލްބާނޫ ހާދަ ރީތިކޮށް އުރުދޫ ބަހުން ވާހަކަ ދައްކައެވެ.“ ފަރުޖާދު ލާނެތް ގޮތަކަށް މިހެން ބުނެލާފައި ރަޙްމާންގުލްގެ މޫނަށް ބަލައިލިއެވެ. އެވަގުތު ރަޙްމާންގުލްގެ މޫނުމައްޗަށް އަރާފައިބާ ކުލަތައް ފެނިފާ ފަރުޖާދު އުފާވެއެވެ. ”ގުލްއަކީ މިތަނުގައި އުފަންވި ކުއްޖެކެވެ. އެހެން ނޫނަސް އޭނާގެ މަންމަ އަޅުގަނޑުމެންގެ ބަހުންވެސް ހަމަ އެހާ ރީތިކޮށް ވާހަކަ ދައްކައެވެ. ހަމައ އެގޮތަށް އަޅުގަނޑުގެ ގުލް ދެބަހުންވެސް ވާހަކަ ދައްކައެވެ.“
ރަޙްމާންގުލްއާއި ފަރުޖާދު މިކަހަލަ ވާހަކަތަކެއް ދައްކަން އެތައްއިރަކު ތިބެއެވެ. ރަޙްމާންގުލް ފަށަފަށައިގެން އޭނާގެ ލޯބީގެ ވާހަކަ ފަރުޖާދަށް ކިޔައިދެއެވެ. ކާބަފައިންގެ ހިތްވަރު ގަދަކަމުގެ ވާހަކަ ކިޔައިދެއެވެ. ބުނާބަހުގެ އިތުބާރު ބަހައްޓާ ބައްޕަގެ ހަރުދަނާ ކަމުގެ ވާހަކަވެސް ކިޔައިދެއެވެ. ލޯތްބަށްޓަކައި ގާތްމީހުންނާއި ގެދޮރާއި ޤަބީލާ ދޫކޮށްލި ވާހަކަ ކިޔައިދެއެވެ. ކޮންމެއަކަސް އޭނާ މިވާހަކަ ކިޔައިދޭއިރު ގެއްލިފައި އިންނަވަރުން ލޯބީގައި ހުރި ބާރާއި ފުންކަން ފަރުޖާދަށް ޔަޤީންކުރެވެއެވެ.
ރަޙްމާންގުލް އެވާހަކަތައް އެދައްކަނީ ގަސްތުގައި ފަރުޖާދަށް އަސަރު ކުރުވަން ކަމެއް ނުވަތަ ބޭއިޚްތިޔާރުގައި ދެއްކެނީ ކަމެއް ނޭގެއެވެ. ކޮންމެއަކަސް އެވާހަކަތަކުގެ ސަބަބުން ލޯތްބަށް އިތުބާރު ކުރެވި ހިތްވަރު އުފެދެއެވެ. އަނެއްކޮޅުން ގުލްބާނޫއާމެދު އޭނާގެ ހިތުގައި އުފެދިފައިވާ އަސަރުތައް ރަޙްމާންގުލްއަށް އެނގޭކަންވެސް އިޙްސާސް ކުރެވެއެވެ. ނޭގެންވީ ސަބަބެއްވެސް ނެތެވެ. ރަޙްމާންގުލްއަކީ ކުޑަކުއްޖެއްނޫނެވެ. ގިނަ ތަޖުރިބާތަކެއް ލިބިފައިހުރި އުމުރުން ދުވަސްވީ މީހެކެވެ. މިޙްސާސްތަކާއި ޖަޒުބާތުތަކުގެ ޙަޤީޤީ ތަޖުރިބާ ލިބިފައިހުރި މީހެކެވެ. މޮޅު ދެނެގަތުމަކީ އަމިއްލަ ތަޖުރިބާއިން ޙާޞިލްވާ އެއްޗެކެވެ……… ފަރުޖާދު އެގެއަށް އައުމާއި، ބީރައްޓެހި ކަމެއްނެތި އެގޭގައި ވަގުތު ހޭދަކުރުމާއި، ޖެހިލުމެއްނެތި ވާހަކަ ދެއްކުމާއި، އަސަރުން ފުރިފައިވާ ބެލުމަކު ގުލްބާނޫއާ ދިމާއަށް ބެލުމާއި، މިހިރަ މިހިރަ ކަންތައްތަކަކީ މީހަކަށް ވަންހަނާވާނޭ ކަންތަކެއް ނޫނެވެ….. ފަރުޖާދު އެގޭގައި އިންނައިރު ގުލްބާނޫއާ ވާހަކަ ދައްކާނޭ އެކަށީގެންވާ ފުރުޞަތުތައް ހޯދައެވެ. ބައެއްފަހަރު ގުލްބާނޫގެ ކުދި ފިޔޮއްތަކުގެ ވާހަކަ އަހައެވެ. ބައެއްފަހަރު ކުޑަބަކަރީގެ ރީތިކަމަށް ތަޢްރީފް ކުރެއެވެ. ބައެއްފަހަރު ގަހުވަފޮދެއް ލިބިދާނެތޯ އަހައެވެ. މިހިރީ ހައްތަހާވެސް ގުޅައިދޭ ރޮދިފަށްތަކެވެ. ވީއިރު ރަޙްމާންގުލްއަށް ނޭނގި އޮންނާނީ ކޮންއެއްޗެއް ހެއްޔެވެ؟
ދުވަސްތައް ފާއިތުވަމުންދެއެވެ. ފަރުޖާދު ވަރަށް ވިސްނުންތެރިކަމާއެކު ޙަރަކާތްތެރިވަމުންދެއެވެ. އޭނާގެ ކަންތައްތައް ރަޙްމާންގުލްއަށް ވަންހަނާވެފައި ނުވާކަން އޭނާއަށް އެނގެއެވެ. ނަމަވެސް ދުނިޔޭގެ ތޫނުލޯތަކުން ސަލާމަތްވުމަށްޓަކައި އޭނާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައެވެ. ރަޙްމާންގުލްގެ ގެއަށް އޭނާދަނީ ގުލްބާނޫގެ ޖާދޫގައި ޖެހިގެންނެވެ. އެޖާދޫގެ ބާރުގައެވެ. އެކަން ވަންހަނާ ކުރުމަށްޓަކައި އަވަށުގައި ބަލިވެތިބޭ އެހެން މީހުންގެ ގޭގެއަށްވެސް އޭނާދެއެވެ. އެގޭގޭގައިވެސް ގިނަވަގުތު ހޭދަކުރެއެވެ. ވީމާ އޭނާއާމެދު ޝައްކު ކުރާކަށް އެއްވެސް މީހަކަށް ޖާގައެއް ނުލިބެއެވެ.
އިންސާނުންނަކީ އަމިއްލަ އެދުމުން ފުރިފައިވާ ބައެކެވެ. އެމީހުންގެ އެ އަމިއްލަ އެދުންތައް ފުރިހަމަ ކުރުމަށްޓަކައި އެތަކެއް ސިފައަށް ސިފަ ބަދަލުކުރެއެވެ. ފަރުދާތަކަކުން މޫނުމަތީގެ ކުލަތައް ފޮރުވައެވެ. ފަރުޖާދަކީ ވަކި ކާކުހެއްޔެވެ؟ އޭނާއަކީވެސް އިންސާނެކެވެ. ވީމާ އޭނާވެސް އުޅެނީ ސިފަ ބަދަލުކޮށްގެން ފަރުދާވެގެންނެވެ……. ގުލްބާނޫ ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. އޭނާގެ ހަށިގަނޑުގައި ހިނގާ ކޮންމެ ލޭތިއްކެއްގައި، ކޮންމެ ނާރެއްގައި، ހިތުގެ ކޮންމެ ކަނެއްގައި ވަނީ ގުލްބާނޫގެ ނަން ލިޔެވިފައެވެ. ނަމަވެސް ގުލްބާނޫގެ ގާތުގައި އަދި އެމަޥްޟޫޢަކަށް އޭނާ ވާހަކައެއް ނުދައްކައެވެ. އެވާހަކަ ދައްކާނޭ ފުރުޞަތެއް ލިބޭތޯއެއްވެސް ނުބަލައެވެ. ބަލާކަށްވެސް ބޭނުމެއް ނޫނެވެ. އުތުރި އަރަމުންދާ ލޯބީގެ ޝުޢޫރުތައް އަމިއްލައަށް ފައުޅުވަމުންދެއެވެ. އޭނާ ފެނުނީ ގުލްބާނޫވެސް އުފަލުން ފުރެއެވެ. ހެވިދިލެއެވެ.
”ސާހިބާއެވެ. ގަހުވަ ގެންނަންތޯއެވެ؟“ ގުލްބާނޫ ބުނެއެވެ. ”ސާހިބާކީ ހާދަ ރަނގަޅު ބޭކަލެކެވެ. މާތް ބޭކަލެކެވެ. ތިޔަކަހަލަ މުއްސަނދިން ޤަދަރުވެރިން ފަޤީރަކާ ދިމާއަށް ބަލައިވެސް ނުލާނެއެވެ. އެކަމަކު ސާހިބުގެ ކިބައިގައި އެކަހަލަ އެއްވެސް ބޮޑަކަމެއް ނުހުރެއެވެ.“ ފަރުޖާދު އެއްޗެއް ނުބުނެ ހީލަހީލާ އިނެވެ.
”އަޅުގަނޑުގެ ކުދި ފިޔޮއްތައް ބޮޑެތިވީމާ ކަތިލާފައި ސާހިބަށް ކޭންބައްލަވަން އަރުވާނަމެވެ. އެކަމަކު އެއީ އަޅުގަނޑު ވަރަށް ލޯބިވާ ފިޔޮއްތަކެކެވެ. އެސޮރުމެންގެ ގައިގާ މީހަކު އަތްލިޔަސް އަޅުގަނޑުގެ ގާތަށް ރުޅިއާދެއެވެ. އެކަމަކު ސާހިބުގެ ރަނގަޅުކަމާއި މާތްކަން ސާހިބަށްޓަކައި އެހުރިހާ ފިޔޮއްވެސް ޤުރްބާން ކޮށްފާނަމެވެ.“
”ގުލް އަހަރެންނަށް ހާދަ އިތުބާރެއް ކުރަމުއެވެ.“ ފަރުޖާދު ހީލިއެވެ.
”ސާހިބާއަށް ވިސްނިއެއް ނުލައްވާނެއެވެ. އަދިވެސް އެއްކަމެއް ކުރާނަމެވެ. އަޅުގަނޑުގެ ބަކަރި ކަތިލައިގެން ޞިޔާފަތްވެސް ދޭނަމެވެ. ބަކަރި ކީއްކުރަންތޯއެވެ؟ އަޅުގަނޑުގެ ހިތް ކަތިލައިލައިގެންވެސް ސާހިބަށްޓަކައި ޞިޔާފަތް ތައްޔާރު ކޮށްފާނަމެވެ.“ ގުލްބާނޫ މިކަހަލަ ވާހަކަ ދައްކާއިރު މޫނުމަތި އުޖާލާވެ، ދެލޮލުން ވިދުވަރު ފާޅުވެ، ތުންފަތްމައްޗަށް ހިނިތުންވުމުގެ އަސަރު ވެރިވެއެވެ.
އެދުވަހުވެސް ޙަވޭލީއަށް ދިއުމުގެ ކުރިން ގުލްބާނޫމެންގެ ގެއަށް ފަރުޖާދު ދިޔައެވެ. އޭރު ރަޙްމާންގުލް ކަޅުކުލައިގެ ރަޖައެއް ގައިގާ އޮޅާލައިގެން އުނދުން ކައިރީގާ އިނެވެ. އޭނާގެ ކުރިމަތީގާ އުޅައް ތެޅިފައިވާ ނޫ ކުލައިގެ ޖޯޑެއް ހުއްޓެވެ. ސައިކުރައެއް އުނދުން މައްޗަށް އުދާފައި ހުއްޓެވެ. އިރުއިރުކޮޅާ ސައިފޮދެއް ބޮއިލުމަކީ އޭނާގެ އާދައެވެ.
”އިރުއޮއްސެން އަދި ވަރަށް ގިނައިރު އެބައޮތެވެ. ވީމާ، ކުޑައިރުކޮޅަކު މިގޭގާ މަޑުކޮށްލައްވާށެވެ.“ ރަޙްމާންގުލް ބުންޏެވެ.
”އެހާ އަވަހަށް ދުރުވާނީ ކީއްކުރައްވަންތޯއެވެ؟“ ރަޙްމާންގުލް ބުންޏެވެ.
”ޙަވޭލީގައި ކުރަން ޖެހިފައިވާ މަސައްކަތް ވަރަށް ގިނައެވެ. ތިން ހަތަރު ދުވަސް ވަންދެން ބޭބެމެންނާ ހަމައަށް އާދެވޭނޭ ކަމެއްވެސް ނޭގެއެވެ.“ ފަރުޖާދު ބުންޏެވެ.
”އަޅުގަނޑަށް ނާދެވުނަސް ފިކުރު ބޮޑުނުކުރައްވާށެވެ. ބޭބެގެ ބޭހުގެ ކަންތަކާއި ކެއިންބެއްލެވުމުގެ ކަންތައް އަޅުގަނޑުގެ ނޯކަރު ބަލަހައްޓާނެއެވެ.“
”ސާހިބަށް ނުދުރުވެވެނީ ކީއްވެގެންތޯއެވެ؟“ ފަރުޖާދުގެ މޫނަށް ބަލައިލަމުން ދެރަވެލާފައި ރަޙްމާންގުލް ބުންޏެވެ.
”މިއުޅެނީ މާބޮޑު ޕާޓީއެއް ބާއްވަންވެގެންނެވެ. އެއީ އަޅުގަނޑު ކުރާ ކަމެކެވެ. ވީމާ، ހުރިހާ އިންތިޒާމެއްވެސް ކުރަން ބޭނުންވަނީ އަޅުގަނޑު އަމިއްލައަށެވެ.“ ފަރުޖާދު އޮޅުންފިލުވައިދިނެވެ. ވީމާ އިތުރު ތަފްޞީލް އޮޅުންފިލުވާކަށް ރަޙްމާންގުލް ބޭނުމެއް ނުވިއެވެ.
”ގުލްބާނޫ ކޮބައިތޯއެވެ؟“ ފަރުޖާދު އިރުކޮޅަކު ހުރެލާފައި ސުވާލުކުރިއެވެ.
”އޭނާ ދިޔައީ ފެންބަލައެވެ.“ ރަޙްމާންގުލް ބުންޏެވެ.
”ތިޔަހެންވިއްޔާ ދެން އަޅުގަނޑު ދަނީއެވެ.“ ފަރުޖާދު ބުންޏެވެ.
”ތިޔަހާ އަވަހަށް ތިޔަދުރުވަނީ ކޮންތާކަށްތޯއެވެ؟“ ގުލްބާނޫ އައިސް ފަރުޖާދުގެ ފުރަގަހަށް ހުއްޓެމުން ބުންޏެވެ.
”ގުލްބާނޫގެ އަޑު އިވުމުން ފަރުޖާދު އެނބުރި ބަލައިލިއެވެ. އޭނާ ފެންބަނޑިޔާ ކިހިލި ޖަހައިގެން އަނެއްއަތުން ބަނޑިޔަލުގެ ތުންފަތުގައި ހިފަހައްޓައިގެން ހިނިއައިސްފާ ގުލްބާނޫ ހުއްޓެވެ.
”ގުލްބާނޫ އައީހެއްޔެވެ؟“ ދިއުމުގެ ކުރިން ގުލްބާނޫއާ ބައްދަލުވީތީ ފަރުޖާދުގެ ހިތް އުފަލުން ފުރުނެވެ.
”ދަރިފުޅު ފެން ހިފައިގެން އައީ ހެއްޔެވެ؟“ ގުލްބާނޫ ކުރެން ރަޙްމާންގުލް އެހިއެވެ.
”ފެން ގެންނާނީ ކިހިނަކުން ހެއްޔެވެ؟“ ރަޙްމާންގުލް ބުންޏެވެ.
”އަހަރެން ފެން ބަލާ ދަނިކޮށް ސާހިބު ގެއަށް ދުރުވި ވާހަކަ ސާލޫ ބުނީމާ އެހިސާބުން އަނބުރާލާފައި އަހަރެން މިއައީއެވެ.“ ގުލްބާނޫ ބުންޏެވެ. އެއަޑު އިވުމުން ފަރުޖާދުގެ ހިތް ފުންމައިގެން އަނގަޔަށް އައިހެން ހީވިއެވެ. ދެލޮލުގައިވެސް އުފާވެރިކަމުގެ ވިދުވަރެއް އެފެދުނެވެ.
”ސާހިބު ޙަވޭލީއަށް އެދުރުވަނީ ދެތިން ހަތަރު ދުވަހަކަށެވެ.“ ގުލްބާނޫގެ ގާތުގައި ރަޙްމާންގުލް ބުންޏެވެ.
”އެއީ ކީއްވެގެންތޯއެވެ؟“ ގުލްބާނޫ ކުއްލިއަކަށް ސިހިގެން ފަރުޖާދާ ދިމާއަށް ބަލައިލިއެވެ.
”އާޞިފްގެ ފުރާނަ ސަލާމަތްވި ކަމުގެ އުފަލުގައި އަހަރެން ޕާޓީއެއް ދެނީއެވެ. އެޕާޓީއަށް ގުލްބާނޫވެސް ދާންވާނެއެވެ.“ ފަރުޖާދު މަޑުމަޑުން ބުނެލިއެވެ.
”ބައްޕަކުރެން އައްސަވާށެވެ.“ ގުލްބާނޫ ރަކިގޮތަކަށް ބުނެލިއެވެ.
”ޕާޓީއަށް ކިޔައިފިއްޔާ ބޭބެ ދުރުވާނަންތޯއެވެ؟“ ރަޙްމާންގުލް ކުރެ ފަރުޖާދު އެހިއެވެ.
”ސާހިބާއެވެ. ތިޔައީ އިއްޒަތްތެރިންގެ ޕާޓީއެކެވެ. މޮޅު މީހުންގެ ޕާޓީއެކެވެ.“ ރަޙްމާންގުލް މާގަޔާނުވާ ގޮތަކަށް ބުނެލިއެވެ.
”ބޭބޭއެވެ. އިންސާނުންގެ ތެރޭގައި މޮޅު ދެރައެއް ނޯންނާނެއެވެ. އެންމެންވެސް އެއްވަރުވާނެއެވެ. އަމުދުން ބޭބެ ތިޔަގޮތަށް ޚިޔާލު ކުރައްވާ ކަމަށްވާނަމަ އެޕާޓީގައި ކޮންމެހެންވެސް ބައިވެރިވެލައްވަން ވާނެއެވެ. ގުލްބާނޫވެސް ދާންވާނެއެވެ. ތިޔަބުނުއްވާ މޮޅު ދެރައިގެ ތަފާތު ނައްތާލުމަށްޓަކައި އަވަށުގެ ގިނަބަޔަކަށް އެޕާޓީއަށް ކިޔާނަމެވެ.“ އިޚްލާސްތެރި ކަމާއެކު ފަރުޖާދު ހިނގައިގެންފިއެވެ. އޭނާއާ އެކުގައި ބޭރުދޮރާ ހަމައަށް ގުލްބާނޫވެސް ދިޔައެވެ.
”ގުލްމެން ކޮންމެހެންވެސް ޕާޓީއަށް ދާންވާނެއެވެ.“ ފަރުޖާދު ދޮރުން ނިކުންނަމުން އެނބުރި ބަލާވެސްނުލާ ބުނެލިއެވެ.
”ލައްބައެވެ. ސާހިބާއެވެ. ބައްޕަވެސް ދާނެއެވެ.“
ގުލްބާނޫއަށް އެކަހަލަ ބޮޑު ޕާޓީއަކަށް ދެވޭތީ އުފަލުން ފުރެނީއެވެ. އަމުދުން އެއީ ޢާޞިފްގެ ޝަރަފުގައި ބާއްވާ ޕާޓީއަކަށްވާތީ އޭނާ ކޮންމެހެންވެސް ދާން ބޭނުމެވެ. އެރޭ އޭނާ އަޅާނީވެސް ބައްޕަ ޢީދަށް ހޯދައިދިން ކަޅުކުލައިގެ ހެދުމެވެ. އޭނާ އެހެދުން އަޅާ ކޮންމެ ދުވަހަކު ބައްޕަވެސް އުފަލުން ފުރެއެވެ. މަންމަގެ ރީތިކަމާއި ނަލަކަމާއި ފަރިކަން ހަނދާން ކުރެއެވެ. އޭނާއަށްވެސް އެރީތިކަން ވާރުތަވެފައި އެވަނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ފަރުޖާދު ދިޔަފަހުން ދޮރުކަނީގައި ލެނގިލައިގެންހުރެ ގުލްބާނޫ ޚިޔާލު ކުރިއެވެ.
********