މަލުގެ ރާނީ – ޗެޕްޓަރ 11

އެއަވަށުގައި ހުންނަ ފަރުޖާދުމެންގެ ޙަވޭލީގެ ބޭރު ފާރުތައް ބައުވެފައި ހުރިނަމަވެސް އެތެރެ ރީއްޗެވެ. ވެރިން ސާހިބުން ޝިކާރަ ކުރައްވަން އުޅުއްވާއިރު ތިއްބަވަނީ އެތަނުގައެވެ. އެއީ ދަރިދަރިކޮޅުއްސުރެ ހިނގަމުން އަންނަ ކަމެކެވެ. އެގޮތުން މިހާރުވެސް އެޙަވޭލީގައި ފަސޭހަކަމާއިއެކު އެކަމަށް ބޭނުންވާނޭ ހުރިހާ ސާމާނެއް ހުރެއެވެ. ފެންޑާވެސް ބޮޑުވެފައި ތަނަވަހެވެ. ބިޔަ ތަނބުތަކަށް ވައްތަރު ވައްތަރުގެ މައުވެޔޮތައް ރުވާފައިވެއެވެ. މިހްރާބްހެން ހަދާފައި ހުރި ދޮރުތަކުގެ މަތީގައި މައުމުށިތައް ބަހައްޓާފައި ހުރެއެވެ. ބޭރުފާރު ކައިރީގައި ގާފޮޅު ރާނާ ރީތި ކުލަކުލައިގެ މައުގަސްތައް އިންދާފައި ހުރެއެވެ.

އިރުއޮއްސެމުން ދަނީއެވެ. ހިޔަނިތައް ދިގުވެ ކޮޅުންލާފައިވެއެވެ. އިރުގެ ރަންދޯދިތައް ގަސްތަކުގެ ކުރިތަކަށް އެޅިފައި ހުއްޓެވެ. ހަވޭލީގެ ކައިރީގައާއި އެތެރޭގައި ފުދޭވަރަކަށް މީހުން އުޅެއެވެ. ދަނޑުވެރިންނާއި މަޖޫރީން މަސައްކަތް ނިންމާފައި ފެންވަރާލައިގެން ހަވޭލީއާ ދިމާއަށް މިޞްރާބު ޖަހާފައިވެއެވެ. ހަވޭލީގެ ގޯތިތެރޭގައި އަތުރާފައި ހުރި ގޮނޑިތަކުގައިވެސް ބަޔަކު އިށީނދެގެން ތިއްބެވެ. ބައެއް މީހުން ގީފޮޅުމަތީގައި ކުޑަގޮތަކަށް ޖައްސާލައިގެން ތިއްބެވެ. އަނެއްބަޔަކު ފާރުކައިރީގައި ކޮޅަށް ތިއްބެވެ. އެހެން ތިބެގެން އެންމެންވެސް ސާހިބުގެ ހެޔޮ ވާހަކަ ދައްކަމުން ދެއެވެ. ޒަމާނުއްސުރެ ދުޝްމަންވެފައިވާ ދެ ޢާއިލާ ޞުލްހަކޮށް ރަޙްމަތްތެރިކަން އުފެއްދެވީތީ ތަޢްރީފް ކުރަމުންދެއެވެ. އެމީހުންގެ އެ ލޮބުވެތި ސާހިބު މީހުންނާ ބައްދަލުކުރައްވާ ފަރިޔާދު އަޑުއައްސަވަން އެތައްއިރަކު އިންނެވުމަށްފަހު ކުޑަކޮށް ވަރުބަލި ފިލުވާލައްވަން އެތެރެއަށް ވެންނެވީ ދާދި ދެންމެއަކުއެވެ.

ގުލްބާނޫ ވައިރޯޅިއެއްހެން ގޮސް ހަވޭލީގެ ގޯތިތެރެއަށް ވަދެގެންފިއެވެ. އެވަގުތު އެތަނުގައި ތިބި އޭނާ ދަންނަ މީހުންނާއި ނުދަންނަ މީހުން އޭނާއާ ދިމާއަށް ބަލަން ފެށިއެވެ.

”ސާހިބު ކޮބާހެއްޔެވެ؟“ ގުލްބާނޫ އެންމެ ފުރަތަމަ ފެނުނު ކުރެދި ބުޑެއްކަހަލަ ކުރަކި ނޯކަރާ ސުވާލުކުރިއެވެ.

”އެތެރޭގައެވެ. ކީކުރަން ހެއްޔެވެ؟ ކޮން ބޭނުމަކު ހެއްޔެވެ؟“ ނޯކަރުވެސް ސުވާލުކުރިއެވެ. ނަމަވެސް ގުލްބާނޫ އެއަޑެއް ނާހައެވެ. ސާހިބު މިހުރިހާ ދުވަހު އޭނާއާ އަޅާނުލައްވާ ހަދާން ނައްތަވާލައްވާފައި ހުންނެވުމާއި، ޖެހިލުމެއްނެތި ފައިސާކޮޅެއް ފޮނުއްވާފައި އޭނާ ނިކަމެތި ކޮށްލެއްވީތީ ރުޅިއައިސް ބަދަލުހިފަން ބޭނުންވެފައި ހުރިވަރުން ރުވާފައި ދޫކޮށްލި ދޫންޏެއްހެން އޭނާ ޙަވޭލީއަށް ވަދެއްޖެއެވެ. ”އޭ…..އޭ…..އަންހެން ކުއްޖާއެވެ.“ ޙައިރުއްދީނު އޭނާ ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ބަލާކަށް ނުހުރެ އެތެރެއަށް ވަދެގެން ދާން ފަށައިފިއެވެ. ”މިއީ ސާހުބު އަރާމު ކުރައްވާ ގަޑިއެވެ. ބޭނުމެއް އޮތިއްޔާ ހެދުނު އަންނާށެވެ.“ މިއަޑެއްވެސް ގުލްބާނޫ ނާހައެވެ. އެންމެ ކުޑަމިނުން ހުއްޓިވެސް ނުލިއެވެ. އެތަނުގައި ތިބި އެންމެން އެކަމާ ޙައިރާންވެގެން އޭނާއާ ދިމާއަށް ބަލަން ތިއްބެވެ.

ގުލްބާނޫ އެދިޔަގޮތަށްގޮސް ބަންލާފާ ދޮރު ހުޅުވާލައިފިއެވެ. ހީވީ ދޮރުފަތަށް ނަގޫރޯޅިއެއް އެރިހެންނެވެ. ވަރުބަލިވެގެން ކުޑަގޮތަކަށް ޖައްސާލައިގެން އޮތް ފަރުޖާދަށް އެއަޑު އިވުމާއެކު ބަލައިލިއެވެ. އެވަގުތު ދޮރުމަތީގައި ހުރި އަންހެން ކުއްޖާ ފެނިފާ އޭނާގެ ކަޅި ހުއްޓުނެވެ. އެކުއްޖާގެ ރީތިކަމާއި ފަރިކަމުން އެހެން ހުރިހާ ކަމެއް ހަދާން ނެތުނެވެ. ގުލްބާނޫއަށްވެސް ވީގޮތަކީ އެތަނުން ޢާޞިފް ފިޔަވާ އެހެން މީހަކު ފެނުމުން ކުއްލިއަކަށް ހުއްޓެވިއްޖެއެވެ. ކަންބޮޑުވެއްޖެއެވެ. ސިހުން އެކުލެވިފައިވާ ނަޒަރަކުން އެކިދިމަދިމާއަށް ބަލައިލެވިއްޖެއެވެ.

”އަހަރެން ހީކުރީ ޠޫފާނެއް އައީ ކަމަށެވެ.“ ފަރުޖާދު ތެދުވެގެންގޮސް ގުލްބާނޫގެ ގާތަށް ހުއްޓެމުން ޝައުޤުވެރިކަމާއި ޙައިރާންކަން އެކުލެވިފައިވާ ނަޒަރަކުން އޭނާއާ ދިމާއަށް ބަލައިލާފާ ބުނެލިއެވެ. އެވަގުތު ފަރުޖާދުގެ ޒުވާން މޭގެތެރޭގައި އޮތް ކުޑަކުޑަ ހިތް އެފުށް މިފުށަށް ޖެހެން ފެށިއެވެ. ދެދޮރުކަނީގައި އަތް އަޅައިގެން ހުރި ގުލްބާނޫ މާޔޫސްވެގެން ދެއަތް އުރާލިއެވެ. ”ތިޔައީ ކޮންކުއްޖެއް ހެއްޔެވެ؟“

”ގުލްބާނޫއެވެ.“ ގުލްބާނޫ ދެއަތް ދެއަތަށް މޮޑެލަމުން މާޔޫސް ރާގަކަށް ނުބެލިއެވެ.

”ބައްދަލުކުރަން ބޭނުންވީ ކާކާހެވެ؟“ ފަރުޖާދު ސުވާލުކުރިއެވެ.

”ސާހިބާއެވެ.“ ގުލްބާނޫ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.

”ސާހިބު މިހިރީ ގުލްބާނޫގެ ކުރިމަތީގައެވެ.“ ފަރުޖާދު ހީލިއެވެ.

”ތިޔައީ ތިޔައީ ސާހިބު…..؟“ ގުލްބާނޫ ހައިރާންވިއެވެ.

”އާއެކެވެ. ޔަޤީން ނުވަނީ ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ. ގުލްބާނޫ ޔަޤީން ކަމެއް ނެތްގޮތަކަށް ފަރުޖާދުގެ މޫނަށް ބަލައިލާފައި އެއްޗެއް ބުނަން އުޅެނިކޮށް ފަރުޖާދު މަޑުމައިތިރިމަކާ އޯގާތެރިކަމާއެކު އަނެއްކާވެސް ބުންޏެވެ. ”ވީ ކީއްހެއްޔެވެ؟ ބުނަން ތިޔައުޅެނީ ކީކޭހެއްޔެވެ؟ ބޭނުމެއް އޮތީ ހެއްޔެވެ؟ އަހަރެންގެ ގާތުގައި ބުނެބަލާށެވެ. އެއިރުން އަހަރެން ގުލްބާނޫއަށް އެހީވާނަމަވެ.“

”އޭނާ…..އޭނާ……އޭނާ ކޮބައިތޯއެވެ؟“ ގުލްބާނޫ އާގަންނަމުން ބުންޏެވެ.

”ހީވާގޮތުން ގުލްބާނޫ ތިޔައަހަނީ ޢާޞިފްގެ ވާހަކައެވެ.“ ފަރުޖާދު ބުންޏެވެ.

”ތިޔަހަރީ ވަރަށް ބޮޑަށް ރުޅިއައިސްފާ ހެއްޔެވެ؟ އެފަކީރު ގުލްބާނޫއަށް ކުރީ ކީއްހެއްޔެވެ؟“ ފަރުޖާދު ލާނެތްގޮތަކަށް ހީލިއެވެ.

”ޢަސިފް ދުރުވީ ކޮންތާކަށްތޯއެވެ؟“ ގުލްބާނޫ އެހިއެވެ.

”އޭނާ އޮތީ ޒަޚަމްވެފައެވެ. ހޮސްޕިޓަލުގައެވެ.“ ވެގެން އުޅޭ ގޮތެއް ފަރުޖާދަށް ނޭގުނަސް މަޑުމައިތިރިކަމާއެކު އޭނާ ގުލްބާނޫއަށް އޮޅުން ފިލުވައިދިނެވެ.

”ތިޔަހެންވިއްޔާ ޢާޞިފް އަވަށަށް ނުދުރުވަނީތޯއެވެ؟“ މިހާރު ގުލްބާނޫވެސް ހިސާބަކަށް މަޑުމައިތިރިވެލާފިއެވެ.

”އާއެކެވެ. އޭނާއެއް ނާދެއެވެ.“ ފަރުޖާދު ބުންޏެވެ.

”މިފައިސާ…..“ ގުލްބާނޫ މިހެން ބުނެފައި މުށް ހުޅުވާލާފައި ފަރުޖާދަށް ދައްކާލިއެވެ،

”އަޅުގަނޑު ޖީރޫ ކުރެން އަހާނަމެވެ.“ ގުލްބާނޫ އެނބުރި ހިގައިގަގެންފިއެވެ.

”އިހަށް މަޑުކޮށްބަލާށެވެ.“ ފަރުޖާދު ބުންޏެވެ.

”ކީއްކުރަންތޯއެވެ.“ ގުލްބާނޫ މަޑުމަޑުން ބުނެލިއެވެ.

”ތިޔަފައިސާ….“ ވާހަކަ ދިގުކުރުމުގެ ބޭނުމުގައި ފަރުޖާދު ސުވާލުކޮށްލިއެވެ.

”މިއީ ޖީރޫ ގެންގޮސްދިން ފައިސާއެވެ. އަޅުގަނޑުގެ ބައްޕައަށް ބޭސްފަރުވާ ކުރުމަށްޓަކައި ސާހިބު ދެއްވި އެއްޗެކޭ ޖީރޫ ބުންޏެވެ. އަޅުގަނޑުގެ ބައްޕަ އުޅެނީ ވަރަށް ބަލިވެއެވެ.“ ގުލްބާނޫ ސާދާކަމާއެކު ބުންޏެވެ.

ފަރުޖަދު ވިސްނާލިއެވެ. މެންދުރު ބައްދަލުކޮށް އެކިއެކި އެހީ ދިން މީހުންގެ މަތީން ހަދާންކޮށްލިއެވެ.

”މިއަދު ކޮންމެވެސް މީހަކު ބަލިމީހެއްގެ ވާހަކަ ދެއްކިއެވެ. ތިއީ ގުލްބާނޫދޯއެވެ. އާއެކެވެ. އޭނާ ބުނީ ގުލްބާނޫގެ ބައްޕަގެ ވާހަކައެވެ.“ ފަރުޖާދު ބުންޏެވެ.

”ލައްބައެވެ. އަޅުގަނޑުގެ ނަމަކީ ގުލްބާނޫއެވެ.“ ގުލްބާނޫ ބުންޏެވެ.

”ހަދާންވެއްޖެއެވެ. ގުލްބާނޫގެ ބައްޕަ އުޅެނީ ވަރަށް  ބަލިވެދޯއެވެ؟“ ފަރުޖާދު ބުންޏެވެ.

”ލައްބައެވެ.“ ގުލްބާނޫ ބުންޏެވެ.

”ތިޔަހެން ވިއްޔާ ބުނެބަލާށެވެ. ގުލްބާނޫ ތިޔަހާ ބޮޑަށް ރުޅިއައިސްފާ ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ. ”ތިޔައީ އަހަރެން ފޮނުވި ފައިސާއެވެ. އިސްކޮޅުން ދިގު ކަޅު ކުއްޖަކު އައިސް ގުލްބާނޫގެ ބައްޕަ ބަލިވެ އުޅޭ ވާހަކަ ބުނުމުން ޑޮކްޓަރަށް ދޭނެ ސިޓީއަކާއި ފައިސާވެސް އަހަރެން ފޮނުވީމެވެ.“

”އެއްވެސް ކަމެއް ނުވެއެވެ. ސާހިބާއެވެ.“ ގުލްބާނޫ ޖެހިލުންވުމާއެކު ބުންޏެވެ. އެވަގުތު އޭނާގެ ދިގު އެސްފިޔަތައް މޯޅިކޮށްލާފައި ފޮޅުވާލި ގޮތުން ފަރުޖާދުގެ ހިތް ކަތިލެވިގެން ދިޔައެވެ. ”ދެން އަޅުގަނޑު ދަނީއެވެ.“

”އިހަށް މަޑުކޮށްބަލާށެވެ.“ ފަރުޖާދު ބުންޏެވެ.

”ކީއްކުރަންތޯއެވެ؟“ ގުލްބާނޫ ބުންޏެވެ.

”ގުލްބާނޫގެ ބައްޕަގެ ބައްޔަކީ ކޮބައިހެއްޔެވެ؟“ ފަރުޖާދު ސުވާލުކުރިއެވެ.

”އަޅުގަނޑަކަށް ނޭގެއެވެ.“ ގުލްބާނޫ ބުންޏެވެ.

”ހުންއަދޭހެއްޔެވެ؟“ ފަރުޖާދު އެހިއެވެ.

”ލައްބައެވެ.“ ގުލްބާނޫ ބުންޏެވެ.

”އެހެން އުނދަގުލެއް ނުވޭ ހެއްޔެވެ؟“ ފަރުޖާދު އެހިއެވެ.

”ކެއްސައެވެ. މޭގައިވެސް ރިހެއެވެ.“ ގުލްބާނޫ ބުންޏެވެ.

”މާދަމާ ޑޮކްޓަރ ސީހިބު މިއަވަށަށް ދުރުވާނެއެވެ. އެއިރުން ތިޔަގެއަށް ގޮސް ގުލްބާނޫގެ ބައްޕަގެ ޙާލު ބައްލަވަން އަހަރެން ޑޮކްޓަރަށް ނަންގަންނާނަމެވެ.“ ފަރުޖާދު ބުންޏެވެ.

”ލައްބައެވެ. ވަރަށް ރަނގަޅެވެ.“ ގުލްބާނޫ ޝުކުރުވެރި ނަޒަރަކުން ފަރުޖާދާ ދިމާއަށް ބަލައިލިއެވެ.

”ގުލްބާނޫ އުޅެނީ ކޮންތަނެއްގައި ހެއްޔެވެ؟“ ފަރުޖާދު ސުވާލުކުރިއެވެ.

”ކޯރުގެ އެފަރާތުގައި އޮންނަ އަވަށުގައެވެ.“ ގުލްބާނޫ ބުންޏެވެ.

”ހެނދުނު އަންނާށެވެ. ގުލްބާނޫއާ އެކުގައި ޑޮކްޓަރ ސާހިބު ފޮނުވާނަމެވެ.“ ފަރުޖާދު ބުންޏެވެ.

”ލައްބައެވެ.“ ގުލްބާނޫ ބުންޏެވެ.

”ގުލްބާނޫގެ ބައްޕަގެ ހާލު މާބޮޑު ކަމަށް ޑޮކްޓަރަށް ފެނިލައްވަނީވިއްޔާ ހޮސްޕިޓަލްގައި އެޑްމިޓް ކުރުވާނީއެވެ. ގުލްބާނޫ ފިކުރުބޮޑު ނުކުރާށެވެ. ވަރަށް އަވަހަށް ބައްޕަގެ ބަލި ފަސޭހަވެދާނެއެވެ.“ ފަރުޖާދު ބުންޏެވެ. އެވަގުތު އޭނާގެ ހެޔޮކަމާއި އިޙްސާންތެރި ކަމަށްޓަކައި ގުލްބާނޫގެ ލޮލުން ކަރުނަ އައެވެ. ވީމާ ދޯޕައްޓާގެ ކަނުން އޭނާގެ ލޯ ފުހެލިއެވެ. ތިރީ ތުންފަތުގައި ދައިގަންނަމުން ކަރުނަތައް އޮއްބަން މަސައްކަތް ކުރިއެވެ.

”ނުރޯށެވެ. ހެދުނު ޑޮކްޓާރ ސާހިބު ދުރުވާނެއެވެ. ބޭހުގެ ކަންތައް ބަރާބަރަށް ހިނގާނެއެވެ. އެއިރުން ބައްޕަގެ ބަލި މުޅިން ފަސޭހަވާނެއެވެ.“ ފަރުޖާދުގެ ހަމްދަރުދީ ލިބުމުން ގުލްބާނޫ ރޯންފެށީމާ ފަރުޖާދު އޭނާގެ ހިތްހަމަޖައްސައިދީ ހިތްވަރުދިނެވެ. ”ގުލްބާނޫގެ ބައްޕަ ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ؟“ އިރުކޮޅަކު ހިމޭނުން ހުރެލާފައި ފަރުޖާދު ބުންޏެވެ.

ގުލްބާނޫ އޭނާ ބައްޕަގެ ފިހާރައިގެ ވާހަކައާއި އެހެނިހެން ވާހަކަތައް ފަރުޖާދަށް ކިޔައިދޭން ފެށިއެވެ. ހިތުގައި ޢާޞިފާމެދު އުފެދިފައިވާ ޝައްކުތައް މިހާރު މުޅިން ފިލާ ހިގައްޖެއެވެ. ވީމާ މިހާރު އޭނާ ހުރީ އުފަލުންނެވެ. މޫޑު ރަނގަޅުވެފައެވެ. ޕަޓާން ބައްޕައާއި ޕަންޖާބީ މަންމަގެ މަޢުލޫމާތު އޮޅުންފިލުވައިދިނެވެ. އޮރުދޫ ބަހުން ބައްޕަ ވާހަކަ ދައްކާ ގޮތުގެ ވާހަކަ ކިޔައިދީފާ ހީ ހެދިއެވެ. ފަރުޖާދު އެސްފިޔަ ޖަހާނުލާ އޭނާއާ ދިމާއަށް ބަލަން ހުއްޓެވެ.

ގުލްބާނޫ ދިއުމުން ފަރުޖާދު ގޮސް ސޯފާގައި އިށީނެވެ. ކުއްލިއަކަށް އޭނާއަށް އެއައީ ކޮން ބަދަލެއް ހެއްޔެވެ؟ މުޅި ޖައްވުވެސް ހީވަނީ ލަވަކިޔާހެންނެވެ. ގަސްގަހާގެހިވެސް ހީވަނީ ނަށާހެންނެވެ. ދިރިއުޅުން ހީވަނީ ހިތްފަސޭހަ ރާގެއް ހެންނެވެ. ހުރިހާ ދިމާއަކުންވެސް އޭނާއަށް ރީތިކަން ފެންނަނީއެވެ. މަޢްޞޫމް ރީތިކަމެވެ. ކިސަޑުގެ ތެރޭގައި ފޮޅިފައިވާ ލޮޓަސް މަލެއްގެ ރީތިކަމެވެ. ދެއްކުންތެރިކަމެއް ހެދިގޮތެއް ނެތް ރީތިކަމެވެ. ފަޚުރުވެރިކަން އިޙްސާސްކޮށްދޭ ރީތިކަމެވެ. އޭނާއަށް ރީތިކަމުގެ އެތަށް ސިފަތަކެއް ފެނިފައިވެއެވެ….. ނަމަވެސް ގުލްބާނޫ…… އެއީ ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ ދުނިޔޭގައިވާ އެންމެ ރީތިކަމަކީ އެއީއެވެ. އެފަދަ އައިބެއްނެތް މިޘާލެއް ނެތް ފަދަ ރީތިކަމެއް އަދިއަދާ ޖެހެންދެންވެސް އޭނާއަށް ފެނިފައެއް ނުވެއެވެ. ގުލްބާނޫއަކީ ވުޖޫދެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އެއީ ހަފަރާތަށް އަލިކޮށްދޭ އަލިދޯދި ފަށެކެވެ. ހަމަޖެހުމެވެ. ރާހަތެވެ. އަރާމެވެ.

ފަރުޖާދު އެރޭ ހަތަރުދަމު ހުވަފެނީ ވާދީއެއްގައި ވަސްމީރު މާތައް ބިނެވެ. އެއިން ކޮންމެ ކުލައެއް، ކޮންމެ މަލެއް ފެތުރިގެންގޮސް ގުލްބާނޫގެ ސިފައަށް ސިފަވެއެވެ. ކޮންމެ މީރުވަހެއް ގުލްބާނޫގެ ވުޖޫދު އިޙްސާސްކޮށްދެއެވެ.

އަނެއް ދުވަހު ނިދިން ހޭލައިގެން ތެދުވީމާވެސް ފެންނަނީ ގުލްބާނޫގެ ރަން ކުލައިގެ ލޫޅާފަތި ހަށިގަނޑެވެ. ސިހުން އެކުލެވިފައިވާ ބޮޑުބޮޑު ދެލޮލެވެ. ޤުދުރަތުގެ ފުރިހަމަ ކަމުގެ ޚަޒާނާއެވެ. އެގޮތުން ގުލްބާނޫއަކީ މުއްސަންޖެކެވެ. އޭނާގެ އަތުގައި އެފަދަ މުއްސަނދިކަމެއް ނެތެވެ. އޭނާއަކީ ފަޤީރެކެވެ. އަތްމަތި ދަތި މީހެކެވެ. ޤުދުރަތުގެ ޚަޒާނާއިން ކުޑަމިންވަރެއްވެސް އޭނާއަށް ލިބިފައިނުވެއެވެ.

ފަރުޖާދަށް އެންމެ ފުރަތަމަ ގުލްބާނޫ ފެނުމާއެކުވެސް ގާތްކަމެއް އިޙްސާސްވިއެވެ. ވަކިމިޞްރާބެއް ނެތި ދިރިއުޅުމަށް މިޞްރާބެއް ފެނުނެވެ……. ރަށްފުށާއި ރަށްފުށުގެ އެހާ ދުރުގައި އޭނާ އެއުޅެނީ ރަށްފުށުގެ މީހުންގެ ތެރެއިން އެއްވެސް ކަހަލަ އަސަރެއް އޭނާއަށް ފެނިފައި ނުވާތީއެވެ. ރަށްފުށުގެ އަހުލުވެރިންނަކީ ތަޢްލީމެއް ހޭލުންތެރިކަމެއް ނެތް ނިކަމެތި ފަޤީރު ބައެކެވެ. ރަށްފުށުގައި ފެތުރެމުންދާ ބަލިމަޑުކަމާއި ހިތާމަތައް ދެކެ އޭނާ ބިރުގަނެއެވެ. ވީމާ އެކަންތައްތަކުން ސަލާމަތްވުމަށްޓަކައި އޭނާ ބީރަށްޓެހި އަވަށްތަކަށް ގޮހެއް ނޫޅެއެވެ. މިހާރުވެސް އޭނާ އެއަވަށަށް އައިސް އެއުޅެނީވެސް ވަގުތީގޮތުންނެވެ. ދަނޑުބިންތަކުގެ ޒިއްމާއާ ޙަވާލުވީ ހަމައެކަނި ޢާޞިފަށްޓަކައެވެ. އެހެން އައިސް އުޅޭއިރު ރަނގަޅު ގޮތުގައި ވަގުތު ހޭދަކުރުމުގެ ބޭނުމުގައި ނިކަމެތިންގެ ފަރިޔާދު އަޑުއަހަން ފެށީއެވެ. އެއީވެސް އޭނާއަށް ކުރެވުނު ރަނގަޅުކަމެކެވެ. ރަށްފުށުގެ ނިކަމެތިންގެ ހާލު އެގި އެމީހުންނަށް އެހީވުމުގެ ޚިޔާލު އައީ އަވަށަށް އައިސްގެން އުޅެން ފެށީމައެވެ. އޭނާގެ ޢަދަދު ނުކުރެވޭހާ ގިނަ މުދާތަކުން ބައެއް ނިކަމެތިންނަށްޓަކައި ޚަރަދު ކުރަންވެސް މިހާރު އޭނާ ނިންމައިފިއެވެ. އެއަވަށްތަކުގެ ޅަދަރީންނަށް ތަޢްލީމަކީވެސް އެހާ ބޭނުންތެރި އެއްޗެކެވެ. ނަމަވެސް ގަވާއިދުން ކިޔަވައިދޭ މަކްތަބެއް، މަދްރަސާއެއް ވިޔަސް އެއިން އަވަށެއްގައި ނެތެވެ. އެހެންކަމުން އޭނާގެ އަމިއްލަ ޚަރަދުގައި އެއަވަށްތަކުގެ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ކިޔަވައިދޭނޭ މަދްރަސާ ޢިމާރާތް ކުރަންވެސް މިހާރު އޭނާ ރާވަމުންދެއެވެ. ބައްޔަކީވެސް ރަށްފުށު މީހުންގެ މުހިއްމު މައްސަލައެކެވެ. ބޭސް ފަރުވާގެ ކުޑަވެސް ޒަރީޢާއެއް ނެތެވެ. މީހަކު ބަލިވެއްޖެނަމަ ތަށި ތަވީދުން ފުއްދާލަނީއެވެ. ނުރައްކާވާ ހިސާބަށް ބަލި ބޮޑުވެއްޖެނަމަ އެއީ އިރާދަކުރެއްވި ގޮތް ކަމުގައި ބުނެ ކެތްތެރިވެގެން ތިބެނީއެވެ. އެކަމަށްވެސް އަވަށެއްގައި ޑިސްޕެންސަރީއަކާއި ކްލިނިކެއް ހަދާ ޑޮކްޓަރުންގެ ޚިދުމަތް ލިބޭނޭގޮތް ހަމަޖައްސާނެއެވެ. މިސްކިތްތަކުގައި ދީނީ ތަޢުލީމުގެ އިންތިޒާމުވެސް ކުރާނެއެވެ. ރަށްފުށުގެ މަސައްކަތްތެރިން ފެންނަ ކޮންމެ ފަހަރަކު އެއީ އިންސާނީ ހައްޤުރަކަށް ބޭނުންވެފައިވާ މެޝިންތަކެކޭ ހިތަށް އަރައެވެ.

އަވަށްތަކުގެ މީހުންނަށްޓަކައި ހުރިހާ ކަމެއް ކޮށްދޭން ފަރުޖާދު ބޭނުންވެއެވެ. އޭނާގެ ސިކުނޑީގައި ރޭވުންތައް ރާވަމުންވެސް އެބަގެންދެއެވެ. ނަމަވެސް އެރޭވުންތަކަށް ޢަމަލީ ސިފަ ގެނެވޭނީ ޢާޞިފް ގަދަވީމައެވެ. ކޮންމެ ދުވަހަކު އަވަށަށް އައުމާއި އަވަށުގައި ރޭތައް ހޭދަކުރުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނޫނެވެ. ޢާޞިފްގެ ގާތުގައިވެސް އެވާހަކަ އޭނާ ދައްކައެވެ.

”އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢާޞިފްގެ ގަދަވާނެއެވެ. މިގޮތުގައި މާގިނަ ދުވަސްވެއްޖިއްޔާ ޢާޞިފްގެ ވާޖިބުތައް އަދާކުރަން އަހަރެން ދެކޮޅު ހަދަން ޖެހިދާނެއެވެ.“

މިގޮތަށް ޚިޔާލު ކުރަމުން އައި ފަރުޖާދަށް ގުލްބާނޫ ފެނުމަށްފަހުގައި މުޅިން ޚިޔާލު ބަދަލުވެގެން ހިނގައްޖެއެވެ. މިހުރިހާ ދުވަސްވަންދެން ފޫހިވި ރަށްފުށުގެ ދިރިއުޅުން މިހާރު ކަމުހިނގައްޖެއެވެ. އެންމެ ހިނދުކޮޅަކަށްޓަކައިވެސް އަވަށުން ބޭރަށްދާ ހިތެއް މިހާރަކު ނެތެވެ. ޙަވޭލީގެ މަތިން ހަދާން ނެތިއްޖެއެވެ.

އެރެއަކީ ފަރުޖާދު އަވަށުގައި ނިދި ރެއެކެވެ. އާދައިގާ އޭނާ ތެދުވެ އުޅޭ ގަޑިއަށްވުރެ މާކުރިން ފަތިހު ފަތިހާ ތެދުވެއްޖެއެވެ. ދޮރުކައިރީގައި ހުރި އެނދެއްގައި ޚައިރުއްދީން ނިދާފައި އޮތެވެ. ތަންކޮޅެއް ދުރުގައި ހުރި އެނދެއްގައި ސައީދުވެސް ގުގުރި ދަމަދަމާ އޮތެވެ……. ފަރުޖާދު މަޑުމަޑުން ހިނގާފައި ގޮސް ފެންޑާގެ ތެރެއިންލާފައި ބޭރަށް ނިކުމެއްޖެއެވެ. އޮކްޓޯބަރު މަހެއްގެ ހިތްފަސޭހަ ފަތިހެކެވެ. ގުލްބާނޫ ކަހަލަ ރީތި ނަލަ ފަތިހެކެވެ. އިރުމަތީ ފަރާތުން ނަލަ ރޯޅިތައް ޖެހެމުންދެއެވެ. އިރުމަތީ ފަރާތުގެ އުދަރެހުން އިރު އެރުމުގެ ޢަލާމާތްތައް ފެންނަން ހުއްޓެވެ. ދޫނިތައް އެސޮރުމެންގެ ހާލިތައް ދޫކޮށް ބައިބަޔަށް އުދުހެން ފަށައިފިއެވެ. ހަނޑޫދަނޑުތަކުގެ ޅާކުރާތަކުގެ މީރުވަސް ޖައްވުގައި ފެތުރިފައިވެއެވެ. އެކި ދެތިން މީހުން މޯޅިއަކަށް ދެމެމުން ދަނޑުތަކާ ދިމާއަށް ދާތީ ފެނެއެވެ. ފަރުޖާދުވެސް ވަކި މަޤްސަދެއްނެތި ކުރިއަށް ހިނގަމުންދެއެވެ. އެހެންގޮސް ކޯރާ ދިމާއަށް ނިކުމެއްޖެއެވެ. އޭރު ފެނޑުފަނޑު އަލިކަމެއް ދުނިޔެއަށް ފެތުރިފައިވެއެވެ. ވައިރޯޅީގައި ތެތްކަން އެކުލެވިފައިވެއެވެ. ބިޔަގަސްތަކުގައި ހުރި ހާލިތަކުގައި ތިބި ދޫނިތައް ނިދިން ހޭލައިގެން ފިޔަތަޅާ އަޑު އިވެއެވެ. އެކިރާގު ރާގަށް ގޮވާ އަޑު އިވެއެވެ. ހީވަނީ ހަފަރާތުން މިޔުޒިކުގެ އަޑު އިވޭހެންނެވެ. ފަރުޖާދު ގޮސް ލަކުޑި ފާލަންމައްޗަށް އަރައިފިއެވެ. ފަޑީގައި ބަނޑު އަޅުވާލައިގެން ކޯރާ ދިމާއަށް ގުދުވެ ކޯރަށް ބަލަން ފެށިއެވެ. ބައުވެ މަރާމާތު ކުރަން ވެފައިވާ ފާލަމެކެވެ. ސަރުކާރުގައި ދަންނަވާ ހުއްދަ ހޯދައިގެން ފާލަން މަރާމާތު ކުރަންވީއެވެ. ފަރުޖާދުގެ ހިތަށް އެރިއެވެ.

ފަރުޖާދު އެތަނުން އެނބުރި އައީ ވަރަށް މައްޗަށް އިރުއެރި ފަހުންނެވެ. އޭނާ އައިއިރު އަވަށުގެ އިޚްލާޞްތެރިން ތަފާތު އެއްޗެތިން އޭނާއަށް ނާސްތާ ތައްޔާރު ކޮށްފައި ހުއްޓެވެ. އެކިމީހުން އެކި އެއްޗިއްސެވެ. ގެރީގެ ތާޒާ ކިރެވެ. ލައްސީއެވެ. ދެބައިކުޅަ އެއްބަޔަށް ރޯފިލުވައިފައި ހުރި ބިހެވެ. ބިސްގަނޑެވެ. ގިތެލާއި ގޮދަން ފުށުގައި ފިހެފައިވާ ފަރާޓާއެވެ. ސަޢީދު އެހުރިހާ އެއްޗެއް މޭޒުމައްޗަށް ގެނެސް ތައްޔާރު ކޮށްފައި ހުއްޓެވެ. އޭނާގޮސް މޭޒުދޮށުގައި އިށީނުމާއެކު ސަޢީދު އައިސް އެކިއެއްޗެތި ގެނައި މީހުންގެ ނަންތައް ވަކިވަކިން ކިޔައިދޭން ފެށިއެވެ.

”ސަޢީދެވެ. އަވަށު މީހުންގެ އިޚްލާޞްތެރިކަން އަހަރެން ޤަބޫލުކުރަމެވެ. މިހާރު އަހަރެންނަށް ފުދިއްޖެއެވެ. ބާކީ ހުރި އެއްޗެތި ހިފައިގެން ސަޢީދުގޮސް މިކަހަލަ އެއްޗެހި ލިބުމުގެ ނަޞީބު ނެތް ފަޤީރުންނަށް ބަހާލާށެވެ.“ ފަރުޖާދު ބުންޏެވެ.

”އިހަށް ސާހިބު ރަނގަޅަށް ސައިބައްލަވާށެވެ.“ ސަޢީދު ބުންޏެވެ.

”އަހަރެންނަށް މިވަރުން ފުދެއެވެ. ސަޢީދު އަހަރެންނަށް ވަރަށް މީރުކޮށް ސައިތައްޓެއް ހަދާލަ ދޭށެވެ.“ ފެނުކެއްކި ބިހަކާއި ފަރާޓާފަޅިއެއް ތައްޓަށްލަމުން ފަރުޖާދު ބުންޏެވެ. އޭނާގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ސަޢީދު ޙަރަކާތްތެރިވިއެވެ.

ފަރުޖާދު ސައިބޮއި ނިމިގެން މީހުންނާ ބައްދަލުކުރަން ދާން ތައްޔާރުވާން ފެށިއެވެ. މިއަދު ޝަހަރުން ޑޮކްޓަރުންވެސް ދުރުވާނެއެވެ. މިއަދު ޑޮކްޓަރު ގޮވައިގެން ބަލިމީހުންގެ ގާތަށް ދާނީވެސް ޚުދު އޭނާއެވެ. ފަރުޖާދު ގަމީހުގެ ގޮށްތައް އަޅުވަމުން ވިސްނާލިއެވެ. ފަހަރެއްގައި އެއީ ގުލްބާނޫއާ ހަމައަށްދާން އޭނާ ރާވާ ރޭވުމަކަށްވެސް ވެދާނެއެވެ. ޙަޤީޤަތަކީ އެއީކަންނޭގެއެވެ.

ގެއަށްގޮސް ބަލަންޖެހޭފަދަ ބަލިހާލުގައި އެވަގުތު އެއަވަށުގައި ތިބީ ހަތަރުމީހުންނެވެ. ވީމާ ފަރުޖާދު އެދުވަހު ޑޮކްޓަރު ޢުމަރު ގޮވައިގެން ގޮސް އެމީހުންބަލާ ފަރުވާދީ ހެދުމަށްފަހު އައިސް ހަވޭލީއަށް ވަންއިރު ޙަވޭލީގެ މިހްރާބު ދޮރު ކައިރީގައި ގުލްބާނޫ ހުއްޓެވެ. ދޮރުގެ ވަށައިގެން އަރުވާފައިވާ މާވެޔޮގަނޑުގެ މެދުގައި ގުލްބާނޫ ހުރިއިރު ހީވަނީ ރީތި ފްރޭމެއްގައިވާ ތަޞްވީރެއް ހެންނެވެ. އޭނާ ފެނުމުން ފަރުޖާދުގެ ހިތް އެފުށް މިފުށަށް ޖެހެން ފެށިއެވެ. ސްޕަރ މޮޑެލްއަކު ރަށްފުށުގެ ހެދުމެއް އަޅައިގެން ހުރީބާވައޭ ފަރުޖާދުގެ ހިތަށް އެރިއެވެ.

”އައްސަލާމް ޢަލައިކުމްއެވެ. ސާހިބާއެވެ.“ ގުލްބާނޫއަށް ފަރުޖާދު ފެނުމާއެކު އަވަސް އަވަހަށް ގޮސް ފަރުޖާދުގެ ގާތަށް ހުއްޓެމުން ސަލާމް ކޮށްލިއެވެ.

”ޑޮކްޓަރ ސާހިބާވެސް ސަލާމް ކުރާށެވެ.“ފަރުޖާދު ހީލިއެވެ. ޑޮކްޓަރުވެސް ހީލިއެވެ. ގުލްބާނޫ ކަންބޮޑުވެގެން އަތްދަމައިގެންފާ ނިތްކުރިއާ ދިމާއަށް އަތްއުފުލައިލާ ސަލާމް ކޮށްލިއެވެ. ”މީނާގެ ބައްޕަ އޮތީ ވަރަށް ބަލިވެއެވެ. މީހުންނާ ބައްދަލުކުރުމުގެ ކުރިން މީނާގެ ބައްޕަގެ ޙާލު ބަލައިލަން ދުރުވަމާ ހިންގަވާށެވެ.“ ފަރުޖާދު ބުންޏެވެ.

”ލައްބައެވެ. ހިންގަވާށެވެ.“ ޖީބުގެތެރެއަށް ނުގޮތަކަށް ކޮށްޕާލާފައި އޮތް ސްޓެތެސްކޯޕް ނަގަމުން ޑޮކްޓަރ ބުންޏެވެ.

”ގުލްބާނޫއެވެ. އަހަރެމެންނާ އެކުގައި ހިނގާށެވެ. އަހަރެމެންގެ ކުރީގައި ހުރެގެން ގުލްބާނޫގެ ގެ ހުންނަތަން ކިޔައިދޭށެވެ.“ ފަރުޖާދު ބުންޏެވެ. ”ސާޢީދެވެ. ޑޮކްޓަރގެ ފޮށި ހިފައިގެން އަހަރެމެންނާ އެކުގައި އަންނާށެވެ.“

ގުލްބާނޫ ކުރިން ހިނގާފައިދެއެވެ. ފަރުޖާދާއި ޑޮކްޓަރ ޢުމަރު އޭނާގެ ފަހަތުންދެއެވެ. އޭގެ ދެމީހުން ރަށްފުށުގެ ދިރިއުޅުމާއި ރަށްފުށުގައި ދިރިއުޅޭ މީހުންގެ ނިކަމެތި ޙާލާއިމެދު ވާހަކަ ދައްކާ ބަޙުޘް ކުރަމުން ދެއެވެ. އެމީހުން މަގުތައް ހުރަސް ކުރަމުން ދަނޑުތަކުގެ ކައިރިންލާފައި ގޮސް ފާލަން މައްޗަށް އަރައިފިއެވެ. ގުލްބާނޫގެ ގެ ހުންނަނީ ކޯރުގެ އެފަރާތުގައި އޮންނަ އަވަށުގެ ނިމޭ ހިސާބުގައެވެ. އެމީހުން ހިނގަމުން ހިނގަމުން ގޮސް އެންމެ ފަހުން ގުލްބާނޫގެ ގެއާއި ހަމައަށް ދެވިއްޖެއެވެ. އެގެއަކީ އެއަވަށުގެ އެހެން ގޭގެއާ ވަރަށް ތަފާތުކޮށް ހަދާފައި ހުރި ގެއެކެވެ. ކިއްލާތަކުގެ ފާރުތައް ފަދައިން ގޭގެ ފާރުތައް އުސްވެފައި ވަރުގަދައެވެ….. ގުލްބާނޫ ކުރިން ގޮސް ގެއަށް ވަދެ މެހްމާނުންނަށް މަރްޙަބާ ކިޔާ މެހްމާނުން ގެއަށް ވެއްދިއެވެ. ޑޮކްޓަރ ޢުމަރާއި ފަރުޖާދު އެންމެ ފުރަތަމަ ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. ދަރުއުދުނުގެ ދަރުން ގެދަބުޅި ޖަހާފައިވާ ފުރާޅެކެވެ. ކުޑަ މެދު ގޮވައްޗެކެވެ. ދޮރު ލައްޕާފައިވާ ކުޑަކުޑަ އެންމެ ކޮޓަރިއެކެވެ. ކުރިމަތީގައި ފެންޑާއެއް ކަހަލަ ކުޑަ ތަންކޮޅެކެވެ. އެއިން ކޮންމެ ތަނެއްވެސް ސާފުވެފައި ތާހިރެވެ. ފެންޑާތެރޭގައި ބަހައްޓާފައި ހުރި އެނދުގައި ރަހްމާންގުލް އޮތެވެ. އެއްފަރާތެއްގައި ހުރި އުދުންމައްޗަށް ދެލި އަރާ ފުރިފައިވާ ސައިކުރައެއް އުދާފައި ހުއްޓެވެ. މަތާރަންފިލާ މަތީގައި ތަށި ކަންވާރުފަދަ މަދު އެތިކޮޅެއް ހުއްޓެވެ.

”ހީވަނީ ރާޖެސްތާނުގެ ގެއަކަށް އާދެވުނުހެންނެވެ.“ ޑޮކްޓަރު ޢުމަރު ބުންޏެވެ.

”ލައްބައެވެ. ތިޔަހީވެލެއްވީ ރަނގަޅަށެވެ.“ ފަރުޖާދު ބުންޏެވެ.

ފަރުޖާދުމެން ފެނުމުން އެމީހުންނަށް އިޙްތިރާމް ކުރުމަށްޓަކައި ރަޙްމާންގުލް ތެދުވަން މަސައްކަތް ކުރިއެވެ. ފަރުޖާދަކަށް ރަޙްމާންގުލްއެއް ނޭގެއެވެ. ނަމަވެސް ރަޙްމާންގުލްއަށް ޢާލީނޫރު މުޙައްމަދުގެ ފިރިހެން ދަރިފުޅު ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. އެހެންކަމުން ރަޙްމާންގުލް ހޫނު މަރްޙަބާއެއް ކިޔެވެ. ފޯރިއާއެކު ސަލާމްކުރިއެވެ. އެހާތަނުން ގުލްބާނޫ ރޯނުފުރި ބަރު އެދެއް އެތަނަށް ދަމާލަ އެމީހުން އިށީނުމަށް ތަން ދެއްކިއެވެ. ފަރުޖާދުމެން އިށީނދެ ޙާލު އަޙުވާލު އޮޅުންފިލުވާލުމުގެ ރަސްމީ ވާހަކަކޮޅެއް ދައްކާލިއެވެ. ޑޮކްޓަރ ޢުމަރު ޑޮކްޓަރީ އުސޫލުން ރަޙްމާންގުލް ބައްލަވަން ފެއްޓެވިއެވެ. މޭގާ ކަށިގަނޑު އެޅުއްވިއެވެ. ނޭވާގެ ހިނގުން ބެއްލެވިއެވެ. ވިންދާއި، ދުލާއި، ލޯ ބެއްލެވިއެވެ. ސުވާލުތައް ކުރެއްވިއެވެ. ހުންބަލާ ކަށިގަނޑުން ހުން ބެއްލެވިއެވެ. އެވަގުތުކޮޅު ފަރުޖާދު އެނދުގައި އިނދެގެން ޚިޔާލުތައް ކުރަމުން ދިޔައެވެ. ގުލްބާނޫގެ ދޯޕައްޓާ އޭނާގެ ދެލޮލުގެ ކުރިމަތީގައި ވިހުރުވެމުންދިޔައެވެ.

އެކްސްރޭ ނަގަން ބޭނުންވާތީ ޑޮކްޓަރ ޢުމަރު އިނގިރޭސިބަހުން ފަރުޖާދުގެ ގާތުގައި އެވާހަކަ ދެއްކިއެވެ. ފުއްޕާމޭގައި ކޮންމެވެސް ކަމެއް ހުރިކަމަށް ހީވާ ވާހަކައާއި ޔަޤީންވާނީ އެކްސްރޭ ބެލުމަށްފަހުގައި ކަމަށް ބުންޏެވެ.

”މާދަމާ އޭނާ ޝަހަރަށް ފޮނުއްވާށެވެ. އެކްސްރޭ ނަންގަވާފައި ލެޔާ ކުޅުވެސް ޓެސްޓް ކުރައްވާށެވެ.“ ޑޮކްޓަރ ޢުމަރު ބުންޏެވެ.

”އަންމެ ރަނގަޅެވެ. އަޅުގަނޑުގެ ކާރުގައި އޭނާ ގޮވައިގެން ހިނގައިދާނަމެވެ.“ ފަރުޖާދު ބުންޏެވެ.

”އަނެއް ދެމީހުންނާ އެކުގައި ތިންމީހުން ގެންދަވާށެވެ.“ ޑޮކްޓަރު ޢުމަރު ބުންޏެވެ.

”ލައްބައެވެ.“ ފަރުޖާދު ބުންޏެވެ.

”އަޅުގަނޑުގެ ބައްޕަގެ ބަލި ފަސޭހަވާނެތޯއެވެ؟“ ގުލްބާނޫ އަވަސް އަވަހަށް އައިސް އެމީހުންގެ ގާތަށް ހުއްޓެމުން ކެތްތެރިކަމެއްނެތި ސުވާލުކޮށްލިއެވެ.

”އާއެކެވެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފަސޭހަވެދާނެއެވެ.“ ޑޮކްޓަރ ޢުމަރު ބުންޏެވެ. ބިރުގަންނަން ޖެހޭ ކަހަލަ އެއްވެސް ކަމެއް ނެތެވެ. މާދަމާ އޭނާ ހޮސްޕިޓަލަށް ގެންދަވާނެއެވެ. ވަރަށް ރަނގަޅަށް ޓެސްޓުތައް ކުރެވޭނެއެވެ.“

”ހޮސްޕިޓަލޭތޯއެވެ؟“ ގުލްބާނޫ ކަންބޮޑުވިއެވެ.

”އާއެކެވެ. އެކްސްރޭ ނަގާ ޓެސްޓުތައް ހައްދާށެވެ…… ފިކުރުބޮޑުނުކުރާށެވެ. ބޭސް ފަރުވާކުރާނީ ގޭގައި ބާއްވައިގެންނެވެ.“ ފަރުޖާދު ބުންޏެވެ.

ޑޮކްޓަރ ޢުމަރާއި ފަރުޖާދު ގުލްބާނޫގެ ބައްޕައާ ވާހަކަ ދައްކަން ފެށުމުން ގުލްބާނޫ ގޮސް ގަހުވަ ހަދައިގެން ގެނެސްފިއެވެ.

”އޭ! ކޮއްކޯއެވެ؟ ތިޔައީ ކީއްކުރަން ކުރި ކަމެއް ހެއްޔެވެ؟“ ޑޮކްޓަރ ޢުމަރު ބުންޏެވެ.

”ހިއްޕަވާށެވެ.“ ފަރުޖާދު ބީރައްޓެހި ކަމެއްނެތި ގަހުވަތައްޓެއް ނަގަމުން ޑޮކްޓަރ ޢުމަރުގެ ގާތުގައި ބުނެފާ ހީލިއެވެ. ވާނީވެސް އެހެންތާއެވެ. ގުލްބާނޫގެ އަތުން ހަދައިގެން ގެނައި ގަހުވަތަށި ބޯހިތުން އޭނާ އެއިނީ ކެތްމަދުވެފައެވެ.

ރަޙްމާންގުލްއަކީ ދުރުވިސްނޭ ބުއްދިވެރިއެކެވެ. ލޯބީގެ ޢަމަލީ ދައުރެއް ވެއަތުކޮށްފައިވާ މީހެކެވެ. ލޮލުގެ މެސެޖާއި ހިތްހެޔޮކަމުގެ ތަފާތު އޭނާއަށް އެނގެއެވެ. އެހެންކަމުން ފަރުޖާދު ވާހަކަ ދެއްކުމުގެ ތެރޭގައި އޭނާގެ ދެލޮލުން ފާޅުވަމުންދިޔަ އަސަރުތަކާމެދު ރަޙްމާންގުލް ވަރަށް ބޮޑަށް ވިސްނިއެވެ.

ގުލްބާނޫ ފަތިހު ފަތިހާ ތެދުވެ ކުނިކަހާ ތަންތަން ފޮޅާ ސާފުކުރިއެވެ. ކޮންމެ އެއްޗެއް ތަރުތީބުން ބެހެއްޓިއެވެ. ގޯތިތެރެއަށް ފެންޖަހައިގެން ފިޔަވަޅު ނުހުންނަ ގޮތަށް އޮމާންކޮށް ކުނިކެހިއެވެ. ތެލިތައް ދޮވެ އޮފުއެރުވިއެވެ. ބައްޕަގެ އެނދުގެ ތަންމަތި ބަދަލުކުރިއެވެ. ދޮވެފައި އޮތް ކުރުތާއެއް ލައްވާ ލުންގިއެއް އެންދެވިއެވެ. ޕިޝާވަރުގެ ފައިވާން ފެންފޮތިލައިގެން ފޮހުނެވެ. މިއަދަކީ އޭނާގެ ބައްޕަ އެކްސްރޭ ނެގުމަށްޓަކައި ހޮސްޕިޓަލަށް ދާންޖެހޭ ދުވަހެވެ. ދަނީވެސް ސާހިބުގެ ކާރުގައެވެ. މިއަދު އޭނާ އެހުރިހާ އިންތިޒާމެއް އެކުރަނީ ހަމަ ސާހިބަށްޓަކައެވެ. ދާވެ ތަތްވެފައި އޮތް ހެދުމެއްގައި ބައްޕަ ޝަހަރަށް ފޮނުވާކަށް ނުވާނެއެވެ. ބައްޕަގެ ހެދުން ބަދަލު ކުރުވީ ސާފުތާހިރު ކަމަށްޓަކައެވެ.

ގާތްގަނޑަކަށް އަށްގަޑިބައި އެހާކަށް ހާއިރު ގުލްބާނޫގެ ބައްޕަ ބަލާ ފަރުޖާދު އެގެއަށް އަތުވެއްޖެއެވެ. އެހިސާބުގަނޑަށް ކާރެއް އައުމަކީ އެހިސާބުގަނޑުގެ މީހުންނަށްޓަކައި ބޮޑުޢަޖާބެކެވެ. އެހެންކަމުން ކާރު މަޑުކޮށްލުމާއެކު ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ގޭގެއިން ނިކުމެ ކާރު ބަލަން މަގުމައްޗަށް ޖަމާވާން ފަށައިފިއެވެ. އެގޭދޮށަށް ކާރު މަޑުކޮށްލިއިރު ފަރުޖާދުމެން ހޮސްޕިޓަލަށް ގެންދާ އެހެން ދެމީހުން އޭގާ ތިބިކަން ނަޞީބެކެވެ. އެހެން ނޫންނަމަ ގުލްބާނޫގެ ގޭދޮށަށް ކާރު މަޑުކުރުމަކީ ތަންގަނޑު މީހުން ވާހަކަ ދައްކާނޭ މަޥްޟޫއަކަށްވީހެވެ. މިހާރުގެ މަޥްޟޫޢު މުޅިން ތަފާތެވެ. އެންމެންގެ ދޫތަކުންވެސް ދެކެވެނީ ސާހިބުގެ ހިތްހެޔޮކަމާއި އިޚްލާޞްތެރިކަމުގެ ވާހަކައެވެ. ކޮންމެއަކަސް ކާރު މަޑުކޮށްލާފައި ފަރުޖާދު ކާރުން ފޭބުމުގެ ކުރިން ގުލްބާނޫގެ ގޭގެ ދޮރުމައްޗަށް ނިކުމެއްޖެއެވެ.

”ސާހިބާއެވެ. އައްސަލާމް ޢަލައިކުމެވެ.“ ގުލްބާނޫ އަދަބުވެރިކަމާއެކު ގުދުވެލަމުން ސަލާމް ކޮށްލިއެވެ. އުއިފޮތީގެ ހެދުމަކާއި އުއިފޮތީގެ ދޯޕައްޓާއެއް އަޅައިގެން ހުރިއިރުވެސް ގުލްބާނީ ހީވަނީ ޙޫރުޕަރީއެއް ހެންނެވެ. އޭނާގެ ކަޅު ކުލަގަދަ ދިގުއިސްތަށިގަނޑު އޮތީ ނިއުޅާލާ ފުރަގަހުން ދޫކޮށްލާފައެވެ. މަސައްކަތުން ނިމިގެން ފެންވަރާލެވުނުލެއް ލަސްކަމުން އިސްތަށިގަނޑު ނުހިކޭތީ ހިއްކަން ފުރަގަހަށް ދޫކޮށްލާފައި އޮތީއެވެ. ފަރުޖާދާ ސަލާމް ކޮށްލިއިރު އޭނާ ހުރީ ހިނިއައިސްފައެވެ.

”ގުލްބާނޫއެވެ. ބައްޕަގެ ޙާލު ކިހިނެއް ހެއްޔެވެ؟“ ފަރުޖާދު ގޭތެރެއަސޤ ވަންނަމުން ސުވާލުކުރިއެވެ.

”ހަމަ އެކަހަލަ ގޮތެކެވެ.“ ގުލްބާނޫ އަވަސް އަވަހަށް ޖަވާބުދިނެވެ. ”ތަންކޮޅެއް ރަނގަޅުހެންވެސް ހީވެއެވެ.“ ގުލްބާނޫ ބޯހަލުވާލާފައި މަޢްޞޫމް ގޮތަކަށް މިހެން ބުނެލުމުން ތޫނުއެއްޗަކުން ފަރުޖާދުގެ ހިތް ޒަޚަމްވެގެން ދިޔަހެން ހީވިއެވެ.

”ހަމަ އެކަހަލަ ގޮތެކެވެ. ކުޑަކޮށް ރަނގަޅުހެން ހީވެއެވެ.“ ގުލްބާނޫ ބުނި ޖުމްލަ ތަކުރާރު ކޮށްލަމުން ފަރުޖާދު ހީލިއެވެ. ގުލްބާނޫވެސް ސާދާ ފަރި ހުނުމެއް ހީލިއެވެ. އެވަގުތު ފަރުޖާދު ވަރަށް ފަރުވާތެރިކަމާއެކު ގުލްބާނޫގެ ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް ދަންދެން ބަލައިލިއެވެ. ދެން މަޑުމަޑުން ގޭތެރެއަށް ވަދެ ރަޙްމާންގުލް އޮތް އެނދު ކައިރިއަށް ދިޔައެވެ.

”ރަޙްމާންގުލް ތިޔައޮންނެވީ ތައްޔާރުވެލައްވައިގެންތޯއެވެ؟“ ފަރުޖާދު އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު ސުވާލުކޮށްލިއެވެ. ޖަވާބުގައި ރަޙްމާންގުލް ބޯ ހަލުވާލިއެވެ.

”އަޅުގަނޑު ވަރަށް ހެދުނާ ބައްޕަ ތައްޔާރު ކޮށްފީމެވެ.“ ގުލްބާނޫ ބީރައްޓެހި ކަމެއް ނެތި ބުނެލިއެވެ. ”ސައިގެންނަންތޯއެވެ؟“

”ސާހިބާއެވެ. ފަޤީރުންނަށް ތިޔަހާ ބޮޑަށް އެހީވެލައްވާއިރު އަޅުގަނޑުމެން ކަހަލަ ފަޤީރުންގެ އަތުން ސައިތައްޓެއް ބެއްލެވުމުގެ ޝަރަފް ދެއްވާށެވެ.“ ބަލިކަށިއަޑަކުން ރަޙްމާންގުލް ބުންޏެވެ.

”ނޫނެކެވެ. ބޭބޭއެވެ. ސައިބޯނީ އެހެން ދުވަހަކުންނެވެ. މިހާރު މިއުޅެނީ އަވަހަށް ޝަހަރަށް ދާންވެގެންނެވެ. ވަރަށް ބަލި ދެމީހުންވެސް ކާރުގައި ތިބޭނެއެވެ. ބޭބެ ތައްޔާރުވެލައްވައިފިއްޔާ ހިންގަވާށެވެ.“ ފަރުޖާދު މިހެން ބުނުމުން ގުލްބާނޫ އެނދުގެ ބޯލާކޮޅަށް ގޮސް މަޑުމަޑުން ރަޙްމާންގުލް ނަގަން އުޅުނެވެ. އެވަގުތު ފަރުޖާދު އޭނާއަށް އެހީވިއެވެ. އެކަމުގެ ތެރޭގައި ފަރުޖާދުގެ އަތް ގުލްބާނޫގެ ގައިގާ ޖެހުނެވެ. އޭނާގެ ދިގު އިސްތަށިގަނޑުގެ ބައެއް ފަރުޖާދުގެ އަތުގެ ކުޑަހުޅުގައި އޮޅުނެވެ. މިހެން ދިމާވުމުން ސިހުރުވެރިއެއްގެ ސިހުރުގެ ބާރުގައި މުޅިހަށިގަނޑު ހިލައަށް ހަދާލިހެން ފަރުޖާދަށް ހީވިއެވެ. ނޭވާގެ ހިގުން ހުއްޓި ހިތުގެ ވިންދު ކެނޑުނެވެ. ވީމާ، އެސިހުރު ބާޠިލްކުރުމަށްޓަކައި އޭނާ ފުންމައިގެން ފަހަތަށް ޖެހިލިއެވެ. ރަޙްމާންގުލް ހިތްވަރުކޮށްފައި ގުލްބާނޫގެ އެހީގައި އެދުން ފޭބިއެވެ. ދެން އަނެއްކާވެސް ފަރުޖާދު އޭނާގެ ގައިގާ ހިފެހެއްޓިއެވެ. މަޑުމަޑުން ކުރިއަށްދާން ފެށިއެވެ. އެދިޔައިރު ފަރުޖާދުގެ އެތެރެހަށީގައި އަނދާ އަލިފާނުގެ އެއްވެސް އިޙުސާސެއްނެތި ގުލްބާނޫވެސް އެމީހުންނާ އެކުގައި ދިޔައެވެ.

ފަރުޖާދު މަޑުމަޑުން ރަޙްމާންގުލް ގެންގޮސް ކާރުގައި ބެއިންދިއެވެ.

”ރަނގަޅުތޯއެވެ؟“

”ލައްބައެވެ.“ ކާރުގައި ތިބި މީހުންނަށް ބަލައިލަމުން ރަޙްމާންގުލް ޖަވާބުދިނެވެ.

”ތިޔަބޭކަލުން ރަނގަޅުތޯއެވެ؟“ ކުރިއްސުރެ ކާރުގައި ތިބި މީހުން ކުރެން ފަރުޖާދު އެހިއެވެ.

”ސާހިބުގެ ޢުމުރު ދިގުކުރައްވާށިއެވެ. އުފަލުގައި ލަހައްޓަވާށިއެވެ.“ ބަލިބަލި އަޑަކުން ދެމީހުން ހެޔޮދުޢާކުރިއެވެ. އެހާތަނުން ފަރުޖާދުވެސް ކާރަށް އަރައިފިއެވެ.

”ބައްޕާއެވެ. އަހަރެންވެސް ދަންހެއްޔެވެ؟“ ފަރުޖާދު ހުރިކަން ހަދާން ނައްތާލާފައި ރަޙްމާންގުލް ކުރެން ގުލްބާނޫ އެހިއެވެ.

”ދަރިފުޅު ގޮސްގެން ކުރާނީ ކީއްހެއްޔެވެ؟“ ރަޙްމާންގުލް ބުންޏެވެ.

”ނުދާންވީ ހެއްޔެވެ؟“ ގުލްބާނޫ ބުންޏެވެ.

”އާއެކެވެ.“ ފަރުޖާދު މިހެން ބުނެފައި ކާރު އިސްޓާޓް ކޮށްލިއެވެ. ގުލްބާނޫ އިޙްތިރާމާއެކު ބަލަހައްޓައިގެން ހުއްޓެވެ. މަގުމައްޗަށް އެއްވެފައި ތިބި މީހުންތައްވެސް ފަރުޖާދާ ސަލާމްކޮށް ހެޔޮ ދުޢާކުރިއެވެ.

”ކަންބޮޑުނުވާށެވެ.“ އެމީހުންގެ ސަލާމަށް ޖަވާބުދިނުމަށްފަހު ގުލްބާނޫ ގާތުގައި ފަރުޖާދު ބުންޏެވެ. ”ފަހަރެއްގައި ތަންކޮޅެއް ލަސްވެސް ވެދާނެއެވެ.“

”ބައްޕަ އެނބުރި އަންނާނެތޯއެވެ؟“ ގުލްބާނޫ ބުންޏެވެ.

”އާއެކެވެ. އެނބުރި ނާންނަންވީ ކީއްވެގެން ހެއްޔެވެ؟ ޝަހުރުގެ ހޮސްޕިޓަލުން ކުރާނީ ހަމައެކަނި ޓެސްޓްތަކެވެ. ބޭސްކުރާނީ ގޭގައި ބާއްވައިގެންނެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެއެވެ.“ އޭނާ މިހެން ބުނުމުން ގުލްބާނޫ ޔަޤީންކަމާއެކު އޭނާއާ ދިމާއަށް ބަލައިލިއެވެ.

ކާރުދިޔަ ފަހުންވެސް އެއްވެފައިވާ މީހުންތަކުގެ ތެރޭގައި ގުލްބާނޫވެސް އިރުކޮޅަކު ހުރެލިއެވެ. އެއްބަޔަކު އޭނާއަށް ހިތްވަރުދިނެވެ. އަނެއްބަޔަކު ފަރުޖާދަށް ތަޢުރީފުކުރިއެވެ. ގުލްބާނޫގެ ހިތްވެސް ޝުކުރުން ފުރުނެވެ.

ގުލްބާނޫ ގޮވައިގެން ޖީރޫ ގޭތެރެއަށް ވަދެ ރަޙްމާންގުލްގެ އެނދުގައި އިށީނދެއްޖެއެވެ. އޭނާގެ ހިތްހަމަޖައްސައިދޭން މަސައްކަތް ފެށިއެވެ. އެކިއެކި ވާހަކަ ދައްކާ ހީސަމާސާ ކުރިއެވެ. އެގޮތަށް ވާހަކަ ދައްކަމުން އެންމެފަހުން އާޞިފްގެ ވާހަކަ ފެށިއެވެ. ސާހިބުގެ ނަމުގައި އޭގެ ދެކުދިންނަށް ހީވި ކުށްހީއާމެދު ވަރަށް ބޮޑަށް ހުނެވެ.

”އެދުވަހު އަހަރެންދެކެ ރުޅި އައިމު ނޫންހެއްޔެވެ؟“ ޖީރޫ ބުންޏެވެ. ”ސާހިބުގެ ގާތަށް އަހަރެންގެ ބޭބެ ފޮނުވީމާވެސް ގުލްބާނޫގެ ގާތަށް އައި ރުޅި ދެނެވޮޑިގެންވާނީ ﷲއެވެ. ތިންދުވަސް ވަންދެން އަގައިން ނުބުނެ ހުރީމުއެވެ.“

”ހަމަ ތެދެކެވެ. ޖީރޫ ހާދަ ރަނގަޅެވެ. ބައްޕައަށް ބޭސްކުރެވޭ ގޮތްވީވެސް ޖީރޫގެ ސަބަބުންނެވެ. ކުއްހީއަކުން އަހަރެން ސަލާމަތް ވެވުނީވެސް ހަމަ ޖީރޫގެ ސަބަބުންނެވެ. އިރާދަކުރެއްވިއްޔާ ޢާޞިފަށް ފުރިހަމަ ޞިއްޙަތު ދެއްވާށިއެވެ.“ ގުލްބާނޫ ބުންޏެވެ.

”އޭނާގެ ހޮސްޕިޓަލުން ގެއަށް އަތުވެއްޖެއޭ ބުނާތީ އެހީމެވެ.“ ޖީރޫ ބުންޏެވެ.

”ކާކުހެއްޔެވެ؟“ ގުލްބާނޫ ސުވާލުކުރިއެވެ.

”ކޮންމެ މީހަކަށްވިޔަސް މިއީ ތެދު ޚަބަރެކެވެ.“ ޖީރޫ ބުންޏެވެ.

”ވެދާނެއެވެ.“ ގުލްބާނޫ ބުންޏެވެ.

”ވެދާނެއެއް ނޫނެވެ. ވެއްޖެއެވެ. މިއަދާ ހަމައަށް އަހަރެން ގުލްބާނޫއަށް ދޭ އެއްވެސް ޚަބަރެއް ދޮގުވެފައި އެބައޮތް ހެއްޔެވެ؟“ ޖީރޫ ބުންޏެވެ.

”ޖީރޫ ހާދަ ރަނގަޅެވެ.“ ގުލްބާނޫ އުފަލާއެކު ހިނިތުންވެލަމުން ޖީރޫގެ ގައިގާ ބައްދާލިއެވެ.

އޭގެފަހުންވެސް ވަރަށް ގިނައިރު ވަންދެން އޭގެ ދެކުދިން ވާހަކަ ދައްކަން ތިއްބެވެ.

ހަވީރު ފަރުޖާދުގެ ކާރުގައި ރަޙްމާންގުލް ގެއަށް ގެނައެވެ. އޭނާ ކާރުން ބާލައިގެން އަތުލަފި ކޮށްގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އެއަށްފަހުގައި ބޭސްފުޅިތަކާއި ގުޅަތައް ގުލްބާނޫގެ އަތަށް ދެމުން ބޭސްދޭންވީގޮތް އޭނާއަށް ކިޔައިދިނެވެ.

”ބިރުގަންނަންޖެހޭކަހަލަ އެއްވެސް ކަމެއް ނެތް، ރަނގަޅަށް ބޭސްކޮށްލަނިކޮށް އިރާދަކުރެއްވިއްޔާ ގުލްބާނޫގެ ބައްޕަ މުޅިން ޝުކުރުވެރި ނަޒަރަކުން އޭނާއާ ދިމާއަށް ބަލަން ތިއްބެވެ. ”މާދަމާއިން ފެށިގެން ރަޙްމޫ ގުލްބާނޫގެ ބައްޕަގެ ބޭހުގެ ކަންތައް ބަލަހައްޓާނެއެވެ. މޭވާއާއި ތަރުކާރީ ގެނެސްދޭނެއެވެ. ކެއުމުގެ ކަންތައް ބަހައްޓަންވާނީ ވަރަށް ރަނގަޅަށެވެ. ފައިސާގެ ކަންތަކާ ފިކުރުބޮޑުނުކުރާށެވެ. އަހަރެންގެ އަތުގައި ހުރި ހުރިހާ އެއްޗިއްސަކީ އަވަށު އެންމެންގެ އެއްޗިއްސެވެ.“ މިއަޑު އިވުމުން ރަޙްމާންގުލްގެ ދެލޯ ކަރުނައިން ފުރުނެވެ. އެފަލުން ރޮވުނެވެ.

”ސާހިބު ހާދަ ރަނގަޅެވެ.“ ބެދިފައިވާ އާޑަކުން ރަޙްމާންގުލް ބުންޏެވެ. ”އަޅުގަނޑުމެންނަށްޓަކައި ސާހިބާކީ ﷲގެ ރަޙްމަތެކެވެ.“

”ސާހިބުގެ ޢުމުރު ދިގުކުރައްވައި މުދަލުގައި ބަރަކާތް ލައްވާށިއެވެ.“ ގުލްބާނޫ ބުންޏެވެ.

”ގުލްބާނޫއެވެ. މިއީ އަހަރެންގެ ވާޖިބެކެވެ. އިންސާނުންނަށް އެހީވާނީ އިންސާނުންނެވެ. ޖަމާޢަތުގެ ބޭނުމަކީ އެއީއެވެ. މިއީ މާބޮޑު ކަމެއް ނޫނެވެ.“ ފަރުޖާދު ހީލަމުން ބުންޏެވެ.

”ސީހިބަށް ސައި ހަދަންތޯއެވެ؟“ ގުލްބާނޫ އަދަބުވެރިކަމާއެކު އަހާލިއެވެ.

”ނޫނެކެވެ. އަހަރެން މިއައީ ޙަވޭލީން ސައިބޮއިގެންނެވެ.“ ފަރުޖާދު މިހެން ބުނުމުން ގުލްބާނޫ އެއްފަހަރު ފަރުޖާދާ ދިމާއަށް، އަނެއްފަހަރު ރަޙްމާންގުލްއާ ދިމާއަށް ބަލައިލިއެވެ.

”ސާހިބު ބައްޕަ ގޮވައިގެން ދުރުވީ ޙަވޭލީއަށެވެ. މެންދުރު ގަޑިތައް ހޭދަކުރީ ޙަވޭލީގައެވެ.“ ރަޙްމާންގުލް ބުންޏެވެ.

”ހަމަތެދެއް ހެއްޔެވެ؟“ ގުލްބާނޫ އުފަލާއިއެކު ސުވާލުކުރިއެވެ.

”ސާހިބު ހާދަ ރަނގަޅެވެ. ހާދަ ރަނގަޅެވެ.“ ގުލްބާނޫ އުފަލާއެކު ބުންޏެވެ.

”ތިޔައީ ޙަޤީޤަތް ހެއްޔެވެ؟“ ފަރުޖާދު ހީލިއެވެ.

”ލައްބައެވެ. ޙަޤީޤަތުގައިވެސް ސާހިބުގެ ރަނގަޅު ކަމުގެ ކޮޅެއް ނެތެވެ.“ ގުލްބާނޫވެސް ހީލިއެވެ.

ފަރުޖާދު ދިއުމުގެ ހުއްދައަށް އެދުމުން ގުލްބާނޫ އޭނާއާ އެކުގައި ދޮރާއްޓާ ހަމައަށް ދިޔައެވެ.

”ޝުކުރިއްޔާއެވެ“ ރާބޮއިގެން މަސްތުވެފައިވާފަދަ މަސްތީ ބެލުމަކުން ގުލްބާނޫއާ ދިމާއަށް ބަލައިލާފައި ހީލަމުން ފަރުޖާދު ބުންޏެވެ. އޭނާގެ މިބެލުމުގެ ސަބަބުން ގުލްބާނޫ ކުޑަކޮށް ހާސްވިއެވެ. ނަމަވެސް އެފަދަ މާތް އިންސާނެއްގެ ނިޔަތާމެދު ޝައްކު ކުރުމަކީ ފާފައަކަށްވާތީ އެއީވެސް ހިތްހެޔޮކަމުގެ ބެލުމެއް ކަމުގައި ހީކޮށްފައި އޭނާ ހިތްހަމަޖައްސާލިއެވެ. ބޮލަށް ޙަރަކާތެއް ގެންނަމުން އެނބުރިލިއެވެ. ޝަހަރުގެ ހޮސްޕިޓަލުގައި ބައްޕައާމެދު ކަންތައްވީގޮތް އޮޅުންފިލުވުމަށްޓަކައި އޭނާ ގޮސް އެނދުގެ މަގަތުން އިށީނެވެ.

ވަގުތުގެ އެނބުރުން ބައެއްފަހަރު ސިހުރުގެ ވަގުތަކަކަށް ބަދަލުވެއެވެ. ހިތާމައިގެ ވަގުތުތައް ކުއްލިއަކަށް އުފާވެރި ވަގުތުތަކަށް ބަދަލުވިއެވެ……ފަރުޖާދު އެނާގެ އަވަށުގެ ކައިރި ކައިރީގައި އޮންނަ ތިންއަވަށުގެ ރައްޔިތުންނަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރަމުން ގެންދެއެވެ. ސްކޫލް، ކްލިނިކްފަދަ ތަންތަން އިމާރާތް ކުރަން ފެށިއެވެ. އެކިކަންތައްތައް އިޞްލާޙް ކުރަން ފެށިއެވެ. މިހުރިހާ ކަމަކީވެސް ވަގުތީ ޖަޒުބާތެއްގައި އަސަރުގައި އޭނާ ކުރާ ކަންތަކެވެ. ރައްޔިތުންގެ ނިކަމެތިކަމާއި، މަސައްކަތްތެރިކަމާއި، އޯގާތެރިކަމާއި، ޖާހިލުކަމާއި، ހޭލުންތެރިކަން ކުޑަކަމުން އޭނާގެ ހިތަށް މާބޮޑަށް އަސަރުކޮށް އެކަންކަން އިޞްލާޙް ކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގަން ފެށިއެވެ. މިހުރިހާ ޕްރޮގްރާމްތަކަކީވެސް ޢާޞިފްގެ ބެލުމުގެ ދަށުން ކުރަންހުރި ކަންތަކެވެ. އޭނާއަކީ ހަމައެކަނި މަގުދައްކާ މީހާއެވެ. އެއީ ފެށިއިރު އޭނާގެ ޚިޔާލު ހުރިގޮތެވެ. ނަމަވެސް ވަގުތު އެނބުރުމާއެކު އޭނާގެ ޚިޔާލުވެސް ބަދަލުވެއްޖެއެވެ. ވަގުތުތައް އެހެން ތައްގަނޑަކަށް ފެތިއްޖެއެވެ. ރަށްފުށަކީ މިހާރު އޭނާއަށްޓަކައި ސުވަރުގެއަށް ވެއްޖެއެވެ. ގުލްބާނޫއަކީ އެސުވަރުގޭގެ ޙޫރު ކަމުގައި ވެއްޖެއެވެ. އެހެންކަމުން އަވަށްތަކުގެ ތަރައްޤީއަށްޓަކައި އޭނާ ފަށާފައިވާ ޕްރޮގްރާމްތަކާމެދު އޭނާގެ ޝަޢުޤުވެރިކަން އިތުރުވެއްޖެއެވެ. ނިކަމެތިންނަށްވާ އެހީތައް ގިނަވެއްޖެއެވެ. ޢާޞިފާ ހަވާލުކުރުމަށްޓަކައި އޭނާ ފެށި މަސައްކަތް އަމިއްލަ ޒިންމާގެ ދަށުން ކުރިއަށް ގެންދަން ފަށައިފިއެވެ. ގުލްބާނޫގެ ލޯބި އޭނާގެ ޝަޙްޞިއްތަކު މުޅިން ބަދަލުކޮށްލައިފިއެވެ. އެހެން މީހުންނަށްޓަކައި ދިރިއުޅުމާއި އެހެން މީހުންނަށް ބޭނުންހިފުމާއި އެހީވުމުގައި ހުރި އުފަލާއި ހިތްހަމަޖެހުން ދަސްކޮށްފިއެވެ.

ޢާސިފް މިހާރު ރަނގަޅެވެ. ޒަޚަމްވެފައި ހުރިތަންވެސް ވަރަށް ބޮޑަށް ފަސޭހަވެއްޖެއެވެ. ފައިގެ ދުޅަވެސް މަޑުވެއްޖެއެވެ. ދެން ވީހާ އަވަހަކަށް އަވަށަށް ދާން އޭނާ ބޭނުމެވެ. ގުލްބާނޫގެ ކިބައިގައި ހުރި ޖާދުވީ އަސަރު އެއަވަށާ ދިމާއަށް އޭނާ ދަމަން ފަށައިފިއެވެ. އެ ސާދާ އަންހެން ކުއްޖާ މިހާރު އުޅޭ ހާލެއްވެސް އޭނާއަކަށް ނޭނގެއެވެ. އެކަމާ އޭނާ ފިކުރުކޮށްކޮށް ހަލާކުވާން ކައިރިވެއްޖެއެވެ. އެކަމަކު ފަރުޖާދުގެ ގާތުގައި އެވާހަކަ ސާފުކޮށް ބުނެވޭކަށްވެސް އަދި ނެތެވެ. ފަރުޖާދަކީ އޭނާއެވެ. އޭނާއަކީ ފަރުޖާދެވެ. އެކަމަކު ގުލްބާނޫގެ ވާހަކަ ދައްކަން އޭނާ ޖެހުލުންވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަވަށަށް ދިއުމުގެ ބަހަނާއަކަށް އޭނާ ދައްކަނީ މަސައްކަތެވެ. އެއިން ކޮންމެ ފަހަރަކު ރަނގަޅަށް އަރާމު ކުރަން ފަރުޖާދު އޭނާއަށް ލަފާދެއެވެ.

”އަހަރެންނަށް އިތުބާރު ކުރާށެވެ. ޢާޞިފްއެވެ. ހުރިހާ ކަމެއްވެސް އަހަރެން ކުރަމުން މިގެންދަނީ ވަރަށް ރަނގަޅަށެވެ. ޒަޚަމް މުޅިން ފަސޭހަވެ ލަކުނަށް ނުވަނީސް ޢާޞިފް އެއްވެސް މަސައްކަތެއް ކުރިއަކަ ނުދޭނަމެވެ. އެންމެ ފުރަތަމަ ޢާޞިފް ސަލާމަތްވި ކަމުގެ އުފަލުގައި ޕާޓީ ބާއްވާނީއެވެ. އަވަށަށް ދިއުމުގެ ހުއްދަ ލިބޭނީ އެއަށްފަހުގައެވެ. މޫސުމުގެ ގޮވާމާމެދު ފިކުރު ނުކުރާށެވެ. އެކަންވެސް ހަމަޖެހޭނެއެވެ. ﷲގެ އިރާދަފުޅުން ޢާޞިފްގެ ފުރާނަ ސަލާމަތް ކުރެއްވިއަތީ މިމޫސުމުގައި ލިބޭ ގޮވާމުގެ ދެބައިކުޅައެއްބައި އަވަށްތަކުގެ މީހުންނަށް ބަހައިދޭނަމެވެ.“ ފަރުޖާދު އޯގާތެރިކަމާއި އެކު ލޯތްބާއެކު ވާހަކަ ދެއްކިއެވެ. އެހެންކަމުން ކެތްކޮށްލުން ނޫން ގޮތެއް ޢާޞިފަކަށް ނެތެވެ. އެއީ ކުޑަދުވަސްކޮޅެއްގެ ކަމެކެވެ. ދެން އަނެއްކާވެސް އެހިތްފަސޭހަ ވެއްޓަށް ދެވިދާނެއެވެ. އެރީތި ގުލްބާނޫއާ ބައްދަލުވެވިދާނެއެވެ. ވަކިވުމުގެ ދުވަސްތަކަކަށްފަހުގައި ލިބޭނެ އުފަލުގެ ބޮޑުކަން ވަޒަންކޮށްލާފައި އޭނާ ހިތްހަމަޖައްސާލިއެވެ.

ފަރުޖާދު އަވަދިނެތި ޙައިރާންވާހާ ބޮޑެވެ. ޙަވޭލީގެ ނޯކަރުންނާއި އެހެން މީހުންވެސް މިހާރު އަބަދު ދައްކަނީ އެވާހަކައެވެ. އޭނާގެ ރަޙްމަތްތެރިންނަށްވެސް އެކަންއޮތީ ބޮޑުވެފައެވެ.

”އަހަރެމެންގެ ސާހިބަށް އެއަވަށްތަކުގެ މީހުންނަށް ވަރަށް ތަޢްރީފް ކުރެއެވެ.“ ޙަވޭލީގެ މުސްކުޅި ނޯކަރަކު ބުންޏެވެ.

”އާއެކެވެ. އެއަވަށްތަކުގެ މީހުންނަށްޓަކައި އަހަރެމެންގެ ސާހިބު ވަރަށް ބޮޑެތި ބޮޑެތި ކަންތައް އެބަކޮށްދެއްވައެވެ. ވީމާ ތަޢްރީފްވެސް ކުރާނޭ ނޫންހެއްޔެވެ؟“ އަނެކަކު ބުންޏެވެ.

”ސްކޫލާއި ކްލިނިކާއި ޑިސްޕެންސަރީތައް ހުޅުވައިދެއްވަން އުޅުއްވާ ވާހަކަވެސް އެހީމެވެ.“ މުސްކުޅި އަޚާ ބުންޏެވެ.

މިހިރީ ތަޢްރީފް ޙައްޤު ކަންތައްތަކެވެ. ނަމަވެސް ބައެއް މީހުން ސިއްރު ސިއްރުން އޭނާއާ ދެކޮޅަށްވެސް ވާހަކަ ދައްކައެވެ.

”އަވަށްތަކުގެ މީހުންނަށްޓަކައި އެހާގިނަ ކަންތައްތަކެއް ފަރުޖާދު ކުރައްވާނޭ ކަމެއް ނެތެވެ.“ ފަރުޖާދުގެ ރައްޓެއްސަކު ބުންޏެވެ.

”އާއެކެވެ. ކުދިކުދި އެހީތައް ވަލެއްވިޔަސް އެހާބޮޑެތި ކަންތައް ކޮށްދެއްވާކަށް ނުވާނެއެވެ. އެމީހުން ތިބި ހިސާބުގައި ބޭތިއްބުން މާރަނގަޅު ވާނެއެވެ.“ ޢަޒީޒު ބުންޏެވެ.

”ފައިސާތައް ބޭކާރު ކުރައްވަނީއެވެ.“ ކުރިން ވާހަކަ ދެއްކި ރަޙްމަތްތެރިޔާ ބުންޏެވެ.

”ކުރާނީ ކީއްހެއްޔެވެ؟ ވިސްނައިދޭނޭ ބޮޑުމީހަކުވެސް ނެތެވެ.“ އެމީހުން މިގޮތަށް ވާހަކަ ދައްކާއިރު ޢާޞިފްގެ ޚިޔާލަކީވެސް މިއީއެވެ. އެކިއެކި މީހުން ފަރުޖާދުގެ ޚަބަރުތައް ޢާޞިފާ ހަމައަށް ގެނެއެވެ. ހަސަވެރިން ހަސަދަވެއެވެ.

 

 

އެއްދުވަހަކު ޢާޞިފް ބޭރު ބޮޑު ބަގީޗާގައި އިންދާ ފަރުޖާދު އަތުވެއްޖެއެވެ. އެއީ ހަވީރުގެ ވަގުތު ކަމަށްވެފައި ފަރުޖާދުވެސް ތަންކޮޅެއް އަވަހަށް އެއީތީ އެތަނުގައި ތިބެގެން ދެމީހުން ހަވީރުގެ ސަޔަށް އިންޞާފުކުރިއެވެ. އޭގެފަހުން ސަމީންވެސް ބައިވެރިކޮށްގެން ޑިގު ކުޅެން ފެށިއެވެ. ނަމަވެސް އިރުކޮޅެއްވީއިރު ފަރުޖާދު ފޫހިވެގެން އަތްބައި އެއްލައިލައިފިއެވެ.

”އަހަރެން ޑޮކްޓަރު ޢުމަރާވެސް ބައްދަލުކުރަން އެބަޖެހެއެވެ.“ ފަރުޖާދު ގޮނޑީގައި ލެނގިލަމުން ބުންޏެވެ.

”އެއީ ކީއްކުރަން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.

”އޭނާ ބޭސްކުރައްވާ ދެތިން ބަލިމީހުން އަހަރެން ބަލަހައްޓަމެވެ.“ ފަރުޖާދު ބުންޏެވެ.

”ތިޔަބުނާ ބަލިމީހުންނަށް ފަރުޖާދު ކޮށްދެނީ ކީއްހެއްޔެވެ؟“

”އަހަރެން………އަހަރެން ކޮންމެ ދުވަހަކު އެމީހުން ދެކެން ދަމެވެ. ވާނުވާގޮތް އޮޅުންފިލުވަމެވެ. ގަޑިއަށް ބޭސްދޭތޯ ނުދޭތޯ ބަލަމެވެ. އެމީހުންނަށް ރަނގަޅު ކާނާ ފޮނުވަމެވެ. އިރުކޮޅެއް ވަންދެން އެމީހުންގެ ގާތުގައި އިދެގެން އެމީހުންނާ ވާހަކަ ދައްކާ ވިސްނައިދެމެވެ.“ ފަރުޖާދުގެ ވާހަކަ އަޑުއިވުމުން އޭނާގެ ރަނގަޅު ކަމަށްޓަކައި ޢާޞިފްގެ ހިތް ޝުކުރުން ފުރުނެވެ.

”އެކުވެރިޔާއެވެ. އެނިކަމެތިންނަށް އެހީވީމާ ވަރަށް ހިތްހަމަޖެހުނެވެ. ވަރަށް އުފާވެއެވެ.“ ފަރުޖާދު ބުންޏެވެ.

”ފަރުޖާދު ތިޔަކަމާ ގަޔާވީތީ އަހަރެން ވަރަށް ބޮޑަށް އުފާވެއްޖައީމެވެ.“ ޢާޞިފް ބުންޏެވެ.

”ޢާޞިފްގެ މަޢުލޫމާތަށްޓަކައި ބުނަމެވެ. އެތިން އަވަށުގައިވެސް މިމަހު ސްކޫލް ހުޅުވޭނެއެވެ. އެންމެ އާބާދީ ގިނަ އަވަށުގައި ކްލިނިކެއްވެސް ހުޅުވޭނެއެވެ. މިކްލިނިކުގައި ޑޮކްޓަރ ޞަލާޙުއްދީން ސައްވީސް ގަޑިއިރު މަސައްކަތް ކުރައްވާނެއެވެ.“ ފަރުޖާދު ބުންޏެވެ.

”ތިޔަކަމަށްވެސް ވަރަށް ބޮޑަށް އުފާވެއްޖެއެވެ. މިހާރު ޑޮކްޓަރ ޞަލާޙުއްދީނާ ވާހަކަ ދައްކައިފިން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.

”ލައްބައެވެ. ސާހިބު މަނިކުފާނެވެ. މަނިކުފާނު އެއްކުރައްވާފައިހުރި ފައިސާ މިހުރިހާ ކަމަކަށް ޚަރަދު ކުރެވޭނެއެވެ. އިރާދަކުރެއްވިއްޔާ މިފަހަރު އެހުރިހާ ފައިސާ ބޭކާރުކޮށްލާނެމެވެ.“ ފަރުޖާދު އުފަލާއެކު ލޯމަރާލާފައި ލޯ ހުޅުވާލަމުން ބުންޏެވެ.

”ފަރުޖާދުއެވެ. ހެޔޮކަންތަކަށްޓަކައި ޚަރަދުކުރާ ފައިސާއަކީ ބޭކާރުވާ އެއްޗެއް ނޫނެވެ.“ ޢާޞިފް ބުންޏެވެ.

“ ސާބަހެވެ. ޢާޞިފްވެސް ތިހިރީ އަހަރެންނާ އެއްކޮޅަށެވެ.“ ފަރުޖާދު ކުރިއަށްވުރެވެސް ބޮޑަށް އުފާވިއެވެ.

”އާއެކެވެ. ތިޔައީ އަހަރެންވެސް ކުރަން ބޭނުންވާ ކަންތައްތަކެވެ.“ ޢާޞިފް ބުންޏެވެ.

”ތިޔަހެންވިއްޔާ މިހުރިހާ ދުވަސް ވަންދެން ނުކޮށް ތިޔަހުރީ ކީއްވެގެން ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.

”މުދަލުގެ ވެރިޔަކީ ފަރުޖާދެވެ. ވީމާ އެކަމަށްޓަކައި ފަރުޖާދުގެ ރުހުމާއި އެހީތެރިކަން އަހަރެންނަށް ބޭނުމެވެ.“ ޢާޞިފް ބުންޏެވެ.

”މިހުރިހާ ދުވަސްވީއިރު އަހަރެންނާ ވާހަކަ ނުދެއްކީ ކީއްވެގެން ހެއްޔެވެ؟“ ފަރުޖާދު ބުންޏެވެ.

”ފަރުޖާދުގެ ކަންތައް ހުންނަ ގޮތުންނެވެ. މީހަކު އަވަށްތަކޭ ބުންޏަސް ފަރުޖާދުގެ ގާތަށް ރުޅިއާދެއެވެ. ރަށްފުށު މީހުންނާ ވާހަކަ ދެއްކުމަކީ އަގުވެއްޓޭ ކަމަކަށްވެއެވެ. ކުއްލިއަކަށް ފަރުޖާދަށް ތިހާބޮޑު ބަދަލެއް އެއީތީ އަހަރެން މިހިރީ ޙައިރާންވެ އަންތަރީސްވެފައެވެ.“ ޢާޞިފް ބުންޏެވެ.

”ﷲގެ އިރާދަފުޅު އެނގޭ މީހަކު ހުރޭހެއްޔެވެ؟ ބަޔަކަށް ރަޙްމަތްލައްވަން ވެއްޖެނަމަ ލަހެއް ފަހެއް އޮވޭހެއްޔެވެ.“ ފަރުޖާދު މިހެން ބުނެފައި ހީލިއިރު އުފާވެރި ހުވަފެންތަކެއްގެ ކުލަތައް އޭނާގެ ދެލޮލުން ފެންނަން ހުއްޓެވެ.

 

މިހާރު އެވީގޮތް ކިހާ ރަނގަޅުހެއްޔެވެ؟ ރަށްފުށުގެ ނިކަމެތިންގެ ދިރިއުޅުން އިޞްލާޙު ކުރަން ދެމީހުންވެސް ބޭނުމެވެ. ވީމާ އެމަޢްޟޫޢުގެ މައްޗަށް ވަރަށް ގިނައިރު ވަންދެން ދެމީހުން ވާހަކަ ދެއްކިއެވެ. އިންސާނުންނަކީ މާކަނޑުތަކަށްވުރެވެސް ފުން ބައެކެވެ. އަޑިނޭގޭ ބައެކެވެ. މަތިމަތިން ބަލައިލާއިރު އެތެރޭގައިވަނީ ކޮންއެއްޗެއް ކަމެއް އެކަކަށްވެސް ނޭގޭނެއެވެ. ދެމީހުންވެސް އަވަށްތަކުގެ މީހުންނާމެދު ހަމްދަރުދީ ފާޅުކުރަނީއެވެ. ތެދެކެވެ. ދެމީހުންނަކީވެސް އިޚްލާސްތެރި ހެޔޮލަފާ ދެމީހުންނެވެ. ނަމަވެސް މިހާރު އެދެމީހުން އެފައުޅުކުރަނީ އެ ހެޔޮކަމާއި އިޚްލާސްތެރި ކަމެއް ނޫނެވެ. ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ދެމީހުންގެވެސް އަމާޒަކީ ގުލްބާނޫއެވެ. އަވަށުގެ ވެއްޓަކީ ގުލްބާނޫ ނޭވާލާ ވެއްޓެވެ. އަވަށުގެ ބިތަކީ ގުލްބާނޫގެ ފައިތިލައިގެ ބީހުން އިޙްސާސްކުރާ ބިމެވެ. ރަށްފުށުގެ ދިރިއުޅުމާ ދިމާއަށް ދެމީހުން އެދަމަނީ ގުލްބާނޫގެ ޖާދޫގެ ބާރުގައެވެ. ދިގު ވާހަކަތަކަކަށްފަހުގައި ފަރުޖާދު މޯޅިއަކަށް ދެމިލިއެވެ.

”ކޮންމެ ގޮތަކުންވެސް ޑޮކްޓަރ ޢުމަރާ ބައްދަލުކުރަން އަހަރެން ދާން ޖެހެއެވެ.“ ފަރުޖާދު ގޮނޑިން ތެދުވަމުން ބުންޏެވެ.

”ހޮސްޕިޓަލަށްގޮސް އަހަރެންގެ ހުއްދަވެސް ހިފައިގެން އަންނާށެވެ.“ ޢާޞިފް ލާނެތްކަމާއެކު ފަރުޖާދާ ދިމާއަށް ބަލައިލިއެވެ.

”ނޫނެވެ. އުފާ ފާޅުކުރުމުގެ ޙަފްލާއަކަށްފަހުގައެވެ. އިހަށް މިޙަވޭލީގެ ހަތަރުފާރުގެ އެތެރޭގައި ބާރަށް ދެކޮޅަށް ހިނގާށެވެ.“ ފަރުޖާދު ސަމާސާކޮށްލިއެވެ.

”ތިޔަހެން ނުހަދާށެވެ. ފަރުޖާދެވެ. އަހަރެން ފޫހިވަނީއެވެ.“ ޢާޞިފް އާދޭސްކުރިއެވެ.

”ފޫހިނުވާކަހަލަ މަޖާ ކުޅިވަރެއް ހޯދާށެވެ.“ ފަރުޖާދު ބުންޏެވެ.

”ކުޅިވަރެކޭ ހެއްޔެވެ؟“ ޢާޞިފް މަޖާގޮތަކަށް ހީލިއެވެ.

”އާއެކެވެ. މިދުވަސްކޮޅު ފައުޒީ މާގަޔާވާހެން ޢާޞިފް ބަލަހައްޓާ ވާހަކަ އެހީމެވެ.“ ފަރުޖާދު ހީލިއެވެ.

”ހާދަ ލާނެތެވެ.“ ޢާޞިފް ގޮނޑިތެރެއަށް ފެތިލަމުން ހީލިއެވެ.

”އެއްވެސް ކަމެއް ނޫނެވެ. އެއީ ރަނގަޅު ކުޅިވަރެކެވެ. ގަޔާވާގޮތް ހުރީވިއްޔާ ޖެހިލުމެއްނެތި ބުނާށެވެ. އަހަރެން ޢާޞިފަށް އެހީވާނަމެވެ. އެންގޭޖްމަންޓާ އެކުއެކުގައި ކައިވެނީގެ ކަންތައް ނިންމާލާނަމެވެ.“ ފަރުޖާދު މިހެން ބުނެފައި ބާރަށް ހީގެންފިއެވެ.

”އަހަރެންނަށް ހުރި މީހަކީ ފައުޒީ ހެއްޔެވެ؟“ ގުލްބާނޫގެ ރީތި ސޫރަ ހަދާން ކުރަމުން ޢާޞިފް ބުންޏެވެ.

”ޝާއިސްތާ، ސަޢުދިއްޔާ، މައިޞަރާ، ނާހީދު، މިއިން ކޮންމެ ކުއްޖަކާ ދިމާއަށް އިޝާރާތް ކޮށްލިއަސް ލަހެއް ނުކުރާނަމަވެ.“ ފަރުޖާދު އެވަގުތު އިނީ ސަމާސާ މޫޑެއްގައި ކަމަށްވާތީ ސަމާސާއަކަށްފަހު ސަމާސާއެއް ކުރަމުން ގެންދިޔައެވެ.

”ތިޔައީ ހައްތަހާވެސް ރަނގަޅު ކުދިންނެވެ. ފަރުޖާދުގެ ޚިޔާލު ބުނާށެވެ. ބޭބެއެއްގެ ހައިޘިއްޔަތުން ހުރިހާ ކަމެއް ކޮށްދޭނަމެވެ.“ ޢާޞިފްވެސް ސަމާސާ ކުރިއެވެ. އޭގެ ޖަވާބުގައި ފަރުޖާދު އެއްޗެއް ބުނަން އުޅެނިކޮށް ޢާޞިފްގެ ރައްޓެހި ބަޔަކު އައިސްތިބި ވާހަކަ ބުނުމަށްޓަކައި ނޯކަރުން އަތުވެއްޖެއެވެ.

”ޢާޞިފް ސާހިބުއެވެ. ބަޔަކު މީހުން އައިސް އެބަތިއްބެވެ.“ ނޯކަރު ބުންޏެވެ.

”އެމީހުން މިތަނަށް ގެންނާށެވެ.“ ޢާޞިފް މިހެން ބުނުމުން އެމީހުން ބަލާ ނޯކަރު ހިނގައްޖެއެވެ. އެހާތަނުން ފަރުޖާދުވެސް ތެދުވެގެން ހިނގައްޖެއެވެ.

ފަރުބަދަތަކުގެ އުސްކުންނުތަކަށާއި ތިރިވާދީތަކަށް އެއްވަރަކަށް ހަނދުވަރުގެ ރިހިއަލި ފެތުރިފައިވެއެވެ. ނަމަވެސް ހަވީރު ވަރަށް ވައިބާރުވިއެވެ. ވެލިތަކާއި ހިރަފުސްތައް އެރިއެވެ. ގަދަ ރޯޅިތައް ހުރިހާ އެއްޗަކާ ގޯނާކުރިއެވެ. ވައިރޯޅީގެ އަޑުފަށްގަނޑުން ކަންފަތް ފަޅައިގެންދާވަރުވިއެވެ. ގަސްތައް ވަރުނެވެ. ވެޔޮތައް ލާމެހުނެވެ. ދުވަސްވެފައި ހުރި ބިޔަގަސްތައް މުލުންލިއެވެ. ޖަނަވާރުތައް ސިހުނެވެ. އެއަށްފަހުގައި ޠޫފާނީ ރޯޅިތަކަށް ވިލާތަކެއްގެ ސިފައެވެ. ހަފަރާތުން ކަޅުވިލާތައް  ނަގާ ބޯމަތިކުރެއެވެ. ތަންދޮރު ނޭގޭހާ ބޯކޮށް ވާރޭ ވެހުނެވެ. ހުރިހާ އެއްޗެއްގައި ކޭތަހިފިއެވެ………. ގަސްގަހާގެހި ދޮވެވި ސާފުވިއެވެ. ޖައްވު ފިނިވިއެވެ. ވަށައިގެން ފެންނަ މަންޒަރުތައް ހިތްފަސޭހަވެ ލޮލަށް ފިނިކަން ލިބެން ފެށިއެވެ. ހަނދު ފަރުދާގެ ތެރެއިން ނިކުމެ މުޅި ކާއިނާތަށް އަލިކުރަން ފެށިއެވެ. ތަރިތަކުގެ ވިދުން މާބޮޑަށް ފައުޅުވާން ފަށިއެވެ.

އިތުރަށް އިންތިޒާރު ކުރުމުގެ ހިތްވަރެއް މިހާރަކު ޢާޞިފްގެ ކިބައަކު ނެތެވެ. ވީމާ ފަރުޖާދަށް އާދޭސްކޮށްގެން މިއަދު އޭނާ އަވަށަށް އައެވެ. އޭނާ އާދޭސް ކުރިވަރުން އޭނާއަށް ހުއްދަދޭން ފަރުޖާދަށްވެސް މަޖުބޫރުވިއެވެ. ޢާޞިފަށް ފުރިހަމަ ޞިއްޙަތު ލިބުމާއި ފަރުޖާދު ޝަހަރަށްދާން ޖެހުންވެސް އޭގެތެރޭގައި ހިމެނެއެވެ.

ޢާޞިފް އެރޭ ޙަވޭލީއަކަށް ނުދެއެވެ. އެދުވަހު އައި ޠޫފާން ރަނގަޅު އުޒުރަކަށްވިއެވެ. އޭނާގެ ފިޔަވަޅުތައް އިޝްޤުގެ މަގުގައި ސަޖިދަ ކުރުމަށްޓަކައި ކެތް މަދުވަނީއެވެ. އެހެންކަމުން އެރޭގެ ހަތަރުދަން އެއަވަށުގައި ހޭދަކުރަން އޭނާ ބޭނުންވެއެވެ.

އެރޭގެ ވަރަށް ދަންވަންދެން އޭނާގެ ޙާލު ދެކެން މީހުން އައެވެ. ވީމާ އެމީހުންގެ ކިބައިން އޭނާއަށް ސަލާމަތް ވެވުނީ ވަރަށް އުދަގުލުންނެވެ. ފުރުޞަތު ލިބުމާއެކު އޭނާ ގޮސް ކޯރުގެ ކައިރީގައި އިނދެގެން ގުލްބާނޫއަށް އިންތިޒާރު ކުރަންފެށިއެވެ. ފެހިކަން ގަދަ ވިނަތަކާއި ދޮވެވި ސާފުވެފައިވާ ހުރި ގަސްތަކާއި ހިލަތަކުގެ ތެރޭގައި އޭނާ އިނެވެ. ގިނައިރު ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޯރުގެ ގޮނޑުދޮށުގައި އޮތް ވެލިގަނޑުވެސް ވިދަވިދާ އޮތެވެ. ގުލްބާނޫ މަޑުމަޑުން ފިޔަވަޅު އަޅަމުން ހިނގާފާ ދެއެވެ. އޭނާ ލައިގެން ހުރީ މާޖެހި ފޮއްޗަކުން ފަހާފައިވާ ހެދުމެކެވެ. ބޯސާލެއް ކޮނޑުމަތިން ފުރަގަހަށް ވައްޓާލާފައި އޮތެވެ……. ފަރުބަދަމަތީގެ ޒުވާން އަންހެން ކުދިން އަޅާ ހެދުމަކީ ޢާޞިފަށް ވަރަށް ރީތި ހެދުމެކެވެ. އެހެދުން ލައިގެން އެނާ އެއައީ ޢާޞިފަށް ރީތިވީމާކަންވެސް ނޭގެއެވެ.

މާދުރުން އޭގެ ދެމީހުންނަށްވެސް އެކަކަށް އަނެކަކު ފެނިއްޖެއެވެ. ދަގަތްފާނީ ބާރުގައި މަޑުމަޑުން އެކަކު އަނެކަކާ ދިމާއަށް ދަމަމުންގޮސް ހިނދުކޮޅެއްގެ ތެރޭގައި އެއްވުޖޫދު ކަމުގައި ވެއްޖެއެވެ. ގުލްބާނޫ ކެތްތެރިކަމެއްނެތި ޢާޞިފްގެ ތަނަވަސް މޭގައި މޫނުޖަހައިގެން ހުރެ ގިސްލާ ރޯން ފަށައިފިއެވެ.

”ގުލްއެވެ.“ އިރުކޮޅަކަށްފަހުގައި ގުލްބާނޫ މުލައްދަނޑީގައި ޙިސޯރުގައި ބޮނޑިކޮށްލަމުން އޭނާގެ މޫނުމައްޗަށް އުފުލައިލިއެވެ. ދެން ޢާޞިފް ހަނދާ ދިމާއަށް ބަލައިލިއެވެ. އެއަށްފަހުގައި ގުލްބާނޫގެ މޫނަށް ބަލައިލިއެވެ. ޔަޤީނެވެ. އުޑުގައި ހުރި ހަނދަށްވުރެ އޭނާގެ އުރުތެރޭގައި ހުރި ހަނދު މާފުރިހަމައެވެ. މާއަލިގަދައެވެ. ޢާޞިފްގެ ހިތަށް އެރިއެވެ. ”ގުލްއެވެ. ރޮނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނާ ދިމާއަށް ބަލައިބަލާށެވެ. އަހަރެން ދިރިހުރީތީ ﷲއަށް ޝުކުރުކުރާށެވެ.“

”އަޅުގަނޑު ޢާޞިފާ ވާހަކައެއް ނުދައްކާނަމެވެ.“ ގުލްބާނޫ ރޮއިގެންފައި ޢާޞިފްގެ އުރުތެރެއިން ލޫދިގެން ދުރަށް ޖެހިލަމުން ބުންޏެވެ.     ”އެއީ ކީއްވެގެން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.

“ ޢާޞިފް ވަރަށް ގޯހެވެ.“ ގުލްބާނޫ ނުރުހުމާއެކު ބުންޏެވެ.

”އެއީ ކީއްވެގެން ހެއްޔެވެ؟“ ޢާޞިފް އަނެއްކާވެސް ބުންޏެވެ.

”ހޮސްޕިޓަލުން ހަވާލީއަށް ދުރުވިތާ އެހާގިނަ ދުވަސްވެފައި އަވަށަށް ނުދުރުވީމައެވެ.“ ގުލްބާނޫ ހަމަ އެރާގުގައި ބުންޏެވެ.

”ގުލް އަހަރެންނަށް އިންތިޒާރު ކުރީމު ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.

”އަޅުގަނޑު އިންތިޒާރެއް ނުކުރަމެވެ. ޢާޞިފާ ވާހަކަ ދައްކާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ.“ ގުލްބާނޫގެ މިއަނިޔާވެރި އަދާގެ ސަބަބުން ކުރިއަށްވުރެވެސް ބޮޑަށް ޢާޞިފް ލޫޓުވިގެން ހިނގައްޖެއެވެ. އޭނާ މަޑުމައިތިރިކަމާ އޯގާތެރިކަމާ ލޯތްބާއެކު ގުލްބާނޫ ރުއްސަން މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަމަވެސް ގުލްބާނޫ ރުޅިމޫނު ދައްކައިގެން ޢާޞިފާ ދުރަށް ދިޔައެވެ. ބައެއްފަހަރު ގެހެއްގެ ނިވަލަށްވަދެ ފިލައެވެ. ބައެއްފަހަރު ޢާޞިފަށް ފުރަގަސްދީގެން ހުރެއެވެ. ޢާޞިފްވެސް އޭނާގެ ފަހަތުން ގޮސް އަތުގައި ހިފާ ގާތަށް ދަމާލައެވެ. އެހެންނޫނީ ކުރިބައްދައެވެ. އެއްފަހަރަކު ޢާޞިފް އޭނާގެ އަތުގައި ހިފާ ތަންކޮޅެއް ބާރުކޮށްލުމުން އޭނާ ހަޅޭއްލައިގެންފިއެވެ.

”އަހަރެންނާ އަނގައިން ބުނާނަން ހެއްޔެވެ؟ ނުވަތަ ނުބުނާނަން ހެއްޔެވެ؟“ ޢާޞިފް ދެނަހުރިކަމަށް ނުހަދާ ހަމަ އެގޮތަށް އޭނާގެ އަތުގައި ހިފައިގެންހުރެ ބުންޏެވެ.

”ވާހަކަ ދައްކާނަމެވެ. ވާހަކަ ދައްކާނަމެވެ.“ ގުލްބާނޫ އަވަސް އަވަހަށް ބުންޏެވެ.

”އެންމެ ކުރިން އަތުން ދޫކޮށްލައްވާށެވެ. ވާހަކަ ދެއްކޭނީ އޭގެފަހުންނެވެ.“

”ރުޅިއަންނަންވީ އަހަންނެވެ.“ ޢާޞިފް ހިލަގަނޑެއްގެ މަތީގައި އިށީންނަމުން ބުންޏެވެ.

”ކީއްވެގެންތޯއެވެ؟“ ޢާޞިފްގެ ކުރިމައްޗަށް ހުއްޓިހުރެ އަތުގައި ފިރުމަމުން ގުލްބާނޫ ބުންޏެވެ.

”އަހަރެން މަރުގެ ތުންފަތްމަތީގައި އޮތްއިރު އަހަރެންގެ ޙާލު ދެކެލަންވެސް ގުލްބާނޫ ނައީމުއެވެ. އެހަމަލާއިން އަހަރެން މަރުވިނަމަ…….“ ޢާޞިފް ހަމަ ގަސްތުގައި ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. އެވަގުތު ގުލްބާނޫއަށް ކެތްނުކުރެވިގެންގޮސް ޢާޞިފްގެ ދާދިގާތުގައި އިށީނެވެ.

”ތިޔަކަހަލަ ވާހަކަ ނުދައްކަވާށެވެ.“ ޢާޞިފްގެ އަނގަމަތީގައި އަތް އަޅަމުން ގުލްބާނޫ ބުންޏެވެ.

”ވާހަކަ ނުދައްކާންވީ ކީއްވެގެން ހެއްޔެވެ؟ މުލައްދަނޑީގެ ބަދަލުގައި އަހަރެންގެ ހިތަށް ނުވަތަ ބޮލަށް ވަޒަން އެރިނަމަ ޔަޤީނުންވެސް އަހަރެން މަރުވީހެވެ.“ ޢާޞިފް ބުންޏެވެ.

”މާތްކަލާކޯއެވެ؟“ ގުލްބާނޫ ބުންޏެވެ.

”ހަމައެކަނި މާތްކަލާކޯއޭ ބުންޏަކަސް ކަމަކުނުދާނެއެވެ. ގުލް ބޭނުންނަމަ އަހަރެންނަށް ގޮވާލަން ހޮސްޕިޓަލަށް ދެވުނީހެވެ.“ ޢާޞިފް ބުންޏެވެ.

“ ޢާޞިފެވެ. އަޅުގަނޑަށް ހޮސްޕިޓަލަށް ދެވޭނީ ކިހިނަކުންތޯއެވެ؟“ ގުލްބާނޫ ބުންޏެވެ.

”އަވަށުގެ އަންހެނުންނާއި ފިރިހެނުން އަހަރެންނަށް ގޮވާލަން ދިޔަގޮތަށް ގުލްއަށްވެސް ދެވުނީހެވެ. ޙަވޭލީއަށްދިޔަ މީހުންގެވެސް ޢަދަދެއް ނޭގެއެވެ. އަހަރެންނާ ދޭތެރޭގައި ކުޑަކޮށްވެސް ގުލް ޚިޔާލުކުރާނަމަ އެއްފަހަރު ނަމަވެސް ޙަވޭލީއަށް ދިޔައީހެވެ.“ ޢާޞިފް ބުންޏެވެ. އެހެން ބުނިއިރު ޢާޞިފް ސީރިއަސްވެފައި އިންވަރުން ގުލްބާނޫ ކަންބޮޑުވިއެވެ. ”މީހެއްގެ އަތުގައި މެސެޖެއް ފޮނުވާލި ނަމަވެސް އަހަރެން ކިހާ ހިތްހަމަޖެހުނީސް ހެއްޔެވެ؟“ ޢާޞިފް ދެރަވެލާފައި އިންގޮތް ދައްކާލިއެވެ.

“ ޢާޞިފްއެވެ. މެސެޖު ފޮނުވާނީ ކާކުގެ އަތުގައިތޯއެވެ؟“ ގުލްބާނޫ ދެރަވެލާފައި މިހެން ބުނެލިލެއް ސާދާކަމުން ޢާޞިފްގެ ގާތަށް ހިނިއައެވެ.

”އެންމެ ރަނގަޅެވެ. ހިސާބު ބަރާބަރުވީ ނޫންހެއްޔެވެ؟“ ގުލްބާނޫގެ މަޑުމަޑު އަތުގައި ހިފާލަމުން ޢާޞިފް ބުންޏެވެ.

”އަދި ނުވެއެވެ.“ ގުލްބާނޫ ބުންޏެވެ.

”އެއީ ކީއްވެގެން ހެއްޔެވެ؟“ ޢާޞިފް ސުވާލިކުރިއެވެ.

”ޙަވޭލީއަށް ދުރުވެފައި އަވަށަށްވެސް ޢާޞިފަށް ދުރުވެވުނީހެއްޔެވެ.“ ގުލްބާނޫ ބުންޏެވެ.

”އަވަށަށް އަންނަހިތުން އަހަރެން ކެތްމަދުވެފައިވާވަރު ގުލްއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟“ ޢާޞިފް ބުންޏެވެ.

”ފަރުޖާދު އަހަރެން އަޔަނުދިނީއެވެ.“ ޢާޞިފް ބުންޏެވެ.

”އެއީ ކީއްވެގެންތޯއެވެ.“ ގުލްބާނޫ ސިހިފައި ބުންޏެވެ. ނަމަވެސް އޭނާ ސިހުނުކަން ޢާޞިފަކަށް އިޙްސާސެއް ނުކުރެވެއެވެ. އެހެންކަމުން ފަރުޖާދު އޭނާދެކެ ލޯބިވާވަރާއި ފަރުޖާދުގެ ހެޔޮކަމާއި އިޚްލާސްތެރިކަމުގެ ވާހަކަ ގުލްބާނޫއަށް ކިޔައިދެމުންގޮސް އަނެއްކާވެސް ޢާޞިފް ބުންޏެވެ.

”ފަރުޖާދަށް ބާރުހިނގާނޭނަމަ މިއަދުވެސް އަޔަކު ނުދިނީހެވެ. މިހާރު އޭނާ އެއުޅެނީ އަހަރެން މަރުން ސަލާމަތްވީތީ އެކަމުގެ އުފަލުގައި ވަރަށް ކުލަގަދަ ޕާޓީއެއް ބާއްވަންވެގެންނެވެ. އެޕާޓީއަށް ބޭނުންވާ އެއްޗެހި ހޯދަން މިއަދު އޭނާވަނީ ޝަހަރަށްގޮހެވެ. އޭނާ އަހަރެންދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އެއީ އަހަރެންގެ ކޮއްކޮއެވެ. އެއީ ލޯބިވެތި އިންސާނެކެވެ.“

”ތިޔައީ ތެދެކެވެ. ކުޑަސާހިބަކީ ވަރަށް މާތް އިންސާނެކެވެ.“ ގުލްބާނޫ ބުންޏެވެ. ”އަޅުގަނޑުގެ ބައްޕަ ބަލިވެ އުޅެނިކޮށް ބައްޕައަށް ހިލޭ ބޭސްކޮށްދިނެވެ. ކުޑަސާހިބު އެހީނުލެއްވިނަމަ ބައްޕައަށް ވާނޭގޮތެއްވެސް ނޭގެއެވެ.“ ގުލްބާނޫ ވަރަށް އަސަރާއެކު ފަރުޖާދުގެ ހެޔޮކަމާއި އިޚްލާސްތެރިކަމުގެ ވާހަކަ ދެއްކިއެވެ. އެއަޑު އިވުނީމާ ޢާޞިފް ވަރަށް ބޮޑަށް އުފާވިއެވެ. ވާނީވެސް އެހެންތާއެވެ. އަވަށުގެ އެންމެންގެ ދޫތަކުންވެސް އިވެނީ ފަރުޖާދަށްޓަކައި ތަޢްރީފުގެ ބަސްތަކެވެ. ފަޤީރުންގެ ހިތްތަކުން ކުރެވެނީ ފަރުޖާދަށްޓަކައި ހެޔޮދުޢާތަކެވެ. ރަށްފުށުގެ މީހުންގެ ތެރޭގައި ފަރުޖާދަކީ މިހާރު މަޤްބޫލު މީހެކެވެ. އެކަމާ އުފާވާންވީ ޢާޞިފް ފިޔަވާ އެހެން ކާކު ހެއްޔެވެ؟ އެހާތަނަށްވެސް ފަރުޖާދަކީ ރަށްފުށުގެ މީހުންދެކެ ފޫހިވާ ރަށްފުށުގެ މީހުންނާ ދުރުގައި މުޅިން ވަކިން ދިރިއުޅުނު މީހެކެވެ. އެކަހަލަ މީހަކަށް އެއައި ހެޔޮ ބަދަލަކީ ﷲއަށް ޝުކުރުކޮށްގެން އުފާކުރަން ޖެހޭވަރުގެ ބަދަލެކެވެ.

ޢާޞިފާއި ގުލްބާނޫ އެތަނުގައި ވާހަކަ ދައްކަން ތިއްބެވެ. ބައްދަލުވުން ދިގުލަމުން ދިޔައެވެ. އެންމެފަހުން މައުޞޫ ބަދަލުވެ ގުލްބާނޫގެ ބައްޕަގެ ވާހަކަ ފެށިއެވެ.

”މިހާރު ބައްޕަ ހާލު ކިހިނެއް ހެއްޔެވެ؟“

”މިހާރު ވަރަށް ރަނގަޅެވެ.“ ގުލްބާނޫ ބުންޏެވެ. ”މީގެ ދިހަބާރަ ދުވަސް ކުރިން ބައްޕަގެ ޙާލު ވަރަށް ދެރައެވެ. ކާއެތިކޮޅެއް، ބޯފެންތިކެއްވެސް ނުދިރެއެވެ. ތެދުވެއެއް ނޫޅެވެއެވެ. އަޅުގަނޑު ވަރަށް ހާސްވިއެވެ. ވާނީވެސް އެހެން ނޫންތޯއެވެ؟ އަޅުގަނޑުގެ ކަންތަކާ މާބޮޑަށް ބައްޕަ ފިކުރު ކުރަނީއެވެ.“ ގުލްބާނޫ މައިނޭވާއެއްލިއެވެ.

”ގުލްގެ ކަންތަކާ ފިކުރު ކުރަންވީ ކީއްވެގެން ހެއްޔެވެ؟ ގުލްއަކީ ރަނގަޅު ބަސްއަހާ ކުއްޖެއް ނޫންހެއްޔެވެ؟“ ލާނެތް ގޮތަކަށް ގުލްބާނޫއާ ދިމާއަށް ބަލައިލަމުން ޢާޞިފް ބުންޏެވެ.

”ހުރިހާ ފިކުރެއް ކުރަންޖެހޭނީ ބައްޕަ ނޫންތޯއެވެ؟ އަޅުގަނޑުގެ މަންމައެއްވެސް ނެތެވެ. ބައްޕަގެ ތިމާގެ މީހުންވެސް ތިބީ ހިލައަށްވެފައެވެ. ބައްޕައަށް ކަމެއް ވެއްޖެއްޔާ އަޅުގަނޑަށް ޖެހޭނީ ކޮންހާލެއްހެއްޔެވެ؟ ބައްޕަ ފިކުރު ކުރަންޖެހޭ ސަބަބަކީ އެއީއެވެ.“ އަސަރުން ފުރިފައިވާ އަޑަކުން ގުލްބާނޫ ބުންޏެވެ.

”ގުލް ތިޔަހެން ތިޔަބުނަނީ އަހަރެންވެސް ހުއްޓާހެއްޔެވެ؟ ގުލްއެވެ. މީގެފަހުން ތިޔަހެން ބުނެގެން ނުވާނެއެވެ. މިހާރު ޢާޞިފް އަބަދުގެ އަބަދަށް ގުލްގެ މީހަކަށް ވެއްޖެއެވެ.“ ގުލްބާނީ ދެރަވެފައި އިންވަރުން އޭނާގެ ހިތްހަމަޖައްސައިދިނުމަށްޓަކައި ޢާޞިފް ވާހަކަ ބަދަލުކޮށްލިއެވެ.

”ބައްޕައަކަށް ތިޔަކެމެއް ނޭގޭނެއެވެ. ވީމާ ބައްޕަގެ ފިކުރަކަށް ބަދަލެއް ނާންނާނެ ނޫންތޯއެވެ؟“ ގުލްބާނޫ ސާދާކަމާއެކު ބުންޏެވެ.

”ތިޔަހެންވިއްޔާ ދެން ބައްޕަގެ ގާތުގައި ބުނަންވީއެވެ.“ ޢާސިފް މިހެން ބުނެފައި ލާނެތް ގޮތަކަށް ހީލިއެވެ. ”ތިޔަ ބުނުއްވީ ކީކޭތޯއެވެ؟“ ގުލްބާނޫ ދެލޯ ބޮޑުވިއެވެ.

”ގުލް………..“ ޢާޞިފް މަޑުމަޑުން ގުލްބާނޫގެ ކޮނޑުގައި އިނގިލި ޖައްސާލިއެވެ.

”އަޅުގަނޑާއި ވަކިން………“ ގުލްބާނޫ އަމިއްލައަށް މޭގައި އަތް އަޅާލިއެވެ. ”ނޫޅުއްވެވޭނެ ވާހަކަތޯއެވެ؟ މާތްކަލާކޯއެވެ. އެކަހަލަ ވާހަކައެއް ބައްޕަގެ ގާތުގައި ބުނުއްވައިގެން ނުވާނެއެވެ.“

”ތިޔަހެންވިއްޔާ އަހަރެން ބުނަންވީ ކީކޭހެއްޔެވެ؟“ ގުލްބާނޫއަށް ގޯނާކޮށްލުމުގެ ގޮތުން ޢާޞިފް ބުންޏެވެ.

”އަޅުގަނޑަކަށް ނޭގެއެވެ.“ ގުލްބާނޫ ލަދުން އިސްޖަހާލިއެވެ.

ނަލަ ހަދުވަރެކެވެ. ދެ ލޯބިވެރިންގެ ލޯބިން ފުރިފައިވާ ދެހިތް އެއްފަހަރާ ހަމަހިމޭންކަމުގެ ބަސްމޮށުމުން ބައެއްފަހަރު ފަށުވި ޢިބާރާތްތަކުން އެކަކު އަނެކަކަށް ޙާލު އޮޅުންފިލުވައިދީ ޙާލު އަޑު އަހަމުން ގެންދިޔައެވެ. އެގޮތުގައި ވަރަށްގިނަ ވަގުތު ހޭދަވެގެން ދިޔައެވެ. ރޭގަނޑުގެ ބޮޑު ބައެއް ފާއިތުވެގެން ދިޔައެވެ. ޖައްވު ހިމޭންވެ ކޯރުގެ ރާޅުތަކުގެ އަޑު ގަދަވަމުން ދިޔައެވެ. އަވަށުގެ މަގުތަކުގައި ދުވާ އާވާރާ ކުއްތާތަކުގެ އަޑު ގުގުމަމުން ދިޔައެވެ.

”ދެން އަޅުގަނޑު ދަނީއެވެ.“ ގުލްބާނޫ ބުންޏެވެ. ”އަޅުގަނޑު މިއައީ ބައްޕަގެ ގާތުގައި ޖީރޫ ބައިންދާފައެވެ. އެނާވެސް އަޅުގަނޑަށް އިންތިޒާރު ކުރާނެއެވެ. ބައްޕައަށްވެސް ހޭލެވިދާނެއެވެ.“

”މިހާރު ދިޔަޔަސް މާދަމާރޭ މިތަނަށް އަންނަންވާނެއެވެ.“ ޢާޞިފް ބުންޏެވެ.

”އާދެވޭނެ ކަމެއް ނޭނގެއެވެ.“ ގުލްބާނޫ ލާނެތް ގޮތަކަށް ބުންޏެވެ.

”ނޫނެކެވެ. ހަމަ ކޮންމެހެންވެސް މާދަމާރޭ މިތަނަށް އަންނަން ވާނެއެވެ. އަހަރެން އިންތިޒާރު ކުރާނަމެވެ.“ ޢާޞިފް ބުންޏެވެ.

”އެންމެ ރަނގަޅެވެ. އާދެވޭތޯ ބަލާނަމެވެ.“ ގުލްބާނޫ މިހެން ބުނެފައި ތެދުވެއްޖެއެވެ. ޢާޞިފް ތެދުވެގެން އޭނާއާ އެކުގައި ހިނގައިގެންފިއެވެ. ފާލަމުގެ ކޮޅާ ހަމައަށް ގޮސް ދެމީހުން ހުއްޓުނެވެ. އެކަކު އަނެކަކަށް ވަދާޢުގެ ސަލާމް ކުރިއެވެ. އެއަށްފަހުގައި އަނެއްކާވެސް ޢާޞިފް ބުންޏެވެ.

”ކޮންމެވެސް ހަދާންކޮށް މާދަމާރެއިން އަންނަންވާނެއެވެ. ގުލްއެވެ. މިއީ ދުވަސްކޮޅެއްގެ ކަމެކެވެ. އެއިރުން އަހަރެމެން މިގޮތަށް ސިއްރު ސިއްރުން ބައްދަލުވާކަށް ނުޖެހޭނެއެވެ.“ ޢާޞިފް ބުންޏެވެ.

”އެއީ ކީއްވެގެންތޯއެވެ؟“ ގުލްބާނޫ ބުންޏެވެ.

”އަހަރެން ވަރަށް އަވަހަށް ގުލްގެ ބައްޕަގެ އަތުން އަބަދުގެ އަބަދަށް ގުލް އަތުލާނަމެވެ.“ ޢާޞިފް މިހެން ބުނުފައި އެއްއަތުން ގުލްބާނޫގެ ދަތްދޮޅީގައި ހިފާލިއެވެ. އަނެއްއަތުން ގުލްބާނޫ ގަޔާލާ ބޮނޑިކޮށްލިއެވެ.

”ތިއީ ކޮންކަމެއްތޯއެވެ؟ ޢާޞިފްއެވެ. މާބޮޑަށް ލާނެތްވެނުލައްވާށެވެ.“ ގުލްބާނޫ ހީލާފައި ޢާޞިފް ދުރަށް ޖައްސާލިއެވެ. ދެން ގެއަށް ދިއުމަށްޓަކައި ހިނގައިގެންފިއެވެ. އޭނާގޮސް އޮބާލަންދެން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ފާލަމުގެ ކޮޅުގައި ޢާޞިފް ހުއްޓެވެ.

 

*********

 

 

 

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.