އަލްބަރަކް ގެއިން ނިކުންނަނީ ނަމަ އަބަދުވެސް ނިކުންނާނީ ވަރިއެއްގެ ހައިބަތުކަމާއެކުގައެވެ. ނަމަވެސް ކުޅިވަރުގެ މައިދާނުން އެއްކަލަ އަންހެން ކުއްޖާ އާއި ބައްދަލުވީ ފަހުން ތިންވަނައަށް ވީރޭ އޭނާ ގެއިން ނިކުތީ މުލު ވަގުކަލޭގެ ވައްކަންކަރަން ދާން ނިކުންނަ ފަދައިންނެވެ. ގޭގެ ދޮރުއަށި ހިއްލާލައިފައި ބޭރަށް ނިކުމެ ދެފަރާތަށް ބަލާލުމަށްފަހު ކުރިއަށް ހިގައިގެންފިއެވެ. މުޅި ޤާހިރާ އޮތީ ހަމަހިމޭން ކަމުގެ ތެރެއަށް ގެބިފައެވެ. ކުޅިވަރު ނިމިގެން މީހުން ދިއަތާ މިހާރު ދެދުވަސް ވެއްޖެއެވެ. ކުޅިވަރު ފެށެންވާއިރަށް ވަޤުތީގޮތުން ހުޅުވުނު ގަހުވަޚާނާތައްވެސް ސަރުކާރުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން ބަންދު ކުރެވިއްޖެއެވެ. ޢަލީ ބިން ސުފިޔާނާއި އެމަނިކުފާނުގެ މަހްކަމާގެ މީހުން އަވަދިނެތި މަސައްކަތުގައި އުޅެމުން ގެންދެއެވެ. ކުޅިބަލާށާ ކުޅިވަރުގައި ބައިވެރިވުމަށް އައި މީސްމީހުންގެ ތެރެއިން ޤާހިރާ އާއި ކައިރި ކައިރީގެ އަވަށްތަކުގައި މިހާރުތިބީ ކިތައް މީހުންތޯއާއި ކޮންބައެއްތޯ ބަލާ ތަހްގީގް ކުރަމުން ގެންދެއެވެ. ނުގޮސް ތިބި މީހުންގެ ތެރޭގައި ޝައްކު ކުރެވޭ ފާޑުގެ ފިރިހެނުންނާއި އަންހެން ކުދިންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިންޓެލިޖެންސް ޖަމިއްޔާގެ މީހުންނަށް ޢަލީ ބިން ސުފިޔާން އަންގަވާފައިވެއެވެ. – ސުލްޠާން އައްޔޫބީ ކުޅިވަރު މުބާރާތް ބޭއްވެވި މަޤްސަދު ފުރިހަމަ ވެއްޖެއެވެ. ކުޅިވަރު ނިމުނުތާ ދެދުވަހުގެ ތެރޭގައި ދެހާސް ޒުވާނުން ސިފައިންގެ ތެރެއަށް ވަދެއްޖެއެވެ. އަދި އިތުރަށް މީހުން ވަންނާނޭކަމަށް އުއްމީދު ކުރެވެއެވެ.
އަލްބަރަކް ޝަހްރުގެ އާބާދީން ނިކުމެގެންގޮސް އެއްކަލަ ވީރާނާ އިމާރާތަށް ވަދެއްޖެއެވެ. އަންހެން ކުއްޖާވެސް އޮތީ އެ އިމާރާތައް އައުމަށް ވައުދު ވެފައެވެ. އެއީ ރޭގަޑުގެ ވަގުތު ކަމުން ސަހަރާގެ ހިޔަޅުތައް ފިޔަވާ އެހެން ހުރިހާ އެއްޗެއް ވަނީ ފުންނިދީގެ ތެރެއަށް ގަރަޤު ވެފައެވެ. އަންހެން ކުއްޖާއަކީ މުސްކުޅިޔާގެ ޤައިދީއެއްކަމާއި އަބަދުވެސް އޭނާ ބަލަހައްޓަން މީހުން ތިބޭކަމުގައި އަލްބަރަކްގެ ގާތުގައި އަންހެން ކުއްޖާ ބުނެފައި އޮތް ނަމަވެސް އެތަނަށް އޭނާ އަންނާނޭ ކަމުގެ އުއްމީދާއި ޔަގީންކަން އަލްބަރަކް އަށް އޮތެވެ. އަތުވެދާނޭ ނުރައްކަލަކުން ދިފާޢު ވުމަށްޓަކައި އަލްބަރަކް ޚަންޖަރެއް ގެނައެވެ. އަންހެނުންނަކީ ވަރަށް ވަރުގަދަ ޖާދޫއެކެވެ. ސިހުރެކެވެ. މިސިހުރު މީހަކަށް ޖެހިއްޖެއްޔާ ދުނިޔޭގެ ފަރުވާއެއް ނުބަހައްޓައެވެ. ބުއްދިއާއި ވިސްނުންވެސް އެމީހަކު ދޫކޮށްފާހިގާ ދެއެވެ. އަންހެން ކުއްޖާއާއި ބައްދަލުވުމުގެ ކުރިން އަލްބަރަކް އަކީވެސް ބުއްދިވެރި އަދި އެހާމެ ވިސްނުންތޫނު ފުރިހަމަ ފިރިހެނެކެވެ. – އެކަމަކު މިހާރު އޭނާ އެހެރީ މޮޔަޒުވާނަކަށް ވެފައެވެ. އަލްބަރަކް އިންތިޒާރުގައި ހުއްޓާ އިމާރާތާއި ދިމާއަށް އައި ކަޅުކުލައިގެ ހިޔަންޏެއް ބާރުބާރަށް ހިގާފައި އައިސް އިމާރާތުގެ ތެރެއަށް ވަދެއްޖެއެވެ. އެހިޔަނި އިމަރާތުގެ ތެރެއަށް ވަނީ ފާރުން ހެދިފައިއޮތް ބާގަޑަކުންނެވެ. އަލްބަރަކް ހުރި ހަމަ އެދިމާގައި ހުރި އަދިރި ކޮޓަރިއެއްކަހަލަ ތަނެއްގައެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން އެހިޔަނިވެސް އައިސް ވަނީ ހަމަ އެ ކޮޓަރިއަށެވެ. އޭރު އެކޮޓަރީގެ ފަންގިފިލާގެ މަތިން ދޫންޏެއް ފިޔަތަޅާއަޑު އިވެއެވެ. ކަނުއަދިރީގެ ތެރޭގައި އަލްބަރަކްއަށް ތަނެއް ދޮރެއް ނޭގިގެން އުޅެނިކޮށް އޭނާގެ ކަންކައްޓަށް ވަރުގަދަ އެތިފަހަރެއް އަރައިފިއެވެ. އެއާއެކުގައި ”ޗީ ޗީ“ އޭ ބުނާއަޑު އިވިއްޖެއެވެ. އެއީ ވަލެއްގެ ފިޔަގަޑުން އެރި ހަމަލާއެއް ކަމާއި އެ އިވެނި ވައުގޮވާ އަޑުކަން އަލްބަރަކްއަށް އެގުނީ އިރުކޮޅެއްގެ ފަހުންނެވެ. ވީމާ އެކަން އެގުމާއެކު ވާލުގެ ހަމަލާއިން ސަލާމަތްވުމަށްޓަކައި އަލްބަރަކް ކުއްލިއަކަށް ތިރިވެ ހަތަރެސްފައި ޖަހައިގެން ފިރުކިފައިގޮސް އެ ކޮޓަރިން ނިކުމެއްޖެއެވެ. ނަސީބު ރަގަޅުކަމުން އެތަނުން ވަރަށް ފަސޭހައިން އޭނާއަށް ސަލާމަތްވެވިއްޖެއެވެ. އެއީ ނުރައްކައުތެރި ކޮޓަރިއެކެވެ. އެއީ ވަލުގެ ހާލިގަޑެކެވެ. ވައުތައް ވަދެ އެތަން އޮތީ ފުރާލާފައެވެ.
އަލްބަރަކް ހަތަރެސްފައި ޖަހައިގެންގޮސް އިމާރާތުގެ ފެންޑާއަށް ވަދެއްޖެއެވެ. އަބަދު ބަލަހައްޓަމުން ގެންދާ އަޅު އަންހެނަކު ރޭގަޑުގެ ވަގުތުގައި ޝަހަރުން ބޭރުގައި ހުރި ފަޅު އިމާރާތަކަށް އާދެވުމަކީ ކިހާ އުދަގޫ ކަމެއްކަންވެސް އަލްބަރަކްގެ ހިތަކަށް ނާރައެވެ. އޭނާއަށް ހީވަނީ ހަމަ ދެންމެ ދެންމެ އެ ކުއްޖާ އަތުވެދާނޭ ކަމުގައެވެ. – އޭނާ ކެތްތެރިކަމެއް ނެތި އަންހެން ކުއްޖާގެ އިންތިޒާރުގައި ހުއްޓާ ފެންޑާގެ ތެރެއިން މީހެއްގެ ހިލަންވީހެން ހީވެގެން އަވަސް އަވަހަށް ޚަންޖަރުނަގާ ސަމާލުވެގެން ހުއްޓާ އަނެއްކާވެސް ބޯމަތީގައި ވާލެއް ބުރުޖަހާލައިފިއެވެ.
”ޢާސިފާއެވެ…….“
ފުރަތަމަ ބައްދަލުވި ދުވަހު އަންހެން ކުއްޖާ ބުނެފައިވާ ނަމުން އަލްބަރަކް މަޑުމަޑުން ގޮވާލައިފިއެވެ.
”ސާހިބާ ދުރުވީތޯއެވެ؟“ އަދިރިކަނަކުން ނިކުމެގެން ދުވެފައިއައިސް އަލްބަރަކްގެ ގައިގާ އޮޅުލައިގަންނަމުން އާސިފާ ބުންޏެވެ. ”އަޅުގަނޑު މިތަނަށް މިއައީ ކަލާއަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލާފައެވެ. ވަރަށް އަވަހަށް އަޅުގަނޑު އެބުރި ދާންވާނެއެވެ….. އަޅުގަނޑު ގެއިން ނިކުތީ ނިދިއަންނަ ކަހަލަ ކުޑިއެއް ރަލާއެއްކޮށްފައި މުސްކުޅިޔާއަށް ބޯން ދިނުމަށްފަހުގައެވެ. މާބޮޑަށް ލަސްވާންވެއްޖެނަމަ މުސްކުޅިޔާ ހޭލަފާނެއެވެ.“
”ރަލާ އެއްކޮށްފާ އޭނާއަށް ޒަހަރު ބޯންދޭކަށް ކަލެއަކަށް ނުކެރޭނޭ ހެއްޔެވެ؟“ އަލްބަރަކް ސުވާލުކުރިއެވެ.
”ދުވަހެއްގައިވެސް އަޅުގަނޑު ގަތުލެއް ނުކުރަމެވެ.“ އަންހެން ކުއްޖާ ބުންޏެވެ. ”މިގޮތަށް ހިލޭފިރިހެނަކާއި ބައްދަލު ކުރަން މިކަހަލަ ފަޅުތަނަކަށް އައުމަކީވެސް އަޅުގަނޑުގެ ހިތަށް އަރާފައިވާ ކަމެއް ނޫނެވެ.“ އަންހެން ކުއްޖާ މިހެން ބުނާއިރަށް އެކުއްޖާގެ ގައިގާ އަލްބަރަކް އޮޅުލައިގެންފިއެވެ. އެ ވަގުތު ކުއްލިއަކަށް މުޅިތަނަށް އަލި ވެގެން ހިގައްޖެއެވެ. އޭނާ އެންމެ ކުރިންހުރި ކޮޓަރިން ބޮޑު ސިންގާ ދެކޮރުދަން އެދިމާއަށް ދިއްކޮށްފާ ހުއްޓާ ފެނިއްޖެއެވެ. މިކޮރުދަންތައް ފެނުމާ އެކު އަލްބަރަކް އަވަސް އަވަހަށް އާސިފާގެ ގައިން ދޫކޮށްލާފައި އޭނާގެ ފުރަގަހަށް އާސިފާ ކޮށްޕާލައިފިއެވެ.
”ދެމީހުން ގަތުލު ކޮށްލާށެވެ.“ އެއީ ވީރާނާވެ ފަޅުވެފައި ހުންނަ ތަންތަނުގައި އުޅޭ ކަމަށް މީހުން އެބުނާ ކަހަލަ ބަދުރޫޙެއްތޯ ނުވަތަ އާސިފާގެ ފަހަތުންއައި ބައެއްތޯ ވިސްނާލަން އަލްބަރަކް މަޑުކޮށްލައިގެން ހުއްޓާ ކޮންމެވެސް މީހެއްގެ އަމުރުވެރިއަޑު އިވިގެން ހިގައްޖެއެވެ.
ކޮރުދަންތައް ކައިރިވަމުން އައި ވަގުތު އެއަލީގެ ތެރެއިން އެކަކުގެ އަތުގައި ޚަންޖަރު އަނެއް ތިންމީހުންގެ އަތުގައި ކަނޑި ހުއްޓެވެ. އެމީހުން އަލްބަރަކް މެންނާއި ދާދިގާތަށް ހުއްޓިފައި ކޮރުދަންތައް ބިންމައްޗަށް ޖަހައިފިއެވެ. ދެން ހަތަރުމީހުން އެއްފަހަރާ އަލްބަރަކްމެންގެ ވަށައިގެން ހިގަން ފަށައިފިއެވެ. އޭރުވެސް އާސިފާހުރީ އަލްބަރަކްގެ ފުރަގަހުގައެވެ.
”އަތުލައި ގަނެވިއްޖެ ހެއްޔެވެ؟ އެއްގޮތަކަށްވެސް ދިރިތިއްބާ ދޫނުކޮށްލާށެވެ.“ މިފަހަރު އެއިވުނީ އާސިފާގެ މުސްކުޅި ފިރިމީހާގެ އަޑެވެ.
”ކުރިއަށް އައިސް އަހަރެން ގަތުލުކުރާށެވެ.“ އަލްބަރަކްގެ ކުރިއަށް ނިކުމެ އޭނާގެ އައްޑަނަ އަކަށްވެގެން ހުރެ މުސްކުޅިޔާ އާއި ދިމާއަށް އާސިފާ ބުންޏެވެ.
”މަރުވުމުގެ ކުރިން މި ޚަންޖަރުގެ ތޫނުކަން ދެކެލާށެވެ. އެކަމަކު ކަލޭގެ ކުރިން މަރުވާނީ މިހިރަ މީހާއެވެ. އެމީހަކަށްޓަކާ ކަލޭ މިތަނަށް އައިސް ތިޔަހަރަ މީހާ ކަލޭގެ ކުރިމާތީގައި ތެޅިތެޅި މަރުވާތަން ކަލޭ ދެކޭނެއެވެ.“ ހަތިޔާރު ހިފައިގެން ތިބި ހަތަރު މީހުންގެ ތެރެއިން ޚަންޖަރު ހިފައިގެން ހުރި މީހާ ކުރިއަށް ޖެހިލާފައި އާސިފާގެ އަރިކަށީގައި ޚަންޖަރުގެތުޑު ޖައްސާލަމުން ބުންޏެވެ.
އާސިފާ ކުއްލިއަކަށް ޚަންޖަރުގެ މައްޗަށް ޖެހިގަންނަމުން ޚަންޖަރު ހިފައިގެން ހުރި މީހާގެ އަތުން ޚަންޖަރު ފޭރިގަނެގެން އެއްފަރާތަކަށް ފުންމައިގަންނަމުން ގޮވާލިއެވެ.
”އަންނާށެވެ. އަންނާށެވެ. އަހަރެންނަށްވުރެ ކުރިން ކަލޭމެންނަށް މީނާ މަރާލެވޭތޯ އަހަރެން ބަލާނަމެވެ.“
އަލްބަރަކް ޚަންޖަރު މަޅައި ގަންނަމުން އާސިފާގެ ކުރިމައްޗަށް އަރާ ހިމާޔަތް ކޮށްފިއެވެ. އެހާތަނަށް ދިޔައިރު އެމީހުނާ އެންމެ ކައިރިއަށް ހުރިމީހާ އާއި އާސިފާ ހަމަލާ ދީފިއެވެ. އެމީހާ ބިރުން ސިހިފައި އެބުރި ދުއްވައިގެންފިއެވެ. އޭނާގެ އެކުވެރިންނަށް އަލްބަރަކްއާއި ހަމަލާ ދޭނނޭ ދަޑިވަޅު ލިބުނެވެ. އެކަމަކު އެމީހުން ހަމަލާ ދިނުމުގެ ބަދަލުގައި އަލްބަރަކްގެ ހަމަލާތަކުން ރެކެމުން އާސިފާއާއި ދިމާއަށް އެއްޗެތި ގޮވަމުން ގެންދިޔައެވެ. އާސިފާވެސް ފަހެއް ނުޖެހެއެވެ. އޭނާގެ އަތުގައި އޮތް ހަތިޔާރުން އެމީހުނާއި ހަމަލާ ދެމުން ގެންދެއެވެ. ނަމަވެސް އޭނާގެ ހުރިހާ ހަމަލާއެއް ދަނީ ހުހަށެވެ. އެއިން މީހަކާ އަލްބަރަކް ހަމަލާއެއް ދީފިނަމަ އެމީހަކު ދުވެފައިގޮސް އާސިފާގެ ހަމަލާއަށް ވަދެއެވެ. އެއްކަލަ މުސްކުޅިޔާ ދުރުގައި ހުރެގެން އެކުވެރިންގެ ލޭހޫނުކޮށް ހިތްވަރުދެމުން ގެންދެއެވެ. އިރުކޮޅެއް ވަންދެން މި ހަގުރާމަ ހިގިއެވެ. އެންމެ ފަހުން މުސްކުޅިޔާވެސް ކަނޑި އުރައިން ދަމައިގަނެގެން އަލްބަރަކްއާއި ހަމަލާ ދިނެވެ. އެކަމަކުވީ އެއްވެސް ކަމެއްނެތެވެ. ދެފަރާތުގެ ހަމަލާތައްވީ ބޭކާރެވެ. އެންމެ ކުޑަމިނުން އެއިން މީހެއްގެ ގައިގާ ކޫރުމެއްވެސް ނޭޅެއެވެ.
”ހިމޭންވާށެވެ.“ ކުށްލިއަކަށް މުސްކުޅިޔާ ހަޅޭއްލަވައިގަތެވެ. އެއަދު އިވުމާއި އެކު އޭނާގެ އެކުވެރިން ހަތިޔާރުތައް ތިރިކޮށް ހަގުރާމަ ހުއްޓާލައިފިއެވެ. ”ތިޔަ ކަހަލަ ބޭވަފާތެރި އަންހެން ކުއްޖަކު ގޭގައި ބައިންދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ތިޔައީ އެހާ ކުޅަދާނަ އެހާ ހިތްވަރުގަދަ ކުޖެއްކަމެއް މީގެކުރިންއަކުން އަހަރެންނަކަށް ނޭގެއެވެ. ތަޅާފޮޅާ ހަގުރާމަކޮށް ގަދަބާރު ދައްކައިގެން އަހަރެން ތިޔަ ކުއްޖާ ގެންދިޔަނަމަވެސް ކުރާނޭ ފައިދާއެއް ނޯންނާނެއެވެ. ތިޔަ ކުއްޖާގެ ހަތިޔާރުން އަހަރެން ގަތުލު ކޮށްލާކަށްވެސް ފަހެއް ނުޖެހޭނެއެވެ.“
”މިކުއްޖާގެ ފުރިހަމަ އަގު އަހަރެން ކަލެއަށް ދީފާނަމެވެ.“ އަލްބަރަކް ބުންޏެވެ. ”ބުނާށެވެ. ކަލޭ މިކުއްޖާގަތީ ކިހާވަރަކަށް ހެއްޔެވެ.“
”އަހަރެން އަތުގައި ފައިސާ މަދެއް ނޫނެވެ. އެއްވެސް އަގަކާ ނުލާ ތިޔަ އަންހެން ކުއްޖާ ކަލެއަށް ދީފާނަމެވެ. ތިޔަކުއްޖާ ކަލޭދެކެ ލޯބިވާވަރު މިހާރު އަހަރެންނަށް އެގިއްޖެއެވެ. މިތިބަ އެންމެންނާ މީނާ ހަނގުރާމަ ކުރީ ހަމަ އެކަނި ކަލެއަށްޓަކައެވެ. އަހަރެން މިއަންހެން ކުއްޖާ ކަލެއާއި މި ހަވާލުކުރަނީ މީނާއަކީ ހަގުރާމަވެރި ނަސްލުގެ އަންހެން ކުއްޖަކަށްވާތީއެވެ. – ކަލެއަކީ ސުލްޠާން އައްޔޫބީގެ ވެރިކަމުގެ އިސްމީހަކަށްވާތީވެސްމެއެވެ. އަހަރެންނަކީ ސުލްޠާން އައްޔޫބީއަށް ވަފާތެރި މުރީދަކީމެވެ. އެހެންކަމުން ކަލޭ ރުޅިއަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ދާށެވެ. މީނާ ގެންދާށެވެ. އަހަރެން މީނާ ވަރިކޮށް ކަލެއަށް ހަވާލު ކުރެވޭގޮތް މެދުވެރި ކޮށްފީމެވެ…… އެކުވެރިންނޭވެ. މީގެ ދެމީހުން އެކަނިކޮށްފައި އަހަރެމެން ހިގާށެވެ.“ – މުސްކުޅިޔާ މިހެން ބުނެފައި އަތް އުފުލާލަމުން ބިމަށް ޖަހާފައި ހުރި ކޮރުދަންތައް ނަގައިގެން އޭނާގެ އެކުވެރިން ހިގައިގެންފިއެވެ.
އަލްބަރަކް ހައިރާން ވީލެއް ބޮޑުކަމުން ފައިދަށުން ބިންގަޑު ދެމިގަނެގެން ދިޔަހެންވެސް ހީވިއެވެ. އާސިފާ ވަރިކޮށް އޭނާއާއި ހަވާލުކުރިކަން އެއީ މުސްކުޅިޔާގެ މަކަރުވެރި ރޭވުމެއްކަމުގައިވެސް ހީކުރިއެވެ. – އެގޮތަށް އާސިފާ އޭނާއާއި ހަވާލުކޮށްފައި މަގުމަތިން ދިމާކޮށްގެން ދެމީހުން މަރާލަން އުޅެނީއޭވެސް ހިތަށް އެރިއެވެ. – އަލްބަރަކް އެކަހަލަ މިކަހަލަ ޚިޔާލެއްގައި އިރުކޮޅަކު ހުރެލާފައި އަންހެން ކުއްޖާ ގޮވައިގެން އެވީރާނާ އިމާރާތުން ނިކުމެއްޖެއެވެ. ކުރިއަށާއި ފަހަތައް ކަނާތް ފަރާތަށާއި ވައަތް ފަރާތަށް ބަލަމުން ކުރިޔަށް ހިގައިގެންފިއެވެ. އެގޮތަށް ހިގާފައި ދާއިރު ކިތަންމެ ކުޑަކުޑަ ހިލަމެއް ވެލިއަސް ސިހިގެންގޮސް ހުއްޓެއެވެ. އަނދިރީގެތެރެއިން އެއްވެސް ކަހަލަ ނުރައްކަލެއް އާދޭތޯ ވިސްނާލަން ހުރެފައި އަނެއްކާވެސް ހިގައިގަނެއެވެ. – އާބާދީއާއި ހަމައަށް ދެވެންދެންވެސް އޭނާގެ ހާލަކީ އެއީ އެވެ.
”ސާހިބާ އާޅުގަޑަށް އިތުބާރު ކުރައްވަމުތޯއެވެ. ނުވަތަ ނުކުރައްވަމުތޯއެވެ.“ އަލްބަރަކްގެ ނުތަނަވަސްކަން ކެޑި ކުޑަކޮށް ހަމަޖެހިލައިފިކަން އެގުމުން އޭނާގެ ކޮޑަށް އަތްއެއްލަމުން އާސިފާ ސުވާލުކޮށްލިއެވެ. މިސުވާލުގެ ޖަވާބުގައި އަލްބަރަކް ވަކިއެއްޗެއް ނުބުނެއެވެ. – ހަމައެކަނި އާސިފާގެ އުނގަޑުގައި ހިފަހައްޓާލާފައި ގަޔާއި ކައިރި ކޮށްލަމުން ނިތްކުރީގައި ބޮސްދީ އިތުބާރުކުރާކަން ހާމަ ކުރިއެވެ. އޭރު އަލްބަރަކް ހުރީ އުފަލުން ފުރިފައެވެ. އޭނާދެކެ އަންހެން ކުއްޖާ ލޯބިވާވަރާއި އަންހެން ކުއްޖާގެ ހިތްވަރު ގަދަކަން އެގުނީމާ އޭނާ ފަޚުރުވެރިވިއެވެ. މިސާލެއް ނެތްފަދަ ރީތި އަންހެން ކުއްޖަކު އެހާވަރަށް ލޯބިވާކަން އެގުނީމާ ފަޚުރުވެރި ނުވާނޭ ފިރިހެނަކު ހުންނާނޭތޯއެވެ. އަމުދުން އަލްބަރަކްގެ އަބިމީހާއަކީ އޭނާއާއި އެއް އުމުރެއްގެ އަންހެނެކެވެ. ޝައްބާބުގެ ޖައުރު ފަސްދީފައިވާ އަންހެނެކެވެ. ވީމާ އެންމެ ފުރަތަމަ އާސިފާ ފެނުނު ވަގުތުވެސް އަނބިމީހާއަކީ އެއްވެސް ބޭނުމެއްނެތް މީހެއް ކަމުގައި އޭނާއަށް އިހުސާސް ކުރެވެން ފަށައިފިއެވެ.
އެގޮތުން އަންހެނުން ވިކެމުންދާ ދުވަސްވަރު އެއްވެސް ގެއެއްގާ އަނބިމީހާގެ އެއްވެސް ހައިސިއްޔަތެއް ހުންނަކަމަކަށް ނުވެއެވެ. އަނބީންގެ ގޮތުގައި އެއްފަހަރާ ހަތަރު އަންހެނުން ގެންގުޅުމަކީ ފިރިހެނުންނަށް ލިބިފައިވާ ފުރިހަމަ ހައްގެއް ކަމުގައި ދެކެއެވެ. ފޯރުންތެރި ފިރިހެނުން ހަތަރު އަނބިންގެ އިތުރަށް ބުރުސޫރަ ރީތި ސަމަންތަރުހެޔޮ ތިން ހަތަރު އަންހެން ކުދިން ޖާރިޔާއިންގެ ގޮތުގައި ގެންގުޅެއެވެ. އެޒަމާނުގެ އަންހެނުން ފިރިން އުފައުކުރުމަށްޓަކާ ރީތި އަންހެން ކުދިން ތަންތަނުން ހޯދައިގެން ގެއަށްގެނެސް ދެއެވެ.
އާސިފާ ގޮވައިގެންގޮސް އަލްބަރަކް ގެއަށް ވަންއިރު ގޭގެ އެންމެންތިބީ ނިދާފައެވެ. ހެދުނު އަލްބަރަކްގެ އަނބިމީހާއަށް އޭނާގެ ފިރިމީހާގެ ތަންމަތިން ރީތި އަންހެން ކުއްޖަކު ފެނުނީމާ އަމިއްލަ ދިރިއުޅުން ބަރުބާދުވެގެން ހިގައްޖެކަމުގެ ކުޑަވެސް އިހުސާސްއެއް ނުކުރެވުނެވެ. އެއާއި ޚިލާފަށް އޭނާގެ އެފަދަ ރަގުޅު ފިރިމީހާއަށް އެހާރީތި އަންހެން ކުއްޖަކު ލިބުނީތީ އޭނާ އުފާކުރިއެވެ. ޒަމާނުއްސުރެ ބޮލުގައި އެޅިފައި އޮންނަ ދަރަންޏެއް އަދާކުރެވުނީ ކަމުގައި ޔަގީންކުރިއެވެ. – މަގާމުގެ ގޮތުން ބެލިއަސް އަލްބަރަކްއަކީ އެއްފަހަރާ އެކަހަލަ ދެތިން އަނބިންނާއި ދެތިން ޖާރިޔާއިން ގެންގުޅެލެވޭފަދަ އެކަށީގެންވާ މީހެކެވެ.
މުސްލިމް ފިރިހެނުންގެ ކިބައިން އަންހެނުން، އަންހެނުންގެ ކިބައިން ފިރިހެނުން މިނިވަން ކުރެއްވުމަށް ސުލްޠާން އައްޔޫބީ ގަސްދުކުރައްވައެވެ. ކޮންމެ ފިރިހެނަކު އެއް އަންބަށްވުރެ ގިނައިން ނުހޯދުމުގެ އަމުރު ނެރުއްވުމަށް ގަސްދުކުރައްވައެވެ. ނަމަވެސް އަދި އެހާ އަވަހަށް ތިންހަތަރު އަނބިންނާއި ހައެއްކަ ޖާރިޔާއިން ގެންގުޅުއްވާ އަމީރުންނާއި ވަޒީރުންގެ ދުޝްމަނުކަން ހޯއްދަވަން އެމަނިކުފާނު ބިރުފުޅުގެންވަޑައިގަންނަވާތީ ހިމޭނުން ހުންނަވަނީއެވެ. މިހާރުވެސް ކޮންމެ އަމީރަކާއި ވަޒީރެއްގެ ހަރަމްތައްވަނީ ޒުވާން އަންހެން ކުދިންތަކުން ފުރިބާރުވެފައެވެ. އަންހެނުންގެ ވިޔަފާރި ހިންގަވަނީ އެބޭފުޅުންނެވެ. މީހުން ގިނަ ބާޒާރުތަކުގައި އަންހެނުން ނީލަން ކިޔެމުންދަނީ އެބޭފުޅުންގެ ސަބަބުންނެވެ. އަންހެނުން ފޭރުމުގެ ޒަރީއްޔާއަކީ އެބޭފުޅުންނެވެ. – ގިނަލޭ އޮހޮރުވުންތަކާއި ތަޅާފޮޅުންތައް ހިގުމުގެ ނަތީޖާއަކީ އެއީއެވެ. – އީސާއީންނާއި ޔަހޫދީން އެމީހުންގެ އަންހެން ކުދިންގެ ވަސީލާއިން އިސްލާމީ ވެރިކަމުގެ ބިންގަލަށް ޒަހަރުލަމުން ގެންދެއެވެ. އެކަން އެހެން އޮއްވާ ފިރިހެނުންނަށް ހިތްވަރު ދީގެން މިދުނިޔެއިން ކާފިރު ކަމާއި ޝިރުކުގެ ނުބައިސުންޕާ ބަލި ނައްތާލަން މަސައްކަތް ކުރަން އަންހެނުން ފިރިހެނުންގެ ހިތްއުފާ ކުރުމާއި އައްޔާޝީ ކަންތައް ފުރިހަމަ ކުރުމުގެ އަމާޒުތަކެއްކަމުގައި ހަދަމުން ދާކަންވެސް ސުލްޠާން އައްޔޫބީއަށް އިހްސާސް ކުރެއްވެވެއެވެ. އެކަމުގެ ސަބަބުން ހަމައެކަނި ގައުމުގެ ހަގުރާމަވެރި ބާރުކެޑެމުން ދަނީއެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އެކަމުގެ ސަބަބުން ގައުމުގެ ފިރިހެނުންގެ ކިބައިގާ ހުރި ފިރިހެންވަންތަ ކަމުގެ ހިތްވަރުވެސް ކެޑިގެންދަނީއެވެ.
އަންހެނުންގެ އިއްޒަތުއްނަފްސް ސަލާމަތް ކުރައްވާ ރައްކައުތެރި ކުރައްވަން ސުލްޠާން އައްޔޫބީ ބޭނުންފުޅުވެވަޑައި ގަންނަވައެވެ. އެކަމަށްޓަކާ އެމަނިކުފާނު ރޭވުންތައް ރާއްވަވާފައިވެއެވެ. މީހުނާ ނުއިދެ ހުސްހަށިބަޔަށް ތިބޭ އަންހެން ކުދިން ސިފައިންގެ ތެރެއަށް ވެއްދުމުގެ އިންތިޒާމް ކުރައްވާފައިވެއެވެ. ނަމަވެސް އެކަމަށްޓަކައި އެންމެ ފުރަތަމަ ހުރިހާ އަމީރުންނާއި ވަޒީރުންނާއި މުއްސަދިންގެ ހަރަމްތައް ހުސްކުރައްވަން އެމަނިކުފާނަށް ޖެހިވަޑައި ގަންނަވައެވެ. އެކަމަކު ކުއްލިގޮތެއްގަ އެކަމާ އުޅުއްވައިފިނަމަ ވެރިކަމުގެ ޚިލާފަތާއި ހައިބަތުކަން އިސް ބޭފުޅުންގެ މައްޗަށް ފިރުކައިގެންފާނެތީ އެމަނިކުފާނު ބިރުފުޅުގެން ވަޑައިގަންނަވައެވެ. ޝައްކެތްނެތެވެ. އެމަނިކުފާނުގެ ދުޝްމަނުން ތިބޭފަދައިން ވަފާތެރިންވެސް ތިބެއެވެ. އެމަނިކުފާނުގެ ގައުމުގައި ދެފުށް ދެގޮތް މުނާފިގުންގެ އަދަދު ގިނަވަމުންދާކަން އެގިވަޑައި ގަންނަވައެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްރުތައް ރައްކައުތެރިކޮށް ބަލަހައްޓަވާ، އެމަނިކުފާނުގެ އެންމެ އިތުބާރުކުރައްވާ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ކަމުގައިވާ ޚާދިމުއްދީން އަލްބަރަކްވެސް ޒުވާން ރީތި އަންހެން ކުއްޖަކު ގެއަށް ގެންދަވައިގެން އެކުއްޖާގެ މައްޗަށް ފިދާވެވަޑައިގެން ވެރިކަމުގެ ވާޖިބުތަކަށް ފަރުވާކުޑަ ކުރައްވަވަމުން ގެންދަވާކަމެއް ކުޑަކޮށްވެސް އެމަނިކުފާނަކަށް އެގިވަޑައެއް ނުގަންނަވައެވެ.
******