އެދުވަހުގެ އިރު އެރިއިރު އެއޮށް ބޮޑު މައިދާނުގެ ތިން ފަރާތްއޮތީ ކުޅިބަލާ މީހުން އެއްވެ ފުރި ބާރުވެފައެވެ. މައިދާނާއި އެއް އިންވެގެން ހިލަފުނިތަކާއި ކުދި ފަރުބަދަތައް އެޅިފައިވާ ފަރާތަށް އެއްވެސް މީހަކު ދިޔަކަ ނުދެއެވެ. މައިދާންގެ ތިން ފަރާތުގައި މީހުން ތިބެގެން ޖެހުނީ އެހެން ވެގެންނެވެ. މިހާރު ކުޅިވަރު ފެށެންއުޅޭކަމުގެ އިޢްލާން ކުރެވެން ފަށައިފިއެވެ. ފެނުގެ ތޫފާނެއް އަންނަފަދައިން އަސްތަކުގެ ފިޔަވަޅުގެއަޑު އިވިއިވި ހުއްޓެވެ. ފައިމަގުގާ ހިނގާ މީހުންނާއި ސަވާރުވެގެން ތިބި ޖަނަވާރުތަކުގެ ފައިތިލައިގެ ދަށުން އަރާ ހިރަފުހާއި ކުޑިތައް އުޑާއި ހަމައަށް އުފުލެމުން ދެއެވެ. ހަމައެކަނި މުބާރާތުގައި ބައިވެރި ވުމަށްޓަކައި އެތަކެއްހާސް ސަވާރުން އައިސް އެބަތިއްބެވެ.
ސުލްޠާން އައްޔޫބީ ދެހާހަށްވުރެވެސް ގިނަ އަސްވާރުންނާއި އެކުގައި ނުކުމެވަޑައިގެންފިއެވެ. – އަސްވާރުންގެ ތެރެއިން އެންމެ ކުރިއަށްއޮތީ އެމަނިކުފާނުގެ އަސްކޮޅެވެ. އެމަނިކުފާނުގެ ދެފަރާތްޕުޅުގައި ތިއްބެވި ވަފާތެރި ދެ އަމީރުންނެވެ. ފަހަތްޕުޅުގައި އެމަނިކުފާނުގެ ސިފައިންނެވެ. އެއިން ކޮންމެ މީހެއްގެ އަތުގައި އުރައިން ދަމައިގެންފައި އޮތް ކަނޑިއެއް އޮތެވެ. ކޮންމެ ކަނޑިއެއްގެ ތިލައާއި މުއްގަޑު ގުޅުނު ހިސާބުގައި ކުލަގަދަ ފޮތިފަށެއް އައްސާލާފައި އޮތެވެ. ކޮންމެ މީހަކުވެސް ސަވާރުވެގެން އިނީ މަތިހަށި ނަގާ މޭ ފުއްޕާފައެވެ. – ހައިބަތުކަމާއި މަތިވެރިކަން އަންގައިދޭ ގޮތެއްގައެވެ. އެއިން ކޮންމެ މީހަކުވެސް ކުޅިވަރުގައި ބައިވެރިވާން އައިސް ތިބި މީހުންނަށްވުރެ މާހައިބަތު ގޮތް ދައްކައެވެ. – ކޮންމެ އަކަސް ސުލްޠާން އައްޔޫބީ އާއި އެމަނިކުފާނުގެ ބޮޑީގާޑުން ފެނުމުން، މުޅި މައިދާންއަށް ހަމަހިމޭންކަން ވެރިވެގެން ހިގައްޖެއެވެ.
ކުޅިބަލާމީހުން ދާއިރާއެއްގެ ސިފާގައި އެތުރިފާތިއްބެވެ. ކޮޅަށްތިބި މީހުންގެ ފަހަތުގައި އަސްތައް އަތުރާލާފައި ތިއްބެވެ. އޭގެފަހަތުގައި ޖަމަލުތަކެވެ. ކޮންމެ ސަވާރީއަކަށް ތިންހަތަރު މީހުން ސަވާރުވެގެން ތިއްބެވެ. ކުޅިބަލާ މީހުންގެ ކުރިމަތީގައި އެއްފަރާތެއްގައި ފޭލިގެޖަހާފައި ހުއްޓެވެ. ހުރިހާ ފޭލިގެ ތަކުގައި ގޮނޑިއަތުރާ ފުރާލާފައި ހުއްޓެވެ. އެއީ މަތީ ދަރަޖައިގެ ވެރިންނާއި އަމީރުން ކުޅިބެއްލެވުމަށްޓަކައި އިށީނދެވަޑައި ގަންނަވަން ހުރި ގޮނޑިތަކެވެ. ވިޔަފާރިވެރިންނަށްވެސް އެގޮނޑިތަކުގައި އިށީނދެވޭނެއެވެ. – ސުލްޠާން އައްޔޫބީގެ ލަޝްކަރުގެ އިއްޒަތްތެރިންނަށްވެސް އެތަނުގައި ތިބެވޭނެއެވެ. – ކުޅިވަރު ފެށުމުގެ ގަޑި ކައިރިވަމުން އައިއިރު ހުރިހާ އިންތިޒާމެއް އަތުރާފައިހުރި ގޮނޑިތަކުގެ އެންމެ ކުރީބަރީގައިތިބީ މިސްކިތް މިސްކިތްތަކުގެ އިމާމުންނެވެ. ދީނީ މީހުންނާއި އިލްމުވެރިންނަކީ ސުލްޠާން އައްޔޫބީ ވަރަށް ޤަދަރު ކުރައްވާ ބައެކެވެ. އެފަދަ މީހުން ހާޒިރުވާ ތަނެއްގައި އެހެން ބަޔަކު އިސްކުރުމަކީ އެމަނިކުފާނު ރުހިވަޑައިގަންނަވާ ކަމަކަށް ނުވާތީ ކުޅިވަރުގެ މައިދާނުގައިވެސް އެމީހުން އިސްކުރައްވާފައި ވަނީއެވެ. އެމީހުނާއި ޖެހިގެން ތިބި މެހެމާނުންގެ ތެރެއިން އިއްޒަތްތެރީންނާއި ޝަހަރުގެ ޤަދަރުވެރީންނެވެ. ސުލްޠާން އައްޔޫބީގެ ލަޝްކަރުގެ މަތީ ދަރަޖައިގެ އޮފިސަރުންވެސް ތިއްބެވެ. އޮފިސަރުން އެތަނުގައި ބޭތިއްބުމުގެ ވަރަށް ބޮޑު ހިކްމަތެއްވެއެވެ. – ސުލްޠާން އައްޔޫބީ އެމީހުންގެ ގާތުގައި ވިދާޅުވެފައިވަނީ ކުޅިބެލުމުގެ ބަހަނާގައި މެހްމާނުންގެ ކައިރީގައިތިބެގެން މެހެމާނުންނާއި ރައްޓެހިކަން އުފެއްދުމަށެވެ. މިގޮތުން ފޮނުއްވި މީހުންގެ ތެރޭގައި ހާދިމުއްދީން އަލްބަރަކް އަކީ ޢަލީ ބިން ސުފިޔާން ފިޔަވައި ސުލްޠާން އައްޔޫބީގެ އެންމެގާތް ސިއްރުވެރިޔާއެވެ. ވެރިކަމާ ހަގުރާމައިގެ އެކިއެކި ރޭވެވުންތައްވެސް އޭނާގެ ގާތުގައި ސުލްޠާން އައްޔޫބީ ވިދާޅުވެއެވެ. ހަނގުރާމައިގެ ހުރިހާ ޕްރޮގްތާމްތަކާއި ޗާޓުތައްވެސް ހުންނަނީ ހާދިމުއްދީން އަލްބަރަކްގެ ބެލުމުގެ ދަށުގައެވެ. – އޭނާގެ އުމުރުން ގާތްގަޑަކަށް ސާޅީހަކަށް އަހަރާ ގާތްވެދާނެއެވެ. އޭނާއަކީ އަރަބި ކަރައިގެ ފިރިހެންވަންތަކަމާއި ރީތިކަމާއި ހައިބަވަންތަކަމުގެ ނަމޫނާއެއްފަދަ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުގެ ބާރުގަދައެވެ. މޫނުމަތިން އުޖާލާކަމާއި އުފައުވެރި ކަމުގެ ވިދުވަރު ފައުޅުވޭވޭ ހުރެއެވެ.
އަލްބަރަކް އިށީދެގެންއިން ގޮނޑިއާއި ޖެހިގެން އިނީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. މިއަންހެން ކުއްޖާއާއި ޖެހިގެން އިނީ ހަތްދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިފާ މުސްކުޅި ފިރިހެނެކެވެ. ބަލާބެލުމަށް މުއްސަނދި ތާޖަރެއް ކަމުގައި ހީވެއެވެ. – އަންހެން ކުއްޖާގެ ރީތިކަމާއި ފަރިކަމުން އެތަކެއްފަހަރު އަލްބަރަކް ބަލައިފިއެވެ. އެގޮތުން އޭނާ ބަލަބަލާ އިންދާ އެއްފަހަރަކު އަންހެން ކުއްޖާ އެއްލިކަޅިއަކުން އަލްބަރަކް އާއި ހަތަރު ކަޅި ހަމަވި ވަގުތު އެކުއްޖާއާއި ދިމާއަށް އޭނާ ހީލައިފިއެވެ. ނަމަވެސް އަންހެން ކުއްޖާގެ ކިބައިން ވަކިވެގެން ގޮސް މުސްކުޅިއާއި ދިމާއަށް ނަޒަރު ސީދާވުމާއެކު އޭނާގެ ހިނިތުންވުން ގެއްލި ހިގައްޖެއެވެ.
ފުރަތަމަ އޮތީ އަސްރޭހެވެ. ދެން ޖަމަލުރޭހެވެ. ޖަމަލުތައްވެސް ހުރީ ޗާދަރުތަކާއި ގިގުނިފަތި ތަކުން ޒީނަތްތެރި ކޮށްލާފައެވެ. ކޮންމެ ސަވާރެއްގެ އަތުގައި ދިގު ލޮންސިއެއްއޮތެވެ. ކޮންމެ ލޮންސިއެއްގެ މުއްގަޑުގައި ތިންއިންޗިފުޅާ ދޮޅުފޫޓް ދިގު ފޮތިފަށެއް އައްސާލާފައި އޮތެވެ. މިފޮތި ފަށްތައް ވައިގެ ތެރޭގައި ވިހުރެވެމުންދާއިރު ފެންނަނީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ކޮންމެ ޖަމަލު ސަވާރެއްގެ ބުރިކަށީގައި ދުނިއަޅާ އޮނުބަދަ އައްސާފައި ހުއްޓެވެ. ޖަމަލުގާ އިށީންނަން ހަދާފައިހުރި ތަނުގައި ދުނިދަޑި ބަދެލާފައި އޮތެވެ. މިމީހުންގެ ހައިބަތުކަން ވަރަށް ބޮޑެވެ. އެއްވެސް ސަވާރަކު ދިމާކުރިމަތި ފިޔަވައި އެހެން އެއްވެސް ފަރާތެއް ނުބަލައެވެ.
އަލްބަރަކް އަނެއްކާވެސް އޭނާގެ ކައިރީގައި އިން އަންހެން ކުއްޖާއާ ދިމާއަށް ބަލާލައިފިއެވެ. މިފަހަރު އަންހެން ކުއްޖާވެސް ޖެހިލުމެއްނެތި އަލްބަރަކްގެ ލޮލާއި ދިމާއަށް ކަޅިހުއްޓާލިއެވެ. އެ ވަގުތު އަންހެން ކުއްޖާގެ ތޫނުފިލި ދެލޮލުން ފޮނުވަމުން ގެންދިޔަ ޖާދުވީ އަސަރުތަކެއްގެ ސަބަބުން އަލްބަރަކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
އަންހެން ކުއްޖާ ލަދުވެތި ގޮތަކަށް އަލްބަރަކް އާއި ދިމާއަށް ހިނިތުންވެލައިފިއެވެ. ޖަވާބުގައި އަލްބަރަކްވެސް ހިނިތުންވެލިއެވެ. ނަމަވެސް މުސްކުޅިޔާ ފެނުމާއެކު ދެމީހުންގެ އުފައުވެރިކަން ނަފްރަތަށް ބަދަލުވެގެން ހިގައްޖެއެވެ. – އަލްބަރަކްގެ އަންބަކުއިދެއެވެ. ހަތަރު ދަރިން ތިބެއެވެ. ނަމަވެސް ކައިރީގައި އޭދަ އަންހެންކުއްޖާގެ ރީތީގެ ސިހުރު ޖެހުމުން އަލްބަރަކް އޭނާގެ އަނބިދަރީންގެ މަތީން ހަދާން ނެތިއްޖެކަހަލައެވެ. – މިދެންނެވި ރީތި އަންހެން ކުއްޖާ އިށީދެގެން އިންއިރު އަލްބަރަކާއި ކައިރިކަން ހުރިވަރަކީ އަންހެންކުއްޖާ ކުޅިބެލުމަށްޓަކައި ވިއްލާލާފައިވާ މޫނުބުރުގާގެ މޫނުމަތީ ފޮތިކޮޅު ވަޔާ ކުޅެމުންގޮސް އަލްބަރަކްގެ މޭގާ ބީހިލައެވެ. މިގޮތުން އެއްފަހަރަކު އެފޮތިކޮޅު ވަޔާކުޅެމުންގޮސް އަލްބަރަކްގެ ގައިގާ ބީހެން ފެށުމުން ހިސާބަކަށް އުދަގޫވެގެން އެފޮތިކޮޅު އެއްފަރާތް ކޮށްލަންވެސް އެނާއަށް ޖެހުނެވެ. އެކަމާ ދެރަވެގެން ހަމަހިމޭން ކަމުގެ ބަހުރުވައިން އަންހެން ކުއްޖާ މައާފަށް އެދުނެވެ. އަލްބަރަކްވެސް ހިނިތުންވުމަކުން މައާފް ދިނެވެ.
ޖަމަލު ސަވާރުންގެ ފަހަތުގާތިބީ ފިޔާދާއިންނެވެ. އޭގެ ތެރޭގައި ދުނިއުކާ މީހުންނާއި ކަނޑިހަނގުރާމަ ކުރާ މީހުން ތިއްބެވެ. އެބައިމީހުން ހިގާފައި އަންނައިރު ފައިތައް އެއްވަރުކަމުން ހީވަނީ އެކަތިގަޑުހެންނެވެ. އެމީހުން އަޅައިގެން ތިބީ އެއްކަހަލަ ހެދުމެވެ. ހިފައިގެން ތިބީ އެއްކަހަލަ ހަތިޔާރެވެ. ސުލްޠާން އައްޔޫބީ އެމަނިކުފަނުގެ ލަޝްކަރުގެ ހައިބަތުކަން މީސަތަކުންގެ ހިތްތަކަށް ވައްދުވަން އެދިވަޑައި ގަންނަވާ ވަރަށް ވުރެވެސް ބޮޑަށް އެ ލަޝްކަރު ފެނުމުން މީހުންގެ ހިތްތަކަށް އަސަރު ފޯރިއެވެ. އެމީހުންގެ ސަފުތައް އެއްވަރުކަމާއި ހިގުމުގެ ތަރުތީބުކަމާއި ޓްރޭނިންގ ދެވިފައިވާލެއް މޮޅުކަމަށްޓަކާ ކުޅިބަލާމީހުންގެ ހިތްތަކުގައި ތައުރީފު އުފެދުނެވެ. ލަޝްކަރުގެ ކޮންމެ މީހަކީވެސް ސިއްޙަތު ރަގަޅު ހަށިގަޑުގާ ބާރުހުރި މީހެކެވެ. އެކަމުގެ ހެކިތައް އެމީހުންގެ މޫނުމަތިން ފައުޅުވޭވޭ ހުއްޓެވެ. އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތައްވެސް ފައުޅުވޭވެ ހުއްޓެވެ. އެއީ އަދި ސުލްޠާން އައްޔޫބީ މުޅި ލަޝްކަރެއް ނޫނެވެ. އެއީ ހޮވައިގެން ނެގިފައިތިބި ޚާއްސަ ބައެކެވެ. – ފިޔާދާއިންގެ ފަހަތުގައިތިބީ ލަޝްކަރުގެ ޖަނަވާރުތަކާއި ހަތިޔާރުތަކާއި ކާބޯތަކެތި އުފުލާ މީހުންނެވެ. މިބައިމީހުންވެސް ތިބީ ބައިބަޔަށް ބެހިލައިގެންނެވެ. އެއިން ކޮންމެ ބައެއްގެ ފަހަތުގައި އަސްގާޑިޔަލެއްވެއެވެ. މިއިން ކޮންމެ ގާޑިޔަލެއްގާ ބޮޑެތި ހިލަބުރިތަކާއި ބޮޑެތި ތެލިތައްލާ ފުރާފާ ހުއްޓެވެ. އެގާޑިޔާ ތަކުގައި ތެލިފިޔަވައި އެހެން ވައްތަރުގެ ކަންވާރުތައްވެސް ހުއްޓެވެ. އަސްގާޑިޔާތަކާއި އެކުގައި ހިގާފާ ދާމީހުން އިރުއިރުކޮޅާ އެއިން ކަންވާރެއް މައްޗަށް އެއްލާފައި ރޯކޮށްފާ އޮންނަ ލޮންސިއެއް ކަންވާރާ ދިމާއަށް ދޫކޮށްލުމުން އެ ލޮންސި ފަތުއަޑު ކިޔާފާގޮސް ކަންވާރަށް ހެރިފާ ކަންވާރު ގޮވުމުން ބަޑިކުޅިއެއް ފަދައިން އަލިފާންތައް ޖައްވުތެރެއަށް ބުރައިގެން ދެއެވެ. މިއީވެސް ވަރަށް ރީތި ބަލާހިތްވާ ކަހަލަ ކުޅިވަރެކެވެ.
ސުލްޠާން އައްޔޫބީ ވަޑައިގެން މައިދާންއަށް ވަދެވަޑައިގެންނެވުމުން ލަޝްކަރުގެ މީހުން ކުޅިބަލާމީހުންގެ ކުރިއަށް ނިކުމެ ދާއިރާއެއްގެ ސިފައިގާ އެތުރިލާފިއެވެ. ދެން އޭގެތެރެއިން ބަޔަކު ވަކިވެވަފައި ސަފުސަފަށް އެތުރިލައިފިއެވެ. – ޤަވައިދުން މިބައިމީހުން މައިދާނުގައި ހަމަޖެހި ނިމުމަށް ފަހުގައި ސުލްޠާން އައްޔޫބީ ވަޑައިގެން ސަފުތަކުގެ މެދުގައި އަސް ދުއްވަވާ ލައްވާފައި ސަފުތަކުގެ އެތެރެއިން ނިކުމެ ވަޑައިގެން އަހުން ފައިބާވަޑައިގެން އެންމެންނާއި މުޚާތަބްވާ ގޮތުން އަތްޕުޅު ހޫރުއްވަވާ ސަލާމް ކުރެއްވިއެވެ. މައިދާނުގައި ތިއްބެވި އެންމެންވެސް އެ މަނިކުފާނުގެ ސަލާމުގައި ޖަވާބުގައި އަތްހޫރާ ހެދިއެވެ. – އެތަނުން އަވަދިވެ ވަޑައިގެން ޚާއްސުންނަށް ކަނޑައެޅިފައި ހުރި ފޭލިގޭގެ ތެރެއަށް ވެދެވަޑައިގެންނެވުމާ އެކު އެތަނުގައި ތިބި އެންމެން އެއްފަހަރާ ތެދުވެ އެމަނިކުފާނަށް އަދަބު އަދާކުރިއެވެ. ސުލްޠާން އައްޔޫބީ އެމީހުންނާވެސް ސަލާމް ކުރައްވާފައި ވަޑައިގެން އެމަނިކުފާނުގެ ގޮޑިކޮޅުގައި އިށީދެވަޑައިގެންފިއެވެ.
ސުލްޠާން އައްޔޫބީގެ ޝަރަފުގައި މައިދާނަށް ނުކުމެ ސަފުސަފަށް ރުކުރުވިގެންތިބި އެމަނިކުފާނުގެ ލަޝްކަރުގެ ފިޔާދާއިންނާއި ސަވާރުން މައިދާނުން އެބުރިގޮސް ކުޅިބަލާމީހުންގެ ފަހަތުގައި އެތުރިލައިފިއެވެ. ކުޅިވަރު މީހުންނަށްޓަކައި މައިދާން ހުސްވެއްޖެއެވެ. މުބާރާތް ފެށޭގަޑި ޖެހިއްޖެއެވެ. ފުރަތަމަ ކުޅިވަރު ސްޓާޓް ވެއްޖެއެވެ. އަސްވާރަކު އެއްއަތުން އަހުގެ ލަގަނުގައި އަނެއްއަތުން ޖަމަލުގެ ލަގަނުގައި ހިފައިގެން ވަރަށް ބާރަށް އަސްދުއްވާފައި އައިސް މައިދާންއަށް ނިކުމެއްޖެއެވެ. ޖަމަލުވެސް އަހާ އެއްވަރަށް ދުވަމުން އާދެއެވެ. މައިދާންގެ މެދާހަމައަށް އައިސްފައި އަސްވާރު ކަލޭގެ އަހުގެ ބުރިކަށި މައްޗަށް ކޮޅަށް ތެދުވެފައި ލަގަންތަކުން ދޫކޮށްލަމުން ޖަމަލުގެ ބެރިކަށި މައްޗަށް ފުންމާލައިފިއެވެ. އެތަނުން އަނެއްކާވެސް އަހުގެ ބުރިކަށި މައްޗަށް ބަދަލު ވެއްޖެއެވެ. ދެން ހަމަ އެހަލުއި ކަމާއިއެކު ބިންމައްޗަށް ފުންމާ ލައިފިއެވެ. އެގޮތަށް އަހާއި ޖަމަލުގެ ފަހަތުން ތަންކޮޅަކަށް ދުވެފައި ފުންމައިގެން އަސްމައްޗަށް ސަވާރު ވެއްޖެއެވެ. އޭނާ އެހުރިހާ ކުޅިވަރު ދެއްކި އިރުވެސް ޖަމަލާ އަހުގެ ދުވެއްޔަށް ބަދަލެއް ނާދެއެވެ. އެކުޅިވަރުގައި އޭނާގެ ކުޅަދާނަކަން ދައްކަމުން އަހުން ޖަމަލަށް ޖަމަލުން އަހަށް ބަދަލުވަމުން ގޮސް އޭނާއަށް ކަޑައެޅިފައިވާ ގަޑި ހަމަވުމާއެކު މައިދާންއިން އެބުރި ހިގައްޖެއެވެ.
ކުއްލިއަކަށް މައިދާނުގެ އެއްފަރާތަކުން އެންމެ އުސް ދިމާއިން ބަޑިޔާތަކެއްހެން ހުރި ކަންވާރުތަކެއް ތިރިވެ ތިރިވެފައި މައްޗަށް އަރާތަން ފެންނަން ފަށައިފިއެވެ. އޭގެ ދާދި ކުޑަ އިރުކޮޅެއްގެ ފަހުން ދުނި އުކާ މީހުންގެ ހަ މީހުން ހިލަފުނިތަކުގެ މަތިން ދައްކާލައިފިއެވެ. އެމީހުން ކަންވާރުތަކަށް ދުނިއުކަން ފެށުމާ އެކު އެއްކަލަ ކަންވާރުތައް ބަޑި ގޮވައިގެން މުޅިތަނަށް އަލިފާންގަނޑު ފެތުރިގެންފިއެވެ. މިގޮތުން ސަތޭކަ ކަންވާރު ބަޑިގޮވަން ވީއިރު ސަތޭކަގަޒުގެ ފުޅާ މިނުގައި އަލިފާންގަޑު ފެތުރިގެންފިއެވެ. އެވަގުތު މައިދާނުގެ އެއްފަރާތުން ބާރަށް އަސްދުއްވާފައި އެދިޔަގޮތަށް ގޮސް ހުއްޓުމެއް މަޑުކޮށްލުމެއް ނެތި އަލިފާންގަނޑުގެ ތެރެއަށް ވަދެގެން ހިގައްޖެއެވެ. ކުޅިބަލާމީހުން ގަތް ބިރުން ނޭވާ ހިފަހައްޓައިލައިގެން ތިއްބެވެ. އެހެން ތިއްބާ އެއްކަލަ ހަތަރު އަސްވާރުން ސަތޭކަ ގަޒުގެ އަލިފާން ގަޑުގައި އަސްދުއްވާފައި އަލިފާންގަޑުން ނިކުތް އިރު އެމީހުންގެ އިސްތަށިތައްވެސް ބޭކާރު ވަލާފައި ނެތެވެ. އެމީހުންގެ ކުޅަދާނަކަމާއި ހުޝިޔާރު ކަމުން އެމީހުންނަށް ސާބަސް ދިނުމުގެ ގޮތުން ކުޅިބަލާމީހުން ހަޅޭއްލަވާ އަތްތިލަބަޑި ތަޅާ ހެދިއެވެ.
މިކުޅިވަރުތައް ބަލަން ތިބި އިރު ޚާދިމުއްދީން އަލްބަރަކާއި އެއްކަލަ އަންހެން ކުއްޖާއާ ދެމީހުން އެކަކު އަނެކަކާ ދިމާއަށް އަރިވެފައި ތިބިލެއް ބޮޑުކަމުން އަލްބަރަކްގެ މޫނާއި އެއަންހެން ކުއްޖާގެ ބޮލާއި ދެމެދުގައި ހުރީ ދެއިންޗި އެއްހާ ދުރުމިނެވެ. އެމީހުން އެހެން ތިބެފައި އިރުއިރުކޮޅުން އެކަކު އެނެކަކާއި ދިމާއަށް ހިނިތުން ވެލައެވެ. އަންހެން ކުއްޖާ ލަދުރަކި ގޮތަކަށް ހަރަކާތްތެރި ވެލައެވެ. އެމީހުންގެ މިސަމާސާ ތަކާއިހެދި މުސްކުޅިޔާއަށްވެސް ކޮންމެވެސް އެއްޗެއް ވިސްނިގެން އޭނާގެ ނިތްކުރިއަށް ނުރުހުމުގެ ރޫތަކެއް އަރަން ފަށައިފިއެވެ. – އެމީހުނަކަށް އެއިން އެއްވެސް ކަމެއްގެ އިހްސާސެއް ނުވެއެވެ. – އެމަޖާ ކުޅިވަރުވެސް އެމީހުންނަކަށް ނުފެނެއެވެ. އެކަކު އަނެކަކާއި ދޭތެރޭގައި އުފެދިފައިވާ ޝައުޤުވެރިކަން އެއަށްވުރެ މާބޮޑެވެ.
އަލްބަރަކާއި އަންހެން ކުއްޖާ ކުޅިބެލުމުގެ ބަދަލުގައި ހަމަހިމޭން އިޝާރާތްތަކަކުން ސަމާސާ ކުރަމުން ދަނިކޮށް އަންހެން ކުއްޖާ ގަވައިގެން އައިސް އިން މުސްކުޅި ފިރިހެން މީހާ ފޫހިގޮތަކަށް އެތަނުން ތެދުވެގެން ހިގައްޖެއެވެ.
”ކަލޭގެ ބައްޕަ އެތެދުވީ ކޮންތަނަކަށް ހެއްޔެވެ؟“ – އަލްބަރަކް އަންހެން ކުއްޖާއާއި ސުވާލުކޮށްލިއެވެ.
”އެއީ އަޅުގަނޑުގެ ބައްޕައެއް ނޫނެވެ.“ އަންހެން ކުއްޖާ ޖަވާބު ދިނެވެ.
”އެއީ އަޅުގަނޑުގެ ފިރިމީހާއެވެ.“
”ފިރިމީހާއޭ ހެއްޔެވެ؟“ އަލްބަރަކް ހައިރާންކަމާއި އެކު ދެލޯ ބޮޑުކޮށްލިއެވެ. ”ތިޔައީ ކަލޭގެ މައިންބަފައިން ކުރުވި ކައިވެންޏެއް ހެއްޔެވެ؟“ އަލްބަރަކް އަހާލިއެވެ.
”އޭނާ އުޅެނީ އަޅުގަނޑު ގަނެގެންނެވެ.“ ހިތާމައާއި އެކު އަންހެން ކުއްޖާ ބުންޏެވެ.
”އޭނާ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟“ އަލްބަރަކް ސުވާލުކޮށްލިއެވެ.
”އޭނާ އެދިޔައީ ރުޅިއައިސްގެންނެވެ.“ އަންހެން ކުއްޖާ ބުންޏެވެ. ”އަޅުގަނޑު ސާހިބާއާއި ގަޔާ ވެއްޖެހެން ހީވެގެން މާބޮޑަށް ރުޅިއައީއެވެ.“
”ހަގީގަތުގައިވެސް އަހަރެންގެ ކިބައިން ކަލެއަށް ހިތްގައިމު ކަމެއް ފެނުނީ ހެއްޔެވެ؟“ ލޯބިވެތި ގޮތަކަށް އަލްބަރަކް ސުވާލު ކޮށްލިއެވެ.
”އެ މުސްކުޅި މީހާގަޑާހެދި މިހާރު އަޅުގަނޑަށް އުދަގޫ ވެއްޖެއެވެ. އޭނާގެ ކިބައިން އަޅުގަނޑު ސަލާމަތް ކުރާނެ މީހަކު ނުވެއްޖެނަމަ އަމިއްލައަށް މަރުވާ ހިސާބަށްވެސް އަންތައް ހިގައްޖެއެވެ.“ ލަދުރަކި ގޮތަކަށް އިސްޖަހާލާފައި އަންހެން ކުއްޖާ މަޑުމަޑުން ބުންޏެވެ.
މައިދާނުގައި ކުޅިވަރު ކުޅޭ މީހުން ހައިރާން ވާކަހަލަ މޮޅުކަމާއި ކުޅަދާނަކަން ދައްކަމުން ދެއެވެ. ކޮންމެ ކުޅިވަރެއްވެސް ބިނާވެފައިވަނީ ހަގުރާމައިގެ މައްޗަށެވެ. ހަގުރާމަމަތީ އެފަދަ އާދަޔާ ޚިލާފް ކުޅިވަރުތަކެއް އޭގެކުރިން ދުވަހެއްގައިވެސް ކުޅިބަލާ މީހުންނަށް ފެނިފައިވާ ހެނެއް ހިޔެއްނުވެއެވެ. އެމީހުން ދެކެފައިވަނީ ހަމައެކަނި ސުލްޠާން އައްޔޫބީގެ ލަޝްކަރެވެ. އެއީ ޚަޒާނާތް ކުރެވިފައިވާ ހުދު އެތްތަކެއް ކަހަލަ ލަޝްކަރެކެވެ. އެ ލަޝްކަރުގެ ކޮމާންޑަރުން ބޭރަށް ނުކުމެ އުޅެނީ ރަސްރަސްކަލުން ފަދައިންނެވެ. އެއިން ކޮމާންޑަރއަކު ބޭރަށް ނިކުންނައިރު އެމީހުންނާއިއެކު ލަޝްކަރުގެ ބަޔަކު ހިގައްޖެނަމަ ބީރަށްޓެހި އަވަށް އަވަށުގެ ނިކަމެތި ރައްޔިތުންނަށް މުސީބާތެއް ޖެހުމެކޭ އެއްވަރު ވާނެއެވެ. އެމީހުންދާ މަގުމަތިން ކޮންމެ ވައްތަރެއްގެ ހަތަރެސްފައި ޖެހި ޖަނަވާރެއް ފެނުނަސް ގެންދާނެއެވެ. މޮޅު ނަފްސުގެ ޖަމަލެއް ނުވަތަ އަހެއް މީހެއްގެ އަތުގައި އޮތިއްޔާ ގަދަކަމުން ނަމަވެސް ގެންދާނެއެވެ. މިގޮތަށް އެމީހުން އަމަލުކުރަމުން ގެންގޮސްފައިވާތީ ގައުމު ސަލާމަތް ކުރަން އޮންނަ ލަޝްކަރަކީ ރައްޔިތުންނަށް އަނިޔާކުރަން ތިބޭބައެއް ކަމުގައި އެމީހުނަށް ޔަގީންވެފައި އޮވެއެވެ. ނަމަވެސް މައިދާނަށް އައިސް ކުޅިވަރުގައި ބައިވެރިވެގެން އެއުޅޭ ސުލްޠާން އައްޔޫބީގެ ލަޝްކަރަކީ ސޫދާނީ ލަޝްކަރު ކަހަލަ ބޮޑު ލަޝްކަރެއް ނޫނެވެ. އެއީ މާތަފާތު ބައެކެވެ. އެމީހުން ކުޅިވަރުގައި ބައިވެރި ވެފައިވަނީ ހަމައެކަނި ބޭރުފުށުންނެވެ. އެހެން މީހުނަށް ދައްކާލުމުގެ ގޮތުންނެވެ. ލަޝްކަރުގެ ގިނަ މީހުން ތިބީ ކުޅިބަލާ މީހުންގެ ގޮތުގައެވެ. އެއީވެސް ސުލްޠާން އައްޔޫބީގެ މޮޅު ހިކުމަތެކެވެ. އެމީހުން ކުޅިބަލާ މީހުންގެ ތެރެއަށްގޮސް އެމީހުނާ ރައްޓެހިކަން އުފައްދާ ސުލްޠާން އައްޔޫބީގެ ލަޝްކަރަކީ އިންސާނިއްޔަތާއި އޯގާތެރިކަން ހުރި ބައެއްކަން އެހެން މީހުންގެ ހިތްތަކަށް ވައްދުވައި ދިނިމަށްޓަކައެވެ. މިގޮތުން ކުޅިބަލާ މީހުންގެ ތެރެއަށް ފޮނުވާފައި ތިބި މީހުން ގަވައިދާ ޚިލާފްއަމަލެއް ކޮށް ބަދްއަޚްލާޤީ އަމަލެއް ހިންގައިފިނަމަ ހަރުކަށިއަދަބު ދެއްވާނޭކަން ސުލްޠާން އައްޔޫބީ އެމީހުންނަށް އަންގަވާ ފައިވެއެވެ.
ޚާދިމުއްދީން އަލްބަރަކް އަކީ ސުލްޠާން އައްޔޫބީއަށް ހަގުރާމައިގެ މަޝްވަރާތައް އަރުވާ މަހްކަމާގެ އިސްވެރިއެވެ. އެއީ އެމަނިކުފާނުގެ ސިއްރުވެރި އެއްވެސްމެއެވެ. ނަމަވެސް އެފަދަ މަތީވެރިޔަކު މިހާރު އެހެރީ ސުލްޠާން އައްޔޫބީގެ ހުރިހާ އަމުރުފުޅު ތަކަކާއި ނަސޭހަތްޕުޅުތަކެއް ހަދާން ނައްތާލާފައެވެ. އިރުއިރުކޮޅާ މައިދާނުން އިވިގެން އެދާ އަޑުވެސް އޭނާއަކަށް އިވޭ ކަމަކަށް ނުވެއެވެ. – އޭނާގެ ކައިރީގައި އޭދަރީތި އަންހެން ކުއްޖާ ވަރުގަދަ ސިހުރެއްގެ ސިފައިގާ އޭނާގެ ސިކުޑިއަށް ވެރިވެފައިވަނީ ދުނިޔޭގެ އެހެން ހުރިހާ ބާރަކަށްވުރެ މާ ވަރުގަދަ އަށެވެ. އޭނާ އެއްވެސް ޖެހިލުމެއް ނެތި އަންހެން ކުއްޖާއާއި ރުހޭކަން ފައުޅުކޮށްފިއެވެ. – ދެމީހުންގެ މިރުހުން އެމީހުންގެ ހުރިހާކަމެއް ފަސޭހަކޮށްދީފިއެވެ. މުސްކުޅިޔާނެތި އެކަނިވި ވަގުތު އޭގެ ދެމީހުން ވާހަކަ ދައްކަމުން ގޮސް ކޮންމެވެސް ތަނަކުން ބައްދަލުވާން އެދޭވާހަކަ އަންހެން ކުއްޖާގެ ކައިރީގައި ބުމުން އެއީ އަޅު އަންހެންނެއްކަމުގައިވާތީ ގެއިން ބޭރަށް ދެވެން ނޯންނާނޭ ކަމަށާއި އަބަދުވެސް އޭނާ އިންނަނީ ޤައިދުކޮށްފައި ކަމަށާއި އޭނާ ކުރާ ނުކުރާ ކަންތައް ބަލާނޭ މީހުން ތިބޭ ކަމަށާއި އެނޫނަސް މުސްކުޅިޔާގެ ހަތަރު އަނބިން ތިބޭކަމަށް އަންހެން ކުއްޖާ ބުންޏެވެ…… ނަމަވެސް އަލްބަރަކް އަކަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާގެ މަޤާމްވެސް ހަދާން ނައްތާލާފައި ލޯބީގެ އެންމެ ފުރަތަމަ ރޯލު ކުޅެންފަށާ ޒުވާނަކު ފަދައިން މީހުން ނޫޅޭ އެކަހެރި ތަނަކަށްގޮސްލުމަށް އަންހެން ކުއްޖާގެ ގާތުގައި ބުނަން ފަށައިފިއެވެ. އެގޮތަށް އެނާ ވަރަށް ގިނައިރު ވަންދެން ވާހަކަ ދައްކާ ދާންވީ ތަންތަން ކިޔައިދީ ހެދިފަހުން އަންހެން ކުއްޖާވެސް ރުހިއްޖެއެވެ. ޝަހަރުގެ ބޭރުގައި ވީރާނާ އިމާރާތަކަށް ދިއުމަށް އަންހެން ކުއްޖާ އެއްބަސް ވެއްޖެއެވެ. ދެމީހުން މިގޮތަށް އެއްބަސްވުމަށްފަހު އެމުސްކުޅިޔާގެ ކިބައިން އަންހެން ކުއްޖާ ސަލާމަތްކޮށް ދޭނެ ކަމަށްބުނެ އަލްބަރަކް ވަޢުދުވިއެވެ.