ޤާހިރާއާއި ދޮޅުމޭލު ދުރުގައި މާސިންގާ ކަނޑެއް ފަދައިން އުދަރެހާއި ހަމައަށް ފެތުރިފައިއޮތް ސަރާސަރު މައިދާން އަކަށް މީހުން އެއްވަމުންދާތާ ހައެއްކަ ދުވަސް ވެއްޖެއެވެ. އަސްވާރުންނާއި ޖަމަލު ސަވާރުންނެވެ. ހިމާރުގެ މަތީގައި އަންނަ މީހުންވެސް މަދެއްނޫނެވެ. މައިދާންއަށް އެއްވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ފައިމަގުގައި ހިގާ މީހުންނެވެ. އެއީ ސަވާރުވުމަށްޓަކައި އެންމެ ކުޑަމިނުން ހިމާރެއެއްވެސް ނުލިބޭފަދަ މީހުންނެވެ. މިދުވަސްކޮޅު ގާހިރާގެ ބާޒާރުމަތިވެސް އޮންނަނީ ފުރި ބާރުވެފައެވެ. ފިހާރަތައް ހުރީ މުދަލުން ފުރިފައެވެ. މަގުތަކުގައި މީހުން ފުނިޖެހިފައެވެ. އެއީ ސަރުކާރުގެ ފަރާތުން ބާއްވާ މުބާރާތެއް ބެލުމަށްޓަކައި ޖަމާވާ މީހުންނެވެ. – މި މުބާރާތް ބެލުމަށްޓަކައި އަސްރޭހާއި ޖަމަލު ތެރޭގައި ދުނި އުކުމާއި ކަނޑި ހަނގުރާމައާއި ބަނޑު މުސާރައަށް ބެއްދުމާއި މިހެންގޮސް ހަނގުރާމައިގެ ހުރިހާ ހުނަރުތަކެއްގެ ވާދަވެރިކަން އޮންނާނެއެވެ. މި މުބާރާތަށްޓަކައި ވަރަށް ދުރުންވެސް މީހުން އާދެއެވެ. ކުޅިބަލާ މީހުންނާއި ކުޅިވަރުކުޅޭ މީހުންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ކުޑަކުދިންވެސްމެއެވެ.
މިއީ ސުލްޠާން އައްޔޫބީ ރާއްވަވައިގެން ބާއްވަވާ މުބާރާތެކެވެ. މި މުބަރާތް ބޭއްވުމުގައި އެމަނިކުފާނުގެ ދެބޭނުންފުޅެއްވެއެވެ. އެއް ބޭނުން ފުޅަކީ އެމަނިކުފާނުގެ ލަޝްކަރަށް އަލަށް ވަންނަ މީހުނަށް ޓްރޭނިންގ ދެއްވުމެވެ. އަނެއް ބޭނުންފުޅަކީ އެމަނިކުފާނުގެ ލަޝްކަރުގައި އާރެއް ބާރެއްނެތް ކަމަށް ހީކުރާ މީހުންގެ ޝައްކު ފިލުވާލެއްވެވުމެވެ. ލަޝްކަރުގެ އާރާއި ބާރު އެމަނިކުފާނުގެ ދުޝްމަނުންނަށް ދައްކަވާ ދުޝްމަނުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވުމެވެ. ކުޅިބަލާމީހުން މައިދާނަށް އެއްވަމުންދާ ޚަބަރު ލިބިވަޑައިގަތުމުން ސުލްޠާން އައްޔޫބީ ވަރަށް އުފާކުރެއްވިއެވެ. ނަމަވެސް ޢަލީ ބިން ސުފިޔާން ހުންނެވީ ހާސްވެވަޑައިގެންފައެވެ. އެހާ ގިނަ ބަޔަކު ޤަހިރާގެ ކައިރިއަށް ޖަމާވުމަކީ އެމަނިކުފާނުގެ ހިތްޕުޅު ހަމަޖެހިވަޑައި ގަންނަވާ ކަމަކަށް ނުވެއެވެ.
”ފިކުރުފުޅު ނުކުރައްވާށެވެ. މައިދާންއަށް އެއްވާ މީހުންގެ އަދަދު އެއްލައްކައަކަށް އަރިއިފިނަމަ އަޅުގަނޑުމެންނަށް ފަސްހާސް ސިފައިން ލިބޭނެއެވެ.“ ޢަލީ ބިން ސުފިޔާންގެ ހިތްޕުޅު ހަމަޖައްސަވާ ދެއްވުމުގެ ގޮތުން ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ.
”މުހްތަރިން އަމީރެވެ.-“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”ކުޅިބަލާ މީހުންނާއި ދޭތެރޭގައި އަޅުގަނޑު މިދެކެނީ މުޅިން އެހެން ނަޒަރަކުންނެވެ. އަޅުގަނޑު ދެކޭގޮތުގައި ކުޅި ބަލާމީހުންގެ އަދަދު އެއްލައްކައަށް އަރައިފިނަމަ އޭގެތެރޭގައި އެއްހާސް ޖާސޫސުން ތިބޭނެއެވެ. ކުދި އަވަށްތަކުން އަންހެނުންވެސް އެބަ އާދެއެވެ. އޭގެތެރޭގައި ގިނައީ ސޫދާނީންނެވެ. ސޫދާނީ ގިނަ އަންހެނުން ނުލާހިކު ދޮންވެފައި ރީތިވާނެއެވެ. ވުމާއެކު ސޫދާނީ އަންހެނުންނާ އެކުގައި ޞަލީބީ އަންހެނުން ޤާހިރާއަށް އެއްވުމަކީ މާއުދަގޫ ކަމަކަށް ނުވާނެއެވެ.“
”މަނިކުފާނުގެ ހިތްޕުޅަށް ތިޔަލިބިވަޑައިގަންނަވާ އުދަގޫފުޅުތަކުގެ އަސްލު އަޅުގަނޑަށް އެބަވިސްނެއެވެ. ޢަލީއެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”އެކަމަކު މުހިއްމު ބޭނުމަކީ ކޮބައިކަން މަނިކުފާނަށް ވިސްނިވަޑައި ގަންނަވާނެއެވެ. ވީމާ، މަނިކުފާނު ކުރައްވަންވީ ކަމަކީ ކުރިއަށް ވުރެވެސް ބޮޑަށް މަނިކުފާނުގެ މަޙްކަމާ ގެ ބާރު ގަދަ ކުރައްވަންވީއެވެ.“
”މިހާރުވެސް އަޅުގަނޑު މިހުރީ ތިޔަކަމަސް ވިސްނައިގެންނެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. މި މުބާރާތަކީ ކޮންމެހެން ބާއްވަވަން ޖެހިވަޑައި ގަންނަވާނޭ މުބާރާތެކެވެ. އަޅުގަނޑު ކަންބޮޑުވެފައި މިހުންނަނީ މުބާރާތް ބާއްވަވާތީކީނޫނެވެ. އަޅުގަނޑު އެގޮތަށް ދެންނެވީ މަނިކުފަނަށް އުދަގޫފުޅެއް ކުރާކަށްވެސް ނޫނެވެ. އަޅުގަނޑުގެ ހަމައެކަނި އެކަންތަކުގެ ސަބަބުން އަތުވެދާނެ ނުރައްކަލެއްގެ ޚަބަރު މަނިކުފާނަށް އެރުވީއެވެ. މިހާރުވެސް ޤަހިރާގައި ގަހުވަޚާނާތައް ހުޅުވިއްޖެއެވެ. އެތަންތަނުގައި މެހްމާނުންނަށް ޤަހުވަ ބޯންދިނުމުގެ ނަމުގައި އަންހެން ކުދީންތައް ތިބެން ފަށައިފިއެވެ. ކުޅިބަލާމީހުންގެ ތެރެއިން އެއްބައިމީހުން ޝަހަރުގެ ބޭރުގައި ފޭލިގެތައް ޖަހަން ފަށައިފިއެވެ. އަޅުގަނޑުގެ އެކުވެރިން ޚަބަރުދޭ ގޮތުގައި މިދެންނެވި ފޭލިގެތަކުގެ ތެރޭގައިވެސް ގަހުވަޚާނާތަކާއި ސިއްރުގޮތުގައި އަންހެނުންނާއި ފިރިހެނުން އެއްތަން ކުރުވާ މަރުކަޒްތައް އެބަހުއްޓެވެ. މާދަމާއަކީ ކުޅިވަރު ފެށޭދުވަހެވެ. ވުމާއެކު، އެތަނުގައި ނަށާ ލަވަކިޔައިގެން އަންހެނުންތައް ފައިސާތައް އެއްކުރާނެއެވެ.
”ކުޅިވަރު ނިމިގެން މީހުންތައް ދިޔައިމާ އެމީހުންނާ އެކުގައި ތިޔަމުޑުދާރު ކަންތައްވެސް ނިމިގެން ހިގައިދާނެއެވެ.“ ސުލްޠާންއައްޔޫބީ ވިދާޅުވިއެވެ. ”އެކަންތަކަށް ހުރަސް އެޅުމަށްޓަކައި ޤާނޫނާއި ޤަވައިދު ހަދާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. – މިސުރުގެ އަހްލާގީ ހާލަތު މިހާރަކުވެސް މާރަގަޅެއް ނޫނެވެ. – އަޅުގަނޑުމެން ކިތަންމެ މަސައްކަތެއް ކުރިޔަސް ނެށުމާއި ލަވަކިޔުމާއި ރާބުއިމާއި ބަދުއަޚްލާޤީ ކަންތައްތަކެއް މާއަވަހަކަށް ނުހުއްޓުވޭނެއެވެ. އަޅުގަނޑު އެދެނީ ވީހާ ގިނައެއްކޮށް ކުޅިބަލާ މީހުން އައުމެވެ. އަދަދު ގިނަ ލަޝްކަރެއް ތައްޔަރު ކުރަން އަޅުގަނޑުމެންނަށް ޖެހެއެވެ. ޢާލީއެވެ. އެފަދަ ލަޝްކަރެއް ތައްޔާރު ކުރުމަކީ ކިހާ މުހިއްމު ކަމެއްކަން މަނިކުފާނަށް އެގިވަޑައި ގަންނަވާތޯއެވެ. – ލަޝްކަރުގެ މަތީ ދަރަޖައިގެ އޮފިސަރުންގެ ޖަލްސާގައިވެސް މިކަމާ ބެހޭގޮތުން އަޅުގަނޑު ވާހަކަ ދައްކައިފީމެވެ.“
އަމީރް މުހައްރިމެވެ. މަނިކުފާނުގެ ތިޔައެދުންފުޅަކަށް އަޅުގަނޑަކަށް ހުރަހެއްޔ ނޭޅޭނެއެވެ.“ ޢަލީ ބިން ސުފިޔާން މިހެން ވިދާޅުވިއެވެ. ”އަޅުގަނޑުގެ ޖާސޫސުން ޚަބަރު ދޭ ގޮތުގައިވިއްޔާ ތިޔަވިދާޅުވާ އޮފިސަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އާޅުގަނޑުމެންނަށް ވަފާތެރިވާ ބައެއް ނޫނެވެ. މަނިކުފާނަށްވެސް އެގިވަޑައިގަންފައިވާނޭ ފަދައިން އޮފިސަރުންގެ ތެރޭގައިވެސް ގިނައީ މަނިކުފާނު ތިޔަ މަގާމްގައި ހުންނަވަން ނޭދޭމީހުންނެވެ. އަނެއްބަޔަކު ތިބެނީ އެތެރެ ފުށުން ސޫދާނީންނާއި ގުޅިފައެވެ. މިގޮތުން އަޅުގަޑަށް ޝައްކުވާ ކޮންމެ މީހެއްގެ ހަރަކާތްތައްބަލާ ފާރަ ލުމަށްޓަކާ ޖާސޫސަކު ފޮނުވާފައި ހުންނާނެއެވެ. އެމީހުން ބަރާބަރަށް އަޅުގަނޑަށް ރިޕޯޓް ދެމުން ގެންދެއެވެ.“
”އެއިންމީހެއްގެ ފަރާތުން އެއްވެސް ކަހަލަ ނުރައްކަލެއް އަތުވެދާނެކަމުގައި ހީފުޅު ކުރެއްވެވެނީތޯއެވެ؟“ ސުލްޠާން އައްޔޫބީ ސުވާލު ކުރެއްވިއެވެ.
”އަދި ތިޔަކަހަލަ ޝައްކެތް ނުކުރެވެއެވެ.“ ޢަލީ ބިން ސުފިޔާން ޖަވަބުދެއްވިއެވެ.
”ބައެއް އޮފިސަރުން ޝައްކު ކުރެވޭ ކަހަލަ ގޭގެއަށް ދާތަން ފެނުން ފިޔަވާ އިތުރުކަމެއް އަޅުގަނޑަކަށް އަދި އެގިފައެއް ނުވެއެވެ. – މަތީދަރަޖައިގެ އޮފިސަރަކު އެމީހުންގެ ގޭގެއަށް ނަށާ އަންހެން ކުދިން ގެންނަ ކަންވެސް އެގިފައި އެބައޮތެވެ. މިއަށް ވުރެވެސް ބޮޑުކަމެއް އަދި އެބައޮތެވެ. މީގެ ދިހަވަރަކަށް ދުވަހުއްސުރެ ރޫމްގެ ކަނޑުގެ އައްސޭރިން ފެންނަމުން އެދާ ނައުފަހަރުތަކާއިހެދި އަޅުގަނޑު މި ހުންނަނީ ވަރަށް ފިކުރު ބޮޑު ވެފައެވެ.“
”ތިޔަވިދާޅުވާ ނައުފަހަރު ތަކުގައި ހުރީ ކޮން ޚާއްސަ ކަމެއްތޯއެވެ؟“ ސުލްޠާން އައްޔޫބީ ސުވާލުކުރެއްވިއެވެ.
ރޫމްގެ ކަނޑުގެ އައްސޭރިން ސުލްޠާން އައްޔޫބީގެ ލަޝްކަރު އަބުރާ ގެންނެވިފަހުން އައްސޭރީގެ ރައްކައުތެރި މަގާމްތަކުގައި އައްސޭރި ބެލެހެއްޓުމަށްޓަކާ ސިފައިންގެ ފާރަވެރިން ބައިތިއްބަވާފައި ތިބެއެވެ. ކޮންމެ ތަނެއްގައިވެސް ދެމީހުން ތިބެއެވެ. ކައިރި ކައިރީގައި އަވަށްތަކުގައި ދިރިއުޅޭ ޤަބީލާތަކުގައިވެސް ޖާސޫސުން ބައިތިއްބަވާފައި ތިބެއެވެ. އޭގެ އެންމެ ބޮޑު ބޭނުން ފުޅަކީ ޞަލީބީންގެ ކުއްލި ހަމަލާއެއް އަޔަނުދެއްވުމެވެ. އަނެއްކަމަކީ އައްސޭރީގެމަގުން ޞަލީބީންގެ ޖާސޫސުން ރަށަށް އެރިޔަ ނުދެއްވުމެވެ. ނަމަވެސް އެއީ އެހާ ފުރިހަމައަށް ބެލެހެއްޓޭ ވަރަށްވުރެ މާބޮޑު އައްސޭރިއެކެވެ. އެކި ހިސާބު ހިސާބުގައި ފިލާތިބެވޭނޭ ގޮތަށް ހިލަފުނިތަކާއި ކަނޑުތެރެއަށް ކަޑައިގެންގޮސް ހެދިފައި ހުންނަ ބަޑުދުއްރަތައް ހުރުމުން ފިލާތިބެވޭނޭ ޖާގަތައް ގިނަކަމުން އެއައްސޭރިއަކީ އެގޮތަށް ބަލަހައްޓަން މާފަސޭހަ ތަނަކަށްވެސް ނުވެއެވެ. – މިގޮތުން އައްސޭރީގެ މަގުން ދުޝްމަނަކު އަތުވެދާނެ ކަމަށް ޢަލީ ބިން ސުފިޔާންއަށް ޝައްކުވެފައި ވަނިކޮށް އޭގެ ކޮންމެވެސް ދިމާއަކުން ނިކުމެގެންދިޔަ ދެނައު ފެނިވަޑައިގަތުމުން އެ ޝައްކު ޔަގީންކަމަށް ބަދަލުވެގެން ދިޔައެވެ. އެއީ ރޭގަނޑުގެ ވަގުތުގައި އައިސް އައްސޭރީގައި ފިލާތިބެފައި ކުރާނެކަމެއް ކޮށްގެން ދިޔަ ދެނައު ކަމުގައި އެމަނިކުފާނަށް ވިސްނިވަފައިގެންނެވިއެވެ.
އެދެނައު ނިކުމެގެން ދިޔަތަނުން ފެނިވަޑައި ގެންނެވުމުން ބާރަށް ދުވާއަހުގެ ދެއަހާ ވިސްނުންތެރި ދެމީހުން ސަވާރު ކުރައްވާފައި އެދިމާއަށް ފޮނުވާލެއްވިއެވެ. ނަމަވެސް އެ ނައުތައް ނިކުމެގެންދިޔަ ދިމާއިން އިންސާނެއް ވިޔަސް ހައިވާނެއްވިޔަސް ފެނިވަޑައެއް ނުގެންނެވިއެވެ. – ނަވުގެ ވާވެލާވެއްޔާއި ބައްޓަންގަޑު ދައްކާގޮތުން ވިއްޔާ މިސުރުގެ މަސްވެރިންނެއް ނޫނެވެ. އެއީ ދުރުން ދަތުރުކޮށްފައި ކަނޑުހުރަސް ކޮށް އައި ދެ ނައުއެވެ. – ކަނޑުގެ އައްސޭރީއަށް އެ ނައު ފަހަރުން ފޭބިމީހުން ހޯއްދެވުމަކީ ޢަލީ ބިން ސުފިޔާންއަށް ކުޅަދާނަވެވަޑައި ގަންނަވާ ކަމެއް ނޫނެވެ. އެ ޚަބަރު އެމަނިކުފާނާ ހަމައަށް އައުމަށްވެސް ތިން ދުވަސް ނެގިއެވެ. ވުމާއެކު އެ މުއްދަތުގެ ތެރޭގައި އެ ބަޔަކު ކުރާނޭކަމެއްކޮށް ދާނޭ ތަނަކަށް ދިއުމުގެ ފުރުސަތު އޮންނާނީ ލިބިފައެވެ.
ނައުފަހަރުގައި ޚާއްސަ ކަމެއް ހުރިތޯ ސުލްޠާން އައްޔޫބީ ކުރެއްވި ސުވާލުގެ ޖަވާބުގައި ކުޑަކޮށް ވިސްނާވަޑައިގަތުމަށްފަހު ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”މުބާރާތް އޮންނާނޭކަން އަޅުގަނޑުމެން އިޝްތިހާރު ކުރަމުން އަންނަތާ މިހާރު ދޮޅުމަހެއްހާ ދުވަސް ވެއްޖެއެވެ. މިހާރު އެ ޚަބަރު އޮންނާނީ ޔޫރަޕާއި ހަމައަށް ގޮސްފައެވެ. ވީމާ، ކުޅިބަލާ މީހުންނާއި އެކުގައި ޞަލީބީންގެ ޖާސޫސުންވެސް އަންނާނޭ ކަމުގައި އަޅުގަނޑަށް ވަރަށް ބޮޑަށް ޝައްކުކުރެވެއެވެ. – ޤަހިރާގައި މިހާރު އާދައިގެ ގޮތެއްގައި އަންހެން ކުދިން ވިކެމުން އެބަދެއެވެ. މިދެންނެވި އަންހެން ކުދިން ގަންނަނީ މަތީފަންތީގެ ވެރިންނެވެ. ވިކެމުންދާ އަންހެން ކުދީންގެ ތެރޭގައި ޞަލީބީންގެ އަންހެން ކުދިން ވާނޭކަމީ ޝައްކެތް ހުރިކަމެއް ނޫނެވެ.“
ޢަލީ ބިން ސުފިޔާން ދެއްކެވި ވާހަކަފުޅު އިވިވަޑައިގަތުމުން ސުލްޠާން އައްޔޫބީ ހާސްވެވަޑައެއް ނުގަންނަވައެވެ. ރޫމްގެ ކަނޑުގެ ތެރޭގައި ސުލްޠާން އައްޔޫބީގެ ލަޝްކަރު، ޞަލީބީންގެ ލަޝްކަރު ބަލިކުރިފަހުން އެއް އަހަރު ވެއްޖެއެވެ. އެހަގުރާމައަށް ފަހުގައި ޢަލީ ބިން ސުފިޔާން ވަނީ ކަނޑުމަތީ ސިފައިން ތައްޔާރު ކުރައްވާފައެވެ. – ނަމަވެސް އެއީ މާބާރުގަދަ ސަތޭކައިން ސަތޭކައަށް އިތުބާރު ކުރެވޭ ބަޔަކަށް ނުވެއެވެ. ނަމަވެސް އެމީހުންގެ ފަރާތުން ޚަބަރު ލިބިފައިވާގޮތުގައި ޞަލީބީންގެ ޖާސޫސުން މިސުރަށް އަރައިފިއެވެ. އެކަމަކު މިދެންނެވި ޖާސޫސުން މިސުރާއި ދޭތެރޭގައި ނިންމަނީ ކޮންކަހަލަ ގޮތަކަށް ކަމެއް ނޭގެއެވެ. ބަގްދާދާއި ދިމިޝްގުން ޚަބަރު ލިބޭ ގޮތުންވިއްޔާ އެރަށް ރަށުންވެސް ދުޝްމަނުންގެ ޖާސޫސުން ބާރު ހިންގާފައިވެއެވެ. ޚާއްސަކޮށް އެދެރަށުގައި މުސްލިމް އަމީރުން ހަލާކުގެ މަގުން ހިންގަވާލެއް މާގިނައެވެ. އެ ބޭބޭފުޅުން އިރުއޮއްސުމާ އެކު އައްޔާޝީ ކަންތައްތަކާއި ރާތަށިތަކުގެ ތެރެއަށް ގެނބި ވަޑައިގެން އުޅުއްވަމުން ގެންދަވައެވެ. ސުލްޠާން ނޫރުއްދީން ޒަކީ ހުންނަވަނިކޮށް ފައުޅުގައި ނުބައި އަމަލުތައް ހިންގާކަށް ޞަލީބީންނަށް ނުކެރެއެވެ. އެމީހުންގެ ކިބައިގާ އެހާ ހިތްވަރެއް ނުހުރެއެވެ. ދިމިޝްގާއި ބަގްދާދުގައި އެމީހުން ކަންތައް ހިންގަނީ ސިއްރުވެރި ގޮތުގައެވެ. ސުލްޠާން އައްޔޫބީގެ ލަޝްކަރު ރޫމްގެ ކަނޑުގައި ޞަލީބީ ލަޝްކަރު ބަލިކުރައްވާ ޣަރަޤް ކުރެއްވިއިރު އަނެއް ކޮޅުން ސުލްޠާން ޒަކީ ޞަލީބީން ރާއްޖެތަކަށް ހަމަލާ ދެއްވާ އެމީހުން ޞުލްހަވުމަށް މަޖުބޫރު ކުރައްވާ ޖިޒީ އަތުލެއްވިއެވެ. މި ހަނގުރާމައިގާ ގިނަ އަދަދެއްގެ ޞަލީބީން ސުލްޠާން ޒަކީގެ ގައިދުންނަށް ވިއެވެ. އޭގެތެރޭގައި ރޮނަލްޑް ނަމަކަށް ކިޔާ ޞަލީބީ ކޮމާންޑައަކުވެސް ހިމެނެއެވެ. އެހަގުރާމައިގާ ހައްޔަރުވި އެކަކުވެސް ސުލްޠާން ޒަކީ ދޫކޮށެއް ނުލައްވައެވެ. އޭގެ ސަބަބަކީ ޞަލީބީންގެ އަތްދަށުވި ހުރިހާ މުސްލިމުންވެސް ޝަހީދުކޮށްފައިވާތީއެވެ. އަނެއް ސަބަބަކީ ޞަލީބީންނަކީ ވައުދު އުވާލާބަޔަކަށް ވާކަމެވެ.
ސުލްޠާން އައްޔޫބީ ހުންނެވީ ހިތްޕުޅު ހަމަޖައްސަވައިގެންނެވެ. އަނެއްކޮޅުން ސުލްޠާން ޒަކީ އިސްލާމީ ވެރިކަން ރައްކައުތެރި ކުރައްވާ ބަލަހައްޓަވަމުން ގެންދަވާކަން އެމަނިކުފާނަށް އެގިވަޑައި ގަންނަވައެވެ. – އެހެންނަމަވެސް ލަޝްކަރު ތައްޔާރު ކުރައްވަން އެމަނިކުފާނު ބޭނުންފުޅުވެވަޑައި ގަންނަވައެވެ. ފަލަސްތީން ފަތަހަ ކުރައްވާ އަރަބިންގެ ބިންތަކުން ކުފުރުގެ ސުންޕާ ބަލި ނައްތާލެއްވުމަކީ އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ. އެއާއެކުގައި މިސުރުގެ ދިފާއީ ބާރުގަދަ ކުރެއްވުމަކީވެސް ކޮންމެހެން ބޭނުންފުޅުކަމެކެވެ. އެއްފަހަރާ ހަމަލާ ދެއްވާ ދިފާއު ކުރެއްވުމަށްޓަކާ ވަރަށް ބޮޑު ލަޝްކަރެއް ބޭނުންފުޅުވެވަޑައި ގަންނަވާނެއެވެ. އެމަނިކުފާނު އެދިވަޑައި ގަންނަވާ ވަރަށް ވުރެ މިސުރު މީހުން ސިފައިންގެ ތެރެއަށް ވަންނަލެއް މާމަދެވެ. މީގެ އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނު ރޫޅާލެއްވި ސޫދާނީ ލަޝްކަރުގެ މަތީވެރިންނާއި ކޮމާންޑަރުން ކުދި ރަށްތަކާއި އަވަށްތަކުގައި ސުލްޠާން އައްޔޫބީއާއި ޚިލާފަށް ޕްރޮޕެގެންޑާ ފަތުރަމުން ގެންދިއުމެވެ. – އޭގެ ތެރެއިން ބަޔަކު ސުލްޠާން އައްޔޫބީގެ ވަފާތެރިން ކަމުގައި ހެދިގެން އެމަނިކުފާނުގެ ލަޝްކަރުގައިވެސް ބައިވެރި ވިއެވެ. މިހާރު އެމަނިކުފާނުގެ ލަޝްކަރަކީ ފުދޭ ވަރެއްގެ ބޮޑު ލަޝްކަރެކެވެ. ސުލްޠާން ޒަކީ ފޮނުއްވި ސިފައިންނާއި މިސުރު މީހުންނާއި ސޫދާނީން މި ލަޝްކަރުގައި ހިމެނެއެވެ. – އެމަނިކުފާނުވެސް އެމީހުންގެ ލޮލަކަށް ނުފެނެއެވެ. – ސުލްޠާން އައްޔޫބީ މި މުބާރާތް އިންތިޒާމް ކުރައްވާފައި ކުޅި ބަލަން އަންނަ މީހުންނާއި ވީހާ ބޮޑަކަށް ގުޅިގެން އުޅުމަށް ލަޝްކަރުގެ ކޮމާންޑަރުންނާއި ލީޑަރުންނަށް އެމަނިކުފާނު އެންގެވިއެވެ. ލޯތްބާއި އިޚްލާސްތެރިކަން އަދާކޮށްގެން މެހެމާނުންގެ ހިތްތައް ކުރުމަށް ވިދާޅުވިއެވެ. ”އަހުރެން އެދެނީ އެމީހުންނަށްވެސް ތެދުމަގު ދެއްކެވުމަށެވެ. ﷲގެ އިރާދަފުޅުން އިސްލާމީ ވެރިކަން ދުނިޔޭގެ ކަންކޮޅުތަކަށް ފަތުރުއްވައި ޞަލީބީންގެ ފިތުނަވެރި ކަމުން ބިންގަނޑު ޠާހިރު ކުރެއްވުމަށެވެ.“
ކުޅިވަރު ފެށުމުގެ އެއްދުވަސް ކުރިން ޢަލީ ބިން ސުފިޔާން ވަޑައިގެން ޖާސޫސުންގެ ފަރާތުން އަތުވެދާނޭ ނުރައްކަލަކާ ބެހޭގޮތުން ސުލްޠާން އައްޔޫބީގެ އަރިއަހުގައި ވާހަކަފުޅު ދެއްކެވިއެވެ.
”އަމީރު މުހައްރިމެވެ. ޖާސޫސުންދެކެ އަޅުގަނޑު ބިރެއް ނުގަނެއެވެ. އަޅުގަނޑު ޖެހިލުންވަނީ މުސްލިމުން ކަމުގައި ހެދިގެން އުޅޭ މީހުން ދެކެއެވެ. އެމީހުން އަބަދުވެސް އެތިބެނީ ދުޝްމަނުންގެ ހަމަލާ އެއް އަތުވެއްޖެނަމަ އެއީ ކާމިޔާބު ހަމަލާ އަކަށް ހެދުމަށް އިންތިޒާރު ކޮށްކޮށެވެ. މިދެންނެވި ދެފުއް ދެގޮތް މީހުންގެ އީމާނާއި ޢަޤީދާ ހަރުދަނާ ވެއްޖެނަމަ ޖާސޫސުންގެ ލަޝްކަރެއް އައި ނަމަވެސް އެމީހުންނަކަށް ކާމިޔާބެއް ނުލިބޭނެއެވެ. – ކުޅިބަލާ މީހުންގެ ތެރޭގައި އައިސް އެތިބަ ނަށާ އަންހެން ކުދިންނަކީ ޞަލީބުން ފަތުރާފައިވާ ދަލެކެވެ. އެހެން ނަމަވެސް އަޅުގަނޑުމެން ޖެހިލުމެއް ނުވެއެވެ. އަޅުގަނޑުގެ ޖަމާޢަތުގެ މީހުން ރެއާއި ދުވާލު އަވަދިނެތި މަސައްކަތް ކުރަމުން އެބަގެންދެއެވެ.“
”ކަލޭފާނުގެ މީހުންގެ ގާތުގައި ވިދާޅުވާށެވެ. ބޭރުގެ ޖާސޫސަކު ފެނިއްޖެނަމަ މަރާނުލާށެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”އެފަދަމީހުން ދިރިތިއްބާ އަތުލައި ގަތުމަށް ވިދާޅުވާށެވެ. ޖާސޫސުންނަކީ ދުޝްމަނުންގެ ލޮލާއި ކަންފަތެވެ. ނަމަވެސް އަޅުގަނޑުމެންނަށްޓަކާ އެއީ ދުލެވެ. އެމީހުން ފޮނުވި ޤައުމެއްގެ ޚަބަރުތައް އަޅުގަނޑުމެންނަށް އެމީހުން ދޭނެއެވެ.“