ޤާހިރާއަށް އަންނަ ދަތުރުވެރިން މަޑުކޮށްލައިގެން ތިބޭ ކަހަލަ ގެއަކަށް މެގުނާނާ މާރިއޯސްމެން ފައިބައިފިއެވެ. މިގޭގެ އެއްބައި ޚާއްސަ ކުރެވިފައި ހުންނަނީ އެގޮތަށް އަންނަ އާދައިގެ ދަތުރުވެރީންނަށެވެ. އަނެއްބައި ހުންނަނީ އަމީރުންނާއި މަތީ ދަރަޖައިގެ ބޭފުޅުންނަށެވެ. އެބައިގައި މުއްސަދިތާޖަރުންވެސް ތިބެއެވެ. އެތަނުން ރާ ލިބެން ހުރެއެވެ. ނެށުމާއި ލަވަކިއުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުރެއެވެ. މެގުނާނާ މާރިއޯސް ފޭބީ މިދެންނެވި މުއްސަދިން ތިބޭ ބައަށެވެ. މޫބީ އަކީ އެނާގެ އަނބިމީހާ ކަމުގައާއި އަނެއް އެކުވެރިޔާއަކީ އެމީހުންގެ ނޯކަރެއްކަމުގައި މެގުނާނާ މާއިރޯއސް ބުންޏެވެ. މޫބީގެ ރީތިކަމާއި ފަރިކަމުގެ ސަބަބުން އެތަނުގައި މެގުނާނާ މާރިއޯސްގެ ގަދަރު ބޮޑުވެގެން ދިޔައެވެ. އެތަނުގެ މީހުން ދެކޭގޮތުގައި އެކަހަލަ ރީތި އަންބަކު ވަރަށް މުއްސަދި މީހަކަށްނޫނީ ނުލިބޭނެއެވެ. – އެހެންކަމުން އެ ތަނުގެ އިންތިޒާމްތައް ހަމަޖައްސާ މީހުން މެގުނާނާ މާރިއޯސްގެ ދެމަފިރިންނަށް ޚާއްސަ ސަމާލުކަމެއް ދިނެވެ. މޫބީ އަމިއްލައަށް އޭނާއަކީ މުސްލިމަކު ކަމުގައި ބުނެގެން ސުލްޠާން އައްޔޫބީއާއި އެ މަނިކުފާނުގެ އޮފީހާއި ބެހޭ މައުލޫމާތްތައް އޮޅުން ފިލުވަމުން ގެންދިޔައެވެ. ސުލްޠާން އައްޔޫބީ ސޫދާނީ ލަޝްކަރުގެ މީހުންނަށް މައާފް ދެއްވާ އެ ލަޝްކަރު ރޫޅާލެއްވުމަށްފަހު ލަޝްކަރުގެ މަތީ ދަރަޖައިގެ ވެރީންނާއި ކޮމާންޑަރުންގެ ހަރަމްތައް ހުސްކުރައްވާ އޭގެތެރެއިން ބޭނުން ބައަކަށް ދަނޑުވެރިކަން ކުރުމަށްޓަކައި ބިން ދެއްވިކަން މޫބީއަށް އެގުނެވެ.
އަރަބިބަސް ކުޑަކޮށްވެސް ނޭގޭ ހާލުގައި އެފަދަ ނުރައްތެރި މިޝަންއަކާއި ކުރިމަތިލީ މެގުނާނާ މާރިއޯސްގެ ހިތްވަރު ގަދަކަމުން ކަމެއް ބުނާކަށް ނޭގެއެވެ. އޭނާއަކީ އެފަދަ ނުރައްކައުތެރި ގަތުލުތައް ކުރުމަށާއި އެކަހަލަ މަތީ މަގާމްތަކުގައި އުޅުމުގެ ޓްރޭނިންގެއް ދެވިފައި ހުރި މީހެއްވެސް ނޫނެވެ. ސިކުޑިއާއި ބުއްދީގެ ގޮތުން ބެލިއަސް އޭނާއަކީ މާ ފުރިހަމަ މީހެއް ނޫނެވެ. – މިހުރިހާ ކަމެއް މިހެން ހުރުމާއެކުވެސް އޭނާ އައިސް އެހެރީ މުސްލިމުންގެ އެންމެ މަތީ ވެރިޔާ ސުލްޠާން އައްޔޫބީ ގަތުލު ކޮށްލާށެވެ. އެމަނިކުފާނު ފުރާނަ ފުޅާއި ހަށިކޮޅު ސަލާމަތްކޮށް ރައްކައުތެރި ކުރުމަށްޓަކައި ސިފައިންގެ ލަޝްކަރުތައް އަބަދުމެ ތައްޔާރަށް ތިބޭކަމެއް އޭނާއަކަށް ނޭގެއެވެ. – ކޮމާންޑޯ ޕާރޓީއާއި ވަކިވެގެން އޭނާ ދަތުރަށް ފެށި ވަގުތު އެޕާރޓީގެ ކޮމާންޑަރ އޭނާއާއި ދިމާއަށް ކަލޭތީ މޮޔައެކޭ ބުނީ އެހެންވެގެންނެވެ. ތެދެކެވެ. ކޮމާންޑަރ ނުބުނިނަމަވެސް މެގުނާނާ މާރިއޯސް ދަންނަ މީހަކަށް ވިއްޔާ އޭނާއަކީ މޮޔައެއްކަން އެގޭނެއެވެ.
ދުނިޔޭގެ ބޮޑެތި ބޮޑެތި ރަސްރަސްކަލުން ގަތުލުކުރާ ގާތިލުންނަކީ ބުއްދިނުވާ މޮޔައިންނެވެ. އެއީ ތާރީޚީ ހަގީގަތެވެ. އެކަހަލަ މީހުންގެ ސިކުޑީގައި ހަމަކަށަވަރުންވެސް އުނިކަމެއް ހުންނާނެއެވެ. އިޓަލީގެ ޖަލުން ގެނެވިފައި ހުރި މެގުނާނާ މާރިއޯސް އަކީވެސް އެކަހަލަ މީހެކެވެ.
މެގުނާނާ މާރިއޯސްގެ ނަސީބު ރަގަޅުކަމުން ކިތަންމެ ހަރުދަނާ ޝަޙްސިއްޔަތެއްގެ ވެރިއަކު ދަލުގައި ޖައްސާލަން ބޭނުން ވިއަސް ދަލުގާ ޖައްސާލެވޭވަރުގެ ބާރުގަދަ ދުލެއް އޭނާއަށް ލިބިފައިވެއެވެ. އެއީ ރީތިކަމާއި ލޫޅާފަތި ކަމުގެ ލާމަސީލު އަންހެން ކުއްޖާ މޫބީއެވެ. – އޭނާ ވަރަށް ރަގަޅަށް އަރަބިބަސް ދަނެއެވެ. އޭނާގެ އެކުވެރި އަނެއް ހަ އަންހެން ކުދިންވެސް ދޫފަސޭހަ ކަމާއެކު އަރަބިބަހުން ވާހަކަ ދައްކައެވެ. – އޭގެ އިތުރުން މިސުރު މީހުންނާއި އަރަބި މުސްލިމުންގެ ދިރިއުޅުމާއި ތަހުޒީބާއި ސޮސައިޓީގެ އާދަކާދަތައް އެކުދިންނަށް ދަސްކޮށްދީފައިވެއެވެ. ވެރިންނާއި އަމީރުންނާއި ވަޒީރުންގެ ތެރޭގައި އުޅޭނޭ ގޮތުގެ ޓްރޭނިން ދީފައިވެއެވެ. މުސްލިމް ފިރިހެނުންގެ ނަފްސިއްޔާތުވެސް އެކުދިންނަށް ވަރަށް ރަގަޅަށް ދަސްކޮށްދީފައިވެއެވެ. ތަމްސީލު ކުޅުމުގެ ފަންނުގައިވެސް އެކުދިންނަކީ މާހިރުންނެވެ. އިހިލިކުރީގައި ފިރިހެނުން ނެއްޓުވުމަކީ އެކުދިންގެ ވައަތުގެ ކުޅިވަރެވެ. – ބޭނުން ޖެހިއްޖެ ހިނދެއްގައި ހަށިތަކުގެ ހުރިހާ ފޭރާންތައް ދަމައި ގެންފައި ފިރިހެނުންނަށް ހުށައެޅުމުގެ ފަންނުވެސް އެކުދިންނަށް ދަސްކޮށްދީފައިވެއެވެ.
ބަންދު ކޮޓަރިއެއްގެ ތެރޭގައި ތިބެގެން މެގުނާނާ މާރިއޯސް އާއި މޫބީ އާއި އެމީހުންގެ އެކުވެރިޔާ ދައްކާ ވާހަކަތަކާއި ރާވާ ރޭވުންތަކެއް އެއްވެސް މީހަކަށް ނޭގެއެވެ. – ކޮންމެ އަކަސް ލިއުންތަކުން އެގޭގޮތުގައި މެގުނާނާ މާރިއޯސްގެއިން ބޭރަށް ނިކުތީ މުސާފިރުން ތިބޭ ގެއަށް ފޭބިތާ، ތިންދުވަސް ފަހުންނެވެ. އޭރު އޭނާގެ ތުބުޅި ހީވަނީ ހުދުބޯކިރު ތިކެއް ހެންނެވެ. މޫނުމަތީގައި ހުރީ ސޫދާނުންގެ މީހުންގެ ހަމުގައި ހުންނަ ކުލައެވެ. އެއީ މަސްނޫޢީ ސިފަތަކެއް ކަމުގައި ވިޔަސް ބަލާބެލުމަކަށް އެހެންއް ހިއެއް ނުވެއެވެ. މިހާރު އޭނާ ހީވަނީ އެންމެ ފައްކާ ސޫދާނީއެއް ހެންނެވެ. އޭނާ ލައިގެން ހުރީ އާދައިގެ ޖުއްބާއެކެވެ. – ބޮލުގައި ރުމާލެއް އައްސާލާފައި އޮތެވެ. އުނަގަނޑު މަތީގައި ފޮށައެއް ބަނދެލާފައި އޮތެވެ. މޫބީ އަޅައިގެން ހުރީ ފައިގެ ފުންނާބާ ހަމައަށް އަންވަރުގެ ދިގު ހެދުމަކާއި ބޮޑު ބުރުގާއެކެވެ. ތުނިފޮތިކޮޅަކުން އަނގަމައްޗާއި އޭނާގެ ހެދުމާއި ބުރުގަލުގެ ކުލަ އަނދިރި ރޭގަޑެއް ފަދައިން ކަޅެވެ. އެހެދުން އަޅައިގެން އިންނައިރު ފެންނަނީ ހަމައެކަނި އޭނާގެ ނޭފަތާއި ނިތްކުރިއާއި ދޭތެރެއެވެ. އޭނާގެ ނީކުނޑިކުލައިގެ ފަށުވި އިސްތަށިގަޑު ނިތްކުރިމައްޗަށް ވެއްޓިފައި އޮތެވެ. – އެހެދުމުގައި މޫބީ ފެނުމުން ހުއްޓުން ނާރާ މީހަކު ހުރިކަމަކަށް ނުވެއެވެ. އެމީހުންގެ އެކުވެރިޔާ އަޅައިގެން ހުރީ ނޯކަރުން އަޅާކަހަލަ އާދައިގެ ހެދުމެކެވެ. މެގުނާނާ މާރިއޯސް އޭނާގެ އަނބިމީހާ ގޮވައިގެން އަސްދުއްވާލަންދާން ބޭނުން ކަމަށްބުނެ މޮޅުނަސްލުގެ ދެއަސް ހޯދާފައި އޮތެވެ. އެދުވަހު އެމީހުން ހެދުން އަޅައިގެން ނިކުމެ މެގުނާނާ މާރިއޯސް އާއި މޫބީއާ ދެމީހުން ދެއަހަށް އަރާ ހަންމުށި އަޅައިފިއެވެ. އެމީހުން އަސްދުއްވާލުމުން އެމީހުންގެ އެކުވެރިޔާ ނޯކަރަކު ފަދައިން އަހުގެ ފަހަތުން ދުވެފައި ދާން ފަށައިފިއެވެ.
ސުލްޠާން އައްޔޫބީ އެމަނިކުފާނުގެ ދެ ނާއިބުން އަރިއަހުގައި ބައިތިއްބަވައިގެން ސޫދާނީންނާއި ދޭތެރޭ ކަންތައް ކުރަންވީ ގޮތުގެ އަމުރުފުޅުތައް ނެރުއްވަމުން ގެންދަވަނީއެވެ. – ވެވަޑައި ގެންނެވިހާ އަވަހަކަށް އެކަންތައް ނިންމެވުމަށް އެމަނިކުފާނު ބޭނުންފުޅެވެ. އެހީފުޅެއްގެ ގޮތުން ނޫރުއްދީން ޒަންގީ ފޮނުއްވި ސިފައިންނާއި ސޫދާނީ ލަޝްކަރުގައި ތިބި ވަފާތެރިންނާއި އެއްކުރައްވާ ލަޝްކަރުގެ އަދަދު ގިނަކުރައްވައިގެން ނޫނީ ޖެރޫސެލަމް އާއި ހަމަލާ ދެއްވޭކަށްނެތެވެ. ވުމާއެކު ލަޝްކަރު އުފެއްދެވުން އަވަސް ކުރެއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރޫމްގެ ކަނޑުގެ ހަގުރާމައިން ޞަލީބީން ބަލިވިފަހުން ސުލްޠާން ޒަކީ ލަޝްކަރާއިގެން ވަޑައިގެން ފްރެންކުން ބަލިކުރައްވާފައިވެއެވެ. ވީމާ ޞަލީބީން ސަމާލުވެ ހަގުރާމައެއް ކުރާހާބާރު ހޯދުމަށްޓަކައި އެތަކެއް ދުވަސް އެމީހުންނަށް ބޭނުންވާނޭކަން ސުލްޠާން އައްޔޫބީއަށް ވިސްނިވަޑައިގަންނަވައެވެ. ނަމަވެސް ޞަލީބީން ސަމާލުވުމުގެ ކުރިން ޖެރޫސެލަމް ފަތަހަ ކުރެއްވުމުގެ ހުރިހާ ރޭއްވެވުމެއް ސުލްޠާން އައްޔޫބީ ރާއްވަވާ ނިންމަވައިފިއެވެ. ވީމާ، އެހަގުރާމައިގެ ކުރިން ސޫދާނީންނަށް ބިން ދެއްވާ އެބިންތަކުގައި އެމީހުން އާބާދު ކުރެއްވުމަށްފަހު އެމީހުން ދަނޑުވެރިކަމާއިގެން މަޝްއޫލު ކުރުވަން އެމަނިކުފާނު ކޮންމެހެން ބޭނުންފުޅުވެވަޑައި ގަންނަވައެވެ. އެހެންނޫނީ އެމަނިކުފާނު ހަނގުރާމައަށް ވަޑައިގެންވަނިކޮށް ސޫދާނީން ބަޣާވާތް ކޮށްފާނޭކަމުގެ ބިރުފުޅު އެމަނިކުފާނުގެ ހިތްޕުޅުގައި އޮވެއެވެ.
އައު ލަޝްކަރެއް އިންތިޒާމް ކުރައްވާ އެތަކެއްހާސް ސޫދާނީން ބިމުގައި އާބާދުކުރެއްވުމަކީ މާފަސޭހަފުޅު މަސައްކަތްޕުޅަކަށް ނުވާނެއެވެ. މިދެކަންތަކުގައިވެސް ސުލްޠާން އައްޔޫބީ ބިރުފުޅުގެންވަޑައިގަންނަވާ ކަމެއް އޮވެއެވެ. އެއީ އައްޔޫބީގެ ލަޝްކަރާއި އިންތިޒާމީ ޕާރޓީގައި މިސުރުގެ ގަދަރު ވެރިންގެ ތެރެއިން އެ މަގާމްއިން ދެކެވަޑައި ގަތުމަށް އެމަނިކުފާނު ބޭނުންފުޅުވެވަޑައި ނުގަންނަވާ މަތީ ދަރަޖައިގެ އޮފިސަރުން ތިބޭކަމެވެ. އެންމެ ފުރަތަމަ ސޫދާނީ ލަޝްކަރު ރޫޅާލައްވައިގެން އެމަނިކުފާނު އެހުންނެވީ އެމަނިކުފާނަށްޓަކައި ނުރައްކައުތެރިކަމާއި ބިރުވެރިކަން ހޯއްދަވައިގެންނެވެ. އެ ލަޝްކަރުގެ ވެރިންގެ ތެރެއިން މަތީ ދަރަޖައިގެ ކޮމާންޑަރުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. – އެމީހުން ސުލްޠާން އައްޔޫބީއަށް ކިޔަމަންތެރި ވުމަށް ގަބޫލުވި ނަމަވެސް ޢަލީ ބިން ސުފިޔާންގެ ޖާސޫސުން ބަޔާން ކުރާ ގޮތުގައި އެމީހުންގެ ތެރޭގައި ބަޣާވާތުގެ ކަނިތައް އަދިވެސް ނުނިވި އެބަހުއްޓެވެ.
ޖާސޫސުންގެ ރިޕޯޓުތަކުން އެގޭގޮތުގައި ސޫދާނީ ލަޝްކަރުގެ މަތީ ދަރަޖައިގެ ވެރިން އެމީހުން އެބަލިވި ބަލިވުމަށްވުރެ ޞަލީބީންގެ ބަލިވުމާއި ދޭތެރޭގައި މާބޮޑަށް ދެރަވެ ހިތާމަކުރެއެވެ. ސުލްޠާން އައްޔޫބީ ސޫދާނީގެ ބަޣާވާތް އޮއްބަވާ ލެއްވުމަށް ފަހުގައިވެސް ޞަލީބީންގެ އެހީ ހޯދައިގެން ސުލްޠާން އައްޔޫބީ ގަތުލުކޮށްލަން ނުވަތަ އެމަނިކުފާނު ފަހާ ނަގަލުމަށް އުއްމީދު ކޮށްކޮށް ތިއްބެވެ. އޭގެތެރޭގައި މިސުރުގެ އިންތިޒާމީ ލަޝްކަރުގެ މަތީ އޮފިސަރުންގެ ތެރެއިން ދެތިން އޮފިސަރަކުވެސް ހިމެނެއެވެ. ޖާސޫސުންގެ ފަރާތުން މި ހުރިހާ ކަމެއް އެގިވަޑައިގެންނެވުމާ އެކުވެސް އެމީހުންނާއި ދޭތެރޭގައި ސުލްޠާން އައްޔޫބީ އެއްވެސް ކަހަލަ ހަރުކަށި ފިޔަވަޅެއް ނައަޅުއްވައެވެ. އެއަށްވުރެ އެމަނިކުފާނުގެ އީމާންތެރިކަން މާ ވަރުގަދައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ތިއްބެވި ދެފުއް ދެގޮތް މުނާފިގު އަމީރުންނާއި ދޭތެރޭގައިވެސް ކަމޭ ހިތްތެވިއެވެ. – އެއްވެސް ކަހަލަ ޖަލްސާއެއް ނުވަތަ ހަފްލާއެއްގައިވެސް އެމީހުންނާއި ބެހޭގޮތުން އެފަދަކަމެއް އެގިވަޑައި ގެންފައިވާ ކަހަލަ އިބާރާތެއް ބޭނުމެއް ނުކުރައްވައެވެ. ފަހަރެއްގައިވެސް ތަގްރީރެއް ކުރައްވާއިރު މިކަހަލަ އިބާރާތެއް ބޭނުން ކުރައްވަފާނެއެވެ. – ”ތިޔަބައިމީހުންގެ އެކުވެރިއަކު އީމާންތެރިކަން ވިއްކަން އުޅެނިކޮށް ފެނިއްޖެނަމަ އެކަން ހުއްޓުވާށެވެ. ދެން އެބައިމީހުންނަކީ މުސްލިމުންކަން ހަދާން ކޮށްދޭށެވެ. ކަލޭމެންވެސް އެބައިމީހުންނާއި ދޭތެރޭގައި މުސްލިމް އަޚުންނާއި ދޭތެރޭގައި ކަންތައް ކުރާފަދައިން ކަންތައް ކުރާށެވެ. އެންމެހާ ދުޝްމަން ކަމަކުން އެމީހުން ދުރުކުރާށެވެ.“
ފާޅުގައި އެމަނިކުފާނު ދުޝްމަނުންގެ ވާހަކަ ނުދެއްކެވިއަސް ދުޝްމަނުންގެ ހުރިހާ ރޭވުމަކާއި ހުރިހާ ހިޔާލްތަކެއް ބަރާބަރަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވައެވެ. ޢަލީ ބިން ސުފިޔާންގެ ޖާސޫސީ ހަމަލާގެ ފައުޖުން ސުލްޠާން އައްޔޫބީއަށް ޚަބަރު ގެނެސް ދިނުމަށްޓަކައި ރެއާއި ދުވާލު އަވަދިނެތި މަސައްކަތް ކުރަމުން ގެންދެއެވެ.
ޢަލީ ބިން ސުފިޔާންގެ ޖާސޫސީ ހަމަލާގެ ޒިންމާތައް މިހާރު ކުރިއަށްވުރެވެސް މާބޮޑު ވެއްޖެއެވެ. އަންހެންކުދިން ގޮވައިގެން ދަތުރުކުރި ގާޑުންނާއި ސަވާރުން ގަތުލުކޮށްލެވިއްޖެ ޚަބަރު މިހާރު ގާހިރާއާ ހަމައަށް އަތުވެއްޖެއެވެ. – އަންހެން ކުދިންނާއި ފިރިހެނުން އެކުލެވޭ ޖާސޫސީ ޖަމާޢަތުގެ ކޮންމެވެސް އޭގޭބަޔަކު ގާރޑުންގެ އަތްދަށުން ސަލާމަތްކޮށްގެން ގެންދިޔަ ޚަބަރުވެސް ލިއްޖެއެވެ. މިދެ ހާދިސާއިންވެސް ޞަލީބީ ޖާސޫސުންނާއި ކުއްލި ހަމަލާއެއް ދީފާނޭ ބަޔަކު ރަށުތެރޭގައި ތިބިކަމާއި ރަށުގެ އަހުލުވެރީން ދުޝްމަނުންނަށް އެހީވާކަން އެގިއްޖެއެވެ. މިހުރިހާ ކަމެއް އެގިފައިވާއިރު އަންހެން ކުދިންނާއި ފިރިހެން ޖާސޫސުން ސަލާމަތްކޮށްގެން ދިޔަމީހުން ނަވެއްގައި ފުރަން އުޅެނިކޮށް މަރާލެވިއްޖެ ޚަބަރު އަދި ޤަހިރާއާއި ހަމައަކަށް ނާދެއެވެ.
މިވަގުތު ސުލްޠާން އައްޔޫބީ ހުންނެވީ ވަރަށް ފިކުރުފުޅު ބޮޑުވެފައެވެ. އެމަނިކުފާނު މިސުރަށް ވަޑައިގެންނެވީ ވަރަށް ވަރުގަދަ އަޒުމަކާއިގެންނެވެ. އިސްލާމީ ވެރިކަން ތަނަވަސް ކުރައްވައި ފެތުރެއްވެވުމަށްޓަކައި ޚިޔާލުފުޅު ކުރައްވަމުންނެވެ. ނަމަވެސް އެމަނިކުފާނުގެ އެ މަތިވެރި އިއްޒަތްފުޅާއި އެ ޚިޔާލުފުޅުތަކާ ޚިލާފަށް އިސްލާމީވެރިކަން ފެންނަނީ ދުވަހެއް ދުވަހަކަށް ކުޑަވެ ފިތެމުންދާތަނެވެ. ބިންގަޑުގެ މަތިންނާއި ބިންގަޑުގެ އަޑިން އުތުރިއަރުމުންދާ ތޫފާނެއްގެ ވަރުގަދަކަމުން އެމަނިކުފާނުގެ އަޒުމްފުޅުތައް ގުޑުވަމުންދާން ފަށައިފިއެވެ. އެމަނިކުފާނު އެންމެ ބިރުފުޅުގެންވަޑައި ގަންނަވާ ކަމަކީ މުސްލިމުންގެ ކަނޑިތައް މުސްލިމުންގެ ކަނދުރާތަކާއި ދިމާއަށް މަޅައިގެންފައިވާތީއެވެ. އީމާންތެރިކަން ނީލަންކިޔަމުން ދާތީއެވެ. އިސްލާމީ ޚިލާފަތްވެސް ރޭވުންތެރިންގެ ދަލުގައި ޖެހި ޚުދު އެ ޚިލާތްތަކަކީ ރޭވުންތައް ރާވާ ފަރާތެއް ކަމުގައި ވެފައިވާތީއެވެ.
އަންހެނުންނާއި މުދަލުގެ ދަޅަތައް ޢަރަބީންގެ ބިންގަޑު ގުޑުވާލައިފިއެވެ. ސުލްޠާން އައްޔޫބީއަށްވެސް އެކަން އެގިވަޑައިގަންނަވައެވެ. – އެއަންހެނުންނާއި އެމުދަލުގެ ބޭނުން ކޮށްގެން ފިތުނަވެރިން އެމަނިކުފާނު ގަތުލު ކޮށްލަން ރޭވުންތައް ރާވަމުން ދާކަންވެސް އެމަނިކުފާނަށް ރަގަޅަށް އެގިވަޑައި ގަންނަވައެވެ. އެކަމަކު އެއިން އެއްވެސް ކަމަކާ އެމަނިކުފާނު ފިކުރުފުޅު ބޮޑެއް ނުކުރައްވައެވެ. މީހެއްގެ ފަރާތުން އެފަދަ ވާހަކައެއް އެގިވަޑައިގެންފިނަމަ މިފަދަ ބަސްފުޅަކުން ނިންމާލައްވައެވެ. – ”އަހުރެންގެ ދިރިހުރުމާއި މަރުވުންވަނީ ﷲގެ އިރާދަފުޅާއި ގުޅިފައެވެ. – އަހުރެން މިބިންމަތީގައި ހުރުމަކީ ބޭކާރު ކަމެއްކަމުގައި ކަލާންގެ އިރާދަ ކުރައްވައިފިނަމަ މި ދުނިޔެއިން އަހުރެން ގެންދަވާ ފާނެއެވެ.“ ކޮންމެއަކަސް މިފަދަ ޖަވާބެއް ދެއްވާފައި އަމިއްލަ ފުރާނަފުޅު ރައްކާތެރި ކުރެއްވުމަށްޓަކައި އިތުރު ފިޔަވަޅުފުޅެއް ނައަޅުއްވައެވެ. ނަމަވެސް އެމަނިކުފާނުގެ ވަފާތެރި ލަޝްކަރާއި އެމަނިކުފާނުދެކެ ލޯބިފުޅުވާ ޢަލީ ބިން ސުފިޔާން އެ މުއްސަލާގައި ވަރަށް ހުޝިޔާރު ވެވަޑައިގަންނަވައެވެ. އަބަދުވެސް ސުލްޠާން އައްޔޫބީގެ ހަށިކޮޅު ރައްކާތެރިކުރެއްވުމަށްޓަކައި އެމަނިކުފާނުގެ އަރިއަހުގައި ފާރަވެރިން ބައިތިއްބަވައެވެ.
އެދުވަހު ސުލްޠާން އައްޔޫބީ އެމަނިކުފާނުންގެ ނާއިބުންނާއި މަޝްވަރާ ކުރައްވާ ކަންތައް ކުރާނޭގޮތް ވިދާޅުވެ ދެއްވަން އިންނަވަނިކޮށް ހުއްދަނެތި ވަނުންމަނާ ކުރެވިފައިވާ ސަރަހައްދުގެ ތެރެއަށް ވަދެގެން އައި ދެ އަސްވާރުން ފެނިގެން ކޮމާންޑަރއަކު ދުވެފައިގޮސް އެމީހުން ހުއްޓުވައިފިއެވެ. މިދެ އަސްވާރުންނަކީ މެގުނާނާ މާރިއޯސްއާއި މޫބީއެވެ. އެމީހުން އަސް މަޑުކޮށްލާފައި އަހުން ފޭބުމާއެކު އެމީހުންގެ އެކުވެރިޔާ ލަގަނުގައި ހިފައިފިއެވެ.
މޫބީއަހުން ފައިބައިގެން ވެގުނާނާ މާރިއޯސްގެ އަތުގައި ހިފުމުން އެއީ އޭނާގެ ބައްޕަކަމަށާއި ދެބަފައިންވެސް ސުލްޠާން އައްޔޫބީގެ ފައިވާންފުޅު ދުށުމަށް ބޭނުންވާކަމުގައި ކޮމާންޑަރ ކައިރީގައި ބުނެފިއެވެ. އެއަޑު އިވުމުން ސުލްޠާން އައްޔޫބީގެ ފައިވާފުޅު ދުށުމަށް ބޭނުންފުޅުވަނީ ކޮންބޭނުމެއްގައިތޯ މެގުނާނާމާރިއޯސް ކުރެން ކޮމާންޑަރ ސުވާލުކުރިއެވެ. ނަމަވެސް އިވުނުކަމަށް އޭނާ ނަހަދައެވެ. ހަދައިގެން ކުރާނީވެސް ކީއްހެއްޔެވެ. އަރަބި ބަހަކީ އޭނާ އެއްގޮތަކަށްވެސް ދަންނަ ބަހެއްނޫނެވެ. ވުމާއެކު އޭނާގެ ފަރާތުން ވާހަކަ ދެއްކީ މޫބީއެވެ. ޢަރަބި ނަމަކުން ކޮމާންޑަރއަށް ތަޢާރަފްވެފައި މޫބީ ވާހަކަ ދައްކަން ފެށިއެވެ. ”ބައްޕައާއި ވާހަކަ ދެއްކެވުމަކީ ބޭކާރުކަމެކެވެ. ބައްޕަ އަކީ ކަންތަށް ނުއިވޭ ބަސްނުމޮށެވޭ އުޒުރުވެރިއެކެވެ….. އަހަރުމެން ދެބަފައިން ސުލްޠާން އައްޔޫބީގެ ފައިވާފުޅު ދުށުމަށް އެދޭ ސަބަބު އަހަރެން ދަންނަވާނީ ސުލްޠާން އައްޔޫބީގެ އަރިއަހުގައެވެ. ނުވަތަ އެމަނިކުފާނުގެ އޮފިސަރުންގެ ތެރެއިން މަތީ އޮފިސަރެއްގެ ކައިރީގައެވެ.“
ޢަލީ ބިން ސުފިޔާން ބޭރުގައި ދެކޮޅަށް ހިންގަވާލަ ހިންގަވާލަ ހުންނަވަނިކޮށް މެގުނާނާ މާރިއޯސް އާއި މޫބީ ފެނިވަޑައިގަތުމުން އެމީހުންގެ ކައިރިއަށް ވަޑައިގެން ސުވާލު ވިދާޅުވުމުން މޫބީ ޖަވާބު އެރުވިތަނާ އެމީހުން ސުލްޠާން އައްޔޫބީގެ ފައިވާންފުޅު ދުށުމަށް އެދޭވާހަކަ ކޮމާންޑަރ ދަންނަވައިފިއެވެ. އެއަޑު އިވިވަޑައިގެންނެވުމުން ސުލްޠާން އައްޔޫބީގެ ފައިވާންފުޅު ދުށުމަށް އެދެނީ ކޮން ބޭނުމެއްގައިތޯ މެގުނާނާ މާރިއޯސް ކުރެން އެމަނިކުފާނު އެއްސެވިއެވެ. އެ ވަގުތު މޫބީ ޖަވާބު އެރުވިއެވެ. ”މިހިރީ އަޅުގަނޑުގެ ބައްޕައެވެ. ވާހަކަ ދެއްކުމާއި އަޑު އެހުމަށް އުޒުރު ވެރިއެކެވެ.“
”މި ވަގުތު ސުލްޠާން އައްޔޫބީ އުޅުއްވަނީ ވަރަށް އަވަދިނެތިއެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅު ނިމި ފުރުސަތު ލިބިވަޑައި ގެންނެވިހާ އަވަހަކަށް ތިޔައިގެ ދެ ބަފައިންނާއި ބައްދަލުވެވަޑައި ގެންނެވޭނޭ ވަގުތެއް ކަނޑައަޅާ ދެވޭތޯ މަސައްކަތް ކުރާނަމެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. – ”އެހެންނޫނީ ތިޔައިގެ ދެބަފައިން މިތަނަށް އައި ބޭނުމެއް އަހަރެންގެ ގާތުގައި ބުނަނިކޮށް ސުލްޠާން އައްޔޫބީއާއި ބައްދަލު ނުކުރިޔަސް އެބޭނުމެއް ފުއްދައިދެވޭތޯ އަހަރެން ބަލާނަމަވެ. – އާދައިގެ ކުދިކުދި ޝަކުވާތައް އަޑު އައްސަވާނޭ ފުރުސަތެއް އެމަނިކުފާނަކަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. – އާންމުންނާއި ބެހޭ މަހްކަމާއި އެކަހަލަ ޝަކުވާތައް އަޑުއަހާ ހަމަޖައްސާ ދޭނެއެވެ.“
”އަނިޔާލިބިގެންވާ މުސްލިމް އަންހެން ދަރިއެއްގެ ޝަކުވާ އަޑުއައްސަވާނޭ ކުޑަވެސް ފުރުސަތެއް އެމަނިކުފަނަކަށް ހަމަ ލިބިވަޑައެއް ނުގަންނަވާނޭތޯ އެވެ؟“ މޫބީ ދެންނެވިއެވެ. ”އަޅުގަނޑު ދަންނަވަންވީ އެއްޗެއް ދަންނަވާނީ އެމަނިކުފާނުގެ އަރިއަހުގައެވެ.“
”އައި ބޭނުމެއް އަހަރެންގެ ގާތުގައި ބުނެފައިނޫނީ އެއްވެސް މީހަކަށް އެމަނިކުފާނަކާއި ބައްދަލެއް ނުވެވޭނެއެވެ.“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ. ”އެންމެ ރަގަޅެވެ. ތިޔައިގެ ދެބަފައިންގެ ޝަކުވާ އެ މަނިކުފާނުގެ ކަންފަތްޕުޅާއި ހަމައަށް އަހަރެން ގެންގޮސްދޭނަމެވެ. އޭރުން ދެން ކަލޭމެންނާއި ބައްދަލު ކުރެއްވުމަކީ ފެނިވަޑައިގަންނަވާ ކަމެއް ކަމުގައި ވަނީނަމަ ބައްދަލު ކުރައްވަފާނެއެވެ.“ ޢަލީ ބިން ސުފިޔާން މިހެން ވިދާޅުވެފައި މެގުނާނާ މާރިއޯސް އާއި މޫބީ ގެންދަވާ އެމަނިކުފާނުގެ ކޮޓަރި ކޮޅުގައި ބައިތިއްބަވާފާ އެމަނިކުފާނުވެސް އެތަނުގައި އިށީދެވަޑައި ގެންފިއެވެ.
ދޮގެއް ހަދައިގެން ނަމަވެސް ޢަލީ ބިން ސުފިޔާންގެ އަރިއަހުގައި ހުރިހާ ވާހަކައެއް ދަންނަވައިގެންނޫނީ ސުލްޠާން އައްޔޫބީއާއި ހަމައަށް ނުދެވޭނޭކަން އެގުމުން މޫބީ އުތުރުގެ ކޮންމެވެސް ރަށެއްގެ ނަން ދަންނަވާފައި ދެބަފައިންގެ ގޮތުގައި އައިސްއުޅޭ މެގުނާނާ މާއިއޯސް އާއި އޭނާގެ ވާހަކަ ޢަލީ ބިން ސުފިޔާންއަށް ދަންނަވައިފިއެވެ. – ”މީގެ ދެ އަހަރުކުރިން އަޅުގަޑުމެން ރަށުގެ ކައިރިންލާފާ ސޫދާނީ ލަޝްކަރު ދަތުރު ކުރަމުން އަންނަ ޚަބަރު ލިބިގެން އެއްފުރައިގެ އަންހެން ކުދިބަޔަކާ އެކު އެ ލަޝްކަރު ބަލލާލަން އަޅުގަޑުވެސް ނިކުމެއްޖައީމެވެ. – އަޅުގަނޑުމެން ރަށް ބޭރުގައި ތިއްބާ ލަޝްކަރު ދަތުރު ކުރަމުން އައިސް އެހިސާބަށް އަރާ ހަމަވިތަނާ ލަޝްކަރުގެ ތެރެއިން ކޮމާންޑަރަކު އަސް އަބުރާލާފައި އައިސް އަޅުގަނޑުމެންގެ ކައިރިއަށް މަޑުކޮށްލާފައި އަޅުގަނޑުގެ ނަމަކީ ކޮބައިތޯ އަހައިފިއެވެ. އަޅުގަނޑު ނަންބުނުމުން ކޮމާންޑަރ މީހަކު ފޮނުވައިގެން އަޅުގަޑުގެ ބައްޕަ ގެނުވައިގެން ވާހަކަ ދައްކަން ފެށުމުން ބައްޕައަކީ ބަސް ނުމޮށެވޭ އަޑު ނުއިވޭ މީހެއް ކަމަށް ބުމުން އިތުރު ވާހަކައެއް ނުދައްކާ އެ ވަގުތު ކޮމާންޑަރ ހިގައްޖެއެވެ. ނަމަވެސް އެ ދުވަހުގެ އިރުއޮއްސުނުތަނާ ސޫދާނީ ސިފައިންގެ ހަތަރު މީހަކު އަޅުގަޑުގެ ގެއަށް ވަދެ ގަދަކަމުން އަޅުގަނޑުގެއިން ނެރެގެން ގެންގޮސް ކުރިން ދެންނެވި ކޮމާންޑަރއާއި ހަވާލު ކޮށްފިއެވެ. އޭނާގެ ނަމަކީ ބަލިޔާންއެވެ. ކޮމާންޑަރ ބާލިޔާން އަޅުގަނޑު ގޮވައިގެން ގޮސް އެނާގެ ހަރަމުގައި އަޅުގަނޑު ހައްޔަރު ކޮށްފިއެވެ. އޭރުވެސް އޭނާގެ ހަރަމުގައި އިތިރު ހަތަރު އަންހެން ކުދީން ތިއްބެވެ. – އޭނާ އެގޮތަށް އަޅުގަނޑުގެނެސް އޭނާގެ ހަރަމްގައި ހައްޔަރު ކުރުމުން އަޅުގަނޑާއި ކައިވެނިކޮށް އަންބެއްގެ ގޮތުގައި ބޭންދުމަށް އެދި އާދޭސް ކުރީމެވެ. އެކަމަކު އޭނާއެއަޑެއް ނޭހިއެވެ. އަޅުގަނޑާއި ކައިވެނި ކުރަކަށް ގަސްދެއް ނުކުރިއެވެ. ނިކާހު ނުކިޔާމެ އަންބެއްހެން ފުރިހަމަ ދެއަހަރުދުވަސްވަންދެން އެ ހަރަމުގައި އޭނާ އަޅުގަޑު ބެއިންދިއެވެ. ދެއަހަރު ފަހުން ސޫދާނީ ލަޝްކަރުގެ ބަޣާވާތް ކުރިރޭ ބާލިޔާން ފިލާ ރައްކާވެއްޖެއެވެ. އެނާ ދިޔަ ނުދިޔަތަނެއް އަޅުގަނޑުމެންނަކަށް ނޭގެއެވެ. މަރާލެވުނީކަން ނުވަތަ ގައިދު ކުރެވުނީ ކަމެއްވެސް އޮޅުމެއް ނުފިލައެވެ. – އަޅުގަނޑުމެން އެކަނިވެ ހަދާނޭގޮތެއް ނޭގިފައި ތިއްބާ މަނިކުފާނުގެ ލަޝްކަރުގެ ބަޔަކު ބާލިޔާންގެ ހަރަމަށް ވަދެ ކަލޭމެން ތިޔަތިބީ މިނިވަން ވެފައޭ ބުނެފާ ހުރިހާ ކުދިން ހަރަމުން ނެރެލާފިއެވެ…… ދެން އަޅުގަނޑު ދިޔައީ އަޅުގަނޑުގެ ގެއަށެވެ. އަޅުގަނޑު އެބުރި އައުމުން އަޅުގަނޑުގެ ބައްޕަ ވަރަށް އުފާކޮށްފައި އަޅުގަނޑު މީހަކާއި ދެވެން އުޅެން ފަށައިފިއެވެ…… ނަމަވެސް އަޅުގަނޑަކީ ހަރަމުން ނެރެލެވިފައި އިން އަންހެނެކޭ ކިޔާފައި އަޅުގަޑައި ކައިވެނިކޮށް އަންބެއްގެ ގޮތުގައި ބޭނުން ކުރާނޭ ހަމައެކަކުވެސް ނުވިއެވެ…… އެމީހުން ހަމައެކަނި އެގޮތުން ފަރުޖައްސާލީއަކީ ނޫނެވެ. ވިހާ ބޮޑުވި ރަށުގައިވެސް އަޅުގަނޑު އިނަކަނުދިނެވެ. އެންމެ ފަހުން އަޅުގަނޑުމެން ދެބަފައިން ރަށުން ފައިބައިގެން އައިސް މި ރަށަށް އަރާ ދަތުރުވެރިން ތިބޭ ގެތަކުން ގެއަކަށް ފޭބީއެވެ. – އަޅުގަނޑުމެން އެތަނުގައި މަޑުކޮށްލައިގެން މިތިބީ ސުލްޠާން އައްޔޫބީ ސޫދާނީންނަށް ބިމާއި ގެދޮރު ދެއްވާ ވާހަކަ އިވިގެންނެވެ. މާތް މަނިކުފާނެވެ. އަޅުގަނޑަކީ ބާލިޔާންގެ ކަނީޒެއް ކަމުގައި ނުވަތަ ނިކާހު ނުކިޔާ އަންބެއްކަމުގައި ދެކެވަޑައިގެން އަޅުގަޑަށްވެސް ކުޑަބިންކޮޅަކާއި ބޯހިޔާ ކޮށްލާނޭ ގެއެއް ހޯއްދަވައި ދެއްވާށެވެ. އޭރުން އަޅުގަނޑުމެންގެ ދެބަފައިންނަށް މި ރަށުގައި ވަޒަން ވެރިވެގެން ތިބެވިދާނެއެވެ. އެހެންނޫނީ ބައްޕައަށް ފިލައިގެން ގޮސް އަޅުގަނޑު އަމިއްލައަށް މަރުވެދާނަމެވެ. ނުވަތަ ޠާއިފްއަކަށް ވެދާނަމެވެ.“
”ސުލްޠާން އައްޔޫބީގެ ފައިވާންޕުޅު ދެކި ތިޔައިގެ ދެބަފައިންނަށް ބިމާއި ގެދޮރު ލިބިއްޖެއްޔާ އެކަން ހުއްޓާލާ ފާނޫހެއްޔެވެ؟“ ޢަލީ ބިން ސުފިޔާން ވިދާޅުވިއެވެ.
”ނޫނެކެވެ.“ މޫބީ ދެންނެވިއެވެ. “ އަޅުގަނޑުމެންގެ ބޭނުން ފުއްދަވައި ދެއްވިޔަސް އެމަނިކުފާނުގެ ފައިވާނުފުޅު ދެކެން އަޅުގަނޑު ބޭނުމެވެ. އެއީ އަޅުމެންގެ ޢަގީދާއެއް ކަމުގައި ހީފުޅުކުރައްވާށެވެ. އެމަނިކުފަނުގެ ދިދައިގެ ދަށުގައި އަންހެނުންގެ އިއްފަތާއި އަބުރަކީ ކުޅޭ އެއްޗެތިތަކެއް ކަމުގައި ވަމުން ދަކަށް އެމަނިކުފާނަށް އޮޅުން ފިލުވަދޭން އަޅުގަނޑު ބޭނުމެވެ. މުއްސަދިންގެ ތެރޭގައި ކައިވެނީގެ އާދަކާދަ ނެތިގެން ހިގައްޖެކަމާއި ﷲ އަށްޓަކައި އަންހެނުންގެ އިއްފަތާއި އަބުރު ސަލާމަތް ކޮށްދެއްވުމަށް އެދި އާދޭސް ދަންނަވަން ބޭނުމެވެ. މިހުރިހާ ވާހަކައެއް ސުލްޠާން އައްޔޫބީގެ އަރިއަހުގައި ދަންނަވަނިކޮށް އަޅުގަނޑުގެ ހިތަށް ހަމަޖެހުމެއް ލިބިދަނެކަންނޭގެއެވެ.“ މޫބީއާއި ޢަލީ ބިން ސުފިޔާންގެ ވަހަކަ އަޑުއިވޭ ކަމަށްވެސް ނުހަދާ މަގުނާނާ މާރިއޯސް މަޑުންއިނެވެ.
”މިވަގުތު ސުލްޠާން އިންނެވީ ވަރަށް މުހިންމު ޖަލްސާއެއްގައެވެ. ވީމާ އެމަނިކުފާނު ނިމިވަޑައި ގަންނަވަންދެން ކެތްކޮށްލާށެވެ. – އަހަރެން އެމަނިކުފާނުގެ ކަންފަތްޕުޅާއި ހަމައަށް ކަލޭމެންގެ ޝަކުވާ ގެންގޮސް ދޭނަމެވެ. އެމަނިކުފާނުގެ ފައިވާފުޅު ދުށުމުގެ ހުއްދަ ދެއްވާތޯ ދަންނަވާނަމެވެ.“ – މިހެން ވިދާޅުވެފައި ޢަލީ ބިން ސުފިޔާން އެތެރެއަށް ވެދެ ވަޑައިގެން މިހާރު އެވަޑައިގަންނަވަނީ ސުލްޠާން އައްޔޫބީގެ އަރިއަހަށް ކަމުގައި ވިދާޅުވެފައި ދެވަނަ ފަހަރަށް ބޭރަށް ވަޑައިގެންފިއެވެ.
ޢަލީ ބިން ސުފިޔާން ދެވަނަ ފަހަރަށް ބޭރަށް ވަޑައިގެންނެވިތާ ކިތަންމެ އިރެއްވީފަހުން އެބުރިވަޑައިގެން ސުލްޠާން އައްޔޫބީގެ އަރިއަހަށް އެގެ ދެބަފައިން ގެންދިޔުމުގެ ހުއްދަ ލިބިވަޑައިގެންކަމަށް ވިދާޅުވެ ބައްޕަ ގޮވައިގެން އެމަނިކުފާނާ އެކުގައި އައުމަށް މޫބީއަށް އިޝާރާތް ކުރައްވައިފިއެވެ. ޢަލީބިން ސުފިޔާން މޫބީމެން ގޮވައިގެން ސުލްޠާން އައްޔޫބީގެ ކޮޓަރިކޮޅު ދައްކަވާފައި އެތެރެއަށް ވަނުމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވުމާއެކު މޫބީ އިޝާރާތުން މެގުނާނާ މާރިއޯސްއަށް އަންގާލާފައި ކުރިއަށް ހިގައިގެންފިއެވެ. ކޮޓަރިކޮޅުގެ ދޮރުކޮޅާއި ހަމައަށްގޮސްފައި ދެމީހުން އެއްފަހަރާ ހުއްޓި ފަސްބަލައިލިއެވެ. ހީވާގޮތުން އެމީހުން އެބަލައިލީ ސުލްޠާން އައްޔޫބީ ގަތުލުކޮށްފައި ފިލައިގެންދާނޭ މަގެއް އޮތްތޯއެވެ.
މޫބީއާއި މެގުނާނާ މާރިއޯސް ސުލްޠާން އައްޔޫބީގެ ކޮޓަރިކޮޅަށް ވަންއިރު އެކޮޓަރި ކޮޅުގައި ހުންނެވީ އެމަނިކުފާނު ގިނިކަންޏާއެވެ. މޫބީމެން ފެނިވަޑައި ގަތުމާއެކު އެމަނިކުފާނުގެ އަރިއަހުގައި ހުރި ދެގޮނޑި ދައްކަވާފައި އެތަނުގައި އިށީނުމަށް ވިދާޅުވިއެވެ. އެމީހުން އެތަނުގައި އިށީދެ ހަމަޖެހެންދެން އެމަނިކުފާނު ހަނުހިމޭނުން އިންނެވުމަށްފަހުގައި ވާހަކަފުޅު ދައްކަވަން ފައްޓަވައިފިއެވެ.
”އުފަންވީ އިރުވެސް ކަލޭގެ ބައްޕައަކީ ބީރުމީހެއް ހެއްޔެވެ؟“ ސުލްޠާން އައްޔޫބީ މޫބީ ކުރެން އެއްސެވިއެވެ.
”އާދޭހެވެ. މުހްތަރިމް ސުލްޠާންއެވެ.“ މޫބީ ޖަވާބު އެރުވިއެވެ. ”އެއީ ބައްޕަ އުފަންވީ އިރުވެސް ހުންނަ އުނިކަމެއް ކަމުގައި ބުނާތީ އަހަމެވެ.“
”ކަލޭމެންއައި ބޭނުމާއި ކަލޭމެން ތިޔަކުރާ ޝަކުވާ އަހުރެންނަށް އިވިއްޖެއެވެ. – އެކަމާ އަހަރެން ކަލޭމެނަށް ހަމްދަރުދީ ވަމެވެ. – ދެރަ ނުވާށެވެ. ކަލޭމެން ދިރިއުޅޭނޭ ގެދޮރާއި ދަނޑު ހައްދާނޭ ބިން އަހުރެން ދެނަމެވެ. – މިނޫން އެހެން ވާހަކައެއްވެސް އަހަރެންގެ ގާތުގައި ބުނަން ކަލޭމެން ބޭނުންކަން އެގިފައި އެބައޮތެވެ. އެއީ ކޮން ވާހަކައެއް ހެއްޔެވެ؟“ ސުލްޠާން އައްޔޫބީ އިށީދެވަޑައެއް ނުގަންނަވައެވެ. އެމަނިކުފާނު މޫބީމެންނާއި ވާހަކފުޅު ދެއްކެވީ ކޮޓަރިކޮޅުތެރޭގައި ދެކޮޅަށް ހިންގަވަމުންނެވެ.
”މަތްﷲ މަނިކުފާނުގެ އިއްޒަތާއި ގަދަރު މަތިވެރި ކުރައްވާށިއެވެ. ”މޫބީ ދެންނެވިއެވެ. ”އަޅުގަނޑަކީ ހަރަމުން ބޭރުކުރެވިފައިއިން ޠާވާއިފްއެކޭ ކިޔާފައި އަޅުގަނޑާއި އިންނާނޭ މީހަކު ނުވިކަމާއި އަޅުގަނޑުގެ ބައްޕައާއި ދިމާއަށް އެބައްޕަގެ އަންހެން ދަރިފުޅު ވިއްކާލީއޭ ކިޔައިގެން އަވަށުގެ މީހުން ހަޑިހުތުރު އެއްޗެތި ގޮވާ ދެބަފައިން އަވަށުން ބޭރުކޮށްލިކަން މަނިކުފާނަށް އެގިވަޑައިގެންފާނޭ ކަމުގައި ހީކުރަމެވެ. އަޅުގަނޑުމެން ދެބަފައިންނަށް ކުރިމަތި ވެފައިއޮތް އެންމެ ބޮޑު މައްސަލައަކީ އެއީއެވެ. – މަނިކުފާނުނ އަޅުގަނޑުމެންނަށް ގެދޮރާއި ބިން ދެއްވަފާނެއެވެ. ނަމަވެސް އަޅުގަނޑުގެ އިއްފަތާއި އަބުރު ރައްކާތެރި ކޮށްދޭނޭ ފިރިއަކު ހޯއްދަވައެއް ނުދެއްވެވޭނެއެވެ…… މި އުމުރުގެ އަންހެނަކަށް އެންމެ ބޭނުންވާނީ އެފަދަ ފިރިއެކެވެ……“ ޖެހިލުން ވެގެން ހުރެ މޫބީ ދެންނެވިއެވެ. – ”ދެން އޮތީ އަޅުގަނޑު ފަދަ އަބުރު ގެއްލިފައިއިން އަންހެނަކު މަނިކުފާނުފަދަ މާތްވެރިއެއްގެ އަރިއަހުގައި ދަންނަވައިގެން ވާނޭ ވާހަކައެއް ނޫނެވެ….. ނަމަވެސް މައިމީހާގެ އެދުމެއް ފުރިހަމަ ކޮށްދިނުމުގެ ގޮތުން އެވާހަކަ ނުދަންނަވާ އިދެވޭކަމށް ވެސްނެތެވެ. މަނިކުފާނު އަޅުގަނޑާ ކައިވެނި ކުރައްވާށެވެ. – ޝަރުޢީ ގޮތުން ކައިވެނި ކުރައްވަން ކެރިވަޑައި ނުގަންނަވަނީ ނަމަ މަނިކުފާނުގެ ހަރަމުގައި އަޅުގަނޑު ބައިންދަވާށެވެ. އަޅުގަނޑުގެ ސޫރައާއި ހަށިގަނޑާއި އުމުރަށް ބައްލަވާ ވިސްނާވަޑައިގެން ބައްލަވާށެވެ. – މަނިކުފާނު ކައިވެނިފުޅު ކުރެއްވުމަށް އަޅުގަނޑަކީ އެކަށީގެންވާ މީހެއް ނޫންތޯއެވެ؟“ މިހެން ބުނެފައި މޫބީ ތެދުވެ މެގުނާނާ މާރިއޯސްގެ ކޮޑުމަތީގައި އެއްއަތް ބާއްވާލާފައި އަނެއް އަތް އޭނާގެ މޭގައި ޖައްސާލަމުން ސުލްޠާން އައްޔޫބީއާއި ދިމާއަށް އިޝާރާތް ކޮށްލިއެވެ. އެއީ މާ ކުރީއްސުރެ ރާވާ ހަމަޖައްސާފައިވާ އިޝާރާތެއް ކަމުގައި ހީވެއެވެ. މޫބީގެ އިޝާރާތް ކޮށްލުމާއެކު މެގުނާނާ މާރިއޯސް ތެދުވެ މޫބީ އަތުގައި ހިފައިގެން ސުލްޠާން އައްޔޫބީ އާއި ދިމާއަށް ހިގައިގެންފިއެވެ. އޭނާގެ އެ އަމަލުން މަނިކުފާނު އަޅުގަޑުގެ އަންހެން ދަރިފުޅު ޤަބޫލުފުޅު ކުރައްވާށޭ ދަންނަވާ ކަހަލައެވެ.
”އަންހެން ކުއްޖާއެވެ. އަހުރެންގެ މަހުރަމެއް ނުހުރެއެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”އަހުރެން މަސައްކަތް ކުރަމުން މިގެންދަނީ މިރަށުން ގަހުވަޚާނާތަކާއި ރާބޯ ތަންތަނާއި ހަރަމްތައް ހުސްކުރުމަށްޓަކައެވެ.“ ވާހަކަޕުޅު ދެއްކެވުމުގެ ތެރޭގައި ސުލްޠާން އައްޔޫބީ އެމަނިކުފާނުގެ ޖީބުފުޅުން ފައިސާ ފޮއްޗެއް ނަންގަވައިގެން އުއް ނަގަމުން ގެންދެވިއެވެ. ”އަހަރެން ގަސްދު ކުރަނީ އަންހެންނުގެ އަބުރާއި އިއްފަތް ރައްކާތެރިކުރާ މީހަކަށް ވުމަށެވެ.“ މިހާތަނަށް ވާހަކަފުޅު ދައްކަވާފައި ސުލްޠާން އައްޔޫބީ ހިންގަވަމުން މޫބީމެންގެ ފުރަގަހަށް ވަޑައިގެން އަތްޕުޅުގައި އޮތް ފައިސާފޮތި ބިންމައްޗަށް ވައްޓަވާލައްވައިފިއެވެ. އެ މަގުތު މެގުނާނާ މާރިއޯސް ސިހިގެންގޮސްފައި އެބުރި ބަލައިލުމަށްފަހު ކުއްލިއަކަށް އަނެއް ފަރާތަށް މޫނު އަބުރާލައިފިއެވެ.
ސުލްޠާން އައްޔޫބީ އަވަސް އަވަހަށް އެމީހުންގެ ކުރިމައްޗަށް ވަޑައިގެން ހުއްޓިވަޑައި ގެންފައި އެމަނިކުފާނުގެ ކަމަރުގައި ހުރި އެއްފޫޓުގެ ޚަންޖަރެއް ނަންގަވައި މަގުނާނާ މާރިއޯސްގެ ކަދުރާގައި ޖައްސަވަމުން މޫބީއަށް ވިދާޅުވިއެވެ.
”މިމީހާއަކަށް އަހުރެމެން ވާހަކަ ދައްކާ އުޅޭ ބަހެއް ނޭގެއެވެ. ވީމާ، ހިތަޔާރު ބެހެއްޓުމަށް މީނާގާތު ކަލޭ ބުނާށެވެ. – އެކަންކުރުމަށް މީނާ ކުޑަކޮށްވެސް ފަސް ޖެހިއްޖެނަމަ މިތަނުން ނެރެވޭނީ ކަލޭމެންގެ ފުރާނަނެތް ހަށިތަކެވެ.
”އަޅުގަނޑުގެ ބައްޕަ ބިރުގަންނަވައިގެން އަޅުގަނޑުގެ މައްޗަށް ވެރިވެވަޑައި ގަންނަވަން މަނިކުފާނު ތިޔައުޅުއްވަވަނީ ކީއްވެގެންތޯއެވެ. – މަނިކުފާނަށްޓަކައި އަޅުގަނޑު އަމިއްލައަށް މިނަޒުރުވެ ގެންނަނީއެވެ.“ މޫބީ ހައިރާންވެ ބިރުގެން ނަމަވެސް އެކްޓްގެ މޮޅުކަން ދެއްކޭތޯ އޭނާ މަސައްކަތް ކުރިއެވެ.“
”ދިފައުގެ މަރުކަޒުގައި އަހަރެން ހުރިއިރު ކަލޭ އަހަރެންގެ ކުރިމައްޗަށް ގެނެވުނު ދުވަހު އަހަރެމެންގެ ބަހުން ވާހަކަ ދައްކަން އެގޭ ކަމަކަށް ނުވިއެވެ.“ ސުލްޠާން އައްޔޫބީ މިހެން ވިދާޅުވެފައި މެގުނާނާ މާރިއޯސްގެ ކަދުރާއަށް ހަންޖަރު ގޯޅާލައްވާނޭހެން ހީވާކަހަލަ ހަރަކާތެއް ކޮށްލެއްވިއެވެ. ”މިހާ އަވަހަށް އަހަރެމެންގެ ބަހުން ވާހަކަ ދައްކަވަން ކަލޭ ދަސްކުރީ ހެއްޔެވެ؟…..ހަމަ މިހާރު ހަތިޔާރު ބެހެއްޓުމަށް މީނާގެ ގާތުގައި އަވަހަށް ބުނާށެވެ.“
މޫބީ އޭނާގެ އަމިއްލަ ބަހުން މެގުނާނާ މާރިއޯސްގެ ގާތުގައި އެއްޗެއް ބުނުމާއެކު އޭނާ ލައިގެން ހުރި ޗުއާގެ ތެރެއިން ސުލްޠާން އައްޔޫބީގެ އަތްޕުޅުގައި އޮތްވަރުގެ ޚަންޖަރެއް ނަގައިފިއެވެ. އެވަގުތު ސުލްޠާން އައްޔޫބީ އަވަސް އަވަހަށް އޭނާގެ ޚަންޖަރު އަތުލައްވައި، އެމަނިކުފަނުގެ ޚަންޖަރު އެނާގެ ކަދުރާއިން ދުރުކުރައްވައިފިއެވެ. ”ދެންތިބި ހަ އަންހެން ކުދިން ކޮބާހެއްޔެވެ؟“ ސުލްޠާން އައްޔޫބީ ސުވާލު ކުރެއްވިއެވެ.
”އަޅުގަނޑު ދެނެވަޑައި ގަތުމުގައި މަނިކުފާނު ކުށްހީ ފުޅެއް ކުރައްވައިފީމުއެވެ.“ ތުރުތުރުއަޅާ އަޑަކުން މޫބީ ދެންނެވިއެވެ. ”އަޅުގަނޑާއި އެކުގައި އިތުރު ހަތަރު ހަ އަންހެން ކުދިންނެއް ނާދެއެވެ. – މަނިކުފާނު ތިޔަ ދައްކަވަނީ ކޮން ހަ އަންހެން ކުދިންނެއްގެ ވާހަކައެއްތޯއެވެ؟“
”މާތްﷲ އަހުރެންނަށް ދެލޯ ދެއްވާފައިވެއެވެ.“ – ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”މާތްﷲ އަހަރެންނަށް ބުއްދިއާއި ވިސްނުންވެސް ދެއްވިއެވެ. މީހެއްގެ ސޫރަ އެންމެ ފަހަރަކު ނަމަވެސް އަހުރެންނަށް ފެނިލައިފިނަމަ އެސޫރަ އަހުރެންގެ ސިކުޑީގައި ބިންވަޅު ނެގިފައިހުރެއެވެ. މޫނު ބުރުގާ އަކުން ދެބައިކުޅަ އެއްބައި ނިވާކޮށްފައި ތިޔަހަރަ ކަލޭގެމޫނު މީގެ ކުރިންވެސް އަހުރެން ދެކެފީމުއެވެ…… ރަގަޅަށް ހަދާން ކުރާށެވެ. ކަލޭގެ ތިޔަހަރަ އެކުވެރިޔާއަށް މާތްﷲ ދެއްވާފައިވަނީ ވަރަށް ކޮށި ވިސްނުމަކާއި ބުއްދިއެކެވެ. އޭގެ ސަބަބުން ކަލޭމެން ތިޔައައި ބޭނުމަށްޓަކައި އެކަށީގެންވާ ބަޔަކުކަމުގައި ކަލޭމެން ނުވަމުއެވެ. – ދަތުރުވެރިން ތިބޭގޭގައި ކަލޭމެންތިބީ ދެމަފިރިންގެ ގޮތުގައެވެ. – މިތަނަށް އައިސް ކަލޭމެން ދެމީހުން ދަބަފައިންނަށް ވެއްޖައިމެއެވެ. ނަމަވެސް ކަލޭމެންނަކީ އެކަހަލަ އެއްވެސް ގާތްކަމެއް ހުރި ބައެއް ނޫނެވެ. ކަލޭމެން އައި އަސްތަކުގެ ކައިރީގައި އެހެރަ ކަލޭމެންގެ އެކުވެރިޔާއަކީ ކަލޭމެންގެ ނޯކަރެއް ނޫނެވެ. – އަހުރެންގެ ވަފާތެރިން މިހާރު އޭނާ ހައްޔަރުވެސް ކޮށްފިއެވެ.“
އެއީ ޢަލީ ބިން ސުފިޔާންގެ މޮޅުކަމެވެ. މޫބީމެން ތިބެނީ މުސާފިރުން ތިބޭ ގޭގައި ކަމުގައި އޭނާ ޢަލީ ބިން ސުފިޔާންގެ އަރިއަހުގައި ދެންނެވުމުން އެމީހުން ކޮޓަރީގައި ބައިތިއްބާފައި ނިކުމެ ވަޑައިގެން މުސާފިރުން ތިބޭ ގެޔަށް ވަޑައިގެން އެތަނުގެ ނޯކަރުންނަށް މޫބީ އާއި މެގުނާނާ މާރިއޯސްގެ ސިފަވިދާޅުވެ ދެއްވާފައި އެމީހުންނާއި ބެހޭގޮތުން ސުވާލުކުރެއްވުމުން އެއީ ދެމަފިރިންކަމާއި އެމީހުންނާ އެކުގައި އެމީހުންގެ ނޯކަރަކުވެސް އެތަނުގައި ހުންނަ ކަމުގައި ޢަލީ ބިން ސުފިޔާންގެ އަރިއަހުގައި ނޯކަރުން ދެންނެވިއެވެ. އެމީހުން އެތަނުގައި ތިބެގެން ބާޒާރުން ހެދުމާއި އެހެންވެސް ބައެއްތަކެތި ގަތް ކަމަށާއި އޭގެ ތެރޭގައި އަންހެނުން އަޅާ ކަހަލަ ބޮޑުބުރުގާއަކާއި ފައިވާނެއްވެސް ހިމެނޭކަމުގައި ދެންނެވިއެވެ. މިހާވަރަށް މައުލޫމާތު ލިބިވަޑައި ގެންނެވުމުން ދެން އިތުރަށް އެއްޗެއް އޮޅުން ފިލުވަވާކަށް ނޫޅުއްވައެވެ. ދެން އަވަސް އަވަހަށް ވަޑައިގެން މޫބީމެން ތިބޭ ކޮޓަރީގެ ތަޅު ހަލާކު ކޮށްލައްވައިގެން އެތެރެއަށް ވެދެވަޑައިގެން މޫބީމެންގެ ސާމާނުތައް ބެއްލެވިއެވެ. އެމަނިކުފަނުގެ ޝައްކުފުޅު ޔަގީންކަމަށް ބަދަލުވެގެން ދިޔަ އެތަކެއްސާމާނު އެމީހުންގެ ތަކެތީގެ ތެރެއިން ފެނިވަޑައިގެންނެވިއެވެ. – މިތަކެތި ފެނިވަޑައިގެންނެވުމުން ސުލްޠާން އައްޔޫބީ ގިނިކަންޏާ ހުންނަވަނިކޮށް އެމަނިކުފާނާއި ބައްދަލުކުރަން މޫބީމެން އެދެނީ ކޮންބޭނުމެއްގައިކަން ޢަލީ ބިން ސުފިޔާންއަށް ވިސްނިވަޑައިގެންފިއެވެ. އެތަނުން ނިކުމެ ވަޑައިގެން މޫބީމެން ގަނެފައިހުރި ދެ އަސްވެސް ބެއްލެވިއެވެ. އެއީ ވަރަށް ބާރަށް ދުވާ ކަހަލަ މޮޅު ނަސްލުގެ ދެއަހެވެ. އެއަސްތަކާއި ބެހޭގޮތުން އެމަނިކުފާނު ސުވާލު ކުރެއްވުމުން މޫބީމެން އެތަނަށް އައީ ޖަމަލުގައި ކަމާއި އެދެއަހަކީ މާމޮޅު ދެއަސްކަމަށްބުނެފައި އެރަށަށް އައިފަހުން ގަތް ދެއަސް ކަމުގައި އެމީހުން ދެންނެވިއެވެ. – މޫބީގެ ފިރިމީހާއާއި އެމީހުންގެ ނޯކަރަކީ މަންމަނުން ކަމުގައި ހީވާވާހަކަވެސް ދެންނެވިއެވެ.
ޢަލީ ބިން ސުފިޔާން އެބުރި ވަޑައިގެން ބެއްލެވިއިރު ސުލްޠާން އައްޔޫބީ ޖަލްސާއިން އަވަދިވެ ވަޑައިގެންފިއެވެ. ވީމާ، އެމަނިކުފާނު ވަޑައިގެން ސުލްޠާން އައްޔޫބީއާއި ބައްދަލުވެ ވަޑައިގެން މޫބީމެން އެމަނިކުފާނުގެ ފައިވާންފުޅު ދުށުމަށް އެދޭ ވާހަކަ ދަންނަވާފައި އެމީހުނާއި ބެހޭގޮތުން ހޯއްދަވާފައިވާ ހުރިހާ މައުލޫމާތުތަކާއި، މޫބީ ދެންނެވި ވާހަކަތައް ސުލްޠާން އައްޔޫބީގެ އަރިއަހުގައި ދެންނެވިއެވެ. އޭގެފަހުގައި މޫބީމެން އެއުޅެނީ ސުލްޠާން އައްޔޫބީ ގަތުލުކުރަން ނުވަތަ އަންހެން ކުއްޖާގެ ރީތިކަމުގައި ޖައްސާ މަގު ފުރައްދަން ގަސްތުކޮށްގެން ކަމަށް ފެނިވަޑައިގަންނަވާ ކަމުގައި ދަންނަވާ މަޝްވަރާ އެރުވިއެވެ.
ސުލްޠާން އައްޔޫބީއަށް ޢަލީ ބިން ސުފިޔާން ދެއްކެވި ވާހަކަފުޅުތައް އިވިވަޑައިގެންނެވުމުން، އެމަނިކުފަނު ވިސްނާވަޑައި ގަންނަވަން ފެއްޓެވިއެވެ.
”އަދި އިހަށް އެމީހުން ހައްޔަރު ނުކުރައްވާ އަޅުގަނޑުގެ ގާތަށް ފޮނުއްވާށެވެ.“ އިރު ކޮޅެއްގެ ފަހުން ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ.
ސުލްޠާން އައްޔޫބީގެ އަމުރުފުޅަށް ޢަލީ ބިން ސުފިޔާން ވަޑައިގެން މޫބީމެން އެތެރެއަށް ފޮނުއްވާފައި ނިކުމެ ވަޑައިގެން ފާރަވެރިންގެ ކޮމާންޑަރއަށް ވިދާޅުވެ، އަރިހަށް ގެންނަވާފައި ވިދާޅުވިއެވެ.
”އެމީހުން ސަވާރުވެގެން އައި ދެއަސް ކަލޭމެންގެ އަސްތަކާ އެކުގައި ބަންނާށެވެ. އެދެއަހުގެ އަސްދާނު ގޮނޑިވެސް ނަގާށެވެ. އަސްތަކުގެ ކައިރީގައި އެހެރަ މީހާ ކަލޭމެންގެ ބެލުމުގެ ދަށުގައި ބައިންދާށެވެ. އޭގެ ކުރިން އޭނާ ބަލާފާސް ކުރާށެވެ. އޭނާގެ ހެދުމުގެ ތެރޭގައި ޚަންޖަރެއް އޮތްނަމަ އެޚަންޖަރު އަތުލާށެވެ.“
މިއަމުރުފުޅަށް، އަމަލު ކުރެވިއްޖެއެވެ. މެގުނާނާ މާރިއޯސްގެ އެކުވެރިޔާގެ ހެދުމުގެ ތެރޭގައި ރައްކާ ކޮށްފައިވާ ޚަންޖަރު އަތުލާފައި އެނާ ހައްޔަރު ކުރުމަށްފަހު އެމީހުން ސަވާރުވެގެން އައި ދެއަސް ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވިއްޖެއެވެ.
އަނެއްކޮޅުން ސުލްޠާން އައްޔޫބީ އެމަނިކުފާނުގެ ކޮޓަރި ކޮޅުގައި މެގުނާނާ މާރިއޯސް އާއި މޫބީއާއި ދެމީހުންގެ މާރިއޯސް އާއި މޫބީއާ ދެމީހުންގެ ކައިރީގައި ވާހަކަފުޅު ދައްކަވަމުން ވަޑައިގެން އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ފައިސާ ފޮއްޗެއް ތަޅުންގަނޑު މައްޗަށް ވައްޓަވާ ލެއްވިއެވެ. މި ފައިސާފޮތި ތަޅުންގަޑު މައްޗަށް ވައްޓަވާލެއްވިއެވެ. މިފައިސާފޮތި ތަޅުންގަޑުގައި ޖެހުނު އަޑަށް ސިހިގެންގޮސްފައި މެގުނާނާ މާރިއޯސް ބަލައިލިއެވެ. އެގޮތުން އޭނާއަކީ މަންމަނެއް ނޫންކަން ސުލްޠާން އައްޔޫބީ ޔަގީން ކުރެއްވިއެވެ.
”އަންހެން ކުއްޖާއެވެ. އަހުރެންގެ ފުރާނައޮތީ ޞަލީބީންގެ އެބައިމީހުންގެ ކަލާނގެކަމުގައި ހަދައިގެން އަޅުކަންކުރާ ފަރާތުގެ ބާރުގެ ދަށުގައި ނޫންކަމާއި އަހަރެންގެ ދިރިހުރުމާއި މަރުވުން އޮތީ އަހަރެން ހައްދަވާ ބޮޑު ކުރެއްވި މާތްﷲގެ އިރާދަފުޅާއި ރުހިވޮޑިގަތުމުގެ ދަށުގައި ކަން އޭނާއަށް އަންގާ ބުނެދޭށެވެ.“ ސުލްޠާން އައްޔޫބީ މޫބީގެ ގާތުގައި ވިދާޅުވިއެވެ. – މި ވާހަކަފުޅުތައް މޫބީމެންގެ ބަހުން މެގުނާނާ މަރިއޯސްއަށް ތަރުޖަމާ ކޮށްދޭން ފެށުމުން ވަރަށް ބޮޑަށް ސިހިގެން ގޮސްފައި މެގުނާނާ މާރިއޯސް ވާހަކައެއް ދައްކައިފިއެވެ.
”މާތްމަނިކުފާނެވެ. މީނާ އެދަންނަވަނީއެވެ. މަނިކުފާނުގެ ކަލާނގެއަކީ އަޅުގަނޑުމެންގެ ކަލާނގެއެއް ނޫންތޯއެވެ؟- މުސްލިމުންވެސް ކަލަކު ވޮޑިގެންވާ ކަމުގައި ގަބޫލުކުރޭތޯއެވެ؟“ މަގުނާނާ މާރިއޯސް ދެއްކިވާހަކަ މޫބީ އަރަބި ބަހުން ސުލްޠާން އައްޔޫބީއަށް ދެންނެވިއެވެ.
”އަންހެން ކުއްޖާއެވެ. އޭނާގެ ގާތުގައި ބުނާށެވެ. އެންމެހާ މުސްލިމްތަކުންގެވެރި ރަސްކަލާނގެއަކީ އެއްކައުވަންތަ ކުޅަދުންވަންތަ މާތްﷲއެވެ. ތެދުވެރި އީމާންތެރިންނަށް އެސުވާމީންގެ ލޯބިވެވޮޑިގެންވެއެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”ކަލޭމެން އައީ އަހަރެން ގަތުލުކުރަންކަން އަހުރެންގެ ގާތުގައި ބުނީ ކާކުކަން އެގޭ ހެއްޔެވެ؟…..ކަލޭމެންގެ އަތްދަށުން އަހުރެންގެ ފުރާނަ ސަލާމަތް ކުރައްވި އަހުރެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެއެވެ…… ކަލޭމެންގެ ކަލާނގެއަށް ކުޅަދާނަ ވެގެން ވީނަމަ ކަލޭމެންގެ ޚަންޖަރުން ޖަހާ އަހުރެންގެ ބޯ ކަޑައިގަނެވުނީހެވެ…. ނަމަވެސް އެހެނެއް ނުވި ނޫންހެއްޔެވެ؟….. ކަލޭމެންގެ ޚަންޖަރު އަހުރެންގެ އަތަށް އައުމަށް އަހުރެން ހައްދަވާ ބޮޑު ކުރެއްވި މާތް ﷲ އިރާދަ ކުރައްވައިފިއެވެ.“ ދިގުކަނޑިއަކާއި އިތުރުބައެއް ތަކެތި ދައްކަވާފައި ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”މި ކަނޑިއާއި މިތަކެއްޗަކީ ކަލޭމެންގެ އެއްޗިއްސެވެ. މިއީ ކަނޑު ހުރަސްކޮށްފައި ކަލޭމެން އައިއިރު ގެނައި ތަކެއްޗެވެ. ނަމަވެސް ކަލޭމެންނަށް ވުރެން ކުރިން މިތަކެތި އެހުރެންނާއި ހަމައަށް އަތުވެއްޖެއެވެ.“
މެގުނާނާ މާރިއޯސް ހައިރާން ވީލެއް ބޮޑުކަމުން ކުއްލިއަކަށް ފުންމައިގަނެވުނެވެ. ދެލޯބޮޑުވެ އަނގަ ހުޅުވުނެވެ. – އެވަގުތު ސީދާ ސުލްޠާން އައްޔޫބީ އާއި ވާހަކަ ދައްކަވަން އޭނާ ބޭނުންވިއެވެ. ނަމަވެސް މޫބީ މެދުވެރިކޮށްގެންނޫނީ އޭނާއަކަށް އެންމެ ބަހެއްވެސް ބުނެވޭނޭ ގޮތެއް ނެތެވެ. އޭނާއަށް އެގެނީ ހަމައެކަނި އޭނާގެ އަމިއްލަ ބަހެވެ. ނަމަވެސް ﷲގެ ކުޅަދުންވަންތަކާމައިމެދު ސުލްޠާން އައްޔޫބީ ދެއްކެވި ވާހަކަފުޅު އަޑުއިވުމުން މެގުނާނާ މާރިއޯސް އަކަށް ނުހުރެވުނެވެ. އެނާ ކެތްތެރި ކަމެއްނެތި އޭނާގެ ބަހުން މޫބީ އާއި ވާހަކަ ދައްކަން ފަށައިފިއެވެ.
”މިއީ ވަރަށް ހަރުދަނާ އަގީދާއެއްގެ ވެރިއެއް ކަމުގައި ހީވެއެވެ. އަހަރެން އައީ މިމަނިކުފާނު ފުރާނަފުޅު ހިފުމަށެވެ. ނަމަވެސް މިހާރު އަހަރެމެންގެ ފުރާނަތައްވަނީ މިމަނިކުފަނުގެ އަތްޕުޅުގެ މަތީގައެވެ. މޫބީއެވެ. މި މަނިކުފާނުގެ އަރިއަހުގައި ދަންނަވާށެވެ. މަނިކުފާނުގެ ހިތްޕުޅުގައި ތިޔަވާ މަތިވެރި އީމާންކަން އަޅުގަނޑަށް ދައްކަވާށެވެ. އެ އީމާންތެރިކަމުގެ ބާރު ދެކިލަން އަހަރެން ބޭނުމެވެ. އަހަރެމެންނަކީ މި މަނިކުފާނުގެ ފުރާނަފުޅު ހިފަންއައި ބައެއްކަން މިމަނިކުފަނަށް އެންގެވުމަށް އިރާދަ ކުރެއްވި މާތް ރަސްކަލާނގެއަށް އީމާންވާން އަހަރެން ބޭނުމެވެ.“
މާގިނަ ވާހަކަފުޅުތަކެއް ދައްކަވާނޭ ފުރުސަތެއް ސުލްޠާން އައްޔޫބީ އަކަށް ލިބިވަޑަގެނއް ނުވެއެވެ. – އެމަނިކުފާނު އެންމެ ފުރަތަމަވެސް ކުރައްވަންވީ ކަމަކީ އޭގެ ދެމީހުން ޖައްލާދާއި ހަވާލު ކުރެއްވުމެވެ. ނަމަވެސް މެގުނާނާ މާރިއޯސްގެ މޮޔަކަމާއި އޭނާއަށް މަގުއޮޅިފައި ހުރިވަރު ވިސްނިވަޑައި ގަތުމުން ރަހްމަތްރިއަކާއި މެދު ކަންތައް ކުރައްވާނޭ ފަދައިން އެނާއާއި މެދު ސުލްޠާން އައްޔޫބީ ކަންތައް ކުރެއްވިއެވެ. ނުހަނު އިޚްލާސްތެރިކަމާއިއެކު އޭނާއާއި ވާހަކަފުޅު ދެއްކެވިއެވެ. – މިގޮތުން އެމަނިކުފާނު މެގުނާނާ މާރިއޯސް އާއި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް އެމަނިކުފާނު ހެޔޮ ހާލުގައި ހުންނެވިތޯ އޮޅުން ފިލުއްވުމަށްޓަކައި ޢަލީ ބިން ސުފިޔާން ވަޑައިގެން ކޮޓަރި ކޮޅުގެ ތެރެއަށް ވެދެވަޑައިގެންފިއެވެ.
”ޢަލީއެވެ. ހުރިހާ ކަމެއް ރަގަޅެވެ. މިބައިމީހުންގެ އަތުގައި ހުރި ހަތިޔާރު އަހަރެން އަތުލައިފީމެވެ.“ ސުލްޠާން އައްޔޫބީ ހިނިފުޅުވަޑުވާ ލައްވާފައި މިހެން ވިދާޅުވުމުން ޢަލީ ބިން ސުފިޔާން ހަމަޖެހުމުގެ ނޭވާފުޅެއް ލެއްވެވިއެވެ.
”މާތް މަނިކުފާނެވެ. މަނިކުފާނުގެ ކަނޑިކޮޅުން އަޅުގަނޑުގެ ބޮލާއި ކަނދުރާ ވަކިކުރެއްވުމުގެ ކުރިން އަޅުގަނޑު ދިރިއުޅެމުން އައިގޮތް މަނިކުފާނުގެ އަރިއަހުގައި ދަންނަވާލާނޭ ފުރުސަތެއް ދެއްވުންއެދެމެވެ.“ އޭނާ މިހެން ދެންނެވުމުން އޭނާ ދަންނަވާނޭ އެއްޗެއް ދެންނެވުމަށް ސުލްޠާން އައްޔޫބީ ހުއްދަ ދެއްވިއެވެ. – ދެން އަނެއްކާވެސް އޭނާގެ އެކުވެރިންނަށް ކިޔައިދިން ވާހަކަތައް ހަމައެގޮތަށް ސުލްޠާން އައްޔޫބީގެ އަރިއަހުގައި އެނާ ދަންނަވައިފިއެވެ. – އެއަށްފަހުގައި ޞަލީބުން އަޅުކަން ކުރުމަށްޓަކައި ޔޫސުފްމަސީޙްގެ ސޫރައިގައާއި މަރިޔަމްގެ ސޫރާގައި ހަދާފައި ހުންނަ ބުދުތަކާއި މެދު ނަފްރަތުކޮށް ނުރުހުން ފައުޅުކޮށްފިއެވެ. – ”މާތް މަނިކުފާނެވެ. އަޅުގަނޑުމެންގެ ޅަދަރީންތައް ބަނޑުހައި ހޫނުކަމުގެ ވޭނުގާ މަރާހުސް ކުރައްވައިފިއެވެ. އަޅުގަނޑުގެ މަންމަގެ ލޮލުގެއަލިކަން ގެންދަވައިފިއެވެ. އަޅުގަނޑުގެ ބިކުރުވެރި އަންހެން ކޮއްކޮ ރާބޯ ވަހުޝީތަކެއްގެ ގައިދުގައި ހައްޔަރު ކުރައްވައިފިއެވެ. – ހުދު އަޅުގަނޑުވެސް ތިރީސް އަހަރު ދުވަހަށް ޖަލުގައި ހައްޔަރު ކުރައްވައިފިއެވެ. އެތަނުން ސަލާމަތްވާއިރަށް މަރުގެ އަނގައަށް ވައްޓަވާ ލައްވައިފިއެވެ. މުހްތަރިމް ސުލްޠާންއެވެ. މަނިކުފާނުގެ ކަލާނގެއަކީ އޯގާ ވަންތަ ކަލެކެވެ. – މިހާރު އަޅުގަނޑުގެ ފުރާނަ މިވަނީ މަނިކުފަނުގެ އަތްޕުޅުގެ މަތީގައެވެ. ވީމާ، އަޅުގަނޑު މަރުވުމުގެ ކުރިން މަނިކުފަނުގެ ކަލާންގެ އަޅުގަނޑަށް ދައްކަވާށެވެ. އޭރުން އެކަލާނގެ ހަޒްރަތުގައި އަޅުގަނޑު އާދޭސް ދަންނަވާނަމެވެ. އިންސާފްއަށް އެދޭނަމެވެ.“
”ނޫނެކެވެ. ކަލޭގެ ފުރާނަވަނީ އަހުރެންގެ އަތްމައްޗަކު ނޫނެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ. ”އަހުރެމެން ހައްދަވާ ބޮޑުކުރެއްވި މާތްރަސްކަލާނގެ އިރާދަ ކުރެއްވުމުން މެނުވީ އެކަކުވެސް މަރެއް ނުވާނެއެވެ. މީހއްގެ މަރާއި ދޭތެރޭގައި އަހުރެންގެ ބާރު ހިގާނަމަ މިހާރު ކަލޭމެން ތިބޭނީ އަހުރެންގެ ޖައްލާދުގެ ކައިރީގައެވެ. – އަހުރެންގެ ކަނޑިން ކަލޭގެ ކަނދުރާ ސަލާމަތް ކުރެއްވި ކަލާނގެ ފޮނުއްވި ތެދުމަގު އަހުރެން ކަލެއަށް ދައްކާނަމެވެ. ނަމަވެސް ފުރިހަމަ އަޤީދާއައި އެކުގައި އެއެއިލާހުގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން ކަލޭ ޤަބޫލު ކުރަންވާނެއެވެ. – އެއިރުން އެއިލާހު ކަލޭގެ ފަރިޔާދު އައްސަވާ ވޮޑިގަންނަވާނެއެވެ.“ ސުލްޠާން އައްޔޫބީ މިހެން ވިދާޅުވެފައި އެމަނިކުފާނުގެ ޚަންޖަރު މެގުނާނާ މާރިއޯސްއާއި ދިމާއަށް އެއްލެވުމަށްފަހު އޭނާއާއި ދިމާއަށް ފުރަގަސް ދެއްވަމުން މޫބީ މެދުވެރި ކުރައްވާ ވިދާޅުވިއެވެ. ”އޭނާގެ ގާތުގައި ބުނާށެވެ. އަހުރެންގެ ފުރާނަ އޭނާއާއި ހަވާލުކޮށްފީމެވެ. އަހުރެންގެ އަމިއްލަ ޚަންޖަރު އަހުރެންގެ ބުރިކައްޓަށް ގޯޅާލާށެވެ.“
ސުލްޠާން އައްޔޫބީ އެއްލެވި ޚަންޖަރުގައި މެގުނާނާ މާރިއޯސް ހިފާފައި އެއަށް ރަގަޅަށް ބަލައިލިއެވެ. ދެން އެމަނިކުފަނުގެ ބުރިކަށިފުޅަށް ނަޒަރު ހިންގާލާފައި ހިގާގޮސް އެމަނިކުފަނުގެ ކުރިފުޅުމައްޗަށް ހުއްޓިއްޖެއެވެ. އޭރު އޭނާ ޚަންޖަރު ހިފައިގެން ހުރި އަތް ތުރުތުރު އަޅައެވެ. އެއީ ސުލްޠާން އައްޔޫބީގެ މަތިވެރި ޝަހްސިއްޔަތުގެ އަސަރުކަމެއް ނުވަތަ އެމަނިކުފާނުގެ ލޯފުޅުން ފެންނަންހުރި އީމާންތެރިކަމުގެ ވިދުވަރުގެ ތޫނުފިލިކަމުން އަޅާ ތުރުތުރެއް ކަމެއް ނޭގެއެވެ. ކޮންމެ އަކަސް އިރުކޮޅެއް ވަންދެން އެމަނިކުފަނުގެ މޫނުފުޅަށް ބަލަން ހުރެފައި އޭނާގެ އަތުގައިއޮތް ޚަންޖަރު އެމަނިކުފާނުގެ ފައި ތިލަފުޅުގެ ދަށުގައި ބާއްވައިފިއެވެ. ދެން އެތަނުގައި ދެ ކަކޫ ޖަހައިގެން އިށީދެ ސުލްޠާން އައްޔޫބީގެ އަތްޕުޅުގައި ހިފާ ބޮސްދެމުން އަޑުހަރުކޮށް ރޯން ފެށިއެވެ.
”މޫބީއެވެ. އެމަނިކުފާނަށް ދަންނަވާށެވެ. މަނިކުފާނަކީ ތިޔަވިދާޅުވާ ކަލާނގެއެވެ. ނުވަތަ އެކަލާނގެވަނީ މަނިކުފާނުގެ މޭފުޅުގައި ގައިދުކޮށްފައެވެ. ވީމާ، މަނިކުފާނުގެ ކަލާނގެ އަވަހަށް އަޅުގަނޑަށް ދައްކަވާށެވެ.“ ސުލްޠާން އައްޔޫބީ ވަކި ޖަވާބެއް ނުދެއްވާ ގުދުވެ ވަޑައިގެން މެގުނާނާ މާރިއޯސް ނަންގަވާ އޭނާގެ ލޮލުން ފައިބާފައިހުރި ކަރުނަތައް އެމަނިކުފާނުގެ އަތްޕުޅުން ފުއްސަވާ ދެއްވިއެވެ.
މެގުނާނާ މާރިއޯސް އަކީ ވަރަށް ބޮޑަށް މަގުއޮޅިފައިހުރި އިންސާނެކެވެ. އިސްލާމުންނާއި ދެކޮޅަށް އޭނާގެ ހިތުގައި ވަނީ ނަފްރަތު އުފައްދާފައެވެ. އެހެންވެފައި ވަނިކޮށް މިހާރު ކަންދިމާވި ގޮތުން އޭނާގެ އަމިއްލަ ދީން ދެކެވެސް އޭނާ ފޫހިވާގޮތް ވެއްޖެއެވެ. އެކަހަލަ ބުއްދިނުވާ މޮޔައަކު އެފަދަ ބޮޑު ހަގުރާމައަކަށް ފޮނުވާނީވެސް ކޮންފަދަ މޮޔަބަޔަކު ހެއްޔެވެ. ސުލްތާން އައްޔޫބީއަށް އެ ހުރިހާ ކަމެއް ވިސްނިވަޑައި ގަންނަވައެވެ. އެ މައްސަލާގައި އެމަނިކުފާނު އޭނާއަކަށް އެއްވެސް ކަހަލަ އަދަބެއް ނުދެއްވައެވެ. އެއާ ޚިލާފަށް މޫބީއަކީ ޓްރޭނިންގެ ދެވިފައިއިން ފައްކާ ޖާސޫސެކެވެ. އެއީ ޞަލީބީންގެ މެސެޖް ސޫދާނީންނާއި ހަމައަށް ގެންގޮސްދީ އެމީހުން ލައްވާ ބަޣާވާތް ކުރުވި ހަތްވަނަ ހަތްވަނަ އަންހެން ކުއްޖާއެވެ. އެއީ އެ ރާއްޖޭގެ ދުޝްމަނެކެވެ. ވީމާ އިސްލާމީ ޤާނޫނު ބުނާގޮތުން އެ އަންހެން ކުއްޖާއަކަށް މައާފެއް ނުލިބޭނެއެވެ.
އެ ވަގުތު ސުލްޠާން އައްޔޫބީއަށް ފުރުސަތު ލިބިވަޑައިގެންފައި އޮތްމިންވަރުން މެގްނާނާ މާރިއޯސް އާއި ވާހަކަފުޅު ދެއްކެވުމަށްފަހު އޭނާއާއި މޫބީއާ ދެމީހުން އެމަނިކުފާނުގެ ނާއިބު ޢަލީ ބިން ސުފިޔާން އާއި ހަވާލު ކުރެއްވިއެވެ. – ދެން އެމަނިކުފަނު އެމީހުން ގޮވައިގެން ވަޑައިގެން އިތުރު ތަހްޤީގެއް ކުރައްވާ އެމީހުންގެ ކުށަށް އިއުތިރާފު ކުރުވިއެވެ. މިމީހުން ކުރި ކުށުގެ ތެރޭގައި ކާޑުގެ ސާމާނު ހިފައިގެން ދަތުރުކުރި ގާފިލާ ލޫޓުވާލުމާ އަންހެން ކުދިން މިނިވަން ކުރުމާއި ބޮޑީގާޑުންގެ ޖަމާއަތުގެ މީހުން ހަލާކު ކުރުމާއި، ބާލިޔާންއާއި އޭނާގެ އެކުވެރިން މަރާ ހުސް ކުރުން ހިމެނެއެވެ.
މެގުނާނާ މާރިއޯސް އާއި މޫބީގެ ތަހްގީގް ތިންދުވަސް ވަންދެން ދެމިއޮތެވެ. މިތިން ދުވަހުގެ ތެރޭގައި މެގުނާނާ މާރިއޯސްގެ ސިކުޑި އިސްލާމީ ނަޒަރުން އުޖާލާވެގެން ދިޔައެވެ. ތަހްގީގުގެ އެންމެފަހު ދުވަހު ސުލްޠާން އައްޔޫބީ އެތަނަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނު މެގުނާނާ މާރިއޯސްއާއި ވާހަކަފުޅު ދެއްކެވިއެވެ.
”މި އަންހެން ކުއްޖާ އިސްލާމް ކުރައްވައިގެން މަނިކުފާނުގެ ހަރަމްއަށް ގެންދަވާނަމު ތޯއެވެ؟“ ސުލްޠާން އައްޔޫބީގެ ވާހަކަފުޅު ނިންމަވާ ލެއްވުމުން މެގުނާނާ މާރިއޯސް ދެންނެވިއެވެ.
”މިއަދުގެ ހަވީރު ތިޔަސުވާލުގެ ޖަވާބު ދޭނަމެވެ.“ ސުލްޠާން އައްޔޫބީ ވިދާޅުވިއެވެ.
އެދުވަހުގެ ހަވީރު ސުލްޠާން އައްޔޫބީ ވަޑައިގެން މީހުންނޫޅޭ ހިސާބު ދުރުގައިހުރި ފަޅު ގެއަކަށް މެގުނާނާ މާރިއޯސް ގެންދެވިއެވެ. ގޭގެ ބޭރުތެރޭގައި ފިލައިން ހަދާފައި ހުރި ދެއަށި ހުއްޓެވެ. އެއިން ކޮންމެ އައްޓެއްގާ ހުދުކުލައިގެ ފޮތިގަޑެއް އަޅާފައި އޮތެވެ. ސުލްޠާން އައްޔޫބީ ވަޑައިގެން ދެއަށީގެ ދެމެދަށް ހުއްޓިވަޑައިގެން ދައަތްޕުޅުން ދެގަޑު ފޮތީގެ ކަނުގައި ހިއްޕަވާ ހިއްލަވާލެއްވިއެވެ. އެ ވަގުތު މެގުނާނާ މާރިއޯސްގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. އެތަނުން އެއް އަށީގައި އޮތީ މޫބީއެވެ. އަނެއް އަށީގައި އެމީހުންގެ އެކުވެރިޔާއެވެ. – ސުލްޠާން އައްޔޫބީ މޫބީގެ ބޮލުގައި ހިއްޕަވާ ހިއްލަވާލެއްވިއިރު އޭނާގެ ބޯ އޮތީ ކަނދުރާއިން ވަކިކޮށްލާފައެވެ.
”މީނާއަށް މައާފް ދިނުމުގެ ހައްޤެއް އަހުރެންނަކަށް ނެތެވެ. މީނާ ގޮވައިގެން ކަލޭ މިތަނަށް އައީ މީނާގެ ރީކަމުގެ ދަލުގައި ޖައްސައިގެން އަހުރެންގެ މަގު ފުރައްދަން ނޫންހެއްޔެވެ؟ ނަމަވެސް މީނާގެ މުޑުދާރު ހަށިގަނޑު އަހުރެންނަކަށް ކަމަކު ނުދިޔައެވެ. ދެކިބަލާށެވެ. މިހާރު މިއޮތީ މީނާގެ ސިފަގެއްލިފައެވެ. ފުރާނަނެތް މުޅަ މަސްގަނޑަކަށް ވެފައެވެ. މިހާރު މިހަށިގަޑު އަހުރެންނަށް ވަރަށް ކަމުދެއެވެ. މާތްﷲ މީނާގެ ކުށް އަފޫކުރައްވާނެތެވެ.“
”މުހްތަރިމް ސުލްޠާންއެވެ. މަނިކުފާނު އަޅުގަނޑަށް މަޢާފް ކުރެއްވީ ކީއްވެތޯއެވެ؟“ މެގުނާނާ މާރިއޯސް ދެންނެވިއެވެ.
”ކަލޭ އައީ އަހުރެން ގަތުލުކުރާށެވެ. އަހުރެން ކަލެއަށް މަޢާފްދިނީ އެހެންވެއެވެ.“ ސުލްޠާން އައްޔޫބީ ޖަވާބު ދެއްވިއެވެ. ”އެއާއި ޚިލާފަށް މި އަންހެން ކުއްޖާއައީ އަހުރެންގެ މުޅި ޤައުމުގެ ބިންގާ ހަލާކު ކުރާށެވެ. އިސްލާމީ އުއްމަތް ގަތުލު ކުރާށެވެ. ކަލޭގެ މި އެކުވެރިޔާ އައީ ކަލޭމެންގެ ރޭވުންތަކުގާ ބައިވެރިވެ ކުށެއްނެތް އެތަކެއް އިންސާނުންގެ ލޭ އޮހޮރުވުމަށް އެއްބަސް ވެގެންނެވެ.“ މިހަކަލަ ވާހަކަ ފުޅުތަކެއް ދައްކައިގެން ސުލްޠާން އައްޔޫބީ މެގުނާނާ މާރިއޯސްއަށް ވިސްނަވާދެއްވަމުން ގެންދެވިއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން މެގުނާނާ މާރިއޯސް ސައިފުﷲގެ ނަމުގައި ސުލްޠާން އައްޔޫބީގެ ބޮޑީ ގާޑުންގެ ތެރެއަށް ވަދެއްޖެއެވެ. އޭނާ އެ ވަޒީފާގައި އުޅެނިކޮށް ސުލްޠާން އައްޔޫބީ ގެ މަހާނަފުޅު ބަލަހައްޓާ މީހަކު ކަމުގައި ވިއެވެ. އޭނާގެ އުމުރުގެ އެންމެ ފަހުގެ ސަތާރަ އަހަރު ވެއަތުކުރީ އެމަސައްކަތުގައެވެ. ނަމަވެސް މި ސައިފުﷲ ފަސްދާނުލެވުނީ ކޮންތަނެއްގައިކަން، މީނާގެ މަހާނަ ހުރީ ކޮންތަނެއްގައިކަން ދެނަހުރި ހަމަ އެކަކުވެސް އުޅޭ ކަމަކަށް ނުވެއެވެ.