ޒަޚަމް – ޗެޕްޓަރ 37

އަލްޙަމްރާގައި ބޮޑު ހައިޖާނެއް އުފެދިއްޖެއެވެ. މާމައާއި ރީޙާނާ ދެމައިން، ހިލައިގެ ދެ ފަރުބަދަ ފަދައިން، އެމީހުންގެ ގޮތުގައި ސާބިތުވެގެން ތިއްބެވެ. ރީޙާންވެސް މާމައަށް ބޯލަނބާކަށް ގަސްތެއް ނުކުރެއެވެ. އަދި މާމަވެސް، ރީޙާނަށް ކުޑަވެސް ދުލެއްދޭކަށް ބޭނުމެއް ނުވެއެވެ. މިހާރު މަންމައަށް ނަސޭހަތްދެމުން ދެމުންގޮސް އަންޖަމަން އާރާ ވަރުބަލިވެއްޖެއެވެ. އާއިލާގެ އެހެން މެންބަރުންގެ ލޮލުން ފައިބަމުންދާ ކަރުނައަކުންވެސް، މާމައަށް ކުރި އަސަރެއް ނެތެވެ. ފައުޒިއްޔާވެސް، ޞާޢިޤާއާ ދެކޮޅަށް އުފުލާލާފައިވާ ދުޝްމަންކަމުގެ ދިދަ، ތިރިކުރާކަށް ހިތަކަށް ނާރައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، އަލްޙަމްރާގެ ހުރިހާ ފަރުދުންގެ ދުވާލުގެ ހަމަޖެހުމާއި، ރޭގަނޑުގެ ނިދި ވަނީ ޙަރާމްވެފައެވެ.

އަބަދުވެސް ޞާޢިޤާއަށް ހެޔޮއެދެމުންދިޔަ ފަޚްރު ބޮޑުބޭބެއަކަށްވެސް، މިހާރަކު އެ ނިކަމެތި އަންހެންކުއްޖާއަށް ހަމްދަރުދީގެ ބަހެއް ބުނެލާކަށް ނުކެރެއެވެ. އެއްފަރާތުގައިހުރީ ޚުދު އޭނާގެ އަންހެން ދަރިފުޅެވެ. ނަމަވެސް، ސަމީރާއާ ކައިވެނި ކުރުމަށް ރީޙާނަށް މަޖުބޫރު ކުރުމަކީ އޭނާއަށް ފެންނަ ކަމަކަށް ނުވެއެވެ. އޭނާ ހިމޭނުން ހުންނަނީ، ހަމައެކަނި އަނބިމީހާގެ ޒީލަގަދަކަން ހިތަށް އަރާވަރުންނެވެ. އަނެއްކޮޅުން ހުރިހާ ޒުވާނުން، ރީޙާނަށް ތާއީދު ކުރެއެވެ. އެމީހުންގެ ނަޒަރުގައި، ރީޙާނާއި ޞާޢިޤާގެ ކާވެންޏަކީ، ދުވަހެއްގައިވެސް ކުރެވޭނެ އެންމެ އެކަށީގެންވާ ކައިވެނި ކަމުގައި ގަބޫލު ކުރެއެވެ.

މައްސަލަ ދަނީ އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުންނެވެ. ރީޙާން އެކުރަނީ ޙައްޤު ޖިހާދެއްކަން، އޭނާގެ އަމިއްލަ ޒަމީރު ގަބޫލު ކުރިނަމަވެސް، މާމަގެ ބަސް އުވާލުމަކީ، އެހާ ފަސޭހަކަމެއް ނޫންކަން އޭނާއަށްވެސް އެނގެއެވެ. ބޭރުފުށުގެ ދެއްކުންތެރިކަމުގައި، ޤަދަރުވެރި ކަމަށްޓަކައި، އަމިއްލަ ދަރިއަކު ޤުރްބާން ކޮށްފައިވާ އަންހެނަކު، މާމަދަރިއަކަށްޓަކައި ކުޑަވެސް ދުލެއް ނުދޭނެކަން ޔަގީންވެއެވެ. ދިރިއުޅުމުގެ ބާޒީގައި ބަލިވުމަކީ ފަހަރެއްގައިވެސް މާމަ ގަބޫލުކުރާނެ ކަމެއް ނޫންކަން ވިސްނެއެވެ.

ހީވާގޮތުން، ކުރިމަތިވެގެންއައި ނާކާމިޔާބީއާ ދޭތެރެގައި ވިސްނައި ފިކުރު ކުރުމަކީ ރީޙާން ބޭނުންކަމެއް ނޫނެވެ. އެހެން އެންމެން ފިކުރު ބޮޑުވެގެންގޮސް ތެޅިފޮޅޭއިރު، ރީޙާން ހުންނަނީ މާބޮޑަށް ހަމަޖެހިލާފައެވެ. އޭނާގެ ޢަޒުމާއި ޔަގީންކަން ވަރުގަދައެވެ. ދިމާ ކުރިމަތިން އޭނާއަށް، އޭނާގެ މަންޒިލް ފެންނަކަހަލައެވެ. ކުރިއެކޭވެސް އެއްގޮތަށް އޭނާ ހީސަމާސާކޮށް، ކައިބޮއި އުޅެއެވެ. އެކަމަކު އޭނާ އަބަދުވެސް ޞާޢިޤާއާ ދޭތެރޭގައި ވިސްނައެވެ. ގަހެއްގައި ފޮޅިފައިވާ މަލެއް، މެންދުރުގެ ގަދަ އަވީގައި މިލާމޯޅިވާ ފަދައިން، ޞާޢިޤާގެ އެ ރީތި ހަށިގަނޑު މިލާ މޯޅިވަމުންދެއެވެ. މި ދެތިންދުވަހުގެ ތެރޭގައިވެސް، އެފަކީރުގެ ދެލޯ ވަޅުވަދެ، މޫނުމަތީގައި ރީނދޫކުލަ ޖަހާލައިފިއެވެ. ބިރުން ފިތްކެނޑޭފަދަ ހާލުގައި، އަމިއްލައަށް ކޮޓަރީގައި ބަންދުވެގެން އޭނާ އިންނަން ފެށުމުން، ރީޙާން ވަރަށް ބޮޑަށް ހާސްވިއެވެ. އުމުރު ހަމަނުވަނީސް އޭނާ މަރުވެދާނެތީ ރީޙާން ފިކުރު ބޮޑުވިއެވެ. އެހެންކަމުން، އޭނާގެ ހިތްހަމަޖައްސައިދީ އުފާކުރެވޭތޯ ރީޙާން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. ބައެއްފަހަރު މަޖާ ވާހަކަ ދައްކައިގެން އޭނާ ހެއްވާލެވޭތޯއެވެ. އަނެއްބައިފަހަރު، ރުޅިއަންނަކަމަށް ހަދައިގެން އޭނާ ހަމަޔަކަށް އެޅުވޭތޯ ބަލައެވެ.

މާމައަކީ ޚާންދާނުގެ ޤަދަރާއި ޢިއްޒަތަށްޓަކައި ފުރާނަދީދީ އިންނަ އަންހެނެކެވެ. އޭނާގެ ރުހުމާ ޚިލާފަށް އަލްޙަމްރާގެ ތެރޭގައި ކަޅު ހިންޏަކަށްވެސް ފިރުކިލުމުގެ ހުއްދައެއް ނޯވެއެވެ. ވީއިރު، ޞާޢިޤާފަދަ ނިކަމެތި އަންހެން ކުއްޖެއްގެ ސަބަބުން އޭނާގެ ހައިބަތަށް އުނިކަމެއް ލިބިދާފަދަ ފުރުސަތެއް ދިނުމަކީ ފަހަރެއްގައިވެސް އޭނާއަށް ރުހެވޭނެ ކަމަކަށް ވާނެހެއްޔެވެ؟ އޭނާ ކޮންމެ ދުވަހަކު ދެތިން ހަތަރުފަހަރު ރީޙާން ގެނެސްގެން ނަސޭހަތްދީ، އެގޮތުން ނުފުދިގެން، ރުޅިއައިސްގެން އެއްޗެތިކިޔައި ހަދައެވެ. އަނެއްކޮޅުން އަންޖަމަންވެސް ހުއްޓާލައިގެނެއް ނުއިނދެއެވެ. ޞާޢިޤާއާއި ރީޙާނުގެ ދިފާޢުގައި އޭނާއަށް ދެއްކެން އޮތްހާ ވާހަކައެއް ދައްކަމުން ގެންދިޔައެވެ. ޙުއްޖަތްތަކާއި ދަލީލުތަކުން މަންމަގެ ހިތް ލަންބުވާލެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެގޮތުން އެއްފަހަރަކު ވާހަކަ ދައްކަމުންގޮސް އޭނާ ބުންޏެވެ.

[މަންމާއެވެ. ރީޙާނަކީ ޒުވާން ފިރިހެން ކުއްޖެކެވެ. ވީމާ، އޭނާއަށް މާބޮޑަށް މަޖުބޫރު ކުރައްވައިފިނަމަ، އަޅުގަނޑުމެންގެ މަތިވެރި ޚާންދާން ބަދުނާމުވާފަދަ ޢަމަލެއްވެސް ކޮށްފާނެއެވެ. އޭނާއަކީ، ވަރަށް ގޮތްދޫނުކުރާ ކުއްޖެކެވެ. މަންމައަށްވެސް ހަމަރަނގަޅަށް އެނގިލައްވާނެއެވެ.] އަންޖަމަން އާރާ އެހެން ބުނުމުން، އެއީ ތެދެއްކަން ޙުސްނުބާނޫއަށްވެސް ވިސްނުނެވެ. [އޭނާއަށް ވިސްނައިދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ.]

[ކަލޭ އޭނާއަށް ވިސްނައިދޭނީ ކޮންއެއްޗެއް ހެއްޔެވެ.] ކަލެއަކީ، އޭނާ އުޅެމުންދާ ވިޔާނުވާ އުޅުމަށް ތާއީދުކުރާ މީހެކެވެ.

[ލައްބައެވެ. އޭނާއަށް ވިސްނައިދޭން މިއުޅެނީ ހަމައެކަނި މަންމައަށްޓަކައެވެ. އެހެންނޫންނަމަ، އޭނާ ކުރަން އެއުޅޭ ކަންތަކާ ދެކޮޅަށް އެންމެ ބަހެއް ބުނާކަށްވެސް އަޅުގަނޑު ބޭނުމެއް ނޫނެވެ. ޞާޢިޤާ ކޮއްކޮގެ ކިބައިން ކުޑަވެސް އުނިކަމެއް އަޅުގަނޑަކަށް ނުފެނެއެވެ. އެއީވެސް ހަމަ އަޅުގަނޑުމެންގެ ލެއެވެ.]

[އަވަހަށް ހުއްޓާލާށެވެ. އިތުރަށް އެންމެ ލަފުޒެއްވެސް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ނިންމުން، ހިލައިގައި އެޅި ރޮނގެކޭ އެއްފަދައެވެ.]

[އެންމެރަނގަޅެވެ. މަންމަގެ ތިޔަ ނިންމުމާ ރީޙާން އެއްބަސް ނުވެއްޖެނަމަ، ކުރައްވާނީ ކީއްތޯއެވެ؟]

[އެއްބަސް ނުވާންވީ ކީއްވެގެން ހެއްޔެވެ؟]

[ކޮންމެގޮތެއްވިޔަސް އޭނާ އެއްބަހެއް ނުވާނެއެވެ. އެންމެފަހުން ވާނެގޮތަކީ، މީގެ ވިހިއަހަރު ކުރީގައި ހިނގި ހާދިސާއެއް ތަކުރާރުވެގެން ދާނީއެވެ. އެކަމުގެ ހެކިތައް، މިހާރުވެސް މަންމައަށް އެބަފެނިލައްވާ ނޫންތޯއެވެ. ރީޙާނަކީ ހަމަ ޠާހިރުކަހަލަ ކުއްޖެކެވެ. އޭނާ ފެންނަ ކޮންމެފަހަރަކު ޠާހިރުގެ މަތިން އަޅުގަނޑު ހަނދާންވެއެވެ…. އާހް….] އަންޖަމަން ފިނި ނޭވާއެއް ލިޔެވެ.

[ޠާހިރު އެކުރީ މާރަނގަޅުކަމެއް ހެއްޔެވެ؟ އޭނާ ހިނގި މަގުން ރީޙާން ހިނގަންވީ ކީއްވެގެން ހެއްޔެވެ؟]

[ޠާހިރު ކުރީ ރަނގަޅުކަމެކޭ އަޅުގަނޑު ނަމެއް ނުގަންނަމެވެ. އެކަމަކު ރީޙާން އެކުރަނީ ގޯސްކަމެކޭ މަންމައަކަށްވެސް ނުބުނުއްވޭނެއެވެ.]

[އެއީ ކީއްވެގެން ހެއްޔެވެ؟] ޙުސްނުބާނޫ ބުންޏެވެ.

[ޠާހިރު އިންތިޚާބުކުރީ، އެކުއްޖާ ގަބޫލުކުރުމަށް އަޅުގަނޑުމެން ޚާންދާން ފަސްޖެހޭފަދަ ކުއްޖެކެވެ. ނަމަވެސް ޞާޢިޤާއަކީ، އަޅުގަނޑުމެންގެ އަމިއްލަ ދަރިއެކެވެ. މަރްޙޫމް ޠާހިރުގެ ދަރިއެކެވެ. އޭނާ ގަބޫލު ކުރުމަކީ އަޅުގަނޑުމެން ފަސްޖެހޭނެ ކަމެއް ނޫނެވެ. އަޅުގަނޑުމެންނެކޭ އެއްވަރަށް، އޭނާއަށްވެސް ޤަދަރާއި، ޢިއްޒަތާއި ޝަރަފުވެރިކަން ލިބިގެންވެއެވެ.]

[އެންމެރަނގަޅެވެ. އަހަރެންގެ އެންމެފަހުގެ ޙުކުމް އިއްވައި ނިމިއްޖެއެވެ.]

[އެދުވަސް ހިނގައްޖެއެވެ. މަންމާއެވެ. އަންހެންކުއްޖާއާއި ފިރިހެންކުއްޖެއްގެ ރުހުން ނުހޯދައި، ޙަޔާތުގެ ބިންގާ އަޅައިގެން ކާމިޔާބު ކުރެވުނު ދުވަސް ފާއިތުވެއްޖެއެވެ. މަންމައަށްވެސް އެނގިލައްވާނެ ފަދައިން، ޞާޢިޤާއާ ނުލައި ރީޙާނަށް….]

[ދެން އެންމެ ބަހެއްވެސް ބުނެގެން ނުވާނެއެވެ.] އަންޖަމަންގެ ވާހަކަ މެދުކަނޑުވާލަމުން، ޙުސްނުބާނޫ ބުންޏެވެ.

މަންމަ ރުޅިއައިސްފައި އިންވަރުން، ވަގުތީގޮތުން އަންޖަމަން ވާހަކަ ހުއްޓާލި ނަމަވެސް، މަންމައަށް ނަސޭހަތްދީ، ވިސްނައިދިނުމުގެ ޚިޔާލެއް އޭނާ ދޫކޮށެއް ނުލައެވެ. އޭނާއަށް ކިތަންމެ ކުޑަކުޑަ ވަގުތެއް ލިބުނު ނަމަވެސް، އޭނާ އެވާހަކަ ފަށައެވެ. އަބަދުވެސް، ހެކިތަކާއި ދަލީލުތައް ދައްކައެވެ. ހީވާގޮތުން، ފައުޒިއްޔާ ނެތްނަމަ، މިހާރު އަންޖަމަނަށް ކާމިޔާބުވެސް ލިބިއްޖައިހެވެ. އެކަމަކު ފައުޒިއްޔާ ހަމައަކަށް އެޅުވުމަކީ، އޭނާއަކަށް ކުޅަދާނަކަމެއް ނޫނެވެ. ވިއްސާރަ ވިލާގަނޑަކުން ފެން އޮހޭފަދައިން، އޭނާގެ ލޮލުން އަބަދުވެސް ކަރުނަ އޮހެނީއެވެ. އަމުދުން ޙުސްނުބާނޫއަށް ފެނިއްޖިއްޔާ އޭނާގެ ޙާލެއް ނުހުރެއެވެ. ރޮވިގެން، ގިސްލެވިގެންގޮސް ވާހަކަ ދައްކާހާ ހިތްވަރެއްވެސް އޭނާގެ ކިބަޔަކު ނުހުރެއެވެ. ސަމީރާވެސް ހަމައެގޮތެވެ. މިހާރަކަށްއައިސް އޭނާ އިންނަނީ މުޅިން ހަމަހިމޭން ވެފައެވެ. މީހަކާ ވާހަކައެއް ނުދައްކައެވެ. ކައިބޮއެއް ނޫޅެއެވެ. ހީސަމާސާކޮށެއް ނުހަދައެވެ. ދެތުންފަތުގައި ހަމަހިމޭންކަމުގެ ސިއްކަ ޖަހައިގެން، ކާމިޔާބުވާނެކަމުގެ އުންމީދުގައި، އޭނާގެ ރޭދުވާތައް ގުނަމުންދެއެވެ.

އަލްޙަމްރާގެ މައްސަލަ އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުން އަރާރުންތައް ގިނަވަމުންދެއެވެ. ރޭދެބައިވާ އިރުވެސް، ނިދާމީހަކު މިހާރަކު އަލްޙަމްރާއަކު ނޫޅެއެވެ. އަބަދުވެސް އިވެނީ، ރީޙާނުގެ މައްސަލައިގައި ބަހުސްކުރާ އަޑެވެ. އެކިމީހުން ވަކިވަކިން ރީޙާނަށް ވިސްނައިދެމުން ގެންދެއެވެ. ކުރީގައި އޭނާއާ އެއްކޮޅަށްތިބި ޒުވާނުންވެސް، މިހާރު އޭނާއާ ޚިލާފު ވެއްޖެއެވެ. ނަމަވެސް، ރީޙާން ކުޑަކޮށްވެސް ދެރައެއް ނުވެއެވެ. އޭނާ ކުރަން އެއުޅެނީ ކުށެއް ނޫންކަމުގައި އޭނާ ޔަގީންކުރެއެވެ. ވީމާ، އެކަމާދޭތެރޭގައި ވިސްނުމަކީވެސް ބޭނުންކަމެއް ކަމަކަށް އޭނާ ނުދެކެއެވެ. ދުނިޔޭގެ އެންމެން ދެކޮޅުވިޔަސް، އޭނާ ފަހެއް ނުޖެހޭނެއެވެ. ލޯބިވުމަކީ ކުށެއް ނޫނެވެ. އަދި ފާފައެއްވެސް ނޫނެވެ.

ޙުސްނުއާރާވެސް މަންމަ ބުނެގެން ރީޙާނަށް ވިސްނައިދެވޭތޯ، އެތަކެއްފަހަރު މަސައްކަތް ކޮށްފިއެވެ. ޞާޢިޤާގެ ސުންޕާކަން ބަޔާންކޮށްދީ، އޭނާގެ މަންމަ ހިލޭފިރިހެނަކާ އެކުގައި ފިލައިގެންދިޔަ ވާހަކަ ކިޔައިދީފިއެވެ. ނަމަވެސް، އެމީހުން އެބޭނުންކުރާ އެއްވެސް ހަތިޔާރަކުން، ރީޙާން ޒަޚަމްކޮށެއް ނުލެވުނެވެ. ކޮންމެ މީހަކަށްވެސް އޭނާ ދެނީ ހަމަ އެންމެ ޖަވާބެކެވެ.

[ޞާޢިޤާއަކީ، ކިތަންމެ ސުންޕާ ކުއްޖެއް ނަމަވެސް، އޭނާގެ މަންމައަކީ ވިޔާނުވާކަމުންގޮސް ހައްދުފަހަނައަޅާފައި އިން މީހަކަށްވިޔަސް ފަރުވާލެއް ނެތެވެ. އެހުރިހާ ކަމަކާވެސް އަހަރެން ރުހެމެވެ.] ޙުސްނުއާރާއަށްވެސް ރީޙާން ދިނީ ހަމަ މި ޖަވާބެވެ.

[ނަމަވެސް، ތިޔައިން އެއްވެސްކަމަކީ، ކަލޭގެ މާމަ ގަބޫލު ކުރައްވާނެ ކަންތަކެއް ނޫނެވެ.] ޙުސްނުއާރާ ބުންޏެވެ.

[އަޅުގަނޑަކީ، އަޅުގަނޑުގެ ޙަޔާތުގެ ޚުދުމުޚްތާރު ވެރިޔާއެވެ. އެހެންކަމުން، އެ ޙަޔާތާ ދޭތެރޭގައި ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމަންވާނީ، ހަމަ އަޅުގަނޑެވެ. މާމައެއް ނޫނެވެ.]

[އެކަމަކު ވިސްނާބަލާށެވެ. ކަލޭގެ ކާވެނިއޮތީ މާމަ އިޢްލާނު ކުރައްވާފައެވެ. ވީއިރު، އެ ކާވެންޏާ ދެކޮޅުހަދައި އިންކާރު ކުރުމަކީ ކިހާ ހުތުރުކަމެއް ހެއްޔެވެ؟ އަދި ކަލޭގެ ގޮތްދޫނުކުރުމުގެ ސަބަބުން، ސަމީރާ ފަކީރަށްވެސް ކިހާބޮޑަކަށް އަސަރުކުރާނެ ހެއްޔެވެ؟]

[އޭނާއަށް ކުރަންވީ ކޮން އަސަރެއް ހެއްޔެވެ؟]

[ތިޔައީ ކަލޭގެ މޮޔަކަމެވެ.]

[ސަމީރާއަކީ ހެޔޮވިސްނޭ ބުއްދިވެރި ކުއްޖެކެވެ. އޭނާއަށް ދިރިއުޅުމުގެ އުފާތައް ހޯދައިދެވެންނެތް، ފިރިހެނެއްގެ ފަސްބައިގައި އެއްސިގަތުމަކީ އެއްގޮތަކަށްވެސް އޭނާ ރުހޭނެކަމެއް ނޫނެވެ. ދައްތާއެވެ. ޞާޢިޤާއަކީ، އަޅުގަނޑުގެ ޙަޔާތަށް އައި އެންމެ ފުރަތަމަ އަދި އެންމެފަހުގެ އަންހެން ކުއްޖާއެވެ. އޭނާ ފިޔަވައި އެހެން އަންހެންކުއްޖަކާ ކާވެނިކުރުމަކީ އަޅުގަނޑުގެ ހިތަށްވެސް އަރުވާނެކަމެއް ނޫނެވެ.]

[ކަލޭގެ ތިޔަ ގޮތްދޫނުކުރުމުގެ ނަތީޖާއަކީ ކޮބައިކަން އެނގޭހެއްޔެވެ؟]

[އެނގެއެވެ. އަދި އަޅުގަނޑުގެ ހިތުގެ އެދުން ފުރިހަމަކުރާނެ ތަފާތު ގޮތްތައްވެސް ވިސްނެއެވެ. ސާބިތުވެ ހުރުމަކީ، ކާމިޔާބު ކުރުމަށްޓަކައި އޮތް އެންމެ ތަނަވަސް، އަދި އެންމެ ފަސޭހަ ގޮތެވެ. އެކަމަކު ދައްތާއެވެ. އެންމެންގެ ރުހުން ލިބުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އުފަލެވެ.]

[ތިޔައީ ވަރަށްބޮޑު ތެދެކެވެ. އެންމެންގެ ރުހުން ހޯދަން ކަލޭ ވަރަށް ބޭނުމެވެ. މިހާރުވެސް ކަލެއާހެދި އެންމެން އެތިބެނީ ހާސްވެފައެވެ. ކަންބޮޑުވެފައެވެ. ހިތާމައިން ފުރިފައެވެ. އެއްވެސްމީހަކުދޭ ނަސޭހަތެއް، ކަލޭ އަޑެއް ނާހައެވެ. ސަމީރާ ކޮއްކޮގެ ފަރާތުން ކަލެއަށް ފެންނީ ކޮން އުނިކަމެއް ހެއްޔެވެ؟]

[ދައްތާއެވެ. އިތުރު ވާހަކަތަކެއް އަޑުއަހާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. އެއްވެސް ޙާލެއްގައި އަޅުގަނޑުގެ ޚިޔާލު ބަދަލުވެދާނެކަމަށް އުންމީދު ނުކުރައްވާށެވެ. މާމަގެ ދެއްކުންތެރި ކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ އެދުމަށް ޙުރްމަތްތެރިކަން ނުބެހެއްޓެވިއަތީ، މާމަގެ އަމުރުތަކާ ދެކޮޅަށް ބަޣާވާތްކުރަން އަޅުގަނޑަށްވެސް މަޖުބޫރެވެ. ކާވެނި ކުރާނީ އަޅުގަނޑެވެ. އަނބިމީހާއާ އެކުގައި ދިރިއުޅުން ވޭތުކުރާނީވެސް ހަމަ އަޅުގަނޑެވެ. އެއީ އެހެންމީހަކާ ބެހޭކަމެއް ނޫނެވެ. މަޖުބޫރު ކޮށްގެން ނިންމާ ނިންމުމަކަށް ބޯލެނބުމަކީ، ފަހަރެއްގައިވެސް އަޅުގަނޑަށް ކުރެވޭނެކަމެއް ނޫނެވެ.]

ޙުސްނުއާރާއާއި ރީޙާން ވަރަށް ގިނައިރުވަންދެން ބަހުސްކުރިއެވެ. ކޮންމެ މީހަކުވެސް، އެމީހެއްގެ ވާހަކަ ހަރުދަނާ ކުރުމަށްޓަކައި، ހެކިތަކާއި ދަލީލުތައް ދެއްކިއެވެ. ނަމަވެސް، އެކަކުވެސް އަނެކެއްގެ ވާހަކަ ގަބޫލެއް ނުކުރިއެވެ.

ޙުސްނުއާރާ މަސައްކަތް ކޮށްކޮށް ރީޙާނުގެ ފަރާތުން ކުޑަވެސް ދުލެއް ނުލިބުނެވެ. އެދެވޭ ނަތީޖާއެއްވެސް ނުފެނުނެވެ. ވީމާ، ޕޮލިސީ ބަދަލުކޮށްލައިގެން ކާމިޔާބު ކުރެވޭތޯ އޭނާ އަތުކުރި އޮޅާލައިފިއެވެ. ދޭތެރެ ދޭތެރެއިން ޞާޢިޤާގެ ކޮޓަރިއަށްގޮސް، އެ ނިކަމެތި އަންހެންކުއްޖާއާ ދިމާއަށް އެއްޗެތި ކިޔައި ބިރުދައްކައި ހަދަން ފަށައިފިއެވެ. މިހާރު ފައުޒިއްޔާއާއި ސަޢްދިއްޔާގެ އިތުރުން ޙުސްނުއާރާވެސް، އެ ހަނގުރާމައިގައި ބައިވެރި ވެއްޖެއެވެ. ޞާޢިޤާ މުޅިން ހާސްވެއްޖެއެވެ. ހަތަރު އުދަރެސް ފެނުޖެހިއްޖެއެވެ. އޭނާއަށް ލިބިފައިވާ ކުޑަކުޑަ މިނިވަންކަންވެސް ގެއްލިއްޖެއެވެ. ރެޔާދުވާލު ކޮޓަރީގައި ބަންދުވެފައި އިނުމަށް މަޖުބޫރު ވެއްޖެއެވެ. ފަހަކަށްއައިސް އޭނާ ކޮޓަރިން ނުކުމެލައި އުޅެނީ ވަރަށް މަދުންނެވެ. އެއިންފަހަރަކުވެސް ސަޢްދިއްޔާމެން މީހަކު ފެނިއްޖެނަމަ، އޭނާ އަވަސް އަވަހަށް ފިލާ ރައްކާވެއެވެ. ކެއިންބުއިމާ ދޭތެރޭގައި ފިކުރު ކޮށްލާނެ ވަގުތެއްވެސް އޭނާއަކަށް ނުލިބެއެވެ. އަބަދު އިންނަނީ، ބިރުން ވިރިވިރިއެވެ. އެވަރުން އުޅެނިކޮށްވެސް، އިރުއަރާފައި އިރުއޮއްސެންވާއިރަށް، އެމީހުންގެ ދުލުގެ ޙަމަލަތަކުން އެފަކީރުގެ ހިތް، އެތަކެއްފަހަރު ޒަޚަމް ކޮށްލައެވެ. މިގޮތުން ސަޢްދިއްޔާއާއި ފައުޒިއްޔާއަށްވުރެ، ޙުސްނުއާރާ ކުރިއަރާފައިވާލެއް ބޮޑުކަމުގައި ހީވެއެވެ.

[އަލިފާން ރޯކޮށްފައި ކުޅިބަލަން އިންގޮތް ނިކަން ދެކެބަލާށެވެ. އެއްފަހަރަކު ޙުސްނުއާރާ، މާފަތަރާސީގޮތަކަށް ޞާޢިޤާގެ ކޮޓަރިއަށް ވަދެގެންގޮސް އެނދުކައިރިއަށް ހުއްޓިފައި އެއްޗެތި ގޮވަން ފެށިއެވެ.] މުޅި ޚާންދާނުގައި ހައިޖާނު އުފައްދައިފިއެވެ. އަމާގެ ފަރާތުން އަހަރެމެންނަށް ލިބުނު ހިތާމައާއި މުސީބާތް ކުޑައީހެއްޔެވެ؟ ވާހް! އެވެ. އަމައަށްވުރެ ދަރީގެ ނުބައިކަން ބޮޑެވެ. ތިމާގެ ފެންވަރު ހަނދާންނެތުނީ ހެއްޔެވެ. ސިކުނޑި ތިޔަ އޮތީ ޢަރްޝީގެ މަތީގައެވެ. ކަލޭގެ އަމަޔާހެދި އަހަރެމެންނަށް ޖެހުނު މުސީބާތަށްވުރެ ބޮޑު މުސީބާތެއް އަނެއްކާ މިއޮތީ ކުރިމަތިވެފައެވެ. އަހަރެމެންގެ ހިތްތައް އަނދަމުންދާއިރު، ރަނިކަމަނާފާނު ކޮޓަރިކޮޅުގައި އިންނަވާލެއް އަރާމުކަން ދެކެބަލާށެވެ.]

ޙުސްނުއާރާގެ ހިތަށްއައިހާ އެއްޗެއް ގޮވާފައި ނުކުމެގެން ހިނގައްޖެއެވެ. އެކަމަކު ޞާޢިޤާ ހަމަ އަނގައިންވެސް ނުބުނެއެވެ. ހިލައިގެ ބުދެއް ފަދައިން، އެސްފިޔަވެސް ޖަހާނުލައި ޙުސްނުއާރާއާ ދިމާއަށް ބަހަލައްޓައިގެން އޭނާ އިނެވެ. ކުރާނީ ކީއްހެއްޔެވެ؟ ބުނާނީވެސް ކީކޭހެއްޔެވެ؟ މެދުކެނޑުމެއްނެތި އަނިޔާ ލިބެމުން ލިބެމުންގޮސް، އަސަރުކުރުމުގެ ހިއްސު ވަނީ އޭނާއަށް އަލްވަދާޢު ކިޔާފައެވެ. ދެލޮލުގައިހުރި ކަރުނަތައްވެސް ވަނީ ހުސްވެފައެވެ. އެއްވެސް ފަރާތަކުން އޭނާއަކަށް ރަހުމެއް ހަމްދަރުދީއެއް ނުލިބެއެވެ. އެފަދަ ކަމަކަށް އުންމީދެއްވެސް ނުކުރެވެއެވެ. ޙުސްނުއާރާ ނުކުމެގެންދިޔަ ދޮރާ ދިމާއަށް އެއްވެސް އަސަރެއް ނެތްގޮތެއްގައި ބަލަން އިނދެވުނީ ކިހާއިރެއް ވަންދެންކަމެއް، ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.