މާމަ އެންމެ ލޯބިވާ މާމަދަރިފުޅު އަދި އެ މާމަގެ ލޮލުގެ ކޮއިފަދައިން ބަލާބޮޑުކުރި ރީޙާނުގެ އުފަންދުވަހަކީ، އަލްޙަމްރާގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރާ ދުވަހެކެވެ. އެދުވަހު އޮންނަ ޕާޓީގެ ހުރިހާ ކަމެއްވެސް އިންތިޒާމު ކުރަމުން ގެންދަނީ ޚުދު މާމަގެ ބެލުމުގެ ދަށުންނެވެ. މިއީ ބޮޑު އީދު ދުވަހަށްވުރެވެސް އުފާވެރި ދުވަހެއް ކަމުގައި އަލްޙަމްރާގެ މީހުން ދެކެއެވެ.
ކޮންމެ އަހަރަކުވެސް ރީޙާންގެ އުފަންދުވަހު، ހެނދުނުގެ ސަޔަށްފަހުގައި އަލްޙަމްރާގެ އެންމެންވެސް މާމަކޮޓަރިއަށް ޖަމާވެއެވެ. އެއީ ޕާޓީގެ ކުރިން އޮންނަ ޚާއްޞަ ރަސްމިއްޔާތެކެވެ. ހުސް ގަނޑުރަނުން ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ގަތާފައިވާ ރަން ފަށެއް، ރީޙާނުގެ ނަމުގައި މާމަ ރައްކާކޮށްފައި އޮތެވެ. އަދި ރީޙާނުގެ ކޮންމެ އުފަންދުވަހަކު، މާމަގެ އަމިއްލަ އަތުން އެ ފަށަށް ހުދުކުލައިގެ މުތީއެއް އަމުނާފައި، މަޚްމަލުގެ ފޮށްޓެއްގައި، ދެން އަންނަ އަހަރަށްޓަކައި އަނެއްކާވެސް މާމަ އެ ފަށް ރައްކާކުރެއެވެ. ހެނދުނުގެ ސަޔަށްފަހުގައި އޮންނަ ރަސްމިއްޔާތަކީ މި ރަންފަށަށް މުތީ އެމުނުމުގެ ރަސްމިއްޔާތެވެ. އެއީ ޚާންދާނުގެ އެންމެންގެ ހާޒިރުގައި، މާމަގެ އަތުން ކުރާ ކަމެކެވެ. ދެން އޮންނަނީ، ޚާންދާނުގެ މެންބަރުން ރީޙާނަށް ހަދިޔާ ދިނުމެވެ. މިގޮތުން އެންމެ ފުރަތަމަ އަދި އެންމެ އަގުބޮޑު ހަދިޔާއެއް ދެނީ މާމައެވެ. އެހެން މެންބަރުންނަށް ފުރުސަތު ލިބެނީ، މާމަ ހަދިޔާ ދިނުމަށްފަހުގައެވެ. އެންމެންވެސް، އެމީހަކަށް ލިބުނު އެންމެ ރީތި، އެންމެ އަގުބޮޑު ހަދިޔާއަކުން ރީޙާނަށް ހަދިޔާ ކުރެއެވެ. ރީތި ބަރަކާތްތެރި ޢިބާރާތްތަކުން މުބާރަކުބާދު އަދާކޮށްފައި، ހެޔޮ ދުޢާކުރެއެވެ. އާދައިގެ ގޮތެއްގައި ބާރަށް ހުނުމާއި އަޑުގަދަ ކުރުމަކީ މާމަ ކިތަންމެ ނުރުހޭކަމެއް ކަމުގައިވިޔަސް، އެދުވަހު އެ އަޑުތަކަށްވެސް މާމަ ކެތްކުރެއެވެ.
ކޮންމެ އަހަރަކު ހުދު މުތީއެއް ބޭނުންކޮށްގެން މާމަ އަމުނަމުންގެންދާ އެ ތާރީޚީ މުތީގެ ހާރަކީ، ރީޙާނުގެ ކައިވެނި އިޢްލާނު ކުރެވޭދުވަހު، އޭނާގެ އަންބަކަށްވުމަށްޓަކައި ޢައްޔަންކުރެވޭ އަންހެންކުއްޖާގެ ކަރުގައި އެޅުވުމަށް ތައްޔާރުކުރެވޭ ހާރެކެވެ.
ޞާޢިޤާވެސް އެންމެ ޅައުމުރުން ފެށިގެން، ނުހަނު ޝައުޤުވެރިކަމާއެކު މި ބޮޑު ރަސްމިއްޔާތު ބަލައެވެ. ނަމަވެސް، ސުންޕާގެ ނަމުން ނަންދެވިފައިވާ އެ ނިކަމެތި އަންހެންކުންޖާއަށް އެ ފުރުސަތު ލިބެނީ ވަރަށް މަދުފަހަރެއްގައެވެ. މާމައަށް ތާއީދުކުރާ އެއްވެސް އަންހެނަކަށް ފެނިއްޖެނަމަ، އޭނާ އެ ކޮޓަރިއަށް ވަނަކަނުދެއެވެ. ކޮންމެވެސް ކުޑަދޮރަކުން ބޯދީގެން ނުވަތަ ބޮޑު ދޮރެއްގެ ނިވަލުގައި ހުރެގެންނޫނީ އެ މަޖާގަނޑު ބަލާލެވޭނެ އެއްވެސްގޮތެއް އޭނާއަކަށް ނޯވެއެވެ. އެގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް އޭނާއަށް ތަންދޮރުއެނގި، އެމީހުން އޭނާދެކެ ރުޅިއަންނަކަމާއި، އޭނާ އެތަނަށް ދިޔުމަކީ ނުރުހޭ ކަމެއްކަން ވިސްނެން ފެށުމުން، ކިތަންމެ ބަލާހިތްވިޔަސް، ހިތްވަރު ކޮށްފައި އަންޖަމަން ބޮޑުދައިތަ އާދޭސްކޮށް މަޖުބޫރު ކޮށްގެން، އެ ރަސްމިއްޔާތު އޮންނަ ކޮޓަރިއަށް ގޮސްލިނަމަވެސް، ބީރައްޓެހި ރަށަކުން ގެނެސްފައި އިންނަ ނޯކަރަކު ފަދައިން، މަޑުމަޑުން ދުރުގައި ހުރެލާފައި އަންޖަމަން ބޮޑުދައިތައަށް ސިއްރުން އަވަސްއަވަހަށް އެތަނުން ނުކުމެގެންގޮސް، އަމިއްލަ ކޮޓަރީގައި ފިލައި އިނދެއެވެ.
އާދައިގެމަތިން މިއަދުވެސް ހެނދުނުގެ ސަޔަށްފަހުގައި، ޚާންދާނުގެ އެންމެހައި މެންބަރުން ވަރުގެކޮޅަށް ނަލަހެދިގެން މާމަ ޙުސްނުބާނޫގެ ކޮޓަރިއާ ދިމާއަށް ދާންފަށައިފިއެވެ. އޭރު މާމަ ޙުސްނުބާނޫ ހުދު ހެދުމެއް އަޅައިގެން ކޮޓަރީގެ މެދުގައި ބަހައްޓާފައިހުރި ބޮޑު މަސަންދެއްގައި ވެޑުވިފައި އިނެވެ. އޭނާގެ ރޫޖެހިފައިވާ މޫނުމަތިން އުފާވެރިކަމުގެ ވިދުވަރު ފެންނަން ހުއްޓެވެ. މަސަންދުގެ ދެފަރާތުގައި ބަހައްޓާފައިހުރި ދެ ގޮނޑީގައި ޙުސްނުބާނޫގެ ދެ ފިރިހެންދަރިން ކަމުގައިވާ ފަޚްރާއި އަޒްހަރު އިށީނދެގެން ތިއްބެވެ. ޙުސްނުބާނޫގެ ކައިރީގައި ހަމަ އެ މަސަންދުގައި، ސަޢްދިއްޔާއާއި، ފައުޒިއްޔާއާއި، ޙުސްނުއާރާއި އަންޖަމަން އާރާމެން ތިއްބެވެ.
މާމަގެ ކަނާތްފަރާތުން ޖެހިގެން އެ މަސަންދުގައި ރީޙާން އިނެވެ. އޭނާގެ ރީތިކަމާއި ހައިބަތުކަމުން، އެހާ ކައިރީގައި އިންއިރުވެސް، އޭނާއަށް އެސްފީނާ ޖެހިދާނެތީ ހިތް ފުރެންދެން ބަލައިލަން ނުކުރެވިފައި މާމަ އިނެވެ.
މިއަދު އެ ރަސްމިއްޔާތު ހިނގަމުންދާއިރު، އެ ކޮޓަރިއަށް އައުމަށް ޞާޢިޤާލައްވާ ރީޙާން އޮތީ ވަޢްދު ކުރުވާފައެވެ. ނަމަވެސް، އެތަނަށް ނުދާންވެގެން ޞާޢިޤާ ވަރަށްގިނަ ބަހަނާ ދެއްކިއެވެ. އެންމެފަހުން އެހެންގޮތެއް ނެތިގެން، އޭނާ ދިއުމަށް ރީޙާން ގާތުގައި ވަޢްދުވިއެވެ. އެހެންކަމުން، އެ ވަޢްދު ފުއްދުމަށްޓަކައި އޭނާވެސް މާމަގެ ކޮޓަރިއަށް ދިޔައެވެ. އެކަމަކު ކަންދިމާވިގޮތުން، އޭނާ އެ ކޮޓަރިއަށް ވަދެވަދެހުއްޓާ، އައިނައިދިމާއެއް ނޭނގި އައިސް، ކުއްލިއަކަށް ފައުޒިއްޔާ އެތަނަށް ފައިދާވެއްޖެއެވެ. އަދި ވަކިގޮތެއް ނުބަލައި އޭނާއާ ދިމާއަށް އެތިވަރު ގޮވައިގެންފިއެވެ.
[މޭފުއްޕައިގެން ތިޔަހަރަދަނީ ކޮންތާކަށް ހެއްޔެވެ؟ މިއީ ރީޙާނުގެ އުފަންދުވަހުގެ އެންމެ ޚާއްޞަ ރަސްމިއްޔާތުގެ ވަގުތުކަން، ތިޔަ ސުންޕާއަށް ނޭނގެނީ ހެއްޔެވެ؟ އަވަހަށް މިތަނުން ރައްކާވާށެވެ. އެހެންނޫނީ މި އުފާތައް، މުސީބާތަކަށް ބަދަލުވެގެން ހިނގައިދާނެއެވެ.]
[އުފް…. ޞާޢިޤާއަށް ހިތާމައިގެ އަޑެއް އިއްވާލެވުނެވެ. އެއީ ކޮންފަދަ ނިކަމެތިކަމެއް ހެއްޔެވެ؟ ވަގުތުން ބިންގަނޑު ފަޅާލާފައި އޭނާ އަޑިޔަށް ދާނޭނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ؟] ޞާޢިޤާ ހިތަށް އެރިއެވެ. ރީޙާނުގެ ކައިރީގައި ވެފައިވާ ވަޢްދުވެސް މިހާރު އޭނާ ހަނދާން ނެތިއްޖެއެވެ. އެނބުރިފައި ކޮޓަރިއާ ދިމާއަށް އޭނާ ދުއްވައިގެންފިއެވެ.
ރީޙާން ކެތްތެރިކަމެއްނެތި ޞާޢިޤާއަށް އިންތިޒާރު ކުރަމުންދެއެވެ. އިރުއިރުކޮޅާ ހޯލަށް ވަންނަން ހުންނަ ދޮރާ ދިމާއަށް އޭނާ ބަލައިލައެވެ. މިހާރު ގޭގެ އެންމެން، މާމަގެ މަސަންދުގެ ކައިރިއަށް ޖަމާވެއްޖެއެވެ. އެކަމަކު އަދިވެސް ޞާޢިޤާއެއް ނާދެއެވެ.
[އަދިވެސް ސަމީރާ ނާންނަނީ ހެއްޔެވެ؟] ފައުޒިއްޔާ ކުރެން ޙުސްނުއާރާ އެހިއެވެ.
ފައުޒިއްޔާ ވަށައިގެން ހޯދާލިއެވެ. ތެދެކެވެ. އަދިވެސް ސަމީރާއެއް ނާދެއެވެ. އޭނާ އަވަސް އަވަހަށް ދޮރުމަތީގައިހުރި ކަނީޒަކަށް ގޮވާލާފައި، ސަމީރާ ބަލާފޮނުވައިފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ކަނީޒު އެނބުރި އައިސް، ސަމީރާގެ ޠަބީޢަތު ގޯސްވެފައިވާތީ، އަންނަން ނުކުރޭނެ ވާހަކަ ބުނިކަމުގައި ފައުޒިއްޔާ ގާތުގައި ބުނެފިއެވެ. އެ އަޑަކީ ފައުޒިއްޔާގެ މޭ ފޫއަޅުވާލި ޚަންޖަރެއް ކަމުގައިވިއެވެ. މި އުފާވެރި ޙަފްލާއަށް ސަމީރާ ހާޒިރުނުވާން އެއުޅޭ ސަބަބު، ކިތަންމެ ރަނގަޅަކަށްވެސް ފައުޒިއްޔާއަށް އެނގެއެވެ.
ރީޙާނުގެ އިންތިޒާރާއި ކެތްތެރިކަން އިންތިހާއަށް ހިނގައްޖެއެވެ. މިހާރު އެންމެންއައިސް ހަމަވެއްޖެއެވެ. މަޚްމަލުގެ އެ ޚާއްޞަ ފޮށިވެސް މިހާރު ގެނެސް މާމަގެ ކައިރީގައި ބަހައްޓައިފިއެވެ.
[މާމާއެވެ. އިހަށް މަޑުކުރާށެވެ.] ރީޙާން ތެދުވަމުން ބުންޏެވެ.
[ކީއްވެގެން ހެއްޔެވެ؟]
[ވަރަށް އަވަހަށް އަޅުގަނޑު އެބައަންނަމެވެ.]
[ތިޔަދަނީ ކޮންތަނަކަށް ހެއްޔެވެ؟]
[މާދުރަކަށް ނުދަމެވެ.] މިހެން ބުނެފައި މީހުންތައް ދުރުކުރަމުން، ނުހަނު އުނދަގޫ ޙާލުގައި ޖާގަ ހޯދައިގެން އޭނާ ހޯލުން ނުކުމެއްޖެއެވެ. އަދި ޞާޢިޤާގެ ފަރުވާކުޑަކަމުން ރުޅިއައިސް ރަތްވެގެންހުރެ، ޞާޢިޤާގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.
ޞާޢިޤާ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުއްޓެވެ. ރޮއިރޮއި އޭނާގެ ދެލޯ ހުރީ ރަތްވެފައެވެ. އެސްފިޔަތަކުގައިވެސް ކަރުނައިގެ އަސަރު ހުއްޓެވެ. ރީޙާނުގެ ފިޔަވަޅުގެ އަޑު އިވުމުން، އޭނާ މަޑުމަޑުން އެނބުރިފައި ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިއުމާއެކު، ރީޙާން އައިސްފައިވާ ރުޅިގަނޑު ފިނިވެގެން ހިނގައްޖެއެވެ. ޞާޢިޤާ އިސްޖަހާލާފައި ލޮލުން އޮހިގަތުމަށް ތައްޔާރުވެފައިވާ ކަރުނަތައް ދިރުވާލުމަށްޓަކައި މަސައްކަތްކުރަން ފަށައިފިއެވެ.
[މިއަދުވެސް ރޮނީހެއްޔެވެ؟] ހިތާމަވެރި އަޑަކުން ރީޙާން ބުންޏެވެ.
ޞާޢިޤާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ މޫނުގައި ދެއަތް އަޅާފައި ބާރަށް ރޮއިގަންނަމުން ބުންޏެވެ.
[އަޅުގަނޑުގެ ނަސީބުގައިވަނީ ކަރުނަ ފިޔަވައި އެހެން ކޮންއެއްޗެއް ތޯއެވެ؟ ކިތަންމެ ބޭނުމަސް، ކަރުނަ ފިޔަވައި އެހެން އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނުލިބޭނެއެވެ.]
[ޞާޢިޤާއެވެ.] ގަދަކަމުން ކަހަލަގޮތަކަށް ޞާޢިޤާގެ އަތް އޭނާގެ މޫނުން ނައްޓުވާލަމުން ރީޙާން ބުންޏެވެ. އަނެއްކާ މިއަދުވެސް ކަމެއް ހިނގީހެއްޔެވެ؟]
[ނޫނެކެވެ. އެއްވެސްކަމެއް ނުވެއެވެ. އަޅުގަނޑުގެ އަތުން ދޫކޮށްލައްވާށެވެ. އެތަނަކަށް އަޅުގަނޑު ނުދާނަމެވެ.] ޞާޢިޤާ ރޮމުން ބުންޏެވެ.
[ނުބުނާން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ؟ ކަލެއާ ދިމާއަށް އެއްޗެއްބުނީ ކާކުހެއްޔެވެ؟] ރީޙާނުގެ ގާތަށް ރުޅިއަތުވެއްޖެއެވެ. އެކަން ވިސްނިގެން، ޞާޢިޤާ ލޯފުހެލާފައި ރީޙާނާ ދިމާއަށް ބަލައިލައިފިއެވެ. އެވަގުތު އޭނާގެ މޫނުމަތިން ފެނުނު ހަރުކަށިކަމެއްގެ ސަބަބުން، ޞާޢިޤާ ވަރަށް ބޮޑަށް ބިރުގެންފިއެވެ. ރީޙާނުގެ ޙަޔާތުގެ ދުވަސްތަކުގެ ތެރެއިން މިފަދަ ބާއްޖަވެރި ދުވަހެއްގައި، ޞާޢިޤާގެ ސަބަބުން ސުންޕާކަމެއް ދިމާވުމަކީ އޭނާ އެދޭކަމެއް ނޫނެވެ.
[ކަލެއާ ދިމާއަށް އެއްޗެއްބުނީ ކާކުހެއްޔެވެ؟] ހަރުކަށިކަމާއެކު ރީޙާން ސުވާލުކުރިއެވެ.
[އެއްވެސްމީހަކު އެއްޗެއް ނުބުނެއެވެ.] ޞާޢިޤާ ހަމަ ގަސްތުގައި ދޮގެއް ހަދާލިއެވެ.
[ވީއިރު، ކަލޭ ރޮނީ ކީއްވެގެން ހެއްޔެވެ؟]
[ހިތުގައި ޖެހުނީއެވެ. ނަމަވެސް، ދެން ނުރޯނަމެވެ.] ޞާޢިޤާ ހިނިތުންވެލިއެވެ.
[ތިޔަހެންވިއްޔާ އަވަހަށް ހިނގާށެވެ.]
[ނޫނެކެވެ. ރީޙާނެވެ. ކަލާ ދުރުވާށެވެ. ކުދިކުދި ކަންތަކާ ތިޔަވަރުން ނޫޅޭށެވެ.] ރީޙާން އާދޭސްކޮށްކޮށްވެސް ޞާޢިޤާ ދާނެފިކުރެއް ނުކުރިއެވެ.
[އެންމެކުޑަމިނުން ކަލޭ އެތަނަށް ނުދާންވެގެން އުޅޭ ސަބަބު އަހަރެންނަށް އަންގާލަދޭށެވެ.]
[އެއީ އެހާވަރުން ސިއްރުކުރާކަހަލަ ކަމެއް ނޫނެވެ.]
[ތިޔަހެންވިއްޔާ ބުނެބަލާށެވެ.]
[އެކަހަލަ ބާއްޖަވެރި ޙަފްލާތަކަށް އަޅުގަނޑު ދިއުމުން، ސުންޕާވެދާނެ ކަމުގައި އެންމެންވެސް ހީކުރެއެވެ. އެކަން ކަލާއަށްވެސް އެނގިލައްވާނެއެވެ.] ޞާޢިޤާ ބުންޏެވެ.
[ޞާޢިޤާއެވެ.] ރީޙާން ރުޅިއައިސްގެންގޮސް ތުރުތުރު އަޅަންފެށިއެވެ. [ކަލޭގެ ސިކުނޑިން ތިޔަ އިޙްސާސްގެ އަސަރު ފޮހެވިގެންދާނީ ކޮންދުވަހަކުން ހެއްޔެވެ. އަހަރެންގެ މިންނެތް މަސައްކަތްވެސް ކާމިޔާބުނުވީ ހެއްޔެވެ؟] ރީޙާން އެހުރިހާ ވާހަކައެއް ދެއްކީމާވެސް، އޭނާއާ އެކުގައި ދާކަށް ޞާޢިޤާ އެއްބަހެއް ނުވިއެވެ.
އަދިވެސް ފައުޒިއްޔާގެ ބިރުވެރި އަޑު، އޭނާގެ ކަންފަތުގައި ގުގުމަމުން އެބަދެއެވެ. ދެންވެސް އޭނާ އެތަނަށް ހިނގައްޖެނަމަ، ވާނީ ހަމައެހެންނެވެ. އެންމެންގެ ކުރިމަތީގައި އޭނާ ލަދުގަންނަވާލާފައި، އަތުގައި ހިފައިގެން އެ ހޯލުން ދަމާނެރޭކަށްވެސް ފަހަކަށް ނުދާނެއެވެ. ވީއިރު، އެވަރުތަނަކަށް އޭނާ ދިއުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ޞާޢިޤާ ފިކުރުކޮށްލިއެވެ.
[ޞާޢިޤާއެވެ. މީހަކު އެއްޗެއް ނުބުނާނަމަ، ކަލެއަކަށް ތިޔަހެނެއް ނުވީހެވެ. ޔަގީނެވެ. އަހަރެންގެ ގާތުގައި ތެދަށް ބުނާށެވެ.] ރީޙާން ރުޅިއައިސްފައި ހުރިވަރުން ޞާޢިޤާ ވަރަށް ބޮޑަށް ބިރުގެންފިއެވެ. ވީމާ، ރޮމުން ގިސްލަމުން، ހުރިހާ ވާހަކައެއް ރީޙާނަށް ކިޔައިދީފިއެވެ. އެ އަޑު އިވުމުން، ރީޙާނުގެ މޫނު ރަތްވެގެން ދިޔައެވެ. އޭނާ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަހިނގާފައި، ފައުޒިއްޔާމެންގެ ނުބައިކަމާ ދޭތެރޭގައި ވިސްނަން ފެށިއެވެ. ޝައްކެއްނެތެވެ. މިވަގުތު އޭނާއަށް ފެންނަހިސާބުގައި ފައުޒިއްޔާ ފެންނަން ހުރިނަމަ، ކޮންމެވެސްކަހަލަ ނޭދެވޭ ކުށްވެރި ހަރަކާތެއް ކުރެވުނީސްކަން ކަށަވަރެވެ.
ޞާޢިޤާ ދެވަނަފަހަރަށް ކުޑަދޮރުގެ ކައިރިއަށްގޮސް، ބޭރު ބަލަހައްޓައިގެން ޚިޔާލުކުރަން ހުއްޓާ، ރީޙާން ގޮވާލި އަޑު އިވިގެން އެނބުރިފައި ބަލައިލައިފިއެވެ. [ޞާޢިޤާއެވެ. އަހަރެންނާ އެކުގައި ހިނގާށެވެ.]
[ނުކެރޭނެއެވެ.] ޞާޢިޤާ ކަންބޮޑުވެއްޖެއެވެ.
[ހިނގާށެވެ. އަހަރެންނަށް ލަސްވަނީއެވެ.] ރީޙާން ކުރިޔަށް ޖެހިލަމުން ޞާޢިޤާގެ އަތުގައި ހިފައިފިއެވެ.
ޞާޢިޤާ ބިރުގެންފައިވާ ބެލުމަކުން ރީޙާނާ ދިމާއަށް ބަލައިލައިފައި އަތްދަމައިގަނެގެން އެއްފަރާތަކަށް ޖެހިލައިފިއެވެ.
[ކަލޭ ނުދާނަމު ހެއްޔެވެ؟] ހިތާމައާއި ރުޅި އެކުލެވިފައިވާ އަޑަކުން ރީޙާން ބުންޏެވެ.
[އެހާގިނަ މީސްތަކުން އެއްވެފައިވާ މަހެފިލެއްގައި ބަދުނާމުވުމުގެ ހިތްވަރެއް، އަޅުގަނޑުގެ ކިބަޔަކު ނެތެވެ.] ކަރުނައިން ފުރިފައިވާ ދެލޮލުން ރީޙާނާ ދިމާއަށް ބަލައިލަމުން ޞާޢިޤާ ބުންޏެވެ.
[އަހަރެންގެ ހާޒިރުގައި ކަލޭ ލަދުގަންނަން ޖެހޭފަދަ ކަމެއް ހިނގާފާނެކަމަށް ހީކުރަނީ ހެއްޔެވެ.]
[ޒަހަރުން ފުރިފައިވާ ތޫނު ނަޒަރުތައް، އަޅުގަނޑާ ދިމާއަށް އަމާޒުވެފައި ހުންނާނެއެވެ.]
[ކަލޭ އެކަމާ އަޅާނުލާށެވެ.]
[ނޫނެކެވެ. ރީޙާނެވެ.]
[އަހަރެންނަށްޓަކައި ހުރިހާ ކަމަކަށްވެސް ކެތްކުރާށެވެ.]
[ގަދައަޅުއްވައިގެން އަޅުގަނޑު ނުގެންދަވާށެވެ. ރީޙާނެވެ. އުފަންދުވަހުގެ ރަސްމިއްޔާތުތައް އަމާންކަމާއެކު ނިމިގެންދިޔަ ދެއްވާށެވެ.]
[ކަލެއާނުލައި އެ ރަސްމިއްޔާތުތައް ފުރިހަމަ ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟]
[މީގެކުރިންވެސް ފުރިހަމަ ކުރައްވަމުން ގެންދަވާ ގޮތަށެވެ.]
[މީގެކުރިއާ މިހާރާ އެއްވެސް ތަފާތެއް ނެތްހެއްޔެވެ؟]
[ކަލާ ފިޔަވައި އެހެން އެއްވެސް މީހަކަށް ތަފާތެއް އޮންނާނެހެނެއް ހިއެއްނުވެއެވެ.]
[ކަލޭ ގެންދަން މިއުޅެނީ ހަމައެކަނި އަހަރެންގެ އުފަލަށްޓަކައެވެ.]
ޞާޢިޤާ ބިރުގެންފައި ހުރިލެއް ބޮޑުކަމުން، ރީޙާން އެވަރަށް އާދޭސްކުރީމާވެސް އޭނާއާ އެކުގައި ދިއުމަކަށް އެއްބަހެއް ނުވެވުނެވެ.
ރީޙާން އިރުކޮޅެއް ވަންދެން އިންތިޒާރު ކުރުމަށްފަހުގައިވެސް ޞާޢިޤާ ދާފިކުރެއް ނުކުރިއެވެ. ވީމާ، ކުއްލިއަކަށް ރީޙާނުގެ މޫޑު ބަދަލުވެއްޖެއެވެ. އެ ތަނަވަސް ނިތްކުރިއަށް ރޫއަރައިފިއެވެ. މޫނުމަތިން ޝަކުވާގެ އަސަރުތައް ފެންނަން ފަށައިފިއެވެ. އޭނާ އިތުރު އެއްޗެއް ބުނުމަކާނުލައި އެނބުރި ދިއުމަށް ހިނގައިގެންފިއެވެ.
ރީޙާން ނުރުހިގެން އެނބުރިދާތަން ފެނުމުން ޞާޢިޤާ ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. އަދި ބޭއިޚްތިޔާރުގައި ކަހަލަގޮތަކަށް އޭނާ ދުވެފައިގޮސް ރީޙާނުގެ ކުރިމައްޗަށް ހުއްޓިފައި، ކުއްލިއަކަށް ރީޙާނުގެ އަތުގައި ހިފައިފިއެވެ.
[ކަލާ ރުޅިދުރުވީތޯއެވެ؟]
[އަހަރެންގެ އުފަލަށްޓަކައި، އެހާ ކުޑަކުޑަކަމެއް ކަލެއަށް ކުރަން ނުކެރޭނެ ކަމަކަށް ފަހަރެއްގައިވެސް އަހަރެންގެ ހިތަކަށް ނާރައެވެ.] ޞާޢިޤާއާ ދިމާއަށް ބަލައިވެސްނުލައި މިހެން ބުނެފައި ރީޙާން ހިނގައިގެންފިއެވެ.
ވީދެރައިން ޞާޢިޤާއަށް ތެޅިގަނެވުނެވެ. ރީޙާނުގެ ހިތުގައި ޖެއްސުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނޫނެވެ. އެންމެންގެ ނުރުހުމާއި ބަދުނާމުގެ ބިރުވެސް، އޭނާގެ ހިތުން ފިލައިގެން ހިނގައްޖެއެވެ.
[ކަލާއާ އެކުގައި އަޅުގަނޑުވެސް ދާނަމެވެ. އަޅުގަނޑު ބިރުގަންނަ މީހަކު ނުހުންނާނެއެވެ. އެ އެންމެންގެ ތެރޭގައި ފައުޒިއްޔާ ބޮޑުދައިތަމެން އަޅުގަނޑު ކޮށްޕާ ބޭރުކޮށްލިޔަސް، ކަލާއަށްޓަކައި އެކަންވެސް އަޅުގަނޑު އުފަލާއެކު ގަބޫލު ކުރާނަމެވެ.] ރީޙާނުގެ އަތުގައި ބާރަށް ހިފަހައްޓާލާފައި އިސްދަށަށް ޖަހާލަމުން ޞާޢިޤާ ބުންޏެވެ.
[ޞާޢިޤާއެވެ.] ރީޙާން އުފަލުން ހިނިތުންވެލާފައި، ދެއަތުން ޞާޢިޤާގެ މޫނުގައި ހިފަހައްޓާލިއެވެ. އޭރުވެސް ޞާޢިޤާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެމުންދެއެވެ. އެކަމަކު ރީޙާނަށްޓަކައި ހިނިތުންވަމުން ދިޔައެވެ. މޮޅިއާއި ހިތާމައިގެ އަސަރުތައް، ޞާޢިޤާގެ އެ ރީތި މޫނަށް އިތުރު ރީތިކަމެއް ގެނެސްދީފައި ވަނިކޮށް، ރީޙާނަށް ފެނުނެވެ.
[އާނ! މިހާރު ތިޔަ މަގަށް އެޅުނީއެވެ.] ރީޙާން ކުޑަކޮށް ގުދުވެލިއެވެ. ޞާޢިޤާއާ ހަތަރުކަޅި ހަމަކޮށްލަމުން ހީލިއެވެ. ޞާޢިޤާވެސް ދެލޯމަރާލާފައި ކުރިޔަށްވުރެވެސް ބޮޑަށް ހިނިތުންވެލިއެވެ.