ޒަޚަމް – ޗެޕްޓަރ 32

ފައުޒިއްޔާ ކޮޓަރިން ނުކުމެ ނުކުމެ ހުއްޓާ، ޞާޢިޤާ ބޭރުންއައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ވަރަށް ބާރަށް ދެމީހުން ލައިގެންފިއެވެ. ފައުޒިއްޔާގެ އަތުގައިހުރި ހެދުންތަކެއް ވެރިއްޖެއެވެ. އެ ހެދުންތައް ނަގައިދިނުމަށްޓަކައި އަވަސް އަވަހަށް ޞާޢިޤާ ގުދުވެއްޖެއެވެ.

[ލޮލުގައި ސަރުބީ ޖެހީހެއްޔެވެ؟ ތަންތަން ނުފެންނަނީ ހެއްޔެވެ؟ ހަމަހޭގައި ހުރެބަލާށެވެ. އެހެންނޫނީވިއްޔާ ކަލޭގެ ސިކުނޑި ހަމައަކަށް އަޅުވާލަފާނަމެވެ. ތިމާވަރުގެ މީހަކު ނެތްކަމަށް ހީކޮށްގެން ތެޅިއަރުވާވަރު ނިކަން ދެކެބަލާށެވެ.]

ޞާޢިޤާއަށް ޝުކުރުވެރިވުމުގެ ބަދަލުގައި، އޭނާގެ އަތުން ހެދުންތައް ދަމައިގަންނަމުން ފައުޒިއްޔާ އެތިވަރުގޮވަން ފެށިއެވެ.

[ބޮޑުދައިތަ ބޭރަށް ނުކުންނަވާކަން އަޅުގަނޑަށް އެނގޭނީ ކިހިނަކުންތޯއެވެ؟] ބިރުންހުރި ޞާޢިޤާއަށް ބުނެވުނީ ހަމައެކަނި މި ޖުމުލައެވެ. އަނެއްކާވެސް ފައުޒިއްޔާ ފަށައިގެންފިއެވެ.

[އާއެކެވެ. އާއެކެވެ. ކަލޭ ކުރާ އެއްވެސްކަމެއް ނޯންނާނެއެވެ. ކޮންމެ ކަމެއްވެސް ވާނީ އަމިއްލައަށެވެ. ތިމާގެ މަޢްޞޫމްކަން އެހެންމީހުންނަށް ދައްކަން އުޅޭވަރު ބަލާބަލާށެވެ. ކަލޭ ކުރާ ހުރިހާ ކަމެއްވެސް އަހަރެންނަށް އެނގެއެވެ. ތަންކޮޅެއް ބަލާލައިގެން އުޅޭށެވެ. އެހެންނޫނީ….] ފައުޒިއްޔާ އެތިވަރު ގޮވަމުން ގޮވަމުން ހިނގައިގެންފިއެވެ. ނަމަވެސް، ހިލައިގެ ބުދެއް ފަދައިން އެތަނުގައި ގުޑާލަންވެސް ހަނދާންނެތިފައި ޞާޢިޤާ ހުއްޓެވެ. ފައުޒިއްޔާއަކީ ދުވަހެއްގައިވެސް އޭނާއާ ދޭތެރޭގައި ހެޔޮކޮށްހިތި މީހެއް ނޫނެވެ. އަމުދުން މިއަދު ފައުޒިއްޔާގެ މޫނުމަތި ޞާޢިޤާއަށް ފެނުނީ، ކުރިއަށްވުރެ މާބޮޑަށް ކަޅުވެފައި ވަނިކޮށެވެ. ދެލޮލުން އަލިފާންކަނި ބުރަބުރާ ހުއްޓެވެ. ރޭގައިވެސް ފައުޒިއްޔާގެ ލޮލުން ޞާޢިޤާއަށް ހަމަ އެ އަލިފާން ފެނުނެވެ. ކާމޭޒުދޮށުގައި ތިބިއިރު، ނުހަނު ބިރުވެރިގޮތަކަށް އޭނާއާ ދިމާއަށް ފައުޒިއްޔާ ކަޅިއެޅިއެވެ. އަލިފާންކަނި ބުރުވިއެވެ. ސަބަބަކީ، ކޮބައިހެއްޔެވެ؟ އާދައިގެ ނަފްރަތުގެ ތެރެއިން އެ ފާޅުވަނީ ކޮން ރުޅިވެރިކަމެއް ހެއްޔެވެ؟ އާއެކެވެ. މިހާރު ހިސާބަކަށް އޭނާއަށް އެބަވިސްނެއެވެ. ދެންމެގައި އެތިވަރު ގޮވިއިރު، އެ ފާޅުވީ ފައުޒިއްޔާގެ ހިތުގައިވާ ހަސަދައާއި ރުޅީގެ އަސްލެވެ. އޭނާގެ ލޯބީގެ ސިއްރު، ފައުޒިއްޔާއަށްވެސް އެނގުނީއެވެ. އެފަދަ ނުބައި އަންހެނަކަށް، މީހެއްގެ އެހާ މުހިންމު ސިއްރެއް އެނގިއްޖެނަމަ، ބޮޑު ހައިޖާނުގަނޑެއް އުފައްދާލާނެއެވެ. އަމުދުން ފައުޒިއްޔާއަކީ ސަމީރާގެ މަންމައެވެ. ރީޙާނާއި ސަމީރާގެ ކާވެނި އޮތީ މުޅިން ނިމިފައެވެ. އެކަން ޞާޢިޤާއަށްވެސް ރަނގަޅަށް އެނގެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ރީޙާނުގެ ލޯބީގެ ސައިލާބުގައި ޙަޤީޤީ ދުނިޔެއާ މާދުރަށް އޭނާގެ ހިތް އޮޔާހިނގައްޖެއެވެ. އަމިއްލަ ނަފްސުގެ ނިކަމެތިކަމާއި، ތިމާގެ ސުންޕާކަން ހަނދާން ނެތިއްޖެއެވެ. ފެންވަރު މުޅިން އޮޅިއްޖެއެވެ. ހާސްވެގެންގޮސް ޞާޢިޤާގެ ސިކުނޑި އެނބުރެން ފަށައިފިއެވެ. ރީޙާނުގެ ލޯތްބާ ދޭތެރޭގައި ކިތަންމެ ބޮޑު އިތުބާރެއް އޮތްނަމަވެސް، މާމަގެ އެންމެފަހުގެ ނިންމުމަށް ގުޑުން އަރުވާލެވޭނެ މީހަކު ނުހުންނާނެކަން އޭނާއަށް އެނގެއެވެ. ފައުޒިއްޔާގެ އަނިޔާވެރިކަމާއި، އެ ޑަކައިތު އަންހެންމީހާގެ އަންހެން ދަރިފުޅަށްޓަކައި ޞާޢިޤާގެ ފުރާނަވެސް ދަމައިގެންފާނެކަން، އޭނާއަށް ޔަގީނެވެ. ނާކާމިޔާބު ލޯބީގެ ނިމުން އިޙްސާސް ކުރެވުމުން ޞާޢިޤާއަށް ތެޅިގަނެވުނެވެ. ރީޙާނުގެ ހަރުދަނާ ވަޢްދުތަކާއި، އާޔާގެ ހިތް އުފާކޮށްދެނިވި ބަސްތައް ހަނދާން ހުރިނަމަވެސް، އުފާވެރި ނިމުމަކަށް އުންމީދު ކުރެވޭކަށް ނެތެވެ.

ފާއިތުވެގެންދާ ކޮންމެ ދުވަހަކީ، ޞާޢިޤާގެ މާޔޫސްކަމާއި ހިތްދަތިކަން އިތުރު ކުރުވަމުންދިޔަ ދުވަސްތަކެއް ކަމުގައިވިއެވެ. މިހާރު އޭނާއެކޭ، ބޮޑު ބަޑިއެއްގެ އަނގަމަތީގައިހުރި މީހެކޭ އެއްފަދައެވެ. އޭނާއާ ދިމާއަށް އަމާޒުކުރެވިފައިވާ އެ ބޮޑު ބަޑި ގޮވައިފިނަމަ، އޭނާގެ މުޅި ހަސްތީ ކުނޑިކުނޑިވެގެން ދާނެކަމީ، ޝައްކެއްހުރިކަމެއް ނޫނެވެ. ދުވަހެއް ދުވަހަކަށް ފައުޒިއްޔާގެ މޫނުމަތީގެ ބިރުވެރިކަން ބޮޑުވަމުންދެއެވެ. ކިތަންމެ ކުޑަކުޑަ ކަމަކާވެސް އެއްޗެތި ގޮވައި މަލާމާތްކޮށް ހެދުމަކީ އާދައެއް ކަމުގައި ވެއްޖެއެވެ.

އެއީ، އާޔާ ކުޑަކޮށް ބަލިވެއުޅޭ ދުވަހެކެވެ. ވީމާ، ޞާޢިޤާވެސް އެދުވަހު ބޭރަށް ނުކުމެއެއް ނޫޅެއެވެ. އާޔާގެ ޙާލު ދެކެން އޭނާގެ ކައިރީގައި އިނީއެވެ. އާޔާއަކީ، މުޅި ދުނިޔެއިންވެސް އޭނާދެކެ އެންމެ ލޯބިވާ އިންސާނާއެވެ. ވީމާ، އާޔާ އެހާ ބަލިވެއޮއްވާ އޭނާގެ ކައިރިން ދުރަށް ދިއުމަކީ އެއްގެތޮކަށްވެސް ޞާޢިޤާގެ ހިތްރުހޭ ކަމެއްނޫނެވެ. ގާތްގަނޑަކަށް އެދުވަހުގެ ދިހައެއްޖެހުމާ ކައިރިވެފައި ވަނިކޮށް، އާޔާގެ ޙާލު މާބޮޑުވެއްޖެއެވެ. އެހީއެއް ފޯރުވާލާނެ ދެވަނަ މީހަކު ނެތެވެ. ވޭނަށް ކެތްނުކުރެވިގެން އާޔާ ތެޅިފޮޅޭތަން ދުށުމަކީވެސް އޭނާއަށް ކުޅަދާނަކަމެއް ނޫނެވެ. އެހެންކަމުން، އޭނާ ޑޮކްޓަރަށް ފޯނުކުރުމަށްޓަކައި އަވަސްވެގެންފިއެވެ. މަގު ކުރުކޮށްލުމަށްޓަކައި، ޖެހިގެންހުރި ކޮޓަރި ތެރެންލާފައި ހިނގައިގެންފިއެވެ. އެވަގުތު އެ ކޮޓަރީގައި ވާހަކަދައްކަންތިބި ފައުޒިއްޔާއާއި ސަޢްދިއްޔާ ފެނުމުން، އޭނާ ކަންބޮޑުވެއްޖެއެވެ. ވީމާ، އަވަހަށް އެ ކޮޓަރިން ނުކުތުމަށްޓަކައި ހިނގުން ބާރުކޮށްލައިފިއެވެ.

[މާއަވަހަށް ތަނަކަށް ދާންވެފައި އޮތީހެއްޔެވެ؟] ޞާޢިޤާ އަވަސްއަރައިގެންފައި ހުރިވަރު ފެނުމުން، ޖެއްސުމުގެ ރާގަކަށް ސަޢްދިއްޔާ ސުވާލު ކޮށްލިއެވެ.

]ބައްދަލުވުމުގެ ވަގުތު ފާއިތުވަނީއެވެ.] ފައުޒިއްޔާ މަލާމާތް ކޮށްލިއެވެ. އެވާހަކަތައް އަޑުއިވުމުން، ޞާޢިޤާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވެއެވެ. ކުރިޔަށް ހިނގުމަށް އޭނާއަށް ދަތިވިއެވެ. އަވަސްއަވަހަށް އެތަނުގައިހުރި ގޮނޑިއެއްގައި އޭނާއަށް ހިފަހައްޓާލެވިއްޖެއެވެ.

[ކޮން ބައްދަލުވުމެއް ހެއްޔެވެ؟] ގަޔާވެލާފައި ސަޢްދިއްޔާ އަހާލިއެވެ.

[ތިޔަ ސުވާލު އޭނާއާ ކުރާށެވެ.] ފައުޒިއްޔާ، ތީރެއް ދޫކޮށްލިއެވެ.

[ބުނެބަލާށެވެ. ތިޔަ ދައްކަނީ ކޮންވާހަކައެއް ހެއްޔެވެ؟] ސަޢްދިއްޔާ ސީރިއަސް ވެލިއެވެ.

ޞާޢިޤާގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. މުޅި ކޮޓަރި އެނބުރެންފެށި ކަމުގައި އޭނާއަށް އިޙްސާސް ކުރެވުނެވެ. މަލާމާތުގެ އިތުރު ބަސްތަކެއް އަޑުއިވުމުގެ ކުރިން، އެތަނުން ދިއުމަށް އޭނާ ބޭނުންވިއެވެ.

[ނުބައިމީހެއްގެ ފަރާތުން ރަނގަޅު ކަމަކަށް އުންމީދު ކުރުމަކީ ބޭކާރު ކަމެކެވެ. އޭނާގެ އަމައަކީ، ކޮންކަހަލަ މީހެއްކަން އެނގޭނޫން ހެއްޔެވެ. ޢިޝްޤީބަލިން ފޯވެފައި އިން ނުބައި އަމާގެ ދަރި، ވަކިން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ ކޮޓަރިން ނުކުމެ ނުކުމެހުރި ޞާޢިޤާއަށް، ފައުޒިއްޔާގެ އެ ވިހަ ޖުމުލަ ކިތަންމެ ރީއްޗަކަށްވެސް އަޑުއިވުނެވެ.

ޞާޢިޤާ ދުވެފައިގޮސް ފެންޑާގެ ތެރޭގައިހުރި ގޮނޑިއަކަށް ވެއްޓިގެންފިއެވެ. އޭނާގެ ވަށައިގެންވާ މާޙައުލު އެނބުރެނީއެވެ. ވީއިރު، އޭނާއަށް ކޮޅަށް ހުރެވޭނީ ކިހިނެއް ހެއްޔެވެ. ބޮޑު ބަޑީގެ އަނގައިން އަލިފާން ނުކުތުމުގެ ވަގުތު ޖެހިއްޖެއެވެ. މިހާރު ވާނުވާގޮތެއްވެސް ޞާޢިޤާއަކަށް ނޭނގެއެވެ. އެ ގޮނޑީގައި އޭނާއަށް އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގުނެވެ. އޭނާއަށް ހޭވެރިކަންވީ، އާޔާ ފޮނުވައިގެން އޭނާ ހޯދަންއައި ޚާދިމާ ގޮވަން ފެށީމައެވެ. ދެން އޭނާ ހިތްވަރުކޮށްލާފައި، ހިއްސުތައް ހަމަޖައްސާލައިގެންގޮސް، ޑޮކްޓަރަށް ފޯނުކޮށްފައި، އަވަސް އަވަހަށް އާޔާގެ ކޮޓަރިއަށް ހިނގައްޖެއެވެ. އަދި ބަލިވެއޮތް އާޔާގެ މޭމައްޗަށް ވެއްޓިގެންފައި ރޯންފަށައިފިއެވެ.

އެދުވަހު ހަވީރު ސަޢްދިއްޔާގެ ޚާއްޞަ ކަނީޒު، ޞާޢިޤާ ބަލައި އެ ކޮޓަރިއަށް އައެވެ.

[ކަލާއަށް އަޅުގަނޑުގެ ސާހިބާ އެބަގޮވާލައްވައެވެ.] ކަނީޒު އެހެންބުނުމުން، ޞާޢިޤާގެ މޭގައި ބޮމެއް ގޮވުމެކޭ އެއްފަދަވިއެވެ. އޭނާ ގަތް ބިރުން އަނގައިންވެސް ނުބުނެވުނެވެ. ކަނީޒުކުއްޖާ ހައެއްކަފަހަރު އެ ޖުމުލަ ބުނިއިރުވެސް، ޞާޢިޤާ ހަމަ އޭނާގެ ލޮލަށް ބަލަހައްޓައިގެން އިނެވެ.

ޞާޢިޤާ ތުރުތުރުއަޅާ ދެފައިން ހިނގާފައިގޮސް ސަޢްދިއްޔާގެ ކޮޓަރިއަށް ވަންއިރު، މާފަތަރާސީ ގޮތަކަށް ސޯފާއެއްގައި ސަޢްދިއްޔާ އިނެވެ. އޭނާ އައިސްފައިވާ ގަދަ ރުޅީގެ ހޫނުކަން، އެހާދުރުންވެސް ޞާޢިޤާއަށް އިޙްސާސް ކުރެވުނެވެ.

]ކަލެއާ ރީޙާނާ ބެހޭގޮތުން އަހަރެން ވަރަށްގިނަ ވާހަކަތައް އަޑުއަހައިފީމެވެ. ވީމާ، ކަލެއާ އިތުރު ސުވާލެއް ކުރާކަށްވެސް، އަދި ކަލޭގެ ކިބައިން އިތުރު މަޢްލޫމާތެއް އޮޅުންފިލުވާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. ހުރިހާ ކަމެއްވެސް އަހަރެންނަށް އޮތީ ވަރަށް ސާފުކޮށް އޮޅުންފިލާފައެވެ. އަހަރެމެންގެ މި ޤަދަރުވެރި އަލްޙަމްރާގެ ޚާންދާނުގެ ޢިއްޒަތާއި ޤަދަރު، ވެއްޔާ މޮޑެލީ ކަލޭގެ އަމައެވެ. އޭނާ ކޮށައި އަލިކުރި މަގުން މިހާރު ކަލޭވެސް ތިޔަ ހިނގަން ފެށީއެވެ. އެއީ އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއް ނޫނެވެ. އަދިވެސް ވަގުތު އެބައޮތެވެ. އަވަހަށް ތިޔަ ވިޔާނުދީ އުޅުން ހުއްޓާލާފައި އިޞްލާޙު ވާށެވެ. ދެވަނަ ފަހަރަށް އެކަހަލަ ވަރުގަދަ ޠޫފާނެއް އައުމަކީ، އަހަރެން ބޭނުންކަމެއް ނޫނެވެ. މީގެ އެތަކެއް އަހަރުގެ ކުރިން އައި ޠޫފާނުގެ އަސަރުތައް، އަހަރެމެންގެ ޚާންދާނުން އަދި މިއުޅެނީ ނުކެނޑިގެންނެވެ. ކަލެއަށް އެނގިފައި ނުވާނަމަ، ރަނގަޅަށް އަޑުއަހާށެވެ. ސަމީރާއާ ރީޙާނުގެ ކައިވެނި އޮތީ މުޅިން ނިމިފައެވެ. ވީމާ، އަހަރެންގެ ދަރިފުޅުގެ މަގުން ކަލޭ އެއްކިބާވާށެވެ. އެހެންނޫންނަމަ، ނަތީޖާ ވަރަށް ނުބައިވާނެއެވެ. ހީވާގޮތުން، އެކަމުގެ ނިމުން އަންނާނެގޮތް، ަކަލޭގެ ހިތަށްވެސް ނާރާނެއެވެ. މިވަރުން ފުދޭނެއެވެ. އެންމެ ރަނގަޅެވެ. ދެން ދާށެވެ…]

ވީދެރައިންނާއި ގަތް ލަދުން ޞާޢިޤާއަށް ރޮއިގަނެވިއްޖެއެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގެންފިއެވެ. ނަމަވެސް، އެ ކަރުނައަކުން ސަޢްދިއްޔާއަކަށް އެއްވެސް އަސަރެއް ނުކުރިއެވެ.

[ކަރުނަ އޮއްސައިގެން ހަމްދަރުދީ ހޯދަން ކަލޭ މަސައްކަތް ނުކުރާށެވެ. އަހަރެން ބުނަންވީ އެއްޗެއް ބުނެ ނިންމާލައިފީމެވެ. ކަލޭ މިތަނަށް ގެނެސްގެން އޯގާތެރިކަމާއެކު ވިސްނައިދިންކަން އެއީ އަހަރެންގެ ރަނގަޅުކަން ކަމުގައި ހީކުރާށެވެ. އަހަރެން ބޭނުމީވިއްޔާ، ހަމަ މިހާރުގޮސް ކަލޭގެ މާމައަށް ހުރިހާ ވާހަކައެއް ކިޔައިދެވިދާނެއެވެ. އެކަމަކު އެހެން ހަދާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. މިކަމުގެ ސަބަބުން، ބޮޑު މައްސަލައެއް އުފެދުމަކީ އަހަރެން ރުހޭކަމެއް ނޫނެވެ. ވިސްނިއްޖެހެއްޔެވެ؟ ދެން އަވަހަށް މިތަނުން ދާންއުޅޭށެވެ. ވިސްނުމާއި ބުއްދީގެ ބޭނުން ހިފާށެވެ. ބިމުގެ ހިރަފުސްކޮޅަކަށްވެހުރެ، ހަނދުގައި އަތްލަން މަސައްކަތް ނުކުރާށެވެ.]

ޞާޢިޤާ، މައްޔިތަކު ފަދައިން އެ ކޮޓަރިން ނުކުމެގެން އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތްއިރު، އޭނާގެ ސިކުނޑި އޮތީ ގަނޑުވެފައެވެ. ހަދާނެ އެއްވެސްގޮތެއް، ކުރާނެ އެއްވެސްކަމެއް އޭނާއަކަށް ނުވިސްނެއެވެ. އެއްފަރާތުން އަމިއްލަ ހިތުގެ ލޯތްބެވެ. އަނެއްފަރާތުން، ހުޅިލަމުން އަންނަ ޚާންދާނީ ރާޅުތަކެވެ. ރީޙާނާ ވަކިވުމުގެ ޚިޔާލުވެސް ކޮށްލުމަކީ އޭނާއަކަށް ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. އަދި ރީޙާން ހާސިލު ކުރުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.