”ދަރިފުޅުގެ ފާފަވެރި ބައްޕަ.“
ރާޖް ކުމާރީގެ ލޮލުން ކަރުނަތައް ފައިބައިގެން އައިސް ސިޓީގެ މައްޗަށް ތިކިޖަހަން ފަށައިފިއެވެ. ތުންފަތް ތުރުތުރު އެޅުން ގަދަވެ ގިސްލެވުމުގެ އަޑު ބާރުވާން ފަށައިފިއެވެ. އަދި ކޮޅަށް އިނުމަށް ދަތިވެގެން އެންމެފަހުން ދެއަތް މޭޒުމަތީގައި ބާއްވާފައި އަތުތެރޭގައި މޫނު ފޮރުވައިގެން އިނދެ ބާރަށް ރޯން ފަށައިފިއެވެ.
ރިޝްމީމެންގެ ގޭތެރޭގައި ފެށުނު ތަޅާފޮޅުން މިހާރު ބޭރަށް ނިކުމެއްޖެއެވެ. ޕްރަބާހކަރް ގޭތެރެއިން ނިކުމެގެން ގޮސް ކާރުގައި ފިލާ ރައްކައުވުމަށް އުޅެގެންފިއެވެ. ބޭރުގައި ތަޅާފޮޅުން ފެށިއްޖެއެވެ. މިތަން ފެނިގެން ތަންކޮޅެއް ދުރުގައި މަސައްކަތް ކުރަން ތިބި މަޖޫރީންތައް މިތަނަށް އެއްވާން ފަށައިފިއެވެ. އަވަށުގައި އާބާދުވެ އުޅޭ މަދުމީސްކޮޅުގެ ތެރެއިން ބައެއް މީހުންނަށް މިކުޅިވަރު ފެނުނީމާ އަވަސް އަވަހަށްގޮސް މިޚަބަރު ފުލުހުންނަށް އަންގައިފިއެވެ. ފުލުހުން ތިބޭ ތަނެއް މިއަވަށާ ނުހަނު ގާތުގައި ހުރެއެވެ. ވީމާ އެމީހުންނަކަށް އެކަމުގައި މާބޮޑު އުދަގުލެއް އުފުލާކަށް ނުޖެހެއެވެ. އެތަނަށް އެއްވި މަޖޫރީންގެ މީހުންނަށް ރަތަންގެ ހިތްވަރު ގަދަކަން ފެނުނުހިނދު އޭނާއަށް ސާބަސްދީދީ ތިބޭކަށް ނުކެރުނެވެ. އެމީހަކަށް ވެވުނު އެހީއެއް ފޯރުވައިދޭން ފަށައިފިއެވެ. އެމީހުން އެންމެންވެގެން ދިމާކޮށްލީ ނުހަނު ބޮޑެތި ނުލަފާ ހަތަރު މީހުންނާއެވެ. މިހަތަރު މީހުން ހިފައިގަނެގެން ރަނގަޅަށް އަނިޔާކޮށް ހޭއަރުވާލިއެވެ. މަޖޫރީންގެ އަތްދަށުން ސަލާމަތްވެވޭތޯ އެމީހުން ކިތަންމެ މަސައްކަތެއްވެސް ކުރިއެވެ. ބޭރުގައި ތަޅާފޮޅުން ފެށުނުތާ މާގިނައިރެއް ނުވަނީސް އެތަނަށް ފުލުހުން އަތުވެއްޖެއެވެ. އަދި ޕްރަބާކަރްއާއި އަނެއް ހަތަރު މީހުން ހައްޔަރު ކޮށްފިއެވެ. ރަތަން އަވަސްވެގަތީ ރިޝްމީ ލައްވާ ޕްރަބާރކަރް ސޮއިކުރުވަން އުޅުނު ކަރުދާސްތައް އަތުލައިގަތުމަށެވެ. އޭނާ މިބޭނުމުގައި ރިޝްމީގެ ގެއަށް ވަންއިރު ރިޝްމީ ކަންބޮޑުވެ ޙައިރާންވެފައި ގޭތެރޭގައި ހުއްޓެވެ. ރަތަން ވަނުމާއެކު ރިޝްމީ ބަލައިލިއެވެ. ފުރަތަމަވެސް އޭނާއަށް ފެނުނީ ރަތަންގެ އަގައިން ފައިބާފައިވާ ލޭތަކެވެ. މިއީ ރިޝްމީގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަކަށް ނޫނީ ނުވިއެވެ. ހިތުގެ ވިންދު އަވަސްވެ ހަށިގަޑުގައި ތުރުތުރެއް އުފެދުނެވެ. ނަމަވެސް އެވިންދު އިޙްސާސް ކުރުމަށް ރަތަން ޤަބޫލުވާނޭ ހެއްޔެވެ؟ ރަތަންއަށް އޭނާދެކެ ލޯބިވެވިދާނޭ ހެއްޔެވެ؟ އޭނާގެ ހިތުގެ ޙާލު މިހާރު އޮތީ ރަތަންއަށް އެނގި ނިމިފައެވެ. އެކަމަކު ރަތަންގެ ހިތް އޮތް ގޮތެއް އަދިވެސް އޭނާއަކަށް ނޭގެއެވެ. ރަތަން އެހެރީ ބޭބެގެ މަރުގެ ތުހުމަތު އޭނާގެ ބޮލުގައި އަޅުވައިގެން އެކަމާ ރުޅިއައިސް ނަފްރަތުވެފައެވެ. އޭނާ ރޮއިފާ ނުރޯންވީ އެއްވެސް ކަމެއް ނެތެވެ. މިހާރުވެސް އެހެރީ އޭނާއަށް ރޮވިފައެވެ. އެއްސަބަބަކީ ޕްރަބާރކަރް ކުރި އަނިޔާއިން ލިބޭ ވޭނެވެ. އަނެއް ސަބަބަކީ ރަތަންދެކެވާ ލޯބިން ހިތުގައި އަޅާ ވޭނެއްގެ އާދޭހެވެ. ނަމަވެސް މިކަރުނަތައް ރަތަންއަށް ފެންނާކަށް އޭނާ ނޭދެއެވެ. ވީމާ ގޭތެރެއަށް ރަތަން ވަދެގެން އަންނަތަން ފެނުނީމާ އިސްދަށަށް ޖަހާލައިގެން ހުރެ އޭނާގެ ލޮލުން ފައިބާ ކަރުނަތައް ފޮރުވަން މަސައްކަތް ކުރިއެވެ.
ރަތަން ތަންކޮޅެއް ދުރުގައި ހުއްޓިފައި ރިޝްމީއާ ދިމާއަށް ބަލައިލިއެވެ. ކުލަ ފަނޑުވެފައިވާ މޫނެކެވެ. ހޭވިފައިވާ އިސްތަށިގަނޑެކެވެ. ލޮލުގައި ހުރީ ކަރުނައެވެ. ކަރުނައިން ތެމިފައިވާ ދެކޯތާފަތެވެ. ރިޝްމީ ކިހާ ބޮޑަކަށް ބަދަލުވެއްޖެ ހެއްޔެވެ. ނަމަވެސް އޭނާގެ ރީތިކަމަކަށް ކުޑަވެސް އުނިކަމެއް ނާދެއެވެ. ހަމަ އެޖަޒްބާތީ އަސަރުތަކެވެ. ހިތް ލަންބުވާލަނިވި ފުރިހަމަކަމެވެ. ބަލަން ނުހުރެ ގޮސް އެރީތި ހަށިގަޑު އަތުތެރެއަށްލާ ބޮނޑިކޮށްލުމަށް ރަތަންގެ ހިތަށް އެރިއެވެ. އެހެނަސް ހިތާމަ ހުއްޓެވެ. ރިޝްމީ އޭނާއަށް މަޢާފު ކުރާނޭ ހެއްޔެވެ؟ ރިޝްމީ ކުށްވެރި ކުރުމަށްޓަކައި އޭނާ ނުކުރަނީ ކީއްހެއްޔެވެ؟ ޤާތިލަކަށް ހެދުމަށްޓަކައި ނުދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެކަންތައްތައް ދުވަހެއްގައިވެސް ރިޝްމީއަށް ހަދާން ނައްތާލެވޭނެ ހެއްޔެވެ؟ ރިޝްމީދެކެ ލޯބިވުމަށްޓަކައި އޭނާއަށް ކުޑަނަމަވެސް ފުރުޞަތެއް ލިބިދާނޭ ހެއްޔެވެ؟ ފިރިހެނަކަށްވެ ހުރެމެ ރިޝްމީގެ ފައިދަށަށް ތިރިވުމަށް އޭނާގެ ހިތް އެދުނެވެ. ނިކަމެތިކަމާއެކު މަޢާފަށް އެދޭނީއެވެ. އަދި އޭނާވެސް ރިޝްމީ ފަދައިން ސިއްރު ސިއްރުން ލޯބިވީ ކަމަށް ބުނެ ފައުޅު ކުރާނީއެވެ. ރިޝްމީއަށްޓަކައި އޭނާގެ ކެތްތެރިކަން ކުޑަވެފައިވާވަރު ހާމަކުރާނީއެވެ. ރިޝްމީއާ ނުލައި އޭނާއަށް ދިރިނުހުރެވޭނޭ ކަމަށް ބުނާނީއެވެ. ހިތުގެ ގޮވުން އިއްވާލުމަށްޓަކައި ކަރުނައިން ތެމިފައިވާ އަޑަކުން އޭނާ ރިޝްމީއަށް ގޮވާލިއެވެ. ”ރިޝްމީއެވެ.“ ތަނުގެ ހަމަހިމޭން ކަމުގެ ތެރެއިން ރަތަންގެ އަޑު އިވުނީ މާދުރުން އައި އަޑެއްގެ ގޮތުގައެވެ.
ރިޝްމީ އިސްއުފުލާލާފައި—ރަތަންއާ ދިމާއަށް ބަލައިލިއެވެ. އުފް! އެލޮލުގައި އެކުލެވިފައިވަނީ ކޮންފަދަ ވޭނެއް ހެއްޔެވެ؟ ރިޝްމީގެ ލޮލުގައި ހުރި ވޭނީ އަސަރުގެ ބާރުގައި ރަތަންއަށް ތެޅިގަނެވުނެވެ. އަދި ހިތާމަވެރި އަޑަކުން އޭނާ ބުންޏެވެ. ”ރިޝްމީއެވެ. ކަލާ އަޅުގަނޑަށް މަޢާފެއް ނުކުރައްވާނަމުތޯއެވެ.“ މިހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ރިޝްމީގެ ލޮލުން ހޯސްލާފައި އޮހިގެންފިއެވެ. ކުއްލިއަކަށް މިކަރުނަތައް އޮހިގަތީ ގެބެމުންދާ ޙަޔާތުގެ ނަވަށް ސަލާމަތްކަމެއް ލިބުނީމާ ކަމެއް ނުވަތަ އޭނާގެ ލޯތްބަށް ޙަޤީޤީ ސިފަ ސިފަ ޖެހުނީމާ ކަމެއް އޭނާއަކަށް ނޭގުނެވެ.
”ރިޝްމީއެވެ.“ އާދޭހާއެކު އަދިވެސް އެއްފަހަރު މަޢާފު އެދުމަށް ރަތަން ހީކުރިއެވެ. ނަމަވެސް އެކަން ކުރާނޭ ފުރުޞަތެއް އޭނާއަކަށް ރިޝްމީ ނުދިނެވެ. އަވަސް އަވަހަށް ރަތަންއާ ދިމާއަށް ދުއްވައިގެންފިއެވެ. އެއާއެކު ރަތަންވެސް އޭނާގެ އިސްތިޤްބާލުގައި ދެއަތް ދިއްކޮށްލިއެވެ. ހަމަ އެވަގުތު މަލުން ފުރިފައިވާ ގޮތްޕެއް ވަޔާ ހެލިލާފަދަ ލުއިގޮތަކަށް ރިޝްމީ އައިސް އެއަތުތެރެއަށް ވަދެއްޖެއެވެ. ރަތަން ދެއަތް ކައިރިކޮށްލާ ރިޝްމީ ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. ރަތަންގެ މޭމަތީގައި މޫނުޖަހައިގެން ހުރެ ރޮމުން ގެންދިޔައެވެ. ރިޝްމީގެ މުޅިހަށިގަޑު ތުރުތުރުއަޅައެވެ. ރިޝްމީގެ ގިސްލެވުންތަކުގެ އަޑު އިވިފައި ރަތަންގެ ލޮލުންވެސް ކަރުނައައެވެ. އެންމެ ރަގަޅެވެ. މިއަދު މިކަރުނަތައް އޮހިގެންދިޔަދޭށެވެ. އަބަދަށްޓަކައި ހުސްވިޔަދޭށެވެ. ދެން ދުވަހަކުވެސް ހިތާމަވެރި ކަރުނަތައް އެމީހުންނަށް ފެނުމުގެ ދަޑިވަޅު ލިބުނަނުދޭށެވެ.
ރަތަންއާއި، ރިޝްމީ އެކަކު އަނެކަކާ ވަކިވެ ދުރަށް ޖެހިލާފައި ފަސްއެނބުރި ބަލާލިއެވެ. އެމީހުންގެ ވަރަށް ކައިރީގައި ފުލުސް އިންސްޕެކްޓަރަކު ހުއްޓެވެ. އޭނާގެ ފަހަތުގައި ރާޖްކުމާރީވެސް ހުއްޓެވެ. ރާޖްކުމާރީގެ ލޮލުގައިވެސް ހުރީ ކަރުނައެވެ. ތުންފަތްމަތީގައި ވޭނީ ހިނިތުންވުމެކެވެ. ހިތާމަތައް ހާމަކޮށްދޭ ހިނިތުންވުމެކެވެ. ރަތަންމެންނަށް ހަމަހޭވެރިކަން ލިބުނީމާ ރާޖްކުމާރީ ފުލުސް އިންސްޕެކްޓަރަށް ބުންޏެވެ. ”ޕްލީޒް! އިންސްޕެކްޓަރ ސާހަބްއެވެ. އަޅުގަނޑުމެނަށް ކުޑަވަގުތުކޮޅެއް ދެއްވުން އެދެމެވެ.“
ވަގުތުގެ ނާޒުކު ކަމަށް ވިސްނޭތޯ އިންސްޕެކްޓަރ މަސައްކަތް ކުރިއެވެ. ބުއްދި ރަނގަޅު މީހެއްކަމުން އޭނާއަށް ވިސްނުނީކަންވެސް ނޭގެއެވެ. މަޑުމަޑުން އޭނާ އެތަނުން ދުރަށް ހިގައްޖެއެވެ. އިންސްޕެކްޓަރ ދިޔައިމާ ރާޖްކުމާރީ ރަތަންއާ ދިމާއަށް ބަލައިލިއެވެ. ނަމަވެސް ބުނާނޭ އެކައްޗެއްވެސް ރަތަންއަކަށް ނުވިސްނުނެވެ. ވައްކަން ކުރަނިކޮށް ހިފިފައިވާ ވަގެއް ފަދައިން ރާޖްކުމާރީއާއި ދިމާއަށް ބަލަން އޭނާއަށް ހުރެވުނީއެވެ. ރިޝްމީއަށްވެސްވީ ހަމަ އެކަހަލަ ގޮތެކެވެ. އޭނާގެ ހިތް މަޑުމަޑުން ތުރުތުރުއަޅަން ފަށައިފިއެވެ. މިހާރުވެސް އޭނާއަށް ހީވަނީ ދެންމެ ދެންމެ އޭނާ ދެރަކޮށް ލަދުގަންނަވާލުމަށްޓަކައި ރާޖްކުމާރީ އެއްޗެތި ގޮވައިގެންފާނޭ ކަމުގައެވެ. ވީމާ އޭނާ އެއްޗެއް ނުބުނެ ކަރުނަތައް ފޮހެފޮހެ ހިމޭނުން ހުރީއެވެ.
ރާޖްކުމާރީ ރިޝްމީގެ ކައިރިއަށް ޖެހިލާފައި އޯގާތެރިކަމާއެކު ރިޝްމީގެ ނިތްކުރީގައި ބޮސްދިނެވެ. އަދި އޭނާގެ އަތުގައި އޮތް ރުމާލުން ރިޝްމީގެ ލޮލުން ފައިބާފާހުރި ކަރުނަތައް ފޮހެލާ ކޯތާފަތާއެކު ސާފުކޮށްލާދިނެވެ. އެހެން މީހުންގެ ކަރުނަތައް ފޮހެމުން ގެންދާއިރު ޚޮދު އޭނާގެ ލޮލުން ފައިބާ ކަރުނަތަކުގެ މައްޗަށް އެއްވެސް ބާރެއް ނުހިންގެއެވެ. ނަމަވެސް ކޮންމެ ކަމެއްވެސް އޭނާ ކުރީ ނުހަނު ކެތްތެރިކަމާ އެކުގައެވެ. ރިޝްމީގެ ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ. ނުހަނު ފުންކޮށް އެމޫނަށް ބަލައިލިއެވެ. މިއީ އޭނާގެ ދައްތައެއް ނޫނޭ ބުނެވޭނީ ކާކަށް ހެއްޔެވެ؟ ރިޝްމީއާއި ލޯބިކޮށްލުމަށްފަހު އޭނާ ދިޔައީ ރަތަންގެ ގާތަށެވެ. ތުންފަތް ތުރުތުރު އަޅާވަރުން ވާހަކަ ނުދެއްކޭ ޙާލުގައިވެސް އޭނާ ރަތަންއަށް ބުންޏެވެ. ”ރަތަންއެވެ. އަހަރެންގެ ބައްޕަ ކުށަށް އިޢްތިރާފްވެލައްވައިފިއެވެ. ވީމާ ބައްޕައަށް މަޢާފް ކުރުމާއި ނުކުރުން އޮތީ ކަލޭގެ ކިބައިގައެވެ. މިހާރު އަރޫންވެސް އެހެރީ އަބަދަށްޓަކައި މިނިވަންވެފައެވެ. މިއަދު ފަނޑިޔާރުގޭގައި ހިނގި ހުރިހާ ކަމެއް އަހަރެން ކަލެއަށް ކިޔައިދޭނަމެވެ. ރަތަންއެވެ. އަހަރެންނަކީ ޤާތިލެއްގެ ދަރިއަކެވެ. ވީމާ ކަލޭ…………“ ރާޖްކުމާރީއަށް ރޮއިގަނެވުނެވެ. ނަމަވެސް އޭނާގެ ހިތްވަރު ދުލެއް ނުކުރެއެވެ. ”ކަލޭ އަހަރެންދެކެ ލޯބިނުވިޔަސް……އަހަރެންދެކެ…..ނަފްރަތު ނުވާށެވެ.“ ރާޖްކުމާރީގެ ލޮލުން އޮހޭ ކަރުނަތައް ގިނަވެގެންގޮސް އޭނާއަށް އެތާނގައި ނުހުރެވިގެން ރަތަންމެނަށް ފުރަގަސްދީފައި އަވަސް އަވަހަށް އެތަނުން ނިކުމެއްޖެއެވެ. ވެގެންއުޅޭ ގޮތެއް ނުވިސްނުނު ނަމަވެސް ރަތަންގެ ހިތް ރާޖްކުމާރީއަށްޓަކައި ހަމްދަރުދީއިން ފުރުނެވެ. އެހެން ނުވާންވީ ކީއްވެގެންތޯއެވެ؟ ރާޖްކުމާރީ އޭނާ ދެކެ އިންތިހާ ދަރަޖައަށް ލޯބިވެއެވެ. އަދި އޭނާއާ ގުޅުވައިގެން ރާޖްކުމާރީ ދެކިފައިވަނީ ކޮންފަދަ އުފައުވެރި ހުވަފެންތަކެއް ހެއްޔެވެ. އެހުވަފެންތައް އެގެނީ ކާކަށްތޯއެވެ. ރާޖްކުމާރީ ނިކުމެގެން ދިޔައިމާ ރަތަންވެސް ރިޝްމީ ގޮވައިގެން ބޭރަށް ނިކުމެއްޖެއެވެ. އެމީހުން ނިކުތްއިރު ރާޖްކުމާރީ…..އަރޫންގެ މޫނުމަތީގައި ހުރި ލޭތައް ސާފުކޮށްދެނީއެވެ. އެއީ ތަޅާފޮޅުމުގެ ތެރޭގައި ހަލާކުވި ތަންތަނުން އައިސްފައި ހުރި ލެއެވެ. ރުމާލުން ރީތިކޮށް ލޭތައް ސާފު ސާފުކޮށްލާފައި އެންމެންގެ ކުރިމަތީގައި އަރޫންގެ ނިތްކުރީގައި އޭނާ ބޮސްދިނެވެ. އަދި ނުހަނު ލޯތްބާއެކު އަރޫންގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ. ”ކޮންމެވެސް ދުވަހަކުން ކޮއްކޮއެއްގެ ބޭނުން ޖެހިއްޖެނަމަ އަހަރެންގެ ކައިރިއަށް އަންނާށެވެ. އަހަރެން އެބޮޑު ގެ ވިއްކާލާފައި ކުޑަކުޑަ ގެއެއް ގަންނާނަމެވެ. އެގޭގައި އަހަރެންނެކޭ އެއްވަރަށް ބޭބެގެ ޙައްޤުވެސް އޮންނާނެއެވެ. ބޭބޭއެވެ. މިކޮއްކޮގެ ގެއަށް އަންނާނަމު ނޫންހެއްޔެވެ؟ ބޭބެ؟ މުޅިޢުމުރުގައި އަރޫންއަށް މީހަކު ބޭބެއޭ ގޮވާލީ މިފަހަރުއެވެ. މިދެއަކުރުގެ ޖުމުލައިގައި ހުރީ ކޮންފަދަ ބާރެއް ހެއްޔެވެ؟ އެއަޑު އިވިފައި އޭނާގެ ލޮލުން ކަރުނަ އައީ ކީއްވެގެން ހެއްޔެވެ؟ ކުރަމުންދާ އަސަރުތަކާއި އޭގެ ޙަޤީޤަތް ނޭގެއެވެ. ނަމަވެސް ރާޖްކުމާރީގެ ނިތްކުރީގައި ބޮސްދީފައި އޭނާ ބުންޏެވެ. ”ދާނަމެވެ. ކޮއްކޯއެވެ. ޔަޤީނެވެ. ދާނަމެވެ. ކޮއްކޮގެ ބައްޕަ ބޭބެގެ ފުރާނަ ސަލާމަތްކޮށްދެއްވިއެވެ. އެއީ ކޮންފަދަ މަތިވެރި އިޙްސާންތެރި ކަމެއްކަން ދަންނަންވީ އަހަރެމެންނެވެ.“
ރާޖްކުމާރީ ހިގައްޖެއެވެ. އެތައް ހިސާބެއްގެ ދުރަށް ދަންދެން އެންމެންވެސް އޭނާއާ ދިމާއަށް ބަލަން ތިއްބެވެ. ރާޖްކުމާރީ ގޮސް އޮބާލީމާ ރަތަން އޭނާގެ އަތުގައި ހުރި ކަރުދާސްތައް ފުލުސް އިންސްޕެކްޓަރާ ޙަވާލުކޮށްފައި އެތާނގައި ހިނގި ކަންތަކުގެ ސާފު ބަޔާނެއް ފުލުސް އޮފީހަށް ދިނުމަށްޓަކައި ރިޝްމީ ނުވަތަ އޭނާގެ ފަހަރީގެ އަތުގައި ހިފައިގެން ކާރާ ދިމާއަށް ހިގައިގަތީއެވެ. އައު ޙަޔާތެއްގެ ބިންގާ އެޅުމަށްޓަކައެވެ. ހިތުގައި އުފެދުނު އުންމީދަކާވެސް އެކުގައެވެ.
(ނިމުނީ)