”އަހަރެން ކަލޭ ގާތުގައި މިކަރުދާސްތަކުގައި ސޮއިކުރުމަށް އެތަކެއްފަހަރު ބުނެފީމެވެ. ކަލެއަށް ދެވޭނީ މިކަރުދާސްތަކުގައި ސޮއި ކުރުމަށްފަހުގައެވެ.“ އެއިވުނީ ޕްރަބާރކަރުގެ އަޑެވެ. އިވުނީ އޭނާގެ އަޑު އެކަނި ނަމަވެސް އެތެރޭގައި އުޅެނީ އޭނާ އެކަނި ނޫންކަން ރަތަންއަށް އެގި ޔަޤީންވިއެވެ. ”އަހަރެންނަށް މިދުވަސްކޮޅު ރަށުން ބޭރަށް ދާން ޖެހުނުކަން އެއީ މަގޭ ނަޞީބުކުޑަކަމެވެ. އަހަރެން ރަށަށް އެނބުރި އައީ ރޭގައެވެ. ކަލޭ މިނިވަންވީކަންވެސް އެގުނީ އަދު ހެދުނުއެވެ. މިހުރިހާ ކަރުދާސްތައް ތައްޔާރު ކުރަން ޖެހުނީ ވަގުތީގޮތުންނެވެ. އަހަންނަށް މިރަށުގައި ހުރެވުނުނަމަ ކަލޭ ލައްވައި ސޮއިކުރުވައިގެން މަނޭޝްރާޖްގެ އެހުރިހާ މުދައުތަކުގެ ވެރިއަކަށް އަހަރެންވެ ނިމިއްޖައީމުހެވެ. އާނ! ދެން ހެވެވެ. ސޮއިކޮށްލާށެވެ. އަވަސް ކުރާށެވެ. ދެން އަހަރެންނަކަށް މާގިނައިރުތަކެއް ނުކުރެވޭނެއެވެ.“
”ނަމަވެސް ތިޔަ މުދަލުގެ މައްޗަށް އަހަރެންގެ އެއްވެސް އިޚްތިޔާރެއް ނެތޭ ބުނެފީމު ނޫންހެއްޔެވެ؟ އަދި ތިޔަ މުދަލަކީ އަހަރެން ބޭނުންވެސް އެއްޗެއް ނޫނެވެ.“
”ވަރިހަމައެވެ. އެމުދައުތައް އަހަރެން ވަރަށް ބޭނުމެވެ. އެއީ ކަލޭގެ ފުރިހަމަ ޙައްޤު އޮތް ޙަލާލު މުދަލެކެވެ.“ ޕްރަބާރކަރު ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. ”ސޮއިކުރާށެވެ.“
”………..“ ރިޝްމީގެ އެއްވެސް ޖަވާބެއް ނީވެއެވެ. އެތެރެއަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ.
އެހާތަނުން މީހެއްގެ ގައިގާ ބާރު އެތިފަހަރެއް އެޅިއަޑާއެކު ރިޝްމީ ރޮއިގެން އަޑު އިވިއްޖެއެވެ. މިއަޑަށް ރަތަންގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ރަތަން ހަދާނެ ގޮތެއް ވިސްނާލަން މަޑުކޮށްލިތަނާ އަނެއްކާވެސް ޕްރަބާހކަރް ރުޅިއައިސް ރަތްވެގެން ހުރެ ބުނާއަޑު އިވުނެވެ. ”މިއީ ފުރަތަމަ އެތިފަހަރެވެ. ކަލޭގެ ދަރަނި އަދާވީއެވެ. ދެން އަހަރެންގެ ދަރަނި ކަލޭގެ މައްޗަށް ބޮޑުވެގެންދާނީއެވެ. މީގައި ސޮއިނުކުރާހާ ހިނދަކު އެގޮތަށް ދެމިއޮންނާނެއެވެ.“ ވާހަކަ ހުއްޓާލާފައި ޕްރަބާހކަރް ރިޝްމީގެ ގައިގާ ދެވަނަ އެތިފަހަރު އެޅިއަޑު އިވިއްޖެއެވެ.
ރިޝްމީ ރޯއަޑު މެދުނުކެނޑި އިވެން ފަށައިފިއެވެ. މިއަޑުން ރަތަންގެ ހިތުގައި ލޯވަޅު އެޅެމުން ދާން ފަށައިފިއެވެ. އިތުރަށް ކެތްތެރިވާނޭ ހިތްވަރެއް ދެން އޭނާގެ ކިބައަކު ނެތެވެ. ވީމާ، އޭނާ އަވަސް އަވަހަށް ފެންޑާގެ ތެރެއިން ނިކުމެގެން ގޭގެ ފުރަގަހަށް އަތުވެއްޖެއެވެ. އަދި ގޯތިތެރޭގައ ިހުރި ފާރުމަތިން ފުންމާލައިގެން އަނެއް ފަރާތަށް ވަދެއްޖެއެވެ. މިފަރާތުގައިވެސް އެތެރެއަށް ވަދެވެން ހުރި ދޮރުހުރީ އެތެރެއިން ތަންޑު އަޅާފައެވެ. ވީމާ ބަލާކަށް ނުހުރެ ފެންލައިޓުން ކޮޓަރިތެރެއަށް ފުންމާލައިފިއެވެ. އޭނާ ފުންމާލި ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. ވީމާ އޭނާ ފިޔަވަޅުގެ އަޑު ނީއްވާ މަޑުމަޑުން އެކޮޓަރިއާ ދިމާއަށް ދާން ފަށައިފިއެވެ. ދޮރު ކައިރިއަށް ގޮސް ބަލައިލިއިރު އަނެއް ކޮޓަރީގައި އެންމެ ނުލަފާ ވައްތަރުގެ ހަތަރު މީހުން އިށީދެލައިގެން އެއްފައި މައްޗަށް އަނެއްފައި ލައިގެން ސިގިރެޓް ބޯލަ ބޯލާ ތިއްބެވެ. އެމީހުންގެ ކައިރީގައި ހުރި ގޮޑިއެއްގައި ރިޝްމީ ރޯލަ ރޯލާ އިނެވެ. ރިޝްމީގެ މޫނުމަތީގައި އެޅި އެތިފަހަރުތަކުގެ ސަބަބުން އެރީތި ދޮން މޫނު ހުރީ ރަތްވެފައެވެ. ރިޝްމީގެ ކުރިމަތީގައި އޭނާ އިށީދެއިން ގޮނޑިއައް އެއްފައި ނަގައިގެން ކުޑަކޮށް ގުދުވެގެން ކަހަލަ ގޮތަކަށް ޕްރަބާހކަރް ހުއްޓެވެ. ޕްރަބާހކަރުގެ އެއް އަތުގައި ގަލަމަކާއި ކަރުދާސްތަކެއް ހުއްޓެވެ. އަނެއް އަތުން ރިޝްމީގެ އިސްތަށިގަޑުގެ ބައެއް ކުރު އިސްތަށިތައް ހާވާލާފައި ބުންޏެވެ. ”މިކަރުދާސްތަކުގައި ކަލޭ ސޮއިނުކޮށްފިނަމަ މުޅި ދުވަސް އަހަރެން ހޭދަކޮށްލާނީ މިރީތި އިސްތަށިކޮޅުތަކާ ކުޅުމުގައެވެ. އެގޮތް ކަމުނުދާނަމަ ސޮއިކުރާށެވެ.“ ރުޅިއައިސްފައި އަމުރުވެރި ފާޑަކަށް ޕްރަބާހކަރް ހަޅޭއްލަވައިގަތެވެ. އަދި އަނެއްކާވެސް އެތިފަހަރެއް އެޅުމަށް ވައިގެ ތެރެއަށް އަތް އުފުލާލިއެވެ.
ރަތަންއަކަށް ދެން ގިނައިރަކު ކެތެއް ނުކުރެވޭނެއެވެ. އޭނާގެ ލޭ އުތުރު އަރަނީއެވެ. ވީމާ އޭނާ ސިންގާއެއްފަދަ ހަލުވިކަމާއެކު ކޮޓަރި ތެރެއަށް ޖެހިގެންފައި ޕްރަބާހކަރްގެ އަގަމަތީގައި ގޮށްމުށުން އެތިފަހަރެއް ޖަހައިފިއެވެ. މިޙަމަލައަށް ޕްރަބާހކަރް ހުރީ ތައްޔާރުވެގެންނެއް ނޫނެވެ. ވީމާ އޭނާ ވިއްސައިގެން ދިޔަބާރު ފުރަގަހުގައި ބޭރުތެރެއަށް ނިކުމެވެން ހުރި ދޮރުފަތުގައި ލައިގެންފައި ދޮރުފަތް ހަލާކުވެއްޖެއެވެ. އަދި އޭނާގެ ބޮލަށްވެސް އެބުރުން އަރައިފިއެވެ. ކޮޓަރިތެރޭގައި ތިބި ނުލަފާ ހަތަރު މީހުންނަށް ކުއްލިއަކަށް ރަތަން ފެނުނީމާ ފަސްޖެހެވޭގޮތްވިއެވެ. އަދި ހަމަ އެކޮޓަރީގައި ނިކަމެތި ޙާލު ޖެހިފައި އިން ރިޝްމީއަށް އެންމެ އެކަށީގެންވާ ވަގުތުގައި ބަގްވާން އެހީތެރިއަކު ފޮނުއްވައިފި ކަމަކަށް ޤަބޫލެއްވެސް ނުކުރެވުނެވެ. ދަނޑިވަޅު ލިބުނީމާ އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރީގެ އެންމެ ސަލާމަތް ކަނުގައި މަޑުކޮށްލައިފިއެވެ. އަދި ނުލަފާ ހަތަރު މީހުން ރަތަންއާ ދިމާކޮށްލައިފިއެވެ. ވަޅިތަކާއި ފިޔޮހިތަކުން ރަތަންއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފިއެވެ. ތަޅާފޮޅުންގަޑު ގަދަވެ ކޮޓަރިތެރޭގައި ހުރި ގޮޑި މޭޒު އަދި މޭޒުމަތީ ބައްތިފަދަ އެއްޗެހި ހަލާކުވެގެން ދާން ފަށައިފިއެވެ. ނަމަވެސް އެއިން އެއްޗެއް ހަލާކުވެގެން ރިޝްމީ ދެރައެއް ނުވެއެވެ. ކަންބޮޑެއް ނުވެއެވެ. އޭނާ ދެރަވަނީ ރަތަންއަށް ގެއްލުމެއް ލިބިދާނޭތީއެވެ. ވީމާ، އޭނާ މަޑުމަޑުން ހުރެގެން މިހާތަނަށްވެސް އޭނާ ރައްކައު ކުރަމުން އައި ބަގްވާނަށް ދުޢާކުރިއެވެ. ރަތަންގެ ސަލާމަތަށް އެދި ސަލާމް ޖެހިއެވެ. ރިޝްމީ ކިތަންމެ ބޮޑަށް އެދުނުނަމަވެސް އެންމެ ނުލަފާ ވަރުގަދަ ހަތަރު މީހުންގެ ކައިރީގައި ރަތަންއަށް ގަދަވެވޭނީ ކިހިނަކުން ހެއްޔެވެ؟ ރަތަން ވަރަށް އަވަހަށް އޭނާ އެހަތަރު މީހުންގެ އަތްދަށުވެއްޖެއެވެ. މިއީ ރިޝްމީއަށް ބަލަން ކުޅަދާނަވާވަރުގެ މަންޒަރެއް ނޫނެވެ. ޕްރަބާކަރް ދެއަތް ފުޅައުކޮށްލާފައި އެހެރަ އައިގޮތް ފެނުނު މީހަކުވެސް ފިތްކަނޑައިގެން ދާވަރުވާނެއެވެ. ރަތަންގެ ކައިރިއަށް އައިސް ހުއްޓިފައި އަގަމަތިން ފައިބަ ފައިބާ ހުރިލޭތައް ގަމީހުގެ އަތުކުރިން ފުހެލަމުން ޕްރަބާހކަރް ބުންޏެވެ. ”ކަލޭގެ ދަރަނިވެސް އަދާކުރަންވެފައި އެބައޮތެވެ.“ މިހެން ބުނެފައި ރަތަންގެ މޫނުމަތީގައި އެތިފަހަރެއް އަޅަން އޭނާ ތައްޔާރުކޮށްލިއެވެ. އެވަގުތު ހަލާކުވި ދޮރުން އަރޫން ކޮޓަރިތެރެއެށް ފުންމާލައިފިއެވެ. ނުލަފާ މީހުންގެ ސަމާލުކަން ރަތަންގެ ކިބައިން އެއްފަރާތް ވެއްޖެއެވެ. ރަތަންއަށް ކުޑައެހީއެއް ވެއްޖެއެވެ. އޭނާ ގައިގާ ހުރިބާރަކާއެކު ތެޅިގަނެފިއެވެ. އަދ ިނުލަފާ ހަތަރު މީހުންގެ ބާރުދޫވި ވަގުތު ދެވަނަ ފަހަރަށް ޖެހި ކުއްލީގައި އެމީހުންގެ އަތްދަށުން ރަތަން ދެމިގެންފިއެވެ. އަދި ނުލަފާ މީހުންނަށް ކުޑަވެސް ފުރުޞަތެއް ނުދީ އޭނާގެ ގައިގާ ބާރުހުރި ކަމުގެ ހެކި ދައްކަން ފަށައިފިއެވެ. މިހާރު އޭނާ ފަސްޖެހެންވީ ކީއްކުރަން ހެއްޔެވެ؟ އަނެއްކޮޅުގައި ފަސްމީހުން ތިބި ނަމަވެސް މިކޮޅުގައި އޭނާއާ އެހީވާން އަރޫން އެބަހުއްޓެވެ.
ރާޖްކުމާރީ ހިތާމަވެރި ހިތަކާއެކު ގޮސް އޭނާގެ ގެއަށް ވަދެއްޖެއެވެ. ދެން އޭނާ ހަދާނޭ އެއްގޮތެއްވެސް ނެތެވެ. ރަތަންވެސް އަތްމަތިން ދިޔައީއެވެ. އޭނާގެ ބައްޕައަށް ދެން ދުވަހަކުވެސް ރަތަން މަޢާފެއް ނުކުރާނެއެވެ. އޭނާގެ ބައްޕަ އެފަދަ ނުބައި ކަމެއް ކުރީ ކީއްވެގެން ހެއްޔެވެ؟ ދެއްކުންތެރި ކަމަށްޓަކައި ހެދިގެން އުޅޭ ޢިއްޒަތަށްޓަކައި އެބައްޕަގެ އަތުން ޚޮދު އޭނާގެ މުސްތަޤްބަލްވެސް ކަނުއަދިރީގެ ތެރެއަށް ކޮއްޕާލީއެވެ. ދެން އޭނާ ދާނީ ކޮންތަނަކަށް ހެއްޔެވެ؟ މިދުނިޔޭގައި މިހާރު އޭނާގެ އެއްވެސް މީހަކު ނެތެވެ. މިހާރު އޭނާ އަމިއްލައަށް މަރުވެ ދިއުމަށް ހިތް ބުނަން ފަށައިފިއެވެ. ހިތަށް ލިބެމުންދާ ވޭނާއި ކެކުޅުމުގެ ސަބަބުން އެނދުމައްޗަށް ވެއްޓި އޮވެގެން އޭނާ ރޯން ފަށައިފިއެވެ. އޭނާގެ ލޮލުން ފައިބަނީ ހުސްވުމެއްނެތް ކަރުނަތަކެވެ. އެނދުގައި އޮވެގެން އެތައްއިރަކު ރުއިފަހުން އޭނާއަށް އޮތް ސިޓީއެއްގެ ވާހަކަ ބައްޕަ ބުނުއްވިކަން ހަދާންވެއްޖެއެވެ. ވީމާ އޭނާ ތެދުވެގެން ފޮތް މޭޒުކައިރިއަށް ހިގައްޖެއެވެ. މޭޒުމަތީގައި އޮތް ބަރެއްގެ ދަށުގައި އެބުނުއްވި ސިޓީއެއް އޮތެވެ. އޭނާ ސިޓީ ނަގައިގެން އެތާހުރި ގޮނޑިއެއްގައި އިށީދެ ސިޓީ ކިޔަން ފަށައފިއެވެ.
”މީގެ ގާތްގަޑަކަށް ވިހި އަހަރުގެ ކުރީގެ ވާހަކައެކެވެ. އޭރު އަހަރެމެންގެ ފާރމެއް ޕޫނާގައި ހުރެއެވެ. ބައްޕަގެ އެދިލެއްވުމުގެ މަތިން ބައެއް ބައެއް ފަހަރު އަހަރެން އެތަނަށްގޮސް އުޅެމެވެ. ސަބަބަކީ ބައްޕަގެ ޢުމުރުން ގިނަދުވަސްވުމުން ދަތުރު ފަތުރު ކުރެވޭވަރު ނުވަނީއެވެ. ޕޫނާގެ ފާމްގައި އުޅޭ އަހަރެމެންގެ ޓްރެކްޓަރގެ ޑްރައިވަރގެ ވަރަށްރީތި އަންހެން ދަރިއަކު ހުރެއެވެ. ނަމަކީ ސީމާއެވެ. އޭނާދެކެ އަހަރެން ވަރަށްބޮޑަށް ލޯބިވީމެވެ. އެންމެ މަހަކަށް އަހަރެން އެރަށަށް ގޮސްލިޔަސް އެނބުރި އަންނަނީ ތިންހަތަރު މަސް އެތަނުގައި ހޭދަކޮށްލާފައެވެ. މިހެން އުޅެމުން ގޮސް އެއްދުވަހަކު އޭނާއާ އެކުގައި ފައްޅިއަށްގޮސް އަހަރެމެން ކާވެނި ކޮށްފީމެވެ. ޕޫނާގެ އެއްވެސް މީހަކަށް މިކަން އެގިއްޖެނަމަ ލަކްނޫއާ ހަމައަށް މިޚަބަރުދާން މާލަހެއް ނުވާނޭކަން އަހަރެންނަށް ރަގަޅަށް އެގެއެވެ. ބައްޕައަކީ ނުހަނު ރުޅިގަދަ ބޭކަލެކެވެ. މިކައިވެނީގެ ޚަބަރު ބައްޕައަށް ލިބިލައްވައިފިނަމަ ޤަދަރާއި ޢިއްޒަތް ހިފެހެއްޓުމަށްޓަކައި ޓްރެކްޓަރގެ ޑްރައިވަރާއި ސީމާގެ ގަޔަށް ބަޑި ޖައްސަވައި މަރާލައްވާނޭކަންވެސް އެނގި ޔަޤީންވެއެވެ. ބައްޕައަށް ހީވެލައްވާނީ ސީމާއާއި އޭނާގެ ބައްޕަ އަހަރެން މަޅީގައި ޖައްސައިގެން ގަދަކަމުން ކައިވެނި ކުރުވީ ކަމަށެވެ. ކާވެނިވީތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސީމާ މަންމަޔަކަށް ވާން އުޅޭކަން އަހަރެންނަށް އެގިއްޖެއެވެ. އެވަގުތު އަހަރެން ވަރަށް ފިކުރުބޮޑުވިއެވެ. ވީމާ، އަވަސް އަވަހަށް ލަކްނޫއަށް އައިސް ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދީފީމެވެ. އަދި ސީމާ ގެއަށް ގެނައުމުގެ ހުއްދައަށް އެދެފީމެވެ. ޖުމްލައިގެ އެއްބައިވެސް ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ރުޅިދުރުވެގެން ބައްޕަ އަޑުގަދަކުރައްވަން ފައްޓަވައިފިއެވެ. އަދި ވީހާ އަވަހަކަށް ރަނގަޅު މާތް ޚާންދާނެއްގެ ކުއްޖަކާ އަހަރެންގެ ކާވެނިކޮށްދެއްވަން ގަސްތުކުރައްވައި ނިންމަވައިފިއެވެ. އެކަމާ އަހަރެން ދެކޮޅުހެދީމާ އަމިއްލައަށް ބަޑިޖައްސަވައިގެން ފުރާނަ ދުއްވާލާނޭ ކަމުގެ ބިރު ދައްކަވައިފިއެވެ. މަންމަވެސް ޒަހަރު ކައިގެން މަރުވާނެކަމަށް ބުންޏެވެ. އެންމެފަހުން އަހަރެންނަށް ޖެހުނީ މައިންބަފައިންގެ ރުހުމަށް ބޯލަނބާ ކިޔަމަންވާށެވެ. ފުރުޞަތު ނަންގަވާނުލައްވާ ބައްޕަ ކުރެއްވި ކަމަކީ ޕޫނާގެ ފާމް ވިއްކަވާލެއްވީއެވެ. އެއީ އަންނަން އޮތް ތަނުގައި ދިމާވެދާނޭ ނުރައްކަލަކުން ސަލާމަތްކަން ހޯއްދެވުމަށްޓަކައެވެ. އަހަރެންގެ ކާވެނިވެސް ވަރަށް އަވަހަށް ކޮށް ނިންމަވާލައްވައިފިއެވެ. އަލަށް ލިބުނު އަނބިމީހާއަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. ސާދާ މިޒާޖެއްގެ ވެރިއެކެވެ. ރީތިވެސްމެއެވެ. ވީމާ، އަހަރެންވެސް އޭނާގެ ފަރާތަށް އެނބުރިގެންދާކަށް ލަހެއް ނުވިއެވެ. ސީމާގެ ދުރުކަން އަހަރެންގެ ހިތުން އޭނާގެ ހަދާންތައް ފުހެލުމަށް އެހީވެއްޖެއެވެ.
އަހަރުތަކެއްގެ ފަހުން ލަފާކުރެވޭ ގޮތުގައި އެއީ މިބުނި ކަންތައް ހިނގާދިޔަތާ ދިހައަހަރު ފަހުންނެވެ. އަހަރެންނަށް ބޮމްބޭއަށް ގޮސްލެވޭނޭ ގޮތް ދިމާވެއްޖެއެވެ. އެވަގުތު އަނެއްކާވެސް ސީމާގެ ހަދާންތައް އަހަރެންގެ ހިތުގައި އާވެ އާލާވެއްޖެއެވެ. އަހަރެންގެ ޟަމީރު އަހަރެންނަށް އުދަގޫ ކުރަން ފަށައިފިއެވެ. ސީމާއަށްވީ ކިހިނެއް ހެއްޔެވެ؟ އަދިވެސް އެނިކަމެތި ކުއްޖާއަށް އެހީއެއް ފޯރުވޭކަށް ނޯންނާނޭ ހެއްޔެވެ؟ ޟަމީރުގެ މިސުވާލުތަކުން ބައްޕަދެކެ ބިރުގަތް ނަމަވެސް އެދަތުރުމަތީގައި ސިއްރުން ޕޫނާއަށް ހިގައްޖައީމެވެ. އެރަތް އޮތް ގޮތް ފެނިފާވެސް އަހަރެން ވަރަށް ބޮޑަށް ޙައިރާންވިއެވެ. އަހަރެމެންގެ ފާމް ހުރިތަނުގައި މުޅިން އައު އަވަށެއްގެ ބިންގާ އަޅަން ފެށިފައިވެއެވެ. ރަށުގެ އެއްވެސް ތާކުން ސީމާގެ ޚަބަރެއް ނުވިއެވެ. މީހުން ކުރެން އަހައިގެން އޮޅުންފިލިވަރަކީ ކޮންމެވެސް އާވާރާ ޒުވާނެއްގެ ކެހިވެރި ކަމުގައި ޖެހިގެން އޭނާ ބަލިވެއިން ކަމަށާއި، އޭނާގެ ބައްޕައަށް މިކަންތައް އޮޅުންފިލުމާއެކު ހިތް ހުއްޓިގެން މަރުވީކަމެވެ. މިކަމުގެ ފަހުން އެރަށުގެ މީހުން ސީމާ އެމީހުންގެ ޖަމާޢަތުންވެސް ބޭރުކޮށްލީއެވެ. އާވާރާއެއްކަމަށް މީހުން އެބުނި މީހަކީ އަހަރެންނެވެ. އަހަރެންގެ ޢިއްޒަތް ރައްކައުތެރިކޮށް ދިނުމަށްޓަކައި ސީމާ ފަކީރު އަހަރެންގެ ނަން ނުބުނީކަން ހަމަ އެވަގުތު އަހަރެންނަށް އެގުނެވެ. އަދި ސީމާ ވިހެއީ ކޮންމެވެސް ދަރުމަ ހޮސްޕިޓަލެއްގައި އޮވެގެންކަންވެސް އެގުނެވެ. އޭނާ ވިހެއީ އެއްމާބަނޑު ދެކުދިންނެވެ. އެއީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. ދެކުދިން ގޮވައިގެން ސީމާ ދިޔަތަނެއް އެއްގޮތަކަށްވެސް ނޭގުނެވެ. އަދިވެސް އަހަރެންގެ ވާހަކަ އަޑުއަހާށެވެ. ރިޝްމީގެ ކޮއްކޮ އެކުށް ބޮލުގައި އެޅި ދުވަހު ނުވަތަ އެކުށަކީ އޭނާކުރި ކުށެއް ކަމަށް އިޢްތިރާފްވީ ދުވަހު އަހަރެންގެ ހުރިހާ ރޭވުމެއް ފެނަށްވެގެން ދިޔައީއެވެ. ވީމާ ދެން އަހަރެންނަށް ވިސްނުނީ ރިޝްމީ ދުނިޔޭގައި ހުއްޓާ އެމުދައުތައް އަހަރެންނަށް ނުލިބޭނޭ ކަމަށެވެ. އެއީ އެތަކެއް ދުވަހުއްސުރެ އަހަރެންގެ ކަޅި އެއާ ދިމާއަށް ހުއްޓިފައި ހުރި މުދައުތަކެވެ. ވަޞިއްޔަތުނާމާގެ އެއްކޮޕީ ފަނޑިޔާރުގޭގައި އޮތުމުގެ ސަބަބުން އެމުދައުތައް އަތުލައިގަނެވޭނޭ އެއްވެސް މަގެއް ނެތެވެ. އޭރު އަހަރެންގެ އަތް އޮތީ މަނޭޝްރާޖްގެ ލެއިން ކުލަޖެހިފައެވެ. ވީމާ އަދިވެސް އެކަކުގެ ލެއިން އަތުގެ ކުލަ ގަދަކޮށްލުމަކުން މާބޮޑު ގެއްލުމެއް ވާނޭ ކަމަކަށް އަހަރެން ނުދެކެމެވެ. އެހެންކަމުން ޝަރީޢަތުން އަރޫން ބަންދުކުރި ދުވަހުގެރޭ އަހަރެން ރިޝްމީމެން ގެއަށް ހިގައްޖައީމެވެ. އެރޭ ގޭގައި އޮންނާނީ ރިޝްމީ އެކަނިކަން އަހަރެންނަށް އެނގެއެވެ. އަދި ނަޞީބު ރަނގަޅު ކަމުން އެގެއަކީ އެކަހެރި ތަނެއްގައި ހުރި ގެއެއްވެސްމެއެވެ. އެގެއަށް އަހަރެން ދިޔައިރު ރިޝްމީ އޮތީ ގަދަ ނިދީގައެވެ. އޭނާއާ ދިމާއަށް ބަލައިލުމާއެކު އެންމެ ފުރަތަމަ ފަހަރު އަހަރެންގެ ހިތުގައި އޭނާގެ މައްޗަށް ލޯބި އުފެދިއްޖެއެވެ. އެއީ ކީއްވެގެންވީ ކަމެއްކަން ޚޮދު އަހަރެންނަށްވެސް ނޭގުނެވެ. އޭނާއަށް ޙަމަލާދޭން އުޅުނު ވަގުތު އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ނަމަވެސް އަހަރެން ހިތް ހަރުކަށިކޮށްލީމެވެ. އެވަގުތު އޭނާގެ ދުވަސް ދުއްވާނުލައިފިނަމަ ދެން ފުރުޞަތެއް ލިބުން ވަރަށް ދަތިވާނެއެވެ. އަހަރެން އޭނާ މަރާލަން ބޭނުން ކުރަން އުޅުނީ ދިގު ވަލެކެވެ. އޭނާގެ ކަރުގައި ވައު ބައްދައިގެން ދަމާ ބާރުކޮށްފައި ފުރާޅުގައި އެލުވާފައި ބެހެއްޓުން ރަނގަޅުވާނެ ކަމަށް އަހަރެން ގަސްތުކުރީމެވެ. އޭރުން ޢާންމުންގެ މީހުންނާއި ފުލުހުންވެސް ހީކުރާނީ އޭނާ އަމިއްލައަށް މަރުވީ ކަމުގައެވެ. ނަމަވެސް އެވަގުތު ކުރިމަތީގައި ހުރި ލޯގަޑެއްގައިވާ ސީމާގެ ތަޞްވީރު އަހަރެންގެ ކުރިމަތީގައި ހޫރެން ފަށައިފިއެވެ. އެއީ ރިޝްމީގެ އެނދާ ދިމާއިން ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯ ލޯގަޑެކެވެ.“
މިހިސާބަށް ކިޔުނުތަނާ ރާޖްކުމާރީގެ އަތް ތުރުތުރު އަޅައިގެންފިއެވެ. އަދި އަތުގައި އޮތް ސިޓީ އަތުން ދޫވާގޮތް ވެއްޖެއެވެ. ވީއިރު ރިޝްމީ…….ރިޝްމީ…..އޭނާ ގަދަކަމުން ސިޓީގައި ބާރަށް ހިފަހައްޓައިގެން އިނދެ ކުރިއަށް އޮތްތަން ކިޔަން ފަށައިފިއެވެ. ”ސީމާ ހުރީ އަހަރެންނާ ދިމާއަށް ބަލާށެވެ. އަހަރެންނާ ދިމާއަށް ބުނާކަހަލައެވެ. އަހަރެންގެ ހުރިހާ އެއްޗެއް ލޫޓުވާލީ ކަލެއެވެ. މިހާރު ދެދަރިންގެ ފުރާނަ ހިފަންވެސް ގަސްދުކުރީ ހެއްޔެވެ؟ އަހަރެން ދާހިއްލާ ފޯވެއްޖެއެވެ. ހަދާނޭގޮތް ބޮޑުވެއްޖެއެވެ. ރިޝްމީއާއި އަރޫން އެއްމާބަނޑު ދެބެން މިއީ އަހަރެންގެ ދެދަރިންކަން ދެނެގަންނާކަށް މާގިނަ ވަގުތުތަކެއް އަހަރެންނަކަށް ބޭނުމެއް ނުވިއެވެ. ވީމާ އަހަރެން ރަގަޅަށް ރިޝްމީއާ ދިމާއަށް ބަލާލައިފީމެވެ. އެވަގުތު އަހަރެންގެ ހިތުގައިވާ ލޯބި އުތުރިގެން އަރަން ފަށައިފިއެވެ. އަވަސް އަވަހަށް ރިޝްމީގެ ގައިގައި ހިފައިގެންފައި މޭގައި ޖައްސައި ބޮނޑިކޮށްލުމަށް ހިތަށް އެރިއެވެ. ނޫންނަމަ އެންމެކުޑަމިނުން އޭނާގެ ބޮލުގައި އޯގާތެރިކަމުގެ އަތެއް ބާއްވާލަން ބޭނުންވިއެވެ. ނަމަވެސް މިނުތާހިރު އަތުން އޭނާގެ ގައިގާ އަތްލާކަށް ހިތް ހުއްދައެއް ނުދިނެވެ. އެންމެފަހުން ކުރަން ބޭނުންވީ އެއްވެސް ކަމެއް ނުކޮށް އަހަރެން އެނބުރި ގެއަށް އައީއެވެ. އަދި މުޅި އެރޭ ކަރުނަ އޮއްސުމުގައި ހޭދަކޮށްލީމެވެ. ދަރިފުޅާއެވެ. އެދުވަހު ހެދުނު ބައްޕަގެ ހާސްކަމާމެދު ދަރިފުޅު ސުވާލު ކުރީމު ނޫންހެއްޔެވެ؟ ނަމަވެސް އެއްވެސް ކަމެއް ނުވާކަމަށް ބުނެ ބައްޕަ އެކަން ސިއްރު ކުރީއެވެ. އޭގެފަހުން އަހަރެން ގެންދިޔައީ އަމިއްލަ ޟަމީރާ ހަނގުރާމަ ކުރަމުންނެވެ. ދެން ކުރާނީވެސް ކީއްހެއްޔެވެ؟ ނުވަތަ ނުކުރާންވީ ކޮންކަމެއް ހެއްޔެވެ؟ އެއްފަރާތުގައި ވަނީ ދަރިފުޅުގެ އުފާތަކެވެ. އަނެއްފަރާތުގައިވަނީ ހަމަ މިބައްޕަގެ ދެދަރިންނަށް އެއްވެސް ކުށެއްނެތި ލިބޭ އަނިޔާތަކެވެ. ތިޔައިގެ ތިންބެއިންނަކީވެސް ބައްޕަގެ ހިތުގެ އެތިކޮޅުތަކެކެވެ.
ވެއަތުވެދިޔަރޭ ހުވަފެނުން އަހަރެންނަށް ސީމާ ފެނުނެވެ. އޭނާ އަހަރެންގެ ކުރިމަތީގައި ހުރެގެން ވަރަށް ބޮޑަށް ރޮއި ހިތާމަކުރިއެވެ. މިހުވަފެނުގެ ފަހުން މަނޭޝްރާޖްގެ ޤަތުލުގެ ޙަޤީޤަތުން ފަރުދާ އުފުލާލުމަށް އަހަރެން ކުރި ޚިޔާލު އެއީ އެންމެފަހުގެ ނިންމުމަށް ވެއްޖެއެވެ. ނަމަވެސް ބައްޕަގެ ދަރިފުޅާއެވެ. މިސިއްރު އަބަދުވެސް ދަރިފުޅު ރައްކައުތެރިކޮށްދޭން ވާނެއެވެ. އެއްވެސް މީހެއްގެ ގާތުގައި ފައުޅުކޮށްގެން ނުވާނެއެވެ. މިސިއްރު އެގިއްޖެނަމަ އަރޫންއާއި ރިޝްމީ ބައްޕައަށް މަޢާފް ބޭނުންވީ ނަމަވެސް މަޢާފެއް ނުކުރެވޭނެއެވެ. އެކުދިން ބައްޕަދެކެ ނަފްރަތު ކުރާނެއެވެ. ރަތަން އަބަދުވެސް އެދެނީ ރިޝްމީއަށްކަން ބައްޕައަށް ޔަޤީނެވެ. އަދި ރިޝްމީވެސް–އެހެންވިޔަސް ބައްޕަ އެކަމާމެދު އެއްވެސް އެއްޗެއް ނުބުނާނަމެވެ. އެކަން ދޫކޮށްލާނީ ދަރިފުޅުގެ ރުހުމުގެ މައްޗަށެވެ. ރަތަން ޙާޞިލް ކުރުމަށްޓަކައި މަސައްކަތް ކުރުމާއި ނުކުރުން އޮތީ ދަރިފުޅުގެ އިޚްތިޔާރުގެ ދަށުގައެވެ.