ފަހަރި 32

އަނެއްދުވަހު ރާޖް ކުމާރީއަށް އޭނާގެ ބައްޕަ ބަދަލުވެފައިހުރިހެން މާބޮޑަށް ހީވިއެވެ. ހެދުނު ރާޖާ ސާހަބް ނިދާތެދުވީވެސް ވަރަށް ލަހުންނެވެ. އަދި ނިދާ ތެދުވެގެން ވެސް އެނދުމަތީގައި ވަރަށްގިނައިރު ވަންދެން އިށީދެލައިގެން އިނެވެ. ހީވަނީ ކަމަކާ މާބޮޑަށް ހާސްވެފައި އިންހެންނެވެ. މޫނުމަތީގެ ކުލަ ހުރީ ފަނޑުވެފައެވެ. ލޮލުން ފެންނަނީ ކަންބޮޑުވުމުގެ ވިދުވަރެވެ. ރާޖްކުމާރީ އެނދުކައިރީގައި ހުރި ގޮނޑީގައި އިށީދެ އިދެގެން ނޫސް ކިޔަމުންދިޔައިރު ބައްޕައަށް ވެފައިވާ ގޮތް ފެނުމުން ވަރަށް ބޮޑަށް ޙައިރާންވިއެވެ. އަދި އޭނާ ގޮޑިން ތެދުވެގެން އައިސް ބައްޕަގެ ކައިރީ އެދުގައި އިށީދެފައި ސުވާލުކުރިއެވެ.

”ޑެޑީ ވެލައްވާފައި ތިޔަ އިންނެވީ ކީއްތޯއެވެ؟ މާބޮޑަށް ހާސްވެލެއްވީތޯއެވެ؟“

ރާޖާ ސާޙަބް އޭނާގެ ދަރިފުޅުގެ ބޯމަތީގައި ލޯބިވެތި ކަމާއެކު އަތް ބާއްވާލާފައި ބުންޏެވެ. ”ބަގުވާން އަބަދުވެސް ދަރިފުޅު އުފަލުގައި ލަހައްޓަވާނެތެވެ. އަހަރެންގެ ދަރިފުޅު ފަރިވެފައިވާ މާތަކުގެ ތެރޭގައި ކުޅޭށެވެ. އަދި ފޮޅިފައިވާ މާތަކުގެ ތެރޭގައި ހިނިތުންވާށެވެ.“

”މިއަދު ބައްޕަ ތިޔަ ދައްކަވަނީ ކޮންކަހަލަ ދެކޮޅުނުޖެހޭ ވާހަކަތަކެއްތޯއެވެ؟“ ރާޖްކުމާރީ ކުރިއަށްވުރެވެސް ބޮޑަށް ޙައިރާންވިއެވެ.

”އެއްވެސް ކަމެއް ނޫނެވެ. އެއްވެސް ކަމެއް ނޫނެވެ. ކޮންމެވެސް ކަމެއް ހަދާންވީއެވެ.“ ރާޖާ ސާޙަބް ހިތުގެ ވޭން ފޮރުވިއެވެ.

ރާޖްކުމާރީ އިތުރަކަށް އެއްޗެއް ނުބުނެއެވެ. ރޭގައި ބައްޕައަށް ހުވަފެނެއް ފެނިލެއްވީ ކަމުގައި ހީކޮށް ހިތްހަމަޖައްސާލައިގެން ހުރީއެވެ. ހުވަފެނުގައި އޭނާގެ މަންމަ ފެނިލެއްވީ ކަމަށްވެސް ވެދާނެއެވެ. ވީމާ ގިނަ ސުވާލުތައް ކޮށްގެން ބައްޕަގެ ހާސްކަން އިތުރު ކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ބައްޕަ ފަކީރު!! ބައްޕަގެ ޙާލާމެދު އޭނާ ވަރަށް ބޮޑަށް ދެރަވިއެވެ. އޭގެ ދެބަފައިންގެ އެކަނިވެރި ޙަޔާތެއް ވެއަތު ކުރަމުން އަންނަތާ މިހާރު ކިތައް އަހަރު ދުވަސް ވެއްޖެ ހެއްޔެވެ؟ އެބައްޕަ ނެތްނަމަ މިހާތަނަށް އޭނާއަށް ވެގެންދާނޭ ގޮތެއްވެސް ނޭގެއެވެ. މިއަދު އޭނާގެ ބައްޕަ ކުޑަ ސައިފޮދެއް ބޯލީވެސް އޭނާ އެތަކެއް މަސައްކަތް ކޮށްގެންނެވެ. ބައްޕައަށް ސައިފޮދެއް ދެވުނީމާ އޭނާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. މުޅި ދުވާލު އޭނާގެ ބައްޕަ އިނީ އެގޮތަށް ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ވީމާ މިއަދު އޭނާއަކަށް ރަތަންގެ ގެއާ ހަމައަށްވެސް ގޮހެއް ނުލެވުނެވެ. ހަވީރު ފުރުޞަތެއް ލިބުނީމާ އޭނާ ރަތަންމެންގެއަށް ދިޔައިރު އަދި ރަތަން އޮފީހަކުން ނާދެއެވެ. މަނޭޝްރާޖް ނިޔާވީއްސުރެން ވިޔަފާރީގެ ހުރިހާ ކަމެއް ބަލަހައްޓަނީ ރަތަންއެވެ. ނަމަވެސް ރާޖްކުމާރީ ދުވާލުގެ ވަގުތުގައި އެގެއަށް ގޮސް އުޅެއެވެ. އެއީ ސްމިތްރާދޭވީގެ ހިތްހަމަޖައްސައި ދިނުމަށްޓަކައެވެ. އާދައިގެ މަތިން މިރޭވެސް ވަރަށް ލަސްވަންދެން ރާޖްކުމާރީ ސްމިތްރާދޭވީއާ ވާހަކަ ދައްކަން އިނެވެ. ނަމަވެސް އެހެން ރޭރެއަށް މަސައްކަތް ނިންމާފައި ރަތަން ގެއަށް އަންނަ ގަޑި ޖެހިގެންދިޔައިރުވެސް އޭނާއެއް ނާދެއެވެ. ވީމާ ރާޖްކުމާރީގެ ހިތުގައި އުފެދިފައިވާ ޝައްކުގެ ތެރެއަށް އިތުރު ބާރެއް ލިބުނެވެ.

”ފަހަރެއްގައި ރަތަން……“ ޝައްކު ބޮޑުވެގެން ގޮސް އޭނާ ރަތަންގެ އޮފީހަށް ފޯނުކުރިއެވެ. ނަޞީބަކުން ރަތަން އެތާނގައި އުޅެއެވެ. ރާޖް ކުމާރީގެ ނަން އިވުނަސް މިހާރު ރަތަންގެ ހިތަށް ނުރުހުމުގެ އަސަރު ވެރިވެއެވެ. އަބަދުވެސް އޭނާއަށް ހުރެވެނީ ރިޝްމީގެ ޚިޔާލުގެ ތެރެއަށް ގެއްލިފައެވެ. ވީމާ، އޭނާ އަވަހަށް ގެއަށް ނުދެވޭނޭ ކަމުގެ ބަހަނާއެއްގެ ގޮތުން މާ މަސައްކަތް ގިނަކަމަށް ބުނެފައި ފޯން ބޭއްވީއެވެ. އެރޭގެ ފަހުން މަސައްކަތާހެދި އެއްރެޔަކުވެސް ރަތަންއަށް ގެއަށް ނާދެވޭން ފަށައިފިއެވެ. އާދީއްތަ ދުވަހުވެސް އޮފީހުގެ—މަސައްކަތުގައި އަވަދިނެތި އުޅެން ފަށައިފިއެވެ. މިކަން ބޮޑުވެގެން ދެތިންދުވަހު ރާޖްކުމާރީ އޮފީހަށްވެސް ދިޔައެވެ. އަދި އޭނާގެ ބައްޕަ މިދުވަސްވަރު މާބޮޑަށް ކަމަކާ ހާސްވެފައި ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިންނަ ވާހަކަވެސް ރަތަންގާތު ދައްކާލިއެވެ. ނަމަވެސް މިކަމާވެސް ރަތަން ގަޔާވެގެން އަޅާލާގޮތެއް ނުވިއެވެ. ރާޖްކުމާރީ އޮފީހުގައި އިން ނަމަވެސް ރަތަން އުޅެނީ މަސައްކަތުގައެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކާލަންވެސް މަޑުކޮށެއް ނުލައެވެ. ވީމާ ރާޖްކުމާރީވެސް އެންމެފަހުން ވަރުބަލިވެ ފޫހިވެގެން ރަތަން ކައިރިއަށް އޮފީހުން ދިއުން ހުއްޓާލީއެވެ. ފަހަރެއްގައި އެދެމީހުންނަށް ގެއިން ބައްދަލުވެވޭގޮތް ދިމާވިޔަސް މާބޮޑަށް ވަރުބަލިވެފައި ކަމަށް ބުނެ ކައި ނިމުމާއެކު އަވަސް އަވަހަށް ކޮޓަރިއަށް ގޮސް އޮށޯންނަނީއެވެ. ކޮޓަރިން ބޭރުގައިވެސް ރަތަން މަޑުކޮށްނުލައެވެ. ގިނަދުވަހު އޭނާ ތެދުވަނީ ވަރަށް ފަހުންނެވެ. ވީމާ ރާޖްކުމާރީއަށް ރަތަންގެ ކިބައިން ފުރުޞަތެއް ލިބުމަކީ މިހާރު ސުވާލެއްވެސް އޮތް ކަމެއް ނޫނެވެ. ރަތަންގެ ކަންތައް މިގޮތަށް ހުންނަން ފެށުމާއެކު އޭނާ ދުރުހެލިވަނީކަން ރާޖްކުމާރީއަށް ވަރަށް ބޮޑަށް ވިސްނިއްޖެއެވެ. އަދި އެކަމުން ރާޖްކުމާރީގެ ހިތް ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. ބައެއްފަހަރަށް އެކަނި އިދެ އޭނާ ކަރުނަވެސް އޮއްސައެވެ. މާބޮޑަށް ހިތަށް އަސަރު ކޮށްގެން ގޮސް ބައްޕަ ގާތުގައި އެކަހަލަ ވާހަކައެއް ބުނެފިނަމަ އޭނާ މޭގައި ޖައްސާލައިގެން އިދެ އޭނާއަށްވުރެ މާބޮޑަށް ބައްޕަ ރޮއި ހިތާމަ ކުރެއެވެ. ދުވަހެއް ދުވަހަކަށް ރާޖާ ސާހަބް އެކަނި އިނުން ގިނަވަމުންދާން ފަށައިފިއެވެ. ލޮލުން ކަރުނަ އައިސްފައި ހުންނަ ފަހަރު ގިނަވާން ފަށައިފިއެވެ. ބައްޕައަށްވެސް ކޮންމެވެސް ހިތާމައެއްގެ އުދަގޫ ފޯރަމުން ދަނީކަން ރާޖްކުމާރީއަށްވެސް އެގެމުން ދާން ފަށައިފިއެވެ. ރަތަން ރާޖްކުމާރީއާ ދުރުހެލިވަމުންދާކަން ރާޖާސާހަބަށްވެސް އެގުނީ ކަމުގައި ހީކުރެވެއެވެ. މިއިން ކޮންމެ ޚިޔާލަކުންވެސް ރާޖްކުމާރީގެ ހިތް ތުރުތުރު އަޅައިގެންދެއެވެ. ގަންނަ ބިރެއްގެ ސަބަބުން މިހާރު އޭނާ ބައްޕައާވެސް މިކަމާބެހޭ އެއްވެސް ސުވާލެއްކޮށް ވާހަކަ ދައްކައެއް ނުހަދައެވެ. ރަތަން އޭނާ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް އޭނާއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. މިއީ އަދި ޚިޔާލެކެވެ. މިޚިޔާލު ޙަޤީޤަތަކަށް ވެއްޖެނަމަ އޭނާއަށްވާނީ ކިހިނެއް ހެއްޔެވެ؟ މިހާރު އޭނާއަށް އޮތްހާވެސް އުއްމީދަކީ ސްމިތްރާދޭވީއެވެ. ސްމިތްރާ ދޭވީ އަދި އޭނާދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ބައްޕަގެ ޙާލު އޮޅުންފިލުވައިދިނީމާވެސް ސްމިތްރާދޭވީ އެކަމާވެސް ހިތާމަކޮށް ހަމްދަރުދީ ފާޅުކުރިއެވެ.

އެންމެނާ ދުރުގައި ރިޝްމީގެ ޙާލު ވަރަށް ބޮޑެވެ. އޭނާގެ ކޮއްކޮގެ ހިތާމައިގާ އޭނާ ހަލާކުވެދަނީއެވެ. ތާޒާ މަލެއްފަދަ މޫނު މިލާ މޯޅިވެގެން ހިގައްޖެއެވެ. ބޮލުގެ ކުރު އިސްތަށިތައް ހުންނަނީ އަބަދުވެސް ހޭވިފައެވެ. ވިހުރުވިފައެވެ. ދެލޮލުން ކަރުނަ އައިސްފައެވެ. ގިސްލެވުމަށްޓަކައި ދެތުންފަތް ހުންނަނީ ތުރުތުރު އަޅައަޅައެވެ. މިފަދަ ހިތްދަތި ޙާލުގައިވެސް އޭނާގެ ހިތުން ރަތަންގެ ހަދާންތައް ދުރުކޮށެއް ނުލެވުނެވެ. ބައެއްފަހަރު އޭނާ ރަތަން ހަދާންކުރަނީ ނުރުހުމާ އެކުގައެވެ. އޭނާއަށް އެންމެބޮޑު އަދަބު ދެވޭތޯ ރަތަން މަސައްކަތް ކުރިއެވެ. ވީމާ މިހާރު އޭނާގެ ކޮއްކޮއަށްވެސް އެފަދަ ބޮޑު އަދަބެއް ދެވޭތޯ މަސައްކަތް ކުރާނެއެވެ. ފުރިފައި އޮތް ޝަރީޢަތުގެ މަޖްލިސްގައި އޭނާގެ ހިތުގެ ސިއްރު ފައުޅުވެގެން ދިޔަފަހުން އެންމެފަހަރަކުވެސް ރަތަން އޭނާގެ މަތިން ހަދާންކޮށްލިބާވައެވެ؟ މިއީ އޭނާގެ ހިތަށް  ކީއްވެގެން އަންނަ ޚިޔާލެއް ހެއްޔެވެ؟ ސަބަބަކީ ކޮބައިހެއްޔެވެ؟ މިއީ އޭނާގެ ހިތަށް އަރުވައިގެން ވާނޭ އެއްޗިއްސެއް ނޫނެވެ. ރަތަން ފަހަރެއްގައިވެސް އޭނާއަކަށް މަޢާފެއް ނުކުރާނެއެވެ. ނަމަވެސް ރަތަން ފެނިއްޖެނަމަ އޭނާގެ ހިތަށްވާނީ ކިހިނެއް ހެއްޔެވެ؟ އަދިވެސް އޭނާގެ ހިތުގައި ރަތަންއަށްޓަކައި ވިންދު ޖެހުމަކީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟ އަރޫންގެ ޝަރީޢަތް އޮންނަ ދުވަހު ފަނޑިޔާރުގޭގައި ރަތަންއާއި އޭނާ ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ؟ މިފިރިހެނުން ހާދަ އަނިޔާވެރިއެވެ. އަދި އަންހެނުންގެ ހިތް؟ ވަރަށް މޮޔައެވެ. ފިރިހެނުން ކިތަންމެ އަނިޔާއެއް ދިނަސް އެމީހުންދެކެ ލޯބިވުމަށް މަޖުބޫރު ކުރުވަނީ އެމޮޔަހިތެވެ.

އަރޫންގެ ޝަރީޢަތް އޮތް ދުވަހު އަވަސްވެފައި އޮތް ހިތަކާއެކު ރަތަން އެތަނަށް ޙާޟިރުވިއެވެ. އޭނާއާ އެކުގައި ސްމިތްރާދޭވީއާއި ރާޖްކުމާރީވެސް އައެވެ. ނަމަވެސް ރާޖާ ސާޙަބެއް ނާދެއެވެ. މިއަދު ރާޖާސާޙަބްގެ ހާސްކަން ބޮޑުވެގެން ގޮސް ދީވާނާކަމާ ހަމައަށް ފޯރާފައިވާތީ ރާޖްކުމާރީއަށްވެސް އަންނަން ކެރޭވަރެއް ނޫނެވެ. ނަމަވެސް މިއަދު ރަތަންވެސް ދޫކޮށްލެވޭކަށް ނެތެވެ. ކޮންމެ ޙާލެއްގައިވެސް މިއަދު އޭނާ ރަތަންގެ ގާތުގައި ހުންނަން ޖެހޭނެއެވެ. އަދަކީ މަނޭޝްރާޖްގެ ޤަތުލާބެހޭ ޝަރީޢަތް ހިނގާ ދުވަހެވެ.

ކޮށިގަނޑުގައި ހުރި އަރޫންއާއި ދިމާއަށް ރަތަން ބަލާލިއެވެ. ބިރުގެންފައި—ކަންބޮޑވެފައި ހުރި އަރޫންގެ މޫނު ފެނުމުން ރަތަން ވަރަށް ބޮޑަށް ދެރަވިއެވެ. އަސަރު ކުރިއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. އަރޫންއަކީ ރިޝްމީއާ އެއްމާބަނޑު ކޮއްކޮއެވެ. އެހާމެ ވައްތަރު ދެބެންނެވެ. ވީމާ ރަތަންއަށް ހީވީ އެކޮށިގަނޑުގައި ހުރީ އަރޫންގެ ބަދަލުގައި ރިޝްމީ ކަމުގައެވެ. ބޭނުން ނުވި ނަމަވެސް އޭނާގެ ހިތުގައި އަރޫންގެ މައްޗަށް ރަޙުމް އުފެދުނެވެ. ރަތަންގެ ހިތަށް މިބަދަލުއައީ ވަރަށް ކުއްލި ގޮތަކަށެވެ. ނުވެސް ދެނަހުރި ޙާލުގައެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާގެ ހިތަށް ވިސްނައިދިނެވެ. އާއެކެވެ. އަރޫންއަކީ އޭނާގެ ބޭބެގެ ޤާތިލެވެ. ވީމާ އަރޫންއަށް އެކަށީގެންވާ އަދަބު ލިބެން ޖެހޭނެއެވެ. އަރޫންގެ ކިބައިން ބެލުން ދުރުކޮށް ރިޝްމީ ފެނޭތޯ އޭނާ ހޯލްތެރެއަށް ވަށައިގެން ހޯދާލިއެވެ. ވަރަށް ބޮޑަށް ހޯދިއިރުވެސް އޭނާއަކަށް ރިޝްމީއެއް ނުފެނުނެވެ. މިވީ ކީއްހެއްޔެވެ؟ ރިޝްމީ އެއްވެސް ތާކުން ނުފެނުނެވެ. ޝަރީޢަތްކުރާ ހޯލްގެ އެއްވެސް ކަނެއްގައި އޭނާއެއް ނެތެވެ. ރަތަން ޙައިރާންކަމާއެކު ގަޑި ބަލާލިއެވެ. ހެދުނު ދިހައެއް ޖަހައިފިއެވެ. މިހާރު އިންޞާފުވެރިޔާވެސް ދުރުވެއްޖެއެވެ. ޝަރީޢަތްވެސް ފެށިއްޖެއެވެ. ނަމަވެސް ރިޝްމީއެއް އަދިވެސް ނާދެއެވެ. މިޖެހުނު ކަމަކުން އޭނާގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. ވީމާ އަނެއްކާވެސް އޭނާ އަރޫންއާ ދިމާއަށް ބަލައިލިއވެ. އަރޫންވެސް ހުރީ ކަންބޮޑުވެފައެވެ. ތެދުވެގެން ގޮސް ރިޝްމީއަށް ވީގޮތެއް އޮޅުންފިލުވަން އަރޫންއާ ސުވާލު ކުރުމަށް އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާ ބަލައިލިތަން ފެނިފައި ނުރުހުމާއެކު އަނެއް ފަރާތަށް އަރޫން މޫނު އަނބުރާލައިފިއެވެ. ހިތާމަ ހުއްޓެވެ. އޭނާގެ ހިތް ކުދިކުދި ނުވީ ހަމަ ކިރިޔާއެވެ. އޭނާއަށް މިފަހަރުވެސް ހީވީ އަރޫން ފިޔަވައި ނުރުހުމާއެކު މޫނު އަނބުރާލީ ރިޝްމީ ކަމުގައެވެ. ކޮންމެއަކަސް ރަތަންއަށް ވަމުންދާގޮތް ކައިރީގައި އިން ރާޖްކުމާރީއަށް އޮޅުންފިލައެވެ. ނަމަވެސް އެކަމަކާ ކުޑަކޮށްވެސް ފަރުވާއެއް—ނުބަހައްޓައެވެ. މިތާނގައި އިނުމަށް ނުކުޅަދާނަ ހިސާބަށް ހިތުގެ ޙާލު މައްޗަށް ދާން ފެށުމުން އޭނާ ގޮޑިން ތެދުވެގެން ބޭރަށް ނިކުމެވެން ހުންނަ ދޮރާ ދިމާއަށް ހިގައިގެންފިއެވެ. ހަމަ މިހާރު ރިޝްމީއަށް ވީގޮތެއް އޮޅުންފިލުވަން އޭނާ ބޭނުމެވެ. މިފަދަ ނާޒުކު އަދި ބިރުވެރި ދަނޑިވަޅެއްގައި ޝަރީޢަތް އަޑުއެހުމަށް ރިޝްމީއަށް ނާދެވުނީ ކޮންސަބަބަކާ ހުރެގެން ހެއްޔެވެ؟ އަރޫންއަކީ ރިޝްމީގެ ޢާއިލާގައި ހުރި އެންމެ ފަރުދެކެވެ. ގާތްތިމާގެ މީހުންގެ ތެރޭގައި އަރޫން ނޫން އެހެން މީހަކު ކޮބައިހެއްޔެވެ؟ ވީއިރު ރިޝްމީއަށް މިއަދު މިތަނަށް ނާދެވޭންވީ ކީއްވެގެން ހެއްޔެވެ؟

ރަތަން ފަނޑިޔާރު ގޭގެ ފެންޑާއަށް ނިކުތްތަނާ ރާޖާ ސާޙަބާ ބައްދަލުވެއްޖެއެވެ. އެއްއަތުން ބޮޑުވަޅިއެއް ހިފައިގެން ފާޑަކަށް ހިގަމުން ޝަރީޢަތް ކުރާ ހޯލަށް ވަންނަން އަންނަނީއެވެ. ރާޖާ ސާޙަބްއަށް ރަތަން ފެނުމާއެކު އޭނާ ހުއްޓުވައިފިއެވެ. އޭނާހުރީ އަވަސް އަރައިގެންފައެވެ. ނަމަވެސް ރާޖާ ސާހަބްގެ އެދުމަށް އިޙްތިރާމް ކުރުމުގެ ގޮތުން އޭނާ މަޑުކޮށްލިއެވެ. ރާޖާ ސާޙަބްގެ މޫނުމަތިން ފެންނަން ހުރީ ހާސްކަމުގެ ނިޝާންތަކެވެ. ލޮލުގެ އެސްފިޔަތައް ތެމިފައެވެ. މޫނުގެ ކުލަ ފަނޑުވެފައެވެ. ރަތަން މަޑުކޮށްލުމާއެކު އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލާފައި ރާޖާ ސާޙަބް ބުންޏެވެ.

”ދަރިފުޅާ ރަތަންއެވެ. ޙާލަތު ބައެއްފަހަރު އިންސާނާ ހައިވާނުންނަށްވުރެވެސް ދަށުދަރަޖައަކަށް ވައްޓާލައެވެ. އަދަބު ލިބެންޖެހޭނީ ކުށްވެރިޔާއަށެވެ. އެހެން މީހަކަށް ލިބިގެން ނުވާނެއެވެ. އަހަރެންގެ ދަރިފުޅަށް މަޢާފް ކޮށްދޭށެވެ.“

ރަތަންއަށް މިބުނި އެއްޗެއް ނުވިސްނުނެވެ. އެހާތަނުން ރާޖްކުމާރީވެސް އެތަނަށް އަތުވެއްޖެއެވެ. ރަތަންގެ ހިތް ބާރަށް ތެޅެނީއެވެ. އޭނާ ބޭނުމީ ވީހާވެސް އަވަހަކަށް ރިޝްމީއާ ބައްދަލުވުމަށެވެ. ވީމާ އޭނާ ރާޖާ ސާހަބަށް ބުންޏެވެ. ”ފަހުން އަޅުގަނޑު ކަލާއާ ބައްދަލުކުރާނަމެވެ.“ މިހެން ބުނެފައި ޖަވާބަކަށް އިންތިޒާރު ނުކޮށް އޭނާ ކުރިއަށް ހިގައިގެންފިއެވެ. ރާޖްކުމާރީ ރަތަންގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް ރާޖާ ސާޙަބް އޭނާގެ ކޮނޑުގައި ހިފަހައްޓާފައި ބުންޏެވެ. ”އޭނާ ދިޔަދޭށެވެ. ދަރިފުޅާއެވެ. އޭނާ ދިޔަދޭށެވެ.“

ރާޖްކުމާރީ އޭނާގެ ބައްޕައާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.

”އަންނާށެވެ. ބައްޕައާއެކު އަންނާށެވެ.“ ރާޖާ ސާޙަބް ދަރިފުޅުގެ އަތުގައި ހިފައިގެން ޝަރީޢަތުގެ ހޯލްއާ ދިމާއަށް ހިގައިގެންފިއެވެ.

ރާޖްކުމާރީއަށް އެއްވެސް އެއްޗެއް ނުވިސްނުނު ނަމަވެސް ބައްޕަގެ ޙާލު ހުރިގޮތުން އިސްދަށަށް ޖަހައިގެން ހުރެ ބައްޕައާއެކުގައި ހިގައިގެންފިއެވެ. ހޯލްގެ ދޮރާ ހަމައަށް އައިސްފައި ރާޖްކުމާރީގެ އަތުން ދޫކޮށްލުމަށްފަހު ރާޖާ ސާޙަބް ބޭރަށް ހިގާފައި ގޮސް—އިންޞާފުވެރިޔާގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. އޭރު ސަރުކާރުގެ ވަކީލު އަރޫންއަށް އެންމެބޮޑު އަދަބު ދެއްވުމަށް އިންޞާފުވެރިޔާގެ ކިބައިން އެދިލައްވަނީއެވެ. ނަމަވެސް ވަކީލުގެ ޖުމްލަ މެދުކަނޑާލާފައި ރާޖާސާޙަބް ވާހަކަ ދައްކަން ފަށައިފިއެވެ. ”ފަނޑިޔާރު ސާޙަބްއެވެ.“

ޝެއަރ ކުރެއްވުމަށް:
މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.
error: މިވާހަކަ ނުވަތަ މިވާހަކައިގެ ބައެއް ވިޔަސް، ނަކަލުކޮށް ބޭނުން ކުރުމަކީ މަނާކަމެކެވެ.